ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެ އަހަރާއި ބައި ފުރުން ފާހަގަކުރުމުގެ ގޮތުން ކުޅިވަރު އެކުވެނި ދަނޑުގައި ކުރިއަށް ގެންދިޔަ، "ފަހި 913 ސްޕޯޓްސް ފެސްޓިވަލް" އަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ފެސްޓިވަލުގައި ހިނގަމުންދިޔަ ކުޅިވަރުތައް ބައްލަވާލައްވާފައެވެ. މީގެ ތެރޭގައި، އަންހެނުން އަދި ފިރިހެނުންގެ ފުޓުބޯޅަ، ހޭންޑްބޯލް، ބާސްކެޓް، ބަށި، ބައިބަލާ އަދި ދުވުމުގެ މުބާރާތުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކުޅިވަރުތައް ބައްލަވާލެއްވުމަށްފަހު، މި ފެސްޓިވަލުގައި ހިމެނޭ ކުޑަކުދިންގެ އެކަޑެމީތަކުގެ ބައިވެރިންނާ ބައްދަލުކުރައްވާ ފޮޓޯ ނަންގަވާފައެވެ. މި ފެސްޓިވަލަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ކުރެއްވި ޒިޔާރަތުގައި، "ފަހި 913" ކޭކުފެޅުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ފަހި 913 ކުޅިވަރު ފެސްޓިވަލް" ބޭއްވުމުގެ މަޤްސަދަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދީ އުފާވެރި މާޙައުލެއް ގާއިމްކޮށްދިނުންކަމަށް ރައީސް ޔާމިން ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއްވައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދިޔަ ފުރަތަމަ ފެސްޓިވަލްކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.