بســم اللّـه الرّحمـن الرّحيــم
 
السلام عليكم ورحمةالله،
           
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، ނ. އަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއްގައި، އަޅުގަނޑު މިހާރު އައިސް މިހިރީ ތޮޅެންދޫގައި. ތޮޅެންދުއަށް އައިސް، ތޮޅެންދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް، މިފުރުޞަތު ލިބުނު ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުން. އެއީ ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް އޮޅުންފިލުވައި، އަދި އެކިގޮތްގޮތުން ރާއްޖެތެރޭގެ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލަތައް ހޯދައި، އެކަންކަމުގައި ސަރުކާރުން ވެވެން އޮންނާނެ އެހީތައް ވެދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް.
 
އާދެ، މިރަށަކީ އެއްގޮތަކުން ބަލާއިރު، ވަރަށް ޚާއްޞަ ރަށެއް. އެހެން މިދެންނެވީ، މިރަށުގެ ރައްޔިތުން ވަނީ މީގެ ތޭރަވަރަކަށް އަހަރު ކުރިން އެހެން ރަށަކަށް ބަދަލުވެފައި. އޭރު އޮތް ޤާނޫނެއްގެ ދަށުން މީހުން ބަދަލުކުރެއްވި ރަށްތަކުގެ ތެރެއިން ތޮޅެންދޫވެސް ވަނީ ހިމެނިފައި. އޭގެފަހުން އެ ޤާނޫނު އުވައިލުމުން މިރަށުގެ ރައްޔިތުން މިހާރު މިތިއްބެވީ އެނބުރި މިރަށަށް ރުޖޫޢަވެފައި. އެކަންތައްތައް އެހެން ދިމާވުމުގެ ސަބަބުން ވަރަށްގިނަ ދަތިތަކާ މިރަށުގެ ރައްޔިތުން ކުރިމަތިލައްވަންޖެހޭނެ. އެއްފަހަރު ރަށުން ފައިބައިގެން ގޮސް، އެތަކެއް އަހަރު ވޭތުކުރުމަށްފަހު، އެނބުރި ރަށަށް އަންނައިރު، މިރަށުގައި ގެދޮރުވެސް ނުހުންނާނެ. ޖެހޭނީ އަލުން ދިރިއުޅުމެއް ފަށަން. އެހެންވުމާއެކު، މިރަށުގެ ރައްޔިތުންނަށް އޭރުވެސް ކުރިމަތިވެފައިވާ އަދި މިހާރުވެސް އެމީހުންނަށް ހުރަސްނުކުރެވޭ ދަތިތަކުގެ ބޮޑުކަން ސަރުކާރަށް ރަނގަޅަށް އިހުސާސް ކުރެވޭ.
 
އާދެ، ކޮންމެއަކަސް ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެތެރެއަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދީގެން، ރާއްޖެތެރެ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން. ރާއްޖެތެރެ ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް މިހާރުވަނީ ރޭވިފައި. އޭގެތެރޭގައި ހިމެނޭ، ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި މަދަރުސާއެއް ހިންގުން. މިއަތޮޅު މަނަދޫގައި، މި އަތޮޅުގައި ހުންނަ އެ މަދަރުސާ މިހާރުދަނީ ހިނގަމުން. މިހާރު ދެއަހަރު ދުވަސްވެއްޖެ އެ މަދަރުސާ ހުޅުވިގެން ހިނގަމުންދާތާ. ހަމައެފަދައިން، ތަޢުލީމަށް އެހީވެދިނުމުގެ ގޮތުން ރާއްޖެތެރޭގައި ހިނގަމުންދާ އަމިއްލަ މަދަރުސާތަކާއި މަކްތަބުތަކުގެ ތެރެއިން މެދުނުކެނޑި 10 އަހަރު ކިޔަވައިދީފައިވާ ތަންތަނަށް ސަރުކާރުގެ އެހީ ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައި. އެގޮތުން މިހާރު މުޅި ރާއްޖެތެރޭގައި އެބަހުރި، އަށްޑިހަވަރަކަށް ތަން ސަރުކާރުން އެހީ ލިބޭ. ހަމަ މިދެންނެވި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގައި އަލުން މިސްކިތް ޢިމާރާތް ކުރުމާއި، މިސްކިތް ބާވެފައި ހުރި ކަމަށްވަންޏާ، އެ މިސްކިތް މަރާމާތުކޮށްދިނުން. ރަށުއޮފީސް ޢިމާރާތް ކުރުން ނުވަތަ ރަށުއޮފީސް މަރާމާތު ކުރުން. ރަށްރަށުގެ އޮފީސް އޮފީހަށް މުވައްޒަފުން އިތުރުކުރުން. އަތޮޅު އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން. އެމީހުންގެ މުސާރަ ބޮޑުކޮށްދިނުން. މިކަހަލަ ކިތަންމެ ކަމެއް މިހާރު ސަރުކާރުން ކުރަމުން އެބަގެންދޭ. އޭގެ ހުރިހާވެސް ބޭނުމަކީ ރާއްޖެތެރެ މިހާރު އޮތް ފެންވަރުން އެއަށްވުރެ މަތީ ފެންވަރަކަށް ގެންދެވޭތޯ މަސައްކަތް ކޮށްދިނުން.
 
އާދެ، އެގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގައި، ރާއްޖެތެރޭގެ ރައްޔިތުން ފިސާރި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އެއްބާރުނުލައްވާ ކަމަށްވަންޏާ، އެއިން އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ. މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބިގެން އައިސްފައި ވަނީ ވަރަށްވެސް ހޫނު ތަރުޙީބެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑު އެދެނީ އެ ތަރުޙީބު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުން. ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށް ދިޔުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންމެ ރަށެއްވެސް ކުރިއަށްދާނީ، އެ ރަށެއްގެ ރައްޔިތުން މަސައްކަތްކޮށްގެން. ކޮންމެ މީހަކުވެސް ކުރިއަށްދާނީ އެމީހާ މަސައްކަތްކޮށްގެންކަން. އެއީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ޙަޤީޤަތެއް.
 
އާދެ، ރަށް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި، އެންމެ މުހިންމު އެއްކަމަކީ، ރަށުގެ އާމްދަނީ އިތުރުކުރުން. ރަށުގެ އިޤުތިޞާދު ކުރިއަށް ގެންދިޔުން. އެކަން ކުރެވޭނީ، ރައްޔިތުން މަސައްކަތްކޮށްގެން، ކޮންމެ އިންސާނަކީވެސް ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރަން ޖެހިފައިވާ މީހެއް. ކުރަންޖެހޭނެ މީހެއް. އަދި އެމަސައްކަތް ކުރުމަކީ އުފަލެއް ކަމުގައި ދެކެންވާނެ މީހެއް. މިރަށުގެ ރައްޔިތުންވެސް ދިރިއުޅުމަށް ތަފާތު މަސައްކަތްތައް ކުރައްވާ. މިރަށަކީ ވަރަށް ކުޑަކުޑަ ރަށަކަށްވެފައި، ވަރަށް މީސްކޮޅު މަދު ރަށަކަށްވާތީ، މާބޮޑެތި މަސައްކަތްތަކެއް ރަށުގެ ރައްޔިތުންނަށް ނުކުރެއްވޭނެކަން އަޅުގަނޑަށް އެނގޭ. އެގޮތުން، ރާއްޖޭގެ އެހެން ރަށްރަށުގައި މަސައްކަތްކުރާގޮތަށް، މިރަށުގައި މަސްވެރިކަމެއް ނުކުރެވޭނެ. ދޯނިފަހަރެއްވެސް ނެތް. އެހެންނަމަވެސް، އެނޫން މަސައްކަތްތައް މިރަށުގައިވެސް މިރަށުގެ ރައްޔިތުން ކުރައްވާ. އެކިކަހަލަ ކާބޯތަކެތި އަޅާކަހަލަ ގަސް އިންދުން. ފަތްކެޔޮ، ކަށިކެޔޮ، މިކަހަލަ އެއްޗެތި މިރަށުގައި ވަރަށް ހެދޭކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އަދި އޭގެއިތުރަށް މިރުސް ހެއްދުން ކަހަލަ މަސައްކަތްވެސް މިރަށުގެ ރައްޔިތުން ކުރާކަމަށް އެނގިފައިވަނީ. ކޮންމެއަކަސް އެކަހަލަ މަސައްކަތްތައް، ވީހާވެސް ރަނގަޅަކަށް، ވީހާވެސް ބޮޑަށް ކުރިއަށް ގެންދެވޭތޯ ބަލަންޖެހޭނެ. ވީހާވެސް ރަނގަޅަކަށް ކުރަންޖެހޭނެ. އެއީ އެއިން ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވާނީ. އޭގެއިތުރަށް ފަންގިވިނުން، އުވަދެވުން ކަހަލަ މަސައްކަތްވެސް މިރަށުގެ ރައްޔިތުން ކުރޭ. އެކަންކަންވެސް ވީ މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބަލަން. އޭރުން އެއިން ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނީ. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާނީ. އަދި ރަށް ކުރިއަށްދާނީވެސް.
 
ހަމައެފަދައިން، ކުރިންވެސް އަޅުގަނޑު ދެންނެވިހެން، ކިޔަވައިދިނުން ނުވަތަ ތަޢުލީމު އެއީ ވަރަށް ބޭނުންތެރި ކަމެއް. ތަޢުލީމާ ނުލައި އެއްވެސް ބަޔަކަށް ކުރިއަށް ދެވިފައެއް ނޯންނާނެ. އަދި ނުވެސް ދެވޭނެ. އެހެންވީމާ، ތޮޅެންދޫގެ ރައްޔިތުންވެސް ތަޢުލީމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ބަހައްޓަވަންޖެހޭނެ. އޭގެ ވަރަށްބޮޑު ދަލީލެއް އަޅުގަނޑަށް އެބަ ފެނޭ، މިހާރުވެސް ޚާއްޞަ އަހަންމިއްޔަތެއް ބަހައްޓަވާކަމުގެ. އެއީ އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުން މިގެންދާ ޢިމާރާތް، ރަށުގެ މަކްތަބުގެ އިމާރާތް. ވަރަށް ރަނގަޅަށް ހެދިފައި ހުރި ތަނެއް. ރައްޔިތުން އަމިއްލައަށް ހައްދަވައިފައި ހުރި ތަނެއް. އެހެންވީމާ، އެއިން  ދައްކާ އެއްޗަކީ، މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަން. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މި މަކްތަބު މިގޮތަށް ކުރިއަށްދާންވާނެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ކޮންމެވެސް މިންވަރަކަށް ކިޔަވައިދޭންވާނެ. ކިޔަވައިދިނުމުގައި އެއްގޮތަކަށްވެސް އަޅުގަނޑުމެން ފަސްޖެހިގެން ނުވާނެ. އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ފެންނާނީވެސް އެކުދިންނަށް ކިޔަވައިދީގެން. އަދި މިރަށަށް އިތުރު ކުރިއެރުމެއް ފެންނާނީވެސް އެކުދިން ކިޔަވައިގެން ރަނގަޅު ބަޔަކަށްވެގެން. ރަށަށް ޚިދުމަތްކޮށްގެން.
 
އާދެ، ހަމައެފަދައިން، އަޅުގަނޑުމެން ދިރިއުޅުން ތަނަވަސްކުރުމަށް މަސައްކަތް ކުރާއިރު، އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަޅުގަނޑުމެންނަށް އެނގެންވާނެ. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. އެއް ޤައުމެއްގެ އަހުލުވެރިން. އެއް ދީނެއްގެ އަހުލުވެރިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ކަމުގެގުޅުން. އަޅުގަނޑަށް މިހާރުވެސް އެނގޭ، މިރަށުގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެކުވެރިކަން ވަރަށް ބޮޑަށް އާލާވެފައިވާ ކަމަށް. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެހެންވީމާ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި ދެކޮޅުވެރިކަމެއް އޮވެގެން ނުވާނެ. އަދި އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޖަމާޢަތެއް، ތޮޅެންދޫގެ ރައްޔިތުން ކަހަލަ ކުޑަކުޑަ ޖަމާޢަތެއްގެ ތެރޭގައި، އެއްވެސް ކަހަލަ ހަމަނުޖެހުމެއް އުޅޭކަމަށްވަންޏާ، އެއީ ވަރަށްދެރަ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަން ދޭންވީ ކަމަކީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ވީހާވެސް މަތީ ފެންވަރަކަށް ގެންދެވޭތޯ ބެލުން. އަޅުގަނޑުމެންނަކީ އަޚުންތަކެއްކަން ގަބޫލުކޮށްގެން، ކޮންމެ މީހަކުވެސް އެހެން މީހުންނާ ދޭތެރޭގައި މުޢާމަލާތް ކުރާއިރު، ވާހަކަ ދައްކާއިރުވެސް އަދި އެނޫން ކަންކަމާ ދޭތެރޭގައިވެސް މުޢާމަލާތް ކުރާއިރު، ވީހާ ރަނގަޅަކަށް ކަންތައް ކުރެވޭތޯ ބެލުން. ކޮންމެ މީހަކުވެސް އެހެން މީހުންނަށް އިޙުތިރާމުކޮށް، އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުންގެ ކަންތަކަށްވެސް ހަމަ ތިމާގެ އަމިއްލަ ކަންތަކަށް ބަހައްޓާ ފަރުވާ ބެހެއްޓޭތޯ ބެލުން. އެގޮތަށް އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަމުންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ފަސޭހައިން ފެންނާނެ. އަޅުގަނޑުމެންނަކީ ދެކޮޅުވެރި ބަޔަކަށް ވެއްޖިއްޔާ، ވަކިވަކިވެގެން އެއްގަލަކަށްނާރައި ތިބޭ ބަޔަކަށް ވެއްޖިއްޔާ، ކިތަންމެބޮޑު މަސައްކަތެއް ކުރިޔަސް، އޭގެ ނަތީޖާއެއް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އެއީ. އެންމެން އެކުވެރިވެގެން، ވެރިންނާއި ރައްޔިތުން ރަށް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލެވޭކަށް ނެތް، މިރަށުގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ނުދަންނަވައެއް. އެއީ މިރަށަށް އަޅުގަނޑު މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި އިންތިޒާމުތަކެއް ހަމަޖައްސަވައިފައިވާތީ. ވަރަށް ފުރިހަމަކޮށޭ އަޅުގަނޑު ދަންނަވާނީ، އެހުރިހާ ކަމެއް ކުރައްވައިފައި އެވަނީ، މިރަށުގެ ރައްޔިތުން ދިވެހި ސަރުކާރަށް ދެއްވާ، މިރަށުގެ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ސަބަބުންކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެކަން އަޅުގަނޑުމެން ގަބޫލުކޮށް، ހިތުގެ އެންމެ ފުންމިނުން މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.  

                     والسّلام عليــكم ورحـمــة اللّـه وبـركاتـه.