بســم اللّـه الرّحمـن الرّحيــم
           
السّلام عليــكم ورحـمــة اللّـه وبـركاتـه؛
 
اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އާދެ، އެއަށްފަހު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، ޅޮހީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ރައްޔިތުންނަށާއި ވެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުން.
 
އާދެ، ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ ވިދާޅުވި ފަދައިން، އަޅުގަނޑު މިހާރު މިއުޅެނީ ނ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރެއްގައި. އިއްޔެ މިއަތޮޅުގެ ބައެއް ރަށްރަށަށް ދިޔައިން. އޭގެފަހުން މިއަދު ހެނދުނުން ފެށިގެން މިހާރު މިއަތޮޅުގެ ދެންހުރި ރަށްތަކުގެ ތެރެއިން މިއަދަށް ކަނޑައެޅިފައިވާ ރަށްރަށަށް ޒިޔާރަތް ކުރަމުން އަޅުގަނޑު މިގެންދަނީ. އާދެ، އަޅުގަނޑުގެ ވަގުތު އޮންނަ ގޮތުންނާއި، މާލޭގައި ކުރަން ޖެހިފައި ހުންނަ މަސައްކަތްތަކުގެ ގިނަކަމުން އެއްވެސް ރަށެއްގައި މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށް ނޯވޭ. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި މަޤާމުގައި ހުންނަ މީހަކަށް މާގިނަ ދުވަސްތަކެއް އޮފީހުން ބޭރުގައި ހޭދަކުރެވޭކަށް ނޯންނާނެކަން. އެހެންވުމާއެކު، ހަދަންޖެހޭގޮތަކީ ކޮންމެ ރަށަކަށްވެސް ގޮސް ރަށުގެ ރަށުތެރެ ބަލައިލައި، ވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ރަށުގެ ހާލު އަހުވާލު އޮޅުންފިލުވުމަށްފަހު، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނަށް ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި، ނަޞޭޙަތްދީ ހަދަނީ. އޭގެފަހުގައި ފުރައިގެން ދެން އޮތް ރަށަކަށް ދަނީ. އެގޮތުގެ މަތިން މިވަގުތު އަޅުގަނޑު އައިސް މިހުރީ ޅޮހީގައި. ޅޮއްސަކީ ނ. އަތޮޅުގެ ރަށެއް. ވަރަށް ޚާއްޞަ ރަށެކޭވެސް އަޅުގަނޑަށް ދެންނެވިދާނެ. ބައެއް ގޮތްގޮތުން ބަލާއިރު. އެއީ ރަށުގެ ރައްޔިތުން ރަށްކުރިއެރުވުމަށް ކުރައްވައިފައި ހުރި މަސައްކަތްތަކަށް ބަލާއިރު.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުން މިދާ ޢިމާރާތް މިއީ ޅޮހީގެ ރައްޔިތުން މި ރަށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ވަރަށް ފުރިހަމަ ނަމޫނާއެކޭ އަޅުގަނޑަށް ދެންނެވިދާނެ. މި ޢިމާރާތް ކުރައްވައި ހިޔާކުރައްވައި، ހުރިހާ މަސައްކަތެއް ކުރައްވައިފައިވަނީ މިރަށުގެ ރައްޔިތުން. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ދައުލަތުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާޞްތެރިކަމާއެކު މަރުޙަބާ ކިޔަން. އަޅުގަނޑުމެންގެ ތެރޭގައި ފެތުރެންވީ ރޫޙަކީ މިއީ. އެއީ ކޮންމެ ރަށެއްގެވެސް ރައްޔިތުން، އެރަށެއް ކުރިއެރުވުމަށް އަމިއްލައަށް މަސައްކަތް ކުރަމުން ގެންދިޔުން. ސަރުކާރުގެ އެހީ ލިބޭނެ، މަސައްކަތްކުރާ ފަރާތްތަކަށް. ސަރުކާރުގެ އެހީ ލިބެންދެން ނުވަތަ އެނޫންވެސް ފަރާތްފަރާތުގެ އެހީ ލިބެންދެން އަޅުގަނޑުމެންގެ އަމިއްލަ ރަށް ކުރިއެރުވުމަށްޓަކައި އެއްވެސް މަސައްކަތެއް ނުކޮށް ތިބުމަކީ އެއްގޮތަކަށްވެސް އެކަން ވާންވީ ގޮތެއް ނޫން. އެހެންވީމާ، މިރަށުގެ ރައްޔިތުން، އަޅުގަނޑު ދަންނަވާނީ މިއަތޮޅުގެ އެހެން ރަށްރަށަށްވެސް ތިޔަ ދެއްކެވީ ވަރަށް ރީތި ނަމޫނާއެކޭ. އަމިއްލައަށް މަސައްކަތް ފަށަންވީ. މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވީ. އޭރުން ސަރުކާރުގެ ފަރާތުންވެސް އަދި އެހެން ފަރާތް ފަރާތުންވެސް އެހީ ލިބެމުންދާނެ.
 
އާދެ، ތަޢުލީމަކީ އިތުރު ތަޢާރުފަކަށް ބޭނުން އެއްޗެއް ނޫން، ތަޢުލީމުގެ މުހިންމުކަން. ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވަޒަންކުރެއްވޭނެ. ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނޯންނާނެ. އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ ދިރިއުޅުމެއްވެސް ތަޢުލީމާ ނުލައި ނުފެންނާނެ. އެހެންވުމާއެކު، ސަރުކާރުން ރާއްޖެތެރޭގެ ތަޢުލީމަށް ޚާއްޞަ އަހަންމިއްޔަތެއް ދެމުން އެބަގެންދޭ. އޭގެ އެއް ހެތްކަކީ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް މިހާރު ހިންގަމުން ގެންދާކަން. އާދެ، މިއަތޮޅުގެ މަނަދޫގައި އެހުރި ޕްރައިމަރީ ސްކޫލް އެއީ މިގޮތުން އެންމެ ފުރަތަމަ ހުޅުވުނު ޕްރައިމަރީ ސްކޫލް. އެ ސްކޫލް ހުޅުވައިދިނުމުގެ އުފާ ލިބުނީވެސް އަޅުގަނޑަށް. މިއަދު މި މަކްތަބު ހުޅުވައިދިނުމުގެ އުފާ ލިބުނު ފަދައިން.
 
އާދެ، ތަޢުލީމަށް ދޭންޖެހޭ އަހަންމިއްޔަތު އެއީ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވަޒަންކުރަންޖެހޭނެ އެއްޗެއް. ވަރަށް ރަނގަޅަށް އިހުސާސް ކުރަންޖެހޭނެ އެއްޗެއް. ތަޢުލީމު ދިނުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ދަރިން، މަދަރުސާއަށް ފޮނުވުމެއް ނޫން. މަދަރުސާއަށް ފޮނުވުމާ އެކުގައި، އެކުދިންނަށް ބޭނުންވާ އެހެނިހެން ކަންތައްތައް ކޮށްދިނުމާއި، އެކުދިން ތަރުބިއްޔަތު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ބެހެއްޓުމާއި، އެކުދިން ފިލާވަޅު ދަސްކުރޭތޯ ބެލުމާއި، އަދި ނަމާދުކުރުން ފަދަ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާތޯ ބެލުމާ، މިހެންގޮސް މައިންބަފައިން ވަރަށްގިނަ ކަންތައްތަކެއް ކޮށްގެން، ކުދިންގެ ތަޢުލީމު އެދެވޭގޮތަކަށް ކުރިއަށް ގެންދެވޭނީ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވާގޮތަކީ، މިދެންނެވީ ހަމައެކަނި ރާއްޖެތެރެއަކު ނޫން، މާލޭގައިވެސް ކުދިން މަދަރުސާއަށް ފޮނުވީމާ އެއީ އެކުދިންނަށް ތަޢުލީމު ދެވުނީކަމަށް ބެލެނީ. މައިންބަފައިންގެ ވާޖިބު އެހާތަނަށް ނިމުނީ ކަމަށް ބެލެނީ. އެއީ ވަރަށްބޮޑު ކުށެއް. މައިންބަފައިންގެ ވާޖިބު އެއީ ހަމައެކަނި ކުދިން މަދަރުސާއަށް ފޮނުވުމެއް ނޫން. އޭގެފަހުން އެމީހުން ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ، މަދަރުސާގެ އިދާރާއާ ގުޅައިގެން، އަދި އެނޫން ގޮތްގޮތުންވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި އެންމެބޮޑު ބައެއް ކުޅެންޖެހޭ ބަޔަކީ މައިންބަފައިން. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް މި ނުކުތާ ހަނދާންކުރަންޖެހޭނެ. ކުދިންކޮޅު އަދި މަދަރުސާއަށް ފޮނުވިޔަސް، މަކްތަބަށް ފޮނުއްވިޔަސް އެ ނިމުނީކީ ނޫން. އެކުދިންގެ އަޚުލާޤު ރަނގަޅު ކުރުމާއި، އެކުދިން ފިލާވަޅު ދަސްކުރުމާއި އަދި އެނޫންވެސް ކަންކަމަށް ފަރުވާތެރިކަން ބަހައްޓާތޯ ބަލައި، ކުދިންނަށް ނަޞޭޙަތްތެރިވެ، އިރުޝާދުދީ ހެދުން. އެ ވާނެ މައިންބަފައިންގެ ވާޖިބަކަށް.
 
އާދެ، މިހާރު ތިޔަބޭފުޅުންވެސް އައްސަވާނެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅައިގެން އުޅޭ މަޝްރޫޢުގެ ވާހަކަ. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ ރަށްރަށުގައި ތަފާތު ކަންތައްތައް ކުރެވެމުން އެބަދޭ. އެހުރިހާ ކަމެއް ތިޔަބޭފުޅުންނަށް ކޮންމެހެން މި މަޤާމުގައި ކިޔައިދިނުމަކީ ބޭނުންކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިރަށުގައިވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ވަރަށްބޮޑު މަސައްކަތެއް ކުރެވި، އެ މަސައްކަތް ނިމުމަކާ ހަމަޔަށް މިހާރު ހިނގައްޖެ. އާދެ، އަޅުގަނޑު މި އިޝާރަތް ކުރަނީ ޅޮހީގައި ހަމަ މިމަހު ހުޅުވުނު މިސްކިތަށް. އެ މިސްކިތް އެއީ މިދެންނެވި މަޝްރޫޢުގެ ދަށުން ސަރުކާރުން ޅޮހީގައި ޢިމާރާތްކޮށް، ޅޮހީގެ ރައްޔިތުންނަށް ހަދިޔާކުރި މިސްކިތެއް.
 
އާދެ، މިގޮތުން، ތަފާތު ކަންތައްތައް ރާއްޖެތެރެއަށް ކުރަމުން މިގެންދަނީ، ރާއްޖެތެރެވަނީ ވަރަށް އަވަހަށް ކުރިއަށް ގެންދަން ބޭނުންވެފައި ކަމަށްވާތީ. މިބާވަތުގެ ކަންކަމަށް މީގެކުރިން އެއްވެސްކަހަލަ ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން ރާއްޖެތެރެ ވަނީ ވަރަށް ދަށު ދަރަޖަޔަކަށް ވެއްޓިފައި ކަމަށްވާތީ. އާދެ، އަޅުގަނޑު އެހެން ރަށްރަށުގައިވެސް، އެ ރަށްރަށުގެ ރައްޔިތުންނާ ވާހަކަ ދައްކާއިރު އިޝާރަތް ކުރަން، ވަރަށް މުހިންމު ނުކުތާއަކަށް. އެއީ ސަރުކާރުން ކިތަންމެބޮޑު މަޝްރޫޢެއް ރޭވިޔަސް އަދި ސަރުކާރުން ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދު ކުރަމުން ގެންދިޔަޔަސް، އެކަމެއްގެ ފުރިހަމަ ނަތީޖާ ފެންނާނީ ރައްޔިތުން އެކަމެއްގައި އެއްބާރުލެއްވި މިންވަރަކުންނޭ. އެއީ ވަރަށް ރަނގަޅަށް އަޅުގަނޑުމެން ހަނދާންކުރަންވީ ތަންކޮޅެއް. ސަރުކާރުން ފައިސާ ޚަރަދުކޮށްފާނެ. އެކި ކަންކަން ރާވައިގެން ހިންގަމުން ގެންގޮސްފާނެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކުން، އެއިން އެދެވޭ ފައިދާތަކެއް ރައްޔިތުންނަށް ލިބެމުންދާނީ، ރައްޔިތުން އެކަމުގައި ބައިވެރިވެގެން އެއްބާރުލަމުން ގެންދިޔަ މިންވަރަކުން.
 
އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހަކު ދިރިއުޅުމަށް މަސައްކަތެއް ކޮށްގެން ދިރިއުޅޭ މީހެއް. އަޅުގަނޑުމެންނަކީ މާ މުއްސަނދި ބައެއް ނޫން. މުދާތަކެއް ވާރުތަވެގެން ލިބިފައި ތިބި ބައެއް ނޫން. މަސައްކަތެއް ނުކޮށް ދިރިއުޅެވޭ ފެންވަރުގެ ތަނަވަސްކަމެއް، އެހެން ގޮތަކުންވެސް ލިބިފައިވާ ބައެއް ނޫން. އަޅުގަނޑުމެންގެ ތަނަވަސްކަން އެއީ އަޅުގަނޑުމެން އަމިއްލަޔަށް އުފައްދަން ޖެހިފައިވާ އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުމަށާއި، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭނެ. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ރަށުގައި ހުރެގެނެއް ނުވާނެ. އެކުރާ މަސައްކަތަކީ ކޮންމެ ކަހަލަ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު.
 
އާދެ، ރާއްޖެތެރޭގެ ގިނަ މީހުންނަކީ މަހަށްދާ މީހުން. މަސްވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދީ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތް. މަހަށްދިޔުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ބައެއް ރަށްރަށް އެއީ މަސްވެރި ރަށްރަށް. އެ ރަށްރަށުގެ ގިނަމީހުން ދިރިއުޅެނީ މަސްވެރިކަމުން. އެޔާޚިލާފަށް ރާއްޖެތެރޭގައި ހުންނާނެ، މަސްވެރިކަމުން ދިރިނޫޅެވޭ ކަހަލަ ރަށްރަށް. އެތަކެއް ސަބަބުތަކަކާހުރެ، މަސްވެރިކަން ފިޔަވައި އެހެން މަސައްކަތްތައް ކޮށްގެން ދިރިއުޅޭ ރަށްރަށް. މަސްވެރިކަން ފިޔަވައި އެހެން ކަންތައްތައް ކުރިޔަސް އެންމެ ރަނގަޅު. އޭގެ އެއްވެސް މައްސަލައެއް އޮތީކީ ނޫން. ވާހަކަޔަކީ ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެބައެއްގެ ދިރިއުޅުމަށް ކޮންމެވެސް ބާވަތެއްގެ މަސައްކަތްތަކެއް ކުރަންޖެހޭނެ. މިރަށުގައިވެސް މަސްވެރިކަން ފިޔަވައި އެނޫން އެހެން މަސައްކަތްތައްވެސް ކުރަމުން ގެންދަންވާނެ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުރަމުން ގެންދޭ. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ ނަޞޭޙަތަކީ ކޮންމެ މީހަކުވެސް ދިރިއުޅުމަށް ކުރާ މަސައްކަތް އިތުރުކުރުން. ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ ލާރިކޮޅު އިތުރުކުރެވޭތޯ ބެލުން. އެއީ އަޅުގަނޑުމެން ކޮންމެ ބޭނުމެއް ފުއްދަން ޖެހޭނީވެސް އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އަޅުގަނޑުމެންގެ ކުއްޖަކު ބަލިވެއްޖެނަމަ، އެކުއްޖަކު މާލެ ފޮނުއްވަންވެސް ބައެއްފަހަރު ޖެހިދާނެ. ނުވަތަ ރަށުގައި ހުރެގެންވެސް ބޭސްކޮށްދޭން ޖެހިދާނެ. ބޭސްކުރެވޭނީވެސް އަތުގައި ކޮންމެވެސްވަރަކަށް ފައިސާ ހުރެގެން. ކުދިން ސްކޫލަށް ފޮނުވޭނީވެސް އަތުގައި ފައިސާ ހުރެގެން. ކައިބޮއިއުޅެވޭނީވެސް ފައިސާ ހުރެގެން. ގެދޮރުހެދޭނީވެސް ފައިސާ ހުރެގެން. އެހެންވީމާ، ކޮންމެ ކަމެއް ކުރެވެން އަންނަނީވެސް ކޮންމެވެސްވަރަކަށް ތިމާގެ އަތްމަތީގައި ތަނަވަސްކަމެއް ހުރެގެން. އެތަނަވަސްކަން ތިމާއަށް ލިބޭނީ ތިމާކުރާ މަސައްކަތަކުން. އެނުކުތާ އެއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ ނުކުތާއެއް. މިހާރުވެސް ބައެއް ރަށްރަށުގައި އެބަ ދިރިއުޅޭ، މީހުން، އެއްވެސް މަސައްކަތެއްނުކޮށް. އެއީ ވަރަށް ހިތާމަހުރި ކަމެއް. އެހެން އެއްގޮތަކަށްވެސް ވެގެންނުވާނެ.
 
އާދެ، އަޅުގަނޑުވެސް އެއްބަސް، މުސްކުޅިވެގެން ނުވަތަ ބަލިވެގެން މިކަހަލަ ކޮންމެވެސް ކަމެއް ދިމާވެގެން މަސައްކަތެއް ނުކޮށް މީހުންނަށް ތިބެން ޖެހިދާނެކަން، ބައެއް މީހުންނަށް. އެއާ ޚިލާފަށް ފުރިހަމަ ޞިއްޙަތުގައި ތިބޭ މީހުން އެއްވެސް ކަހަލަ ބައްޔެއްނެތި، ގައިބާރު ދެރަނުވެ ތިބޭ މީހުން، އެމީސްމީހުން ޖެހޭނެ މަސައްކަތް ކުރަން. ކޮންމެކަހަލަ މަސައްކަތެއް ކޮށްގެން ނަމަވެސް، ދިރިއުޅުން ތަނަވަސްކުރެވޭތޯ ބަލަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެއް. އާދެ، އެއާވިދިގެން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކޮށް، ރަށްކުރިއަރުވައި އަދި މުޅި ޤައުމުވެސް ކުރިއަށް ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި އުޚުއްވަތްތެރިކަމުގެ ގުޅުން ބޭއްވުމަށް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ އަޚުންތަކެއް. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ].[ހަމަކަށަވަރުން މުއުމިނުންނީ އަޚުންތަކެކޭ.] އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންވާ ގުޅުން އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ. އެއީ އެހީތެރިކަމުގެ ގުޅުން. އެއްބަޔަކު އަނެއްބަޔަކާ އޯގާތެރިކަން ބަހައްޓައި، އެއްބަޔަކު އަނެއްބަޔަކާ ހުރިހާ ރޮނގަކުންވެސް މާތްކޮށްހިތައި، ކަމޭހިތައި، އަދި ތިމާގެ އަމިއްލަ ކަންތައްތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ކަންތައްތަކަށްވެސް ރައްކާތެރިވެ، މިގޮތުގެ މަތިން އަޅުގަނޑުމެންގެ މެދުގައި އެހީތެރިކަމާއި، ލޯތްބާއި، އޯގާތެރިކަމުގެ ގުޅުން އޮތުން އެއީ މުސްލިމުންގެ ގޮތަކީ. އެހެންވީމާ، އަޅުގަނޑުމެން މިތިބީ ﷲ ދެއްވި އެންމެ މާތް ނިޢުމަތް، އެންމެބޮޑު ނިޢުމަތް ޙާޞިލުކޮށްގެން. އެއީ އިސްލާމްދީނުގެ ނިޢުމަތް. އެ ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި ﷲގެ ޙަޟްރަތަށް ޝުކުރުކުރަންޖެހޭނެ. އެ ޝުކުރު ކުރަންވީ ޢަމަލީގޮތުން. އެއީ އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައް ރަނގަޅުކޮށްގެން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެގެން، ހުރިހާ އެންމެން އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ކުރިއަށްދިޔުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު، ދެން މާދިގުކުރާކަށް ގަސްދެއްނުކުރަން، މިރަށުގެ ރައްޔިތުން ތަޢުލީމަށް ބަހައްޓަވާ އަހަންމިއްޔަތު އަޅުގަނޑަށް ފެނިފައި ވަރަށް ބޮޑަށް އުފާކުރާ ވާހަކަ އަދިވެސް ދަންނަވައިލަން. އެއީ މި ޢިމާރާތް ރަށުގެ ރައްޔިތުންގެ ޚަރަދުގައި، ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހައްދަވައިފައިވާތީ. ހަމައެފަދައިން، އެހެނިހެން ކަންތައްތަކުގައިވެސް މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލައްވައިގެން، ވެރިންނާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާކަން އަޅުގަނޑަށް އެނގިފައިވާތީ އެކަމާމެދުވެސް ވަރަށް ބޮޑަށް އުފާކުރަން. އަދިވެސް އަޅުގަނޑު މިރަށަށް މިއަދު މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ކުރައްވައިފައި ހުރި ކަންތައްތައް ފެނިފައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރިން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަޔަކީ މާގިނަ އެކަހަލަ ކަންތައްތަކެއް ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫނޭ. އެއީ އަޅުގަނޑު ނޭދެން، އަޅުގަނޑު ރާއްޖެތެރޭގެ ރަށަކަށް ޒިޔާރަތްކުރާ ކުރުން ފާހަގަކުރެއްވުމުގެ ގޮތުން ނުވަތަ އެދުވަހަށް ތައްޔާރުވުމުގެ ގޮތުން މާގިނަ ކަންތައްތަކެއް ކުރައްވާކަށް، މާގިނަ ތަކުލީފުތަކެއް ރައްޔިތުން އުފުއްލަވާކަށް، އަޅުގަނޑު ނޭދެން، އެއްވެސް ހާލެއްގައި. އެހެންނަމަވެސް، އެކަންކަން ރައްޔިތުން ކުރައްވައިފައި އެހުރީވެސް ރައްޔިތުންގެ ހިތުގައި އޮތް އިޚުލާޞްތެރިކަމަކުންކަން އަޅުގަނޑަށް ވިސްނޭތީ، އެކަމަށްޓަކައި އުފާކޮށް ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ދުޢާއަކީ ޅޮހީގެ ރައްޔިތުންނަށް اللّـه سبحـانـه وتعـالى ތަނަވަސްކަމާއި އުފާވެރިކަން ދެއްވުން.
 

          والسّلام عليكم ورحمـة اللّـه.