بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
މިއަދު އަޅުގަނޑު މި ދަތުރުކުރަމުން ގެންދަނީ ނ. އަތޮޅުގެ ރަށްރަށަށް ކުރާ ޒިޔާރަތެއްގައި. އެގޮތުން އެންމެ ފުރަތަމަ މިއަދު އަޅުގަނޑު ޒިޔާރަތްކުރާ ރަށަކަށް މިވީ މިރަށް. އާދެ، މާފަރު. މާފަރަށް އައިސް މާފަރުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް، މި އުފާވެރި ފުރުޞަތު ލިބުނު ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރު ދަންނަވަން. އަޅުގަނޑު މިކުރާ ދަތުރުތަކަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަށްޓަކައި ކުރާ ދަތުރުތަކެއް. މިގޮތުން މީގެކުރިން މިހާރު ވަރަށްގިނަ ރަށްރަށަށް އަޅުގަނޑަށް ދެވިއްޖެ. މިފަހަރުގެ ދަތުރު އަޅުގަނޑު ފެށީ އިއްޔެ. މިފަހަރު މިދަތުރު ކުރަމުން ގެންދަނީ ނ. އަތޮޅުގައި.
 
އާދެ، މިދަތުރުތަކުން ކުރިންވެސް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖެތެރެ ކުރިއަށް ގެންދިޔުމުގެ ވަރަށް މުހިންމު މަޝްރޫޢެއް ވަނީ ސަރުކާރުން ރާވައި، އެއަށް ޢަމަލުކުރަން ފަށައިފައި. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ވަރަށްގިނަ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވޭ. ބައެއް ރަށްރަށުގައި، ރަށްރަށުގެ ރަށު އޮފީސް ޢިމާރާތް ކުރުން، ނޫނީ އޮފީސް މަރާމާތު ކުރުން، މިސްކިތް އާކުރުން، އަލުން މިސްކިތް ބިނާކުރުން ނުވަތަ މަރާމާތު ކުރަން ޖެހިފައި ހުންނަ މިސްކިތްތައް މަރާމާތު ކުރުން، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން، އަތޮޅުއޮފީސް މަރާމާތު ކުރުން، އަތޮޅު އޮފީހަށް މުވައްޒަފުން އިތުރުކުރުން، ރަށްރަށުގެ ރަށުއޮފީހަށްވެސް މުވައްޒަފުން އިތުރުކުރުން. ބައެއް ރަށްރަށުގައި ފަޅުތެރެ ކޮނުން، ނެރު ގޮއްވުން. މިހެންގޮސް ވަރަށްގިނަ ތަފާތު ޚިދުމަތްތައް، ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ، މި މަޝްރޫޢުގައި ހިމެނިފައިވޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމެއް، ތަޢުލީމު ކުރިއެރުވުން. ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ތަޢުލީމުގެ ކަންތައްތައް އިންތިޒާމު ނުކޮށް، އެތައް ޒަމާންތަކެއް ވޭތުވެދިޔުމަށްފަހު، މިހާރު ސަރުކާރުގެ ފަރާތުން ތަޢުލީމު ދިނުމުގެ އިންތިޒާމުތައް ދަނީ ކުރަމުން. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އެބަހުރި، ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް، މަދަރުސާއެއް. މީގެކުރިން އެއީ ނުވެވިފައި އޮތް ކަމެއް.
 
އާދެ، އަޅުގަނޑުވެސް އެއްބަސް، އެއްވެސް އަތޮޅެއްގައި ސަރުކާރުގެ ފަރާތުން ހިންގާ އެއް މަދަރުސާ ހުރުމަކުން އަތޮޅުގެ ދަރިންނަށް އެދެވޭ ތަޢުލީމެއް ނުދެވޭނެކަން. އެއަށްވުރެ ގިނަ މަދަރުސާތައް ހުންނަންޖެހޭނެ. އެހެންނަމަވެސް، މިކަންކަން މިއީ ހުރިހާ ރަށެއްގައިވެސް، ހުރިހާ އަތޮޅުތަކެއްގައިވެސް ފަށަން ޖެހިފައިވާ ކަންތައްތަކެއް ކަމަށްވާތީ، އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވޭނެތީ، ފަހަރަކު ކަމެއް ކުރަމުން މިގެންދަނީ. އެންމެ ފުރަތަމަ ކޮންމެ އަތޮޅެއްގައި އެއް މަދަރުސާ ހުޅުވައިގެން ހިންގަމުން ގެންދިޔުން. އޭގެއިތުރުން، ކޮމިއުނިޓީ ސްކޫލުގެ ނަމުން ނަން ދެވިފައިވާ މަދަރުސާތަކެއްވެސް މިހާރު ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށް ހިންގަމުން އެބަގެންދޭ. މިހާރު 6 އަތޮޅެއްގައި ކޮމިއުނިޓީ ސްކޫލުތައް ހިނގަމުން އެބަދޭ.
 
އާދެ، އޭގެ ބޭނުމަކީ ރާއްޖެތެރޭގެ ދަރިންނަށް، ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު، ސަރުކާރުގެ ފަރާތުން ހޯދައިދިނުން. ތިޔަބޭފުޅުންނަށްވެސް ރަނގަޅަށް ވަޒަންކުރެއްވޭނެ، ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެކަން. އެއްވެސް ޤައުމަކަށް އެކަށީގެންވާ ތަޢުލީމަކާ ނުލައި ކުރިއަކަށް ނުދެވޭނެ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކު، ތަޢުލީމަށް އަޅުގަނޑުމެން އިތުރު އަހަންމިއްޔަތެއް ދޭންޖެހޭ. އިސްލާމްދީނުގައިވެސް އަންގަވައިފައިވަނީ ތަޢުލީމު އެއީ ވަރަށް މުހިންމު އެއްޗެއް ކަމަށް. ތަޢުލީމު ހާސިލު ކުރުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި ކޮންމެ މުސްލިމް އަންހެނަކުގެ މައްޗަށްވާ ފަރުޟެއްކަން. އެންމެކުޑަމިނުގައި އަޅުގަނޑުމެންގެ ދީނުގައި އަންގަވައިފައިވާ ކަންތައްތައް އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ދީނުގައި ކަނޑައަޅުއްވައިފައިވާ ފަރުޟުތައް، ނަމާދު، ރޯދަ، ޙައްޖު، ޒަކާތް، މިކަންކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ރަނގަޅަށް އެނގެންވާނެ. އެކަންކަން ކުރާނެގޮތާއި، ޞައްޙަވާނެގޮތާއި، އެކަމާބެހޭ ހުރިހާ މަޢުލޫމާތެއް. އެކަހަލަ މަޢުލޫމާތު ފިލުވައިދިނުން އަޅުގަނޑުމެންގެ ޅަދަރިންނަށް. އެ މަޢުލޫމާތުތައް ފިލުވައިދިނުން އެއީ އަޅުގަނޑުމެން މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ، ވަރަށްބޮޑު ދީނީ ވާޖިބެއް. އަދި އޭގެއިތުރުން އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ތަޢުލީމުގެ ބޭނުންތެރިކަންވެސް އެހާބޮޑު. ކޮންމެ ކަމެއްވެސް ކުރިއަށް ކާމިޔާބީއާ އެކުގައި ގެންދެވޭނީ، މިކަމަކާ ބެހޭ މަޢުލޫމާތު ފުދޭވަރަކަށް ލިބިގެން. މިއަދުގެ ދުނިޔެއަކީ އެއްގޮތަކަށްވެސް ކުރީގައި އޮތްހެން އެއްވެސް ކަހަލަ ތަޢުލީމެއްނެތި، އެއްވެސް ތަޖުރިބާއެއްނެތި، އެމީހަކު ބޭނުން ކަމެއް ކޮށްގެން ކުރިއެރެން އޮތް ދުނިޔެއެއް ނޫން. އެޒަމާން ފާއިތުވެގެން ހިނގައްޖެ. މިހާރު ކޮންމެ ރޮނގެއްގައިވެސް، އެ ރޮނގަކީ މަސްވެރިކަން ކަމުގައިވިޔަސް، ނޫނީ ދަނޑުވެރިކަން ކަމުގައިވިޔަސް ނުވަތަ އެހެން އެބާވަތުގެ ދިރިއުޅުމަށް، މީހުން ކޮށްއުޅޭ މަސައްކަތެއް ކަމުގައިވިޔަސް، އެއިން ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވެން އަންނަނީ، އެކަމަކާބެހޭ މަޢުލޫމާތު ހޯދައިގެން. އެކަމަކާބެހޭ ތަޖުރިބާ ލިބިގަނެގެން. އެހެންވީމާ، ތަޢުލީމުގެ ބޭނުންތެރިކަން ޚާއްޞަވެފައި ވަނީ ހަމައެކަނި ހަނި ދާއިރާއަކަށެއް ނޫން. މުޅި ދިރިއުޅުމުގެ ފުޅާ ދާއިރާއަކަށް ތަޢުލީމުގެ މުހިންމުކަމާއި ބޭނުންތެރިކަން ވަނީ ފެތުރިފައި.
 
އާދެ، އަޅުގަނޑު މި ވާހަކަ މިހެން މި ދަންނަވަނީ، މިރަށުގެ ރައްޔިތުންވެސް ތަޢުލީމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެތީ. މިރަށުގައިވެސް މަކްތަބެއް ހިނގަމުން އެބަދޭ. އެކަމަކު އެ މަކްތަބު ހިނގަމުންދަނީ މާ އެކަށީގެންވާ ފެންވަރަކަށޭ ދެންނެވޭކަށެއް ނެތް. އެހެންވީމާ، ބޭނުންވަނީ ރައްޔިތުންގެ ފަރާތުން އެ މަކްތަބު ހިންގުމަށް ބާރުއެޅުއްވުން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ބޭނުމެއް ފުއްދަނީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. ތަޢުލީމަށްވެސް އަޅުގަނޑުމެން ކޮންމެވެސް މިންވަރެއް ޚަރަދުކުރަންޖެހޭނެ. އެއީ ހަމަ ދިރިއުޅުމުގެ ވަރަށްބޮޑު ބޭނުމެއް. އަޅުގަނޑުމެންގެ ކުދިން، އަޅުގަނޑުމެން ބޭނުންވާނެ ބޮޑުވެގެން އެއީ ރަނގަޅު ބަޔަކަށްވާން. ރަނގަޅު ދިރިއުޅުމެއް ދިރިއުޅޭ ބަޔަކަށްވާން. އެކަން އެހެންވާނީ އެކުދިންނަށް ކިޔަވައިދީގެން. އެކުދިންނަށް ކިޔަވައިނުދީ، އެއީ އެއްވެސް ތަޢުލީމެއް ލިބިފައިވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ނަހަދައިފިނަމަ، ބޮޑުވެގެން އެކުދިންނަކަށް ރަނގަޅު ދިރިއުޅުމެއް ނުފެންނާނެ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ކުރާ ޚަރަދުތަކުގެ ތެރެއިން، ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ތަޢުލީމަށް ޚަރަދު ކުރުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް.
 
އާދެ، އަޅުގަނޑު ދެންނެވި ގޮތުގެ މަތިން ސަރުކާރުގެ ފަރާތުންވެސް އެކަމަށް އެހާބޮޑު އަހަންމިއްޔަތެއްދޭ. އަނެއްކާ ސަރުކާރުން އެހާބޮޑު ޚަރަދު ކުރަމުން އެބަގެންދޭ. ކޮންމެ އަތޮޅެއްގައި މަދަރުސާއެއް ހުޅުވައިގެން، ޓީޗަރުންނަށް މުސާރަދީގެން، ކުދިންނަށް ފޮތް ފަންސުރުފަދަ އެއްޗެތި ހޯދައިދީގެން، ގޮނޑި މޭޒު ޖަހައިދީގެން. މިގޮތުން ސަރުކާރުން ކުރަމުންގެންދާ ޚަރަދުތައް މިހާރު އެއީ ވަރަށްބޮޑު އެއްޗެއް. އޭގެ މުޤާބިލުގައި ރައްޔިތުންގެ ފަރާތުން އެކަމަށް އެއްބާރުލައްވަންޖެހޭނެ. ސަރުކާރުން ކިތަންމެ ބޮޑު މަސައްކަތެއް ފެށިޔަސް، އަދި ކިތަންމެ ގިނަ ޚަރަދުތަކެއް ކުރަމުން ގެންދިޔަސް، އެކުރާ ކަމެއްގެ ނަތީޖާއެއް ނުފެންނާނެ، ރައްޔިތުން އެއްބާރުނުލައްވާ ކަމުގައިވަންޏަކާ. އެހެންވީމާ، މާފަރުގެ ރައްޔިތުންވެސް ތަޢުލީމަށް ޚާއްޞަ އަހަންމިއްޔަތެއް ބަހައްޓަވައިގެން، ހަމަ މިހާރުން ފެށިގެން މިރަށުގެ މަކްތަބު އެދެވޭ ރަނގަޅު ގޮތެއްގެ މަތިން ހިނގަމުންދާނެ ގޮތެއް ހަމަޖެއްސެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.
 
އާދެ، މިރަށުގެ ރައްޔިތުން ކުރައްވައިފައިވާ، ވަރަށް ބޭނުންތެރި މުހިންމު ކަމެއް އަޅުގަނޑަށް އެނގިފައި އެބައޮތް. އެއީ މިރަށުގެ އޮފީސް، ރައްޔިތުން ޢިމާރާތް ކުރައްވައި ހިޔާކުރެއްވިކަން. އާދެ، އެއީ ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރާ ކަމެއް. އަޅުގަނޑު އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލަމުން މިގެންދަނީ، ކޮންމެ ބަޔަކުވެސް އެބައެއްގެ ދިރިއުޅުމާއި، އެބައެއްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، އެބަޔަކު އަމިއްލަޔަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް. ހަމައެކަނި ސަރުކާރުން ލިބެން އޮތް އެހީއަކަށް އިންތިޒާރުކޮށްގެން ނުތިބުމަށް. ސަރުކާރުން އެހީވެދޭނެ. އެހެންނަމަވެސް، ސަރުކާރުން އެހީވެވެން އޮންނާނީ ވަކިމިންވަރަކަށް. އަދި ހުރިހާ ތަނަކަށް އެއްފަހަރާ އެއްވަރަކަށް އެހީވެވޭކަށެއްވެސް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ދައުލަތަށް ލިބޭ އާމްދަނީއަކީ ވަރަށް ކުޑަކުޑަ އެއްޗަކަށްވާތީ. ކުރަން ޖެހިފައި އޮންނަ ޚަރަދުތަކަކީ އެހާ ބޮޑެތި ޚަރަދުތަކަކަށްވާތީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ލިބެން އޮތް އެހީއަކަށް އިންތިޒާރު ނުކޮށް، އަމިއްލައަށް މަސައްކަތް ފަށައިގަނެގެން ކުރިއަށް ގެންދިޔުން އެއީ، އެންމެ މޮޅު ގޮތަކީ. އެހެން ގެންދިޔައިމާ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން އަޅުގަނޑުމެންނަށް ތަނަވަސް ކުރެވޭނީ. އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީވެސް ކުރިއަށް ގެންދެވޭނީ. ވީމާ، އަޅުގަނޑު ވަރަށް އުފަލާއެކު އެކަން ފާހަގަކުރަން، މިރަށުގެ ރައްޔިތުން އަމިއްލަ މަސައްކަތުން މިރަށުގައި އަލުން އޮފީހެއް ޢިމާރާތް ކުރައްވައި ހިޔާކުރައްވައި، އެހުރިހާ ކަމެއް ކުރެއްވިކަން.
 
އާދެ، އެރޫޙު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އުފެދެނިކޮށް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ހީވެސްނުކުރާހާ އަވަހަށް ރާއްޖެ ތަރައްޤީވަމުންދާނެއޭ. އާދެ، މިހާރު އެ ބޮޑު މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި މިރަށުގެ ރައްޔިތުން ނިންމަވައިފައިވާތީ. ދެން އެ ޢިމާރާތަށް ބޭނުންވާ ބައެއް އެހެން ކަންތައްތައްވެސް އަދި އެބަހުރި. އެހެންވީމާ، އެކަންކަން އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ޚަރަދުގައި ކޮށްދޭނެ. އާދެ، އަޅުގަނޑުމެން ރަށްކުރިއެރުވުމަށް މަސައްކަތް ކުރާއިރު، ނޫނީ އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނެ ގުޅުމާ ދޭތެރޭގައި. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ މާތް ގުޅުން. އާދެ، އެއީ އެއްބަޑުއެއްބަފާ ކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. ކޮންމެ މީހަކުވެސް އެހެން މީހުންނަށް އިޙުތިރާމުކޮށް، އެހެން މީހުންނަށް އެހީވެދިނުމުގެ ގުޅުން. އެހެން މީހުންނަށް އޯގާތެރިކަން ބަހައްޓައި، އެހެން މީހުންނަށް އެހީތެރިވެދިނުމުގެ ގުޅުން. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ފަދައިން، އެހެން މީސްމީހުންގެ ކަންތައްތަކަށްވެސް ފަރުވާތެރިކަން ބެހެއްޓުން. ތިމާގެ އަމިއްލަ ކަންކަމަށްވުރެ ޖަމާޢަތުގެ، އެހެން މީހުންގެ ކަންތައް އިސްކުރެވޭތޯ ބެލުން. މިކަހަލަ މަތިވެރި ގުޅުމެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެން ނޫނީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް، އެއިން ލިބެންޖެހޭ އެންމެ ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. ހަމައެފަދައިން، އަޅުގަނޑުމެންގެ މެދުގައި މިދެންނެވި ކަހަލަ އުޚުއްވަތްތެރިކަމާއި އެހީތެރިކަމުގެ ގުޅުމެއް އޮވެގެން، ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅުމަށް އެކުރާ މަސައްކަތެއް ފިސާރި ހިތްވަރާއެކު ކުރިއަށް ގެންދިޔުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑު އެހެން މިދަންނަވަނީ، އަޅުގަނޑުމެންގެ ކުރިއެރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި ކަމަށްވާތީ. އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ނަތީޖާ އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދައްކަވާނީ. އަޅުގަނޑުމެން އެއްވެސް މަސައްކަތެއް ނުކޮށް ތިބެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ދާނީ ދަށަށް. ކުރިޔަކަށް ނުދާނެ. ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅެން އެކުރާ މަސައްކަތް ތެދުވެރިކަމާއެކު، ހީވާގިކަމާއެކު، ކެތްތެރިކަމާއެކު ކުރަމުން ގެންދަންވާނެ.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ރަށްރަށަކީ މަސްވެރި ރަށްރަށް. މިރަށުގެ ރައްޔިތުންނަކީވެސް މަހަށްދާ ބައެއް. މަސްވެރިކަމަކީ އެކި ދުވަސްވަރު އެކިގޮތަށް އޮންނާނެ ކަމެއް. ބައެއް ދުވަސްވަރު މަސްވެރިކަން ރަނގަޅުވާނެ. އަނެއްބައި ދުވަސްވަރު މަސްވެރިކަމެއްނެތި ހިނގައިދާނެ. އެކަމަކު އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެން އެ ދިރިއުޅުމަށް ކުރާ މަސައްކަތް ކާމިޔާބުވޭތޯ. އެއްގޮތަކަށްވެސް ހިތްވަރު ދެރަވާގޮތް މެދުވެރިވެގެނެއް ނުވާނެ. މަސްވެރިކަމުގެވެސް ތަފާތު ބާވަތްތައް އެބައޮތް. އެހެންވީމާ، އެއްކަމަކުން ފުދޭވަރުގެ އާމްދަނީއެއް ނުލިބޭގޮތް ދިމާވެއްޖިއްޔާ، އޭގެ އެހެން ރޮނގަކަށް ބަދަލުކޮށްލައިގެން ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ. ހަމައެފަދައިން، ރަށުގައި ތިބޭ މީހުންވެސް ރަށުގައި ތަފާތު މަސައްކަތްތައްކޮށް އުޅެންވާނެ، ރަށްރަށުގައި ތިބެގެން. އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންވެސް ވަރަށްގިނަ މަސައްކަތްތައް ކުރައްވާކަން. ފަންގެވިނުން، ބޮލިހިލުން، މިބާވަތުގެ އެތައް ކަމެއް ކުރައްވާ. އަދި ދަރުގެ މަސައްކަތް މިހުރިހާ ކަމެއްވެސް ކުރެވެން އޮތް އެންމެ ފުރިހަމަޔަކަށް ކުރުން އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު އެހެން މިދަންނަވަނީ، އެކަންކަން ކުރުމުން ސަރުކާރަށް ފައިދާއެއް ލިބޭނޭތީއަކީ ނޫން. ސަރުކާރަށް އެއިން ލިބޭނެ އެއްވެސް ފައިދާއެއް ނެތް. އެކުރާ މަސައްކަތަކުން ފައިދާ ލިބޭނީ ހަމަ އެ މަސައްކަތް ކުރާ ބަޔަކަށް. އެމީހަކު އެކުރާ މަސައްކަތެއްގެ ނަތީޖާ ފެންނާނީ ހަމަ އެމީހަކަށް. އެހެންވީމާ، އަޅުގަނޑު މިހުރި މަޤާމުގެ ގޮތުން ރައްޔިތުންނަށް ނަޞޭޙަތްތެރިވަނީ ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށް ކުރެވެން އޮތް ކަމަކީ އެމީހުން އެކުރާ މަސައްކަތްތައް އިތުރުކުރުމޭ، އެހެން މިދަންނަވަނީ.
 
އެހެންވީމާ، ކޮންމެ ބަޔަކުވެސް، އެބަޔަކު އެކުރަމުންގެންދާ މަސައްކަތް މިހާރު އެކުރަމުންގެންދާ ވަރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބެލުމަކީ މިހާރު ކޮންމެހެން މަޖުބޫރު ކަމަކަށްވެއްޖެ. އެއީ ތިޔަބޭފުޅުންވެސް އައްސަވާނެ، އަބަދުވެސް ތަކެތީގެ އަގު ބޮޑުވަމުންދާ ވާހަކަ އެއީ އަޅުގަނޑުމެން އެންމެން އިޙްސާސް ކުރަން ޖެހިފައިވާ ވަރަށްބޮޑު އުނދަގުލެއް، ވަރަށްބޮޑު ދައްޗެއް. ހަމައެކަނި ދިވެހިރާއްޖެއަކު ނޫން، މުޅި ދުނިޔޭގައިވެސް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެ އަގުބޮޑުވަމުންދާ ދިޔުމަށް އެޅޭނެ ހުރަހެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރުކޮށްގެން ލިބޭ އެއްޗެއް އިތުރުކުރުން. އޭރުން އަޅުގަނޑުމެންނަށް މިހާރުވެސް މި ދިރިއުޅެވޭ ފެންވަރުގައި އުޅެވޭނީ. އަދި އަޅުގަނޑުމެން މިހާރު މިއުޅޭ ފެންވަރުގައި އުޅޭކަށްވެސް ހިތްހަމައެއްނުޖެހޭ. އެއީ އަޅުގަނޑުމެންނަކީ މާ ކުރިއަރައިފައިވާ ބައެއް ނޫން. މިއަށްވުރެ ކުރިއަށްދާން ބޭނުންވޭ. އެހެންވީމާ، ކުރިއަށް ދެވޭނެ މަގު އޮތީވެސް އަޅުގަނޑުމެންގެ އަތްމަތީގައި. އެއީ އިތުރަށް މަސައްކަތް ކުރުން. ލިބޭ އެއްޗެއް އިތުރުކުރުން. ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް މިހާރަށްވުރެ ރަނގަޅަށް ކޮށްގެން މިހާރު އެމީހަކަށް އެ ލިބޭ އާމްދަނީއަކަށްވުރެ އިތުރު އާމްދަނީއެއް ހޯދޭތޯ ބެލުން.
 
އާދެ، މިނުކުތާތަކުގެ މައްޗަށް މިރަށުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވައި، އަޅުގަނޑު މި ނަޞޭޙަތްތެރިވި ގޮތުގެ މަތިން ޢަމަލު ކުރަމުން ގެންދަވާނެކަމާމެދަކު އަޅުގަނޑު އެއްގޮތަކަށްވެސް ޝައްކެއްނުކުރަން. އެގޮތަށް މަސައްކަތް ކުރަމުން ގެންދަވައިފި ކަމަށްވަންޏާ، މާފަރުގެ ރައްޔިތުންނަށް މިއަދަށްވުރެ މާ ތަނަވަސް މާ ފުރިހަމަ، ހުރިހާ ގޮތަކުންވެސް މާ އުފާވެރި މާދަމައެއް اللّـه سبحـانـه وتعـالى ދައްކަވާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިރަށުގެ ރައްޔިތުން މިދުވަހަށްޓަކައި ކުރައްވައިފައިވާ މަސައްކަތްތައް ފެނިފައި އުފާފާޅުކުރަން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑު މިރަށަށް މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި މިހާ ފުރިހަމަ ދަރަޖަޔަކަށް ހުރިހާ ކަމެއްވެސް އިންތިޒާމު ކުރައްވައިފައިވާތީ. މިހާ ހޫނު މަރުޙަބާއެއް އަޅުގަނޑަށް ދެއްވީތީ. އާދެ، އަޅުގަނޑު މިއައީ ދައުލަތުގެ ފަރާތުން ދައުލަތުގެ ހެޔޮއެދުންތައް ތިޔަ ހުރިހާ ބޭފުޅުންނަށް ރައްދުކުރެއްވުމަށްޓަކައި. ސަރުކާރުން ވެވެން އޮތް ހުރިހާ އެހީއެއް ވެވެން އޮތް ރޮނގުރޮނގުން ވާނެކަމުގެ ޔަޤީންކަން އެރުވުމަށްޓަކައި. އެހެންވީމާ، އެކަން މިރަށުގެ ރައްޔިތުން ފާހަގަކުރައްވައި، އަޅުގަނޑަށް ތިޔަ ބެހެއްޓެވި ޢިނާޔަތަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަން.
 
 އަދި އަޅުގަނޑު އިށީނުމުގެ ކުރިން އަދިވެސް ވަރަށް އުފާވެރި ވާޖިބެއް އެބައޮތް. އެއީ މިރަށުގެ މުދިމު، މިއިންނެވި މުޙަންމަދު ޙުސައިން އެއީ ވަރަށް ޚާއްޞަ ބޭކަލެއް. އެވާހަކަ އަޅުގަނޑު ދަންނަވައިލަން އެބަޖެހޭ. މިހާރު ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް އެންމެގިނަ ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތްކޮށް، އަދި ވަޒީފާގައި ހުރި ބޭކަލަކީ މުޅި ރާއްޖޭގައިވެސް މި މުޙަންމަދު ޙުސައިން. އާދެ، އެއީ ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލާ ކަމެއް. ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރާ މީހުންނަށް ދައުލަތުގެ ފަރާތުން އެކިއެކި ޢިނާޔަތް ދިނުމަކީ މިހާރުގެ ސިޔާސަތެއް. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދާން އަޅުގަނޑުމެން އެންމެން ބޭނުންވާހިނދު، އަދި ކުރިޔަށް ގެންދިޔުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ވަރަށްގިނަ ބައެއްގެ ޚިދުމަތަށް ބޭނުންވާތީ. ސަރުކާރުގެ މުވައްޒަފުންނަކީ އެ ޚިދުމަތުގައި އެންމެ ބޮޑަށް ޙިއްޞާކުރާ މީހުން. މިހާރު ރާއްޖޭގައި ތަފާތު އެކިއެކި މަސައްކަތްތައް އުފެދިގެން ސަރުކާރުގެ ޚިދުމަތް ފިޔަވައި އެހެން ރޮނގު ރޮނގުން މާ ތަނަވަސް އާމްދަނީތައް ލިބެމުންދާތީ ވަރަށްމަދު ބަޔަކު ނޫނީ ސަރުކާރުގެ ޚިދުމަތަށް ކުރިމައްޗެއް ނުލާ. އެއީ ވަރަށް ހިތާމަހުރި ކަމެއް. އެހެންނަމަވެސް، އެހެން ރޮނގުރޮނގުން ސަރުކާރަށް އާމްދަނީ ލިބޭ ކަމަށްވަންޏާ، ސަރުކާރަކަށްވެސް މަޖުބޫރެއް ނުކުރެއްވޭނެ، ހުރިހާ އެންމެން ސަރުކާރަށް ޚިދުމަތް ކުރަން ތިބޭކަށެއް. އެކަމަކު އަޅުގަނޑުމެން ވިސްނަންވީ އެއްޗަކީ ސަރުކާރަކީ އެއީ ކޮން އެއްޗެއްތޯ؟ ސަރުކާރު އެކުރަނީ ކޮން މަސައްކަތެއްތޯ؟ ސަރުކާރަކީ ހަމަ ރައްޔިތުން. ސަރުކާރުން އެކުރާ މަސައްކަތަކީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރުން. އެހެންވީމާ، ސަރުކާރަށް ޚިދުމަތް ކުރީމާ އެކުރާ ޚިދުމަތެއް އެނބުރި ރުޖޫޢަވަނީ ރައްޔިތުންނަށް. އެހެން ފަރާތަކަށް ނޫން. އެގޮތް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ސަރުކާރަށް ޚިދުމަތް ކުރުން އެއީ ކޮންމެ މީހަކުވެސް ދެކޭނީ އުފަލެއް ކަމުގައި.
 
އާދެ، އެގޮތުން މި މުޙަންމަދު ޙުސައިން ކުރެއްވި ޚިދުމަތަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވި ވާހަކަ އަޅުގަނޑު މިދަންނަވަނީ މިހާރު ކުރިންވެސް އަޅުގަނޑު ދެންމެ އިޝާރާތް ކުރި ފަދައިން އެކިއެކި ޢިނާޔަތްތައް، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތްކުރާ ސަރުކާރުގެ މުވައްޒަފުންނަށް ދަނީ ސަރުކާރުން ވަމުން. އެގޮތުން މިއަދުވެސް ކޮންމެވެސް ކަހަލަ އިނާމެއް މުޙަންމަދު ޙުސައިނަށް ދިނުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.
 
އާދެ، އަޅުގަނޑުގެ އެދުމަކީ މާފަރުގެ ރައްޔިތުންނަށް ތަނަވަސް މުސްތަޤްބަލެއް ﷲ ދެއްކެވުން. އަދި ދިރިއުޅުމަށްޓަކައި މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކަށް އިތުރު ފާގަތިކަމެއް އެކަލާނގެ މިންވަރު ކުރެއްވުން. އަޅުގަނޑުމެން މުޅި ދިވެހިރާއްޖެއަށްވެސް މިއަދަށްވުރެ އުފާވެރި މުސްތަޤްބަލެއް އެކަލާނގެ ދެއްކެވުން.
 

                     والسّلام عليكم ورحمـة اللّـه وبركاته.