بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އާދެ، މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރާ ދަތުރެއްގައި، އަޅުގަނޑު މިވަގުތު އައިސް މިހުރީ މި އަތޮޅުގެ ވެރިކަންކުރާ ރަށުގައި. އާދެ، މަނަދޫގައި. އަދި އަޅުގަނޑު މި މުޚާޠަބު ކުރަނީ މަނަދޫގެ އަހުލުވެރިންނަށް. އެންމެ ފުރަތަމަ އަޅުގަނޑުގެ އުފާވެރި ވާޖިބެއް ކަމަށް ދެކެނީ މަނަދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.
 
އާދެ، މިއަދު އަޅުގަނޑު މިރަށަށް މި އައި އައުން ފާހަގަކުރެއްވުމުގެ ގޮތުން މިރަށުގެ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި އެބަހުރި. އެ މަސައްކަތްތައް މިހާރުވެސް މިހިރީ އަޅުގަނޑުމެންނަށް ފެންނަން. އަދި މިއަދު ހަވީރު އަޅުގަނޑު މިރަށަށް ފޭބިއިރު އެކަންތައްތައް ވަރަށް ފުރިހަމަކޮށް ފެނިގެންދިޔަ. ވަރަށް އެކަށީގެންވާ ގޮތަކަށް ރަށުތެރެވަނީ ޒީނަތްތެރި ކުރައްވައިފައި. މަރުޙަބާގެ ޢިބާރާތްތައް ދަންމަވައި ދޮންވެލި ލައްވައި، ގިޑިގެ ހައްދަވައި އަދި މިނޫންވެސް ވަރަށްގިނަ މަސައްކަތްތައް، މަރްޙަބާގެ ގޮތުން ކުރައްވައިފައިވޭ. އާދެ، އަޅުގަނޑު މިހުރިހާ ކަމަކަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރުވެރިވަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ އެބާވަތުގެ ކަންތައްތައް އެހެން ކުރެއްވުން އެއީ އަޅުގަނޑު މާހިތްހަމަޖެހޭ ކަމެއް ނޫނޭ. ސަބަބަކީ އަޅުގަނޑުގެ ސަބަބުން ނުވަތަ އަޅުގަނޑު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ކުރާ ޒިޔާރަތެއްގެ ސަބަބުން އެރަށުގެ އަހުލުވެރިން އެއްވެސްކަހަލަ ބުރައެއް ނުވަތަ ތަކުލީފެއް އުފުއްލެވުމަކީ އަޅުގަނޑު އެދޭ ކަމަކަށްނުވާކަން. އެކަމަކު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވޭ، މިރަށުގެ ރައްޔިތުން އެކަންތައްތައް ކުރައްވައިފައި އެހެރީ މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ދައުލަތާމެދުގައި އުފެދިފައިވާ އިޚްލާޞްތެރިކަމެއްގެ ބޮޑުކަމުންކަން. އެހެންވީމާ، އެކަން އެގޮތަށް ފާހަގަކޮށް، އަޅުގަނޑު އުފާކޮށް ޝުކުރުވެރިވަން.
 
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރޭގައި އެކި ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަށްޓަކައި ކުރާ ދަތުރުތަކެއް. މީގެކުރިން ރާއްޖޭގެ ވަރަށްގިނަ އަތޮޅަށް އަޅުގަނޑު ޒިޔާރަތް ކުރިން. މީހުން އުޅޭ ވަރަށްގިނަ ރަށްރަށް މިހާރު އަޅުގަނޑު ގޮސް އެތަންތާނގެ ހާލު އަހުވާލު ބަލައި ހަދައިފިން. މިވަގުތު އަޅުގަނޑު ފަށައިގެން މިއުޅެނީ ނ.އަތޮޅަށް ކުރާ ދަތުރެއް. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުން ލިބޭ މަޢުލޫމާތާއި އަދިވެސް ސަރުކާރު ހިންގަވަން ތިއްބެވި އެކި ފެންވަރުގެ ވެރިން ރާއްޖެތެރެއަށް ކުރައްވާ ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މިހާރުވަނީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ރޭވިފައި.
 
އާދެ، ރާއްޖެތެރެވަނީ ހުރިހާ ރޮނގަކުންވެސް ކުރިއަރުވަން ބޭނުންވެފައި. ތަރައްޤީ ކުރަން ބޭނުންވެފައި. ރާއްޖެތެރެ އޮތީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހިތްހަމަޖެހޭގޮތަކަށެއް ނޫން. ސަބަބަކީ މީގެކުރިން ރާއްޖެތެރެއަށް އެއްވެސްކަހަލަ ސަމާލުކަމެއް ނުދެވި އޮތްކަން. ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދިޔަކަމުގައިވިޔަސް، ސަރުކާރުގެ ފަރާތުން އެކަމާ އަޅައިނުލައި އޮތްކަން. އެއީ ވަރަށް ހިތާމަހުރި ކަމެއް، މީގެކުރިން އެގޮތަށް ކަންތައްތައް ވަމުން ގޮސްފައިވާކަން. އެހެންނަމަވެސް، މިހާރު އެހުރިހާ ކަމެއް ވަނީ ބަދަލުވެފައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރެ ތަރައްޤީ ކުރުމަކީ މިހާރު ދައުލަތުން އެންމެބޮޑު އަހަންމިއްޔަތުދޭ އެއް ކަންތައްކަން.
 
އާދެ، ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖެ އެއީ ހަމައެކަނި މާލެ ކަމުގައި ނުވާކަން. މާލެ ތަރައްޤީ ކުރެވުނަސް އަދި މާލެ ކުރިޔަށް ގެންދެވުނަސް އެއީ ރާއްޖެ ތަރައްޤީ ކުރެވުނީކީ ނޫން. އަދި ރާއްޖެ ކުރިއެރުވުނީކީވެސް ނޫން. ރާއްޖެ ކުރިއެރުވުނީ ކަމުގައިވާނީ ރާއްޖޭގެ ހުރިހާ ރަށްރަށް، ހުރިހާ އަތޮޅުތައް، މުޅި ރާއްޖެ ކުރިއަރައިގެން. އެހެންވީމާ، މާލެ އެއީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާތީ، އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް ޚާއްޞަ ރަށެއް. މާލެ ކުރިއަރަންޖެހޭނެ. ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މެހްމާނުން އެންމެ ފުރަތަމަ ޒިޔާރަތް ކުރަނީ މާލެއަށް. ވީމާ، އެގޮތުންވެސް މާލެއަކީ އެކަށީގެންވާ ފެންވަރެއްގައި ކުރިއަރައިފައިވާ ތަނަކަށްވުމަކީ މުޅި ރާއްޖެއަށް ލިބޭ ފަޚްރެއް. ހަމައެޔާއެކު ރާއްޖެތެރެވެސް ވާނެ ކުރިއަރަން. ރާއްޖެތެރެވެސް ވާނެ ތަރައްޤީވާން. ހަމައެކަނި މާލެއެއް ނޫން ތަރައްޤީވާންވީކީ. އެހެންވީމާ، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ދައުލަތުން އެހާބޮޑު އަހަންމިއްޔަތެއް ދެނީ.
 
އާދެ، ރާއްޖެތެރެ ތަރައްޤީ ކުރަން ބަލައިލާއިރު، ވަރަށްގިނަ ކަންތައްތަކެއް ކުރަން ޖެހިފައި އެބައޮތް. ކޮންމެ ރޮނގަކުން ވިސްނައިލިޔަސް، އެ ރޮނގަކުން ވަނީ ރާއްޖެތެރެ ކުރިއަށް ގެންދަން ބޭނުންވެފައި. ތަޢުލީމުގެ ރޮނގުން ވިސްނައިލިޔަސް، ރާއްޖެތެރޭގައި މީގެކުރިން ސަރުކާރުގެ ޚަރަދުގައި ހިނގާ އެއްވެސް ސްކޫލެއް ނެތް. އެއްވެސް މަދަރުސާއެއް ނެތް. މީގެކުރިން ސަރުކާރުގެ ފަރާތުން ތަޢުލީމުގެ ޚިދުމަތް ދެމުން ގެންގޮސްފައިވަނީ ހަމައެކަނި މާލެއަށް. ހަމައެކަނި މާލޭގެ ރައްޔިތުންނަށް ނޫނީ މާލޭގެ ރައްޔިތުންނާއި އަދި މާލެގޮސް މާލޭގައި ތިބެވޭ ފެންވަރުހުރި ރާއްޖެތެރޭގެ މީހުންނަށް. އެކަމަކު ތަޢުލީމަކީ އެއްވެސް ޙާލެއްގައި ހަމައެކަނި މާލެއަށް ޚާއްޞަ ކުރެވެންވީ އެއްޗެއް ނޫން. ތަޢުލީމުގެ ޚިދުމަތް، ދައުލަތުންވާނެ މުޅި ރާއްޖެއަށް ފަތުރަން.
 
އާދެ، އަޅުގަނޑުވެސް އެއްބަސް، ކަމަކީ ވަރަށްބޮޑު ކަމެއް. ވަރަށްގިނަ ދުވަސް ބޭނުންވާނެ ކަމެއް. ވަރަށްގިނަ ޚަރަދުތަކެއް ކުރަންޖެހޭނެ ކަމެއް. އެހެންވުމާއެކު، އެއްފަހަރާ ސަރުކާރުން ރާއްޖެތެރޭގެ ހުރިހާ ތަނެއްގައި އެކަށީގެންވާ ފެންވަރަކަށް ތަޢުލީމުގެ ކަންތައްތަކެއް ނުގެންދެވޭނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވަނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ސްކޫލެއް ހިންގަމުން ގެންދިޔުން. އެގޮތުން އެންމެ ފުރަތަމަ ރާއްޖެތެރޭގައި ހުޅުވުނު ސްކޫލަކީ މިއަތޮޅުގެ ސްކޫލް. އާދެ، އަޅުގަނޑުމެން މިހާރު މިތިބަ ޢިމާރާތުގައި ހިނގަމުންމިދާ ސްކޫލް. އެހެންވީމާ، އެއީވެސް ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލާ ނުކުތާއެއް. މި ސްކޫލް، ނ. އަތޮޅުގެ ޕްރައިމަރީ ސްކޫލް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނީ 1979 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު.
 
އާދެ، އެދުވަހު އަޅުގަނޑު މިރަށަށް އައިސް ވަރަށް ހެނދުނުގެ ވަގުތެއްގައި މި މަދަރުސާ ހުޅުވައިދިނުމުގެ އުފާ ލިބިގަތީން. އޭރު މިތަން ހުރީ ވަރަށް ކުޑަކުޑަ ތަނެއްގެ ގޮތުގައި. އޭގެފަހުން މިރަށުގެ ރައްޔިތުންގެ ހިންމަތާއި މިންނަތުން މިހާރު ވަރަށް އެކަށީގެންވާ ދަރަޖަޔަކަށް މި މަދަރުސާ ވަނީ ހައްދަވައިފައި. ވަރަށް ރަނގަޅަށް ޢިމާރާތް ކުރައްވައިފައި. އެންމެބޮޑު ބައި އަދާކުރެއްވީ މިރަށުގެ ރައްޔިތުން. ސަރުކާރުންވެސް ގިނަގުނަ އެހީތަކެއް ވެދިން. ތަން ހިޔާކުރުންފަދަ ކަންތައްތައް. އެހެންނަމަވެސް، ހުރިހާ މަސައްކަތް ކުރެއްވީ މަނަދޫގެ ރައްޔިތުން. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ މަނަދޫގެ ރައްޔިތުންނަކީ ތަޢުލީމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ބަހައްޓަވާ ބައެއްކަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް އަދި މިރަށުގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.
 
އާދެ، އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ޕްރައިމަރީ ސްކޫލެއް ނުވަތަ އިބްތިދާއީ މަދަރުސާއެއް ހިންގާގޮތަށް. އެއް ސްކޫލެއް ހުރުމުން އެއީ އެއްވެސް އަތޮޅެއްގައި އެ އަތޮޅަކަށް ފުދޭވަރަށް ތަޢުލީމުގެ ޚިދުމަތް ދެވުނީއަކީ ނޫން. އެހެންނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިކަމަކީ ވަރަށްބޮޑު ކަމަކަށްވެފައި، ވަރަށްގިނަ ޚަރަދުތަކެއް ހިނގާނެ ކަމަކަށްވެފައި، ވަރަށްގިނަ ދުވަސްތަކެއް ބޭނުންވާނެ ކަމަކަށްވާތީ، އެކަން އެގޮތަށް ގެންދަން ޖެހިފައިވަނީ. ސަރުކާރުން ގަސްދުކުރަނީ ކުރިއަށް އޮތް ތާނގައިވެސް މިގޮތުން ސަރުކާރުގެ ޚަރަދުގައި ހިންގަމުންގެންދާ ސްކޫލްތައް އިތުރުކުރަމުން ގެންދިޔުން.
 
އާދެ، މި ޕްރައިމަރީ ސްކޫލުގެ އިތުރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކޮމިއުނިޓީ ސްކޫލެއް އުފެދޭނެ. މިހާރުވެސް ރާއްޖެތެރޭގައި [ކޮމިއުނިޓީ ސްކޫލް] މިނަމުން ނަން ދެވިފައިވާ 6 މަދަރުސާ ހިނގަމުން އެބަދޭ. އަދި އޭގެއިތުރުންވެސް އެކުވެރި ޤައުމެއްގެ އެހީގައި އިތުރު ސްކޫލްތަކެއް ބިނާކުރެވެމުން އެބަގެންދެވޭ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ކޮންމެ އަތޮޅެއްގައި ހުންނާނީ ހަމަ އެންމެ ސްކޫލެއް ނޫން. އެއަށްވުރެ ގިނަ ސްކޫލް ހުންނާނެ. ކޮންމެއަކަސް ތަޢުލީމަކީ އެޔާނުލައި ތަރައްޤީގެ އެއްވެސް ރޮނގެއްގައި އަޅުގަނޑުމެންނަށް ކުރިޔަށް ނުދެވޭނެ އެއްޗަކަށްވާތީ. ތަޢުލީމަށް ސަރުކާރުން އެހާބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ.
 
އާދެ، ސަރުކާރުން ރާވައިގެން މި ކުރިއަށްގެންދާ މަޝްރޫޢުގައި، ތަޢުލީމް ފިޔަވައި އެހެން ވަރަށްގިނަ ކަންތައްތަކެއްވެސް ހިމެނިފައިވޭ. ރަށްރަށުގެ ފަޅުކޮނުން، ނެރު ގޮއްވުން މިހިރީ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކެއް. މިރަށުގެ ފަޅުތެރެ އޮތްގޮތްވެސް އަޅުގަނޑަށްވުރެ ބޮޑަށް ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށްވެސް މިއަދު ހަވީރާއި މިރޭ އެކަން ވަރަށް ރަނގަޅަށް އިޙްސާސް ކުރެވުނު. އެގޮތަށް ފަޅުތެރެ އޮވެގެން، ކިހިނެއްތޯ އަޅުގަނޑުމެން އެކިއެކި ކަންކަމުގައި ރަށުން ފުރައިގެން ދާނީ. ނުވަތަ ރަށަށް ލަފާނީ، ދަތުރުކޮށްފައި އައިސް. އަދި މަހަށްދާނީވެސް ކިހިނެއްތޯ! ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ކަންތައްތައް ހުރީ މިކަހަލަ ގޮތަކަށް. އެހެންވީމާ، މިދެންނެވި މަޝްރޫޢުގެ ދަށުން މިގޮތަށް ދިމާވެފައިވާ ރަށްރަށުގެ ފަޅުތެރެ ކޮނުންވެސް ހިމެނިފައިވޭ. އަދި ބައެއް ރަށްރަށުގެ ނެރު ގޮއްވުންވެސް ހިމެނިފައިވޭ. ފަޅުތެރެ ކޮނުން އެއީ ކޮންމެ ރަށެއްގެވެސް އަހުލުވެރިން ކުރާގޮތަށް ހަމަޖެހިފައިވާ ކަމެއް. ސަރުކާރުން އެކަމަށް އެހީވެދީގެން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ ރާއްޖޭގެ އެހެނިހެން ބައެއް ރަށްރަށުގެ އަހުލުވެރިންވެސް، އެ ރަށްރަށުގެ ފަޅުތެރެ މިހާރު ކޮންނަވައިފައިވާ ފަދައިން، މިރަށުގެ ރައްޔިތުންވެސް މާލަސްތަކެއްނުވެ އެ މަސައްކަތް ފަށްޓަވާނެ ކަމަށް. އެ މަސައްކަތަށް ބޭނުންވާ އެހީ ސަރުކާރުގެ ފަރާތުން ލިބެމުންދާނެ. ނެރު ގޮއްވުމަކީ އެޔާ ޚިލާފަށް ރައްޔިތުންނަށް އަމިއްލަޔަށް ކުރެވޭނެ ކަމެއް ނޫން. އެއީ ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއް. އެކަން ކުރަން ޖެހިފައިވާ ރަށްތަކުގެ ޢަދަދު ގިނަކަމުން އެއްފަހަރާ ހުރިހާ ރަށެއްގައި އެ މަސައްކަތް ކުރެވޭކަށެއް ނެތް. މިދޭތެރެއިން ށ. އަތޮޅުގައި ނެރުގޮއްވަން ޖެހިފައިވާ ހުރިހާ ރަށެއްގެ ނެރުތައް ގޮއްވައި ނިމިއްޖެ. ސަރުކާރުން ވަރަށްމަތީ ޢަދަދަކަށް ޚަރަދުކޮށްގެން. އަދި އޭގެފަހުން މިހާރު ފުވައްމުލަކުގައި ދަނީ އެ މަސައްކަތް ކުރެވެމުން. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ކޮށް ނިމޭނެ. އެ މަސައްކަތް، އާދެ، ނެރުގޮއްވުމުގެ މަސައްކަތް، އެއް އަތޮޅަކަށްފަހު އަނެއް އަތޮޅަކަށް ގެންދެވޭނެ. އެއީ ވަރަށް ޚާއްޞަ ބާވަތެއްގެ މަސައްކަތެއް. ވަރަށްމަދު ބަޔަކަށް ނޫނީ ކުރަން ނޭނގޭ ކަމެއް. އެހެންވީމާ، އެކަން ކުރެވެން އަންނަނީ ތަންކޮޅެއް ލަހުން. އެއް އަތޮޅަކަށްފަހު އަނެއް އަތޮޅެއްގައި އެކަން ކުރެވޭގޮތަށް. ކޮންމެއަކަސް އެކަން އެއީވެސް އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން ހިނގަމުންދާ ކަމެއް.
 
ހަމައެފަދައިން، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން. އާދެ، މީގެކުރިން އޮންނަނީ ކޮންމެ އަތޮޅެއްވެސް އަތޮޅުކޯޓެއް ހުންނަގޮތަށް. އެކަމަކު އެކަންތައް އެހެން އޮތުމުން އަތޮޅުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ލިބިގަތުމުގައި، އެމީހުންގެ މައްސަލަތައް ޝަރީޢަތުން ނިންމުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ގޮސްފައިވޭ. އެހެންވީމާ، ކޮންމެ ރަށެއްގައިވެސް ކޯޓެއް ހުރެގެން ނޫނީ އެބާވަތުގެ މައްސަލަތައް، އަދި އެ މައްސަލަތަކަކީ ވަރަށް އަވަހަށް ނިމިގެން ދާންޖެހޭނެ ކަންތައްތަކެއް. އެހެންވީމާ، އެއީ ކޮންމެ ރަށެއްގައިވެސް އެރަށުގެ އަމިއްލަ ކޯޓެއް ހުރެގެން ނޫނީ ނުނިންމޭނެ ކަމަށްވާތީ، ކޮންމެ ރަށެއްގައިވެސް ރަށުކޯޓެއްވެސް އުފެއްދީ. އަދި އެ ރަށުކޯޓުތަކަށް ބޭނުންވާވަރަށް ޤާޟީން މިހާރުދަނީ ސަރުކާރުން ތައްޔާރުކުރަމުން.
 
އާދެ، އޭގެއިތުރުން އަތޮޅުއޮފީސްތައް ޢިމާރާތް ކުރުން. އަދި ބާވެފައި ހުންނަ ތަންތަން އަލުން ހެދުން ނުވަތަ ރަށުގެ އޮފީސްތައްވެސް ވަރަށްގިނަ ތަންތާނގައި ރަށުގައި ހުންނަނީ އޮފީހަށް ކަމުދާވަރުގެ އިމާރާތެއް ނޫން. އެހެންވީމާ، އޭގެ ބަދަލުގައި އަލުން ތަނެއް ހެދުން ސަރުކާރުގެ ޚަރަދުގައި. އެއީވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ހިނގަމުންދާ ކަމެއް. ބައެއް ތަންތާނގެ ރަށްރަށުގެ އޮފީސްތައް ކޮންމެވެސްވަރަކަށް މަރާމާތު ކުރުމުން، އެތަންތާނގައި މަސައްކަތް ކުރިޔަށް ގެންދެވިދާނެ ކަމަށްވާތީ، މަރާމާތު ކުރުމަށް ހަމަޖެހިފައިވޭ. އެހެންވީމާ، އެ މަސައްކަތްވެސް މިހާރު ހިނގަމުން އެބަދޭ. އަދި މިސްކިތްތައް އެއީ އަޅުގަނޑުމެން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ކަންކަން. އަޅުގަނޑުމެންނަކީ މުސްލިމުން. މިސްކިތްތަކަކީ އިސްލާމްދީނުގެ ވަރަށް މަތިވެރި ރަމްޒެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ ދީނަށް ޙުރްމަތްތެރިކޮށްހިތާ، ދީނަށް ބޯލަނބާ ބައެއް ކަމުގައި ވަނީނަމަ، އަޅުގަނޑުމެންގެ ރާއްޖޭގައި ހުންނަ މިސްކިތްތަކުން އެކަން ރަނގަޅަށް ފެންނަން އޮންނަންވާނެ.
 
ކޮންމެޔަކަސް، ރާއްޖެތެރޭގެ މިސްކިތްތައް ހުރީވެސް ވަރަށް ހިތާމަކުރުން އެކަށީގެންވާ ދަރަޖަޔަކަށް ދަށަށް ގޮސްފައި. ވަރަށްގިނަ ރަށްރަށުގައި މިސްކިތްތައް ހުރީ މުޅިން ވީރާނާވެގެން ގޮސްފައި. ވާރޭވެހޭގޮތަށް، ފާރުތައްވެސް ރެނދުއަޅައިގެން ވެއްޓެން ކައިރިވެފައި. އެތައް ޒަމާނަކުއްސުރެ އެގޮތަށް އެތަންތަން ހުންނަމުން އައިސްފައި އޮތް ކަމުގައިވިޔަސް، ސަރުކާރުން އެއްވެސް ކަހަލަ އެހީއެއް ނުލިބޭތީއާއެކުގައި އެތަންތަން މަރާމާތު ކުރުން ނުވަތަ އެ މިސްކިތްތަކުގެ ބަދަލުގައި އަލުން މިސްކިތް އެޅުން، މިފަދަ އެއްވެސް މަސައްކަތެއް މީގެކުރިން ކުރެވިފައެއް ނެތް. މިހާރު އެކަންވެސް މުޅިން ބަދަލުވެއްޖެ. ރާއްޖެތެރޭގެ ވަރަށްގިނަ ތަންތާނގައި ވަރަށްގިނަ ރަށްރަށުގައި މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތާއި އަދި އަލުން މިސްކިތް އެޅުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ހިނގަމުން އެބަދޭ. ތިޔަބޭފުޅުންވެސް ދޭތެރެދޭތެރެއިން އައްސަވާނެ. ރޭޑިޔޯގެ ޚަބަރުގައި ކޮންމެވެސް ރަށެއްގެ މިސްކިތެއް ހުޅުވުނު ވާހަކަ. އެހެންވީމާ، އެކަން އެއީވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ރާއްޖެތެރެ ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތެއް. އާދެ، މިރަށުގެ މިސްކިތްވެސް ހުރީ ވަރަށް ބޮޑަށް ބާވެފައި. އަދި މިރަށަކީ މިއަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވެފައި، ރަށަކީ ހުރިހާ ގޮތަކުންވެސް ސަރުކާރުން އަހަންމިއްޔަތު ދޭން ޖެހިފައިވާ ރަށަކަށްވާތީ، މިރަށުގައި އެއަށްވުރެ ރަނގަޅު ފެންވަރެއްގައި މިސްކިތްތައް ހުންނަންޖެހޭނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގައި އަލުން މިސްކިތެއް ޢިމާރާތް ކުރުން އެއީ މިދެންނެވި މަޝްރޫޢުގައި އަދި މިހާތަނަށް ހިމެނިފައި ނެތް ކަމެއް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ޚަރަދުގައި އެ މަޝްރޫޢުގެ ދަށުން މިރަށުގައި އަލުން މިސްކިތެއް ޢިމާރާތްކޮށްދޭނެ.
 
އާދެ، ދެން އަޅުގަނޑު ބަލައިލާހިތްއޮތީ ވަރަށް މުހިންމު މައުޟޫޢެއްގެ މައްޗަށް. އާދެ، އެއީ އަޅުގަނޑުމެންގެ މަސައްކަތްތެރިކަން. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއްގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ މާ މުއްސަނދި ބައެއް ނޫން. ތިޔަބޭފުޅުން އައްސަވާނެ، ދުނިޔޭގެ އެކިއެކި މުއްސަނދި ޤައުމުތަކުގެ ވާހަކަ. ރޭޑިޔޯތަކުންނާއި ނޫސްތަކުން އެތަންތާނގެ ނަންތައް އަޅުގަނޑުމެންނަށް އިވެމުންދޭ. އެމެރިކާއޭ ބުނާތީ އިވޭނެ. ފަރަންސޭސިވިލާތޭ ބުނާތީ، ކޮންމެ މީހަކުވެސް އަހާނެ. އިނގިރޭސިވިލާތް، ޖަޕާން، ރޫސީވިލާތް، މިހެންގޮސް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވާހަކަ އަޅުގަނޑުމެން އަހަމު. އަޅުގަނޑުމެންނަކީ އެކަހަލަ ޤައުމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ އަދަދަށް ވިސްނައިލިޔަސް، އަޅުގަނޑުމެންނަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެކުޑަ އެއް ޤައުމު. އަޅުގަނޑުމެންގެ ތަނަވަސް ކަމަށް ވިސްނައިލިޔަސް، އަޅުގަނޑުމެންނަކީ ދުނިޔޭގެ އެންމެ ފަޤީރު އެއް ޤައުމު. އަޅުގަނޑުމެންގެ ރާއްޖޭގައި ތެލެއް ނެތް. ނުވަތަ ތެޔޮ ހުރިކަން އަދި އެނގިފައެއް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގައި ތެޔޮ ފިޔަވައި އެހެން ޤުދްރަތީ މުއްސަނދިކަންވެސް ހުރިކަމެއް އެނގިފައެއް ނެތް. މިކަހަލަ ކަންތައްތައް އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖެއަކަށްވެފައި، ރާއްޖޭގެ މީސްކޮޅުގެ އަދަދު މަދުކަމާއި، ޤުދްރަތީ މުއްސަނދިކަން ހުރިލެއް ކުޑަކަމުން، އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގައި ތަނަވަސް ނުވަތަ މުއްސަނދި ޤައުމެއް ކަމުގައި ބެލޭކަށެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މަސައްކަތަކީ، އެކިއެކި ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި އޮތް މަސައްކަތަށްވުރެ މާބުރަ މަސައްކަތެއް. އެމީހުން އެއްވެސް މަސައްކަތެއް ދެން ނުކުރި ކަމުގައިވިޔަސް، މިހާރުވެސް އެތިބީ ވަރަށް އެކަށީގެންވާ ދަރަޖަޔަކަށް ކުރިއަށް ގޮސްފައި. އަޅުގަނޑުމެން މަސައްކަތް ނުކޮށްފިނަމަ، މިހާރު މިތިބަ ފެންވަރުގައިވެސް ތިބެވޭކަށެއް ނޯންނާނެ. އެއްދުވަހުން އަނެއް ދުވަހަށް ދާނީ ދަށަށް.
 
އެހެންވީމާ، އަޅުގަނޑުމެން ޖެހިއްޖެ ވަރަށް ބޮޑަށް މިކަމާ ދޭތެރޭގައި ވިސްނަން. އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކުރަން ވެއްޖެ. ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅުމަށް އެކުރާ މަސައްކަތެއް، ކުރިން ކުރަމުން ގެންދިޔަ ފެންވަރަށްވުރެ މަތީ ފެންވަރަކަށް ގެންދެވޭތޯ ބަލަންވެއްޖެ. މަސައްކަތުގައި ހޭދަކުރާ ވަގުތު، ކުރިން އެ ހޭދަކުރަމުން ގެންދިޔަ ވަގުތުތަކަށްވުރެ އިތުރު ވަގުތުތަކަކަށް ހަދަންވެއްޖެ. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރަންވެއްޖެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ބޭނުންތަކެއް ފުއްދަމުން މިގެންދަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އެއީ އަޅުގަނޑުމެން މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުން. ރާއްޖޭގެ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން މިހާރުވެސް ވަރަށް އެކަށީގެންވާ ދަރަޖަޔަކަށް ކުރަމުންގެންދާ އަތޮޅުތަކެއް އެބަހުރި. ކަންދިމާވިގޮތުން މިއަތޮޅަކީ މިހާރު މަސްވެރިކަމުގެ ގޮތުން މާ ކުރިޔަށް ގޮސްފައިވާ އަތޮޅެއް ނޫން. އެކަމުގެ ސަބަބުތަކެއްވެސް އެބަހުރި. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވާޖިބަކަށްވާންވާނީ އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތް ކުރިޔަށް ގެންދެވޭތޯ ބެލުން. އަޅުގަނޑުމެން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައި ވެއްޖެނަމަ، މިއަދު އަޅުގަނޑުމެންނަށް އެކަން އެކުރެވޭ ފެންވަރުގައިވެސް ތިބުން އެއީ އަޅުގަނޑުމެން ގަބޫލުކުރަންވީ ކަމެއް ނޫން. މިހާރު މިކުރާ މަސައްކަތަށްވުރެ އިތުރަށް މަސައްކަތް ކޮށްގެން، މަސްވެރިކަންވެސް ވެއްޖެ ކުރިޔަށް ގެންދަން. އަދި މަސްވެރިކަން ފިޔަވައި އަޅުގަނޑުމެން ކުރާ އެހެނިހެން މަސައްކަތްތައްވެސް ވެއްޖެ، މިއަށްވުރެ، މިހާރަށްވުރެ ކުރިޔަށް ގެންދަން. މިރަށުގެ ރައްޔިތުން ތަފާތު އެކިއެކި މަސައްކަތް ކުރައްވާކަން އަޅުގަނޑަށް އެނގޭ. އުވަދެވުން ކަހަލަ ކަންތައްތައް، އެއިންވެސް ކޮންމެވެސްވަރެއްގެ އާމްދަނީއެއް ރަށަށް ލިބޭ. އަދި ދަނޑުހެއްދުން. ޚާއްޞަކޮށް މިރުސް. މިރުސް ހައްދައިގެން ވޭތުވެދިޔަ އަހަރު ވަރަށް އެކަށީގެންވާ ފައިދާއެއް ލިބުނުކަން އަޅުގަނޑަށް އޮތީ އެނގިފައި. އެއީ ވަރަށް ރަނގަޅު މަސައްކަތެއް. އެކަން ކުރި ބަޔަކަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ސާބަސްދެން. އަޅުގަނޑުމެންގެ ރަށުގައި ތިބެގެން ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރަންވާނެ. އެމަސައްކަތްތައް ކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭކަށެއް ނޯންނާނެ.
 
އެހެންވީމާ، އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކޮންމެކަހަލަ މަސައްކަތެއް ކަމުގައިވިޔަސް، އެއީ މަސްވެރިކަން ކަމުގައިވިޔަސް ނޫނީ ދަނޑު ހެއްދުން ކަމުގައިވިޔަސް ނުވަތަ އުވަދެވުން ކަމުގައިވިޔަސް، ރޯނުވެށުން ކަމުގައިވިޔަސް އަދި އެނޫން އެހެން ކަމެއް ކަމުގައިވިޔަސް، އެކުރާ މަސައްކަތެއް ވެއްޖެ މިހާރަށްވުރެ ފުރިހަމަކޮށް ކުރެވޭތޯ ބަލަން. މިހާރަށްވުރެ ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭތޯ ބަލަންވެއްޖެ. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ އެއްގޮތަކަށްވެސް މިވަގުތު ވާންވީ ގޮތެއް ނޫން. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެއްގޮތަކަށްވެސް ފެންނަންވީ މަންޒަރެއް ނޫން. އަޅުގަނޑުމެންގެ ދީނުގައިވެސް ބާރުއަޅުއްވައިފައި ވަނީ މަސައްކަތް ކުރުމަށް. ކޮންމެ މީހަކުވެސް މަސައްކަތް ކޮށްގެން އެކުރާ މަސައްކަތުން ދިރިއުޅުމަށް. އެހެން މީހުންގެ ތައްޕާހުގައި ދިރިއުޅުން އެއީ، ދީނުގައި ނަފްރަތުގެ ލޮލަކުން ބައްލަވައިލައްވައިފައިވާ ކަމެއް. އެހެން މީހުންގެ އެހީގައި ދިރިއުޅުން، މަސައްކަތެއް ނުކޮށް، ތިމާގެ ގެއެއްގައި ހުންނަނީ އެހެން މީހަކު. އޭނާއަށް ކާންދެނީ ނޫނީ އެހެން މީހެއްގެ އެހީގައި ދިރިއުޅެނީ. އެއީ ވަރަށް ހުތުރު ކަމެއް. އެކަށީގެންނުވާ ކަމެއް. އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މަސައްކަތް ކުރުން. މަސައްކަތް ކޮށްގެން، އެކުރާ މަސައްކަތަކުން ދިރިއުޅުން. އެހެންވީމާ، ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު މަސައްކަތެއް ނުކޮށް ހުރުމަކީ، ދީނީގޮތުންވެސް އަދި ރާއްޖެ މިހާރު އޮތް އިޤްތިޞާދީ ފެންވަރުންވެސް އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން، މިރަށުގެ ރައްޔިތުންވެސް ދިރިއުޅުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރުކުރައްވަން. އަދި ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބަލަމުން ގެންދަން. އެމީހަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބަލަމުން ގެންދަން. އަދި އެއްވެސް ޙާލެއްގައި ދިރިއުޅުމަށް މަސައްކަތެއް ނުކޮށް ހުންނަ މީހަކު އެރަށުގައި ހުރެގެނެއް ނުވާނެ.
 
އާދެ، އަޅުގަނޑުމެން ދިރިއުޅުން ކުރިޔަށް ގެންދަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޚިޔާލުކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ ކޮންބައެއްތޯ ވިސްނައިލަން އެބަޖެހޭ. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އެހެންވީމާ، އެ މުހިންމު ދެރުކުން އަޅުގަނޑުމެންގެ ހިތަށް ގެނެސްފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ، އަޅުގަނޑުމެންނަކީ ވަރަށް ޚާއްޞަ ބައެއްކަން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ ވަރަށް ޚާއްޞަ ގުޅުމެއްކަން. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިން. އެއްދީނެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަ ދައްކާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ ވަރަށް މަތިވެރި އުޚުއްވަތްތެރިކަމެއް. އެއްބަނޑުއެއްބަފާކަމެއް. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަނެކާ ދެކެންވާނީ ތިމާގެ އަޚެއް ކަމުގައި. ތިމާގެ އުޚުތެއް ކަމުގައި. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ [لا يؤمن أحدكم حتّٰى يحبّ لأخيه ما يحبّ لنفسه].[ތިޔަބައިމީހުންކުރެ އެކަކުވެސް އީމާނެއްނުވެޔޭ، އެމީހާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚާއަށްވެސް ހެޔޮނޭދޭނަމަ]. މާނަޔަކީ، އެއްވެސް އިންސާނެއްގެ، އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއްނުވާނެޔޭ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚުންނަށްވެސް ހެޔޮނޭދޭ ކަމަށްވަންޏާ. އެހެންވީމާ، ފުރިހަމަ މުސްލިމުން ކަމުގައި ނުވަތަ ފުރިހަމަ މުއުމިނުން ކަމުގައި ވެވޭނީވެސް ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސުދެކެ ލޯބިވާ ފަދައިން، އެހެން މީހުންދެކެ ލޯބިވެގެން. ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އެހެން މީހުންނަށް ހެޔޮއެދިގެން. ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވެގެން. އެނޫން ގޮތެއްގައި އަޅުގަނޑުމެންނަކީ ފުރިހަމަ މުއުމިނުން ކަމުގައެއް ނުވާނެ.
 
އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި، އޯގާވެރިކަމާއި، އެއްބާރުލުން ފަތުރަންވެއްޖެ. އެކަން ކުރުން އެއީ ހަމައެކަނި ވަކި މީހެއްގެ މަސްއޫލިއްޔަތެއް ނޫން. އެކަމަށް ގޮވައިލުން އެއީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ނޫން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް. އަދި ކޮންމެ މީހެއްގެވެސް ވާޖިބެއް. އަޅުގަނޑުމެންގެ ތެރޭގައި ލޯތްބާއި، އެކުވެރިކަމާއި، އޯގާތެރިކަމާއި، އެއްބާރުލުން ފެތުރުން އެއީ ހަމަ ކޮންމެ މީހެއްގެވެސް ވާޖިބު. ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތު. އެކަން އިޙްސާސްކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންނަކީ އިސްލާމްދީނުގައި އަންގަވައިފައިވާފަދަ ފުރިހަމަ އަޚުންތަކެއް ކަމުގައި ވެވޭތޯ. އާދެ، އަޅުގަނޑުމެންނަކީ ފުރިހަމަ އަޚުންތަކެއް ކަމުގައި ވެއްޖެނަމަ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވާނެ. އަދި އެ މަސައްކަތެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ދައްކަވާނެ.
 
އާދެ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑު މި ދެންނެވި ނުކުތާތަކުގެ މައްޗަށް މަނަދޫގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނެވުން. އަދި ވިސްނަވައިފައި އެގޮތުގެ މަތިން ޢަމަލުކުރަމުން ގެންދެވުން. މަނަދޫއަކީ ވަރަށް ޚާއްޞަ ރަށެއް. އެހެން މިދެންނެވީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހުރިހާ ރަށްރަށެއްވެސް ތަރައްޤީ ކުރަންވަނީ އަޅުގަނޑުމެންނަށް މިވަގުތު މަޖުބޫރުވެފައި. އެހެންނަމަވެސް، ތަރައްޤީ ކުރުމުގައި އިސްކަންދޭންޖެހޭ ރަށްތަކެއް ސަރުކާރުން މިހާރު ހޮވައިލައިފައިވޭ. އެ އިސްކަންދޭންޖެހޭ ރަށްތަކުގެ ތެރެއިން، އާދެ، އެއީ އެންމެބޮޑަށް އިސްކަންދޭންޖެހޭ ކަމަށް ސަރުކާރަށް ފެންނަ އަށް ރަށެއް މިހާރުވަނީ ހޮވިފައި. އެ ރަށްރަށަށް އެކިއެކި ޕްރޮގްރާމްތައް ރާވައިގެން، އެ ރަށްރަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން މިހާރުދަނީ ވިސްނަމުން. މިދެންނެވި އަށް ރަށުގެ ތެރެއިން އެއްރަށް، މި ރަށް މިއީ. މަނަދޫ. އެހެންވީމާ، މިރަށަކީ މިދެންނެވި ގޮތުގެ މަތިން ވަރަށް ޚާއްޞަ ރަށެއް. މިރަށުގެ ރައްޔިތުން އެކަމާ ދޭތެރޭގައިވެސް ވިސްނަވަންވާނެ. ކުރިއަށް އޮތް ތާނގައި ސަރުކާރުން ރާވައިގެން ކުރިޔަށްގެންދާ މަޝްރޫޢުތަކުގައި މިރަށް ވަރަށްމަތީ ބައެއް ކުޅެން ޖެހިފައިވާނެ. ކުޅެންޖެހޭނެ. އެހެންވީމާ، މިރަށުގެ ރައްޔިތުން، މިރަށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޚާއްޞަ ބާރެއް ލައްވަންޖެހޭނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، އަދިވެސް އެއްފަހަރު މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި އޯގާވެރިކަމަށްޓަކައި، އަދި އަޅުގަނޑަށް ތިޔަ ބެހެއްޓެވި ޚާއްޞަ ޢިނާޔަތަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. ހަމައެކަނި ރަށުގެ ރައްޔިތުންނަކަށް ނޫން. ރަށުގެ ވެރިންވެސް މި ޝުކުރުގައި ޝާމިލްކުރަން. މިއަތޮޅުގެ އަތޮޅުވެރިންވެސް އަޅުގަނޑު މި ޝުކުރުގައި ހިމަނަން. އެހުރިހާ ފަރާތްތަކަކުން ތިޔަ ފާޅުކުރެއްވި މަތިވެރި އިޚްލާޞްތެރި ޝުޢޫރުތަކަކީ، އަޅުގަނޑު ހިތުން ދުވަހެއްގައިވެސް ހަނދާންނެތޭނެ ޝުޢޫރުތަކެއް ނޫން.
 

                     والسّلام عليكم ورحمـة اللّـه وبركاته .