بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، މިއަދު އަޅުގަނޑު މި ފެށީ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރާ ދަތުރެއް. ރާއްޖެތެރެއަށް ދަތުރުކޮށް، ރާއްޖޭގައި މީހުން އުޅޭ ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެތަންތާނގެ ހާލު އަހުވާލު ބަލައި ހެދުމަކީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހެއްގެ ވާޖިބަކަށްނުވެ ނުދާނެ. އެހެންވީމާ، އަޅުގަނޑު މި މަޤާމާ ހަވާލުވީއްސުރެ ރާއްޖެތެރެއަށް ޒިޔާރަތް ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ. ވަރަށްގިނަ އަތޮޅުތަކަށް މިހާރު އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ. ވަރަށްގިނަ ރަށްރަށަށް ދެވިއްޖެ. އާދެ، ރާއްޖޭގައި މީހުން އުޅޭ 202 ރަށުގެ ތެރެއިން މިހާރު 132 ރަށަށް، އަޅުގަނޑަށް މީގެކުރިން ޒިޔާރަތް ކުރެވިއްޖެ. މިރަށް، އާދެ، ނ. އަތޮޅު މަގޫދޫ މި ހިމެނެނީ އަޅުގަނޑު ޒިޔާރަތްކުރާ 133 ވަނަ ރަށް ކަމުގައި.
 
އާދެ، މިދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. ރާއްޖެތެރެ ތަރައްޤީކޮށް ކުރިއެރުވުމަކީ މިހާރު ސަރުކާރުން އެންމެމަތީ އަހަންމިއްޔަތުދޭ އެއްކަމެއް ކަމަށްވާތީ. ސަރުކާރުގެ އެންމެ އިސްވެރިއެއްގެ މަޤާމުގައި ހުންނަ މީހަކު، އެމީހެއްގެ އަމިއްލަ ލޮލުން ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައި، ހުރިހާ ކަމެއް އަމިއްލައަށް ސާފުކުރުން އެއީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ. އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން، މިއަދު އަޅުގަނޑަށް މަގޫދުއަށް ޒިޔާރަތް ކުރެވި، މަގޫދޫގެ ރައްޔިތުންނާ ބައްދަލުކޮށްލާނެ ފުރުޞަތު ލިބުނު ކަމަށްޓަކައި.
 
އެންމެ ފުރަތަމަ ހަމަޖެހިފައި އޮތްގޮތުން އަޅުގަނޑު މިރަށަށް އަންނަން އޮތީ އިއްޔެ. އެހެންނަމަވެސް، މޫސުމް ހުރިގޮތުން އިއްޔެ މިދަތުރަށް ނުފެށުނީ. މިއަދުވެސް މޫސުމް މާރަނގަޅެކޭ ދެންނެވޭކަށް ނެތް. އެހެންނަމަވެސް، މިއަދު މިދަތުރު ނުފަށައިފިނަމަ، މާލޭގައި އަޅުގަނޑު މިވަގުތު ކުރަން ޖެހިފައި ހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިވާނެތީ ކޮންމެހެން މިއަދު މިދަތުރު ފެށުމަށް އަޅުގަނޑު ކުރިމަތިލީ.
 
އާދެ، ރާއްޖެތެރެވަނީ ހުރިހާ ގޮތަކުންވެސް ކުރިއެރުވުމަށް ބޭނުންވެފައިކަން، ތިޔަ ހުރިހާ ބޭފުޅުން ގަބޫލުކުރައްވާނެ. މިވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ނުވަތަ ތިރީހަކަށް އަހަރުގެ ތެރޭގައި ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް އެއްވެސް އަހަންމިއްޔަތެއް ދެވިފައެއް ނުވެޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. އެކަން އެހެން އޮއްވައި، މިހާރު އެ ސިޔާސަތު ސަރުކާރުން ބަދަލުކޮށްލައިފި. ރާއްޖެތެރެއަކީ ރާއްޖޭގެ ވަރަށް މުހިންމު ބައެއް ކަމުގައި ސަރުކާރުން ދެކޭ. ރާއްޖެ ތަރައްޤީވުމަކީ ހަމައެކަނި މާލެ ތަރައްޤީވުން ނޫން ކަމުގައި ސަރުކާރުން ދެކޭ. ޙަޤީޤަތުގައި ރާއްޖެ ތަރައްޤީވުމަކީ ރާއްޖެތެރެ ތަރައްޤީވުން ކަމުގައި ސަރުކާރުން ދެކޭ. އެހެންވީމާ، ރާއްޖެތެރެ ކުރިއެރުވުމަށް މިހާރު ސަރުކާރުން ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެމުން އެބަގެންދޭ. ތިޔަ ހުރިހާ ބޭފުޅުން އައްސަވާނެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް ސަރުކާރުން ރާވައިގެން ހިންގަމުންދާ ވާހަކަ. އެ މަޝްރޫޢަށް ވަރަށް މަތީ ޢަދަދަކަށް ފައިސާވެސް ވަނީ ކަނޑައެޅިފައި. މިހާރުވެސް އެ މަޝްރޫޢު ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެ. އެ މަޝްރޫޢުގެ ތެރޭގައި ރާއްޖެތެރެއަށް މިވަގުތަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ހިމެނިފައިވޭ. ކޮންމެ ރަށެއްގައިވެސް ފުދޭވަރެއްގެ ރަށުއޮފީހެއް ހުންނަންޖެހޭ. ރަށުކޯޓެއް ހުންނަންޖެހޭ. އަޅުގަނޑުމެންގެ ޅަދަރިންނަށް ކިޔަވައިދޭނެ މަކްތަބެއް ނުވަތަ މަދަރުސާއެއް ހުންނަންޖެހޭ. އަދި މިނޫންވެސް އެތަކެއް ޚިދުމަތްތަކެއް ވަނީ ރާއްޖެތެރެއަށް ބޭނުންވެފައި. ރާއްޖޭގެ މީހުންނަކީ މަސްވެރިކަމުން ދިރިއުޅޭ ބައެއް. އެހެންވީމާ، ރަށްރަށުގެ ފަޅުތެރެ، މަސްވެރިންނަށް، ދަތުރުފަތުރުކުރާ މީހުންނަށް ފަސޭހަވާގޮތަށް ފުންކުރަންޖެހޭ. ނެރުތެރެވެސް އެކަށީގެންވާ ގޮތަކަށް ފުންކުރެވިފައި އޮންނަންޖެހޭ. މިގޮތުން ބަލާއިރު ވަރަށްގިނަ ކަންތައްތައް ރާއްޖެތެރޭގައި ހަމަޖެހިގެން ނޫނީ ރާއްޖެތެރޭގެ މީހުން، އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް، އެއިން އެމީހުން އެދޭ އެންމެބޮޑު ނަތީޖާއެއް ނުލިބޭނެ.
 
އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހުރިހާ ކަމެއް ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެކަން. އަދި އެއްފަހަރާ ހުރިހާ ކަމެއްވެސް ނުކުރެވޭނެކަން. އެހެންވީމާ، ސަރުކާރުން ކަނޑައަޅައިފައިވަނީ މި މަޝްރޫޢު އަހަރުތަކެއްގެ މައްޗަށް ބަހައިލައިގެން، ކޮންމެ އަހަރަކުވެސް ވަކި ކަންތައްތަކެއް ކުރަމުން ގެންދިޔުން. އެއީ އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވޭނެތީ. އަދި މިހުރިހާ ކަމެއް ކުރަން ހިނގާނެ ޚަރަދުގެ ބޮޑުކަމުން.
 
އާދެ، މިރަށުގެ ރައްޔިތުންނަކީ، އަޅުގަނޑަށް ވަރަށް ފުރިހަމަގޮތެއްގައި އެނގިފައިވާ ގޮތުގައި ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި ބައެއް. ރަށް ކުރިއެރުވުމަށްޓަކައި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. މިއަދު އަޅުގަނޑު މިރަށަށް އައިސް، އެ ހިނގައިލި ހިނގައިލުމުންވެސް، މި ކުޑަކުޑަ ހިނދުކޮޅުގެ ތެރޭގައި، މިރަށުގެ ރައްޔިތުން ރަށް ކުރިއެރުވުމަށްޓަކައި ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްތައް އަޅުގަނޑަށް ފެނިއްޖެ. އާދެ، އެންމެ ފުރިހަމަ އެއް މިސާލަކީ، ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތްޕުޅުން ރާނުއްވައި ޢިމާރާތް ކުރައްވައިފައި އެހުރި މިސްކިތް. މިވަރުގެ ރަށަކަށް ވަރަށް އެކަށީގެންވާ ގޮތަކަށް، ވަރަށް އެދެވޭ ފެންވަރަކަށް އެ މިސްކިތް އެހުރީ މަރާމާތު ކުރެވިފައި. ނުވަތަ އަލުން ޢިމާރާތް ކުރެވިފައި. ހަމައެފަދައިން އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުންމިދާ ޢިމާރާތް މިއީވެސް މިރަށުގެ ރައްޔިތުން، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި، ރައްޔިތުންގެ އަމިއްލަ މަސައްކަތުން ތައްޔާރުކުރައްވައިފައިވާ ޢިމާރާތެއް. މިރަށުގެ މަކްތަބު ހިންގެވުމަށްޓަކައި، މި ޢިމާރާތް މިރަށުގެ ރައްޔިތުން ވަނީ ތައްޔާރުކުރައްވައިފައި.
 
އެހެންވީމާ، މިކަހަލަ މަތިވެރި ރޫޙެއް މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި އަށަގެންފައިވާތީ، އަދި އެ ރޫޙު ޢަމަލީ ސިފަޔަކަށް ތަރުޖަމާވަމުންދާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަގޫދޫގެ ރައްޔިތުންނަށް މުބާރަކުބާދީ އަދާކުރަން. އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން މަގޫދުއަށްވެސް ބައެއް ކަންތައް ހަމަޖެހިފައިވޭ. އާދެ، އެންމެ ބޮޑު ކަމަކީ ރަށުގެ އޮފީހެއް ޢިމާރާތް ކުރުން. މިރަށުގެ ރައްޔިތުންނަކީ ކަންދިމާވިގޮތުން އެހެން ރަށަކަށް ބަދަލުވާން ޖެހިފައި ތިބި ބައެއް. އެއްދުވަސްވަރެއްގައި އެހެން ރަށަކަށް ބަދަލުވެ، އެތާނގައި އެތަކެއް އަހަރު ހޭދަކުރުމަށްފަހު، އަނެއްކާ އެމީހުންގެ ވަޒަނަށް މިއަދު މިތިބީ އެނބުރި ރުޖޫޢަވެ. އެހެންވުމުގެ ސަބަބުން ރާއްޖެތެރޭގެ އާދައިގެ ރަށްރަށުގެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަށްވުރެ މަގޫދޫގެ ރައްޔިތުންނަށް އަދި މަގޫދޫ ކަހަލަ، މިދެންނެވި ގޮތުގެ މަތިން ރަށުން ފައިބައިގެން އެހެން ރަށަކަށް ގޮސް ދުވަސްތަކެއް ހޭދަކުރުމަށްފަހު، އެމީހުންގެ އަމިއްލަ ރަށަށް އެނބުރި އަންނަން ޖެހިފައިވާ މީހުންނަށް ދިމާވެފައިވާ ދަތިތައް މާގިނަ. ކޮންމެއަކަސް ހުރިހާ ކަމެއް މަގޫދޫގައި ވަނީ އަލުން ފަށަން ޖެހިފައި. ހުރިހާ އެންމެން ވަނީ އެމީހުންގެ އަމިއްލަ ގެދޮރު އަލުން ބިނާކުރަން ޖެހިފައި. ރަށުއޮފީސްވެސް އަލުން ޢިމާރާތް ކުރަން ޖެހިފައި. ރަށުކޯޓެއް އަލުން ހަދަން ޖެހިފައި. ކުރިޔަކުން ރަށުކޯޓެއް ނުވެސް ނެތްމެ. އާދެ، ކުރީގައި ހުންނަނީ ކޮންމެ އަތޮޅެއްގައިވެސް އަތޮޅުކޯޓެއް. އެކަމަކު އެކަން އެހެން އޮތުމުން، އަތޮޅުގެ ރައްޔިތުންނަށް ލިބޭ ދަތިތައް ގިނަކަމުން، ދާދިފަހުން ސަރުކާރުން ހަމަޖެއްސީ ކޮންމެ ރަށެއްގައިވެސް ރަށުކޯޓެއް ހިންގާގޮތަށް. އެއީ ކޮންމެ ރަށެއްގެވެސް ރައްޔިތުން، އެމީހުންނަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ހުށަހަޅާނޭ ތަނެއް އެރަށުގައި ނެތިއްޖެނަމަ، އެއީ އެމީހުންނަށް ކުރިމަތިވާ ވަރަށްބޮޑު ދައްޗަކަށްވާތީ.
 
އާދެ، އެހެންވީމާ، މިރަށުގައި ރަށުކޯޓެއްވެސް ހުންނަން އެބަޖެހޭ. ކުޑަކުދިންނަށް ކިޔަވައިދޭނެ މަކްތަބެއް ހުންނަން އެބަޖެހޭ. ނަމާދުކުރާނެ މިސްކިތެއް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ ހުންނަން އެބަޖެހޭ. އަޅުގަނޑުމެންގެ އަންހެނުން ނަމާދުކުރާނެ ނަމާދުގެއެއް ހުންނަން އެބަޖެހޭ. މިހުރިހާ ކަމެއްވެސް މިރަށުގެ މީހުން މުޅިން އަލުން ފަށަން ޖެހިފައިވަނީ. ކުރިން އަޅުގަނޑު އިޝާރާތްކުރި ފަދައިން، އެހުރިހާ ކަމެއްވެސް ވަރަށް އެކަށީގެންވާ ގޮތެއްގައި މިރަށުގެ ރައްޔިތުން ކުރިއަށް އެބަގެންދަވާ. އެކަން ދައުލަތުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރޭ.
 
އާދެ، ރަށުގެ އޮފީސް ޢިމާރާތް ކުރުން ހިމެނިފައިވަނީ މިދެންނެވި، ރާއްޖެތެރެ ކުރިއެރުވުމުގެ މަޝްރޫޢުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި. އެހެންވީމާ، އެކަން މިހާރު ވަރަށް ރަނގަޅަށް ކުރެވެމުން އެބަދޭ. ނިމުމަކާ ހަމަޔަށް ހިނގައްޖެ. އާދެ، މިވަގުތު ސަރުކާރުން އެންމެ ބޮޑަށް އަހަންމިއްޔަތުދޭ އަނެއްކަމަކީ، ރާއްޖޭގެ ތަޢުލީމް. ތަޢުލީމަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވަޒަން ކުރެއްވޭނެ ފަދައިން، އެޔާނުލައި އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެ ކަމެއް. ކޮންމެ ރަށެއްގައިވެސް، އެރަށުގެ ކުދިންނަށް، ކިޔަވާ ޢުމުރުގައި ތިބޭ ކުދިންނަށް ކިޔަވައިދޭނެ ތަނެއް ހުންނަންޖެހޭނެ. އެތަނަކީ މާމަތީ ފެންވަރެއްގެ ތަނަކަށްވުން ކޮންމެހެން ލާޒިމެއް ނޫން. އަޅުގަނޑުމެންގެ ފެންވަރު ހުންނަގޮތުން އެތަނަކީ ކުލާހެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ނުވަތަ މަކްތަބެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ނުވަތަ މަދަރުސާއެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ވާހަކަޔަކީ އަޅުގަނޑުމެންގެ ޅަދަރިންނަށް ކިޔަވައިދޭނެ ކޮންމެވެސް ތަނެއް ހުންނަންޖެހޭނެ. އެއީ އެކުދިން ބޮޑުވެގެން ރާއްޖެއަށް ފައިދާކުރާނެ އަދި އެމީހުންގެ އަމިއްލަ ރަށަށް ފައިދާކުރާނެ ބައެއް ކަމުގައިވާނީ އެކުދިންނަށް އެދެވޭ ފެންވަރަކަށް ތަޢުލީމް ދެވިގެން. މިގޮތުން ރާއްޖެތެރޭގައި ތަޢުލީމުގެ ޚިދުމަތްތައް ފެތުރުމަށްޓަކައި ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަގެންދޭ. އޭގެތެރެއިން އެންމެބޮޑު އެއް މަސައްކަތަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް ހުޅުވުން. އަދި އެ ސްކޫލް ސަރުކާރުގެ ޚަރަދުގައި ހިންގަމުން ގެންދިޔުން. މިއަތޮޅު މަނަދޫގައި އެފަދަ ސްކޫލެއް މިހާރު ހިނގަމުން އެބަދޭ. އަދި ކަންދިމާވިގޮތުން އެ ސްކޫލް، ނ. އަތޮޅުގެ ޕްރައިމަރީ ސްކޫލް ހިމެނުނީ މިދެންނެވި މަޝްރޫޢުގެ ދަށުން ސަރުކާރުން ހުޅުވާ އެންމެ ފުރަތަމަ ސްކޫލް ކަމުގައި. އާދެ، އަދި އެސްކޫލެއް ހުޅުވައިދިނުމުގެ ޝަރަފް އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނު ސްކޫލް ކަމުގައި. 1979 ވަނަ އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހު މިއަތޮޅު މަނަދޫގައި އަޅުގަނޑު މިއަތޮޅުގެ ޕްރައިމަރީ ސްކޫލް ހުޅުވައިދިނީ. އޭގެއިތުރުން އަމިއްލަ މަކްތަބުތަކާއި، މަދަރުސާތަކުގެ ތެރެއިން މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގާފައިވާ ތަންތަނަށް ސަރުކާރުން އެހީވަމުން އެބަގެންދޭ. އާދެ، އެއީ އެމީހުން އަމިއްލައަށް އެކުރާ މަސައްކަތަށް ސަރުކާރުން ހިތްވަރު ދިނުމުގެ ގޮތުން. ތަޢުލީމުގެ މުހިންމުކަން ބޮޑުކަމުން. ސަރުކާރުން އެދެވޭ ފެންވަރަކަށް އެހީވެދީގެން ނޫނީ އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ކަންތައްތައް ހުރިގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރާއި ކަންތައްތައް ކުރުމުގެ ލިޔާޤަތްތެރިކަން ހުރިވަރުން ކުރިއަށް ނުގެންދެވޭނެތީ. އެހެންވީމާ، 10 އަހަރު ވަންދެން ހިނގާފައިވާ ހުރިހާ އަމިއްލަ މަދަރުސާތަކަށާއި، މަކްތަބުތަކަށާއި، ކްލާސްތަކަށް މިހާރުދަނީ ސަރުކާރުން އެހީވަމުން. އެގޮތުން މިހާރު އަށްޑިހަވަރަކަށް ތަނަށް ސަރުކާރުން އެހީވަމުން އެބަގެންދޭ.
 
އާދެ، މިހުރިހާ ކަންކަމަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ކުރާ މަސައްކަތަކުން އަދި އަޅުގަނޑުމެންގެ ރަށް ކުރިއަށް ގެންދެވޭނީވެސް ރަށުގެ ރައްޔިތުން އެކަމަށްޓަކައި ކުރާ މަސައްކަތަކުން. އަޅުގަނޑުމެން އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ކަމަށްވަންޏާ ދުވަހަކުވެސް އަޅުގަނޑުމެން ކުރިޔަކަށް ނުދާނެ. ހުރިހާ ރޮނގަކުން އަޅުގަނޑުމެން މިއަދު ވަނީ ކުރިއަށްދާން ޖެހިފައި. އެންމެ ބޮޑަށް އިޤްތިޞާދީ ގޮތުން. އިޤްތިޞާދީ ގޮތުންނޭ މިދެންނެވީ ދިރިއުޅުމުގެ ތަނަވަސްކަން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ދަރަޖަޔަކަށް ގެންދެވޭނީ އެރޮނގުން މަސައްކަތް ކޮށްގެން ކަމަށްވާތީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ދިރިއުޅޭ ބައެއް. މަސައްކަތް ކުރުމަކީ ދެރަ ކަމެއް ނޫން. މަސައްކަތް ކުރުމަކީ ޝަރަފެއް. މަސައްކަތް ކުރުމަކީ މާތްކަމެއް. އެއީ އެކަމަށްޓަކައި ދީނުގައިވެސް ޚާއްޞަ ޤަދަރެއް ދެއްވައިފައިވާ ކަމެއް. ކޮންމެ މީހަކުވެސް ތިމާ ދިރިއުޅެން މަސައްކަތް ކުރުމަކީ އެމީހަކަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. އެ މަސައްކަތަކީ ކޮންމެ ކަހަލަ މަސައްކަތަކަށްވިޔަސް އެންމެ ރަނގަޅު. މިދެންނެވީ ދީނުގައި ހުއްދަ ކުރެވިގެންވާ މަސައްކަތުގެ ތެރެއިން ކޮންމެ މަސައްކަތެއް ނަމަވެސް، ތިމާގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރުމަކީ އެންމެ ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. އެއީ، ޤުދްރަތީ ގޮތުން ރާއްޖެ އޮތް ގޮތުންނާއި، އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުގައި اللّـه سبحـانـه وتعـالى ލައްވައިފައިވާ ޚަޒާނާގެ ބޮޑުކަމުން އެންމެ ފައިދާހުރި މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވެން އޮތީ މަސްވެރިކަން ކަމުގައިވާތީ.
 
އެހެންވީމާ، މަސްވެރިކަން އެއީވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތް. މަސްވެރިކަން ނުކުރެވޭ ރަށްރަށުގައި އެކިއެކި ސަބަބުތަކާހުރެ އެނޫން އެހެން މަސައްކަތްތައްވެސް ކުރަމުންގެންދޭ. އަދި ކުރަމުން ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެއް. މަގޫދޫގައިވެސް އަޅުގަނޑު ހިތުން މިހާރު މާ އެކަށީގެންވާ ދަރަޖަޔަކަށް މަސްވެރިކަމެއް ނުކުރެވޭ. ސަބަބުތަކެއްވެސް ހުރެގެން. އެހެންވީމާ، މިރަށުގެ ރައްޔިތުން އެނޫން އެހެން މަސައްކަތްތައް ކުރަމުން އެބަ ގެންދަވާ. ފަންގިވިނުން، ރޯނުވެށުން، އުވަދެވުން. މިކަހަލަ މަސައްކަތްތައް ކުރައްވައިގެން، ރަށުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ދިރިއުޅުން މިހާރަށްވުރެ ތަނަވަސް ކުރެއްވޭތޯ އެބަ ބައްލަވާ. އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން މިއަދު ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް ވަނީ އިތުރުކުރަން ޖެހިފައި. މަސައްކަތް އިތުރުކޮށްގެން ތިމާއަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ކުރަން ބޭނުންވެއްޖެ ކަމެއް.
 
އާދެ، އަޅުގަނޑުމެންގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އަޅުގަނޑުމެން ކައިބޮއި އުޅެނީ، އަޅުގަނޑުމެން ބަލިވެއްޖެނަމަ ބޭސްފަރުވާކުރަނީ، އަދި އަޅުގަނޑުމެން ބޭނުންވާ ހެދުން، ފޭރާން ހޯދަނީ އަދި އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމުދީ ހަދަނީ އަދި އެނޫންވެސް ދުނިޔޭގެ ޙަޔާތުގައި ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގު ބޮޑުވަމުންދަނީ ވަރަށް ހަލުވިކަމާއެކު. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ބޭރު ޤައުމުތަކުން އެއްޗެތި އެތެރެކޮށްގެން، އޭގެ ބޭނުންކުރަމުންދާ ބައެއް. އެހެންވީމާ، ބޭރު ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުބޮޑުވެއްޖެ ކަމަށްވަންޏާ، ހަމަ އެގޮތުގެ މަތިން ރާއްޖޭގެ ބާޒާރުގައިވެސް އެތަކެތީގެ އަގުބޮޑުވަމުންދާނެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވަރަށް ފުންކޮށް އިޙްސާސް ކުރެވޭ ކަމެއް. ކާބޯތަކެތީގެ އަގުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް. ސަރުކާރުން ވަރަށްމަތީ ދަރަޖަޔަކަށް މަސައްކަތްތަކެއް ކޮށްގެން، ކާބޯތަކެތީގެ އަގު ވަކި ހިސާބެއްގައި ހިފަހައްޓައިފައި އޮންނަނީ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، އަޅުގަނޑުމެން ރާއްޖޭގައި ކާބޯތަކެތީގެ އަގު މާހެޔޮ. އަޅުގަނޑުމެންގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކަށް ބެލިޔަސް، ހަނޑުލުގެ އަގުވެސް، ފުށުގެ އަގުވެސް އަދި ހަކުރުގެ އަގުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ލިބެން ހުންނަނީ، އެތަންތާނގައި ލިބެން ހުންނަ ވަރަށްވުރެ މާ އަގުހެޔޮކޮށް. އެއީ ސަރުކާރުން އެކަމަށްޓަކައި ކުރާ މަސައްކަތްތަކެއްގެ ބޮޑުކަމުން. އެކަމަކު އެވެސް ދަނީ ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް، އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އަދި ކާބޯތަކެތި ފިޔަވައި ބޭނުންވާ އެހެން ތަކެތިވެސް، އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ އެހެން ތަކެތިވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އަގުބޮޑުވަމުން. އެހެންކަމަށްވަންޏާ އަޅުގަނޑުމެން މިހާރު މި ދިރިއުޅޭ ފެންވަރުގައި ތިބެވޭނީވެސް އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރުކޮށްގެން. އަދި އެ މަސައްކަތުން ލިބޭ އެއްޗެއްވެސް އިތުރުކޮށްގެން.
 
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު އަހަންމިއްޔަތެއް ދޭންވެއްޖެއޭ. މިހާރު މިކުރާވަރަށް މަސައްކަތް ކޮށްގެން ކުރިއަށް ދެވޭކަށެއް ނޯންނާނެއޭ. ކޮންމެ މީހަކުވެސް ދިރިއުޅުއްވުމަށް މިހާރު އެކުރާ މަސައްކަތް، އެއަށްވުރެ ބޮޑަށް ކުރަންވެއްޖެ. އެއަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންވެއްޖެ. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައިގެން، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދެވޭތޯ ބަލަންވެއްޖެ. އަދި އަޅުގަނޑުމެންގެ ރަށުގެ ފެންވަރު މައްޗަށް ގެންދެވޭތޯވެސް ބަލަންވެއްޖެ. އެގޮތަށް މަސައްކަތްކުރާ ކަމަށްވަންޏާ، އޭގެ ފައިދާ އެ ލިބެނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރަށަށް. ބޭރު ބަޔަކަށް ނޫން.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން އޮތް ވާހަކަޔަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން އެއީ ވަރަށް އެކުވެރި ރަޙްމަތްތެރި އުޚުއްވަތްތެރި ގުޅުމަކަށްވާންޖެހޭނޭ. އަޅުގަނޑުމެންނަކީ މުސްލިމުން. މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގެ އަހުލުވެރިންނަކީ އެއްބަނޑުއެއްބަފާ ބައެއް. اللّـه سبحـانـه وتعـالى އަޅުގަނޑުމެން ލައްވައިފައިވަނީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭކަހަލަ ގުޅުން. އެކުވެރިކަމާއި އެހީތެރިކަމުގެ ގުޅުން. އޯގާވެރިކަމާއި ލޯބީގެ ގުޅުން. ކޮންމެ މީހަކުވެސް އެހެން މީހުންނަށް އިޙްތިރާމް ކުރުމުގެ ގުޅުން. ތިމާގެ އަމިއްލަ ކަންތައްތަކަށް ތިމާ ފަރުވާތެރިކަން ބަހައްޓާ ފަދައިން، އެހެން މީހުންގެ ކަންތައްތަކަށްވެސް ފަރުވާތެރިކަން ބަހައްޓަންވާނެ. ތިމާގެ އަމިއްލަ މުދަލަށާއި، ތިމާގެ އަމިއްލަ ޙައްޤުތަކަށް ތިމާ ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ މުދާތަކަށާއި، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެ. އެއްވެސް ސަބަބަކާހުރެ، އަޅުގަނޑުމެންގެ މެދުގައި ޙަސަދަވެރިކަމެއް، ރުޅިވެރިކަމެއް، ފިތުނަވެރިކަމެއް އުފެދުނަދީގެން ނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ ފިސާރި ތެދުވެރި އަޚުންތަކެއް ކަމުގައި. އަޅުގަނޑުމެންގެ ބަހާއި ޢަމަލު އެއްގޮތްކުރާ ބައެއް ކަމުގައި. ހަމައެކަނި އަޅުގަނޑުމެންގެ ދުލުން އަޅުގަނޑުމެންނަކީ އަޚުންތަކެކޭ ބުނެފައި، އަޅުގަނޑުމެންގެ ޢަމަލުތައް އެޔާ ޚިލާފަށް ހުންނަ ކަމަށްވަންޏާ އެއީ އަޅުގަނޑުމެން ފަހަރެއްގައިވެސް ނުވާނެ ތެދުވެރި މުއުމިނުން ކަމުގައެއް.
 
އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަޅުގަނޑުމެން އެންމެންވެސް އެކުވެރިވާން. އެއްބަނޑުއެއްބަފާ ބަޔަކަށްވާން. އަދި ރައްޔިތުންނާއި ވެރިންނާ ދެމެދުގައި އޮންނަ ގުޅުންވެސް އެއީ ވަރަށް ހަރުދަނާ ވަރުގަދަ އިޚްލާޞްތެރި ގުޅުމެއް ކަމުގައި ހެދުން. ވެރިންނާއި ރައްޔިތުންނާ އެކުވެގެން ނޫނީ އަޅުގަނޑުމެންގެ ރަށުގެ ކަންތައްތައް ކުރިޔަކަށް ނުގެންދެވޭނެ. ރައްޔިތުން ކަންތައްތައް ކުރައްވަންވާނީ ވެރިންގެ އިރުޝާދުގެ މަތިން. ވެރިން ކަންތައްތައް އެ ގެންދަވަނީ ސަރުކާރުގެ އިރުޝާދުގެ މަތިން. އެހެންވީމާ، ސަރުކާރާއި ރަށުގެ ވެރިންނާއި، ރަށުގެ ރައްޔިތުންނާ، މި ތިން ފަރާތް ފިސާރި ވަރުގަދަޔަށް ގުޅިގެން، އެކުވެރިވެގެން ރަށުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މަގޫދޫގެ ރައްޔިތުންގެ ފަރާތުން އަދި މަގޫދޫގެ ވެރިންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ވަރަށް އެކަށީގެންވާ، ވަރަށް ހޫނު ތަރުޙީބަށްޓަކައި ހިތުގެ އެންމެ އަޑިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު މިރަށަށް މި ޒިޔާރަތްކުރީ، ކުރިންވެސް ދެންނެވި ފަދައިން، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް އެއީ ކޮންކޮން މަސައްކަތްތަކެއްތޯ ބަލައި، އެކަންކަމުގައި އެއްވެސް އެހީއެއް ވެވެން އޮތް ކަމުގައިވާނަމަ އެހީވެދިނުމަށްޓަކައި. އެހެންވީމާ، މިމުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން، ރަށުގެ ރައްޔިތުން މިހާ ރަނގަޅަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަވައިފައިވާތީ، ރަށުތެރެ ޒީނަތްތެރި ކުރައްވައި، ޖަލްސާކުރާތަންވެސް ޒީނަތްތެރި ކުރައްވައި، އަދި މިދުވަހަށް އެހާބޮޑު އަހަންމިއްޔަތެއް ދެއްވައިފައިވާތީ، އެކަމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދައުލަތުގެ ނަމުގައި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 

                     والسّلام عليكم ورحمـة اللّـه وبركاته .