بســم اللّـه الرّحمـن الرّحيــم        

        اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ ފުރަތަމަ އުފަލެއް ކަމުގައި މި ދެކެނީ، މިދިގު ރާސްތާގައި އަޅުގަނޑުމެންގެ އެންމެ މުހިންމު ޞިނާޢަތު، އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތުގައި ވޭތުވެދިޔަ 50 އަހަރުގެ ދިގު ޚިދުމަތުގެ ގިނަ ޚިދުމަތްތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދެންނެވުން. އާދެ، ގިނަ ޚިދުމަތްތެރިންނޭ މި ދެންނެވީ އެއަރޕޯޓްގެ އެއްވެސް މުވައްޒަފަކު އެއްގޮތަކަށްވެސް ބާކީކޮށްފައެއް ނޫން. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވަނީ، މި މަސައްކަތަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެ 50ގެ އަހަރުތަކާއި، އަޅުގަނޑުމެންގެ މިނިވަންކަމުގެ ހަނގުރާމަޔާ ގުޅިގެން އުފެދޭ ކަމަކަށްވާތީ، ގިނަ ޚިދުމަތްތެރިންނޭ މިދެންނެވީ، އޭގެފަހުން މި ކުންފުނީގައި އެންމެގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން.
 
އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، 35 އަހަރަށްވުރެން އިތުރު، ނޫނިއްޔާ ދިގު މުއްދަތުގައި އެއަރޕޯޓަށް، ނޫނިއްޔާ މި ޞިނާޢަތަށް ޚިދުމަތް ކުރައްވާފައި ތިއްބެވި އަގުހުރި އަޅުގަނޑުމެންގެ މުވައްޒަފުންތަކެއް، ކުންފުނީގެ ވެރިން، އަދި އެހެން ފެންވަރުގެ މުވައްޒަފުން. އާދެ، މިހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ޝުކުރު މި ދަންނަވަނީ، މި އެއަރޕޯޓަކީ، ނޫނީ އެއަރޕޯޓް ކުންފުންޏަކީ، އެއަރޕޯޓް ކުންފުނިންދޭ ޚިދުމަތަކީ، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚު، ނޫނީ އިޤްތިޞާދީ ތާރީޚުގެ ފުރަތަމަ ޞަފްޙާ ލިޔެދިން މަސައްކަތަށްވާތީ. އާދެ، އަޅުގަނޑުމެންނަށް ވީޑިއޯގެ ޒަރީޢާއިންވެސް ފެނިގެން އެދިޔައީ، އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ކުންފުނީގެ ސީ.އީ.އޯ ޢާދިލް މޫސާގެ ވާހަކަފުޅުގައިވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، މި އެއަރޕޯޓް ފެށިގެން އައިގޮތް.
 
އާދެ، ޝައްކެއްވެސްނެތް، އަޅުގަނޑުމެން މިނިވަންކަމުގެ 50 އަހަރު ހޭދަކުރުން ފާހަގަކުރީ މިދިޔަ އަހަރުގެ ތެރޭގައި. އެޔާއެކީ ކޮންމެގޮތެއްވެސް ހެޔޮނޫން ކަމުގައި އޭރު އަޅުގަނޑުމެންނަށް، ދިވެހިންނަށް ދަސްކޮށްދެއްވީ، އޭރު އަޅުގަނޑުމެންގެ ޒަޢާމަތާ ޙަވާލުވެވަޑައިގެންނެވި ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. އެމަނިކުފާނަކަށް އެއްގޮތަކަށްވެސް ފަސޭހަފުޅެއްނުވި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް، ދިވެހި ދައުލަތަށް އޭރު އަންނަ ގޮންޖެހުންތައް އައުން ތަޙައްމަލް ކުރައްވާކަށް. އަޅުގަނޑުމެންގެ ދަތުރުގެ ކައްޕިތާނެއްގެ ގޮތުގައި ހުންނަވައިގެން، އަޅުގަނޑުމެން އަމާން އައްސޭރިއަކަށް ގެންދެވުމުގައި އެމަނިކުފާނުގެ ޢަޒުމް ވަރުގަދަ. އެންމެ ފުރަތަމަ ޖަދަލުކުރައްވަން ޖެހުނު ކަންތައްތަކުގެ ތެރޭގައި، ޖަދަލުކުރައްވަން ޖެހުނީ، އޭރު އަޅުގަނޑުމެން ރާއްޖެއިން ބޭރަށް އެއްވެސް ކަމެއްގައި ދާންޖެހޭކަމަށްވަންޏާ، އައްޑުއަތޮޅަށް ގޮސްފައި، އައްޑުއަތޮޅު އެއަރޕޯޓުން ކޮންމެވެސް ބައެއްގެ މަތިންދާބޯޓުގައި އަޅުގަނޑުމެން ފުރައިގެން ސިލޯނަށް މި ދާންޖެހެނީ. އޭރު އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް މައި ދޮރާށްޓަކީ ސިލޯނު. މިއީ އަޅުގަނޑުމެންގެ ޙާލަތު، މީގެ 50 އަހަރު ކުރިން އޮތްގޮތް. އެހެންވީމާ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވިގެން، އަދި އިޙްތިޖާޖުގެ ޝުޢޫރެއްގައި ފެށްޓެވި މަސައްކަތެއް، ދިވެހިރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ގެންނަވަން ކުރެއްވި މަސައްކަތެއް. އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން އަޅުގަނޑުމެން އެއަރޕޯޓެއް އަޅައި، އަދު އެއަރޕޯޓްގެ ވާސިޠާގެ ތެރެއިން ދިވެހިރާއްޖެ، އާ، ނޫނީ މިޒަމާނުގެ އިޤްތިޞާދަކަށް ހުޅުވައިލައްވަން ކުރެއްވި މަސައްކަތް.
 
އެހެންނަމަވެސް، މި މަސައްކަތަކީ އޭގެ ޒާތުގައި އިޤްތިޞާދީ މައި މަސައްކަތަކަށްވުމުގެ އިތުރަށް، އެމަނިކުފާނުގެ ހިތްޕުޅުގައި އޭރު އޮތް އެންމެ ވަރުގަދަ ޢަޒުމަކަށް ވެގެންދިޔައީ، ހަމަ އިނގިރޭސިންނަށް ގޮންޖަހާލުން. އިސްތިޢުމާރުގެ އެންމެ ވަރުގަދަ ބާރަށް ގޮންޖަހާލުން، އެމަނިކުފާނުގެ ޢަޒުމަކަށްވީ. އަޅުގަނޑުމެންނަށް ތާރީޚުގައި އޭރު ފެންނަންހުރި، އެކި ދިމަދިމައިގައި އޭރުގެ ޒަޢާމަތާއި، އޭރުގެ އިސްތިޢުމާރުގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އިނގިރޭސިންގެ ފަރާތުން ތޮޅެމުން ގެންދިޔަތަން. އަޅުގަނޑުމެންނާ ތޮޅުނީ ހަމައެކަނި ޕޯޗްގީޒުންނާއި މަލާބާރީންނެއް ނޫން. އަޅުގަނޑުމެންގެ މިޒަމާނުގެ ތާރީޚުގެ އެންމެ ވަރުގަދަ ގޮންޖެހުންތަކެއް އައިސްފައި މިއޮތީ، އަޅުގަނޑުމެން އެބައެއްގެ ފަރާތުން އަޅުގަނޑުމެންގެ ސިޔާސީ ފުރިހަމަ މިނިވަންކަން ޙާޞިލުކުރި، މިދިޔަ އަހަރު، 50 އަހަރު ފުރުނު މުނާސަބަތު އިޙްތިފާލުކުރާ އިނގިރޭސިންގެ ފަރާތުން މިދެންނެވި ކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ސަލާމަތްވީމު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މުޅިން އޭރު މިއޮތީ އިނގިރޭސިންނާ ބަރޯސާވެފައި. އިނގިރޭސިންގެ ތެރެއިން ނޫންގޮތަކަށް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެއްވެސް މުޢާމަލާތެއް ކުރުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނުލިބޭ. މިކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންގެ ނިކަމެތިކަން، އަޅުގަނޑުމެން އަޅުވެތިކަމުގައި ތިބޭއިރު އަޅުގަނޑުމެން ތަޙައްމަލް ކުރަންޖެހުނު ދަތި ކަންތައްތައް. އެހެންވީމާ، ސްޓެޓަސްކޯއަކީ ގަބޫލުކުރާ އެއްޗެއް ނޫންކަމަށް، ކޮންމެ ގޮތެއް ހެޔޮނޫންކަމަށް އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ، އެންމެ ވަރުގަދަ ފިލާވަޅެއް ނަންގަވައިދެއްވި ފަހު ތާރީޚުގެ ލީޑަރަކީ ހަމަ ޙަޤީޤަތުގައިވެސް އިބްރާހީމް ނާޞިރު. އެހެންވީމާ، އެމަނިކުފާނުގެ ނަންފުޅުން މި އެއަރޕޯޓަށް ނަން ދިނުމަކީ، އަޅުގަނޑު ހިތުން ހަމަ ވަރަށް މުނާސަބު ކަމެއް. އެހެންވީމާ، އެހިސާބުން އަޅުގަނޑުމެންގެ މިނިވަންކަމާ ގުޅިފައި އޮތް ދަތުރެއް، އަޅުގަނޑުމެން މިހާރު މި އެއަރޕޯޓް ހުޅުވިގެންދާއިރު، އަޅުގަނޑުމެންނަށް މި ލިޔާ ޞަފްޙާ މި ލިޔެމުންދަނީ. އޭގެ ނަތީޖާއަކަށް ޝައްކެއްވެސްނެތްގޮތުގައި، ވެގެންދިޔައީ އިނގިރޭސިންވެސް ގަބޫލުކުރި، ދިވެހިރާއްޖޭގެ މިނިވަންކަން މިހާރު އެބަ އަންނަންޖެހޭކަމަށް. އަޅުގަނޑުމެންގެ މިނިވަންކަމުގެ މަސައްކަތްތަކަށްވެސް ފަސޭހަވެގެންދިޔަ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި، ފުރަތަމަފަހަރު ޞަފްޙާތައް ލިޔެވެން ފެށީ މި މަސައްކަތުގައި، ނޫނީ މި ޖިހާދުގެ ތެރެއިން.
 
އަޅުގަނޑުމެންނަށް ވީޑިއޯގައި ފެނިގެން މިދިޔައީ، މި މަސައްކަތަކީ ސަތޭކަ ފަންސާހަކަށް މީހުން ފެށި މަސައްކަތެއްކަންނޭނގެ. އެހެންނަމަވެސް، އޭގެފަހުން ނިމިގެންދިޔައިރު، ރާއްޖޭގެ ކުދިބޮޑު ހުރިހާ އެންމެން، ވަކި އިސްތިސްނާއެއްނެތި، އެންމެމަތީ ފެންވަރުގައި ތިއްބެވި ދައުލަތުގެ ވެރިންވެސް، މި މަސައްކަތުގައި ހަމަ އަތުކުރިއޮޅާލައިގެން، ފޫގަޅާލައިގެން މަސައްކަތް ކުރެއްވި ވަރުގަދަ ޖިހާދެއްގެ ގޮތުގައި. ޢަޒުމް ވަރުގަދަ މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ފެނިގެން މިދިޔައީ. އަދި އެޔާއެކީ އަޅުގަނޑުމެންނާއެކީ މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވި، އޭރު ސަމާސާގެ ގޮތުން ނަމަވެސް، އަދި ދުއްތުރާ ކުރުމުގެ ގޮތުން ނަމަވެސް، އިނގިރޭސިންނާ އެކިފެންވަރަށް ތޮޅުއްވި ބޭފުޅުން. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވި، ހަމަ ހެޔޮޙާލުކޮޅުގައި ދުނިޔޭގައި އެބަ ތިއްބެވި. އެބޭފުޅުންގެ ޒިކުރާވެސް އަޅުގަނޑުމެން ހަމަ އާކުރަންވާނެ. އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުވެސް އަޅުގަނޑުމެން އާކުރަންވާނެ.
 
މިކަހަލަ ވަރުގަދަ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިއައީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަމުގެ ފުރަތަމަ ބިންގާ އެޅިގެންދިޔަތަން. ޝައްކެއްވެސްނެތްގޮތުގައި، މިނިވަންކަމަށް ޖަދަލުކޮށްލުމުގެ ގޮތުން ކުރެވުނު މަސައްކަތެއްގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިޒަމާނުގެ އިޤްތިޞާދަކަށް ދިވެހިރާއްޖޭގެ ފުރަތަމަ ޞަފްޙާ ލިޔެވިގެން މިއައީ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް އުފެދުމާ ގުޅިގެން. ވަރަށްގިނަ ޚިދުމަތްތެރިންގެ މަސައްކަތްޕުޅުތަކެއް މީގެތެރޭގައި ހިމެނިގެންދިޔައީ. އެންމެ އިސް މާލިމީއެއްގެ ގޮތުގައި ޝައްކެއްވެސްނެތްގޮތުގައި، އޭރުގެ ރައީސް އިބްރާހީމް ނާޞިރު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯތަކުންވެސް އިބްރާހީމް ޝިހާބް ކަހަލަ އޭރުގެ ހަމަ އެންމެ ވަރުގަދަ ހުރިހާ ފަހުލަވާނުން މި މަސައްކަތްޕުޅުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި.
 
އެޔާއެކީ އަޅުގަނޑުމެން ވީޑިއޯގައި އަޑުއެހިގޮތުގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މިޒަމާނުގެ ހުރިހާ މަސައްކަތެއް ފެށިގެން މި އަންނަނީ. ހަމައެކަނި ދިވެހިރާއްޖެ، ބޭރުގެ ފަތުރުވެރިންނަށް ތަޢާރުފްވުމެއް ނޫން. ދިވެހިރާއްޖޭގެ ޞިނާޢީ ބޮޑެތި މަސައްކަތްތަކާއި، ބިން ބޮޑުކުރުމަކީ ކުރެވިދާނެ ކަމެއްކަމާއި، ފަޅުތައް ހުންނަ ތިލަމިނުން އަޅުގަނޑުމެން ބޭނުން މިންވަރަކަށް ފުންކުރުމާ، މިކަހަލަ އެތައް ބޮޑެތި ޞިނާޢީ މަސައްކަތްތަކެއް ފެށިގެން މިއައީ މި އެއަރޕޯޓްގެ މަސައްކަތާއެކީ. ދިވެހިންނަށް ގަބޫލުކުރެވުނު، މި އެއަރޕޯޓްގެ މަސައްކަތް އަޅުގަނޑުމެންނަށް ކޮށް ނިންމައިލެވުނީމަ، އަޅުގަނޑުމެންނަށް ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެކަން. އަދި ޓުއަރިޒަމްގެ މަސައްކަތް ފެށިގެން އައިއިރު، އޭރު ދައުލަތުން މިކަހަލަ ކަންކަމުގެ އެކިފަރާތްތަކުގެ ޚިޔާލު ހޯއްދަވަމުން ގެންދެވި، ލަފާ އައްސަވަމުން ގެންދެވި. އަޅުގަނޑާ ހަމަޔަށް އާދޭ. މިހާރުވެސް އެ ލިޔުން އެބައޮތްކަންނޭނގެ، ރައީސް އޮފީހުގައި ކޮންމެވެސް ހިސާބެއްގައި ރައްކާތެރިކަމާއެކީ ބޭއްވިފައި. ޓުއަރިޒަމްގެ ޞިނާޢަތުގައި ޝައްކެއްވެސްނެތް، އުޅުއްވާ ހުރިހާ ބޭފުޅުންނަށް މި ވާހަކަ އެނގިވަޑައިގަންނަވާނެ. އޭރު އެންމެ އިސްވެ އަޅުގަނޑުމެންނަށް ޓުއަރިޒަމްގެ ޞިނާޢަތުގެ ކުރިއެރުން، ދިވެހިރާއްޖޭގައި ކިހާ މިންވަރަކަށް ޙާޞިލު ކުރެވިދާނެތޯ، ދިވެހި ދައުލަތުން ކުރަން ބޭނުންވި ދިރާސާއެއްކޮށްދިނީ އިނގިރޭސިވިލާތުގެ މީހެއް ނޫނީ ބައެއް. އެ ބައެއްގެ ރިޕޯޓްގައި ނިންމުމަކީ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގައި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއް ނޫނޭ. ކިހިނެއްހޭ ޓުއަރިޒަމްގެ ޞިނާޢަތް ދިވެހިރާއްޖޭގައި ކާމިޔާބުކަމާއެކީ ކުރާނީ؟ އެއީ ދިވެހިރާއްޖެއަށް ހުރިހާ އެއްޗެއްވެސް ޖެހޭނީ އިމްޕޯޓްކުރާށޭ. ހުރިހާ އެއްޗެއް އިމްޕޯޓް ކުރަންޖެހޭ. ހުރިހާ ފަންނެއް އަޅުގަނޑުމެން ދަސްކުރަންޖެހޭ. މިޒަމާނުގެ އެއަރޕޯޓަކަށް ބޭނުންވާ ސޮފިސްޓިކޭޓަޑް މަސައްކަތް ދިވެހިންނަށް ކުރެވިދާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ، ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ވަރަށް އާދައިގެ ގޮތަކަށް ފެށުނު ޓުއަރިޒަމްގެ ޞިނާޢަތާ ދޭތެރޭގައި، އޭރު ސަރުކާރަށް ލަފާދިން މުޝީރަކު ލަފާދީފައި މިއޮތީ، ދިވެހިރާއްޖޭގައި ކާމިޔާބުކަމާއެކީ ޓުއަރިޒަމް ނުގެންދެވޭނެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިކަހަލަ ކަންކަމުގައިވެސް ދިވެހިންގެ ޢަޒުމެއް އޮތްކަން، މިޞްރާބެއް އޮތްކަން. އެޔާއެކީ މަސައްކަތް ކުރީމަ، މިއަދު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ފާހަގަވެގެން މިދަނީ. އަދި ހަމައެހެންމެ، މި އެއަރޕޯޓަކީ، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަނުން އަޅުގަނޑުމެންނަށް އެނގިގެންދިޔަ ގޮތުގަޔާއި އަދި އެމް.ޑީ.ގެ ވާހަކަފުޅުގައި، ސީ.އީ.އޯ.ގެ ވާހަކަފުޅުގައި އެނގިގެންދިޔަގޮތުގައި، އެކި ފަންނުތަކުން، އެކި ގިންތިތަކުން އެންމެ މަޤްބޫލު އެއަރޕޯޓެއްގެ ނަޒަރުން އެމް.ސީ.އެލް، ނޫނިއްޔާ އަޅުގަނޑުމެންގެ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިވަނީ ލިބިފައި. މި މަސައްކަތުގައި އުފަލާއެކީ އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، ހުރިހާ ދިމާއެއްގައި ފަންނީ މަސައްކަތުގައި މި އުޅުއްވަނީ ހަމަ ދިވެހި މުވައްޒަފުން. ދެހާހެއްހާ ގިނަ މުވައްޒަފުން. އަދި ހަތަރުސަތޭކައަށްވުރެ ގިނަ އަންހެން ކަނބަލުން އޭގެތެރޭގައި ހިމެނޭ. މި ޝަރަފްވެރި މަސައްކަތްތަކުގައި ހަމަ މުޅިންހެން މިއުޅެނީ ދިވެހިން.
 
އެހެންވީމާ، އެންމެ ޒަމާނީ ވަސީލަތްތަކާއެކީ މި ހިންގާ އެއަރޕޯޓްގައިވެސް އަޅުގަނޑުމެން މިކަން މިކުރަނީ މިގޮތަށް. އެހެންނަމަވެސް، އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަނެއްކާވެސް ހަމަ ކެޕްޓަން އެނައުންސް ކުރާނެ، ޓަރބިއުލެންޓް ވެދަރ އެހެޑް، ގްރޭސް ޕޮޒިޝަން. ނޫނިއްޔާ ޝީޓް ބެލްޓް އަޅާށޭ. އެއަށްވުރެ ދިގު ދަތުރެއް، އެއަށްވުރެ އުނދަގޫ ދަތުރެއް ޓަރބިއުލެންޓް ވެދަރގައި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަދު ފަށްޓައިގެން މިއުޅެނީ. އެހެންވީމާ، މި އެއަރޕޯޓަކީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަޞައްވުރުގެ އުންމީދުގެ ހުވަފެނުގެ ފެށުން. މިހިސާބުން ފެށިގެން އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވަނީ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެއަރޕޯޓަށް މިޒަމާނަށް ބޭނުންވާ ހުރިހާ ތަރައްޤީތަކެއް މިވަނީ ގެނެސްދެއްވާފައި. އެހެންނަމަވެސް، ޠަބީޢަތް ނިޔާކުރާގޮތުން، އަޅުގަނޑުމެންނަކަށް އެހިސާބަކުންނެއް ހަމަ އިބްރާހީމް ނާޞިރު ނިންމެވިގޮތަށް، ސްޓެޓަސްކޯ، ނޫނިއްޔާ އެއޮތް ޙާލަތު އެގޮތުގައި އޮވެގެންދިޔުމަކީ ފަސޭހަކޮށް ބަލައިގަނެވޭނެ ކަމަކަށްނުވޭ. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދުގެ ދުވެއްޔާއި މުޅި އިޤްތިޞާދުގެ ވިސްނުން ބިނާވެފައި މިއޮތީ މި އެއަރޕޯޓާ، ނޫނިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގެ މައި ދޮރާށި، އެތެރެއަށް ވަން ކަމުގައިވި ނަމަވެސް، ބޭރަށްދިޔަ ކަމުގައިވިނަމަވެސް. އެހެންވީމާ، މިނިވަންކަން، މިނިވަންކަމުގެ ގޮތުގައި އަޅުގަނޑުމެން ޙިމާޔަތްކުރުމަށްޓަކައި އެންމެ ވަރުގަދަ، އެންމެ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި، ބިނާއެއްގެ ގޮތުގައި، ތަނެއްގެ ގޮތުގައި މި އޮންނަނީ މި އެއަރޕޯޓް.
 
މި އެއަރޕޯޓް އަޅުގަނޑުމެންނަށް ބީވެގެންދިޔައިރު، އިޤްތިޞާދީ ގޮތުން އެކަނި އަޅުގަނޑުމެންނަށް ލިބުނު ގެއްލުން، އަޅުގަނޑުމެންނަށް ތަފާސް ހިސާބުންމިތަނުން ފެނިގެން މިދިޔައީ. އޭރު އެއަރޕޯޓް އަޅުގަނޑުމެންގެ އަތުން ގެއްލިގެންދިޔައިރު، އެމް.އާރު.ސީ.އެލް. އަށް ކޮންސެޝަން ފީގެ ގޮތުގައި، ނޫނިއްޔާ ލިބޭ އާމްދަނީގެ ގޮތުގައި، ބޭރު ބަޔަކު ހިންގަމުންދިޔައިރު، ޖީ.އެމް.އާރު ހިންގަމުން ގެންދިޔައިރު، ރާއްޖޭގެ އެއަރޕޯޓް ކުންފުންޏަށް ލިބިފައިވަނީ އެންމެ 16 މިލިއަން ރުފިޔާ. އެންމެ 16 މިލިއަން ރުފިޔާއޭ މި ދެންނެވީ، މިއަދު ވިޔަފާރިކުރާ އާދައިގެ ޕްރައިވެޓް ކުންފުންޏަކުންވެސް އަހަރެއްގެ ޓަރންއޯވަރ، 16 މިލިއަނަށްވުރެ އިތުރުވާނެ. ދެން އެހާ ކުޑަކުޑަ އެއްޗެއް، ރާއްޖޭގެ ފަޚްރެއްގެ ގޮތުގައި އޮތް، އެހާގިނަ ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން ބިނާކޮށްފައި އޮތް އެއަރޕޯޓް، އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލާ އެހާ ލާމެހިފައި އޮތް އެއަރޕޯޓް އަޅުގަނޑުމެން ދޫކޮށްލީމަ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެންމެ 16 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. ހަމައެކަނި މަނީ އޯން މަނީ ޓަރމްސްއަށް ބަލާކަމަށްވަންޏާ، އޭގެ އެއްއަހަރު ފަހުން، ޖެހިގެން އައި އަހަރު، އެއަރޕޯޓްގެ މެނޭޖްމަންޓް، މުޅި މެނޭޖްމަންޓް އެމް.އޭ.ސީ.އެލް.އާ ޙަވާލުވެގެންދިޔައިރު، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އެއްބިލިއަން ރުފިޔާ، ނޫނީ އެއްހާސް މިލިއަން ރުފިޔާ. އެއްހާސް މިލިއަން ރުފިޔާ، އަދި މިއަދު އަޅުގަނޑުމެން އަމާޒު ހިފާފައި މިއޮތީ އެ ޢަދަދު ޑޮލަރުން ގެނެވޭތޯ ބަލަން. ދެން  ޑޮލަރުން ހަ ބިލިއަން ޑޮލަރު ވަންނާނެއެކޭ ނޫން މި ދަންނަވަނީ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން ކުރާ އުންމީދު. އެ އުންމީދު ކުލަޖެހުމަށް އަޅުގަނޑުމެންނަށް ކުރެވޭ ހުވަފެންތައް ޙަޤީޤަތަކަށް، ޙަޤީޤަތުގައިވެސް ވެގެން މިއުޅެނީ އެއަރޕޯޓް ހިންގުމުގައި ލަފާދޭނެ ވަރަށް ވަރުގަދަ ބޯޑެއް އޮތީމަ. އަދި އެއަރޕޯޓްގައި މަސައްކަތް ކުރާނެ ރަނގަޅު ސީ.އީ.އޯ އަކާއި، ސީ.އީ.އޯއަކާއެކީ މަސައްކަތް ކުރާނެ ވަރުގަދަ ޓީމެއް އޮތީމަ. އެހެންވީމާ، ދުވަހުގެ މުނާސަބަތުގައި، އެއަރޕޯޓް ކުންފުނީގެ ބޯޑުގެ ޗެއަރމަން މުޙަންމަދު ޢުމަރު މަނިކަށާއި، ބޯޑުގެ ޑިރެކްޓަރުންނަށް އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ މި ދަންނަވަނީ، އަޅުގަނޑުމެން އެއަރޕޯޓާ ދޭތެރޭގައި ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވަން ތިޔަބޭފުޅުން ކަމަރު އޮޅައިލައްވައިގެން، ކަމަރު ބަންނަވައިގެން، އަތުކުރި އޮޅާލައްވައިގެން މަސައްކަތުގައި ސާބިތުވެ ތިއްބެވި ކަމަށް ވިދާޅުވެދެއްވާތީ.
 
 އަޅުގަނޑުގެ އުފާވެރި ވާޖިބެއް ކަމުގައި މިއަދު ދެކެނީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރަން ކުރާ މަސައްކަތުގެ ތެރޭގައި، މިއަދު އަޅުގަނޑުމެން މި ދައްކަނީ 7 މިލިއަން ފަސިންޖަރުން ހެންޑްލް ކުރާނެ އެއަރޕޯޓެއްގެ ވާހަކަ. ނޫނިއްޔާ އަޅުގަނޑުމެންގެ ދެވަނައަށް އެޅޭ ޓަރމިނަލެއް ވެގެންދާނީ، އާ ޓަރމިނަލަށް. ޑޮމެސްޓިކް ޓަރމިނަލް ވަކިވެގެންދާނެ. ޓަރމިނަލްގެ ވާހަކަ މި ދައްކަނީ. އަބަދުވެސް މިޒަމާނުގެ އިޤްތިޞާދުގެ މޮޑެލްއެއްގޮތަށް، އަޅުގަނޑު ހަމަ ފަޚްރުވެރިކަމާއެކީ، އަޅުގަނޑުމެން ދަސްކޮށްފައި ހުންނަ ފިލާވަޅުތަކުން އަޅުގަނޑުމެންނަށް މި ފެންނަނީ ސިންގަޕޫރު. އެހެންވީމާ، ސިންގަޕޫރުގެ ވާހަކަ މިރޭވެސް އަޅުގަނޑު މި ދައްކަނީ. ސިންގަޕޫރުގެ ވާހަކަ ދައްކާއިރު، ސިންގަޕޫރުގެ ތިންވަނަ ޓަރމިނަލް ނިމިގެން، ހަތަރުވަނަ ޓަރމިނަލް، މިއަހަރުގެ ތެރޭގައި، ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ފެށިގެންދާނެ. އަބަދުވެސް އެމީހުންގެ ވިސްނުން މި ހުންނަނީ ކުރިއަށް އޮތް 20 އަހަރަށް އެއަރޕޯޓް އެކްސްޕެންޝަނާ ދޭތެރޭގައި. އެއަރޕޯޓަކީ އެމީހުންގެވެސް އިޤްތިޞާދުގެ އެންމެ ވަރުގަދަ ބިނާ ކަމުގައި އެމީހުން ދެކިގެން މަސައްކަތް ކުރަނީ. އެގޮތުން އަޅުގަނޑުމެން މާބޮޑު ތަފާތެއް ނޫން. އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދުގެ މައިބަދަ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރާ ފަތުރުވެރިކަމުގެ ޞިނާޢަތަށް ދެވެން އޮތް ޚިދުމަތެއްގެ ގޮތުގައި  މި އަންނަނީ އެއަރޕޯޓް ތަރައްޤީކޮށްގެން.
 
އެހެންވީމާ، މިހާރު އެއަރޕޯޓް މިއޮތްވަރުން އަޅުގަނޑުމެންނަށް އެކަން ނުކުރެވޭތީ، އަޅުގަނޑުމެން އެކަން ކުރަން މިޖެހެނީ. އެހެންވީމާ، މި ނަމޫނާ މި ފޮލޯކުރަނީ، ނޫނީ ނަމޫނާ ބަލައިގަނެގެން، އެ ނަމޫނާއާ އެއްގޮތަށް މަސައްކަތް ކުރެވޭތޯ އަނެއްކާވެސް މި ބަލަންޖެހެނީ ހަމަ ސިންގަޕޫރުގެ މިސާލުން. އޭގެ މާނަޔަކީ ސިންގަޕޫރުގައި ކުރާ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ފުރާނާނުލައި، އަޅުގަނޑުމެން ބަލައިގަންނަ ވާހަކައެއް ނޫން. ފުރާނާލައިގެން އޭގެތެރޭގައި ހުރި ގިނަ ކަންތަކަކީ، އިޤްތިޞާދީ ތަރައްޤީގެ ވިސްނުމަށް ބަލާކަމަށްވަންޏާ، ހަމަ އެޔާ އަޅައިކިޔައިލެވޭނެ ދެވަނަ މިސާލެއް އަޅުގަނޑުމެންގެ ސަރަޙައްދުންވެސް، އަދި ދުރު ސަރަޙައްދަކުންވެސް ފެންނަން ނެތީމަ، އެ މިސާލަކީ ޓެކްސްފޮތްތަކުގައި މިއަދު އިކޮނޮމިކް ލެކްޗަރުތަކުގައި ކުދިންނަށް ކިޔަވައިދޭ މޮޑެލްއެއްގެ ގޮތުގައި މި ވެގެންދަނީ. މި މަސައްކަތުގެ ނަތީޖާ ފެނިގެންދާއިރު، ޤައުމުގެ ޚަޒާނާގައި އެތައްހާސް ބިލިއަން ޑޮލަރެއްގެ ރިޒަރވް ހުރެގެންދިޔުމަކީ، ސިންގަޕޫރު މިއަދު ދުނިޔޭގައި ޙާޞިލުކޮށްފައި އޮތް މަޤާމާ ދޭތެރޭގައި އަޅުގަނޑުމެންވެސް ހަމަ ހިތާހިތާ ސުވާލުކޮށްލާފައި، އަދި އަޅުގަނޑުމެންވެސް ކޮންމެވެސްވަރެއްގެ އެން.ވީއަކާއެކީ އޭތި އެމިއުލޭޓް ކުރެވޭތޯ، ނޫނީ އެ ނަމޫނާ ކުރެވޭތޯ، ނަކަލު ކުރެވޭތޯ މަސައްކަތް ކުރަންޖެހޭ ކަމެއް. އެހެންވީމާ، ސިންގަޕޫރުގައި މިދަނީ ހަތަރުވަނަ ޓަރމިނަލާ ދިމާއަށް. އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ވިއްސަކަށް އަހަރުން ފަންސާސް އަހަރާ ދޭތެރޭގައި އަޅުގަނޑުމެންގެ އުންމީދުތަކަށް ކޮންމެވެސްވަރެއްގެ ކުރިއެރުންތަކެއް ގެނެސްދޭވަރުގެ ޢަދަދެއްގެ ފަސިންޖަރުން ހެންޑްލްކުރާވަރުގެ އެއަރޕޯޓެއް ހެދޭތޯ.
 
އެހެންވީމާ، މި އެއަރޕޯޓް މުހިންމުވެގެން މިދަނީ، މީގެ 50 އަހަރު ކުރިން އެއަރޕޯޓް މުހިންމުވީ ފަދައިން، މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދަކީ ރެޒިލިއަންޓް، ވަރުގަދަ ވައިބްރަންޓް، މިނިވަން އިޤްތިޞާދަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ފުދުންތެރިކަމާއި، އަޅުގަނޑުމެންގެ އިސްތިޤްލާލުގެ މަތީގައި އަޅުގަނޑުމެންނަށް ބޭރުގެ ޠޫފާންތައް އަޅުގަނޑުމެންނާ ދިމާއަށް އަންނައިރު، މި ބޯޓު އުދުއްސަން ހުރި ކެޕްޓަނަކު އަބަދު އެނައުންސް ކުރަނީ ޓަރބިއުލަންޓް ވެދަރ، ސްޓޯމް އެހެޑް. އެހެންވީމާ، ޝީޓް ބެލްޓް އަޅާށޭ. އެހެންވީމާ، ޝީޓް ބެލްޓް އަޅައިގެން އަޅުގަނޑުމެން ދަތުރުކުރާއިރު، ހަމަ އަޅުގަނޑު ދަންނަވާލަން އޮތީ، ޝީޓް ބެލްޓް އަޅައިގެންވެސް އަޅުގަނޑުމެން ދަތުރުކުރާއިރު، ފަސިންޖަރުން އެބަޖެހޭ ފިލާވަޅުތަކެއް ނަގަން. އެ ނަގާ ފިލާވަޅުތަކުގެ ތެރޭގައި، ކެޕްޓަނާއި އަދި ބޯޓުގެ ފަޅުވެރިންދޭ އިރުޝާދުތައް، އިންސްޓްރަކްޝަންސް، ހަމަ ވަރަށް ކްލޯޒްލީ މި ފޮލޯކުރަނީ، އެ ދާންއޮތް ދަތުރާ ހަމަޔަށް ދިޔުމުގައި، އަޅުގަނޑުމެންގެ ޑެސްޓިނީ މި އޮންނަނީ މަތިންދާބޯޓު ދުއްވަން ތިބި ބައެއްގެ އަތްމަތީގައި.
 
ޤައުމެއް، ދައުލަތެއް ހިންގާއިރު ހަމަ އެކަހަލަ ގޮތަކަށް. ދައުލަތަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ ބައެއް ފަރާތްތަކުން ކުރާ ކަންތައްތަކުގެ ތެރޭގައި ޓަރބިއުލަންޓް ވެދަރއާ ދިމާއަށް އަޅުގަނޑުމެން މިދަނީ އެއީ އެއްގޮތަކަށްވެސް ޤުދްރަތީގޮތުން އެކަންވާގޮތެއް ނޫން. އެއީ އަޅުގަނޑުމެން ޓަރބިއުލަންސާ ދިމާއަށް ދަތުރުކުރަން ބޭނުންވީމަ ޓަރބިއުލަންސާ ދިމާއަށް ދަނީ. އެހެންނަމަވެސް، އޭރުވެސް ޙާލަތު ނިޔާކުރާގޮތުން ވެއްޖިއްޔާ، ގްރޭސް ޕޮޒިޝަން، ޝީޓް ބެލްޓް ޓައިޓްން ކުރަންވީ. ނުތެދުވަންވީ. މިހުރިހާ ކަމެއް ކުރުމާއެކީ، އަޅުގަނޑުމެން ދަތުރު މިކުރަންޖެހެނީ، މިދެންނެވި ކަހަލަ އަމާން މަންޒިލަކަށް ދިޔުމަށްޓަކައި ކެޕްޓަން ބުނާ ގޮތެއްގެ މަތިން، ހުރިހާ ފަޅުވެރިންނާއި އަދި ފަސިންޖަރުންވެސް މަތިންދާބޯޓުގައި ދަތުރުކުރަމުންދަނީ.
 
މަތިންދާބޯޓުގައި ދަތުރުކުރުމަކީ، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލާ ހަމަޔަށްދާން މިކުރާ ދަތުރު. އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަކީ، ބޮލަކަށްޖެހޭ އުފެއްދުންތެރިކަމަކީ، މިއަދު ފަސްހާހެއްހާ އެމެރިކާ ޑޮލަރު ކަމަށްވަންޏާ، އެ ޢަދަދު ބާރަހާސް އެމެރިކާ ޑޮލަރަށްވުރެން ކުޑަނޫން ޢަދަދަކަށް ގެންދިޔުމަކީ، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލް. އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަކީ، އަޅުގަނޑުމެންގެ ދިވެހި ޒުވާނުން މިއަދު ޒަވާޖީ ޙަޔާތެއް ފުރިހަމަކުރުމާއެކީ، ކުރިއަށްދިޔުމާއި ހަމަޖެހުމަކީ އިޖުތިމާޢީ ގޮތުން އަންނަ ހަމަޖެހުމަކީ، ޤައުމަށް އަންނަ ހަމަޖެހުމަކީ، އޭގެ އިޤްތިޞާދީ ކާމިޔާބާއެކީ އެކަނި ގެނެވޭނެ ހަމަޖެހުމެއް ކަމަށް ގަބޫލުކުރާތީ، އެކަންކަން ފަށްޓައިދޭން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ހަމަޖެހުމާ ހަމަޔަށްދާން ކުރާ މަސައްކަތަކީ، ގެދޮރުނެތް އެތައް ބައިވަރު ޒުވާނުންނެއް، އަމުދުން ޙަޔާތުގެ ދަތުރު ނުފަށާ މިތިބެނީ ގެދޮރުވެރިކަން ނެތީމަ ކަމަށްވާތީ، އެމީހުންނަށް ބޭނުންވާ، ޒުވާނުންނަށް ބޭނުންވާ ގެދޮރުވެރިކަން އާރާސްތުކޮށްދޭން ކުރާ މަސައްކަތް. އެއީ އަޅުގަނޑުމެންގެ މަންޒިލްތަކަކީ. އަޅުގަނޑުމެންގެ މަންޒިލަކަށް ވެގެންމިދަނީ، އަޅުގަނޑުމެންގެ އެއަރޕޯޓާއި އަދި އެއަރޕޯޓާ ގުޅިގެން އޮތް އާބާދީވަމުންދާ ޝަހަރާ ދޭތެރޭގައި ދަތުރުފަތުރު ކުރުމަކީ. މިފަހަރު ދާނީކީ މަތިންދާބޯޓަކު ނޫން. މިފަހަރު ދާނީ ސިވިލްއޭވިއޭޝަނުން ހުއްދަ ނަގައިގެނެއް ނޫން. އެކަމަކު މިފަހަރު ދާނީ ލޭންޑް ޓްރާންސްޕޯޓްގެ ހުއްދަ ނަގައިގެން، ބްރިޖްމަތިން ދުއްވާލާފައި. މިއީ އަޅުގަނޑުމެންގެ އަމާޒުތަކަކީ. މި އަމާޒުތަކަށްދާ ކަމަށްވަންޏާ، މިޒަމާނުގެ އިޤްތިޞާދަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައި މިކުރެވެނީ މިވަގުތު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަ އެންމެ ބޮޑެތި މަސައްކަތްތައް. އެންމެ ބޮޑެތި މަޝްރޫޢުތައް. މި މަޝްރޫޢުތަކަކީ ސަތޭކަ، ދުއިސައްތަ މިލިއަނުން ކިރާލެވޭ މަޝްރޫޢުތަކެއް ނޫން. މި މަޝްރޫޢުތަކަކީ އޭގެ އަގު ވަޒަންކުރާ ކަމަށްވަންޏާ، ގާތްގަނޑަކަށް މަޝްރޫޢުތަކުގެ ޖުމްލަ ޢަދަދު، އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެން ބޮޑެތި މަޝްރޫޢުތައް. މި ފައިސާ ހޯދަންޖެހޭ. ސްޓޭޓަސްކޯ ގަބޫލުކުރާކަށް ބޭނުމެއް ނޫން. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން ގައިގައި ދިރުމެއް ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އުންމީދުތަކެއްވާތީ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން ކުރާ މަސައްކަތްތައް މި ދެންނެވީ.
 
އުފަލާއެކީ މިރޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިދޭތެރެއިން އެންމެ ދަތިވެގެން މިދިޔަ ކަމަކީ، އެއަރޕޯޓްގެ އާ ޓަރމިނަލަށް ބޭނުންވާ ފައިސާގެ ކަންތައް ސިންޑިކޭޓްވެގެން، ހަމަޖެހިގެން ނުގޮސް އޮތީމަ، އަޅުގަނޑުމެންގެ ވިސްނުން ކޮންމެވެސްވަރަކަށް ހުއްޓިފައި މިވަނީ. ކުވައިތު ފަންޑު، އަބޫދާބީ ފަންޑު، ސަޢޫދީ ފަންޑު، މިހެންގޮސް އެކިއެކި ފަންޑުތައް ސިންޑިކޭޓްކޮށްގެން އަޅުގަނޑުމެންނަށް މި ފައިސާ މި ލިބެން މި އަންނަނީ. އެހެންނަމަވެސް، މިދޭތެރެއިން އެއަރޕޯޓްގައި މަސައްކަތް ކުރައްވާ އިސް ހުރިހާ މަސްއޫލުވެރިން ކަހަލަ ގޮތަކަށް ހުއްޓުންއައީ، އަޅުގަނޑުމެންނަށް މި ފަންޑިންގ އެކީ އަޅުގަނޑުމެން އޭރު ވިސްނިގޮތަށް، އޭރު ބަސް ލިބިފައި އޮތްގޮތަށް އެކަން ކަށަވަރުވެގެންނުދާތީ. އެކަމަކު އެންމެފަހުގެ އޮބްސްޓެކަލް މިއަދު ނިމިގެން، އަޅުގަނޑު މިރޭ ހަމަ މިތަނުގައި އުފަލާއެކީ އިޢުލާނު ކުރަން ބޭނުންވަނީ، މި ސިންޑިކޭޓްގެ މައިގަނޑު ހުރިހާ ފަންޑިންގ މިހާރު އެވަނީ އިރާދަކުރެއްވިއްޔާ މިއަދުގެ ނިޔަލަށް ހަމަޖެހިފައޭ. އެހެންވީމާ، ދެން އިރާދަކުރެއްވިއްޔާ، މީގެތެރެއިން ނެއްޓެނީ ސިންޑިކޭޓްގެ ތެރެއިން ހަމަ ވަރަށް ކުޑަކުޑަ ކޮންޓްރިބިއުޝަނެއްދޭ ފަންޑެއް. އެ ފަންޑުގެ މަސައްކަތްވެސް އަޅުގަނޑުމެން ވަކިން ކުރާނަން. އެކަމަކު ދަންނަވާލަން ބޭނުންވާ ވާހަކަޔަކީ، އެ ފަންޑުގެ ނަތީޖާއަކަށް އަޅުގަނޑުމެން އިންތިޒާރެއް ނުކުރާނަން. އަޅުގަނޑުމެން ދެންހުރި ކޮމްޕޯނަންޓްތައް މިއަށްލައިގެން، ދެންހުރި ފަންޑުތަކާއެކީ އަޅުގަނޑުމެން މެނޭޖްކުރާނީ. އަނެއްބައި ބަޖެޓްގެ ތެރެއިން ހަމަޖައްސައިގެން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން ކުރެވޭނެ. އެހެންވީމާ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެށްޓޭތޯ ބަލަނީ. އެހެން ދަންނަވާއިރުވެސް މި އެއަރޕޯޓްގެ އެތައް ބައިވަރު މަސައްކަތެއް މިހާރު މިދަނީ ފެށިގެން. ޓަރމިނަލް ބިލްޑިންގގެ ހުރިހާ ކުރެހުންތައް އެހެރީ ނިމިފައި. ޢަމަލީ މަސައްކަތް ފެށޭ ހިސާބަށް މިދަނީ. އެހެންނަމަވެސް، ފަންޑުދޭ ފަރާތެއްގެ ރުހުން ހޯދަންޖެހޭތީޔާއެކީ އަޅުގަނޑުމެންނަށް މިހާތަނަށް މަޑުކުރެވިގެން މިދިޔައީ. އެހެންވީމާ، އަޅުގަނޑުމެން އޭރުވެސް އުންމީދު ކުރަމުން އައިގޮތަށް، އިރާދަކުރެއްވިއްޔާ ފައިސާގެ ކަންތައް މި ހަމަޖެހިގެންދިޔައީ.
 
މި އުފާވެރި މުނާސަބަތުގައި އަޅުގަނޑު އެކަން އިޢުލާނު ކުރުމުގެ ބޭނުމަކީ، އަޅުގަނޑު ހަމަ ދަންނަވާލިހެން، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން. އަޅުގަނޑުމެންގެ މި ޙާލަތު ބަދަލުކުރަން ބޭނުންވާ ސަބަބަކީ، ހަމައެކަނި މާލޭ ސަރަޙައްދަށް ތަރައްޤީ ގެނައުމެއްވެސް ނޫން. އަދި އަޅުގަނޑުމެންގެ ޖަޒީރާ ރީތި ރަށްތައް، ރީތިކަމުގެ މަތީގައި ބެހެއްޓުމަށްޓަކައި ވޮޑުމާއި ގިރުމާ، މިކަންކަން ޙައްލުކުރުމަށްޓަކައި ބޮޑުހިލަ ޖައްސައިދެވޭނީ ފައިސާ ލިބޭނެގޮތެއްވެގެން. އެހެންވީމާ، ދިވެހިރާއްޖޭގެ ރީތި ޖަޒީރާ ރަށްތައް، އެ ރީތިކަންމަތީގައި އަޅުގަނޑުމެންނަށް ބަހައްޓައިދިނުމަށްޓަކައިވެސް އަޅުގަނޑުމެން ސިންގަޕޫރުގެ ތަރައްޤީއާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން މިޖެހޭ ސަބަބު މިއީ. ފައިސާ ބަހައްޓާނެ ގޮތްތަކެއް އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭ. ފައިސާ ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެންގެ ޚިޔާލުގައި ނެތްކަމަށްވަންޏާ، މިކަންކަން ކުރުމަކީ އަޅުގަނޑުމެންނަށް ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ޙާޞިލު ކުރެވޭނެ ކަންކަމެއް ނޫން. އެހެންވީމާ، ކީއްވެގެންތޯ، ސިންގަޕޫރުގެ މޮޑެލް އެމިއުލޭޓް ނުކުރާންވީ؟ ހަމަ އެއްވެސް ސަބަބެއް ނެތް. އަދި ސިންގަޕޫރުގެ މޮޑެލް އެމިއުލޭޓް ކުރުމާއެކީ، ދިވެހިރާއްޖޭގެ ވައިގެ ފަށަލަޔަކަށް އަންނާނެ ބަދަލެއް އަންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަދި ދިވެހިރާއްޖޭގެ ޖަޒީރާ ޤައުމުތަކުގެ ރީތިކަމުން މަޙްރޫމްވެގެންދާނެ ކަމަކަށްވެސް އަޅުގަނޑު ގަބޫލެއްނުކުރަން. ބިން ބޮޑުކުރެވޭނެ. ވަސީލަތްތައް އިތުރުކުރެވޭނެ. އަދި އާބާދީ އެއްފަސްކުރުމުގެ މަސައްކަތްތައްވެސް ހިނގާނެ. އެހެންނަމަވެސް، މިއީ މިޒަމާނުގެ އިޤްތިޞާދެއްގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން.
 
އެހެންވީމާ، މިކަންކަމާއެކީ އަޅުގަނޑުމެންގެ ވިސްނުމުގައި ކެޕިޓަލިސްޓް ހުރިހާ ޚިޔާލުތަކެއް މި ގެންނަނީ ހަމަ ޤައުމުގެ ތަރައްޤީއާ ދޭތެރޭގައި ވިސްނާތީ. އެހެންވީމާ، މިކަންކަން ފުރިހަމަކުރެވެން މި އަންނަނީ މިދެންނެވި ކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކާ އަޅުގަނޑުމެން ކުރިމަތިލައިގެން. ކުދިކުދި މަޝްރޫޢުތަކާއެކީ އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެކަން އަޅުގަނޑުމެންނަށް މިދިޔަ ދުރު މާޒީގެ ތެރޭގައި، އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅަކަށްވެސް ފެނިގެން ހިނގައްޖެ. މިއަދު އަޅުގަނޑުމެން ހިތްހަމައެއްނުޖެހޭ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަމަކީ މިހާރު ފަސްހާސް ޑޮލަރުގެ އާމްދަނީ ކަމަށްވަންޏާ، އަނެއްކާވެސް ތިން އަހަރު ފަހުން ފަސްހާސް ފައްސަތޭކަ ޑޮލަރަށް، ބޮލަކަށްޖެހޭވަރު އާމްދަނީ އިތުރުވުމަކީ އިތުރުވުމެއް ނޫން. އެ އިތުރުވުމަކީ އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަނީ، އެ ޢަދަދު ދާންވާނީ މަލްޓި ހޯލްޑް ވެގެންނޭ. އޭގެ މާނަޔަކީ އެ ޢަދަދު އިތުރުވާންވާނީ ގުނައިންނޭ. އެ ޢަދަދު އިތުރުވާންވާނީ އިންކްރިމަންޓަލް ސަތޭކަ ޑޮލަރު، ދުއިސައްތަ ޑޮލަރުވަރު އިތުރުވެގެންނެއް ނޫން. އެހެންވެގެން އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، އިރާދަކުރެއްވިއްޔާ 5 އަހަރެއްގެ ދައުރު ނިމިގެންދާއިރު، އަޅުގަނޑުމެންގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެ ކަމަށްވަންޏާ، މިދެންނެވި އާބާދީ ބޮލަކަށްޖެހޭ މިންވަރު ދެގުނަވެގެންދިޔުން އެއީ އެންމެ ކުޑަމިނުން އަޅުގަނޑުމެން އެކްސެޕްޓް ކުރާނެވަރު.
 
ދެން އޮތީ މި ޢަދަދާ ދޭތެރޭގައި ނުވިސްނަންވީ ކީއްވެހޭ؟ އަޅުގަނޑުމެން މި ސްޓޭޖްމަތިން މިދުށީ ވަރަށް ޚިދުމަތްތެރި ދޮށީ ބޭފުޅުންކޮޅެއް. އެ ބޭބޭފުޅުން އަދި އެއަށްވުރެ ދޮށިވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ސަލާންކޮށްލައި ޚިދުމަތަށް އަލްވަދާޢު ދަންނަވާއިރު، ޕެންޝަންދޭން ބޭނުންވޭ. އަދި ޕެންޝަނާ ހަމަޔަށް ދަތުރުނުކުރައްވައި، ޚިދުމަތުގެ ދާއިރާއިން މަޙްރޫމްވެފައި، އެއްކައިރިވެފައި ތިއްބެވި ބޭފުޅުންނަށްވެސް ކޮންމެވެސް އެއްޗެއް ދޭން ބޭނުންވޭ. އެބޭފުޅުންނަށް މީގެކުރިން އަޅުގަނޑުމެން ފައްސަތޭކަ ރުފިޔާ ބޭފުޅަކަށް ދިން ޒަމާން ހިނގައްޖެ. މާ ދުރު މާޒީއަކު ނޫން. އޭގެފަހުން ދެހާސް ރުފިޔާ ދިން ދުވަސްވަރެއް ހިނގައްޖެ. ދެހާސް ތިންސަތޭކަ ރުފިޔާ ދީގެން މިހާތަނަށް އައީ. މިހާރު އެއިން ކޮންމެ ބޭފުޅަކަށް، ކޮންމެ މާމަޔަކަށް، ކާފަޔަކަށް ފަސްހާސް ރުފިޔާ އެބަލިބޭ. ދައުލަތް މުއްސަނދި ވެއްޖިއްޔާ، ޚިދުމަތްކުރާ މީހުންނަށް އެ ޢަދަދު ކީއްވެގެންތޯ، ފަނަރަހާހާ ހަމަޔަށް ޖައްސައިނުދޭންވީ؟ އެކަން ކުރެވޭތޯ ބަލަންވާނެ ދޮއެއްތޯ. އެކަން ކުރެވޭތޯ ބަލަންވާނެ. އެކަން ކުރުމަށްޓަކައިވެސް އަޅުގަނޑުމެން މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ އާބާދީއަކީ މުއްސަނދި އާބާދީއަކަށް، ދައުލަތަކީ މުއްސަނދި ދައުލަތަކަށް ހަދަން އެބަޖެހޭ. ޑިމޮކްރަސީއަށް ބަލައިފި ކަމަށްވަންޏާ، ސިންގަޕޫރާއި ދިވެހިރާއްޖެއާ ދާދި އެއް ވައްތަރު. އެހެންނަމަވެސް، ލީކް އަންޔޫވެސް ވިދާޅުވެފައި އޮތީ، ޑިމޮކްރަސީގެ އެންމެ މުހިންމު ކަމަކީ، ނޫނިއްޔާ ދައުލަތެއް ކުރިއަށް ދިޔުމަށް، ޑިމޮކްރަސީއަށްވުރެ ޙަޤީޤަތުގައި މުހިންމުވަނީ،  އެ ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައިވެސް ޙަޤީޤަތުގައި މުހިންމުވަނީ މީހުންގެ އަޚްލާޤު ރަނގަޅުކުރުން. އެހެންވީމާ، ޑިމޮކްރަސީއެއްގެ ނަމޫނާޔާއެކީ މީހުންނަށް އުޅެވެނީ، ޒިންމާދާރުކަމާއެކީ ޑިމޮކްރަސީގެ ނިޒާމް ޕްރެކްޓިސް މި ކުރެވެނީ، މީހުންނަކީ އަޚްލާޤީ ގޮތުން އެވަރުގެ ޤާބިލިއްޔަތާއި، ހަކަތައާއި، ޓޮލަރެންސް ހުރި ބަޔަކަށްވެގެން.
 
އެހެންވީމާ، ޑިމޮކްރަސީގެ ވާހަކަ މިއަދު އަޅުގަނޑުމެން ދައްކާއިރު، ދަންނަވާލަން ބޭނުންވަނީ، ޑިމޮކްރަސީގެ އަސާސަކީވެސް ޙަޤީޤަތުގައި ކެތްތެރިކަމާއެކީ މުޖުތަމަޢެއްގެ ތެރޭގައި އިންސާނުންނަކީ، އިންސާނުންނަކީ ގްރިގޭރިއަސް ނޫނީ ސޮސައިޓަލް އެނިމަލެއް ކަމަށްވާތީ، އެންމެން އެންމެންނާއެކީ، އެންމެންގެ ޚިޔާލުތަފާތުވާ ތަފާތުވުންތަކަކާއެކީ އުޅެން ދަސްވުން. އެކަމަކު ތަފާތުވުންތަކާއެކީ އުޅެން ދަސްވުމަކީ، ބޮޑެތި ޖަރީމާ ހިންގާ މީހުންނަށް އަދަބު ނުދިނުމެއް ނޫން. ބޮޑެތި ޖަރީމާ ހިންގާ މީހުން ޖަރީމާތަކުން ދުރަށްލެވޭނީ، މުޅި މުޖުތަމަޢު އިޞްލާޙު ކުރެވޭނީ، މިދެންނެވި ކަހަލަ ޕިޔުނިޓިވް ނޫނިއްޔާ އަދަބުދޭނެ ކަންތައްތަކެއްވެސް ކުރެވިގެން. އެއީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިޒަމާނުގެ ތާރީޚަކުން، އެއަށްވުރެ މާކުރީގެ ތާރީޚުތަކުގައި އަޅުގަނޑުމެންނަށް ގެނެސްދީފައި ހުރި ކަންތައްތައް. މިއަދުވެސް ކްރިމިނޮލޮޖީގެ އެލިމަންޓަކީ، ނޫނިއްޔާ އޭގެ ބޭސިކްސްއަކީ ހަމަ މިދެންނެވި ގޮތަށް ބޮޑެތި ޙައްޤުތަކަށް އަރައިގަންނަ ކަމަށްވަންޏާ، ޙައްޤުތަކަށް އަރައިނުގަންނަވަރުގެ ޑިޓާރިންގ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އޭގެތެރޭގައި ނަޞޭޙަތްދިނުމާއި، އިންޒާރު ދިނުމާއި އަދި އަދަބު ދިނުމާއި، އަދި ބޮޑެތި އަދަބުދިނުން ހިމެނޭ. އެހެންވީމާ، އަޅުގަނޑުމެން ޑިމޮކްރަސީއަކަށް ފެންބޮވައިގެން، ޑިމޮކްރަސީގެ ވާހަކަ ދައްކާއިރުވެސް ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައި ނޫނީ ޑިމޮކްރަސީގެ ފިލާވަޅުތައް އެމްބްރޭސް ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކަށް މި ވެގެން މިދަނީ އަޅުގަނޑުމެންގެ އަޚްލާޤު ދަސްކުރުން. އަޅުގަނޑުމެންގެ މިޒަމާނުގެ ރަށްތަކަށް ބަލައިފި ކަމަށްވަންޏާ، މިޒަމާނުގެ ދައުލަތްތަކަށް ބަލައިފި ކަމަށްވަންޏާ، މި ނަމޫނާ ރައްޔިތުންނަށް ސިންގަޕޫރަށްވުރެ ރަނގަޅަށް ކޮށްދީފައި އޮތް ދައުލަތެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއްވެސް ދައުލަތެއް ނުފެނޭ. އެއްވެސް ދައުލަތެއް ނުފެނޭ. އެކަމަކު އެއީ، ކޮންމެހެން އަޅުގަނޑު މިދަންނަވަނީކީ ސިންގަޕޫރުގެ ޙައްޤުގައި ވަކާލާތުކުރާ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެން ދަސްކުރަން ހުރި ފިލާވަޅުތަކަކާ ހަމަޔަށްދާއިރު، އަޅުގަނޑުމެން ފިލާވަޅު ނަގަން އެންމެ ފަސޭހަ ޤައުމަކީ، ނޫނީ އަޅުގަނޑުމެންނާ އެންމެ ވައްތަރު، ޤުދުރަތީ ވަސީލަތްތައް އެހާ މަދު، އެހެންނަމަވެސް، ބަޔަކު ކުރިއަށްދިޔުމުގެ ރޫޙާއި ޢަޒުމާ ހުރެގެން ކުރިއަށްދާ ކަމަށްވަންޏާ، އެންމެ ގަބޫލުކުރަން ފަސޭހަ ފިލާވަޅުތަކަކީ، ތާރީޚުގައި މިދިޔަ 50 އަހަރު މުޅި ދުނިޔެއަށް ނަގައިދީފައި އޮތް ޤައުމަކީ ސިންގަޕޫރު. އެހެންވީމާ، މޮޑެލްއަކަށް ސިންގަޕޫރުވެގެން މިދަނީ.
 
އަޅުގަނޑުމެންނަކީ އަލުންބަލުން ހުރިހާ ކަމެއް އީޖާދުކުރަންޖެހޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ އެހެން މީހުންގެ ފިލާވަޅުތައް ދަސްކުރާ ބައެއް. އެހެން މީހުންގެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ ދައުލަތަށް ބޭނުންވާ ކަންތައްތައް އެޑޮޕްޓްކޮށްގެން، ބަދަލުކޮށްގެން ގަބޫލުކުރެވޭގޮތަކަށް ކުރިއަށްދާން ބޭނުންވާ ބައެއް. އަޅުގަނޑުމެން ހުރިހާ ކަމެއް އީޖާދެއް ނުކުރާނަން. ނުވެސް ކުރެވޭނެ. އަދި މިޒަމާނުގައި ކަންކަން ކުރާގޮތެއްވެސް ނޫން އެއީ. އީޖާދުކުރަން މަސައްކަތް ކުރާނީ، ރިސަރޗިންގ އިނޮވޭޝަންގައި އިންވެސްޓް ކުރަން ބިލިއަންސް އޮފް ޑޮލަރސް ހުންނަ ދައުލަތްތަކުން. އަޅުގަނޑުމެންނަކީ މީހުންކުރާ ރިސަރޗް އަޅުގަނޑުމެން އެޑޮޕްޓްކޮށްގެން އަޅުގަނޑުމެންގެ ބޭނުންތަކަށް މަގުފަހިކުރެވޭގޮތަކަށް އެ ބައްޓަންކޮށްގެން ކުރާ މީހުން. އެހެންވީމާ، އެކަންކަން ކުރުމުގައި ސިންގަޕޫރުގައި ނަމޫނާ މި ނެގޭ ސަބަބު އަޅުގަނޑު މި ދަންނަވާލީ.
 
އަޅުގަނޑުމެން ދެކޭހިތްވަނީ ބްރިޖް، ހުޅުމާލެއާ ގުޅި، އަދި އެ ސަރަޙައްދުގެ ތެރޭގައި ވަރަށް ރީތި އިސްލާމީ ބިނާއެއް ޤާއިމުވެގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި، މާލޭގެ އެފަރާތުގެ މަލަމައްޗަކީ އަޅުގަނޑުމެންގެ ޒުވާނުންނަށް، އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް، ރާއްޖޭގައި ކަންތައްތަކެއް ތިމަންނަމެންގެ މަސައްކަތުން ކުރެވިއްޖެ ކަމަށް ގަބޫލުކުރެވި، އަދި އެކަމުގެ ޝަރަފް ޙާޞިލުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭވަރުގެ ބިނާތަކެއް ފެނިގެންދިޔުން. އަދި އެ ބިނާތަކަކީ އޭގެ ޒާތުގައި ބޭނުންކުރެވޭ އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްދޭ އަދި ކޮންމެ ދުވަހަކު އަޅުގަނޑުމެން ކުރާ މަސައްކަތަށް ލުއިތަކެއް ގެނެސްދޭ ކަންތައްތަކަކަށް ބަދަލުވެގެންދާ ސަރަޙައްދަކަށް އެ ސަރަޙައްދު ވެގެންދިޔުން. އެ ސަރަޙައްދުން ގުޅައިދެނީ، އަޅުގަނޑުމެންގެ މިއަދާއި މާދަމާގެ އުންމީދު. އެ ސަރަޙައްދު ގުޅައިދެނީ، މާލޭގައި މިއަދު ދުވަސްވަމުންމިދާ އާބާދީއާއި އަޅުގަނޑުމެންގެ ކުރިމަގު، ޒުވާނުންނާއި ޒުވާނުންނަށް އޮތް ބްރިޖަކީ ޙަޤީޤަތުގައި އެ ބްރިޖަށް ވެގެންމިދަނީ. އެކަންކަން ވާން މި އަންނަނީ، އެއަރޕޯޓްގެ ރާސްތާގެ ތެރެއިން. ނޫނިއްޔާ އަޅުގަނޑުމެންގެ އެއަރޕޯޓްގެ ތެރެއިން މިހާރު  މި މަސައްކަތްތަކާއެކީ އެއަރޕޯޓްވެސް ތައްޔާރުވަމުން އެދަނީ މި ބްރިޖަށް ޖާގަދިނުމާއި އަދި އަޅުގަނޑުމެންގެ ދަތުރުފަތުރުވެރިންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމާއެކީ. މުޅި ތަނަކީ ކޮމްޕޮޒިޓް އިންޓަރގްރޭޓަޑް ބައެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަނީ. އެހެންވީމާ، މި މަސައްކަތަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޞިނާޢަތަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް، ކުރިއަށް އޮތް ހުރިހާ އަހަރަކަށް އަނެއްކާވެސް އެންމެބޮޑު މަސައްކަތް ކަމަށް ވެގެންދާނެ. އަޅުގަނޑުމެންގެ މިނިވަންކަން ހޯދުމުގެ ތެރޭގައިވެސް އެންމެ ވަރުގަދަ ރަމްޒުކޮށްދިން، އެންމެ ވަރުގަދަ ކަމަކަށް ވެގެންމިދިޔައީ، އަޅުގަނޑުމެންގެ އެއަރޕޯޓް ބިނާކުރުން. އަދި މިނިވަންކަމަށް 50 އަހަރު ފުރިގެންދާއިރު، މިނިވަންކަމުގެ ޢަޒުމުގައި ބޭރުގެ ޓަރބިއުލަންސާއެކީވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓައިދޭނަމޭ ބުނާއިރުވެސް މި ނަގައިދެވޭ ފިލާވަޅެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަނެއްކާވެސް އަޅުގަނޑުމެން ދިވެހިންގެ ޢަޒުމް. ހަމަ އެއަރޕޯޓްގެ ތެރެއިން ނަގައިދޭ ފިލާވަޅު. މި އެއަރޕޯޓަކީ އަނެއްކާވެސް އަޅުގަނޑުމެންގެ އުންމީދުތަކާއި، އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެއްޔާ ފައިހަމަކުރާވަރުގެ ސްކޯޕެއް އޮތް، ޖާގައޮތް، އެޕްޓިޓިއުޑް އޮތް އެއަރޕޯޓަކަށް، އިޤްތިޞާދީ ޙަރަކާތަކަށް ބަދަލުވެގެންދިޔުން. އެ ޙަރަކާތަށް ބަދަލުވެގެން ދިޔައިމަ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިހާރު އެއްވަނަ ދުނިޔޭގެ ޤައުމުތަކަކުންނެއް، ކުރީގައި ދޭހެންނެއް ތަރައްޤީގެ އެހީތަކެއް ޤައުމުތަކަކަށް އެއްގޮތަކަށްވެސް ނުދޭ. ވަރަށް ކުޑަކުޑަ އެއްޗެއް ދެނީ. އަދި އަޅުގަނޑުމެން ބައިވެރިވާ ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުންވެސް އަޅުގަނޑުމެންނަށް ލިބެނީ ވަރަށް ކުދިކުދި އެހީ.
 
ދާދި އިހަކަށްދުވަހަކު މިތަނުގައި ވާރލްޑް ބޭންކްގެ މި ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޒިޔާރަތް ކުރައްވާފައި އެ ވަޑައިގަތީ. އަޅުގަނޑުމެންނާއެކީ މަޝްވަރާ ކުރެވުނު، ދިވެހި ދައުލަތަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ. ޢަދަދުތަކުގެ ވާހަކަ ދައްކާކަށްނެތިން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވާރލްޑް ބޭންކަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. އެކަމަކު ޤައުމެއް ތަރައްޤީ ކުރަން މިއަދު ބޭނުންވާނީ، ހަމަ ޕްރައިވެޓް ކެޕިޓަލް މާކެޓަށް. ދެންމެ ސަޢީދުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ހަމަ ދައުލަތްތަކުން މި ވަންނަނީ ލޯނުނަގަން. ދައުލަތްތަކުން މި ވަންނަނީ ރިސޯސް ހޯދަން. އަޅުގަނޑުމެންގެ އެޑްވާންޓޭޖަށް މިދުވަސްކޮޅު އޮތް ކަމަކީ، ދުނިޔޭގައި މިވަގުތު މިހޯދާ ފަންޑިންގގެ ޚަރަދުކުޑަކަން. ކޮސްޓް ކުޑަކަން. އެކަމަކު މި ޙާލަތަކީ، އަބަދު މިގޮތުގައި އޮންނާނެ ޙާލަތެއް ނޫން. އަޅުގަނޑުމެންނަށް އެންމެ ބޭނުންވެފައި ހުރި ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހޯދަން ބަލާއިރު، އިރާދަކުރެއްވިއްޔާ، މީގެ ކޮސްޓް އޮފް ކެޕިޓަލް ކުޑަދުވަސްކޮޅަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ. އެއީ އަޅުގަނޑުމެންގެ ނަޞީބު.
 
އެހެންވީމާ، މި ފުރްޞަތުގެ ބޭނުންނުކުރާ ކަމަށްވަންޏާ، މި ފުރްޞަތުގެ ބޭނުންނުހިފާ ކަމަށްވަންޏާ، ހަމަ އަޅުގަނޑުމެންނަށް ފެންނާނީ، ޕިއްޒާ ޑެލިވަރީ ބަހެއް ގޭގޭގެ ދޮރުމައްޗަށް ހުއްޓެމުން ގޮސް، އެ ޕިއްޒާއެއް ކާން ބޭނުންތޯ، ނޫންތޯ ދޭތެރޭގައި ޚިޔާލު، ގޮތެއް ނުނިންމިގެން އުޅެނިކޮށް، ބަސް މިސްވާތަން އަޅުގަނޑުމެންނަށް ފެންނާނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއްނޫން، ތަރައްޤީ އަޅުގަނޑުމެންނާ މަޙްރޫމްވެގެން، މިދެންނެވި ގޮތަށް ބަވަނަވެފައި އޮތް އެހެން ދިމާއަކަށް ތަރައްޤީދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. މި ތަރައްޤީގެ ރޭސްގައި އަޅުގަނޑުމެން ބޭނުން، އަޅުގަނޑުމެން ބައިވެރިޔަކަށްވާން. ކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ ޢަޒުމް އޮތް ބައެއް އަޅުގަނޑުމެންނަކީ. އެހެންވީމާ، މި ތަރައްޤީގައި އަޅުގަނޑުމެން ބައިވެރިވާން ބޭނުން. އެހެންވެގެން، މިދެންނެވި ގޮތަށް އެއަރޕޯޓް، އަޅުގަނޑުމެންނަށް އެހާ މުހިންމު ތަނަކަށް ވެގެންމިދަނީ.
 
މި އެއަރޕޯޓްގެ މަސައްކަތަކީ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން ބޭނުންވާ ބޭރުގެ އެކްސްޕަޓީޒް ކަމުގައިވިނަމަވެސް، ދިވެހިންގެ އަތްމަތީގައި އޮންނާނޭ ދިވެހި އެއަރޕޯޓަކަށްވުމަކީ، މިއަދު އެއަރޕޯޓް ހިންގަވަން ތިއްބެވި ބޭފުޅުން އެކަމާ ދޭތެރޭގައި ވިސްނަވަންޖެހޭ ކަމެއް. އެއަރޕޯޓްގެ މަސައްކަތުގެ ލީޑަރޝިޕް އަންނަންވާނީ އެއަރޕޯޓް ހިންގަން ތިބި ބައެއްގެ ތެރެއިން. ސަރުކާރުން ވިސްނާފައި، ރައީސާ ހަމައިން ކޮށްދޭ ކަމަކީ، އެއަށް ފަހިކަން ގެނެސްދޭން ކޮށްދޭ މަސައްކަތްތަކެއް. އަޅުގަނޑުމެން ނިންމާ ނިންމުމުގެ ތެރޭގައި، މިދެންނެވި ކަހަލަ މުޅި ޙާލަތު ބަދަލުކުރާވަރުގެ ކަންތައްތައް ނިންމިދާނެ. މުޅި ދައުލަތް އޭރު ތިބީ އެކަމާ ނުކުޅެދިފައި. މިވަރު މަސައްކަތް ކޮށްގެން އަޅުގަނޑުމެން ހޯދި އެއަރޕޯޓެއް، ނޫނީ އެ ކާބަފައިންގެ ފަޚްރެއް ކަމުގައިވި އަޅުގަނޑުމެންގެ ތަރިކައެއް، ގާދޫކޮލުން ބޭރަށްދިޔައިރު، ހަމަ އަޅުގަނޑުމެން މިތިބީ އަނގަމައްޗަށް ނަގައިގެން. އެހެންވީމާ، އެ ޙާލަތުވެސް ހަމަ އަޅުގަނޑުމެން ބަދަލުކުރަންޖެހުނީ. ބޮޑުތަކުރުފާނު ކުރެއްވި ކަހަލަ ޖިހާދުގެ ވާހަކައެއް ނޫން މި ދައްކަނީ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ގުނުމާ ދޭތެރޭގައި ސުވާލު އުފައްދާ މީހެއް ކަމަށްވަންޏާ، އިޤްތިޞާދީ ބަހުން ބުނާ ކަމަށްވަންޏާ، މިއީ އިކޮނޮމިކް ކްރައިމަކަށް ނުވާކަމަށްވަންޏާ، ދެން އިކޮނޮމިކް ކްރައިމަކަށްވާނީ ވަކި ކޮންކަމެއް ކަމެއްވެސް ނޭނގެ. 16 މިލިއަން ރުފިޔާ، 1 ބިލިއަން ރުފިޔާ، މި ތަފާތު. 16 މިލިއަން ރުފިޔާ، އަޅުގަނޑުމެންގެ އެއަރޕޯޓަކަށްވީމަ، އެންމެ މަދުވެގެން ޖެހިގެން އައި އަހަރު، 1 ބިލިއަން ރުފިޔާ. ކޮބައިތޯ މި ތަފާތު؟ 984 މިލިއަން ރުފިޔާ. އެހެންވީމާ، ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން އަޅުގަނޑުމެންނަށް އޭ.ސީ.ސީ. އިން މި ބައްލަވާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެން އަދަބުދީފައި ހުންނާނެ، ހަތަރުލައްކަ ރުފިޔާއިން، ހަތަރު މިލިއަން ރުފިޔާއިން، ފަސް މިލިއަން ރުފިޔާއިން ގެއްލޭ، ފަސާދަވެފައި ހުންނަ ފަރާތްތަކާ ދޭތެރޭގައި. މި ދައްކަނީ ދައުލަތަކުން 984 މިލިއަން ރުފިޔާ، އަހަރެއްގެ ތެރޭގައި ތަފާތު ދައްކައިދިން ވާހަކަ މި ދައްކަނީ. އެހެންވީމާ، މިއަށްވުރެ ބޮޑު އިކޮނޮމިކް ކްރައިމެއް ނޯންނާނެ. އެކަމަކު މިއީވެސް ދައުލަތަކުން އަޅާފައި އޮތް ފިޔަވަޅެއް. މިއީވެސް ދައުލަތަކުން ނިންމާފައި، އެ މައްޗަށް އަޅުގަނޑުމެން އެންމެން ތަބާވެގެން ތިބި ކަމެއް. އެހެންނަމަވެސް، އެ ޙާލަތު އަޅުގަނޑުމެންނަށް ބަދަލުކުރެވުނީތީ، އިރާދަކުރެއްވިއްޔާ އަނެއްކާވެސް ﷲގެ ރަޙްމަތާއެކީ މި އެއަރޕޯޓާ ދޭތެރޭގައި ކުރިއަށް ދިޔުމުގެ އުންމީދުތައް އެންމެ ބޮޑަށް އަޅުގަނޑުމެންގެ ގުޅިފައި މިއޮތީ.
 
އެހެންވީމާ، އަދިވެސް އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުންވެސް އުންމީދުކުރަނީ، މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް ގެންދާނެ އެއަރޕޯޓް ކަމަށް. އެއަރޕޯޓް ބޭނުންކުރާ ކޮންމެ އުޅަނދެއް އުދުހޭނީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިޤްތިޞާދުގައި މި އެއަރޕޯޓް ބޭނުންކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދު އުދުހެންޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވެގެން އަޅުގަނޑުމެންނަށް ޕަރ-ކެޕިޓާ އިންކަމް، ސަތޭކަ ޑޮލަރުން، ދުއިސައްތަ ޑޮލަރުން ގަބޫލުކުރެވެނީ. އަޅުގަނޑުމެން އުދުހެން ބޭނުންވަނީ، ފަސްހާސް ޑޮލަރު ކަމަށްވަންޏާ، އަޅުގަނޑުމެން އުދުހެން ބޭނުންވަނީ ދިހަހާސް ޑޮލަރުން، ފަނަރަހާސް ޑޮލަރުން. މިއީ ކުށެއް ކަމަށްވަންޏާ މަޢާފްކުރައްވާ. ފަނަރަހާސް ރުފިޔާ ދޮށީ ރައްޔިތުންނަށް ލިބޭ ކަމަށްވަންޏާ، މަޢާފް ކުރައްވާ. އެކަމަކު މިކަންކަން ބޭނުންކަމަށްވަންޏާ، ބޯޓުގައި ހުންނާނީ އެއް ކައްޕިތާނެއް.  އެ ކައްޕިތާނު އެކަން ކުރާގޮތް ކަމުނުދާކަމަށްވަންޏާ، އެހެން ކައްޕިތާނަކު އަންނާނެ އެކަން ރަނގަޅުކުރަން. އެހެންވީމާ، މީގެކުރީގެ ދުވަސްތަކާއެކީ އަޅައިބަލާއިރު، އަދިވެސް މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ ފަޚްރެއް ކަމަށް، އަޅުގަނޑުމެންގެ ޝަރަފެއް ކަމަށް މިވަނީ އަޅުގަނޑުމެންގެ މުޅި އިޤްތިޞާދުގެ ދުވެލި ބިނާވެފައި ހުންނަނީ، ބައްޓަންވެފައި މި އޮންނަނީ މި އެއަރޕޯޓްގެ ހަރުދަނާކަމުގެ މައްޗަށް. އެހެންވީމާ، މި އެއަރޕޯޓަކީ އެހާ ކޮމިޓަޑް، އެހާ ދިވެހިންނަށް މުހިންމު އެއަރޕޯޓަކަށް ވެގެންދާ ސަބަބު މި ދަންނަވާލީ. މި އެއަރޕޯޓްގެ ޙައްޤުގައި ބަޔަކު މަސައްކަތްކޮށް، ބަޔަކު ޖަލަށްލެވި، އަދި ދައުލަތެއް ބަދަލުވެގެންދާ ދިޔުމަކީ، މި އެއަރޕޯޓްގެ މުހިންމުކަން، މިޒަމާނުގެ ކުދިންނަށް ކިތަންމެހާވެސް ސާދާގޮތެއްގައި ރަމްޒުކޮށްދޭ ކަމެއް.
 
 މި އެއަރޕޯޓަކީ މުހިންމު އެއަރޕޯޓެއް. މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ ދިރުން. މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އުންމީދުތައް. މި އެއަރޕޯޓަކީ އަޅުގަނޑުމެން މުޅި ދިވެހިންގެ ފަޚްރެއް ކަމުގައި އަނެއްކާވެސް އޮންނާނެ އެއަރޕޯޓް. އެހެންވީމާ، މިނިވަންކަމާއި އިސްތިޤްލާލާއެކީ ދިވެހިރާއްޖެ އޮންނަ ކަމަށްވަންޏާ، މި އެއަރޕޯޓަކީ ދިވެހިންގެ އެއަރޕޯޓަކަށް ވާންޖެހޭކަން މިއަދުވެސް މި ހޯލްތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ނިންމެވޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް.
 
އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ މަސައްކަތުން އަޅުގަނޑުމެންގެ ޤައުމުގެ ދުވެލި ކުރިއަށްދިޔުން. އަދި އިޤްތިޞާދީ ހަމަޖެހުމުގެ ތެރެއިން އިޖުތިމާޢީ ހުރިހާ މައްސަލަތަކަށް ޙައްލު ލިބުމާއެކީ، އަޅުގަނޑުމެންނަކީ އެކުގައި މަސައްކަތް ކުރަން އެނގޭ، އަދި އެކަމުގެ ހިތްވަރާއި ހުނަރުވެރިކަން ހުރި ބައެއް ކަމުގައި ﷲ މިންވަރު ކުރެއްވުން. މިކަމާއެކީ މުޅި ދިވެހިން ކުރާ މަސައްކަތުން، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖެ ކުރިއަށްދާނީ. އަނެއްކާވެސް ދަންނަވާލަން އޮތީ ހުރިހާ ކުދިންވެސް ބަސްއަހައިގެން މަސައްކަތް ކުރުމަކީ، ހަމަގައިމުވެސް ކްލާސްޓީޗަރަށް ފަސޭހަވެގެންދާނެ ކަމެކޭ. އަޅުގަނޑުމެން އެންމެންޖެހެނީ ކިޔަވަންކަން، ދެންމެ ސަޢީދު އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވި. ކަށްވަޅާ ހަމަޔަށް ދަންދެން އަޅުގަނޑުމެން ކިޔެވުމުގެ މަތިވެރި މަޤްޞަދުގައި ތިބޭ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް އެ ހިނގެނީ ﷲގެ މަގުން.
 
ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.