بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅަށް އަޅުގަނޑު މިކުރާ ދަތުރުގައި މިވަގުތު އަޅުގަނޑު އައިސް މިހިރީ މިލަދޫގައި. އާދެ، މިލަދޫގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ހާލު އަހުވާލު އޮޅުންފިލުވައި އަދި ރަށުގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަށްޓަކައި. މިގޮތަށް އަޅުގަނޑު މިކުރާ ދަތުރުތައް ފެށްޓީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ މާގިނަ ދުވަހެއްނުވަނީސް. އާދެ، 1979 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި. އޭގެފަހުން އަޅުގަނޑަށް ވަގުތު ލިބުނު މިންވަރަކުން މިދަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްހެން ޒިޔާރަތް ކުރަމުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ހުންނަ މީހަކަށް، ރާއްޖެތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަކީ މާފަސޭހަކަމަކަށް ނުވާނެކަން. އެހެންނަމަވެސް، ރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫން. އެއީ އަޅުގަނޑުމެން ހަނދާންކުރަންވީ އެއްޗަކީ. ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު ބައި ދިރިއުޅެނީ ރާއްޖެތެރޭގައި. އަދި ރާއްޖޭގައި މީހުން އުޅޭ 202 ރަށް އޮވޭ. އެއީ ހަމައެކަނި މާލެއެއް ނޫން. އެހެންވީމާ، ކިތަންމެ ވަގުތު ނުވިކަމުގައިވިޔަސް، ކިތަންމެ ގިނަ މަސައްކަތްތަކެއް މާލޭގައި ކުރަން ޖެހިފައި އޮތް ކަމުގައިވިޔަސް، މިދެންނެވީ، މުޅި ރާއްޖޭގެ ކަންތައްތަކާ ބެހޭގޮތުން، ކިތަންމެ ގިނަ މަސައްކަތްތަކެއް މާލޭގައި ކުރަން ޖެހިފައި އޮތް ކަމުގައިވިޔަސް، ރާއްޖެތެރެއަށް، ރާއްޖޭގެ ރައީސްކަމާ ޙަވާލުވެގެން ހުންނަ މީހަކު ވާނެ ދަތުރުކުރަން. ވާނެ ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް، އެމީހެއްގެ އަމިއްލަ ލޮލުން ދެކެން. ރާއްޖެތެރޭގެ މީހުން ދިރިއުޅޭގޮތާއި، އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމަށް ހުރަސްއެޅޭކަމަށްވަންޏާ އެހުރަސްތަކާ، މިހުރިހާ ކަމެއްވާނެ، އެމީހަކު އަމިއްލައަށް ސާފުކުރަން.
 
އާދެ، އޭގެފަހުގައި ދައުލަތުގެ ފަރާތުން ވެވެން އޮތް އެހީތަކެއްވާނެ، އެމީހަކު ރާއްޖެތެރެއަށް ފޯރުވައިދޭން. އެ މުހިންމު މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުކުރަމުން މިގެންދަނީ. މިއަދު އަޅުގަނޑު މިލަދޫއަށް އައިސް މިރަށުގެ ރައްޔިތުންނާ ބައްދަލުވުމަށް މި ފުރުޞަތު ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. މިރަށުގެ ރައްޔިތުން މި މުނާސަބަތު ފާހަގަކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި އެބަހުރި.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑުގެ ހިތަށް ވެރިވެގަންނަނީ ޝުކުރުގެ ޝުޢޫރުތައް. އާދެ، އެއީ މިހާ ބޮޑެތި މަސައްކަތްތަކެއް، އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން ކުރައްވައިފައިވާތީ. ހަމައެއާއެކު އަޅުގަނޑުގެ ހިތަށް ހިތާމަވެސް އިޙްސާސް ކުރެވޭ. ސަބަބަކީ އަޅުގަނޑު އެއްގޮތަކަށްވެސް ނޭދޭކަން، ރާއްޖޭގެ އެއްވެސް ރަށެއްގެ އަހުލުވެރިން މިހާބޮޑު ބުރަ ތަކުލީފުތަކެއް އަޅުގަނޑަށްޓަކައި އުފުއްލަވާކަށެއް. އެއޮތް ދިގުމަގު އެއްކޮޅުން އަނެއްކޮޅަށް އެއޮތީ ދޮންވެލި ލައްވައި، ދެފަރާތުގައި ގަސް ޖައްސަވައި، ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައިފައި. އެކަހަލަ މަސައްކަތެއް އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ނޫނީ ނުވާނެ ކަމެއް. އެހެންވީމާ، އެއްކޮޅުން އިޚުލާޞްތެރިކަމާއެކު މިރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރާއިރު، އަނެއްކޮޅުން އެކަމަކީ އަޅުގަނޑު މާހިތްހަމަޖެހޭ ކަމެއް ނޫނޭވެސް ދަންނަވަން އެބަޖެހޭ.
 
އާދެ، އަޅުގަނޑު ބޭނުންވަނީ މިދަތުރުތަކުގެ ސަބަބުން ކުރައްވާ މަސައްކަތަކީ، ދާއިމީގޮތުން ރަށުގެ ރައްޔިތުންނަށް ފައިދާ ލިބޭ ކަހަލަ މަސައްކަތަށްވުން. މިސާލަކަށް، ފާލަމެއް އެޅުންކަހަލަ. އެއީ ފާލަމެއް އެޅޭކަހަލަ ރަށެއްގައި ވިއްޔާ، ފާލަމެއް ތައްޔާރު ކުރެއްވުމުން އޭގެ ބޭނުން އަދި އޭގެ ފައިދާ ދާއިމީގޮތެއްގައި އެރަށުގެ ރައްޔިތުންނަށް ލިބެމުންދާނެ. އެހެންވީމާ، އަޅުގަނޑު އެރަށަކަށް ކުރާ ޒިޔާރަތުގެ ސަބަބުން އެ ފާލަން އެޅުނުކަމަށްވަންޏާ، އެއީ އަޅުގަނޑު އުފާކުރާނެ ކަމެއް. އެއީ އޭގެފަހުގައި އޭގެ ހުރިހާ ފައިދާތަކެއް ރައްޔިތުންނަށް ރައްދުވެގެންދާނެތީ. އެއާ ޚިލާފަށް ވަގުތީގޮތުން ކުރެވޭ ކަންތައްތައް، މާބޮޑު ބުރައެއް އުފުއްލަވައިގެން ކުރެއްވުމަކީ އަޅުގަނޑު ހިތުން މާ ރަނގަޅު ކަމެއް ނޫން. ކޮންމެއަކަސް މިހުރިހާ ކަމެއް ކުރައްވައިފައި މިވަނީ މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚުލާޞްތެރިކަމެއްގެ ބޮޑުކަމުންކަން އަޅުގަނޑަށް ރަނގަޅަށް ވަޒަންކުރެވޭތީ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށާއި ވެރިންނަށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު އަދާކުރަން.
 
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ އެންމެބޮޑު އެއް ބޭނުމަކީ، ރާއްޖެ ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭނެކަން ހާމަކޮށްދިނުން. ދިވެހިރާއްޖެއަކީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން ހަމައެކަނި މާލެއެއް ނޫން. މާލެ ކުރިއަށް ގޮސްގެން އަދި އެއީ ރާއްޖެ ކުރިއަށް ދިޔުން ކަމަކަށް ނުބެލެވޭނެ. އަދި މާލޭގެ މީހުން ތަރައްޤީވާން ކުރާ މަސައްކަތް އެއީ މުޅި ރާއްޖޭގެ ނިސްބަތުގައި، ފުދޭ މަސައްކަތަކަށެއްވެސް ނުވާނެ. އޭގެއިތުރުން، ރާއްޖެތެރޭގެ ރައްޔިތުން، ރާއްޖެތެރޭގައި ދިރިއުޅޭ މީހުން، އެމީހުންގެ ރަށްރަށް ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެ. އެމީހުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށް މަސައްކަތް ކުރަންވާނެ. އެމީހުންގެ މެދުގައި ތަޢުލީމު ފެތުރުމަށް މަސައްކަތް ކުރަންވާނެ. އަދި ތަޢުލީމު ފިޔަވައި އެހެނިހެން ޚިދުމަތްތައްވެސް، އެރަށެއްގެ ރައްޔިތުންނާއި އެއަތޮޅެއްގެ ރައްޔިތުންނަށް ލިބިދެވޭކަހަލަ ގޮތަކަށް މަސައްކަތް ކުރަންވާނެ. އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކޮށްގެންނޫނީ އަޅުގަނޑުމެންގެ ރަށް ކުރިޔަކަށް ނުގެންދެވޭނެ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހިތްހަމައެއްނުޖެހޭނެ، މިހާރު މިހުރި ހުރިހާ ކަމެއްވެސް، މިހާރު މިހުރި ގޮތަށް ހުންނާކަށެއް. ރަށުގެ ހާލަތުވެސް މިހާރު މިއޮތްގޮތަށް އޮންނާކަށެއް، އެއްވެސް މީހަކު ނުރުހޭނެ. ބޭނުންވާނެ ޔަޤީނުންވެސް، އެއްދުވަހުން އަނެއް ދުވަހަށް ރަށުގެ ހާލު ކުރިއަށް ދާން. އެމީހެއްގެ އަމިއްލަ ތަނަވަސްކަންވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާން. އަދި ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހާގެ ދަރިން، އެމީހާ މިހާރު އެއުޅޭ ޙަޔާތަށްވުރެ ބާއްޖަވެރި އުފާވެރި ޙަޔާތެއް ދެކޭގޮތަށް ކަންތައް ވަމުންދާން.
 
އެހެންވީމާ، މިދެންނެވި ލަނޑުދަނޑިތަކާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވޭނީ، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކޮށްގެން. މިރަށުގެ ރައްޔިތުން ކުރިއެރުމަށް ލޯބިކުރައްވާކަން، އެއީ ވަރަށް ކުރިއްސުރެ ފާހަގަކުރެވޭ ކަމެއް. މިހާރަކު ނޫން. އެހެން މިދެންނެވީ މިތާނގައި މިހިރަ މަކްތަބު، މިރަށުގެ ރައްޔިތުން، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި، އަމިއްލަ މަސައްކަތުން، ބިނާކުރައްވައިފައި އެހެރީ މީގެ ގާތްގަނޑަކަށް އެގާރަވަރަކަށް އަހަރު ކުރިން. އެހެންވީމާ، އެހާ ކުރިއްސުރެ ތަޢުލީމަށް، މިރަށުގެ ރައްޔިތުން ވަރަށްބޮޑު އަހަންމިއްޔަތު ދެއްވާކަން އެއްވެސް އޮޅުމެއްނެތި އެބަ ދޭހަވޭ. އަޅުގަނޑުގެ އެދުމަކީ، މިހާރުވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވުން. އަޅުގަނޑުގެ ކުރިމަތީގައި މިތިބަ ޅަކުދިންކޮޅު އެތިބަ މަންޒަރުން، ވަރަށް މަތިވެރި އުފަލެއް އަޅުގަނޑަށް އިހުސާސް ކުރެވޭ. އެއީ އަޅުގަނޑުމެންގެ، ޤައުމުގެ މުސްތަޤްބަލް އޮތީ މިކުދިންގެ އަތްމަތީގައި ކަމަށްވާތީ. އަޅުގަނޑުމެންގެ ދަރިންގެ އަތްމަތީގައި. އެހެންވީމާ، އެކުދިންނަށް، އެދެވޭ ތަޢުލީމެއް ދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެއް. ދީނީގޮތުންވެސް ޤައުމީގޮތުންވެސް އަޅުގަނޑުމެން ވަރަށް މަތިވެރި އިސްކަމެއް ދޭންޖެހޭނެ ކަމެއް އެއީ.
 
އާދެ، ތިޔަބޭފުޅުން އައްސަވާނެ، ރާއްޖެތެރެ ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ ވާހަކަ. އެކިރަށްރަށުގައި އެކިކަހަލަ ކަންތައްތައް ސަރުކާރުން ފަށައިގަނެގެން ކުރިއަށް އެބަގެންދޭ. ކޮންމެ އަތޮޅެއްގައި ޕްރައިމަރީ ސްކޫލެއް އެބަ ހިންގާ. ކޮންމެ ރަށެއްގައި ރަށުކޯޓެއް ވަނީ އުފެދިފައި. ކޮންމެ ރަށެއްގެ ރަށު އޮފީހަށް މުވައްޒަފުން ވަނީ އިތުރުކުރެވިފައި. ކޮންމެ އަތޮޅެއްގެ އަތޮޅުއޮފީހަށްވެސް ވަނީ މުވައްޒަފުން އިތުރުކުރެވިފައި. ބައެއް ރަށްރަށުގައި، ފަޅުކޮނުން، ނެރުގޮއްވުން، މިބާވަތުގެ މަސައްކަތްތައްވެސް ކުރަމުން އެބަގެންދެވޭ. މިސްކިތްތައް މަރާމާތުކުރުން، އަލުން މިސްކިތް އެޅުން، ރަށުއޮފީސް މަރާމާތު ކުރުން ނުވަތަ އަލުން ޢިމާރާތް ކުރުން. މިބާވަތުގެ ވަރަށްގިނަ ކަންތައްތައް، މިދެންނެވި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނިފައިވޭ. އާދެ، މިރަށަށް ބަލައިލާއިރު، މިރަށަށް މިހާތަނަށް އެ މަޝްރޫޢުގައި ކަމެއް ހިމެނިފައެއްނުވޭ. އޭގެ ސަބަބަކީ ފަހަރެއްގައިވެސް، މިރަށަށް އެކަށީގެންވާ ސަމާލުކަން ސަރުކާރުން ނުދެނިއްޔަކީ ނޫން. އޭގެ މާނަޔަކީ، މިރަށަށްވުރެވެސް މާބޮޑަށް، އެހީއަށް ބޭނުންވާ ރަށްތައް ރާއްޖެތެރޭގައި އެބަހުއްޓޭ. ބައެއް ރަށްރަށުގައި، މިސްކިތްތައް ބާވެގެން ވީރާނާވެގެން ދިޔުމުގެ ސަބަބުން، މިސްކިތުގައި އެއްގޮތަކަށް ނަމާދު ނުކުރެވޭ ހިސާބަށް ގޮސްފައި އެބަހުރި. ރަށްރަށުގެ އޮފީސްތައްވެސް ހަމަ މިދެންނެވި ފަދައިން، އެތަނުގައި ހަމަ އެއްވެސް ކަހަލަ މަސައްކަތެއް ކުރިއަށް ނުގެންދެވޭ ހިސާބަށް ހަލާކުވެ ވީރާނާވެގެން ގޮސްފައި އެބަހުރި. އެހެންވީމާ، އެ ރަށްރަށް އިސްކުރުމުގެ ގޮތުން، ބައެއް އެހެން ތަންތާނގައި އެބާވަތުގެ ކަންތައްތައް، މިހާތަނަށް ހަމަޖެހިފައި، މިރަށަށް އަދި ހަމަނުޖެހި މިއޮތީ. އަޅުގަނޑު ދެންމެ މިރަށުގެ މިސްކިތް ބަލައިލައިފިން، މިސްކިތަކީ ވަރަށް ޒަމާންވީ ދުވަސްވީ މިސްކިތެއް. އަދި މިސްކިތަކީ މިރަށުގެ ރައްޔިތުންނަށް ފުދޭވަރަށްވުރެ ކުޑަ މިސްކިތެއް. އަދި އެއަށްވުރެ ކުޑަ އެހެން މިސްކިތެއްވެސް އެބަހުރިކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެއަށްވުރެ ރަނގަޅު މިސްކިތެއް މިރަށުގައި ހުންނަންވާނެ. އެހެންވީމާ، މިހާތަނަށް އެ މަޝްރޫޢުގައި މިސްކިތެއް މިރަށަށް ހަމަޖެހިފައި ނެތް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، މިރަށުގައި ސަރުކާރުގެ ފަރާތުން މިސްކިތެއް ހަދައިދޭނެ.
 
އާދެ، ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބުވާނީ ރައްޔިތުން އެ މަސައްކަތްތަކުގައި ބައިވެރިވެގެން. އެހެން އަޅުގަނޑު މިދަންނަވަނީ، މި މަޝްރޫޢު މިއޮތީ ސަރުކާރުން ރާވައިފައި. ވަރަށްގިނަ އަދަދަކަށް ފައިސާ ޚަރަދު ކުރެވެމުންދާނެ މަޝްރޫޢެއް މިއީ. އެކަމަކު އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި، އެފައިދާ ލިބެންވީ ފަރާތަށް، އާދެ، އެފަރާތަކީ ރައްޔިތުން. އެފަރާތަށް އެންމެ އެދެވޭގޮތުގައި އެ މަޝްރޫޢުގެ ފައިދާ ލިބެމުންދާނީ ރައްޔިތުން އޭގައި ބައިވެރިވެގެން ސަރުކާރާ އެއްބާރުލަމުން ގެންދިޔަ މިންވަރަކުން. ސަރުކާރުން މަޝްރޫޢެއް ރޭވިޔަސް، އަދި ފައިސާތަކެއް ޚަރަދުކުރިޔަސް، އެއިން ލިބެންވީ ފައިދާއެއް ނުފެންނާނެ ރައްޔިތުން އޭގައި ބައިވެރިނުވާ ކަމަށްވަންޏަކާ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ސަރުކާރުން މިހާރު ރާއްޖެތެރެ ކުރިއަށް ގެންދިޔުމަށްޓަކައި މިކުރާ މަސައްކަތްތަކުގައި، ފިސާރި އިޚުލާޞްތެރިކަމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަތުން. އަޅުގަނޑު ޔަޤީންކުރަން، މިހާރުވެސް ބައިވެރިވަމުންދާ ކަމަށް. އެއީ އެއްވެސް ޝައްކެއް ހުރިކަމެއް ނޫން. އަޅުގަނޑު މި ދާ ރަށްރަށުން، މި ދާ ހުރިހާ އަތޮޅަކުންވެސް އޭގެ ވަރަށްގިނަ ހެކިތައް ފެންނަމުންދޭ. ވަރަށް ފުރިހަމަ ދަރަޖައަކަށް، ރައްޔިތުން ސަރުކާރާ އެއްބައިވެގެން ކަންތައްތައް ކުރިއަށް ގެންދާކަން އެބަ ފެނޭ. އެހެންވީމާ، އެ މަސައްކަތް ކުރިއަށް ގެންދެވުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. ހަމައެފަދައިން، އަޅުގަނޑު ކުރިންވެސް އިޝާރަތްކުރި ފަދައިން، ތަޢުލީމަށް އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ. ރަށް ކުރިއަށްދާނީވެސް، ޤައުމު ކުރިއަށްދާނީވެސް، އަޅުގަނޑުމެންގެ އުންމަތް، ދިވެހި އުންމަތް ކުރިއަށް ގެންދެވޭނީވެސް، އަޅުގަނޑުމެންގެ ޅަދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ލިބިދީގެން. މިރަށުގައި މިހާރު އެހެރަ މަކްތަބު، މިރަށުގެ ރައްޔިތުން ހިންގަވާ ތަނެއް އެއީ. އެތަންވެސް ވަރަށް އެދެވޭ ގޮތެއްގައި ހިނގަންވާނެ. އަދި ހިންގާތާ ގިނަދުވަސް ވެފައިވާ ތަންތަނަށް ސަރުކާރުން އެހީވެދޭ އުސޫލެއްވެސް ކަނޑައަޅައިގެން ކުރިއަށް ގެންދަނީ. އަށްޑިހަވަރަކަށް އަމިއްލަ މަދަރުސާ ނުވަތަ މަކްތަބު ރާއްޖޭގައި އެބަހުރި ސަރުކާރުގެ ފަރާތުން އެހީ ލިބޭ. އެއީ މެދުކެނޑުމެއްނެތި 10 އަހަރު ހިންގައިފައިވާ ތަންތަން. އެގޮތުގެ މަތިން މިރަށުގެ މަކްތަބަށްވެސް ގަވާއިދުގެ މަތިން އެ މުއްދަތު ހަމަވީމާ އެހީ ލިބެނީ. ވަކި ގަވާއިދެއް ހަމަޖައްސަންޖެހޭ ސަބަބަކީ، ސަރުކާރަށް ލިބޭ އާމްދަނީއަކީ މާބޮޑު އެއްޗަކަށް ނުވެފައި، ކުރަންޖެހޭ ޚަރަދުތައް ގިނަވަމުންދާތީ. އެއްފަހަރާ ހުރިހާ ތަނަކަށް އެހީވެވެން ނޯންނަކަން. އެހެންވީމާ، ވަކި އުސޫލެއް ކަނޑައަޅައިގެން، އެ އުސޫލުގެ މަތިން ސަރުކާރުން އެހީވަމުން އެ ގެންދަނީ.
 
އާދެ، އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ކުރާ މަސައްކަތަކުންނޭ. އާދެ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސް ކުރެވޭނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކު އެކުރާ މަސައްކަތަކުން. އެ މަސައްކަތަކީ، ކޮންމެ ކަހަލަ މަސައްކަތެއް ކަމުގައިވިޔަސް، އެ މަސައްކަތް ފިސާރި ރަނގަޅަށް ކޮށްގެން ނޫނީ، އެއިން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރެއްނުކުރެވޭނެ. މިރަށަކީ މަސްވެރި ރަށެއް. މަސްވެރިކަން އެއީ، ދިވެހިރާއްޖޭގެ އިޤުތިޞާދުގެ އެންމެ ވަރުގަދަ ލޭނާރު. އެހެން ތަކުރާރުކޮށް ރެޔާދުވާލު ގޮވާއަޑު، ތިޔަބޭފުޅުން އައްސަވާނެ، ދިވެހިރާއްޖޭގެ އަޑުން. އެއީ ވަރަށްބޮޑު ޙަޤީޤަތެއް. މަސްވެރިކަން އާލާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައްވެސް ތިޔަބޭފުޅުންނަށް ވަންހަނާވެގެނެއް ނުވާނެ. އެކިއެކި ބޮޑެތި މަޝްރޫޢުތައް ރާވައިގެން، ބޭރުގެ ފަރާތްތަކާ ގުޅިގެން މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން، ނުވަތަ އެނޫންވެސް ކަންތައްތައް ސަރުކާރުން ކުރަމުން އެބަގެންދޭ. ވަރަށްގިނަ އަދަދަކަށް ރާއްޖޭގައި މިހާރު އިންޖީނު ބެހެއްޓި ދޯނިފަހަރު އެބަހުރި. އަދި އެއަށްވުރެ ގިނަ އަދަދަކަށް މީހުން އިންޖީނަށް ބޭނުންވެގެން ސިޓީލަމުން ގެންދޭ. ނުވަތަ ފޮށްޓަށް ސިޓީލައިފައި އެބަހުރި. އެހެންވީމާ، މިކަހަލަ މަސައްކަތްތައް ސަރުކާރުން ކުރާއިރު، އޭގެ މުޤާބިލުގައި މަސްވެރިކަން ދިރުވުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭނެ. އަދި މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެޅޭ އެންމެބޮޑު އެއް ހުރަހަކީ ތެޔޮ ލިބެން ނުހުންނަކަން. އެއީ ވަރަށްގިނަ ފަރާތްތަކުން އެކަން އެނގިގެން ރާއްޖެތެރެއަށް ތެޔޮ ފޮނުވުމުގެ އިންތިޒާމެއް ދަނީ ސަރުކާރުން ހަމަޖައްސަމުން. ތިޔަބޭފުޅުން އައްސަވާނެ އެވާހަކަ. އާދެ، ރާއްޖެތެރޭގައި ތާނގީތަކެއް ބަހައްޓައިގެން، އެ ތާނގީތަކަށް ސަރުކާރުން ތެޔޮ ފޮނުވާ އުސޫލު ހަމަޖައްސަވައިފައިވާކަން.
 
އާދެ، މިދޭތެރެއިން ސަރުކާރުން އުފެއްދި ކުންފުނިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ، އެމް.ޓީ.ސީ.ސީ. އެކުންފުނީގެ ފަރާތުން މިހާރު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ތެޔޮ ފޮނުވަމުން އެބަގެންދަވާ. މަސައްކަތަކީ ވަރަށްބޮޑު މަސައްކަތަކަށްވާތީ، އެއްފަހަރާ ހުރިހާ އަތޮޅަކަށް ތެޔޮ ފޮނުވޭކަށެއް ނޯވޭ. އެހެންވީމާ، އެ ތެޔޮތާނގީތައް ބެހެއްޓިފައި ހުރި ރަށްރަށަށް ތެޔޮ ފޮނުވައިގެން މަސްވެރިންނަށް ނުވަތަ އިންޖީނު ދޯނިފަހަރުގެ ވެރިންނަށް އެ ތެޔޮ ވިއްކޭނެ އިންތިޒާމު މިހާރުވަނީ ސަރުކާރުން ހަމަޖައްސައި، އެކަން ކުރުވުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައި. އެއީވެސް މަސްވެރިކަމަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، މަސްވެރިންނަށް ދިމާވާ ދަތިވެސް ފިލުވައިދިނުމުގެ ގޮތުން.
 
 އެހެންވީމާ، މިހުރިހާ ކަމެއް ސަރުކާރުން ކުރަމުން ގެންދާއިރު، އެކަށީގެންވާ ތަރުޙީބެއް ރައްޔިތުންގެ ފަރާތުން ލިބެންޖެހޭނެ. އަދި މަސްވެރިކަން ކުރިއަށް ގެންދެވޭތޯ ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު މަސްވެރިންގެ ދުވަހެއްވެސް ސަރުކާރުން ވަނީ ކަނޑައަޅައިފައި. އެންމެ ފުރަތަމަފަހަރު މި ދުވަސް ފާހަގަކުރެވެނީ މިއަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު. އާދެ، އޭގެ ބޭނުމަކީވެސް މަސްވެރިންނަކީ މުޖުތަމަޢުގައި ވަރަށް މަތިވެރި މަޤާމެއް ލިބެންޖެހޭނެ ބައެއްކަން އެންމެންނަށް ހާމަކޮށްދީ، މަސްވެރިންނަށް އެހީތެރިކަން ފޯރުވުން. އެކިގޮތްގޮތުން ދިވެހިރާއްޖޭގެ އިޤުތިޞާދުގައި މަސްވެރިކަން ކޮށްފައިވާ މިންވަރު އެންމެންނަށް އެނގި އަދި އެ މިންވަރު، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރެވޭތޯ ބެލުން. މަސްވެރިކަމަކީ އެއްގޮތަކަށްވެސް ދެރަ މަސައްކަތެއް ނޫން. އަދި ކީއްތޯ އެއީ އަޅުގަނޑުމެން ކުރާ އެންމެމޮޅު މަސައްކަތް. ރާއްޖޭގެ ރައްޔިތުން ކުރާ އެންމެމޮޅު މަސައްކަތަކީ މަސްވެރިކަން.
 
އެހެންވީމާ، ފަހަރެއްގައިވެސް މަހަށްދިޔުން އެއީ ދެރަ ކަމެއް ކަމުގައި އަޅުގަނޑުމެން ބަލައިގެން ނުވާނެ. މަސްވެރިކަން ފިޔަވައި އަދިވެސް ރަށްރަށުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ދެކެންވެއްޖެ. އެއީ އެއްދުވަހުން އަނެއް ދުވަހަށް، ތަކެތީގެ އަގުވެސް ދަނީ ބޮޑުވަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން ނޫނީ ނޯންނާނެ ދެކޮޅުޖެއްސޭކަށް. އަޅުގަނޑު މިވާހަކަ މި ދައްކަނީ އެއްގޮތަކަށްވެސް މަސައްކަތް އިތުރުކުރީމާ، އެއިން ސަރުކާރަށް އެއްޗެއް ލިބޭނެތީއަކީ ނޫން. އަޅުގަނޑު މިވާހަކަ މި ދައްކަނީ، އެމީހަކަށް އެ ލިބޭ އެއްޗެއް އިތުރުވީމާ، ހަމަ އެމީހަކަށް އޭގެ ފައިދާ ލިބޭނީ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ އަދި ނަޞޭޙަތަކީ އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ނުހުރުން. ކޮންމެ މީހަކުވެސް ދިރިއުޅުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުން ގެންދިޔުން. އަދި މިހާރު އެކުރާ މަސައްކަތްވެސް، މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބަލަމުން ގެންދިޔުން. ހަމަ އެއާއެކުގައި އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާއި އެއްބަނޑުއެއްބަފާކަން ފެތުރުން އެއީވެސް ވަރަށް މުހިންމު ކަމެއް. އެކަމަށް ހުރިހާ އެންމެން ސަމާލުކަމެއް ދޭންވާނެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން، މުސްލިމުން. މުސްލިމުންގެ މެދުގައި އޮންނަންވާނީ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން. މުސްލިމުންގެ މެދުގައި އެއްވެސްކަހަލަ ފިތުނަވެރިކަމެއް އޮވެގެނެއް ނުވާނެ. އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް، ޙަސަދަވެރިކަމެއް އޮވެގެނެއް ނުވާނެ. އެއީ އަޅުގަނޑުމެންގެ ދީނާ މުޅިން ޚިލާފު ކަންތައްތައް. ތެދުވެރި މުސްލިމުން ކަމުގައި އަޅުގަނޑުމެންވާނަމަ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެންމެން އެކުވެރިވެ، އެކަތިގަނޑަކަށްވުމުގެ ރޫޙު. އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ރޫޙު. އެންމެން އެއްބާރުލައިގެން ޖަމާޢަތުގެ ކަންތައް ކުރިއަށް ގެންދިޔުމުގެ ރޫޙު. އެފަދަ މަތިވެރި ރޫޙެއް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން ނޫނީ އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގެ ނަތީޖާއެއް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، އަބަދުވެސް އެންމެން އެކުވެރިވުން. އެންމެން އެކަތިގަނޑަކަށްވުން. އެކަތިގަނޑަކަށްވެގެން، އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތް ތަނަވަސްކުރުމަށް، އަޅުގަނޑުމެންގެ އަމިއްލަ ރަށުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުން ގެންދިޔުން.
 
އާދެ، އަޅުގަނޑު ކުރިން އިޝާރަތް ކުރިން، އަޅުގަނޑު މިރަށަށް އައިސް ރަށުތެރެ ބަލައިލުމަށް ދިޔަދިޔުމުގައި މަރުޙަބާގެ ޢިބާރާތްތަކެއް ލިޔުއްވައިފައި ހުރިތަން ފެނުނު ވާހަކަ. އޭގެތެރެއިން އެއް ޢިބާރާތަކާ ދޭތެރޭގައި އެއްޗެއް ދަންނަވައިނުލައި، އަޅުގަނޑު ހިތްހަމައެއްނުޖެހޭ. އާދެ، ލިޔުއްވައިފައިވަނީ [ދިވެހިރާއްޖޭގެ ދާއިމީ ރައީސަކަށް އަޅުގަނޑުމެން އެދެނީ މައުމޫން ޢަބްދުލްޤައްޔޫމް.] އާދެ، އަޅުގަނޑަށްވެސް އެނގޭ، އެ ޢިބާރާތް އެ ލިޔުއްވި ފަރާތަކުން، އެ ލިޔުއްވީ ވަރަށް ތެދުވެރި ޝުޢޫރުތަކެއް، އެފަރާތެއްގެ ހިތުގައި އޮވެގެންކަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަޔަކީ، އެއީ އެކަން އޮންނަންވީ ގޮތެއް ނޫނޭ. އެއްވެސް މީހަކު އެއީ އެއްވެސް ތަނެއްގެ ދާއިމީ ރައީސަކަށް ވެގެންނުވާނެ. އެންމެންނަކީވެސް އިންސާނުން. އެހެންވީމާ، ކޮންމެ އިންސާނަކުވެސް ޚިދުމަތް ކުރުން އެކަށީގެންވޭ. ހަމަ އެއާ ޚިލާފަށް އެ ޚިދުމަތް ކުރުމުން އެއްކިބާވުންވެސް އެކަށީގެންވޭ. އަބަދުވެސް އެ ބާރު އޮންނަންޖެހޭނީ ރައްޔިތުންގެ އަތުގައި، ކާކުކަން ވެރިކަމަށް އިސްކުރާނީ، ކާކުކަން ވެރިކަމުން ދުރުކުރާނީ. އެއީ ރައްޔިތުން ނިންމަންޖެހޭނެ ކަމެއް. އެކަމުގައި ރައްޔިތުން ބަލަންވާނީ، އެ ވެރިޔަކަށް ހުންނަ މީހެއްގެ ޚިދުމަތަށް. އެމީހެއްގެ ޢަމަލަށް. އެމީހަކު އެކުރާ މަސައްކަތަކަށް. ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހަކު ނޫނީ، ވެރިޔަކަށް ހުރެގެނެއް ނުވާނެ. އަދި ބޭރު ބަސްބަހުން ބުނާގޮތަށް އެއްވެސް މީހަކަށް "ކޮޓްފަރޑެއް" ދެއްވައިގެން ނުވާނެ. ވާހަކަޔަކީ އެއްވެސްކަހަލަ ލިޔުމެއް ނެތް، އެއްވެސްކަހަލަ ކަރުދާސްގަނޑެއް އެއްވެސް މީހަކަށް ދީގެނެއްނުވާނެޔޭ، އޭގެ ތިރީގައި އަޅުގަނޑުމެން ސޮއިކޮށްލައިފައި. އޭރުން އެމީހަކު ބޭނުން ކޮންމެ ވާހަކައެއް އޭގެ މަތީގައި ލިޔެފާނެއޭ. ލިޔެގެން އެކަން އަޅުގަނޑުމެން ކޮށްދޭން މަޖުބޫރުވެދާނެޔޭ، އަޅުގަނޑުމެންގެ ސޮއިކުރެވިފައި އޮތީމާ.  އެހެންވީމާ، އެއީކީ ސިޔާސީގޮތުން ހަމަޖެހޭ އުސޫލެއް ނޫން. ސިޔާސީގޮތުން ހަމަޖެހޭ އުސޫލަކީ، ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ރައްޔިތުން އެމީހުންނަށް ފެންނަ މީހަކު ވެރިކަމަށް އިޚުތިޔާރު ކުރުން. ވެރިކަމަށް ހޮވުން. އެއީ އެމީހެއްގެ ކިބައިން ރައްޔިތުންނަށް ފެނިފައިވާ އިޚުލާޞްތެރިކަމެއް ނުވަތަ ޚިދުމަތެއްގެ ސަބަބުން.  އެހެންވީމާ، އަޅުގަނޑު ކިތަންމެ ބޮޑަށް އުފާވިކަމުގައިވިޔަސް، އެފަދަ ޢިބާރާތެއް ލިޔުއްވައިފައި އޮތުމުން އަދި ކިތަންމެ ބޮޑަށް ޝުކުރު ދެންނެވި ކަމުގައިވިޔަސް، އެއީ ހަމަޖެހޭ ޢިބާރާތެއް ނޫންކަން ދަންނަވައިލަން އަޅުގަނޑަށް އެބަޖެހޭ.
 
އާދެ، ކޮންމެއަކަސް، މިރަށަށް މިއަދު އަޅުގަނޑަށް އާދެވުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މިރަށުގެ ރައްޔިތުން، އަޅުގަނޑު މި ދެއްކި ވާހަކަތަކާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވިސްނަވައި، އަޅުގަނޑު މި ރައްޔިތުންނަށް ދިން ނުވަތަ އެރުވި ނަޞޭޙަތާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް ޔަޤީންކުރަން.
 
އަޅުގަނޑުގެ އެދުމަކީ އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ ތަރައްޤީވަމުން ދިޔުން. އަދި ޚާއްޞަކޮށް، ރާއްޖެތެރެ މިހާރުއޮތް ފެންވަރަށްވުރެ ހަލުވިކަމާއެކު ތަރައްޤީވަމުން، އިޞްލާޙުވަމުން ކުރިއަށް ދިޔުން.
 

            والسّلام عليــكم ورحـمــة اللّـه وبـركاتـه.