ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2016 އެޕްރީލް 25 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 466 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ޙަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
 
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
2. ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.
3. އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
4. ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
5. ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދައި މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.
6. ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.