بســم اللّـه الرّحمـن الرّحيــم
      
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެ ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.
 
ހައްދުންމަތީ ފޮނަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި ހައްދުންމަތީ ފޮނަދޫގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގާދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާގައި އަޅުގަނޑުމެންގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ޓީ.ވީ ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ލ. އަތޮޅަށް މިކުރާ ދަތުރުގެ ތެރޭގައި، އަޅުގަނޑަށް ވަރަށް އުފާ ލިބިދެނިވި ކަންތައްތަކެއް އަޅުގަނޑު ޙާޞިލުކޮށްފީމު. އަޅުގަނޑު މިއަދު މި ފެށި ދަތުރުގައި، ހަމަ ކޮންމެ ރަށަކުންވެސް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކޮންމެވެސް ކަމެއް ފުއްދައިދިނުމުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ޙިއްޞާއެއް އޮވެގެން، އެކަން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އެހާ އަވަސްމިނުގައި ނިމިގެން ދިޔައިމަ، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ޓީމުގެ އެންމެހައި ޢިއްޒަތްތެރި މެންބަރުންނާއި އަދި އެބޭފުޅުންނާއެކީ މަސައްކަތް ކުރައްވާ ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންވެސް ދެކެވަޑައިގަންނަވަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަވަސްކަމާއެކީ މަސައްކަތް ކޮށްދިނުމަކީ، ރައްޔިތުން އެކަމަށް މިއަދު އެދޭގޮތް ކަމަށް. އެހެންވީމާ، މިހުރިހާ ފަރާތަކަށް ޖުމްލަގޮތެއްގައި އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އެޔާއެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ވަރަށް އުފާވެރި ދަތުރެއް ނިމިގެންދާއިރު، މިރޭ އަޅުގަނޑު މިއައީ ހައްދުންމަތީ ފޮނަދުއަށް. އަޅުގަނޑުމެންގެ މި ދަތުރު ނިމިގެންދާއިރު، އެންމެ ބޮޑަށް އުފާ ލިބޭ އެއްކަންތައް ޙާޞިލުވެގެން މިދަނީ ޙަޤީޤަތުގައިވެސް މިރޭގެ އިޙްތިފާލުން. އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ ވަރުގަދަ އެއް މަސައްކަތުގެ މިސާލީ ނަމޫނާއެއް އަޅުގަނޑުމެންނަށް މިރޭ މިތަނުގައި މި ފާހަގަކުރެވެނީ.
 
އާދެ، ކުދިކުދި ރަށްރަށުގެ މީހުން، އެތަންތަން ތަރައްޤީ ކުރުމުގައި އެއްވެސްކަހަލަ އުންމީދެއް ނެތް، އިޤްތިޞާދީ ދުވެލި އަމުދުން ނުހުންނާނެ ތަންތަނުގައި ގެދޮރުވެރިކުރުވުމާއި، ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ އަމިއްލަ ތަނަވަސްކަމަށް އިތުރު މަސައްކަތް ކުރުމުން މުޅިން މަޙްރޫމްވެފައި، ނޫނިއްޔާ ކުޑަވެފައި، ފުރްޞަތު ހަނިވެފައި ހުރި ރަށްރަށުގެ މީހުން އެއަށްވުރެ އުފާވެރި ތަންތަނަށް އައިސްފައި، އެމީހުންގެ ދިރިއުޅުމާއި، އެމީހުންގެ މުސްތަޤްބަލް، ކުޑަކުދިންގެ މުސްތަޤްބަލް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުން، ރައްޔިތުން އަމިއްލައަށް އެދިވަޑައިގަންނަވާ ކަންތައްތަކުގައި، އެންމެ ކުރިއަށް ގެންދެވޭނެ މަސައްކަތް އެއީ. އެގޮތުން މިރޭގެ މި ޙަފްލާ އަޅުގަނޑުމެން މި ފާހަގަކުރަނީ، ގާދޫގެ ލޮބުވެތި ރައްޔިތުން ހައްދުންމަތީ ފޮނަދުއަށް ބަދަލުވެވަޑައިގަތުން ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު. މިއީ ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ތަރައްޤީކުރަން ބޭނުންވާކަމަށްވަންޏާ، ދިވެހިރާއްޖެ ކަހަލަ، އިންޑިޔާ ކަނޑުގެ އުތުރުން ދެކުނަށް އެތަކެއް ސަތޭކަ މޭލަށް އަތުރާލެވިފައި ހުރި ރަށްތަކެއްގައި އުޅޭ އާބާދީ އެއްފަސްކުރުމަށް ކުރެވޭ މަސައްކަތުގައި، އެއް މޮޑްލް ދެންމެ މިތަނުގައި ޑޮކްޓަރ މުޢިއްޒު ވިދާޅުވިގޮތަށް. އެހެންވީމާ، މިއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ކުރާ އުންމީދެއް.
 
މިކަމުގައި އަޅުގަނޑު ހަމަ ރައްޔިތުންގެ އަރިހުގައި ދަންނަވާލަން ބޭނުންވަނީ، ރައްޔިތުން ކުރިއަށް ދިޔުމުގެ ރޫޙު އެންމެ ބޮޑަށް އޮންނަންވާނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިގައި. ރައްޔިތުން ގޮވައިގެން ކުރިއަށްދާން މަގު ދައްކައިދޭ ބައެއް، އެ ދައްކައިދޭ މަގަކީ، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ފެންނަ މަންޒިލެއް. އެ މަންޒިލް ނިމޭއިރު، ނޫނީ މަންޒިލާ ހަމަޔަށް ވާސިލުވާއިރު، އެކަން ފެންނަ ކަމަށްވަންޏާ، ރައްޔިތުން އެކަމަށް މަރްޙަބާ ވިދާޅުވެފައި، އެކަންކަމަށް ސަރުކާރަށް މަގުފަހިކޮށްދެއްވައިފި ކަމަށްވަންޏާ، ސަރުކާރުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފަހިވެގެންދާނެ. ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އެހެންވީމާ، މިރޭ އަޅުގަނޑު ވާހަކަކޮޅު ހަމަ ފަށާނީވެސް ފޮނަދޫގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން. އެއީ ކައިރި ގާދޫގެ ރައްޔިތުން މިކޮޅަށް ބަދަލުވެގެން އައިއިރު، ގާދޫގެ ރައްޔިތުންނަކީ ފޮނަދޫގެ ރައްޔިތުން ކަމަށް މިހާރުވެސް ބަލައިގެންނެވީތީ، އެކަމަށް ހަމަ ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށް، އަޅުގަނޑުވެސް ދައުލަތް ހިންގަން ހުރި މީހެއްގެ ޙައިޘިއްޔަތުން ފޮނަދޫގެ ރައްޔިތުންނަށް ހަމަ މަރްޙަބާ ދަންނަވަމުން.
 
 އެޔާއެކީ ގާދޫން މިކޮޅަށް ވަޑައިގެންނެވި ދިވެހި ރައްޔިތުންނަށް، ގާދޫގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިއަށް ދިޔުމުގެ ރޫޙު އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެއޭ. އެހެންވީމާ، ގާދޫގެ ރައްޔިތުންވެސް ފޮނަދުއަށް ވަޑައިގެން، ފޮނަދޫގެ އާބާދީއާއެކީ މަސްހުނިވެގެން ކުރިއަށް ދިޔުމަށް މަސައްކަތްކުރާ ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން މަރްޙަބާކިޔާ ކަމެއް. އަދި ހަމައެޔާއެކީ ފޮނަދުއަކީ ބިންބޮޑު ރަށަކަށް ވެގެންދާއިރު، ފޮނަދުއަށް ހިޖުރަކުރަން ބޭނުންވާ ނޫނީ ފޮނަދޫގައި މަސައްކަތް ކުރަން ބޭނުންވާ އެހެން ރަށްރަށުގެ ބޭފުޅުންވެސް ތިއްބަވާނެ ކަމަށް އަޅުގަނޑަށް ކޮންމެވެސްވަރަކަށް އިޙްސާސް ކުރެވޭ. މިކަހަލަ ސިގްނަލްތަކެއް ރަށްރަށުން ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރަށް ފަސޭހަވާނެ، ހަމަ ޙަޤީޤަތުގައިވެސް ފޮނަދޫގައި އިތުރު ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދަން. 183 ރަށެއްގައި މީހުން އުޅެމުންދާއިރު، ސަރުކާރަށް ކިތަންމެހާކަމެއް ފަސޭހަވެގެންދާނެ، ބަޖެޓް ލުއިވެގެންދާނެ، އަނެއްކާ ބަޖެޓުން އެކަން ކުރެވޭނެކަމުގެ ކަށަވަރުކަން ރައްޔިތުންނަށް އިތުރުވެގެންދާނެ، އަވަސްކަމާއެކީ އެކަން ކޮށްދެވޭނެ ކަމުގެ ކަށަވަރުކަން އިތުރުވެގެންދާނެ، ޚިދުމަތްދޭންޖެހޭ ރަށްތައް، ޚިދުމަތްދޭންޖެހޭ ދާއިރާތައް މަދުވެގެންދާ ކަމަށްވަންޏާ.
 
މިހާރުވެސް ލ. އަތޮޅުގައި މި އޮންނަ ބޮޑު ލިންކް ރޯޑްގެ މަސައްކަތް ނިމެމުންދާއިރު، ދެން އަޅުގަނޑަށް ހަމަ މި ލިންކް ރޯޑް އެކަނި ނުގެންދެވެނީ އަރާއިރާ ހަމަޔަށް. އެހެންނަމަވެސް، އެހެން ނޫންކަމަށްވަންޏާ، މި ލިންކް ރޯޑް ނިމިގެންދާއިރު، ފޮނަދޫގެ ރައްޔިތުންނަށް އުފާފާގަތި އެތައް ބައިވަރު ކަމެއް ވެގެންދާނެ. މި ދާއިރު، މި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ، މި މަޝްރޫޢުގެ ފައިދާ ހޯދުމަށްޓަކައި އެބަޖެހޭ ބޮޑު އާބާދީއެއް މިތާ އޮންނަން. އާބާދީ ބޮޑުވެއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ޠަބީޢީ ގޮތުންވެސް މީހުންގެ ބޭނުންތައް އިތުރުވެގެންދާނެ. ސަރުކާރަކުން ކުޑަ އާބާދީއެއް، ބޮޑު އާބާދީއެއް ތަފާތުކުރާކަށް ބޭނުމެއްނުވާނެ. އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސިޔާސީ ޙަޤީޤަތް. އާބާދީ މިހާރު ބަހާލެވިފައި، ޤާނޫނުއަސާސީ ކަނޑައަޅާ ގޮތުން، ވޯޓްދީގެން ސަރުކާރުން ކުރާ ކަންތައް ފާސްކުރުމާއި ނުކުރުމާއި، ބަޖެޓް ތަނަވަސްކޮށްދެއްވުމާއި، ބަޖެޓް ތަނަވަސްކޮށްދެއްވުމުގައި އިސްކަންދެއްވާނެ ތަރުތީބު ކަނޑައެޅުއްވުމުގެ ފަހުބަސް ބުނާ ބަޔަކަށް މިތިބީ ރައްޔިތުންގެ މަންދޫބުން. އެހެންވީމާ، އާބާދީ ކުޑަކަމަށްވަންޏާ، އާބާދީގެ ނިސްބަތުން މެންބަރުން އައި ކަމުގައިވިނަމަވެސް، ބޮޑު އާބާދީއެއް އޮންނަ އަތޮޅަކުން އެ އަންނަ މެންބަރުންގެ ޢަދަދު އިތުރުވާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ބޮޑެތި އަތޮޅުތަކުން މި ދެންނެވި ވޯޓްލާއިރު، އޭގެ ބުރަދަން ހިފާނީ، ކުދިކުދި އާބާދީތަކަށްވުރެ ބޮޑުކޮށް. މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތް ދޮއެއްތޯ. މިއީކީ ދިވެހިރާއްޖެއަކަށް އެކަނި އުފަންވެފައި އޮތް މަފްހޫމެއް، ކޮންސެޕްޓެއްވެސް ނޫން. މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަން އޮންނަގޮތް.
 
މިތަނުގައި ބިން އެބައޮތް. މިތަނުގައި މުއްސަނދިކަން އެބައޮތް. މިތަނުގައި ތަރައްޤީ ކުރެވޭނެ ފުރްޞަތުތައް އިތުރަށް އެބައޮތް. އެހެންވީމާ، ސަރުކާރަށް ކިތަންމެހާ ތަނެއްވެސް ފަސޭހަވެގެންދާނެ. ތިންސަތޭކަ މީހުން، ހަތަރުސަތޭކަ މީހުން، ފައްސަތޭކަ މީހުން އުޅޭ ރަށްރަށް، ކޮންމެވެސް ވިސްނުމެއްގައި، ރަށްރަށުގައި ކުރިއަށް ތިއްބެވި ބޭފުޅުން ވިސްނާވަޑައިގެންފައި،  އެ އަތޮޅުގެ ބޮޑު ރަށަކަށް ބަދަލުވެވަޑައިގަންނަވަން އަމިއްލަފުޅަށް އެދިވަޑައިގަންނަވާ ކަމަށްވަންޏާ، ސަރުކާރުގެ މަސައްކަތް ވަރަށް ބޮޑަށް ފަހިވެގެންދާނެ، ފަސޭހަވެގެންދާނެ. ހަމައެޔާއެކީ ހަމަ މި ވިސްނުމުގައި، ޒުވާނުންނަށް، ގެދޮރުވެރިކަން ނެތް ޒުވާނުންނަށް، މާލޭ ސަރަޙައްދުގައި އުޅުއްވާ ޒުވާނުންނަށް، މުޅި ރާއްޖެއަށް ޢާންމުކޮށްލައިގެން ހުޅުވާފައި އޮތް ފުރްޞަތެއް އެއީ، ހުޅުމާލޭގެ ޔޫތުސިޓީއަށް ވަޑައިގެން، ޔޫތުސިޓީގައި ދިރިއުޅުއްވަމުން ގެންދެވުން. އަދި އެކަމަށް ބޭނުންވާ ހައުސިންގ އަޅުގަނޑުމެންނަށް އެއްތަނެއްގައި ދޭން ފަސޭހަވެގެން މިދަނީ، ހުޅުމާލެ މިގޮތަށް ތަރައްޤީ ކުރާތީ. އެހެންވީމާ، އަޅުގަނޑުމެން ހުޅުމާލެއަށް މި ހުޅުވާލާ ދަޢުވަތު، ހަމަ ހައްދުންމަތީ ފޮނަދޫން ހައްދުންމަތީގެ އެހެން ރަށްރަށަށް، ކައިރި ރަށްރަށަށް މިއޮތީ ހުޅުވާލާފައި. އެހެންވީމާ، މި ފުރްޞަތުގެ ބޭނުން ހިއްޕަވައިފި ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރަށް މިތަންތަނަށް ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހަކަމާއެކީ ފަހިކޮށްދޭން އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ހުރަހެއް ނޯންނާނެ. އެހެންވީމާ، ގާދޫގެ ރައްޔިތުން ހައްދުންމައްޗަށް ހިޖުރަކޮށް ނިމި، އެކަން ރަސްމީކޮށް ފާހަގަކުރާ ޖަލްސާގައި، ގާދޫގެ ރައްޔިތުންނާއި ފޮނަދޫގެ ރައްޔިތުންނާއެކީ، ތިޔަބޭފުޅުންނާއެކީ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބުމަކީ، އަޅުގަނޑަށް ލިބުނު ނަޞީބެއް، އަޅުގަނޑަށް ލިބުނު އުފަލެއް، ޝަރަފެއް. ހަމައެޔާއެކީ މިއީ އަޅުގަނޑުމެންގެ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތު، ނޫނިއްޔާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަވަސްމިނެއްގައި ދިނުމަށް ބޭނުންވާ ކަންކަން ކުރުމަށް އެންމެ ފަސޭހައިން މަގުފަހިވެގެންދާ އެއް ނަމޫނާ މިއީ. އެހެންވީމާ، މިކަންކަން ކޮށްދެއްވައިފި ކަމަށްވަންޏާ، ހަމަ ރައްޔިތުން އެ ކޮށްދެއްވަނީ ރައްޔިތުންގެ ތަރައްޤީއަށް އެބޭފުޅުން ބޭނުންވާ، ރައްޔިތުން ބޭނުންވާ ތަރައްޤީ އަވަސްކުރުމަށް ކުރެވޭ މަސައްކަތްތައް.
 
މިޔާއެކީ އެ ވާހަކަ އެހިސާބުން ހުއްޓާލާފައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު ހަމަ އުންމީދުކުރާ ގޮތުގައި ވެއްޖިއްޔާ، ހައްދުންމައްޗަކީ ބިންބޮޑު، އަދި އާބާދީ އިތުރުކުރެވުމާއި، އިޤްތިޞާދީ ފުރްޞަތުތަކެއް ތަނަވަސްކުރެވެން އޮތް ދާއިރާއަކަށްވާތީ، މި ދާއިރާގެ މުސްތަޤްބަލެއް އޮތްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަމޭ. އަޅުގަނޑުމެން އެންމެން އެކަން ގަބޫލުކުރާއިރުވެސް، މާލޭގެ ސަރަޙައްދުގެ ކައިރީގައި އެ ހިނގާ ތަރައްޤީތަކާ ބެހޭގޮތުން ތަފާތު މީޑިއާތަކުގައި ތަފާތު ވާހަކަ ދެއްކުނު ކަމުގައިވީނަމަވެސް، އޭގެ ހަމަ ޚުލާޞާ ޖަވާބެއް އަރުވާފައި، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، މާލޭގައި ދިރުއުޅެނީކީ މާލޭގެ މީހުންނެއް ނޫނޭ. މާލޭގައި ދިރިއުޅެނީ ހުރިހާ ރަށެއްގެ ރައްޔިތުން. މާލެއަކީ ހަމަ ދަގަނޑު ބާރަށްދަމާ ދަގަތްފާނެއް ކަހަލަ ތަނެއް. އަޅުގަނޑުމެންގެ ވެރިކަން ކުރާ ރަށް. ހުރިހާ އިޤްތިޞާދީ މަސައްކަތެއް އެންމެ ބާރަށް، އެންމެ ފުރްޞަތު ބޮޑުކޮށް އޮތް ދާއިރާއަކީ މާލޭގެ ދާއިރާ. އަދި ތަޢުލީމީ ބޭނުމަކަށްވިޔަސް، ޞިއްޙީ ބޭނުމަކަށްވިޔަސް، އެހެން ބޭނުމަކަށްވިޔަސް އޮތް ތަނަކީ އެއީ. އެހެންވީމާ، ދިވެހި ދައުލަތަކީ އެއް ދައުލަތަކަށްވެފައި، އަޅުގަނޑުމެންނަކީ އެއް ނަސްލެއްގެ ބަޔަކަށްވެފައި، އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށްވާތީ، މާލެއަކީ ހުރިހާ ދިވެހިންގެ ތަނެއް. މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން. އެހެންވީމާ، މާލޭ ކައިރީގައި މި ހިނގާ ބޮޑެތި މަޝްރޫޢުތަކަކީ، އާބާދީ ބޮޑުވެގެން ދިޔައިމަ، ޝައްކެއްވެސްނެތްގޮތުގައި، އެ އާބާދީއަށް ކޭޓަރ ކުރުމަށްޓަކައި ބޭނުންވެފައި ހުރި ކަންތައްތައް ފުދިގެން ދިޔުން.
 
މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ގުޅުވައިލުމަށް މި އަޅާ ބްރިޖް އަޅުގަނޑުމެންނަށް މިތާ ގޯތިތެރެއިންވެސް ދެންމެ ފެނިގެން އެދިޔަކަހަލަ ބްރިޖެއް. އަޅުގަނޑުމެން މި އަޅަނީ ހަމަ އެ ބޭނުމުގައި. އެއީ ޝައްކެއްވެސްނެތްގޮތުގައި ޒުވާނުންނަށް މާލެއަށް ދަތުރުފަތުރުކުރުން ފަސޭހަކުރުމަށްޓަކައި. އަޅުގަނޑަށް އިޙްސާސް ކުރެވޭ، މިއަދު ހައްދުންމަތީގައިވެސް ކަނޑުތައް ގަދަވީމަ، އަޅުގަނޑުމެން ދަތުރުކުރާއިރު ދަތިވާވަރު. މާލޭ ސަރަޙައްދުގައިވެސް މިއީ ހަމަ ދަތިކަމެއް. މިހާރުވެސް ހުޅުމާލޭގައި ދިރިއުޅުއްވަމުން އެ ގެންދަވަނީ ސާޅީހަކަށްހާސް ދިވެހި ރައްޔިތުން. މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ވަޒީފާގެ ބޭނުމަށާއި، އެހެން ބޭނުންތަކުގައި ހަމަ ހެނދުނު، އެންމެ ހެނދުނުން ފެށިގެން އިރުއޮއްސި އަދި އިރުއޮއްސުމަށްފަހު މެންދަމާ ހަމަޔަށް އެހެރީ ދަތުރުފަތުރު. މެކުހަށް ޖަހާފައި ގިޔަރުން މަތީގައި އެހެރީ. އެހެންވީމާ، މި އާބާދީ ބޮޑުވެގެން ގޮސްފައި، އެއްލައްކަ ފަންސާހަކަށްހާސް މީހުން ހުޅުމާލޭގައި އުޅެވޭ ހިސާބަށް ދިޔައިމަ، މިހާރު އޮތް އާބާދީ ހަތަރުސަތޭކަ ޕަސެންޓް އިތުރުވެގެންދިޔައިމަ، މާލޭގައި ދަތުރުފަތުރުކުރަން މިއޮތް މާލެ، ފުނަދޫ، ހުޅުމާލެ، ހުޅުލެ، މި ސަރަޙައްދު ވެގެންދާނެގޮތް ތިޔަބޭފުޅުން ވިސްނަވާ. އެންމެ ކާރޫބާރޫ ބޮޑު ބެންކޮކްގެ ބިޒީ މަގަކަށްވުރެން އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރަން މި އޮންނަ ކަނޑުގެ ސަރަޙައްދު ބިޒީވެގެންދާނެ. އެހެންވީމާ، މިއީކީ މިކަން ކުރެވޭނެ ގޮތެއް ނޫން. މީގެ ފައިދާއަކީ ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތް ފައިދާ.
 
ދެން އޮތީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަން ކުރާ މަސައްކަތުގައި، ހައްދުންމަތީގެ މި ސަރަޙައްދުގައިވެސް އާމްދަނީ ލިބޭނެ މަސައްކަތްތަކެއް ބޭނުންވާނެ. އެންމެ ފަސޭހައިން އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ޓުއަރިޒަމްގެ ޞިނާޢަތުގެ މަސައްކަތެއް. އެއީ ދިވެހިރާއްޖޭގައި އެކަމެއްކޮށް، ތަޢާރުފް ކުރެވި، އަދި އޭގައި އެންމެ ކުރިޔާ ހަމަޔަށް ދެވެންދެން، އެންމެމަތީ ދަރަޖަޔާ ހަމަޔަށް ދެވެންދެން އަޅުގަނޑުމެން ކާމިޔާބު ޙާޞިލުކޮށްފައި އޮތް، އަޅުގަނޑުމެން ކާމިޔާބު ދައްކައިދީފައި އޮތް ޞިނާޢަތެއް އެއީ. ތަޖުރިބާ ކުރަން، ނަތީޖާ ރަނގަޅުވެދާނެތޯ ތަޖުރިބާ ކުރަންޖެހޭ ޞިނާޢަތެއް ނޫން އެއީ. އެހެންވީމާ، މި ދާއިރާއަށްވެސް ޓުއަރިޒަމްގެ ފަސޭހަކަން ލިބޭނެގޮތް އެއީ ހަމަ ހައްދުންމަތީގެ ފޮނަދޫ ދާއިރާގެ ރައްޔިތުން އެދިވަޑައިގަންނަވާނެ ގޮތް. މާވަށުންވެސް އަޅުގަނޑަށް ހަމަ މި އިލްތިމާސް. އަދި އެހެން ދިމަދިމާއިންވެސް އަޅުގަނޑަށް އަންނާނެ މި އިލްތިމާސް. އެކަމަކު މިކަން ކުރުމަށްޓަކައިވެސް އަޅުގަނޑުމެން އެބަ ބޭނުންވޭ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް. އިތުރު އެއަރޕޯޓެއް ނޫނިއްޔާ އެއަރޕޯޓް ބޮޑުވާން. ޓަރމިނަލް އިތުރަށް ބޮޑުކުރަން ބޭނުންވޭ. ޓަރމިނަލްއަކީ ދަތުރުފަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް ބޭނުންވާ ހުރިހާ މެހްމާންދާރީއަކާއި ސަރުކާރުން ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލަން މި ހުންނަނީ ޓަރމިނަލްގައި ހުންނަ މޭޒުތައް ކައިރީގައި. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ތެރޭގައި، މި އަންނަ ހުރިހާ ފާޑެއްގެ މީހުން، ހުރިހާ ގިންތިއެއްގެ މީހުން، އެމީހުންނަށް ޚިދުމަތްދޭން އޮންނަ ތަނަކީ ޓަރމިނަލް. އެހެންވީމާ، މިހާރު ގާތްގަނޑަކަށް ދޮޅުމިލިއަނަކާ ކައިރިކުރާ ޢަދަދަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެއަރޕޯޓްގެ ޓަރމިނަލް ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު މިއޮތް އެއަރޕޯޓަކީ ކިހާވަރަކަށް މިކަމަށް ނުފުދޭ އެއަރޕޯޓެއްކަން.
 
އަޅުގަނޑުމެންނަށް މި ދާއިރާގައި ކުރިއަށް ދެވެންއޮތީ އިތުރު ރިޒޯޓްތައް ހުޅުވިގެން. ކުރިއަށް ދެވަންއޮތީވެސް ހަމަ ޙަޤީޤަތުގައިވެސް ޓަރމިނަލް ބޮޑުކޮށްގެން. އެހެންވީމާ، މިކަން ކުރެވޭނީ ހަމަ މާލޭ ސަރަޙައްދުގައި. މިކަން ކުރެވޭނީ މާލޭ ސަރަޙައްދުގައި. އެހެން ސަރަޙައްދަކު މިކަމެއް ނުކުރެވޭނެ. އެއީ، ދިވެހިރާއްޖޭގެ މައި ދޮރާށި. އެހެންވީމާ، އެކަން އެގޮތަށް ކުރުމުގެ ބޭނުމަކަށްވަނީ ހަމަ މި ރަށްރަށަށް ބޭނުންވާ ތަރައްޤީއަށް ޓުއަރިސްޓް ރިޒޯޓްތައް ހުޅުވައިލުމާއި، އެ ރިޒޯޓްތަކުގެ އެނދުތައް ފުރަން އަންނަ މީހުން، އެންމެ ފުރަތަމަ އަންނަންޖެހޭ ނޫނީ ވަންނަންޖެހޭ ދޮރާށްޓަކީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ނޫނީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އެއީ. އެހެންވީމާ، މިއީ ރާއްޖެތެރެއާއި ނޫނީ ރާއްޖޭގެ އެކިދިމައިގައި މާލެއާ ތަފާތުކުރުމުގެ ގޮތުން ކުރާ ކަމެއް ނޫން. އެ ތަފާތު އަޅުގަނޑުގެ ސަރުކާރަކު ނުކުރާނަން. އެއީ އަޅުގަނޑުމެން ދަންނަ ކަމެއް. ނޫން. އަޅުގަނޑުމެންނަށް ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކީ އަޅުގަނޑުމެން ތަރައްޤީ ގެނެސްދޭން ބޭނުންވޭ. ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ކަމެއް، އެންމެ އިސްކޮށް ބޭނުންވާ ކަމެއް ކުރެވޭތޯ އަޅުގަނޑުމެން ބަލަނީ. އެހެންވީމާ، އެގޮތުގެ މަތިން ކުރެވޭ ކަންކަން މިއީ. އެއީ މުޅި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް.
 
ދެން ހަމަ މިޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޙަރަކާތްތައް، މި ކުރިއަށްދާ މިންވަރުން ކޮންމެ މީހަކުވެސް ރައްޔިތުންނަށް އެންމެމަތީގައި ޚިދުމަތްކޮށްދޭ ގޮނޑިއެއްގައި އިށީނުމަށް ބޭނުންވާ ކަމަށްވަންޏާ، މިހާރު އެބަ ރައްޔިތުންގެ އަރިހުގައި ދަންނަވަންޖެހޭ، އެބޭފުޅެއްގެ ވިސްނުންފުޅު، އެބޭފުޅެއްގެ ތަޞައްވުރު، އެބޭފުޅަކު ރައްޔިތުންނާ ދޭތެރޭގައި ދެކޭ އުންމީދުތައް، ހުވަފެންތައް. ކިހާ ހިސާބަކަށްތޯ އެބޭފުޅުންގެ ހުވަފެން ފެނުން ހުރީ. ކިހާ ހިސާބަކަށްދާން ބޭނުންތޯ؟ އަދި ކިހާ ހިސާބަކަށް ގެންދެވިދާނެތޯ؟ އަދި އެކަންކަން ކުރުމުގައި ކޮންކަހަލަ މަސައްކަތްތަކެއްތޯ އެބޭފުޅުންނަށް ކޮށްދެވޭނީ؟ ރާއްޖޭގެ ތަނަވަސްކަން އެބަހުރިތޯ އެކަން ކުރަން. މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާ ވާހަކަ ދެއްކީމަ، އަޅުގަނޑުމެން ދޮއެއްތޯ އިހަށްދުވަހާ ޖެހެންދެން އަޑުއެހީ، މިއީކީ ކުރެވޭނެ ކަމެއް ނޫންކަމަށް. މިހާރު އަޅުގަނޑުމެންގެ ސަރުކާރުން ކުރާ ކަންތަކަށް އަބަދުވެސް އެންމެ ފާޑުވިދާޅުވަމުން ގެންދަވާ އަދި ތަޢުލީމީ ބޭފުޅުންވެސް ތިއްބެވި އެއް ޕާޓީއެއްކަންނޭނގެ، އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގައި ޙަރަކާތްތެރިވާ ޕާޓީއަކީ. އެ ޕާޓީގެ ބޭފުޅުން އޭރު ގަބޫލެއްނުކުރައްވާ، މިއީ ކުރެވިދާނެ ކަމެއް ކަމަކަށް. އެހެންނަމަވެސް، ﷲ ކަމެއް މިންވަރު ކުރައްވަން ގަޑިޖެހޭ ހިސާބުން މަސައްކަތް ކުރަން ތިބި އަޅުންގެ އެވަރު ހިތްވަރާއި ޢަޒުމް ހުރެއްޖެ ކަމަށްވަންޏާ، އެކަމެއް ކުރެވޭނެ، އެކަމެއް ޙާޞިލުކުރެވޭނެ. މިއަދު ހަމަ އިރާދަކުރެއްވިއްޔާ، އެކަން އެއޮތީ ޙަޤީޤަތަކަށްވެފައި. އެހެންވީމާ، މިހެންހުރި ކަންތައްތަކާ ހަމަޔަށްދާއިރު، ރައްޔިތުންނާ ހަމަޔަށް ކޮންމެ މީހަކުވެސް އައިސް އެބަ ބުނެދޭންޖެހޭ، އޭނަގެ ވިސްނުމުގައި ޤައުމު ތަރައްޤީ ކުރާނީ ކިހާ މިންވަރަކަށްތޯ.
 
          އަޅުގަނޑުމެން ތަރައްޤީގެ ޚުލާޞާ، އެންމެ ވާހަކައެއް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ، މިއަދު ބޯބޯމައްޗަށް ރާއްޖޭގެ ޤައުމީ އުފެއްދުތެރިކަމަށް އަހަރަކަށްޖެހޭވަރު ބަހާލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މި ދައްކަނީ އެތައްހާސް މިލިއަން ރުފިޔާގެ ބަޖެޓް ކޮންމެ އަހަރަކު ފާސްކުރާ ވާހަކަ. އަދި އެޔާއެކީ އަޅުގަނޑުމެންވެސް ދައުލަތުގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން ގާތްގަނޑަކަށް ސާދަހާސް މިލިއަން ރުފިޔާގެ އާމްދަނީ ލިބޭކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ އަހަރެއްގެ ޤައުމީ މުއްސަނދި ކަމަށްވަންޏާ، މިވަގުތު ރާއްޖޭގައި ދުނިޔޭގައި ތިބި މީހުންގެ ބޯބޯމައްޗަށް ބަހާލައިފި ކަމަށްވަންޏާ، މީހެއްގެ ބޮލެއްގެ މައްޗަށް މިޖެހެނީ ގާތްގަނޑަކަށް ފަސްހާހެއްހާ އެމެރިކާ ޑޮލަރޭ. ކީއްވެގެންތޯ އަޅުގަނޑުމެން ބޭނުންނުވާނީ، މި ފަސްހާސް އެމެރިކާ ޑޮލަރު، ދިހަހާސް ޑޮލަރަށް، ނޫނީ ބާރަހާސް ޑޮލަރަށް ހަދަން ބޭނުންވާނެ. އެ ބާރަހާސް ޑޮލަރަށް ހަދައިފި ކަމަށްވަންޏާ، އޭގެ މާނަޔަކީ ޤައުމުގެ އުފެއްދުންތެރިކަން ނޫނީ ޤައުމަށް ލިބޭ ޖުމްލަ އާމްދަނީ، މަސައްކަތްތަކުން ލިބޭ ޖުމްލަ އާމްދަނީ، އެކްސްޕޯޓް ކުރާ އެއްޗެހިން، އަޅުގަނޑުމެން ކުރާ ވިޔަފާރިން، އަދި އާމްދަނީ ހޯދަން ކުރާ އެހެން މަސައްކަތުން ލިބޭ އެއްޗެހީގެ ޢަދަދު އެއޮތީ ދެގުނަވެފައޭ. ދެގުނަވެއްޖެ ކަމަށްވަންޏާ، މީގެ ދެ ފައިދާއެއް އެބަ ނުކުމޭ. އެއް ފައިދާއަކީ އެ މަސައްކަތުގައި ހިމެނޭ ސީދާ ދިވެހި ޢާއިލާތަކަށް އޭގެ މަންފާ އެ ލިބިގެންދަނީ. މަސައްކަތްކުރާ މީހުން ގެންދާ އާމްދަނީ ނޫނީ ވިޔަފާރިކުރާ މީހުން ހޯދާ ނަފަޔަކީ އެމީހުންނާއި އެމީހުންގެ ޢާއިލާތަކަށް ވަންނަ ނަފާ.
 
         ރަށުގެ ހުރިހާ ރައްޔިތުން މުއްސަނދިވެއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ދައުލަތް މުއްސަނދިވާނެ. ދައުލަތް މުއްސަނދިވެއްޖެ ކަމަށްވަންޏާ، މި ނުކުންނަނީ ހަމައެކަނި ހައްދުންމަތީގައި މި އަޅާ ލިންކް ރޯޑެއް ނޫން. އެހެން ބައިވަރު ރަށްރަށުގައިވެސް މިކަހަލަ ލިންކް ރޯޑް އެޅުމުގެ ތަނަވަސްކަން ދައުލަތަށް ލިބިގެން އެ އަންނަނީ. އެހެންވީމާ، މިކަމަށް އަމާޒު ނުކުރާންވީ ނޫނީ އަމާޒު ނުހިފާންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެކަމަކު މިކަންކަން ކުރެވޭނީ، މި ޚިޔާލު އަޅުގަނޑުމެންގެ ތެރޭގައި ހުރެގެން. އަދި މިކަންކަން ކުރުމަށް ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައި ހުރި މީހަކަށް، މި ލަފްޒު އަޑުއައްސަވާ، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކީ އެ މަސައްކަތަށް ހިތްވަރުދީގެން. އިޚްލާޞްތެރިވާންޖެހޭ. ތެދުވެރިވާންޖެހޭ. އެންމެންނަކީ އެވަގުތު ﷲ ނިޔާކުރައްވާފައި އޮތްގޮތުން އެއްފަހަރާ އެ މަސައްކަތް ކުރަން ތިބި ބައެއް ނޫން. ކަމެއް ނުވެއްޖެ ކަމަށްވަންޏާ، ޖަވާބުދާރީކުރުވަން ރައްޔިތުން އަހާނީ އަޅުގަނޑުގެ ކައިރީގައި. އެކަމަކު އެކަމެއް ނުވެގެންދަނީ ދައުލަތުގެ ބަޖެޓުން، އަޅުގަނޑު ހުށަހެޅި ބަޖެޓް، ދައުލަތުގެ ރައްޔިތުންގެ މަންދޫބުން ފާސްނުކޮށްދެއްވައިފި ކަމަށްވަންޏާ، މި ތަފާތު ރައްޔިތުންނަށް ކިޔައިދޭކަށް ފަސޭހައެއްނުވާނެ. އެކަމަކު މި ތަފާތު ކިޔައިދޭންވެސް އެބަޖެހޭ. މި ތަފާތު ކިޔައިދޭންޖެހޭ ގޮތަކީ، އަޅުގަނޑު އެހެން ތަންތަނުގައިވެސް ވާހަކަ ދައްކަމުން އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ އޭރު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި މެންބަރުންވެސް ހަމަ ޕޯޑިއަމްތަކުގައި އަބަދު ދައްކަވާ ވާހަކައެއް. ރާއްޖޭގެ އެއްވެސް ހިސާބެއް ތަރައްޤީ ކުރުމަށް އަދި އޭގެތެރޭގައި އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ އާބާދީ އެންމެ ބޮޑަށް ހުރި ތަންތަން ތަރައްޤީ ކުރައްވާކަށްވެސް އިދިކޮޅު ފަރާތްތަކަކުން ފާސްކޮށްދިން ލޯ ލާރިއެއްގެ މިންވަރުވެސް ނޯންނާނެ. މިހާރު މިދަނީ އެގޮތަށް ކިތަންމެ އަހަރެއް. މިހާރު މިދަނީ އެގޮތަށް ހަތަރު އަހަރު ފުރިގެން ފަސްވަނަ އަހަރު. އެހެންނަމަވެސް، ރައްޔިތުންގެ ތެރޭގައި މިކަން އެބަ ދަންނަންޖެހޭ. މިހާރު މި ހިންގޭ ތަރައްޤީގެ މަޝްރޫޢުތައް މި އަންނަނީ ސަރުކާރުގެ ތަރައްޤީގެ ވިސްނުމެއް ހުރެގެން. އަދި އެއަށް އަޅުގަނޑުމެންގެ ޕާޓީ، ޕީ.ޕީ.އެމް.ގެ ރައްޔިތުންގެ މަޖިލީހުގެ، ޕީ.ޕީ.އެމް.ގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމް.ޑީ.އޭ. ގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ގިނަފަހަރު ޖުމްހޫރީ ޕާޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓް ދެއްވައިގެން. އެކަމަކު އެއްގޮތަކަށްވެސް މިއިން އެއްވެސް ކަމަކަށް ވޯޓް ނުދެއްވަނީ އަޅުގަނޑުމެންނާ އިދިކޮޅަށް ތިއްބެވި ބޭފުޅުން. އެމް.ޑީ.ޕީ. އިން ވޯޓް ނުދެއްވަނީ. އެހެންވީމާ، މި ރާއްޖެއަށް އަންނަ ތަރައްޤީއާއި، އަދި ރައްޔިތުންނަށް މި އަންނަ އުފާފާގަތިކަމުގެ އެއްވެސް ޙިއްޞާއެއް އޮތް ކަމަކަށް އެބޭފުޅުންނަކަށް ދަޢުވާއެއް ނުކުރެއްވޭނެ. ވަކާލާތެއް ނުކުރެއްވޭނެ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިވަގުތު ﷲގެ މިންވަރުފުޅާއެކީ، އަދި މި ރަށްރަށަށް އައިސް ވާހަކަ ދައްކާއިރު ހައްދުންމައްޗަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ކަންކަން ނިންމުމުގެ ފަހުބަސް ބުނުމުގެ ފުރްޞަތު އަޅުގަނޑަށް ދެއްވަން ހަމަ ވަރަށް ވަރުގަދަ އަޣްލަބިއްޔަތެއް ދެއްވި އަތޮޅަކަށްވާތީ، ހަމަ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން، ދަންނަވަން ބޭނުންވަނީ، މިވަގުތު އެ ފުރްޞަތު ﷲ މިންވަރު ކުރައްވާފައި މިއޮތީ އަޅުގަނޑުމެންގެ ސަރުކާރަށޭ. އެހެންވީމާ، ތަރައްޤީގެ ވިސްނުން ހުރެގެން މި މަސައްކަތް ކުރާ ކަމަށްވަންޏާ، އެބަޖެހޭ ސަރުކާރުން ކުރާ ކަންތައްތަކަށް ތާއީދުކުރަން. އެއީ، އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މަޖިލިސް މެންބަރުންވެސް، ޕާޓީގެ ހުރިހާ މެންބަރުންވެސް މި ތާއީދު ދެއްވަންޖެހޭނެ. މި ތާއީދަކީ ޝަރުޠަކާއެކީ ދެއްވަންޖެހޭ ތާއީދެއް ނޫން. ރައްޔިތުންގެ މަންދޫބުންވެސް، ރައްޔިތުންގެ މަންދޫބުންނާ ހަމަޔަށް ވަޑައިގެންނެވިފައި ތިޔަ ތިއްބެވީ ރައްޔިތުންގެ އަރިހުގައި ވިދާޅުވެގެން، ތިމަންނަމެން ކަލޭމެންގެ ތަރައްޤީއަށް މަސައްކަތް ކޮށްދޭނަމޭ. އެ މަސައްކަތް ކުރުމުގެ މަތިވެރި ފުރްޞަތު ލިބިފައި ތިއްބެވި މެންބަރުން އަޅުގަނޑުމެންގެ ތެރޭގައި އެ ތިއްބެވީ. އެހެންވީމާ، ސަރުކާރުގެ ވިސްނުމުގައި ރައްޔިތުންނާ ހަމަޔަށް މިގެންނަ ތަރައްޤީގައި އެއްވެސް މެންބަރަކު އަޅުގަނޑުމެންގެ ޕާޓީގައިވެސް އަދި އެހެންވެސް ޕާޓީއެއްގެ ބޭފުޅަކު ޝަރުޠު ކަނޑައަޅުއްވައިގެން ނުވާނެ. އެކަން ކުރަން ސަރުކާރަށް ފުރްޞަތު ދޭންޖެހޭނެ.
 
އެހެންވީމާ، މި ސަރުކާރުގެ މި ފަސް އަހަރުގެ ޒަޢާމަތުގެ ތެރޭގައި ނުވެ ދޫކޮށްލެވޭ ކަމެއްގެ ޒިންމާ އުފުލަން، ޖަވާބުދާރީވާން ހުންނާނީ ހަމަ އެންމެ މީހަކު. އެކަން ކުރަނީކީ ޕާޓީއަކުންވެސް ނޫން. އެކަން ކުރާނީކީ އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއްވެސް ނޫން. އެކަން ފެންނާނީ 2018ގެ ވޯޓުގައި. ވޯޓް ފޮށިން އެކަން ފެންނާނީ. ފެންނައިރު ޙަޤީޤަތުގައި ޖަވާބުދާރީވުމަށް އެމީހެއްގެ ބޯ، ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅިފައި ހުންނާނީ ރައީސްކަމަށް ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އެވަގުތަކު ރައީސްކަމާ ޙަވާލުވެގެން ހުރި މީހަކު. އެހެންވީމާ، ރައްޔިތުން ދީފައި އޮތް މެންޑޭޓް ވަރަށްސާފު. ރައްޔިތުން ޙަވާލުކޮށްފައި އޮތް ޒިންމާ ކިތަންމެހާވެސް ސާފު. އެއީ ރައްޔިތުން ކައިރިއަށް އަންނަމުން، ރައްޔިތުންނަށް ދަންނަވަމުން ގެންދިޔައީ، އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ކުރަން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ ދެންނެވިން. އޭގެތެރޭގައި އެކަންކަން ވާނެކަމަށް ގަބޫލުނުކުރައްވާ އެތައް ބައިވަރު ރައްޔިތުންނެއް ތިއްބެވި. އެކަންވުމުގެ ފުރްޞަތު ދެއްވަން ބޭނުންފުޅުވާ ބޭފުޅުންވެސް ތިއްބެވި. އަޖުމަ ބެލުމުގެ ގޮތުން އެ ފުރްޞަތު ދެއްވި. ދެންމެ ޢަބްދުއްރަޙީމްގެ ވާހަކައިގައި، ވަރަށް އިޙްސާންތެރިކަމާއެކީ، އަޅުގަނޑަށް ވަރަށްގިނަ ހެޔޮ ބަސްތައް ހަދިޔާ ކުރައްވައިފި. އަދި ހަމައެހެންމެ، ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒްވެސް ހަމަ އެކަން އެގޮތަށް ކޮށްދެއްވައިފި. ޑޮކްޓަރ މުޢިއްޒުވެސް އެކަން ކޮށްދެއްވައިފި.
 
އެކަމަކު އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަކީ ސިޔާސީ ލީޑަރުން ކަންތައްތައް ކުރައްވާފައި ހުރިގޮތް އަޅުގަނޑުމެން ހަމަ ވަރަށް ގާތުން އެބޭފުޅުންނާއެކީ މަސައްކަތް ކުރަމުން ދުށީމުއޭ. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އަޅުގަނޑުމެން ދައްކަނީ ދެފިކުރެއް އެބައޮވޭ. ރައްޔިތުން ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާ ފިކުރެއް. ޞުލްޙަވެރިކަމާއެކީ މަޞްލަޙަތަށް ލޯބިކޮށްގެން، ދިވެހިވަންތަ ސިފަތަކެއް ދައުލަތުގައި ބަހައްޓައިގެން ކުރިއަށްދާން ބޭނުންވާ ފިކުރެއް އެބައޮވެއޭ. އެ ފިކުރަށް ތަބާވެގެން ތިބި ގިނަ ޕާޓީތަކެއް ތިބި. އެހެންނަމަވެސް، އެ ޕާޓީތަކުގައި އުފެދުނު އަމިއްލަ މައްސަލަތަކެއްގެ ތެރެއިން، ނޫނިއްޔާ ސަރުކާރުގެ ތެރެއިން އެ ޕާޓީތަކުން ބޭނުންވާ ހުރިހާ ކަމެއް ނުވީމަ، ރައްޔިތުން ގޮވައިގެން ޞުލްޙަވެރިކަމާއެކީ ދާން އޮތް ވިސްނުންވެސް، އެޔަށް ފުރަގަސްދީފައި ދުރަށްދިޔުން އެއީކީ ރައްޔިތުންނަށް ޚިދުމަތް ކުރުމެއް ނޫން. ފަހަރުގައި އަޅުގަނޑު ކުރާ ކަމަކުން އަޅުގަނޑުދެކެ ރުޅިއަތުވެދާނެ. އެކަމަކު އެއީކީއެއް އެބޭފުޅުން އެ ފިކުރަކާ ގުޅިފައި، ރައްޔިތުންގެ މަޞްލަޙަތާއެކީ ކުރިއަށްދާން އޮތް ފިކުރަށް ދުރަށްދާންޖެހޭ ކަމެއް ނޫން. ދެން އޮތް ފިކުރަކީ ފަނާކުރަނިވި ފިކުރެއް. އެއީ އަޅުގަނޑުމެން ދެކި ފަރިތަވެފައި އޮތް ފިކުރެއް. އެ ފިކުރާ ގޮސްފައި، ކުރީގައި އަޅުގަނޑުމެންގެ ފިކުރުގައި ތިބި މީހުން ގުޅުނީމަ، ދެން މި ނުކުންނަ ނަތީޖާއެއް އަޅުގަނޑަކަށް ނުވިސްނޭ. އެއިން އެ ދައްކައިދެނީ ސިޔާސީ ލީޑަރުންގެ ހުރި މުރަނަކަން. ނޫނިއްޔާ ހުރި ކުފޫހަމަނުވާ މިންވަރު އަޅުގަނޑަށް ފެންނަގޮތުން. އަޅުގަނޑު ދިރާސާކުރަނީ އެގޮތަށް. އެއީ އަޅުގަނޑަކީވެސް ހަމަ ވަރަށްގިނަ ސިޔާސީ މަސައްކަތްތަކުގައި އުޅުނު މީހަކަށްވާތީ. އަޅުގަނޑުމެން ރައީސް މައުމޫން އަރިހަށް ގޮސްފައި، ޕާޓީއެއް ހަދަން ޖެހިއްޖެ ކަމަށް ދެންނެވީ، މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންނާތީ. އެކަންކަން މިރޭވެސް ޢަބްދުއްރަޙީމް ޢަބްދުﷲ އަޅުގަނޑުމެންނަށް އެ ހަނދާންކޮށްދެއްވީ، ޕާޓީއެއް ހަދައިގެން ނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެތަކެއް ރައްޔިތުން، ރާއްޖޭގެ އެކި ހިސާބުގައި ތިއްބެވިކަން އަޅުގަނޑުމެންނަށް އެނގޭ. އެ ތިއްބެވިކަން އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑުމެންގެ ޕާޓީގެ ދިދަ ހިފައިގެން ރާއްޖެތެރޭގެ އެކި ހިސާބަށް ޒިޔާރަތްކޮށް، އޭރު ކުރިމަތިވެފައި ހުރި އިންތިޚާބުތަކަށް އަޅުގަނޑުމެންގެ މީހުން ކުރިމަތިލައްވައިގެން އެމީހުން ހޮވަން ކުރި މަސައްކަތުގައި ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވި ތާއީދުން އަޅުގަނޑުމެންނަށް އެކަން ކަށަވަރުވެގެންދިޔައީ. ބޭފުޅެއްގެ ވެރިކަމުގައި، އަޅުގަނޑުމެންގެ ވެރިކަމެއް ނޫން، އެ ވެރިކަމުގައި ދެންއޮތް ހުރިހާ އިންތިޚާބުތަކެއް، ބޮޑު އަޣްލަބިއްޔަތަކުން އަޅުގަނޑުމެންގެ ޕާޓީ ކާމިޔާބުކުރި. އެކަމަކު އެކަން ކުރެވުނީ މަސައްކަތްކޮށްގެން. އެކަން ކުރެވުނީ ޕާޓީ ފިކުރުގައި ތިބެގެނެއް ނޫން. ޕާޓީ ފިކުރުގައި ޕާޓީއެއް ނަހަދާ އަޅުގަނޑުމެންނަށް ގޮނޑިތައް ރައްޔިތުން ދޭނެކަމަށް ތިބެގެނެއް ނޫން. މިއަދު މިއީ ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުންނާ ހަމަޔަށް އައިސްގެން އޮޅުންފިލުވަންޖެހޭ ޒަމާނެއް. އަދި ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުންނާ ހަމަޔަށް ގޮސްގެން ކޮށްދޭންޖެހޭ ޒަމާނެއް. އެހެންވީމާ، އެކަންކަން ކުރެވުނީ އޭރު އެ މަސައްކަތް އަޅުގަނޑުމެން ކުރީމަ.
 
އޭރު ވަރަށް ފަސޭހަކަމާއެކީ ކައުންސިލްގެ ގޮނޑިތައް ހުސްވަމުންދޭ. އަބަދު އޮންނަނީ ކޮންމެވެސް ދާއިރާއެއްގެ ކައުންސިލްގެ ބައި އިލެކްޝަނެއް. އަޅުގަނޑުމެން އެ މަސައްކަތް ކުރީމު. ފަސޭހަ މަސައްކަތްތަކެއް ނޫން. ޚުދު އަޅުގަނޑު އެ ދަތުރުތައް ކުރީމު. ހަމަ ދެ ދިމާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކަށް އަޅުގަނޑު ޒިޔާރަތް ކުރީމު. މިހުރިހާ ޒިޔާރަތެއްގައި އަޅުގަނޑުމެންނަށް ރައްޔިތުން، އަޅުގަނޑުމެންނަށް އޮތް ތާއީދު ދައްކަވައިދެއްވި. އެހިސާބުން ގަބޫލުކުރެވޭ، ހަމަ ޙަޤީޤަތުގައިވެސް އޭރު އޮތް ސަރުކާރުން ކުރައްވާ ކަންތައްތަކާ ދޭތެރޭގައި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތު އޮތީ ރުހިގެން ނޫންކަން. އެހެންނަމަވެސް، ރިޔާސީ އިންތިޚާބާ ހަމަޔަށް އަންނައިރު، އަޅުގަނޑުމެން އެއް ފިކުރެއްގައި ތިބި ޕާޓީތަކެއްގެ ތެރެއިން ތިން ހަތަރު ކެނޑިޑޭޓުން އެއްކޮޅަށް ނެރެފައި، އަނެއްކޮޅުން އެންމެ ބޭފުޅަކު ނުކުމެވަޑައިގަތީމަ، ނައިސްނުދާނެ ބަދަލު އޭރު އެއައީ. އެހެންނަމަވެސް، އާޚިރުގައި ކަންކަން ނިމިގެންދާއިރު، އަޅުގަނޑުމެންނަށް ހަމަ ﷲގެ ރަޙްމަތާއެކީ އަނެއްކާވެސް ރައްޔިތުން ގޮވައިގެން މަޞްލަޙަތަށް ލޯބިކުރާ ގޮތަކަށް ކުރިއަށް ދިޔުމުގެ ފުރްޞަތު މިއޮތީ ތަނަވަސްކޮށްދެއްވާފައި.
 
ޕާޓީއެއް ހަދައިގެން، ޕާޓީގެ މަސައްކަތް ކުރާއިރު ޙަރަކާތްތެރިވާން އެބަޖެހޭ. ސަރުކާރުން ކުރާ މަސައްކަތްތަކުގައި ޕާޓީގެ ހުރިހާ މެންބަރުންވެސް އެއްބާރުލެއްވުން ދެއްވަން އެބަޖެހޭ. ސަރުކާރަށް މިއަދު ދަތިވާ ކަންކަމާއި، އަދި އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިނގާ ކަންކަމާ ދޭތެރޭގައި ބަސް ބުނުމަކީ ހަމައެކަނި ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން. އެއީ، އަޅުގަނޑުމެންގެ ފިކުރުގައި ތިބި ހުރިހާ އެންމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ޕާޓީންވެސް ކުރައްވަންޖެހޭ ކަމެއް. ދިވެހި ސަރުކާރުން ހިތްވަރުދީގެން ހައްދުފަހަނަޅާފައި ހުރި ކަންތައްތައް ކުރުމަށް، އިސްލާމީ ފިކުރު ހައްދުފަހަނައަޅާފައި ހުރި ހިސާބަށް ގޮސްގެން، ސީރިޔާއަށާއި އެތަންމިތަނަށް ހަނގުރާމަ ކުރަންދާ ވާހަކަ ދައްކާ ކަމަށްވަންޏާ، އެކަމުގައި އަޑު އުފުލަންޖެހެނީ އަޅުގަނޑުމެންގެ ސަރުކާރުން އެކަންޏެއްވެސް ނޫން. މިއަދުވެސް އެ މަސައްކަތް ކުރައްވަން، ސިލޯނުގައި އެބަ ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންކޮޅެއް. ކުރީގައި ވިސްނަމުން އައިގޮތާއި، އަޅުގަނޑުމެންނަށް ދަތިކުރަމުން އައިގޮތާއި، اَلحَمْـدُ لِلّـهِ، މިއަދު ވިސްނުން ތަފާތު.އަޅުގަނޑަށް އެހެރީ ވަރަށް އުފާވެރި މެސެޖުތަކެއް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޓީމެއް ގޮސް ބައްދަލުކުރިއިރު. އެންމެ އިދިކޮޅަށް ތިބި މީހުންގެ ރާގު ބަދަލުވެއްޖެ. އެއީ ޙަޤީޤަތްތަކެއް އެމީހުންނާ ހަމަޔަށް އެނގުނީމަ.
 
އެހެންވީމާ، މިހާރު މިކުރެވޭ މަޝްވަރާތަކުގައިވެސް އަދި ޔޫ.އެން.ގެ ސެކްރެޓަރީ ޖެނެރަލްގެ މަންދޫބަކު ފޮނުއްވައިގެން ކުރެވޭ މަޝްވަރާތަކުގައިވެސް މިހާރު އެންމެ ބޮޑަށް އައިސްފައި އޮތް އެއްކަމަކީ، ސަރުކާރުން މަސައްކަތްކޮށްދޭށޭ، ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްގެން، ރައީސް ނަޝީދަށާއި އަދި އެހެންވެސް ސިޔާސީ ބޭފުޅުންގެ ގޮތުގައި ކުށްވެރިވެފައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް އަވަސްކޮށްދޭން. މިއީ، އަޅުގަނޑު ކުރާނެ އިލްތިމާސެއް. އެކަމަކު މި އިލްތިމާސް އަޅުގަނޑު ނުކުރި ނަމަވެސް، އެކަން އެގޮތަށްވާންވާނެ. ނިޒާމުގެ ތެރެއިން އެކަން އެހެންވާންވާނެ. އެއީ، ޖުޑީޝަރީގެ މައްޗަށްވެސް އޮތް ވާޖިބެއް. އަޅުގަނޑަކީ ޢަދުލު އިންޞާފުގެ ދާއިރާގައި ހިނގާ ކަންކަމަށް ބަސްބުނަން ބޭނުންވާ މީހެއް ނޫން. އެހެންނަމަވެސް، ޢަދުލު އިންޞާފުގެ ދާއިރާގައި ހުރި މައްސަލަތައް ނުނިމި ލަސްވާކަމަށްވަންޏާ، މައްސަލަތައް އަވަސްކޮށްދެއްވުމަށް ދެންނެވުމަކީ، ޤާނޫނުއަސާސީން އަޅުގަނޑާ މަތިކޮށްފައި އޮތް ޒިންމާއެއް. ވަރަށްފަހުން އަޅުގަނޑަށް މި އިލްތިމާސް މިއައީ. އެހެންވީމާ، އަޅުގަނޑު އެނބުރި ގޮސްފައި، ސުޕްރީމް ކޯޓުގައި ދަންނަވާނަން، ރައީސް ނަޝީދުގެ މައްސަލަ ކޮންމެވެސް އެއްގޮތަކަށް އަވަހަށް ނިންމަވައިދެއްވަން. ނިންމަވައިދެއްވީމަ، ދެން އެހިސާބުން އަނެއްކާވެސް އަޅުގަނޑުމެން ޗާޓްކޮށްގެން ކުރިއަށްދާންވީގޮތް އެނގޭނީ. ހަމަ ދެން ތިއްބެވި ބޭފުޅުންވެސް، އެބޭފުޅުންގެ މައްސަލަތައް އަވަހަށް ނިމިގެން ކުރިއަށްދެވޭނީ.
 
 ކޮންމެވެސް ހިސާބަކުން މޭޒުކައިރިއަށް އައިސް ވާހަކަ ދައްކާފައި، ކޮންމެވެސް ގޮތަކަށް ޞުލްޙަވެރިވެވެންޖެހޭނެ. މިވަގުތު އެހުރިހާ ބޭފުޅުންނަކީވެސް ގޭގެ ބަންދުގައި ތިއްބެވި ބޭފުޅުން. ޚިދުމަތް ކުރެއްވި ބޭފުޅުން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ހުރިހާ އެންމެންވެސް ސަރުކާރެއް ހޮވި، ސަރުކާރުގައި ޚިދުމަތްކުރާ ކަމަށްވަންޏާ، އިޚްލާޞްތެރިކަމާއެކީ އެކަން ކުރަންޖެހެއޭ. އެކަން އެގޮތަށް ވާޖިބުވެގެން މިދަނީ ޚިދުމަތްތައް ލިބިގަންނަން ތިބި ރައްޔިތުންނަށްވެސް. އިޚްލާޞްތެރިކަން އޮވެގެން ފޮނަދޫން މިއަދު ތިޔަ ވިދާޅުވިގޮތަށް 2018 ގައިވެސް އަޅުގަނޑުމެންގެ ފިކުރަށް ތާއީދެއް ދެއްވޭނީ، އަޅުގަނޑުމެންގެ ތެރޭގައި އެ އިޚްލާޞްތެރިކަން ދައްކައިދެވިގެން. އެ އިޚްލާޞްތެރިކަން ދައްކައިނުލެވި، އަޅުގަނޑުމެންގެ ތެރެއިން އެކި މެންބަރުން އެކިގޮތަށް އަނބުރަން އަޅުގަނޑުމެންގެ ތެރޭގައި ވަޒީރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، ނޫނީ އެހެން އިސްބޭފުޅުން މަސައްކަތް ކުރައްވާ ކަމަށްވަންޏާ، އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ. ރައްޔިތުންނަށް މަޞްލަޙަތު ހުރި ކަންކަމާ ދުރަށް ރައީސަށް ދެވޭކަމަށްވަންޏާ، އެކަހަލަ ގުޅުންތައް އުފެދިގެންދާންވާނެ. އަޅުގަނޑުމެންގެ ތެރޭގައި މީގެކުރީގައި ފެނިގެންދިޔައީ، މިދެންނެވި ކަހަލަ އިޚްލާޞްތެރިކަން ނެތް ސިފަތަކެއް. އޭގެ ނަތީޖާ ވަރަށްގޯސް. އެކަމަކު އެހެންނުވެ، އެއް މާލިމީއެއްގެ ނެވިކަމުގެ ދަށުގައި، އެއް އޮޑިޔަކަށް އަރައި ތިބި ފަޅުވެރިން އެއްދިމާއަކަށް ފަލިޖެހިނަމަ، އަޅުގަނޑުމެން އުޅޭނީ މިއަދު މިއަށްވުރެ ކުރީގައި. އެކަމަކު އެހެނެއް ނޫން ދޮއެއްތޯ މިކަންކަން ވެގެންދިޔައީ.
 
އެހެންވީމާ، އެއީކީ ރައީސް ޔާމީން އިސްވެ ކުރާ ކަންކަމެއް ނޫން. އެއީ އެވަގުތު ތިއްބެވި މަޤާމުގައި ތިއްބަވައިގެން، އެ މަޤާމު އެބޭފުޅުންނަށް ކުފޫހަމަނުވާކަމަށް ގަބޫލުކުރައްވައިގެން އެއަށްވުރެ ދުރަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތް. އެ މަސައްކަތް ކުރައްވަންވީ ސިޔާސީގޮތުން އެކަންކަން ކުރަން އޮންނަ ގޮތަށް. އެހެންނަމަ މީހުންނެއް ބަންދުވެ ހައްޔަރެއްނުވާނެ. އެހެންނަމަވެސް، އެ ބަޔަކުކުރާ ކަމެއް އެބަޔަކާ ހަމަޔަށް އަނބުރާ އަންނާނެ، ބައްދަލުކުރާނެ. އެހެންވީމާ، އަޅުގަނޑަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިއޮތީ ސުޕްރީމް ކޯޓުގައި ދަންނަވަން، އިލްތިމާސް ކުރަން، ވެވަޑައިގެންނެވި އަވަހަކަށް، ރައީސް ނަޝީދުގެ މައްސަލަ ނިންމެވުމަށް އަވަސްކޮށްދެއްވާށޭ. އެ އިލްތިމާސް އަޅުގަނޑު ކުރާނަން. އެހިސާބުން އަޅުގަނޑުމެންނަށް އަނެއްކާވެސް ކުރިއަށް ދެވޭނެ ގޮތްތަކެއް ނިންމޭނީ. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިކަހަލަ ބޮޑެތި ޖަރީމާތަކެއް ހިނގައިފި ކަމަށްވަންޏާ، އެކަންކަމަކީ ކޮންމެވެސްއިރަކު އިންޞާފު ކުރެވޭނެ ކަންކަންކަން.
 
އެހެންވީމާ، ފޮނަދޫގެ ރައްޔިތުންނަށް އަދި ގާދޫގެ ރައްޔިތުންނަށް، ހައްދުންމަތީގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ސަރުކާރުން މިކުރާ މަސައްކަތްތަކުގައި، ރައްޔިތުންނަށް ފައިދާހުރި، ބޭނުންތެރި މަސައްކަތްތަކެއް އަވަސް ފުރްޞަތެއްގައި ކުރެވޭ ކަމަށް ތިޔަބޭފުޅުން ޙަޤީޤަތުގައި ގަބޫލުކުރައްވާ ކަމަށްވަންޏާ، އިޚްލާޞްތެރިކަމާއެކީ އެކަން ގަބޫލުކުރައްވާށޭ. އަޅުގަނޑުމެންގެތެރެ ބައިބައިކުރަން މަސައްކަތްކުރާ އެއްވެސް މީހަކަށް، އެއްވެސް މީހަކަށް އެ ޖާގަ ނުދެއްވާ. އެ ޖާގަ ނުދެއްވާ. އަޅުގަނޑާއެކީ މަސައްކަތް ކުރެވޭނީ، އިތުބާރުގެ މައްޗަށް މަސައްކަތްކުރާ މީހުންނާއެކީ. އަޅުގަނޑަކީ ހިތުގައި އޮންނަގޮތަށް ވަރަށް ސާފުކޮށް ވާހަކަ ވާހަކަ ބުނާ މީހެއް. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އަޅުގަނޑުމެންގެ ޕާޓީ ޑީ.އާރު.ޕީ.އަކަށް އޮވެ، އަޅުގަނޑުމެންގެ އަޣްލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި އޮވެ، އަޅުގަނޑުމެންނަކީ އޭރު އޮތް ސަރުކާރު ޖަވާބުދާރީނުކުރެވި، ވަރަށް ނިކަމެތިކަން އަމިއްލައަށް ހޯދައިގަތް ޕާޓީއެއްކަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެކަންކަން އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫވި. އަޅުގަނޑުމެން ބޭނުންވި، ސަރުކާރު ޖަވާބުދާރީކުރުވަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނަކަށް، އެކަން ކުރައްވަން އެހާ ފަސޭހަފުޅުކަމަކަށްނުވި. މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ، އެބޭފުޅުންނަށް އެކަން ފަސޭހަފުޅުނުވީ ކީއްވެގެންކަން.
 
އެކަހަލަ ކަންތައްތަކެއް މެދުވެރިވަނީ އިޚްލާޞްތެރިކަން ނެތީމަ. އެހެންވީމާ، ސިޔާސީ ލީޑަރުން ރައްޔިތުން ގޮވައިގެން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، ކޮންމެވެސް އެއްގޮތެއްގައި، އިޚްލާޞްތެރިކަމާއެކީ ތިބެން އެބަޖެހޭ. ރައްޔިތުންނަށް ދެއްވޭނެ ހަދިޔާއަކީ، އިޚްލާޞްތެރިކަމާއެކީ އެ ޚިދުމަތްތައް ބަލައިގެންފައި، އެމީހުންގެ ތެރޭގައި އެކިގޮތްގޮތަށް ކައްޗާ ދުއްވަން ޖާގަ ނުދެއްވުން. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ހިނގާ ކަމަކީ މިއީ. ވޯޓެއް ކައިރިވެގެން އަންނަ ކަމަށްވަންޏާ، އަބަދުވެސް ކޮންމެވެސްގޮތަކަށް ކައްޗާ ދުއްވަން މަސައްކަތް ކުރާނެ. އެކަމަކު އެހެން ހަދައިފި ކަމަށްވަންޏާ، އަނެއްކާވެސް އަޅުގަނޑުމެންގެތެރެ ބައިވާނެ. ބައިވީމަ، ދެން އޭގެ ނަތީޖާ ނުބައިވީމަ، އަޅުގަނޑުމެން ހިތްދަތިކަން ތަޙައްމަލްކުރަނީ. އިޙްސާސް ކުރަނީ. އޭރުން އަޅުގަނޑުމެންގެ ލޮލުން ކަރުނަވެސް އާދޭ.
 
2008 ވަނަ އަހަރު އަޅުގަނޑުމެންނަށް އެކަން ފެނިގެންދިޔައީ، އެހެން ނޫންތޯ. އޭރު އޮތް ވަރަށް ޚިދުމަތްތެރި ވެރިކަމެއް ނިމިގެންދިޔައީ. ވެރިކަން ނިމިގެން ދިޔައިމަ، މިކުރެވުނީ ކީއްކަން، އެހިސާބުން އަޅުގަނޑުމެންގެ ޚިޔާލަށް އައީ. އޭރު މާ ލަސްވެއްޖެ. އަނެއްކާވެސް އަޅުގަނޑުމެންނަށް ޚިދުމަތް ކުރަން ފުރްޞަތު ލިބުނީ. އެހެންވީމާ، މިކަހަލަ އިމްތިޙާނުތައް އަޅުގަނޑުމެން އިންސާނުންނަށް ﷲ ކުރިމަތި މިކުރައްވަނީ އަބަދުމެއަބަދުމެ. އެކަމަކު މިހާރު ވެއްޖެ ދޮއެއްތޯ ފިލާވަޅެއް ނަގަން. އެހެންވީމާ، ޤައުމު ގޮވައިގެން ކުރިއަށްދާން މަސައްކަތް ކުރާކަމަށްވަންޏާ އަދި އިސްލާމީ ދައުލަތެއްގައި ހުންނަންވާ ސިފަތަކާއި އުޞޫލުތަކާއެކީ، ދިވެހިވަންތަ ސިފަތަކާއި، ރައްޔިތުންނަށް، ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދިނުމާއި، ޤާނޫނު ތަންފީޒު ކުރުމުގައި، އިސްތިސްނާއެއްނެތި ތަންފީޒު ކުރާ ކަމަށްވަންޏާ، މިކަހަލަ ގެރެންޓީތަކެއް ރައްޔިތުންނަށް ބޭނުންވާނެ. އޭރަށް ރައްޔިތުންނަށް އެނގޭނެ، އެމީހުންގެ އިންފާރު ހުރީ ކިހާ ހިސާބެއްގައިކަން. އެކިފަހަރު އެކިގޮތަށް ބޮޑެތި ކަންކަން ނިމިގެންދާ ކަމަށްވަންޏާ، އެ ސަރުކާރުން ކޮށްފާނެ ކަމަކާ ދޭތެރޭގައި އަބަދުވެސް ރައްޔިތުން ތިބޭނީ ޝައްކުމަތީގައި. އެއަކުންނެއް އަޅުގަނޑުމެން އެދޭ މަޞްލަޙަތެއް ނޯންނާނެ. ތަނެއް ފަސާދަވުމުގެ ހުރިހާ އަސަރެއް، ހުރިހާ ކޮޅުމައްޗެއް އޭރަށް ފެނިގެން އެދަނީ.
 
ތަނެއް ފަސާދަވަނީ ހަމައެކަނި ދައުލަތަށް ވަންނަ ފައިސާގައި އެމީހުން ޖެހިގެނެއް ނޫން. ތަނެއް ފަސާދަވަނީ އެބައެއްގެ ތެރޭގައި ބަސްކިޔަން ތިބޭ މީހުންގެ ސިކުނޑި ޚަރާބުވީމަ. ޚަރާބުވާ ހިސާބުން މީހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަނީ. އެހިސާބުން އެއޮތީ އެކަން ފަސާދަވެފައި. އޭގައި އެންމެ ފައިސާ ފޮއްޗެއްވެސް ހިމެނޭކަށްނުޖެހޭ. އެހެންވީމާ، މިކަހަލަ ކަންކަމަށް ޖާގަ ނުދެއްވާ.
 
ހައްދުންމަތި ފޮނަދުއަކީ ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަގޮތަށް، ވަރަށް އެކުވެރި، އަދި އިންޞާފަށް ލޯބިކުރާ، ޤާނޫނަށް ލޯބިކުރާ ބަޔަކު ތިބި ތަނެއް. އެހެންވެގެން މިތަނުގައި ކުށް އެހާމަދީ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ރަނގަޅު ޘަޤާފަތެއްގެ މަތީގައި ތި ތިއްބެވެނީ. އެ ޘަޤާފަތުގައި ތިއްބަވައިގެން، ތިޔަބޭފުޅުން ވާންވީ ރާއްޖޭގެ އެހެން ރަށްރަށަށް ނަމޫނާ ބަޔަކަށް. ނަމޫނާ ބަޔަކަށްވާއިރު، މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ކަންތައްތަކެއް ކޮށްދެވޭކަމަށް ގަބޫލުކުރައްވާ ކަމަށްވަންޏާ، އެ ވާހަކަ ހަމަ ތިޔަބޭފުޅުންގެ ފަރާތުންވެސް އެބަ ދެކެވެންޖެހޭ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ޤާބިލުކަން ހުންނާނީ ހަމައެކަނި ރައްޔިތުންގެ މަންދޫބުންގެ ކިބަޔަކު ނޫން. އަޅުގަނޑުމެންގެ ތެރޭގައި ޤާބިލު ކިތަންމެ ބަޔަކު އެބަތިބި. ތަޢުލީމީ ހޭލުންތެރި ކިތަންމެ ބަޔަކު އެބަތިބި. ވިސްނާ ހަރުމީހުން، ކިތަންމެ ބަޔަކު އެބަތިބި. މީހަކަށް ލިބޭ ޢިލްމަކީ ހަމައެކަނި ފޮތުން ލިބޭ އެއްޗެއް ކަމަށް ގަބޫލުނުކުރައްވާ. ދިގު ތަޖުރިބާއަކީ ތިޔަބޭފުޅުންގެ ހުނަރުވެރިކަން، ޢިލްމުވެރިކަން. އެހެންވީމާ، މިކަހަލަ ވާހަކަ ސައިހޮޓާތަކުގައި، އެކި ޕޯޑިއަމްތަކުގައި ދެއްކެވޭނެ ބޭފުޅުން މަދެއްނުވާނެ. އެކިއެކި ޓީ.ވީ ޕްރޮގްރާމްތަކުގައި، ނޫނިއްޔާ އަޑުން ގެންނަ ޕްރޮގްރާމްތަކުގައި ތިޔަބޭފުޅުންގެ ޝުޢޫރު، ތިޔަބޭފުޅުންނަށް ފާޅުކުރެއްވޭނެ. އެހެންވީމާ، ސަރުކާރުން ކުރާ ކަންތައްތަކުގައި ފާޑުކިޔާކަމަށްވަންޏާ، ސަރުކާރުން އެކަންކަން ތަންފީޒުކުރާ މީހުންނާއެކީ އެއްމޭޒުގައި ތިބެގެން، ރައްޔިތުންގެ ކުރިމަތީގައި ބަޙުޘެއް ކުރީމަ، އެކޮޅުމިކޮޅު ރަނގަޅަށް ރައްޔިތުންނަށް ފެންނާނީ. ފިލާ ތިބެގެން ދައްކާ ވާހަކަޔަކަށް ސަރުކާރުން ޖަވާބުދާރުވީވުމަކީ ފަސޭހަ ކަމެއްނޫން. އެހެންވީމާ، އެއްމޭޒެއް ކައިރިއަށް އައިސް ވާހަކަ ދައްކާލާ.
 
 މިހާރު މިއޮތީ ވާހަކަ ދެއްކުމުގެ ފުރްޞަތު. މިދިޔަ އަހަރުވެސް ހުޅުވައިލިން. އެއްމޭޒެއް ކައިރިއަށް ބޭނުންނުވީ ކީއްވެތޯ؟ ތިޔަބޭފުޅުން ސުވާލުކުރައްވާ. މިއަދުވެސް އޮތީ އެ ފުރްޞަތު ހުޅުވައިލާފައި. ހަމަގައިމު ޢަބްދުއްރަޙީމަށް އެނގިވަޑައިގަންނަވާނެ، އެ ފުރްޞަތުގެ ބޭނުންހިފިގެންދާގޮތް. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ވަޑައިގަންނަވާ އިސްބޭފުޅަކީ ޢަބްދުއްރަޙީމް. އެހެންވީމާ، މިއޮތީ ފުރްޞަތު ހުޅުވައިލާފައި. ސަރުކާރުން ރައްޔިތުންގެ ޙައްޤުން އެއްކިބާވެގެން ކުރާ ގޯސް ކަންތައްތަކެއްގެ ވާހަކަ ހުރިއްޔާ، އަޅުގަނޑުމެންގެ މޭޒުމައްޗަށް ގެންނަވާ. ނޫނިއްޔާ މިއަށްވުރެ ރަނގަޅު ތަރައްޤީއެއް، މިއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމުގެ ވިސްނުމެއް އޮތް ކަމަށްވަންޏާ، އެކަންވެސް ހުށަހަޅުއްވާ. އަދި ކުށްވެރިންގެ ތެރެއިން ކުށް ނުކުރަނީ، ނޫނީ ކުށުން މަޢުޞޫމްވާންވީ، ބަރީއަވާންވީ ކޮންބައެއްތޯ، ވަކިބަޔަކު ތިބެންޖެހޭތޯ. އެހެންވެއްޖިއްޔާ އެކަންވެސް ހުށަހަޅުއްވާ. ނޫނީ މީހުން ހިފައި ހައްޔަރު ކުރުމަކީ، މިހާރު އޮތް ޓެރަރިޒަމް ޤާނޫނުގެ ދަށުން އަދަބު ލިބޭ، ޢުޤޫބާތް ލިބޭ ކުށަކަށްވެގެން، އެ ކުށް އެއަށްވުރެ ލުއިކުރަން ބޭނުމިއްޔާ، އެ ވާހަކަވެސް ވިދާޅުވޭ. އަޅުގަނޑުމެންގެ ސަރުކާރު މި ހިނގަނީ މަޝްވަރާގެ މަތިން. އެހެންވީމާ، އެކަހަލަ ވާހަކަތައް ވިދާޅުވީމަ، އަޅުގަނޑުމެންނަށް އެކަންކަމަށް ފިޔަވަޅު އެޅޭނީ.
 
 އަޅުގަނޑުމެންނަށް ހަމަގައިމު، ކޮންމެ މަންމަޔަކަށް އުނދަގޫވާނެ، މަންމައެއްގެ ދަރިފުޅު ސްކޫލް ނިންމާފައި، ދެ ދުވަސްވާއިރު ގެޔަށް ނައިއްސި ކަމަށްވަންޏާ މަންމައެއްގެ ހިތަށް ތަދުވާނެ. އެއީ އެކުއްޖާ ގެއްލުނީކަމަށް ނިންމާނެ. ދެން އަމުދުން އެކުއްޖާ ނުފެންނާނެ. ދެން އަމުދުން އެކުއްޖާ ނުފެންނާނެ. އެހެންވެގެން މިގޮތަށް މީހުންގެ އެނގުމެއްނެތި، ރުހުމެއްނެތި ހިފައި ހައްޔަރުކުރުމަކީ އެވަރުގެ ބޮޑު ޖަރީމާއެއް ކަމަށް އަޅުގަނޑުމެން ކަނޑައަޅާފައި، ޓެރަރިޒަމްގެ ޤާނޫނުގެ ދަށަށް ޢުޤޫބާތްދޭ ގޮތަށް އެ މައްސަލަލީ ސަބަބަކީ އެއީ. އެއީ ދަރިފުޅު.
 
 މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ކޯޓެއްގެ ފަނޑިޔާރު، ހަމަ އެގޮތަށް ނަގައި ހިފައި ހައްޔަރުކުރީމަ. އެ ފަނޑިޔާރުގެވެސް ޙައްޤުތަކެއްވޭ ދޮއެއްތޯ. އެ ފަނޑިޔާރުގެ އަނތްބެއްވޭ. ދަރިންތަކެއް އެބަތިބި. މަންމަޔަކަށް ދަރިފުޅު ގެއްލުނީމަ ކުރާ އަސަރު، ދަރިންނަށް ބައްޕަ ގެއްލުނީމަ ކުރާނެ. މިއަދު ކީއްވެގެންތޯ އެކަން އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބީ. ގަބޫލުކުރާކަށްނުޖެހޭ. އަޅުގަނޑުމެން ޤާނޫނު ލިޔަނީ، ހުރިހާ އެންމެން އެއަށް ތަބާވާން. އެއްވަރަކަށް އަދަބު ލިބެން. އެހެންވީމާ، އެކަހަލަ ބޮޑެތި ޙައްޤުތަކަށް އަރައިގަތީމަ، އެ މައްސަލަ ނިންމާނީ ކޯޓުތަކުގައި މިހާރު ލިޔެވިފައި ހުރި ޤާނޫނަށް ކޯޓުތަކުގައި ރިޢާޔަތް ކުރެވިގެން. އޭގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. ރައީސަށް ކޮށްދެވޭނެ ކަމަކީ، އަނެއްކާވެސް މަޖިލީހުގެ ވިސްނުމަށް، މިކަން އޮތްގޮތް ބަދަލުކުރަން ބޭނުންކަމަށް ޕާޓީތަކަކުން ނިންމަވާފައި، އަޅުގަނޑު ކައިރީގައި ވިދާޅުވެއްޖެ ކަމަށްވަންޏާ، އެޔާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ވިދާޅުވެދެއްވާށޭ ކިޔާފައި މަޖިލީހަށް ފޮނުވިދާނެ. އެހެންވީމާ، މިކަމުގައި ހުޅަނގުގެ ޤައުމުތަކުން، ނޫނީ އެހެން ދިމަދިމާއިން ސަރުކާރުގައި ވާހަކަ ދެއްކި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ މަޞްލަޙަތު ހިމެނޭގޮތް އެންމެ ރަނގަޅަށް ނިންމަން އެނގޭނެ ބަޔަކަށްވާނީ އަޅުގަނޑުމެން ދޮއެއްތޯ. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން އެންމެބޮޑަށް ބަރޯސާވަނީ ލިޔެވިފައި ހުރި ޤާނޫނުތަކަށް.
 
އެހެންވީމާ، އަޅުގަނޑުމެން ކަންކަން ކުރުމުގައި، ތިޔަ ވިދާޅުވި ޢަޒުމާއި ރޫޙުގައި، ފޮނަދޫގެ ރައްޔިތުން ތިއްބެވި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކޮށްދެއްވާށޭ. ޖޯޝާއި ފޯރިހުރި މެންބަރެއް، މި ދާއިރާ ތަމްސީލު ކުރައްވަނީ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، އެ ޖޯޝާއި ފޯރި ހަމަ ތިޔަބޭފުޅުންގެވެސް ހުންނާނެ ކަމަށް. ޓީ.ވީ ޕްރޮގްރާމްތައް، ރޭޑިއޯ ޕްރޮގްރާމްތައް، އެހެން ޕްރޮގްރާމްތަކުގައި ހަމަ ވާހަކަ ދެއްކުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ހުރިހާ އެންމެންގެވެސް ހުންނާނެ. ވާހަކަ ދެއްކުމުގައި ހިތުގެ އިޚްލާޞްތެރިކަމާއެކީ، ހިތުގައި އޮތް އެއްޗެއް ތެދުބަހުން ބުނުން. އެކަން އަޅުގަނޑުމެންނަށް ކުރެވެންވާނެ ދޮއެއްތޯ! އެކަން އަޅުގަނޑުމެންނަށް ކުރެވެންވާނެ.
 
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑުމެން އަބަދުވެސް އެދެނީ ދިވެހިންނަށް އުފާފާގަތި ދުވަސްތަކެއް. ޞުލްޙަވެރިކަމާއި މަޞްލަޙަތާއެކީ އުޅެވޭނެ ދިވެހި އަމާން ޖައްވެއް އަޅުގަނޑުމެންނަށް ﷲ އަބަދުމެ މިންވަރު ކުރެއްވުން، މިއީ އަޅުގަނޑުމެން އެދޭގޮތް. މިއީ އަޅުގަނޑުމެންގެ ދުޢާއަކީ. އިރާދަކުރެއްވިއްޔާ އަބަދުވެސް ދިވެހިރާއްޖޭގައި ޞުލްޙަވެރިކަމާއި މަޞްލަޙަތަށް ލޯބިކުރާ ރައްޔިތެއް ތިބުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރައްވާށި!
 
        والسّلام عليــكم ورحـمــة اللّـه وبـركاتـه.