بســم اللّـه الرّحمـن الرّحيــم
      
        اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، ގަމުގައި މި ހޭދަކުރާ އުފާވެރި ވަގުތުކޮޅުގައި، ގަމުގެ ރައްޔިތުންގެ ތިޔަ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންނަށް ދަޢުވަތު ދެއްވީތީ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ރާއްޖެތެރެއަށް މިކުރާ ޒިޔާރަތްތަކުގައި، ރާއްޖެތެރޭގެ އެކި ހިސާބުގައި ރަށްރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް، މި ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ފުދިގެންދިޔުމާއި އަދި އެކަންކަމުގައި ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އަޅުގަނޑުމެންގެ އޮތަތީ، ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ތިޔަ ދެއްވާ ހޫނު ތަރުޙީބަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
 އަޅުގަނޑުމެންގެ ސަރުކާރުން އުފަލެއް ކަމުގައި ދެކެނީ، މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި، ބައެއްކަހަލަ ބޮޑެތި ކަންތައްތައް، ރާއްޖެތެރޭގެ އެކިހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ކޮށްދެވޭތޯ ބެލުން. ދެންމެ މިތާ ވީޑިއޯ ޕްރެޒެންޓޭޝަން އަޑުއަހަން ތިބިއިރު، ބަލަން ތިބިއިރު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، ގަމުގެ ނަރުދަމާގެ ނިޒާމަށް ބަލާކަމަށްވަންޏާ، މިއީ ކިހާ ދިގުލައިގެންދިޔަ، ކިހާވަރެއްގެ މަޝްރޫޢެއްކަން. އެހެންވީމާ، މި ނަރުދަމާގެ ނިޒާމް ނިމިގެން ގޮސް، މީގެ ފަސޭހަކަން ގަމުގެ ރައްޔިތުންނަށް ލިބެން ފެށުމުން، ތިޔަބޭފުޅުންގެ ހިތްޕުޅަށް ތިއަންނަ ހިތްހަމަޖެހުމުގައި، އަޅުގަނޑުމެންނަށް ބައިވެރިވެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް، ވަރަށްބޮޑު އުފަލެއް.
 
އާދެ، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މިކަހަލަ ގިނަ މަސައްކަތްތަކެއް ކޮށް ނިމިގެން މިދިޔައީ. ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި ތިޔަބޭފުޅުންނަށް އިވިވަޑައިގަތީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން ހުރިގޮތް. ފެނާއި ނަރުދަމާގެ ކަންތައްތަކަށް ބަލާކަމަށްވަންޏާވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސްއަހަރު ނިމިގެންދާއިރު، ފަންސާސް ރަށުގައި ފެނާއި ނަރުދަމާގެ ފަސޭހަކަން، ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ކަމުގެ އިޢުލާނު ވެގެން އެދިޔައީ. އެހެންވީމާ، ދެންމެ ގަމުގެ ފަރާތުން އަޅުގަނޑަށް އައި އިލްތިމާސް، އަޅުގަނޑުމެންގެ ސަރުކާރަށް އައި އިލްތިމާސަކީ، ތިމަންނަމެންނަށް ދެން ބޭނުންވަނީ ސާފު ބޯފެނުގެ ނިޒާމޭ. ދެން މި އެކަންޏެއް ނޫން، ޔޫސޭ ވާހަކަފުޅު ދައްކަވަންޏާ، ރަށަކަށް ދަތިވެފައި ހުރި ވަރަށްގިނަ ކަންތައްތައް އަންނާނެ ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް މިކުރަނީ، ހަމަ ފެނުގެ މައްސަލަވެސް ވީހާ އަވަހަކަށް ޙައްލުކުރުމަށް. އާބާދީ މިހާ ބޮޑު ރަށެއްގައި، ހަތަރުހާހަށްވުރެ ބޮޑު އާބާދީއެއް އުޅޭ ރަށެއްގައި، މިކަންކަމަކީ ހަމަޖެހެންވާނެ ކަންކަން. އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، ގަމުގެ ފެނުގެ ނިޒާމް ހަމަޖެހިގެންދާނެ.
 
ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑު ހަމަ މިދެންނެވި ޕަރސްޕެކްޓިވެއް ގެންނަން، ނޫނިއްޔާ ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ވިސްނުމަށް ގެނެވޭތޯ ބަލައިލަން ދަންނަވާ މިސާލެއް. އެއްގޮތަކަށްވެސް ފާޑުކިޔުމުގެ ނަޒަރުން ދަންނަވާ މިސާލެއް ނޫން. ފެނާއި ނަރުދަމާގެ ނިޒާމް، މިކަހަލަ ނިޒާމްތަކަށް ބަލާކަމަށްވަންޏާ، ގަމުގައި އެންމެބޮޑު ޚަރަދެއް ހިނގާނީ، ޝައްކެއްވެސްނެތްގޮތުގައި، ޑިސްޓްރިބިއުޝަން، ނޫނީ ހޮޅި ވަޅުލުމުގެ މަސައްކަތްތަކަށް. ޖުމްލަ ޚަރަދަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް އަށެއްކަ މިލިއަން ރުފިޔާ މިއޮތީ މި ނިޒާމަށް ޚަރަދުވެފައި. މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް މިކުރެވެނީ، ޝައްކެއްވެސްނެތް، ސަރުކާރުގެ ބަޖެޓްގެ ފައިސާގެ ބޮޑު އެހީއަކާއެކީ، އަދި ބޭރުގެ ފަރާތްތަކުގެވެސް އެހީ ލިބިގެން. މި މަޝްރޫޢަށް ވަރަށް ދީލަތިކަމާއެކީ ފަރަންސޭސި ސަރުކާރުގެ ފަރާތުން އޭ.އެފް.ޑީ، އާދެ، އޭޖެންސީ ފްރާންސް ފޮރ ޑިވެލޮޕްމަންޓް. މި އޭޖެންސީގެ ފަރާތުން މިއޮތީ އެހީތެރިވެވަޑައިގެންފައި. އަދި މިކަހަލަ އެހެން މަޝްރޫޢުތަކުގައިވެސް ފަރަންސޭސި ސަރުކާރުގެ ފަރާތުން އެބަ އެހީތެރިވެވަޑައިގަންނަވާ.
 
 އަޅުގަނޑުމެން މިއައީ މާވަށުން ފުރައިގެން މިރަށަށް. މާވަށުގެ މިސްކިތަކީވެސް ހަމަ މިގޮތަށް ބޭރުގެ ދީލަތި ފަރާތަކުން އަޅުގަނޑުމެންނަށް ވެދެއްވާ އެހީ. މިކަހަލަ އެހީތަކަކީ ރަށްރަށުގެ ރައްޔިތުންނާ ހަމަޔަށް ލިބުމުން، އެ އެހީތައް ރަނގަޅު ގޮތުގައި ބަލައިގަންނަ ކަމަށްވަންޏާ، އެހީ އިތުރުވެގެންދާ ކަންކަން. އަޅުގަނޑަށް ފާހަގަކުރެވޭ، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތާއި، ފެނުގެ މަސައްކަތާއި އަދި ހަކަތައިގެ މަސައްކަތުގައި، ވަރަށްގިނަފަހަރު ބޭރުގެ ފަރާތްތަކުގެ އެހީ، ވަރަށް ދީލަތިކަމާއެކީ ލިބެމުން އެބަދޭ. މި އެހީތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން. މިއަދުގެ މި ރަސްމިއްޔާތުގައި މިކަން ނިމިގެން މިދަނީ، ފަރަންސޭސި ސަރުކާރުގެ އެހީތެރިކަމާއެކީ ކަމަށްވާތީ، ފަރަންސޭސި ސަފީރު މެދުވެރިކޮށް، އާދެ، ޖޯން މާރިން ޝޫ މެދުވެރިކޮށް ފަރަންސޭސި ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ޕަރސްޕެކްޓިވްއަކަށް، ނޫނިއްޔާ އަޅައިކިޔައިލުމުގެ ނަޒަރަކަށް އަޅުގަނޑު ދަންނަވާލަން އުޅުނު ވާހަކައަކީ، މިސާލަކަށް، މިކަހަލަ ނަރުދަމާގެ ނިޒާމެއް ލާކަމަށްވަންޏާ މިއީ އަށްޑިހަ އަށްމިލިއަން ރުފިޔާގެ މަޝްރޫޢެއްގެ ވާހަކަ މި ދައްކަނީ. ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަކީ އަދި މިއަށްވުރެ މާބޮޑު މަޝްރޫޢެއް. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ސަރުކާރުގެ ތެރޭގައި، ދައުލަތުގެ ބަޖެޓް ދަރަނިވެފައި އޮތް މިންވަރަށް ބަލާކަމަށްވަންޏާ، އެ ދަރަންޏަކީ ސަރުކާރުން ފައިސާ ހޯދައިގެން އަދާކުރަންޖެހޭ ދަރަނި. އެއީކީ ހަމަ ކަރުދާހުގައި ދަރަނީގެ ގޮތުގައި އޮވެގެން ނިމިގެންދާނެ ކަންކަމެއް ނޫން. އެހެރީ އެކި ތަންތަނުން، ބޭރުންނާއި ރާއްޖޭގެ ބޭންކްތަކުންނާއި، އެގޮތްމިގޮތަށް ލޯނު ނެގިގެން އެހެރީ ހޭދަތަކެއް ކުރެވިފައި. އެހެންވީމާ، ދަންނަވާލަން މިއުޅެނީ ގާތްގަނޑަކަށް ތިރީސް ފަސްހާސް މިލިއަން ރުފިޔާ، ނޫނީ ތިރީސް ފަސް ބިލިއަން ރުފިޔާ، ތިރީސް ފަސްހާސް މިލިއަން ރުފިޔާ. މިއީ ރާއްޖޭގެ މިއަދުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާކަމަށްވަންޏާ، ރާއްޖެއިން ލޯނު ނުނަގައި، ކުރާ މަސައްކަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމަށް ލިބޭ ޢަދަދަށް ބަލާކަމަށްވަންޏާ، ދެ އަހަރުބައި، ތިންއަހަރުގެ އާމްދަނީގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، މިދިޔަ ދެތިން ހަތަރު އަހަރެއް، މީގެކުރީގެ ސަރުކާރުގައި މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި އަރާފައި އޮތް ޖުމްލަ ދަރަންޏަށް ބަލާކަމަށްވަންޏާ، މި ދައްކަނީ ތިން ހަތަރު އަހަރެއްގެ، ނޫނިއްޔާ ދެ އަހަރު، ތިން އަހަރުގެ ޖުމްލަ އާމްދަނީގެ ވާހަކަ. މި ފައިސާ އެހެރީ ނެގިފައޭ. މި ފައިސާއިން އެއޮތީ ދައުލަތް ދަރަނިވެރިވެފައޭ.
 
އެހެންވީމާ، ހަމަ ޚިޔާލަށް މި ގެނެވެނީ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، ކޮބައިބާވައޭ މި ތިރީސް ފަސްހާސް މިލިއަން ރުފިޔާ، ކޮންގޮތަކަށްބާވައޭ ހޭދަކުރެވިފައި އޮތީ؟ މިއީވެސް ހަމަ ވިސްނާލަން ރަނގަޅު ކަމެއް. އެ ތިރީސް ފަސްހާސް މިލިއަން ރުފިޔާ، ނޫނީ ތިރީސް ފަސް ބިލިއަން ރުފިޔާ ދަރައި އޮންނަ ކަމަށްވަންޏާ، އެވަރުގެ ބޮޑު ޢަދަދެއްގެ ފައިސާއިން މިކަހަލަ މަޝްރޫޢުތަކަށް އެކަނި ބަލައިލައިފި ކަމަށްވަންޏާ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ހަމަގައިމުވެސް ފެނާއި ނަރުދަމާގެ ނިޒާމް އޮންނާނީ ނިންމިފައި. ނިމިފައި އޮންނަންވާނީ. އެހެންވީމާ، މިހާ ބޮޑު ދަރަނި އޮތްއިރު، ހަމަ ޚިޔާލަށް އަންނަނީ، ކޮބައިބާވައޭ މި ފައިސާ ބޭނުންކުރެވިފައި ހުރި ގޮތަކީ؟ ދެން މުވައްޒަފުންގެ މުސާރައާ، މިކަންކަމަށް ބަލާކަމަށްވަންޏާވެސް، އަޅުގަނޑުމެންނަށް މި އެނގެނީ، ސިވިލް ސަރވިސްގެ މުސާރަވެސް، ކޯޓުން ނިންމީމަވެސް އޭރުގެ ސަރުކާރުން އޮތީ ނުދެވިފައި.
 
އެހެންވީމާ، މުސާރަތަކަކަށްވެސް ނޫން މި ފައިސާ ހޭދަވެފައި ހުރީކީ. އެހެންވީމާ، އެ ފައިސާ ހޭދަވެފައި ހުރި ކޮންމެވެސް ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންނަންވާނެ. ހަމަގައިމުވެސް ރަށްރަށުގެ ބަނދަރު ހަދައިދީ ނިމިފައި ހުރި ކަމަށްވަންޏާ، ބަނދަރު ބޮޑުކުރުމާއި، ބަނދަރު ހެދުމުގެ ޝަކުވާތަކެއް މިހާރު އަޅުގަނޑުމެންނާ ހަމަޔަށް އައިސްގެނެއްވެސް ނުވާނެ. ސުނާމީގައި ގެއްލުންވެގެން އެ ހެދި ބަނދަރުތަކެއް، ރައީސް މައުމޫން ސަރުކާރުގެ ތެރޭގައި ބަނދަރުތަކެއް ހެއްދެވި. ބަނދަރުތަކެއް މަރާމާތު ކުރެއްވި. އަޅުގަނޑުމެން އަޑުއެހީމު، އޭގެފަހުން އައި ސަރުކާރުންވެސް ރައްޔިތުންގެ މަޖިލީހުގައި ހައުސިންގ މިނިސްޓަރ، ކޮންސްޓްރަކްޝަން މިނިސްޓަރު ވަޑައިގެން އެކި ބަނދަރުތަކުގެ ވާހަކަ ދެއްކެވި ވާހަކަ. އެކަމަކު އަޅުގަނޑަށް ހަމަ އުނދަގޫވަނީ ޚިޔާލަށް ގެންނަންވެސް، މިހާބޮޑު ޢަދަދެއްގެ ދަރަނި އޮތްއިރު، ކޮބައިބާވައޭ      މި ފައިސާތަކުން އަޅުގަނޑުމެންނަށް ކުރެވިފައި ހުރީ ކޮންކަހަލަ ބޭނުންތަކެއްބާވައޭ؟ އެހެންވީމާ، ބޮޑެތި ހޭދަތަކެއް ކުރަން މިޖެހެނީ މިކަހަލަ ކޮންމެ މަޝްރޫޢެއް ހިންގަންވެސް. އެހެންނަމަވެސް، އަޅުގަނޑުމެން އުންމީދު މިކުރަނީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މި ފަސް އަހަރަކީ ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ކަންތައްތަކެއް ކޮށްދިނުމަށް، އަޅުގަނޑުމެން ވަޢުދުވެގެން އަދި އަޅުގަނޑުމެންގެ ވަޒީރުން ޙަރަކާތްތެރިކަމާއެކީ އެ މަސައްކަތް ކުރައްވަނީ.
 
މިއަދު މި ނިމިގެން މި ހުޅުވޭ މަޝްރޫޢަށް ބަލާކަމަށްވަންޏާ، މީގެ ޢަމަލީ މަސައްކަތުގައި އެމް.ޑަބްލިޔޫ.އެސް.ސީ އިން މިއޮތީ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްދެއްވާފައި. ޝައްކެއްވެސްނެތް، މިނިސްޓަރ ޠާރިޤުގެ އިސްނެންގެވުމުގެ މަތިން މިކަންކަން މިދަނީ. އެނަރޖީއާއި ނޫނީ ހަކަތައާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް. އެހެންވީމާ، މިނިސްޓަރ ޠާރިޤަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާއިރު، މިއަދުގެ މި ރަސްމިއްޔާތުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލްއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ހަމަ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
މިވަރުގެ ނިޒާމެއް ޙަވާލުވެގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުންނަށް އެހާ ފަސޭހައެއް ނުވާނެކަންނޭނގެ، މިވަރުގެ ނިޒާމެއް މަރާމާތުކުރުމާއެކީ ބަލަހައްޓަމުން ގެންދިޔުން. އެކަމާ ޙަވާލުވެވަޑައިގަންނަވަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން. ފެނަކަ ކޯޕަރޭޝަނަކީވެސް ރާއްޖޭގެ އެކި ހިސާބުގައި ވަރަށް ޚިދުމަތްތެރި ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކުންފުންޏެއް. މިއަދު އަޅުގަނޑުމެންގެ ޙަޤީޤަތަކީ، މިއަދާ ހަމަޔަށް އައިއިރު، އަޅުގަނޑުމެންގެ ސަރުކާރުގައި، އިރާދަކުރެއްވިއްޔާ އެއް އަހަރު ނޫނީ ދެ އަހަރުވާން ކައިރިވެފައި އޮތްއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި 24 ގަޑިއިރު ކަރަންޓް ނުލިބޭ ރަށެއް ނޯންނާނެއޭ ހަމަ އުފަލާއެކީ އަޅުގަނޑުމެންނަށް ދެންނެވެން އެބައޮތް. މި މަސައްކަތް ކޮށްދެއްވާފައި މިއޮތީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން. އެހެންވީމާ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިރާދަކުރެއްވިއްޔާ މިހާރު 24 ގަޑިއިރު ކަރަންޓަކީވެސް އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތެއް. މި ނަރުދަމާގެ މަސައްކަތްވެސް ބަލަހައްޓަވައިދެއްވާތީ، ފެނަކާގެ މެނެޖިންގ ޑިރެކްޓަރ ނިމާލް މިތާ އިންނެވީމަޔާއެކީ، ފެނަކާގެ މެނޭޖްމަންޓަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
ބޮޑެތި ރަށްރަށުގައި ކުރާ މަސައްކަތްތަކުގައި ޚަރަދު ބޮޑުވެސްވާނެ. އެޔާއެކީ ގަމުގެ ރައްޔިތުން ހިތްޕުޅަށް ގެންނަވަންވީ، ގަމަކީ މިހާރުވެސް އާބާދީ ވަރަށްބޮޑު ރަށެއްކަން. ގަމަކީ ބިމުގެ ގޮތުން ވަރަށް ތަނަވަސް ރަށެއް. ބިމުގެ ގޮތުން ތަނަވަސްވެފައި، ހައްދުންމަތީ ބޮޑުމަގު ހެދިފައި، އަދި އެޔާއެކީ ބަނދަރާއި، ނަރުދަމާއާއި، ފެނުގެ ކަންތައްތައް ހަމަޖެހިގެން ދިޔައިމަ، އެބަޖެހޭ މި ބިމުގެ ބޭނުންތައް ހިއްޕަވަން ރަނގަޅުގޮތުގައި. އަޅުގަނޑަށް އެނގޭ މިހާރުވެސް އަޅުގަނޑުމެންނަށް އަންނަ އެއް ޝަކުވާއަކީ ޔުނިވަރސިޓީ ކެމްޕަސް ހަދަންވެސް އަޅުގަނޑުމެންނަށް މިއުޅެނީ ބިން ޙަވާލުނުކުރެވިގެން. އެހެންނަމަވެސް، އެއީ ކުރީގެ ސަރުކާރުތަކުން ކޮމިޓްވެފައި ހުރި ކޮމިޓްމަންޓްތަކާއެކީ މީސްމީހުންނަށް، ނޫނީ އެކިފަރާތްތަކަށް ޝައުޤުވެރިކަން ހުރެގެން ބިންތައް ޙަވާލުކޮށްފައި ހުރީމަ، އެ ބިންތައް ނަގައި އެހެން ބަޔަކާ ޙަވާލުކުރުން މި އޮންނަނީ ހަމަ ޤާނޫނުގެ ދިގުމަގުން ހިނގައިގެން، އެއަށް އެކުވެރިކަމާއެކީ ވާހަކަ ދައްކައިގެން، ޙައްލުތަކެއް ގެނެސްގެން. އަޅުގަނޑުމެންނަށް އަދިވެސް މިދަނީ އެކަންކަން ނުކުރެވި. އެހެންނަމަވެސް، މިވާގޮތަކީ މިކަންކަން ކުރުމުގައި، ހަމަ ދަތިތަކެއް ހުންނަނީ، މިދެންނެވި ގޮތަށް ސަރުކާރުތަކުން ކުރެވިފައި ހުންނަ އެގްރީމަންޓްތަކުން ނެއްޓުމަކީ، ނޫނީ އޭގެތެރެއިން ނުކުތުމަކީ އެހާ ފަސޭހަ ކަމަކަށްނުވާތީ. އެހެންނަމަވެސް، އެކަމަކީވެސް އިރާދަކުރެއްވިއްޔާ ހަމަ ޙައްލުވެގެން ދާންޖެހޭ ކަމެއް.
 
މިކަހަލަ ކަންތައް މިހިރީކީ ހަމައެކަނި ހައްދުންމައްޗާ ހަމަޔަކު ނޫން. މާލޭގައިވެސް ހަމަ މިކަހަލަ މައްސަލަތައް މަދެއް ނޫން. މާލޭގައިވެސް އެބަހުރި، ކުރީގެ ސަރުކާރުތަކުގެ ކޮމިޓްމަންޓުން ކުރެވިފައި ހުރި ކަންކަމުގެ ތެރޭގައި، މާލެއަށް ދިމާވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، މިކަހަލަ ރަށެއްގައި ހަމަ ފަސޭހަކަމާއެކީ ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނެވޭނެ، ކުނި ނައްތާލުމަކީ ފަސޭހަކަމަކަށް ނުވާނެ. ކުނި ނައްތާލުމަކީ އޭގެ ޒާތުގައި ހަމަ ވަރަށްބޮޑު ޗެލެންޖެއް. ބޮޑު ގޮންޖެހުމެއް. މާލޭގައިވެސް ކުނީގެ މައްސަލަތައް ބޮޑުވެގެންދާއިރު، މިހާރު މި އަންނަނީ ރަމަޟާން މަސް. ހަމަ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އަޅުގަނޑުމެން އެބަޖެހޭ ކުނިކޮށި ހުސްކުރަން. ހަމަ ބޮޑު ޢަދަދުގައި ފައިސާދީގެން ކުނިކޮށި އެބަ ހުސްކުރަންޖެހޭ. މިފަހަރު އެހެނެއްނުވާނެ. މިފަހަރު އަޅުގަނޑުމެންނަށް އޭގެ ފަސޭހަތަކެއްވޭ، މިހާރު ކުނި އުފުލުމުގެ ކަންތައް އޮތްގޮތުން. މިދިޔަ އަހަރުވެސް އަޅުގަނޑުމެން ހަމަ އެ ތަޙައްމަލް ކުރިން. އަދި ހަމައެޔާއެކީ މަދަރުސާ ކުދިންނަށް، ވަހާއި މެހީގެ އުނދަގޫ ބޮޑުކަމުން، ހަމަ އެބަޖެހޭ މަދަރުސާވެސް ބަންދުކޮށްފައި ހުންނަން. އެހެންވީމާ، މާލެ ކަހަލަ ރަށަކަށް ބެލިނަމަވެސް، ކުންޏަށް ވިސްނާލައިފި ކަމަށްވަންޏާ، މި ހުންނަނީ ބޮޑެތި އުނދަގޫ، އަޅުގަނޑުމެން އެކަހަލަ ތުރާތަކުން ޙައްލުތަކެއް ހޯދަންޖެހޭ ކަންކަން.
 
އެހެންވީމާ، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ބަލާއިރުވެސް، މިކަހަލަ ކަންކަމުގެ ތެރޭގައި، ކުރީގައި ކުރެވިފައި ހުރި އެގްރީމަންޓްތައް، އޭރު ކުރެވިފައި ހުންނަނީ އުންމީދުތަކެއް އޮވެގެން. ބޭރުގެ ފަރާތްތަކުން އައިސް ސަރުކާރާ ވާހަކަ ދައްކައި އަދި އެކަންކަން އެފަރާތްތަކަށް ކޮށްދެވޭނެ ކަމަށް ސަރުކާރުން ކަށަވަރުވީމަ އެގްރީމަންޓް ކުރަނީ. އެހެންނަމަވެސް، ދެން އެކަންކަން ނުހިނގާ ހުރީމަ، ރައްޔިތުންގެ ކެތްތެރިކަން ކުޑަވޭ. އެހެންނަމަވެސް، ދެފަރާތުން ކުރެވިފައި ހުންނަ އެގްރީމަންޓެއް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަންކަން ޙައްލުކުރަން ހަމަ ގިނަ ވަގުތުތަކެއް ނަގާ. ޤާނޫނުން ހޯދޭނެ ޙައްލެއް ހޯދައިގެން، ނޫނީ ބަދަލުދީފައި ނަމަވެސް، އެކަންކަން ކުރަންޖެހެނީ. އެހެންވީމާ، މާލޭގައިވެސް އެންމެފަހުން މި މައްސަލަ ޙައްލުނުވެގެން އަޅުގަނޑުމެން ހަމަ ކޮންމެވެސް އެއްގޮތަކަށް ޙައްލުކޮށްފައި، ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން، މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރަން މިހާރު އަޅުގަނޑުމެން ޢަޒުމް ކަނޑައެޅީ.
 
މިޔާއެކީ ރާއްޖޭގެ އެކި ހިސާބުގައި ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ބޭނުމަކަށްވަނީ، މިދެންނެވިހެން ރާއްޖޭގެ އެކި ހިސާބަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބަށް ގެނައުން. ހައްދުންމައްޗަކީ އޭގެ ޒާތުގައި ތަރައްޤީގެ ޖާގަ، ތަރައްޤީގެ ފުރްޞަތު އޮތް ތަނެއް. ބިން ބޮޑު، ބިމުގެ މުއްސަނދިކަން އޮތް ތަނެއް. ހައްދުންމަތީގައި އިރާދަކުރެއްވިއްޔާ، ބިމާއެކީ އިޤްތިޞާދީ މަސައްކަތް ފެށުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރުގެ އެކިއެކި ކަންތައްތައް ޤާއިމުވެގެން މިދަނީ. ހައްދުންމަތީ ބޮޑުމަގު ނިމިގެން ހުޅުވޭއިރު، އޭގެ ފައިދާ ޝައްކެއްވެސްނެތްގޮތުގައި، މި ހިސާބުގެ ހުރިހާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ. އަދި އެޔާއެކީ ގަމުގައި ދެންމެ އަޅުގަނޑަށް އިލްތިމާސް ލިބުނު ފަދައިން، ގަމުގެ ބޮޑެތި މަގުތައްވެސް ހެދިގެން ދިޔައިމަ، ޝައްކެއްވެސްނެތްގޮތުގައި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކަށް އަދި ރައްޔިތުންގެ ފަސޭހަކަމަށް މިއީ ލިބިގެންދާނެ ކުރިއެރުންތަކެއް. އެހެންވީމާ، ބިމުގެ ބޭނުންހިފޭނެ ޖާގަ އޮތް ތަނެއްގެ ގޮތުގައި ހައްދުންމަތި އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނަން.
 
ހަމައެޔާއެކީ ގަމަކީ މީގެ ފުރްޞަތު، ހައްދުންމަތީގައިވެސް ބޮޑު ރަށެއްކަން ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނެވޭނެ. މި މަސައްކަތްތައް ކުރާއިރު، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން ސިޔާސީ މީހުން، ސިޔާސީ މަސައްކަތް ކުރާއިރު، ރާއްޖޭގެ މިހާހިސާބަށްދިޔަ ކަންތައްތަކަށް ބަލާއިރު، މީގެކުރިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަބަދުވެސް ސިޔާސީ ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ނުނެއްޓެވިގެން، އަބަދުވެސް އޭގެތެރޭގައި އަޅުގަނޑުމެން ގެނބިގެން ގޮސް ހަލާކުވާތަން. އެކަހަލަ ދިހަ އަހަރެއްގެ ވާހަކަ އަޅުގަނޑު ދައްކަމުން އައިމު. މިއަދުގެ ޖަލްސާގައިވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން. މީގެކުރީގެ ޖަލްސާއެއްގައިވެސް އެ ވާހަކަ ދެއްކިން. އެކަމަކު އެންމެ ފަހަރަކުވެސް ސިޔާސީގޮތުން އަޅުގަނޑުމެންނާ ޚިޔާލުތަފާތުވާ ޒުވާނުންވެސް އަދި ހަރު ބޭފުޅުންވެސް ޚިޔާލުފުޅަކަށް ގެންނަވަބައްލަވާ، އަޅުގަނޑުމެން ކުރަންހުރި މަސައްކަތްތަކުގެ ބޮޑުކަން. ސިޔާސީގޮތުން މި ވާދަކުރާ ވާދަކުރުމާއި، ސިޔާސީގޮތުން ކަންކަމުގައި ކުރާ ޒުވާބަކުން އަޅުގަނޑުމެންގެ މިއިން އެއްވެސް ކަމެއް ޙައްލުވެގެންދޭތޯ؟ ޙައްލެއްނުވޭ.
 
އަޅުގަނޑުމެންގެ ރަށްތައް، ޤުދްރަތީ ގޮތުން އުފެދިފައި ހުރިގޮތަށް ބަލާކަމަށްވަންޏާވެސް، އަޅުގަނޑުމެންނަކީ އޭގެ ޒާތުގައި ވަކި ސަރަޙައްދުތަކެއް ހިމެނޭ ބަޔަކަށްވެފައި، ޤުދްރަތީގޮތުން ރީތި ބަނދަރުތަކާއި ރަށްތަކެއް ހުރީމަ، ﷲގެ ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ. ޝުކުރުވެރިވަންވެސްމެ އަޅުގަނޑުމެން އެންމެން. ހަމައެޔާއެކީވެސް އަޅުގަނޑުމެންނަކީ ދިމާވާ ބޮޑެތި ޤުދްރަތީ ނުރައްކާތަކަށް ވަރަށް ފަސޭހައިން ފުރޮޅޭ ބައެއް. ވަރަށް ފަސޭހަކަމާއެކީ އަޅުގަނޑުމެންގެ ބަނދަރުތަކަށް، ނޫނިއްޔާ އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ބޮޑެތި ރާޅު އެބަ ޒިޔާރަތްކުރޭ. އެންމެ ސުނާމީއަކުން ދިވެހިރާއްޖެއަށް ލިބުނު ގެއްލުން، އަޅުގަނޑުމެންގެ ޚިޔާލަށް އަންނާނެ، އޭޝިޔާ ސުނާމީއަށް ވިސްނައިލީމަ. ވިލުފުށި ކަހަލަ، ކޮޅުފުށި ކަހަލަ ރަށްރަށް ހަމަ އެކީ ހަލާކުވެގެން އެދިޔައީ. ރަށްރަށުގެ މީހުން ބަދަލުކުރުމާއި، ރަށްރަށް އަލުން ހެދުމާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި އޭރު އުފެދުނު ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއިން ދެން އެކަހަލަ މުޞީބާތެއް ދިމާވެއްޖެނަމަ، އަޅުގަނޑުމެން ކަންކަން ކުރާނެގޮތުގެ ޕްލޭންތައް ހެދި، ވަރަށް ބޮޑެތި ހޭދަތައް އެހެރީ ކުރެވިފައި. ހެދިފައި ހުރި ބައެއް ރަށްތަކަށް ބަލާކަމަށްވަންޏާ، އެ ރަށްތައް ހެދިފައި ހުރިގޮތަށް ބަލާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެނެވޭ، އަޅުގަނޑުމެންގެ ނާޒުކުކަން.
 
އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ، އަޅުގަނޑުމެންގެ ރަށްރަށުގެ ގޮނޑުދޮށަށް މިވާގޮތްގޮތް. ކޮންމެ އަހަރަކު ފެނާއި ނަރުދަމާގެ އިތުރަށް، އެންމެބޮޑު މަސައްކަތެއް ކުރަން މިޖެހެނީ، ރަށްރަށުގެ ބޮޑެތި ބައި ގިރާލާތީ، ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް. މިއީ ބޮޑެތި ހޭދަކުރަންޖެހޭ ކަންކަން. އަޅުގަނޑުމެންގެ އާބާދީ އަތުރާލެވިފައި މިއޮތީ 183 ރަށެއްގައި. މިއިން ކޮންމެ ރަށަކީވެސް ކޮންމެވެސްކަހަލަ ބޮޑެތި މަސައްކަތެއް އަބަދުމެ އަބަދު ބޭނުންވާ ކަންކަން. އަޅުގަނޑުމެން ސަރުކާރުގެ ބަޖެޓުން ހޭދަކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ހޭދަކުރަންޖެހެނީ ހަމައެކަނި ފެނާއި ނަރުދަމާއެއް ނޫން. ހަމަ ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެންގެ މިކަހަލަ ވަލްނަރަބިލިޓީ ނޫނީ އަޅުގަނޑުމެންގެ ހުރި ނިކަމެތިކަން އަޅުގަނޑުމެން އިޙްސާސްކޮށްލާނަމަ، އަޅުގަނޑު ހިތަށްއަރަނީ ހަމަ ސިޔާސީ ހުރިހާ އެންމެން އަޅުގަނޑުމެން، ވާހަކަތައް ހުއްޓާލާނެއޭ. އެ ވާހަކަ ދެއްކުން ހުއްޓާލާނެއޭ. އެއިން އެއްވެސް ކަމަކުން، އެ ދެކެވޭ އެއްވެސް ކަމަކުން އަޅުގަނޑުމެންނަކަށް ފައިދާއެއްނުކުރޭ. ނޫސްވެރިން މިހާރު ނަގައިގެން މިއުޅޭ މައްސަލަތަކުންވެސް އަޅުގަނޑުމެންގެ މިއިން އެއްވެސް ބޮޑު މައްސަލައަކަށް އަޅުގަނޑުމެންނަކަށް ޙައްލެއް ނުލިބޭ.
 
އެހެންވީމާ، އަޅުގަނޑުމެން ހަމަ ކޮންމެ ރަށަކީވެސް ކޮންމެވެސް އެއްދިމާއަކުން، ކޮންމެވެސް އެއް މޫސުމެއްގައި ގިރާލުމުގެ ނުރައްކާ ކުރިމަތީގައި އޮތް ތަނެއް. އެހެންވީމާ، ހަމަ މިއިން ކޮންމެ ތަނަކަށް އަޅުގަނޑުމެން ބޮޑުހިލަ ޖައްސައިގެން ނޫނީ ދާއިމީ ޙައްލެއް ނާދޭ. ހަމައެޔާއެކީ ރަށްރަށުގެ މަގުތައް ހަދަންމިޖެހޭ ސަބަބަކީވެސް ތުއްތުކުދިން، މަދަރުސާ ކުދިން، ނޫނީ ދޮށީ މީހުން ހިނގާ މަގުތަކުގައި ފެންބޮޑުވީމަ ނުކުންނަ ނުރައްކަލާއި އަދި އެ އުނދަގޫ އުފުލަންޖެހޭތީ، އެކަންކަން ނުކުރެވޭތީ. މިހުރިހާ ކަންކަން ޙައްލުކުރާއިރު، ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންނަކީ މީސްކޮޅު، މިހާރު އެހާ މަދެއްވެސް ނޫން. އެކަމަކު އަޅުގަނޑުމެން ދިރިއުޅޭ ރަށްތަކުގެ ޢަދަދު ގިނަވެގެންދާތީ.
 
އަޅުގަނޑު އަބަދުވެސް އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް، ނޫނިއްޔާ އަޅުގަނޑުމެންނާއެކީ ޔުނިވަރސިޓީގައި މަސައްކަތް ކޮށްފައި ނުކުމެ، އެންމެ ފުރަތަމަ ސަރުކާރަށް ވަންނައިރު، ވަރަށް ވަރުގަދަ ޚިޔާލުތަކެއް ހަމަ ހުރިހާ ޔުނިވަރސިޓީ ކުދިންގެވެސް ހުންނާނެ. ތިމަންނަމެންނަށް ކޮންމެވެސް ހިސާބަކަށް އާދެވިއްޖެ ކަމަށްވަންޏާ، ދައުލަތް ހިންގުމުގެ ބަސްބުނެވޭ ކޮންމެވެސް ހިސާބަކަށް އާދެވިއްޖެ ކަމަށްވަންޏާ، މިވެނި މިވެނި ކަންތައް، މިވެނި ގޮތަކަށް ބަދަލުކުރާނަމޭ، އަބަދުވެސް ޔުނިވަރސިޓީ ކުދިންގެ ތެރޭގައި، ކިޔަވަން އުޅޭއިރު އެވާހަކަ ދައްކާނެ. އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައެއް. ޚާއްޞަކޮށް، އިޤްތިޞާދީ މަސައްކަތުގައި، ނޫނިއްޔާ ހުނަރުތައް، ނޫނިއްޔާ ކިޔަވަން އުޅޭ ކުދިންގެ ތެރޭގައި އަބަދުވެސް ދެއްކޭ ވާހަކައަކީ، ދުނިޔޭގައި ފާހަގަކުރެވޭ އެކިއެކި ޢިލްމީ ރޮނގުން، ތަޙުލީލީ ރޮނގުން ކުރިއަށްދާ ފަރާތްތަކަށް، ނޫނިއްޔާ އިންސާނިއްޔަތަށް ޚިދުމަތްކުރާ އެކިއެކި ފަރާތްތަކަށް އެންމެ ޝަރަފްވެރި، އޮނަރަރީ އެކިކަހަލަ ލަޤަބްތަކާއި މެޑެލްތައް ދެމުންދޭ. ވަރަށް ޒަމާންވެއްޖެ، ދުނިޔޭގައި މިހެންހުރި ފަންނުތަކުން ފާހަގަކުރެވޭ މަސައްކަތްކުރާ އެކިއެކި ފަރާތްތަކަށް ނޮބެލް ޕްރައިޒް ދެވޭތާ. މިއީ ވަރަށްގިނަ ދުވަސްވެއްޖެ ފާހަގަކުރެވޭ ކަމެއް. އެއީ އެމީހެއްގެ ދާއިރާގައި ރިސަރޗަރަކަށްވިޔަސް، އަދި ފަންނުގައި މަސައްކަތްކުރާ ކަމަށްވިޔަސް، އެމީހެއްގެ ދާއިރާގައި ކުރިބޯށްޓާ ހަމަޔަށް ވާސިލުވެވުނީ. ދެން އިތުރަކަށް އޭނަ ކުރިއަށްދާކަށް ޙާޞިލުކުރަންޖެހޭ، ހޯދަންޖެހޭ އެހެން އިތުރު ޝަރަފެއް ނޯންނާނެ.
 
އަޅުގަނޑުމެން ޔުނިވަރސިޓީގައި އުޅޭއިރު، އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައަކީ، ދިވެހިރާއްޖޭގައި ތަރައްޤީގެ މޮޑެލްއެއް ގެނެސްގެން، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެ ތަރައްޤީ ކުރެވިއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އެވަރުގެ މޮޑެލްއެއް ހިފައިގެން އަޅުގަނޑުމެންނަށް ވިއްކަން އަންނަ ބޭރު މީހަކީ ނޮބެލް ޕްރައިޒް ޙައްޤު މީހަކަށްވާނެއޭ. އެއީ ދިވެހިރާއްޖޭގައި ކަންތައްތައް ހުރިގޮތުން، ދިވެހިރާއްޖޭގެ ޗެލެންޖް އޮތް މިންވަރުން.
 
 އަޅުގަނޑު ހަމަ މިއަދު މިވާހަކަ ދަންނަވަމުން، ކުޑަކުޑަ މިސާލެއްވެސް ދަންނަވާނަން. 1970ގެ ކުރީކޮޅު، އޭރު ރައީސް ނާޞިރުގެ ސަރުކާރުގައި، ދިވެހިރާއްޖޭގައި ޓުއަރިޒަމް ފެށެންވެގެން އުޅުނުއިރު، ރާއްޖެއިން ބޭރުގެ ފަންނުވެރިން، ނޫނިއްޔާ އެކްސްޕަރޓުން، މާހިރުން، މުޝީރުން ގެނެސްގެން ވާހަކަ ދެކެވުނު، ދިވެހިރާއްޖޭގައި ޓުއަރިޒަމް ކިހާވަރަކަށް ކުރިއަށް ގެންދެވޭނެތޯ؟ އޭރު ސަރުކާރުން އެހީ ހޯދި އެންމެ ވަރުގަދަ ލިޔުންތެރިޔަކަށް އައި މީހަކު، ނޫނިއްޔާ މުޝީރަކަށް އައި މީހަކު، އިނގިރޭސިވިލާތުން އައި މީހެއް އެއީ. ކޮންމެވެސް ކަހަލަ ރޮނގަކުން ޕްރޮފެސަރެއް އެއީ. އޭނަގެ ލިޔުން މިހާރުވެސް އެބައޮތްކަންނޭނގެ ސަރުކާރުގައި. އޭނަ ބުނަނީ ދިވެހިރާއްޖޭގައި ޓުއަރިޒަމަކީ ކާމިޔާބުވާނެ އެއްޗެއް ނޫނޭ. ކިހިނެއްހޭ ޓުއަރިޒަމް ކާމިޔާބުވާނީ؟ ޓުއަރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ އެއްޗަކީ، ރާއްޖެއިން ބޭރުން އިމްޕޯޓްކޮށްގެން ގެންނަންޖެހޭ އެއްޗިއްސޭ. ތެދެއްމެ، އޭރުގެ ވިސްނުމަށް ބަލައިފި ކަމަށްވަންޏާ، އޭރުގެ ޙާލަތަށް ބަލައިފި ކަމަށްވަންޏާ، ހުރިހާ އެއްޗަކީ ރާއްޖެއިން ބޭރުން ގެންނަ އެއްޗެހި. އެހެންވީމާ، އަދި ރީތި ގޮނޑުދޮށްތަކެއް އޮތަސް، ދިވެހިރާއްޖޭގައި ޓުއަރިޒަމް އަށަނުގަންނާނޭ، ކާމިޔާބެއްނުވާނޭ. އެހެންނަމަވެސް، އޭރު އަޅުގަނޑުމެންގެ ތެރޭގައި ތިބި ހިތްވަރުގަދަ މީހުންކޮޅެއް، ނޫނިއްޔާ މި އިންޑަސްޓްރީއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކެއް އެކަން ދޫކޮށްނުލައި ހަމަ ކުރިއަށް ގެންދިޔައީ. މިއަދު ޙަޤީޤަތަކީ ތިރީސް، ސާޅީސް އަހަރު ފަހުން، ދުނިޔޭގެ އެންމެ ރީތި، ނޫނީ އެންމެ ނަން މަޝްހޫރު، އެންމެ ހިނގާ، އެންމެ ރަނގަޅު ހޮޓެލް ޕްރޮޕަޓީޒް ހުރި އެއް ޤައުމަކަށް، ނޫނީ އެންމެ ގިނަ ޕްރޮޕަޓީޒް ހުރި ޤައުމަކަށް، ނިސްބަތުން ދިވެހިރާއްޖެ ވެގެން އެބަދޭ. ހަމަ ކޮންމެ މިކަހަލަ މަޢުރަޒެއްގައި، ނޫނީ ފެއަރއެއްގައި ދިވެހިރާއްޖެއަށް މި ޝަރަފް ލިބިގެން އެބަދޭ.
 
އެހެންވީމާ، އޭރު އަޅުގަނޑުމެންގެ ވިސްނުމުގައި އޭރު ކިޔާހެން، ދިވެހިރާއްޖޭގައި މިހިރަ މައްސަލަތަކަށް، މިދެންނެވި ކަހަލަ ޙައްލެއް ގެނެސްދޭނެ މޮޑެލްއެއް ހިފައިގެން އަންނަ މީހަކީ ޝައްކެއްވެސްނެތްގޮތުގައި ނޮބެލް ޕްރައިޒް ލިބެންޖެހޭވަރު މީހެއް. އަޅުގަނޑުމެންގެ ހުރި ޗެލެންޖްތައް އެހާބޮޑު. އަޅުގަނޑުމެން ހަމަ ކޮންމެ ރަށަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަ ކުރަންޖެހޭ. އެޔާއެކީ ހަމަ ޤުދްރަތީގޮތުން ދިމާވާ ކަންތައްތައްވެސް، މިއަދު ނިދާފައި، މާދަމާ ދެން ދިމާވާނީ ކޮން ކަމެއްތޯވެސް، ހަމަ ހިތާހިތާ ވިސްނަންޖެހޭ ކޮންމެ ކަމެއް އަޅުގަނޑުމެންނަށް މި ހުންނަނީ. މިއިން ކޮންމެ ކަމެއްގެ ނަތީޖާއަކަށް ވެގެންދަނީ، އެތަކެއް ގެއްލުމެއް ލިބުމުގެ އިތުރަށް، އާބާދުވުމަށްޓަކައި، އާރާސްތު ކުރުމަށްޓަކައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް، ނޫނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަވެގެންދިޔުން. ސުނާމީގައި ޙާލުގައި ޖެހުނު ފަރާތްތައްވެސް، މިދިޔަ އަހަރު ދޮއެއްތޯ، އެހުރިހާ ފަރާތްތަކަކަށް ގެދޮރުގެ ހިތްހަމަޖެހުން މުޅިން ނިމިގެން ފުރިހަމަވެގެން މިދިޔައީ. ދިހަ އަހަރު ވެގެންދިޔައިރު، އެކި ފެންވަރަށް، އެކި މިންވަރަށް މަސައްކަތް ކުރެވިފައި ހުރީ. އެހެންނަމަވެސް، ހުރިހާ ކަމެއް ޙައްލުވެގެން، އެންމެންގެ ގެދޮރު ކަށަވަރުވެގެން ދިޔައީ މިދިޔަ އަހަރުގެ ތެރޭގައި.
 
 އެހެންވީމާ، މިއީކަންނޭނގެ އަޅުގަނޑުމެންގެ ކިޔަވާކުދިން، ޒުވާނުން ވިސްނަންޖެހޭ ކަމަކީ. ދިވެހިރާއްޖެއަށް ހެޔޮއެދިގެން މަސައްކަތެއް ކުރާކަމަށްވަންޏާ، ދިވެހިރާއްޖެއަށް ހެޔޮއެދޭ ކަމަށްވަންޏާ، ނޫނިއްޔާ އަޅުގަނޑުމެން މަންމަމެން، ބައްޕަމެން އުޅެފައި ގޮސްފައި، ދެން މިހާރު ކުރިއަށް ގެންދިޔުމުގެ ދަންމަރު މި ޙަވާލުވަނީ އަޅުގަނޑުމެންނާ ކަމަށްވަންޏާ، ދެން އަޅުގަނޑުމެން ތުއްތު ކުދިންނަށްވެސް ނޫނީ ޒުވާނުންނަށްވެސް ދަސްކޮށްދޭންވީ ފިލާވަޅަކީ މިއީކަންނޭނގެ. އަޅުގަނޑުމެން އެންމެން ބޭނުންވޭ، މިރަށުގައި އުފަލުގައި އުޅެން. މި ރާއްޖޭގައި އުފަލުގައި އުޅެން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޤުދްރަތީ ގޮތުން މި ދިމާވެފައި ހުރި ކަންކަމާއި އަދި ކުރިއަށް ދިޔުމުގައި ހުރި ހުރަސްތަކާއި ގޮންޖެހުންތަކަށް ވިސްނާކަމަށްވަންޏާ، އެއީ ހަމަ ކޮޅުންނުލާވަރަށް ބޮޑެތި ހޭދަކުރަންޖެހޭވަރުގެ ކަންތައްތައް މި ހުންނަނީ.
 
އެހެންވީމާ، މިކަހަލަ ކަންކަމުން ކޮންމެވެސްވަރެއްގެ ޙައްލެއް ހޯދޭތޯ، ކުދިކުދި ރަށްރަށުގެ މީހުން ވަޒީފާ ހޯދުމަށާއި، އާމްދަނީ ހޯދުމަށާއި، އަދި ގެދޮރުވެރިވުމަށް، ޒުވާނުންނަށް، ގެދޮރުވެރިކަން ނެތިގެންދާ ފަރާތްތަކަށް، ގެދޮރުވެރިވުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ޔޫތުސިޓީއެއް އުފެދިގެން މިދަނީ. ހައްދުންމައްޗަކީ، ގަމަކީ ބިންބޮޑު ތަނެއް. އެކަމަކު ގެދޮރުވެރިކަމަށް ބަލާކަމަށްވަންޏާ، މިއަދުވެސް އެ އައި އިލްތިމާސަކީ، ގެދޮރުވެރިކަމުގެ މަޝްރޫޢެއް މިތާވަނީ ފެށިފައޭ. އެހެންނަމަވެސް، މަޝްރޫޢު އެހެރީ ހުއްޓިފައޭ. އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭށޭ. އެހެންވީމާ، ގެދޮރުވެރިވުމަކީ ހަމަ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ކަންކަން. މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް ފުދިގެން މިދަނީ ކެތްތެރިކަމާއެކީ މަސައްކަތްތަކެއް ކޮށްގެން. އަދި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަންވެސް ހޯދައިގެން. ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދާކަމަށްވަންޏާ، ދިވެއްސެއް ކަމަށްވަންޏާ، ދިވެހިންނަށް ހެޔޮއެދޭ ކަމަށްވަންޏާ، ދިވެހިރާއްޖެއާ ބެހޭގޮތުން ބޭރުގެ އެހީ ލިބޭފަދަ ކޮންމެވެސް ހެޔޮ ބަހެއް ބުނަންޖެހެނީ. ކޮންމެވެސް ހެޔޮ ބަހެއް ބުނަންޖެހެނީ. އަޅުގަނޑުމެންގެ ފަތިފުށް އޮތްގޮތް ނޫން އެހެން ގޮތަކަށް ކިޔައިދޭން މަސައްކަތް ކުރުމަކީ، ކިޔައިދިނުމަކީ ހަމަގައިމުވެސް ދިވެހިރާއްޖެއަށް އެހީ އިތުރުވެގެންދާނެ ކަންކަމެއް ނޫން. އެހީދޭ ފަރާތްތަކުންވެސް އަދި އަޅުގަނޑުމެން ލޯނަށް ހުށަހެޅީމަ، ލޯނުދޭ ފަރާތްތަކުންވެސް، ދިވެހިރާއްޖޭގައި ހަމަޖެހުން ނެތްކަމަށް ވިސްނޭކަމަށްވަންޏާ، ގަބޫލުކުރެވޭ ކަމަށްވަންޏާ، އަބަދުވެސް މައްސަލަތަކެއް ޖެހޭނެ. އަބަދުވެސް ގިނަ ދިރާސާތަކެއް ކުރާނެ، ވިސްނާނެ.
 
އަޅުގަނޑުމެން ސަރުކާރު ޙަވާލުވެގެން އައިއިރު، ފެށިގެން އައިއިރު، ވަރަށް އަމާންކަމާއެކީ މިކަންކަން ކުރެވިގެން ދިޔައީ. ފަސޭހަކަމާއެކީ އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކުގެ އެހީ ލިބެމުންދިޔައީ. އެހެންނަމަވެސް، މިއަދު މިކަންކަން ކުރުމުގައި ދައްޗެއްވާ ކަމުގައިވަންޏާ، އޭގެ ޒިންމާ އުފުލާނެ މީހުންތަކެއްވެސް އުޅޭނެކަން ގަބޫލުކުރައްވާ. ދިވެހިރާއްޖޭގެ ސިޔާސަތުތަކަކަށް ބަދަލެއްނާދެ. ސަރުކާރުގެ ވިސްނުމަކަށް ބަދަލެއްނާދެ. އަޅުގަނޑުމެންގެ ޢަޒުމަކަށް، ނޫނިއްޔާ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކަށް އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއްނުވޭ، ހިތްވަރެއް ނޭލޭ. ހަމަ އެއްބަޔަކު ތިބެގެން އެއްކަހަލަ މަސައްކަތެއް ކޮށްދެވޭތޯ މި ބަލަނީ.
 
އެހެންވީމާ، ދިވެހިރާއްޖެއަކީ މިވެނިކަހަލަ ކަންތައްތަކެއް ކުރާ ޤައުމެއްގެ ގޮތުގައި، ނުބައިކޮށް ތަޞްވީރުކޮށްދީގެން، ބަޔަކަށް ވިސްނައިދީގެން، ރާއްޖެއަށް ލިބެން އޮތް އެހީ ހުއްޓުވައިލުމަކީ، އަޅުގަނޑުމެންނަށް ފަސޭހަ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް ފަސޭހަވާނީ، ދިވެހިރާއްޖެއަށް އެހީވާގޮތަށް، ކަންކަން ފަސޭހަވާގޮތަށް ކަންތައްތައް ކޮށްދިނިއްޔާ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ބޭރުގައި ތިބެގެން ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްގެން ރާއްޖެއަށް އެހީ ހޯދައިގެން ކަންތައްތަކެއް ކޮށްދީފި ކަމަށްވަންޏާ، ރާއްޖޭގެ ރައްޔިތުންގެ ލޯބި، އެމީހުންގެ މައްޗަށް އިތުރުވާނެ. އެހެން ކަމަށްވަންޏާ، އެމީހުންނަށް އަނެއްކާވެސް ވެރިކަމާ ހަމަޔަށް އަންނަން އޮންނަ މަގު ތަންކޮޅެއް ކުރުވެގެން އެދަނީ. މަގުކޮށިގެން އެދަނީ. އެކަމަކު އޭގެ ބަދަލުގައި، ވެރިކަމުގައި ތިބެގެންވެސް ތަންތަން ހަލާކުކޮށް، ވެރިކަމުގައި ތިބެގެންވެސް އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ވީދައި ކުނޑިކުނޑިކޮށް، އަދި އަޅުގަނޑުމެންގެ ތެރޭގައި އިޙްތިރާމް އަމުދުން ނައްތާލައި، އަޅުގަނޑުމެންގެ ޢުމްރާނީ ތަރައްޤީއަށް އެހާ ބޮޑެތި ގެއްލުންތަކެއް ލިބިފައި އޮތްއިރު، ދެން ލިބުނު ވަގުތުގައިވެސް އަނެއްކާ އިތުރަށް ދިވެހިރާއްޖެ ހަލާކުކުރަން މި ދެކެވޭ ވާހަކައިގައި، އަޅުގަނޑަކަށް ހިއެއްނުވޭ، ރައްޔިތުންގެ ރުހުން އެއަށް ލިބޭނެހެނެއް. އެއީ ހަމަ ރައްޔިތުން،      އެ ދެކެވޭ ވާހަކަޔަށް، ރައްޔިތުން ވިސްނާނެ، ކީއްތޯ މިކުރެވެނީ. ރައްޔިތުން ވިސްނާނެ، މިކުރެވެނީ ކީއްތޯ.
 
އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ މުޙާވިރާއެއް ދޮއެއްތޯ އެއީ. އަޅުގަނޑުމެން ބިމަށް [އަރތް] ނޫނީ ބިމަށް އަޅުގަނޑުމެން އެޑްރެސް ކުރާއިރު، ނޫނިއްޔާ އަޅުގަނޑުމެން ރައްދުކޮށް ވާހަކަ ދައްކާއިރު، [މަންމަ] މި ނަމުން މި ކިޔަނީ. އެހެން އެވާ ސަބަބަކީ ޤުދްރަތީ ގޮތުން ބިމަކީ އަޅުގަނޑުމެންގެ ދިރިހުރުމުގެ އަޞްލު. އިންސާނުންނަށް ބޭނުންވާ ހުރިހާ އެއްޗެއް އުފެދިގެން މި އަންނަނީ ބިމުން. އެއީ ކާނާއެއް ކަމުގައިވިޔަސް، ފެނެއް ކަމުގައިވިޔަސް، އެހެން އެއްޗެއް ކަމުގައިވިނަމަވެސް. އަޅުގަނޑުމެންގެ ދިރުން މިއޮތީ ބިމާ ގުޅިފައި. ތުއްތު ކުދިންނަކީ މަންމަގެ ބަނޑުން ނުކުންނަ ކުދިން. އެހެންވީމާ، ބިމަކީ މަންމަ. އަޅުގަނޑުމެންގެ ސަރުކާރަކީ، އަޅުގަނޑުމެންގެ ދައުލަތަކީ، ނޫނީ އަޅުގަނޑުމެންގެ ރަށަކީ މަންމަ. އެހެންވީމާ، މަންމަޔަށް އިހާނަތްތެރިކޮށް ކަންތައް ކޮށްގެންނެއް އަޅުގަނޑުމެންނަކަށް ވާނެ ފައިދާއެއް ނޯންނާނެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިބެފައި، އަނެއް ދުވަހު ވަކިވިޔަސް، މި ބިމަކީ އަޅުގަނޑުމެން އެންމެންގެ ޙިއްޞާ ހިމެނޭ، އަޅުގަނޑުމެން އެންމެންގެ ޙައްޤުތަކެއް އެއްވަރަށް ހިމެނޭ ތަނެއް. އަޅުގަނޑުމެން އެންމެންވެސް ބިމާ ދޭތެރޭގައި، ނޫނީ އަޅުގަނޑުމެންގެ މުޅި ޤައުމާ ދޭތެރޭގައި ވިސްނަންވާނީ އެއް ވިސްނުމަކުން. އަޅުގަނޑުމެންގެ ޤައުމަށް ހެޔޮނޭދޭގޮތަށް ވާހަކަ ދެއްކުމަކީ، އެއްވެސް މީހަކަށް އެއިން ފައިދާކުރާނެ ކަމެއް ނޫން.
 
އަޅުގަނޑުމެން ތަރައްޤީއަށް ކުރާ މަސައްކަތުގައިވެސް އަދި އަޅުގަނޑުމެން މަސައްކަތް ކުރަން ތިއްބެވި ވަޒީރުންގެ މަސައްކަތުގެ ވަގުތަށް ބެލިކަމުގައިވިނަމަވެސް، އެތަކެއް މަސައްކަތަކާއި، އެތަކެއް ވަގުތެއް ޓެކްސްވެގެން މިދަނީ މިކަހަލަ ކަންކަމަށް ޖަވާބު ދިނުމަށްޓަކައި. ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ. ބަޖެޓްގައި ޖަހާފައި އޮންނަ ހޭދައާއި، އަދި ބަޖެޓްގައި ފަހުންޖަހަން ގޮތްގޮތަށް ފައިސާ ހޯދައިގެން ކުރަންޖެހޭ ހޭދަ. އަޅުގަނޑުމެންވެސް ބޭރުގެ ހާދަ ގިނަ ޤައުމެއްގައި، ހާދަ މަސައްކަތެއް މިހާރު އެބަ ކުރަންޖެހެޔޭ. ރާއްޖޭގައި ކަންތައްތައް ހުރިގޮތް، ބޭރުގެ ފަރާތްތަކަށް ވިސްނައިދެވޭތޯ ކުރަންޖެހޭ މަސައްކަތް. ޖަމްޢިއްޔާތަކުން ވަކިވެފައި އަޅުގަނޑުމެންނަށް ތިބެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ގޮތަކީ އެއީއެއް ނޫން. އަޅުގަނޑުމެންނަށް އެ ރައްދުވާ ވާހަކަތަކަށް އަޅުގަނޑުމެން ރައްދުދީފައި، އެމީހުން އެ ވިސްނާގޮތް އެގޮތަށް ނޫންކަން ދިވެހިރާއްޖޭގައި ކަންކަން އޮތީ އަޅުގަނޑުމެންނަށް ކިޔައިދޭން މަސައްކަތްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ ވަޒީރުންވެސް އެބޭފުޅުންނާ ހަމަޔަށް ވަޑައިގަންނަވަން އެބަޖެހޭ. އަދި އެތަންތަނުންވެސް ބަސް ގަބޫލުކުރާވަރުގެ މީހުން، ހަމަ ފައިސާދީގެން، ހަޔަރކޮށްގެން އެ މަސައްކަތް ކުރަންޖެހޭ. ކީއްކުރަންތޯ މިހުރިހާ ކަމެއް ކުރަން ޖެހިގެން މިއުޅެނީ؟ ހަމަ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ބަޔަކު ކުރާ މަސައްކަތެއްގެ ސަބަބުން. މިއީ ހޭދަކުރަންޖެހޭ ކަމެއް. މިއީ ވަގުތުވެސް ދާކަމެއް.
 
އަޅުގަނޑުމެންގެ ސަރުކާރު އައީ ރައްޔިތުންނަށް ސިޔާސީ މަސައްކަތުގައި ރައްޔިތުން ގެންގުޅޭކަށެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރު އައީ ވަރަށް ސިމްޕަލް ވަޢުދަކާއެކީ. ވަރަށް ސިމްޕަލް ވަޢުދަކާއެކީ. ވަރަށް އާދައިގެ ވާހަކައެއް ބުނަމުން އަޅުގަނޑުމެން އައީ. އަޅުގަނޑުމެން އައީކީ އެއްވެސް މީހަކާ، އެއްވެސް މީހަކާ ޖަދަލުކުރާކަށެއް ނޫން. އަޅުގަނޑު އޭރު ދަންނަވަމުން އައިން، އިންތިޚާބުގައި ވާދަކުރިއިރު، އަޅުގަނޑު މި ވާދަކުރަނީ އެއްވެސް ސިޔާސީ ކެންޑިޑޭޓަކާ ނޫނޭ. ރިޔާސީ ކެންޑިޑޭޓަކާ ނޫނޭ. އަޅުގަނޑުމެން މި ވާދަކުރަނީ ދިވެހިރާއްޖެއަށް ދަތިވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށްދެވޭތޯއޭ. އަދިވެސް އަޅުގަނޑުމެންގެ ވިސްނުމަކަށް، ޢަޒުމަކަށް ބަދަލެއް ނާދޭ. އަޅުގަނޑު އަދިވެސް ނެތިން، އެއްވެސް ބޭފުޅަކާ ވާދަކުރާކަށް. އެކަމަކު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދަތިވެފައި ހުރި މައްސަލަތައް ޙައްލުކޮށްދެވޭތޯ އަޅުގަނޑުމެން މި ބަލަނީ.
 
އެހެންވީމާ، އެ މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ޖާގަ އެބަ ލިބެންޖެހޭ. އެ މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ޖާގަ އެބަ ލިބެންޖެހޭ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައި، ރައްޔިތުން އަޅުގަނޑުމެންނަށް ފުރްޞަތު ދެއްވައިގެން މި މަސައްކަތްތައް ނިންމާފައި ދާއިރު، ދެން ކޮންމެ ބަޔަކު އައި ނަމަވެސް، އަޅުގަނޑުމެން އުފައްދާފައި ހުރި މުދަލުން އަގު ލިބޭކަހަލަ، އަގު ލިބޭކަހަލަ އިކޮނޮމިކް ޕްރޮޑަކްޓްތަކެއް ދޫކޮށްފައި އަޅުގަނޑުމެން ދާނީ. އަޅުގަނޑުމެން ދާނީ އިރާދަކުރެއްވިއްޔާ ދަރަނި ބަޖެޓަކަށް ހަދާފައެއް ނޫން. ބަޖެޓް ދަރުވާފައެއް ނޫން. އަދި ބަޖެޓް ދަރާފައި އޮތިއްޔާ، އޭގެ ބަދަލުގައި ބޮޑެތި މަސައްކަތެއް، އިޤްތިޞާދީ ބޮޑެތި ފައިދާ ލިބޭ މަސައްކަތްތަކެއް ފެންނަން ހުންނާނެ. އެއީ އަޅުގަނޑުމެންގެ ވިސްނުން.
 
އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން އަދި އަޅުގަނޑުމެން ރައްޔިތުންނަށް ދަންނަވަނީ ހަމަ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ވާހަކައެއް. އަޅުގަނޑުމެން މިއައީކީ އެއްވެސް ބަޔަކާ ހަނގުރާމަ ކުރާކަށެއް ނޫން. ޖަދަލުކުރާކަށެއް ނޫން. އަދި އެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުވާނެ ގޮތަށް ވާހަކަ ދައްކާކަށް ނޫން. އަޅުގަނޑުމެން މިއައީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ބޮޑެތި ކަންތައްތަކެއް ޙައްލުކޮށްދޭށޭ. އެކަންތައްތަކުގެ ތެރޭގައި، ސުނާމީގައި ގެދޮރު ނެތް މީހުންނަށް، ސުނާމީގެ ގެދޮރު އަޅުގަނޑުމެން ޙައްލުކޮށްދިނީމު. ދެހާސް ރުފިޔާ ލިބެމުން އައި ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުންނަށް، ފަސްހާސް ރުފިޔާ ދޭނަމޭ އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެން އެކަން ކޮށްދިނީމު. އަންހެން ބޭފުޅުންނަށް އަޅުގަނޑުމެން ދެންނެވިން، ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ވަކިވެގެންދާއިރު، ފިރިމީހާ ވަރިކޮށްލާފައި ދާއިރު، އެ އަނބިކަނބަލުންނަށް، ނޫނީ އެ ވަރިވެގެންދާ އަންހެން މީހާޔަށް ކޮންމެވެސް އެއްޗެއް ލިބެންޖެހޭނޭ. އަޅުގަނޑުމެން  މި މަސައްކަތް ކުރަނީ، ހަމަ ޤާނޫނެއް ފާސްކޮށްގެން، އެގޮތަށް ރޫޅިގެންދާ ޙަޔާތަކުން، ރޫޅިގެންދާ ޒަވާޖީ ޙަޔާތަކުން ނިކަމެތިވެގެންދާ އަންހެން މީހާޔަށް ކޮންމެވެސް އެއްޗެއް ލިބޭތޯ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދޮށީ ރައްޔިތުންގެ ޙައްޤުތައްވެސް ޙިމާޔަތްކޮށްދޭން. އަދި މުޅި ރާއްޖެއަކީ މަޞްލަޙަށް ލޯބިކުރާ ބަޔަކު އަދި ކޮންމެ މީހަކަށްވެސް އުޅެވޭނެ ކަހަލަ ތަނަކަށް ބަދަލުވެގެންދިޔުމަށް.
 
މިއަދު އަޅުގަނޑު އަޑުއެހިން، އަޒްހާންގެ މިސާލެއް، މާވަށުގައި ވާހަކަފުޅު ދައްކަވަމުން ދެއްވި މިސާލެއް. އަޒްހާން ވިދާޅުވި، އެފްރިކާގެ ޖަންގައްޔަކަށް، އަޅުގަނޑު އެއިން ނެގީ މަޒާޖީ އެހެން މާނައެއް. އަޒްހާން ވާހަކަ ދައްކަވަމުން ވިދާޅުވި، ކޮންމެ ދުވަހެއްގެ ހެނދުނު ހޭލާއިރު، ސިންގާއެއް ހޭލާނީ މިއަދު ތިމަންނައަށްވުރެ މަޑުން ދުވާ ފުއްލާއެއް ތިމަންނަ ހޯދަން އެބަޖެހެޔޭ. މި ފުއްލާ ހޯދައިގެން ތިމަންނަ ކެއްޔާ ނޫނީ ތިމަންނަ ދުނިޔެއަކު ނުހުންނާނަމޭ. އެހެންވީމާ، ރޭހެއް މިއޮތީ ފެށިފައި. އަނެއްކޮޅުން ފުއްލާ، ހެނދުނު އަލިވިލިގެން އަންނައިރު ބުނާނެ، ތިމަންނަ މިއަދު އެބަޖެހެޔޭ، މިތަނުގައި އެންމެ ބާރަށް ދުވާ ސިންގާއަށްވުރެ ބާރަށް ދުވަން. އެހެން ނޫނިއްޔާ ތިމަންފަކީރު ކާލާނެއޭ. އެހެންވީމާ، ތިމަންނަގެ ދިރުމެއް ނެތޭ.
 
 ދިވެހިރާއްޖޭގައި މިހާ ހިސާބަށް އައިއިރު ކަންތައް ހުރީ މިގޮތަށް. އެއްވެސް ނިކަމެއްޗަކަށް، އެއްވެސް ޙައްޤު ގެއްލިގެންދާ މީހަކަށް ޙައްޤެއް ލިބޭނެކަމުގެ ކަށަވަރުކަމެއް ނެތް. ބިރުވެރިކަމާއި ނާމާންކަން އޮތީ. އެހެންވީމާ، މި ސަރުކާރުން ކޮށްދެވޭތޯ މިކުރާ މަސައްކަތަކީ، ސިންގާއާއި ފުއްލާޔަށްވެސް ހަމަ އެއްތަނެއްގައި އުޅެވެންޖެހޭނެ. ހަމަ އެއްވަރު ޙައްޤުތަކެއް ހުންނާނެ. އެހެންވީމާ، ނިކަމެތި މީހާގެ ޙައްޤުތަކެއް ހުންނާނެ. ބާރުގަދަ މީހާގެވެސް ޙައްޤުތަކެއް ހުންނާނެ. އެކަމަކު ބާރުގަދަ މީހާވެސް އެ ޙައްޤުތައް ދޫކޮށްލަންޖެހޭނޭ ހިސާބެއް އަންނާނެ، ކޯޓަށް އޭނަ ވަންނަ ހިސާބުން. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ ދައުލަތުގައި ނިކަމެތިން އުޅޭނެ. ހުރިހާ ކަމެއް ނުފުދި ތިބި މީހުން ތިބޭނެ. ޙައްޤުތައް މިހިރީ އެކިމީހުންނަށް އެކިވަރަށް އިޙްސާސް ކުރެވެނީ ލިބޭ ކަމަށް. އެކަމަކު ޤާނޫނުއަސާސީ ކަށަވަރުކޮށްދެނީ އެންމެންނަށް އެ ޙައްޤެއް އޮންނާނެ ކަމަށް. އެންމެންނަކީ ދިވެހިން ކަމުގައިވީތީ. އަދި އެންމެންނަކީ އެއް ދަރަޖައެއްގެ ދިވެހިން ކަމަށްވީތީ. އެހެންވީމާ، ކޮންމެވެސް ބަޔަކު އެބަ ކަށަވަރުކޮށްދޭންޖެހޭ، މި ޙައްޤުތައް ޤާނޫނުއަސާސީގައި، އެންމެން އެކަމަށް އިޙްތިރާމްކޮށް ބޯލަނބާ ޤާނޫނުއަސާސީގައި މި އޮންނަގޮތަށް، އެ ޙައްޤުތައް އެންމެންނަށް، ހުރިހާ ފަރާތްތަކަށް، ވަލްނަރަބްލް ފަރާތްތަކަށާއި ބާރުގަދަ ފަރާތްތަކަށް ލިބޭނެކަން އެބަ ކަށަވަރުކޮށްދޭންޖެހޭ. ސަރުކާރުން އެކަން ކަށަވަރުނުކޮށްދެންޏާ، ދެން ކަށަވަރުކޮށްދޭނީ ކޮންބައެއްތޯ؟ ރައްޔިތުން ސަރުކާރެއް ހޮވަނީ، މިދެންނެވި ކަހަލަ އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރަން. ކޮންމެ ބަޔަކަށްވެސް ލިބޭ ޙައްޤުތައް ކަށަވަރުކޮށްދޭން.
 
އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތަކީ، ޤާނޫނުގެ ބާރު ދެމެހެއްޓުމަށް މިކުރާ މަސައްކަތް. އެއީ ހުރިހާ އެންމެންގެ ޙައްޤުތައް، އެކި މިންވަރަށް ޑިފައިން މިކޮށްދެނީ ޤާނޫނުން. އެހެންވީމާ، އަންހެން ބޭފުޅުންނަށްވެސް ޙައްޤު ގެއްލިގެންދާ ކަމަށްވަންޏާ، އަންހެން ބޭފުޅުންގެ ޙައްޤު ހޯދައިދިނުމަކީ، އެވަގުތަކު ސަރުކާރުން ކުރަންޖެހޭ ކަމެއް. ދޮށީ ރައްޔިތުންނަށްވެސް ގެއްލިގެންދާ ޙައްޤުތަކެއް، ނޫނިއްޔާ މުޖުތަމަޢުގައި މި އަންނަ މަންފާއިން ބަރީއަވެގެންދާ ފުރްޞަތުތަކެއް ހުރިކަމަށްވަންޏާ، އެމީހުންނަށްވެސް ގޮތްތަކެއް ހޯދައިދިނުމަކީ، މި ސަރުކާރުން ކުރަންޖެހޭ ކަމެއް. އަދި ހަމައެހެންމެ، ސިޔާސީ މީހުންވެސް މަގުމައްޗަށް ނުކުމެ، ސަރުކާރު ވައްޓާލައިގެން މިކަން ކުރަންޖެހެނީ ޤާނޫނުން ބޭރުން ކަމަށް ގަބޫލުކޮށްގެން އެކަން ކުރާކަމަށްވަންޏާ، އަދި އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހަމަ ބުނެދޭން އޮތީވެސް މި ސަރުކާރު. މިކަންކަން ނިމިގެންދާނީ ޤާނޫނުގެ ތެރެއިން، ކޯޓުތަކުގެ ތެރެއިން.
 
އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިތްހަމަޖެހުމެއް ލިބެން އަންނަނީ، މިރަށުގައިވެސް ހިތްހަމަޖެހުމެއް ލިބެން މި އަންނަނީ، ހަމަ އެމީހުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް ފުދިގެން. ކަންކަން ފުދިގެންދާއިރު، ގަބޫލުކުރަންވާނެ، އެކި ފެންވަރުގެ މީހުން، އެކި ޙައްޤުތައް އެކިވަރަށް އެންފޯސްކުރާ މީހުން، ނޫނީ އެކި މިންވަރަށް އެ ޙައްޤުތަކުގެ ބާރުގެ ބޭނުންހިފާ މީހުން ތިބޭނެ.
 
 އަޅުގަނޑުމެން ކުރީގައި އަޑުއަހާ ވާހަކަ ދޮއެއްތޯ. ބާރާއި ނުފޫޒު ލިބިއްޖެ ކަމަށްވަންޏާ، އެއީ ދެން މީހާ، ދެން އެހެން މީހުންގެ މަތިން ކަނުކޮށްލާ ކަމެކޭ. އެއީ ދެން އޭނައަކަށް ނޭނގޭނެ، ރޭދުވާ ވަކިކުރަންވެސް. އެހެންވީމާ، އެއީކީ ނޫން ދޮއެއްތޯ އެގޮތްގޮތް އޮންނަންވާނެ ގޮތަކީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުގައި ތިބެފައި، ސަރުކާރުން ވަކިވެގެންދާއިރު، އަޅުގަނޑުމެން ބޭނުންވަނީ، ދިވެހިރާއްޖެއަކީ މަދަނީ ތަހުޒީބު އޮތް ޤައުމަކަށް ހެދުން. އަދި ބާރުގަދަ މީހާޔަކީ ހުރިހާ ކަމެއް އޭނަ ބޭނުންވާގޮތަށް ކާމިޔާބުވާ މީހާ ކަމަށްވުމަކީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއް ނޫން. ބާރުގަދަވާނީ މީހާގެ ޙައްޤުތައް. އެމީހަކީ ކުށެއް ނުކޮށްހުރި މަޢުޞޫމް މީހެއް ކަމަށްވަންޏާ، އަބަދުވެސް ޤާނޫނު ހިނގާނީ އޭނަގެ ކޮޅަށް. އެހެންނަމަވެސް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ ކަމަށްވަންޏާ، ކޮންމެވެސް ދުވަހަކުން ޤާނޫނުއަރާ އޭނަޔާ ހަމަކުރާނެ. އެކަންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެކަން ކުރެވޭތޯ އަޅުގަނޑުމެން ސަރުކާރުން މި މަސައްކަތް ކުރަނީ. މިކަން ކުރާއިރު، އެއްވެސް މީހަކާ ދޭތެރޭ ބޭއިންޞާފުން ކަމެއްނުކޮށް، އެއްވެސް މީހަކާ ދޭތެރޭ ޕްރެޖުޑިސްނުވެ، ޤާނޫނު އޭގެ ޒާތުގައި ހިންގޭތޯ ބަލައިދިނުމަކީ އަޅުގަނޑުމެން ކުރާ ކަންތައް. މިކަންކަން ކުރާއިރު އެއްގޮތަކަށްވެސް ކޯޓުތަކުގައި ހިނގާ މައްސަލަތަކާ، ދިވެހިރާއްޖޭގައި މިވަގުތު ހުރި ރައީސް ބޭނުމެއް ނޫން ބެހޭކަށެއް. އެއީ ހަމަ ކޯޓުތަކުން ނިންމަންޖެހޭ ކަމެއް.
 
އަޅުގަނޑު މި ވާހަކަތައް ދަންނަވާލުމުގެ ބޭނުމަކީ، އަޅުގަނޑުގެ ވިސްނުމުގައި ދިވެހިރާއްޖެ ދާންޖެހޭގޮތް ހަމަ ދަންނަވާލުން. މާއްދީ ތަރައްޤީއަކީ، ރަށްރަށަށް މި އަންނަ ފެނާއި ނަރުދަމާޔާ، ދެންވެސް އަންނަ ތަރައްޤީއަކީ އަޅުގަނޑުމެން ހިނގަން ބޭނުންވާ ނޫނީ ހޯދަން ބޭނުންވާ ބައެއް ކަންތައް. އެކަންތައްތައް ޙާޞިލުވެގެން، އެކަންތައްތައް ފުރިހަމަވެގެން އެއްވެސް ރަށެއްގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން އުޅެވޭނީ. އެކަމަކު އެޔާއެކީވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަޖެހޭ، އަޅުގަނޑުމެންގެ މުޖުތަމަޢެއްގެ ތެރޭގައި ގިނަބަޔަކު އުޅޭ ކަމަށްވަންޏާ، އުޞޫލުތަކެއް ހުންނަން. އެންމެން ގަބޫލުކުރާ އުޞޫލުތަކެއް ހުންނަން. އަދި އެންމެން ގަބޫލުކުރާ އުޞޫލުތަކެއް އެންމެންގެ ތެރޭގައި އަށަގެންނެވޭނެ ގޮތްތަކެއް އެބަ ހުންނަންޖެހޭ. އެއީ ޤާނޫނާ އެއްގޮތަށް ކަންތައް ކުރަން ދަސްވެގެން ދިޔައިމަ. މަދަރުސާތަކުގެ ކުދިން ތަރުބިއްޔަތު ކޮށްދެނީވެސް އެކަން ކުރަން. ޒުވާނުންވެސް ދެން ނުކުމެ، އެކި ކަންކަމުގައި ތަރުބިއްޔަތުވަނީ އެކަން ކުރަން. އެކަމަކު އަޅުގަނޑުމެން އޭގެފަހުން އެއަށްވުރެ ދޮށީ ޢުމުރަކަށް އައިސްފައި، ބަސްކިޔޭ ހިސާބަށް އަންނަ ސިޔާސީ މީހުންނަށްވީމަ، އެހުރިހާ ކަމެއް އޮޅިގެން ދިޔުމަކީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމެއް.
 
އެހެންވީމާ، މިދަންނަވާ ކަހަލަ މާއްދީ ކުރިއެރުމާއި ތަރައްޤީ އަންނަންޖެހޭކަމީ، އަޅުގަނޑުމެންގެ ނަފްސުގެ މުއްސަނދިކަން. އެއީ އެންމެންނާއެކީ ހަމަޖެހިގެން އުޅެވޭނެ ކަމުގެ މިސާލު އެބަޖެހޭ އަޅުގަނޑުމެން ދައްކަން. އެކަން ކޮށްދެވޭނީ ޤާނޫނަށް ބޯލަނބާ، ޤާނޫނަށް ތަބާވާ ރައްޔިތެއް އޮވެގެން. އެކަން ކަށަވަރު ކުރަން އޮންނަ ނިޒާމަކީ ޑިމޮކްރަސީ. އެކަން ކަށަވަރުކޮށްދޭން ހުންނަ މީހަކީ ރައްޔިތުން ހޮވާފައި ހުންނަ ރައީސެއް. އެކިއެކި މުއައްސަސާތައް ބޭނުންކޮށްގެން، ޤާނޫނުގައި އޮންނަ ގޮތަށް އެކަން ކަށަވަރުކޮށްދޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. ކަށަވަރުކުރަން އެކަށައަޅާ މިވަގުތު ފެންނަން އޮތް އެންމެ ރަނގަޅު ނިޒާމަކީ ޑިމޮކްރަސީ. އެހެންވީމާ، އަޅުގަނޑުމެންގެ މިނިވަންކަން، ފަރުދީ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިގެން މި އަންނަނީ، އެތަނެއްގެ ޑިމޮކްރަސީ އަށަގެންފައި އޮންނަ މިންވަރަކުން. ޑިމޮކްރަސީ އަށަގަންނާނީ ޑިމޮކްރަސީ އޮތޭ ބުނުމަކުންނެއް ނޫން. ޑިމޮކްރަސީގައި ބުނާ މައިގަނޑު މަފްހޫމް، އިޞްޠިލާޙުތައް، ނޫނީ މައިގަނޑު ކޮންސެޕްޓްތައް ގަބޫލުކޮށްގެން ތަންފީޒުވާ ތަން ފެނުނީމަ އެއީ ޑިމޮކްރަސީ އޮތް ޤައުމެކޭ ބުނާނީ. އެހެންވީމާ، މިކަން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ. 2018 އާ ހަމަޔަށް ދާންވާއިރުވެސް އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ތަޞައްވުރު ހުންނަންވާނީ، ހަމަޖެހޭ މުޖުތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގޮތަށް، އަޅުގަނޑުމެންގެ ކަންކަން ބައްޓަންވެގެން ދިޔުމަށް.
 
އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ އަބަދުވެސް ގަމަށް އަދި ދިވެހިރާއްޖެއަށް އަބަދުވެސް އުފާވެރި، ފާގަތި ދުވަސްތަކެއް. އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް މިންވަރު ކުރައްވާށި!
 
       والسّلام عليــكم ورحـمــة اللّـه وبـركاتـه.