بســم اللّـه الرّحمـن الرّحيــم
      
        اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މާވަށުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި އެންމެހައި ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑު ހައްދުންމައްޗަށް މިކުރާ ދަތުރުގައި، މާވަށަށް އައިމަ، މާވަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދޮށީ ބޭފުޅުން، ހަރު ބޭފުޅުން، އަންހެން ބޭފުޅުން، ތުއްތުކުދިން، މިހުރިހާ ބޭފުޅުން އަޅުގަނޑަށާއި އަޅުގަނޑާއެކީ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއިން މާވަށުގެ ރައްޔިތުންގެ ޝުޢޫރު އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް މިންވަރު އަޅުގަނޑުމެންނަށް ހާމަވެ، ފާޅުވެގެން ގޮސްފައިވޭ. އެކަމަށްޓަކައި މާވަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ހަމައެހެންމެ، މި ފިޔަވަޅުމަތީގައި ހުރެ، މާވަށުގެ ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ އެންމެ ފުރަތަމަ ހަނދާނަށް ގެންނަންޖެހެނީ، ގާތްގަނޑަކަށް މާވަށުގެ ޝަރަފުވެރި ރައްޔިތެއްގެ މަޤާމު އަޅުގަނޑަށް ދާދި ދެންމެއަކު ތިޔަ ދެއްވީ. މާވަށު ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭގައި އެހާ އިޙްސާންތެރިކަމާއެކީ ކަންތައްތައް ކޮށްދެއްވާތީ، އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، އަޅުގަނޑުގެ ހިތަށް ގެންނަމުން، އާދެ، މި ޖަލްސާގައި އިސްވެ ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން، ޚާއްޞަ ގޮތެއްގައި މާވަށު ކައުންސިލްގެ ރައީސް މޫސާ ފައިޞަލްގެ ވާހަކަފުޅުގައި، ވަރަށް އޯގާތެރިކަމާއި ދީލަތިކަމާއެކީ އަޅުގަނޑަށް ވަރަށްގިނަ ވާހަކަތަކުން ހަދިޔާ ކުރައްވައިފި. އަޅުގަނޑުމެން ސަރުކާރުން ކޮށްދޭ ކަންތައްތަކާއި އަދި އަމިއްލަގޮތުން ކުރެވޭ ކަންކަމާއި އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑު އުފަލާއެކީ ފާހަގަކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އަންހެނުންގެ ޚިދުމަތާ ދޭތެރޭގައި އެހާ އޯގާތެރި ބަސްފުޅުތަކުން އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަރަށް އިޚްލާޞްތެރިކަމާއެކީ.
 
އާދެ، ހަމައެހެންމެ މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޒްހާންގެ ވާހަކަފުޅުގައި، ހަމަ މިހާ ދީލަތިކަމާއެކީ އަޅުގަނޑަށް ވަރަށްގިނަ ވާހަކަތަކެއް ހަދިޔާކޮށްދެއްވައިފި. އަދި ހަމައެހެންމެ، ރައްޔިތުންނަށް ހަނދާންކޮށްދެއްވި، ރައީސާއެކީ، މި ސަރުކާރާއެކީ ދެމިހުންނަ ކަމަށްވަންޏާ، ތަރައްޤީ ކަށަވަރުވެގެންދާނެ ކަމަށް. އެކަމަށްޓަކައި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އާދެ، ޢިއްޒަތްތެރި މެންބަރު އަޒްހާން ފަހުމީއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
ދެން އަޅުގަނޑު ހަމަ ދާދި ދެންމެއަކު، ދެން އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވީ އަޅުގަނޑުމެންގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑޮކްޓަރ ޒިޔާދު ބާޤިރު. އެމަނިކުފާނުވެސް އެ ދެއްކެވި، އަޅުގަނޑާ ދޭތެރޭގައި ވިދާޅުވި ދީލަތި ވާހަކަފުޅަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ހައްދުންމަތީގައި މައި އާބާދީއާ ވަރަށް ދުރުގައި އޮންނަ ރަށެއް މާވަށް މިއީ. އެހެންނަމަވެސް، މާވަށަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލަކަށްވެގެން މިދިޔައީ. އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން މިއީ މާވަށަށް ކުރާ ފުރަތަމަ ޒިޔާރަތް. އަދި ހަމައެޔާއެކީ މާވަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ހަނދާންކޮށްދެއްވައިފި، މާވަށުގެ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތް، އިޚްލާޞްތެރި މަސައްކަތް ރިޔާސީ އިންތިޚާބުގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޚިދުމަތް ކުރާނޭ މީހެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތުގެ ވާހަކަ. އެހެންވީމާ، މާވަށަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު މި ދަންނަވަނީ، އަދި މި ދަތުރު ވެގެންމިދަނީ އަދި ޚާއްޞަ އުފަލެއް އަޅުގަނޑަށް ލިބިގެންދާ ދަތުރަކަށް.
 
އާދެ، ބިމުގެ މަތީގައި އުފެދޭނެ އެންމެމަތީ، އެންމެ މުޤައްދަސް ބިނާއަކީ ޝައްކެއްވެސްނެތްގޮތުގައި ﷲގެ ގެކޮޅެއް. އެހެންވީމާ، މާވަށުގައި މިފަދަ ގެކޮޅެއް ހުޅުވިގެން މިދިޔައީ. ރަސްމީގޮތުން ހުޅުވިގެން މިދިޔައީ. މިކަމުން މާވަށުގެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ. ކުރިއަށް މިއޮތީ ރަމަޟާން މަސް. އެހެންވީމާ، މަސްޖިދު ބިލާލުގެ ޚިދުމަތް ތިޔަބޭފުޅުން ހެޔޮގޮތުގައި ހޯއްދެވުމަށް ދެންމެ މިނިސްޓަރު އިލްތިމާސް އެ ކުރެއްވީ. އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ޚާއްޞަ ގޮތެއްގައި އިމާމުންނަށާއި، ދީނީ ކަންކަން ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައެއް ކަމުގައި އަޅުގަނޑު ދެކެނީ، މިއީ ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ބޭފުޅުންކޮޅެއްގެ ވާހަކައޭ އަޅުގަނޑު މި ދައްކަނީ. މިބޭފުޅުންނަކީ އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ އީމާންކަން ސީދާކުރުމަށް، ކަންކަން ބައިބައިވިޔަނުދިނުމަށް، މައްސަލަތައް ފައިޞަލާކޮށްފައި، ވީހާ ރަނގަޅަކަށް އަޅުގަނޑުމެންނަށް ކަންކަން އޮޅުންފިލުއްވައިދެއްވަން އެބޭފުޅުންނަށް ޙަވާލުކުރެވިފައި އޮންނަ މަތިވެރި އަމާނަތެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުން. މިއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި، މުޖުތަމަޢު ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް، ބައިވެދާނެ ކަންކަމަށް އެއްގޮތަކަށްވެސް މަގުފަހިކުރާގޮތަށް ވާހަކަ ދައްކަވަންޖެހޭ ބޭފުޅުންނެއް ނޫން. އެހެންވީމާ، އިމާމުންވެސް އަދި ދީނީ ޢިލްމުވެރިންވެސް އަޅުގަނޑު އެދެނީ، މިދެންނެވި ގޮތުގައި އެބޭފުޅުންގެ ޢަމަލުތަކާއި ބަސްމަގު ސީދާކުރައްވައިގެން ކުރިއަށް ގެންގޮސްދެއްވުން.
 
އާދެ، މިރަށަށް އައިސް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މި ހުއްޓިހުރެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ބައެއް ވާހަކަ ދަންނަވާލާނަން. އޭގެތެރެއިން ބައެއް ވާހަކައަކީ، ތިޔަބޭފުޅުންގެ ފަރާތުން ތި އަންނަ އިލްތިމާސްތަކަށް ކޮންމެވެސްވަރެއްގެ ޖަވާބެއް އެރުވުމުގެ ގޮތުންވެސް ދަންނަވާ ވާހަކަ ކަމުގައި އަޅުގަނޑު ހަމަ ދަންނަވާނަން. އާދެ، ޝައްކެއްނެތް، މާވަށަކީވެސް ތަރައްޤީ ޔަޤީންވާ ރަށަކަށްވާންޖެހޭނެ. މާވަށުގައި، ދެންމެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކައިންވެސް އަޅުގަނޑުމެންނަށް އެނގިގެންދާގޮތުގައި، ރައްޔިތުންނަށް ބޭނުންވެފައި ހުރި ވަރަށްގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ މިދަނީ ފުދެމުން. މީގެތެރޭގައި ޚާއްޞަ ގޮތެއްގައި، ކުޅިވަރުގެ ދާއިރާގައި ހުރި ބައެއް ކަންތައްތަކުގެ ވާހަކަ، އަޅުގަނޑު ހަމަ ފަށްޓާނަން. އެއީ އަޅުގަނޑުމެންނަށް ފެނޭ، އެހެން ވަރަށްގިނަ ކަންތައްތައް ފުދިގެން ގޮސްފައި ހުރިކަން. އަޅުގަނޑުމެން މިއައި ބަނދަރަކީވެސް މިދިޔަ އަހަރުގެ ތެރޭގައި ނިމި، މާވަށުން އެ ޚިދުމަތް ލިބެމުންދާ ބަނދަރެއްގެ ގޮތުގައި މިއޮތީ. އަދި ހަމައެހެން، ކަރަންޓްގެ ޚިދުމަތާއި، މިނޫން އެހެން ކަންތައްތައްވެސް މިހާރު އެވަނީ މާވަށުގެ ރައްޔިތުން އެދޭގޮތަށް ލިބޭ ހިސާބުގައި. އެންމެބޮޑު، ނޫނިއްޔާ އެންމެ އުނދަގޫ އެއްކަމަކަށް ވަނީ ރައްޔިތުންގެ އާބާދީގެ ތެރޭގައި ހުރި އިންޖީނުގެ، އެހެން ތަނަކަށް ބަދަލުކުރުން. ބަދަލުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނެކަމަށް އަޅުގަނޑުމެންނަށް އިންތިޒާރު ކުރެވޭ.
 
ކުޅިވަރުގެ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑުމެން މިގޮތަށް މި ދަންނަވަނީ، ޙަޤީޤަތުގައި ރައްޔިތުންގެ ތެރޭގައި ގިނަ ޢަދަދެއް، އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވާތީ. އެއީ ދެ ގިންތި ހިމެނޭގޮތަށް ޒުވާނުން ކަމުގައިވާތީ. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ އަޅުގަނޑުގެ ސަރުކާރުން އުފަލެއް ކަމުގައި ދެކޭ ކަމެއްގެ ގޮތުގައި އޮތީމަ. އާދެ، މިރަށުން ބިމުގެ ކަންތައް ހަމަޖައްސަވައި އަދި މިތަންތަނަށް ބޭނުންވާ އެހެން ވަސީލަތްތައް ހަމަޖެއްސުމަކީ، ސަރުކާރުން ކޮށްދޭނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާވަށުގައިވެސް ފުޓްސަލް ދަނޑާއި، ބަށިކޯޓުތަކާ އަދި މިނޫންވެސް އެހެން ކުޅިވަރުތައް ޤާއިމުވެގެންދާނެކަމާ ދޭތެރޭގައި ޝައްކު ނުކުރެއްވުމަކީ އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ކަމެއް. އިރާދަކުރެއްވިއްޔާ މިކަންކަން ފަސޭހަކަމާއެކީ ހަމަ ހަމަޖެހިގެންދާނެ.
 
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާވަށަށް އެންމެ ދަތިވެފައި ހުރި ކަންތައްތަކުގެ ގޮތުގައި، ދެންމެ އަޅުގަނޑަށް ހުށަހެޅުއްވީ މާވަށުގެ ނަރުދަމާގެ މައްސަލަ. ދެންމެ ދަތުރުމަތީގައިވެސް އަޅުގަނޑުމެން މިކަމާ ވާހަކަ ދެއްކީމު. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މީގެ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ނިމިފައި. އުންމީދު ކުރެވެނީ، އިރާދަކުރެއްވިއްޔާ ހަމަ މިއަހަރުގެ ތެރޭގައި މި ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށް. އެހެން މިދަންނަވާލި ސަބަބަކީ، މިދިޔަ އަހަރު ވަނީ މި މަޝްރޫޢު ޑިޒައިން ކުރުމާއި، މަޝްރޫޢު ޕްލޭން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައި. އަދި އޭގެ ތަފްޞީލު ހުރިހާ ކުރެހުންތަކެއް ލިބި، އަދި ޓެންޑަރު ހުޅުވައިލުމަށް ބޭނުންވާ ޓެންޑަރ ޑޮކިއުމަންޓްތައްވެސް ތައްޔާރުވެ މިހާރު ނިމިފައި ވަނީ. ދެންމެ އަޅުގަނޑުމެން ކައިރީގައި މިނިސްޓަރ ޠާރިޤު އެ ވާހަކަތައް ކަށަވަރުކޮށްދެއްވި. އެހެންވީމާ، އަޅުގަނޑަށް ލަފާކުރެވެނީ، ހަމަ މިފަހަރު އެނބުރި އަޅުގަނޑުމެން މާލެ ގޮސްފައި، އިރާދަކުރެއްވިއްޔާ މާވަށުގެ ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ޓެންޑަރ ކުރެވޭނެ ކަމަށް. މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ އުންމީދު ހަމަ ވަރަށް ހެޔޮ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލަން.
 
އާދެ، މާވަށުގެ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފި. ދެން އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވޭ، ހަމަ އެގޮތުގެ މަތީގައި ތިއްބަވައިދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެކޭ. ރާއްޖޭގެ ތަރައްޤީ މި ގެންނަންޖެހެނީ 183 ރަށަށް. އަދި 183 ރަށުގެ ތެރޭގައި، ބޮޑެތި ރަށްރަށާއި، ކުދި ރަށްރަށާއި އަދި އެއް ރަށެއްގެ ތެރޭގައި ތިން ހަތަރު ފަސް އަވަށް ހިމެނޭ ރަށްރަށާއި، މިހެން ހިމެނޭ ރަށްރަށް އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ. މި ތަފާތުކަމުގެ ތެރެއިން މުއްސަނދިވެފައި އޮތް ރާއްޖެއެއް ދިވެހިރާއްޖެއަކީ. އެހެންނަމަވެސް، ސަރުކާރަކުން ޚިދުމަތްދޭއިރު، ކުދިކުދި ރަށްރަށާއި، މެދުފަންތީގެ ރަށްރަށާއި، ބޮޑެތި ރަށްރަށަށް ބަލާއިރުވެސް، ޟަރޫރީގޮތުން ބޭނުންވާ ހުރިހާ ކަންކަމަކީ ސަރުކާރަކުން ފުއްދައިދޭންޖެހޭނެ ކަންތައްތައް. އެހެންވީމާ، ސަރުކާރުން މިކަންކަން ފުއްދައިދިނުމުގައި، ސަރުކާރުގެ ވަސީލަތް ތަނަވަސްވެފައި ހުރި މިންވަރަކުން ކަންކަން ކޮށްދެވޭތޯ ބަލަމުންދަނީ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަށް ބޭރުގެ އެކިއެކި ފަރާތްތަކުން އެހީތެރިކަން އެބަ ދެއްވާ. މާވަށުގެ ރައްޔިތުންގެ އަރިހުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާވަށުގެ ބޭނުންތައްވެސް މަދެއްނުވާނެ. ކަންކަން ފުދިގެން ދިޔައިމަ، އިތުރު ކަންކަން ހުންނާނެ. އެއީ އިންސާނީ ޠަބީޢަތް ނިޔާކުރާގޮތްވެސްމެ. އެހެންވީމާ، މިކަންކަމުގައި އިޚްލާޞްތެރިކަމާއެކީ ހިތްޕުޅު ހެޔޮކުރައްވައިގެން އިންތިޒާރުގައި ތިއްބަވާށޭ އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ. ވަރަށްގިނަ ކަންތައްތަކަކީ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ހަމަ ދާދި އަވަހަށް ފުދިގެންދާނެ ކަންކަން.
 
މިއަދު ސަރުކާރުގެ ބަޖެޓުން ކުރާ ހޭދައިގެ އިތުރަށް، މިރަށުގެ މިސްކިތަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި މިއީ ދިވެހިރާއްޖެއާއި ބޭރުގެ ދައުލަތްތަކާ ދޭތެރޭގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން އަންނަ ކަމެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނާއި ސަޢޫދީ ޢަރަބިއްޔާއާ ދޭތެރޭގައި މިއޮންނަ ގާތް އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ވަރަށް އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި މިކަން ހަމަޖެހިގެން މިދިޔައީ. އާދެ، ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ހިސާބުގައި ކޮންމެ އަހަރަކުވެސް މިސްކިތްތަކެއް އަޅަން އެބަ ހަދިޔާކުރައްވާ. މިއަހަރުގެ ތެރޭގައިވެސް، މިދިޔަ އަހަރުގެ ތެރޭގައިވެސް މިކަންކަން ވަނީ ކުރައްވާފައި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މަސައްކަތް ގެންދެވޭ ސްޕީޑް ދަށްކަމުން، އެދޭ މިންވަރަށް މިކަންކަން ނިމިގެން ނުދަނީ. އެހެންނަމަވެސް، މިހާރު އޭގައިވެސް ގޮތްތަކެއް އަޅުގަނޑުމެން ހޯދާފައި އެވަނީ. އަވަސްކަމާއެކީ މަސައްކަތް ކޮށްދޭނެ ގޮތްތަކެއް ހޯދުނު. އެހެންވީމާ، މި ފުރްޞަތުގައި މިރަށުގައި ހުރެގެން، މަސްޖިދުލް ބިލާލު ހުޅުވިގެންދާއިރު، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ހޫނު މަރްޙަބާއެއް ޝުކުރުވެރިކަމާއެކީ ދަންނަވާލަން ބޭނުންވޭ، ސަޢޫދީ ރަސްގެފާނަށް، ޚާދިމުލްޙަރަމައިނި ޝަރަފައިނި މަލިކު ސަލްމާނަށް. އާދެ، ޑެޕިއުޓީ އެމްބެސެޑަރ ޠާރިޤު މިތާ އެބަ އިންނެވި.
 
 ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި މި އޮންނަނީ ގާތް އެކުވެރި ގުޅުމެއް. މިއަހަރު ރަމަޟާން މަސް މިހާރު މިއޮތީ އަޅުގަނޑުމެންނާ ދާދި ކައިރީގައި ޒިޔާރަތުގައި. ދާދި ކައިރިން އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އަދި އެޔާއެކީ ދާދި އަވަހަށް އަޅުގަނޑުމެން ފަރުޟު ޙައްޖުގެ އަޅުކަމަށް އަޅުގަނޑުމެން އެންމެންވެސް އެނބުރިގަންނާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ދަތިވެފައި ހުރި އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން އެދޭ ކަންތައްތަކުގެ ތެރޭގައި، އެއްކަމަކަށްވެފައި އޮތީ ސަޢޫދީ ޢަރަބިއްޔާއަށް ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންގެ ޢަދަދު އިތުރުކުރެވޭތޯ ބެލުމަށް. އާދެ، މިދިޔަ އަހަރު، އަޅުގަނޑުމެންގެ މި އިލްތިމާސް ރަސްގެފާނު އަރިހަށް ހުށަހެޅިން. ވަރަށް ދީލަތިކަމާއެކީ އަޅުގަނޑުމެންނަށް ވަނީ އެކަން އިތުރުކޮށްދެއްވާފައި. ރާއްޖެއިން މިހާތަނަށް އެކިފަހަރު މަތިން ޢަދަދު އިތުރުކޮށްދެއްވަމުން ގޮސް އެއްހާސް މީހުންގެ ޢަދަދެއް އަޅުގަނޑުމެންނަށް މިވަނީ ދެއްވާފައި. ދިވެހިރާއްޖޭގައި އޮތް އާބާދީއަކީ ނިސްބަތުން ކުޑަ އާބާދީއެއް ނަމަވެސް، އަޅުގަނޑުމެން މަލިކު ސަލްމާން އަރިހުގައި ދެންނެވީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެކޭ. ސައްތައިންސައްތަ މުސްލިމް ޤައުމެއް، ދިވެހިރާއްޖެ ފިޔަވައި މަދުވާނެ. އެހެން ދީންތައް، އެހެން ޤައުމުތަކުގައި އެބަހުރި. އެހެންވީމާ، މިކަމަށް ރިޢާޔަތް ކުރައްވާފައި އަދި އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި، ޚާއްޞަކޮށް މިހާރު މިއޮތް ގާތް ރަޙްމަތްތެރި ގުޅުމަށް ރިޢާޔަތް ކުރައްވާފައި، ވަރަށް ފަސޭހަކަމާއެކީ ނިންމަވައިދެއްވި. އެހެން ބޮޑެތި އިސްލާމީ ދައުލަތްތަކަށް ކޮށްނުދެއްވާ ގޮތަށް އަޅުގަނޑުމެންނަށް މިކަން މިއޮތީ ކޮށްދެއްވާފައި. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް ދައްކައިދެނީ، ޙަޤީޤަތުގައިވެސް މިހާރުގެ ސަޢޫދީ ޒަޢާމަތާއި އަޅުގަނޑުމެންގެ ސަރުކާރާ، ނޫނީ އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތް ގުޅުން.
 
އާދެ، އަޅުގަނޑު ފުރުމުގެ ކުރިން އަޅުގަނޑަށް ކަށަވަރުވެގެންދިޔަ، އަޅުގަނޑުމެންނަށް އަނެއްކާ އިތުރު އެއްހާހުގެ ޢަދަދެއް، ކޯޓާގެ ތެރެއިން އިތުރުކޮށްދެއްވާނެ ކަމަށް. އެހެންވީމާ، ޖުމްލަ ދެހާސް ހަމަވެގެންދިޔައީ. އަޅުގަނޑުމެން މިކޮޅަށް އައިސް މަސައްކަތް ކުރިން، މިއަހަރުގެ ފަރުޟު ޙައްޖުގެ ކަންތައް އަދާކުރަން ދިވެހިން ދާއިރު، އަޅުގަނޑުމެންނަށް މި ދެހާސް ހަމަޖެހޭތޯ. ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އުފާވެރި ޚަބަރަކީ، ދާދި އިހަކަށްދުވަހަކު، އަނެއްކާ އިތުރު އެއްހާސް މިހާރު އެއޮތީ ކަށަވަރުވެގެން އައިސް. އެހެންވީމާ، މިއަހަރުން ފެށިގެން ދެހާސް މީހުންނަށް ޙައްޖަށް ދިޔުމުގެ ފުރްޞަތު އެވަނީ ސަޢޫދީ ރަސްގެފާނު މަލިކު ސަލްމާން އަޅުގަނޑުމެންނަށް ފުރިހަމަކޮށްދެއްވާފައި. ފުރްޞަތު ތަނަވަސްކޮށްދެއްވާފައި. އެކަމަށްޓަކައިވެސް މަލިކު ސަލްމާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުގެ ހިތުގައި އުފެދިފައި އޮތް އެންމެ ފުން ލޯތްބާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެން މިސްކިތްތަކުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އެކި ހިސާބުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން އެހީތެރިކަމާއެކީ އަޅުގަނޑުމެންނަށް މިސްކިތްތައް ބިނާކޮށްދެއްވަމުން މި ގެންދަވަނީ. މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މާލެއިން ބޭރުގައި އެންމެ ފުރަތަމަ އިސްލާމީ މަރްކަޒު ބިނާވެގެންދާނެ. ގދ. ތިނަދޫގައި އިސްލާމީ މަރްކަޒެއް ބިނާވެގެންދާނެ. ހަމައެޔާއެކީ ދާދި ކައިރީގައި، އައްޑުއަތޮޅުގައިވެސް އިސްލާމީ ބިނާއެއް، ނޫނީ އިސްލާމީ މަރްކަޒެއް ބިނާވެގެންދާނެ. އަޅުގަނޑުމެންގެ އިސްލާމީ މަރްކަޒަކީ މިހާރު ރާއްޖޭގެ މީހުން ނަމާދަށް ޖަމާޢަތަށް، މީހުން ނަމާދަށް އަރާވަރަށް ބަލާއިރު، ޢީދު ނަމާދުކަހަލަ ނަމާދުތަކަށް ބަލާކަމަށްވަންޏާ، ކުޑަ މިސްކިތަކަށް، ނޫނީ ކުޑަ މަރްކަޒަކަށްވެފައި މިއޮތީ. އެހެންވީމާ، މަސައްކަތްތަކެއް ކުރެވެމުން މިދަނީ އެ މިސްކިތުގެ ޖާގަ ބޮޑުކުރަން. އެ މިސްކިތުގެ ޖާގަ ބޮޑުކުރުމާއެކީ، ޢީދު ނަމާދުކަހަލަ ބޮޑެތި ނަމާދުތަކުގައި، ބޮޑު ޢަދަދެއް އެއްފަހަރާ ނަމާދުކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން.
 
ހަމައެޔާއެކީ އިސްލާމީ ދައުލަތެއްގެ ޝަޚްޞު، ނޫނީ ޝަޚްޞިއްޔަތު ދައްކައިދޭ ކަމަކަށްވަނީ އިސްލާމީ ބިނާތައް ބިނާވުން ގިނަވުމުން ކަމުގައިވާތީއާއެކީ، އަޅުގަނޑު އަނެއްކާވެސް އިލްތިމާސްކުރީ، އަޅުގަނޑުމެންނަށް މިނިވަންކަމުގެ 50 އަހަރު އަޅުގަނޑުމެން ހޭދަކުރާއިރު، އަޅުގަނޑުމެން އެންމެ ބޮޑަށް އުފާވާ ކަމެއް ގޮތުގައި އަޅުގަނޑުމެން ދައްކައިދޭން ބޭނުންވަނީ، އަޅުގަނޑުމެންގެ ދިވެހި ދައުލަތުގެ ބޮޑެތި ކަންކަމުގެ ތެރޭގައި، ބަހާގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާ،  މި ތިންކަމޭ. ދިވެހިންނަކީ އެއް ނަސްލެއްގެ ބަޔަކަށްވާތީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ، މިނިވަންކަމުގެ 50 އަހަރު ފުރިގެންދާއިރު، އެ 50 އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރުގަދަ އިސްލާމީ ބިނާއެއް ހުރުމަށް. އެހެންވީމާ، މާލޭގައި ވަރަށް ވަރުގަދަ، ވަރަށްރީތި އިސްލާމީ މަރްކަޒެއް ބިނާކުރަން އަޅުގަނޑުމެން ބޭނުންވޭ. މި އިލްތިމާސްވެސް އަޅުގަނޑުމެން ހުށަހެޅީ ސަޢޫދީ ސަރުކާރަށް، ސަޢޫދީ ރަސްގެފާނަށް. ވަރަށް ފަސޭހަކަމާއެކީ، ވަރަށް ދީލަތިކަމާއެކީ އެކަންވެސް އެވަނީ އަޅުގަނޑުމެންނަށް ކޮށްދެއްވަން ނިންމަވާފައި. މިހާރު އެކަމުގެ ޢަމަލީ މަސައްކަތް މިއޮތީ ފެށެންވެފައި. ހުރިހާ ކުރެހުންތައް އެވަނީ ނިމިފައި. އަޅުގަނޑުމެންނަށް ފޮޓޯގައި މިހިރީ ފެންނަން. އިރާދަކުރެއްވިއްޔާ، އިސްލާމީ މަރްކަޒެއް ހެދިގެންދާއިރު ގާތްގަނޑަކަށް ހުންނާނެގޮތް. ޝައްކެއްވެސްނެތްގޮތުގައި، މިއަށްވުރެ މާ ފުރިހަމަވެގެންދާނެ. މިހާރު ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، އަޅުގަނޑުމެން މިހާރު މި ބިނާކޮށްދޭނެ ބައެއް ހޯދުމުގެ ޓެންޑަރު މަސައްކަތް ކުރާ ހިސާބުގައި ހުރިހާ ކުރެހުންތައްވެސް މިވަނީ ނިމިފައި. އެހެންވީމާ، އަނެއްކާވެސް އަޅުގަނޑު ހަމަ ހިފެހެއްޓުމެއްނެތް ޝުކުރު މަލިކު ސަލްމާނަށް މި އަރިސްކުރަނީ، އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ފަރާތުން އަޅުގަނޑުމެންގެ ހިތްތަކުގެ ލޯބި އެމަނިކުފާނު ޙާޞިލު ކުރައްވާފައިވާތީ.
 
އާދެ، މާވަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑަށް ހުށަހެޅިގެން އެދިޔައީ. މީގެތެރެއިން ވަރަށްގިނަ ކަންތައްތަކަކީ އިރާދަކުރެއްވިއްޔާ ކޮންމެވެސް ހިސާބެއްގައި ތަރައްޤީގެ މަސައްކަތުގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްތައް. ދާދި އަވަހަށް މީގެ ގިނަ ކަންތައްތައް ފުރިހަމަވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑަށް އެންމެދަތި ހުށަހެޅުމަކަށް އައިސްފައި މިއޮތީ މިހިސާބުގަނޑުގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރާނެ ރަށެއް ހޯދުމުގެ ކަންތަކުގައި. ނޫނީ ފަތުރުވެރިކަން މިކޮޅަށް ގެނައުމުގެ މަސައްކަތުގައި. އަޅުގަނޑުމެން ދަތުރަށް ފެށިއިރު، ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް މިތާ އެބަ އިންނެވި. އަޅުގަނޑާ ޙިއްޞާ ކުރެއްވި. އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރާ ޙިއްޞާ ކުރެއްވި. އެހެންވީމާ، އަޅުގަނޑު ހަމަ ހިތާހިތާ އަޅުގަނޑުމެން ދެމީހުން ސުވާލު ކުރަމުން މިގެންދިޔައީ، މޫސާ ފައިޞަލްގެ ވާހަކަފުޅަކީ، ޢަބްދުލްޢަޒީޒް ޖަމާލްގެ އިލްތިމާސެއްތޯ. އެކަމަކު އަޅުގަނޑަށް އެ ބަލައިގަންނަން ފަސޭހަވީ، ނޫނީ އެއީ ހަމަ މިރަށު ހުރިހާ ރައްޔިތުންގެ އިލްތިމާސެކޭ، މިހިސާބުގަނޑުގައި ޓުއަރިޒަމް މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖެހިގެންދިޔުން. މިކަމަކީ އަޅުގަނޑަށް އެހާ ފަސޭހަ ކަމެއް ނޫނޭ މި ދަންނަވާލާ ސަބަބަކީ، ޓުއަރިޒަމަކީ މުޅި ރާއްޖެއަށް ޢާންމުކުރަމުންދާ ކަމެއް. މުޅި ރާއްޖެއަށް ޢާންމުކުރަމުންދާ ކަމެއް. ވަރަށްގިނަ ރަށްތަކެއް، ވަރަށްގިނަ ފަޅުތަކެއް މިހާރުވެސް އެވަނީ ދޫކޮށްލެވިފައި. އަދި އެތަންތަން ހެދިގެން އަޅުގަނޑުމެންނަށް އެ މަސައްކަތް ނިމިގެންދާނެ ދުވަހަކާ ދޭތެރޭގައި އަޅުގަނޑުމެން ހަމަ ކެތްތެރިކަމާއެކީ އިންތިޒާރު ކުރަމުން މިދަނީ. ވަރަށްގިނަ ފަޅުތަކެއް މިވަނީ ދޫކޮށްލެވިފައި، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެންގެ ނައިބު ރައީސަކަށް ޓުއަރިޒަމް މިނިސްޓަރެއްގެ ދައުރު އަދާކުރައްވަމުން ގެންދެވި އަދީބު ހުންނެވިއިރު. އެހެންނަމަވެސް، އެކަންކަން ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެންގެ ތެރޭގައިވެސް ކަންތައްތައް މިދަނީ ރަނގަޅަށްތޯ އަޅުގަނޑުމެން އަމިއްލައަށްވެސް އިމްތިޙާނުކޮށް، އެސެސްމަންޓްތަކެއް ހަދަން އެބަޖެހޭ. އަދި ހަމައެޔާއެކީ މީގެތެރޭގައި ފައިސާގެ ފަސާދައިގެ ބޮޑެތި ކަންތައްތައް ހިމެނިފައިވާތީއާއެކީ، އޭ.ސީ.ސީ. އިންނާއި އޮޑިޓަރ ޖެނެރަލްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ.
 
އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ އެހާބޮޑު ޝައުޤުވެރިކަމެއް އޮތް ކަމަކަށްނުވޭ، އަނެއްކާވެސް ގިނަ ފަޅުތަކެއް ދޫކޮށްލުން އެއީކީ. އަޅުގަނޑުމެން މި އެކްސަރސައިޒް ކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި މިހިރަ ފަޅުތަކާއި ރަށްތަކަކީ، އޭގެ ފުރިހަމަ ބޭނުން ކުރެވޭ ތަންތަނަށް ވެގެންދިޔުމަށް. މިކަން މިއޮތީ މިގޮތަށް. ޓުއަރިޒަމްގެ މަސައްކަތެއް ކުރާ ފަޅުތަކަށްވެސް، ރަށްތަކަށްވެސް ހަމަ މިގޮތަށް މިކަން ހަމަޖައްސާފައި މިއޮތީ، ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކާފައި. ދަނޑުވެރިކަމަށް ދޫކުރާ ފަޅުރަށްތައްވެސް. މިހާރު ދަނޑުވެރިކަމަށް ދޫކުރާ ފަޅުރަށްތަކަކީވެސް، ކުރީގައި ދަނޑުވެރިކަމަށް ފަޅުރަށް ލިބޭ އުޞޫލަށްވުރެ މާބޮޑުތަން އަގުބޮޑުކޮށް ނޫނީ ނުލިބޭނެ ރަށްރަށް. އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ޤުދްރަތީ މުއްސަނދިކަމަކީ އަޅުގަނޑުމެންގެ ރީތި ފަޅުތަކާއި، އަޅުގަނޑުމެންގެ ރަށްރަށް. އެހެންވީމާ، މި ރަށްރަށުގެ ހެޔޮބޭނުން އަޅުގަނޑުމެންނަށް ހިފޭނީ، މިދެންނެވި ގޮތަށް މިކަން ކޮށްގެން. އެހެންވީމާ، ހެކްޓަރަކަށް ބަލާކަމަށްވަންޏާ، ނޫނީ ރަށުގެ އޭރިޔާއަށް ބަލާކަމަށްވަންޏާ، ހަމަ ވަރަށް ބޮޑެތި ޢަދަދުގެ ފައިސާ، އަނެއްކާ މި ފައިސާ ދައްކަންޖެހެނީ އެއްފަހަރާ ކަމަށް އަޅުގަނޑުމެން ބަލާފައި މިއޮތީ. މީގެ ބޭނުމަކަށްވަނީ މިދެންނެވި ގޮތަށް، މި ސަރުކާރުގެ ތެރޭގައި، ދާދި އިހަށްދުވަހު ވަރަށްގިނަ ފަޅުތަކާއި ރަށްތައް އެވަނީ ދޫކޮށްލެވިފައި. އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދެ އަހަރު، ތިން އަހަރުގެ ތެރޭގައިވެސް ގާތްގަނޑަކަށް ހަތްދިހަވަރަކަށް ރިޒޯޓް ތަންތަނުގައި ހެދޭނެ ކަމަކަށް އުންމީދެއް ނުކުރެވޭ. އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. އެހެންނަމަވެސް، މީގެތެރެއިން ބޮޑު ބައެއް ނިމިއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރަށް މީގެ ބޮޑެތި ފައިދާތަކެއްވާނެ. ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދާނެ. އެއީކީ ޝައްކެއްއޮތް ކަމެއް ނޫން.
 
އެކަމަކު އެޔާއެކީ އަޅުގަނޑުމެން ކުރިމަތިލާ ބޮޑު ގޮންޖެހުމަކީ މިހުރިހާ ޓުއަރިސްޓުން ރާއްޖެއަށް އަންނައިރު، މިހާރު އޮތް އަޅުގަނޑުމެންގެ އެއަރޕޯޓަކީވެސް ރާއްޖެއަށް މިހާރު މި ދަތުރުކުރާ ފަތުރުވެރިންނަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އެއަރޕޯޓް އެއޮތީ ކުޑަވެފައި. މިއީ ހައްތަހާ ހަމަ ބޮޑެތި ބިޔަ އިންވެސްޓްމަންޓްތަކުގެ ވާހަކަ މި ދެއްކެނީ. އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތާއި، ރަންވޭގެ މަސައްކަތާއި، އާ ޓަރމިނަލްގެ މަސައްކަތް އަޅުގަނޑުމެން މިހާރު އެވަނީ ފަށާފައި. މީގައިވެސް ސަޢޫދީ ސަރުކާރުގެ އެހީތެރިކަން އެބައޮތް. ސަޢޫދީ ފަންޑުގެ އެހީތެރިކަން، އޯޕެކް ފަންޑުގެ އެހީތެރިކަން. މިފަރާތްތަކުން އަޅުގަނޑުމެންނަށްވީ އެހީތެރިކަމެއް. މިޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، މި ހުންނަނީ ވަރަށް ބިޔަ މަޝްރޫޢުތަކޭ. އެއަރޕޯޓްގެ މަޝްރޫޢަށް، ރަންވޭއާއި ޓަރމިނަލްގެ މަޝްރޫޢަށް ބަލާ ކަމުގައިވިޔަސް، މި ދައްކަނީ އަށްސަތޭކަ މިލިއަން ޑޮލަރެއްހާ ވާހަކަ މި ދައްކަނީ. މިއީކީ ކުދިކުދި ޢަދަދުގެ ފައިސާއެއް ނޫން. ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން، އެއް އަހަރުގެ މުޅި ޤައުމީ އުފެއްދުންތެރިކަން ޑޮލަރަށް ބަދަލުކޮށްފި ކަމަށްވަންޏާ ޖެހޭވަރުގެ މަޝްރޫޢުތަކުގެ ވާހަކަ މި ދައްކަނީ.
 
އަނެއްކާ މިކަހަލަ މަޝްރޫޢުތަކުގެ ވާހަކަ ދައްކާއިރު، ހަމަ މިޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި، މާވަށްވެސް މިއޮތީ ފުރިފައި. ދެން މާވަށުގައި އިތުރަށް ޒުވާނުންނަށް ގެދޮރު ލިބޭނެ، ބިން ކަނޑައިދެވޭނެ ގޮތް ނެތިއްޖިއްޔާ، އަޅުގަނޑު ހަމަ މިއަދުވެސް ކޮށްލަން ބޭނުންވާ އިލްތިމާސަކީ، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވަން މާލޭ ސަރަޙައްދަށް އަވަހަށް ހިޖުރަ ކުރައްވަން ތައްޔާރުވެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ބޭނުންވަނީ އެތާ މި ހެދޭ ޒުވާނުންގެ މަދީނާ، ނޫނީ ޒުވާނުންގެ ޝަހަރަށް މިހެންހުރި ރަށްރަށުގައި، ދެން މިތަންތަނުން ގެދޮރު ނުލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ދެން އެކޮޅަށް ވަޑައިގަތުން. އަޅުގަނޑުމެން ދިވެހިން، ޝައްކެއްވެސްނެތް، އެއް ރަށަކަށް، އެއް ހިސާބުގަނޑަކަށް އަޅުގަނޑުމެންގެ ލޯބި އޮންނާނެ. އެހެންނަމަވެސް، ގަބޫލުކުރަންޖެހެނީ، އަޅުގަނޑުގެ ސަރުކާރުން އަޅުގަނޑު ދެކެނީ، ދިވެހިންނަކީ އެއް ނަސްލެއްގެ، އެއް ފެންވަރެއްގެ، އެއް ދަރަޖައެއްގެ ބައެއްކަމަށް. މާލޭގައި ތިއްބަސް، އަތޮޅުތެރޭގައި ތިއްބަސް. އެހެންވީމާ، މާލޭ ކައިރިއަށް މާވަށުން އަދި ހައްދުންމަތީގެ އެހެން ރަށްރަށުން، ދުރު ރަށްރަށުން، އެންމެ އުތުރުން ތުރާކުނުން ފެށިގެން އެންމެ ދެކުނުން އައްޑުއަތޮޅާ ހަމަޔަށް ވަޑައިގަންނަވާއިރުވެސް، އަޅުގަނޑުމެންގެ ސަރަޙައްދަށް، މާލޭގައި އަޅުގަނޑުމެން ދިރިއުޅޭ ސަރަޙައްދަށް ވަޑައިގެންނެވީމަ، އަޅުގަނޑުމެން ތަފާތެއް ނުކުރާނަމު. އެހެންވީމާ، މިދެންނެވި ޒުވާނުންގެ ޝަހަރު މި ހެދެނީ، ޙަޤީޤަތުގައިވެސް މި ރަށްރަށުން ދެން ބިން ހިއްކައިގެން، ނޫނިއްޔާ ބިން ބޮޑުކުރެވޭނެ ގޮތެއް ނެތިއްޖެ ކަމަށްވަންޏާ، އެފަދަ ފަރާތްތަކަށް. އެހެންވީމާ، އެއްގޮތަކަށްވެސް ހިތްބަރުކަމެއްނެތި، ހަމަ މިކަން ކުރެއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން.
 
އަޅުގަނޑުމެން މި ބްރިޖު ބިނާ ހެދުމަށްޓަކައިވެސް މިކުރާ މަސައްކަތުގެ ތެރޭގައި، މާލެއާ ގުޅައިލުމަށްޓަކައި މިކުރެވޭ މަސައްކަތްވެސް މިދެންނެވި ގޮތަށް އަނެއްކާ އަނެއް ބިޔަ މަޝްރޫޢު. ގާތްގަނޑަކަށް ތިންސަތޭކަވަރަކަށް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބްރިޖުގެ މަސައްކަތް އެ ހިނގަނީ. އެކަމަކު މިއީ ހައްތަހާވެސް ޒުވާނުންނަށާއި، މުޅި ރާއްޖެއަށް ބޭނުންވާ ތަރައްޤީ، މިވަގުތު އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް. އަލުން ލޯ މަރާލާފައި، ހަމަ ފުން ނޭވާއެއްލާފައި އަޅުގަނޑުމެން މިކަންކަމާ ކުރިމަތިލީ ﷲގެ ޙަޟްރަތުން އަޅުގަނޑުމެންނަށް މަދަދު އެދިގެން. އެހެންނަމަވެސް، މިކަންކަން ނުކޮށެއް، މިކަންކަން ނުކޮށެއް، ކޮންމެ އަހަރަކު މި އަންނަ ތަރައްޤީ، އަޅުގަނޑުމެންނަށް މީގެކުރިން ފެނިފައި ހުރިގޮތަށް، މިގޮތުގައި ތިބެންވެއްޖެ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް ގެއްލިގެންދާ އަނެއްކާވެސް އަނެއް ޖީލު. އަނެއްކާވެސް ފަންސަވީސް އަހަރު އަޅުގަނޑުމެންނަށް ގެއްލިގެންދާނެ. މިދިޔަ ދިހަވަރަކަށް އަހަރަކީ، މީގެކުރިން އަޅުގަނޑުމެން މިކަހަލަ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ދެންނެވިން، އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ ދިހަ އަހަރޭ. ރައީސް މައުމޫންގެ ސަރުކާރުގައި ޒަޢާމަތުގެ އެންމެ ފަހު ފަސް އަހަރުގައި ގިނަ ދުއްތުރާތަކެއް، އިދިކޮޅު ސިޔާސީ ފަރާތްތަކުން އަޅުގަނޑުމެންނަށް ކުރަމުން ގެންދިޔަ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތުގައި، ގިނަ މަސައްކަތްތަކެއް އެދިޔައީ އެކަންކަމާ ހަނގާކުރުމަށް. ރާއްޖޭގެ ނަން ކިލަނބު ކުރުމަށް ބޭރުގައި ކުރި މަސައްކަތްތައް. މިހާރުވެސް ހަމަ އެކަންކަން ފެށިގެން އުޅެނީ. މިއީ ބޮޑެތި ޚަރަދުތަކެއް، ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމެއް. ހަމައެޔާއެކީ، ހަމަ މިކަންކަމުގައިވެސް އިސްވެ މި މަސައްކަތް ކުރައްވަން ތިއްބެވީ ހަމަ އޭރު ތިއްބެވި ވަޒީރުން. އެހެންވީމާ، ވަޒީރުންގެ މޭޒުމަތީގައި ޕްލޭންކުރަން ހުންނަ މަސައްކަތްތައް ފަސްވެފައި އޭރުވެސް އެހެރީ. އެ ފަސްއަހަރު އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދުނު ބާރުމިނުގައި ރާއްޖެތެރޭގެ އެކި ހިސާބަށް ތަރައްޤީގެ މަޝްރޫޢުތަކެއް ގެންދެވިފައެއްނުވޭ. ދެން އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އެ ފަސް އަހަރުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ހަމަ ދާދި އެކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެއްވެސް ކަހަލަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ނުހިނގާ. ރައީސް ވަޙީދު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ހިސާބުން އެމަނިކުފާނަށްވެސް ހަމަ ބޮޑެތި އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިކުރުވި. އެހެންވީމާ، އެކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އެ ގާތްގަނޑަކަށް ދޮޅު އަހަރު، ދެ އަހަރެއްހާ ދުވަސްވެސް، އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢުތަކުގައި، ތަރައްޤީ ކުރަން ބޭނުންވާ މިންވަރަށް ރައީސް ވަޙީދަށްވެސް އެކަން ކޮށްދެއްވުމުގެ ފުރްޞަތެއް، އިދިކޮޅު ފަރާތްތަކުން އަރުވާފައެއްނުވޭ.
 
އެހެންވީމާ، އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން، އެ ދިޔަ ދިހަ އަހަރަކީ އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ ދިހަ އަހަރުކަން. އެ ގެއްލިގެންދިޔަ ދިހަ އަހަރު، އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސްގޮތަކަށް ފޫބައްދަން. އެހެންވީމާ، ކުރީގެ ވިސްނުމާ އެއްގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރަން ތިބޭކަމަށްވަންޏާ، އަޅުގަނޑުމެން ޢާންމުކޮށް މި ހަދާ ބަޖެޓް ހަދައިގެން، އެކަން ކުރަން ތިބޭ ކަމަށްވަންޏާ، އަނެއްކާވެސް އަޅުގަނޑުމެން ހަމަ ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރުގެ ތެރޭގައި ކުރާ މަސައްކަތް އެބަ އަޅުގަނޑުމެންގެ ވިސްނުމުގައި ކުރަން އެބަޖެހޭ މި ފަސްއަހަރުގެ ތެރޭގައި. އެޔާއެކީ އަނެއްކާވެސް ރައްޔިތުން އިތުރު ފަސް އަހަރެއް އަޅުގަނޑުމެންނަށް ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ވިސްނުން ހުރީ، ދެން ކުރެވޭ މަސައްކަތުން، ފަރުދުން، ވަކިވަކި ފަރުދުންގެ ޖީބު ތަނަވަސްކުރަން ކުރާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނީ. މިހާރު މިކުރަނީ މިދެންނެވި ކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގުމާއި، އަދި އެ މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދިޔުމާއެކީ، ޤައުމީ ތަނަވަސްކަން އިތުރުވެގެންދާނެ މަސައްކަތްތަކެއް.
 
އެޔާއެކީ އަންނަ ހަމަޖެހުމަކީ، ޒުވާނުންނަށް އަންނަ ހަމަޖެހުން. ހުޅުމާލޭގައި މިކުރެވޭ މަސައްކަތްތަކުގައި ޝައްކެއްވެސްނެތްގޮތުގައި، އޭގެ ބެނެފިޝަރީންނަކީ، މަންފާ ލިބޭ ފަރާތްތަކަކީ ޒުވާނުންނަށްވެގެން މިދަނީ. ޒުވާނުންނަށް އެކަން ކޮށްދިނުމަށްޓަކައި، ޒުވާނުންގެ މިއަދު އޮތް އެންމެ ދަތިކަމަކަށް މިވަނީ ގެދޮރުވެރިކަން. އެހެންވީމާ، ގެދޮރުވެރިކަމުގެ މަޝްރޫޢު ހުޅުމާލޭގައި އެ ހިނގަނީ. އެޔާއެކީ ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެން އެދަނީ. އެހެންވީމާ، މިކަހަލަ މަޝްރޫޢުތަކެއް ހިންގާއިރު، ޓުއަރިޒަމްގައި މިދެންނެވި ކަންކަމުގައި، އަޅުގަނޑުމެންނަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، ޓުއަރިޒަމް ފުޅާކުރުމުގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންގެ އެއަރޕޯޓް އެހިސާބަށް ނިންމޭތޯ އެބަ ބަލަންޖެހޭ. ރިޒޯޓެއް ހަދަން މީހަކަށް ފަޅެއް، ރަށެއް ދީފި ކަމަށްވަންޏާ، މިއަދު ބާރަ މަސްދުވަހުގެ ތެރޭގައި އެކަންކޮށް ނިންމާނެ. ބާރަ މަސްދުވަހުގެ ތެރޭގައި އެކަންކޮށް ނިންމާނެ.
 
އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެއަރޕޯޓްގެ މަސައްކަތުގެ މިދަންނަވާ ފައިސާގެ ކަންތައް ހަމަޖެހިގެން، މިއަހަރުގެ ތެރޭގައި އެކަން ފެށުނު ކަމުގައިވިނަމަވެސް، 2018 ނިމުމުގެ ކުރިން، އެކަންވާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ، ފަސިންޖަރުން ރާއްޖެއަށް ދަތުރުކުރާއިރު، އަޅުގަނޑުމެން އެންމެ ބޮޑަށް އުފުލަންޖެހޭ ތަކުލީފުތަކެއް މިހާރު އެއަރޕޯޓްގެ ދަތިކަން. އެހެންވީމާ، މިކަންކަން ކުރަން މިޖެހެނީ، ހަމަ އަނެއްކާވެސް ރާއްޖެއަށް ގެނެވޭނޭ އެންމެ ސީދާ، ނޫނީ އެންމެ ތަޖުރިބާ ކުރެވިފައި އޮތް ދާއިރާއަކަށް މިވަނީ ޓުއަރިޒަމްގެ ޞިނާޢަތް. އެހެންވީމާ، މިހާރު ދަންނަވާލަން ބޭނުންވަނީ، މާވަށުގެ އެއްވެސް ގޮތަކަށް، މާވަށުގެ ރައްޔިތުންނަށް މާޔޫސްކަމެއް އެރުވުމުގެ ގޮތުން ދަންނަވާ ވާހަކައެއް ނޫން. ދަންނަވަން މިއުޅެނީ ހަމަ ހިފަހައްޓަވައިލައްވައިގެން ތިއްބަވާށޭ. އަދި އަޅުގަނޑު ބުނަން އުޅޭ ވާހަކަ ދަންނަވައެއް ނުނިމެޔޭ. ދަންނަވަން މިއުޅެނީ އަޅުގަނޑުމެން ޓުއަރިޒަމް މިހާރު ޢާންމުކުރާކަށް އެހާބޮޑު ޝައުޤުވެރިކަމެއްނެތޭ. އެއީ އެހާ ގިނަ ރަށްތައް، އެހާ ގިނަ ފަޅުތައް ދެވިފައި ހުރީ. ދެވިފައި ހުރިއިރު، އެކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުން ލަދުގަންނަންޖެހޭވަރުގެ ކަންތައްތަކެއް ހިނގާފައި އޮތީ. މުޅި ސަރުކާރު ފަޟީޙަތްވެ، މުޅި ސަރުކާރު ޖަވާބުދާރީވާވަރުގެ ހިތްދަތިގޮތަކަށް އެކަންކަން ހިނގާފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެންގެ ޝައުޤުވެރިކަމެއް ނެތް އެކަން އެގޮތަށް ގެންދާކަށެއް. އަޅުގަނޑުމެންގެ ފަޅުތަކަށް، ރަށްތަކަށް ލިބެންވާ އެންމެ ރަނގަޅު ފައިދާ ލިބޭނެގޮތަކަށް އެކަން ކުރަން ބޭނުންވަނީ.
 
މިކަން ކުރާއިރު މިހާރު ޓުއަރިޒަމްގެ ތެރޭގައި އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަމަކީ، ތަރައްޤީ އަޅުގަނޑުމެން ގެންނަން ކަނޑައަޅާ ދާއިރާތަކުގައި ނޫނިއްޔާ ދެން ޓުއަރިޒަމްގެ މަސައްކަތްތަކެއް ނުހިނގާނެ. މާލެ ކައިރީގައި ހުރި ފަޅުތަކާ، މިހެންހުރި ތަންތަން ވަރަށް ބޮޑެތި އަގުގައި ނޫނިއްޔާ ދެން ނުދާގޮތަށް އެހެރީ. އަޅުގަނޑު ހަމަ މިސާލެއްވެސް ދަންނަވާލާނަން. އަޅުގަނޑުމެންނާއެކީ ޓުއަރިޒަމް މިނިސްޓަރު މި އިންނެވީ މިތަނުގައި. މާލެ ކައިރީގައި އޮތް ވަރަށްބޮޑު ފަޅެއް އެނބޫދޫ ފިނޮޅު ފަޅަކީ. ވަރަށްބޮޑު ފަޅެއް. އަޅުގަނޑުމެން އެއްއިރަކު ވިސްނިން، ދެވަނަ އެއަރޕޯޓެއް ދަންޏާ ދާންވީ ދިމާއަކީ އެއީއޭ. މާލޭގެ އާބާދީ ބޮޑުވެގެންދަންޏާ، އަނެއްކާވެސް މާލޭގެ އާބާދީ ބޮޑުކުރަން ހިއްކަން އޮތް ތަނަކީވެސް އެއީއޭ. އެހެންނަމަވެސް، އެ ފަޅަށް އަޅުގަނޑުމެން ހަމަ އެކިފަހަރު މަތިން ވާހަކަ ދައްކަމުން ގޮސްފައި، ކުރީގައި ލިބިފައި ހުރި އަގުތަކަށްވުރެ މާ ރަނގަޅު އަގެއް އަޅުގަނޑުމެންނަށް ލިބުނީމަ، އެ ފަޅު ދޫކޮށްލީ. އެހެން ނޫންނަމަ އެ ފަޅު އަދިވެސް އޮތީސް. އަޅުގަނޑުމެން ބޭނުންވަނީ އެ ފަޅުގައިވެސް އިތުރު ރަށްތަކެއް އުފައްދާފައި، ފަޅު ރަނގަޅު އަގެއްގައި ދޫކުރަން. އަޅުގަނޑުމެން އެ ފަޅު ދޫކޮށްލައިގެން މިއުޅެނީ ސާޅީސް މިލިއަން އެމެރިކާ ޑޮލަރަށް. އެހެންވީމާ، މިވަރުގެ ޢަދަދުގެ ފައިސާ ލިބޭ ކަންކަމަށް ނޫނީ، އަޅުގަނޑުމެންގެ އެހާ ބޮޑު ޝައުޤުވެރިކަމެއް ނެތް، މާލޭ ކައިރީގެ ފަޅުތައް، ނޫނީ ރަށްތައް ދޫކުރާކަށެއް. މި ފައިސާއަކީ އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބަށް ބޭނުންވާ ތަރައްޤީއަށް އަޅުގަނޑުމެން އިންވެސްޓް ކުރަން ބޭނުންވާ ފައިސާ. އެހެންވީމާ، މާލެ ކައިރީގައި ދެން ފަޅުތަކާއި ރަށްތައް ދާއިރު، ހަމަ ވަރަށް ބޮޑެތި އަގުގައި އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ނޫން ގޮތަކަށް އެކަންކަމެއް ނުދާނެ.
 
ދެން ދުރުގައި އަޅުގަނޑުމެން އަމާޒުކުރާ ދިމަދިމާއަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވޭ، އުތުރުގެ ރަށްރަށަކީ އަޅުގަނޑުމެން މިހާރު ޓުއަރިޒަމް ނެތީމަޔާއެކީ އަމާޒުކުރާ ދާއިރާތައް. އޭގެކުރީގައި އަޅުގަނޑު ހަމަ، ކުރީގެ ދަތުރެއްގައި ވާހަކަ ދައްކަމުން، ކުޅުދުއްފުށީގައި ދެންނެވިން. ކުޅުދުއްފުށްޓަށް އެއަރޕޯޓެއް އަންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަމޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ބަލަނީ، ހަމަ މިއަހަރުގެ ތެރޭގައިވެސް އެ އެއަރޕޯޓްގެ މަސައްކަތް އެތާ ފެށޭތޯ. އެ ފެށުމާއެކީ އެހިސާބަށް ދާންވާއިރަށް އަޅުގަނޑުމެން ބޭނުންވޭ އުތުރަށް އެއަރޕޯޓްތަކެއް ގެންދަން. އުތުރަށް އަޅުގަނޑުމެން ބޭނުންވޭ ޓުއަރިޒަމްގެ ތަރައްޤީ ގެންދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދު ކުރަނީ، ހދ.ގައި އެއަރޕޯޓާއެކީ، ކުޅުދުއްފުށީގެ އެއަރޕޯޓާއެކީ، ށ. ގައި، ފަރުކޮޅުފުނަދޫގައި އެއަރޕޯޓެއް ހެދިގެންދާނެ. މި ސަރަޙައްދަށް އަޅުގަނޑުމެން ބޭނުންވޭ، ޓުއަރިޒަމްގެ ރަށްތައް ގެންދަން. އެހެންވީމާ، ސަރުކާރުން ޓުއަރިޒަމަށް ޓާގެޓްކުރާ، އޭގެ މާނަޔަކީ އިޤްތިޞާދީ ދިރުން ގެންނަން ޓާގެޓްކުރާ ދާއިރާތަކަކަށް އަޅުގަނޑުމެން އެކަން ކުރާނަން.
 
ދެންމެ މިތަނުގައި ވާހަކަފުޅު ދައްކަވަމުން ތިޔަ ވިދާޅުވީ، ތިމަންނަމެންނަކީ އަބަދުވެސް މަސްވެރިކަމުގައި އުޅޭ ބައެކޭ. އެހެންވީމާ، މިނޫން އެހެން ގޮތެއް ހޯދައިދޭން. އަޅުގަނޑު ބޭނުމެއްނޫން، މިނޫން އެހެން ގޮތަކަށް އެކަން ދާކަށް. މަސްވެރިކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ލޭނާރު، މައި ނާރު. އެހެންވީމާ، މަސްވެރިކަމުގައި އުޅެން އެބަޖެހޭ. ދެންމެ ޢަޒީ އަޅުގަނޑު ކައިރީގައި ވިދާޅުވި، އެންމެ ބޮޑަށް މަސް ހިއްކާ ރަށްރަށުގެ ތެރޭގައި މާވަށް ހިމެނިގެންދާނޭ. އެހެންވީމާ، އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެ ޞިނާޢަތުން ދުރަށްދާންޖެހޭ ޞިނާޢަތެއް ނޫން. އެ ޞިނާޢަތަކީ އެއީ ވަރުގަދަ ޞިނާޢަތެއް. އަޅުގަނޑުމެން މިހާރު މި ބަލަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި އިތުރަށް މަސް ކޭނަރީ ހެދޭނެ ގޮތްތައް. އެއީ ރޮލާ މަސް ވިއްކަން އަޅުގަނޑުމެން ބޭނުންނުވަނީ. މަހަށް ފުރިހަމަ އަގު ހޯދުމަށްޓަކައި އަޅުގަނޑުމެން މިކަން މިކުރަނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއްނޫން، މަސްވެރިކަމުގެ ޞިނާޢަތާ ދުރަކަށް އެއްވެސް ބަޔަކު ދާކަށް.
 
މިހުރިހާ ވާހަކައެއް ދަންނަވާލާއިރުވެސް، އަޅުގަނޑު އަނެއްކާވެސް ހަމަ ބޭނުންވޭ، މާވަށުގެ ރައްޔިތުންގެ މޫނުފުޅުމަތިން ހިނިތުންވުން ފެންނަން. އެހެންވީމާ، ފުރަތަމަ އަޅުގަނޑަށް ހަމަ ހުރިހާ ބޭފުޅުންވެސް ސްމައިލެއް ދެއްވައިފިއްޔާ، ހިނިފުޅުވަޑުވައިލައްވައިފިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ. މިހުރިހާ ކަމަކާއެކުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާވަށަކީ އަތޮޅުގެ މިހާ ދުރުގައި އޮތް ރަށަކަށްވެފައި، ކުރިއަށް ދިޔުމުގެ ރޫޙު މާވަށުގައި ތިހާވަރަށް ހުރީމަޔާއެކީ، އަޅުގަނޑުމެން މާވަށް ކައިރިން އިންވެސްޓް ކުރަން، އަޅުގަނޑުމެން މިފަހަރު މާލެ ގޮސްފައި ހުޅުވައިލާނަން. މީގައި އެހެންނަމަވެސް، މިޔާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ފާހަގަކުރެވިފައި އެބައޮތް، ޢަޒީގެ ހެޔޮފުޅުކަމާއެކީ ދެ ރަށެއް. މި ރަށްރަށް ނަގާ ފަރާތަކީ ބޭރުގެ ފަރާތަކަށްވިޔަސް، ރާއްޖޭގެ ފަރާތަކަށްވީނަމަވެސް، އެއްފަހަރާ ފައިސާދީފައި ނަގާ ފަރާތަކަށްވާންޖެހެނީ. އެހެންނަމަވެސް، އަޅުގަނޑުމެން މާވަށުގެ ރައްޔިތުންނަށް އަރުވާ ހަދިޔާއަކީ، މިކަންކަމަށް ކުރިމަތިލާނެ ފަރާތްތައްވޭތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ މި އަހަރުގެ ތެރޭގައި، މާލަސްތަކެއްނުވެ، ހަމަ ބަލާނަން، ރަމަޟާން މަހުގެ ކުރިންވެސް މިކަން ކުރެވޭތޯ. އަޅުގަނޑުމެން އިޢުލާނު ކުރާނަން. ދެން ތިޔަބޭފުޅުންގެ މަސައްކަތްޕުޅު އޮތީ، ރަނގަޅު ބަޔަކު ހޯދައިގެން ހަމަ ޓުއަރިޒަމްގެ މަސައްކަތް ކުރެވޭނެގޮތެއް ހޯދުން.
 
 އެހެންވީމާ، މާވަށަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަންތައް، އަޅުގަނޑުމެން ހަދިޔާއެއްގެ ގޮތުން މިއަދު މި މާވަށަށް އެރުވީ. އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ޙަޤީޤަތުގައިވެސް ސަރުކާރުން ރައްޔިތުންނަށް އިޚްލާޞްތެރި، ބަލައިގަނެވޭނެ، ރައްޔިތުން ބޭނުންވާ ޚިދުމަތްތަކެއް ސަރުކާރަކުން ކޮށްދޭ ކަމަށްވަންޏާ، ސަރުކާރަށް ހިތްވަރު ދިނުމުގެ ގޮތުން، ސަރުކާރާއެކީ ތިބުމަކީ، އަޅުގަނޑު ހަމަ މިއަދުވެސް ކޮށްދޭން ބޭނުންވާ އިލްތިމާސް. އަޅުގަނޑުމެން އެނޫންގޮތަކަށް މަސައްކަތް ކުރާކަށް ނުޖެހޭ. އަޅުގަނޑުމެން މިހެންހުރި ރަށްރަށަށް ބޭނުންވާނެ، މިހެންހުރި ރަށްރަށުގައި ނުފުދިފައި ހުރި ކަންތައް ފުއްދައިދޭން. އަޅުގަނޑުމެންގެ ސިޔާސީ ފިކުރު، ކޮންމެ ދެމީހެއްގެ ފިކުރު ތަފާތުވެދާނެ. އެކަމަކު އާޚިރުގައި، ކޮންމެ ފިކުރެއްގައި ހުރި ނަމަވެސް، މި ކުރަން މިއުޅޭ ކަމަކީ، ރަށްރަށަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުން. މީހުންނަށް ފަރުދީ ތަނަވަސްކަން އިތުރުކޮށްދިނުން. މުޅި ދައުލަތަކީ އަބަދު ސަލާންޖެހުމުގައި މަގުމަތީގައި ތިބޭ ބަޔަކަށްނުވެގެންދިޔުން. އަދި އަޅުގަނޑުމެންނަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަދައިން، އަޅުގަނޑުމެންގެ ދައުލަތަށްވެސް، ދިވެހިރާއްޖޭގެ ނަންގަނެވުމުން، ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި، ދިވެހިރާއްޖޭގެ ނަންގަނެވުމުން، އަޅުގަނޑުމެންނަކީވެސް ކަރާމާތާއި ޝަރަފް ލިބިފައި އޮތް ދައުލަތެއް ކަމުގައި ބޭރުގެ އެހެން ދައުލަތްތަކުންވެސް ގަބޫލުކުރުން. އެހެންވެގެން އެހާވަރަށް ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގައި އޮންނަންވާނީ އިސްލާމްދީން ކަމަށް އަޅުގަނޑު ވަކާލާތު ކުރަމުން ގެންދަނީ. އަދި އެހެން ދީނަކަށް ޖާގައެއް ނެތްކަމަށްވެސް ވަކާލާތު ކުރަމުން ގެންދަނީ. ހަމަ މި ސަބަބަށްޓަކައި އަޅުގަނޑުމެން ހަމަ ދަންނަވަމުން މިގެންދަނީ، ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމާ އެއްވެސް ބަޔަކު ބެހުމުގެ ޙައްޤެއް، އެ އެއްވެސް ދައުލަތަކަށް ނޯންނާނެ. ބޭރުގެ ދައުލަތްތަކުން ކުރާ ކަންކަމުގައި އަޅުގަނޑުމެން ނުދަމޭ ފާޑުކިޔާކަށް. އަޅުގަނޑުމެން ނުބެހެމުއޭ. ދިވެހިރާއްޖޭގައި އެކަނި މުޒާހަރާ ކުރީމައެއްނޫނޭ، ފުލުހުން ނުކުމެ މުޒާހަރާތައް ރޫޅާލަނީ. ދުނިޔޭގެ އެންމެ ތަރައްޤީވެފައި ހުރި ޤައުމުތަކުގައި، އެންމެ ބޮޑެތި ޤައުމުތަކުގައިވެސް، އަޅުގަނޑުމެންނަށް ދާދި އިހަށްދުވަހުވެސް ފެނުނު، ވެރިކަންކުރާ ރަށުގައި، ހަމަ ދާދި ކައިރީގައި މުޒާހަރާ ކުރީމަ، އަޅުގަނޑުމެންނަށްވުރެ މާ އަނިޔާވެރިކޮށް އެކަންކަން ރޫޅާލާފައި އެހެރީ. އެހެންވީމާ، މިއީ ދުނިޔޭގައި ކަންތައް ހިނގާގޮތް. އެހެންވީމާ، އެފަދަ ޤައުމުތަކުގައި ހިނގާ ދާޚިލީ ކަންކަމަކާ އަޅުގަނޑުމެން ނުބެހެން އެއްގޮތަކަށްވެސް. 
 
އެހެންވީމާ، ދިވެހިރާއްޖެއިންވެސް މިކުރާ މަސައްކަތަކީ، ދިވެހި ދައުލަތުން ކުރާ މަސައްކަތުގެ ތެރޭގައި، މި ރާއްޖެ ތަރައްޤީ ކުރަން ކުރާ މަސައްކަތްތަކެއް މިކުރަނީ. ރާއްޖެ ތަރައްޤީ ކުރެވޭނީ، އަޅުގަނޑުމެންނަށް މިދެންނެވި ކަހަލަ ޢަޒުމެއްގެ މަތީގައި ތިބެގެން، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަކީ މިއަށް ޙިއްޞާކުރާ ބަޔަކަށްވެގެން. މިއަށް ޙިއްޞާ ކުރުމަކީ، އަޅުގަނޑުމެން މިކުރާ ކަންކަމުގައި ޚިޔާލުތަފާތުވާ ކައުންސިލަރުން ތިއްބެވި ނަމަވެސް، މުޅި ރަށުގެ ތަރައްޤީއަށް ވިސްނާފައި، މުޅި އަތޮޅުގެ ތަރައްޤީއަށް ވިސްނާފައި، ސަރުކާރުން ގެނެސްދޭ ތަރައްޤީގެ މަޝްރޫޢުތަކަށް ފަސޭހަކަމާއެކީ ޖާގަ ހޯދައިދިނުން. ބިން ހަމަޖައްސަން އެދޭ ކަމަށްވަންޏާ، ފަސޭހަކަމާއެކީ ބިން ހަމަޖައްސައިދިނުން. އަޅުގަނޑުމެން ދާދި އިހަކަށްދުވަހަކު ހިނގައްޖައިން، ހަމަ ރަށެއްގެ ރައްޔިތުންގެ އިލްތިމާސަށް. އަޅުގަނޑުމެން ދިޔައީވެސް ހަމަ މިސްކިތެއް ހުޅުވަން. މިއީ ﷲގެ ގެކޮޅު. މިއީ އަޅުގަނޑުމެން ހުރިހާ އިސްލާމުން ބޭނުންވާ ބިނާއެއް. ކިހިނެއްތޯ އެ ރަށުގައި ކަންތައްވީ؟ އެރަށުގެ ކައުންސިލުން މިސްކިތެއް އަޅާނެ ބިން، ސަރުކާރަށް ނުދިނޭ. މިސްކިތް އަޅާނެ ބިން ސަރުކާރަށް ނުދިން. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ، މިކަހަލަ ކަންކަމުގައި ސަރުކާރުގެ ބާރު ހިނގާނެއޭ. ދިވެހި ދައުލަތުގެ ބާރު، މި ސަރުކާރުގައި ނުހިނގާނެ އެއްވެސް ރަށެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެ ބިން ހޯދީ. އެހެންވީމާ، އަޅުގަނޑުމެން ބިން ހޯދާފައި، އެ ރަށުގައި މިސްކިތް ޢިމާރާތް ކޮށްފައި، އެ ރަށުގައި އެންމެ ފުރަތަމަ ދަޢުވަތު މި އަރުވަނީވެސް އަޅުގަނޑުމެންނަށް ބިން ނުދެއްވި އިދިކޮޅު ފިކުރުގައި ތިއްބެވި ބޭފުޅުންވެސް ފަރުޟު ފަސް ނަމާދަށް އެ މިސްކިތަށް ވަޑައިގަންނަވަން. އެހެންވީމާ، އެއީ ނޫންތޯ، އެކަން ކުރަންވާނެ ގޮތަކީ.
 
އެހެންވީމާ، މިހިސާބަށް އަޅުގަނޑުމެންގެ ވިސްނުން ގޮސްގެން ނުވާނެ. މިއީ ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް. މިހާރު މިސާލަކަށް، މިރަށުގައި ހުރިހާ ޒުވާނުން ބޭނުންވޭ، ބަށިކޯޓާއި ފުޓްސަލް ދަނޑު އަޅަން ބިން ބޭނުންވޭ. އެކަން ކުރަން ބޭނުންވޭ. މިރަށުގައި އެހެންވާނެއެކޭ ނޫން. އެކަމަކު ކައުންސިލުން އޭގައި ފިކުރު ތަފާތުވާ ކަމަށްވަންޏާ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރުން ލަސްވެއްޖެ ކަމަށްވަންޏާ، މިރަށުން ސަރުކާރުގެ އޮތް ތާއީދު ކުޑަވެގެންދާނެ ކަމަށްވަންޏާ، އެއީ ނުބައި ވިސްނުމެއް. އެކަން އޮތްގޮތް މިރަށުގެ ރައްޔިތުން، އެހެން ރައްޔިތުންނަށް ކިޔައިދޭނެ. ރަށެއްގެ ބިން ހަމަނުޖެހިގެން ގޮސްގެން، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަމެއް ކޮށްދިނުމުގައި ލަސްތަކެއްވާ ކަމަށްވަންޏާ، އެމީހުން ރުޅިއަންނާނީ ސަރުކާރުދެކެއެއް ނޫން. ބިން ސަރުކާރާ ޙަވާލުކުރުމަށް ދަތިކުރި މީހުންދެކެ ރުޅި އަންނާނީ. އެހެންވީމާ، މިއަދުވެސް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، ކޮންމެ ފިކުރެއްގައި ތިއްބެވި ނަމަވެސް، ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅޭފަދަ ކަންކަން ނުކުރަމާހެއްޔޭ. މިއީ ހުރިހާ ރައްޔިތުންގެ ތަރައްޤީއަށް ކުރާ ކަންތައް. މިރަށުގައިވެސް ފުޓްސަލް ދަނޑު ބޭނުންވާނެ. އަންހެން ކުދިން ހަމަ ބޭނުންވާނެ، ބަށިކޯޓުވެސް ބޭނުންވާނެ. އެހެންވީމާ، މިކަންކަން ކުރަން އަޅުގަނޑުމެންނަށް ޖާގަ ދެއްވަން އެބަޖެހޭ.
 
އެހެންވީމާ، މިކަހަލަ ވާހަކަކޮޅެއް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ. ދަންނަވާލާފައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިއަދު ސަޢޫދީ ސަފީރުގެ ނައިބުވެސް އިންނެވީމަޔާއެކީ، އަޅުގަނޑުމެންނަށް މިކުރެވޭ ވަރަށްގިނަ މަސައްކަތްތައް، އަޅުގަނޑުމެންގެ އުންމީދުތައް ފުރިހަމަކުރަން ކުރާ ވަރަށްގިނަ މަސައްކަތްތަކުގައި، ވަރަށްގިނަ މަސައްކަތްތަކުގައި، އަޅުގަނޑުމެންނަށް އެހީތެރިވާ ވަރަށްގިނަ ފަރާތްތައް އެބަވޭ. ޚާއްޞަކޮށް، ބޭރުގެ އެކިއެކި ޖަމްޢިއްޔާތައް. މިސާލަކަށް، އޯޕެކް ފަންޑަށްވިޔަސް، ސަޢޫދީ ފަންޑަށްވިނަމަވެސް. ޤައުމުތަކަށް ބަލާކަމަށްވަންޏާ، ސަޢޫދީ ސަރުކާރަށް ބެލިޔަސް، އިންޑިޔާ ސަރުކާރަށް ބެލިޔަސް، ޗައިނާ ސަރުކާރަށް ބެލިޔަސް.
 
އަޅުގަނޑު ހަމަ އުފަލާއެކީ ހަމަ މިއަދު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންނަށް މިހާރު މި ޒަޢާމަތުގައި މިކުރެވޭ ކަންތައްތަކުގައި، އަޅުގަނޑުމެން ހަމަ އެންމެގާތް، އެންމެގާތް އެކުވެރިއެއްގެ ގޮތުގައި ހިމެނޭ ދައުލަތްތަކުގެ ތެރޭގައި، ސަޢޫދީ ދައުލަތް އެބަ ހިމެނޭ. އެހެންވީމާ، އެ ގުޅުން މި އަންނަނީ، އަޅުގަނޑުމެން މިހާރު މިއަދު އޮތް ޒަޢާމަތުގެ ތެރޭގައި އޮތް ގުޅުމުގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީވެސް ފަށްފަށުން ސަޢޫދީ ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން. އަދި އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ސަޢޫދީ ރަސްގެފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެންގެ ހިތުގެ ލޯބި އެމަނިކުފާނަށް ޚާލިޞް ކުރެވިފައިވާ ވާހަކަ ދަންނަވަމުން. އަޅުގަނޑުމެން ވަރަށް އިޙްތިރާމް ކުރަން، އަޅުގަނޑުމެންނާ ދޭތެރޭގައި އެހާ ގާތްކޮށް ކަންތައްތައް ކޮށްދެއްވާތީ. ހަމައެކަނި އަޅުގަނޑުމެންނަށް ބޭނުންވާ މާއްދީ ތަރައްޤީއެއް ނޫން. އަޅުގަނޑުމެންގެ ޔުނިވަރސިޓީއަށް ބޭނުންވާ ލެކްޗަރަރުން، ނޫނިއްޔާ ޕްރޮފެސަރުން ތަމްރީނުކޮށްދިނުމާ، މިކަހަލަ އެތައް ބައިވަރު އެހީތަކެއްވެސް ސަޢޫދީ ސަރުކާރުން ވަނީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވާފައި. އިރާދަކުރެއްވިއްޔާ، މިކަންކަން ހަމަ ސަޢޫދީ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ފުދިގެންދާތަން އަޅުގަނޑުމެން ދެކޭނަން. މީގެ މަންފާ ލިބިގެންދާނީ އަޅުގަނޑަކަށެއް ނޫން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ އެއް ދައުރު ނިންމާފައި، ނޫނީ ދައުރުގެ މެދުތެރެއިން ހުވަފެނެއް ފެނިގެން ފަހަރެއްގައި ގޮނޑި ދޫކޮށްލާފައި ދާންޖެހިއްޖިއްޔާ ދާންތިބި ބައެއް. އެކަމަކު މީގެ މަންފާ ޙަޤީޤަތުގައި ލިބޭ ބަޔަކަށްވާނީ، ޙަޤީޤަތުގައި ލިބޭނީ ހަމަ ކޮންމެ ތަނެއްގައި އުޅުނަސް ދިވެހި ރައްޔިތުންނަށް.
 
 
އެހެންވީމާ، މި ތަރައްޤީއަށް އަޅުގަނޑުމެން ހުރަސްއެޅުމުގެ ބޭނުމެއް ނޫން ދޮއެއްތޯ. މިހެން ހުންނަ ބިނާތަކަކީ އެއްވެސް ސަރުކާރެއް ނިމިގެންދާއިރު، އެއްގޮތަކަށްވެސް އަޅުގަނޑުމެން ސޫޓްކޭސްއަކަށް ފަތްޖަހާލައިގެން އަޅުގަނޑުމެންގެ ގެޔަށް ގެންދެވޭނެ ޢިމާރާތެއް ނޫން. މިއީ ރައްޔިތުންގެ ބިނާ. މިއީ ރައްޔިތުންގެ ތަންތަން. އެހެންވީމާ، މިތަންތަން އަޅަންވެސް ހުރަހަކަށް ވެގެންނުވާނެ. އަދި އެތަންތަން އަޅައި ނިމުނީމަ، އެތަންތަން އަންދައިގެންވެސް ނުވާނެ. އެތަންތަނަކީ ރައްޔިތުންގެ ތަންތަން. އެތަނަކީ ވަކި ސަރުކާރެއްގެ ތަނެއް ނޫން. އެހެންވީމާ، ރައީސް މައުމޫން ކުރައްވާފައި ހުރި ކަމަކަށްވީމަ، ދެން އަންނަ ބަޔަކު ހިތްހަމަނުޖެހިގެން އެ ބިނާތައް ބިމާ ތިރިކުރުމަކީ ހަމަ ރައްޔިތުންގެ އަތުން ގެއްލޭ ފައިސާ. ރައްޔިތުންނަށް ލިބިގެންދާ އުނިކަން. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ނުކުރަންވީ ދޮއެއްތޯ. މިކަހަލަ ވާހަކަތައް ހަމަ ސިޔާސީ ޕޯޑިއަމްތަކުގައިވެސް، އެހެން ޕޯޑިއަމްތަކުގައިވެސް ރައްޔިތުންނަށް ވިސްނައިދެއްވޭތޯ ބައްލަވާ.
 
 
އަޅުގަނޑު ހަމަ ވަރަށް އުފާވޭ، މާވަށުގެ ރައްޔިތުންގެ ފަރާތުން ތިހާ ވަރުގަދަ ތާއީދެއް، ތިހާ ވަރުގަދަ އިތުބާރެއް އަޅުގަނޑަށާއި އަޅުގަނޑުގެ ސަރުކާރަށް ދެއްވާތީ. އަދި 2018ގެ ވާހަކަވެސް ވިދާޅުވީ. އަޅުގަނޑުމެން 2018ގެ ވާހަކަ ދައްކަނީކީ ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ 2018އާ ހަމަޔަށް އަޅުގަނޑުމެން ދަތުރުކުރާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިދިމައިގައި މިހިރަ ހުރިހާ ރަށްރަށަކީވެސް، ހުރިހާ ގޮތަކުންވެސް މިހާރަށްވުރެ ފުދުންތެރި ރަށްރަށަށް ވެގެންދިޔުން. އަދި އަޅުގަނޑުމެންގެ ޒުވާނުންނާއި، އިދިކޮޅު ފިކުރުގެ މީހުންނަކީވެސް ވިސްނުމުގެ ގޮތުން އިންޞާފަށް ލޯބިކުރާ ބައެއްގެ ގޮތުގައި ވެގެންދިޔުން.
  
އިރާދަކުރެއްވިއްޔާ، މިކަންކަމުގައި މާތްﷲގެ ހެޔޮ ދަރުމަ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި!
 
        والسّلام عليــكم ورحـمــة اللّـه وبـركاتـه.