بســم اللّـه الرّحمـن الرّحيــم
      
      
   ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
ބަނޑިދުއަށް އަޅުގަނޑުމެން މިއައީ ބަނޑިދޫގެ އުފަލުގައި ބައިވެރިވުމަށް. އަޅުގަނޑުމެން މި އުފަލުގައި ބައިވެރިވުމަށް ބަނޑިދުއަށް ޒިޔާރަތްކުރިހިނދު، ބަނޑިދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑާއި އަޅުގަނޑާއެކީ ދަތުރުކުރެއްވި އެންމެހައި ބޭފުޅުންގެ ފަރާތުން އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެންނަށް މި ވީޑިއޯގައިވެސް ބަނޑިދޫގެ ރައްޔިތުންގެ ޝުޢޫރުތައް އަދި މި ޖަލްސާގައި އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ފަރާތުންވެސް ބަނޑިދޫ ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތް ތިޔަ ވިދާޅުވެލެއްވީ. އެތަކެއް ޒަމާން ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ބަނދަރެއް. އިރާދަކުރެއްވިއްޔާ މި ބަނދަރު ޙަޤީޤަތަކަށް ވެގެންދިޔައިމަ، މަސްވެރިންނަށާއި އަދި އޮޑިވެރިންނަށް މީގެ ފަސޭހަތަކެއް ލިބިގެންދާނެ. އެކަމަށްޓަކައި ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑުމެންނަށް ބައިވެރިވެވޭތީ، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ﷲ އަށް ޙަމްދުކުރަން.
 
އާދެ، އަޅުގަނޑުމެންގެ ސަރުކާރު ހިނގާތާ މި މަހުގެ 17 ވަނަ ދުވަހަށް މި ދެއަހަރު ބައިވަނީ. ދެ އަހަރު ބައިވާއިރު އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިޔަ ބައެއް ކަންތައްތަކާ ދޭތެރޭގައި، ހަމަ ކުރުކުރުގޮތަކަށް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. ހަމަ ހައެއްކަ މިނިޓްގެ ތެރޭގައި ދަންނަވާލެވޭތޯ ބަލާނަން. އަޅުގަނޑަށް ދަސްވި ފިލާވަޅުތަކެއް އެބަހުރި. އަޅުގަނޑަށް ދަސްވި ފިލާވަޅުތަކުގެ ތެރޭގައި، ކެތްތެރިކަމާއެކީ ކަންކަން ވީހާ ރަނގަޅަކަށް ކުރަން ޚިޔާލުކުރާއިރުވެސް އަދި އެ ފުރްޞަތު ދޭން ބޭނުންނުވާ ބަޔަކު ތިބިކަން އަޅުގަނޑުމެންނަށް ފާހަގަވެގެން ހިނގައްޖެ. ފުރަތަމަ އެއް އަހަރުގެ ތެރޭގައި، ވަރަށް އޮމާންކަމާއެކީ ވަރަށް ރަނގަޅަށް ކަންތައްތައް ދިޔައީ. އަޅުގަނޑުމެންނެއް ރިޔާސީ ކޮމިޝަނެއް ހަދައިގެންނެއް، ކުރީގައި ހިނގައިދިޔަ ކަންތައްތަކެއް ބަލައި، އޭރު ކަންތައްތައް ހިނގާފައި އޮތްގޮތަށް އަދަބުދީ، މިކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ ފިކުރެއް ނެތް. އަޅުގަނޑުގެ މުޅި މަސައްކަތް ތާވަލު ކުރަމުންދިޔައީ، ތަރުތީބު ކުރަމުންދިޔައީ، ޤައުމު ބިނާކުރުމުގައި ހުރިހާ އެންމެން ގޮވައިގެން ކުރިއަށް ދެވޭތޯ ބަލަން. ސިޔާސީ ޚިޔާލު ތަފާތުވުން، ސިޔާސީ ފެންޑާތަކުގައި، ސިޔާސީ ފޯރަމްތަކުގައި ހިނގާނެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ ތެރޭގައި އެކަންކަންދާނެގޮތަށް ދިޔައީ. ވަރަށް އޮމާންކޮށް. ވަރަށްގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ޙާޞިލުވެގެންދިޔަ އެއްއަހަރު. އެހެންނަމަވެސް، އެ ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާން ބޭނުންނުވާތީ، ދެން ޖެހިގެން އައި މައްސަލަތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.
 
އަދި އެޔާއެކީ އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހުނު ދެވަނަ ޙަޤީޤަތަކީ، މިކަހަލަ ކުދިކުދި ޤައުމުތަކުގައި ޚާރިޖީ ސިޔާސަތަކަށް މާބޮޑު ޖާގަދޭން ބޭނުންނުވާ ބޭރުގެ ފަރާތްތައް ތިބިކަން. އަދި މިކަންކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދަޢުވަތުދީގެން، އަޅުގަނޑުމެންގެ ކަންކަމާ ބައްސަން ބޭރުގެ ފަރާތްތަކަށް އަދިވެސް ދަޢުވަތު ދެމުންދާކަން މިއީ އަޅުގަނޑުމެންނަށް ދަސްވި ފިލާވަޅެއް. އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ޚާރިޖީ ސިޔާސަތުގައި ދަސްވެފައި މި އޮންނަނީ، ކޮންމެ ޤައުމަކީވެސް މިނިވަން މުސްތަޤިއްލު ޤައުމެކޭ. އ.ދ.ގެ ބޮޑު ޢާއިލާގެ ތެރޭގައި ހިމެނޭ ކިތަންމެ ކުޑަކުޑަ ނަމަވެސް ފެމިލީ މެންބަރެކޭ ދިވެހިރާއްޖެއަކީވެސް. އެހެންވީމާ، ދިވެހިރާއްޖޭގެ ދުސްތޫރަށާއި، ދިވެހިރާއްޖޭގެ މުސްތަޤިއްލުކަމާއި މިނިވަންކަމަށް ހުރިހާ ދައުލަތްތަކުންވެސް އިޙްތިރާމް ކުރާނޭ. އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތަކީވެސް މިއީ. އަޅުގަނޑުމެންނާ ރަޙްމަތްތެރި ބަޔަކީ އަޅުގަނޑުމެންގެ ހުރި ނިކަމެތިކަން ގަބޫލުކޮށްގެން އަދި އަޅުގަނޑުމެންގެ ހުރި ނުކުޅެދުންތެރިކަން ގަބޫލުކޮށްގެން، އަޅުގަނޑުމެންނަކީވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޑުއުފުލާ އަދި އަޅުގަނޑުމެންނަށް ޤަދަރު ލިބިގެންވާ ބައެއްގެ ގޮތުގައި ގަބޫލުކުރާނެ ބައިނަލްއަޤްވާމީ މުޖުތަމަޢެއް އޮންނާނެ ކަމަށް މިއީ އަޅުގަނޑުމެން ގަބޫލުކުރިގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ނޫނެކޭ އަދި ކުދިކުދި ޤައުމުތަކުގައި ހިނގާ ކަންތައްތަކާ ބެހެން ބޭނުންވާ ބޮޑެތި ވަރަށްގިނަ ޤައުމުތައް އެބަ ހިމެނެޔޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެން ކައިރީ ބުނަނީ ނޫނެކޭ ދިވެހިރާއްޖެއަކީ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދިދަޔަކީ ހަމަ ޖައްވުގައި މިނިވަންކަމާއެކީ ވިހުރުވައިލެވޭ ދިދައެއް ގޮތުގައި ހުންނަންޖެހޭނޭ. އެހެންވީމާ، އ.ދ.ގެ މައި މަރްކަޒުގައިވެސް އަބަދުވެސް ދިވެހިރާއްޖޭގެ ދިދަ ހުންނަންވާނީ ނެގިފައޭ. އެހެންވީމާ، މި މިނިވަންކަމާއި އަޅުގަނޑުމެންގެ އިސްތިޤްލާލަށް ބުރޫއަރާ އެއްވެސް ކަމެއް ކުރަން ދިވެހިން ބޭރު ފަރާތްތަކަށް ޖާގަދޭން ބޭނުންނުވާކަން އަޅުގަނޑުމެން ހަމަ ބައިނަލްއަޤްވާމީ މުޖުތަމައުގައި ދަންނަވަމުން މިގެންދަނީ. ދެން އެކަމުގެ ތެރޭގައި ނުކުންނަ ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.
 
ދެން އަޅުގަނޑުމެންނަށް ނަގައިދިން އަނެއް ފިލާވަޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެންނަނީ ދިވެހިރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައިވެސް ބޭނުންވެފައި ހުރި ކަންތައްތަކެއް އެބަހުއްޓޭ. އަދި އަޅުގަނޑުމެން ބަދަލުތަކަކަށް ލޯބިކުރާ ބައެއް ކަމުގައި ދިވެހިންވަމޭ. އަޅުގަނޑުމެންގެ ދިރުން އެބަހުއްޓޭ. އަޅުގަނޑުމެންގެ އުންމީދުތަކެއް އެބަހުއްޓޭ. އަޅުގަނޑުމެން ވާސިލުވާން ބޭނުންވާ މަންޒިލްތަކެއް އަޅުގަނޑުމެންނަށް އެކަށައަޅަން އެނގެޔޭ. އަދި ދިވެހި ކަންކަމުގައި، ދިވެހިންގެ ތެރޭގައި އުފެދޭ ކަންކަމުގައި ދިވެހިރާއްޖޭގެ ތެރެއިން ޙައްލުތަކެއް ހޯދުމުގެ ޤާބިލުކަންވެސް ﷲ އަޅުގަނޑުމެންގެ ސިކުނޑިތަކަށް މިންވަރު ކުރައްވާފައޭ މިހިރީ. އެހެންވީމާ، މިކަންކަން ކުރުމުގައި އަޅުގަނޑުމެންނަށް އެ ޤާބިލުކަން ސާބިތުކޮށްދިނުމަށް ޖާގަ ލިބެންޖެހެޔޭ. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރަށްރަށަށް ދަތިވެފައި ހުރި އެތައް ބައިވަރު މިކަހަލަ ކަންތައްތަކެއް ކުރުމަށްޓަކައި ސަރުކާރުން، ސަރުކާރުގެ ވަޒީރުން ހަމަ ވަރަށް ބުރަކަމާއެކީ އެއްވެސްކަހަލަ ވަރުބަލިފުޅުވުމެއްނެތި މަސައްކަތްތައް ކުރައްވަމުން ގެންދަވާތަން.
 
މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި އަތޮޅަށް، މި ދާއިރާއަށް ކުރާ ޒިޔާރަތުގައިވެސް ހަމަ މިނިސްޓަރ މުޢިއްޒުގެ، އަދި މިނިސްޓަރ މުޢިއްޒާއި، އެމަނިކުފާނުގެ ޓީމުގެ ހީވާގިކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ހަމަ ޝުކުރު ދަންނަވަން. އަދި އެޔާއެކީ އެމް.ޓީ.ސީ.ސީ. ކަހަލަ ކުންފުނިތަކުން، އެމް.އާރު.ޑީ.ސީ، މިކަހަލަ ކުންފުނިތަކުންވެސް ހަމަ ރައްޔިތުންގެ ޚިދުމަތުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މުޅި ރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް. އެހެންވީމާ، ހިތަށް މިއަރަނީ މި ރާއްޖެއަކީ ކޮންބައެއްގެ ރާއްޖެއެއްބާވައޭ؟ މި ރާއްޖެއަކީ ވަކި ބޭރުގެ ވާހަކަ ދައްކަން އެތިބޭ މަދު ބައެއްގެ ރާއްޖެއެއްބާވައޭ؟ މި ރާއްޖެއަށް އައިމަ އަޅުގަނޑުމެންނަށް ފެންނަނީ، ދަތުރުކުރީމަ އަޅުގަނޑުމެންނަށް ފެންނަނީ، އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންކަން ކުރަން. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ، އަޅުގަނޑުމެން ދާ ކޮންމެ ދިމާއަކުންވެސް މަރްޙަބާއެއް މި ކިޔަނީ މިކަހަލަ ކަންތައްތައް ކޮށްދޭށޭ.
 
އެހެންވީމާ، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެއެއް. އެންމެންގެ ދިވެހިރާއްޖެއެއްގެ ގޮތުގައި މިތަން ބާއްވަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގައި އަޅުގަނޑުމެން ތިބުމުގެ ޖާގަ އެބަ ލިބެންޖެހޭ. ދެން އަޅުގަނޑުމެން މިގެންނަ ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ މުއްސަނދިކަން އިތުރުވާނެ ގޮތްތަކެއް. އެއީ ހަމައެކަނި ދައުލަތުގެ މުއްސަނދިކަމެއް ނޫން. ފަރުދުންގެ މުއްސަނދިކަން އިތުރުވާނެ ގޮތްތައް ހޯދައިދިނުމުގެ ޖާގަ ސަރުކާރުން ހޯދައިމިދެނީ. ސަރުކާރުން ހޯދައިދޭ ޖާގައިގެ ތެރޭގައި، ސަރުކާރުގެ އިޤްތިޞާދުގެ ލޭނާރު ކަމުގައި ބެލިގެން މި އަންނަނީ ޓުއަރިޒަމްގެ ޞިނާޢަތު. ޓުއަރިޒަމްގެ ޞިނާޢަތް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި ފަތުރުވެރިން ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރެވޭނެގޮތް އެބަ ހޯދައިދޭންޖެހޭ. ގިނަ މަތިންދާބޯޓުފަހަރު ޖެއްސޭނެ ޖާގަ އެއަރޕޯޓްގައި ހޯދަން އެބަޖެހޭ. އަދި ގިނަ ފަސިންޖަރުންނަށް ކަސްޓަމްގެ ޚިދުމަތާއި، އިމިގްރޭޝަން ޚިދްމަތް ލިބޭނެ ޓަރމިނަލް ބިލްޑިންގއެއް އެބަ ހަދަންޖެހޭ. މިއީ ބިޔަ ބޮޑު މަޝްރޫޢެއް. އެހެންނަމަވެސް، މިކަން ކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންގެ އަތުގައި މިހާރު މިހިރަ ރިޒޯޓްތައް، އިތުރު ރިޒޯޓްތައް ގެނެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން މިރަށުގައި، ހަމަ މިތަނުގައި މި މޫދުގެ ތެރޭގައި މޫދަށް އެރޭނެ ތަންކޮޅެއް ހަދަން ބަލާއިރުވެސް ހަމަ ފައިސާ މި ބޭނުންވަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެއަރޕޯޓް ތަރައްޤީކޮށްގެން، އިތުރު ފަތުރުވެރިން ގެންނާނެ ގޮތް ހޯދަން. އެ ހޯދިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް މީދޫގެ ރަށުގެ ބޭރުގައި ހިއްކާލާފައި އޮތް ތަނުގައި ފަސްތަރީގެ ހޮޓަލެއް އަޅާނެ މީހަކުވެސް ނުވާނެ އަޅުގަނޑުމެންގެ ތެރެއަކުންނެއް.
 
އެހެންވީމާ، މިކަމަށް އަޅުގަނޑުމެން އެބަޖެހޭ މާއްދީ ތަނަވަސްކަން ހޯދަން. މިކަން ކުރިއަށް ދެވެން މިއޮތީ ހަމަ ޓުއަރިޒަމްގެ ޞިނާޢަތު އަޅުގަނޑުމެން ކުރިއަށް ގެންގޮސްގެން. އަޅުގަނޑުމެން ޓެކްސް ނަގަންވެސް ހަމަ މިތިބީ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ހީވާގި މުރާލި ބޭފުޅުންގެ އަތުން ޓެކްސް ނަގައިގެން މި މަސައްކަތް މި ކުރަންޖެހެނީ. އެހެންވީމާ، މިކަންކަން ކުރަން އެއަރޕޯޓް ތަރައްޤީ ކުރާއިރު، އަޅުގަނޑުމެން ބޭނުންވަނީ ބޮޑެތި ފައިސާ އެކަންޏެއް ނޫން. މީގެ ހަތަރު ފަސް އަހަރު ކުރިން ދޮއެއްތޯ، މި އެއަރޕޯޓް އަޅުގަނޑުމެން އަތުން ބީވެގެން ގޮސްފައި އޮތީ. މިއަދު ހަމަ މި އެއަރޕޯޓްގެ ވާހަކައާއި ތަރައްޤީގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނާ އިދިކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ ޚިޔާލުފުޅަށް އާދޭބާ، މި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް އޮތީސްތޯ؟ އެ ސުވާލު ކުރައްވާނެބާ، އަޅުގަނޑު ހިތަށްއަރާ މިއަދު. މި އެއަރޕޯޓެއް އަޅުގަނޑުމެންނަށް ތަރައްޤީއެއް ނުކުރެވުނީސް އެއަރޕޯޓްގެ ކަންތައް އޭރު ނިންމާފައި އޮތްގޮތަށް އޮތްނަމަ. އެކަމަކު މިއަދު އެބަ ގަބޫލުކުރަންޖެހޭ ޙަޤީޤަތުގައި ދިވެހި ދައުލަތުންވެސް ހިސާބުތަކެއް ހަދާފައި އިންވެސްޓް ކުރަނީ. ދިވެހި ދައުލަތުން ހިސާބުތަކެއް ހަދާފައި، އަށްސަތޭކަ މިލިއަން ޑޮލަރު އިންވެސްޓް މިކުރަނީ އެއަރޕޯޓާއި، ރަންވޭއާއި އަދި ޑޮމެސްޓިކް ޓަރމިނަލްއާ މިހުރިހާ ކަމެއް ކުރަން. އަށްސަތޭކަ މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ދިވެހި ސަރުކާރުން އެއަރޕޯޓަށް ލޯނު ނަގައިގެން ކުރާނީ އެއަށްވުރެ ބޮޑު އާމްދަނީއެއް މުސްތަޤްބަލުގައި ލިބޭނޭތީ.
 
އެހެންވީމާ، އެވަރުގެ އާމްދަނީއެއް ލިބެން އޮތް ކަމެއް، މީގެ އަހަރުތަކެއް ކުރިން މިއޮތީ ގާތްގަނޑަކަށް ހަތްދިހަ ނުވަވަރަކަށް މިލިއަން އެމެރިކާ ޑޮލަރަށް ބޭރު ބަޔަކަށް ދީފައި. ދެން އެޔާ ގުޅިގެން އައި މައްސަލަތަކުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާ ވަންނާނެ ގޮތްތައް އެކީ ހުސްވެގެން ދިޔައީ. މެލޭޝިޔާގައި ތިބި ކިޔަވާކުދިން ހަމަގައިމު ބުނޭ، ތިމަންނަމެންނަށް މިހާރު ޑެބިޓް ކާޑަކަށްވެސް ފައިސާއެއް ނުނެގެއޭ. ޑޮލަރު ލިބޭނެގޮތެއްނެތޭ. ޙައްޖަށްދާން ކިޔު ޖައްސާ ވާހަކަ ދައްކާ. އެވާހަކަތައް މިހާރު އަޅުގަނޑުމެން ހަނދާންނެތުނީ. އެހެންވީމާ، މިކުރެވޭ މަސައްކަތަކީ ބޮޑެތި ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތް. އެ މަސައްކަތުގެ ނަތީޖާއަކަށްވާނީ، ހަމަ އެއަރޕޯޓްގައިވެސް އަނެއްކާ ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދައިދޭނެ ފުރްޞަތުތަކެއް އިތުރުވެގެންދިޔުން. އެކިއެކި ވިޔަފާރިތައް، ތަފާތު ވިޔަފާރިތައް ކުރެވޭނެ މަގު އެއަރޕޯޓްގައި ފުދިގެން ދިޔުން. އެއީ އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތަކީ.
 
ހަމައެޔާއެކީ ހުޅުމާލެ، ޒުވާނުންގެ ޝަހަރެއްގެ ގޮތުގައި، ނޫނިއްޔާ ޒުވާނުންގެ ޓައުނެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ބޭނުމަކަށްވަނީ، ކުދިކުދި ރަށްރަށުގައި މިތިބޭ ޒުވާނުން. ހަމައެކަނި މަސްވެރިކަމުން އާމްދަނީ ލިބިގެން އުޅޭ ތަންތަނުގައި ތިބޭ ޒުވާނުންނަށްވެސް އަޅުގަނޑުމެން ދަންނަވަން ބޭނުން، މިނޫން އެހެން ފުރްޞަތުތައްވެސް އެބަހުއްޓޭ. އެކަމަކު ފުރްޞަތުތަކެއް، ވިޔަފާރި ކުރުމުގެ ފުރްޞަތެއް ރާއްޖޭގެ ހުރިހާ ދިމާއެއްގައި ގެންދިޔުމަކީ ފަސޭހަ ކަމަކަށްނުވޭ. ގިނަ ވަގުތުތަކެއް ނަގާ. އަޅުގަނޑުގެ ޕްލޭނިންގ ޓައިމްޓޭބަލްގައި ބާކީއޮތީ ދެއަހަރު ބައި. މި ދެއަހަރުބަޔަކީ މިވަރުގެ ކަންތައްތައް މުޅި ރާއްޖެއަށް ޢާންމުކޮށް ފަތުރައިލެވޭނެ މުއްދަތެއް ނޫން. އެހެންވީމާ މިކަން ކުރަން ޝޯޓްކަޓްތަކެއް އަޅުގަނޑުމެން ނަގަންޖެހޭ. ކުރު މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކުރަން އެބަޖެހޭ. ކުރާއިރު މިކަހަލަ ބޮޑެތި ބަދަލުތަކަކާ ދިމާޔަށް އަޅުގަނޑުމެން ދަތުރުކުރަން މިޖެހެނީ. އެހެންވީމާ، މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ނަގައިދިން އެއް ފިލާވަޅަކީ، އަޅުގަނޑަށް ލިބުނު އެއް ފިލާވަޅަކީ މިއީ. އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ނިމުމެއް ނެތް. އިންތިހާއަށް އަޅުގަނޑުމެން ބޭނުންވާ ކަންތައް އިތުރުވޭ. އެކަމަކު އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ ދޮރުތައް ބަންދުކުރަން ބަޔަކު މަސައްކަތް ކުރާއިރުވެސް ދައުލަތް ހިންގަން ތިބި ބަޔަކު ފައިސާ ލިބޭނެ ގޮތްތަކެއްވެސް އެބަ ހޯދަންޖެހޭ. އަދި ޒުވާނުންނަށް ވަޒީފާދޭން އެބަޖެހޭ. އަދި މި ދައްކަނީ ގެއްލިފައި ހުރި އެހެން ޙައްޤުތަކުގެ ވާހަކަ އެކަންޏެއްވެސް ނޫން. ހަމަ ދިރިއުޅުމަށްޓަކައި ޒުވާނުން ގެދޮރުވެރިކަން ނެތީމަ، ފުރާޢުމުރަށް ގޮސްފައި ތިބި މީހުންވެސް މީހުންނާ ނީނދެ ދަތިކަމުގައި އުޅޭކަމަކީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް މިއަދު. އެހެންވީމާ، ގެދޮރުވެރިކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރާއިރު، ގެދޮރުވެރިކުރުވޭނެ ބިންތައްވެސް އެބަ ހޯދަންޖެހޭ. އަޅުގަނޑުމެންނަށް ފަހަރުގައި މީދޫގައި 20 ހެކްޓަރު އިތުރުކުރެވުނީ. ކުޑަހުވަދޫގައި 40 ހެކްޓަރު އިތުރުކުރެވުނީ. އެކަމަކު މިހެން ހުންނަ ތަންތަނުގައި ގެދޮރުވެރިކުރެވޭނެ ގޮތްތަކެއް އަދި އިތުރަށް ކުރަންޖެހޭ މަސައްކަތް މިއީ.
 
 އެހެންވީމާ، ހުޅުމާލޭގައި މިދޭތެރެއިން އިޢުލާނުވެގެން މިދިޔައީ، ދިވެހި ޒުވާނުންނަށް، ހަމައެކަނި މާލޭގައި ދިރިއުޅޭ ރާއްޖޭގެ އެކިހިސާބުގެ ބޭފުޅުންނަށް އެކަންޏެއް ނޫން. އެހެން ހިސާބުތަކުންވެސް މީހުން އަންނާށޭ. ފަނަރަހާސް ހައުސިންގ ޔުނިޓް ހެދޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ތެރޭގައި ނިންމޭތޯ އަޅުގަނޑުމެން ބަލަނީ. މި ދާންޖެހޭ ބަދަލުތަކަކީ ބޮޑެތި ބަދަލުތަކެއް. ލޯ މަރާލާފައި ކެރިގެން ގެންނަންޖެހޭ ބަދަލުތަކަކާ ދިމާއަށް ދާން މިޖެހެނީ. އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގުލީ މިހާރު ބައެއް ދިމަދިމާލުގައި އެހާ ނިކަމެތިކަންމަތީގައި އަބަދު ދާއިމަށް އަޅުގަނޑުމެންގެ ރައްޔިތުން ތިބެން ޖެހިދާނެ ކަމަކަށް ގަބޫލުކުރާކަށް ފަސޭހައެއް ނޫން. އެހެންވީމާ، ބޮޑެތި ބަދަލުތަކަކާ ދިމާއަށް ދާންޖެހެނީ. ދާއިރު ވަގުތީގޮތުން ހަމަ ބޮޑެތި ދަރަނި އަޅުގަނޑުމެންގެ ބޮލުގައި އަޅާފައި، ލޯނު ނަގައިގެން މިކަންކަން ކުރެވޭތޯ ބަލަނީ.
 
ހަމައެޔާއެކީ އެކުރާ މަސައްކަތުގެ ތެރޭގައި ހަމަ ދަތުރުފަތުރު ކުރުން އަޅުގަނޑުމެންނަށް މިއޮންނަނީ ދަތިކަމަކަށްވެފައި. މީގެކުރީގައި ހުޅުލެއާއި މާލެއާ ދޭތެރޭގައި އަނގަމަތީ ދޯނީގައި ފެރީ ދަތުރު އަޅުގަނޑުމެން ކުރީމު އިހަށްދުވަހާ ޖެހެންދެން. އެއީ އެމް.ޓީ.ސީ.ސީ އިން އެއަރކޮންޑިޝަން ކެބިންލާފައި ހުރި ފެރީ ގެނެވެންދެން. އަޅުގަނޑުމެން އެކަން ތަޙައްމަލްކުރި. އެކަމަކު މިހާރު އަޅުގަނޑުމެންނަށް ފަސޭހައީ ހަމަ އެ ފެރީގައި ދަތުރުކުރަން. އެކަމަކު ހުޅުލެއާއި މާލެއާ ދޭތެރޭގައި ބްރިޖެއް އެޅުނީމަ، ދެން އަޅުގަނޑުމެން ބޭނުންވާނީ ހަމަ ޒުވާނުންވެސް ހަމަ ސައިކަލްގައި ދަތުރުކުރަން. އަދި އެއަރކޮންޑިޝަން ކާރުގަޔާއި ބަހުގައި ދަތުރުކުރަން ބޭނުންވާނީ. މިކަންކަން ކުރަން ލާރި އެބަ ހޯދަންޖެހޭ.
 
އެހެންވީމާ، އެއްބަޔަކު މަސައްކަތް މިކުރަނީ މިހެންހުރި ބޮޑެތި ކަންތައްތައް ހޯދައިގެން، ދައުލަތަށާއި ވިޔަފާރި ކުރަން ކުޅަދާނަ ދިވެހި ރައްޔިތުންނަށް ފުރްޞަތުތަކެއް ހޯދައިދޭން ކުރާ މަސައްކަތް. މި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ދެ އަހަރު ބައެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ނަގައިދިން އެއް ފިލާވަޅަކީ މިއީ. ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ. އިޤްތިޞާދީ ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނިއްޔާ، އިޖުތިމާޢީ ގޮތުން ރާއްޖޭގައި މިހިރަ މައްސަލަތަކަށް ޙައްލުގެނެވޭކަށެއް ނެތް. ރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ބަލާކަމަށްވަންޏާ، މައްސަލަތައް އުފެދެމުން މި އަންނަނީ ޒުވާނުންނަށް ވަޒީފާ އަދާކުރުމުގެ ފުރްޞަތުދީ، ޒުވާނުންނަށް ޒުވާނުންގެ ވަގުތުތައް ހެޔޮގޮތުގައި މަޝްޣޫލުވެގެން އުޅޭނެ ކަންތައްތަކެއް ނެތީމަ. އެ ސަބަބަށްޓަކައި ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ފުޓްސަލް ދަނޑުތަކާއި، ބަށިކޯޓާއި، އެކިކަހަލަ ކުޅިވަރު އިންފްރާސްޓްރަކްޗަރުގެ ވާހަކަވެސް މި ދެއްކެނީ. އެޔާއެކީ ކުރަންޖެހޭ މަސައްކަތަކީ، ކޮންމެ ދިމާލެއްގައި އުޅުނަސް ވަޒީފާ ލިބޭނެ ކޮންމެވެސް ކަހަލަ ގޮތްތަކެއް ހަދައިދޭން އެބަޖެހޭ.
 
އެހެންވީމާ، މިކަހަލަ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިއީ ދެއަހަރެއްހާ ދުވަހުގައި އަޅުގަނޑުމެންނަށް ނަގައިދިން ފިލާވަޅު. މިހާރު ފަނަރަހާސް ހައުސިންގ ޔުނިޓްގެ ވާހަކަ ދައްކާފައި، އަޅުގަނޑުމެން މަސައްކަތްކުރާ ހިސާބަށްދާއިރު، އަޅުގަނޑުމެންނަށް އެނގޭ، އަދި ފަނަރަހާސް ހައުސިންގ ޔުނިޓަކުން އަޅުގަނޑުމެން މި ކުރަންއުޅޭ މަސައްކަތަށް އަދި ނުފުދޭކަން. އަދި އޮތީ މިކަހަލަ އެތައް މަޝްރޫޢެއް ހިންގަން. އެހެންވީމާ، އެއްބަޔަކު މި ހިންގަން ބޭނުންވާ މަޝްރޫޢުތައް ހިންގުމުގެ ޖާގަ އެބަ ލިބެންޖެހޭހެން އަޅުގަނޑަށް ގަބޫލުކުރެވޭ. މިކަންކަން އަޅުގަނޑުމެން ކުރުމުގެ ތެރޭގައި އަޅުގަނޑުމެން މިކުރަނީ އެއްވެސްކަހަލަ މީހެއްގެ ޙައްޤަށް ގެއްލުމެއް ނުލިބި ކުރެވޭ ކަންތައް. އަޅުގަނޑުމެންނަށް މިހާރު ކުއްލިއަކަށް މި އިވެނީ ކޮމަންވެލްތަކާއި ސީމެގަކާ، މިހެން ކަންތައްތައް އުޅޭކަން. މީގެކުރީގައިވެސް، މީގެކުރީގެ ސަރުކާރުތަކުން ސިޔާސީ މީހުން އެބަހުރި ބަންދުކޮށްފައި. އޭރު އ.ދ. އެއް، ކޮމަންވެލްތެއް، އަދި އެހެންވެސް ބައެއް އުޅޭކަމެއް އަޅުގަނޑުމެން ދިވެހިންނެއް ނުދަނޭ. އެކަމަކު މިހާރު ދިވެހިރާއްޖެ މަޝްހޫރު ވެގެން މިދަނީ މިހާރު މި ހިނގާ ކަންތައްތަކާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން، ނޫނީ ދުނިޔޭގެ ވަކި ކަންކޮޅުތަކަކު ތިބި ދައުލަތްތަކުގެ ސަމާލުކަން ދިވެހިރާއްޖެއަށް ހުއްޓެނީ. އެއްގޮތަކުން ވަރަށް ރަނގަޅު. ޓުއަރިޒަމްގެ ޗާޓްގައި އަޅުގަނޑުމެން އިޝްތިހާރުވެގެން އެބަދޭ. މިއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން. އެކަމަކު އެޔާއެކީ އަޅުގަނޑުމެންގެ ސިޔާދަތާއި، އަޅުގަނޑުމެންގެ ދައުލަތުގެ އިސްތިޤްލާލަށް އިޙްތިރާމްކުރާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި އެ ބަޔަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ވަރަށްބޮޑު ޢަދަދެއް. އަޅުގަނޑުމެންގެ މިނިވަންކަން އެއްވެސް ބަޔަކަށް، އަޅުގަނޑުމެންގެ އިސްތިޤްލާލު އެއްވެސް ބަޔަކަށް ކުޑަކަކޫ ޖައްސަން ބޭނުންނުވާ މީހުން ދިވެހިރާއްޖޭގައި ގިނައީ.
 
އެހެންވީމާ، މިކަހަލަ މަސައްކަތްތަކެއް ކުރާއިރު، އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. އެހެންނަމަވެސް، އަޅުގަނޑުމެން އުންމީދު ކުރަން ބޭނުންވަނީ، އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދިވެހިންނަކީ މިއަށްވުރެ ތަނަވަސްކޮށް އުޅެވޭނެ ބަޔަކަށްވެގެންދިޔުން. ހަމަ އެންމެ ރަނގަޅު ދޮއެއްތޯ އަޅުގަނޑުމެން ސިންގަޕޫރަށްދާހެން އެހެން ޤައުމުތަކުގެ މީހުން މިއީ ސިންގަޕޫރު ކަމަށް ހީކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްލަންވެސް. ކީއްވެތޯ އަޅުގަނޑުމެންނަށް އެހިސާބަށް ނުދެވޭންވީ؟ އަޅުގަނޑުމެންގެ ތެރޭގައި ވަސީލަތްތައް ތަރައްޤީ ކުރެވޭނެގޮތް އަޅުގަނޑުމެންނަށް އެ ވިސްނުން ހުރެއްޖެ ކަމަށްވަންޏާ އެކަން އަޅުގަނޑުމެން ކުރަންވީ. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭވަރުގެ ކަންކަން. އަޅުގަނޑުމެންގެ އެއަރޕޯޓް ހެދިގެން، އަޅުގަނޑުމެންގެ ޓުއަރިޒަމް ހެންޑްލްކުރާވަރު މިހާރު ގާތްގަނޑަކަށް 1.2 މިލިއަން، 1.5 މިލިއަން ހެންޑްލްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން އިންތިޒާރު މިކުރަނީ، ގާތްގަނޑަކަށް 7 މިލިއަން ފަސިންޖަރުން، ނޫނިއްޔާ 7 މިލިއަން ޓުއަރިސްޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާވަރުގެ އެއަރޕޯޓެއް ހެދޭތޯ. މިކަހަލަ އިޤްތިޞާދީ ބޮޑެތި މަސައްކަތް ކުރަން އަޅުގަނޑުމެން ޖާގަ ހޯދަނީ. މިކަން ކުރުމުގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެން ދެކޭ އުންމީދު، އަޅުގަނޑުމެން ދެކޭ ހުވަފެން ޙަޤީޤަތަކަށްވޭތޯ ބެލުން. މިއަދު އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑެއްގެ ގޮތަށް ބޮލަކަށްޖެހޭވަރު، ޖުމްލަ ދިވެހިރާއްޖެއަށް އުފައްދާ ތަކެތީގެ އަގު، ދިވެހިރާއްޖޭގެ އާބާދީގެ މައްޗަށް ބަހާލީމަ، ބޮލަކަށްޖެހޭވަރު މިއުޅެނީ ގާތްގަނޑަކަށް ފަސްހާސް އެމެރިކާ ޑޮލަރުގައި. ނޫނިއްޔާ ފަސްހާހަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުގައި.  ކީއްވެގެންތޯ އަޅުގަނޑުމެން އެ ޢަދަދު ދެގުނަޔަށް ޖައްސާތީ އެކަމާ ބަޔަކު ހިތްހަމަނުޖެހިގެން އުޅެންވީ؟ މީގެކުރީގައިވެސް އެ ފުރްޞަތު އެހެން މީހުންނަށް ލިބިއްޖެއޭ.
 
އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ، މިކުރެވޭ ހުރިހާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ބަނޑިދޫގައި ތިބި ދިވެހި ރައްޔިތުންގެވެސް، ބަނޑިދޫގައި ތިބި ދިވެހިންވެސް، މުއްސަނދިކަން މިދެންނެވި ގޮތަށް ބެހިގެންދިޔުން. އޭރަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ، ދިވެހިރާއްޖޭގެ ޞިއްޙީ ފަރުވާ ހޯދަންވެސް ހަމަ މައުންޓް އެލިޒަބަތު ކަހަލަ ހޮސްޕިޓަލަކުން ލިބޭ ފެންވަރުގެ ޚިދްމަތް، ޞިއްޙީ ޚިދްމަތް އަޅުގަނޑުމެންނަށް ލިބޭނެކަން. މިއަދު އަޅުގަނޑުމެން ދޯނިފަހަރާއި، ލޯންޗްފަހަރާއި އަދި ސްޕީޑް ލޯންޗްގައި އަޅުގަނޑުމެން ދަތުރުފަތުރުކުރިޔަސް، އަޅުގަނޑުމެންވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ޞިއްޙީ ފަރުވާއަކީވެސް ހަމަ ދުނިޔޭގައި މި ސަރަޙައްދުގައި ލިބެންހުރި އެންމެ ރަނގަޅު ފަރުވާއަށް ވެގެންދިޔުން. އެހެންވެގެން އަޅުގަނޑު އަބަދުވެސް ދަންނަވަނީ، އަޅުގަނޑުމެން އުންމީދުތަކެއް އެބަ ކުރަންޖެހެޔޭ. ހުވަފެންތަކެއް އެބަ ދެކެންޖެހެޔޭ.
 
އެހެންވީމާ، މި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑު ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވަނީ، އަޅުގަނޑުމެންނާއެކީ ކެތްތެރިވެވަޑައިގަންނަވާށޭ. ސަރުކާރާއެކީ މަސައްކަތް ކޮށްދެއްވާށޭ. ސަރުކާރުން މިކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި މިހެންހުރި ކަންތައްތައް ފުއްދައިދޭން. ބޮޑެތި ކަންތައްތައް ފުއްދާއިރުވެސް ހަމައެޔާއެކީ އިތުރު ކަންތައްތައް ހުންނާނެކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އެހެންނަމަވެސް، އާޚިރުގައި މި ތަރައްޤީގެ ބެނެފިޝަރީންނަކީ ނޫނީ މަންފާ ލިބޭ ފަރާތަކަށްވާނީ ދިވެހި ރައްޔިތުން. އަދި ދިވެހި ރައްޔިތުންނަށް އެ ލިބޭ ތަރައްޤީ ހެޔޮގޮތުގައި ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ހުންނާނީ ދިވެހިރާއްޖެއަށް ވަންނަ ހުރިހާ ފައިސާއެއްގެ ޙަޤީޤީ މަންފާ ލިބޭ ފަރާތަކީ ދިވެހިން ކަމަށް ކަނޑައެޅިގެން. އަޅުގަނޑުމެން ހަމަ ބައެއް ފޮތްތައް ކިޔާލީމަ އެބަ އެނގޭ ދޮއެއްތޯ، ވޯރާ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އުޅުނުއިރު ކަންތައްތައް ހިނގާފައި ހުރިގޮތް.
 
އެހެންވީމާ، ކީއްކުރަންތޯ، އަޅުގަނޑުމެންގެ ދާޚިލީ ހުރިހާ ކަންކަމެއް ބޭރު މީހުންނަށް މިދޫކޮށްލަން މިއުޅެނީ. އަދި ދާޚިލީ ކަންތައްތައް ދޫކޮށްލާއިރު، ރާއްޖޭގައި ދާދިފަހާ ޖެހެންދެން ރާއްޖޭގައި ޚާރިޖީ އެއްވެސް ކަމެއް އިނގިރޭސި ދައުލަތާ މަޝްވަރާކޮށްގެން ނޫނީ ކުރެވޭގޮތަކަށް ނޫން އޮތީކީއެއް. އެކަން ނިމުނު ހަނދާން އަޅުގަނޑުމެން އޭގެ 50 އަހަރު މިދިޔަ އަހަރު މި ފާހަގަކުރީ. މިއަހަރު ފެށިގެން މިއުޅެނީ އަލުން އެކަމަށް ރުޖޫޢަވާން ކުރާ މަސައްކަތެއް. މި މަސައްކަތުގައި މިތިބެނީ ދިވެހިން. އެހެންވީމާ، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމާ އޮންނަން ހުރިހާ ދިވެހިން ބޭނުންތޯވެސް ސުވާލު އެބަ އުފެދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ނަގައިދިން ފިލާވަޅުތަކަކީ ބަޔަކު އަދި ތަރައްޤީ ގެންނަން މަސައްކަތް ކުރިނަމަވެސް، ޙަސަދަވެރިވާ ބައެއްގެ ފަރާތުން އެ އަންނަ ގޯނާތަކަށް އަޅުގަނޑުމެން ފާރަވެރިވާންޖެހޭ. ފާރަވެރިވާންޖެހެނީ ހަމައެކަނި ދިވެހި ދައުލަތް ހިންގަން ތިބި ފަރާތްތަކެއް ނޫން. ފާރަވެރިވާންޖެހެނީ ޓުއަރިޒަމް އިންޑަސްޓްރީގައި އިސްކޮށް ތިއްބެވި ބޭފުޅުން. ޓުއަރިޒަމް އިންޑަސްޓްރީ ޞިނާޢަތް ބޮއިކޮޓް ކުރަން މިގޮވަނީ. އިންޑަސްޓްރީގެ ފަރާތުން އެކަމާ އެބަޖެހޭ ޖަދަލުކުރަން. އިންޑަސްޓްރީގެ ފަރާތުން އެބަޖެހޭ އެކަމާ ވަކާލާތު ކުރަން. އިންޑަސްޓްރީއަށް ގެއްލުންވެއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ދައުލަތަށް ގެއްލުންވާނެ. އެކަމަކު ސިޔާމްމެން ކަހަލަ ބޭފުޅުންނަށްވާ ގެއްލުން މާބޮޑުވާނެ. އެ އިންޑަސްޓްރީއަށް ގެއްލުންވެއްޖެ ކަމަށްވަންޏާ، މުޅި ދިވެހި ހުރިހާ ރައްޔިތުންނަށް ގެއްލުންވާނެ. އެކަމަކު އެ އިންޑަސްޓްރީއަށް އަންނަ މީހުން އަޔަނުދިނުމަށްޓަކައި އިންޑަސްޓްރީ ބޮއިކޮޓް ކުރުމަށް މިގޮވަނީވެސް ހަމަ ޗުއްޓީގައި މާލޭގައި ތިބޭއިރު، އެ ރިޒޯޓްތަކުގެ ހިޔާވަހިކަމުގައި އުޅެލަންދާންވެސް ބޭނުންވާ މީހުން. މިއީ އަޅުގަނޑުމެންގެ ޙާލުހުރިގޮތް. އަޅުގަނޑުމެން ދައްކާ ވާހަކައާއި އަޅުގަނޑުމެން ކުރާ ކަންތަކާ ބައްދަލުނޫންގޮތަށް ކަންތައްތައް މި ހުންނަނީ.
 
އެހެންވީމާ، މިކަމާ ދޭތެރޭގައި ދިވެހި ރައްޔިތުން ވިސްނާވަޑައިގަތުމަކީ މިއަދަކަށް އެކަނި ކުރައްވަންޖެހޭ ކަމެއް ނޫން. 2018 އާ ހަމައަށް އަންނައިރުވެސް އަޅުގަނޑުމެން ނިންމަން އެބަޖެހޭ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ގޮތުގައި ތިބެގެން، މުސްލިމުންގެ ގޮތުގައި، މިނިވަން ދިވެހި ދައުލަތެއްގެ ގޮތުގައި އޮވެގެން، އެހެން ނަމަވެސް، އަޅުގަނޑުމެން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި އޮންނަ މުއްސަނދިކަން ދިވެހިރާއްޖެއަށްވެސް ލިބޭނެ މިންވަރަކަށް މަސައްކަތް ކުރެވޭނީ ކިހިނެއް މަސައްކަތްކޮށްގެންތޯ؟ މި މަސައްކަތެއް އަޅުގަނޑުމެންނަކަށް ބޭރުގެ ފަރާތްތަކަށް އަޅުދާސްވެ ތިބެގެންނެއް ކޮށްގެންނެއް ދިވެހި ދައުލަތަކަށް ވާނެ ފައިދާއެއް ނޯންނާނެ.
 
އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކީ ފަޚްރުވެރި ތާރީޚެއް އޮތް ރާއްޖެއެއް. ކިތަންމެފަހަރަކު އަޅުގަނޑުމެންނާ އެކިފަރާތްތަކުން ތޮޅުނު ކަމުގައިވީނަމަވެސް، އާޚިރުގައި ދިވެހިރާއްޖެއަކީ ހަމަ ފަޚްރުވެރި ތާރީޚެއް އޮތް ޤައުމެއްގެ ގޮތުގައި ނިންމަން މިޖެހެނީ. މިއޮތް ދިގު ދިވެހި ތާރީޚު، ލިޔެވިފައި އޮތް ތާރީޚު، މަދު ފަހަރެއްގައި ނޫނިއްޔާ ބޭރު މީހުންގެ އަތްދަށުގައި، ޙިމާޔަތުގައި ތިބެންޖެހުނު ފަހަރެއްވެސް މަދު. ދޭތެރެ ދޭތެރެއިން ތޮޅެން މީހުން އާދޭ. އެހެންނަމަވެސް، ދިވެހިރާއްޖެ މުޅި ދައުލަތް އަޅުވެތިކޮށްގެން ދެފަހަރެއްގެ މަތީގައި މިއޮތީ. އެހެންވީމާ، މިކަން އަޅުގަނޑުމެންގެ ޚިޔާލުގައި އެބަ ބަހައްޓަންޖެހޭ.
 
އަޅުގަނޑު އެދެނީ ބަނޑިދުއަށާއި، ދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ތިބުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެންގެ ސިކުނޑިތަކަށް މިންވަރު ކުރައްވާނެ. އަދި މިނިވަންކަން ގެއްލުނީމަ، ބީވެގެންދަނީ ކިހާވަރެއްގެ ނިޢުމަތެއްކަން އަޅުގަނޑުމެންގެ ހިތްތަކަށް މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑު އެދެނީ ފާގަތި ދުވަސްތަކެއް ދިވެހި ރައްޔިތުންނަށް.
 

 والسّلام عليــكم ورحـمــة اللّـه وبـركاتـه.