ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 36 ވަނަ މާއްދާގައި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ހިންގާނެ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ވަކި ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރަންވާނެކަމަށް ބަޔާންކުރާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2016 މޭ 4 ވަނަ ދުވަހު އުފައްދަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަކީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ހިނގާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބެލުމުގެ ދަށުގައިވާ އިންސްޓިޓިއުޓެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 30/2015 ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ހާސިލުކުރުމަށްކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޮނުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 465 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.