بســم اللّـه الرّحمـن الرّحيــم
      
    
   ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىއަށް ޙަމްދުކޮށް ޝުކުރު ކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
މާއެނބޫދުއަށް އަޅުގަނޑުމެން އައުމުން، މާއެނބޫދޫގެ ރައްޔިތުންގެ ތިހުރި ޝައުޤުވެރިކަން އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅަކަށްވެސް ދައްކަވައިދެއްވައިފި. އަދި ރަށުގެ ފަރާތުން އަޅުގަނޑާ ދޭތެރޭގައި ތިބާއްވަވާ ގާތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް އަޅުގަނޑަށް ތިދެއްވީ. ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑާއި އަޅުގަނޑާއެކީ ދަތުރުކުރެއްވި ބޭފުޅުންނަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ މާއެނބޫދޫގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
މާއެނބޫދުއަށް މިއަދު އަޅުގަނޑު މިކުރާ ދަތުރަކީ، ޝައްކެއްވެސްނެތްގޮތުގައި، މިރަށުގެ ރައްޔިތުންގެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންކުރާ ދަތުރެއް. މި ދާއިރާއަށް މިކުރާ ދަތުރުގައި، އަޅުގަނޑުގެ ދަތުރު ނިމެން ކައިރިވެފައި ވަނިކޮށް، މާއެނބޫދުއަށް މިއައީ، މާއެނބޫދުއަށް އެންމެ ބޮޑަށް ދަތިވެފައި މިއޮތް ބަނދަރުގެ ދަތިކަން ޙައްލުކޮށްދިނުމުގެ ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއްގައި ބައިވެރިވުމުގެ ގޮތުން.
 
 އާދެ، ޝައްކެއްވެސްނެތްގޮތުގައި، އެހެން މެންބަރުންނަށް އެއްވެސްކަހަލަ އިހާނެތި ބަހެއް ދެންނެވުމުގެ ގޮތަކުންނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދާއިރާގެ މެންބަރު ޢާމިރަކީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޚިޔާލުތައް ރައްޔިތުންގެ މަޖިލީހަށް ގެންނަވައި އަދި ސަރުކާރާ ހަމަޔަށް ވަރަށް މުރާލިކަމާއެކީ ގެންނަވާ ބޭފުޅެކޭ. ދާއިރާއަށް ބޭނުންވާ ތަރައްޤީގެ ވާހަކަ އަބަދުވެސް ދައްކަވާ މެންބަރެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި އެކީ ހޭދަކުރި ދުވަސްތަކުގައި ޢާމިރުގެ މަސައްކަތްޕުޅަކަށް މާ ބޮލަށް ފަސޭހަވާ ގޮތަކަށް ނޫން އޭރު ކަންކަން ހުރީކީއެއް. އޭރު މައި ދެތިން ޕާޓީ އޮވެފައި، ދެން ބައެއް މެންބަރުންނަކީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވި މެންބަރުން. އޭގެ މެންބަރެއްގެ ގޮތުގައި ޢާމިރުވެސް ހިމެނިވަޑައިގަތީ. އަދި ސިޔާމްވެސް ހިމެނިވަޑައިގަތީ. އެހެންވީމާ، ޕާޓީ ސިޔާސަތުގައި ކަންކަން ނިންމާ އުޞޫލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބަޖެޓްތައް ފާސްވެ، ރަށްރަށަށް ތަރައްޤީގެ މަޝްރޫޢުތައް އަންނައިރު، ޕާޓީތަކުގެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާތަކަށް އިސްކަންދިނުމަށްފަހު، އެހެން ދާއިރާތަކަށް އިސްކަންދެވޭގޮތް އޭރު މެދުވެރިވެފައި އޮތީ.
 
އަޅުގަނޑުމެންނަށް ޙަޤީޤަތުގައިވެސް އެދުވަސްކޮޅު ދިމާވީ ވަރަށްދަތި ދުވަސްކޮޅެއްގެ ގޮތުގައި. އެންމެފަހުން މި ނިމިގެންދިޔަ މަޖިލީހުގައި ކަންކަން ދިމާވީ އެކަހަލަ ދަތިގޮތަކަށް. ޙަޤީޤަތުގައި 2008 ވަނަ އަހަރުން ފެށިގެން ބައެއް ދާއިރާތައް ވަނީ ތަރައްޤީގެ މަޝްރޫޢުތަކުން އެކަހެރި ކުރެވިފައި. އެ ދާއިރާތަކަކީ އޭރުގައި ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެންމެ ބޮޑަށް ޖަދަލުކުރި ދާއިރާތައް. އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ދެންމެ ޢާމިރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ފަނަރަ، ވިއްސަކަށް އަހަރު މި ދާއިރާ، ނޫނީ މިރަށުގެ ތަރައްޤީ މަޙްރޫމްވެފައި މިވަނީ. ހަމައެޔާއެކީ އަޅުގަނޑުމެންގެ އެހެން ބައެއް ދާއިރާތައްވެސް ވަނީ ހަމަ މިދެންނެވި ސަބަބުތަކަށްޓަކައި ތަރައްޤީން މުޅިން ދުރަށްލެވިފައި. އޭގެތެރޭގައި އެއް ދާއިރާއަކީ މުޅި މ.އަތޮޅުގެ ދާއިރާ. މ. އަތޮޅުގެ ދެ ދާއިރާ އޭރު ތަމްސީލުކުރާ ދެ މެންބަރުންނަކީ އަޅުގަނޑާއި އަޙްމަދު ނާޒިމާ. އަޅުގަނޑުމެން ދެމީހުންނަކީވެސް ވަރަށް ސާބިތުކަމާއެކީ 2009 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ ސަރުކާރަށް ވަރަށްފާޑުކިޔަމުން އައި ދެމީހުން. އެހެންވީމާ، މ. އަތޮޅުގެ މުޅި ދާއިރާތައް، ރަށްތަކަކީ އެ ދާއިރާގެ ރަށްތަކަކީ ތަރައްޤީގެ މަޝްރޫޢުތަކުން މަޙްރޫމްވެފައިވާ ރަށްތަކެއް. ހަމައެގޮތަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ލ. އަތޮޅުގައި ވަރަށް ބޮޑަށް ރައީސް މައުމޫންގެ ފިކުރަށް ތާއީދުކުރާ އަދި އޭރު އޮތް ސަރުކާރަށް ވަރަށް ފާޑުކިޔަމުން އައި މެންބަރުންތަކެއް ރައްޔިތުން ހޮވާފައި އޮތް ދާއިރާއެއް. އެހެންވީމާ، ލ. އަތޮޅަކީވެސް އޭރުގައި ތަރައްޤީގެ މަޝްރޫޢުތަކުން މަޙްރޫމްވެފައި އޮތް ދާއިރާއެއް ގޮތުގައި ފާހަގަކުރެވުނީ. މިކަހަލަ ގޮތަކަށް އޭރު ކަންތައްތައް ދިޔައީ.
 
އެކަމަކު އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދިނީމޭ. ރައްޔިތުންގެ ފައިދާއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ތަޞްވީރު ކުރެވިގެން މި އަންނަނީ ބަޖެޓްގައި ޖަހާ އަކުރުތަކެއްގެ ސިފައިން. އެއީ އެވަގުތު ސަރުކާރު ހިންގަން ތިބި ބަޔަކަށް ތަރައްޤީ ގެންނަން ބޭނުންވާ ދިމާލާއި އަދި އެ ތަރައްޤީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުދިގެންދާނެ މިންވަރު އިޙްސާސް ކުރެވިގެން ހިމަނާ ހިސާބުތަކެއް. އަޅުގަނޑުމެން އެ ހިސާބުތަކަށް ޖަދަލުކުރީމު ބަޙުޘްކުރަން. އަޅުގަނޑުމެންގެ ވިސްނުމުގައި، އެ ހިސާބުތަކުގައި ހުރި މައްސަލަތަކާ ދޭތެރޭގައި އަދި ރައްޔިތުންނަށް ތަރައްޤީ ބޭނުންވާ ކަންކަމާ ދޭތެރޭގައި ބަޙުޘްކުރިން، ސުވާލު އުފެއްދިން، ޚިޔާލު ތަފާތުވުންތައް މަޖިލީހުގެ ތަޅުމުގެ ތެރޭގަޔާއި، އަދި ޢާންމުކޮށް ޓީ.ވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނާ ޙިއްޞާކުރީމު. އެހެންނަމަވެސް، ބަޖެޓް ކޮމިޓީގެ މަރްޙަލާގެ މަސައްކަތްތަކުގައި ސަރުކާރާއެކީ އެއްބާރުލުންދިނިން. އަދި ބަޖެޓް ވޯޓްގައި މި ބަޖެޓްގެ މަޝްރޫޢުތަކަކީ ކޮންމެ ސަރުކާރަކުން އެ މައްޗަށް ޢަމަލުކުރި ކަމުގައިވީނަމަވެސް، އޭގެ އާޚިރު މަންފާ ލިބޭ ބަޔަކީ ރައްޔިތުން ކަމުގައިވާތީ، ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް އަޅުގަނޑުމެން ހުރިހާ ފަހަރަކުވެސް ހުންނާނީ ވޯޓްދީފައި. އެކަމަކު އަޅުގަނޑުމެންނަށް މި ފަހުން ފެނިގެން މިދަނީ މިގޮތަކަށެއް ނޫން ކަންކަން. އަޅުގަނޑުމެންނަށް ފަހުން ފެނިގެން މިދަނީ މުޅިންވެސް އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ ބޭފުޅުންނަކީ އެއްވެސްވަރަކަށް އެއްވެސް ރަށެއްގެ ތަރައްޤީގެ މަޝްރޫޢެއް އިދިކޮޅު ފަރާތަކުން ހުށަހަޅާ ބަޖެޓެއް ކަމަށްވަންޏާ، ވޯޓް ދެއްވުމުގެ ޘަޤާފަތް އަމުދުން އެބޭފުޅުންގެ ވިސްނުންފުޅުގައި ނެތްކަން ދައްކަވައިދެއްވާފައި އޮތް ބައެއް. އެހެންވީމާ، ރާއްޖެތެރެއަށް މި އަންނަ ތަރައްޤީގައި އެއްވެސް ޙިއްޞާއެއް އޮތް ކަމަކަށް އެއިން އެއްވެސް ބޭފުޅަކަށް ފަޚްރުވެރިކަމާއެކީ ވިދާޅެއްނުވެވޭނެ. އެއްވެސް ބޭފުޅަކަށް ރާއްޖެތެރޭގެ އެއްވެސް ރަށަކަށް، އެއީ އަދި އެބޭފުޅުންގެ އަމިއްލަ ދާއިރާތައް ހިމެނޭ ރަށްރަށަށްވެސް މި އަންނަ ތަރައްޤީގައި އުފަލާއެކީ ސާބިތުކަމާއެކީ ރައްޔިތުން ކައިރީގައި ވިދާޅުވެވޭކަށް ނޯންނާނެ، މިއީ ތިމަންނަމެން ކޮށްދިން މަސައްކަތޭ. އެހެން ވިދާޅުވެވެން ނެތް ސަބަބު މިދެންނެވީ. އެއްވެސް ބަޖެޓަކަށް އެބޭފުޅުން ވޯޓް ދެއްވާފައެއް ނޯންނާނެ. އަޅުގަނޑުމެންނަކީ މިކަން މީގެ އަނެއްކޮޅަށް ދައްކައިދިން ބައެއް.
 
މިއަދުގެ މައުޟޫޢު އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކުރަން ބޭނުންވަނީ ހަމަ މިދެންނެވި ކަހަލަ ތަފާތުތަކެއް ދަންނަވަން. އަޅުގަނޑު ހަމަ މައުޟޫޢާއިގެން ކުރިއަށް ދިޔުމުގެ ކުރިން، އަޅުގަނޑު ހަމަ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، މި ބަނދަރުގެ މަސައްކަތުގައިވެސް ޢާމިރަކީ ހަމަ ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވި މެންބަރެއް. މި ދާއިރާގެ ތަރައްޤީއަށް އަޑު އުފުއްލަވައި، ވަރަށް ސާބިތުކަމާއެކީ ރައްޔިތުންގެ މަޖިލީހުގެ އެންމެދަތި ދުވަސްތަކުގައިވެސް އަޅުގަނޑުމެންނާއެކީ ޙަރަކާތްތެރިވި މެންބަރެއް. ޢާމިރަކީ ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ބަސްތައް ވަކާލާތު ކުރެއްވުމުގައި ވަރަށް ސާބިތުކަން ދެއްކެވި މެންބަރެއް.
 
އާދެ، އަޅުގަނޑުގެ ވާހަކަ ފަށާނީ މާއެނބޫދޫގެ ފަރާތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރްޙަބާއާއި އަދި ތިޔަބޭފުޅުންގެ އޮތް ގާތް ޝުޢޫރުތައް އަޅުގަނޑުމެންނަށް ހުށަހަޅުއްވައި ދެއްވާފައި ތިހިރީ މި ވީޑިއޯގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން. އަދި ކައުންސިލްގެ ރައީސް ނަސީމްގެ ވާހަކަފުޅުގައި އަދި އޭގެފަހުން ޢާމިރުގެ ވާހަކަފުޅުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑަށް އަމިއްލަގޮތުންނާއި، އަދި ސަރުކާރުގައި ހިމެނޭ މީހެއްގެ ޙައިޘިއްޔަތުން ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް ހަދިޔާ ކުރައްވާފައިވާތީ، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މާއެނބޫދޫގެ ފަރާތުން އަޅުގަނޑުމެންގެ މަސައްކަތް ކޮންމެވެސްވަރަކަށް ބަލައިގެން، ތިޔަ ދެއްވި ފިލަޔަށްވެސް މާއެނބޫދޫގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
މާއެނބޫދުއަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، މާއެނބޫދުއަކީ ރަށް ގިރުމުގައި ފާހަގަކުރެވިފައި އޮތް ރަށެއް. ދެންމެއަކު އަޅުގަނޑުމެންނަށް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައިވެސް މިކަން އޮތް ހިސާބު އެނގިގެން ހިނގައްޖެ. މި މަސައްކަތަށް ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ މަސައްކަތުގެ 50 ޕަސެންޓަށް ބޭނުންވާ ބޮޑުހިލަ މިހާރު އެވަނީ ސައިޓަށް ޖަމާކުރެވިފައި. މަސައްކަތް އެވަނީ ފެށިފައި. އަދި ހަމައެހެންމެ، މިރަށުގެ ދެންހުރި މަސައްކަތްތަކުގެ ތެރޭގައި، ވަރަށްގިނަ ކަންތައްތަކެއް، ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ އެ ވިދާޅުވީ. އޭގެ މަސައްކަތްތައްވެސް ހަމަ އިރާދަކުރެއްވިއްޔާ، ވަރަށް އަވަސްކަމާއެކީ ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
 
ދެން މާއެނބޫދުއަކީ ބިން މިހާރު ފުރިފައި އޮތް ރަށެއް. އެހެންނަމަވެސް، ހާހެއްހާ އާބާދީ އުޅޭ ރަށަކަށްވާތީ، އެންމެ ދަތިކަމެއް އިޙްސާސް ކުރަންޖެހެނީ ހަމަ ޙަޤީޤަތުގައިވެސް ނަރުދަމާގެ ދަތިކަން. އާދެ، ނަރުދަމާގެ މަސައްކަތުގައިވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ޑިޒައިން މަސައްކަތް އެވަނީ ނިމިފައި. ޢަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައި. އެހެންވީމާ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މާއެނބޫދޫގެ ރައްޔިތުންނަށް އެ މަސައްކަތުންވެސް ފަސޭހަކަމެއް ލިބިގެންދާނެ. މި ވާހަކަތަކާއެކީ އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، ކުރީގައިވެސް ހުރި ސަރުކާރުތަކޭ. މިހާރުވެސް ހުރީ ސަރުކާރުތަކޭ. އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ތަފާތު ވިސްނުންތަކަށް ޖާގަދޭން ފެށީ 2008 ވަނަ އަހަރު އުފެދިގެން އައި ޤާނޫނުއަސާސީގެ ތެރެއިން. 2008 ވަނަ އަހަރު އުފެދިގެން އައި ޤާނޫނުއަސާސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ކުރިމަތިލުމާއި، އަދި އެކި މަޤާމުތަކަށް އިންތިޚާބު ކުރެވޭ މަޤާމުތަކަށް، އެއީ ކައުންސިލްގެ މެންބަރުން ކަމުގައިވީނަމަވެސް، މި މަޤާމުތަކަށް ކުރިމަތިލުން މިއޮތީ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން. ތަފާތު ފިކުރުތަކުގެ ތެރެއިން އެމީހަކު ތަމްސީލުކުރާ ޚިޔާލާ އެއްގޮތަށް ތާއީދުކުރާ ރައްޔިތުންގެ އަޣްލަބިއްޔަތު ލިބޭގޮތަށް ވޯޓްތަކަށް ހުޅުވައިލާފައި. އެއީ އަޅުގަނޑުމެން 2008 ވަނަ އަހަރު ޤާނޫނުއަސާސީން ހޯދި އެންމެ ވަރުގަދަ އެއް ފައިދާ. އެ ގާނޫނުއަސާސީއަކީ އަޅުގަނޑުމެންނަށް ރަނގަޅު ޤާނޫނުއަސާސީއަކަށް ވެގެންދިޔައީ، އަޅުގަނޑުމެން ހުރިހާ ޕާޓީތަކުންވެސް ގަބޫލުކުރީމު، އެ ޤާނޫނުއަސާސީއަކީ ރަނގަޅު ޤާނޫނުއަސާސީއެއްކަން. ޝައްކެއްވެސްނެތްގޮތުގައި އޭރުގެ ސަރުކާރުން ރައީސް މައުމޫން އެވަނީ ވަރަށްގިނަ މަސައްކަތްތަކެއް އޭރުގެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ރައްޔިތުންގެ ހިންގުން ބަދަލުކުރުމަށް ކުރައްވާފައި ހުރި މަސައްކަތްތަކެއް ޤާނޫނުއަސާސީގައި ކަރުދާހެއްގެ ގޮތުގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއަށް ހުށަހެޅުއްވީވެސް، ދެލިކޮޕީއެއް ހުށަހެޅުއްވީވެސް ރައީސް މައުމޫން. އެއަށް ޚާއްޞަ މަޖިލީހުގައި އިޞްލާޙުތަކެއް، ބޮޑެތި އިޞްލާޙުތަކެއް ގެނައުމާއެކީ، އެ ޤާނޫނުއަސާސީ އެވަނީ ފާސްކޮށްފައި. އެ ޤާނޫނުއަސާސީ ފާސްކޮށްފައި އެވަނީކީ އޭރު އިދިކޮޅަށް ތިބި ބައެއްގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮވެގެނެއް ނޫން. އެ ޤާނޫނުއަސާސީ ފާސްކޮށްފައި އެވަނީ އޭރުވެސް އޮތް ޚާއްޞަ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޑީ.އާރު.ޕީ. ގައި އޮވެގެން. ޑީ.އާރު.ޕީ އާއި ޕީ.އޭ.އާ ގުޅިގެން ޤާނޫނުއަސާސީގައި މާއްދާތައް އެހެރީ ފާސްކޮށްފައި. ހަމަ މިހެން ދަންނަވާއިރުވެސް އިދިކޮޅު ފަރާތްތަކުންވެސް ވޯޓް ދެއްވާފައި ހުރި މާއްދާތައް ހުންނާނެ. އެހެންނަމަވެސް، އެއީކީ އެއްވެސް ގޮތަކަށް އިދިކޮޅު ފަރާތްތަކުން އެ ޤާނޫނުއަސާސީއަށް އައިސްފައި ހުރި ބަދަލުތަކަކީ، ނޫނީ ރައްޔިތުންނަށް ހޯދައިދީފައި ހުރި ޙައްޤުތަކަކީ އެފަރާތުން އެކަނި ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށް ދައްކުވައިދޭ ވާހަކަޔަކީ ރަނގަޅު ވާހަކައެއް ނޫން. އެ މަޖިލީހުގެވެސް ބޮޑު އަޣްލަބިއްޔަތު އޮންނާނީ ރައީސް މައުމޫންގެ ފިކުރަށް ތާއީދުކުރާ ބައެއްގެ އަތްމަތީގައި. އެހެން އޮވެގެން އެ ޤާނޫނުއަސާސީ އަޅުގަނޑުމެން ފާސްކުރީ. އޭރު ރައްޔިތުންގެ ހުރިހާ އެންމެންގެވެސް، ގިނަ ބައެއްގެ ވިސްނުމަކަށްވަނީ ބަދަލުތަކެއް އަންނަންޖެހޭކަން. ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް. މުއައްސަސާތަކުން ދައުލަތުން ކުރާ ކަންތައްތަކަށް ފާރަވެރިވެވޭނެ އިންތިޒާމްތަކެއް ހަމަޖެހެންވާނެ ކަމަށް. ރާއްޖޭގައި ކޮރަޕްޝަން ފިލުވައިލެވޭނެ ގޮތްތަކެއް ޤާނޫނުއަސާސީން ދައްކައިދޭންވާނެ ކަމަށް. މުސްތަޤިއްލު މިނިވަން މުއައްސަސާތަކެއް ޤާނޫނުއަސާސީން ބާރުތަކެއް ދޭންޖެހޭނެ ކަމަށް. އަދި އަމުދުން ޢަދުލު އިންޞާފުގެ ދާއިރާއަކީ ވެރިކަންކުރާ ފަރާތުގެ އެއްވެސްވަރެއްގެ ނުފޫޒެއް ނޯންނާނެ މުސްތަޤިއްލު ބާރެއްގެ ގޮތުގައި، މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅިގެން ދާންވާނެކަމަށް.
 
އެ ޤާނޫނުއަސާސީން ދެން ކަށަވަރުކޮށްދިން ކަމަކީ، އަޅުގަނޑު ކުރިން ދަންނަވާލިހެން ސިޔާސީ ޕާޓީ ހެދުމާއި، ސިޔާސީ ފިކުރުގައި ވާހަކަ ދެއްކުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިނުން. ރައީސް މައުމޫންގެ ފިކުރަކީ އަދި މިހާރު ޕީ.ޕީ.އެމް.ގެ ފިކުރަކީ މީގެކުރިން އަޅުގަނޑުމެން އެންމެން ޑީ.އާރު.ޕީ.ގައި ޙަރަކާތްތެރިވަމުން ދިޔައިރު، އަޅުގަނޑުމެންގެ ފިކުރަކީ ރާއްޖެއަށް ތަރައްޤީ ގެނައުން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، ސަރުކާރުގެ ވަސީލަތްތައް ތަނަވަސްކޮށްދިން މިންވަރަކުން ގެނެސްދިނުން. އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ، ރާއްޖެއަކީ ހަމަޖެހޭ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުން. އަޅުގަނޑުމެންގެ ވިސްނުމަކަށްވެފައި އޮތީ ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުން. ޓީޗަރުންނަށް، މުދައްރިސުންނަށް، ރަށްރަށުގައި ތިބި ހަރު މީހުންނަށް އިޙްތިރާމް ކުރުން، ޤަދަރު ކުރުން. ކުޑަކުދިންނަކީ، ޒުވާނުންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބޭ ބަޔަކަށް ހެދުން. ކުޑަކުދިންނަކީ، ޒުވާނުންނަކީ މަގުން ކައްސާލާފަދަ ކަންކަމަށް ޝައުޤުވެރިކުރުވައިގެން ޖަލުގެ ގޮޅިތައް ފުރާ ބަޔަކަށް ނެހެދުމަށް. އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ ޤައުމު އާރާސްތު ކުރަން. އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ އަންހެނުންނަށް ލިބެންވާ ޙައްޤުތައް ހޯދައިދޭން. މިކުރެވޭ ހުރިހާ މަސައްކަތަކީ، އާޚިރުގައި ހިތްހަމަޖެހުމާއެކީ، އަމާންކަމާއެކީ، ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ މީހަކަށްވެސް، އެމީހަކު ދިރިއުޅެން ބޭނުންވާ ތަނެއްގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތްގޮތަށް އުޅެވޭނެ އިންތިޒާމް، ތަރުތީބު ހަމަޖައްސައިދިނުން. އަޅުގަނޑުމެންގެ ވެރިކަން ކުރެވޭތޯ މި ބަލަނީ އެގޮތަށް.
 
މި ޤާނޫނުއަސާސީން ގެނައި ސިޔާސީ ޕްލޫރަލިޒަމް، ނޫނިއްޔާ އެކި ޕާޓީތަކުން ވާދަކުރުމުގެ ފުރްޞަތާއެކީ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރައްޔިތުންގެ ނިންމުން ބަދަލުވެގެންދިޔަތަން. ޝައްކެއްވެސްނެތް، ތަފާތު ތަޖުރިބާއެއް ކުރުމަކީ އެންމެ ރަނގަޅު ކަމެއް. އެހެންނަމަވެސް، ކަންކަން މަތިވާ ފަރާތްތައް، ކަންކަމާ ޙަވާލުވާ ފަރާތްތަކުން ރައްޔިތުންގެ ވިންދާއި އިޙްސާސް އެނގުމަކީ މުހިންމު ކަމެއް. އިދިކޮޅުގައި ތިއްބަވައިގެންވެސް، ވެރިކަމަށް ވަޑައިގެންވެސް މުޅި ރާއްޖެ ޓެރަރައިޒް ކުރުމަކީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. ރާއްޖޭގެ އަމާންކަން ނަގައިލުމަކީ، ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. އެއީ ސިޔާސީ ޕާޓީގެ މަސްދަރުގައި ލިޔެފައި އޮންނަންޖެހޭ އެއްޗެއް ނޫން. ކޮންމެ ޕާޓީއަކުން ވެރިކަން ކުރިޔަސް، ރައްޔިތުންނަށް ހެވާއި ލާބަޔަށް މަސައްކަތް ކުރަންވާނެ. ޒުވާނުންނަށް ދަސްކޮށްދޭންވީ ރަނގަޅު އަޚްލާޤާއި ތަރުބިއްޔަތު. މައިންބަފައިން ކޮށްދޭ މަސައްކަތަކީ އެއީ. އެ އަމާނާތާއެކީ މައިންބަފައިން ޒުވާނުން ތަރުބިއްޔަތު ކުރަމުންދާއިރު، ވެރިކަން ހިންގަން ތިބި ބައެއްގެ ފަރާތުން މިދެންނެވި ކަހަލަ ޙައްޤުތައް ނަގާލަން ވަކާލާތު ކުރުމަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ނަތީޖާއަކަށްވަނީ ހަމަ ޙަޤީޤަތުގައިވެސް ހިތްދަތިކަން. ކޮންއިރަކުތޯ އެ ތިން އަހަރުގެ ތެރޭގައި އަމާންކަން ޤާއިމްވެފައި ދިވެހިރާއްޖޭގައި އޮތީ. ނާމާން ތިން އަހަރުގެ އުނދަގޫ ދުވަސްތަކެއް ތަޙައްމަލު ކުރަންޖެހުނީ. ކާކަށްތޯ ޙިމާޔަތް އޮތީ؟ ކާކަށްތޯ ޙިމާޔަތް އޮތީ؟ މިހާރު މި ޑިބޭޓް ކުރައްވާ. ދިވެހި ރައްޔިތުންގެ ތެރޭގައި، އެ ޕާޓީގައި ތިއްބެވި ބޭފުޅުން، މި ޕާޓީގައި ތިއްބެވި ބޭފުޅުން، ކޮންމެ ފިކުރެއްގައި، ކޮންމެ ކުލައެއްގައި ތިއްބެވި ބޭފުޅުން މި ޚިޔާލު ކުރައްވާ. އޭރު ކަންތައްތައް ހިނގަމުންދިޔައީ ކިހިނެއްތޯ؟ ޚުދު ރައްޔިތުންގެ މަޖިލީހަށް އެކަނި ވިސްނާލިނަމަވެސް، ޢާމިރު އެ ވިދާޅުވި ވާހަކަ ފުދޭކަންނޭނގެ. ޕާޓީއަށް ނުވަންނަ ކަމަށްވަންޏާ، މުޅި ދާއިރާގެ ހުރިހާ ރައްޔިތުން ﷲގެ ރިޒުޤުން މަޙްރޫމް ކުރުމުގެ ވިސްނުން އޭރު އޮތީ. ޕާޓީގެ އަޣްލަބިއްޔަތު ހޯދުމަކީ ރައްޔިތުންގެ ވިންދު، ރައްޔިތުން ގަބޫލުކުރާ ގޮތަށް ވޯޓް ލިބިގެން އިންތިޚާބުކުރާ ކުރުން ބަލައިނުގެންފައި އޭރުއޮތީ. އަދި އޭރު ދައްކަވާފައި ހުރި ވާހަކަތަކުގެ ތަފްޞީލަށް އަޅުގަނޑު ދާކަށްނެތީމު. އެހެންނަމަވެސް، ކުރައްވަން ބޭނުންފުޅުވެއްޖެ ކަމަށްވަންޏާ، ކޮންމެފަދަ ނުރައްކާތެރި ކަމެއްވެސް ކުރައްވާނެކަމުގެ ބަސްފުޅު އެކިފަހަރު މަތިން ވަނީ ރައީސް ނަޝީދު މުޚާޠަބު ކުރައްވައި ޤައުމުގައި ވާހަކަ ދެއްކެވިއިރު އަޅުގަނޑުމެންނާ ހަމަޔަށް ގެންނަވާފައި. ވެރިކަން ކުރައްވާއިރުވެސް އަބަދުވެސް މަގުމަތީގައި މުޒާހަރާތައް މި ހުންނަނީ. ވެރިކަން ކުރެއްވިއިރުވެސް އިދިކޮޅު ފަރާތްތަކުގެ ގެދޮރު ކައިރީގައި މީހުން އެއްކޮށްގެން، ކުޑަކުދިން އެއީ އެތަންތަނުގައި ތިބި ބައެއް ކަމަށް އިޙްސާސް ނުކުރައްވައި، ބިރުގެންނެވުމާއި، ބިރުދެއްކުމާ، މިކަހަލަ ޢަމަލުތައް ނޫންތޯ ހިންގީ.
 
ޤާނޫނުއަސާސީން ވަކި މުއައްސަސާއެއް ގޮތަށް ޢަދުލު އިންޞާފުގެ ދާއިރާ ކަނޑައަޅާފައި، ވަކިކޮށްފައި އޮތްއިރުވެސް، ވަކިގޮތަކަށް ތައްގަނޑާއި އަމުރުތައް ޖަހައިނުދޭ ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރުކުރަން ނިންމެވީ. ހައްޔަރުވެސް ކުރެއްވީ ދޮއެއްތޯ. ހައްޔަރުވެސް ކުރެއްވީ. އަދި ސިޔާސީ މީހުންނަކީވެސް ޤާނޫނުން ބޭރުން، ޝަރީޢަތުން ބޭރުން، އިންޞާފުން ބޭރުން ހައްޔަރު ކުރެވުނު ބައެއްގެ ގޮތުގައި ފެނިގެން މިދިޔައީ. މުޅި ރާއްޖޭގައި، މުޅި ރާއްޖޭގައި ދާޚިލީ އަމަނަށް އޮތް ނުރައްކާ ހުރިހާ އެންމެން އިޙްސާސްކުރި. ތަންކޮޅެއް ހިތްވަރުބަލި މީހުންނަށް، އެބޭފުޅުންގެ ފިކުރާ ތަފާތުކޮށް އެއްޗެއް ވިދާޅުވަން ކެރިވަޑައިނުގަތީ. އަދި އަމުދުން އެބޭފުޅުން ސިޔާސީ ޙަރަކާތްތަކުން މުޅިން ބީވެގެން ދުރަށް ވަޑައިގަތީ. އޭރު ސިޔާސީގޮތުން އިދިކޮޅު ވާހަކައެއް ދެއްކުމަކީ އެހާ ނުރައްކާތެރި ކަމަކަށް ވެގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރި ބަޔަކު އެބަތިބި. މިއަދު ކިހިނެއްތޯ އެކަންވަނީ؟ މިއަދުވެސް މިއޮތީ ހަމަ އެ ޤާނޫނުއަސާސީން ލިބޭ ބާރުތަކާއި، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުން ހަމަ ލިބޭ އެއްވަރެއްގެ ބާރުތަކުގެ މަތީގައި އުފެދިފައި އޮތް ޕާޓީއެއް މިއަދު ވެރިކަން ކުރަނީ. އަޅުގަނޑުމެންގެ ޕާޓީން ވެރިކަން މިކުރަނީކީ އެއްގޮތަކަށްވެސް ރައްޔިތުންނަކަށް ދަތިކުރާކަށެއް ނޫން، ދަތިވާގޮތަކަށެއްވެސް ނޫން. އަދި އެހެން ޕާޓީއަކުންވެސް ކުރާ މަސައްކަތުގައި ރައްޔިތުންނަށް ދަތިވާގޮތަށް ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑުމެން އެކަން ހުއްޓުވަނީ. އަޅުގަނޑުމެން ގަބޫލެއްނުކުރަން، މާލޭގެ ހަލަބޮލި މަގުތަކުގެ މަތީގައި، އަބަދު މުޒާހަރާ ކުރެވެންވާނެ ކަމަކަށް. އަޅުގަނޑުމެން ގަބޫލެއްނުކުރަން، މާލޭގެ ހަތަރުއަނގޮޅި ކަންމަތީގައި އިށީނދެ ތިބެގެން، ހިނގާ މީހުންނަށާއި ޓްރެފިކަށް ދަތިވާގޮތަށް އެމީހުންނަށް އެއްވެސް ބަޔަކު އިޙްތިޖާޖު ކުރެވެންވާނެ ކަމަކަށް ގަބޫލެއްނުކުރަން. ޚުދު އަޅުގަނޑުގެ ޕާޓީން އެކަން ކުރިޔަސް އެކަން ރޫޅާލާނެ. އެއީ ރައްޔިތުންނަށް ދަތިވާގޮތަކަށް ނޫން މަސައްކަތް ކުރަންޖެހޭނީކީ. އަޅުގަނޑުމެންނަށް އޭރު ފެނިގެންދިޔަ ކަންތައްތަކަކީ އެއީ. ސަރުކާރުގައި އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެގެންވެސް މަސައްކަތް ކުރެއްވީ އެގޮތަށް. ސަރުކާރު ހިންގަން ލިބުނީމަވެސް މަސައްކަތް ކުރެއްވީ އިޙްތިޖާޖުގެ ތެރެއިން.
 
އެހެންވީމާ، އިޙްތިޖާޖު ކުރުން ނޫން ކަމެއް ނެތްކަމަށް ވާކަމަށްވަންޏާ، އެއީ އަދި މުޅިން ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ މަޞްލަޙަތު ގެއްލިގެންދާ ކަންތައްތަކުގައި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެންދާ ކަންތައްތަކުގައި ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް އިޙްތިޖާޖު ކުރަން. ކީއްވެގެންތޯ ވަކާލާތު ކުރަން ދަތިވެގެން މިއުޅެނީ މުޅި ދިވެހިރާއްޖޭގައި މިތިބީ ޙައްދުފަހަނައަޅާފައި ތިބި އިސްލާމުންނޭ ކިޔާފައި، އަދި އިސްލާމުން މިދަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ތަންތަނަށް، މިބުނާ ކަހަލަ ޖިހާދަށް، މުޅި ދުނިޔެ އެކަމާ ދެކޮޅަށް ވަކާލާތު ކުރާއިރު، ކީއްވެގެންތޯ މިކަމާ ދެކޮޅަށް އިޙްތިޖާޖު ކުރަން ނުކެރިގެން މިއުޅެނީ؟ އިޙްތިޖާޖު ކުރަން ހޭނިފައި ތިބި ބަޔަކު މިކަމާ ދެކޮޅަށްވެސް އިޙްތިޖާޖު ކުރަންވީ ނޫންތޯ. އަދި މިއަދު ހަމަ ދީނީ ބޭފުޅުންނަށްވެސް އަޅުގަނޑު ގޮވާލަން ބޭނުންވޭ. އަޅުގަނޑުމެންގެ ތެރޭގައި ޖިހާދަކީ ކިހިނެއް އިސްލާމްދީނުގައި އައިސްފައި އޮންނަ ކަމެއްތޯ އޮޅުންފިލުވައިދެއްވާފައި، މި ކުރަންދާ ޖިހާދަކީ ކިހާވަރަކަށް ހިތްވަރު ދެއްވާ ކަމެއްތޯ، ނޫނީ ހިތްވަރު ނުދެއްވާ ކަމެއްތޯ، އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަންވީ ދޮއެއްތޯ. އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަން ކެރިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ ކީއްވެގެންތޯ؟
 
އެހެންވީމާ، އެމް.ޑީ.ޕީ. އިންވެސް ރައްޔިތުންގެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރާއިރު، އިޙްތިޖާޖު ކުރާއިރު، މިކަހަލަ ކަންތައްތަކާވެސް އިޙްތިޖާޖުކޮށްލާ. އޭގެ ބަދަލުގައި ސަރުކާރުންނޭ މީހުން ރެކްރޫޓްކޮށްގެން މިކަހަލަ ތަންތަނަށް ފޮނުވަނީ ވިދާޅުވާ ކަމަށްވަންޏާ، އެ ވާހަކަ ވިދާޅުވާއިރު، ދަލީލާއެކީ އެކަން ދައްކަވާ. ސަރުކާރެއް ބޭނުމެއްނުވާނެ، ރައްޔިތުންނަށް ގެއްލުންވާ ކަންތައް ކުރާކަށް. ކީއްކުރަންތޯ؟ އިޙްތިޖާޖަށް މިދާ މީހުންނަކީ ޒުވާނުން. އަޅުގަނޑުގެ މޭޒުމައްޗަށް އައިސްފައި ހުންނަ މައްސަލަތަކުގެ ތެރޭގައި، ފިރިމީހާ މަރުވި ކަމަށް ބުނެ، ނޫނީ ފިރިމީހާ މަރުވީމަ، ހަމަ ވަރަށް ޅަޢުމުރުގެ މަންމަޔަކާއި، ކިރުބޯ ދަރިޔަކާ މާލެ އާދެވޭނެގޮތެއް ނެތިގެން، އެމީހުންނަށް ޓިކެޓްދޭން މި އަންނަނީ އަޅުގަނޑުގެ މޭޒުމައްޗަށް. މިއީ ސަރުކާރަކުން ހުއްދީދީގެން ކުރާނެ ކަންކަމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަނީ، ޤާނޫނުއަސާސީގައި އެއޮންނަ ގޮތަށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޮވޭ. އެކަމަކު އެތަންތަނުގައި އެކަހަލަ ނުރައްކާތެރި ކަންކަމުގައި އުޅެފައި އައިމަ، މުޅި ރައްޔިތުންގެ ޙިމާޔަތުގައި އެ އަންނަ މީހުން ކުރަނީ ކީއްތޯ ދެން ބަލާނެ. ރާއްޖޭގެ ފަސްގަނޑުގައި ހަމަނުޖެހުމެއް އުފެއްދީމަ، އެ ހަމަނުޖެހުމުގެ އުނދަގޫ ތަޙައްމަލު ކުރަންޖެހެނީ ހަމައެކަނި ރައީސްކަން ކުރަން ހުރި މީހެއް ނޫން. އެ އުނދަގޫ ތަޙައްމަލް ކުރާނެ އެންމެން.
 
އަޅުގަނޑުމެންގެ ޕާޓީން މިކުރާ މަސައްކަތުގެ ތެރޭގައި، ޕާޓީ އިދިކޮޅު ޙަރަކާތެއްގެ ގޮތުގައި އޮތްއިރުވެސް، އަޅުގަނޑުމެން މަސައްކަތްކުރީ، މިދެންނެވި ކަހަލަ ރައްޔިތުންނަށް އުނދަގޫވާ، އަޅުގަނޑުމެންގެ އުޞޫލުތައް ގަބޫލުނުކުރާ، އަޅުގަނޑުމެންގެ ވިސްނުމާ ތަޢާރުޒުވާ، ވިސްނުމާ އަރާރުންވާ ކަންކަމުގައި އިޙްތިޖާޖު ކުރަން. ޤާނޫނާއި ޝަރީޢަތުން ބޭރުން މީހުން ހިފައި ހައްޔަރު ކުރުމަކީ އަޅުގަނޑުމެންނަކަށް ފަސޭހަކަމެއް ނޫން. އަދި އަޅުގަނޑުމެންނަށް އަމުދުން ފަސޭހަކަމެއް ނޫން، ފަނޑިޔާރުންގެ ގަޔަށް އަތްލައި ހިފައި ހައްޔަރު ކުރުމަކީ. އެކަންކަމާ ދެކޮޅަށް އަޅުގަނޑުމެން އިޙްތިޖާޖު ކުރީމު. އަދި އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ﷲ މިންވަރު ކުރެއްވީ ޙައްޤަށް ނަޞްރު ދެއްވާ އުޞޫލުގެ މަތިން. މިއަދު ފަނޑިޔާރުން ކުރައްވާ ޙުކުމްތައް ފަނޑިޔާރު ކުރައްވަނީ. ދައުލަތް ހިންގަން ތިބި ބަޔަކަށް އެ ޙުކުމްތަކާ ދޭތެރޭގައި ހިތްހަމަނުޖެހިގެން، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަމަށްވަންޏާ، އަޅުގަނޑުމެން ދަނީ އިސްތިއުނާފްގެ މަރްޙަލާތަކަށް. މީގައި މަދަނީ މައްސަލަތައް ބައިވަރު. ޓުއަރިޒަމާ ގުޅުންހުރި ދާއިރާގެ މިކަހަލަ މައްސަލަތައް ބައިވަރު. ޖިނާއީ މައްސަލަތަކުގައިވެސް ހިތްހަމަނުޖެހޭ ކަމަށްވަންޏާ، ދައުލަތަށްވެސް އޮތް ފުރްޞަތަކީ، ރައީސަށްވެސް އޮތް ފުރްޞަތަކީ ބަންޑާރަ ނައިބު މެދުވެރިކޮށް، ނޫނިއްޔާ ޖިނާއީ މައްސަލަތަކުގައި ކަމަށް ވެއްޖިއްޔާ ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށް އިސްތިއުނާފް ކުރުން. އަޅުގަނޑުމެން ރުހޭގޮތަށް ތައްގަނޑު ނުޖަހައިދޭ ފަނޑިޔާރުންނެއް ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށްފައެއް ނުހުންނާނެ. އަޅުގަނޑުމެންނާ އިދިކޮޅަށް ވަކާލާތުކުރާ ވާހަކަ ދައްކާ ސިޔާސީ ވެރިންނެއް އަޅުގަނޑުމެން ހިފައި ހައްޔަރުކޮށްފައެއް ނުހުންނާނެ.
 
މިއަދުވެސް މި ދަންނަވަނީ، މިހާރު ހައްޔަރުވެފައި ތިބި އެބުނާ، އެބުނާ ސިޔާސީ ވެރިން ސިޔާސީ ސަބަބަކާހުރެތޯ ހައްޔަރުވީ ރައްޔިތުންނަށް ކިޔާލަދޭންވީ ނޫންތޯ. ރައްޔިތުންނަށް ކިޔާލަދީފިއްޔާ އޭގެ ޖަވާބު އަޅުގަނޑުމެން އަރުވާނަން. ހިފައި ހައްޔަރުވާ މީހުންގެ ތެރޭގައި ތިބީ ގަދަބާރުން ޤާނޫނާއި ޝަރީޢަތުން ބޭރުން ދައުލަތް ވައްޓާލަން ނުކުމެ އިޙްތިޖާޖުކުރާ މީހުންނާއި، ގޭގޭގައި ހަތިޔާރު ރައްކާތެރިކޮށްގެން ތިބި މީހުންނާއި، މީހުންގެ ފުރާނަޔަށް ގެއްލުން ލިބޭވަރުގެ ނުރައްކާތެރި ޙަމަލާތައް، ލޯންޗްފަހަރު ގޮއްވާލުންފަދަ ކަންކަން ކުރާ މީހުންނާއި، އަދި ޙަވާލުކުރެވުނު އަމާނާތަށް ޚިޔާނާތްތެރިވެގެން، މަޖިލީހުން އިތުބާރު ނެތް ކަމަށް ދޫކޮށްލާފައި ތިބި މީހުންނާ، މިކަހަލަ މީހުން ތިބީ ބަންދުގައި. މިއިން ކޮންމެ މީހެއްގެ މައްޗަށް އަންނަ ޙުކުމެއް މި އަންނަނީ ޤާނޫނުގައި އެކަން ކުރަން ނިންމާފައި އޮތްގޮތަށް. ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ މަންދޫބުންގެ ރުހުން ފުރިހަމައަށް ލިބިގެން ތިބެވޭ ބައެއް. އެހެންވީމާ، ކަމަށް ކިތަންމެ ޤާބިލުވި ކަމުގައިވިނަމަވެސް، މަޖިލީހުގެ މެންބަރުންގެ ވިސްނުމުގައި އެމީހަކީ ސިޔާސީގޮތުން އެމީހުން މަޖިލީހުގެ މެންބަރުންގެ ފިކުރާ ތަފާތުވާ ކަމަށްވަންޏާ، ޤާނޫނުއަސާސީ ނިޔާކުރަނީ މަޤާމުން ދުރަށްދާށޭ ބުނެވޭނެ. އެހެން މަޤާމުން ދުރަށްލާ މީހުން ތިބޭނެ. އަދި ރައީސަށް އިޚްލާޞްތެރިކަންމަތީ ތިބުމަށް މަޤާމަށް އަންނަ މީހުން، ކެބިނެޓް ވަޒީރުން، މީގެތެރޭގައި ވަކިވެފައި ތިބީ ކެބިނެޓް ވަޒީރުން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މިއަދު ދިވެހިރާއްޖޭގެ މުޖުތަމަޢުގެ ތެރޭގައި މިއީ އިދިކޮޅު މީހުންނޭ ކިޔައިގެން ވާހަކަ ދައްކާތީ. އެމީހުން ސަރުކާރުގައި ޚިދުމަތް ކުރަމުން ދިޔައިރު އެއީކީ އިދިކޮޅު މީހުންނެއް ނޫން. ޑިފެންސް މިނިސްޓަރުންގެވެސް ދެބޭފުޅުން ބަދަލުކުރަން ޖެހިއްޖެ. ހަމަގައިމުވެސް ޑިފެންސް މިނިސްޓަރަކަށް ނުހުންނާނެ އިދިކޮޅު މީހަކަށް ވެއްޖިއްޔަކާއެއް. ވަކިވެގެން ގޮސް އެމް.ޑީ.ޕީ. އާ ގުޅިގެން ކުރާ އިޙްތިޖާޖުތަކުގައި ދެން އަޅުގަނޑުމެން ބަލައިގަންނާނީ އެހިސާބުން އެއީ އިދިކޮޅު މީހުންނޭ. އެކަމަކު ސަރުކާރުގައި ހިމެނިގެން، ރައީސްގެ ތަޞައްވުރާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްދޭން، ހުވާކޮށްގެން އައިސް މަޤާމާ ޙަވާލުވެގެން ތިބޭ މީހުންނަކީ އިދިކޮޅު މީހުންނެއް ނޫން. ހަމަގައިމުވެސް އިދިކޮޅު މީހަކު ނައިބު ރައީސެއްގެ މަޤާމެއް ފުރަމަކުންނެއް ނުގެންދާނެ.
 
 އެހެންވީމާ، މިހާރު ކާކުތޯއޭ ޤާނޫނާއި ޝަރީޢަތާއި އުޞޫލުތަކުގެ ބޭރުން ހިފައި ހައްޔަރުކޮށްފައި ހުރީ؟ ނުދެއްކޭނެ. ބަޔަކަށް ވާހަކަ ދެއްކިދާނެ. އެކަމަކު ކޮންމެ ބަޔަކުވެސް އެމީހުންގެ އިންޞާފާއި ޢަދުލު ހޯދަންޖެހޭނީ ޝަރީޢަތުގެ މަރްޙަލާގެ ތެރެއިން. އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކަށް، ނޫނީ ލީޑަރަކަށް އެ ހުންނެވީ ރައީސް މައުމޫން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަމަޖެހުމާއި ހިމޭންކަމާއި އަދި ރައްޔިތުންނަށް ގަބޫލުކުރެވޭ އުޞޫލެއްގެ މަތިން ރައްޔިތުންނަށް ވެރިކަން ކޮށްދިނުން. ގަދަބާރުން ވެރިކަމަށް އާދެވުނީތީ، ގަދަބާރުން ވެރިކަން ދަމަހައްޓަން ކުރާ މަސައްކަތެއް އަޅުގަނޑުމެން ނުކުރާނަން. ގަދަބާރުން ވެރިކަން ދަމަހައްޓަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭނީ ސިޔާސީ މީހުންނާ ދޭތެރޭގައި ކޯޓުތަކުން ޙުކުމްކޮށް ނުދިނީމަ، އެ ފަނޑިޔާރުން ހިފައި ހައްޔަރު ކުރުން ހިމެނޭނީ ގަދަބާރުން މަޤާމު ދިފާޢުކުރަން ބޭނުންވާތީ. އަޅުގަނޑުމެންނަކީ ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ޝުޢޫރުތަކާ ތަފާތުކޮށް އެކަން ކުރަން ބޭނުންވާ ބައެއް ނޫން. ދުނިޔެއަކީ ބަދަލުވާ އެއްޗެއް. ސިޔާސީ ޙާލަތަކީ ބަދަލުވާ އެއްޗެއް. ޑިމޮކްރަސީގައި މިކަންކަން ކުރަން ރައްޔިތުން ބުނެފައި އޮތީ ކޮންމެ ވޯޓް ފޮށްޓެއްގައި ހަމައިން އިންތިޚާބު ކާމިޔާބުކުރާނެ މީހަކު ރައްޔިތުން ދައްކާނެއޭ. އެދުވަސް އަޅުގަނޑުމެން އިންތިޒާރު ކުރަންޖެހެނީ. އެދުވަހާ ހަމަޔަށް އަންނަންދެން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ދަތި ކަންތައްތައް ފިލުވައިދިނުން. ރައްޔިތުންނަށް ބޭނުންވެފައި ހުރި ދަތި ކަންތައްތަކުގެ ތެރޭގައި، ޙައްޤުތައް ގެއްލިގެންދާ ގިންތިތަކަށް ބޭނުންވާ ޙައްޤުތައް އަނބުރާ އިއާދަކޮށްދިނުމަކީ ހިމެނޭ ކަންކަން. އޭގެތެރޭގައި، އެންމެބޮޑަށް އިހުމާލުވެފައި އޮތް ދެ ގިންތި ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ޒުވާނުންނާއި އަންހެނުން. ޙަޤީޤަތުގައިވެސް އަންހެނުންގެ ޙައްޤުތައް ލިބެންވާ މިންވަރަށް ނުލިބި ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.
 
 މި ސަބަބުތައް ހުރެގެން ރައީސް މައުމޫންގެ ދައުރުގައި އެންމެ ފުރަތަމަ ގެވެށި އަނިޔާއާ ދެކޮޅަށް، ގެވެށި އަނިޔާ ހުއްޓުވުމަށް ބިލެއްވެސް މަޖިލީހަށް ހުށަހެޅުނު. އެއީ އޭރު އަޅުގަނޑުމެންގެ ސަރުކާރުން ހުށަހަޅާފައި އޮތް ބިލެއް. ހަމަ މިކަހަލަ ސަބަބުތައް ހުރެގެން ޒުވާނުންނަކީ މުޖުތަމަޢުގައި ރައްޔިތުންގެ ލޯތްބާއި، ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ އިތުބާރު ލިބޭ ބަޔަކަށް ހެދުމަށްޓަކައި ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދެވޭތޯ މި ބަލަނީ. އަޅުގަނޑުމެންގެ މުސްތަޤްބަލަކީ ޒުވާނުން ކަމަށް ނުބުނާ ހަމަ އެއްވެސް މީހަކު ޕޯޑިއަމެއްގެ ފަހަތަކު ނުހުއްޓޭނެ. އެކަމަކު ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ބޭނުންވާއިރު، ޒުވާނުންނަށް ބޭނުންވާ ކަންކަމުގައި ޒުވާނުން ދެކޭގޮތް ދައުލަތް ހިންގުމުގައި، އަދި ދައުލަތުގެ ނިޒާމްތައް ބައްޓަން ކުރުމުގައި ޒުވާނުންގެ އަޑެއްނެތި ކުރެވޭ ކަންތައްތައް ކުރީމަކާ ޒުވާނުންނާ ހަމަޔަށް ދެވެނީކީ ނޫން. އެހެންވީމާ، ޒުވާނުންނަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކޮށްދެވޭތޯ، ޒުވާނުންނަކީ މި ސަރުކާރު އެންމެ އިސްކަންދޭ ގިންތިއެއް ގޮތުގައި ހިމަނައިގެން މިގެންދަނީ. އަޅުގަނޑުމެން މިކަންކަން ކުރަނީކީ ޒުވާނުންގެ ޙައްޤުތައް ނުލިބިގެން ޒުވާނުން ނެރެ މަގުމަތީގައި މުޒާހަރާކޮށްގެން، ބިރު ދައްކައިގެން، ބިރުވެރިކަމާއި ނާމާންކަން މުޅި ދިވެހި މުޖުތަމަޢުގައި ފަތުރައިގެނެއް ނޫން. އެއެއް ނޫން ވެރިކަން ކުރަންޖެހޭ ގޮތެއް ނޫން. ޙައްޤެއް ގެއްލިއްޖެ ކަމަށްވަންޏާ، އިޙްތިޖާޖު ކުރަންވާނެ. އެކަމަކު އެ އޮންނަ އުޞޫލުން އެކަން ކުރަންވީ. ރައީސަށް އަޑުއިވޭނެ، އަބަދު ބެރު ދުންމާރި ތާޅަފިލި ރައީސް އޮފީސް ކައިރީގައި ނުޖެއްސިޔަސް. ރައީސަށް އަޑުއިވޭނެ އެ ވާހަކަ ވާހަކަ. އަދި ރައީސަކީ އިސްވެ ހަމަ ރައްޔިތުންގެ ޙައްޤުތައް، ނޫނިއްޔާ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ދެނެގަތުމުގެ ޤާބިލުކަން ހުރި މީހަކަށްވާތީ، ރައީސްކަމަށް އިންތިޚާބު ކުރަނީ.
 
އެހެންވީމާ، ރައީސަށް އިއްވާކަށް ކޮންމެ ދުވަހަކު، ދެ ދުވަހުން އެއްދުވަހަކު ވަކި ބައެއްގެ ޙައްޤުތައް ގެއްލިގެން މަނާ ސަރަޙައްދުތަކަށް އައިސް ބެރުޖަހާކަށް ނުޖެހޭނެ. އެކަމަކު އެއްވެ އުޅުމުގެ މިނިވަންކަންވެސް އެބައޮތް. އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިންވެސް ރައްޔިތުންނަށް ދަތިނުވާ ގޮތަކަށް އެކަންކަން ކުރައްވަންވީ. ދަތިވާ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވޭ، ދިވެހިރާއްޖެއަށް ގެއްލުން ލިބޭގޮތަށް، ދައުލަތް ހިންގާފައި ތިބި ބޭފުޅުންނާއި އަދި ދައުލަތުގެ މަތީ ފަންތިތަކުގައި އެތަކެއް ދުވަސް ހޭދަކުރައްވާފައި ތިއްބެވި ބޭފުޅުން ވަޑައިގެން ދިވެހިރާއްޖޭގެ ޝުހުރަތު ނަގާލަން އަދި މުޅި ދިވެހިރާއްޖެއަށް އަދަބުދޭން އެ ކުރައްވާ މަސައްކަތާއި، ގޮވާ ގޮވެލިފައްޗެއް އަޅުގަނޑުމެންނަކަށް ގަބޫލުކުރަން ފަސޭހައެއް ނޫން. ކަމެއް އޮތް ކަމަށްވަންޏާ، މަރްޙަލާއަށް އައިސް، އެ މަރްޙަލާއަކަށް އައިސް ވާހަކަ ދައްކަންވީ. މިހާރު ކީއްވެގެންތޯ ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދަޢުވަތު ދިނީމަ ވާހަކަ ދައްކަން ދަތިވެގެން މިއުޅެނީ؟ އަންނަންވީ ނޫންތޯ ވާހަކަ ދައްކަން. ހުރި ވާހަކަތަކެއް ހުށަޅަންވީ ނޫންތޯ؟ ހުށަހަޅާފައި އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކެއް. އެ ޙައްލު ހޯދަން ބޭނުންވާ ގޮތްތަކުގެ ތެރޭގައި، ވަކިކަހަލަ ޖިނާއީ ކުށްތަކެއް، ވަކި ފެންވަރުގެ ބަޔަކު ކުރީމަ، އަދަބު ދޭން ބޭނުންނުވާ ކަމަށްވަންޏާ، އެ ވާހަކަވެސް އަޅުގަނޑުމެންގެ ކައިރީގައި ބުނީމަ ދޮއެއްތޯ އެކަން ކުރެވޭތޯ ބެލޭނީ. އޭރަށް އަޅުގަނޑު ބަލާނަމޭ، ބައެއް މީހުންނަށް އަދަބުނުދީ އުޅެވޭތޯ. ޤާނޫނުތަކުން އިސްތިސްނާ އޭރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޯއްދަވައިދެއްވާނެ. އެކަމަކު އެ ވާހަކަވެސް އެއީ އެމީހުން އެދޭގޮތް ކަމަށް އަޅުގަނޑުމެންނަށް ހުށަހެޅީމަ ދޮއެއްތޯ އެކަން ކުރެވޭނީ. އެހެން ނޫން ކަމަށްވަންޏާ، ޖިނާއީ ޢަދުލުގެ ކުރިމަތީގައި ޤާނޫނުއަސާސީން މިބުނަނީ އެންމެންނަކީ ހަމަހަމަ ބައެކޭ. ވައްކަން ކޮށްފި ކަމަށްވަންޏާ، ޖިނާއީ ޢަދުލު ދެނެއެއްނުގަންނާނެ، އެއީ މުޖުތަމަޢުގައި ކޮން ފެންވަރެއްގައި، ކޮން ގިންތިއެއްގައި ހިމެނޭ މީހެއްތޯ.
 
އަޅުގަނޑުމެންގެ ޕާޓީން މި މަސައްކަތް ކުރަނީ މިދެންނެވި ކަހަލަ ބިނާކުރަނިވި، ރައްޔިތުންނަށް ފަސޭހަ ފިކުރުތަކަކާ އެއްގޮތަށް ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން. އަޅުގަނޑުމެން ޕާޓީން ކުރާ މަސައްކަތުގެ ތެރޭގައި، ރައްޔިތުންނަށް ބިރު ދައްކައިގެން، ނާމާންކަން ޢާންމުކޮށްގެނެއް ކަންކަން ކުރާކަށް ބޭނުމެއްނުވޭ. އެކަމަކު މިވެސް ސިޔާސީ ޕާޓީއެއް ދޮއެއްތޯ. އަދި މިއަދު ﷲގެ ރަޙްމަތުން ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ޕާޓީއަކަށް ވަދެ ތިބި އެންމެ ގިނަ ރައްޔިތުން ތިބީވެސް ޕީ.ޕީ.އެމް.ގައި. އަދި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރަނީ އެމް.ޑީ.އޭ.ގައި. އެމް.ޑީ.އޭ. އާއި ޕީ.ޕީ.އެމް ގުޅިއްޖެ ކަމަށްވަންޏާ، ބޮޑު ބޮޑު އަޣްލަބިއްޔަތެއް، ޕާޓީތަކަށް ވަދެ ތިބި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް މިއޮތީ އަޅުގަނޑުމެންގެ ދެ ޕާޓީގައި. ރައްޔިތުންގެ މަޖިލިސް، އެއީ ރައްޔިތުންގެ ކަންކަން ނިންމުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އަދި ރަށްރަށަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފާސްކޮށްދިނުމާއި، ހުށަހަޅާ ބަޖެޓްތަކަށް ބަޙުޘް ކުރުމަށާއި، ފާސްކުރަން އިންތިޚާބުކުރާ މަޖިލިސް. މުއައްސަސާތަކަށް މީހުން ކަނޑައެޅުމާއި، ކުރުކޮށް ދަންނަވާ ކަމަށްވަންޏާ، މުޅި ރައްޔިތުން ބޭނުންވާގޮތަށް ދައުލަތް ހިންގުމުގެ ނިޒާމް ބައްޓަން ކުރުވުމަށް، ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް އިންތިޚާބު ކުރަނީ ރައްޔިތުންގެ މަންދޫބުން. އެކަން ކުރިއިރުވެސް ކިހިނެއްތޯވީ؟ އެކަން ކުރިއިރުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ ރައްޔިތުން 2008 ވަނަ އަހަރު ބަދަލެއްގެނައި. ވެރިކަމަށް ބަދަލެއް ގެނައި. އެކަމަކު ރައްޔިތުންނަކަށް ފަސޭހައެއްނުވި، އޭރު ވެރިކަން ކުރަމުންދިޔަގޮތް ދެނެގެންފައި، ރައްޔިތުންނަކަށް ފަސޭހައެއްނުވި، މަޖިލީހުގެ އަޣްލަބިއްޔަތު އެ ޕާޓީއަށް ދޭކަށެއް. އެހެންވީމާ، އެފަހަރު މަޖިލީހުގެ މަޣްލަބިއްޔަތު އެ ޕާޓީއަކަށް ނުލިބޭ. ވެރިކަމުގައި ތިއްބަވައިގެންވެސް ވެރިކަން ކުރެއްވި ގޮތުން، ނޫނިއްޔާ ކަންތައްތައް ގެންދެވި ގޮތުން، ރައްޔިތުން އެރުވީ އެންމެ 26 ގޮނޑި. އަޅުގަނޑުމެންނަކީ ސަރުކާރު ހިންގުމުން، ނޫނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުން ވަކިވި ޕާޓީ. އެކަމަކު އަޅުގަނޑުމެންނަށާއި އެމް.ޑީ.އޭ. އަށް ޖުމްލަ އަޅުގަނޑުމެންނަށް 35 ގޮނޑި ލިބިގެންދިޔަ. ނޫނީ ޕީ.އޭ. އަށް. އަޅުގަނޑުމެންނަށާއި ޕީ.އޭ އަށް ޖުމްލަ 35 ގޮނޑި ލިބުނު. އޭރު އެމް.ޑީ.އޭ. އެއް ނެތް އެހެންނޫންތޯ. އޭރު ތިއްބެވީ މިނިވަން މެންބަރުން ގޮތުގައި.
 
އެހެންވީމާ، ރައްޔިތުން އިތުބާރުކުރާ ގޮތަކަށް، ރައްޔިތުންގެ އިތުބާރު ލިބިފައި އޮތީ ކިހިނެއްތޯ އަޅުގަނޑުމެންނަށް ފެނިގެންދަނީ މި ސަބަބުތަކަށްޓަކައި. ބޭއްވުނު އިންތިޚާބުތަކަށް ބައްލަވާ. ބޭއްވުނު ކައުންސިލް އިންތިޚާބުތަކަށް ބައްލަވާ. ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކަށް ބައްލަވާ. ބޭއްވޭ ބައި އިލެކްޝަންތަކުގެ ނަތީޖާއަށް ބައްލަވާ. މިއިން ކޮންމެ ކަމަކަށް ބެއްލެވިޔަސް، ރައްޔިތުންގެ ބަސް ކިތަންމެ ސާފުކޮށްވެސް އެބަ ބުނެދޭ. އެހެންނަމަވެސް، އުޞޫލުތަކުން ބޭރުން އަދި މުޅިން ދޮގު ހަދައިގެން ވާހަކަ އޮޅުވާލައިގެން ވާހަކަ ދައްކާ ކަމަށްވަންޏާ، ދެއްކޭނެ ވާހަކަ ހުންނާނެ. އެކަމަކު އެކަހަލަ ވާހަކަތައް ސާފުވާނީ ގިނަގިނައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަހަލަ ޕޯޑިއަމްތަކުގައި ޓީ.ވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވީމަ. ހަމަ މިގޮތަށް އޮޅުންއަރުވާފައި އޮންނަ މައްސަލައެއް ނޫންތޯ، ދުވަސްވީ މީހުންނަށް ލިބޭ ދެހާސް ރުފިޔާގެ މައްސަލައަކީވެސް. އެ ދެހާސް ރުފިޔާގެ މައްސަލައަކީވެސް ރައީސް މައުމޫންގެ ޒަޢާމަތުގައި ހުށަހެޅުނު އިޞްލާޙެއް. އައިސްފައި އޮތް ބިލަށް، ސޯޝަލް ސެކިއުރިޓީ ބިލަށް ހުށަހެޅުނު އިޞްލާޙެއް. މައްސަލަ ނިމިގެން އެ ފައިސާ ބެއްސެވިއިރު ޝައްކެއްވެސްނެތް، ރައީސް ކަމުގައި ހުންނެވީ ރައީސް ނަޝީދު. އެހެންނަމަވެސް، އެއީކީ ރައީސް ނަޝީދުގެ ބޭނުންފުޅު އޮވެގެން، ދުވަސްވީ މީހުންނަށް ދެއްވި ފައިސާއެއް ނޫން. ރައީސް ނަޝީދު ބޭނުންފުޅުވެގެން އެ ފައިސާ ދެއްވިނަމަ، މިދިޔަ ރިޔާސީ އިންތިޚާބުގެ ބަޙުޘް ބެއްލެވި ބޭފުޅުން މިތާ ތިއްބަވާނެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ބަޙުޘްގައި ރިޔާސީ ކެންޑިޑޭޓުން ދުވަސްވީ މީހުންނަށް، ނޫނިއްޔާ މިހާރު ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ނުލިބޭ ފެންވަރަށް ޢުމުރު ކުރިއަށް ގޮސްފައި ތިބި މީހުންނަށް އެއްބަޔަކު ތިންހާސް ރުފިޔާ، ހަތަރުހާސް ރުފިޔާ، ފަސްހާސް ރުފިޔާ ހުށަހެޅިއިރު، ކީއްވެގެންތޯ، ދެހާސް ރުފިޔާ ދެއްވި ކަމަށް ވިދާޅުވާއިރު، އެ ޢަދަދު އިތުރުކުރައްވަން ވިދާޅުނުވީ؟ ވިދާޅުނުވެއެއްނޫންތޯ. ވިދާޅެއްނުވޭ. އެހެންވީމާ، މި މައްސަލަ ވަރަށް ސާފު. މައްސަލަ ވަރަށް ސާފު. އެހެންވީމާ، އެ ދެހާސް ރުފިޔާއަކީވެސް ހަމަ ދޮށީ ރައްޔިތުންނަށް، ދޮށީ ޢުމުރުގެ ރައްޔިތުންނަށް، ޚިދުމަތްތެރިންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އެއީވެސް ރައީސް މައުމޫންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ ތެރޭގައި ނިންމުނު ކަމެއް. އެ އިޞްލާޙު ހުށަހެޅުއްވި ބޭފުޅަކީވެސް އޭރު މ.އަތޮޅުގެ އެއް މެންބަރެއް ކަމުގައިވާ އަނީސާ އަޙްމަދު.
 
އެހެންވީމާ، މިހެންހުރި ކަންތައްތައް އޮޅުވާލައިގެން ކަންތައްތައް ކުރާކަމަށްވަންޏާ ކަންތައް ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ކަންކަން ޙައްލުކުރަން މިކުރާ މަސައްކަތް، ނޫނީ އެޕްރޯޗް ނޫނީ ސްޓްރެޓެޖީ ތަފާތުވަނީ. އަޅުގަނޑުމެންނަށް ކަމަކުނުދޭ، ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާ ދެކޮޅަށް ފަނޑިޔާރުގެތައް ކައިރީގައި މުޒާހަރާ ކުރުމަކީ އަޅުގަނޑުމެންނަކަށް ފަސޭހަ ކަމެއް ނޫން. އެކަމެއް އަޅުގަނޑުމެނެއް ނުކުރާނެ. އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން، މިދެންނެވިހެން އެހެން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނާ ދޭތެރޭގައިވެސް ހިތްހަމަނުޖެހިގެން، އެމީހުންގެ އަނބިދަރިންނަށް މާލޭގެ މަގުމަތީގައި ހިނގާލައި ނޫޅެވޭވަރަށް ނުރައްކާ ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް ކިހާ ހިތްދަތި، ކިހާ އަނިޔާވެރި ދުވަސްތަކެއް އަޅުގަނޑުމެން މާޒީކޮށްފީމު ނޫންތޯ. މިކަހަލަ ސަބަބުތައް ހުރީމަ ދޮއެއްތޯ، ﷲ ސަބަބެއްގެ ގޮތުގައި މެދުވެރިކުރެއްވި ސަބަބުގެވެސް ނަތީޖާއަކަށްވީ، އެންމެފަހުން ގަބޫލުފުޅު ކުރައްވާފައި އިސްތިޢުފާ ދެއްވާފައި ދުރަށް ވަޑައިގަތީ. އެކަމަކު ދެންވެސް ކަންތައްވީ ކިހިނެއްތޯ؟ ދެންވެސް އެހާ ރަނގަޅަށް ރައްޔިތުންގެ ކުރިމަތީގައި އެކަން ކުރެއްވިގޮތް ހާމަކޮށްދެއްވާފައި، ހޭވެރިކަންވީ ހިސާބުން މުޅި ކަމަކީ އެމަނިކުފާނުގެ މައްޗަށް އައި އަނިޔާއެއް ގޮތުގައި ސިފަކޮށްދެއްވަން މަސައްކަތް ކުރެއްވީ. ސިފައިންނާއި ފުލުހުން މަޖުބޫރުކޮށްގެން، ގަން ޕޮއިންޓްގައި ނޫނީ ބޮލުގައި ބަޑި ޖައްސައިގެން މަޤާމުން ދުރުކުރިކަމަށް ސިފަކޮށްދެއްވަމުން ގެންދެވީ.
 
އޭގެ ނަތީޖާއަކީ ކޮބައިތޯ؟ 8 މަސްދުވަސް ވަންދެން ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ، ޤާނޫނީ ހަމަތަކުގެ މަތިން ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށްތޯ ބެލުމުގެ ނަމުގައި، ކޮމަންވެލްތްގެ ފަރާތުން ނޫނީ އެހެން ބައެއްގެ ފަރާތުން އަޅުގަނޑުމެން ދިވެހިރާއްޖޭގައި ކުރާ ހުރިހާ ކަމެއް އެމީހުން މޮނިޓަރ ކުރަމުންދިޔައީ. އެވަރަށް ދާޚިލީ ކަންކަމާ ބަޔަކަށް ބެހެވޭނީ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ބޭރުގެ އެއްވެސް އިންވެސްޓަރަކުވެސް ރާއްޖެ އަންނަން ބޭނުންނުވީ. އަދި ރާއްޖޭގައި ޙަރަކާތްތެރިވާ ބޭންކްތަކުންވެސް އިތުރު ލޯނުވެސް ދޭން ބޭނުންނުވީ. އެހާ ހަލަބޮލިކޮށްދިޔަ ދުވަސްތަކެއް އަޅުގަނޑުމެން ދެކެފީމު ދޮއެއްތޯ. އެއީކީ ހަނދާންނެތޭވަރުގެ ދުރު މާޒީއެއްވެސް ނޫން. އިހަށްދުވަހުގެ ކަމެއް އެއީ. އެކަން ނިމިގެންދިޔައިރު، ކޮންކަމެއްތޯ މިވީ؟ އެހާ އުނދަގޫ އަށެއްކަ މަސްދުވަސް ހޭދަކޮށް ނިންމާފައި، އަދި އެ މަސައްކަތް ފެށުމުގެ ކުރިން ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް، މި ކުރެވެނީ އިންޞާފްވެރި މަސައްކަތެއްކަން ގަބޫލުކުރައްވައިގެން، ރައީސް ނަޝީދުވެސް ގަބޫލުކުރައްވައިގެން މި މަސައްކަތް ފެށީ. ހަމަ ނަތީޖާ އެދިވަޑައިގަންނަވާ ގޮތަށް ނޫންގޮތަށް ނިމުނީމަ، އެ ގަބޫލެއް ނުކުރައްވާ. މުޅިން އިންޞާފުން އެއްކިބާވެފައި ތިބި ފަނޑިޔާރުން ކުރި މަސައްކަތަކަށް ވެގެންދިޔައީ. ދެން އަޅުގަނޑުމެންނަށް ލިބުނުތޯ ބަދަލެއް؟ އަޅުގަނޑުމެންނަކަށް ބަދަލެއް ނުލިބެޔޭ. އެއޮތް ހުރިހާ ދަތި ދުވަސްތަކެއް ދިވެހި ސަރުކާރުން، ދިވެހިރާއްޖެއިން އިޙްސާސް ނޫނީ ތަޙައްމަލް ކުރިއިރުވެސް އޭގެ ބަދަލެއް އަޅުގަނޑުމެންނަކަށް ނުލިބެއޭ. ހަމައެކަނި ކަށަވަރުވެގެންދިޔައީ، އާނ ވެރިކަން ބަދަލުވެފައި މިއޮތީ ހަމަ ޤާނޫނީ ހަމަތަކުގެ މަތިންނޭ. މީހަކު އިސްތިޢުފާ ދިނީމަ، ދެންހުރި މީހަކު އެކަމަށް އައީއޭ. އެއީ ދިވެހިރާއްޖޭގައި ހަމަ ހުރިހާ އެންމެން ބޯމައްޗަށް ޖަހައިގެން ހުރި ކޮންމެ މީހަކަށްވެސް އަދި ތަޙުލީލެއް ނުކުރިޔަސް، ދިރާސާއެއް ނުކުރިޔަސް އެނގޭ ކަމެއް. 8 މަސްދުވަސް ވަންދެން މިހާ ހިތްދަތިކަމާއި ދަތިކަމުގައި އަޅުގަނޑުމެން ގެންގުޅެފައި، ނަތީޖާއެއްގެ ގޮތުގައި ނިމިގެންދިޔައީ، މިވަރުގެ އުނދަގޫ ރައްޔިތުން އިޙްސާސްކޮށްފި، ބަރުދާސްތުކޮށްފި. މިއަދުވެސް މި ފެންނަނީ ހަމަ އެކަންތައް ނޫންތޯ. މިއަދުވެސް މި ފެންނަކީ އެކަންތައް. އަޅުގަނޑުމެންނަށް ރައީސަކު ވަކިވެގެން ގޮސްފައި، އެއްދުވަސް ކޮށްފައި ދެން ފެނުނު ވާހަކަތަކުގެ ތެރޭގައި މުޅި ރާއްޖޭގެ އެކިހިސާބަށް ޢާންމުވެގެންދިޔައީ، ތަންތަން ހުޅުޖެހުމާއި ނުރައްކާތެރިކަން ފެތުރުން. މިހާރު އަޅުގަނޑުމެން ހަނދާންނެތީތޯ؟ ހަނދާންނެތީތޯ މިއިން އެއްވެސް ކަމެއް؟ ކިހާ އަގުބޮޑު، ކިހާ އަގުބޮޑު ތަންތަންތޯ އަނދައި އަޅިޔަށްވެގެންދިޔައީ.
 
އެހެންވީމާ، އެއީއެއް ނޫން އަޅުގަނޑުމެން ވެރިކަން ކުރަން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެން ވެރިކަން ކުރަން ބޭނުންވަނީ ރައްޔިތުންނަށް ފަސޭހަގޮތަކަށް އެކަންކުރުން. ވެރިކަމަކީ ވަކިގޮތަކަށް ހަމަޖެހިގެން އަންނަ ކަމެއް. ނިޒާމުތަކުގެ ތެރެއިންވެސް އެކަމަކީ ވަކިގޮތަކަށް ހަމަޖެހިގެން އަންނަ ކަމެއް. އެހެންވީމާ، އެކަންކަން ރައްޔިތުން އެދޭގޮތަށް، ޑިމޮކްރަސީގެ އަޞްލަކީ އެއީ. ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، އެމީހުންގެ ކަންކަން ނިންމައިދިނުން އެއީ ޑިމޮކްރަސީގެ މާނަޔަކީ. ދެން އެކަންކަން ތަރުތީބު ކުރުމަށް މި ހުންނަނީ ނިޒާމްތަކެއް. މީގެ އެންމެ ވަރުގަދަ ނިޒާމަކަށް މި އޮންނަނީ ރައްޔިތުންގެ ވޯޓް. ރައްޔިތުންގެ ސީދާ އާނ ބަސް ބުނުން. އެހެންވީމާ، ރައްޔިތުންގެ ސީދާ އާނ ބަސް ބުނީމަ، ދެން އެކަމުގައި 5 އަހަރު އަޅުގަނޑުމެން ހޭދަކޮށްލަނީ. ވެރިޔަކަށް ހުންނަ މީހަކު މަގުން ކައްސާލައިގެން ގޮސް، ބޮޑެތި ނުރައްކާތެރި ކަންތަކަށް ދައުލަތް ހުށަހަޅާ ކަމަށްވަންޏާ، ނޫނިއްޔާ ރައްޔިތުންގެ މަޞްލަޙަތާ ފުށުއަރާ ކަންކަން ހިނގާކަމަށްވަންޏާ، ދެން ނުކުންނަންވީ އިޙްތިޖާޖު ކުރަން. ދެން ނުކުންނަންވީ އިޙްތިޖާޖު ކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް.
 
އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވީ ހަމަ މިރަށަށް އައިސް ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން ކުރާ މަސައްކަތްތަކަކީ އާމްދަނީ ލިބޭ މިންވަރަކުން އާމްދަނީ ހޯދައިގެން އަދި އިތުރު އާމްދަނީ ތަނަވަސްވާނެ ގޮތްތައް ހޯދައިގެން، ރައްޔތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދިނުން. އެއީ ވަކި އަތޮޅެއް، ވަކި މެންބަރަކު ވަކި ދާއިރާގައި ހުރެގެން، ރައްޔިތުން ޕަނިޝް ކުރުމަކީ ނޫނީ ރައްޔިތުންނަށް އަދަބު ދިނުމަކީ އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީ ގަބޫލުކުރާ ކަމެއް ނޫން. އެހެންވީމާ، އެމް.ޑީ.ޕީ.ގެ މެންބަރުން ތިއްބަވާ ދާއިރާތަކަށްވެސް، އެ ދާއިރާތަކަށް ދާންވާ ޚިދުމަތް ދާނެ. އެ ދާއިރާގައިވެސް އެތިބީ ދިވެހިރާއްޖޭގެ ދިވެހި ދަރިން. އަނެއްކާވެސް އަޅުގަނޑު ބުނާ ބަހެއް ނުބައިކޮށް މާނަކުރަންވީކީ ނޫން. އެތަންތަނުގައިވެސް ތިބީ ދިވެހިރާއްޖޭގެ ދެވަނަ ދަރަޖައިގެ ދިވެހިންނެއް ނޫން. ހަމަ ދިވެހިން އެތަންތަނުގައި ތިބީ.
 
އެހެންވީމާ، އަޅުގަނޑުމެންނަކީ ކުލަޔަކަށް ބަލައިގެން ތަފާތުކުރާ ބައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން އެދެން، ރައްޔިތުން ޝުކުރުވެރިކަމާއެކީ ކަންކަން ބަލައިގަންނައިރު، ނިއުމަތްތައް ބަލައިގަންނައިރު، ހިނގައިދިޔަ ކަންތައްތަކާ ދޭތެރޭގައިވެސް ކޮންމެވެސްވަރަކަށް ޚިޔާލުކޮށްލަން. ހަމަ ޚިޔާލުކޮށްލާފައި، އޭގެ ބޭނުމަކަށްވަނީ އަޅުގަނޑުމެންގެ ޒުވާނުންވެސް ތަރުބިއްޔަތު ކުރުން. އަޅުގަނޑުމެންގެ ތުއްތުކުދިންވެސް ތަރުބިއްޔަތު ކުރުން. ކިހާހިސާބަކަށް އަޅުގަނޑުމެންގެ ކަންތައްތައް ދިޔައިމަތޯ، ތުއްތުކުދިން، ކްލާސްރޫމްގައި ޓީޗަރު ވާހަކަ ދައްކަން ހުއްޓައި، މާލޭގައިވެސް އެބަހުއްޓޭ، ނިޒާމާބެހޭ ނުކުތާ ނަގާފައި. މިއީ ހިނގާފައި ހުރި ކަންތައް. މިއީ އަޅުގަނޑުމެންގެ ޓީ.ވީ ޗެނަލްތަކުން އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިސް އޭރު އަޅުގަނޑުމެންގެ ގޭގޭގެ ސިޓިންގރޫމަށް ގެނައިމަ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ކަންތައްތައް. މި ތަރުބިއްޔަތުގެ ތެރެއިން ދޮއެއްތޯ، އަޅުގަނޑުމެންގެ ޒުވާނުން ތަރުބިއްޔަތުވެގެން މި އަންނަނީ.
 
އެހެންވީމާ، މިއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ތަރުބިއްޔަތަކީ. ތަނަވަސްކަން އޮތިއްޔާ ބޮޑެތި ފާރުތައް ރާނައިގެން އަޅުގަނޑުމެންނަށް ތިބެވިދާނެ. އެކަމަކު ކިހިނެއްތޯ މަގުމައްޗަށް ނުނުކުމެ އުޅޭނީ؟ ޙުކުމެއް ކުރާ ކޮންމެ ފަނޑިޔާރަކު ޙުކުމްކޮށްފައި ނުކުމެ ދެން ކުރިމަތިލާންވީ ކޮންމެވެސްކަހަލަ ޖިސްމާނީ ނުރައްކަލަކާތޯ؟ އިންޒާރަކާތޯ؟ މިއެއް ނޫން ކަންތައް ކުރަންވާނެގޮތަކީ. އަޅުގަނޑުމެންނަކީ ނިޒާމްތަކެއް ގަބޫލުކުރާ ބައެއް ކަމަށްވަންޏާ، އެތަންތަނަށް ޢައްޔަނުކުރާ މީހުންނަކީ ރަނގަޅު މީހުންނަމަ، އެމީހުންގެ މިޒާޖުގައި ނޫނީ އެމީހުން ކަންތައްކުރާ ގޮތުގައި ގޯސްކަމެއް އޮތިއްޔާ އެކަން ބަދަލުކުރުމުގެ މަގުވެސް އަދި އެކަން ބަދަލުކުރެވޭނެގޮތްވެސް ޤާނޫނުތަކުގައި އެހެރީ ބުނެދީފައި. އެކަންކަން ބަދަލުކުރާކަށް މަގުމައްޗަށް ނުކުމެ މިކުރާ ކަންކަމަކީ ޢާންމު ދިވެހި ދިރިއުޅުމަކަށް ތަޙައްމަލްކުރަން ފަސޭހަ ކަންކަމެއް ނޫން. އޭގެ އުނދަގޫތަކެއް އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންވީމާ، އެކަންކަން ކުރުމުގައިވެސް އަޅުގަނޑުމެން މިހާރުވެސް މި ސަރުކާރުން ދަންނަވާ ވާހަކައަކީ އެއްވާށޭ، ޚިޔާލުފާޅުކުރާށޭ. މިނިވަންކަމާއެކީ އެއްވެއުޅުމުގެ ޙައްޤު އެބައޮތޭ. އެކަމަކު އެކަން ކުރާށޭ، ރައްޔިތުންނަށް ދަތިނުވާގޮތަށް. ރައްޔިތުންނަށް ދަތިނުވާގޮތަށް ކުރާކަމަށްވަންޏާ އެއީކީ މައްސަލައެއް އޮތް ކަމެއް ނޫން.
 
މިއަދު މިއީ ދުނިޔޭގެ މިނިވަންކަމުގެ ދުވަސް. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްވެސްމެ. ހަމަ ނޫސްވެރިންނަށްވެސް އަޅުގަނޑު މީދޫގައި ދަންނަވާލިގޮތަށް އަދިވެސް ހަމަ ތަކުރާރުކޮށްލަން ބޭނުންވަނީ، ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާށޭ. އެކަމަކު އިންޞާފްވެރިވާށޭ. ޙަޤީޤަތާ އެއްގޮތަށް ވާހަކަ ލިޔާށޭ. ނޫސްވެރިންނާ ޙަވާލުވެފައި އޮތީ ވަރުގަދަ މަތިވެރި އަމާނާތެއް. އެއީ ޒިންމާދާރުކަމާއެކީ އެކަން ކުރުން. ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށްވަންޏާ، އެކަން އެފުށް މިފުށުން ގެނެސްދޭންވާނެ. ހަމައެކަނި އެއްފަރާތުން ދައްކާ ވާހަކަ އެކަނި ގެނައުމަކުންނެއް، ޙައްޤުތަކެއް ޤާނޫނުއަސާސީގައި އެބުނާގޮތަށް ނޫނީ ރައްޔިތުން އެދޭގޮތަކަށެއް، ނޫސްވެރިންނަށް ނޫސްވެރިކަން ކުރެވުނު ކަމަކަށް ގަބޫލެއްނުކުރެވޭ. ދުނިޔޭގެ ނޫސްވެރިކަމުގައި، ނޫސްވެރިކަން ކުރާ ތަންތަނުގައި އެކި ތަނުގައި އޮންނަނީ އެކިކަހަލަ ރެޖީމް އަދަބުދޭން. ބޮޑެތި އަދަބުތަކުން ފެށިގެން، ޖޫރިމަނާއިން ފެށިގެން ބަންދުގެ އަދަބުން ފެށިގެން ނޫސްވެރިކަން ސެންސަރ ކުރުމާއި އަދި މީހުން ނޫސްވެރިކަމުން ސަސްޕެންޑްކުރާ ހިސާބު، މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހުރި ކަންކަން. ދިވެހިރާއްޖެ މިއީ އެހެން ދުނިޔެއެއްގައި އޮތް ތަނެއްތޯ؟ އަޅުގަނޑުމެންވެސް ހަމަ އެލް ބޯޑު ޖަހައިގެން މިކަންކަމުގައި މިއުޅެނީ. އެހެންވީމާ، ކީއްތޯވާނީ ހުރިހާ އެންމެންގެ އަބުރާއި ހުރިހާ އެންމެންގެ ކަރާމާތަށް އިޙްތިރާމް ކުރިއްޔާ؟ އެކަމަކު ދައުލަތުން ކުރާ ކަންކަން، މުއައްސަސާތަކުން ކުރާ ކަންކަމުގައި ހަމަނުޖެހޭ ފޫނުބެދޭ ކަންތައް ހުރެއްޖެ ކަމަށްވަންޏާ، ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް.
 
އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލެވޭތޯ މި ބެލި ވާހަކަޔަކީ، ނިޒާމެއްގެ ތެރެއިން ވެރިކަންކުރާއިރުވެސް، ޕާޓީތަކުގެ ތެރެއިން ވެރިކަން ކުރާއިރުވެސް، ޕާޓީއަކުން ގަބޫލުނުކުރާ އުޞޫލާ އެއްގޮތަކަށެއް، އެއްގޮތަކަށްވެސް ޕާޓީގެ ޙަރަކާތްތެރިންނޭ ކިޔާފައި މިއުޅޭ އެކްޓިވިސްޓުން ނުކުމެ މަގުމައްޗަކު ނޫޅޭނެ. އެހެންވީމާ، ޕާޓީއެއްގެ ޙަރަކާތްތެރިން، ޕާޓީއަކަށް ރައްދުވެގެން، ރައްދުވާތީ އެ ޕާޓީއަކާ ގުޅޭތީ، ނުކުމެ އިސްލާމްދީނުގައި ހުރި ޙައްޤުތަކާ ޚިލާފަށް ވަކާލާތު ކުރަމުންދަނީ. އަޅުގަނޑުމެންނަށް މީގެ ކިތަންމެ ކަމެއް ފެނިގެން މަނާކޮށްފައި އޮތީ އޭރު ސަރުކާރުތަކުންވެސް. ކުރީގެ ސަރުކާރުންވެސް. ރައީސް ވަޙީދު ސަރުކާރުގައިވެސް. އެހެންވީމާ، ޕާޓީގެ ވެރިންނަށް ތިބި ބަޔަކު މަގުމައްޗަށް މީހުން ނެރެގެން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބިރު ދައްކައިގެން ކަންތައް ކުރަން ބޭނުންވެއްޖިއްޔާ އެކަން ހިނގާނެ. އެކަން ހިނގާފައި އޮތީ. އެކަމަކު މިއަދު މިއީ އެދުވަހެއް ނޫން. މިއަދު މިއީ ރައްޔިތުންގެ ހިތުގެ ލޯބި އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭތޯ މަސައްކަތްކުރާ ދުވަހެއް. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށް އިންޞާފުވެރިކަމާއެކީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދެވޭނެ މަގުތަކެއް ކޮށައިދެވޭތޯ ބަލަން. ބިރު ދައްކައިގެން ކަންކަން ކުރުމަކީ އަޅުގަނޑެއް، އަޅުގަނޑު ޕާޓީގެ ރައީސެއް އަދި އަޅުގަނޑުގެ ޕާޓީގެ ކައުންސިލް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަބޫލުކުރާ އުޞޫލެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލަކީ ލިޔެވިފައި ހުރި އުޞޫލުތަކަކާ އެއްގޮތަށް ކަންތައް ކޮށްގެން ރައްޔިތުންގެ ތާއީދު ހޯދުން. އެ ތާއީދު އެހެންވެގެން ދިވެހި ރައްޔިތުން މިހާތަނަށް އަޅުގަނޑުމެންނަށް ދެއްވާފައި އޮތީ.
 
އެހެންވީމާ، އަޅުގަނޑު އެދެނީ މާއެނބޫދުއަށްވެސް އަދި ދިވެހި ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމެއް. އުފަލުގައި އުޅެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން މި ދުނިޔޭގައި ހޭދަކުރާ ކުޑަދުވަސްކޮޅަކީ، އަޅުގަނޑުމެންނަށް ކުރެވޭ އިމްތިޙާނެއް ކަމަށް ގަބޫލުކުރުން. އެކަން ކުރާއިރު ކެތްތެރިކަމާއެކީ އެކަން ކުރުން. ހުރިހާ އެންމެންވެސް އެކުރާ މަސައްކަތަކަށް ޖާގަ ލިބުން. އެންމެންގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ، އެންމެންގެ ޙައްޤުތައް ފުށުއަރާ ހިސާބު ރޯނަކުން ވަކިކޮށްދިނުން. ހަމަ، ގެ ބަހައިގެން ރޯނުން ވަކިކޮށްދިނުން. އަދި ވަކިކުރާއިރު ރޯނު ދަމައިދޭނެ މީހަކު ހުންނާނެކަންވެސް ގަބޫލުކުރުން. އަދި ރޯނު ދަމާފައި ކަޑަ ޖަހައިފި ކަމަށްވަންޏާ، އެކަން ތަންފީޒު ކުރާނެ ބަޔަކުވެސް ތިބޭކަން ގަބޫލުކުރަން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާ ކަމަށްވަންޏާ، އެއީ ޑިމޮކްރަސީގައި މިބުނާގޮތަށް ސިޔާސީ ވެރިކަމެއް ކުރުމުގައި ތާހިރުކަމާއެކީ، ރިވެތިކަމާއެކީ ވެރިކަން ކުރުމަކީ އެއީ. ޙައްޤުތަކަށް އިޙްތިރާމްކޮށްގެން، ޤާނޫނުއަސާސީން އެ އުފައްދާފައި ހުރި މުއައްސަސާތައް، އެބަޖެހޭ އެ މުއައްސަސާތަކަށް ފުރިހަމަ ބާރު ލިބެން. ވެރިކަމުގައި ހުންނަ މީހަކު އަނިޔާވެރިވާން ޖާގަ ލިބިގެނެއް ނުވާނެ. ވެރިކަމުގައި ހުންނަ މީހަކު އަނިޔާވެރިވާން ޖާގަ ނުލިބޭނީ ޤާނޫނުއަސާސީގައި ވެރިކަންކުރާ ފަރާތް ބެލެންސް ކުރުމަށްޓަކައި ޗެކް އެންޑް ބެލެންސް ގެނައުމަށްޓަކައި އެކުރާ ފަރާތަށް ފާރަވެރިވާނެ ފަރާތްތަކަށް އެމީހުން އެކުރާ މަސައްކަތެއް މިނިވަންކަމާއެކީ ކުރުމުގެ ފުރްޞަތު ދީގެން ވާނީ. އެހެންވެ ޢަދުލު އިންޞާފު ޤާއިމުކުރަން ތިބޭ ފަނޑިޔާރުންނަށް ސަރުކާރުގެ ފަރާތުން ބިރުވެރިކަން ކުރިމަތިނުކުރަންވީ އެހެންވެގެން. ހަމަ އެހެންވެގެން ރާއްޖޭގެ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލައެއް އޮވެއްޖެ ކަމަށްވަންޏާ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަންގެ މައްސަލައަކީ މިހާރު މުޅި ރާއްޖެއަށް ޢާންމުވެފައި އޮތް މައްސަލައެއް. އެ މައްސަލައިގެ ތަޙުޤީޤު އިސްވެ ކުރަން އެންގީ ރައީސް އޮފީހުން. ރައީސް އޮފީހަކުން ނޫޅެ އެ މައްސަލަ ފޮރުވާކަށެއް. އެ މައްސަލައިގައި ފައިދާ ލިބުނު މީހުން، ނޫނީ އެނގި ތިބެގެން މަންފާ ލިބުނު މީހުންވެސް އެ ތަޙުޤީޤުކޮށް ނިމުނީމަ އެނގޭނީ. އަޅުގަނޑުމެންނެއް ފޮރުވަން އުޅޭ މައްސަލައެއް ނޫން އެއީކީއެއް. މުއައްސަސާތަކަށް ބާރު އެބަ ލިބެންޖެހޭ.
 
އެހެންވީމާ، އޭ.ސީ.ސީ.އަށް އެ ބާރު އެބަ ލިބެންޖެހޭ. އޮޑިޓަރ ޖެނެރަލަށް އެ ބާރު އެބަ ލިބެންޖެހޭ. އެކަންކަން ކުރެވިގެން ނޫނިއްޔާ އަޅުގަނޑުމެން ޑިމޮކްރަސީ ގެނެސްދޭން ޤާނޫނުއަސާސީގައި އެބުނާ ބާރުވެރިކަމާއި ފާރަވެރިކަން ލިބޭނެގޮތެއް ނޯންނާނެ. ހަމަ ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ލިބޭނީ. މިހާރުގެ މި ސަރުކާރާ ބެހޭގޮތުން ދައްކާ ވާހަކައިގައި، ހަމަ ބުނެވެން އޮންނާނީ ސަރުކާރު ގަބޫލުކުރާ އެތަކެއް ދިވެހި ރައްޔިތުން ރާއްޖޭގައި އެބަތިބި. ގިނަ ރައްޔިތުން ގަބޫލުކުރޭ. ގިނަ ރައްޔިތުން ގަބޫލުކުރޭ، ދިވެހިރާއްޖޭގައި އޮންނަންވާނީ މިނިވަންކަން. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ނުފޫޒު ފޯރުވާނެ ޖާގަދީގެން ނުވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ. އަދި ހަމައެފަދައިން ދިވެހި ރައްޔިތުން ގަބޫލުކުރޭ، ދިވެހިރާއްޖޭގައި އަބަދުވެސް އޮންނަންވާނީ އިސްލާމްދީން ކަމަށް. އެހެންވީމާ، ރައްޔިތުންގެ ޚިޔާލު ތަފާތުވާ ކަންކަން ދައްކާނީ ރައްޔިތުން. އެކަންކަން ފައިޞަލާކުރަން ފޮނުވާ މެންބަރުންގެ ތެރެއިން ދައްކަންވާނީ.
 
އެހެންވީމާ، މި އަންނަ އންތިޚާބުގައިވެސް ރައީސުންވެސް ބަދަލުކުރަންވީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބަދަލުކުރަންވީ. އެކަމަކު އިންތިޚާބަށް މެންބަރުންތަކެއް ހޮވުނީމަ، އެ މެންބަރުން މަސައްކަތް ކުރަން ޖާގަ ލިބެންވާނެ. އެހެންވީމާ، ޚުދުމުޚްތާރުވެގެން ކުރެވުނު ކަމެއް އަޅުގަނޑުމެންނަށް އެބަ އެނގިލަންޖެހޭ. ބަޔަކު މީހުން ހައްޔަރުވެފައި ތިބުން، ބަންދުވެފައި ތިބުން. އެބޭބޭފުޅުންގެ ޙައްޤެއް އެއީ އެބޭފުޅުން ކޯޓަށް ވަޑައިގަންނަވައިގެން، އެބޭފުޅުންގެ މައްޗަށް އުފުލިފައި އެހެރަ އިލްޒާމްތަކުން ނޫނިއްޔާ އުފުލިފައި އެހެރަ ޝަކުވާތަކުން ބަރީއަވުމަކީ އެބޭފުޅުންގެ އަތްޕުޅުމަތީގައި އޮތް ކަމެއް. އެއީކީ ރައީސަކަށް ކޮށްދެވޭނެ ކަމެއް ނޫން. އެއީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންކަން. އެހެންވީމާ، އެކަންކަން ކުރަން ޖާގަ ލިބެންވާނެ. އެހެންވީމާ، ރައީސަކަށް ހުންނަ މީހަކު އެންމެ އިސް ދައުރެއް އަދާކުރާނީ ޤާނޫނުއަސާސީ، ޤާނޫނުއަސާސީގައި އެބުނާ ބާރުތަކާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ޤާނޫނުއަސާސީގެ ބާރު ދަމަހައްޓަން އެންމެ އިސް ޒިންމާއެއް އަދާކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް އެންމެ ފަސޭހައިން އެކަން ކުރެވޭނެ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަން އަޅުގަނޑުމެންނަށް މިދިޔަ ކުރު މާޒީގެ ތެރެއިން ފެނިގެން ހިނގައްޖެ. ފަނޑިޔާރުން ބަންދުކުރާ ހިސާބަށް ދިޔައިމަ އަޅުގަނޑުމެންނަށް އެނގިއްޖެ، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލައިފިކަން. އެހެންވީމާ އެ ތަފާތު އަޅުގަނޑުމެން ދެ ޕާޓީގެ ފިކުރާއި، އަދި އަޅުގަނޑުމެން ކުރާ މަސައްކަތުން ރައްޔިތުންނަށް މި ދައްކައިދިނީ މި ތަފާތު. ދެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް މި ރަށްރަށުގައި ބޭނުންވެފައި ހުރި ތަރައްޤީ ގެނެސްދެވޭތޯ މަސައްކަތް ކުރުން. މި މަސައްކަތް ކުރާއިރު، އަޅުގަނޑުމެންނަކަށް އެހާ ފަސޭހައެއްނޫން، ދުނިޔޭގެ ސަމާލުކަން ހޯދުމަށްޓަކައި ކަކޫތާފެނުގައި ތިބެގެން ޖަލްސާ ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދޭން މަސައްކަތް ކުރުން.
 
ވަރަށް ބޮޑަށް ޝުކުރިއްޔާ، މާއެނބޫދޫގެ ހުރިހާ ރައްޔިތުންނަށް.
 
 އަޅުގަނޑު އެދެނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުން. އަދި ދިވެހިރާއްޖެއަށް ތަރައްޤީ ﷲ މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ ދީނަށް ޢަދާވާތްތެރިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމަށް ޢަދާވާތްތެރިވާ ފަރާތްތަކާއި، ނަފްރަތުކުރާ ފަރާތްތަކުގެ މައްޗަށް ﷲގެ މަގުގައި ތިބި ބަޔަކަށް ނަޞްރު ދެއްވުމަކީ އަޅުގަނޑުމެން ﷲގެ ޙަޟްރަތަ ކުއްތަންވެ ކުރާ ދުޢާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
 والسّلام عليــكم ورحـمــة اللّـه وبـركاتـه.