بســم اللّـه الرّحمـن الرّحيــم
      
   ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
   އާދެ، ވަރަށް އުނދަގޫ ގަޑިއެއްގައި އަޅުގަނޑުމެންނަށް މީދުއަށް މިއާދެވުނީ. އެހެންނަމަވެސް، މީދޫގެ ރައްޔިތުންގެ ތިހުރި ޝައުޤުވެރިކަން، އަޅުގަނޑުމެންގެ މި ޒިޔާރަތާ ދޭތެރޭގައި ހުރި ޝައުޤުވެރިކަން، ތިޔަބޭފުޅުން ކިތަންމެހާ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް ދައްކަވައިފީމު. އެކަމަށްޓަކައި އަޅުގަނޑާއި އަޅުގަނޑާއެކީ ދަތުރުކުރެއްވި އެންމެހައި ބޭފުޅުންގެ ނަމުގައި ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ޝައްކެއްވެސްނެތް، އަޅުގަނޑުމެންނަށް މިއަދުގެ މި އިވިގެންދިޔަ، ފެނިގެންދިޔަ ވީޑިއޯ ޕްރެޒެންޓޭޝަނާއި އަދި މި ޖަލްސާގައި އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން، ކައުންސިލްގެ ރައީސް އަސްލަމްގެ ވާހަކަފުޅުން އަދި ޖަލްސާ ތަޢާރުފްކޮށްދެއްވަމުން ސަމާ އެ ދެއްކެވި ވާހަކަފުޅުން ކިތަންމެ ރަނގަޅަކަށްވެސް މީދޫގެ ރައްޔިތުންގެ ޝުޢޫރުތައް ސަރުކާރާ ހަމަޔަށް، އަޅުގަނޑާ ހަމަޔަށް ގެނެސްދެއްވައިފީމު.
 
އާދެ، މީދޫގެ ރައްޔިތުން އެދިވަޑައިގެން ތިއްބެވި އެންމެބޮޑު ކަންތައް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މީދުއަށް ފުރިހަމަވެގެން މިދިޔައީ. އަޅުގަނޑު މީގެކުރީގައި މީދުއަށް، މީގެ އަހަރެއްހާ ދުވަސް ކުރިން އައިއިރު، އާދެ، މި މަޝްރޫޢު ފެށުމަށްޓަކައި މިރަށަށް ކުރި ޒިޔާރަތުގައި، މީދޫގެ ފަރާތުން ވިދާޅުވަމުން ގެންދެވީ، މިކަމުގެ އިންތިޒާރުގައި ތިމަންނަމެން ތިބޭތާ މިހާރު ފަންސަވީހަކަށް އަހަރަށްވުރެން އިތުރުވެގެން ހިނގައިދާނެޔޭ. މީދުއަކީ އާބާދީ ބޮޑު، ބިންކޮޅު ކުޑަ ރަށެއް. އެހެންކަމުން، ގެވަޅު ދޭނެ ހަމަ އެއްވެސް ފުރްޞަތެއް އަދި އަމުދުން މިނޫން އެހެން އެއްވެސް ކަމެއް ކުރާނެ ފުރްޞަތެއް ނެތް ރަށަކަށްވާތީ، މިއީ މީދޫގެ ރައްޔިތުން ވަރަށްގިނަ ޒަމާންތަކެއް ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ހުވަފެނެއް. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މީދުއަށް މިއަދު އައި އުފަލުގައި އަޅުގަނޑުމެންނަށް ބައިވެރިވެވޭތީ، ﷲ އަށް ޙަމްދުކުރަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މީދޫގެ ސައިޒް މިހާރު މިވަނީ މީދޫގެ އަޞްލު ސައިޒަށްވުރެން އިތުރު ދެގުނަވެ، މީދޫ މިހާރު މިވަނީ ތިން ގުނަޔަށް ބޮޑުވެފައި. މީދުއަކީ އުފެދުމުގައި ދިހަވަރަކަށް، އެގާރަވަރަކަށް ހެކްޓަރު އޮތް ރަށެއް. މިއަދު ބިން ހިއްކައި ނިމިގެން، އަޅުގަނޑުމެން އެ އުފާ އިޙްތިފާލުކުރާ މި ޖަލްސާގައި މިހާރު މިވަނީ ހަމަ އިޢުލާނު ކުރެވިފައި. އިތުރު 20 ހެކްޓަރު މީދޫގެ ބިމަށް އިތުރުވެގެން އެދިޔައީ.
 
އެހެންވީމާ، ޝައްކެއްވެސްނެތް، ގެވަޅަށް ބޭނުންވެފައި ތިބި ޒުވާނުންނަށްވެސް އުންމީދުތަކެއް އާވެގެންދިޔައީ. ކުޅިވަރު ކުޅެން ޖާގަނެތިފައި ތިބި ޒުވާނުންނަށްވެސް އުންމީދުތަކެއް އާވެގެންދިޔައީ. ތަންކޮޅެއް ބާރަށް ސައިކަލް ދުއްވާލަން ބޭނުންވާ ޒުވާނުންނަށްވެސް އުންމީދުތަކެއް އާވެގެންދިޔައީ. އެހެންނަމަވެސް، އެހެން ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރެއްވުމާއެކީ، ކަންކަން ކުރިއަށް ގެންދަވަން އަޅުގަނޑު މިއަދުވެސް ހަމަ އިލްތިމާސް ކުރަން. އާދެ، އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، މީދޫގެ މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންނަށް މި ލިބުނު ދަޢުވަތު. އާދެ، މީދުއަށް ލިބޭ ކޮންމެ އުފަލަކީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މީދުއަށް ނޫނިއްޔާ މީދޫގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ލިބިވަޑައިގަންނަވާ ކޮންމެ ހިތާމަޔަކީ މީދޫގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ހިތާމައެއް ފަދައިން، އަޅުގަނޑުގެ އަޚަކަށްވާތީ، އަޅުގަނޑަށްވެސް ހަމަ ލިބޭ ހިތާމައެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ހިތާމަޔާއެކީ ﷲ މިންވަރު ކުރައްވަނީ، އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރާ ކަމަށްވަންޏާ އުފާވެރިކަންވެސް އަޅުގަނޑުމެންނަށް ޙާޞިލުވާނެ ކަންތައްތައް ވެގެންދިޔުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފަށަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ދެ ވާހަކައެއް ދަންނަވާލާފައި ކުރިއަށްދާނަން. އަޅުގަނޑުމެންގެ ސަރުކާރުގައި މަސައްކަތްތަކެއް ކުރަމުން މިދަނީ، ރައްޔިތުންނަށް އަބަދުވެސް ބޭނުންވެފައި ހުރި، އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ ބަލަން. ހުރިހާ ސަރުކާރުތަކަކުންވެސް މަސައްކަތް ކުރާއިރު، ސަރުކާރުތަކެއްގެ ވިސްނުންތަކެއް ހުންނާނެ. އަދި އެ ސަރުކާރުތަކުން ތަރުތީބު އިސްކަންދޭ ގޮތަކަށް ކަންކަން ތަރުތީބުވެގެންދާއިރު، ކުރެވޭ ކަންތަކާއި، ތަންކޮޅެއް ލަހުން ކުރެވޭ ކަންތައްތައް ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވެގެން މިދަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައި އޮތް އެއްކަމަކީ، ގެދޮރުވެރިކަމުގެ ދަތިކަން ކަމަށްވާތީ، ގެދޮރުވެރިކުރުމަށް ކުރާ މަސައްކަތްތަކެއް. ގެދޮރުވެރިވުމަކީ ޙަޤީޤަތުގައި ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ކަމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ ސަރުކާރާއި، އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުމުގައި ޒުވާނުންނަކީ ދިވެހިރާއްޖޭގެ އުޖާލާ ކުރިމަގު. ޒުވާނުންނަށް ރަނގަޅު ގޮތްތަކެއްވުމަކީ އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ ނަޞީބު. އެހެންވީމާ، ޒުވާނުންނަށް ކަންތައްތައް ކޮށްދިނުމުގެ ތެރޭގައި، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކެއް މިކުރަނީ. ރަށަށް ބިމުގެ ތަދުކަން އޮތް ކަމަށްވަންޏާ، އެ ތަދުކަން ފިލުވައިލަދީފައި، ޒުވާނުންނަށް ގެވަޅުގެ ދަތިކަން އޮތް ކަމަށްވަންޏާ، ގެވަޅު ލިބޭނެގޮތް ތަނަވަސްކޮށްދިނުމާއެކީ، އަދި ހައުސިންގ ފްލެޓްތައްވެސް އަތްފޯރާވަރުގައި ބަހައްޓައިދެވޭތޯ ކުރެވޭ މަސައްކަތްތައް.
 
މީގެއިތުރަށް، މިރަށުންވެސް ވާހަކަފުޅު ދައްކަވަމުން، ރަށުގެ ކައުންސިލްގެ ރައީސް އަސްލަމްވެސް ވިދާޅުވިފަދައިން، ޒުވާނުން އިންތިޒާރު ކުރަމުން އަންނަ ކިތަންމެ ބައިވަރު ކަންތައްތަކަކަށް މަގު ތަނަވަސްވެގެން އެދަނީ. ފުޓްސަލް ދަނޑު ކަމުގައިވީނަމަވެސް، ބަށިކޯޓު ކަމުގައިވީނަމަވެސް، އަދި ޒުވާނުން ކުޅިވަރު ކުޅޭނެ މަރްކަޒެއް ކަމުގައިވީނަމަވެސް، މިކަހަލަ އެތައް ކަންތައްތަކަކަށް މަގުފަހިވެގެން މިދިޔައީ. މިހުރިހާ ކަމަކަށްޓަކައި، ހަމަ މީދޫގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ މިނިސްޓަރ މުޢިއްޒު އަޅުގަނޑު ކައިރީގައި ވިދާޅުވި ވާހަކައިގައި، އަޅުގަނޑަށް ލަފާކުރެވެނީ، މިހާރު މީދޫގެ ލޭންޑްޔޫސް ޕްލޭންވެސް މީދޫގެ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް، ސަރުކާރުން ވަނީ ލޭންޑްޔޫސް ޕްލޭން، ނޫނިއްޔާ މިރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޗާޓް ވަނީ ފާސްކޮށްފައި. މީދޫގެ ކައުންސިލްގެ ރައީސާ، ކައުންސިލާ ޙަވާލުކޮށްފައި. އެހެންވީމާ، މީދުއަށް އިތުރުވެގެން މިދިޔަ ބިން ހެޔޮގޮތުގައި ބޭނުންކުރެއްވުމަކީ، ހަމަ މީދޫ ރައްޔިތުން ކުރައްވާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
 
ޒުވާނުންގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަށް ރެޔަކީ ވަރަށް އުފާވެރި ރެއެއް. ޒުވާނުން، ދިވެހިރާއްޖޭގެ ޒުވާނުންގެ ޝައުޤުވެރިކަން އެންމެބޮޑަށް މިދިޔައީ، ތިން ހަތަރު ހަފްތާއަކަށްވުރެ ގިނަ މުއްދަތު ހޭދަވެގެން މިދިޔައީ މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ބަލަން. އާދެ، ރީތި ރާގުތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އިވިގެންދިޔައީ. ޒުވާނުން މުޅިންވެސް މިކަމުގައި ޙަރަކާތްތެރިވެވަޑައިގަތީ. އެހެންވީމާ، ރޭގައި އިޢުލާނު ކުރެވިގެންދިޔަ، ދިވެހި ރައްޔިތުންގެ ވޯޓާއެކީ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ތާރީޚުގައި ލިޔެވޭ މޯލްޑިވިއަން އައިޑޮލްއެއްގެ ގޮތުގައި ފާހަގަވެގެން އަޅުގަނޑުމެންނަށް އެދިޔައީ ލައިޝާ ޖުނައިދު. ލައިޝާ ޖުނައިދަށް އަޅުގަނޑު ހަމަ ވަރަށް މަރްޙަބާ ދަންނަވައި، އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ދަންނަވަން. އާދެ، އަޅުގަނޑު މީދޫގެ ރައްޔިތުންނާއެކީ އަދި ދ. އަތޮޅުގެ ރައްޔިތުންނާއެކީ، މިދަތުރުގައި އުޅޭތީޔާއެކީ އަޅުގަނޑަށް ރޭގެ ޙަފްލާގައި ބައިވެރިނުވެވުނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހިތުގައި އުފެދިފައި އޮތް އިޙްތިރާމް، ލައިޝާއަށް އަރިސްކުރަން، ދަންނަވަން.
 
އާދެ، ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް. އެހެންވީމާ، ދިވެހިރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ދުވަހުގެ ތަހުނިޔާ ދަންނަވަން. ދަންނަވާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ގަބޫލުކުރައްވާށޭ، ސަރުކާރަކީ ނޫސްވެރިންނާއެކީ އޮތް ސަރުކާރެކޭ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި އަޅުގަނޑު ދަންނަވާނީ ހަމަ ތަހުނިޔާއާއެކީ ނޫސްވެރިން ގަބޫލުކުރައްވާށޭ، ދިވެހި ސަރުކާރުން ދިވެހި ސަރުކާރުގެ ކަންކަމާއި، ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަންކަން ރަނގަޅު ކުރުމަށްޓަކައި ނޫސްވެރިން އެކަންކަން ސަމާލުކަމަށް ގެނެސްދެއްވަންވާނެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ޙަޤީޤަތުގައިވެސް އޭގައި ވަށާފާރު ލެވިފައިވާ ކަމެއްކަން ނޫސްވެރިންގެ ޚިޔާލަށް ގެންނަވަންވާނެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވުން. ނޫސްވެރިކަން ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަކީ ދޭދޭ އަވަށްޓެރިންގެ ތެރޭގައި ހުންނަ މައްސަލަތައް، ރައްޔިތުންނާ ހަމަޔަށް ބަންޑުންކޮށްލުމެއް ނޫން. އަދި މީހުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް، މީހުން ނިކަމެތިވާފަދަ ވާހަކަތައް ގެނައުމެއްވެސް ނޫން. އެހެންނަމަވެސް، ޒިންމާދާރު މަޤާމުތަކެއް، މަސްއޫލިއްޔަތުތަކެއް އަދާކުރާ، ރައްޔިތުންނަށް ޚިދުމަތްކުރާ ބައެއްގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް އުޅޭކަމަށްވަންޏާ، އެކަންކަމުގެ ވާހަކަ ދެއްކޭނެ މަރްޙަލާއަކަށް، ނޫނީ ދެއްކޭނެ ޕްލެޓްފޯމަކަށް ނޫސްވެރިކަން ބަދަލުވެގެންދާނެ. އެހެންނަމަވެސް، އެނޫން ޙާލަތެއްގައި ނޫސްވެރިން ކުރައްވާ މަސައްކަތަކީ، ނޫސްވެރިންވެސް ގަބޫލުކުރައްވަންވާނެ. ނޫސްވެރިންނަކީވެސް އެންމެ ފުރަތަމަ އިންސާނުން. ދިވެހިރާއްޖޭގެ ނޫސްވެރިންނަކީ، ދެވަނަޔަށް ދަންނަވާނީ ދިވެހިންނޭ. ތިންވަނަޔަށް ދަންނަވާނީ، ހަމަ ކަރާމާތް ލިބެން ބޭނުންވާ ފަދައިން، އެހެން މީހުންނަށްވެސް ކަރާމާތްދޭން ތައްޔާރަށް ތިބި ބަޔަކަށްވެސްވާންޖެހޭނޭ.
 
އެހެންވީމާ، ނޫސްވެރިކަމަކީ ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް. މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދުނިޔޭގައި ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ދިވެހި ނޫސްވެރިންނަށްވެސް ހަމަ އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ދަންނަވާފައި، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ނޫސްވެރިކަމުގެ ތެރޭގައި އެއްވެސް ޙައްޤަކަށް އުނިކަމެއް ދިވެހި ސަރުކާރަކުންނެއް ނުގެނޭ. ނޫސްވެރިކަމުގެ ތެރޭގައި ހަމައެކަނި ކުރެވުނު ކަމަކީ، މީހުންގެ އަބުރާބެހުން، އަބުރާބެހޭ ފަރާތްތަކަށް، މައްސަލަތައް ރައްދުވާ ފަރާތްތަކަށް، އެމީހުންގެ ދިފާޢުގައި ވާހަކައެއް ބުނުމުގެ ފުރްޞަތު ނުލިބި، އަދި އެކަން އޮތީ ކިހިނެއްތޯ ބަލައިލައި އަހާލުމުގެ ފުރްޞަތެއްނެތި، އެ ވާހަކަތައް ހިތުހުރިގޮތަކަށް ޖަހާ ޖެހުން. ނޫސްތަކުގައި ޖެހުންވެސް، އޮންލައިން ސައިޓްތަކުގައި ޖެހުންވެސް. އަދި ޓީ.ވީ ނޫނީ ޚަބަރުފަތުރާ ވަސީލަތްތަކުން ގެނައުމަކީވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ މީސްކޮޅެއް އޮންނަ އަދި އެބައެއްގެ ވިސްނުމުގައި އިސްލާމީ އުޞޫލުތަކަށް ތަބާވާންކަމަށް ގަބޫލުކޮށްގެން، އެކަށައަޅައިގެން ތިބި ބައެއްގެ ތެރޭގައި ކުރަން ހެޔޮވާވަރު ކަމެއް ނޫން. އަޞްލުގައި އިސްލާމީ އުޞޫލުގައި މިކަންކަމަށް ރިޢާޔަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުވެސް އަޑުއަހަނީ ދަންނަ ބޭކަލުން ހަމަ ދައްކަވާ ވާހަކަފުޅު. މީހުންގެ ޙައްޤުތަކަށް މިގޮތަށް މީހުންގެ ކަރާމާތަށް އަރައިގަތުމަކީ ހަމަ ވަރަށްބޮޑު ފާފައެއް. އެއީ ކުރެވިގެންވާނެ ކަމެއް ނޫން.
 
އެހެންވީމާ، އަޅުގަނޑު މިއަދުވެސް އިލްތިމާސް ކުރަން ބޭނުންވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަޙައިގެ ތެރޭގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރިއަށް ގެންދަވާށޭ. އަޅުގަނޑު ސަރުކާރުގެ ޒަޢާމަތުގައި ހުރިހާ ދުވަހަކު އަޅުގަނޑަށް ރައްދުކޮށް ދެކެވޭ ވާހަކަޔަކަށް އަދި ސަރުކާރުގެ، ދައުލަތުގެ މުއައްސަސާތަކަށް ރައްދުކޮށް ދެކެވޭ ވާހަކަޔަކަށް، ކުރާ މަސައްކަތާ ބެހޭގޮތުން އަރިހުރަހަށް، އިރު ހުޅަނގަށް، ކޮންމެ ގޮތަކަށް ވާހަކަ ލިޔުނަސް އެއީކީ އަޅުގަނޑުގެ މައްސަލައެއް އޮންނާނެ ކަމެއް ނޫން. އެހެންނަމަވެސް، އެއްވެސްކަހަލަ ބަލައިލުމެއްނެތި، މީހުންގެ އަބުރު ކަތިލުމުގެ މަސައްކަތަކީ، ހަމަ ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކީ ނޫނިއްޔާ ކޮށްގެންވާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. މިއަދުވެސް އެހެންވީމާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ މިނިވަންކަމާއެކީ ނޫސްވެރިކަން ކުރިއަށް ގެންދަވާށޭ. ނޫސްވެރިކަމުގެ ތެރޭގައި ކުރައްވަން ނުވާނެ ކަންތައްތައް އަޅުގަނޑު މި ދަންނަވާލީ. އެނޫން އެހެން ހުރިހާ ކަމެއް ނޫސްވެރިން ކުރިއަށް ގެންދަވަންވީ. އަޅުގަނޑު މިތާ މިއަދު ވާހަކަ ދައްކާއިރުވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ އަބުރަށް އަރައިގަތުމުގެ އެތައް މަސައްކަތެއް އެބަ ހިނގާ. އެކަމަކު މިއީ އަޅުގަނޑުމެންނަށް އަދި މައްސަލައަކަށްނުވި ނަމަވެސް، މި ނުކުންނަ މައްސަލައަކީ، މިކަހަލަ ކަންކަން ހަޖަމުކުރަން ދަތިވާ މީހުން އުޅޭތީ، މިހުރިހާ އެންމެންނަށްވެސް ދިވެހިރާއްޖޭގެ ހިޔާވަހިކަމުގެ ދަށުގައި ތިބޭ ކަމަށްވަންޏާ، ހަމަހަމަ އެއްވަރުގެ ޙައްޤުތަކެއް ލިބެން އެބަޖެހޭ. ހަމަހަމަ އެއްވަރުގެ ޙައްޤުތަކެއް ލިބޭ ކަމަށްވަންޏާ، ނޫސްވެރިން އެކުރާ މަސައްކަތް ނޫސްވެރިން ކުރަންވާނީ، އެހެން މީހުންނަށް އިޙްތިރާމް ކުރުމާއެކީ، އެހެން މީހުންގެ ޙައްޤުތަކަށްވެސް، ކަރާމާތްތަކަށްވެސް ބަލައިގެން، އެ ޙައްޤުތަކަށް ގެއްލުންނުވާފަދަ ގޮތެއްގެ މަތިން.
 
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މީދުއަކީ މިހާރު ބިމުގެ ގޮތުން މުއްސަނދި ރަށަކަށް މިއޮތީ ވެފައި. އެހެންނަމަވެސް، އެޔާއެކީ މީދުއަށް ބޭނުންވާ ތަފާތު ގިނަ ކަންތައްތައް ހުންނާނެ. މީދުއަށް މިވަރުގެ ބިމެއް ބޮޑުވެގެންދާއިރު، އަދި އާބާދީ ތޮއްޖެހިފައި އޮންނައިރު، މީދުއަށް ދަތިވާ، އެންމެ ބޮޑަށް ދަތިވާ ކަންތައްތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި ނަރުދަމާ، ނޫނިއްޔާ ނަރުދަމާ ނިޒާމްގެ ފުރިހަމަކަން މީދުއަށް ބޭނުންވާނެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިކަމުގެ މަސައްކަތްތައް، ޢަމަލީ މަސައްކަތްތައް އެ ކުރައްވަމުން އެދަނީ، ކަނޑަށް ބޭރަށް މިގެންދާ ހޮޅި އެޅުމާއި، އަދި ހޮޅި ގުޅާ ޑިސްޗާޖް ޕަމްޕްގެ މަސައްކަތް ޑިޒައިން ކުރުމާ، މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިހާރު އެބަ ހިނގަމުންދޭ. ޑިޒައިނިންގ މަސައްކަތް ނިމުނީމަ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ، މިކަންކަން އިންސްޓޯލް ކުރެވުނީމަ، މީދޫގެ މިހާރު މިއޮތް ނަރުދަމާއަށް ދަތިވެފައި އޮތް މައްސަލަތައް ޙައްލުވެގެންދާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައިވެސް މީގެ ޙައްލުތަކެއް މީދޫގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް. ދެން މީދުއަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، ތިޔަ ވިދާޅުވި ކަންކަން އަޅުގަނޑު ހަމަ ނޯޓްކޮށްފީމު، އަޅުގަނޑު އަޑުއަހައިފީމު. އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންނަށް ވީ އެންމެ އަވަހަކަށް، އެންމެ ރަނގަޅަކަށް މީދޫގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެވޭތޯ އަޅުގަނޑުމެން ބަލާނަމޭ.
 
އާދެ، މިހުރިހާ ކަމެއް ކުރަމުންދާއިރު، އަޅުގަނޑުގެ ވާހަކައިގެ މިއަދުގެ އަމާޒަކަށް ހަދަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހިރާއްޖެ ގަބޫލުކޮށްގެން މިތިބަ ނިޒާމާ ބެހޭގޮތުން. އަޅުގަނޑުމެން ދިވެހިރާއްޖެ ގަބޫލުކޮށްގެން މިތިބަ ނިޒާމަކީ ޑިމޮކްރަސީގެ ނިޒާމް. ދެން ޑިމޮކްރަސީއަކީ ކޯއްޗެއްކަންވެސް މިހާރު އަޅުގަނޑުމެންނަށް އެބަ ދަސްވާން އެބަޖެހޭ. ޑިމޮކްރަސީއަކީވެސް ކިހާވަރެއްގެ ނިޒާމެއްކަންވެސް އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އިއްޔެގެ ވާހަކަ ކުރިއަށް ގެންދަމުން، މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއްގެ ގޮތުގައި މިއޮތީ މިހާރު މިއޮތް ޤާނޫނުއަސާސީ ބަލައިގަތުމާ ހަމަޔަށްދަންދެންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ، އަޅުގަނޑުމެން ހުރިހާ ފަރާތްތަކަކުންވެސް ސިޔާސީގޮތުން އަޑުއުފުލަމުންދިޔަ ފަރާތްތަކުންވެސް އަދި ޢިލްމީ ތަޖުރިބާހުރި ފަރާތްތަކުންވެސް ވާހަކަ ދައްކަމުން މިދިޔައީ، އަޅުގަނޑުމެންގެ ދައުލަތުގެ އަސާސީ ސިފަތަކެއް ހުންނަންވާނެ ކަމަށް. ދައުލަތުގެ އަސާސީ ސިފަތަކުގެ ތެރޭގައި، ދައުލަތް، ދައުލަތަކަށްވީތީ ލިބޭ ޙައްޤުތަކެއް ހުންނާނެ. ދެން ދައުލަތުގައި ހިމެނޭ ބާރުތައް، މުއައްސަސާތައް، ތަންފީޒީ ބާރުތައް ވަކިވެފައި އޮންނަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރީމު.
 
އެހެންވީމާ، ޤާނޫނުއަސާސީގައި އެކަންކަމުގެ ޙުދޫދު ކަނޑައަޅާފައި، އެއްބާރު އަނެއް ބާރަށް ފުށުނާރާގޮތަށް ކަންކަން އެހެރީ އަޅުގަނޑުމެން ލިޔެދީފައި. އެއީ އަޅުގަނޑުމެން އޭރު ގަބޫލުކުރަމުން އައި އުޞޫލު. އަދި އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް، ހުޅަނގުގެ ޤައުމުތަކުގައިވެސް ގަބޫލުކުރާ އުޞޫލަކީ އެއީ. ދެން އެޔާއެކީ އަޅުގަނޑުމެން ގަބޫލުކުރީ، އަޅުގަނޑުމެން ދިވެހިންނަށް، އިންސާނަކަށްވީތީ ލިބޭނެ ޙައްޤުތަކެއް ހުންނާނޭ. އެއީ ދިވެހި މަންމަޔަކަށް، ދިވެހި ބައްޕަޔަކަށް، ނޫނީ ދިވެހި މަންމައެއް، ނުވަތަ ދިވެހި ބައްޕަޔަކަށް އުފަން ކޮންމެ ދަރިޔަކަށް، ދިވެއްސަކަށްވީތީ ލިބޭނެ ޙައްޤުތަކެއް ހުންނާނެ. އޭގެތެރޭގައި، ދަތުރުފަތުރުކުރުމުގެ ޙައްޤުތަކާއި، އޭނަގެ މިނިވަން، އަމިއްލަ މިނިވަންކަމުގެ ޙައްޤުތަކެއް ހުންނާނެ. އަޅުގަނޑުމެން ޤާނޫނުއަސާސީގައި ދިވެހި ދައުލަތަށް، މުޅި ދައުލަތަށް ލިބޭ ޙައްޤުތަކުގެ ބާބު ނިންމާފައި، އެންމެ އިސްކަމެއްދޭ ޙައްޤުތަކުގެ ތެރޭގައި އެހެރީ ވަކިވަކި ފަރުދުންނަށް ލިބޭ މިނިވަންކަން، ނޫނީ ވަކިވަކި ފަރުދުންނަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ޙައްޤުތައް. އޭގެތެރޭގައި ދިރިހުރުމުގެ މިނިވަންކަމާއި، އަދި މިދެންނެވި ގޮތަށް އޭނަ ދިވެއްސަކަށްވީތީ، އިންސާނަކަށްވީތީ ލިބޭ ޙައްޤުތަކެއްގެ ވާހަކަ އަޅުގަނޑުމެން އެހެރީ ދީފައި. މިއީ އަޅުގަނޑުމެން ބަލައިގަންނަ، އަޅުގަނޑުމެން ގަބޫލުކުރާ ހަމަތައް. މިހާރު އެހެރީ ޤާނޫނުއަސާސީގައި ލިޔެވިފައި. އަދި އޭގެ ތަފްޞީލުތައް ރައްޔިތުންގެ މަޖިލީހުން އެކަށައަޅުއްވަމުން އެ ގެންދަވަނީ. ޙައްޤުތައް ހަނިކުރެވެނީ ކިހިނެއްކަންވެސް ޤާނޫނުއަސާސީގައި އެހެރީ ބުނެފައި. ޙައްޤުތައް ހަނިކުރެވޭނީ، އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި، ނޫނީ ޑިމޮކްރެޓިކް އެންމެ ވަރުގަދަ ނިޒާމްތަކުގައި، އެ ހުންނަ އިޞްޠިލާޙުތަކުގެ ޙައްޤުތައް ހަނިކުރާ މިންވަރަށް ހަނިކުރުމަށް ޤާނޫނުއަސާސީން ޖާގަ ލިބޭ، ދެން ހަދާ ޤާނޫނަކުން. އެ ޙައްޤުތައް އެގޮތުގައި ހަނިކުރެވެނީ. އެހެން ނޫންކަމަށްވަންޏާ، ޙައްޤުތައް ލިޔެވިފައި ހުރި މިންވަރަށް، އެ ޙައްޤުތައް ކޮންމެ ރައްޔިތަކަށްވެސް މި ލިބެނީ. ކޮންމެ ރައްޔިތަކަށް ޙައްޤުތަކެއް ލިބެންޖެހޭ ސަބަބަކީ، ކޮންމެ ރައްޔިތަކީވެސް އަނެއް ރައްޔިތަކާއެކީ އުޅޭއިރު، ދިރިއުޅޭއިރު މައްސަލަތަކެއް ޖެހޭނެ ރައްޔިތަކަށްވާތީ. އެހެންވީމާ، ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް، ދެ އަވަށެއްގެ ތެރޭގައި ޖެހޭ މައްސަލަތައް، ދެ ރައްޔިތެއްގެ ދޭތެރޭގައި ޖެހޭ މައްސަލަތައް ރިޢާޔަތްކޮށްފައި، ޤާނޫނަށް ރިޢާޔަތްކޮށްފައި، ކޮންމެ ބަޔަކަށް ލިބޭ ޙައްޤުތައް، އެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްނުހިތީ، ނޫނީ އަރައިގަތީ ކޮން ބައެއްތޯ ބަލައި، އެކަމަށް ގޮތްތަކެއް ނިންމާނެ ގޮތްތައް، އަދި އެކަމަށް ގޮތްތަކެއް ނިންމާނެ ފަރާތެއް ކަނޑައަޅާފައި އޮތުމަކީ ޑިމޮކްރަސީގެ އެންމެބޮޑު އަސާސް. ރައްޔިތުންގެ ގިނަ ބަޔަކު އެދޭގޮތަށް ކަންތައްތައް ލިޔެވިފައި އެ ހުންނަނީ ޤާނޫނުއަސާސީގައި. ދެން ޤާނޫނުތަކުގައި އެހެރީ. މި ނިޒާމް ގަބޫލުކޮށްގެން، އަޅުގަނޑުމެން ވެރިކަމަށް އައިސް މިތިބީ. އަދި މި ނިޒާމް ގަބޫލުކޮށްގެން އިދިކޮޅު ފަރާތުންވެސް ރާއްޖޭގައި މީގެކުރިން ވެރިކަން ކޮށްފައި އޮތީ. އަދި އެ ނިޒާމަކީ އެހާ ރަނގަޅު ނިޒާމެއްކަމާއި، އެ ދުސްތޫރަކީ އެހާ ވަރުގަދަ، އެހާ ވަރުގަދަ ޖިހާދެއް ކުރެވިގެން، އިންޤިލާބުގެ ތެރެއިން ހޯދުނު ދުސްތޫރެއްކަމާއި، އަދި އެ ދުސްތޫރާ ދޭތެރޭގައި ފަޚްރުވެރިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އޭރުވެސް ވަނީ އަޑުހަރުކޮށް ވިދާޅުވެފައި.
 
 އެހެންވީމާ، އެވަރުގެ ޝަރަފްވެރި، އެވަރުގެ ކަރާމާތްތެރި، އެވަރުގެ ޙައްޤުތަކެއް ލިބޭ ޤާނޫނުއަސާސީއެއް އަޅުގަނޑުމެން މިތިބީ ހޯދައިގެން. ހަމަ ތެދުތެދަށް ދަންނަވަންޏާ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ދިރާސާ ކުރައްވާ ބޭރުގެ މުޝީރުންވެސް ވިދާޅުވަނީ، މި ސަރަޙައްދުގައި ހުރި ޤާނޫނުއަސާސީތަކަށް ބަލާކަމަށްވަންޏާ، ރައްޔިތުންގެ ޙައްޤުތަކާއި، މުއައްސަސާގެ އުޞޫލުތަކާއި އަދި މުއައްސަސާގެ އިންފާރުތައް އެންމެ ރަނގަޅަށް އެކަށައަޅާފައި އޮންނަ އަދި ޤާނޫނުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަންކަން ކުރުމަށް އެންމެ ބާރުއަޅައި އެކަށައަޅާފައި އޮތް ޤާނޫނުއަސާސީއެއް ކަމަށް މިވަގުތު ދިވެހިރާއްޖޭގައި މިއޮތީ. އެހެންވީމާ، ޤާނޫނުއަސާސީގައި މައްސަލައެއް ނޫޅެ. އެކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަން. ޤާނޫނުއަސާސީގައި މައްސަލަ އުފެދޭ ހިސާބަށް މިދަނީ ޤާނޫނުއަސާސީގައި އެބުނާ ޙައްޤުތަކަށް، މީހުންނަށް ލިބޭ ޙައްޤުތަކަށް އަރައިގަތީމަ، ދެން އެޔާ ދޭތެރޭގައި ޢަމަލުކުރެވޭގޮތުން އަޅުގަނޑުމެންނަށް މައްސަލަތަކެއް އުފެދިގެން މި އަންނަނީ.
 
އެހެންވީމާ، ދިވެހިރާއްޖޭގައި އަދި ދުނިޔޭގައިވެސް އެންމެ ރަނގަޅު އުޞޫލަކީ ޑިމޮކްރަސީގެ އުޞޫލު ކަމަށް ގަބޫލުކުރެވެނީ. އެއީ ދެންމެ ސިޔާމްގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިގޮތަށް، އިސްލާމްދީނާ ހަމައިން مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمއާ ހަމަޔަށް އައީ ކަންކަމުގައި މަޝްވަރާ ހޯދުން. ކަންކަމުގައި މަޝްވަރާ ހޯދުމަކީ ގިނަ ބައެއްގެ ރައުޔު، ގިނަ ބަޔަކަށް ފެންނަގޮތް، އެބައެއްގެ މައްޗަށް ތަންފީޒު ވެގެންދާ ކަންކަމުގައި، އެ ތަންފީޒު ވެގެންދާ މީހުންގެ ބަހެއް، އެކަންކަމުގައި ހޯދުން. އެހެންވީމާ، ރާއްޖޭގައިވެސް މިއޮތީ ހަމަ އެކަހަލަ ނިޒާމެއް. މިޒަމާނުގެ ކުރިއެރުންތަކާ އެއްވަރަށް ފައްކާވެފައި އޮތް ނިޒާމެއް. ދެން އަޅުގަނޑުމެންނަށް ބައެއްފަހަރު މިވާގޮތަކީ ކަންކަން ދިޔައިމަ، އެ ބަޔަކު އެދޭގޮތަށް އެކަން ނުދާކަމަށްވަންޏާ، ޤާނޫނުއަސާސީ މިއޮންނަނީ ޅަފަތުގައި. އެބަޔަކު އެދޭގޮތަށް ކަންކަން ދާކަމަށްވަންޏާ ޤާނޫނުއަސާސީ އެއޮތީ ދޮންވެ ފައްކާވެފައި. އެހެންވީމާ، ޤާނޫނުއަސާސީ މިއުޅޭ މަރްޙަލާ އަޅުގަނޑުމެންނަށް ނޭނގެނީ. ވަރަށްގިނަ ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، ޙައްޤުތަކަށް އަރައިގަނެގެން، ނޫނީ ޙައްޤުތަކެއް ގެއްލިގެން ދިޔައިމަ، އެ ޙައްޤުތައް ހޯއްދަވަން ވާހަކަފުޅު ދައްކަވާއިރު، ވިދާޅުވާނެ ޤާނޫނުއަސާސީ މިއޮތީ ޅަފަތުގައޭ. އެހެންވީމާ، ޤާނޫނުއަސާސީގައި ބުނާ އެއްޗެއްގެ ބޭރުން އަދި މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެއީ އެބައެއް ހިތްއެދޭގޮތަށް އެކަން ނުދިޔައީ. އެކަމަކު އެބައެއް އެދޭގޮތަށް ކަންކަން ގޮސްފައި، ކަންކަން ނިމޭ ކަމަށްވަންޏާ، ހަމަ މިއީ ދޮންވެ ފައްކާވެފައި، މިހާރު ދެން ހަމަ ވެއްޓެންވެފައި އޮތް ޤާނޫނުއަސާސީއެއް.
 
އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކައިގަޔާއި، ޢަމަލުކުރާ ގޮތުގައި ހަރުދަނާ ކަމެއް އެބަ ހުންނަންޖެހޭ. މިއީ ދިވެހި ރައްޔިތުންނަށް އަޅުގަނޑު މިއަދު ހަމަ ޑިމޮކްރަސީ ދިވެހިރާއްޖޭގައި އޮތް މިންވަރާ ދޭތެރޭގައި ދަންނަވަން ބޭނުންވާ ވާހަކައެއް. ޑިމޮކްރަސީގެ ސިފަތައް ޤާނޫނުއަސާސީގައި ލިޔެފައި އޮތް އެއްވެސް ސިފަޔަކަށް ބަދަލެއް އައީކީ ނޫން. ބަދަލު އައި ސިފަތަކުގެ ތެރޭގައި، އަޅުގަނޑުމެން މިގެނައީ ހަމަ ވަރަށް ކުޑަކުޑަ ބަދަލެއް. ވަރަށްމަދު ބަދަލެއް. ޤާނޫނުއަސާސީގައި ހުރި ގިނަ މާއްދާތައް ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން. އޭގެ ޒާތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ދަތިކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ޤާނޫނުއަސާސީގައި ވަނީ ތަޅު އަޅުވާފައި. ޚާއްޞަކޮށް، ފަރުދުންގެ ޙައްޤުތައް ބަދަލުކުރުން އެއީ ފަސޭހަކަމަކަށްނުވާނެ. ރައްޔިތުންގެ މަޖިލީހުގެ ވަކިވަރެއްގެ ބޮޑު އަޣްލަބިއްޔަތެއް ހޯދަންޖެހޭނެ. އެއީ މިޒަމާނުގައި އެކި ޕާޓީތަކުން ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ މަޖިލީހުގައި ދައުރު އަދާކުރައްވަމުންދާއިރު ފަސޭހަކަމަކަށް ނުވާނެ. ދެންހުރި އެހެން މާއްދާތަކަކީވެސް ހަމަ ދިވެހި ރައްޔިތުންނަށް އޭގެ ބޭނުންހިފޭނެ މާއްދާތައް. އެ މާއްދާތައް ބަދަލުކުރުމަކީވެސް ފަސޭހަކަމަކަށް ނުވާނެ. މި ފަހަކަށްއައިސް މިއައި ބަދަލުތެރޭގައި، ކޮންމެވެސްވަރަކަށް ކަންބޮޑުވެގެން އުޅުނު ބަދަލުތަކުގެ ތެރޭގައި އެއް ބަދަލަކަށް މިވަނީ، ވެރިކަންކުރާ މީހެއްގެ ޢުމުރު، ވަކިވަރަކަށް ކަނޑައަޅާފައި އޮތުން. 65 އަހަރަށްވުރެން މައްޗަށް ދިޔައިމަ ވެރިކަމަށް ކުރިމަތިނުލެވުން. އެ މައްސަލައަކަށް ވެގެން މިއުޅެނީ. އެކަމަކު ދިވެހި ޢާންމު ވިސްނުމުން ވިސްނާކަމަށްވަންޏާ، މިއީ އެވަރުގެ މައްސަލައަކަށްވެގެން އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދެންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެއީ ދިވެހިރާއްޖޭގެ އާބާދީއަށް ބަލާކަމަށްވަންޏާ، އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުން.
 
ދެން ހަމަ މިއަދު އަޅުގަނޑު ހަމަ އަޅުގަނޑާ ޑިބޭޓް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ދަންނަވާލާ ވާހަކައެއް މިއީ. މި ޑިބޭޓްވެސް ކޮށްލަމާ ހިނގާށޭ. ސަރުކާރުން ކުރާ ކަންތައްތައް ކުރަނީ، އެއްގޮތަކަށްވެސް ނުވިސްނުމެއްގެ ތެރެއަކު ނޫން. ސަރުކާރުން ކުރާ ކަންތައްތައް ކުރަނީ ވިސްނައިގެން. އަދި ކުރިމަގުގައި ރައްޔިތުންނަށް އޭގެ ފައިދާތަކެއް ލިބޭނެ ގޮތްތަކަށް ވިސްނައިގެން. ރައީސްކަމަށް ކުރިމަތިލާ މީހުންގެ ސިފަތަކުގެ ތެރޭގައި ސިފަތަކެއް އެހެރީ އެކަށައަޅާފައި. ހަމަ އެކަށައަޅާފައި ހުރި ސިފަތަކުގެ ތެރޭގައި، ފުރަތަމަ މި އުފެއްދި މީހުން، ނޫނީ ލިޔުނު މީހުން ނުލިޔާ ސިފަޔަކީ ޢުމުރު. އެކަމަކު ދިވެހިރާއްޖޭގެ އާބާދީ މިހާބޮޑަށް ޒުވާންވެގެން ދިޔުމާއި އަދި ދިވެހި ރައްޔިތުން، މިކަހަލަ ރަށްރަށަށް އައިމަ އަޅުގަނޑުމެންނަށް އެނގެނީ، ކަންކަމަށް ފެންބޮވާފައި ތިބި މިންވަރު. ތަރައްޤީގެ ބާރުމިން، ނޫނީ ދުވެލި ބާރަށް ގެންދަން ބޭނުންވާ މިންވަރު އެނގެނީ މިފަދަ ރަށްރަށަށް އައިމަ. އެހެންވީމާ، މިކަންކަން ބާރަށް ކުރާކަމަށްވަންޏާ، ބާރު ދުވެލީގައި ކަންކަން އަޅުގަނޑުމެން ކުރަން ބޭނުންވާނެ. އެހެންވީމާ، ޢުމުރު 65 އަހަރަށް ތިރިވެގެންދާއިރު، ޚިޔާލަށް ގެންނަވާ. މިއަދު މަންމައިންނާއި ބައްޕައިންގެ އުފަލަކަށް މި ހަދަނީ، އަދި ގެދޮރު ރަހުނުކޮށްފައި، ލާރި ނަގައިގެން ކުދިން ބޭރަށް ކިޔަވައިދޭން މި ފޮނުވަނީ. އޭގެ ބޭނުމަކަށް ވަނީ އުފާވެރި ދިރިއުޅުމެއް އެކުއްޖާއަށާއި އެކުއްޖާގެ ޢާއިލާއަށް ލިބިގެންދިޔުން. އުފާވެރި ދިރިއުޅުމެއް، ކޮންމެ ކުއްޖެއްގެ ފަރާތުން ކޮންމެ ޢާއިލާއަކަށް ލިބިގެންދާ ކަމަށްވަންޏާ، އެރަށެއްގެ ރައްޔިތެއް އޮންނާނީ އުފާވެރިކަމުގެ ތެރޭގައި. ރައްޔިތުންތަކެއް އުޅޭ ރަށްތަކެއް އުފާވެރިކަމުގައި އޮންނަ ކަމަށްވަންޏާ، ދިވެހި ދައުލަތަށް އަބަދުވެސް އޮންނާނީ ރޯޝަނީކަން އައިސްފައި. އެހެންވީމާ، ކިޔަވައިގެން އަންނަ ކުދިން ޑިގްރީ ހަދައިގެން އައިސް، ގާތްގަނޑަކަށް 25 އަހަރާ ހަމަޔަށް އެކުދިންގެ ޢުމުރުދާއިރު، އެކުދިންނަކީ ހަމަ އެންމެ މަތީ ތަޢުލީމް ޙާޞިލުކޮށްގެން ތިބޭ ކުދިން. އެކުދިން ސަރުކާރުގެ ނިޒާމްގެ ތެރެއަށް ވަދެ، އަދި ދައުލަތުގެ ނިޒާމްތެރެއަށް ވަދެ، އަޅުގަނޑު ހަމަ ދަންނަވާލާނީ އެކުދިން ދޮންވެ ފައްކާވާނޭ ދިހަވަރަކަށް އަހަރު އެކުދިން މަސައްކަތްތަކުގައި އުޅުނީމަ. މިހާރު މާސްޓަރޒް ހަދައިގެން އަންނަ ކުއްޖަކަށް އަޅުގަނޑުގެ ސަރުކާރުގައި ހަމަ ވިސްނާފައި، ސިޔާސީ މަޤާމުތައްދޭއިރު، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަޤާމު އެބަދެން. އެހެންވީމާ، ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އެއްވެސް މީހަކު ވިހިވަރަކަށް އަހަރު އެ ވުޒާރާއެއްގައި ހޭދަކޮށްފި ކަމަށްވަންޏާ، ސަރުކާރުގެ މަސައްކަތް ހިނގާގޮތް، އެއްފުށުން އަނެއް ފުށަށް ވަރަށް ސީދާކޮށް އެނގޭނެ. އަދި ޚާއްޞަކޮށް މިހާރު ނޫސްވެރިކަމުގެ މިނިވަންކަމާއި، އަސާސީން ލިބިފައި ހުރި ޙައްޤުތަކުގައި، އެހެން ބާރުތަކުން ސަރުކާރުން ކުރާ ކަންތަކަށް ފާރަވެރިވުމުގެ ބާރު ލިބިފައި އޮތް މިންވަރުން ސަރުކާރުން ކުރާ ކަންތައްތަކަކީ ވަރަށް ހާމަކަންބޮޑު ގޮތެއްގައި ކުރާ ކަންކަން. އެހެންވީމާ، 35 އަހަރުވާއިރު، އެކުއްޖަކު އެހެރީ ހަމަ ދޮންވެ ފައްކާވެފައި. އިރާދަކުރެއްވިއްޔާ، އެކުއްޖަކަށް ކެރޭކަމަށްވަންޏާ، ދިވެހި ދައުލަތުގެ ކޮންމެފަދަ މަޤާމަކަށްވެސް، ކޮންމެފަދަ ޒިންމާއެއް ރައްޔިތުންގެ ޙައްޤުގައި އުފުލުމަށް އެކުއްޖަކު އެހެރީ ތަރުބިއްޔަތުވެ ނިމިފައި. އެހެންވީމާ، ޅަޢުމުރެއް މި އޮންނަންޖެހެނީ.
 
ދެން ރައްޔިތުން ނިންމާނެ ކަމެއް، ޅަޢުމުރެއްގައި ކުރިމަތިލާ ކުއްޖަކަށް ވޯޓްދޭނެތޯ، ނުދޭނެތޯ. އެއީ ރައްޔިތުން ނިންމާނެ ކަމެއް. އެހެންނަމަވެސް، ޒުވާނުންނަށް މި މެސެޖް ދިނުމަށްޓަކައި އަދި ކިޔަވައިގެން އަންނަ ތަޢުލީމީ ޒުވާނުންނަށް ދައުލަތް ހިންގުމާއި ދައުލަތުގެ ކަންކަމާ ޙަވާލުވުމުގެ އެންމެމަތީ ބާރު، ވެރިކަމާ ހަމަޔަށް ދިޔުމުގެ ފުރްޞަތު އޮތްކަން ދައްކުވައިދިނުމުގެ ބޭނުމުގައި މި ދެންނެވި ގޮތަށް ޢުމުރު ތިރިވެގެން މިދިޔައީ. ބައެއް ލޯޔަރުން އޭރު ވާހަކަފުޅު ދެއްކެވި، މީހުންގެ ޙައްޤުތަކެއް ގެއްލެނީއޭ. ނޫން، އެއްވެސް މީހެއްގެ ޙައްޤެއް ނުގެއްލޭ. އެއްވެސް މީހެއްގެ ޙައްޤެއް ނުގެއްލޭ. އެހެންވީމާ، ޤާނޫނުއަސާސީގައި އަޅުގަނޑުމެން އެކަން އެކަށައެޅީމަ، އެއޮތީ އެންމެންނަށް އެއްވަރަކަށް ޙައްޤު ލިބިފައި. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި މިގޮތަށް ހުރަސްއެޅޭ ޝަރުޠުތައް ހަމައެކަނި މި މައްސަލައަކު ނޫން އޮންނާނީކީ. އެއީކީ ސަރުކާރަކުން ކޮށްފައި އޮތް ޤާނޫނާ ޚިލާފު ކަމެއް ނޫން. އެއީ ހަމަ ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫނުއަސާސީއަށް ގެނެވިފައި އޮތް ބަދަލެއް. ރައްޔިތުންގެ ގިނަ ބައެއްގެ ވިސްނުން ހުރީ، މަންދޫބުންގެ ގިނަ ބައެއްގެ ވިސްނުންހުރީ އެގޮތަށް ކަމަށްވަންޏާ، އެކަން ބަދަލުނުވާންވީ ސަބަބެއް ނެތް. ހަމަގައިމުވެސް ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އިސްމާޢީލް، އަޅުގަނޑު މި ދައްކާ ވާހަކަ ގަބޫލުކުރައްވާނެ. އެހެންވީމާ، ޢުމުރެއް ކަނޑައެޅިގެން މިދިޔައީ.
 
ދެން ޑިމޮކްރަސީއަކީ އަޅުގަނޑުމެންނަށް މިއަދު ވިސްނާ ވިސްނުމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމް. އެންމެ ފައިދާހުރި ނިޒާމަކަށްވަނީ މައްސަލަތައް ނިންމާނެގޮތާއި، މައްސަލަތައް ފައިޞަލާކޮށް، މައްސަލަތަކަށް ޙައްލު ގެނެސްދޭނެ މުއައްސަސާތަކެއް ކަނޑައަޅާފައި، ކޮންމެ މުއައްސަސާއަކުން ފާރަވެރިކަމާއެކު، އަނެއް މުއައްސަސާއިން ކަންތައްކުރާގޮތަށް ބެލޭނެކަމާއި، އެއްވެސް ބައެއްގެ ޙައްޤުތަކަށް އަނެއް ބަޔަކު އަރައިގަންނަން ޖާގަ ނުދިނުން. ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ޤާނޫނުގެ ބާރު ދެމެހެއްޓުން. ޤާނޫނީ ޙުކޫމަތެއް ކޮންމެ ދައުލަތެއްގައިވެސް އޮތުން އެއީ މުޅި ދައުލަތުގެ ހުރިހާ ރައްޔިތުންގެ މައްޗަށް އޮތް އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ. ޑިމޮކްރަސީއަކީ ބާރުތައް ބެހިފައި އޮންނަ ނިޒާމެއް. ޑިމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ މިނިވަންކަން، ރައްޔިތުންނަށް ގެނެސްދޭ ނިޒާމެއް. މިނިވަންކަން އެންމެ ވަރުގަދަޔަށް ގެރެންޓީކޮށްދޭ ނިޒާމަކީ ޤާނޫނުގެ ބާރު ހިންގުން. ޤާނޫނުގެ ބާރު، އިންޞާފްވެރިކަމާއެކީ އެންމެންނަށް އެއްގޮތަށް ޤާނޫނުގައި އޮންނަ އުޞޫލުތަކާ އެއްގޮތަށް، ޤާނޫނާ އެއްގޮތަށް ގެންދެވޭ ކަމަށްވަންޏާ، އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ، އެންމެ ވަރުގަދަ ބަހާޔަކީ. ޙަޤީޤަތުގައިވެސް އެ ޑިމޮކްރަސީން ގެނެސްދޭ މިނިވަންކަން ގެރެންޓީކޮށްދެނީ ކޯއްޗެއްހެއްޔޭ؟ ޑިމޮކްރަސީން ގެނެސްދޭ މިނިވަންކަން ގެރެންޓީ ކޮށްދެނީ ޤާނޫނުގެ ބާރު އެންމެންނަށް އެއްގޮތަކަށް ހިންގައިދޭނެ ކަމުގެ ބާރު. ނޫނީ ހިންގައިދޭނެކަމުގެ ހިތްހަމަޖެހުން.
 
އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށް ގަބޫލުކުރަން ފަސޭހަކަމަކަށްނުވޭ، އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެމީހުން ކަތިލާފައި ބިންމައްޗަށް އެޅުމަކީ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމެއް ނޫން. އެހެންވީމާ، މިގޮތަށް އެމީހުން ކަތިލާހާ މީހުންނާ ދޭތެރޭގައި ނޫނީ ބޮޑެތި މުޖުރިމުން ޖަލަށްލާފައި އަދި ކުރީގައި އޮންނަ ގޮތުން ވެއްޖިއްޔާ، ކުރީގައި މި ޤާނޫނުއަސާސީ އިޞްލާޙުވުމުގެ ކުރިން، ވަރަށް ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންނަށްވެސް ކޮންމެވެސްކަހަލަ ޢަފޫއެއްގެ ތެރެއިން، މަޢާފެއްގެ ތެރެއިން އެބަ ނުކުމޭ، ހަމަ މަޢުޞޫމް މީހުންނާއެކީ ޚިދުމަތް ކުރަން. ވަރަށް ބޮޑެތި ކުށްވެރިން އެބަހުރި ނުކުމެފައި. އެހެންވީމާ، އޭރު ޤާނޫނުއަސާސީ އިޞްލާޙު ކުރަމުން ދިޔައިރު، އަޅުގަނޑުމެން ގަބޫލުކުރީ އެއީކީއެއް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ލިބެންވާ ޙައްޤެއް ނޫނޭ. މުޅި މުޖުތަމަޢުގެ މަޢުޞޫމްކަން ނަގާލާވަރުގެ ބޮޑެތި މުޖުރިމުން މުއްދަތަކަށް ޖަލަށްލީމަ، ނޫނީ މުއްދަތަކަށް އަދަބު ލިބުނީމަ، އެ މުއްދަތެއް އޭނަ ފުރިހަމަކުރަންޖެހޭނެ. އެކަހަލަ ބޮޑެތި ކުށް ކުރީމަ، އެ މުއްދަތުން ބައެއް ލުއިކޮށްދިނުމަކީ، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ދައުލަތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް، އެންމެ ފަރުދަކަށް އޮންނަންވާ ބާރެއް ކަމަށް އޭރު އަޅުގަނޑުމެންނަށް ގަބޫލުނުކުރެވުނީ.
 
އެހެންވީމާ، މިއަދު މިކަން އޮތީ މިގޮތަށް ބަދަލުވެފައި. މިކަހަލަ ޖިނާއީ ބޮޑެތި މައްސަލަތައް ހިންގާ މީހުންނަށް، ބޮޑެތި މުޖުރިމުން ކުރާ ކަންކަން ކޮށް ނިމުނީމަ، އެމީހުންނަށް މަޢާފްދިނުން ނޫނީ އަދަބު ލުއިކޮށްދިނުމުގެ ނިޒާމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައި، އޭނަޔަށް އެކަން ކުރެވޭގޮތަށް އޮތް ކަމެއް ނޫން. ކްލެމެންސީ ބޯޑެއް އޮވޭ. ޕެރޯލް ބޯޑެއް އޮވޭ. އަދި މަޢާފް ނުދެވޭނެ ކުށްތަކެއްގެ ވާހަކަ ސީދާ ޤާނޫނުގައި ލިޔެފައި އެހެރީ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާވެސް ހިނގަންވީ މަގު މިއަދު ޤާނޫނުގައި ލިޔެފައި އޮތީމަ، ރައީސްކަން ކުރާ ކޮންމެ މީހަކަށްވެސް އޭނަ ހިނގަންވީ މަގު ފަސޭހަވެގެން މިދަނީ. ގިނަ އިޚްތިޔާރުތަކެއް ލިބުނީމަ ހެދޭ ގޯސް ގިނަވާނެ. އެހެންވީމާ، ޑިމޮކްރަސީގެ އަސާސަކީ، ކޮންމެ ކަމެއް ޤާނޫނުގައި، ނޫނީ މީހުން ގަބޫލުކުރާ އުޞޫލުގައި ކަޅާއި ހުދުން ލިޔެވިފައި އޮތުން. ކަޅާއި ހުދުން ލިޔެވިފައި އޮންނަ އުޞޫލު އެގޮތަށް ތަންފީޒު ކުރަން ކެރުން އެއީ ޤާނޫނުއަސާސީގައި މި ހޯދައިދޭ ނޫނިއްޔާ ޑިމޮކްރަސީގެ ނިޒާމެއްގެ ތެރޭގައި މި ހޯދައިދޭ މިނިވަންކަން ކަށަވަރުކޮށްދޭ ހަމައެކަނި ކަމަކީ ޤާނޫނުގެ ބާރު އިންޞާފްވެރިކަމާއެކީ އަދި އަމުދުން ޖިނާއީ ޤާނޫނުގެ ބާރު އިންޞާފްވެރިކަމާއެކީ އެންމެންގެ މައްޗަށް ހަމަހަމަޔަށް ހިންގައިދޭވަރުގެ ވެރިން ޤައުމެއްގައި ތިބުން. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ވާދަކުރަމުންދިޔައިރު، އަދި ޕްރައިމަރީގައި އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓުންނާ ވާދަކުރަމުންދިޔައިރު، އެންމެ މުހިންމު އަސާސަކީ މިއީ. ޤާނޫނުގެ ބާރު ދިވެހި ރައްޔިތުންނަށް އިންޞާފްވެރިކަމާއެކީ ހިންގައިދޭނެކަން. އެހެންވީމާ، މިއަދަކު އަޅުގަނޑަކަށް އިޚްތިޔާރެއް ނެތް، ޤާނޫނުގެ ބާރު ހިންގުމުގައި ތަފާތުކުރުމެއް ނެތް. އެއީކީ އަޅުގަނޑަށް އޮތް އިޚްތިޔާރެއް ނޫން. އެހެންވީމާ، ޤާނޫނުގެ ބާރަކީ ހުރިހާ އެންމެންގެ މައްޗަށް ޑިމޮކްރަސީގައި ހިންގަންޖެހޭކަމޭ. އެއީ ރައީސަކަށް އިޚްތިޔާރު ލިބޭ ކަމެއް ނޫން. އެއީ ހިންގަންޖެހޭ ކަންކަން.
 
އެހެންވީމާ، ޑިމޮކްރަސީއެއް ފައްކާކުރަން ބޭނުންކަމަށްވަންޏާ، ނޫނީ ޑިމޮކްރަސީ މިހާރު އޮތް ހިސާބަށްވުރެ ފައްކާކުރަން ބޭނުންކަމަށްވަންޏާ، އިދިކޮޅުން އަދި އަޅުގަނޑުކުރާ ކަންކަމާ ދޭތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުން ކުރާ ކަންތައްތަކާ ދޭތެރޭގައި ވަކާލާތު ކުރައްވާ ބޭފުޅުންވެސް ދެބަސްނުވެވޭނެ، އެއްބަސްވާންޖެހޭ އެއްކަމެއް އޮތިއްޔާ އެއްކަމަކީ ޤާނޫނު، އޭގެ އަޞްލު މާނައިގައި ތަންފީޒުކުރާށޭ. އެހެން ނޫނިއްޔާ މީހުންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. ރަށްރަށުގެ ކައުންސިލަރުންނަށް އެނގިވަޑައިގަންނަވާނެ. އަދި އޭގެކުރިން ކަތީބުކަން ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހެން ފުރިފައި އޮންނަ ރަށަކުން ގެވަޅުދޭއިރު، ގެވަޅަށް އެދި ތިބި އެތައް ބައިވަރު ރައްޔިތެއް ތިބި ކަމަށްވަންޏާ، ގެވަޅުދޭނެ އުޞޫލަކީ، ގިނަ ބައެއްގެ ނިންމުމާ އެއްގޮތަށް ނިންމާފައި އޮވެގެން ނޫނީ ކިހިނެއްތޯ ކަތީބު އެކަނި އެކަން ކުރާނީ؟ ކަތީބު އެކަނި އޭނަޔަށް ފެންނަގޮތަށް އެކަން ކޮށްފި ކަމަށްވަންޏާ، ކަތީބު ކަމުގައި ހުންނައިރުއާއި، އޭނަ ވަކިވެގެންދާފަހުންވެސް އަބަދުވެސް އުޅެންޖެހޭނީ ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކަށް، އެމުއައްސަސާއެއް ޖަވާބުދާރީވުމަށް ދަމަދަމާ ހުންނާނީ. އެހެން ތިބި ކަތީބުން މިހާރުވެސް އެބަ އުޅުއްވާކަންނޭނގެ، އޭ.ސީ.ސީ.ގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ ބޭފުޅުން. އެހެންވީމާ، އެއީ ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް، އެއް ހަމަޔަކަށް ތަންފީޒުކޮށްދޭން އޮންނަ އޮތުމުގެ ބޭނުމަކީ އެއީ.
 
އަޅުގަނޑުމެންނަށް މި ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި އެންމެ އުނދަގޫވެގެންދިޔަ ކަމަކީ، ޖިނާއީ ޢަދުލަށް ނޫނީ ޖިނާއީ ޙައްޤުތަކަށް އަރައިގަންނަ މީހުން މަގުތަކުގެ މަތީގައި ގިނަވެގެންދިޔުން. އަޅުގަނޑުމެން ދިވެހިރާއްޖޭގައި މި ކުދިކުދި ޖަޒީރާތައް، މި ކުދިކުދި ރަށްރަށަކީ މަޢުޞޫމް ރަށްރަށް ދޮއެއްތޯ. މި މުޖުތަމަޢުތަކަކީ މަޢުޞޫމް މީހުންތަކެއް އުޅޭ ތަންތަން. ކީއްވެގެންތޯ އަޅުގަނޑުމެންނަށް ގަބޫލުކުރެވެންވީ، ވަކިގޮތަކަށް ޙުކުމެއް ކުރީމަ، ފަނޑިޔާރުން ފަތިސްނަމާދުން ނުކުމެގެން އަންނައިރު، ހިރިނުލެވޭވަރަށް އޭނަޔަށް އަދަބު ދެވިފައި އޮންނަންވާނެ ކަމަށް. ކީއްވެގެންތޯ އަޅުގަނޑުމެން ގަބޫލުކުރަންވީ، އަޅުގަނޑުމެންގެ ދޭތެރޭގައި އުފެދޭ މައްސަލަޔަކަށް މީހަކު ކަތިލެވެންވާނެކަމަށް؟ އަޅުގަނޑުމެން މިބުނަނީ، އަޅުގަނޑުމެންނަކީ އެއް ދީނެއްގައި ތިބި ބައެކޭ. ހަމަގައިމުވެސް އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން، މީހުން މެރުން އެއީކީ. ދެން މިބުނަނީ އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެކޭ، އެއް ނަސްލެއްގެ ބައެކޭ. އަޅުގަނޑުމެންގެ ތެރޭގައި ނަސްލީ ތަފާތުތަކެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް މަޢުޞޫމްކަން، މިކަހަލަ ކުދިކުދި ރަށްރަށުގައި މިއޮތް މަޢުޞޫމްކަން ދެމެހެއްޓޭނީ، އެގޮތުގައި ދެމެހެއްޓޭނީ އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާވެގެންދާނީ، އެކަން ކުރެވޭނީ ޤާނޫނުތައް ހިނގައިދެވިގެން. އެހެންވީމާ، ޤާނޫނުން މަތީގައި، ޤާނޫނުން ބޭރުގައި ތިބޭ ބަޔަކު ތިބެގެން ނުވާނެ. އަޅުގަނޑުމެން އެބަ ގަބޫލުކުރަމު، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މި ބުނަނީ، ޤާނޫނު ހިންގާއިރު، އަޅުގަނޑުމެންނަށް އުނދަގޫވޭ، އެކި ފެންވަރުގެ މީހުންނަށް ވީނުވީގޮތެއް ނޭނގި މީހުން ހައްޔަރުވެފައި ތިބުން. ނޫނީ މީހުން ގެއްލިފައި ތިބުން. މިރަށުގައިވެސް އަސްލަމަށްވެސް ދަތިވާނެކަންނޭނގެ، އަސްލަމްގެ އަނބިކަނބަލުން މާލޭގައި އުޅުއްވާ ވަގުތެއްގައި އަސްލަމަކަށް ނޭނގެ ވީނުވީގޮތެއް. އަންހެނުންނާ ގުޅީމަ، ފޯނަކުން ޖަވާބެއް ނުދޭ. ދެން އެތައް ދުވަހެއް ފަހުން މި އެނގެނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ނޫނީ ކޮންމެވެސް ކަމެއްގައި ވީކަމަށް. އަޅުގަނޑުމެން އެހެންވެގެން ޤާނޫނުގައި ލިޔުނީ، 24 ގަޑިއިރަށްވުރެ ގިނައިރަކު، ކޯޓުގެ އަމުރެއްނެތި، ކޯޓުގެ ޙުކުމެއްނެތި މީހަކު އެގޮތަށް ބަންދުކޮށްފައި ނުބެހެއްޓޭނެއޭ. އެއީ ސަރުކާރުންވެސް ބޭނުންނުވަނީ އަނިޔާވެރިވެވިދާނެތީ މިކަހަލަ އިޚްތިޔާރުތަކެއް އަމިއްލައަށް ނަގަން ބޭނުންނުވަނީ.
 
އެހެންވީމާ، ސަރުކާރުންވެސް ކަންކަން ކުރާއިރު، ސަރުކާރަށްވެސް މަނާ ކަންތައްތައް ހުއްދަވާ މިންވަރު، ދަތުރުކުރެވޭނެ ރާސްތާ ޤާނޫނުން ކަނޑައަޅައިދެނީ މިދެންނެވި ސަބަބަށްޓަކައި. މިހާ ވަރުގަދައަށް މިކަން އޮންނައިރު، އަޅުގަނޑުމެންގެ ތެރޭގައި ފަހެ ހޭވެރިކަން ނެތިގެންތޯ މިއުޅެނީ، ފަނޑިޔާރަކު ނަގައި ހައްޔަރުކޮށް، އެތައް ދުވަހެއް ވަންދެން ގެންގުޅުނުއިރު، އެ ކުށަކީ ކުށެއް ކަމަށް ގަބޫލުކުރާ މީހުން ނެތް ކަމަށް މިވަނީ. ދެން އެކުށުގެ އަދަބު ލިބެންޖެހޭ ކަމަށް އަޅުގަނޑުމެން އެބަ ގަބޫލުކުރަން. އާދައިގެ މީހަކު ހިފައި ހައްޔަރުކުރީމަ، އަޅުގަނޑުމެންނަށް އެކަން އެބަ އުނދަގޫވޭ. އޭނައަށްވީގޮތެއް އެބަ އެނގެންޖެހޭ. އަދި އޭނަގެ ދިފާޢުގައި ވާހަކަ ދެއްކޭނެ ޖާގަ އޭނަޔަށް އެބަ ލިބެންޖެހޭ. ލޯޔަރަކު ޢައްޔަން ކުރުމުގެ ބާރު، އޭނަޔަށް ޤާނޫނުއަސާސީން އެބަ ލިބޭ. މިއީ ޑިމޮކްރަސީގެ އުޞޫލުތައް. އެކަމަކު މި އުޞޫލުތައް ވަކި ބައެއްގެ މައްޗަށް ހިނގީމަ، މިއީ ގަބޫލުކުރެވޭ އުޞޫލެއް ނޫން. އެހެންވީމާ، އެ ޑިމޮކްރަސީގެ ބާރު ގެއްލުވައިލެވެނީ. އެއީ ޤާނޫނު ތަންފީޒު ކުރުމުގެ ބާރު ގެއްލުވައިލެވެނީ. މަރުގެ ޙުކުމް ތަންފީޒު ކުރަން މި ސަރުކާރުން ނިންމީމަ، އެންމެ އިދިކޮޅަށް ވާހަކަފުޅު ދެއްކެވީ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން. އެއީ ހަމަގައިމުވެސް އިންސާނީ ކަރާމާތަށް ހެޔޮއެދިގެން ކަމަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އިންސާނީ ކަރާމާތަށް ހެޔޮއެދިގެން ކަމަށްވަންޏާ، ނޫނީ ކަރާމާތަށް އިޙްތިރާމްކުރާ ކަމަށްވަންޏާ، އެންމެ ފުރަތަމަ ކުރަންޖެހެނީ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން މަދުކުރެވޭނެ ގޮތެއް. އިންސާނުންގެ ފުރާނަޔަކީ އަޅުގަނޑުމެން އެކަކު އަނެކަކު އޭގެ މައްޗަށް ބާރުވެރިކަން ދައްކަން އޮތް އެއްޗެއް ނޫން. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ތަންފީޒު ކުރާތީ، އެންމެބޮޑަށް ފާޑުވެރިކަން އަންނަން ފެށީ އެކަމާ ދޭތެރޭގައި. ދެން ރަށުގެ ރައްޔިތުންގެ ތެރެއިން އެއްބަޔަކު އެއަށް ފާޑުކިޔާކަމަށްވަންޏާ، ކީއްވެގެންތޯ ބޭރު ދުނިޔެއިން އެއަށް ފާޑުނުކިޔެންވީ؟ ބޭރު ދުނިޔެއިން ފާޑުކިޔާއިރު، އިއްޔެ އަޅުގަނޑު ކުޑަހުވަދޫގައި ވާހަކަ ދެއްކިހެން، ދުނިޔޭގެ އެކި ޤައުމުތަކުގައި މިކަހަލަ ޙައްޤުތައް މި ހުންނަނީ އެކިގޮތަށް ޕްރެކްޓިސްކުރާ. އެންމެ ބޮޑެތި ޑިމޮކްރަސީ އޮންނަ ޤައުމުތަކުގައި މަރުގެ ޙުކުމް ތަންފީޒު އެބަކުރޭ. ޔޫރަޕްގެ އިއްތިހާދުގެ ގިނަ ޤައުމުތަކުގައި މަރުގެ ޙުކުމް ތަންފީޒެއް ނުކުރޭ. އިސްލާމީ ދައުލަތްތަކުގައި މަރުގެ ޙުކުމް އެބަ ތަންފީޒު ކުރޭ. ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭ ސަބަބަކީ ހަމަ އިންސާނުންގެ ފުރާނަޔަށް މި ސަރުކާރުން ކަރާމާތްތެރިކަމަކާއެކީ ހިތަން ބޭނުންވާތީ. އިންސާނުން މަރުވާން ބޭނުންވާވަރު، ނޫނިއްޔާ މަރާލެވެން ބޭނުންވާ ފުރްޞަތު ދޭން ބޭނުންނުވަނީ މި ސަރުކާރުން.
 
 އެހެންވީމާ، މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމާގޮތަކީ އެއީ. އެހެންވެގެން މިދަންނަވަނީ ޑިމޮކްރަސީއަކީ މިދެންނެވި ގޮތަށް އުޞޫލުތަކަކާއި ޤާނޫނުތަކެއް ތަންފީޒު ކުރަން އޮންނަ ނިޒާމެކޭ. އެ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު އިސްތިސްނާވެގެން ދާކަމަށްވަންޏާ، އެ ގެނެސްދެވެނީ އިޚްތިޔާރީ ބާރުތަކެއް އެ ގެނެސްދެވެނީ ޤާނޫނުން ބޭރުން. ކޯޓުތަކުން މައްސަލަތައް ފައިޞަލާކޮށް ނިންމީމަ، ރައީސުލްޖުމްހޫރިއްޔާ ބުނާކަށްނުވާނެ، އެ މައްސަލަ ނިމިފައި އޮތީ ގޯސްކޮންނޭ. އެކަމަކު އަޅުގަނޑުމެންގެ ޙާލަތު އޮތީ އެހެންތޯ؟ ކޯޓުތަކުން ނިންމާ މައްސަލަތަކާ ބެހޭގޮތުން ލޯޔަރުން އަރައި ޓީ.ވީ.ތަކުގައި މި ވާހަކަ ދައްކަނީ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެއީ ކޮންޓެމްޕްޓް އުފުލާ ކަމެއް އޭގެ ނަތީޖާއަކަށްވާނީ، ތިން ހަތަރު މަސްދުވަހަށް މީހަކު ޖަލުގައި ބަންދުވުން. އެކަމަކު ދިވެހިރާއްޖޭގައި އެކަން މިއޮތީ ވަރަށް ލުއިކޮށް. އަޅުގަނޑުމެން އެންމެންގެ މައްޗަށް ގަބޫލުކުރެވޭ އުޞޫލުތަކެއް ކޯޓުތަކުން މިހާތަނަށް މިގެންދަނީ. އޭގެތެރޭގައި، ޝައްކެއްވެސްނެތް، މީހުން ހިތްހަމަޖެހޭގޮތަށާއި، ހިތްނުރުހޭގޮތަށްވެސް މައްސަލަތައް ނިމިފައި ހުންނާނެ. އެކަމަކު ތިން މަރުޙަލާގެ ކޯޓުން ނިމި، އިސްތިއުނާފުގެ ފުރަތަމަ މަރްޙަލާ ނިމުނީމަ، ދެން އެއީ އަޅުގަނޑުމެން އެ އުޞޫލެއް ގަބޫލުކުރާ އުޞޫލެއް. އެއީ އަސާސީގައި އެކަން ކަނޑައަޅާފައި އޮންނާތީ. އެހެންވީމާ، ސުޕްރީމް ކޯޓަށްވުރެ މަތީގައި އެހެން ކޯޓެއް ނެތް ދިވެހިރާއްޖޭގައި. އެހެންވީމާ، އެކޯޓުން ނިންމާ ކަމެއް އަޅުގަނޑުމެން ބަލައިގަންނާނެ. ދެން އެކޯޓުގައި ތިއްބަވާ ފަނޑިޔާރުން ކަންކަން ކުރައްވާނީ ޤާނޫނާއި ޝަރީޢަތާ އެއްގޮތަށް. އެކަމަށް މިހާރު އަޅުގަނޑުމެންގެ ތެރެއިން އިދިކޮޅަށް ވިސްނަވާ ބޭފުޅުން ވިސްނައިދެއްވަމުން އެ ގެންދަވަނީ، އެބޭފުޅުން ކަންކަން ކުރައްވަނީ، އެބޭފުޅުން އަމިއްލަފުޅު ވިސްނުމުގައޭ. ޤާނޫނާއި ޝަރީޢަތާ ބޭރުންނޭ. އެކަމަކު އެވަނީ ކީއްތޯ؟ އެވަނީ ވަކިބައެއްގެ މައްޗަށް ޙުކުމްތަކެއް އަންނަން ތައްޔާރުވަމުންދާތީ، ރައްޔިތުންގެ ތެރޭގައި މި ފިތުނަ އުފައްދަން ބޭނުންވަނީ. އެކަމަކު އެނޫން އެހެން ހުރިހާ އެންމެންގެ މައްޗަށް، ގެވަޅެއް ދިނަސް، ވަރި ކައިވެންޏަށް ދިޔަސް، މުދާ ބެހިޔަސް، އަދި އެހެން ޙައްޤުތަކެއް ގެއްލިގެންދިޔަސް، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ފުދޭ. ސުޕްރީމް ކޯޓުން ޙުކުމާ ހަމައިން އެކަން ގަބޫލުކޮށްގެން މިތިބެނީ. އެހެންވީމާ، މިކަހަލަ ވާހަކަ ދައްކައިގެން، ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުގެ ނަފްރަތު އަނބުރަން ކުރާ މަސައްކަތަކީ، ދައުލަތެއް، ދައުލަތެއްގެ ސިފައިގައި ޑިމޮކްރަސީ ދިވެހިރާއްޖޭގައި ނިޒާމެއްގެ ސިފައިގައި އޮންނަން ހުރަސްއަޅާ އެޅުން އެއީ. އެއީކީ ގަބޫލުކުރެވޭނެ ކަމެއް ނޫން.
 
އެހެންނަމަވެސް، އެޔާއެކީވެސް އަޅުގަނޑު ހަމަ ދަންނަވާލާނަން. މަޤާމުތަކުގެ މީހުން ނަހަމަގޮތުގައި ބޭނުންކުރާ ވާހަކަޔަކީ އަޅުގަނޑުމެން ދަންނަ ވާހަކައެއް. އެއީ ވަކި ދިވެހިރާއްޖެއެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އޮތް ކަމެއް. ދިވެހިރާއްޖެއަކަށްވެސް ބީރައްޓެހި ކަމެއް ނޫން މިއީކީ. އެކަމަކު އެކަންކަމުގެ ޙައްލު ހޯދާނީ ނިޒާމުގެ ތެރެއިން. އެކަންކަމުގެ ޙައްލެއް އަޅުގަނޑުމެންނަކަށް މަގުމައްޗަކުން ނުލިބޭނެ. އެއެއް ނޫން އެކަން ކުރާގޮތަކީ. އެއަށްވުރެ މާ ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ ބައެއް ދިވެހިންނަކީ. ދިވެހިން ބޭނުންވާނީ މިކަހަލަ ރަށްރަށަށް ބޭނުންވެފައި އޮންނަ ބަނދަރު ބޮޑުކޮށްދިނުން. މަސްވެރިން ބޭނުންވާނީ މަސްވެރިން އެ ބާނާ މަހަށް ރަނގަޅު އަގު ލިބުން. އަދި ފަސޭހަކަމާއެކީ ކިރޭނެގޮތްވުން. އޮޑިވެރިން ބޭނުންވާނީ އޮޑިދޯނިފަހަރު ރައްކާތެރި ކުރެވޭނެ ބަނދަރު ބޮޑުވެގެންދިޔުން. ބަނދަރު ފުންވެގެންދިޔުން. ބިން ފުރިފައި އޮތް ރަށަކުން، މީދޫ ކަހަލަ ރައްޔިތެއް ބޭނުންވާނީ، ބިން އިތުރުވެގެންދިޔުން.
 
އެހެންވީމާ، ޑިމޮކްރަސީގެ ނިޒާމަށް އަޅުގަނޑުމެންނަށް ތަބާވެވޭ ކަމަށްވަންޏާ، ތަބާވާންޖެހޭ އެއްކަމަކީ، ޤާނޫނުގެ ޙުކޫމަތު، ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަޔަށް ހިންގަންޖެހޭނެ ކަމަށް ގަބޫލުކުރަންޖެހޭނެ. އެއީކީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އިޚްތިޔާރީ ޙައްޤެއް ނޫން. އިޚްތިޔާރީ ޙައްޤަކަށްނުވާތީ ދޮއެއްތޯ، މިކަހަލަ ކަންކަމުގައި، އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ޑޮކްޓަރ ޖަމީލް ވިދާޅުވަމުން ގެންދެވި، އިންތިޚާބުގެ ތެރޭގައިވެސް، ޢުމުރު ދުވަހަށްވެސް ރައީސް ނަޝީދު އިންނަންވާނީ ޖަލުގައޭ. މިއީ އަޅުގަނޑުމެން އަޑުއެހި ވާހަކަތައް ދޮއެއްތޯ. ހަމަ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑަށްވުރެ ހަމަ މާ ވަރުގަދަ ލޯޔަރެއް ޑޮކްޓަރ ޖަމީލަކީ. އެއީ އޭރު އުފެދިފައި ހުރި ޝުޢޫރުތައް. އެކިއެކި ބޭފުޅުން ކަންކަން ކުރައްވާފައި ހުރިގޮތުން އުފެދިފައި ހުރި ޝުޢޫރުތައް. އަޅުގަނޑުމެން މީހަކު ޖަލުގައި އިންނަންވާނީ ވަކި މުއްދަތަކަށޭ ބުނަން ނޭނގުނަސް، އަޅުގަނޑަށް ބުނަން އެނގޭ އެއްޗަކީ އެމީހަކު ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބެންވާނޭ. އެވަރަށް އަޅުގަނޑު ބުނާނަން. އަދި އެކަމަކީ މި ސަރުކާރުން އުފުލާނެ ޒިންމާއެކޭ. ކޯޓުތަކުން ޙުކުމް ކުރީމަ، މި ސަރުކާރުން އެ ޙުކުމް ތަންފީޒު ކުރާނެ. އެއީކީ ރައީސުލްޖުމްހޫރިއްޔާ ގޯސްވެގެން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ދޭތެރޭގައި އެއްވެސްކަހަލަ އިޙްސާންތެރިކަމެއް ނެތިގެން ކުރާ ކަންކަމެއް ނޫން. އެއީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޤާނޫނު ލާޒިމްކުރާތީ ކުރާ ކަންކަން. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ކޮށްދޭ ކަންތައްތަކުގެ ތެރޭގައި، މިފަދަ ބޭފުޅުން، މިދެންނެވި ފެންވަރުގެ ބޭފުޅުންނަށް ރާއްޖެއިން ލިބެން ހުންނަ ފަރުވާ ލިބެން ހުންނައިރުވެސް، އެބޭފުޅުން އަޅުގަނޑުމެން ހަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންވެސް އަޅުގަނޑުމެން ޖާގަ މިދެނީ. އެއީ ރައީސްދޭ އިޚްތިޔާރު. ރައީސްގެ އޮންނަ އިޚްތިޔާރުގެ ދަށުން ރައީސް މިދެނީ.
 
އެހެންވީމާ، ޑިމޮކްރަސީއެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާ ކަމަށްވަންޏާ، ޑިމޮކްރަސީގެ އުޞޫލުތައް އަޅުގަނޑުމެން ގަބޫލުކުރަންތޯ؟ ފުރަތަމަ ސުވާލު އުފައްދަން މިޖެހެނީ. އެ ޑިމޮކްރަސީއަކީ އަޅުގަނޑުމެންވެސް ބަލައިގަންނަން ބޭނުންވާ ޑިމޮކްރަސީއެއް. ޑިމޮކްރަސީގެ އަޞްލަކީ އެންމެން ތަބާވާ ކަންކަމެއް، ގިނަބަޔަކު ތަބާވާ ކަންކަމެއް ނިންމާފައި އެހެރީ ޤާނޫނުތަކުގައި ލިޔެގެންނޭ. ޤާނޫނުތަކުގައި އެކަންކަން ލިޔަނީ، ރައްޔިތުންގެ ކަންކަން ނިންމުމަށް ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭ. ލިޔުމަށްފަހު އެކި މުއައްސަސާތަކުން ކަންކަން ކުރަންވީވަރު، ކަންކަން ކުރަންޖެހޭގޮތް އެހެރީ ޤާނޫނުތަކުގައި ކަނޑައަޅައިދީފައި. ކަނޑައެޅިގެން ނިންމާ އެއްކަމެއްގެ ގޮތުގައި މި އޮންނަނީ ޚާއްޞަކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ކުރިމަތީގައި، ދިވެހި ރައްޔިތުންނަކީ ހަމަހަމަވެގެންވާ ބައެކޭ. މިހާރު މި ލަފްޒެއް، މި އިޞްޠިލާޙެއް، ހަމަހަމަވުމުގެ އިޞްޠިލާޙެއް އިދިކޮޅު ފަރާތްތަކުގެ ސިކުނޑީގައި ހަރުލާފައި އޮތް ކަމެއް ނޫން މިއީކީއެއް. އެހެންވީމާ، ވެރިކަން ކުރަން އަންނައިރު، ގަބޫލުކުރަންވާނެ. ކޮންމެ ބަޔަކުވެސް އެކަމަށް ކުރިމަތިލާ ކަމަށްވަންޏާ ގަބޫލުކުރަންވާނެ. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރާއިރު، ރައްޔިތުންނަށް ކޮށްދެވޭނެ އެންމެބޮޑު ޚިދުމަތަކީ، އަޅުގަނޑުމެން އެންމެން ބަލައިގެންފައި މިއޮތް ނިޒާމް، ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ހިންގައިދޭނެ ކަމުގެ ކަށަވަރުކަން ދިނުން. އެއީ ޤާނޫނުއަސާސީ ނަގަހައްޓާނެ ކަމުގެ، ޤާނޫނުއަސާސީ ރައްކާތެރިކޮށްދޭނެ ކަމުގެ އެންމެ މަތިވެރި ޒިންމާއެއް އުފުލަން ޤާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކުރެވެން މި އަންނަނީ، އެންމެންގެ މައްޗަށް ޖިނާއީ ޢަދުލު ހަމަހަމަކޮށް ހިނގާނެ ނިޒާމެއް ކަށަވަރުކޮށްދީގެން.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، ރައީސަކަށް އިޚްތިޔާރު އޮންނަ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ ކަންތައްތަކެއް ހިމެނިގެނެއްނުދޭ. ބޮޑެތި ޖިނާއީ ކުށްތައް ކުރީމަ، ޖިނާއީ ޢަދުލު ލިބިގެންދާނެ. އެއީ ޖިނާއީ އަދަބު ލިބޭއިރު ރައީސުލްޖުމްހޫރިއްޔާއަށްވެސް އެއްވެސްވަރަކަށް ޢަފޫކުރުމުގެ ބާރު ނުހުންނަ ކުށްތަކެއް، މިސާލަކަށް، ޓެރަރިޒަމްގެ ކުށް ކަހަލަ ކަންތައްތައް އެހެރީ ޤާނޫނުގައި ލިޔެފައި. އެ ޤާނޫނު ބަދަލުކުރާނީކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. އެ ޤާނޫނު އަނެއްކާވެސް ބަދަލުކުރަން ތިބި ބަޔަކީ ރައްޔިތުންގެ މަންދޫބުން. ރައްޔިތުންގެ މަންދޫބުން އެ ޤާނޫނު ބަދަލުކުރައްވައިފި ކަމަށްވަންޏާ، އެޔާއެކީ ރައީސުލްޖުމްހޫރިއްޔާ ޖެހޭނީ ކުރިއަށްދާން. އެހެންވީމާ، ދިވެހިރާއްޖޭގައި އޮތް ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންކަމަށްވަންޏާ، އަދި އެ ނިޒާމް އެއަށްވުރެ ފައްކާކުރަން ބޭނުންކަމަށް ވަކާލާތުކުރާ ބޭފުޅުންވެސް ހަމަ އެއްބަސްވެވަޑައިގަންނަވަންޖެހޭނެ ކަމަކީ، ޑިމޮކްރެޓިކް ނިޒާމެއްގައި، އެންމެ ވަރުގަދަ، އެންމެ ވަރުގަދަ އިޞްޠިލާޙަކީ، ނޫނީ އެންމެ ވަރުގަދަ ފައުންޑޭޝަނަކީ ޤާނޫނުގެ ބާރު ދެމެހެއްޓުން. ރޫލް އޮފް ލޯ އަޕްހޯލްޑް ކުރުން. ޤާނޫނީ ޙުކޫމަތު ދަމަހައްޓާނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ލިބިފައި އޮތުން. ރައްޔިތުންނަށް ލިބޭ އެންމެ ވަރުގަދަ ގެރެންޓީއަކީ އެއީ. އެހެންވީމާ، އެކަންކަން އޮންނަންވާނީ އެގޮތަށް.
 
އެހެންވީމާ، ޑިމޮކްރަސީއެއްގެ ވާހަކަ އަޅުގަނޑު މިދަންނަވާ ސަބަބަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތިގެން، ދިވެހިރާއްޖޭގައި މިނިވަންކަން ނެތިގެން އަޑުއުފުލި އަޑުއުފުލުންތަކާ ގުޅިގެން ބޭރު ދުނިޔޭގެ ބައެއް ފަރާތްތަކުން އަޅުގަނޑުމެންނަށް މި ކުރިމަތިކުރުވާ ފިއްތުންތައް މި ކުރިމަތިކުރަނީ. އެކަމަކު އޭގައި ހަމަ ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި މަޤާމަށް އިންތިޚާބުކޮށްފައި މިހިރީ ރައްޔިތުންގެ ތެރޭގައި ހަމަޖެހުން ގެންނަން. ރައްޔިތުންގެ ތެރޭގައި އިންޞާފްވެރިކަން ޤާއިމްކޮށްދޭން. ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށް. ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދޭން. ރައްޔިތުންގެ ފަރުދީ ޙައްޤުތައް ޙިމާޔަތް ކުރަން. ރައްޔިތުންގެ ފަރުދީ ޙައްޤުތައް ޙިމާޔަތް ކުރެވޭނީ، ޤާނޫނުގައި އެ އޮންނަ ގޮތަށް، އެންމެންނަށް އެއްގޮތަކަށް ކަންތައްކޮށްގެން. ޚާއްޞަކޮށް، ބޮޑެތި ކުށްތައް ކުރާ މީހުން، އެ ކުށްކުރުމާ ދުރުހެލިކުރުވަންޖެހޭ. އެކަންކަމަށް ދުރުހެލިކުރުވެނީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، އެކަންކަމުގައި ހުންނަ އަދަބުވެސް ދެވިގެން. އަދި މީހުންނާ ވާހަކަ ދައްކައި، މީހުންނަށް ރަނގަޅުގޮތް ވިސްނައިވެސްދީގެން. އެހެންވީމާ، އެކަންކަމަކީ ރައީސަށް އިޚްތިޔާރަށް ދޫކޮށްލާފައި އޮންނަ ކަމެއް ނޫން. ޤާނޫނުއަސާސީ އެކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމެއް.
 
އެހެންވީމާ، އިޚްތިޔާރު ނެތް ކަމެއްގެ ވާހަކަ، ދިވެހި ދައުލަތަށް، ބޭރުގެ ފަރާތްތަކުން ދިވެހި ސަރުކާރަށް ކިތަންމެ ދަތިކުރަން ހުށަހެޅި ނަމަވެސް، ހަމަ ދަންނަވާލަންޖެހެނީ، މިކަންކަމުގައި އަޅުގަނޑުމެންގެ ޤާނޫނު އޮތްގޮތް އަޅުގަނޑުމެން ބަލަމާ ހިނގާށޭ. ބަލާފައި ބޭރުގެ ފަރާތްތަކުން އެބުނާގޮތަށް އަޅުގަނޑުމެންގެ ޤާނޫނުތައް ބަދަލުކުރަން އަޅުގަނޑުމެން ރުހޭކަމަށްވަންޏާ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެކޭވެސް ޤާނޫނުއަސާސީގައި ލިޔާކަށްނުޖެހޭނެ. އެވެސް ދޫކޮށްލާފައި އޮންނަންވީ ނޫންތޯ؟ އެވެސް ދޫކޮށްލާފައި އޮންނަންވީ ނޫންތޯ؟ އެހެންވެއްޖެ ކަމަށްވަންޏާ، އިންޑިޔާ ކަނޑުގެ ތެރޭގައި ދިވެހިރާއްޖެވެސް ވަކި ތަނެއްގައި ނޯންނާނެ. ހަމަ އޮޔާދާގޮތަށް ދޫކޮށްލާފައި އޮންނާނީ. އެހެންވީމާ، މިވަރުގެ ކަންތައްތަކެއް އަޅުގަނޑުމެން އެންމެންގެ މައްޗަށް އުފުލުވަންހެއްޔޭ، އެ ޒިންމާ އަޅުގަނޑުމެންގެ މައްޗަށް މަތިކުރަންހެއްޔޭ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިދެންނެވި ކަހަލަ ވާހަކަތައް މި ދައްކަނީ. އެއީކީ ބަލައިގަންނަން ފަސޭހަ ވާހަކަތަކެއް ނޫން. އެކަންކަން ކޮށްފައި ތިމަންނަމެން މިކަންކަން މިކުރަނީ ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެންނޭ ވިދާޅުވީމަ، އެއީކީ މިއަދަކު ދިވެހި ރައްޔިތުންގެ ތެރެއިން ބޮޑު އަޣްލަބިއްޔަތު ގަބޫލުކުރާނެ ވާހަކައެއް ނޫން. އެމް.ޑީ.ޕީ.ގައި ތިއްބެވި އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެބޭފުޅުންގެވެސް ކަރާމާތާއި އަދި އެބޭފުޅުންގެ ޙައްޤުތަކެއް ޙިމާޔަތް ކުރަން ބޭނުންކަމަށްވަންޏާ، ޙައްޤު ގެއްލިގެންދާ ފަހަރު ހަމަ ދާންޖެހެނީ ޙައްޤު ހޯދަން އެއްކަލަ ކޯޓަށް. އެ ކޯޓުގެ ކަރާމާތް ކަނޑާލީމަ، އެ ޙައްޤު ލިބޭނީ ކޮންގޮތަކަށްތޯ؟ އަދި އެބޭފުޅުންގެ ޙައްޤުތައް ގެއްލިގެންދާއިރު، ޤާނޫނު ތަންފީޒު ކުރަން ނުޖެހޭ ކަމަށްވަންޏާ، ދެން ކޮންތާކުންތޯ އެ ޙައްޤުތައް ހޯދައިދޭނީ؟ އެކަމެއް ނުވާނެ. އެހެންވީމާ، ހުރިހާ ކަމެއްގެ ޙައްޤުތައް ކަށަވަރުކޮށްދޭ ތަނަކީ ޤާނޫނުގައި ލިޔެފައި ހުރި ބާރުތައް. އަދި އެ ތަންފީޒުކުރާގޮތް.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހި އިސްލާމުން، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާފައި ހުރި ނިޢުމަތްތަކަށް ޝުކުރުވެރިވާން. ނިޢުމަތްތަކަށް ޝުކުރުވެރިވާއިރު، އަޅުގަނޑުމެންގެ ކަންކަން އިޞްލާޙު ކުރުމަށް އަޅުގަނޑުމެން ހިތްވަރު ދޭންވާނެ. އެކަމަކު އަޅުގަނޑުމެންގެ ކަންކަން އިޞްލާޙުން ބޭރަށް އެދަނީ ވަކިބައެއްގެ އަމިއްލަ އެދުންތަކެއް އޮވެގެން ކަމަށްވަންޏާ، އެއަކަށް ޖާގައެއް ދޭކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން މިތިބީ ހަމަޖެހިގެން ތިބި ދިވެހި ރައްޔިތެއް އޮތް ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ދައްކައިގެން. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ރާއްޖެއެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންވެސް ބޭނުންވޭ، ދުނިޔޭގައި އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކުގެ އަޑު އިއްވަން. އަދި އަޅުގަނޑުމެންނަށް ކުރިއެރުންވެސް ބޭނުންވޭ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އުޅޭއިރު، އަޅުގަނޑުމެންވެސް ބޭނުންވޭ، ބޭރު ޤައުމުތަކުގައި ހުންނަ ހުރިހާ ރަނގަޅު އުޞޫލުތަކެއް ބަލައިގަންނަން. އެކަމަކު އެ އުޞޫލުތަކުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ބަލައިނުގަނެވޭނެ އުޞޫލު ހުންނާނެ. ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި މި އޮންނަ ހުރިހާ ޙައްޤުތަކަކީ އަޅުގަނޑުމެން އިސްލާމުންނަށްވީތީ، އެ ޙައްޤުތައް މުޠުލަޤަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ޙައްޤުތަކެއް ނޫން. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އަދަބުވެސް ލިބޭ. އަޅުގަނޑުމެން އެކްސްޕޯޓްކުރާ މަހަށްވެސް އަދަބު ލިބޭ. އަދި ދަޅުގައި ބަންދުކޮށްފައި މަރާލާފައި އޮންނަ މަސް އޮންނައިރު، ހަމަގައިމު ޙައްޤުތަކެއް އެޔަކު ނުހިމެނޭނެ. ކުށެއްވެސް ނުކުރާނެ. ދަޅުގައި ބަންދުކޮށްފައި ފޮނުވާ މަހަށްވެސް އެބަ އަދަބު ލިބޭ، ވަކިކަހަލަ ޙައްޤުތަކެއް ދިވެހިރާއްޖޭގައި ނެތީމަ. މިސާލަކަށް، އެއް ޖިންސުން ކައިވެނި ކުރުން ކަހަލަ ޙައްޤުތައްނެތީ. އެމީހަކު އުޅޭނެގޮތަށް އުޅުމުގެ ޙައްޤުނެތީ. އެމީހަކު އުޅޭނެ ދީނަކަށް އުޅުމުގެ ޙައްޤުނެތީ. އެހެންކަމަށްވަންޏާ، ކުށްވެރި ކުރަނީ އެ ޤައުމުގެ ރައްޔިތުންނެއް ނޫން. އެ ޤައުމުގެ މަސްވެރިން ކުށްވެރިވަނީ. އެމީހުން ބާނާ މަސް، ޔޫރަޕްގެ އިއްތިހާދަށް މިއަދު އެކްސްޕޯޓް ކުރާއިރު، ދެންމެ ސިޔާމް އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް ނުލިބޭ، ކުރީގައި ލިބޭ ޑިއުޓީ ޢިނާޔަތްތަކުން މަޙްރޫމްވެގެން އެބަދޭ. އެކަމަކު އެއީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ޙައްޤުތަކެއް ނޫން. އެއީ އަޅުގަނޑުމެން އިސްލާމުންނަށްވީތީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި މިތިބެނީ. އެހެންވީމާ، އަޅުގަނޑުމެންގެ މައްސަލައެއް ނެތް، ދަޅުގައި ބަންދުކުރި މަސް ކިތަންމެވަރަކަށް ކުށްވެރިވިޔަސް. އަޅުގަނޑުމެންގެ މިތިބަ އިޢުތިޤާދުގެ މަތިން އަޅުގަނޑުމެން ފައި ކައްސާލާކަށް ބޭނުމެއްނުވޭ.
 
އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަ އުފާވެރި ދުވަސްތަކެއް. އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންނަށް ކޮބައިތޯ ނުބަޔަކީ، ކޮބައިތޯ ރަނގަޅަކީ، އަދި ނިޒާމެއް ފައްކާ ކުރަމުންދާއިރުވެސް، އަމިއްލަވަންތަ ސިފަތަކަކާއެކީ ދިވެހިރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތަށް ކުރިއަށްދިޔުމަށް އަޅުގަނޑުމެންނަށް ހިތްވަރު ލިބޭގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަންވެގެން ދިޔުމުގެ ފިކުރާއި، އެ ޙިލްމު އަޅުގަނޑުމެންގެ ސިޔާސީ މީހުންނަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެކި މުއައްސަސާތަކާ ޙަވާލުވެ ތިއްބެވި ބޭފުޅުން އަދި މަޤާމުތަކަށް، ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް އިޢުލާނު ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް މިކަހަލަ ފިކުރުތަކެއް ﷲ މިންވަރު ކުރެއްވުން އެއީ ދިވެހި ދައުލަތް ސަލާމަތްވާނެގޮތަކީ. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަން. އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް ބޭނުންވޭ، މިނިވަންކަމާއެކީ އުޅެން. އެހެންކަމަށްވަންޏާ، ދައުލަތުގެވެސް ޙައްޤުތަކެއް އޮންނާނެ، މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަން. އެ ޙައްޤުތައް ދައުލަތަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން، މުދިމުން ފެށިގެން، ޓީޗަރުން ފެށިގެން އެންމެން ތަބާވާންޖެހޭ އުޞޫލު.
 
މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި!
 والسّلام عليــكم ورحـمــة اللّـه وبـركاتـه.