އިޤްތިޞާދީ ބޮޑެތި ބަދަލުތަކެއް ގެނެވިގެން ނޫނިއްޔާ އިޖުތިމާޢީ ގޮތުން ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ގެނެވޭކަށް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫގެ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެ ތަރައްޤީ ކުރުމަށް ކަމަށް ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުންދާ މަސައްކަތަކީ ރާއްޖެއަކީ އެންމެންގެ ރާއްޖެއެއްގެ ގޮތުގައި ބޭއްވުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާ ރާއްޖެއަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.
މިގޮތުން، ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެވޭނެ މައިގަނޑު ވަޞީލަތަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވޭނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވިގެންކަމަށާ، މި ޢަދަދު އިތުރުކުރެވޭނީ ފަތުރުވެރިންނަށް ފަސޭހަ ކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެފަދަ ތަނަކަށް އަޅުގަނޑުމެންގެ މައި ވައިގެބަނދަރު ހެދިގެން ކަމަށެވެ. އަދި، މިހާރު ކުރިއަށްދާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމުން ދިވެހި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުޞަތު ތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ މުހިންމު އެއް ވަޢުދަކީ ގެދޮރުވެރިކުރުވުން ކަމަށާ ގެދޮރުވެރި ކުރެވޭނީ ބިމުގެ ތަނަވަސްކަން ލިބި، ގެދޮރު ބިނާ ކުރެވޭނެ ބިން ލިބިގެން ކަމަށާ މިފަދަ ބިމުގެ ތަނަވަސްކަން ލިބޭނީ ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބަނޑިދޫ ރައްޔިތުންގެ ފަރާތުން އެ ރަށުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނަށް ހަނދާނީ ފިލައެއްވަނީ ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ ބަނޑިދޫގެ ކައުންސިލުގެ ރައީސް އަލްފާޟިލް ޙަސަން ހަނީފެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ސިޔާމް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުއްﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ޢާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.