ދިވެހިން ބޭނުންވަނީ މިނިވަން، މުސްތަޤިއްލު، އަދި އަމިއްލަ ކަންކަމުގެ މައްޗަށް ބަސް ކިޔުމުގެ ފުރިހަމަ އިޚްތިޔާރު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އޮންނަ ދައުލަތެއްގެ ގޮތުގައި ދެމިއޮންނަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގެ ބިން ހިއްކުމާއި، މަގު ހެދުމާއި، ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން މިދިޔަ އަހަރު ފާހަގަކުރެވިގެން ދިޔައިރު، އެއީ ދިވެހިން ތިބެން ބޭނުންވާ ގޮތްކަން ދިވެހި ރައްޔިތުން ދައްކައިދީފި ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވޭތޯ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެހީވާ އެކިއެކި ބޭރުގެ ޖަމްޢިއްޔާތަކުން ދޭ އެހީއަށް، ދިވެހިރާއްޖެއާ ބެހޭގޮތުން، ދިވެހިންގެ ތެރެއިން ބަޔަކު ދައްކާ ވިޔާނުދާ ވާހަކަތަކުގެ ސަބަބުން ހިޔަނި އެޅޭކަން ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީ ހޯދަން ކުރާ މަސައްކަތްތަކުގެ ބަދަލުގައި އަޅުގަނޑުމެންގެ އިސްތިޤްލާލަށް ގެއްލުންވާ ކަހަލަ ކަންތައްތައް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، އަޅުގަނޑުމެންގެ އަމިއްލަވަންތައްކަން އެހެން ގޮތަކަށް ބަދަލުކުރަން، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ބަސްކިޔައި، އެ ބަހަށް އަޅުގަނޑުމެން ބޯލަނބާލަންޖެހޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަކީ މިނިވަން، މުސްތަޤިއްލު ދައުލަތަކަށް ނުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަޅުގަނޑުމެންގެ ނިޒާމުގައި ހުރި އުނިކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް އެއީކީ މުޅި ނިޒާމް އޮޔާލާ ދާންޖެހޭ ކަމެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރާ އިދިކޮޅު ފަރާތްތަކުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ސަރުކާރާއެކު މަޝްވަރާކުރަން ވަޑައިގަތުމައަށް މިއަދުވެސް އެދިވަޑައިގެންނެވިއެވެ. މިގޮތުން، ސަރުކާރުގެ ބޭނުންފުޅަކީ އިދިކޮޅު ޚިޔާލުތަކަށާއި ވިސްނުމަށް ޖާގަދީގެން، ހަމަޖެހިގެން ކުރިއަށްދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤައުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އަރައިގެން ރައްޔިތުންނަށް އެހީތެރިވެދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.