بســم اللّـه الرّحمـن الرّحيــم
      
      
   اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
   އާދެ، ކުޑަހުވަދުއަށް އައުމުން، މި ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ތިން ޢީދެއް އަންނަކަން އިޢުލާނުވެގެންދިޔަ. އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން، ރައްޔިތުންގެ ފަރާތުން ވިދާޅުވި ލަވައިގައި. އަޅުގަނޑު ތިޔަބޭފުޅުންގެ މި އުފަލުގައި، އުފާވެރި ޢީދު ދުވަހު ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށް، މި ފުރްޞަތު ﷲ މިންވަރު ކުރެއްވި ކަމަށްޓަކައި ﷲގެ ޙަޟްރަތަށް ޙަމްދުކޮށް ޝުކުރުކުރަން. ޝައްކެއްވެސްނެތްގޮތުގައި، ކުޑަހުވަދުއަށް އަޅުގަނޑުމެން އައުމުން، އަޅުގަނޑަށާއި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް މަރްޙަބާ ތިޔަ ވިދާޅުވީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ޝުޢޫރުތަކާއެކީ. ތިޔަބޭފުޅުންގެ ޝުޢޫރުތަކުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ޙަޤީޤަތުގައިވެސް ކުޑަހުވަދޫ ހެއްވާލައިފި، އުފާކުރުވައިފި ދުވަހަކަށް މިއަދު ވެގެން ހިނގައްޖެކަން.
 
އާދެ، މި އުފާވެރިކަން ތިޔަބޭފުޅުންނަށް ގެނެސްމިދިން ޙަރަކާތްތަކުގައި، ދިވެހި ސަރުކާރު މިވަގުތު ޙަވާލުވެހުރި މީހެއްގެ ޙައިޘިއްޔަތުން ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އަޅުގަނޑަށް އަދާކުރެވިފައިވާތީ، ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި މަރްޙަބާއަށް ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ އިސްވެ ވާހަކަ ދެއްކެވި ބޭފުޅުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރާއި އަދި ކައުންސިލްގެ ރައީސާއި، އަދި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯގައި، މިރަށުގެ އެކި ފެންވަރުގެ، އެކި ގިންތީގެ ބޭފުޅުން، ސަރުކާރުން ކޮށްދެމުންގެންދާ ޚިދުމަތްތަކުގެ ވާހަކަ، ވަރަށް އިޚްލާޞްތެރިކަމާއެކީ ވިދާޅުވެ، އެ ޝުޢޫރު ފާޅުކުރައްވާފައިވާތީ، ކުޑަހުވަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ގޮތަކަށްވާންވާނީ މި. އިސްލާމީ ރިވެތި އުޞޫލަކީވެސް މިއީ. ލިބޭ ނިޢުމަތްތަކަށް ޝުކުރުކުރުން. އެހެންވީމާ، ކުޑަހުވަދުއަށް މިއަދު ޙާޞިލްވެގެންމިދާ މުހިންމު ތިން ކަމެއް ނިންމުމުގެ މި ޙަފްލާގައި އަޅުގަނޑުމެން މި ބައިވެރިވަނީ، މި އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށްޓަކައި. ޝައްކެއްވެސްނެތްގޮތުގައި، މިރަށަށް އައިސް މިރަށުގެ މަގުތަކުގައި ހިނގާލުމުގެ ހިތްފަސޭހަކަމަކީ، ކުޑަހުވަދޫގެ ރައްޔިތުން އިންތިޒާރު ކުރައްވަމުން ގެންދެވި ކަމެއް. އެކަން ނިންމުމުގެ ރަސްމިއްޔާތު މިއަދު މި ފާހަގަކުރެވެނީ. އަދި ހަމައެޔާއެކީ، ތިންހާހަށްވުރެ މަތީ އާބާދީއެއްގައި އެއަރޕޯޓެއް ހެދި، ރަށުގެ ބިން ހިއްކި، ގާތްގަނޑަކަށް ސާޅީހަކަށް ހެކްޓަރު ރަށަށް އިތުރުވެގެން މިދިޔައީ. މަގުހެދި، ދެން ރަށަށް ބޭނުންވާ އެހެން ކަންތައްތައް ފުދި ދިޔުމުގެ މަގުމަތީގައި އުޅޭކަން، އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ. ކުޑަހުވަދޫގައި ތިންހާހެއްހާ މީހުންގެ އާބާދީ އުޅެމުންދާއިރު، ކުޑަހުވަދުއަށް އެންމެ ދަތިވާނެ އެއްކަމަކީ ބިމުގެ ދަތިކަން. ﷲގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ މިއަދު އެކަން ހަމަޖެހިގެންދިޔައީ.
 
އެޔާއެކީ ދެން އެންމެބޮޑު މައްސަލައަކަށްވާނީ ކުޑަހުވަދޫ ކުނި ނައްތާލުމުގެ ނިޒާމް. އަދި ސީޕޯޓަކާ ހަމަޔަށް ދިޔުމުގެ ކުރިންވެސް އެކަން އަޅުގަނޑު ކޮށްލަދޭންޖެހޭކަންނޭނގެ. އިންސިނަރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން، ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރުވަނީ ޓެންޑަރު އިޢުލާނު ކުރެވިފައި. މިމަހުގެ، މިދިޔަ މަހުގެ ތެރޭގައި ޓެންޑަރު އެވަނީ ހުޅުވިފައި. ހަމައެހެންމެ، ކުޑަހުވަދުއަށް ދެން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ކުޑަހުވަދޫގެ ފެނުގެ ނިޒާމަކީވެސް ހަމަ ކުޑަހުވަދޫގެ ރައްޔިތުން ބޭނުންފުޅުވާނެ ނިޒާމެއްކަން އަޅުގަނޑަށް ހަމަ ކަށަވަރުކުރެވޭ. މި މަސައްކަތްވެސް މިވަނީ، ޑިޒައިން މަސައްކަތް ނިމިފައި މިހާރު. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ލިބޭ. އިރާދަކުރެއްވިއްޔާ ކުޑަހުވަދުއަށް ބޭނުންވާ މިކަހަލަ ކަންތައްތައް ފުދިގެން މިދަނީ. ތިންހާހުގެ އާބާދީއަކަށް ބޭނުންވާއިރު، ހަކަތަޔަށް ވިސްނާކަމަށްވަންޏާ، ހަކަތައިގައިވެސް މިހާރު މިވަނީ ޖަރުމަނު ސަރުކާރުގެ އެހީގައި ސޯލަރ ޕީ.ވީ.ގެ މަސައްކަތް ނިންމާފައި. އަދި އޭގެ އިމްޕުޓް ހޯދުމަށްޓަކައި މިތަނުގެ މައި ގްރިޑާވެސް ގުޅިފައި މިވަނީ.
 
އަދި ހަމައެޔާއެކީ މިރަށުގެ ކަރަންޓް މުއްސަނދި ކުރުމުގެ ގޮތުން، ވަސީލަތްތައް މުއްސަނދި ކުރުމަށް އެއް މެގަވޮޓް، ނޫނީ އެއްހާސް ކިލޯ ވޯޓުގެ ޖެނެރޭޓަރަކަށްވެސް މިހާރުވަނީ ޓެންޑަރު ހުޅުވައިލާފައި. އެހެންވީމާ، ގަބޫލުކުރެވެނީ ތިންހާސް މީހުންގެ އާބާދީއެއް އުޅޭ ދ.އަތޮޅުގެ މި މުހިންމު، އެންމެ މުހިންމު ރަށަށް ބޭނުންވާ ޢުމްރާނީ މިކަހަލަ ހުރިހާ މަސައްކަތްތަކެއް، މުނިސިޕަލް، ސިޓީއަކަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ފުދިގެން މިދަނީ. އެހެންވީމާ، އަޅުގަނޑު އެދެނީ، ކުޑަހުވަދޫ ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމެއް، ކުރިއަށް އޮތް ތަނުގައި. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، މިހާބޮޑު ބިމެއް އިތުރުވެގެން ދިޔައިމަ، ބިމުގެ ދަތިކަމުގެ ވާހަކަ، ދެންމެ އަޅުގަނޑު އަޑުއަހައިފީމު. އަދި ގޯތި ނެތް ފަރާތްތަކަށް ގޯތި ލިބުމުގެ އުންމީދުގައި ތިއްބެވި ވާހަކަވެސް އަޅުގަނޑު އަޑުއަހައިފީމު. އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކައުންސިލްގެ ރައީސަށާއި، ކައުންސިލްގެ މެންބަރުންނަށް، އަދި ދާއިރާގެ ޢިއްޒަތްތެރި މެންބަރަށާއި، ކުޑަހުވަދޫގެ ޢިއްޒަތްތެރި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިހާރު މިކަން ނިމިގެން ދިޔައިމަ، ގޯތި ދިނުމުގެ ކަންކަމުގައި ހަމަ ވިސްނާވަޑައިގަންނަވާށޭ. ގޯތި ދެއްވަންޖެހޭނެ. އެޔާއެކީވެސް ކޮންމެވެސްވަރަކަށް ޚިޔާލުފުޅު ގެންގުޅުއްވާށޭ، އަދި އުސްކޮށް އަޅުގަނޑުމެން ޢިމާރާތްތައް ކުރަންޖެހޭނެ ކަމަށް. އެއީ ބިމުން ބޭނުންކުރަންޖެހޭ އިތުރު އާމްދަނީ ލިބޭނެ މަސައްކަތްތަކަށް ޖާގަ ދެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ އިޤްތިޞާދީ ގޮތުން ކޮންމެ ރަށެއްވެސް ތަރައްޤީވެ، ފުދިފައި އޮންނަ ރަށަކަށްވެގެންދިޔުން. އަދި މުޅި ސަރުކާރަށް، ދައުލަތަށް ލިބޭ ފައިދާ، މީގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރުވެގެންދާނެ. އެހެންވީމާ، ކުޑަހުވަދޫގައި ދެން ބިން އިތުރުކުރާ ކަމަށްވަންޏާ، އެހެން ފިޔަވައްސެއްގައި އެކަން ކުރެވޭނެ. އަޅުގަނޑު އަޑުއަހާގޮތުން ވެއްޖިއްޔާ، ހުޅުދެއްޔާ ހަމަޔަށް ކުޑަހުވަދޫ ދަމާލެވޭނެކަންނޭނގެ. އެހެންނަމަވެސް، އަނެއްކާ ދެވަނަ ފިޔަވައްސަކަށްކަންނޭނގެ އެކަން ވެގެންދާނީ. އެހެންވީމާ، ހަމަ މިހާރު ހިކިފައި އޮތް ބިމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ބިން އިޤްތިޞާދު ކުރުމާ ދޭތެރޭގައި ޚިޔާލުކުރައްވާ.
 
އެޔާއެކީ އަޅުގަނޑު ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، ހަމަ ދަންނަވާލަން ބޭނުންވޭ. މިކަހަލަ ހުރިހާ މަސައްކަތްތަކެއްގައި، ރައްޔިތުންގެ އިތުރަށް، ސަރުކާރުގެ މުއައްސަސާތަކުން، ސަރުކާރުގެ ވުޒާރާތަކުން، ވުޒާރާ ހިންގެވުމާ ޙަވާލުވެ ތިއްބެވި ވަޒީރުންގެ ފަރާތްޕުޅުންނާއި، ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުންގެ ފަރާތްޕުޅުން ރާއްޖެތެރޭގައި، އަތޮޅުތެރޭގައި މި ހިންގާ މަސައްކަތަށް ހަމަ ވަރަށް ބޮޑެތި އިސްކަން ދެއްވައިގެން، އެބޭފުޅުންގެ މަސައްކަތް އެ ކުރައްވަނީ. ވަރަށް ބާރު ދުވެއްޔެއްގައި ސަރުކާރުން މިގެންދާ މަޝްރޫޢުތައް ކުރިއަށް މިގެންދަނީ. ޚާއްޞަ ގޮތެއްގައި، ރާއްޖެތެރޭގެ ތިމާގެކަމާއި، މި މަޝްރޫޢުތަކުގެ ތިމާގެކަމާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒުގެ ނަންފުޅު. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުގައި މިގެންދަވާ ޢުމްރާނީ ވަރުގަދަ މަސައްކަތްތަކަކީ، ވަރުބަލިކަމެއްނެތި، ބާރު ސްޕީޑްގައި ކުރިއަށްދާ މަސައްކަތްތަކެއް ކަމަށްވާތީ. މިނިސްޓަރަށާއި، މިނިސްޓަރުގެ ޓީމަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލަން. އަދި ހަމައެޔާއެކީ މިރަށުގެ މަގު ހެދުމުގެ މަޝްރޫޢު މި ހިނގަނީ އެމް.އާރު.ޑީ.ސީ.ގެ ފަރާތުން. އެމް.އާރު.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ ނަޒީމަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ، މަނިކުފާނަށާއި މަނިކުފާނުގެ ޓީމަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީ އަޅުގަނޑުމެންނަށް މިކަހަލަ އެއް މަސައްކަތްތަކުގައި މިފަހަރު މި ފެންނަނީ ބޮސްކާލިސް. އެހެންނަމަވެސް، ވަރަށް ގިނައިން އެމް.ޓީ.ސީ.ސީވެސް ފެނޭ. ސަރުކާރުގެ ހުރިހާ ކުންފުނިތައްވެސް މި މަސައްކަތް ކުރަނީ އެއް އަމާޒަކަށް.
 
ދެން މިހިސާބުން އަޅުގަނޑުވެސް އަޅުގަނޑުގެ ވާހަކައިގެ އަމާޒަށް ކޮންމެވެސްވަރަކަށް ހިފާނަން. އަޅުގަނޑުމެން މިގެންނަ ތަރައްޤީއަކީ މާއްދީ ތަރައްޤީ. މާއްދީ ތަރައްޤީއާއެކީ ދައުލަތެއްގެ ސިފަތަކާ ދޭތެރޭގައި އަޅުގަނޑު ހަމަ ބޭނުންވޭ މިއަދު ކުޑަހުވަދޫގެ ރައްޔިތުން ވިސްނާވަޑައިގަންނަވަން. ކުޑަހުވަދޫން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާގެ ތެރޭގައި، އަޅުގަނޑަށް ކަށަވަރު އެބަ ކޮށްދެއްވާ، އަދިވެސް އިތުރަށް ޚިދުމަތް ކުރުމުގެ ފުރްޞަތެއް ދެއްވަން، ކުޑަހުވަދޫގެ ރައްޔިތުން ތައްޔާރަށް ތިއްބެވި ކަމަށް. ހަމަ އެކަމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަޅުގަނޑު މި ދަންނަވަނީ. އަދި ކުޑަހުވަދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލަޔަކީވެސް މިކަންކަމާ ގުޅުންހުރި ފިލައެއް ކަމަށް އަޅުގަނޑު ހަމަ ހެޔޮހިތުން ގަބޫލުކުރަން. އަދި އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖެ ކުރިމަތިލާ މި ދުވަސްކޮޅަކީ ހަމަ ދިވެހިރާއްޖެއަށް ބޭރުގެ ދުނިޔޭގެ ފަރާތުން ފިއްތުންތަކެއް އަންނަ ދުވަސްތަކެކޭ. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ކުޑަހުވަދޫގެ ރައްޔިތުން ތިހާ ސާބިތުކަމާއެކީ ތިއްބެވި ކަމަށްވަންޏާ، އަޅުގަނޑުމެން ވިސްނަންޖެހޭ ސިފަތަކަކާ ދޭތެރޭގައި އަޅުގަނޑުމެން ހަމަ ވިސްނާލަން ބޭނުންވަނީ. އަޅުގަނޑުމެން ހަމަ ކޮންމެ ދިވެއްސަކުވެސް ހަމަ ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެން ވެރިކަން ކުރާއިރު، އަޅުގަނޑުމެން ޤައުމަށް ބޭނުންވާ ތަރައްޤީ ގެންނަމުންދާއިރު، ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ ނިޒާމްތަކެއް، އިންތިޒާމްތަކެއް ހަމަޖެހެން އެބަޖެހޭ. އަޅުގަނޑުމެންނަށް ފައިސާއާ، މިކަހަލަ ކަންކަމުގައި އެހީތެރިވަނީ ކޮންކޮން ދައުލަތްތަކުންތޯ ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. މި ދައުލަތްތަކުގެ ތެރޭގައި، އަޅުގަނޑުމެން މަރުކާ މިކުރަނީ، އެއްވަނަ ދުނިޔޭގައި ތަރައްޤީވެފައި ހުންނަ ދައުލަތްތައް. ކުރީގައި ވެއްޖިއްޔާ އިސްތިޢުމާރީ އެކިއެކި ބާރުތައް. ނޫނީ ޑިމޮކްރަސީގެ ނަން މަޝްހޫރު ކަމަށް އަޑުއިއްވާ ބޮޑެތި ދައުލަތްތައް. ދެން މަރުކާކުރާ ދައުލަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ފާހަގަކުރެވިގެން ދަނީ ސީނުކަރަ ކަހަލަ ބޮޑެތި ޤައުމުތައް. އެހީތެރިކަމާ، މިކަންކަމުގައި އެމީހުންގެ ދައުރަކީ ކިހާވަރެއްގެ ދައުރެއްތޯ ވިސްނާލުމަކީވެސް ހަމަ އޮތް ކަމެއް.
 
ދެން އަނެއްކާވެސް މިގޮތަށް ބްރޭންޑް ކުރާއިރު، މަރުކާ ކުރަމުންދާއިރު، އަޅުގަނޑުމެން އެއް ޖަމާޢަތެއްގެ ތެރޭގައި އެންމެ ބޮޑަށް ޙަރަކާތްތެރި މިވަނީ ޢަރަބި އިސްލާމީ ދުނިޔޭގެ ދައުލަތްތަކާ. ޢަރަބި އިސްލާމީ ދައުލަތްތަކާ. އެހީއަށް، ރާއްޖޭގެ ރައްޔިތުންގެ ކުރިމަގަށް މި ބޭނުންވާ ކަންކަމަށް. ކުޑަހުވަދޫންވެސް ދެންމެ އަޅުގަނޑަށް އެނގިގެންދިޔައީ، ޢާމިރު އަދި މާލޭގައި މަސައްކަތް ކުރެއްވިޔަސް، ވަރަށްގިނަ ކަންތައްތައް ހުވަފެނުން ދެކެވަޑައިގަންނަވާ އަޑުތައްވެސް އެބަ އިވިވަޑައިގަންނަވާ. ކުޑަހުވަދުއަށް ބޭނުންވާ އިތުރު ކަންތައްތައް. ދާއިރާގެ ކަންތައްތަކަށް ވަރަށް ޝައުޤުވެރިކަމާއެކީ މަސައްކަތް ކޮށްދެއްވާ މެންބަރެއް ޢާމިރަކީ. އެހެންވީމާ، ވަރަށްގިނަ ކަންތައްތައް ކުޑަހުވަދޫ ދާއިރާއަށް ބޭނުންފުޅުވާނެ. ވާނީގެ ރައްޔިތުން މިރަށުގައި އާބާދީވެ މި ނިމުނީ. ސުނާމީގައި އެންމެފަހުން ތިބި ދުއިސައްތަ ނުވަދިހަވަރަކަށް މީހުންވެސް މިރަށަށް މި ބަދަލުވެ ނިމުމުގެ ރަސްމިއްޔާތުވެސް އަޅުގަނޑުމެން މި ފާހަގަކުރަނީ. ފާހަގަކުރާއިރު ކުޑަހުވަދޫގެ ރައްޔިތުން ގެމެންދޫގެ ރައްޔިތުންނަށާއި، ވާނީގެ ރައްޔިތުންނަށް މަރްޙަބާ ވިދާޅުވަނީ ހަމަ އެއްބަނޑުއެއްބަފާ، ރަށުގެ ރައްޔިތުން ގޮތަށް.
 
އެހެންވީމާ، މިހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާއިރު، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ރައްޔިތަކު ބޭނުންވާ ބޭނުންވުންތަކަކަށް ނިމުމެއް ނާންނާނެ. އެއީ އަބަދުވެސް ބޭނުންވާ ކަންކަން. އެހެންވީމާ، ސަރުކާރެއް ހިންގަން ތިބި ބަޔަކު، ރައްޔިތުންގެ ސަރުކާރެއް ސަރުކާރަކީ. ސަރުކާރު ހިންގަން ތިބި ބަޔަކަށް މިކަންކަމަށް ބޭނުންވާ ފައިސާ ހޯދެންޖެހޭނެ. ހޯދޭނެ ގޮތްތައް ޚިޔާލުކުރަންޖެހޭނެ. އަޅުގަނޑުމެންނަށް ހަމައެކަނި ކޮންމެވެސް ހިސާބެއްގައި މޫދުގައި ވީޑިއޯ ކުޅެލައިގެނެއް ފައިސާ ލިބޭގޮތެއްނުވޭ. އަޅުގަނޑުމެން ލާރި ހޯދަން މަސައްކަތް ކުރަން އެބަޖެހޭ. އެހެންވީމާ، މިކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑު މިދެންނެވީ ދައުލަތްތަކުން، އެހީދޭ ދައުލަތްތަކުން މިގޮތަށް މަރުކާ ކުރައްވަމުންދާއިރު، ކޮންމެ ރައްޔިތަކުވެސް ވިސްނާވަޑައިގަންނަވާށޭ، ޚިޔާލު ބަހައްޓަވާށޭ، ކޮން ދިމަދިމާއަކުންހޭ ދިވެހިރާއްޖެއަށް އެހީވަނީ؟ އެ ޤައުމުތަކަކުންނެއް އަޅުގަނޑުމެންގެ އިސްތިޤްލާލަށް ބުރޫއަރާ އެއްވެސް ވާހަކައެއް އަޅުގަނޑުމެންނަކާ ނުދައްކާ. ޢަރަބި ދައުލަތްތަކަކުން އަޅުގަނޑުމެންގެ އިސްތިޤްލާލަށް، އަޅުގަނޑުމެންގެ މިނިވަންކަމަށް ގެއްލުންވާނެ ކުޑަވެސް ވާހަކައެއް ނުދައްކާ. އަދި މި ރާއްޖޭގެ ޑިމޮކްރަސީ ނެތިގެންވެސް އެ ދައުލަތްތަކަކުން ކަންބޮޑުވެގެނެއް ވާހަކައެއް ނުދައްކާ. އެކަމަކު އެއީވެސް ހަމަ ދުނިޔޭގައި ޒިންމާދާރުކަމާއެކީ ރައްޔިތެއްގެ މައްޗަށް ވެރިކަންކުރާ ވެރިންތަކެއް ތިބި ޤައުމުތަކެއް ހިމެނޭ ދައުލަތްތަކެއް، ހަމަ އެ ދައުލަތްތަކަކީވެސް. ހަމަ އެފަދަ ތަނެއް ކޮމަންވެލްތަކީވެސް. ހަމަ ކޮމަންވެލްތްގައިވެސް މިތިބީ ޤައުމުތަކެއް. ޢަރަބި ލީގުގައިވެސް، ނޫނިއްޔާ އޯ.އައި.ސީ.ގައި ހިމެނޭ ޤައުމުތަކުގައިވެސް ހަމަ މިތިބީ އެކަހަލަ ޤައުމުތަކެއް. އެކަމަކު އެހީ ދިނުމާއި، އެއްބަޔަކާއެކީ އުޅޭ، އެމީހުންނަށްވުރެ ފެންވަރު ދަށް، ނޫނިއްޔާ ނަޞީބުގެގޮތުން އިޙްސާންތެރިކަން ބޭނުންވާ އިތުރު ދައުލަތްތަކާ ދޭތެރޭގައި، ގެންގުޅޭ އިޙްސާންތެރިކަން މި ގެންގުޅެނީ ކޮންބައެއްތޯ ވިސްނާލައްވާ. ހަމައެކަނި ޑިމޮކްރަސީގެ ވާހަކަ ދެއްކުމަކުންނެއް، އަޅުގަނޑުމެންގެ ބޭނުންތަކަކަށް ފުދިގެން އިތުރުވާ ކަމެއް ނާންނާނެ. އިއްޔެވެސް އޮތް ޑިމޮކްރަސީގެ ޙަރަކާތެއް. އެ ޑިމޮކްރަސީގެ ޙަރަކާތް ހިންގައި ނިންމިއިރު، ވަރަށްގިނަ ޚިޔާލުތައް ފާޅުކޮށް ނިމިއްޖެ. އެކަމަކު އެ ޚިޔާލު ފާޅުކުރެވުނުއިރު، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއްގެ ވާހަކައެއް އަޅުގަނޑުމެންގެ ކަންފަތްތަކަކަށް ނީވޭ. ނީވުނީމަކަންނޭނގެ، އެކަންވެސް އެހާ އަވަހަށް ނިމިގެން އެދިޔައީ. އެ ޚިޔާލު ފާޅުކުރާ ފާޅުކުރުންތަކުގެ ތެރޭގައި، ސުނާމީގައި ގެދޮރުނެތިފައި ތިބި މީހުންނަކަށް ގެދޮރު ހޯދައިދޭ ވާހަކައެއް އަޑެއްނީވޭ. އެ ދައްކާ ވާހަކައިގެ ތެރޭގައި، ޑިމޮކްރަސީ ނެތިގެން އުޅޭއިރު، މި ދައްކަނީ އަޅުގަނޑުމެން އާމްދަނީ ނެތިގެން އުޅޭ ވާހަކަ. މިއަދުވެސް ދިވެހި ރައްޔިތުންނާ ހަމައަށް ނުދަމާ ހިންގަވާ. ކުޑަހުވަދޫގައި އެކަނި ތިބި ރައްޔިތުންކުރެ އައްސަވާ. އެއްއަތަށް ޑިމޮކްރަސީ. އަނެއް އަތަށް ފައިސާ. އަޅުގަނޑުމެންނަކީ ޟަރޫރަތް ނިޔާކުރާ ކަންތައްތަކެއް ފުއްދަން އައިސް ތިބި ބައެއް. ކޮންމެ ޢާއިލާއެއްގެ ބައްޕައަށް، މަންމަޔަކަށް ފުރަތަމަ ބޭނުންވާނީ އެކަން ޙާޞިލުވާން.
 
އެހެންވީމާ، ޑިމޮކްރަސީގެ ލޭބަލްގެ ތެރޭގައި އަޅުގަނޑުމެން އުޅޭއިރުވެސް އަޅުގަނޑުމެން އާމްދަނީ ހޯދަން ކުރަންޖެހޭ މަސައްކަތް އެބަ ކުރަންޖެހޭ. އެހެންވީމާ، ޑިމޮކްރަސީގެ ކިއްލާގެ ވަށައިގެން އަޅުގަނޑުމެން އެނބުރިގެންނެއް އަދި ހަމައެކަނި މިކަމަކުންނެއް އަޅުގަނޑުމެންނަކަށް ބޭނުންވާ ކަންތައްތަކެއް ނުފުދޭ. ޑިމޮކްރަސީއަކީ އެބަޔަކު ބޭނުންވާ ގޮތަކަށް، ގިނަބައެއްގެ އަޣްލަބިއްޔަތަށް ތަބާވާ އުޞޫލުތަކެއް ގެންގުޅޭ ނިޒާމެއް. ދުނިޔޭގައި އެއަށްވުރެ ރަނގަޅު އެހެން ނިޒާމެއް ނެތީމަ، އަޅުގަނޑުމެން އެކަން ގަބޫލުކޮށްގެން އުޅެނީ. އަޅުގަނޑުމެން ތަރުޙީބުދޭ ނިޒާމަކަށްވަނީ. އެއީ ގިނަ ބައެއްގެ ރައުޔު ނޫނީ ގިނަބައެއްގެ ޚިޔާލު އޭގެތެރޭގައި ހިމެނިގެން، އެ ދައުލަތެއްގެ ކަންކަން ނިމިގެންދާތީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ރަށްރަށަށް ބޭނުންވާ ތަރައްޤީ. ވެރިކަމުގެ ނިޒާމެއް، ނޫނީ ދައުލަތެއްގެ ނިޒާމް މި އަންނަނީ، ދައުލަތެއްގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް. ދައުލަތެއް ހޮވަނީ ރައްޔިތުން އެދޭ ގޮތަކަށް. ދައުލަތުގެ ވެރިންނަށް އަންނަ ބަޔަކު ކަންތައްތައް ކޮށްދޭން. ދައުލަތެއްގެ ވެރިންގެ ފަރާތުން އެދޭ ކަންކަމުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، ޢާމިރު ދެންމެ އެ ވިދާޅުވި ކަހަލަ، އަދި ޒަމީރު އެ ވިދާޅުވި ކަހަލަ ކިތަންމެ ބައިވަރު ކަންކަމެއް، އަޅުގަނޑު ދާ ކޮންމެ ރަށަކުން އަޅުގަނޑަށް އަޑުއިވޭނެ. އެކަންކަން ކޮށްދިނުމަކީ، ސަރުކާރު ހިންގަން ހުންނަ މީހެއްގެ އެންމެ އިސް ޒިންމާ. އެކަން އަޅުގަނޑުމެން ކުރަންޖެހޭ.
 
އެކަން ކޮށްފައި، ދެން ދެވަނަޔަށް ސިފަތަކުގެ ތެރޭގައި ވިސްނާލަން އޮތް ސިފަޔަކީ، މި ދައުލަތަކީ ކިހާވަރެއްގެ ދައުލަތެއްހެއްޔޭ؟ މި މީހުންނަކީ އަމިއްލަ މާދަރީ ބަހެއް އޮތް ބައެއްހެއްޔޭ؟ މި މީހުންނަކީ އެއް ނަސްލެއްގެ ބައެއްހެއްޔޭ؟ މި މީހުންނަކީ ބައިބައިވެފައި، ތަފާތު ދީންތަކެއްގައި އިޚްތިޔާރުކޮށްގެން، ދީންތަކެއްގެ މަތީގައި އުޅޭ ބައެއްހޭ؟ ނޫނީ އެއް ދީނަކަށް ކިޔަމަންތެރިކަން އަދާކުރާ ބައެއްހެއްޔޭ؟ މިއީ ކިހާވަރެއްގެ އުރަތްޕެއް ހުރި ބައެއްހެއްޔޭ؟ އެއީ މި އޮންނަ ޑިމޮކްރަސީ އަންނަ ހިސާބު. އެހެންވީމާ، އިންޑިޔާ ކަނޑުގެ ތެރޭގައި މިޖެހޭ ގަދަ އޮޔާއި ވައިގެ ތެރޭގައި، މާކަނޑަކަށް ދޫކޮށްލާފައި އޮންނަ ބޮނބިކޮޅެއްގެ ސިފައިގައި ހިމެނޭ ކުޑަކުޑަ ނިކަމެތި ޤައުމެއް ދިވެހި ދައުލަތަކީ. ދެން މި ދައުލަތުން އުފެއްދި ބަޔަކު، އޭގެތެރެއިން މަދު ބަޔަކު ނަމަވެސް، އެމީހުން އެ ވިސްނާގޮތަށް ދިވެހިރާއްޖޭގެ ކަންތައްތައް އެމީހުންނަށް ނުކުރެވުނީމަ ގޮސްފައި، މުޅި ދިވެހި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ނަގާލަން މިކުރާ މަސައްކަތަކީ، ހަމަ ދައުލަތުގެ ސިފަތަކުގެ ތެރޭގައި، ދައުލަތަށް ކިހާ ފައިދާހުރި ކަމެއްތޯ، ހަމަ ސަލާމަތް ބުއްދިހުރި ކޮންމެ މީހަކު ވިސްނާލަން އެބަޖެހޭ. ދައުލަތަކީ މިދެންނެވި ގޮތަށް ބޭނުންތަކެއް ހުންނާނެ އަދި ދައުލަތް ހިންގަން ތިބޭ ބަޔަކު، އެ ބޭނުންތައް ފުއްދައިދޭންޖެހޭ ދައުލަތެއް، އެއް ރުކުން އެ ރުކުނަކީ. އަނެއް ރުކުނަކީ ދައުލަތުގެ ސިފަތައް. ކަލޭމެންގެ ތެރޭގައި ޤާނޫނުއަސާސީއެއް އެބައޮތްހެއްޔޭ؟ އަޅުގަނޑުމެން ބުނާނަން، ޤާނޫނުއަސާސީއެއް އެބައޮތޭ. ޤާނޫނުއަސާސީގައި މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރެވިފައި އޮވޭހެއްޔޭ؟ ޙައްޤުތައް ޙިމާޔަތް ކުރެވިފައި އެބައޮތޭ. މިނިވަން އިންޞާފްވެރި އިންތިޚާބުތައް ބޭއްވޭހެއްޔޭ؟ ޝައްކެއްވެސްނެތްގޮތުގައި، މިނިވަން އިންޞާފްވެރި އިންތިޚާބުތައް ބޭއްވިގެން، ރައްޔިތުން މީހުން އިންތިޚާބު ކުރަނީ މަޤާމުތަކަށް. ކައުންސިލަރުންނާ ހަމައިން ބެލިކަމުގައިވީނަމަވެސް. ކަލޭމެންގެ ތެރޭގައި ބާރުތައް ހުންނަނީ ވަކިވެފައި ހެއްޔޭ؟ ކަލޭމެންގެ ތެރޭގައި ޢަދުލު އިންޞާފްގެ ދާއިރާއަކީ ވެރިކަން ހިންގަން ހުންނަ މީހާގެ ބާރު، ކިހާވަރަކަށް ފޯރާ ދާއިރާއެއްހެއްޔޭ؟ ނޫނިއްޔާ ޤާނޫނުހަދާ މަޖިލީހުގެ ބާރު، ކިހާވަރަކަށް ފޯރާހެއްޔޭ، ވެރިކަން ހިންގަން ހުންނަ މީހާގެ މައްޗަށް. ދެން އަޅުގަނޑުމެންގެ ތެރޭގައި ބުނާނެ، އަޅުގަނޑުމެންގެ ޕާޓީ، މިހާރު ވެރިކަން ހިންގާ ޕާޓީއާއި، ޕާޓީ އިއްތިހާދުވެގެން މިއުޅޭ އެމް.ޑީ.އޭ.ގެ މެޖޯރިޓީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި އެބައޮތޭ. ޝައްކެއްވެސްނެތް، އެކަން އޮންނާނީ އެގޮތަށް. އެއީ ރައްޔިތުންގެ ގިނަބަޔަކު ތާއީދުކުރަނީ އެގޮތަށް. ރައްޔިތުންގެ ގިނަ ބަޔަކު އިދިކޮޅު ފިކުރަށް ތާއީދުކުރާ ކަމަށްވަންޏާ، އެމީހުންނަކަށް ދޭނީކީ އެންމެ ފަންސަވީހަކަށް ގޮނޑިއެއް ނޫން. އެއަށްވުރެ މާގިނަ ގޮނޑި ލިބޭނެ.
 
 އެހެންވީމާ، ޑިމޮކްރަސީ ނެތް ވާހަކަ، ނޫނީ އެ ދެ ބާރު އެއްވެފައި އޮތް ވާހަކަ ދައްކާ ކަމަށްވަންޏާ، އަޅުގަނޑުމެން އެނބުރިލަންވީ ހުޅަނގުގެ ނިޒާމްތައް ހުންނަ ޤައުމުތަކަށް. އިނގިރޭސިވިލާތުގައި ވެރިކަން ކުރަނީ ކޮންބައެއްހޭ؟ އިނގިރޭސިވިލާތުގައިވެސް ވެރިކަން ކުރާނީ އަޣްލަބިއްޔަތު އޮންނަ ޕާޓީއަކުން. އެހެންވީމާ، އެތަނުގެ މަޖިލީހާއި، ވެރިކަންކުރާ ޕާޓީގެ ސިޔާސަތުތަކާ ތަންފީޒު ވެގެންދާއިރު، ތަންފީޒު ވެގެންދާނީ އެއްގޮތަކަށް. ދިވެހިރާއްޖެ ތަފާތެއް ނޫން. ދިވެހިރާއްޖޭގެ ވެރިކަމުގެ ފަރާތުން ތަންފީޛުކުރާ ސިޔާސަތުތަކަކީ، ނޫނީ މެނިފެސްޓޯގައި ހިމަނާފައި ހުރި ކަންތައްތަކަކީ، އޭގެތެރޭގައި ގެދޮރުވެރިކުރުވުމާއި، ތަޢުލީމީ ނިޒާމާއި ސިފަތަކަށް އަންނަ ކުރިއެރުމާއި، ބިން ހިއްކުމާއި، ފަޅުތައް ހެދުމާ، މިހުރިހާ ކަންކަމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި ހުރި ކަންކަން. އެ ތަންފީޛުވެގެން އެދަނީ އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ، ރައްޔިތުންތަކެއް އިންތިޚާބުކުރި، އެ ބަސް ބުނަން އިންތިޚާބުކުރި އަޅުގަނޑުމެންގެ މެންބަރުންތަކެއް ދޭ ވޯޓަކުން. އެކަން އަޅުގަނޑުމެން މިކުރަނީ. އެހެންވީމާ، އަމިއްލަވަންތަ ސިފަތަކެއް އެބަހުރިހެއްޔޭ ބުނާއިރު، އަޅުގަނޑު ބުނާނަން އާނއެކޭ. އަމިއްލަވަންތަ ސިފަތަކެއް އެބަހުއްޓޭ. އެހެންވީމާ، އަމިއްލަވަންތަ ސިފަތަކެއްގައި މަތީގައި ތިބެން ބޭނުންވަނީ، ދައުލަތަކުން ކިހާ މިންވަރަކަށްތޯ މިއަދު ސުވާލުކޮށްލަންޖެހެނީ، އެއީ މުސްތަޤިއްލު ދައުލަތަކަށްވާން ބޭނުމިއްޔާ. އަޅުގަނޑުމެންގެ ހުރިހާ ކަމެއް ދޫކޮށްލާފައި، އަމިއްލަވަންތަ ސިފަތައް ދޫކޮށްލާފައި، އަނެއްކާވެސް ބަޔަކަށް އަޅުދާސްވާންޖެހޭ ކަމަށްވަންޏާ، ދިވެހި ދައުލަތުގެ މަތިން، ދިވެހި ދައުލަތުގެ ކަރާމާތެއް، ޝަރަފެއް އޮތް ކަމަކަށް ގަބޫލެއްނުކުރެވޭ. އެކަން އަޅުގަނޑުމެން ގަބޫލުނުކުރާތީ ދޮއެއްތޯ، އަޅުގަނޑުމެން، އެއޮތް އިސްތިޢުމާރީ، އެއޮތް ބާރެއް ނިންމާފައި، އެ އުފާ މިދިޔަ އަހަރު ފާހަގަކުރީ، 50 އަހަރުވެގެން. މިނިވަންކަމަށް 50 އަހަރުވެގެން.
 
އެހެންވީމާ، އެއީ ދިވެހިން ތިބެން ބޭނުންވާ ގޮތްކަން ދިވެހި ރައްޔިތުން ދައްކައިދީފި. އަޅުގަނޑުމެން ބޭނުންވަނީ މިނިވަން، މުސްތަޤިއްލު އަދި އަޅުގަނޑުމެންގެ ކަންކަމުގެ މައްޗަށް ބަސް ކިޔުމުގެ ފުރިހަމަ އިޚްތިޔާރު، އަޅުގަނޑުމެންގެ ސަރުކާރަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އޮންނަ ދައުލަތެއްގެ ގޮތުގައި އޮންނަން. އެހެންވީމާ، ޑިމޮކްރަސީގެ ނަމުގައިވެސް އަޅުގަނޑުމެން މިކުރާ ކަމަކީ މިއީ. އަޅުގަނޑުމެން ކުރާ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެން މިބުނާ ވާހަކަޔަކީ، އަޅުގަނޑުމެން ކަންކަން ނިންމަން، ބަސް ބުނަން ދިވެހިންނަށް ފުރްޞަތުދޭށޭ. ހަމަ މި ފުރްޞަތު އެބަ ލިބޭ، ދެން އަންނަ އިންތިޚާބެއްގެ ތެރޭގައި، ހަމަ ވޯޓްލައިގެން، 2018 ވަނަ އަހަރުވެސް ބަސްކިޔާނެ މީހަކު ނަގަން ފުރްޞަތު އެބަ ލިބޭ. އެކަމަކު ބަސްކިޔާނެ މީހަކު ހޮވުމަށްފަހު، އަދި އޭނަގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް މުޅި ރައްޔިތުން ދިނުމަށްފަހު، ދެން އެ ޕާޓީއާއި، އެ ރައީސަކު ކަންކަން ކުރާނެގޮތް ނިންމާނީ، އެ ރައީސަކު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވިއްކާފައި އޮތް މެނިފެސްޓޯގައި ބުނެފައި ހުރި ކަންކަން، އެހުރި ތަރުތީބަކުން ދާނީ. އެކަމެއް ދެން ބަދަލެއްނުކުރެވޭނެ، މަޖިލީހަށް އައިސް ތިބި މައިނޯރިޓީ ބަޔަކަށް. ނޫނީ މަޖިލީހުގެ އަޣްލަބިއްޔަތު ނެތް ބަޔަކަށް، ކިތަންމެ ހިތްހަމަނުޖެހުނަސް އެކަމެއް ބަދަލެއްނުކުރެވޭނެ. އެއީ ދުނިޔޭގައި ކަން ހިނގާ ނިޒާމެއް ނޫން. ދުނިޔޭގައި ކަންހިނގާ ނިޒާމަކީ ރައްޔިތުން ކައިރީގައި މިވެނި މިވެނި ކަންތައްތައް ކޮށްދޭނަމޭ ކިޔާފައި، ބަޔަކު ވެރިކަމަށް އައިސްފި ކަމަށްވަންޏާ، އެކަންކަން ކޮށްދޭންޖެހޭނެ. އެކަންކަން އެބަޔަކަށް ވެވުނު މިންވަރަކުން ކޮށްދޭންޖެހޭނެ.
 
އެހެންވީމާ، ބޭނުންވާ ކަންތައްތަކުގެ ތެރޭގައި މި ހުންނަނީ، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެވޭވަރުގެ ސަރުކާރެއްތޯ. ފުރަތަމަ ސިފަ، ފުރަތަމަ ރުކުން. ދެވަނަ ކަމަކީ މި ސަރުކާރެއް، ނޫނީ މި ޒަޢާމަތަކީ، މުސްތަޤިއްލު މިނިވަންކަމާއެކީ އުޞޫލުތައް ދަމަހައްޓައިދޭނެ ބައެއްތޯ. އަޅުގނޑުމެންނަށް ހަމަ ހެޔޮވަރު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާގައި ކޮންމެ ވާހަކައެއް ދައްކަންވެސް. އަޅުގަނޑުމެން ހަމަ ގަބޫލުކުރަން. މިއަދުވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ހަމަ ކުރިމަތިކުރާ ސުވާލަކީ، އަޅުގަނޑުމެން މިއުޅޭ ޢާންމު ރައްޔިތުންނޭ މިކިޔާ މީހުންގެ ތެރޭގައި، މީހަކަށް ކޮންމެފަދަ ޙުކުމެއް އަޔަސް، އެއް މަރްޙަލާ، ދެ މަރްޙަލާ، ތިން މަރްޙަލާޔާ ހަމައިން ނިމުނީމަ އެކަން ނިމުނީ. އެކަމަކު ކީއްވެގެންތޯއޭ، އަޅުގަނޑުމެންގެ ތެރެއިން އެކަކު ދެމީހަކު ނުތަކައިގެން މިއުޅެނީ މި ނިޒާމުގެ ތެރެއަށް. އެހެންވީމާ، އަޣްލަބިއްޔަތަށް ގަބޫލުކުރެވޭ ގޮތެއް ނޫނޭ މިއީކީ. އެހެންވީމާ، ރާއްޖޭގައި އޮތް ނިޒާމަކީ އަޅުގަނޑުމެންނަށް އެތައް ސަތޭކަ އަހަރެއް ވަންދެން، އަދި އަޅުގަނޑު ނުދަންނަވަން ފައްކާ ނިޒާމެކޭ. އެހެންނަމަވެސް، މިހާރުގެ ބަހުރުވައިންނަމަ، ދޮންވެ ފައްކާވަމުން، އިތުރު ރަނގަޅު ބަދަލުތަކަކާއެކީ ފައްކާކުރަން ބޭނުންވާ ނިޒާމެއް. އެކަމަކު އެ ނިޒާމަކީ މިނިވަން ނިޒާމަކަށްވާން އެބަޖެހޭ. އެ ނިޒާމުން އެއް މަރްޙަލާއިން ކަމެއް ގޯސްކޮށް ހިނގައްޖެ ކަމަށްވަންޏާ، އެ ނިޒާމުގައި އެކަން ކުރަން، ރަނގަޅު ކުރަން އޮންނަ އުޞޫލަކީ، ދުނިޔޭގައި، އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް އެކަން ރަނގަޅު ކުރަން އޮންނ އުޞޫލު. އިސްތިއުނާފުގެ ފުރަތަމަ މަރްޙަލާއަށް ދަތުރުކުރުން. އަދި އިސްތިއުނާފުގެ ފުރަތަމަ މަރްޙަލާއިން ނިންމާ ކަމަކާ ދޭތެރޭގައި، އެއްވެސް ޚަޞްމެއްގެ މައްސަލައެއް، ހިތްހަމަނުޖެހުމެއް އޮތް ކަމަށްވަންޏާ، ފަހު މަރްޙަލާޔާ ހަމައަށް ދިޔުން. އެއީ އެކަން އޮންނަ ގޮތަކީ. ކީއްވެގެންތޯ މިކަން ދިވެހިރާއްޖޭގައި ތަފާތުވާންވީ؟ އަޅުގަނޑުމެން ނޫންތޯ 1998 ވަނަ އަހަރު މިހުރިހާ ވާހަކަތަކެއް ދައްކާފައި، އެންމެފަހުން 1998 ން ފެށިގެން މި ވާހަކަ ދައްކަމުން އައިސް، 2008 ވަނަ އަހަރުގެ ތެރޭގައި މި ބަލައިގެން، ނޫނީ އަޅުގަނޑުމެން ހޯދި ޤާނޫނުއަސާސީގައި، މި ތިންބާރު ވަކިކޮށްފައި، ވެރިކަމުގެ ނިޒާމާއި އަދި ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ނިޒާމަކީ މުސްތަޤިއްލު، ވަރުގަދަ ދެ ނިޒާމު ކަމަށް އެކަށައެޅީ. އެ އެއްޗެހި ލިޔުނު މީހުންނަށް މިހާރު އެ އެއްޗެހި ކަމުނުގޮސްގެން މިއުޅެނީ. އެކަމަކު އޭގެކުރީގައި، އެ ޤާނޫނުތަކުގައި ހުރި ހުރިހާ ކަންކަމެއް ތަންފީޛު ކުރަން، މީހުންގެ މައްޗަށް ކޯޓުގެ އަމުރުތަކާއެކީއާއި، ކޯޓުގެ އަމުރުތައް ނުނަގައި، ކޯޓުން ބޭރުން ކަންކަން ކުރިއިރު ހަމަ ހެޔޮވަރު. އެކަމަކު މިހާރު ހިނގާ ކަންތައްތައް މި ހިނގަނީ ކޯޓުގެ ތެރެއިން.
 
އެހެންވީމާ، މިކަންކަން އެހެން ގޮތަކަށް ބަދަލުކުރަން، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ބަސްކީމަ އަދި އެ ބަހަށް އަޅުގަނޑުމެން ބޯލަނބާލަންޖެހޭ ކަމަށްވަންޏާ، ދެން އަޅުގަނޑުމެން ވިސްނަންވީ މިއީ ކިހާވަރެއްގެ މިނިވަން، މުސްތަޤިއްލު ދައުލަތަކަށްވޭތޯ. އަޅުގަނޑުމެންގެ ނިޒާމުގައި ހުރި ކޮރުކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަމަކު އެއީކީ މުޅި ނިޒާމް އޮޔާލާ ދާންޖެހޭ ކަމެއް ނޫން. އެ ނިޒާމް ރަނގަޅުކުރަންޖެހޭ ކަންތައް ހުންނާނެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، އެ ޤައުމުތަކުގައި ހުންނަ ނިޒާމްތައް ރަނގަޅުކުރޭ. އެންމެ ނަން މަޝްހޫރު ޑިމޮކްރަސީތަކުގައިވެސް އެ ނިޒާމްތައް ރަނގަޅުކުރޭ. އެންމެބޮޑު ޤައުމު. ކޮންމެހެން ޤައުމެއްގެ ނަން ދަންނަވާކަށެއް ނޫން. އެންމެބޮޑު ޤައުމުގައި އެކިއެކި މިލިޓްރީ ބޭނުންތަކަށް، އަމިއްލަ މީހުންނަށް ލިބިފައި މި ހުންނަ ފަރުދީ ޙައްޤުތައް އެބަ މިލިޓްރީ މައްސަލަތަކުގައި، ބޮޑެތި ޓެރަރިސްޓުންނަށް ލިބިފައި ހުންނަ ޙައްޤުތައް ނިގުޅައިގަންނަން އޮންނަ އުޞޫލުތަކުގެ ތެރެއިން އެމީހުން އެނަލައިޒްކޮށް، ފޯނުތައް ޓެޕްކޮށް ކުރާއިރު، އެންމެ އާދައިގެ ނިކަމެތިންނަށް ލިބިފައި ހުރި ޙައްޤުތައް ނިގުޅައިގެންފައި ހުރި ކަމެއް، މިދޭތެރެއަކުން ލީކުވެގެން އެ އުޅުނީ. އެންމެ މަޝްހޫރު އެއް ޤައުމުގައި. މިއީ ފަރުދީ ޙައްޤުތަކަށް އަރައިގަތުމުގެ ހަމަ ލާމަސީލު މިސާލެއްގެ ގޮތުގައި މިހާރު މިކަންކަން މި ނެގެނީ. އެކަހަލަ ޙާލަތްތައް މި އަންނަނީ އެންމެ ބޮޑެތި ކުށްކުރާ މީހުންގެ ޙައްޤުތައް ނިގުޅައިގަންނަން. ވަގުތީގޮތުން ނިގުޅައިގަންނަން އޮންނަ ޤާނޫނުގެ ބާރު ނުހަމަގޮތުގައި މި ހުންނަނީ އެންމެ އާދައިގެ ކަންކަމުގައި މީހުންގެ މައްޗަށް ހިންގާފައި. އެކަމަކު ދިވެހިރާއްޖެ ފަޚްރުވެރިކަމާއެކީ މިއަދު އަޅުގަނޑުމެން ބުނަންޖެހެނީ، އަޅުގަނޑުމެންނަކީ މިކަހަލަ، މީހުންގެ އަމިއްލަ ފަރުދީ ޙައްޤުތަކަށް އަރައިގަންނަން ތަރުޙީބުދޭ ބައެއް ނޫނޭ.
 
އެހެންވީމާ، ދައުލަތެއްގެ ސިފަތަކުގެ ތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، މިކަހަލަ ތަރައްޤީ އަންނައިރު، އަޅުގަނޑުމެންގެ ވިސްނުމަށާއި، އަޅުގަނޑުމެންގެ ސުލޫކަށް އަންނަންޖެހޭ ބަދަލުތަކެއް އެބަހުރޭ. އެހެން ނޫންކަމަށްވަންޏާ، މީހުންގެ މައްޗަށް ވެރިކަން ކުރުމަކީ، އޭގެ ޒާތުގައި އެއްވެސްކަހަލަ ހިތްހަމަޖެހުމެއް، ނޫނީ ޖޮބް ސެޓިސްފެކްޝަނެއް ލިބޭ ކަމަކަށް ނުވާނެ. ވެރިޔަކަށް ހުންނަ މީހަކުވެސް އެއީ ޤާނޫނަށް ބޯލަނބާ މީހެއް ކަމަށް ގަބޫލުކުރެވެން އެބަޖެހޭ. އެންމެ ފުރަތަމަ ޤާނޫނަށް ބޯލަނބަންޖެހޭ މީހަކީ ވެރިޔަކަށް ހުންނަ މީހާ. ކިތަންމެ ޝަރަފްވެރި މަޤާމެއްގައި ހުންނެވި ނަމަވެސް، ވެރިޔަކަށް ހުންނަވާ ބޭފުޅަކުވެސް، ތިއިން ބޭފުޅަކަށް ސިޓީއެއް ފޮނުއްވާއިރު، ހަމަ [ޚާދިމުކުމް] ޖަހާލާފައި ސޮއިކުރަނީ ދޮއެއްތޯ. އެކަމަކު މަޤާމުގެ މަސްއޫލިއްޔަތު އުފުލާއިރު ހަނދާނެއް ނުހުރޭ. އޭގެފަހުން އިދިކޮޅަށް ދެވުނީމަ ހަނދާނެއް ނުހުރޭ، ތިމަންނަ މިއީ ކޮން ޚިދުމަތެއްގައި އުޅެފައި، އަދި ކޮން ޚިދުމަތަކަށް އިންތިޒާރުކޮށް ރައްޔިތުންނާ ހަމަޔަށް އަންނަންވާކަހަލަ ބައެއްކަމެއް. މިހާރު ހަނދާނެއް ނުހުރޭ. ދެން ދިވެހިރާއްޖޭގައި ނެތްހާ ބޮޑެތި ކަންތައްތަކުގެ ވާހަކަ، ބުހުތާން ދޮގު ހަދައިގެން، ދިވެހިރާއްޖެއަށް ނިކަމެތިކަން ގެންނަން މިކުރާ މަސައްކަތް، ހަމަ ސުވާލު އުފެދޭ، މިއީވެސް ހަމަ ދިވެހި ދަރިންތޯ؟ ދިވެހިރާއްޖެއަށް، ދިވެހި ފަސްގަނޑުދެކެ ލޯބިވާ ދިވެހި ދަރިންތޯ؟ ދިވެހިރާއްޖޭގައި ނެތްވަރުގެ ކަންތައްތައް، ބޮޑެތި ކަންތައްތައް، މުޅި ދުނިޔެ އެކަންކަމަށް އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައި ހުންނަ ބޮޑެތި ކަންކަމުގެ ވާހަކަ. ދިވެހިރާއްޖެއިން އެންމެ ނުރައްކާތެރި ހަނގުރާމަތަކަށް، އިސްލާމީ ޖިހާދުތަކަށް، ނޫނިއްޔާ ކޮމާކޯޅިތެރޭގައި މިކިޔާ [ޖިހާދުތަކަށް] ދިވެހިރާއްޖޭގެ ސަރުކާރުން މީހުން އެބަ ތަމްރީނުކުރެޔޭ. ސަރުކާރުންނޭ އެމީހުން ފޮނުވަނީ. މިއީ ޒިންމާދާރު މަޤާމުތަކުގައި ތިބެފައި ވަކިވި މީހުންނޭ، އެކަހަލަ ވާހަކަ ދައްކަނީ. އެކަމަކު މިއީ ހަމަ ދިވެހިން. އަދި ދެން އައިސްފައިވެސް ޚިދުމަތް ކުރަން މިއުޅެނީ ދިވެހިންނަށް. އެހެންވީމާ، ދެން ޚިދުމަތް ކުރަން ނޫނީ ހިންގަން އޮތީ ކޮން ސަރުކާރެއްބާ؟ މިކަންކަމާހެދި ދިވެހިރާއްޖެއަށް ދިމާވާ ހުރިހާ ބޮޑެތި މުޞީބާތެއް މިހާރު މި ދިމާވާންޖެހެނީ.
 
އެހެންވީމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެން މިކަހަލަ ނިޢުމަތްތައް ލިބިގެން، އެ ނިޢުމަތްތަކަށް ޝުކުރުކުރާއިރުވެސް އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ، އަޅުގަނޑުމެންގެ ޑިމޮކްރަސީއެއްގައި ވާހަކަ ދައްކާއިރު، ނޫނީ ވެރިކަމެއްގެ ނިޒާމެއްގެ ވާހަކަ ދައްކާއިރު، ނިޒާމުގެ ތެރޭގައި ހިމެނެނީ ކޮންކަހަލަ ކަންތައްތަކެއްހެއްޔޭ؟ ނިޒާމުގެ ތެރޭގައި ރާއްޖޭގެވެސް ރާއްޖޭގެ އަމިއްލަވަންތަ ސިފަތަކެއް ހުންނަން އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ކީއްވެގެންތޯ ދިވެހިރާއްޖޭގައި ހަމަ އިސްލާމްދީން އޮއްވައި، ކީއްވެގެންތޯ މާދަން މިތާ ފައްޅިއަޅަން ހުއްދަ ނުދޭންވީ؟ އަމިއްލަވަންތަ ސިފަތަކެއް ނެތެއްނޫންތޯ؟ އެކަންކަމަށް ވަކާލާތު މިކުރަނީ. އަދި އަޅުގަނޑު މި ވާހަކަ ދައްކާއިރު މިއީކީ މާ ޙައިރާންކުރަނިވި ވާހަކައެއްވެސް ނޫންކަންނޭނގެ. އެއް ސަރުކާރަކުން އެބައޮތްކަންނޭނގެ، ސިޓީއެއްވެސް ފޮނުވާފައި، ފައްޅިތައް އެޅިދާނެތޯވެސް އަހާލާފައި، ސާފުކުރުމުގެ ގޮތުން. އެއީ ރައީސަކަށް ހުންނަ މީހަކު ހަމައެކަނި ލިޔަންކިޔަންވިއްޔަ ދަންނަންޖެހެނީ. އެހެންވީމާ، އެއަށްވުރެ މައްޗަށް ކަންކަން އެނގެން ނުޖެހޭ ކަމަށްވަންޏާ، ހަމަ ސާފުކޮށްލަން އަހާފާނެ، އެހެން ދީންތަކުގައި އަޅުކަންކުރާނެ ޖާގަ އޮތްތޯވެސް. އެ ސިޓީތައްވެސް އެބަހުރި ސަރުކާރުގެ ފައިލްތަކުގައި.
 
އަޅުގަނޑުމެން އެހީ ހޯދަން މިކުރާ މަސައްކަތުގައި، މިކަހަލަ ރަށްރަށަށް ބޭނުންވާ އެހީ ހޯދަން ކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެން ހަމަ އަޅުގަނޑުމެންނަށް އެހީވާ ފަރާތްތަކަށް ދާންޖެހޭ. އެހީ ލިބިގަންނައިރުވެސް، އެ އެހީ ލިބިގަންނައިރު ކިހާވަރަކަށްތޯ ދިވެހިރާއްޖެއިން އެކަންކަމުގައި ބުރައެއް އުފުލަންޖެހެނީ؟ އަޅުގަނޑުމެން ވިސްނަންޖެހޭ، ދެނެގަންނަންޖެހޭ. އަޅުގަނޑުމެންގެ އިސްތިޤްލާލަށް ގެއްލުންވާކަހަލަ ކަންތައްތައް ކުރާކަށް އަޅުގަނޑުމެންނަކަށް ފަސޭހައެއްނޫން. އެކަންކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަކުރާ ބަޔަކު، ނޫނިއްޔާ ދީނަށް އިޙްތިރާމް ނުކުރާ ކަމެއް ކުރަން މަޖުބޫރުކުރާ ބައެއްގެ ކައިރިއަށް ގޮސްފައި، އެކަން ރުހި ގަބޫލުވެގެން، އަޅުގަނޑުމެންނަށް އެކަންކަމެއް ނުކުރެވޭނެ.
 
އެހެންވީމާ، މިއަދުގެ ނިޒާމްތަކުގެ ވާހަކަ ދައްކާއިރު، ނިޒާމްތަކުގައި އެންމެ އިސްކޮށް ތިބި ޤައުމުތަކުގައި މި ދައްކާ ވާހަކަތަކާ ދޭތެރޭގައި ވިސްނައިލައްވާ ދިވެހި ރައްޔިތުން. ރާއްޖޭގެ މިކަހަލަ ރަށްރަށުގައި، ދުރު ރަށްރަށުގައި ބޭނުންވާނީ، މި ރަށްރަށަށް ބޭނުންވާ ތަރައްޤީ. ޑިމޮކްރަސީއަކީ ހަމަ އަޅުގަނޑުމެން ފޮތްތަކުން ދަސްކުރާގޮތަށް ދަސްކުރާ ނިޒާމެއް. އެ ނިޒާމްގައި އެ ދައްކާ ވާހަކަތަކަކީވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ވާހަކަތަކެއް ކަމަށްވަންޏާ އަޅުގަނޑުމެން ނިންމާނީ. ޑިމޮކްރަސީގެ ނަމުގައިވެސް އަޅުގަނޑުމެންނަކަށް ވޯޓްލައިގެން ދިވެހިރާއްޖޭގައި އޮންނަންވީ އިސްލާމްދީންތޯ، ނޫނީ އެހެން ދީނެއްތޯ ބަލާކަށް ވޯޓެއްނުލެވޭނެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަންކަމެއް ނޫން. އެއީ ނުކުރެވޭ ކަންކަން ހުންނާނެ. އެހެންނަމަވެސް، ޑިމޮކްރަސީއަކީ ގިނަ ބައެއްގެ ރައުޔު އެކަމުގައި ހިމެނޭ ކަންކަން. ޢާންމުކޮށް، ޑިމޮކްރަސީގައި މިދެންނެވި ކަހަލަ ކަންތައްތައް ޕްރެކްޓިސް ކުރަނީ، ނޫނިއްޔާ މިދެންނެވި ކަހަލަ ކަންތައްތަކުގެ ވޯޓް އަހައި، ރައްޔިތުންގެ ރައުޔު ހޯދަނީ، އެމީހުން ބޭނުންވާ ކަންކަމާއި، އެމީހުން ބޭނުންވާ ނިޒާމްތަކަށާއި، ދައުލަތް ހިންގަން ބޭނުންވާ ކަންކަމުގައި. އަޅުގަނޑުމެން ވޯޓްލާފާނެ، ދިވެހިރާއްޖޭގައި އޮންނަންވާނީ ތިންބާރު ވަކިވެފައިތޯ؟ އެއީ އަޅުގަނޑުމެން ވޯޓްލާނެ ކަމެއް. ރާއްޖޭގެ މުޅި އަޣްލަބިއްޔަތު އެ ބުނަނީ، ދިވެހިރާއްޖޭގައި އޮންނަންވާނީ ތިންބާރު ވަކިވެފައޭ. އެކަމަކު ތިންބާރު ވަކިވެގެން ހިނގަން ވަކާލާތުކުރި މީހުންނަށް، ތިންބާރު ވަކިވެގެން ޙުކުމްތައް އަންނަން ފެށީމަ، އެކަން ތަޙައްމަލް ނުކުރެވެނީ އެއީ ޑިމޮކްރަސީގައި އުޅޭ އުނިކަމެއް ނޫން. އެއީ ކޮރުކަމެއް ކަމަށްވަންޏާ، އެއުޅެނީ ޖިސްމާނީގޮތުން، ސިކުނޑީގެ ގޮތުން އުޅޭ ކޮރުކަމެއް. އެއީ އެއްގޮތަކަށްވެސް ނިޒާމްގައި އުޅޭ މައްސަލައެއް ނޫން. އަދި އެ ނިޒާމްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގައި، މުއައްސަސާތަކުގައި ތިބި މީހުންނަކީ ފެންވަރު ނެތް ބައެއް ކަމަށް ދުނިޔޭގެ ބައެއް ޤައުމުތަކުން ވަކާލާތުކުރާ ކަމަށްވަންޏާ، އެއީ ދެރަވަރު ކަމެއް. އެއީ ވަރަށް ދެރަވަރު ކަމެއް. ލަދުވެތި ކަމެއް. އެއީ އެ ޤައުމުތަކުގައި ސިއްރުކޮށްފައި ހުރި ބޮޑެތި ކަންކަން. އެ ޤައުމުތަކުގެ ސަރުކާރުތަކުގެ ތެރޭގައި ސިއްރުކޮށްފައި ހުރި ބޮޑެތި ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އޭގެ އެތައް ގުނައެއް އެހެން ޤައުމުތަކުގައި އެބަހުރި. އެކަންކަން އެ ހުންނަނީ ސިއްރުކޮށްފައި.
 
އެހެންވީމާ، ދިވެހިރާއްޖޭގައި ނެތް ކަމެއް މިއުޅެނީކީ ދުނިޔޭގެ އެހެން ޤައުމެއްގައި ނެތިގެނެއް ނޫން. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެއަށްވުރެ ބޮޑެތިކޮށް އެބަހުރި އެކަންކަން. އެކަމަކު ދިވެހިރާއްޖޭގެ ކަމަކަށްވީމަ، އަޅުގަނޑު ނުދަންނަވަން އެކަންކަން އަޅުގަނޑުމެން ތަޙައްމަލްކުރަންޖެހެޔެކޭ. ނޫނީ އެއީ ރަނގަޅު ކަމެކޭ ނުދަންނަވަން. އެކަމަކު ގަބޫލުކުރަންޖެހޭ އެއްޗަކީ، މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑުމެން ކަންކަން ނިންމުމުގައި، އަދި އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ގޮތްގޮތް ނިންމުމުގައި، ވެރިކަމުގެ ނިޒާމް ބައްޓަން ކުރުމުގައި ދިވެހިންގެ ބަސްކަން އޭގައި އޮންނަންވާނީ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އޮންނަންވީ ގޮތުގައި އަޅުގަނޑުމެންގެ ބަސް އޮންނަންވާނީ. އަޅުގަނޑުމެންނެއް މިހާރަކު ކައިރި ކަރަކަރަޔަކުން ބުނާގޮތް ހަދާކަށްނުޖެހޭ. އަދި ދުރު ކަރަކަރައިން ބުނާގޮތްވެސް ހަދާކަށްނުޖެހޭ.
 
އެހެންވީމާ، މިކަންކަމާއެކީ އަޅުގަނޑުމެންގެ ނިޒާމް ފުރިހަމަވެގެން މިދަނީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދައިދޭން ވަސީލަތް ތަނަވަސްކުރުމާއެކީ، އަދި އެ ވަސީލަތް ތަނަވަސްކޮށްގެން ހިންގަން މިއުޅެނީ ކޮންކަހަލަ ނިޒާމެއްތޯ؟ އޭގެތެރޭގައި ސިޔާދަތަށް އިޙްތިރާމް ކުރުން، ނޫނީ ދައުލަތުގެ ދީނަށް އިޙްތިރާމް ކުރުން، ދިވެހިވަންތަ ސިފަތަކަށް އިޙްތިރާމް ކުރުން ހިމެނޭތޯ؟ އެކަންކަން އަޅުގަނޑުމެން ބަލައިގަންނަ ކަމަށްވަންޏާ، މިއީ އަޅުގަނޑަށް ހީވަނީ 2018އާ ހަމަޔަށްދާއިރު، ނޫނީ ތަރައްޤީއަށް ވިސްނާ ބަޔަކު ވިސްނަންޖެހޭ ކަންތައް. ތަރައްޤީއަކީ ހަމަނުޖެހުމުގެ ތެރެއިން އަންނަ ކަމެއް ނޫން. އެއީކީ ރަނގަޅު ވާހަކައެއް ނޫން. ތަރައްޤީއަކީ ހަމަޖެހުމުގެ ތެރެއިން އަންނަ ކަމެއް. ތަންތަނުގައި ހަމަޖެހުން ނެތްކަމަށްވަންޏާ، ތަންތަނަށް ބޭނުންވާނެ ބޮޑެތި އިންވެސްޓްމަންޓް ހަދަން ބޭރުންނެއް އެކަންޏެއް ނޫން މީހުން ނާންނާނީކީ. ހަމަ އަމިއްލަ އެ ރަށުގެ ރައްޔިތުންވެސް އެކަންކަމަށް ޖެހިލުންވާނެ.
 
އެހެންވީމާ، ކުޑަހުވަދޫގައިވެސް ވިސްނާވަޑައިގަންނަވަންވީ، ތިޔަބޭފުޅުން 2018ގެ ވާހަކަފުޅު ދައްކަވާއިރު، އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަށް ދިޔުމަށްޓަކައި ދެން އަޅުގަނޑުމެން ފުއްދަންޖެހެނީ އިތުރު ކޮން ކަންތައްތަކެއްތޯ؟ އަޅުގަނޑުމެންނަށް އެކަންކަން ފުއްދިދާނެތޯ؟ އަޅުގަނޑުމެންނާއެކީ އެ މަސައްކަތްކޮށްފައި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ނިޒާމް ފައްކާކަމުގެ ވާހަކަ ދައްކާފައި، ދެން މިހާރު މަޤާމުތަކުން ވަކިވެގެން ގޮސްފައި، މިވަރުގެ ޢައިބު، މިވަރުގެ ކޮރު ނިޒާމްތަކެއް ނެތްކަމަށް ވަކާލާތު ހަމަ އެކުރަނީ އެ ދޫތަކުން. އެކަމަކު ބުނާނެ، ތިމަންނަ ދިވެއްސަކަށްވީތީ ފަޚްރުވެރިވަމޭ، ޝަރަފްވެރިވަމޭ. އެކަމަކު އެ ވެވޭތޯ ސުވާލު އެބަ ކުރަންޖެހޭ. އެހެންވީމާ، އެ ސުވާލުތައް، ތިޔަބޭފުޅުން 2018އާ ހަމަޔަށްދާންވާއިރަށް ސުވާލު ކުރައްވާ. އަދި ނިޒާމްތަކުގެ ތެރޭގައި އިދިކޮޅު ޚިޔާލު ހުރުމަކީ، ރަށެއްގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢަކަށް ވޯޓް ނުދިނުމެއް ނޫން. ދެންމެ އެ ވާހަކަ އެ ވިދާޅުވީ، ދާއިރާގެ މެންބަރު ޢާމިރު. އަޅުގަނޑުމެން މި ފާސްކޮށްގެން މިތަންތަނުގައި މި ހިންގާ ބަޖެޓްތަކުގައި ނުހުންނާނެ އިދިކޮޅު ފަރާތްތަކުގެ ވޯޓް ލިބިފައެއް. އެއްވެސް ވޯޓެއް ލިބިފައެއް ނުހުންނާނެ. އެހެންވީމާ، ކިހާވަރަކަށްތޯ ރައްޔިތުންގެ ތަރައްޤީއަށް އެމީހުންނަށް ޙިއްޞާ ކުރެވިފައި ހުރީ. ހަމަ އަޅުގަނޑުމެންނަކީވެސް އިދިކޮޅުގައި ތިބި ބަޔެކޭ. ހަމަ އިދިކޮޅުގައި ތިބެގެން، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ބަޖެޓަކަށް ހުންނާނީ އަޅުގަނޑުމެން ވޯޓްދީފައޭ. އެހެންވީމާ، ޒިންމާދާރުކަމާއެކީ ސިޔާސީ ޙަރަކާތުގައި ބައިވެރިވުމާއި، ހަމަ ކަމަކަށް ކަމެއް ކުރުމުގެ ނަމުގައި އުޅުމާ ވަރަށްބޮޑު ތަފާތު އޮވޭ. އެހެންވީމާ، ކޮންމެ ކަމެއް ކުރުމުގައިވެސް ވައްޓަފާޅިތަކެއް އޮންނާނެ. އުޞޫލުތަކެއް އޮންނާނެ. އެ އުޞޫލުތަކާއެކީ ހިނގާ ކަމަށްވަންޏާ، ރައްޔިތުންނަށް ކުރިއެރުން އަންނާނެ. ތަނެއް ހަލާކުކޮށްލައިގެން، ތަނެއްގެ ހަމަޖެހުން ނަގާލައިގެންނެއް، އެތަނަކަށް އަންނާނެ ކުރިއެރުމެއް ނާންނާނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަންވެސް ހަމަ ބޭނުންވޭ. ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ﷲގެ ރަޙްމަތުން އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ހަމަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދެވޭތޯ. އެހެންނަމަވެސް، އެކަންކަން ކުރުމުގައި އަޅުގަނޑުމެންނަށްވެސް ހަމަ ދަތިތަކެއް ހުންނާނެ. މިހާރު ޙަޤީޤަތުގައި ދިމާވާ އެންމެބޮޑެތި ދަތިތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެހީވާ އެކިއެކި ބޭރުގެ ޖަމްޢިއްޔާތަކުން، ޖަމާޢަތްތަކުން އެހީވުމުގައި ދިވެހިރާއްޖެއާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ބަޔަކު މި ދައްކާ ވިޔާނުދާ ވާހަކަތައް، މިކަންކަމުން އަޅުގަނޑުމެންނަށް އޭގެ ހިޔަނި އެބަ އެޅޭ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން. އޭގެ ހިޔަނި އެޅޭ. އެހެންވީމާ، މީގެކުރިން 10 އަހަރެއް އަޅުގަނޑުމެންނަށް ތަރައްޤީން މަޙްރޫމްވެފައި އޮތް ކަމަށް އަޅުގަނޑު ދެންނެވި ފަދައިން، މިހާރުވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ލިބެންވާ ފައިދާ ލިބުމުގައި، ނޫނީ އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ލިބެންވާ ތަރައްޤީ ލިބުމުގައި، އަޅުގަނޑުމެންނަށް ހުރަސްތަކެއް އެޅެމުން އެބަދޭ. އެކަންކަމުގެވެސް ޒިންމާ، ކޮންމެވެސް ބަޔަކު އެބަ އުފުލަންޖެހޭކަންނޭނގެ. ކޮންމެވެސް ބަޔަކު އުފުލަންޖެހޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ ކުރާ މަސައްކަތް. އެހެންވެގެން ކުޑަހުވަދުއަށްވެސް މި އަންނަނީ. އެހެންވެގެން މާދަމާ ދެންހުރި މިއަތޮޅުގެ، މި ދާއިރާގެ އެހެން ބައެއް ރަށްރަށަށްވެސް. އަޅުގަނޑު މިދަތުރުގައި ކޮންމެ ރަށަކަށްވެސް ބޭނުންވެފައި ހުރި ކޮންމެވެސް ބޮޑުކަމެއް ކޮށްދެވޭތޯ  މި ސަރުކާރުން މި ބަލަނީ. މި ސަރުކާރުން ބަލާ ކަންތައްތަކަކީ އެއީ.
 
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ކުރަންވީ ކަމަކީ، ދެންމެ ޢާމިރު ވިދާޅުވިގޮތުން، ސްޓޭޖްގެ ފަހަތުން ފެނިގެން އެދިޔައީ، އެއްވެސް ބަޔަކު ޚިޔާލީ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައި ލިޔެފައި އޮތް ފްލޯކް ވާހަކައެއް ނޫން. އެކަންކަން ކުރެވޭތޯ ބަލަންވީ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ބިން އަޑިއަށް ހިނގައިދާނެތީ، ފިލްމް ހަދައިގެން އެކަން ކޮށްގެން ދިވެހިރާއްޖެއަށް ވާނެ ފައިދާއެއް ނޯންނާނެ ދޮއެއްތޯ. އެއިން އަޅުގަނޑުމެންނަށްވީ ގެއްލުން ޙަޤީޤަތުގައި. ދިވެހިރާއްޖެއާ ދޭތެރޭގައި މީހުން ވިސްނަމުން އައި ގޮތްވެސް ތަފާތުވެގެންދިޔައީ. އެކަމަކު އެހުރިހާ ވާހަކައެއް އަނެއްކާވެސް އަނެއްކޮޅަށް ކިޔައިދީގެން، ދިވެހިރާއްޖެއަކީވެސް ހަމަ ﷲގެ ރަޙްމަތުން މަޙްރޫމްވެފައި އޮތް ތަނެއް ނޫންކަމަށް، ބޭރު މީހުންނަށް ސާބިތުކޮށްދިނީމަ، އަދި އެޔާއެކީ ހަމަޖެހުމާއި، އުޞޫލުތަކެއްގެ މައްޗަށް ހިނގާ ސަރުކާރެއް ކަމަށް ގަބޫލުކުރެވޭގޮތަށް ކަންތައްތައް ގެންދިޔައިމަ ދިވެހި ވިޔަފާރިވެރިންނަށްވެސް މިހާރު ހިތްވަރު ލިބިގެން އުޅެނީ. އަޅުގަނޑުމެންނަށް މަޙްރޫމްވެގެން މިދިޔައީ، ހަމައެކަނި 10 އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެއް ނޫން. އެތައް ބައިވަރު އަމިއްލަ މީހުން ކުރާ މަސައްކަތްތައްވެސް، ދެންވާނީ ކިހިނެއްތޯ ނޭނގި މަޙްރޫމްވެގެންދަނީ. ކޮންމެ ހުކުރު ދުވަހެއްގައި އަޅުގަނޑުމެންނަށް ފެންނަނީ ކޮންކަމެއްތޯ މީގެކުރިން؟ ހުކުރުދުވަހު، މުސްލިމުންނަށްވާތީ އަޅުގަނޑުމެން ހުކުރަށްދާނެ، މިސްކިތަށްދާނެ ހުކުރު ދުވަހު. އޭގެފަހުން މި ފެންނަނީ ހަވީރު މުޒާހަރާ. ކޮންކަމަކަށްތޯ، ހަމަގައިމުވެސް ބުއްދަޅެއް ނުލިބިގެނެއް ނޫން މުޒާހަރާ ކުރަނީކީ. ކޮންމެވެސް ކަމެއްގައި. ހަމަ އާދަޔަކަށްވެފައި އޮތް ކަމެއް އެއީ. އެކަމަކު އެއީ ކޮންކަމެއް ބޭނުންވެގެންތޯ އެކުރަނީ؟ މިހާރުވެސް ބޭނުންވާ ކަންތައްތައް، އެވާހަކަ ދައްކަން ސަރުކާރުން މިބުނަނީ، އަންނާށޭ ސަރުކާރާ ވާހަކަ ދައްކަން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހިގެން ކުރިއަށްދާން. އިދިކޮޅު ޚިޔާލުތަކަށް، އިދިކޮޅު ވިސްނުމަށް އަޅުގަނޑުމެންނަށް ޖާގަދެވޭނެ. އަޅުގަނޑުމެންނަށް އެވާހަކަ އަޑުއަހާލަން ކެރޭނެ. އެކަމަކު ކުރިއަށްދަމާ ހިނގާށޭ. ޤައުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ރައްޔިތުންނަށް އެހީތެރިވާށޭ. ރައްޔިތުންގެ ކަންކަމަކީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް، އެއީ ޢަޞުރުމާ ކުލަ ކަމަށްވިޔަސް، ރީނދޫ ކުލަ ކަމުގައިވީނަމަވެސް އަދި އޮރެންޖް ކުލަ ކަމުގައިވީނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި ހުރިހާ ކުލަތަކަކަށް އެއްގަލަށް އެރެންވާނެ. އެހެންވީމާ، އެއްގަލަށް އަރާތޯ، ނާރާތޯ، އެންމެބޮޑު އިމްތިޙާނަކީ، ކޮންމެ އަހަރަކު ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހުށަހަޅައިދޭ ބަޖެޓަށް ވޯޓްދެނީ ކޮންބައެއްތޯ، ނުދެނީ ކޮންބައެއްތޯ؟ އެހާ ހިސާބުން ސާފު. ތަރައްޤީއަށް މަސައްކަތް ކުރަނީ ކޮންބައެއްތޯ. ތަރައްޤީއަށް ހުރަސްއަޅަނީ ކޮންބައެއްތޯ ވަރަށް ސާފު.
 
އިރާދަކުރެއްވިއްޔާ އަދިވެސް މިކަހަލަ އުފާވެރި ފުރްޞަތެއްގައި ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް، އަޅުގަނޑަށްވެސް ލިބޭނެ. އަޅުގަނޑު އެދެނީ ހަމަ ތިޔަބޭފުޅުން މިކުރައްވާ މަސައްކަތަކީ މިދެންނެވި ގޮތަށް ނިޢުމަތްތަކަށް ޝުކުރު އަދާކުރާ އިސްލާމުން ކުރާ މަސައްކަތަކަށް ވެގެންދިޔުން. އަޅުގަނޑުމެން ބޭނުންވާނީ އަޅުގަނޑުމެން ބޭނުންވާ ހެޔޮ ތަރައްޤީ އައުން. އަޅުގަނޑުމެން ބޭނުންވާނީ އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ދިވެހިރާއްޖެ ބައްޓަންކޮށްގެން، އަޅުގަނޑުމެންގެ ދަރިންނަކީ އަނެއްކާވެސް ހަމަ މިހާރު މިއޮތް މިނިވަން ޖައްވަށް ނޭވާލާ ދިވެހި ދަރިން ކަމުގައި ވެގެންދިޔުން. އެއްގޮތަކަށްވެސް މިނިވަންކަން ގެއްލުމަކީ އަޅުގަނޑުމެން ތަޙައްމަލްކުރަން ދެން އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން. އަޅުގަނޑުމެން އެދުވަސް ދެކޭކަށް ބޭނުމެއް ނޫން.
 
އެހެންވީމާ، އަޅުގަނޑުމެންގެ ކަންކަން ނިންމުމުގައި ބޭރުގެ ފަރާތްތަކުން ބަސްކިޔައި، އަނެއްކާވެސް އަޅުގަނޑުމެންގެ ދާޚިލީ ސިޔާސަތަކީ، ނޫނީ ޚާރިޖީ ސިޔާސަތަކީ ބަޔަކު ރުހޭގޮތަށް ކަންކަން އޮތުން ކަމަށްވަންޏާ، އެއީކީ އަޅުގަނޑުމެން ދިވެހި ދައުލަތެއްގެ ގޮތުގައި ތިބެގެން މަސައްކަތްކުރާ ބަޔަކު އެއްގޮތަކަށްވެސް އުފަލާއެކީ ބަލައިގަންނަން ފަސޭހަކަމަކަށްނުވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ﷲ އެދުވަހެއް އަޅުގަނޑުމެންނަކަށް ނުދައްކަވާނެ. އެކަމަކު އެޔާއެކީވެސް ﷲގެ ނިޢުމަތާއި ތައުފީޤު މިންވަރު ކުރައްވަނީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގެ މައްޗަށް. އަޅުގަނޑުމެންގެ ނިޔަތުގެ މައްޗަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިޔަތް ރަނގަޅުކޮށްގެން، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ﷲގެ މަގުން ކުރެވޭ މަސައްކަތް ކަމަށްވަންޏާ، މާތްﷲގެ ދަރުމަޔާއި ބަރަކާތް އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި މިންވަރު ކުރައްވާށި!
 
 والسّلام عليــكم ورحـمــة اللّـه وبـركاتـه.