ނިއު ޒިލަންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، ނިއު ޒިލަންޑުގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖެއާ ނިއު ޒިލަންޑާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި، ދެ ޤައުމަކީވެސް ޖަޒީރާ ޤައުމަށް ވީތީވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދާ ފަތުރުވެރިކަމުގެ ޙާލަތު ނިއު ޒިލަންޑުގެ ސަފީރާ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނީ ރާއްޖޭގެ ވައިގެބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެވިގެން ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު ކުރިއަށް ދާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ނިއު ޒިލަންޑުގެ އާ ސަފީރު ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާ ނިއު ޒިލެންޑާ ދެޤައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެމަނިކުފާނު އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ތަޢުލީމަށް ވަރަށް މުހިންމުކަން ދޭ ޤައުމެއް ކަމަށް އެމަނިކުފާނަށް ފާހަގަކުރެއްވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.