بســم اللّـه الرّحمـن الرّحيــم        

       
                   اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މި އުފާވެރި ރަސްމިއްޔާތުގައި އަޅުގަނޑުގެ އެންމެ ޚާއްޞަ އުފަލެއް ކަމުގައި މިދެކެނީ، 124 އަހަރު ފުރިގެންމިދާ މުއައްސަސާގެ ވެރިންނަށް، ޖެނެރަލް އޮފިސަރުންނަށް، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު، ޢިއްޒަތްތެރި ވަޒީރު، ޖެނެރަލް އޮފިސަރުން، އެންމެހައި އޮފިސަރުން، އެންމެހައި ސިފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދެންނެވުން. އަދި މިއުފަލުގައި ސިފައިންގެ ޢާއިލާތަކަށް އަޅުގަނޑު އިޙްތިރާމާއެކީ ހެޔޮދުޢާ މިކުރަނީ ވަރަށް މަތިވެރި ޚިދުމަތެއްގައި ތިޔަބޭފުޅުންގެ ލޮބުވެތި ފިރިކަލުން، އަނބިކަނބަލުން، ބައްޕައިން، ކޮއްކޮއިން ޚިދުމަތް ކުރައްވަން، އެ ޤައުމީ މަސްއޫލިއްޔަތަށް ދޫކުރައްވާފައި ތިއްބެވީތީ.
 
އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، ސިފައިންނަކީ ކޮންފަދަ އަގުހުރި ބޮޑު ޚިދުމަތެއްކުރާ ބައެއްކަން. ޝައްކެއްވެސްނެތްގޮތުގައި، އެއްވެސް ދައުލަތެއްގައި ލަޝްކަރެއް، ޢަސްކަރިއްޔާއެއް ނެތް ޒަމާނެއް ނުދާނެ. ދިވެހިރާއްޖޭގެ ރަސްމީ ނަމުން ސިފައިން އުފެދި، 124 އަހަރު ފުރިގެންދާއިރުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ދާޚިލީ ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެވެސް ބަޔަކު އިސްވެ، އޭރު ހުންނެވި ރަދުންނަކަށް އިޙްތިރާމާއެކީ މަސައްކަތް ކޮށްދިނުން، ޤައުމީ ވާޖިބު އަދާކުރުމުގެ ޒިންމާއުފުލި ބަޔަކު ތިބޭނެކަން. 124 އަހަރަކީ ދިގު އަހަރެއް. މުއައްސަސާއަކީ ފަޚްރުވެރި، ޝަރަފްވެރި މުއައްސަސާއެއް. މުއައްސަސާއަކީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭ މުއައްސަސާއެއް. މުއައްސަސާއިން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތުގައި، ރައްޔިތުން ޝުކުރުވެރިކަމާއެކީ އެކަން ބަލައިގަނޭތޯ ބަލާކަށްނުޖެހޭ. މުއައްސަސާއާ ޤާނޫނުއަސާސީއިން މަތިކޮށްފައި މިވަނީ އަދި ސިފައިންގެ ވާޖިބުތައް ނިޔާކުރަނީ، މި ޚިދުމަތްތަކަކީ، ސިފައިންގެ ލައިން އޮފް ޑިއުޓީގައި ކުރަންޖެހޭ ކަންކަން ކަމުގައި ނިންމަން. ޝައްކެއްވެސްނެތްގޮތުގައި، ޝުކުރުވެރިކަމާއެކީ ބަލައިގަންނަ ޚިދުމަތްތަކަކަށް މި ޚިދުމަތްތައް ވެގެންދާނެ. އެކަމަކު އޭގެ މުޤާބިލުގައި ޝުކުރުވެރިކަމުގެ ބަސްތައް ވެދުންކުރުމަކީ، މި މުއައްސަސާއިން އެންޓިސިޕޭޓް ކުރާ، އިންތިޒާރުކުރާ ކަމަކަށް ހައްދަވައިގެން ނުވާނެ.
 
ސިފައިންނަކީ އަބަދުވެސް ތައްޔާރީ ޙާލަތުގައި، ޤައުމަށް ދިމާވާ ހުރިހާ ބޮޑެތި ކަންކަމަށް ޖަދަލުކުރަން، ކުރިމަތިލާން ތައްޔާރަށް ތިބި ބައެއް ކަމުގައި ވާންޖެހޭނެ. ސިފައިންނަކީ ހަމައެކަނި ބޭރުގެ ޢުދުވާންތަކުން ދިވެހި ދައުލަތް ސަލާމަތްކުރާ ބައެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ޤައުމުގެ ދީނާއި، ޤައުމާއި އަދި ޤައުމުގެ ޤާނޫނުއަސާސީ ނެގެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އުފުލާ ބަޔަކީ ސިފައިން. މިއީ އެއްގޮތަކަށްވެސް އިތުރަށް ދައްކަންޖެހޭ ވާހަކައެއް ނޫން. މިޔާއެކީގައިވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެންމެ ކައިރިޔަށް އަޅުގަނޑުމެން ޚިޔާލުކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޙަރަކާތްތައް، ސިފައިންގެ ޙަރަކާތްތައް، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެސްފައި، އަޅުގަނޑުމެންނަށް ހިމޭންކަން ގެނެސްދޭ ކަންތައްތަކެއް އަބަދުވެސް ސިފައިންނާ ބައްދަލުކުރާކަން. މިކަހަލަ ކޮންމެ ޙާދިޘާއަކަށް، މިކަހަލަ ކޮންމެ ކާރިޘާއަކަށް، މިކަހަލަ ކޮންމެ ނުރައްކަލަކަށް ސިފައިން މި ތިބެންޖެހެނީ އަބަދުމެ، ފާރަވެރިވެ ހޭލާ. ސިފައިންގެ މަސައްކަތް އެތަކެއް ތަނެއް ފަސޭހަވެގެންދާނެ، ރައްޔިތުން ސިފައިންގެ މަސައްކަތަށް ލުއިކުރުމުގެ ގޮތުން ކަންތައްތަކެއް ކޮށްދެއްވާ ކަމުގައިވާނަމަ.
 
ސިފައިންގެ ޚިދުމަތުގައި މިކަހަލަ އުފާވެރި ދުވަހެއް ފާހަގަކުރާއިރު، ހަމައެކަނި ހަނދާނަށް މި ގެންނަންޖެހެނީކީ ޝަހީދު ޙުސައިން އާދަމްގެ މައްޗަކުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ޚިދުމަތުގެ ދިގު ތާރީޚުގައި މިއީ ފަނޑުވެގެންދާނެ ޒިކުރާއެއް ނޫން. އަބަދުވެސް ސިފައިންނަށް ހިތްވަރު ލިބެންޖެހޭނީ، ސިފައިންނަށް ހަމަޖެހުމެއް ލިބެންޖެހޭނީ ޝަހީދު ޙުސައިން އާދަމްފަދަ ޤައުމީ ބަޠަލުން، ސިފައިންގެ ބަޠަލުންގެ މަތިވެރި ޖިހާދުގެ ފިލާވަޅުތަކުން.
 
ސިފައިންގެ ޙަރަކާތްތަކަށް ހިމޭންކަމެއް ގެނެސްދޭ ކަންތައްތަކުގެ ތެރޭގައި ފެނިގެން މިދަނީ 1988 ގައި އަޅުގަނޑުމެންނާ ބައްދަލުކުރި ޢުދުވާނާ ސިފައިން ކުރިމަތިލާން ޖެހުނު ޖެހުން. ސިފައިންގެ ޙަރަކާތްތަކަށް ތައްޔާރީ ޙާލަތުގައި ކިތަންމެވަރަކަށް މަސައްކަތް ކުރެވުނަސް، ހިމޭންކަން ގެނެސްދެނީ، ހަމްބްލްކޮށްލާ ކަންތައްތަކަކީ، ސިފައިންގެ މަދަދާއެކީ ޤައުމުގެ ރައީސަކަށް ހުންނަ މީހަކަށް ދެވޭ ޢުދުވާނީ ޙަމަލާ. މިއީ ފިލާވަޅު ނަގަންޖެހޭ ކަމެއް. ވަސީލަތްތައް ތަނަވަސްކޮށްދެވޭނެ. އެހެންނަމަވެސް، ސިފައިންގެ ހުރިހާ ޙަރަކާތްތަކަކަށް ހިމޭންކަމާއި، ހިއުމިލިޓީއާއި، ހަމްބްލްނަސް މި ގެންނަނީ މިފަދަ ކަންތައްތައް މަދުން ނަމަވެސް ސިފައިންގެ އެހީތެރިކަމާއެކީ ހިނގާތީ. މިއީ، މުއައްސަސާ ކުށްވެރި ކުރަން ދައްކާ ވާހަކައެއް ނޫން. އެހެންނަމަވެސް، މުއައްސަސާގެ ތެރެއިން ހިނގާ މިފަދަ ކަންކަމަކީ، އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. މުއައްސަސާއަކީ ޤައުމުގެ ހުރިހާ ހަމަޖެހުމުގެ އެންމެކުރީ ސަފުގައި، އެންމެ ޝަރަފުވެރިކަމާއެކީ، އެންމެ ޒިންމާދާރުކަމާއެކީ މަސްއޫލިއްޔަތު އުފުލާ މުއައްސަސާ. މި މުއައްސަސާގެ އިސްކޮށް ތިއްބަވާ ފަރާތްތަކަކީ މިވަގުތު ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު. މިބޭފުޅުންގެ އިސްނެންގެވުމާއެކީ، މި މުއައްސަސާތަކުގައި ތިބި އެކިއެކި ފަރާތްތަކަކީ، އާދެ، ދާދި ދެންމެޔަކު ޝަރަފްގެ އައްޑަނަ މި ގެންދެވި ފަރާތްތައް ހިމެނޭގޮތަށް ވަރުގަދަ ޤައުމީ ޒިންމާތަކެއް ޤާނޫނުއަސާސީންނާއި، ރައްޔިތުންގެ އުންމީދުތަކުން މަތިކޮށްފައި އޮތް މުއައްސަސާއެއް. މި މުއައްސަސާގެ ތެރޭގައި ކުޅޭކުޅޭ ކަންތައްތަކެއް ނުހިނގާނެ.
 
މި މުއައްސަސާއަކީ އެންމެ ޝަރަފުވެރި، އެންމެ ވަރުގަދަ މުއައްސަސާ. ރައްޔިތުންނާ ކިތަންމެ ގާތުން ޚިދުމަތް ދިން ކަމުގައިވީނަމަވެސް، އަދި ރައްޔިތުންނަށް ކިތަންމެ އެހީތެރިކަމާއެކީ ކަންކަން ކުރި ކަމުގައިވީނަމަވެސް، މި މުއައްސަސާގެ އަބުރުވެރިކަމާއި، މި މުއައްސަސާގެ ސިޔާސަކަން އަބަދުވެސް ދަމަހައްޓަންޖެހޭނެ. މުއައްސަސާއާ ދޭތެރޭގައި އޮތް ކަރާމާތް، ނޫނީ މުއައްސަސާއާ ދޭތެރޭގައި އޮތް ތަޞައްވުރު، ރައްޔިތުންގެ ތެރޭގައި އިތުރުވެގެންދާ ކަންކަމުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، މުއައްސަސާއިން ޤައުމުގެ ދިފާޢުގައި އަދި ދީނުގެ ދިފާޢުގައި މިކުރެވޭ ކަންތައްތައް ފާހަގަކުރެވޭ. އަދި އެޔާއެކީގައި ރައްޔިތުންނަށް ދިމާވާ ބޮޑެތި ދަތި ކަންކަމުގެ ތެރޭގައި، އާދެ، މިދިޔަ ހަފްތާގެ ތެރޭގައިވެސް، ގަދަ ކަނޑުގެ ތެރޭގައި ދޯނި ބަންޑުންޖެހީމަ، އިންސާނީ ފުރާނަ ސަލާމަތް ކުރުމުގެ އެންމެ އިސް ޒިންމާއެއް އުފުލީ ސިފައިން. ދާދި ކައިރިން ތަންތަން ރޯވީމަ، ހަމަ އެ މަސައްކަތް ކުރަންވެސް މި ނުކުންނަނީ ސިފައިން. އިރާއި ހުޅަނގުން، އުތުރާއި ދެކުނުން، ބަލައިލި ކޮންމެ ދިމާއަކުން ސިފައިންގެ ޚިދުމަތް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ޤައުމު ސިއްސުވާލާ ކޮންމެ ކަމެއްގައި، ޤައުމުގެ ޙިމާޔަތަށް، ރައްޔިތުންގެ ޙިމާޔަތަށް އަންނަ ބަޔަކީ ސިފައިން. އެހެންވީމާ، ސިފައިންގެ ޚިދުމަތަކީ ޝައްކެއްވެސްނެތްގޮތުގައި ހަމައެކަނި ޢުދުވާނެއް ކުރިމަތިލީމަ، އެކަމުގައި ސިފައިން ދައްކާ ލާމަސީލު މިސާލުތަކެއް ނޫން. އެއީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް މުހިންމު މިސާލެއް، އެންމެ މުހިންމު މިސާލު.
 
އެޔާއެކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިދިމާވާ ބޮޑެތި ކަންކަމަކީ، އެކަންކަމާ ދޭތެރޭގައި ސިފައިން ވިސްނައި، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭ ކަންކަން. އެކަންކަމުގެ ތެރޭގައި، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ޝައްކެއްވެސްނެތްގޮތުގައި، ދައުލަތުން ކޮށްދޭންޖެހޭ ކަންތައްތަކަކީ ވަސީލަތް ފޯރުކޮށްދިނުން. ތަމްރީނާއި ވަސީލަތާ، މިކަންކަމަކީ ސިފައިންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް. އެންމެ މިޒަމާނުގެ ޒަމާނީ ވަސީލަތްތައް ސިފައިންގެ އަތުގައި ހުންނަންވާނެ. އެޔާއެކީވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ފަޤީރު ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޢިއްޒަތާއި ޝަރަފް ކުޑައެއްނޫން. އަޅުގަނޑުމެންނަކީ އ.ދ.ގެ އެހެން ބޮޑު ޤައުމެކޭ އެއްފަދަ ޝަރަފާއި ކަރާމާތް އަދި އަޅުގަނޑުމެންގެ ޤައުމީ ދިދަ ވިހުރުވޭ ޤައުމެއް. ފަޚުރުވެރި ޤައުމެއް. ޝަރަފުވެރި ޤައުމެއް. އަދި ޤައުމުގެ ކަންކަން ނިންމުމުގައި އަމިއްލަ ސިޔާދަތަކާއި، އަމިއްލަވަންތަ ސިފަތަކެއް ގެންގުޅުމުގެ ޙައްޤު އޮތް ޤައުމެއް. މިއީ އ.ދ.ގެ ޗާޓަރުގެ އެންމެ ބޭސިކްސް، އެންމެ އަސާސް. މިކަންކަން ކުރުމުގައި ސިފައިން ވިސްނަންޖެހެނީ ޤައުމުގެ ޙާލަތާ ދޭތެރޭގައި.
 
 ސިފައިން، ސިފައިންގެ ޚިދުމަތާއި، ސިފައިންގެ ޝަރަފުވެރި ރެކޯޑު ހިމޭންކުރާ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، ޤާނޫނުއަސާސީ ދެމެހެއްޓުމުގައި ސިފައިން ކިހާވަރަކަށްތޯ ޒިންމާދާރުކަމާއެކީ މިކަންކަން ކުރަނީ. ސިފައިންނަކީ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭ ބައެއް. ސިފައިންނަކީ ރައްޔިތުންނަށް އެކައުންޓެބްލްވާ ބައެއް. ސިފައިންނަކީ ޤާނޫނުއަސާސީގެ ކުރިމަތީގައި އެހެންވެސް ފަރާތްތަކާ އެއްފަދައިން ހަމަ އެކައުންޓެބްލް ކުރުވޭ ފަރާތްތަކެއް. މި ސަބަބަށްޓަކައި އަޅުގަނޑު ޚިޔާލުކުރީ ސިފައިންގެ ތެރޭގައި ޢަސްކަރީ ކޯޓެއް އުފެދެންޖެހޭ ކަމަށް. ސިފައިންގެ ޔުނީފޯމްގައި ޝަރަފުވެރި ހުރިހާ މެޑެލްތަކަކާއެކީ، ޚިދުމަތުގެ ދިގު ރާސްތާތަކެއް ހޭދަކުރައްވާފައި ނުކުމެވަޑައިގެން، ދެން އެ ޔުނީފޯމަށް ޙައްޤު ޝުކުރު ލިބޭފަދަ ގޮތަކަށްތޯ، ރިޓަޔަރ ކުރައްވާ ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ، ސިފައިން މިއަދު ވިސްނާލަން އެބަޖެހޭ. މިކަންކަން ސިފައިންނަށް ގަބޫލުކުރެވޭ އުޞޫލާ ޚިލާފަށް ހުންނަ ކަމަށްވަންޏާ، ޝަރަފުގެ ނިޝާން އަތުލެވޭނެ ގޮތްތަކެއް ހުންނަންޖެހޭ. އެއީ ސިފައިންގެ މުއައްސަސާގެ ޙަރަކާތްތަކާއި، އަދި ސިފައިންގެ މުއައްސަސާއަށް ދެވޭ ޤަދަރާއި ކަރާމަތަށް އިހާނެތިކަން ގެންނަން ފަރާތްތައް. ޤައުމަކަށް ދެވޭނެ އެންމެބޮޑު ޚިޔާނަތަކީ، ޤައުމާ ދޭތެރޭގައި ޣައްދާރުވެރިވުން.
 
އަޅުގަނޑުމެންގެ ތާރީޚުގެ ތެރެއަކަށް ދާކަށެއް ނޫން. އެކަމަކު ތާރީޚުގެ ތެރެއަށް ނުދާންޖެހޭ ސަބަބެއްވެސް ނެތް. އަޅުގަނޑުމެންގެ ސިޔާދަތަށް ލޮޅުމެއްއެރި ކޮންމެ ފަހަރަކު، ލޮޅުން އަރާފައި މި އޮންނަނީ މިކަހަލަ ކަންތައްތަކެއްގެ ތެރެއިން. މަދު ބައެއްގެ އަމިއްލަ އިންޓްރެސްޓްގައި، އަމިއްލަ ޝައުޤުވެރިކަމުގައި، އަމިއްލަ ބޭނުމުގައި މުޅި ދައުލަތަށް ޚިޔާނަތްތެރިވާ ޚިޔާނަތްތެރިވުން. ޢަމުދުން ޢަސްކަރިއްޔާގައި ޚިދުމަތްކޮށްފައި ނުކުންނަ މީހުންނަކީ، މިކަހަލަ ސިފަތަކެއް ހުރެގެންވާނެ ބައެއް ނޫން. ޢަސްކަރިއްޔާގެ ޚިދުމަތުގައި އުޅެމުންދާއިރު މި ދިމާވާ މައްސަލަތަކަކީ ޖިނާއީ ކޯޓަކުން އެ މައްސަލަތައް ބަލައި، އެއަށް ޙުކުމް އަންނަންޖެހޭ މައްސަލަތަކެއް ނޫން. އެއީ ޢަސްކަރީ ކޯޓަކުން ބެލެންޖެހޭނެ މައްސަލަތައް. ކޯޓް މަރޝަލް ކުރެވެންޖެހޭނެ. ހަމަ ޝަރަފުގެ ނިޝާންދެވޭ ފަދައިން، ޒިންމާދާރުކަމާއެކީ އެ ނިޝާން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެ. ސިފައިންގެ އޮފިސަރަކަށްވީމަ، އޭނަގެ ސުލޫކަކީ ހަމައެކަނި ޚިދުމަތުގައި ދެމިހުންނައިރު ދަމަހައްޓަންޖެހޭ ސުލޫކެއް ނޫން. އެއަށްވުރެ އޭނަގެ ޒިންމާ މާބޮޑުވެގެންދޭ، ޝަރަފުވެރިކަމާއެކީ ރިޓަޔަރ ކުރުމަށްފަހު، އޭނަގެ މުޢާމަލާތު ރައްޔިތުންގެ ތެރޭގައި ކުރާ ކުރުމުން. މުޅި މުއައްސަސާއަށް ލިބޭ ބަދުނާމް، މުޅި މުއައްސަސާގެ ކަރާމާތަށް ލިބޭ ގެއްލުމާ ދޭތެރޭގައި، މިއަދު ޚިދުމަތުގައި ތިއްބެވި ހުރިހާ ސިފައިން ވިސްނާވަޑައިގަންނަވަންޖެހޭ.
 
 ސިފައިންގެ ޚިދުމަތުގައި ތިއްބަވައިގެން، ނުރައްކާތެރި ކަންކަމާއި، ޤާނޫނާ ޚިލާފަށް ހިނގާ ކަންކަމުގައި ބައިވެރިވުމަކީ އެއްވެސް ގޮތަކަށް، އެއްވެސް ގޮތަކަށް ޓޮލަރޭޓް ކުރެވޭނެ ކަންކަމެއް ނޫން. މިއީ ސިފައިންގެ ކޮންޑަކްޓާ ނުގުޅޭ ކަންކަން. މިއީ ސިފައިންގެ އެއްވެސް މީހަކު އެއަށް ތާއީދު ކުރައްވައިގެންވާނެ ކަންކަމެއް ނޫން. ޑެކަރޭޓަޑް ސޯލްޖަރަކު، ޑެކަރޭޓަޑް އޮފިސަރެއްގެ ފަރާތުން އާރމަރީގެ ތެރެއިން ހަތިޔާރު ނެރުމަކީ، ސިފައިންގެ ޝަރަފުވެރި ޙަރަކާތުގެ ދުވަހުގައި ސިފައިންނަށް ހިމޭންކަން ގެންނަންޖެހޭ ކަމެއް. އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ނިޒާމްތައް ހުންނަންވާނީ މިފަދަ ކަންކަން ނުކުރެވޭގޮތަށް. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަންކަމެއް ނޫން. މިއީ ހިތްދަތިކަމާއެކީ އަޅުގަނޑުމެންގެ ޚިދުމަތަށް ހިމޭންކަން ގެންނަފަދަ ކަންކަން މި ހުންނަނީ. އަޅުގަނޑުމެންނާ ބައްދަލުކުރަނީކީ ބޭރުގެ ބޮޑެތި ޢުދުވާންތަކެއް ނޫން. އަޅުގަނޑުމެންނާ ބައްދަލު މިކުރަނީ، މުޅި ދައުލަތުގެ ސިޔާދަތަށް ގެއްލުންވާފަދަ މިކަހަލަ އައިސޮލޭޓަޑް، އަދި ވަރަށް ފިނޑި ޢަމަލުތައް. ﷲގެ ރަޙްމަތާއެކީ އެކަންކަން އެފަރާތްތަކަށް ކާމިޔާބުނުވަނީ. އަޅުގަނޑުމެން ހިތާމަކުރަންޖެހެނީ މިފަދަ ޙަރަކާތްތައް ހިންގާ ފަރާތްތަކުގެ ނަންތައްވެސް، ބޭރުގެ ކަރަކަރައިން ނެރޭ ރިޕޯޓްތަކުގައި، އެކަންކަން ހިނގައިދިޔަގޮތާ ދޭތެރޭގައި އަދި އެފަރާތްތަކާ ދޭތެރޭގައި ހަމްދަރުދީގެ ނަޒަރުން ވިސްނައި، ޞަފްޙާތަކުގައި އެފަދަ ފަރާތްތަކުގެ ނަންތައް ލިޔެވިފައި ހުންނަ ތަން ފެންނާތީ. އެއީ ރާއްޖޭގެ އިސްތިޤްލާލާއި، ރާއްޖޭގެ މިނިވަންކަމާއި ސިފައިންނާ ދޭތެރޭގައި މިއޮންނަ ރޮނގަކީ.
 
މި ރޮނގު ހުރަސްކުރުމަކީ އެއްވެސް ދިވެހި ފަރުދަކަށް ޙައްޤު އޮތް ކަމެއް ނޫން. އެއްވެސް ދިވެހި ރައްޔިތަކަށް ހުއްދަ އޮތް ކަމެއް ނޫން. އަދި އެއީ ކިތަންމެ ބާރުވެރިކަމާއެކީ ވެރިކަން ކުރަން ހުރި ރައީސަކުވެސް ކޮށްގެންވާނެ ކަމެއް ނޫން. އަދި ރައީސްކަން ކޮށްފައި ވަކިވެފައި ތިބި މީހުން އަދި ޢަމުދުން ކޮށްގެންވާނެ ކަމެއް ނޫން. ރާއްޖޭގެ ޝުހުރަތު ގެއްލުވައިލަން، ރާއްޖޭގެ ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް ދެކެވޭ ކޮންމެ ވާހަކަޔަކާއި އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ދިވެހި ދައުލަތުން ކުރިމަތިލާންޖެހޭ ކަންކަން، ރައްޔިތުން ކުރިމަތިލާންޖެހޭ ދައްޗާއި ހިތްދަތިކަން އެއީ، އެފަރާތްތަކުން ޒިންމާ އުފުލަންޖެހޭ ކަންކަން. އޭގެތެރޭގައި، ސިފައިންގެ ތެރޭގައި އުޅެ ވަކިވެފައި ތިބި މީހުން ބައިވެރިވާ ކަމަށްވަންޏާ، އެއީ ހިތާމަހުރި ކަމެއް. އެއީ، ޢަސްކަރިއްޔާއަށް ކުރެވޭ ބޮޑު ބޭއިޙްތިރާމެއް. އެކަންކަމުގެ ޝަރަފު އެފަރާތްތަކާއެކީ ނުވޭ. އެފަރާތްތަކުން މިކުރާ ކަންތައްތަކުގައި ސިފައިންގެ މި ޝަރަފުވެރި ރެކޯޑް، މިދެންނެވި ގޮތަށް ރެކޯޑާ ދޭތެރޭގައި ވިސްނާ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ ހަމްބްލްނަސް، ހިއުމިލިޓީ، ލަދުވެތިކަން. އަދި ހަމަ އެޔާއެކީ ސައިލަންސް، މަޑުމައިތިރިކަން، ހިމޭންކަން. ހިމޭންކަން އަންނަ ކޮންމެ ވަގުތަކު އަޅުގަނޑުމެން ވިސްނާފައި، ފަހަތް ބަލައިލާފައި، މިވީ ކީއްތޯ ބަލައިލަން އެބަޖެހޭ.
 
އަޅުގަނޑުމެންގެ ކުރިން ވާހަކަފުޅު ދައްކަވާ އެކިއެކި ޤައުމީ ބަޠަލުން، އާދެ، ޤައުމަށް ޚިދުމަތް ކުރައްވާ ބޭފުޅުން ދައްކަވާ ވާހަކަފުޅުގައި، އަބަދުވެސް ދައްކަވާ ވާހަކަފުޅުގައި، ކުރެވިފައި ހުރި ކަންކަމުން ޢިބްރަތް ޙާޞިލުކުރަންޖެހޭ. ބޮޑުތަކުރުފާނުގެ ޖިހާދުން ފިލާވަޅުތަކެއް ނަގަންޖެހޭ. ދޮންބަންޑާރައިންގެ ޖިހާދުން އިތުރު ފިލާވަޅުތަކެއް ނަގަން އެބަޖެހޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތި އެކިއެކި ކަންކަމުން އަޅުގަނޑުމެން ފިލާވަޅު ނަގަންޖެހޭ. އެކަމަކު މިއަދުވެސް ކުރަންޖެހޭ ސުވާލަކީ، އަޅުގަނޑުމެން ތިބެންޖެހޭނީ އަބަދުވެސް ފިލާވަޅު ނަގަނަގާތޯ؟ ކޮންއިރަކުންތޯ އަޅުގަނޑުމެންނަށް ފިލާވަޅު ދަސްވާނީ؟ އަޅުގަނޑުމެންގެ ޢަސްކަރިއްޔާއަކީ އަބަދު ފިލާވަޅު ނަގަން ތިބޭ ބަޔަކަށް ވެގެންނުވާނެ. އަޅުގަނޑުމެންގެ ޢަސްކަރިއްޔާއަށް ސްޓޭޓް އޮފް އާޓް ޓެކްނޮލޮޖީ އާއި ރިސޯސް މި ހޯދައިދެނީ ފިލާވަޅު ދަސްވެފައި ހުރި ބަޔަކަށްވާން. މި ޕްރިޕެއަޑްނަސް ދިވެހި ސިފައިންގެ ނެތްކަމަށްވަންޏާ، ދެން މި ޕްރިޕެއަޑްނަސް ހުންނާނެ އެހެން ބައެއް، ދިވެހި ދައުލަތުގެ ތެރެއަކު ނުވާނެ. އެހެންވީމާ، ސިފައިންގެ ޚިޔާލަށް ގެންނަވަން މިޖެހެނީ، އަޅުގަނޑުމެންގެ ޤައުމުގެ އިސްތިޤްލާލާ ދޭތެރޭގައި، މި އަންނަ ލޮޅުންތަކާ ދޭތެރޭގައި ވިސްނަން މިޖެހެނީ. މިކަހަލަ ކޮންމެ ޝަރަފުވެރި، ޒީނަތްތެރި ޙަފްލާއަކުން އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، އާނއެކޭ، ފަޚްރުވެރި ޝަރަފުވެރި ޝަހީދު ޙުސައިން އާދަމް ކަހަލަ މީހުން އަހަރުމެންގެ ތެރޭގައި ހިމެނޭ ފަދައިން، އަދި އެމީހުންގެ ޠާޢަޠާއެކީ އެމީހުންނަށް ޒިކުރު އަދާކުރާ ފަދައިން، އަހަރުމެންގެ ޚިޔާލަށް އަންނަންޖެހޭނީ، އަހަރުމެންގެ ތެރޭގައި ޓްރެއިޓަރުންވެސްއެބަތިބިކަން. އަހަރުމެންގެ ތެރޭގައި އަހަރުމެންގެ ހުރިހާ ސަރވިސް ރެކޯޑަކާއި، ގަބޫލުކުރާ ހުރިހާ އެތިކްސް ކޯޑްތަކެއް ވައިލޭޓްކުރާ މީހުން އެބަތިބިކަން. މިއީ ކޮންޑޯން ކުރަންޖެހޭ ކަމެއް ނޫން. މިއީ އެންމެ ބޮޑެތި ކުށުން ކުށްވެރިވާންޖެހޭ ކަންކަން. މި ސަބަބުތަކަށްޓަކައި ޢަސްކަރީ ކޯޓެއް މި ހެދެންޖެހެނީ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ތެރޭގައި ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް އެބަ އޮންނަންޖެހޭ.
 
ޤައުމީ ސަލާމަތާ ބެހޭގޮތުން ހުރި ކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެނެވޭ. އަދި ސިފައިންގެ ޤާނޫނު ނިޔާކުރާގޮތުން، ޤައުމީ ސަލާމަތާބެހޭ ކޮމިޓީއެއް، ނޫނިއްޔާ ރައީސްގެ ބެލުމުގެ ދަށުން އޮންނަ ކައުންސިލެއް އެބައޮވޭ. މި ކައުންސިލްގައި ދެއްކޭ ވާހަކަޔަކީ، ފައިޞަލާ ކުރެވޭ މައްސަލަތަކަކީ، ދައުލަތުގެ އެންމެބޮޑެތި ސިއްރު. ﷲ އިރާދަކުރެއްވިއްޔާ، މިއަދު ޔުނީފޯމްގައި ތިއްބެވި ސިފައިން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ޙަޔާތުން ދެކިވަޑައިގަންނަވާނެ، މިކަންކަމަށް ޣައްދާރުވެފައި ތިބީ ކޮންބައެއްކަން. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަންކަމެއް ނޫން. އަމިއްލަ ޝުހުރަތު އިތުރުކުރަން، ނޫނީ އަމިއްލަ ފައިދާއަށް ކުރާ މަސައްކަތުގައި، މުޅި ދައުލަތުގެ ސިޔާދަތުގައި، މުޅި ދައުލަތުގެ ސިއްރުތައް އެހެން ފަރާތަކަށް ދިޔުމަކީ، މިއަދު އަޅުގަނޑުމެން ތަޙައްމަލް ކުރަންޖެހޭ އެއް އަސާސް، އެއް ސަބަބު.
 
ކޮންމެ މިކަހަލަ ޖަލްސާއެއްގައި، ސިފައިންގެ ފަރާތުން ވާހަކަފުޅު ދައްކަވާއިރު، ޢިއްޒަތްތެރި މިނިސްޓަރު ވަރަށްގިނަ ކަށަވަރުކަން އަޅުގަނޑަށް ދެއްވާ. މި ކުރު ޙަޔާތުގައި، ދެއަހަރުގެ މުއްދަތުގެ ތެރޭގައި، ސިފައިންގެ ވަޒީރުންގެ ދެބޭފުޅުން މަޤާމުން ވަކިވާންޖެހުނު ސަބަބާ ދޭތެރޭގައި މިއަދު އޮފިސަރުން ވިސްނާވަޑައިގަންނަވާ. އަދި އެބޭފުޅުންނާ ދޭތެރޭގައި ކޯޓުތަކުގައި އެހިނގާ މައްސަލަތަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑުމެން ކުރާ ކަންކަމުގެ ތެރޭގައި، ފަނޑިޔާރުން ހައްޔަރުކޮށް، ރަހީނުކޮށް ހެދީމަ، އެއީ ޖަވާބުދާރީވާންނުޖެހޭ މައްސަލައެއް ކަމަކަށް. އަޅުގަނޑު ހިތުން އެއްވެސް ދިވެހި ރައްޔިތަކު އެކަން ގަބޫލެއްނުކުރާނެ. އެކަމުގެ އިޙްތިޖާޖުގައި ނުކުތް އެތައް މީހުންތަކެއް އެބައުޅޭ. އެކަންކަން ކުރުމުގެ ތެރޭގައިވެސް ލަދުވެތިކަމާއި ހިމޭންކަމާއެކީ ގަބޫލުކުރަން މިޖެހެނީ، ޤާނޫނުއަސާސީގައި ނިޔާކޮށްފައި އޮންނަގޮތާ ޚިލާފަށް އިސް އޮފިސަރުން މަސައްކަތް ކުރެއްވީމަ، ޝައްކެއްވެސްނެތް، އޭރުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކުރި އަމުރެއް އެ ކުރެއްވީ.
 
ހަމަ މީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިފައިންގެ ލަޝްކަރަކީ، ޢަސްކަރިއްޔާގެ ވެރިންނަކީ، ޤައުމު ހަމަޖެހުމަށް ޒިންމާތަކެއް އުފުލަންޖެހޭ ބައެކޭ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނާޚިލާފު އަމުރުތަކެއް ކުރާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ދަތިތަކެއް އުފުލަންޖެހޭނެ. ޖެނެރަލް އޮފިސަރުންނަށް، ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސަށް، ވައިސް ޗީފަށް ދަތިތަކަކާ ކުރިމަތިލާންޖެހޭނެ. އެހެންނަމަވެސް، ކޯޑް އޮފް ކޮންޑަކްޓަކީ އަދި ޔުނީފޯމްގެ އަސާސަކީ، މަގުން ކައްސާލައިގެންދާކަމެއް ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާވެސް މަގަށް ގެންނަން އިލްތިމާސް ކުރުން. ތިކުރައްވަނީ ގޯހެކޭ ބުނަން ކެރެންވާނެ. ކޮންމެ ކަމަކަށް [ޔެސް ސަރ] އަކުން ފުއްދޭނެ ކަމެއް ނޫން.
 
ރައީސުންނަކީވެސް ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ބައެއް. އަޅުގަނޑުމެންނަށް ބޭރުގެ ފަރާތް ފަރާތުން މި އަންނަ ހުރިހާ މައްސަލަތަކެއްގެ މިއަދުގެ އަޞްލަކީ، މިދެންނެވި މައްސަލަޔާ ހަމައިން އުފެދިގެން ހިނގާ ކަންކަން. ކީއްވެގެންތޯ، ދިވެހި ރައްޔިތުން މިކަންކަން ތަޙައްމަލް ކުރަން ޖެހިގެން މިއުޅެނީ؟ ކީއްވެގެންތޯ މި ސަރުކާރުން މިކަން ތަޙައްމަލް ކުރަން ޖެހިގެން އުޅެނީ؟ ނޫނީ ކީއްވެގެންތޯ ތިޔަބޭފުޅުންގެ އަނބިންނާއި ދަރިން މިކަން އިޙްސާސް ކުރަން ޖެހިގެން މިއުޅެނީ؟ އެކަމަކު ރާއްޖެ ބައިވެރިވާ އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އަޅާ ކޮންމެ ފިޔަވަޅަކީ، އެކަމުގެ ސަބަބުން ރާއްޖެއަށް ދަތިތަކެއް ދިމާވާނެ ފިޔަވަޅުތައް. އެހެންވީމާ، މިފަދަ ޚިޔާނާތްތެރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ވިސްނުމުގެ ތެރެއިން، އަދި ޢަމުދުން ދިވެހިރާއްޖޭގެ ވަސީލަތްތަކުގެ ތެރެއިން ޖާގަ ލިބެންއޮތް މިންވަރާ ދޭތެރޭގައި، ޖާގަ ލިބެންޖެހޭ މިންވަރާ ދޭތެރޭގައި ވިސްނާލަން އެބަޖެހޭ. ގަބޫލުކުރެވޭ ކަންކަމެއް ނޫން، ދޫކޮށްލެވޭނެ ކަންކަމެއް ނޫން، މިދެންނެވި ގޮތަށް ބާރެއް ނެތް ފަރާތްތައް، ވެރިކަމުގައި ތިބޭ ފަރާތްތަކުން، ނޫނީ ބާރުވެރި ފަރާތްތަކުން، އެމީހުންގެ އެއްވެސް ބަހެއްނެތި، ޤާނޫނާއި ޝަރީޢަތުގެ ބޭރުން ހިފައި ހައްޔަރު ކުރުމަކީ. ހިތްޕުޅަށް ގެންނަވާ. ތިޔަބޭފުޅުންގެ ޅަދަރިޔަކު މަދަރުސާ ނިންމާފައި ނުކުންނައިރު، މުޅި މީހާ ނޭނގޭގޮތަށް ފޮތިން އޭނާ ނިވާކޮށްގެން ހުންނަ މީހަކު، ޓެކްސީގެ ދޮރު ހުޅުވާލާފައި، އެކުއްޖާ ޓެކްސީތެރެއަށް ލައިގެން ގެންގޮސްފައި، ދެގަޑިއިރު ފަހުން މާލޭގެ ކޮންމެވެސް ހިސާބަކަށް ދޫކޮށްލާފައި މިވަނީ، އެކުއްޖާއަށް ޖިސްމާނީ ގޮތުންނާއި، އަދި އެނޫން ގޮތްގޮތުން ދެވޭނެ ހުރިހާ އަނިޔާއެއް ދީފައި، އެކުއްޖާގެ، ކުޑަކުޑަ ތުއްތު ކުއްޖާގެ ކަރާމާތް ނަގާލާފައި. މިއީ ތިޔަބޭފުޅުން ގަބޫލުކުރައްވާނެ ކަމެއްތޯ؟ އެއްވެސް މަންމައެއްގެ ލަނގޮޑިއަށް ކެތްވާނެ ކަމެއްތޯ؟ މިއީ އެންމެ ބޮޑެތި އަދަބުދޭންޖެހޭ ކަންތައް.
 
މިއާ ކޮން ތަފާތެއްތޯ ހުރީ، ފަނޑިޔާރަކު ނަގައި ހިފައި ވަގަށް ގެންދިޔުން. އޭނަގެ ޢާއިލާއަކަށް އޭނަ ވީނުވީތަނެއް ނޭނގެ. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާންވީ ކަންކަމެއް ނޫން. މިއީ އަޅުގަނޑުމެންނަށް ނަގައިދީފައި ހުރި ފިލާވަޅުތައް. މި ފިލާވަޅުތަކަށް ނޫނެކޭ ބުނަން ކެރެންވާނެ. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، އެއްވެސް މީހެއްގެ އަތުގައި، އެއްވެސް މީހެއްގެ ގޭގައި ހަތިޔާރު ހުރެގެންވާނެ ކަމަކަށް. ހަތިޔާރު ހުރެއްޖެ ކަމަށްވަންޏާ، އަދި އެކަން ތަޙުޤީޤުކޮށް ނިމުނީމަ، އެ މައްސަލައަކީ ޖަވާބުދާރީވުމުގެ ފުރްޞަތު، ޤާނޫނުއަސާސީގެ ދަށުން އަދި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޯޓުތަކުގެ ކޮންމެ މީހަކަށް ލިބޭ ފުރްޞަތެއް. އެކަންކަންވީމަ ރައީސުލްޖުމްހޫރިއްޔާ އެކަމުގައި ބަދުނާމް ކުރާކަށްނުޖެހޭ. ރައީސުލްޖުމްހޫރިއްޔާ އެކަމުގައި ކުށްވެރިއެއްނުވޭ. އެއްކޯޓުން ނިމި، ދެވަނަ ކޯޓުން ނިމި، ތިންވަނަ ކޯޓާ ހަމަޔަށް މައްސަލަ ހިޖުރަކުރާއިރު، ގަބޫލުކުރަންޖެހޭނެ، މައްސަލައިގައި މަޢުޞޫމް މީހެއް ކަމަށްވަންޏާ، އޭނަގެ ދިފާޢުގައި ދެއްކޭނެ ލައްކަ ގިނަ ވާހަކަ ހުންނަންވާނެ. މިއީ ބެލޭނެ މައްސަލަތައް. މިއީ އޭގެ ޒާތުގައި އެކައުންޓެބްލް ކުރުވޭނެ މައްސަލަތައް.
 
އަޅުގަނޑުމެންގެ ރާއްޖޭގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ މި އޮންނަނީ ހަމަ ދިވެހި ސިފައިންނަށް އެކަނި. އެހެން ބަޔަކަށް ހަތިޔާރު ގެންގުޅުމުގެ ހުއްދައެއް ނޯންނާނެ. ދެން އަޅުގަނޑުމެންނަށް މި އިވެނީ ރައީސުލްޖުމްހޫރިއްޔާ ދުއްވާފައިދިޔަ ލޯންޗް ގޮއްވާލަން ޑައިނަމައިޓް ބޭނުންކުރި ވާހަކަ. ކޮންތާކުން ނެރުނު ޑައިނަމައިޓެއްތޯ؟ ކޮންތާކުން ނެރުނު އެކްސްޕްލޯސިވްސްއެއްތޯ؟ މިއީ ހިމޭންކަމާއެކީ، މިވީ ކީއްތޯ، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލު ކުރަންޖެހޭ ކަންކަން. މިއީކީ ފަޚްރުވެރިކަމާއެކީ، އުފަލާއެކީ ފާހަގަކުރަންޖެހޭ ކަންކަމެއް ނޫން. އެކަމަކު މި މީހުންނަކީ މިއަދުވެސް މުޖުތަމަޢަށް ދޫކޮށްލީމަ، އެމީހުންނާ ދޭތެރޭގައި މުޢާމަލާތް ކުރެވޭ މީހުން. ސިފައިންގެ އަސްކަރީ ތަމްރީނާއި، ދައުލަތުން ހޯދައިދޭ ވަސީލަތްތަކާއެކީ ނުކުމެ ބޮން ހަދަން ދަސްކޮށްފައި، އޭގެފަހުން ރިޓަޔަރކޮށްފައި ނުކުމެ، މިކަހަލަ ނުރައްކާތެރި ހަތިޔާރު ހޯދުމާއި، ހަތިޔާރު އެސެމްބްލް ކުރުމާއި، އަދި މިފާޑުފާޑުގެ ގޮވާތަކެތި ހެދުމަކީ، ދިވެހި ސިފައިންގެ ކަރާމަތަށް ލިބޭ އުނިކަމެއް. ޚިދުމަތުން ރިޓަޔަރ ކުރީމަ، އަޅުގަނޑު ބޭނުންވަނީ ހަމަ މިރޭ ހަމަ ދަންނަވާލަން ބޭނުންވޭ، މޭޖަރ ޖެނެރަލް (ރިޓަޔަޑް) މުޙަންމަދު ޒާހިރު ކަހަލަ ބޭފުޅުންނަށްވުމަކީ ނަމޫނާ ބޭފުޅުން. ފުލުހުންގެ ޚިދުމަތަށް ބަލާކަމަށްވަންޏާ، އާދަމް ޒާހިރު ކަހަލަ ބޭފުޅުންނަކީ ނަމޫނާ ބޭފުޅުން. އެހެންވީމާ، ޚިދުމަތުގައި ތިއްބަވާއިރު އަޅުއްވާ ޔުނީފޯމަށް، އެ އިޙްތިރާމާއި އެ ލޯބި އެ އޮންނަނީ އެ ޑިސިޕްލިންގެ ތެރޭގައި. އެ މުއައްސަސާގެ ތެރޭގައި ހުންނަ ޒިންމާތައް އުފުލުމުގެ ލޯބި އޮވެގެން އެހިސާބަށް ދެވިފައި ހުރެއްޖެ ކަމަށްވަންޏާ، އެ ލޯބި އެ މުއައްސަސާއާ ދޭތެރޭގައި އޮންނާނެ، އެމީހާ ޚިދުމަތުން ވަކިވީމަވެސް. ޝައްކެއްވެސްނެތް، އެމީހާ ޚިދުމަތުން ވަކިވަނީ ކޮންމެހެން އޭނަކުރާ ކުށަކުންނެއް ނޫން.
 
އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ކަންކަމުގެ ތެރޭގައި، ޤާނޫނީގޮތުން އުފެދިފައި އޮންނަ ސަރުކާރެއް، މަގުމައްޗަށް ނުކުމެ ޤާނޫނުން ބޭރުން ގަދަ ބާރުން ވައްޓާލަން ވާހަކަދައްކާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ފުލުހުންގެ ތަޙުޤީޤުތަކަށްފަހު، ކޯޓާ ހަމަޔަށް މައްސަލަ ދިޔައިމަ، އެ މައްސަލަ ހިނގާނެ. އެ މައްސަލަ ހިނގާނެ. ދިވެހިރާއްޖެއަށް ލިބޭނެ އެންމެ އުފާވެރިކަމަކީ، ރައްޔިތުންގެ ހަމަޖެހުމަށް ލިބޭނެ އެންމެ ވަރުގަދަކަމަކީ، ހުރިހާ އެންމެންނާ ދޭތެރޭގައި ޖިނާއީ ޢަދުލު، އެއްހަމަޔަކުން ޤާނޫނުތައް އެޕްލައި ކުރާނެ ކަމުގެ ކަށަވަރުކަން، ޤާނޫނުއަސާސީގައި، މި ކަށަވަރުކަން އެބަދޭ. ހިންގުމުގައި މި ކަށަވަރުކަމެއް ނުލިބޭ. އަޅުގަނޑުމެން އެންމެންނަކީ ޤާނޫނުއަސާސީ ދަމަހައްޓަން ތިބި ބައެއް. އެހެންވީމާ، ރާއްޖޭގައި ކުދިބޮޑު އެންމެންނަކީ، ޤާނޫނު ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށް ގަބޫލުކުރުމަކީ، ސިފައިންގެ މުއައްސަސާއިން، ދައުލަތުގެ ދިފާޢުގައި މިކުރާ މަސައްކަތާއި، އަދި ޤާނޫނުއަސާސީއާއި ދައުލަތް ދިފާޢުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ޞަފްޙާތަކެއްގައި ލިޔެވެންޖެހޭ ކަންކަން. ޤައުމު ދިފާޢުކުރާނީ އަބަދުވެސް ހަތިޔާރު ހިފައިގެނެއް ނޫން. ޤައުމު ދިފާޢު ކުރުމުގައި ހުރި ކަންކަން އަޅުގަނޑު މި ދަންނަވަނީ. މިކަހަލަ ކަންކަމަކީ އެއާ ދޭތެރޭގައި އަޅައިނުލެވި ދޫކޮށްލެވޭ ކަންކަމަށްވަންޏާ، ރާއްޖޭގައި ހަމަޖެހުމެއް ނޯންނާނެ. ރާއްޖޭގެ ދެވަނަ ދަރަޖައިގެ ރައްޔިތުން ތިބޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވި، އަދި އެކަން ކޮންޑޯން ކުރެވޭ ކަމަށްވަންޏާ، އެކަންކަމަށް ލޯމަރާލެވޭ ކަމަށްވަންޏާ، ރާއްޖޭގައި ހަމަޖެހުމެއް ނޯންނާނެ. ސިފައިންގެ މަސައްކަތް ފަސޭހަވެގެން މިދަނީ، ހުރިހާ ރައްޔިތުންނަކީ ޤާނޫނަށް ބޯލަނބާ ބަޔަކަށްވުމުން. ގަބޫލެއްނުކުރެވޭ، ރަށުގެ އެންމެ އާބާދީ ބޮޑު ހިސާބުގައި ހުންނަ ގުދަންތަކުގައި ގޮވާ ޒާތުގެ ސާމާނު ހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. އަދި އޭގެ ޒާތުގައި ފަސޭހައިން އަލިފާން ރޯވާ ފާޑުގެ ސާމާނު ހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. މިއީ ރައްޔިތުން އުފުލަންޖެހޭ ޒިންމާއެއް. މިއީ އެނގެންޖެހޭނެ ޒިންމާއެއް. ދަސްކުރަންޖެހޭނެ ޒިންމާއެއް. ދެން އެތަންތަނުގައި ރޯވީމަ، ސިފައިން އެކުރަނީ ވަރުގަދަ ޖިހާދެއް. ރައްޔިތުންގެ ޙައްޤުގައި ކުރާ ވަރުގަދަ މަސައްކަތެއް. އެހެންނަމަވެސް ގެއްލިގެން މިދަނީ، އަދި ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ކުޑަކުދިންނަށް މި ލިބެނީ ކޮންފަދަ ޝޮކެއްތޯ؟ އެއްގޮތަކުން ވެއްޖިއްޔާ އެމީހުންގެ ޖީންސް އަލުންބަލުން ލިޔެވެނީ. އެމީހުން ދުނިޔެއަށް އައީކީ ލޯކުރިމަތީގައި އެކަހަލަ ކަންތައްތައް ދެކޭކަށެއް ނޫން. އަޅުގަނޑުމެން އަޅާލަންޖެހޭ ބަޔަކީ ތުއްތުކުދިން. މިޖެހޭ ނަފްސާނީ ލައްގަނޑުން އެކުދިން ސަލާމަތް ކުރުމަކީ ކޮންބައެއްގެ ޒިންމާއެއްތޯ؟ އެހެންވީމާ، ރައްޔިތުންނަށް އެބަވެވޭ ވަރަށްގިނަ ކަންތައްތައް ކޮށްދެވޭނެ ސިފައިންގެ މަސައްކަތަށް ލުއިކޮށްދެއްވޭނެ.
 
އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑުމެންގެ ރާއްޖޭގައި ހުންނަ ކަންކަމާ، އެހެން ހުރިހާ ފަރާތްތަކުން ބެހެންޖެހޭނެ ކަމަކަށް. ޤައުމުގެ އިސްތިޤްލާލާއި، ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ބައެއްގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކާއިރު، މިކަހަލަ ވާހަކަތައް ހަމަ ދަންނަވާލަން އަޅުގަނޑަށް އަޅުގަނޑުގެ ޟަމީރު ލާޒިމްކުރޭ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑުމެންގެ ދައުލަތުގައި ހިނގާ ކަންކަމާ ދޭތެރޭގައި ޤާނޫނުން ބޭރުން ދިވެހިން ނުވާ ކަންބޮޑުވުން، ބޭރުގެ ފަރާތްތަކުން ވާންޖެހޭނެ ކަމަކަށް. އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެން ބައިވެރިވެގެން މިއުޅޭ ކޮމަންވެލްތުން ކަންތައްތައް ކުރައްވާ ގޮތަކީ، އަޅުގަނޑަށް ގަބޫލުކުރަން ފަސޭހަ ކަންކަމެއް ނޫން. ދިވެހިރާއްޖޭގައި ހިނގައިމިދާ ކަންކަމުގެ ތެރޭގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ، ގޭގައި ހަތިޔާރު ހުންނަ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް. ޤާނޫނުން ބޭރުން ދައުލަތެއް ވައްޓާލަން ނުކުންނަ ފަރާތްތަކާ ދޭތެރޭގައި އަދި ޢަމުދުން  އެ ޙަރަކާތް ނިމިގެންދާއިރު، ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި، ފުލުހުންނަށް ނުރައްކާތެރި ޙަމަލާ ދެވޭވަރަށް ޕިކަޕެއް ފުރައި ޕެޓްރޯލް ހިފައިގެންދާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި ވެރިކަމުގައި ޝާން ޝައުކަތުގައި ހުންނަވައިގެން މީހުން ހިފައި ހައްޔަރު ކުރައްވަން އަމުރު ކުރެއްވި ރައީސަކާ ދޭތެރޭގައި މައްސަލަ ބެލެންވާނެ ކަމަށް އަޅުގަނޑުގެ އަމިއްލަ ޟަމީރު ގަބޫލުކުރޭ. އެއީ އެކަންކަން ދޫކޮށްލައިފި ކަމަށްވަންޏާ، އަޅުގަނޑަކީވެސް ހަމަ އެ ނުރައްކާތެރި އަނިޔާކުރާ މީހަކަށް ވެދާނެކަމުގެ ބިރު އަޅުގަނޑަށް ހީވާތީ. ކީއްވެގެންތޯ އެންމެން ތަބާވާ އުޞޫލުތަކެއް މި ލިޔަނީ. އެންމެން އެއްވަންވީ ނޫންތޯ، ގުޅަކުޅޭ ފަސްގަނޑަށް، ކޮންމެ ދުވަހަކު. މީހުންގެ ޙައްޤުތަކަކީ ކޮބައިކަން ކަށަވަރުކުރަން، އެކަށައަޅަން. އެއީ އެންމެ ކުރީގައި، ރޯމަން ޒަމާނުގައި، ގްރީކް ޒަމާނުގައި ކުރި ކަންތައް. އެންމެން އެއްވާނެ، ކޮންމެވެސް މައިދާނަކަށް. އެއްވެފައި، ހުރި ދައުލަތުގެ ބޮޑެތި މައްސަލަތައް ފައިޞަލާ ކުރާނެ. މީހުންގެ ޙައްޤުތައް ގެއްލޭ ކަންކަމާ ދޭތެރޭގައި ރިޢާޔަތްކޮށްފައި މައްސަލަތައް އޮންނަންވީ ގޮތްތަކެއް ނިންމާނެ. ސެނެޓަރުން އެކަން ކުރާނީ. ރައްޔިތުންގެ މަންދޫބުން އެކަން ކުރާނީ. އިސްކޮށް ތިބި މީހުން އެކަން ކުރާނީ.
 
މިއަދަކީ އެއަށްވުރެ ތަހުޒީބީ ދުނިޔެއެއް. މިއަދު ޤާނޫނުތަކަކީ އަޅުގަނޑުމެންގެ ހަމަ އިނގިލިކުރީގައި ހުރި ޤާނޫނުތައް. ކަމެއް ނޭނގިގެން އެމީހެއްގެ ދިފާޢުގައި އެވާހަކަ ނޭނގޭ ވާހަކަ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، މިހެން ހުންނަ ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅޭތީ، ނޫނީ މިހެން ހުންނަ ކަންކަމާ ދޭތެރޭގައި ދައުލަތުގެ، ކޯޓުތަކުގައި ޝަރީޢަތް ހިންގޭތީ، އެކަންކަމާ ބޭރުގެ ފަރާތްތަކުން ކަންބޮޑުވާކަށްނުޖެހޭ. އަޅުގަނޑުމެންގެ ސިޔާދަތު ޙިމާޔަތް ކުރާނީ އަޅުގަނޑުމެން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން އެއްބާރުލުން ދޭންވީ. އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން، ސިފައިންގެ ޢަސްކަރިއްޔާއިން މި ހިންގަވާ ތަމްރީނުތަކަށް، އިންޑިއާ ސަރުކާރުން ދީލަތި އެހީ ވެދެއްވާތީ އަޅުގަނޑު އުފާކުރަން. ޝުކުރުވެރިވަން. އިންޑިއަން ހައިކޮމިޝަނަރ، ހައިކޮމިޝަނަރ މެދުވެރިކޮށް، އިންޑިއާގެ ވެރިންނަށް އަޅުގަނޑުގެ އެޕްރިސިއޭޝަން އެކްސްޓެންޑް ކުރަން. އަޅުގަނޑު އުފާކުރަން، އަޅުގަނޑު ޝުކުރު އަދާކުރަން، އެމެރިކާ ސަރުކާރުން ދިވެހި ސިފައިންނަށް ތިޔަ ބަހައްޓަވާ ގާތްކަމާ ދޭތެރޭގައި. އަދި އެހެންމެ ޕާކިސްތާނާއި މިނޫންވެސް އެހެން ޢަސްކަރިއްޔާތަކުން، އަޅުގަނޑުމެންގެ ޢަސްކަރިއްޔާއަށް ދެއްވާ މަދަދުވެރިކަމަށް އަޅުގަނޑު ހަމަ އުފަލާއެކީ ޝުކުރުވެރިވެ، އެބޭފުޅުންނަށް މަރްޙަބާ ދަންނަވައި، ޝުކުރުގެ ހުރިހާ ހިތްހެޔޮ މެސެޖުތަކެއް ދަންނަވަން.
 
އެކަމަކު އަޅުގަނޑުމެންގެ މިއަދުގެ އެންމެ ބޮޑެތި ބައިވެރިން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މި ކުޑަކުޑަ ދައުލަތުގެ އިސްތިޤްލާލަށް އަރައިގަނެވޭ ވަގުތުތަކުގައި، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންގެ ބަހެއްނެތި، އަދި އަޅުގަނޑުމެން ދައްކާ ވާހަކަ ގަބޫލުނުކޮށް، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާ ދޭތެރޭގައި ފިޔަވަޅު އަޅަން ގޮވާލާ ފަރާތްތަކާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ހަމްދަރުދީގެ ކުލުނެއް ނެތް. އެއީ، އަޅުގަނޑުމެންގެ ރަޙްމަތްތެރިން ކަމުގައި ބަލާނެ ޖާގައެއް ނެތް. އަޅުގަނޑުމެންގެ ރަޙްމަތްތެރިންނަށްވާނީ، އަޅުގަނޑުމެންގެ ދައުލަތުގައި، ދައުލަތުން ކަނޑައަޅާފައި ހުރި، ރައްޔިތުން ކަނޑައަޅާފައި ހުރި ޤާނޫނުތަކާއި ޤާނޫނުއަސާސީއާއި، އަދި މުއައްސަސާތަކުގެ ބާރު ދަމަހައްޓަން ހިތްވަރުދޭ ދައުލަތްތަކަކީ، އަޅުގަނޑުމެންގެ އެކުވެރި ދައުލަތްތައް. މީގެ ބޭރުން ވަކި މީހަކަށް، ވަކި ޤާނޫނެއް، ވަކި މީހަކަށް ވަކި އިންޞާފެއް ލިޔަން އިންޒާރުދީ، އެކަންކަމަށް އަޅުގަނޑަށް އަދި އަޅުގަނޑުގެ ސަރުކާރަށް ބާރުފޯރުވަން މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންނަށް ފަސޭހައިން ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެއީ، ރަޙްމަތްތެރިންގެ ހުންނަންވާނެ ސިފައެއް ނޫން.
 
އަޅުގަނޑުމެންގެ ދުރު ކަރަކަރައިގެ ޖަލުތަކުގައި ތިބޭ މީހުންގެ މަދަނީ ޙައްޤުތަކެއް ގެއްލިގެން އުޅޭތީ، އެތަންތަނުގެ ސަރުކާރުތަކަކަށް އެ މައްސަލަތަކެއް ހުށައެއްނާޅަމު. އަވަށްޓެރި ޤައުމުތަކުގަޔާއި، ތަންކޮޅެއް ދުރު ތަންތަނުގެ ޖަލުތަކުގައި އަޅުގަނޑުމެންގެ ދިވެހިންވެސް އެބަތިބޭ. އެތަންތަނުގެ ނިޒާމްތަކެއް އަޅުގަނޑުމެން ކުށްވެރިއެއް ނުކުރަން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުންނާއި، ތަންކޮޅެއް ދުރު ޤައުމުތަކުން އެބަ ފެނޭ، ސިޔާސީ ލީޑަރުން ކުރައްވާފައި ހުރި ކަންކަމާ ގުޅިގެން ކޯޓުގައި ޝަރީޢަތް ކުރުމަށްފަހު ޤަތުލުކުރެވޭތަންވެސް. މިއިން ކަމެއް، އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅު އަޅަން މި ގޮވާލާ ފަރާތްތަކަކަށް ފެންނަ ކަމަކަށްނުވޭ. ކުޑަ ޤައުމަށް ކުޑަ އިންޞާފް. ބޮޑު ޤައުމަށް ބޮޑު އިންޞާފް. މުލައްދަނޑީގެ ބާރު ވަރުގަދަވުން. މިއީ ގަބޫލުކުރަން ދަތި ކަންކަން. އެހެންނަމަވެސް މިއީ ދުނިޔޭގެ ޙަޤީޤަތް. މިއީ އިންޓަރނޭޝަނަލް ޑިޕްލޮމަސީގެ އަސާސް. އެހެންވީމާ، މިކަހަލަ ޝަރަފްވެރި ޙަފްލާތަކުގައިވެސް އަޅުގަނޑުމެންނާ ހަމައިން މި ހިނގާ ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. އަޅުގަނޑުމެންގެ ރާއްޖެއަށް ހަމަޖެހުމެއް އަންނާނީކީ ނޫން، ސިޔާސީގޮތުން މިތަން ހަލަބޮލިވީމަ.
 
ސިޔާސީގޮތުން މިތަން ހަލަބޮލިވި 10 އަހަރު އަޅުގަނޑުމެން ދެކެފީމު. 10 އަހަރުގެ ތެރޭގައި، ދައުލަތުގެ ހިންގުމާއި، ދައުލަތަށް އަންނަންޖެހޭ ކުރިއެރުމާ، މިކަންކަން ދިޔައީ 10 އަހަރު،  15 އަހަރު ފަހަތަށް. ގެއްލުނު 10 އަހަރެއް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައި އެވަނީ. މިހާރު މިކުރަންޖެހެނީ ބިނާކުރުމާއި އާރާސްތު ކުރުމުގެ މަސައްކަތްތައް. ސިފައިންގެ ވެލްފެއަރއަށް އެކަނި ވިސްނާވަޑައިގަންނަވާ. ކީއްވެގެންތޯ ތިޔަބޭފުޅުންނަށް ފްލެޓްތަކެއް އަޅަން އުޅެފައި، ފްލެޓްތައް ނޭޅިގެން މިއުޅެނީ؟ މިދެންނެވި ކަހަލަ ކަންކަންވީމަ. އަލުންބަލުން އެ މަސައްކަތް ކުރަންޖެހެނީ. ބޮޑެތި ޖޫރިމަނާއާއި، ބޮޑެތި ފައިސާގެ ޢަދަދުތައް ދިނުމާއެކީ، މި ސަރުކާރުން ވަނީ އެ މަސައްކަތް ފަށްޓާފައި. އެހެންވީމާ، މިހެން ހުންނަ އުޞޫލުން ބޭރުން ހިނގާ ކަންކަން އަޅުގަނޑުމެން ތަޙައްމަލް ކުރަން، އަޅުގަނޑުމެންގެ ތެރޭގައި، އެތެރޭގައި ޙައްލު ހޯދަން އުޅެ، އަދި އެކަންކަމަށް ބޭރުން ދަޢުވަތު މި ދެވެނީ. މިއާ ކިހާ ތަފާތުތޯ، އަޅުގަނޑުމެންނަށް މީގެކުރީގައި ތާރީޚުގައި ދިމާވެފައި ހުރި ކަންކަމުން، އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރަން، އަޅުގަނޑުމެންގެ ފަރާތުން ދަޢުވަތުދީގެން ކަންނަންނޫރުން މީހުން ގެނައުން. ނޫނިއްޔާ ހޮޅިންގެ އެހެންވެސް ލަޝްކަރެއް، މަލާބާރީންގެ ލަޝްކަރު ގެނައުން. ކޮބައިތޯ ތަފާތެއް؟ މިއަދު މިކުރަނީ ކީއްތޯ؟ ހަމަ އެއްކަމެއް މިކުރަނީ. އަޅުގަނޑުމެން ދަސްކުރަންޖެހެނީ ދައުލަތަކީ، އަބަދުވެސް މީހުންގެ ޙައްޤުތައް ޙިމާޔަތްކުރަން އޮންނަ ތަނެއް. ދައުލަތަކީ ޤާނޫނުތައް ދަމަހައްޓައި، ޤާނޫނުތައް ނަގަހައްޓައި، ޤާނޫނުން ދައުލަތުގެ މައްޗަށް ޒިންމާ އުފުލަންޖެހޭ ކަންކަމުގައި، ޒިންމާ އުފުލަން ކެރޭ ދައުލަތަކަށްވުން. މިއީ ސިފައިންގެ ޢަޒުމަކަށްވާންވާނީ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެވެސް ޢަޒުމަކަށްވާންވާނީ. އެކިއެކި ނިކަމެތި ގިންތިތަކުގެ މީހުންނަށް ނިކަމެތިކަން، ނާޖާއިޒުން، އެހެން މީހުންގެ ފަރާތުން، ބާރުވެރި ފަރާތުން އައުމަކީ އަޅުގަނޑުމެން ކޮންޑޯން ކުރަންޖެހޭ ކަމެއް ނޫން.
 
 ސިފައިންގެ ތެރޭގައި މިހެންހުރި ފިލާވަޅުތައް ބައިވަރު. އެމެރިކާގެ ސިފައިންނާ ބެހޭގޮތުން "ކޯޑް ރެޑް" ކިޔާ ފިލްމެއްވެސް އޮންނާނެކަންނޭނގެ. އެ ކޮންސެޕްޓަކީ ވަކިކަހަލަ ޓްރޭނިންގއެއް، އޭނަގެ ހަށިގަނޑުގައި، ޖިސްމާނީ ގޮތުން އޭނައަށް ކުޅެދުންތެރިކަން ނުލިބޭތީ، ނުކުރެވުނީމަ، އެކިކަހަލަ އަދަބުތަކާ ކުރިމަތިލާންޖެހުނު ޖެހުން. އެވަގުތު ހުރި އެންމެ ވަރުގަދަ ޢަސްކަރީ ކޮމާންޑަރު މަޤާމުން ވަކިވާންޖެހުނީ ކޯޓް މަރޝަލްކޮށްފައި. އޭނައަށް ނުއުފުލޭ ކަމެއް ކަމަށްވަންޏާ އޭނަ ޑިސްމިސްކުރާނީ. ޚިދުމަތުން ދުރުކުރާނީ. އެކަމަކު ޖިސްމާނީ އެކިއެކި ތަކުލީފްތައް އޭނައަށް ޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫން. އެކަމަކު މިހެންކިޔާ ކޮންސެޕްޓެއް، ތެދެއް، ހޭންޑްބުކަކު ނޯންނާނެ. މެނުއަލްއަކު ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި މި ހިނގާ ކަންކަމަކީ ދައުލަތުގެ ޝަރަފާއި، ދައުލަތުގެ ކަރާމާތާއި، ދައުލަތުގެ ދީން ޙިމާޔަތް ކުރަން ތިބޭ ބަޔަކު، ކޮންމެ މިކަހަލަ އަހަރީ ޖަލްސާއެއްގައި އަޅުގަނޑުމެންގެ ޚިޔާލަށް ގެނެސްފައި، ކިހާވަރަކަށްތޯ މިކަހަލަ ކަންކަން އަޅުގަނޑުމެން ތަޙައްމަލް ކުރަންޖެހެނީ؟ ކިހާވަރަކަށްތޯ މިކަހަލަ ކަންކަމުގައި އަޅުގަނޑުމެންގެ ނަފްރަތު އޮތްވަރު އެނގެންޖެހެނީ؟ މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ.
 
ރައްޓެހިންވީމަ، އަޅުގަނޑުމެންގެ ހަމްދަރުދީ އޮވެގެން ނުވާނެ، މިދެންނެވި ކަހަލަ ބޮޑެތި ޙައްޤުތައް މުގުރާލީމަ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރަން މިކުރާ މަސައްކަތް. އަބުރުވެރި މީހުންގެ އަބުރު ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައި، ދިވެހިރާއްޖޭގައި މިނިވަންކަން ނެތް ވާހަކަ ދައްކާކަށް ޖާގައެއް ނެތް. މިނިވަންކަން އެބައޮތް. މިނިވަންކަމަކީ ޙުދޫދު ފަހަނަޅައިގޮސް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫން. އެހެންކަމަށްވަންޏާ އުފެދޭނީ މަޞްލަޙަތު ގެއްލޭ ކަންކަން. މިއީ ފުލުހުންނާއި ސިފައިންގެ މަސައްކަތަށް ފަސޭހަ ކަންކަމެއް ނޫން މިއީކީ. އެހެންވެގެން ޤާނޫނުތަކުން އިންފާރު ކަނޑައަޅައިދީފައި މި ހުންނަނީ. ޤާނޫނުތަކުން ކުށް ޑިފައިންޑް ކޮށްދީފައި، ޢުޤޫބާތް ކަނޑައެޅިފައި މި ހުންނަނީ މިހެންވެގެން. އަދިވެސް އެކަންކަމުގައި އެބަ ލިބޭ މަދަނީ އަދަބު. ޖޫރިމަނާ އެބަ ކުރެވޭ. އެހެންނަމަވެސް، ޖޫރިމަނާ ދެއްކެންވާނެ. އަޅުގަނޑު މިސާލެއް ދެންނެވީމަ، ތިޔަބޭފުޅުންގެ ޚިޔާލަށް ގެނެވޭނެ، މިއީ ކިހާ ހެއްވާ ކަމެއްތޯ؟ މީހުންގެ އަބުރާ ބެހުނީމަ، މިވަގުތު އޮތް ކޯޓުގެ ނިޒާމުން މި ނަގައިދެނީ ބަދަލުގައި ހަތަރުހާސް ރުފިޔާ. އެއީ މިވަގުތު އޮތްގޮތް. ކޯޓުން ކުރައްވާ ކަމަކަށް އެއްގޮތަކަށްވެސް ފާޑުކިޔަނީކީ ނޫން. އެކަމަކު ރާއްޖޭގެ ކަންތައްތައް މިއަދު ތަރައްޤީވެފައި އޮތް މިންވަރުން އަޅުގަނޑުމެން އެންމެ ކުޑަމިނުން ފަންސަވީސްހާސް ރުފިޔާއާއި ފަސްދޮޅަސްހާސް ރުފިޔާ، އަޅުގަނޑުމެންގެ މައްސަލައިގައި ވަކާލާތު ކުރަންދާ ލޯޔަރަށްވެސް ދޭންޖެހޭ. އެހެންވީމާ، އަބުރާ ބެހެވުނީމަ، އަބުރު ޙިމާޔަތް ކުރަން އުޅުމަށްވުރެ ޙިމާޔަތް ނުކުރިއްޔާ ހަމަގައިމުވެސް މާލީގޮތުން އޭނަޔަށް ފައިދާ ބޮޑު. އަނެއް ފަންސާސް ހަހާސް ރުފިޔާ އޮންނާނެކަންނޭނގެ، އަންހެނުންގެ ބިއުޓީ ސެލޫނަށް ޚަރަދުކުރަން. އެހެންވީމާ، ކީއްކުރަންތޯ މީހެއްގެ އަބުރު ޙިމާޔަތް ކުރަންވީ. އެހެންވީމާ، އަބުރާ ބެހޭ. އެކަމަކު އަބުރާ ބެހޭ ކަމަށްވަންޏާ އެނގެންވާނެ، ޤާނޫނު އަރާހަމަކުރާނެކަން. އަބުރުގެ ބަދަލު ނަގައިދެވޭނެކަން ގަބޫލުކުރަންވާނެ. އަދި އަބުރުގެ ބަދަލު ނަގައިދޭއިރު، އެ ފައިސާ ނުދައްކައިފި ކަމަށްވަންޏާ، ދެން ޖެހޭނީ ހަމަ ޖަލުގޮޅިން ޖާގަ ހޯދަން. އެހެން ނޫންގޮތަކަށް، މިތަނަކު އޯގާތެރި، މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ މުޖުތަމަޢެއް ރައީސަކަށް ބިނައެއްނުކޮށްދެވޭނެ.
 
 ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތު، ސިފައިންނާއި ފުލުހުންގެ ވާޖިބުތައް ފަސޭހަވެގެން މިދަނީ، އެންމެންނަކީ ޤާނޫނަށް އިޙްތިރާމްކުރާ، ޤާނޫނަށް ލޯބިކުރާ ބަޔަކަށްވެގެން. މީގެތެރޭގައި ވަކިބަޔަކު އިސްތިސްނާވާންޖެހޭ ކަމަށްވަންޏާ، ކުރީގައި ރައީސްކަން ކޮށްފައި ތިބި މީހުން، މިކަމުން އިސްތިސްނާވާންޖެހޭ ކަމަށްވަންޏާ، އަޅުގަނޑުގެ މޭޒުމަތީގައި މީގެ ލިސްޓެއް އޮންނަން ބޭނުން. އެއިރަށް އެފަރާތްތަކާ ދޭތެރޭގައި ދިވެހި ދައުލަތަކުންނެއް އެއްވެސްކަހަލަ ހިތްހަމަނުޖެހުމެއް ނުއުފުލާނެ.
 
މިކަހަލަ ޙައްޤުތަކެއް ދިވެހިރާއްޖޭގައި ޙިމާޔަތްކޮށް، ދިވެހިރާއްޖޭގައި މިޒަމާނުގެ ޑިމޮކްރަސީއެއް ތަރައްޤީ ކުރަން ކުރާ މަސައްކަތާއި އަދި ދިވެހިރާއްޖޭގެ ރައްޔިތުން މިކަހަލަ ކަންކަމަށް އަހުލުވެރިކުރުމަށާއި، މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމަށް ކުރާ މަސައްކަތް މިކުރެވެނީ. ޚިޔާލުފުޅަށް ގެންނަވާ. ދާދި އިހަށްދުވަހު ނޫންތޯ، މިތަނަށް ހިމޭން އިންޤިލާބެއް އަންނަން އުޅުނީ. ފުލުހުންގެ ތެރޭގައި ނެތް މައްސަލައެއް އުފަންކުރީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް. މިއީ އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ޙަރަކާތްތެރިކަމުގެ ފޭރާން ހުރި މިންވަރު. ޤާނޫނު ނަގަހައްޓައި، އަދި ޤާނޫނުގެ ފަރާތުން ޤާނޫނުގެ ޙިމާޔަތުގައި އެހެން މީހުންގެ މައްޗަށް ދަޢުވާ އުފުލަން، ޖިނާއީ ދަޢުވާ އުފުލަން ހުރި މީހާ މަޤާމުން ވަކިވީމަ، އޭނަ މިކަމުގެ ތެރޭގައި ޝާމިލްވެގެން މިދިޔައީ. ފުލުހުންގެ ތެރޭގައި ނެތް މައްސަލައެއް އުފަންކޮށް، ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން ކޯޓަކުން އަމުރު ހޯދައިގެން ނެރުނީ. މިއަށް އެބަޖެހޭ ދޮއެއްތޯ ނޮބެލް ޕްރައިޒް ދޭން. ހަމަގައިމުވެސް ހިތްވަރު ދިނުމުގެ އިނާމު، މިކަހަލަ ކަންކަމަށް ދޭންޖެހޭ. މިވަރު ކަންތައް މިކުރަނީ. މުއައްސަސާތަކުގެ ކަރާމާތް ނަގާލަން ކުރާ މިފަދަ ކަންތައްތައް، ކީއްވެގެންތޯ އަޅުގަނޑުމެން ޓޮލަރޭޓް ކުރަންވީ؟ ކުރާކަށްނުޖެހޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ހިމޭންކަން ގެންނަނީ. މިކަހަލަ ކޮންމެ ވާހަކައެއް ދެއްކީމަ ހިމޭންކަން އާދޭ.
 
ޝައްކެއްވެސްނެތް، މިރޭ އަޅުގަނޑުމެންނަށް މި ޖަލްސާއިން ފެނިގެން މިދަނީ ޝަރަފުވެރިން. ހަމަ ތިޔަ ޝަރަފުވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ޖިހާދުވި ޙުސައިން އާދަމް ކަހަލަ ބޭފުޅުން އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައި މިވަނީ. އެކަންކަމުން އަޅުގަނޑުމެންގެ ލަޝްކަރަށް، އަޅުގަނޑުމެންގެ ސަފުތަކަށް ބަދަހިކަންގެނޭ. ޝަރަފްވެރިކަން އެބަ ގެނެސްދޭ. އެކަމަކު އޭގެތެރެއިން ނުކުންނަ ޑިސްގްރޭސް މާބޮޑު. އަބަދުވެސް އެކަންވާނީ އެހެން. އެ ނުކުންނަ ޑިސްގްރޭސްއަކީ ހިމޭންކަމާއެކީ، ފަސޭހަކަމާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން ފަސޭހަ ކަންކަމެއް ނޫން. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅެން މިޖެހެނީ.
 
އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހި ރައްޔިތުން އެކަންކަމާމެދު ކަންބޮޑުނުވާ މައްސަލަތައް، ކީއްވެގެންބާވައޭ، އަޅުގަނޑުމެން 50 އަހަރެއްގެ މިނިވަންކަން، މިދިޔަ އަހަރު ފާހަގަކޮށްދާއިރު، އަދިވެސް މިއުޅެނީ މި މިނިވަންކަން އަޅުގަނޑުމެންނަށް ނުލިބިގެން. ހަމަ އިސްތިޢުމާރީ ބާރުތަކުގެ ތެރެއިން ކޮންކޮން ބައެއްތޯ މީގެތެރޭގައި އުޅެނީ؟ އަޅުގަނޑުމެން ސުވާލު އެބަ ކޮށްލަންޖެހޭ. އަޅުގަނޑުމެންނަށް ކަންބޮޑުވެއްޖެ ކަމަށްވަންޏާ، މިހާރު އަޅުގަނޑުމެން ފޮށިތަންމަތި ބަނދެގެން މި ދުއްވައިގަންނަނީ، ބޭރުގައި ތިބި ސަފީރުންނާ ބައްދަލުކުރަން. އަޅުގަނޑަށް ހީވަނީ މިހެން ދާވަރުންދަންޏާ ޤާނޫނުން ފިރިން އަނބިން ވަކިކުރީމަ، އަނބިންގެ ޙައްޤުތަކެއް ޙިމާޔަތް ކުރަން ކުރާ މަސައްކަތުގައިވެސް ހުރިހާ ފިރިން ދެން ދުވާނީ އެމްބަސީތަކަށްކަންނޭނގެ. އެހެންވީމާ، މިހާ ހިސާބަކުން ދިވެހިރާއްޖޭގެ ކަންކަން ދިވެހިން ނިންމުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ހަނިވެގެން މިދަނީ، ގެއްލިގެން މިދަނީ.
 
ޢަސްކަރިއްޔާއިން ކުރައްވަންޖެހޭ މަސައްކަތަކީ، ޤައުމުގެ ދިފާޢުގައި ކުރައްވަންޖެހޭ މަސައްކަތް. ޤައުމުގެ ދިފާޢަކީ ޤައުމަށް ދިމާވާ މިކަހަލަ ފިކުރީ މައްސަލަތަކުންވެސް ދިފާޢު ހޯދުމުގެ ހުނަރު އަޅުގަނޑުމެންނަށް ލިބިގަތުން. އަޅުގަނޑުމެން ކޮންމެ މީހަކީ ބޮޑު ޢާއިލާއެއް ގެންގުޅޭ ބައެއް. އަޅުގަނޑުމެން ކޮންމެ މީހަކު ބޭނުންވާ ކަންތައްތައް ގިނަވާނެ. އަޅުގަނޑުމެން ކޮންމެ މީހަކީ ކޮފީ މޭޒަށް އަރައި އެތަކެއް ޒުވާނުންނާ ބައްދަލުވާ ބައެއް. އަޅުގަނޑުމެން ގަބޫލުނުކުރާ ސިފަތަކެއް ހުރި ކަމަށްވަންޏާ، ގަބޫލުނުކުރާ އުޞޫލުތަކެއް ހުރެއްޖެ ކަމަށްވަންޏާ، ޖިނާއީ ޢަދުލުގެ ކުރިމަތީގައި ކުށްކުރާ އެންމެންނަކީ އިންޞާފުގެ ކުރިމައްޗަށް ޙާޒިރުކުރެވި، އެމީހަކު ޖަވާބުދާރީވާ މިންވަރުން ނުވަތަ ޖަވާބުދާރީވުމުގައި، އެމީހެއްގެ ޟަޢީފްކަން ހުރި މިންވަރުން އަދަބު ލިބޭ މީހެއް ކަމަށް، އެ އަޅުގަނޑުމެން ގަބޫލުކުރަން ކެރެންވާނެ. އެންމެމަތީ ވެރިމީހާޔާ ދޭތެރޭގައި ފިޔަވަޅު އެޅޭ ކަމަށްވަންޏާ، ދިވެހިރާއްޖެ ހަމަގައިމުވެސް އިންޞާފް ޤާއިމްކުރާ ޤައުމަކަށް ވެގެންދާނެ.
 
އަޅުގަނޑު މިރޭ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ކުރަން ބޭނުންވާ މަސައްކަތަކީ، ދިވެހިރާއްޖެ ތަރައްޤީ ކުރަން ކުރާ މަސައްކަތް. ރައްޔިތުންނަށް ދަތިވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށްދޭން ކުރާ މަސައްކަތް. ޢުމްރާނީ ގޮތުން ރާއްޖެއަށް ތަރައްޤީ ގެންނަން ކުރާ މަސައްކަތް. ޙައްޤުތައް ގެއްލިފައިވާ ގިންތިތަކަށް، އެ ޙައްޤުތައް އިޢާދަކޮށްދޭން ކުރާ މަސައްކަތްތަކެއް. އަޅުގަނޑުމެންނަކީ ޑިމޮކްރަސީއަށް އަހުލުވެރިކުރުވާ ބައެއް ކަމުގައި ހަދަން ބޭނުންވާ މަސައްކަތްތަކެއް. މިޒަމާނުގެ ޑިމޮކްރަސީތަކާއި އަދި ބަވަނަވެފައި މިއޮތް ދުނިޔޭގައި ދިވެހިރާއްޖެއަކީވެސް އަޑު އުފުލީމަ، އަދި ދިވެހިރާއްޖޭގެ ޙައްޤުތަކުގެ އަޑު އުފުލާ ޤައުމަކަށް، އެ ޝަރަފު ދިވެހިރާއްޖެ ހޯދުމަށް ކުރާ މަސައްކަތް. އެކަމަކު މި މަސައްކަތުގައި ދިވެހި ރައްޔިތުން އެބަޖެހޭ އަޅުގަނޑަށް އެހީތެރިވާން.
 
ޤާނޫނުތައް ދެމެހެއްޓުމުގައި އިސްތިސްނާއެއްނެތި، ހުރިހާ އެންމެންނަކީ ޤާނޫނަށް ބޯލަނބާ ބަޔަކަށްވާން އެބަޖެހޭ. މި މެސެޖަކީ ސިފައިންގެ ފަރާތުންވެސް، ފުލުހުންގެ ފަރާތުންވެސް އަޅުގަނޑުމެން ރައްޔިތުންނާ ޙިއްޞާކުރަންޖެހޭ މެސެޖް. އަޅުގަނޑުމެން ފަރިތަވާނެ، އަޅުގަނޑުމެން ފަރިތަވާނެ، ޢުދުވާނެއް އައިސްފި ކަމަށްވަންޏާ، ވަޒަން ބޭނުންކުރަން. އެކަމަކު ފިކުރީގޮތުން އަޅުގަނޑުމެންނަށް މި ދިމާވާ ކަންކަމާއި، އަޅުގަނޑުމެންނަށް މި ދިމާވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން ތައްޔާރުވެ ތިބުމަކީ އަބަދުވެސް ސިފައިންގެ ކޯޑުތަކުގައި މި އޮންނަ ޕްރިޕެއަޑްނަސް ޑިވެލޮޕް ކުރަން ކުރާ ކަންތައް. ހަމައެކަނި ތައްޔާރުވެ ތިބޭނީކީ ޢުދުވާނެއް އައިސްގެން، އެކަންކަމާ ކުރިމަތިލާކަށެއް ނޫން. ޤުދްރަތީ ކާރިސާއަކުން ދިވެހިރާއްޖެ ސަލާމަތް ކުރާކަށްވެސް ނޫން. އެހެންވީމާ، ހިމޭންކަމާއެކީ އަޅުގަނޑުމެން ހަންބްލްވެގެން މިދަނީ ސެޕްޓެންބަރު 28 ވަނަ ދުވަހު ހިނގައިދިޔަ ޢުދުވާން ކަހަލަ ޢުދުވާންތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވުނީމަ. އެއީ ހިނގައިގެންވާނެ ކަންތަކެއް ނޫން. އެއީ މިއަދު ޢަސްކަރިއްޔާގައި ކަންކަން ރޭވިފައި ހުރިގޮތުން، އަދި ޢަސްކަރިއްޔާގެ އިސް ފަރާތްތަކުން ތަމްރީނު ހޯއްދަވާފައި ހުރި މިންވަރަށް ބަލާއިރު ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. އެކަމަކު އެފަދަ މީހުންގެ މައްސަލަތައްވެސް ހަމަ ދާންޖެހޭނީ ޖިނާއީ ކޯޓަށްތޯ، އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ. އެހެންވީމާ، އަޅުގަނޑު އުފާކުރަން، ރާއްޖޭގައި ދާދި އިހަކަށްދުވަހަކު، އަޅުގަނޑުމެންނަށް މިވަގުތު އެންމެބޮޑުވެފައި އޮތް، މުޅި ދުނިޔޭގައިވެސް އޮތް އެއްކަމަކީ ޓެރަރިޒަމްގެ ޙަރަކާތްތައް. ކްރޮސް ބޯޑަރ ޓެރަރިޒަމް. މިއީ ބަވަނަވެފައި އޮތް ދުނިޔެއެއް. ބަވަނަވެފައި އޮތް ދުނިޔެއެއް ކަމަށްވަންޏާ މިއީ އެކްސްޕޯޓްކުރާ އެއްޗެއް. ހޯމް ގްރޯން އެއްޗެއް. އެކްސްޕޯޓްވެސް ކުރާ އެއްޗެއް. އަޅުގަނޑުމެން ވެލިއު އެޑްކޮށްގެން އިތުރު ޙަރަކާތްތައް އަޅުގަނޑުމެން އެބަ ހިންގަމު. އަޅުގަނޑުމެންގެ މީހުން މަދުން ނަމަވެސް، އެކިއެކި މިކަހަލަ ވިޔާނުދާ ކަންކަމަށް އެބަ ނުކުމޭ. އެހެންވީމާ، މިކަންކަން ހުއްޓުވުމަށްޓަކައި ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓެއް މިހާރު އެވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ތެރޭގައި ޤާއިމްކުރެވިފައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، ސިފައިން ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމެއް. ޤައުމުގެ އަމަން ޙިމާޔަތް ކުރުމާއި ރައްކާތެރިކުރުމަށް ކުރިއަށް އެޅޭ ޕޮޒިޓިވް ވަރުގަދަ ފިޔަވަޅެއް.
 
ޢަސްކަރީ ކޯޓެއް އުފެދިގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި ސިފައިންގެ ޑިސިޕްލިންއާއި، ސިފައިން ސަރވިސްގައި ތިބޭއިރު ކުރާ ކަންތައްތަކާ ދޭތެރޭގައި ޖަވާބުދާރީ ވުމުގެ ފުރްޞަތު އިތުރުވެގެންދާނެ ކަމެއް. ހަމައެހެންމެ، ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ހެދިގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ އަމަން ރައްކާތެރިކުރުމަށް އަދި ކޮންކަހަލަ ކަންކަމެއްގެ ތެރޭގައިތޯ، ރައްޔިތުންގެ މަދަނީ ޙައްޤުތައް ހަނިވެގެންދާނީ އެކަށައަޅާ ޤާނޫނެއް. މިކަންކަމަކީ ސިފައިންގެ ވާޖިބުތައް އަދާކުރުމަށް ސިފައިންނަށް ކުރިއެރުންތަކެއް.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އެކަމަކު އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް އަބަދުވެސް އުފާވެރި މުސްތަޤްބަލެއް. ހަމަޖެހޭ ދިރިއުޅުމެއް. ހިމޭންކަމާއެކީ ރައްޔިތުން އާރާސްތުކުރާ ދިވެހިރާއްޖެއަކަށް ވެގެންދިޔުން. ފައިސާ ހުރިއްޔާ، އަޅުގަނޑުމެންނަށް ތަނަވަސްކަން ހޯދިދާނެ. އެކަމަކު އަޅުގަނޑުމެންގެ ފޭރާމުގައި ލޯވަޅުތައް އެޅިފައި ހުރެއްޖެ ކަމަށްވަންޏާ، އެ ބެއްދުމަކީ ފަސޭހަކަމަކަށްނުވޭ. އެ ތަރުބިއްޔަތުގެ ތެރެއިން ކުޑަކުދިން ތަރުބިއްޔަތުވެގެން މިއަންނަނީ. ގަބޫލުކުރަން އުނދަގޫ. ރާއްޖެއަށް މިހާ ބޮޑެތި ގެއްލުންދޭން، ރާއްޖޭގެ ދަރިންތަކެއް ނުކުމެގެން އުޅޭ އުޅުމަކީ، ގަބޫލުކުރަން ފަސޭހަކަމެއް ނޫން. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނާކަށްނުޖެހޭ ޕޯޗްގީޒުން އުޅުނުގޮތެއް. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނާކަށްނުޖެހޭ، ޕޯޗްގީޒުން އޭރު ދިވެހިރާއްޖޭގައި އައިސްގެން އުޅުނުގޮތެއް. މިއަދު ދައްކަންވީ އަޅުގަނޑުމެންގެ ދިވެހިން މިއަދު ކަންތައްކުރާގޮތާ ދޭތެރޭގައި. އަޅުގަނޑުމެންގެ ރާއްޖެއަށް މި ނިކަމެތިކަން ގެންނަން ދިވެހި ރައްޔިތުންތަކެއް މިކުރާ މަސައްކަތާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ. ޕޯޗްގީޒުންނަކީ ދުރުގެ ތާރީޚު. އެ ޢުދުވާނަކަށް ނޫން މިއަދު އަޅުގަނޑުމެން ވިސްނަންވީކީ. އަޅުގަނޑުމެންގެ ގޭތެރެއިން މި ނުކުންނަ ޢުދުވާނަކީ މާ ނުރައްކާތެރިކަން ބޮޑު ޢުދުވާނެއް. އަދި އެކަންކަމުގައި ފިޔަވަޅު އެޅުމުން، މަޞްލަޙަތު ގެއްލޭ ކަންތައްތަކެއް ހުރޭ. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ހިތްޕުޅަށް ގެންނަންވީ. އަޅުގަނޑުމެން އެއްވެސް މީހަކީ ފަނޑިޔާރެއް ނޫން، ޖޫރީއެއްވެސް ނޫން. މައްސަލަތައް ފައިޞަލާކޮށް ނިމޭނީ ކޯޓުތަކުގެ ތެރެއިން. ކޯޓުތަކުން މައްސަލަ ނިމެންދެން، އަޅުގަނޑުމެން ޖެހޭނީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާ ދޭތެރޭގައި، އެކުރަނީ ރަނގަޅަށް ކަމަށް ގަބޫލުކޮށްގެން ތިބުން. އޭގެ ބޭރުން އަޅުގަނޑުމެންގެ އެކި މީހުން ޓީ.ވީތަކަށް އަރައި ވާހަކަ ދެއްކީމަކާ ރަނގަޅެއްނުވޭ. އެ ވާހަކަ ދެއްކީމަ މިއަދު އެބަ އެނގޭ، އެ ދެއްކިފައި ހުރި ވާހަކަޔަކީ، އެ ދެއްކުނު ވާހަކަ ދެއްކި މީހުން މިއަދު އެކަންކަމާ ދޭތެރޭގައި ވިސްނަންޖެހޭ ވާހަކަތައްކަން. މިކަހަލަ ވާހަކަ ދެއްކީމަ މިވާގޮތަކީ މައްސަލަ ރައްދުވާ ފަރާތުން ތިން ކޯޓުގެ މަރްޙަލާ ކަޑައްތުކޮށް ދާއިރުވެސް، އެމީހުންގެ މަޢުޞޫމްކަން ސާބިތުނުކޮށްދެވޭ ކަމަށްވަންޏާ، މިހެން އަރައި ވާހަކަ ދެއްކުމުން، އަޅުގަނޑުމެންގެ ޢަސްކަރިއްޔާގެ ތެރެއަށް ފިތުނަ އުފައްދަން ޖާގަ އެ ލިބެނީ.
 
ޢަސްކަރިއްޔާއަކީ އެއަށްވުރެ ބަދަހި ޢަސްކަރިއްޔާއަކަށްވާން އެބަޖެހޭ. ޢަސްކަރިއްޔާގެ މުޅި އަސާސަކީ ޑިސިޕްލިން. ޢަސްކަރިއްޔާގެ ޒިންމާއަކީ ޤައުމާއި ދީން ދިފާޢުކުރުން. ޤާނޫނީ ވެރިކަން ދެމެހެއްޓުން. އެންމެ ވަރުގަދަ ޒިންމާތަކުގެ ތެރޭގައި، ރައްޔިތުންގެ މުދަލާއި، ރައްޔިތުންގެ ގެދޮރު ޙިމާޔަތް ކުރުން. ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކާތެރިކަމަކާ ކެރިގެން ކުރިމަތިލުން. މިކަމުގެ ޙައްޤު ތަޢުރީފް ލިބޭނެ. ޙައްޤު ޝުކުރަށް އިންތިޒާރު ނުކުރައްވާ. ޝުކުރުވެރިކަމާއެކީ ޢަސްކަރިއްޔާގެ ޙަރަކާތްތައް ބަލައިގަންނާނީ ރައްޔިތުން. އުފާވެރިކަމާއެކީ ބަލައިގަންނާނީ، މިތަނަކީ ހަމަޖެހޭ، އިންޞާފަށް ލޯބިކުރާ ބަޔަކު އޮތް ތަނެއްކަން ޢަސްކަރިއްޔާގެ ފަރާތުންވެސް ފެނިގެން ދިޔައިމަ. ޢަސްކަރިއްޔާގެ މަދު ބަޔަކު ނަމަވެސް، މި ހިނގާފައި ހުރި ކަންތައްތަކާ ގުޅިގެން ރާއްޖެ މިއަދު ތަޙައްމަލް މިކުރަންޖެހޭ ބޮޑެތި، ބޭރުގެ ޑިޕްލޮމެޓިކް ބޮޑެތި މައްސަލަތައް މި ކުރިމަތިލާންޖެހެނީ. މީހުން މަޤާމުން ވަކިވެގެން ދިޔައިމަ، އެކަންކަން އައިސްފައި، އޭގެ ރޫޓްކޯޒްއާ ހަމަޔަށްދާއިރު، ޢަސްކަރިއްޔާއާ ގުޅުމެއް ކޮންމެވެސްވަރަކަށް އެބައޮތް. މިއީ ޢަސްކަރިއްޔާގެ ތެރެއިން އެކި ފެންވަރުގެ ފަށަލަތަކާއި ފުރޭނިތަކާ ލައިގެން މިކަހަލަ ކަންތައްތައް ވިޔަނުދޭން މަސައްކަތް ކުރަން އެބަޖެހޭ. ޢަސްކަރިއްޔާއަކީ އެއަށްވުރެ މާ ޑިސިޕްލިން ބައެއް. ޢަސްކަރިއްޔާގެ ތެރެއިން މިކަހަލަ އެއްވެސް ނޮންސެންސަކަށް ޖާގަދީގެން ނުވާނެ. ޢަސްކަރިއްޔާއިން ހަމަގައިމުވެސް ފަޔަރ އިން ސްކޮޑް، ނޫނީ ހަނގުރާމަޔާ ކުރިމަތިލާއިރު، އަބަދުވެސް އެކެއްގެ ފަހަތުގައި އަނެކަކު ހުރޭ. ފަހަތުން އަރާ ވަޒަނެއް އަރާފާނެތޯ ބަލަން. އެކަމަކު ހިމޭންކަމުގެ މާޙައުލެއްގައި އަޅުގަނޑުމެން ޙަރަކާތްތެރިވާއިރު، އަޅުގަނޑުމެންގެ ފުރޭނިތައް މިހިރީ ބޮޑެތި ބާގަނޑުތަކަށް ބަދަލުވެގެން ގޮސްފައި. އެ ބާގަނޑުތަކުން ނުކުމެގެން އަންނަ ނަތީޖާއަކީ، މުޅި ޤައުމު ރޮއްވާލައި ސިއްސާލާފަދަ ކަންކަން. މިއީކީ ޖާގަދެވިގެންވާނެ ކަންކަމެއް ނޫން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާނަން. އަޅުގަނޑު އެދެނީ، ދިވެހި އަސްކަރިއްޔާއަށް، ދިވެހި ސިފައިންނަށް ހުރިހާވެސް ކުރިއެރުމެއް. އަޅުގަނޑުގެ ހެޔޮދުޢާ ދިވެހި ޢަސްކަރިއްޔާއާއެކު. އަޅުގަނޑުގެ ހެޔޮދުޢާ ދިވެހި ޢަސްކަރިއްޔާގެ ލޮބުވެތި ޢާއިލާތަކާއެކީ. އަދި އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ދިވެހިންނަކީ އަބަދުވެސް ނިޢުމަތްތަކަށް ޝުކުރުކުރާ، އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ދެމިތިބުމުގެ ޤާބިލުކަމާއި ހިތްވަރުހުރި ބަޔަކަށްވެގެންދިޔުން. އަދި ޤައުމަކީ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ރައުސުލްމާލު ކަމާއި، އަދި އެންމެ ބޮޑެތި ޙައްޤުތަކެއް އެކުލެވިގެންވަނީ ޤައުމުގައިކަން އަޅުގަނޑުމެން ގަބޫލުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވުމުގެ ހެޔޮ ނަޞީބާއި ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން. އިރާދަކުރެއްވިއްޔާ ހެވަށް އެދިގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.