ސިފައިންނަކީ އަންނަ ޢުދުވާނީ ހަމަލާތަކަށް ކުރިމަތިލާން ތައްޔާރަށް ތިބޭ ބައެއްގެ އިތުރުން، ފިކުރީ ގޮތުން ދިމާވާ ކަންކަމަށްވެސް ކުރިމަތިލާން ތައްޔާރަށް ތިބެންޖެހޭނެ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 124 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވަގުތު ދުނިޔެއަށް އެންމެ ބޮޑުވެފައޮތް އެއްކަންތަކަކީ ޓެރަރިޒަމްގެ މައްސަލަކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ޤާއިމު ކުރެވިގެން ދިއުމުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ސިފައިން ކުރާ މަސައްކަތައް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ. އެހެނީ، މިއީ ޤައުމުގެ އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަރަށް އަވަހަށް ދިވެހިރާއްޖޭގައި އަސްކަރީ ކޯޓެއް ޤާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި މިފަދަ ކޯޓެއް އުފެދިގެން ދިއުމުގެ ސަބަބުން ސިފައިން، ޚިދުމަތުގެ ތެރޭގައި ތިބެ ކުރާ ކަންތައްތަކަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު އިތުރުވެގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނީ ސަރުކާރެއްގެ މަސްއޫލިއްޔަތު އަދާކުރަމުންދާއިރު، ޤާނޫނީ ‏‏ސަރުކާރަކަށް ޤާނޫނުން ބޭރުން ހުރަސްއެޅުމަކީ، ޤައުމު ނުރައްކަލުގެ ތެރެއަށް ދިއުމަށް ޖާގަ ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިފަދަ ހުރަސްއެޅުމުގެ ސަބަބުން ޤައުމުގެ ޝުހުރަތު ގެއްލި، މީގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަކީ ޤައުމުގެ ކުރިއެރުމަށް ހުރަސްއަޅާ ބޭފުޅުން ޒިންމާ ވާންޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މާޒީގައި ހިނގާ ދިޔަ ކަންކަމުން އަޅުގަނޑުމެން ފިލާވަޅު ދަސްކުރަންޖެހެއެވެ. މިގޮތުން، ދިވެހި އަސްކަރިއްޔާއަށް ހޯދައިދެވޭ ޒަމާނީ ވަޞީލަތްތަކަކީ މިފަދަ ފިލާވަޅު ދަސްވެފައިވާ މީހުންނަށް ސިފައިން ހެދުމުގެ މަޤްޞަދުގައި ހޯދައިދެވޭ ވަޞީލަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ސިފައިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، މި މަތިވެރި ޚިދުމަތް ކުރެއްވުމަށްޓަކައި ސިފައިން، ޚިދުމަތުގެ ރޮނގަށް ނެރެދެއްވީތީވެ ސިފައިންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިރޭގެ އިޙްތިފާލުގައި، ފާއިތުވި އަހަރު ސިފައިންގެ ޔުނިޓްތަކުގެ ތެރެއިންނާއި، ސިފައިންގެ ތެރެއިން އެންމެ ފަޚުރުވެރި ކާމިޔާބީތައް ޙާސިލުކޮށްފައިވާ ފަރާތްތަކަށް ދެއްވާ ޝަރަފުގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކޮށްދެއްވިއެވެ.

124ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުނު ޚާއްޞަ ‏‏އިޙްތިފާލުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމްއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުންނާއި ސިފައިންގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.