އިރާންގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، މިސްޓަރ މުޙައްމަދު ޒައޭރީ އަމިރާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، އިރާންގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖެއާއި އިރާނާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ޚާއްޞަކޮށް ސާފު ތެޔޮ ފޯރުކޮށްދިނުމުގެ ދާއިރާއިން އިރާން ސަރުކާރުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިރާންގެ އާ ސަފީރު މިސްޓަރ މުޙައްމަދު ޒައޭރީ އަމިރާނީ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި އިރާނާ ދެޤައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެމަނިކުފާނު އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.