ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމަވައިފިއެވެ.

ސީމެގްގެ މި ނިންމެވުމާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިއަދުގެ މަޝްވަރާތަކަށްފަހު ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު ސީމެގް ގެ އެޖެންޑާގައި ރާއްޖެ ހިމަނާވަރުގެ ސީރިއަސް ކަންތައްތަކެއް ރާއްޖޭގައި ނެތްކަމަށް ސީމެގް އިން ނިންމަވާފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވިއެވެ. އަދި، މިއަދު ރާއްޖެއާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ޤައުމުގެ މިއަދުގެ ޙާލަތާއި، ޤައުމުގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް، ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މަޢުލޫމާތު ހާމަ ކުރައްވާފައިވާ ކަމުގައިވެސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސީމެގްގެ ބަޔާނުގައި އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގައި ހުރި ޚިޔާލު ތަފާތުވުންތަކާއި ކަންބޮޑުވުންތަކާ ބެހޭގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ޙައްލެއް ހޯދުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ސީމެގް ގެ މި ނިންމެވުމަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ސީމެގް ގެ ނިންމެވުމާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒްގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ސަރުކާރުން އިސްނަންގަވައިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ސަރުކާރުގެ އެންމެ އިސްމަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.