ސީނިއަރ އެޑްވައިޒަރ ޓު ދަ ޔޫ.އެން. ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒް، މިސްޓަރ ތަމްރަތް ސަމައުލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން އިސްނަންގަވައިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި، ސީނިއަރ އެޑްވައިޒަރ ޓު ދަ ޔޫ.އެން. ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒް މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސީނިއަރ އެޑްވައިޒަރ ޓު ދަ ޔޫ.އެން. ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ އަރިހުގައި، އެ ޑިޕާޓްމަންޓުގެ މަތީ ފެންވަރުގެ ވަފްދެއް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.