بســم اللّـه الرّحمـن الرّحيــم        

                  اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، ޝައްކެއްވެސްނެތް، މިރެޔަކީ އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ރެއެއް. މަޞްލަޙަތަށް ލޯބިކުރާ ފަރާތްތަކަށް ހަމަޖެހުމުގެ ކޮޅުމަތި ފެންނަކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެމުންދާ ރެއެއް. އިޖްތިމާޢީ ގިނަ މައްސަލަތަކަކަށް ޙައްލުތަކެއް އަތުވެދާނެ ކަމުގެ އުންމީދީ ސިގްނަލްތަކެއް ލިއްބައިދޭ ރެއެއް. ޒުވާނުންނަށް، ޒުވާނުންގެ ޙަޔާތް ތާޒާކުރުމަށް، ކުރިއަށް ގެންދިޔުމަށް އުފާވެރި ޚަބަރުތަކެއް ލިބިގެންދާ ރެއެއް. ޒުވާނުންގެ ހަމަޖެހުމަކީ މައިންބަފައިންގެ އުފާ ކަމުގައިވާތީ، މައިންބަފައިންގެ ހިތްތަކަށްވެސް ހަމަޖެހުން ގެނެސްދޭ ރެއެއް. ޒުވާނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ސައްތަޔަކުން ފަސްދޮޅަސް ފަހަކާ ކައިރިކުރާ ޢަދަދަކަށްވާތީ، ޒުވާނުންގެ ހަމަޖެހުމަކީ މުޖުތަމަޢުގެ ހަމަޖެހުން ކަމަށް ގަބޫލުކުރެވޭތީ، ދިވެހިރާއްޖެއަށް ހަމަޖެހުން ގެނެސްދޭނެކަމުގެ އުންމީދީ ޚަބަރުތަކެއް ގެނެސްދޭ ރެއެއް.
 
އާދެ، އިޖްތިމާޢީ މައްސަލަތައް ފެށިގެން އަންނައިރު، ޚިޔާލަށް މި ގެނެވެނީ އަޅުގަނޑުމެންގެ ކުރިމަތިން ދެންމެ ފެނުނު ޑްރާމާގައި ހިނގައިދިޔަ ބައެއް ކަންތައްތައް. މީގައި ބުނެދިން ވާހަކަތަކާއި، ބުނެނުދޭ ވާހަކަތަކެއް ހުރިކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. ކުޑަކުޑަ ތަންކޮޅެއްގައި އުޅޭތީ ދަތިވަނީކީ ހަމައެކަނި ދޮށީ މީހުންނަކަށް ނޫން. ދަތިވަނީކީ ހަމައެކަނި ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ބަޔަކަށްވެސް ނޫން. އަޅުގަނޑުމެން ކީއްވެގެންތޯ ހަނދާންނެތެނީ، ތުއްތުކުދިން، މަޢުޞޫމް ތުއްތުކުދިން އަޅާލުމުން އެއްކިބާވެފައި، އެއްފަރާތްވެފައި ތިބި ކުދިންގެ ޙައްޤުތަކެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެނޭ. މިކުދިންނާ ދޭތެރޭގައި ދޮއެއްތޯ، އަޅުގަނޑުމެން ވިސްނާފައި މި ބުނަނީ، މިއީ މުސްތަޤްބަލުގެ ޖީލޭ. އަޅުގަނޑުމެންގެ ކުރިމަގު އަމާންކަމާއެކީ ކުރިއަށް ގެންގޮސްދީ، ޒިންމާދާރުކަމާއެކީ ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ތިބި ކުޑަކުދިން ތަރުބިއްޔަތުވެގެން މިދަނީ މިދެންނެވި ކަހަލަ ކުދިކުދި ފޮށިގަނޑުތަކުގެ ތެރޭގައި. ކުދިންނަށް އިވެނީ، ފެންނަނީ ކޮން މަންޒަރެއްތޯ؟
 
ކުދިންނަކީ ދުނިޔެއަށް އަންނައިރު، ފަލްސަފާވެރިން ވިދާޅުވަނީ ޓަބިއުލަރ ރާސާ. އެމީހުންނަކީ ހަމަ ސާފު ކްލީން ސްލޭޓެކޭ. ޠާހިރު ބައެއް، މަޢުޞޫމް ބައެއް، އެއްވެސް ކަހަލަ ކުށެއް، އެމީހުންގެ ފަރާތަކުން ނުވާ ބައެއް. ފުށްގަނޑެއް މޮޑެން ބޭނުންވާ ގޮތަކަށް، މޮޑޭނެ ގޮތަކަށް، މައިންބަފައިންނާއި، މުޖްތަމަޢާއި، ޓީޗަރުންނާއި އަދި އެކުދިން އެކްސްޕޯޒްވާ ހުރިހާ ފަރާތަކުން އެކުދިންނަށް ދަސްކޮށްދެނީ އެކުދިންގެ ދުނިޔަވީ ފިލާވަޅުތައް. ފިލާވަޅުތައް ދަސްކުރަނީ ހަމައެކަނި ޓެކްސްޓް ފޮތަކުންނެއް ނޫން. ކްލާސްރޫމްގައި ޓީޗަރު ބޯޑުގައި ލިޔާ ލިޔުންތަކަކުންވެސް ނޫން. ދަސްކޮށްދެނީ މިކަހަލަ އެތައް ކަމަކުން. އެހެންވީމާ، ޚިޔާލަށް ގެންނަވާ، މިކަހަލަ ކުދިކުދި ގޭގައި އެއްވެސް ކަހަލަ، އެއްވެސް ކަހަލަ ހުރަހެއްނެތި ދެކެވޭ ވާހަކަތަކާއި، ކަޝްފެއްނެތި ފެންނަ މަންޒަރުތަކާއެކީ، ކުޑަކުދިންގެ ހިތްތަކަށް އަންނާނެ ބަދަލު، އެމީހުންނަށް ފެންނާނެ މަންޒަރު، އެމީހުންނަށް ޚިޔާލަށް ގެނެވޭނެ ކަންތައް، އެމީހުންނަށް އިވޭނެ އަޑުތައް. މި ސިޓިންގރޫމްތަކުގައި ނޫންތޯ، އަޅުގަނޑުމެން އެކި މީހުންގެ އެކިކަހަލަ ޙައްޤުތަކަށް އަރައިގަންނަ އެކިއެކި މަންޒަރުތައް، ޓީ.ވީ ފޮށިތަކުން މި ފެންނަނީ. މި ސިޓިންގރޫމް ތެރެއަށް އަޅުގަނޑުމެންގެ ތެރޭގައި ޒިންމާދާރުކަމާއެކީ ޤައުމުގެ ސިޔާސަތު ހާމަކޮށްދިނުމާއި، އަދި ޤައުމާ ދޭތެރޭގައި އެމީހެއްގެ ތަޞައްވުރު ހުރިގޮތް ކިޔައިދޭ މީހަކު ކަންކަން ކުރާގޮތާއި، ތަންތަނުގައި ހުޅުޖެހޭ ތަނާއި، މީހުންނަށް އަނިޔާކުރާ ތަނާއި، ސިފައިންނާއި ފުލުހުންނަށް ގެއްލުންދޭ ތަނާ، މިކަހަލަ ހުރިހާ މަންޒަރުތަކެއް މި ފެންނަނީ، މި ދެންނެވި ތުއްތުކުދިންނަށް ނޫންތޯ؟  ތުއްތު ސިކުނޑިތަކެއް، އަންނާނެ ބަދަލު ޚިޔާލަށް ގެންނަވާ. މިކަންކަމުން ކުދިންނަށް ކުރާނެ އަސަރު، މިއީކީ ހަމައެކަނި ނަފްސާނީ ޢިލްމުވެރިޔަކު ލިޔާ ފޮތެއްގައި ލިޔާނެ ވާހަކައެއް ނޫން. މިއީ ހަމަ ޚިޔާލުކޮށްލާ ކޮންމެ މަންމަޔަކަށް، ތަރުބިއްޔަތުގެ ކޮންމެ ބައްޕަޔަކަށް އިޙްސާސް ކުރެވޭނެ ކަންތައް. މިއީ އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުގައި އޮތް އެންމެބޮޑު މައްސަލަ. މިއީ އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުގައި އޮތް އެންމެބޮޑު މައްސަލަ. ބޭނުންވާ އުފާވެރި، އީޖާބީ، ޖަވާބުދާރީވާނެ ހެޔޮގޮތުގައި ކުރިއަށް ގެންދާނެ ޖީލެއް ބިނާކުރަން. ކިޔަވައިދެވިދާނެ، ލާރި ހުރިއްޔާ ލޯނު ނެގޭނެކަން، އަޅުގަނޑުމެންނަށް މިރޭ ފެނިގެން އެބަދޭ. އަދި ލާރި ހުރިއްޔާ، އެކި ފެންވަރުގެ، އެކި ގިންތިތަކުގެ މަދަރުސާތަކަށް ފޮނުވޭނެ.
 
އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެން މި ކުރިމަތިލަނީ އެއަށްވުރެ މާބޮޑެތި ކަންކަމާ. އަޅުގަނޑުމެން މި ކުރިމަތިލަނީ އިންސާނުން ތަރުބިއްޔަތު ކުރުމާ. ތުއްތު ތުއްތު މަޢުޞޫމް ކުދިން ތަރުބިއްޔަތު ކުރުމާ. އެކަންކަމުގައި ރާއްޖޭގެ އެކި ހިސާބުގައި، ޚާއްޞަކޮށް، މާލެ މި އިސްތިސްނާ ނުކޮށް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިދެންނެވި ކަހަލަ ޝޯޓްކަމިންގސް، މިދެންނެވި ކަހަލަ ހުރަސްތައް. މި ހުރަސްތައް ނައްތައިލުމަކީ ކޮންމެ ސަރުކާރެއްގެ ކޮނޑުގައި އެޅިފައި އޮންނަ އެންމެ ބޮޑު މަސްއޫލިއްޔަތު. އެންމެބޮޑު ޒިންމާ. މިކަންކަން ކުރުމުގައި، ދެން ބޭނުންވާ އެހެން ކަންތައްތައް، ބްރިޖް އެޅުން ކަހަލަ ކަންކަން މިއީ. މިކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެނައިމަ، އަދި ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ޕްރެޒެންޓޭޝަންތަކާއި، ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެން މިދަނީ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މި އެދޭގޮތަށް އަދި އަޅުގަނޑުމެން އުންމީދު މިކުރާ ގޮތަށް މިކަންކަން ނިމިގެން ހިނގައްޖެނަމަ، ރާއްޖެއަށް އަންނާނެ ހަމަޖެހުމާއި، ރާއްޖެއަށް އަންނާނެ އުފާފާގަތިކަމާއި، ދިރިއުޅުމަށް އަންނަ ފަސޭހަތަކާއި، ކުދިން ބޮޑެތިކުރުމުގައި މައިންބަފައިން އުފުލަންޖެހޭ ބުރަތައް ލުއިވެގެންދާ ދިޔުމާއި، އަދި ދޮށީ ބައްޕައިންނާއި މަންމައިންނަށް، އެމީހުންނަށް ލިބޭނެ ހިތްހަމަޖެހުން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ.
 
އަޅުގަނޑުމެން މަސައްކަތް ކުރަނީ ކީއްކުރަންތޯ؟ އަޅުގަނޑުމެން މަސައްކަތް ކުރަނީ އެންމެ މުއްސަނދި މީހާވެސް މުއްސަނދިވެގެން ކޮންކްރީޓް ޖަންގައްޔެއްގައި ފިލާ އިންނާކަށް ނޫން. އިންސާނުންނަކީ އިޖުތިމާޢީ ޙައިވާނުންގެ ތެރޭގައި ހިމެނޭ ބައެއް. އިންސާނުންނަށް، އެހެން އިންސާނުންނާ ނުލައި އުޅެވޭކަށް ނޯވޭ. އިންސާނުންނަކީ އެހެން މީހުންނާ މުޢާމަލާތުކުރާ ބައެއް.  އެ މުޢާމަލާތު ކުރަނީ އެކަކު ދެމީހަކާ ނޫން. ގިނަބަޔަކާ މުޢާމަލާތުކުރާ ބައެއް. މީހަކު ޖަލަށްލީމަ، މީހަކު މުޖުތަމަޢުން އެކަހެރި ކުރީމަ، އޭނައަށް ލިބޭ އެންމެބޮޑު އަދަބަކީ، ޖިސްމާނީ ގޮތުން އޭނައަށް ލިބޭ އަދަބެއް ނޫން، އަނިޔާއެއް ނޫން. އޭނައަށް ލިބޭ އެންމެބޮޑު އަދަބަކީ، އެކަހެރިކަމާއެކީ ވާހަކަ ދައްކާނެ އެހެން މީހަކު ނެތީމަ، ނޫނީ މުޖުތަމަޢުގެ ތެރޭގައި ޚިޔާލު ބަދަލުކޮށްލާނެ އެހެން މީހަކު ނެތީމަ، އެ އަންނަ އުނިކަން، އެ އަންނަ ހުސްކަން. އެއީ އޭނަގެ ނަފްސު ޓެކްސްކުރާ ކަމަކީ. އޭނަޔަށް އެންމެ ބޮޑަށް އޭނަގެ ސިކުނޑިއާއި، އޭނަގެ ހަށިގަނޑު ވީރާނާވާން ދިމާވާ ކަމަކީ މިއީ. އެހެންވީމާ، މިކަހަލަ ޙާލަތެއްގައި އަޅުގަނޑުމެންގެ އާބާދީ ބޮޑެތި ރަށްތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް ގަބޫލު އެބަކުރެވޭ.
 
އަޅުގަނޑުމެން 2014 ވަނަ އަހަރު ހެދި ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، އެންމެ ކުޑަކުޑަ ބީސީއެއްގައިވެސް، އެޕާޓްމަންޓެއްގައިވެސް، ނޫނިއްޔާ ދެ ބެޑްރޫމް އެޕާޓްމަންޓަކަށް ބަލާކަމަށްވަންޏާ، ޑިޕެންޑެންޓުންގެ ގޮތުގައި އެބައުޅޭ ތިން މީހަކު. މަންމަ، ބައްޕަގެ އިތުރަށް ތިން މީހަކު އެބައުޅޭ، ތިން ކުއްޖަކު އެބައުޅޭ. ނޫނިއްޔާ ތިން މީހަކު އެބައުޅޭ. އެހެންވީމާ، އެޕާޓްމަންޓެއް، ދެ ބެޑްރޫމްގެ އެޕާޓްމަންޓެއް ދެވޭ ކަމަށްވަންޏާ، މި ދެވެނީ ފަސް މީހަކަށް. އަދި ދެންމެ ވީޑިއޯގައި ތަންކޮޅެއް ސަމާސާކޮށް އަޅުގަނޑުމެންނަށް ފެނިގެން ދިޔައިރު، ފަހަރުގައި ދެ އަނބިންނަށްވެސް އެ އެޕާޓްމަންޓް ހަމަ ލިބިދާނެކަންނޭނގެ. އެހެންނަމަވެސް، ދަންނަވާލަން މިއުޅެނީ މިކަހަލަ އެތައް ކަމަކަށް ޙައްލުގެނެސްދޭ ކަންތައްތަކެއް، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ގެދޮރުވެރިކުރުމޭ ބުނީމަ އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ.
 
އަޅުގަނޑުމެން ޒުވާނުންގެ ވާހަކަ ދައްކާއިރު، އަދި ޒުވާނުންނަށް އަމާޒުކޮށްގެން، ޝައްކެއްވެސްނެތްގޮތުގައި މި މަޝްރޫޢު މި ހިނގަނީ. އެހެންނަމަވެސް، މިއީކީއެއް ޒުވާން ޢުމުރު ނޫން އެހެން ޢުމުރުފުރައިގެ، އެހެން ގިންތިތަކުގެ މީހުންނަށް މަޙްރޫމްވެގެންދާ މަޝްރޫޢެއް ނޫން. އެކަމަކު އަމާޒެއް އޮންނަންވާނެ. ވާސިލުވާން ބޭނުންވާ ހިސާބަކަށް ވާސިލުވާ ކަމަށްވަންޏާ، ފެން ބޮވައިގެންފައި ހުރި މީހަކު ސަހަރާގެ އެއްކޮޅުން އަނެއްކޮޅަކަށް ނުހިނގާނެ، ވަކި ހިސާބަކުން ފެންފޮދެއް ލިބޭނެކަމުގެ އުންމީދެއް ނެތިއްޔާ. އެއީ އަމާޒު. އެ އަމާޒާ ހަމަޔަށް ދާން ބޭނުންވާ މީހަކަށްވަންޏާ، އޭނަ ކުރަން އުޅެނީ ކީއްކަން އެބަ އެނގެންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ ޝައްކެއްވެސްނެތްގޮތުގައި، ޒަވާޖީ ޙަޔާތެއް ފަށައި، އަދި އެ ޒަވާޖީ ޙަޔާތާއެކީ އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާކޮށްދޭނެ ޖީލެއް ބިނާކޮށް، އަދި އެ ޖީލަކީ ބިނާކުރަނިވި ޖީލަކަށް ހެދުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، މި މަސައްކަތުގައި ދައުލަތާއި ސަރުކާރަކީ، އެ ދެމަފިރިންގެ ބައިވެރިންނަށް ވުމަށް ކުރެވޭ މަސައްކަތް. އާދެ، އެމީހުންނަށް ބޯހިޔާވަހިކަން ގެނެސްދެވޭނެ ކޮންމެވެސް ކަހަލަ އިންތިޒާމެއް ހަމަޖައްސައިދިނުން. މިރޭ އަޅުގަނޑުމެންނަށް މިތަނުގައި ފެނިގެން މިދިޔައީ މިކަހަލަ އެތައް ކަމެއް. އިސްލާމިކް ހައުސިންގ ލޯނެއްގެ ދަށުން ނޫނިއްޔާ އިސްލާމިކް ލޯނުގެ ދަށުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ރާއްޖޭގެ އެކި ހިސާބުގައި ގެދޮރު އެކި ފެންވަރަށް ހަދާފައި ހުރި ފަރާތްތަކުން ގެދޮރު ނިންމުމުގެ ޤާބިލިއްޔަތު ނެތް ފަރާތްތަކަށް ގެދޮރު ނިންމުމުގެ ކޮންމެވެސްވަރެއްގެ ފެސިލިޓީއެއް، އިންތިޒާމެއް ހަމަޖެހިގެން ގޮސް، އެ ފަރާތްތަކަށް އެ ލޯނު ލިބިގެން އެ މަސައްކަތް ކުރިއަށްދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.
ހަމަ މި ވާހަކަ ދައްކާއިރު، ރާއްޖޭގެ އެކި ހިސާބުގައި، ހަމަ މާލޭގައި މި ހަދާ ކަހަލަ ފްލެޓްތައް ހެދެމުންވެސް އެބަދޭ. ސީ.އެސް.އާރު.ގެ ދަށުން މީގެކުރީގެ ސަރުކާރުތަކުންވެސް ވަނީ މިކަން ފަށްޓާފައި. އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މާލެއަށް ޚާއްޞަކޮށްގެން، މާލެއަށް އަމާޒުކޮށްގެން މި ހިންގާ އެޗް.ޑީ.އެފް.ސީ.ގެ ލޯނު ފައިނޭންސިންގގެ އެރޭންޖްމަންޓެއް. ސަރުކާރުގެ 20 ޕަސެންޓާއެކު، ބޭންކަށް ވަންނަން ނޫނީ އެޗް.ޑީ.އެފް.ސީ.ގެ ލޯނަށް އެޕްލައި ކުރުމަށް ޝަރުޠު ފުރިހަމަވުމަށްޓަކައި އޭނަޔަށް އެބަ ލިބޭ ބޮޑު ފަންޑެއް. އަދި އެޔާއެކީ ދަންނަވާލަން ހަމަ ބޭނުންވޭ، އަޅުގަނޑުމެންގެ ސަރުކާރުން މިހާރު އޮންނާނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. ޕެންޝަން ފަންޑުގައި ހުރި ފައިސާ، މީހުންގެ ގެދޮރު ބިނާކުރުމަށް، ނޫނިއްޔާ ގެދޮރަށް ކުލި ދެއްކުމަށް، ނޫނީ ގެދޮރު އަރން ކުރުމަށް، ނޫނީ މިލްކު ކުރުމަށް ބޭނުންވާ ކަންކަމުގައި ޑައުން ޕޭމަންޓްގެ ގޮތުގައި ބަހައްޓަން. އަދި މި ފައިސާ ބޭނުންކުރެވޭ ކަމަށްވަންޏާ، ކޮންމެވެސްވަރަކަށް ޢިމާރާތްކޮށްފައި ހުރި ޢިމާރާތްތައް ވަކިވަރަކަށް ނިންމިއްޖެ ކަމަށްވަންޏާ، ދެން ބޭންކަށް ވަދެގެން ޢިމާރާތް ނިންމުމަށް ބޭނުންވާ ބާކީހުރި ފައިސާ ހޯދުމުގެ ފަސޭހަކަން ހަމަޖެހިގެންދާނެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، ރައްޔިތުންގެ މަޖިލީހުން މި އިޞްލާޙު މިގޮތަށް ފާސްކޮށްދެއްވާނެ. އެއީ ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޢާޔަތް ކުރައްވާފައި ކަންކަން ނިންމަވަނީ. އެހެންވީމާ، ޕެންޝަން ފަންޑް އެގޮތަށް ބޭނުންހިފުމަށް މި ހުޅުވައިލެވޭ ފުރްޞަތުގެ ދަށުން އެތަކެއް މީހުންނަށް، މިދެންނެވި ގޮތަށް ބޭންކަށް ވަނުމުގެ ފައިސާ، ނޫނީ ބޭންކަށް ވަނުމުގެ، ނޫނިއްޔާ ޑައުން ޕޭމަންޓް ދެއްކުމުގެ ފަސޭހަތައް ހަމަޖެހިގެންދާނެ.
 
އާދެ، އަޅުގަނޑު އެންމެ އުފާކުރަނީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން މި ހިފާ އަމާޒުގައި، އަޅުގަނޑުމެންނަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ހެޔޮ ތައުފީޤު ﷲ މިންވަރު ކުރައްވާތީ. އަޅުގަނޑުމެން މިރޭ މި ސޮއިކުރީ މައިގަނޑު ގޮތެއްގައި 5 ކުންފުންޏަކާ މި ޙަވާލުކުރެވުނީ ގިނަ ހައުސިންގ ފްލެޓްތަކެއް ނިންމުމަށް. މުޅިންވެސް ނިންމޭތޯ މި ބަލަނީ ދެ ބެޑްރޫމްގެ އެޕާޓްމަންޓް. އަމާޒު ކުރެވެނީ، އަމާޒު ކުރެވެނީ ހަމަ މުޅިންވެސް ޒުވާނުންނަށް. ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ޒުވާނުންނަށް، އަދި ޒަވާޖީ ޙަޔާތެއް ފެށުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް. އަޅުގަނޑު ނެތިން، ތަފްޞީލުކޮށް ދަންނަވާކަށް. ޒަވާޖީ ޙަޔާތެއް ފެށުމަށް ގެދޮރު ނެތީމަ ހުރަހަކަށްވެފައި ތިބި ޒުވާނުންގެ ޢަދަދު އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް ކަށަވަރުންވެސް އެނގޭ އެއްޗަކީ އެފަދަ މީހުން މަދެއްނޫންކަން. ނޫނިއްޔާ އެފަދަ މީހުން ޒަވާޖީ ޙަޔާތެއް ފަށައިގެން ކުރިއަށް ދިޔުމުގައި، ދަތި ހުރަސްތައް ގިރާކުރަންޖެހޭކަން އެއީ އަޅުގަނޑުމެންނަށް އިވެމުންދާ އަޑުތައް. އަޅުގަނޑުމެންވެސް އިންތިޚާބުގެ ތެރޭގައި ވޯޓް ހޯދަން ދިޔައިރު، މާލޭގެ އެންމެ ދަތިވެފައި ހުރި ބައެއް ހިސާބުތަކުގައި ހުރި ގޭގެޔަށް ވަނިން. ނޫން މަޢާފް ކުރައްވާ، ގޭގެއެއް ނޫން. ޖިފުޓިތަކަށް ވަނިން. ވަރަށް ދަތި ޙާލުގައި އުޅޭ މީހުން ގިނަ. ގެދޮރުނެތީމަ ދަތިޙާލުގައި އުޅޭ މީހުންނަކީ ހަމަ ދަތީގައި އުޅޭ މީހުން. ފައިސާ ނެތީމަ ދަތިޙާލުގައި އުޅޭ މީހުންނަކީ އެއަށްވުރެ ދަތީގައި އުޅޭ މީހުން. އެކަމަކު ފައިސާ ހުރެގެންވެސް ގެދޮރު ހަމަނުޖެހި، ދާއިމަށް އެމީހާގެ ޢުމުރު، ނޫނިއްޔާ އެމީހާގެ މުޅި ޙަޔާތުގައި އާމްދަނީ ލިބޭއިރު ކުލި ދައްކައިގެން އުޅުމަކީވެސް ފަސޭހަކަމެއް ނޫން. އެއީވެސް ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއް ނޫން. އެމީހެއްގެ ޢުމުރުގެ ބޮޑު ބައެއް ކުލި ދައްކައިގެން އުޅެވިދާނެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކުގައި، އެމީހެއްގެ ދަރިންނަށްވެސް އެމީހަކު ކަންކަން ކޮށްދެވޭތޯ ބަލަންވާނެ. މިއީ ކޮންމެ މަންމަޔަކާއި ބައްޕަޔަކު އުފަލުންކުރާ ކަމެއް. އެކަންކަން ކުރާއިރު ޢުމުރުގެ ޙަޔާތް އެއްކޮށް ކުލި ދައްކައިގެން ހޭދަކޮށްލާ މަންމަޔަކާއި ބައްޕަޔަކަށް، އަނެއްކާ އޭނަޔަށް ލިބޭ 5 ދަރިންގެ ޙަޔާތްވެސް، ހަމަ އަނެއްކާވެސް ކުލި ދައްކައިގެން ހުސްކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންވީމާ، ކޮންމެވެސް ހިސާބަކުން ގެދޮރުވެރިވާން އެބަޖެހޭ.
 
ގެދޮރުވެރިކަން ނެތުން، ނޫނިއްޔާ އެކަމުގެ ނިކަމެތިކަން އިޙްސާސް ކުރަނީ ހަމައެކަނި މާލީގޮތުން ފަޤީރު މީހުންނެއް ނޫން. ގެދޮރުވެރިކަމުގެ ފުރްޞަތު ނެތް ކޮންމެ ފަރާތަކީ ގެދޮރުވެރިކަމުގެ ދަތިކަން، ނޫނިއްޔާ މިކަން މަޙްރޫމްވެފައިވާކަން އިޙްސާސް ކުރެވޭ ފަރާތްތައް. މީގެކުރީގެ ސަރުކާރުތަކުން އަދި އަޅުގަނޑުމެންގެ ސަރުކާރުންވެސް މަސައްކަތް ކުރަމުން އައީ، ކޮންމެވެސް ކަހަލަ އިސްކަމެއް ދެވޭ ތަރުތީބުގެ ދަށުން މީގެތެރޭގައި ތިބި އެންމެ ނިކަމެތިން ފާހަގަކުރަން. އަޅުގަނޑުމެން އެކަން ހަމަ އެގޮތަށް ކުރަމު އެބަ. އެކަމަކު އެޔާއެކީވެސް އަޅުގަނޑުގެ ޚިޔާލަށް ގެނެވެނީ، އެހާ ގިނަ ޒުވާނުން ތިބެފައި، އަދި ޒުވާނުންގެ ޒަވާޖީ ޙަޔާތެއް ފެށުމަށް ހުރަހަކަށް މިވަނީ ގެދޮރުވެރިކަން ނެތުން ކަމަށްވާއިރު، ގެދޮރުވެރިކަން ނެތުމަކީ ޙަޤީޤަތުގައިވެސް އެމީހެއްގެ މާއްދީ ފުދުންތެރިކަން ނެތްކަމަކާ އެއް ފެންވަރުގެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، ގެދޮރުވެރިކަން ނެތް ހުރިހާ ފަރާތްތަކަކީވެސް ހަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ، ގެދޮރުވެރިކަން ހޯދުމަށްޓަކައި ބަލާކަމަށްވަންޏާ، މިންގަނޑުތަކުން މިނާކަމަށްވަންޏާ، މިހުރިހާ އެންމެންނަކީވެސް ނިކަމެތިން. މިމީހުންނަށް ގޮތްތަކެއް އެބަ އުފެދެންޖެހޭ. ބޮޑެތި ޢިމާރާތް ހެދުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންނަމަވެސް، ޢިމާރާތެއް ހަދައި ދެވިއްޖެ ކަމަށްވަންޏާ، އަދި ފަސޭހަގޮތަކަށް އެތަންތަނުގެ ކުލިތައް އަތްފޯރާފަށުގައި، އެމީހުންނަށް ލިބޭ އާމްދަނީން ދެކޮޅުޖެއްސޭ މިންވަރަކަށް ހަމަޖައްސައިދެވޭ ކަމަށްވަންޏާ، ގެދޮރުވެރިވުމަށް ސަރުކާރުން އެ ފުރްޞަތުތަކެއް ހުޅުވައިދެނީ.
 
މިއަދަކީ، މިރެޔަކީ އެ އުފާވެރިކަން އަޅުގަނޑުމެން ޙާޞިލުކުރާ ރޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމިގެންދާއިރު، 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމަޔަށް ދާންވާއިރަށް ފަނަރަހާސް ހައުސިންގ ޔުނިޓް، މި ބުރުގައި ނިމިގެންދާނެ. އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި ބުރުގައި މި ހަދާ ފަނަރަހާސް ހައުސިންގ ޔުނިޓާ ހިސާބުން އަޅުގަނޑުމެން ނިންމަނީކީ ނޫން. އަޅުގަނޑުމެންނަށް އެ ފައިސާ އަނބުރާ ލިބުމާއެކީ، ބޭރު ފައިސާ ލިބޭނެ ގޮތްތަކަކާއެކީ، އަނެއްކާވެސް އަނެއް ބުރު، 2018ގެ ކުރިން އެބަ ފަށަންޖެހޭ. އަޅުގަނޑުމެންނަށް މިރޭ ޙަވާލުވެގެން އެދިޔައީ މާލޭގައި ނިމިފައި ހުރި  ދެ ހައުސިންގ ކޮމްޕްލެކްސް. އާދެ، އެޕެކްސް ރިއަލްޓީގެ ފަރާތުން ނޫނީ ޓާޓާ ހައުސިންގގެ ފަރާތުން ޙަވާލުވެގެން މިދިޔައީ. އަޅުގަނޑުމެންނަށް ކުރިން ހީވެފައި އޮތްގޮތާ ތަފާތުކޮށް. ކުރީގައި އަޅުގަނޑުމެން ސަރުކާރުގައި ނޫޅޭއިރު ހީވެފައި އޮތްގޮތާ ތަފާތުކޮށް އެކަން އޮތީ. މިތަންތަނަކީ މިތަންތަން ނިމުމާއެކީ 90 ދުވަހުގެ ތެރޭގައި ސަރުކާރުން އެއްފަހަރާ އެތަނަށްދިޔަ ޚަރަދު، ހޭދަ ދައްކަންޖެހޭ ތަންތަން. އެހެންވީމާ، ކޮންމެވެސް ގޮތަކުން އެ ފައިސާ ހޯދަން އެބަޖެހޭ. އަދި މިއަދު އަޅުގަނޑަށް އައި މައްސަލައެއް. މިރޭ ޖަލްސާއަށް އަންނަން އުޅެނިކޮށް އައި މައްސަލައިގައި އަދި މިކަން އޮތީ މިހެނެއްވެސް ނޫން، 90 ދުވަހެއްވެސް ނޫން. ނިންމާފައި ޙަވާލުކުރާ ތަނުން އެ ފައިސާ އެމީހުންނަށް ދައްކަންޖެހޭ. ނިންމާފައި ޙަވާލުކުރާ ތަނުން އެ ފައިސާ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. އެގޮތަށް އޮތީ ސަރުކާރުން ސޮއިކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަމު.
 
އެހެންނަމަވެސް، ދަންނަވަން މިއުޅެނީ މިއީ ސަރުކާރުން އުފުލަންޖެހޭ ބޮޑެތި ބުރައޭ. މިތަންތަނަށް ވަންނަ ފަރާތްތަކުންވެސް، މިތަންތަނަށް ވަންނަ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ގެދޮރުވެރިކަން ނެތް ކޮންމެ ފަރާތަކީ، ގެދޮރުވެރިކަމުގެ މި މަފްހޫމްގެ ތެރޭގައި ހަމަ ނިކަމެތިން ކަމަށް މިވަނީ. އެހެންވީމާ، އިސްކަންދެވޭނެ ގޮތްތަކަކާ ދޭތެރޭގައި ވިސްނާއިރު، ސަރުކާރަށް ބުރަކުޑަވާނެ ގޮތަކަށް މިކަން އެބަ ކުރަންޖެހޭ. މިކަމުގައި ސަރުކާރަށް ބުރަކުޑަވާނެ ގޮތަކަށް މިކަން ކުރުމުގެ ބޭނުމަކަށްވަނީ، މި ލިބޭ ފައިސާއިން އަނެއްކާވެސް މިކަހަލަ އެހެން ޢިމާރާތްތައް ކުރުން. އަޅުގަނޑުމެންނަކަށް ގެދޮރުވެރިކަން ފުރިހަމައެއްނުކޮށްދެވޭ، އަދި މި ހަދާ ފަނަރަހާސް ހައުސިންގ ޔުނިޓް ނިމިގެންނެއް. މިކަހަލަ އަދި އެތަކެއް ޔުނިޓް އެބަ ހަދަންޖެހޭ. މި ފަނަރަހާސް ހައުސިންގ ޔުނިޓް ނިމިގެންގޮސް، މިތަންތަނަށް މީހުން ވަދެ ހަމަޖެހިގެންދާއިރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަދުގެ އާބާދީއަށް ބަލާކަމަށްވަންޏާ، މިއަދުގެ އާބާދީގެ ގާތްގަނޑަކަށް ވިއްސަކަށް، ބާވީސް ޕަސެންޓް މީހުން ގެދޮރުވެރިވެގެންދާނެ. މަދުވެގެން ފަސްދޮޅަސް ފަސްހާސް، ހަތްދިހަ ފަސްހާސް މީހުންނަށް ގެދޮރުވެރިކަން ލިބިގެންދާނެ. މިއީ، އަޅުގަނޑުމެންގެ އާބާދީގެ ގާތްގަނޑަކަށް ބާވީސް ޕަސެންޓް. އެހެންވީމާ، މިކަހަލަ އެތައް ހައުސިންގ ކޮމްޕްލެކްސްތަކެއް އެބަ ހަދަންޖެހޭ.
 
ސަރުކާރުން މި ހައުސިންގ ފްލެޓްތައް ދޫކުރާއިރު، ކުރާ އެއް އުންމީދަކީ މިހާރު މިހިސާބުގަނޑުގައި މި އަޅާ ރެންޓްތައް، ކޮންމެވެސްކަހަލަ ހަމަޖެހުމަކަށް އައުން. މިހާރު މިއޮތްވަރުން އިތުރު ސަޕްލައިއެއް މީގެތެރެއިން ނުނެރެވޭ ކަމަށްވަންޏާ، އަދިވެސް މިދަނީ ރިއަލް އެސްޓޭޓް އުޞޫލުން. އަމިއްލަ ވިޔަފާރިވެރިން، އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރިމަތިލައްވާނެ. ދިވެހި ސަރުކާރުން އަބަދުވެސް މަރްޙަބާކިޔާ ކަމެއް. އެކަމަކު އެ ކުންފުނިތަކުންވެސް އެކުރާ މަސައްކަތަކީ، ފައިދާއެއް ހޯދުމަށް ކުރާ މަސައްކަތް. އެހެންވީމާ، އެ އަގުތައް، އެ އަގުތައް ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެންނަށް އެފޯޑް ކުރެވޭވަރަށް، ނޫނިއްޔާ ރައްޔިތުންނަށް އެކަންކަން ކޮށްލެވޭވަރަށް ތިރިވެގެންދާނީ މިދެންނެވި ކަހަލަ އެތައް ސޯޝަލް ހައުސިންގ، ނޫނިއްޔާ މީހުންނަށް އަތްފޯރާ ހިސާބަށް ގެނެވޭވަރުގެ އަގުތަކެއް ދެއްކޭވަރުގެ މިކަހަލަ އެތައް އެޕާޓްމަންޓެއް އިތުރުވެގެން. މިކަން ފަހަރުގައި އެންމެ ފަނަރަހާސް ހައުސިންގ ޔުނިޓުން ނުވެދާނެ. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، މި ފަނަރަހާސް ޔުނިޓުން މީގެ ބޮޑުބައެއް ޙައްލުކޮށްދޭނެ. އަނެއްކާ މި ފަނަރަހާސް ޔުނިޓް ހެދެމުންދާއިރު، ގިނަބަޔަކު އުންމީދު ކުރާނެ، މިކަހަލަ ފަނަރަހާސް ޔުނިޓްގެ އިތުރު ރައުންޑެއް، އިތުރު ބުރެއް ފެށިގެން އަންނާނެ ކަމަށް. އެހެންވީމާ، ސަރުކާރުން  މި ހަދާ ބައެއް ތަންތަން، މި ފަނަރަހާސް ޔުނިޓްގެ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް ދެންމެ ޙަވާލުކުރެވުނު ދެ ކޮމްޕްލެކްސްގެ ވާހަކަ ދައްކާއިރު، އަޅުގަނޑު މިދަންނަވަނީ، މީގެތެރޭގައި މިހިރީ ހަމަ ވަގުތުން ފައިސާ ދައްކަންޖެހޭ ތަންތަން. އެ ދައްކާއިރު އަޅުގަނޑު ހަމަ މިތަންތަނަށް ކުރިމަތިލައްވާފައި ތިއްބެވި ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ އަމާޒަކަށްވާނީ އެފަރާތްތަކަށްވެސް މާބުރަނުވާގޮތަކަށް، އެހެންނަމަވެސް، ސަރުކާރުންވެސް މި ނަގާ ރިސްކް ހެޖްކުރެވޭނެ ކޮންމެވެސް ގޮތަކަށް، ސަރުކާރަށްވެސް އާމްދަނީ ފަސޭހައިން ލިބޭނެގޮތަކަށް ވެގެންދިޔުން. އޭރަށް އަޅުގަނޑުމެންނަށް އަނެއްކާވެސް އެ ލިބެނީ، އަނެއްކާ ބޭންކަށް ނުވަދެ، ސަރުކާރުގެ ބަޖެޓުން ތަޢުލީމީ ދާއިރާއަށް، ޞިއްޙީ ދާއިރާއަށް ޚަރަދު ކުރަން ހުރި ފައިސާ އިތުރަށް ހޭދަނުކޮށް އެ ލިބެނީ އަނެއްކާވެސް މިކަހަލަ ހައުސިންގ ފްލެޓްތަކެއް ހެދުމަށް އަޅުގަނޑުމެންވެސް ބޭނުންވާ ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ އެ ވަންނަނީ. އެހެންވީމާ، މިކަހަލަ އެތަކެއް މަޝްރޫޢުތަކެއް ދާން އެބަޖެހޭ. އެ ގޮސްގެން ނޫނިއްޔާ އަޅުގަނޑުމެންނަށް މިއަދު މިއޮތް ބޮޑު މައްސަލައަކަށް ޙައްލެއް ނާންނާނެ.
 
އެކަމަކު އުފަލާއެކީ ހަމަ ދަންނަވަން ބޭނުންވަނީ، އުފަލާއެކީ އަޅުގަނޑުމެން އެންމެން އިންތިޒާރު މިކުރަނީ، އިރާދަކުރެއްވިއްޔާ މި މައްސަލަތައް، ގެދޮރުވެރިކަން ނެތުން، މި މައްސަލަ ޙައްލުވެގެން، ހަމަޖެހިގެންދާނެ ކަމަށް. އަޅުގަނޑުމެން އުފާކުރަނީ، މިކަހަލަ ހައުސިންގ ފްލެޓްތަކެއް ނިމިގެންދާއިރު، މީގެ ޙަޤީޤީ މަންފާ ލިބިގެންދާ ގިނަ ބަޔަކީ ޒުވާނުން ކަމަށް ވެގެންދާނެތީ. މާލޭގެ ސަރަޙައްދުގައި މި ހައުސިންގ ޔުނިޓްތައް މި ހެދެނީ. އަޅުގަނޑު މީގެކުރީގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ދެންނެވިން. މާލޭގެ ސަރަޙައްދުގައި މިކަން ހަމަޖެހިގެން ދިޔުމަކީ ޙަޤީޤަތުގައި، މިއީ ދިވެހި ހުރިހާ ރައްޔިތުންގެ، ރާއްޖޭގެ އެކި ހިސާބުގައި، އިރާއި ހުޅަނގުގައި، އުތުރާއި ދެކުނުގައި ތިބި މިކަންކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހަމަ މި ފުރްޞަތު އޮންނާނެ.
 
މާލޭގެ އާބާދީއާ ދޭތެރޭގައި ވިސްނާލަމާތޯ؟ އަޅުގަނޑަށް ލިބިފައި ހުރި ތަފާސަށް ބަލާކަމަށްވަންޏާ، މިއަދު މާލޭގައި މި ދިރިއުޅޭ އާބާދީގައި، މާލޭ މީހުންނޭ މިބުނާ މާލޭގެ އާބާދީގައި މިއުޅެނީ ސައްތަޔަކުން ތިރީސް ހަތެއް. ސައްތަޔަކުން ފަސްދޮޅަސް ދޭއް، ނޫނީ ފަސްދޮޅަސް ތިނެއް މިއީ މިވަގުތު ރާއްޖޭގެ އެކި ހިސާބުން މާލެ ފަސޭހަވެގެން، އަދި މިއީ ރަނގަޅު ގޮތްކަމަށް ގަބޫލުކުރެވިގެން މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. އެހެންވީމާ، މިކަން އޮންނަންވާނީ މިގޮތަށް. އަޅުގަނޑުމެންގެ ސަރުކާރުގައި މިކަން އޮންނާނީ މިގޮތަށް. މި ސަރަޙައްދުގައި މި ހެދޭ ގެދޮރަކީ، ނޫނީ މި ސަރަޙައްދުގައި މި ހެދޭ އެޕާޓްމަންޓްތަކަކީ ހަމަ މިދެންނެވި ހުރިހާ ދިވެހި ރައްޔިތުންނަށް އެއަށް އެޕްލައި ކުރުމުގެ ފުރްޞަތު އޮތް ތަންތަން. އެހެންވީމާ، އަޅުގަނޑުމެން އިލްތިމާސް ކުރަން ބޭނުންވަނީ ޙަޤީޤަތުގައިވެސް ސަރުކާރަކުން ކުރާ މަސައްކަތުގައި، ފޯކަސްކޮށްގެން ކުރާއިރު، އަދި އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގައި ހޭދަ އެފިޝަންޓް ކުރަން، ނޫނިއްޔާ ހޭދަކުރާ ކުރުން މަދުކުރަން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން މީގެ އިޤްތިޞާދީ ފައިދާތަކެއް ހޯދަން ބޭނުންވެޔޭ. ރާއްޖޭގެ އެކި ހިސާބުގައި 500 މީހުން، 600 މީހުން، 700 މީހުން، އޭގެތެރޭގައި ޒުވާން އާބާދީއަކީ 300 މީހުން، 200 މީހުން އުޅޭއިރު، އެމީހުންނަށް ވަޒީފާގެ ފުރްޞަތާއި، އާމްދަނީ ލިބޭނެ ގޮތްތައް ފަސޭހަކަމާއެކީ ލިބެން މިއޮތީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މި ހިސާބުގަނޑުގައި. އެހެންވީމާ، އަޅުގަނޑުގެ މިރޭގެ އިލްތިމާސަކަށްވެސް ވާނީ މި ހެދޭ ފްލެޓްތަކަކީ އެކަހަލަ ހުރިހާ ފަރާތްތަކެއްގެ ޝައުޤުވެރިކަން ހުއްޓޭ، ނަޒަރު ހުއްޓޭ ފްލެޓްތަކަކަށް ވެގެން ދިޔުމަކީ، އަޅުގަނޑުގެ އެދުމެކޭ. އޭރަށް އެއްކަލަ މުސްކުޅި މަންމަޔާއި، މުސްކުޅި ބައްޕަޔަށްވެސް އުފަލެއް ގެނެސްދެވޭނީ މި ހިސާބުގަނޑުގައި. އެހެންވީމާ، މިއުފެދޭ ޒުވާނުންގެ ޝަހަރަކީ އަދި މާލޭ ސަރަޙައްދުގައި ބްރިޖް އަޅާ، މިކަންކަން މިކުރަނީ ދިވެހި ރައްޔިތުންނަށް. މިއީކީ ވަކި އެހެން ރައްޔިތަކަށް ކުރާ ކަމެއް ނޫން. މިއީކީ ވަކި ރަށެއްގެ ރައްޔިތަކަށް ކުރާ ކަމެއް ނޫން. މިއީ ދިވެހި ރައްޔިތުންނަށް ކުރާ ކަމެއް. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންވާނީ މިކަން އޮންނަންވާނީ މިގޮތަށް ކަމަށް. މިއީ މުޅި ދިވެހި ރައްޔިތުންނަށް ކުރެވޭ ކަމެއް. އެހެންވީމާ، އަޅުގަނޑު އުފާކުރަނީ ޙަޤީޤަތުގައިވެސް މި ހެދޭ ފަނަރަހާސް ހައުސިންގ ޔުނިޓް ނިމިގެން ދާންވާއިރަށް އަނެއްކާވެސް މިކަހަލަ އިތުރު ހައުސިންގ ޔުނިޓްތަކެއް ހެދިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް އިންތިޒާރު ކުރެވޭތީ. މިޔާއެކީ ފުރިހަމަވެގެންދާ ކަންތައްތަކުގެ ތެރޭގައި، މިތަންތަނަށް ފަސޭހަކަމާއެކީ ދިޔުމާއި އަދި މީހުންނަށް އާމްދަނީ ލިބޭނެ ފުރްޞަތުތައް ތަނަވަސްވެގެން ދިޔުމާއި، އަޅުގަނޑުމެން ދެކެން ބޭނުންވާ ކަހަލަ ހިތްފަސޭހަ، ހިތްގައިމު އަދި އަޅުގަނޑުމެން އުޅެން ފަސޭހަ ވެށްޓެއް އަޅުގަނޑުމެންގެ ތެރޭގައި ފެނިގެން ދިޔުން.
 
މާލޭގައި މިކުރެވޭ މަސައްކަތަކީ މިދެންނެވި ތުއްތު ކުދިންގެ ޙައްޤުގައި ކުރާ މަސައްކަތް. އަޅުގަނޑުމެންނަށް ނުކުމެ ނޭވާލާނެ ތަންކޮޅެއް ނެތުމަކީ، ޝައްކެއްވެސްނެތްގޮތުގައި އެއްވެސް ގޮތަކަށް ޞިއްޙީ ގޮތުންވެސް އަދި އެނޫން ގޮތްގޮތުންވެސް އެއީކީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން މަސައްކަތްތައް ކުރަން ފެށީމަ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މިކަންކަން ވާނެކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެންވެގެން އަޅުގަނޑު އަބަދުވެސް ދަންނަވަނީ، ހަމަ ދިރުމެއްވާކަމަށްވަންޏާ، އުންމީދެއް ވާނެޔޭ. އަޅުގަނޑުމެން މިހާރު މާލޭގެ އެކި ހިސާބު މި ހުސްކުރަނީ، ޒުވާން ކުދިން، ކުޑަކުދިން ނުކުމެ ހިތްފަސޭހަކަމާއެކީ އުޅޭނެ ތަންތަން ހެދުމަށް. ހަމަ އެތަންތަނުގައި އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ މަންމައިންވެސް ނުކުމެ ވަގުތު ހޭދަކުރައްވަން. އެހެންވީމާ، މާލެ ފްރީއަޕް ކުރުމުގެ ބޭނުމަކީ މިދެންނެވި ކަހަލަ ހަމަޖެހުން. އަދި ނަފްސާނީގޮތުން އެމީހުންނަށް ދުޅަހެޔޮކަމެއް ގެނެސްދިނުމަށްޓަކައި ކުރެވޭ ކަންކަން.
 
އަޅުގަނޑުމެންގެ ފަހަތުގައި މިއޮތް ސަލްޓަން ޕާކްގެ ސަރަޙައްދަކީ، އިރާދަކުރެއްވިއްޔާ މިގޮތަށް ހުޅުވިގެންދާނެ ސަރަޙައްދެއް. އަޅުގަނޑުމެން އުންމީދު މިކުރަނީ މިފަހަރުގެ ޖުލައި 26ގެ އުފާ އަޅުގަނޑުމެން ޙާޞިލުކުރާއިރު، މި އުފާ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށްވެސް ލިބޭވަރަށް އަޅުގަނޑުމެންނަށް މިކަން ކުރެވޭތޯ. އެއީ އަޅުގަނޑުމެން އުންމީދުކުރާގޮތް، އިންތިޒާރުކުރާގޮތް. ޒުވާނުންނާއި ކުޑަކުދިން ނުކުމެ ކުރާނެ ކަންތައްތަކެއް އެބަ ފެންނަންޖެހޭ. ޒުވާނުންނާއި ކުޑަކުދިންނަކީ އެއްގޮތަކަށްވެސް ޤާނޫނުން ހަނި ދާއިރާއަކުން ލިބޭ މަފްހޫމެއްގެ ދަށުން ކުށަށް އަރައިގަންނަން ނެރޭ ބަޔަކަށް ހަދައިގެނެއް ނުވާނެ. އެއީކީ އިޖުތިމާޢީ މައްސަލަތަކުގެ ޝިކާރަޔަކަށް ހަދަންޖެހޭ ބައެއް ނޫން. އެއީ އަޅުގަނޑުމެންގެ ލޯބިލޯބި ތުއްތުކުދިން، ޒުވާނުން. އެހެންވީމާ، އެމީހުންނަށް ފުރިހަމަ ޞިއްޙަތެއް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކޮށްދޭންވާނެ. ކިތަންމެ ރަނގަޅަކަށް ފޮތްތަކުން ކިޔަވައިދިނަސް، ބެލެންސް މީހަކަށް ނޫނީ ހޯލްސަމް މީހަކަށް ހެދޭނީ މިދެންނެވި ކަހަލަ އެތައް ކަންތައްތަކެއް ހަމަޖެހިގެން. އެކަންކަން ހަމަޖެއްސުމުގައި މައިންބަފައިންގެ ދައުރަށްވުރެ ބޮޑީ ދައުލަތުގެ ދައުރު. އެއީ ދައުލަތުން އެބަޖެހޭ މިދެންނެވި ގޮތަށް، މީހުން ނުކުމެ ހިތްފަސޭހަކަމާއެކީ، ހަމަޖެހުމާއެކީ، އަމާންކަމާއެކީ ހޭދަކުރާނެ ތަންތަން ހަދައިދޭން. އަޅުގަނޑުމެންގެ މާލެ ވެގެންނުވާނެ، 11ގެ ފަހުން ނުކުމެ އުޅޭއިރު، އަންހެން ބޭފުޅަކު ޕަރސް ހިއްޕަވައިގެން ވަޑައިގަންނަވާ ކަމަށްވަންޏާ، އެ ޕަރސްއަކީ ޖަހައިގަނެވޭ ގޮތަށް ކަންކަން ހަމަޖެހިފައި އޮންނަ ތަނަކަށް. އަޅުގަނޑުމެންގެ މަގުތަކަކީ އަމާން މަގުތަކަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންގެ މައިދާންތަކަކީވެސް އަމާން މައިދާންތަކަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ބޮޑީ މިކަންކަން. އަޅުގަނޑުމެންނަށް ޙަޤީޤަތުގައިވެސް ބޮޑީ މިކަންކަން.
 
 އަޅުގަނޑުމެން މިވާހަކަ ދައްކާއިރު، ދެ ދުވަހެއްގެ ފަހުން ނަމަވެސް އަލި މިވިލެނީ އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެން އެ ޖަމާޢަތެއްގައި ބައިވެރިވާ ޖަމާޢަތަކުން ކޮންމެވެސް ކަހަލަ ގޮތެއް އަޅުގަނޑުމެންނާ ދޭތެރޭގައި ނިންމަން އުޅޭ ނިންމުން. މިއީ ކޮންފަދަ ކަމެއްތޯ؟ ކީއްކުރަންތޯ؟ ކޮންމެ ބައެއްގެވެސް ދާޚިލީ ކަންކަމަކީ އެބަޔަކު އަމިއްލަޔަށް އެކަންކަމަށް ރިޢާޔަތްކޮށް، މުރާޖަޢާކޮށް ނިންމާ ކަންކަން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެން އުޅެނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ކަންކަން ހިނގާގޮތަށް އެކަންކަން ކުރަން. އަދި އެކަންކަމުން ލިބޭ ފައިދާއެއް އަޅުގަނޑުމެން ހޯދަން. އަޅުގަނޑުމެންނަށް ފަސޭހަވާނީ ބައިނަލްއަޤްވާމީ އެކި ތަންތަނުން، މިރޭ މިތަނުގައި ތުރުކީ ކުންފުނިތައް، ޗައިނާ ކުންފުނިތައް، ސިލޯނު ކުންފުނި، ނޫނީ އެހެންވެސް ކުންފުނިތަކުން މިގެންނަ ކަހަލަ އިންވެސްޓްމަންޓް، ނޫނީ އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންތައްތައް ޙައްލުކޮށްދޭން އަންނަ ބަޔަކު އައުމަށް އަޅުގަނޑުމެން މަރްޙަބާ ކިޔަނީ. އަޅުގަނޑުމެން މަރްޙަބާ ކިޔަނީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ދާޚިލީ މައްސަލަތައް އިތުރަށް ގޯސްކުރަން މަސައްކަތްކުރާ ބަޔަކަށެއް ނޫން. ދިވެހިންގެ މިހާރު އެވަރު ހަކަތަޔާއި، އެވަރު ވިސްނުމާއި އަދި އެވަރު ހަމަޖެހުން އެބަހުރި. އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށް ނިންމޭވަރުގެ ޤާބިލުކަން އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި ވަނީ. އަޅުގަނޑުމެންނަކީ ﷲގެ ދެވަނަ ދަރިންނެއް ނޫން. އަޅުގަނޑުމެންނަކީ އެހެން ޤައުމުތަކުގައިވެސް ތިބިފަދަ އިންސާނުން. އެހެންވީމާ، ދިވެހިރާއްޖޭގެ، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގެ ފުރިހަމަ ޤާބިލުކަން އެބައޮތް. އެކަންކަން ކުރުމުގެ ފުރިހަމަ އިޚްތިޞާޞް އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނެ.
 
އަޅުގަނޑުމެންނަށް މިއަދުވެސް ކަންބޮޑުވެގެން މިދަނީ، މިއަދުވެސް އަޅުގަނޑު ދުށިން، ސިލޯނަށް އަޅުގަނޑުމެންގެ ބައެއް ނޫސްވެރިން ކުރި ޒިޔާރަތެއް. ކޮބައިތޯ، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ވާހަކަ. ކޮން މިނިވަންކަމެއްތޯ މިތާ ނެތީ؟ ކޮން މިނިވަންކަމެއް ނެތިގެންތޯ މިއުޅެނީ؟ މި މިނިވަންކަމަކީ މީހުންގެ އަބުރު ނަގާލަން ކުރާ މަސައްކަތް ހުއްޓުވަން ކުރާ މަސައްކަތްތޯ؟ އެއީތޯ މިނިވަންކަން ނެތުމަކީ؟ ނޫހެއްގައި ޖަހާނެވަރަކަށް ދައުލަތުން ހިންގާ ކަމަކާ ބެހޭގޮތުން ވާހަކަ ޖަހަންވީ. ދައުލަތުގެ މުއައްސަސާގެ އަބުރެއް ނަގައެއްނުލެވޭނެ. އެހެންނަމަވެސް، ދައުލަތުން ހިނގާ ކަންކަމާ ބެހޭގޮތުން އަރިހުރަހަށް ޖަހާނެ އެއްޗެއް، ދިގުމިން އޭ ފޯރ ސައިޒްވިޔަސް، އޭ ތްރީ ސައިޒްވިޔަސް، ޖަހަން ކެރުނު ވަރަކަށް ޖަހަންވީ. އެއީ، އަޅުގަނޑުމެން މަރްޙަބާ ކިޔާނެ ކަންކަން. އެކަމަކު އެމީހެއްގެ ދިފާޢެއް ނެތް މަރްޙަލާއެއްގައި، އެމީހެއްގެ ވާހަކަ ދައްކައި، އެމީހެއްގެ އަބުރު ނަގާލާކަށް ޖާގައެއް ނުލިބޭނެ. އެއީކީ ވާނެ ކަމެއް ނޫން. އެކަންކަން ކުރުމުގައި، ދިވެހިރާއްޖޭގައި ވާހަކަ ދެއްކުމާއި، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމާއި، ނޫހުގެ މިނިވަންކަމެއް ނެތޭ ކިޔައިގެން ދަތުރުކުރާ، މިދޭ މެސެޖްތަކުގައި އެންމެ ބޮޑަށް ބަލައިގަންނަ، އަޅުގަނޑުމެން ދުށިން ބައެއް ސަފީރުންތައް. އެކަމަކު ދިވެހިރާއްޖޭގައި ހަމަޖެހުން އޮންނަންވާނެ. ދިވެހިރާއްޖޭގެ ހަމަޖެހުމަކީ ދިވެހިރާއްޖޭގެ ހޯމްގްރޯން ހަމަޖެހުމަކަށް ވާންޖެހޭނެ. ހޯމްގްރޯން ފޮރމިއުލަރއަކަށް ވާންޖެހޭނެ.
 
އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ދުނިޔޭގެ އެއްވަނަ، ދުނިޔޭގެ ޤައުމުތަކުގައި ތިންބާރު ވަކިވެފައި އޮތިއްޔާ، ހަމަ ތިންބާރު ވަކިކުރި ނިޒާމެއް ގެންނަން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ރައީސުންނާއި ވެރިކަން ކުރާ މީހުންނަކީ، ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ބައެއް ކަމަށްވަންޏާ، އެ އިންތިޚާބު ހަމަ އެގޮތަށް ބާއްވަން. އަދި އަޅުގަނޑުމެންގެ އިންތިޚާބުތަކުގައި ގޯހެއް ހިނގާތޯ ބެލުމަށްޓަކައި އޮބްޒަރވަރުން ވަޑައިގަންނަވަން، ބޭނުންވާ ތަނަކުން ވަޑައިގަންނަވަން މަރްޙަބާ ކިޔަން. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، ޢަދުލު އިންޞާފުގެ ދާއިރާގައި ހިނގާ ކަންތައްތަކާ ދޭތެރޭގައި ދައުލަތުން ނުބެހެން، ސަރުކާރުން ނުބެހެން. ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތައް ހިނގާ ކަމަށްވަންޏާ، ޤާނޫނުއަސާސީން މަތިކޮށްފައި މިއޮތީ އޭ.ސީ.ސީ. އަށް، އެ މައްސަލަތައް ބައްލަވަން. އަޅުގަނޑުމެންގެ ފޮތްތައް ހިސާބު ކުރައްވަން. އެހެންވީމާ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮތް ކަމެއް ދިވެހިރާއްޖޭގައި ނެތީ ކޮންކަމެއްތޯ؟ އަޅުގަނޑަކަށް ނުފެނޭ. ދެން އެކަންކަން ކުރުމުގައި، މައްސަލަ ރައްދުވާ، ނޫނިއްޔާ މައްސަލަ ނިމޭގޮތުން އުފާނުކުރާ މީހުން ތިބެދާނެ. އެއީ ﷲގެ ރަޙްމަތަށް ފުރަގަސްދޭ މީހުން ތިބޭނެ. ނިޢުމަތަށް ޝުކުރުވެރިނުވާ މީހުން ތިބޭނެ. އެމީހުންގެ ހިތްހަމަނުޖެހުމަކީ މަދު ބައެއް. އަޅުގަނޑަށް މިހާރު އެބަޖެހޭކަންނޭނގެ، ދެންމެ ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިގޮތުން، ރާއްޖެއިން ބޭރު ބައެއް ރަށްރަށުގައި މިފަދަ ފަރާތްތަކަށް ހައުސިންގ ފްލެޓްތައް އަޅައިދޭންވެސް. އެކަންވެސް އަޅުގަނޑު ކޮށްދޭން ތައްޔާރާ މިހިރީ.
 
އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަޖެހުމާއެކީ ދިވެހިންގެ ކަންކަން ނިންމުމަށް ދިވެހިންނަށް އެ ޤާބިލުކަން ދޭށޭ. އެ ފުރްޞަތު އެބަ ދޭންޖެހޭ. އަޅުގަނޑުމެން 50 އަހަރުގެ މިނިވަންކަމުގެ ސިޔާދަތުގެ ދަށުގައި ހޭދަ މިކުރީ މިދިޔަ އަހަރު، ހަމަ މިކުރީ. ކޮންފަދަ އުނދަގުލެއް ދިވެހި ތާރީޚުގައި އަޅުގަނޑުމެންގެ ކާބަފައިން އުފުލައިފިތޯ؟ މި ޚިޔާލަށް ގެންނާކަށް ބޭނުމެއްނުވެޔޭ. މިދެންނެވި ކަހަލަ މައްސަލަ އުފައްދާ ފަރާތްތަކުގެ މަންމައިންނާއި ބައްޕައިން ނެތީބާވައޭ އަޅުގަނޑު އެބަ ހިތަށްއަރާ. އެ ކާބަފައިން ކުރި ޖިހާދު އެމީހުންގެ ޚިޔާލަށް ނުގެނޭ. ހަމަގައިމު މި ވާހަކަ ލިޔެވިފައި ހުރި ފޮތްތައް މަދެއް ނޫން. ޞަފްޙާތަކުގައި ލިޔެފައި ހުރީ ކަޅާއި ހުދުން. އެހެރީ ފެންނަން. އިސްތިޢުމާރީ އެކި ބާރުތަކުންނާއި، އަވަށްޓެރި ޤައުމުތަކުގެ އެކިކަހަލަ ފަރާތްތަކުން އެހެރީ އަޅުގަނޑުމެންގެ ޙައްޤުތަކަށް އަރައިގެންފައި. ޞަފްޙާތައް ފުރެންދެން އެ ވާހަކަ ނޫންތޯ ލިޔެފައި އެއޮތީ. އެކަމަކު އަދިވެސް މިއުޅެނީ އެވަރުން ނުފުދިގެން. އެހެންވީމާ، ކޮންއިރަކުންތޯ ފިލާވަޅު ނަގާނީ؟
 
މިއީ އަޅުގަނޑުމެން މި ދެންނެވި ކަހަލަ އުފާވެރިކަމާއެކީ، އިޙްސާސްތަކާއި ޝުޢޫރުތައް ފާޅުކުރާއިރުވެސް، އަޅުގަނޑުމެންގެ ޚިޔާލަށް އަބަދުވެސް ގެންނަންޖެހެނީ، އަޅުގަނޑުމެން އަބަދު ދަތުރުކުރަންޖެހެނީ، ދަމައިގެންފައި ހުރި ކަނޑިއެއްގެ މިޔަމަތީގައި ހެއްޔޭ؟ މިއީކީ ހަމަޖެހުމެއް ނޫން. ދިވެހިރާއްޖޭގައި ހަމަޖެހުން އޮތީ ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތުން އެދޭގޮތަށް ކަންކަން ނިންމުމަށް. މިއީ ޑިމޮކްރަސީގެ އުޞޫލަކީ. މިނޫން ގޮތަކަށް ވަކި ތަނެއްގައި ވަކިގޮތަކަށް ކަންކަން އޮންނަންވާތީ، ވަކި ތަނެއްގައި، ވަކި ޤާނޫނުގައި ވަކި އުޞޫލެއް އޮންނަންވާތީ، އެ ނަކަލުކޮށްފައި، އަޅުގަނޑުމެންގެ ބްލޫ ޕްރިންޓްގައި ލިޔުމަކީ އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ކޮށްދިނުން. އަޅުގަނޑުގެ ސަރުކާރުގައި ފެންނާނީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ގެދޮރާއި ޢިމާރާތްތައް އެޅެމުންދާތަން. އުސްވަމުންދާ ތަން. އަޅުގަނޑުގެ ސަރުކާރުގައި ނުފެންނާނީ، ބަޔަކު ނެރެ މިތަން ތަޅައި ތިރިކޮށް، އަނދާ އަޅިޔަށް ހަދާތަން އަޅުގަނޑުގެ ސަރުކާރުގައި ނުފެންނާނެ. އަޅުގަނޑުމެންގެ ސަރުކާރުން މިކުރަނީ ބިނާކުރަން ކުރާ މަސައްކަތް. ފަނާކުރުމުގެ މައްޗަށް ﷲ ނަޞްރު ދެއްވާނީ ބިނާކުރުމަށް.
 
 އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ތައުފީޤު މިންވަރު ކުރައްވާށި! އަބަދުވެސް އަޅުގަނޑު އެދެނީ ދިވެހިންނަށް އުފާވެރިކަން، ހަމަޖެހުން. އަދި މުޅި ދިވެހިރާއްޖޭގެ ހަމަޖެހުމަކީ އަޅުގަނޑުމެން އެންމެންގެ ހަމަޖެހުން ކަމުގައި ގަބޫލުކުރަނީ. މި ހަމަޖެހުމުގެ ތެރެއިން އަޅުގަނޑުމެން އިސްލާމްދީނުގައި ތިބެގެން ﷲގެ ޙަޟުރަތަށް ދާއިރު، އަޅުގަނޑުމެންނަށް މަޣުފިރަތްވެސް ލިބޭނީ މި ހަމަޖެހުންމަތީ ތިބެގެން. އަޅުގަނޑުމެންނަކީ އަބަދު ނިޢުމަތަށް ފުރަގަސްދީ، ޝުކުރުވެރިނުވާ ބަޔަކަށް ވާކަމަށްވަންޏާ، އަދި ފަހުން އޮތް ދުވަހެއް އޮތްކަން އަޅުގަނޑުމެންގެ ޚިޔާލަކު ނުހުންނާނެ. އެހެންވީމާ، މިވާހަކަތައް ދައްކަވާއިރު، ދީނީ ޢިލްމުވެރިންވެސް އެބަޖެހޭ، ދުނިޔޭގެ މީހުންގެ ޙަޔާތުގައި، ޙަޔާތުގައި ދިރިއުޅޭއިރު މި ނުކުންނަ މައްސަލަތަކާއެކީ، މިހާރު މި ހިނގާ މައްސަލަތަކުގެ ތެރެއިން އާޚިރަތުގެ މަޣުފިރަތް ހޯދަން، މިކަންކަން ކުރުމުގައި އެބަޖެހޭކަންނޭނގެ ފިލާވަޅުތަކެއް ނަންގަވައިދެއްވަން.
 
މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް، ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް ހަމަޖެހުން އަދި މި ހަމަޖެހުމުގެ ތެރެއިން ހިނިތުންވުން ގެނެސްދޭން މަންމައިންނަށާއި ބައްޕައިންނަށް. އަދި މުޖުތަމަޢުގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަސައްކަތްކުރާ ހުރިހާ މަސްއޫލު މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް މި ހަމަޖެހުން ﷲ މިންވަރު ކުރައްވާށި!
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.