ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިންގ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ 15,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމިގެންދާއިރު އާބާދީގެ ފަސް ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ޢަދަދެއްގެ ރައްޔިތުން ގެދޮރުވެރި ކުރެވިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ގެދޮރުވެރިކުރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މިރެޔަކީ އިޖްތިމާޢީ ގިނަ މައްސަލަތަކަކަށް ޙައްލުތަކެއް އަތުވެދާނެ ކަމުގެ އުންމީދީ ސިގްނަލްތަކެއް ލިއްބައިދޭ ފަދަ އުފާވެރި ޚަބަރުތަކެއް ލިބިގެންދާނެ ރެއެކެއެވެ. އަދި ގެދޮރުވެރިކުރުވުމުގެ މި މަޝްރޫޢުއަކީ ޙާއްޞަކޮށް ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ޒުވާނުންނާއި އަދި ޒަވާޖީ ޙަޔާތެއް ފެށުމަށް ތައްޔާރުވަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން، އެހެން ޢުމުރުފުރައިގެ، އެހެން ގިންތިތަކުގެ މީހުން މަޙްރޫމްނުވާނޭ ފަދަ ގޮތަކަށް ރޭވިގެން ހިންގާ ބޯހިޔާވަހިކުރުވުމުގެ މަޝްރޫޢެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި 15,000 ހައުސިންގ ޔުނިޓް ނިމުމުގެ ކުރިން މި މަޝްރޫޢުގެ އެހެން ބުރެއް ފެށިގެންދާނެއެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި މާލެ ސަރަޙައްދުގައި މި ޢިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގެވެސް ދާޚިލީ ކަންކަމަކީ އެޤައުމަކުން އަމިއްލަޔަށް ރިޢާއަތްކޮށް މުރާޖަޢާކޮށް ނިންމަންޖެހޭ ކަންކަންކަމަށާއި، ބޭރުގެ ނުފޫޒު އޮތުމަކީ އެކަމަށް ރާއްޖެއިން މަރުޚަބާ ކިޔާކަމެއްނޫންކަމުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އެޗް.ޑީ.އެފް.ސީގެ އާ ލޯން ސްކީމް އިފްތިތާޙުކޮށްދެއްވާ، އިސްލާމިކް ފެސިލިޓީސްގެ ލޯން ލިބުނު ފަރާތްތަކާއިއެކު ހަނދާނީ ފޮޓޯފުޅެއް ނެންގެވިއެވެ.
މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ބްރޮޓައިން ބެނަރޖީ، ޢަރަބިއްޔާ އަދި ގާކޮށީގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތައް ސަރުކާރާ ހަވާލުކޮށްދެވިއެވެ. ސަރުކާރުގެ ފަރާތުން މި ފްލެޓްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިންގ މަޝްރޫޢުގެ ދަށުން އިފްތިތާޙްކުރެވޭ ފްލެޓްތަކުގެ 6 އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހިމްއާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.