بســم اللّـه الرّحمـن الرّحيــم
      
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަމުން.
 
ދެއްވަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއި އަޅުގަނޑާއެކީ މި ދަތުރުކުރައްވާ ބޭފުޅުން މިރަށަށް ބަނދަރުކުރި ވަގުތު، ތިޔަބޭފުޅުން މިހާ އުނދަގޫ ގަޑިއެއްގައިވެސް އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު މި ދަންނަވަނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތްކަން އަޅުގަނޑުމެންނަށް ތަމްސީލުކޮށްދެއްވީމަ.
 
ދެއްވަދުއަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް މި އުފާ ލިބެނީ އެއްކަމަކަށްވުރެ ގިނަ ކަންތައްތައް މިއަދު މިރަށުގައި ރައްޔިތުންގެ އުފާވެރިކަމުގައި ޙިއްޞާވުމަށް އަޅުގަނޑަށް ލިބުނު ފުރްޞަތު އޮތީމަ. އާދެ، މިރަށަށް އެންމެ ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، މިރަށުގެ ބަނދަރުގެ ޙާލަތު އޮތްގޮތުގެ ވާހަކަ، ކައުންސިލްގެ ރައީސް މުޙަންމައިދީ ދެންމެ އަޅުގަނޑުމެންނަށް އެ ކިޔައިދެއްވީ. އިރާދަކުރެއްވިއްޔާ، އެ ބަނދަރަކީ މިހާރު ދެއްވަދޫގެ ރައްޔިތުންނަށް އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ބޭނުން ހިފޭ ރަނގަޅު ބަނދަރަކަށް ބަދަލުވެގެން މިދިޔައީ.
 
ދެއްވަދޫގެ ރައްޔިތުންގެ މި އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އަޅުގަނޑަށް ލިބޭ އުފަލެއް. ހަމައެހެންމެ، މަސްވެރި ރަށަކަށް، އަދި ކައިރިން މަސްވެރި ދޯނިތައް އަންނައިރު، މަސްވެރިންނަށް އައިސް ލިބުމަކީ ހަމަ ޝައްކެއްވެސްނެތްގޮތުގައި ހަމަ ބޭނުންތެރި ޟަރޫރީ ބޭނުންތެރިކަމެއް. އެކަންވެސް އިރާދަކުރެއްވިއްޔާ ދެއްވަދޫގައި ފުރިހަމަވެގެން މިދިޔައީ. އެކަމަށްޓަކައި މިފްކޯގެ އެމް.ޑީ.އަށާއި، މިފްކޯގެ ޗެއަރމަނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ބަނދަރުގެ މަސައްކަތްވެސް މިހާ އަވަސްކަމާއެކީ އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މިކަން ކޮށްދެއްވީތީ، ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒަށާއި، އެމް.ޓީ.ސީ.ސީ.ގެ އެމް.ޑީ ޢަބްދުއްރައްޒާޤު ޙަލީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
ރާއްޖެތެރޭގެ ތަރައްޤީގެ އެންމެ ގާތް ރަޙްމަތްތެރިންގެ ގޮތުގައި، ޑޮކްޓަރ މުޢިއްޒާއި، ޢަބްދުއްރައްޒާޤާއި އަދި މިނިސްޓަރ ޠާރިޤު ހިމެނިވަޑައިގަންނަވާ. ޙާލަތު ނިޔާކުރާގޮތުން ރާއްޖެތެރެއަށް ބޭނުންވެފައި ހުރި އެންމެ ބޮޑެތި މަސައްކަތްތައް މިހިރީ މިބޭފުޅުންގެ މަސްއޫލިއްޔަތުގެ ޒިންމާގެ ތެރޭގައި ތަރުތީބު ކުރެވިފައި. އެހެންވީމާ، އެކަންކަން އެބޭފުޅުން ކުރައްވަނީ، ވަރަށް މުރާލިކަމާއި ހީވާގިކަމާއެކީ. ހަމައެކަނި ޓީ.ވީތަކުން ދައްކަވާ ވާހަކަ ދައްކަވާފައި، މިވެނި ކަމެއް ކުރި ވާހަކައެއް ނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މި އުފަލުގައި ބައިވެރިވުމަށްޓަކައި މި ރަށްރަށަށް މި ޒިޔާރަތް ކުރަނީ.
 
ހަމައެޔާއެކީ މިއަދު މި ރަށުގައި މި ބިނާވެގެންދަނީ، ނޫނިއްޔާ އިރާދަކުރެއްވިއްޔާ އާރާސްތުވަމުން މިދަނީ އެންމެ މާތް، އެންމެ މުޤައްދަސް ޢިމާރާތް. ﷲގެ ގެކޮޅެއް. ހަމަ ދެއްވަދޫގެ ރައްޔިތުންނަށް، މި މިސްކިތުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕެވޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހެޔޮ އުންމީދުތައް އޮތީމަ، އެކަމަށްވެސް ތިޔަ އެންމެ ބޭފުޅުންނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެއްވަދޫގެ ރައްޔިތުންނަށް މިއަދު އިޙްސާސް ކުރެއްވޭނެއޭ ދެއްވަދުއަކީ އެކަހެރިކޮށް އޮތް ރަށެއް ނޫންކަން. ދެއްވަދުއަކީ އަދި ކުޑަކުޑަ ރަށެއްވެސް ނޫންކަން. އެހެންވީމާ، އަމިއްލައަށް ނިކަމެތިވުމާއި އެކަހެރިވުމާ، މިކަންކަން ހިތްޕުޅުން ދޫކޮށްލައްވާށޭ. އަޅުގަނޑުމެންނަށް ﷲ ރިޒުޤު ތަނަވަސްކޮށްދެއްވަނީ. ނިޢުމަތްތައް ތަނަވަސްކޮށްދެއްވަނީ. އަޅުގަނޑުމެންނަށް އޮތް ވާޖިބަކީ، ދީނީ ވާޖިބަކީ، އަދި ދުނިޔަވީ ވާޖިބަކީ ނިޢުމަތްތަކަށް ޝުކުރުކުރުން. ނިޢުމަތްތަކަށް ޝުކުރު ކުރުމަކީ، އެކަންކަން ހެޔޮގޮތުގައި ބަލައިގަތުން. އަދި ރަށްރަށަށް ބޭނުންވާ އެފަދަ ތަރައްޤީ، ނޫނީ ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަމަށް ހުރަސްނާޅައި، އެކަންކަން ކޮށްދޭ ބަޔަކަށް މަގުފަހިކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ދީނީ ސުންނަތަކީ. އަޅުގަނޑުމެންނަކީ އިސްލާމުން ކަމަށްވާއިރު، މި ލިބޭ ނިޢުމަތްތަކަށް ﷲ އަށް ޙަމްދުކުރަންވާނެ. އެޔާއެކީ މި ނިޢުމަތްތައް ތަނަވަސްކުރަން މަސައްކަތްކޮށްދޭ މީހުންނަށް، އެކަންކަން ވިޔަދޭންވާނެ.
 
މިރަށުގައި މިސްކިތެއް ހެދުނީމަ ހަމަގައިމުވެސް އެކަމުގެ ފަސޭހަކަން ލިބިގެންދާނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަކަށް ނޫން. މިރަށުގައި މި ބަނދަރު ހެދިގެން ދިޔައިމަ، ކުރީގެ ބަނދަރު އޮތް ޙާލަތު ވިދާޅުވެދެއްވި. ބަނދަރު މިގޮތަށް ބޮޑުވެގެން ދިޔައިމަ، އަދި ބަނދަރު ފުންކުރެވިގެން ދިޔައިމަ، ފަސޭހަވާނީ ހަމަ މިރަށުގެ މަސްވެރިންނަށް ދޮއެއްތޯ. އެހެންވީމާ، މިކަމަށްޓަކައި ކީއްކުރަންތޯ އިދިކޮޅު ހަދަންވީ؟ ބޭނުމެއް އޮތް ކަމެއް ނޫން ދޮއެއްތޯ.
 
އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުމެން މިތާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަކީވެސް ވަރަށްގިނަ ސިޔާސީ މަސައްކަތްތައް ކުރި ބައެއް. ދެއްވަދޫގެ ރައްޔިތުންނަކީވެސް ޝައްކެއްވެސްނެތްގޮތުގައި، ސިޔާސީ ކަންކަމުގައި ޙަރަކާތްތެރި، ހޭލުންތެރި ބޭފުޅުންކޮޅެއް. ރައީސް މައުމޫންގެ ޒަޢާމަތުގައި އެންމެފަހު 5 އަހަރު ނިމިގެން އެދިޔައީ، ތަރައްޤީގެ ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނަށް ހުރަސްތަކެއް އެޅިގެންދިޔަ، އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ 5 އަހަރެއްގެ ގޮތުގައި. މުޅިންވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހުނީ، އޭރު ހިނގަމުންދިޔަ ސިޔާސީ އޮއިވަރާ ދެކޮޅަށް، ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކެއް. ޢުމްރާނީ ތަރައްޤީ، މުޅި ރާއްޖެތެރެއިންވެސް ފޮހެވިގެންދިޔައީ. އެކަންކަން ކުރާކަށް އަޅުގަނޑުމެންގެ ވަގުތެއް ނުލިބޭ. އަޅުގަނޑުމެން އަބަދުވެސް މަޝްޣޫލުވެ އުޅެންޖެހެނީ ދިވެހިރާއްޖޭގައި ކޮންމެވެސް ޙައްޤެއް ގެއްލިގެން، ކޮންމެވެސް ފަރަންޖީއަކު ކޮންމެވެސް ވާހަކައެއް ދައްކައިގެން އެއަށް ޖަވާބުދާރީވުމުގައި. އަބަދުވެސް އެކަހަލަ ޙަރަކާތްތަކެއްގެ ތެރޭގައި ގެއްލިގެން އެދިޔައީ ހަމަ ބިނާކުރަނިވި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެވޭނެ 5 އަހަރު. ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ކަންތައްތަކެއް ވާކަމަށް ތިޔަބޭފުޅުން ވާހަކަފުޅު ދައްކަވައި ފާހަގަކުރައްވާ ކަމަށްވަންޏާ، އުފެއްދުންތެރި ގޮތެއްގައި 5 އަހަރު ބޭނުންކުރެވުނުނަމަ، މިހިސާބު ތަރައްޤީވެފައި ހުންނާނެވަރު ޚިޔާލަށް ގެންނަވާ. މިއީ ހަމަ ޝައްކެއްވެސްނެތްގޮތުގައި، ފުރްޞަތުގެ ގޮތުން ހިންގުނު ބޮޑު ޖަރީމާއެއް. ގެއްލިގެންދިޔަ ވަރުގަދަ ފުރްޞަތެއް.
 
އެޔާއެކީ ދެން އަޅުގަނޑުމެންނަށް މިދިޔައީ ހަލަބޮލިވެގެންދިޔަ ދުވަސްތަކެއް. ހަލަބޮލިވެގެންދިޔަ ދުވަސްތަކެއްގެ ތެރޭގައި، ތަފާތު ވެރިކަމަކާއެކީ، ތަފާތު ފިކުރަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރިން، ރާއްޖެއަށް ތަރައްޤީ އެކިހިސާބަށް ގެނެވޭތޯ. އަދި އެޔާއެކީ ދައުލަތް ބަދަލުވެގެންދިޔައިރު، ދައުލަތް ބަދަލުވެގެންދިޔައީ ކިހިނެއްތޯ. މާ ދުރު ކަރަކަރައިގައި ތިބި މީހުންނަށް މާ މުހިންމުވެއްޖެ ދިވެހި ރައްޔިތުންނަށްވުރެ. އެކަންކަމުގެ ތެރޭގައި އަޅުގަނޑުމެން ތަޙައްމަލްކޮށް، އިތުރު 5 އަހަރު ނަގާލައިފީމު. މި ގެއްލުނު 10 އަހަރަކީ، ރާއްޖޭގެ ތަރައްޤީން ގެއްލުނު 10 އަހަރު.
 
މިތާ ތިއްބެވި ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މިހާރު މިކުރާ މަސައްކަތް މިކުރާ ދުވެލީގައި، އެ 10 އަހަރު އަޅުގަނޑުމެންނަށް ﷲގެ މިންވަރުފުޅާއެކީ ލިބުނުނަމަ، ހަމަ މި ރަށަށް ތިޔަ އެދިވަޑައިގެންނެވި ކަންތައްތަކެއްގެ ވާހަކައެއް މިއަދަކު ނުދެއްކެވީސް. އެކަންތައްތައް ހުންނާނީ ފުދިފައި ދޮއެއްތޯ. އެކަންކަން ހުންނަންވާނީ ފުދިފައި. އެހެންވީމާ، އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔަ 10 އަހަރަކީވެސް ހަމަ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށްގެން، އެހެންނަމަވެސް، ކުރެވުނު ކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަންޖެހޭ ޢުމްރާނީ ތަރައްޤީއާއި، މިހެން ލިބެންޖެހޭ ވަސީލަތްތަކުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި، އެކި ކަންކޮޅުތަކުގައި ތިބި ދިވެހިން މަޙްރޫމްވެގެންދިޔުން. މިއަދު ޕޯޑިއަމެއްގެ ކުރިމަތީގައި، ނޫނީ ޓީ.ވީ ސްޓޭޝަނެއްގައި ވާހަކަ ދައްކަމުން، މި ގެއްލުނު 10 އަހަރުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ، ނޫނީ ޒިންމާ އުފުލާނީ ކޮންބައެއްތޯ އަޅުގަނޑުމެން ހަމަ ހިތާހިތާ ސުވާލުކޮށްލަން އެބަޖެހޭ. ޝައްކެއްވެސްނެތްގޮތުގައި، ދައުލަތެއްގެ ޅަފަތުގައި ތަރައްޤީގެ މަޝްރޫޢުތަކަކާއިގެން މަޝްޣޫލުވެގެން އުޅޭ ބައެއްގެ ތާވަލުން 10 އަހަރު ގެއްލުމަކީ ކުޑަކަމެއް ނޫން. 10 އަހަރުގެ މުއްދަތެއްގެ ތެރޭގައި، ކުންފުންޏަކަށް ބަލައިލައިފި ކަމަށްވަންޏާ، ކުރިބޯށްޓާ ހަމަޔަށް ކުންފުންޏަކަށް ދެވޭނެ.
 
އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވަން ހިންގަވާ. ރާއްޖެތެރޭގެ އެންމެ އެކުވެރި ކުންފުންޏެއްގެ ގޮތުގައި މި ފެނިގެން މިދަނީ މިހާރު އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ އަކީ ވަރަށް އާދައިގެ ގޮތަކަށް ހިނގަމުން އައި ކުންފުންޏެއް. ވަރަށް ދެރަވަރުކޮށް އޮތް ކުންފުންޏެއް. އެހެންނަމަވެސް، އެމް.ޓީ.ސީ.ސީ.ގެ ހިންގުމުގެ ދާއިރާއަށް މިއައި ބަދަލުތަކާއި އަދި ސަރުކާރު ހިންގަން ތިބި ބަޔަކު ރާއްޖޭގެ ކުންފުނިތަކަށް، ސަރުކާރުގެ ކުންފުނިތަކަށް ކުރާ އިތުބާރަކާއެކީ، އެމް.ޓީ.ސީ.ސީ އަށް މަގުތައް ތަނަވަސްވެގެން އެދިޔައީ. ދާއިރު އެ ކުންފުނީގެ ޙަޔާތުގައި މިހޭދަކުރި ދެއަހަރުގެ ތެރޭގައި، އެ ކުންފުނީގެ އަހަރީ ރިޕޯޓްގައި އެތައް މިލިއަން ރުފިޔާއެއް ފައިދާގެ ގޮތުގައި އެބަ ދައްކާ. އަދި ރާއްޖޭގެ އެކިހިސާބުތަކަށް، މީގެކުރިން ނުދެވޭ ހިސާބުތަކުގައި ކޮށްނޫޅޭ ކަންތައްތައް އެމް.ޓީ.ސީ.ސީ އެ ގެންދަނީ ހަމަ އަވަދިނެތި، އެއްވެސްކަހަލަ ވަރުބަލިކަމެއްނެތި، ރަޙްމަތްތެރިންގެ ގޮތުގައި ރާއްޖެތެރޭގައި ހިތްތައް ފަތަޙަކުރަމުން އެގެންދަނީ. އެހެންވީމާ، ކުންފުންޏެއްގެ ޙަޔާތުން 10 އަހަރު ގެއްލިގެންދާއިރު، ވިސްނާވަޑައިގަންނަވާ، އެކަހަލަ އެތައް ކުންފުނިތަކެއްގެ މައްޗަށް ހިމެނޭ ދައުލަތެއް ދިވެހި ދައުލަތަކީ.
 
ރާއްޖޭގެ އާބާދީއަކީ ޒުވާން އާބާދީއެއް. މި 10 އަހަރުގެ ގެއްލުނު ފުރްޞަތު ހިތްޕުޅަށް ގެންނަވާ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ރާއްޖޭގެ ބިމުގެ މުއްސަނދިކަމަކީ އޭގެ އެންމެ ހެޔޮގޮތުގައި އަޅުގަނޑުމެން އޭގެ ބޭނުން ހިފަންޖެހޭ ކަމެއް. ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ޚިޔާލުގައި މިހާރު މިއޮތީ، މިހާރު މި ކޮންނަ ކޮނުމަށްވުރެ ބާރު ސްޕީޑްގައި އަދި ފުން ތަންތަނުން ވެލި ހޯދައިގެން މަސައްކަތް ކުރެވޭވަރުގެ ހޮޕަރ ޑްރެޖަރެއް، ކަޓިންގ ޑްރެޖަރެއް ހޯދުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު، ނޫނިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅުގައި މި ޑްރެޖަރު ލިބޭނެ. ލިބިގެން ދިޔައިމަ މިކަހަލަ މަސައްކަތްތައް ކުރުމަކީ ހަމަ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ މަސައްކަތް މިއީ. މިއީ ކުންފުންޏެއްގެ ޙަޔާތުގައި ދެ އަހަރު ދުވަހުގެ ތެރޭގައި އަންނަ ބަދަލު. ކުންފުންޏަކަށް ދައުލަތް ހިންގަން ތިބޭ ބަޔަކު އިތުބާރުކޮށްގެން، ވަސީލަތް ތަނަވަސްކޮށްދީގެން، ކުންފުނީގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައިމަ، ކުންފުންޏަކުން މި ހިސާބަށް ދެވޭ ކަމަށްވަންޏާ، ޚިޔާލަށް ގެންނަވާށޭ، ދިވެހި ޒުވާނުންނަށް، ހޭލުންތެރި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކުރިމަތިކުރާ ސުވާލަކީ، ޤައުމެއްގެ ޙަޔާތުން 10 އަހަރު ގެއްލިގެންދިޔައިރު، އަދި އެންމެ ބޮޑަށް ތަރައްޤީއަށާއި، ޢުމްރާނީ ބޭނުންތަކަށާއި، ރައްޔިތުންގެ އަސާސަށް ބޭނުންވާ ކަންތައްތައް ފުއްދަން ތިބި ބައެއްގެ އަތުން 10 އަހަރު ގެއްލިގެންދާއިރު، މިއީ ކިހާވަރެއްގެ ބޮޑު ގެއްލުމެއްތޯއޭ؟ ހިތްޕުޅަށް ގެންނެވޭތޯ؟ މިއީ ޢަދަދުކޮށް ތަރުތީބުކުރާ ކަމަށްވަންޏާ، ބިލިއަނުން، ބިލިއަނުން ގުނަންޖެހޭ ބޮޑު ގެއްލުމެއް. އެހެންވީމާ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމަކުންނެއް ނޫން ދައުލަތުން ފައިސާ ގެއްލެނީކީއެއް. ހިފަން އޮންނަ ފުރްޞަތެއްގެ ބޭނުން ނުހިފައި ދޫކޮށްލުމުން، އެއީ ދައުލަތަށް ލިބޭ އެންމެބޮޑު ގެއްލުމަކީ. މި ފުރްޞަތުތަކުގެ ބޭނުން ހިފުނުނަމަ، މިއަދު ދިވެހި ދައުލަތް އޮންނާނީ މި ހިސާބަކު ނޫން. ދިވެހިރާއްޖޭގެ ޒުވާން އާބާދީ އާމްދަނީ ހޯދާނެ އެތަކެއް ވަސީލަތްތައް އަޅުގަނޑުމެންގެ ކުރިމަތީގައި ހުންނާނެ. އެތަކެއް ބަޔަކު ތިބޭނެ މި މަސައްކަތްތައް ކުރަން.
 
ދެއްވަދޫން އެދިވަޑައިގަންނަވާ ކަންތައްތައް އަޅުގަނޑު އަޑުއަހައިފީމު. އަދި އެޔާއެކީވެސް އަޅުގަނޑުމެންގެ ސަރުކާރުގެ ފެނާއި ނަރުދަމާއާއި އަދި އެންވަޔަރަންމަންޓާ، މިކަހަލަ މަސައްކަތްތައް ބަލަހައްޓަވާ މިނިސްޓަރ ޠާރިޤު އިބްރާހީމް މި ވިދާޅުވަނީ، އަޅުގަނޑުމެންގެ 5 އަހަރު ނިންމާފައި، ރައްޔިތުންނާ ވަކިވެގެންދާނީ ނޫނީ ރައްޔިތުން ގޮތެއް ނިންމެވުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމާފައި، އަޅުގަނޑުމެން ގެޔަށްދާނީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އާބާދީގެ ބޮޑު ޢަދަދެއް ވިދާޅުވި. އެ ޢަދަދަށް ބޭނުންވާ ފެނާއި ނަރުދަމާ ތަނަވަސްކޮށްދެއްވާފައޭ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 50 ރަށަށްވުރެ މަދުނޫން ޢަދަދަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދެއްވާފައޭ. ކުރިއާއި މިހާރާ އަޅައިކިޔައިލައްވާ. ކުރިއާ މިހާރާ އަޅައިކިޔައިލައްވާ ކަމަށްވަންޏާ، ހަމަ ދެއްވަދޫގެ ރައްޔިތުން ފެނާއި ނަރުދަމާއަށް އެދިވަޑައިގެން ތިއްބެވި މިންވަރުން އަޅުގަނޑު ހަމަ މި މިސާލު ތިޔަބޭފުޅުންނާ ހަމަޔަށް މި ތިލަކުރެވޭތޯ ބަލަނީ. އެހެންވީމާ، މިކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިޢުމަތްތަކަށް ޝުކުރުވެރިވެގެން، އަޅުގަނޑުމެން މިކުރާ މަސައްކަތް ހެޔޮގޮތުގައި ކުރާކަމަށްވަންޏާ، އަދި ސަރުކާރަށް އިތުބާރުކޮށްގެން، ސިޔާސީ ކަންކަމުގައި މިދެންނެވި ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ހުރަސްނާޅައި، އެއްބާރުލައިގެން ކަންތައް ކުރާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ކުރިއަށްދާން ބޭނުން ހިސާބަކަށް ﷲގެ ރިޒުޤު ތަނަވަސްވެގެންވޭ. ﷲގެ ރަޙްމަތް އަޅުގަނޑުމެންނަށް ތަނަވަސްވެގެންވޭ. އެހެންވީމާ، އެކަންކަން ކުރަން އަޅުގަނޑުމެންނަށް ނުކެރިގެން މިއުޅެނީ ކީއްވެގެންތޯ؟ އެކަންކަމާ ދޭތެރޭގައި ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވާ. އެހެންވީމާ ދަންނަވާލަން، ހަމަ ކުންފުންޏެއްގެ ޙަޔާތުން ގެއްލޭ 10 އަހަރު، ދެ އަހަރުގެ ތަރައްޤީގެ ތެރޭގައި އަންނަ ކުރިއެރުމާ އަޅައިކިޔައިލައިފި ކަމަށްވަންޏާ، މުޅި ދައުލަތެއްގެ ޙަޔާތުން ޒުވާން އާބާދީއާއި ޒުވާން ފިކުރާއި ބިނާކުރަނިވި ކަންތައްތައް ކުރެވޭނެގޮތުގެ ވިސްނުމާއި އަދި ތަނަވަސްކަމާއި ވަސީލަތް ހޯދޭނެ ގޮތްތައް ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް ތަނަވަސްވެފައިވާ ދުވަސްވަރެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ 10 އަހަރުގެ ތަރައްޤީ.
 
 10 އަހަރުގެ ތަރައްޤީއަކީ އާމްދަނީ ބޮލަކަށްޖެހޭ މިންވަރު އަހަރަކު ގާތްގަނޑަކަށް ހަތަރުހާސް ނޫނީ ފަސްހާސް ޑޮލަރާ ކައިރިކުރާ ކަމަށްވަންޏާ، ހެޔޮގޮތުގައި މި 10 އަހަރު ބޭނުންކުރެވުނުނަމަ، އަޅުގަނޑުމެންގެ އާމްދަނީ ފަނަރަހާސް ޑޮލަރަށްވުރެ މަތީގައި އުޅޭނީ. މި ސަރަޙައްދުގެ ހަމަ ހުރިހާ އެންމެން ވިސްނަންޖެހޭ ކަމަކަށް ވެގެންދާނެ. މި ސަރަޙައްދުގައި ދިރިއުޅޭ ބޭރުގެ ހުރިހާ ރައްޔިތުންވެސް، ހުރިހާ ޤައުމުތަކުން ވިސްނާ ކަމަކަށްވާނެ. ދިވެހިރާއްޖެއަކީ އުފާވެރި، މުއްސަނދި، ތަނަވަސް ޤައުމަކަށް ބަދަލުވެގެންދިޔައީ. އެހެންނަމަވެސް، މިކަންކަން އަޅުގަނޑުމެން މިތިބީ ކޮށްގެން. މިއަކަށް ވަކާލާތުކޮށް، މިއަކަށް ޖަދަލުކުރަން އަންނާނެ މީހަކު ނާންނާނެ އަޅުގަނޑާ މަޝްވަރާ ކުރާކަށް، ނޫނިއްޔާ އަޅުގަނޑަށް މި ޖަވާބަށް، ނޫނީ މި ސުވާލަށް ރައްދުދޭކަށް ނާންނާނެ. ތަހުޒީބުން، އަދި ތަރައްޤީން ހަމަ ގެއްލިގެންދިޔަ 10 އަހަރު އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ.
 
ދެއްވަދޫގެ ޒުވާނުންނަށް ޝައްކެއްވެސްނެތްގޮތުގައި، މިރަށް ފުރިފައި އޮތީމަޔާއެކީ، މި ރަށް ބޮޑުކުރަން ބޭނުންފުޅުވާނެ. އަދި ހުރިހާ ރަށްރަށުންވެސް ބޭނުންވާނެ. އެޔާއެކީވެސް އަޅުގަނޑު ހަމަ ޒުވާނުންނަށް ދަންނަވާ ވާހަކަޔަކީ، މާދަމާރޭގެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރަސްމީ އިޙްތިފާލެއް އޮންނާނެ ދަރުބާރުގޭގައި. އަޅުގަނޑުމެންގެ ރަސްމީ އިޙްތިފާލެއް އޮންނާނެ. އެ ބައްލަވައިލައްވާ. އެ އިޙްތިފާލުގައި ހިނގާ ކަންތައްތައް ބައްލަވައިލައްވާ. މިއީ އަޅުގަނޑުމެން ޒުވާނުންނަށް އަޅުގަނޑުމެން ކުރާ ހަދިޔާ. އެއް ހަދިޔާ. ބޮޑު އެއް ހަދިޔާ. ހަމައެކަނި ފުޓްސަލް ދަނޑުތަކެއް ނޫން. ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރްޞަތެއް ނޫން. މާދަމާރެޔަކީވެސް ހަމަ ޒުވާނުން، މުޅި ދިވެހިރާއްޖޭގެ ޒުވާނުން އުފާވެރިކަން އިޙްސާސްކުރާ ރެޔެއް. މިކަންކަން ހަމަޖެހިގެން ދިޔައިމަ، އަދި މިކަންކަމުން މިކުރެވޭ އިންތިޒާމްތަކުގެ އަހުލުވެރިންނަށް، ނޫނީ ފައިދާ ލިބޭ، މަންފާ ލިބޭ ފަރާތްތަކަކަށް ދެއްވަދޫ ފަދަ ރަށްރަށުގައި، ދުރު ރަށްރަށުގައި ތިބި ޒުވާނުންނަށް އޭގެ ބެނެފިޝަރީޒަށް ނޫނީ އޭގެ އަހުލުވެރިންނަށް ވެގެންދިޔައިމަ އަޅުގަނޑު އުފާވާނެ.
 
މާލޭ ސަރަޙައްދުގައި ޖާގަ މި އިތުރުކުރެވެނީކީ މާލޭގެ މީހުންނަކަށް އެކަންޏެއް ނޫން. އަޅުގަނޑުގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމުގައި، މާލޭ މީހުންނާއި، މާލޭ ނޫން މީހުންނެއް ނޫޅެ. އަޅުގަނޑުމެންނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންނަކީ އެއް ނަސްލެއްގެ، އެއް ދީނެއްގައި ތިބި ބައެއް. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އަސާސީން އެއޮތީ އެކަށައަޅައިދީފައި، ކަށަވަރުކޮށްދީފައި. އެހެންވީމާ، މި އުފައްދާ ފުރްޞަތުތަކަކީ ތިޔަ ވިދާޅުވި ބްރިޖާއި، އަދި މާލެ ބަދަލުވަމުންދާ ބަދަލުވުމާއި އަދި އިތުރަށް އުފެދިގެން މި އަންނަ ފުރްޞަތުތަކަކީ، ހަމަ މިފަދަ ރަށްރަށުގެ ޒުވާނުންނަށްވެސް އެ ފުރްޞަތުތަކުގެ ބޭނުން ހިއްޕަވަން އަޅުގަނޑުމެން ދިވެހި ސަރުކާރުގެ ފަރާތުން، ދިވެހި ދައުލަތުގެ ފަރާތުން ހުޅުވާލާ ޖާގަތައް އެއީ. އެ ޖާގަތަކުގެ ބޭނުން ހިއްޕަވާ. އަދި އުފެދިގެން މި އަންނަ އެތަކެއް ރިޒޯޓުން އުފެދިގެން އަންނަ އެތައްހާސް ވަޒީފާޔަކީ، ދިވެހި ޒުވާނުންގެ ވަޒީފާތައް ކަމަށް ގަބޫލުކުރައްވާ. އަޅުގަނޑުމެންނަށް މިއަދު ކެރެންވާނެ، ފުރްޞަތުގެ ބޭނުން ހިފަން. މިއަދު ކެރެންވާނެ، އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތައް އަޅުގަނޑުމެން ބަލައިގަންނަން. އަދި މި މަސައްކަތްތަކުގައި އަޅުގަނޑުމެން ނުޖެހޭ، އަޅުގަނޑުމެންނަށް މިކަންކަމަށް ނުކުންނަން ނުކެރިގެން، ނޫނިއްޔާ މަސައްކަތް ދޫކޮށްލަންޖެހިގެން، އަޅުގަނޑުމެން އަވަށްޓެރި ޤައުމުތަކުގެ މީހުންނަކަށް އުފައްދާ ވަޒީފާތަކެއް ނޫން މިއީކީއެއް. މިއީ ދައުލަތުގެ މުއްސަނދިކަން އިތުރުކުރަން އުފައްދާ ވަޒީފާތަކެއް. މިއީ ދިވެހި ޒުވާނުން، އާ ޙަޔާތެއް ފެށުމަށްޓަކައި، ބާއްޖަވެރިކުރުމަށްޓަކައި އުފައްދާ ފުރްޞަތުތަކެއް.
 
އަޅުގަނޑުމެން ރަށްރަށަށް ދިޔައިމަ އަޑުއިވެނީ، މި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނުހުރެޔޭ. އެހެންނަމަވެސް، މިކަންކަމަށް ޙައްލެއް ހޯދޭތޯ ކުރެވޭ މަސައްކަތްތައް، މި މަސައްކަތްތަކަކީ. މި މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވޭނީ ޝައްކެއްވެސްނެތްގޮތުގައި ﷲގެ ރަޙްމަތާއެކީ. އެހެންނަމަވެސް، ކުރިއަށް ދިޔުމުގެ ރޫޙެއް އަޅުގަނޑުމެންގެ ހުންނާތީ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ހުވަފެންތަކެއް ދެކޭކަށެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ކުރާ ފޮނި އުންމީދުތަކަކާއި އިންތިޒާރުތަކެއް ނެތް ކަމަށްވަންޏާ، މީހެއްގެ ހަށިގަނޑުގެ ތެރޭގައި ދިރުމެއްނުވާނެ. އަޅުގަނޑުމެން ހުވަފެން ދެކެންވާނެ. ފޮނި ހުވަފެން ދެކެންވާނެ. އުސްމިންތަކަކަށް ދާން ބޭނުންވާނެ. ކުރިބޯށްޓާ ހަމަޔަށް ވާސިލުވާން ބޭނުންވާނެ. މިއީކީ ކުށެއް ނޫން. މިއީ ޒުވާނުންގެ އުންމީދު. މިއީ ރަށެއްގެ ވިންދު. މިއީ ޤައުމެއްގެ ނިދާ. އަޅުގަނޑުމެން މިކަންކަން ޙާޞިލު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ﷲގެ ބަރަކާތް މިންވަރު ކުރައްވާނެ. އެކަމަކު އެއީ ހެޔޮގޮތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީ ނިޢުމަތްތައް ބަލައިގަނެ ޝުކުރުވެރިވަންޏާ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާނީ، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރްޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަމޭ. އަދި ދެއްވަދުއަކީ ދުރުގައި އޮތް ރަށެއް ކަމުގައިވިނަމަވެސް، އެކަހެރި، އަޅުގަނޑުމެންގެ ތަރައްޤީގެ ކަލަންޑަރުން، ނޫނިއްޔާ ތަރައްޤީގެ މޭޒުގައި އޮތް ޗާޓުން ބޭރުގައި އޮތް ރަށެއް ކަމަށް ދެއްވަދޫގެ ރައްޔިތުން ދެކެވަޑައިނުގަންނަވާށޭ. ދެއްވަދުއަށް ބޭނުންވާ ތަރައްޤީ އިރާދަކުރެއްވިއްޔާ ދެއްވަދުއަށް ހަމަ ލިބިގެންދާނެ. އަދި ޢާންމުކޮށް، ގއ. އަށާއި ގދ. އަށް. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގދ.ގައި އަޅުގަނޑުމެން ފާހަގަކުރާނީ، ގދ. ތިނަދޫގައި އަޅުގަނޑުމެން ފާހަގަކުރާނީ، މި ސަރަޙައްދުގައި، މި ދާއިރާގައި، ދިވެހިރާއްޖޭގެ މި ދާއިރާގައި ފާހަގަކުރެވޭ، އިރާދަކުރެއްވިއްޔާ އެންމެ ވަރުގަދަ ޙަރަކާތް. އިރާދަކުރެއްވިއްޔާ އެންމެ ވަރުގަދަ ޙަރަކާތް އަޅުގަނޑުމެން ފާހަގަކުރާނީ. އަދި އެކަންކަން މުޅި ރާއްޖެއަށް ޢާންމުވެގެން މިދަނީ، މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް ތަރައްޤީ ގެންދިޔުމަށްޓަކައި. ރާއްޖޭގެ ހުރިހާ އެންމެންނަކީ ދިވެހިން. ރާއްޖޭގައި މުއްސަނދިވާންޖެހެނީ ދިވެހިން. ޖީބުތަކަށް ވަންނަންޖެހޭނީ އަމިއްލަ މީހުންނަށް މުއްސަނދިކޮށް އުޅެވޭނެ ގޮތްތައް. އެހެންވީމާ، ހަމަ އުފައްދާ ސުވާލަކީ، ގެއްލުނު 10 އަހަރުގެ ޒިންމާ، ނޫނީ އެ ގެއްލުނު ޤައުމީ މުއްސަނދިކަން، ދެން އަނބުރާ ހޯދާނީ ކޮންތާކުންތޯއޭ؟ މި ސުވާލު ކުރައްވާ. ފިކުރީގޮތުން އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް. ފުރްޞަތު ލިބުނީމަ ގެއްލުވައިލާފައި، ރައްޔިތުންގެ ޙައްޤުގައި ލިބެންހުރި އެތައް ކަމަކަށް ހުރަސްއެޅުނީމަ، ދެން އަޅުގަނޑުމެން އެބަޖެހޭ، މިއަދު އެކަންކަމާ ދޭތެރޭގައި ވިސްނާފައި، ދެން އެކަހަލަ ކަންތައްތައް ތަކުރާރުވިޔަނުދޭން. އަޅުގަނޑުމެންނަށް މިއޮތީ ދުނިޔެމަތީގައިވެސް، ދުނިޔެމަތީގައި އާރާސްތު ކުރަން، ހެޔޮގޮތުގައި ކުރިއަށްދާން. ﷲ ދެއްކެވި މަގުން ކަންކަން ކުރާއިރުވެސް، އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން އެކަން ކުރަނީ އަޅުގަނޑުމެންނަކަށެއް ނޫން. އަޅުގަނޑުމެން އެކަން ކުރަނީ، އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް.
 
މިއަދު ދެއްވަދޫގެ ޒުވާނުންނަކީ މިއަދުގެ މުސްތަޤްބަލް. އަދި މާދަމާގެވެސް މުސްތަޤްބަލް. ދެން އަންނަން އޮތް ޖީލެއްގެވެސް މުސްތަޤްބަލް. އެހެންވީމާ، ޒުވާނުން މިހާރު ރާއްޖޭގެ ކުރިއެރުން ބައްޓަންކުރަންޖެހޭ ބަޔަކީ ޒުވާނުން. ކަންކަމުގައި ޒިންމާ އުފުލަންޖެހޭނީ ޒުވާނުން. ގެއްލިގެންދާ ފުރްޞަތުތައް ގެއްލިގެންދިޔުމަށް، އެ އުފުލާ ޒިންމާވެސް އުފުލަންޖެހޭނީ ޒުވާނުން. އެކަހަލަ ފުރްޞަތުތައް ގެއްލިގެންދިޔަނުދިނުމަށް އުފުލަންޖެހޭ ޒިންމާއާއި، ކުރަންޖެހޭ މަސައްކަތަކީވެސް ޒުވާނުން ކުރަންޖެހޭ މަސައްކަތެއް. ދޮށީ ރައްޔިތުން، ކޮންމެ ރަށެއްގައިވެސް ގިނަ ޚިދުމަތްތަކެއް ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވައިފި. ދެއްވަދޫގެ ތަރައްޤީއަށްވެސް، ދެއްވަދޫގެ ރައްޔިތުން، ދޮށީ ބޭފުޅުން ކޮށްދެއްވައިފި. މިއަދު މިކަންކަން އުފުލަން ތިބި ބަޔަކީ ހަމަ ޒުވާން ކޮނޑުތައް. އެހެންވީމާ، ގެއްލިގެންދާ ފުރްޞަތެއް ގެއްލިގެންދަނީ ޒުވާނުން އެކަންކަމާ ދޭތެރޭގައި އިހުމާލުވީމަ. ގެއްލިގެންދާ ފުރްޞަތުތައް ގެއްލިގެންދިޔަނުދިނުމަށް ޒުވާނުން ކުރަންޖެހޭ މަސައްކަތަކީ ޙަޤީޤަތުގައި، ޙަޤީޤީ މާނައިގައި ނިޢުމަތްތަކަށް ޝުކުރުވެރިވުން.
 
އަޅުގަނޑު އެދެނީ ދެއްވަދުއަށް ފާގަތި މުސްތަޤްބަލެއް. އަދި ޢާންމުކޮށް، ގއ.އަށާއި މުޅި ދިވެހިރާއްޖެއަށް. އަދި ދިވެހިރާއްޖޭގެ ޒުވާނުން، އަޅުގަނޑު އެންމެ ލޯބިވާ މީހުން. ދިވެހިރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑުމެން އެދެނީ އަބަދުވެސް ހެޔޮގޮތް. ކުރިއަށް ދެވޭނެ ގޮތްތައް ﷲ މިންވަރު ކުރެއްވުން. އަދި މި ފުރްޞަތުތަކުގެ ބޭނުން ހިފަން ކެރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.