بســم اللّـه الرّحمـن الرّحيــم
      
 

                    اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 
އާދެ، މި ނަލަ ހިތްފަސޭހަ ވަގުތު ގެމަނަފުށްޓަށް އަޅުގަނޑު މިކުރި ޒިޔާރަތުގައި، ގެމަނަފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން އަޅުގަނޑަށާއި އަޅުގަނޑާއެކީ ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މިކަމުން ދައްކުވައިދެނީ ގެމަނަފުށްޓާއި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތްކަން. ގެމަނަފުށީ ރައްޔިތުން އަޅުގަނޑަށާއި ސަރުކާރަށް ކުރައްވާ މަތިވެރި އިތުބާރު. އަދި އަޅުގަނޑުމެންނާ ދޭތެރޭގައި އަމިއްލަގޮތުން ތިޔަ ބަހައްޓަވާ ގާތްކަން. އެކަމަށްޓަކައި ހަމަ ނިހާޔަތަށް ޝުކުރު ދަންނަވަން.
 
އާދެ، ގެމަނަފުށްޓަށް އައިސް މި ޕޯޑިއަމްގައި ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކައިރިވެގެން އައިއިރު، ކައުންސިލްތަކުގެ އިންތިޚާބާއި، އަދި އަޅުގަނޑުގެ ޕްރައިމަރީގައި މަސައްކަތްތައް ކުރިއިރު، ގެމަނަފުށްޓަށް އައިސް އަޅުގަނޑު ދެއްކި ވާހަކަ. އަދި އަޅުގަނޑާ ބައްދަލުކުރެއްވި ގްރޫޕަކުން އަޅުގަނޑާ ދެއްކެވި ވާހަކަ. އަދި އޭރުވެސް އަޅުގަނޑު ދެންނެވިން،ގެމަނަފުށީގެ ރައްޔިތުންގެ ފަރާތުން އޭރު އައީ ވަރަށް ވަރުގަދަ ގްރޫޕެއް. އޭގެ ބޭފުޅުން މިތަނުގައިވެސް ހަމަ ފެންނަން އެބަތިބި. ހަމަ އޭރުގެ އަޑުތައް މިއަދުވެސް އަޅުގަނޑަށް އިވެމުންދޭ. ވަރަށް ހިތްވަރު ދެއްވާފައި އަޅުގަނޑުމެންނަށް އިޚްލާޞްތެރިކަމާއެކީ ވިދާޅުވަމުން ގެންދެވި، އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ގެމަނަފުށީގެ ފަރާތުން އަދި މި ދާއިރާގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެންވާ ހުރިހާ އެއްބާރުލުން ލިބޭނެކަމަށް. އަޅުގަނޑުމެންނަށް ހަމަ ޙަޤީޤަތުގައިވެސް ފެނިގެންދިޔައީ އެކަން. އަދި އަޅުގަނޑަށް އޭރުވެސް ފާހަގަކުރެވުނީ، މިއަދުވެސް ތަކުރާރުކޮށް އަޅުގަނޑުގެ ހިތަށް މި ގެނެވުނީ ގެމަނަފުށްޓަށް އައިމަ މި ވިދާޅުވާ މަރްޙަބާއަކީ އާދަޔާޚިލާފު ހަމަ އިޚްލާޞްތެރި، ހިތުގެ އަޑިން ވިދާޅުވާ މަރްޙަބާއެކޭ. އަޅުގަނޑު ކުރިންވެސް ދެންނެވިން، އަދި މިއަދުވެސް ސަމާސާއަކަށް ދެންނެވިން ބައެއް ބޭފުޅުންނަށް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަޚު ސަޢުދަށް. ގެމަނަފުށިން މިކިޔާ މަރްޙަބާ ކިޔަން އަޅުގަނޑުމެންގެ މި ދާއިރާގައި ހުރި، މިތާ ކައިރީގައި ހުރި އެހެން ދާއިރާތަކުންވެސް އެބަ ދަސްފުޅު ކުރައްވަންޖެހެޔޭ. އާދެ، ހަމަ ވަރަށް އުފާވެރި ދަތުރުތަކެއް އޭރުވެސް އަޅުގަނޑު ކުރީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ހިތަށް އަންނަ ވާހަކަތައް، އޭރުވެސް ދެއްކި ވާހަކަތައް، މިއަދު ވާހަކަ ދައްކާލާފައި އަޅުގަނޑު ފަށާނަން. ވަގުތު ތަނަވަސްކަން ކުޑަވަމުން އަންނާތީޔާވެސްއެކީ.
 
އާދެ، އޭރުވެސް އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ މިތަނުގައި ބައެއް ބޭފުޅުން ވަރަށް ކުރުކުރުކޮށް އަޅުގަނޑުމެންނަށް ހާމަކޮށްލަދެއްވި. އަޅުގަނޑު ހަނދާންނެތުމުގެ ކުރިން، ދުނިޔޭގެ ސުންނަތެއް އަޅުގަނޑު އަދާކުރަންޖެހޭނެ ދޮއެއްތޯ. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވަރަށް އޯގާތެރި ބަސްތަކެއް އަޅުގަނޑުމެންނަށް ތިޔަ ހަދިޔާކުރެއްވީ. ކައުންސިލްގެ ރައީސް ޝިޔާން. ދެން ވާހަކަފުޅު ދެއްކެވީ ޖޭ.ޔޫ ނިހާން. ވަރަށްގިނަ ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ހެޔޮ ބަސްތަކެއް ތިޔަ ވެދުންކުރެއްވީ. އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ނިހާންގެ ވާހަކަފުޅުގައި، އަޅުގަނޑުގެ އަންހެނުން ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވާ ކަމަށް ފާހަގަކުރެއްވި. ދެން އަޅުގަނޑުވެސް ހަމަ މިއަދު ޕޯޑިއަމްގައި ހުރެގެން ދަންނަވާލަން ބޭނުންވަނީ ފަސޭހަ ވާހަކައެއް ނޫން. އެހެންނަމަވެސް، އެއީ ހަމަ ޙަޤީޤަތުގައިވެސް ތެދުފުޅެއް. އަޅުގަނޑަށްވުރެ ޙަރަކާތްތެރިކަމާއެކީ ހަމަ އަޅުގަނޑުގެ އަންހެނުން ވަރަށްގިނަ މަސައްކަތްތަކެއް އެކުރަނީ ރައްޔިތުންގެ ޚިދުމަތުގައި، އަމިއްލަ މަސައްކަތެއްގެ ގޮތުގައި، މުސާރަ ލިބިގެން ނޫނީ ޕާޓީގެ ރަސްމީ ޙައިޘިއްޔަތެއް އޮވެގެން ކުރާ މަސައްކަތެއް ނޫން. އެހެންނަމަވެސް، އެކުރާ މަސައްކަތަކީ ހަމަ ރައްޔިތުންނާއި ސަރުކާރާ ގާތްކުރުމާއި އަދި ޚާއްޞަކޮށް، އަޅާލުންތެރިކަން ކުޑަ، އޯގާތެރިކަން ބޭނުންވާ ފަރާތްތަކާއި ގިންތިތަކާ ދޭތެރޭގައި ބަހައްޓާ ގާތްކަމެއްގެ ސަބަބުން ކުރާ މަސައްކަތްތަކެއް. ހަމައެޔާއެކީ މި މަސައްކަތްތައް ފްލަރިޝްވެގެން މިދަނީ، ނޫނިއްޔާ މި މަސައްކަތްތައް ނިމިގެން މިދަނީ ސިޔާސީ ވަރުގަދަ ޙަރަކާތެއްގެ ގޮތުގައި. އެހެންވެގެން މަހާސިންތާތައްވެސް އެއީ ހަމަ އެ ކަމަނާއާއި، އޭނަގެ ޓީމުގެ ފަރާތުން އަޅުގަނޑުމެންނަށް އުފަންކުރި ޚިޔާލުތަކެއް. އެ ޚިޔާލުތައް ތަންފީޛުވަމުން އެދަނީ. ހަމަ ނިހާން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ދެމަފިރިންނަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި ވާހަކަފުޅުތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
މިރަށަށް އައިސް އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު ހިތަށްއަރަނީ އޭރު އަޅުގަނޑުމެން ކުރި މަސައްކަތްތައް، މިއަދުވެސް އެ މަސައްކަތްތަކާ ހާދަހާ ތިމާގެކަންބޮޑޭ. މި ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި، އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެން އެ ޖަމާޢަތެއްގައި ބައިވެރިވެގެން އުޅޭ ޖަމާޢަތަކުން ގޮތްތަކެއް ނިންމާނެ. މިއީ އުފާވެރި ވާހަކައެއްވެސް ނޫން ދައްކާކަށް. ސީމެގްގެ ފަރާތުން، ކޮމަންވެލްތްގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގަމުންމިދާ ކަންތައްތަކާ ބެހޭގޮތުން ގޮތްތަކެއް ނިންމާނެ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް، މި ގޮތްތަކަކީ ވިޔާނުދާ ގޮތްތަކަކަށް ވެގެނެއްނުދާނެ. އެހެންނަމަވެސް، ނުފޫޒުގަދަ ބަޔަކު، ދިވެހިންގެ ބަޔަކު ތިބެގެން އަދި ނުފޫޒުގަދަ ޤައުމުތަކެއްގެ ސަރުކާރުތައް މެދުވެރިވެގެން މިކުރެވޭ މަސައްކަތްތަކަކީ، ދިވެހިރާއްޖެއާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުން. އަޅުގަނޑު އެ ވާހަކަ ދަންނަވާއިރު، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ، އަޅުގަނޑުމެންނާއެކީ މި މަސައްކަތްތައް ކުރަމުންދާއިރު، އަޅުގަނޑުމެންނަށް ޓީ.ވީތަކުން ފެނިގެން މިދަނީ، އެކިއެކި ބޭފުޅުންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ދިވެހިރާއްޖެއަށް ނިކަމެތިކަން ގެނައުމަށްޓަކައި އިންސާނީ ޙައްޤުތަކުގެ ފަންނުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ވަކީލުންވެސް މި ކުރައްވާ މަސައްކަތަކީ، ދިވެހިރާއްޖޭގެ މުޅި ރައްޔިތުންގެ އިންސާނީ ޙައްޤެއް އޮތް ކަމަށް ޚިޔާލުފުޅަށް ނާންނަނީ. އެއީ މީގެ އެންމެ ދެރަވާ ކަމަކީ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ދާއިރާއިން ޤާނޫނީ ފާސް ހޯއްދަވާފައި ހުންނެވި ބޭފުޅަކު، ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކާލާތު މި ކުރައްވަނީ، ރައީސް ނަޝީދާ ދޭތެރޭގައި ކަންތައްތައް ވެގެން މިހެންދާއިރު، ދިވެހިރާއްޖޭގެ ޓުއަރިޒަމް އައުން ހުއްޓެން އެބަޖެހެޔޭ. މިއީ މުޅި ރަށެއްގެ ރައްޔިތުންގެ ޙައްޤުތަކުން މަޙްރޫމް ކުރަން ދައްކާ ވާހަކަ. ރިޒުޤުން މަޙްރޫމް ކުރަން ދައްކާ ވާހަކަ. މިއީ އަޅުގަނޑުމެންގެ ޙާލަތު. އޭގެ ކުރީގެ ޙާލަތާއި މިއަދުގެ ޙާލަތާވެސް ހަމަ އެއްވެސް ކަހަލަ ބަދަލެއް ނާދޭ. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ ދަންނަވަން އަޅުގަނޑުމެންނަށް އެނގޭ ވާހަކަޔަކީ، އަޅުގަނޑުމެންނަށް ކެރޭ ވާހަކަޔަކީ، އިރާދަކުރެއްވިއްޔާ މިހާތަނަށް އެކުރެވުނު މަސައްކަތްތަކުގައި، ކާމިޔާބުތަކެއް އެ ފަރާތްތަކަށް ލިބިފައެއް ނެތް. އަބަދުވެސް، އަބަދުވެސް ޙައްޤަށް ﷲ ނަޞްރު މިންވަރު ކުރައްވަނީ. އެކަމުގެ މަތީގައި، އަޅުގަނޑުމެންގެ އުންމީދުގެ މަތީގައި، އިލާހީ ވަރުގަދަ ބަސްފުޅުގެ މަތީގައި އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިދަނީ. މި ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި، މިކުރެވޭ މަސައްކަތުގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އެ ކުރެވެނީ ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތް ނަމުގައި، ދިވެހިރާއްޖެއާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅަން. ދެން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ނެތް މިންވަރު، ނޫނިއްޔާ ޑިމޮކްރަސީ އޮތް މިންވަރާ ދޭތެރޭގައި ދެންމެ ނިހާންގެ ވާހަކަފުޅުގައި ބައެއްކަހަލަ އިޝާރާތްތައް އެ ކުރެއްވީ. އަޅުގަނޑު މީގެ ތަފްޞީލުތަކަކަށް ދާކަށްނެތިން.
 
އެކަމަކު އަޅުގަނޑު ހަމަ ކުރުކުރުކޮށް ދަންނަވާލަން ބޭނުންވަނީ، ތަނެއްގައި ޑިމޮކްރަސީ ނެތުން އެއީކީއެއް، އެއްގޮތަކަށްވެސް އެއިން ދައްކައިދެނީ، މީހަކާ ދޭތެރޭގައި އަޅާ ފިޔަވަޅަކީ، އެމީހަކު ވެރިކަމުގައި ހުރިއިރު، ހަމަ އެ ޤާނޫނުތަކުގެ ދަށުން ތަންފީޛުކުރި އަދަބުތަކެއް ދިނުމާ ދޭތެރޭގައި ކޯޓަށް މައްސަލަވަނީމަ، އަދު އެކަން އަޑުއަހަން އުނދަގޫވީމަ، އެއީ ޑިމޮކްރަސީ ނެތުން ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރަން، ބަލައިގަންނަން ފަސޭހައެއްނޫން. އަޅުގަނޑުމެންގެ ޤާނޫނުތަކަށް ބަދަލެއް އައީކީ ނޫން. އަޅުގަނޑުމެންގެ ކޯޓުތަކަށް ބަދަލެއް އައީކީ ނޫން. އަދި އެންމެކުޑަމިނުން ދަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓް، ސުޕްރީމް ކޯޓުގައި އެ ތިއްބެވި ފަނޑިޔާރުންނަކީ، ރައީސް ނަޝީދުގެ ސަރުކާރުގައި، ރައީސް ނަޝީދު ފޮނުއްވި ނަންތަކެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، އެ ނަންތަކަށް ވޯޓްދިނީ. އެހެންވީމާ، ދިވެހިރާއްޖޭގެ ޙާލަތު، އެއިރާ މިއަދާ ބަލާއިރު ބަދަލެއްނުވޭ. ހަމައެކަނި އަންނަ ބަދަލަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތަކެއް، ރައްޔިތުންގެ ތަރައްޤީއަށް، ރައްޔިތުންގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ކުރަމުންދިޔައީ.
 
ގެމަނަފުށި ކަހަލަ ރަށްރަށަށް ދަތިވެގެން މިއުޅެނީ ބަނދަރު. ދަތިވެގެން މިއުޅެނީ ރައްޔިތުންނަށް ބޭނުންވާ ވިޔަފާރީގެ ފައިދާ ލިބޭނެ ކަންތައްތައް. މިތަންތަނުގައި މީހުންނަކަށް މައްސަލައަކަށްނުވޭ، ކޮބައިތޯ ވާހަކަ ދެއްކުމުގެ ޙުދޫދު ފުޅާވެގެންދާނީ ކިހާ މިންވަރެއްވީމަތޯ؟ މީގައި ހަމަ ނޫސްވެރިންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ރާއްޖޭގައި އިޞްލާޙީ އެތަކެއް މަސައްކަތް މި ކުރެވެނީ. ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް ކުރާ މަސައްކަތްތަކެއް ނޫން. ނޫސްވެރިންވެސް، ނޫހުގެ ވިޔަފާރި، ނޫނިއްޔާ ނޫސްވެރިކަމުން ކުރައްވާ ހަމައެކަނި ކަމަކީ، އަޅުގަނޑެއް ގަބޫލެއްނުކުރަން، މީހުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަކަށްވާނެ ކަމަކަށް. ސަރުކާރުން ހިންގާ ކަންކަމުގެ ތެރޭގައި، ޤާނޫނާޚިލާފު ކަންތައް، ނޫނީ ރައްޔިތުންގެ މަޞްލަޙަތަށް ލޮޅުންއަރާވަރުގެ ކަންތައް، ނޫނިއްޔާ މީހުންކުރާ ވިޔާނުދާ ކަންކަން، ރައްޔިތުންގެ ސަމާލުކަމަށް، ސަރުކާރުގެ ސަމާލުކަމަށް ނޫސްތަކުން ގެންނެވުމަކީ ހަމަ ވަރަށް ޞައްޙަ، ވަރަށް ޖާއިޒްކަމެއް. އެކަމަކު ނޫހުގެ 24 ގަޑިއިރުގެ މަސައްކަތަކީ، ޙަޤީޤަތެއްނެތް، އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް، މީހުންގެ އަބުރު ކަތިލުން ކަމަށްވަންޏާ، އެއީކީ އަދި ނޫސްވެރިކަމެއް ނޫން. އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. ޒިންމާދާރު ނޫސްވެރިކަމަކީ ޖަހާ ވާހަކައެއްގެ އެފުށް މިފުށް ބަލާފައި ޖެހުން. ރެސްޕޮންސިބްލް ޖާނަލިޒަމް. އޭގައި އެކައުންޓެބްލް ވާނެ. އޭގައި ޒިންމާދާރުވާނެ. ޒިންމާ އުފުލަންޖެހޭނެ. އެހެންވީމާ، ނޫހުގެ ފައިދާ ލިބެނީ، ނޫހުގެ ވިކުން ހިނގަނީ ހަމައެކަނި މީހުންގެ އަބުރާ ބެހުމުގެ މިންވަރަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލަތު ކިތަންމެ ރަނގަޅަކަށްވެސް އެބަ ބަޔާންކޮށްދޭ. އެހެންނަމަވެސް، ނޫސްވެރިން އެ ދެއްކެވި ވާހަކަތައް އަޅުގަނޑުމެން އަޑުއަހާފައި، ނިހާން ހުށަހަޅުއްވާފައި އޮތް ބިލަށް ބަދަލުތަކެއް ގެންނަން، އިޞްލާޙުތަކެއް ގެންނަން އަޅުގަނޑުމެން އެއްބަސްވީމު. އެ އެއްބަސްވި އިޞްލާޙުތަކުގެ ތެރޭގައި، މިހާރުހުރި އަދަބުތައް އެބަ ލުއިކުރަން. އެއް އަހަރުގެ ބަންދުގެ ޙުކުމް، ޖަލުގެ ޙުކުމް ހުރި ކަންތައްތައް އެއަށްވުރެ ކުރުކުރަން. އަދި ޖޫރިމަނާގެ ޢަދަދުތައްވެސް އެއަށްވުރެ ކުޑަކުރަން. އެކަމަކު މިވަގުތު ރާއްޖޭގެ ވަލިއްޔުލްއަމުރުގެ މަޤާމުގައި ހުރި މީހަކަށް، އަޅުގަނޑަށް ކޮށްދޭންޖެހޭ ކަމަކީ، ހުރިހާ ރައްޔިތުންގެ މަޞްލަޙަތަށް ފުށުނާރާގޮތަކަށް، މަޞްލަޙަތަށް ރިޢާޔަތް ކުރަމުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ކޮށްދޭންޖެހޭ ކަމަކީ، ހަމަ ކޮންމެ މީހަކީވެސް އޭނަގެ އަބުރު ގެއްލެންދެން އަބުރުވެރިއެއް ކަމުގައި ކަށަވަރުކޮށްދިނުން. އެއީ، އަޅުގަނޑު އެކަން ކުރަންޖެހޭ ގޮތަކީ ޤާނޫނުއަސާސީން.
 
އަޅުގަނޑަކީވެސް ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއް ހޭދަކުރި މެންބަރެއް. ޤާނޫނުއަސާސީގައި ކަށަވަރު އެބަކޮށްދޭ، ޝައްކެއްވެސްނެތްގޮތުގައި، އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުނުވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައްކާ ކޮންމެ ވާހަކައެއް، މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި، މަޖިލީހުގެ ކޮމިޓީއެއްގެ ތެރޭގައި ދައްކާ ވާހަކަޔަކުން ކުށްވެރިނުވާނެ ކަމަށް. ޝައްކެއްވެސްނެތް، އެއޮތީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބިފައި. ދަތުރުފަތުރުކުރަންވީ މިނިވަންކަމާއެކީ. މިތަނުން ކްރައުޑްގެ ތެރެއިން އަޅުގަނޑަށް އިވޭނީ [އުދުހޭ] މިލަފްޒު. ހަމަ މިގޮތަށް ދަތުރުކުރަންވީ. އެހެންނަމަވެސް، ހަމަ ޤާނޫނުއަސާސީގައި އޮތް އަޞްލެއް އިނގޭތޯ. ޤާނޫނުއަސާސީގައި އޮތް އަޞްލެއް، ކޮންމެ މީހަކާ ދޭތެރޭގައި ހުށަހެޅޭ މައްސަލަޔަކަށް، އެމީހަކަށް ޖަވާބުދާރީވުމުގެ ފުރްޞަތު އެބަ ލިބެންޖެހޭ. މިއީ އަޅުގަނޑުމެންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް އަޅުގަނޑުމެން ލިޔެފައި އޮތް ވާހަކައެއް. މި ސަބަބުތަކަށްޓަކައި ޖިނާއީ މައްސަލަތަކުގައިވެސް ޣައިރު ޙާޒިރުގައި ޙުކުމް ކުރުމުގެ ބަދަލުގައި، މީހާގެ ބަހެއް ހޯދުމަށްޓަކައި އޭނަ ޙާޒިރުވެސް މިކުރަނީ. މައްސަލައެއް ކޮންމެ އިދާރާއަކުން ތަޙުޤީޤުކުރި ނަމަވެސް، އެ މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަށް އޭނަ އެބަޖެހޭ ޙާޒިރުކުރަން.
 
އެހެންވީމާ، ޤާނޫނުއަސާސީގެ ވަރަށް ފަންޑަރމެންޓަލް، ވަރަށް އަސާސީ ޙައްޤެއްގެ ގޮތުގައި ހިމަނާފައި މިއޮތީ، ކޮންމެ މީހަކާ ބެހޭގޮތުން ވާހަކައެއް ދެއްކުނަސް، ކޮންމެ މީހަކާ ބެހޭގޮތުން ކަމެއް ތުހުމަތު ކުރެވުނު ނަމަވެސް، އެމީހާގެ ބަހެއް، އެމީހާގެ ޙާޒިރުވުމެއް، އެ ތަޙުޤީޤުކުރާ އިދާރާޔަކުން އެއަށް އިޖާބަދޭން އެބަޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އަޅުގަނޑު އިލްތިމާސް ކުރަނީ، ދިވެހިރާއްޖެއަކީ އެއް ނަސްލެއްގެ، ވަރަށް ތިމާގެ މީހުން، ވަރަށް ގާތް ބަޔަކު އުޅޭ ތަނެއް. އެމީހެއްގެ ޙިމާޔަތް، އެމަޖިލީހުގެ ޖަލްސާއެއްގައި އެވަގުތު ހިނގަމުންދާއިރު، އެމީހެއްގެ ޙިމާޔަތުގައި އެއްޗެއް ބުނެވެން ނެތް ފަރާތްތަކާ ދޭތެރޭގައި އިޙްސާންތެރިކަމާއެކީ ވާހަކަފުޅު ދައްކަވާށޭ. ޤާނޫނުއަސާސީ އެބަ ލާޒިމްކުރޭ ނޫންތޯ، ކޮންމެ މީހަކަށްވެސް ޖަވާބުދާރީވުމާއި، އޭނަގެ ޙައްޤު ދިފާޢު ކުރުމުގެ ޙައްޤު ޤާނޫނުއަސާސީން އެބަދޭންޖެހޭ. ޤާނޫނުހަދާ މީހުންނަކީ، ޤާނޫނުހަދާ ރައްޔިތުންގެ މަންދޫބުންނަކީ، ޤާނޫނަށް އެންމެ އިޙްތިރާމް ކުރަންޖެހޭ މީހުންނަށްވާން އެބަޖެހޭ.
 
އެހެންވީމާ، މި ރިވެތި އުޞޫލު އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވި ކަމުގައިވިނަމަވެސް، މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ އަތުގައި އިމްތިޔާޒުތަކެއް އޮތީމަ، ނުޙައްޤު ގޮތުގައި ބޭނުންކުރީމަ، އޭގެ ދެރަ އަޅުގަނޑުމެން އުފުލަން މިޖެހެނީ. އަޅުގަނޑުމެން ދައްކަން، އަޅުގަނޑުމެންނަކީ އިސްލާމީ އުންމަތެއް. އެއް އުންމަތެއްގެ ގޮތުގައި އޮތް ބައެއް. ތިމާގެ މީހުން، އެއް ޢާއިލާއެއް. ގެމަނަފުށީގެ ރައްޔިތުން އެބަތިބިކަންނޭނގެ، ރާއްޖޭގެ ދުރު ހިސާބުތަކުގެ މީހުންނާ އިނދެގެންވެސް، އަޅުގަނޑުމެން ކުދިން ދުނިޔެއަށް އުފަންކޮށްފައި. މާލޭގެ މީހުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ މީހުންނާ އިނދެގެން އެބަތިބި ރައްޔިތުންތަކެއް އުފަންކޮށްފައި. އެހެންވީމާ، ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި އޮތް ތަފާތަކީ. އަޅުގަނޑުމެންގެ ތެރޭގައި ތަފާތެއް ނެތް. މިއީ އެއްބައެއް. މިއީ އެއްބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުޞޫލުތަކުގެ ތެރޭގައި މީހުންގެ އަބުރުގެ ޙައްޤަށް އިޙްތިރާމްކުރަން އެބަޖެހޭ.
 
އެހެންވީމާ، މިފަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ދޭތެރޭގައިވެސް މިކުރެވޭ މަސައްކަތަކީ ޙަޤީޤަތުގައި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން. އަޅުގަނޑުގެ މައްސަލައެއް ނޯންނާނެ. އަޅުގަނޑު ސަރުކާރުން ކުރާ ކަމަކާ ދޭތެރޭގައި، ނޫސްވެރިން ދުވާލަކު ދިހަގޮތަށް ޖެއްސެވިނަމަވެސް. އަޅުގަނޑަކީ މީގައި ވަރަށްގިނަ ކަންތައްތައް ތަޙައްމަލްކޮށްފައި ހުރި މީހެއް. އެހެންނަމަވެސް، އެހެން ފަރުދުންގެ އަބުރާ ބެހެމުންދާއިރު، ބައެއްގެ ޙައްޤުތަކެއް ގެއްލޭކަން، ހަމަ ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކީ ޚިޔާލަށް އެބަ ގެންނަންޖެހޭ. އެހެންވީމާ، ލިޔުއްވާ އެއްޗެއް ލިޔުއްވާއިރު، އަޅުގަނޑުމެން މި ދަންނަވަނީ، ބައްލަވައިލައްވާފައި ލިޔުއްވާށޭ. އެހެން ނޫންކަމަށްވަންޏާ، އަދަބުތަކެއް އެބަހުއްޓޭ. އެކައުންޓެބްލް ކުރުވަން އެބަޖެހެޔޭ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށް ބުނެވޭއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، ދައުލަތުގެ ކޮންމެ ބާރަކީ ޒިންމާތަކެއް އުފުލަންޖެހޭ ބައެއްކަން. ޒިންމާތަކެއް އުފުލާކަމަށްވަންޏާ، އެ ބާރު ޞައްޙަގޮތުގައި ބޭނުން އެކުރެވެނީ. ބާރެއް ލިބެނީކީ އޭގެ ޙަޤީޤަތުގައި، ބާރެއް ލިބެނީ އެއްގޮތަކަށްވެސް އެބްސޮލިއުޓް ބާރެއް ނޫން. އެ ބާރަކީ ވަށާ ފާރު ލެވިފައި އޮންނަ ބާރެއް ގޮތަށް ލިބޭ ބާރެއް. [ރައީސުލްޖުމްހޫރިއްޔާ]، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ ދުސްތޫރު މިއަދު ނިޔާކުރާގޮތުން، ނޫސްވެރިކަމުގެ ބާރަށްވުރެ ވަރުގަދަ ބާރެއް، އިސްބާރެއް. ރައީސުލްޖުމްހޫރިއްޔާ ކުރާ މަސައްކަތްތަކަކީ ފާރަވެރިކަމާއެކީ ބެލޭގޮތަށް ހުޅުވައިލެވިފައި، ޤާނޫނުއަސާސީގައި ޞަފްޙާތަކުގައި މާއްދާތައް ލިޔެފައި އޮތް ބާރެއް. [ރައްޔިތުންގެ މަޖިލިސް]، ރައްޔިތުންގެ މަޖިލީހުން ކުރައްވާ ކަންކަމަކީ، ރައްޔިތުންގެ މަޖިލީހުން ކުރައްވާ ކަންކަން، ހަމަ ޙުދޫދެއްގެ ތެރޭގައި ތެރޭގައި ހިމެނޭ ތަނެއް. [ޢަދުލު އިންޞާފުގެ ދާއިރާ] ޢަދުލު އިންޞާފުގެ ދާއިރާގައި ކަންކަން ކުރައްވާއިރު، ކޯޓުތައް ހިނގާނެގޮތް ކަނޑައެޅުމާއި، ކޯޓުތައް ހުންނާނެ ކަންތައްތައް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޑޮމެއިންގެ ތެރޭގައި، މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެއް. މިއީ ޗެކް އެންޑް ބެލެންސްގެ ވާހަކަ މި ދައްކަނީ. އެއްބާރުން އަނެއް ބާރަށް ފާރަވެރިކަމާއެކީ ކުރަންޖެހެނީވެސް އޭގެ ޒާތުގައި މުޠުލަޤަށް ލިބިފައި އޮންނަ އެބްސޮލިއުޓް ބާރަކަށް މިއިން އެއްވެސް ބާރެއްނުވާތީ. މިހުރިހާ ކަމެއް ލާމެހިގެން އަންނައިރު، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު ކަށަވަރުކޮށްދޭންޖެހެނީ، ދުސްތޫރުގައި ކަނޑައަޅާ ގޮތަށް، މިހުރިހާ ބާރުތަކަކުން މަސައްކަތް ކުރަނީ، އެ ބާރަކަށް އޮންނަ ޙައްޤެއް، އެހެން ބައެއްގެ ދާއިރާއަށް ހުރަސްނުކޮށް، އިޙްތިރާމާއެކީ މަސައްކަތް ކުރޭތޯ.
 
އެހެންވީމާ، ހަތަރުވަނަ ބާރަށް ނޫސްވެރިކަންވާއިރު، ނޫސްވެރިކަމުގައި ތިއްބަވާ ބޭފުޅުންވެސް ޚިޔާލުފުޅަށް ގެންނަވަން މިޖެހެނީ، މިއީ ވަރުގަދަ ޒިންމާއެއް އުފުލާ ބައެއްކަން. އެ ޒިންމާއަކީ ހަމައެކަނި އަސާސެއް ނެތްގޮތުގައި މީހުންގެ އަބުރު ކަތިލުން ކަމަށްވަންޏާ، އެއީ މައްސަލައެއް. އެ މައްސަލައަށް މި ރައީސްގެ ޒަޢާމަތުން އިޖާބަދޭނެ. އެއަށް ޖަވާބުދާރީ ކުރުވާނެ. އެހެންނަމަވެސް، އެބޭފުޅުންގެ ޝިކާޔަތު، އެބޭފުޅުންގެ ވާހަކަފުޅުތައް އަޑުއަހާފައި، އަޅުގަނޑުމެން އެއަށް ބަދަލުތަކެއް އެބަގެންނަން. އެކަމަކު ބަދަލުތައް މި ގެންނަނީ އަބުރާ ބެހުމަކީ ކުށެއް ނޫންކަމަށް ހެދުމަކަށް ނޫން. އެ ކުށް ލުއިކުރުމާއި، އެ ކުށް ކުރުމުގައި ހުރި އަދަބުތައް، އެބޭފުޅުން އެ ވިދާޅުވާގޮތަށް ބަދަލުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން. އެކަމަކު އަޅުގަނޑު އެދެނީ، ޒިންމާދާރުކަމާއެކީ މަސައްކަތް ކުރުން. ދިވެހިރާއްޖެއިން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރަން ކުރާ މަސައްކަތް. ގެމަނަފުށީގެ ދުރު ހިސާބެއްގައި ތިބޭ ނިކަމެތި ޢާއިލާއަކަށް، ގޯތިކޮޅުގައި ޢިމާރާތް ނުކުރެވޭ ކަމަށްވަންޏާ، ދަރިންނަށް ކިޔަވައިނުދެވޭ ކަމަށްވަންޏާ، މިއީ އެމީހުން ބޭނުންވާނެ ކަންތައް.
 
ބައްލަވާ، ރާއްޖޭގެ މި ދިގު ތާރީޚުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ 183 ރަށް އޮތްއިރު، ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރައެއް ނެތް ޝަކުވާއަކީ، އަޅުގަނޑުމެން އިންތިޚާބުތަކަށް ނުކުތީއްސުރެ އަޅުގަނޑުމެންނަށް އިވޭ ޝަކުވާތައް. އަޅުގަނޑު އިންތިޚާބަކަށް އެންމެ ފުރަތަމަ ރައްޔިތުންގެ އަރިހަށް، ރައްޔިތުންގެ ވޯޓެއް ހޯދަންދިޔައީ 1993 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހަށް ވަނުމަށްޓަކައި. އޭރުވެސް އަޅުގަނޑުމެންނަށް އެނގެނީ، ފާމަސީތަކުން، އަމިއްލަ މީހުންގެ ފާމަސީތަކުން، ނޫނިއްޔާ ހުރި ފާމަސީތައް މަދުކަމުން، ޕެނަޑޯލް ގުޅައެއް ލިބޭނީ ފަންސަވީސް ރުފިޔާއަށޭ، ފަސްރުފިޔާއަށޭ، މިކަހަލަ އަޑުތައް އިވޭނީ. އެކަމަކު މިއަދު އަޅުގަނޑުމެން މި ކަށަވަރުކުރީ، ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރައެއް ހުންނާނެކަން. ސަރުކާރުގެ ބޭސްފިހާރައެއް ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑަށް ކަށަވަރުކޮށްދެވޭނީ، ރައްޔިތުންގެ އަތުން އާދަޔާޚިލާފު ބޮޑެތި އަގުތައް، ސަރުކާރުގެ ބޭސްފިހާރައިން ނުނެގޭނެކަން. އެކަމަކު އަޅުގަނޑަކަށް އެކަމެއް އެގޮތަކަށް ކޮށެއްނުދެވޭނެ، އަމިއްލަ ވިޔަފާރިތަކާ ދޭތެރޭގައި. އަމިއްލަ ވިޔަފާރިތަކާ ދޭތެރޭގައި ކަންކަން ކުރެވޭނީ ޤާނޫނުގެ ދަށުން. އަޅުގަނޑު ދެކޭހިތްވަނީ، ޤާނޫނު ހަދަނީ މީހުން ކުށްވެރިކޮށް، މީހުންނަށް އަދަބުދޭކަށެއް ނޫން. މީހުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، މަޞްލަޙަތާއެކީ ކަންކަން ކުރިއަށް ގެންދަން.
 
ކަރަންޓް، ދެންމެ މިތަނުގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ، ގެމަނަފުށްޓަށްވެސް މި ސަރުކާރުގައި އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި، އިޓަލީން ޖަނަރޭޓަރެއް އައި ވާހަކަ ދޮއެއްތޯ. އަޅުގަނޑުމެން އޭގެކުރީގައި ރަށްރަށަށް ދަތުރުކުރާއިރު، ކުދިން، ކިޔަވާކުދިން ފާނޫޒުގެ، ބިގަރުގެ، ފުޅިބައްތީގެ އަލީގައި ކިޔަވާ ވާހަކަ. ތަންތަނަށް ކަރަންޓް ދޫކުރަމުން އަންނަނީ ހަތަރުގަޑިއިރަށް، ހަގަޑިއިރަށް، މިކަހަލަ ގޮތަކަށް. އެކަމަކު މިއަދު މި ސަރުކާރުން ކަށަވަރުކޮށްދީފި ދޮއެއްތޯ، ރާއްޖޭގެ ހުރިހާ ދިމާއަކަށް ކުޑަބޮޑު އާބާދީގެ އިސްތިސްނާއެއްނެތޭ. ދުރު ކައިރި ރަށެއްގެ ތަފާތުކުރުމެއްނެތޭ. ކޮންމެ ރަށަކަށް 24 ގަޑިއިރުގެ، އިރާދަކުރެއްވިއްޔާ، ﷲގެ ވާގިފުޅާއެކީ 24 ގަޑިއިރުގެ ކަރަންޓް އެހެރީ ލިބިފައި. މިއީ ދޮއެއްތޯ ތަރައްޤީއަކީ. އަދި އެޔާއެކީ އަޅުގަނޑާއެކީ މިކުރައްވާ ދަތުރުތަކުގައި، މުޢިއްޒުފަދަ އެހެން މިނިސްޓަރުން، މިސާލަކަށް، ޠާރިޤު، އެންވަޔަރަންމަންޓާ ޙަވާލުވެ ހުންނެވި މިނސްޓަރު ދައްކަވާ ވާހަކަފުޅުން އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި ހުރި ކަންތައް. އަޅުގަނޑުމެން މި ފަސްއަހަރުގެ ކުރު ރާސްތާ ނިންމާލާފައި ރައްޔިތުންނާ ވަކިވާއިރު، އަޅުގަނޑުމެން ކަށަވަރުކުރަން އެބަ ބޭނުންވޭ، ރާއްޖޭގެ 50 ޕަސެންޓް ރަށުގައި ފެނާއި ނަރުދަމާ ނިންމާފައި އޮންނާނެ ކަމަށް. މިއީ އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވާ ކަންކަން. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.
 
އާދެ، އަޅުގަނޑު ވާހަކަ ފަށަމުން ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ވާހަކަތައް ފެށީ، އޭރު އޮތް ނިޒާމާ ދޭތެރޭގައި ހިތްހަމަނުޖެހިގެން. އޭރު އޮތް ނިޒާމް ތަންފީޛު ކުރަމުންދިޔަގޮތާ ދޭތެރޭގައި ހިތްހަމަނުޖެހިގެން. ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ދަންނަވަމުންދިޔައީ. އޭރުއޮތީ ނާމާންކަމާއި ބިރުވެރިކަން. އޭރުއޮތީ އަނިޔާވެރިކަމާއި، އެއްވެސް މީހަކަށް އެމީހެއްގެ ޙައްޤުތައް ސަލާމަތުން އޮންނާނެކަމާ ދޭތެރޭގައި އެއްވެސް މިންވަރެއްގެ، އެއްވެސް މިންވަރެއްގެ ޔަޤީންކަން ނެތް ދުވަސްވަރެއް. ހަމަ އުނދަގޫ ދުވަސްވަރެއް. އެއީ ޑިމޮކްރަސީގެ އެންމެ ފައްކާ ދުވަސްވަރު ކަމަށްވަންޏާ، އަޅުގަނޑު ހަމަ އެންމެ ސުވާލެއް ތިޔަބޭފުޅުންނާ ކޮށްލާނީ. ޑިމޮކްރަސީގެ އެންމެ ފައްކާ ދުވަސްވަރު ކިހިނެއްތޯ، ޤާނޫނާއި ޝަރީޢަތުގެ ބޭރުން މީހުން ހިފައި ހައްޔަރުކުރީ؟ މި ސުވާލުގެ ޖަވާބު ދެއްވާ. މި ސުވާލުގެ ޖަވާބު ދެއްވާ. އަދި ޑިމޮކްރަސީގެ އެންމެ ފައްކާވެގެންދިޔަ ދުވަސްވަރު، ކިހިނެއްތޯ، ކޯޓުތަކުގެ ފަނޑިޔާރުން ހިފައި ހައްޔަރުކުރީ؟ ކީއްވެގެންތޯ ސުޕްރީމް ކޯޓު ނުހުޅުވިދިޔައީ، ޑިމޮކްރަސީ އެންމެ ފައްކާވެގެންދިޔައިރު؟ އެކަމަކު އަދު އެހެންތޯ ކަންތައްހުރީ؟ އަދު ހުރި ކަންކަމަކީ، އެއްވެސް މީހަކު، އަޅުގަނޑު ހަމަ ފަޚްރުވެރިކަމާއެކު އުފަލާއެކީ ދަންނަވަން ބޭނުންވޭ، އަޅުގަނޑުގެ ޒަޢާމަތުގައި އެއްވެސް މީހަކު ސިޔާސީ ވާހަކައެއް ދެއްކިޔަސް، އަދި އެހެން ވާހަކައެއް ދެއްކިޔަސް ކުށްވެރިއެއްނުވާނެ. އަދި ޤާނޫނާއި ޝަރީޢަތުގެ ބޭރުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ހިފައި ހައްޔަރު ކުރެވިފައި ހުރި މީހަކު ނުހުންނާނެ. އެކަމަކު ތަފާތަކީ ސަރުކާރެއް ވައްޓާލަން ގަދަބާރުން މަގުމައްޗަށް ނުކުމެގެން މަސައްކަތްކުރާ ކަމަށްވަންޏާ، އެކަމާ ބައްދަލު ފޯސް ބައްދަލުކުރާނެ. އެއީ ކަށަވަރު ކަމެއް. އެކަންކަން އެގޮތަށް ކުރާކަށެއް މިއަދު ދިވެހި ރައްޔިތުންނެއް ގަބޫލެއްނުކުރޭ. ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރަނީ، މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރަނީ، އެބައެއްގެ ހުރި މުރާލިކަމާއި، އެބައެއްގެ ހުރި އީޖާބީ ވިސްނުމާއި، އަދި އެބައެއްގެ ހުރި ފިކުރީ ވިސްނުންތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ޙައްލު ހޯދައިދޭން، ދިވެހި ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދޭން އަންނަނީ ކާކުތޯ؟ އެކަންކަން ކުރުމުގެ، ދިވެހި ރައްޔިތުންގެ ވިސްނުން އޮތްގޮތް އެނގެނީ، ކޮންމެ ފަސް އަހަރުން އެއްއަހަރު ވޯޓްފޮށީގައި ހުރި ކަރުދާސްތައް ގުނާލީމަ.
 
އެހެންވީމާ، އަޅުގަނޑުމެންވެސް މިތިބީ އެ އިންތިޒާރުގައި. ޑިމޮކްރަސީ ނެތިގެން ވަކާލާތު ކުރައްވާ ފަރާތްތަކަށްވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން މި ދައްކާ ކަހަލަ ވާހަކަ ރައްޔިތުންނާ ދައްކަވައިގެން، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ތާއީދު ހޯއްދަވާށޭ. ތާއީދު ހޯއްދަވައިގެން ހިންގަވާ އަޅުގަނޑުމެން އަނެއްކާވެސް 2018 ވަނަ އަހަރު ވޯޓްފޮށްޓާ ހަމަޔަށްދާން. އެއީ ދޮއެއްތޯ، ޑިމޮކްރަސީގައި ކަންތައް ކުރާގޮތް. މަދަނީ ނޫނިއްޔާ މިޒަމާނުގެ ޑިމޮކްރަސީގައި ކަންތައްތައް ކުރާގޮތަކީ މިއީ. އެއްގޮތަކަށްވެސް ދެދުވަހުން އެއްދުވަހު މަގުމައްޗަށް ނުކުމެގެން ސަރުކާރު ބަދަލުކުރުމުގެ ވިސްނުމަކީ އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ވިސްނުމެއް. އެ އަންނަ އިންޤިލާބީ ބޮޑެތި ބަދަލުތައް އަންނަނީ، އެތަނެއްގައި ހިނގާ އަނިޔާވެރިކަމާއި، އެތަނެއްގައި ހިނގާ ކަންކަމާ ދޭތެރޭގައި، ރައްޔިތުންނަށް ތަޙައްމަލް ނުކުރެވިގެން، އެނޫން އެހެން ގޮތެއް ނެތްކަން ގަބޫލުކުރެވުނީމަ، ދެން ރައްޔިތުން މަގުމައްޗަށް ނުކުންނަނީ. އެކަމަކު މުޅި ދިވެހި ޒުވާނުންނަށް ގެދޮރުވެރިކުރުވަން ކަންތައްތަކެއް ކުރުވާފައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން ބަނދަރުތަކެއް ހަދާފައި، ނަރުދަމާއާއި ފެނުގެ ކަންކަން ރައްޔިތުންނަށް ފުއްދައިދީފައި، އަދި ރައްޔިތުންނަށް ބޭނުންވާ ބަނދަރުތައް މިކަހަލަ ހިތްފަސޭހަ ގަޑިގަޑީގައި އެ ބަނދަރުތައް ހުޅުވުމުގެ ރަސްމިއްޔާތުގެ އުފާ އަޅުގަނޑުމެން އެންމެން ޙާޞިލު ކުރަމުންދާއިރު، އަދި އަޅުގަނޑުމެންގެ އަންހެން ބޭފުޅުންނަށް، އަންހެން ކަނބަލުންނަށް ބޭނުންވާ ބާރުވެރިކަން، ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި ހޯދައިދެމުން ދަމުން، ކުޑަކުދިންގެ ޙައްޤުތައް ނަގާލާ ފަރާތްތަކަށް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރަމުން ދަމުން، އިޙްސާންތެރި މުޖުތަމަޢެއް ބިނާކުރުމާއި، އޯގާތެރިކަމާއެކީ ބޮޑެތި މީހުންނަށް ކަމޭހިތަން ވާހަކަ ދައްކާއިރު، އަދި އިސްލާމްދީން ނޫން ދީނަކަށް ދިވެހިރާއްޖޭގައި ޖާގަ ނުދޭނެކަމަށް ބުނަމުންދާއިރު، ދެން ކީއްކުރަންތޯ މަގުމައްޗަށް މީހުން ނުކުންނަންވީ؟ މަގުމައްޗަށް މީހުން ނުކުންނާކަށް ނުޖެހޭ، ދިވެހި ޒުވާނުންނަށް ވަޒީފާ ލިބެތީކީ. މަގުމައްޗަށް ދިވެހިން ނުކުންނާކަށް ނުޖެހޭ، ދިވެހި ޒުވާނުންނަށް ބޭނުންވާ ގެދޮރުވެރިކަން ލިބޭތީ. މިކަންކަމާ ދެކޮޅުހަދަންތޯ މަގުމައްޗަށް ނުކުންނަންވީ؟ އެކުރައްވާ މަސައްކަތުގައި ﷲގެ ބަރަކާތެއް އެއްގޮތަކަށްވެސް ނުވާނެ. އެއީ އެ މަސައްކަތް ނުހިނގައިގެން އުޅޭ ގޮތަކީ. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އިރާދަކުރެއްވިއްޔާ ކަށަވަރުކަން އެބައޮތް، ސީމެގުން މިކުރާ މަސައްކަތުގައިވެސް.
 
ޝައްކެއްވެސްނެތް، ހުރިހާވެސް މައްސަލަޔަކީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ދައުލަތެއް ނަމަވެސް، ދިވެހިރާއްޖެ މިއޮތީ ޤުދުރަތީ ގޮތުން، ޖޯގްރަފީގޮތުން ވަރަށް މުހިންމު ސަރަޙައްދެއްގައި. ދިވެހިރާއްޖޭގައި ކުރިއަށް ދިޔުމުގެ ވިސްނުން އެބަހުރި. ދިވެހިރާއްޖޭގައި މިއޮތީ ހޭލުންތެރި ބައެއް. ދިވެހިރާއްޖޭގައި މީހުން އެބަތިބި، ދިވެހިރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމޭވަރުގެ ފިކުރުހުރި. އަދި ދިވެހިރާއްޖެއަކީ މިދުނިޔެމަތީގައި އޮތް ހަމައެކަނި ސައްތައިންސައްތަ މުސްލިމުން އުޅޭ ޤައުމެއް. މިއީ ދޮއެއްތޯ، މިއީ ދޮއެއްތޯ، ޣައިރު މުސްލިމުންނަށް ކަންކަން ބޮޑުވާކަމަކީ. އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ތިބެން ބޭނުންވީމާ، މިކަން ދަތިވާނެ. އަޅުގަނޑުގެ ސަރުކާރަކުން ވުޒާރާއަކަށް ސިޓީއެއް ނުދާނެ، ބޭރު އެހެން ދީންތަކުގެ ފައްޅިތައް ރާއްޖޭގައި އެޅިދާނެތޯ، އިސްލާމްދީނުގައި މިކަންއޮތީ ކިހިނެއްތޯ ސާފުކޮށްލަދޭކަށް. އެވަރެއް ނުދާނެ އަޅުގަނޑުގެ ސަރުކާރަކުން. އެހެންވީމާ، މިކަހަލަ ކަންކަން ހުރީމަ، މިކަހަލަ ކަންކަން ހުރީމަ ދޮއެއްތޯ މި ދަތިވެގެން މިއުޅެނީ. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި، މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރާ މަސައްކަތް. މި މަސައްކަތަކީ ﷲގެ ބަރަކާތް، މިކަމުގައި އިރާދަކުރެއްވިއްޔާ މިންވަރު ކުރައްވާނެ މަސައްކަތްތައް.
 
އެހެންވީމާ، އަޅުގަނޑު ހަމަ ގެމަނަފުށްޓަށް އައިސް، ހަމަ ހިތަށް މިއަރަނީ، ކުރީގެ ހަނދާންތައް އަންނަނީ. އޭރުވެސް އަޅުގަނޑުމެން ދެއްކީ، އޭރުއޮތް ސަރުކާރުން ކުރާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ހިތްހަމަނުޖެހުން އުތުރިއަރާ މިންވަރުގެ ވާހަކަ ދައްކަނީ. މިހާރުވެސް ހަމަ މިކުރެވެނީ އެ މަސައްކަތް. ރައްޔިތުންނަށް ޚިދުމަތްކުރާ ކަމަށްވަންޏާ، އަދި ރައްޔިތުންގެ ޙާލަތު ބަދަލުކުރާކަމަށްވަންޏާ، ރައްޔިތުންގެ ސަރުކާރުން ކުރާ ކަމަކާ ދޭތެރޭގައި ދެބަސްވެވޭކަމަށްވަންޏާ، ރައްޔިތުންނަށް މި ޙާލަތު ބަދަލުކޮށްދޭނީ ކިހިނެއްތޯ؟ ދުރު ކަރައެއްގައި ތިބެގެނެއް ނޫން ދޮއެއްތޯ މިކަން ކުރާނީ. ރައްޔިތުންނާ ގާތުން ޚިދުމަތްދޭންވާނީ. މިހާރު އަމިއްލަފުޅަށް އެ ޕާޓީގެ ހުރިހާ ބޭފުޅުން އެ ތިއްބެވީ އަރުވާލެވިގެން. ދެން ކިހިނެއްތޯ ކަމެއް ކުރާނީ؟ މިހާރު ސިފައިންގެ ލަޝްކަރަކަށް ބަލާކަމަށްވަންޏާ، ހުރިހާ ޖެނެރަލުން އެތިބީ ރާއްޖެއިން ބޭރުގައި. ހަނގުރާމަ ކުރަންވީ ފުޓް ސޯލްޖަރު. މިގޮތަކަށް ހަނގުރާމައެއް ނުހިނގާނެ. ކޮމާންޑް ކުރްނެ މީހަކު ނެތް. ގާތުން ކަންތައް ކުރަންވީގޮތެއް ބުނެދޭނެ މީހަކު ނެތް.
 
އެހެންވީމާ،އަޅުގަނޑުގެ އިލްތިމާސަކީ ވަޑައިގަންނަވާށޭ މިތަނަށް. ވަޑައިގެން މިތަނުގެ ޙާލަތު ބަދަލުކުރަން މަސައްކަތް ކުރަމާހޭ. ޑިމޮކްރަސީ ރާއްޖޭގައި ނެތްކަމަށް ވިދާޅުވާއިރު، ޑިމޮކްރަސީ ރާއްޖޭގައި ނެތީ ހަމައެކަނި ކުށްވެރިވެގެން ބަންދުކޮށްފައި ތިބި މީހުންނަށް މަޝްވަރާގެ މޭޒަށް ނައުން ކަމަށް ގަބޫލުނުކުރައްވާ. ބޭރު ތަންތަނުގައިވެސް ހޮސްޓެޖްކުރާ މީހުންގެ އިސް މީހުންނަކަށް އެއްވެސް ސަރުކާރަކުން މޭޒު ކައިރިއަށް ގެނެސްގެން ވާހަކައެއް ނުދައްކާނެ. އެއީ އެއްވެސް ޤައުމެއްގައި އެކަން ކުރާގޮތެއް ނޫން. އެއީ އެމީހުންގެ ކޯޒަށް ޖާގަދެވެނީ. އެމީހުން ކުރާ ކަމެއް ގަބޫލުކުރެވެނީ. ރާއްޖޭގައިވެސް އަޅުގަނޑުމެން މި ދަންނަވާ ވާހަކަޔަކީ، ރާއްޖޭގައި އިޞްލާޙު ކުރަންހުރި ކަންތައްތަކުގެ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާށޭ. އަދި ކުށެއް ކުރީމަ، އަދަބު ނުލިބެންވީ މީހުންގެ ލިސްޓް، މަޝްވަރާ ކުރަން އަންނާށޭ. މިވެނި ބަޔަކު މިވެނިކަހަލަ ކުށްތައް ކުރީމަ، އެއްވެސްކަހަލަ އަދަބެއް ނުލިބޭނެ. އެހެންވެސް އަޅުގަނޑުމެން ގަބޫލުކޮށްލަމާތޯ؟ އެކަމަކު އެވެސް އެނގޭނީ އެއީ ކޮންބައެއްކަން ލިސްޓެއްގައި ޖަހައިގެން އައިމަ ދޮއެއްތޯ. އޭރަށް އަޅުގަނޑު ނިހާނަށް ދަންނަވާނަން، މިމީހުންނަށް މަޖިލީހުގެ ތެރެއިން އިމިއުނިޓީ ހޯދައިދޭށޭ. އިމްތިޔާޒުތަކެއް ހޯދައިދޭށޭ. ކިހިނެއްތޯ ވެރިކަން ކުރާނީ، ރައްޔިތުންގެ ތެރޭގައި ޖިނާއީ ޢަދުލުގެ ތަފާތު، ޙުކުމް ތަންފީޛު ވެގެންދާއިރު ހުންނަ ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ކިހިނެއްތޯ އިންޞާފްވެރި ވެރިކަމެއް ކޮށްދޭނީ؟ ނުވާނެ ދޮއެއްތޯ. ޖިނާއީ ޢަދުލުގެ ކުރިމަތީގައި ރައްޔިތުންނަކީ ހަމަހަމަ ބައެއް. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބަޔެކޭ މި ބުނަނީ އެހެންވެގެން.
 
އަޅުގަނޑުމެންގެ ކުރިއެރުން އޮތީ ލެއްގިބަބުރުގެ ދަރިޔަކަށްވީމައެއް ނޫން. އަޅުގަނޑުމެންގެ ކުރިއެރުން އޮތީ އެމީހަކު ކުރާ މަސައްކަތް، ކިހާވަރަކަށްތޯ ރައްޔިތުން ބަލައިގަންނަނީ، އެކަން ގަބޫލުކުރެވުނީމަ. އެހެންވީމާ، މިރަށަށް އައިސް އޭރު އަޅުގަނޑުމެން ދެއްކި ވާހަކަތަކުންވެސް މިއަދުވެސް މާބޮޑު ބަދަލުތަކެއް ނާދޭ. އަޅުގަނޑުމެން މިކުރަނީ އަޅުގަނޑުމެން ކުރާ މަސައްކަތް، ރައްޔިތުންނަށް ޞުލްޙައާއި މަޞްލަޙަތާއި، ރައްޔިތުންގެ ކުރިއެރުން ހޯދައިދޭން ކުރާ މަސައްކަތް. ފިކުރީގޮތުން ތަފާތު ވިސްނުމުގައި ތިއްބަވާ ބޭފުޅުން ކުރައްވާ މަސައްކަތަކީ، ރާއްޖޭގައި ޑިމޮކްރަސީ ނެތް މިންވަރު ދައްކައިދިނުން. އެކަމަކު ރާއްޖޭގައި ޑިމޮކްރަސީ ނެތް މިންވަރު ދައްކައިދެވޭކަށްވެސް ނެތް. އެއީ މިހާރުވެސް އަޅުގަނޑަށް އެނގޭ، ރައްޔިތުންނަށް އެހާ ބަލައިގަންނާކަށް ފަސޭހަ ވާހަކަފުޅަކަށް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑަކީ ބޭބޭފުޅުންނަށް ދިމާވާ ކަންކަމުގައި ހަމަ ވީހާ ލުއިކޮށް ކަންތައްތައް ކޮށްދެވޭ ބައެއް. ރައީސް ނަޝީދު ފުރަތަމަ މިތަނުން ވަކިވެވަޑައިގަތީ، އަޞްލުގައި އޭރު އެކަމަކަށް ހުއްދަ ދޭކަށްވެސް ނުވެސްޖެހޭ. އެއީ އެމަނިކުފާނުގެ ބުރަކަށިފުޅުގައި އުޅޭ ތަދަކާ ގުޅިގެން، ބޭސްފަރުވާއަށް ވަޑައިގަތީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ޕާޓީގެ ރައްޔިތުންވެސް އަޅުގަނޑުދެކެ ރުހޭ ކަމެއް ނޫންކަން. އެހެންނަމަވެސް، ރައީސްކަން ކުރެއްވި ބޭފުޅަކަށްވާތީ، އޭރު އެކަން އަޅުގަނޑުމެން ކުރީ. އަޅުގަނޑުމެންނަށް ލިޔުންތައް އައީ މައިބަދަޔަށް ކޮންމެވެސް އިންޖެކްޝަންތަކެއް ޖަހާ ވާހަކަ. ދެން އެކަން ކުރެވިދާނެ، އެހާ ދުރަށް ވަޑައިނުގެން. އެހެންނަމަވެސް، އަޅުގަނޑުމެން އެކަން ފަސޭހަކޮށްދިނީ ދޮއެއްތޯ. މިހާރު އަޅުގަނޑަށް ލިޔުންތަކެއް ފޮނުއްވާފައި އެބަ ވިދާޅުވޭ، މިމަހުގެ 19 ވަނަ ދުވަސް، އާދެ ދެ ދުވަހެއް ފަހުން އެމަނިކުފާނު ސަރޖަރީއަށް އެޑްމިޓްވާންޖެހޭކަން. އަޅުގަނޑުގެ ގޮތަކީ ހަމަ އެކަން ކުރައްވަން، އެމަނިކުފާނަށް ހަމަ ދޫކޮށްލުން. މީހެއްގެ ބޭސްފަރުވާ ހިފަހައްޓާކަށް އަޅުގަނޑުނެތިން. އެއީ ދިވެހިރާއްޖޭގައި މިތިބަ ފަނޑިޔާރުންނަކީ ޑިގްރީއެއް ނެތް ބަޔެކޭ. ކިހިނެއްހޭ ފަނޑިޔާރުކަން ކުރާނީ؟ ދިވެހިރާއްޖޭގައި ތިބި ޑޮކްޓަރުންނަކީ އެތަންތަނުގައި ތިބި ޑޮކްޓަރުންނަށްވުރެ މާ ދެރަވަރު މީހުން. އެހެންވީމާ، މިތާ ފަރުވާކުރަނިކޮށް ގެއްލުމެއް ލިބިއްޖެ ކަމަށްވަންޏާ، އޭގެ ޒިންމާ އަނެއްކާވެސް އުފުލަން މިޖެހެނީ އަޅުގަނޑު ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑު ދަންނަވައިފިން، ރައީސް ނަޝީދަށް އަޅުގަނޑު އެދެނީ އެމަނިކުފާނަށް އަވަސް ޝިފާއެއް. އެހެންވީމާ، އެމަނިކުފާނު އޮޕަރޭޝަން ނިންމަވައިގެން، އެހެންނަމަވެސް، ރާއްޖެ ވަޑައިގެންދެއްވާށޭ. ދެން އަޅުގަނޑަށް އެނގޭ، މިކަން ކުރީމަ އަޅުގަނޑުމެން ޕާޓީގެ ތެރޭގައިވެސް ހިތްޕުޅުހަމަނުޖެހޭ ބޭފުޅުން ތިއްބަވާނެ. އެހެންނަމަވެސް ކުރަންޖެހޭ ކަމަކީ، މިހުރިހާ ކަމެއް ކޮށްގެންވެސް އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ތެރޭގައި މަޞްލަޙަތު އޮތުން. މި ރައީސަކީވެސް ހުރެފައި ހަމަ މާދަމާވެސް ވަކިވާން ހުރި ރައީސެއް. އެހެންނަމަވެސް، މުޅި ދިވެހި ރައްޔިތުންގެ ޙައްޤުގައި، މުޅި ތަނަށް ބޭނުންވާ މަޞްލަޙަތާއި ޞުލްޙައިގެ ޙައްޤުގައި މިކަހަލަ ކަންތައް ކުރަންޖެހޭ.
 
އެހެންވީމާ، އަޅުގަނޑު ރައީސް ނަޝީދަށް އެ ފުރްޞަތު އަރުވާފައި މި ދެންނެވީ، މަނިކުފާނު ފަސޭހަފުޅުވީމަ ވަޑައިގަންނަވާށޭ. ވަޑައިގެން ޒިންމާދާރުކަމާއެކީ އިދިކޮޅު ފަރާތެއް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ތިޔަބޭފުޅާ ހިތްވަރު ދެއްވާށޭ. އޭރަށް ދިވެހި ރައްޔިތުންނަށް މިކުރާ މަސައްކަތްތައް ފަސޭހަވެގެންދާނެ. މިއަދުވެސް އަޅުގަނޑު ހިތަށްއަރަނީ، ހަމަ މިކަހަލަ ވާހަކަތަކެކޭ އަޅުގަނޑުމެން ގެމަނަފުށީގައި ދެއްކީ. އެކަމަކު ގެމަނަފުށީގައި މިވާހަކަ މި ދައްކަންޖެހޭ ސަބަބަކީ، މިދެންނެވި ގޮތަށް އޭރުވެސް މިތާއޮތީ ހަމަ ވަރަށް ފޯރިގަދަ ގްރޫޕެއް. މިއަދުވެސް ހަމަ އެގްރޫޕް މިތާ އެބައޮތް. ތިޔަބޭފުޅުން ބޭނުންފުޅުވާ ބަނދަރު، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ތިޔަބޭފުޅުންނަށް އެއޮތީ ހަމަޖެހިފައި.
 
ދެން މި ބަނދަރުގެ މަސައްކަތް ނިމިގެންދިޔައިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ގެމަނަފުށީގެ ކައުންސިލަކީ ނަމޫނާ ކައުންސިލެކޭ. އެއީ، ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރިނަމަވެސް، މުޅި ރަށުގެ ރައްޔިތުންގެ ފައިދާއަށް ކުރާ މަސައްކަތުގައި އެއްބާރުލުން އެބަ ލިބެންޖެހޭ. ގެމަނަފުށީ ކައުންސިލުން ކިތަންމެހާވެސް ރަނގަޅަށް ސާބިތުކޮށްދީފި، އެ އެއްބާރުލުން ދެއްވާ ކަމަށް. އެހެންވެގެން މިތަނުގެ ބަނދަރު، އެހާ ނަލަ ބޮޑު ފަހި ބަނދަރަކަށް ވެގެންވެސް މިދިޔައީ. ހަމައެޔާއެކީ ދަންނަވާލަން ބޭނުންވޭ، މި ބަނދަރު މިހިސާބަށް ގެނައުމާއި، އަދި ރައްޔިތުންގެ ޝަކުވާތައް އަޅުގަނޑާ ހަމަޔަށް އޮއްސައިގެން ނަމަވެސް، އެކުރަން ބޭނުންވާ ކަންތައްތައް ކުރުމުގައި ޖޭ.ޔޫއަކީ މި ދާއިރާގައި، މެންބަރު ޖަމީލް ޢުޘްމާނަކީ ހަމަ ދެވަނައެއް ނެތްފަދަ ނަމޫނާ މެންބަރެއް. ވަރަށް ބޮޑަށް ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވައި، ރައްޔިތުން ބޭނުން ކަންތައްތައް ފުއްދަވައިދެއްވަން މަސައްކަތް ކުރައްވާ. ދެން ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، ހަމަ އުނދަގޫވާވަރަށް މިކަހަލަ ކަންކަމުގައި އުޅުއްވާވެސްމެ.
 
އެހެންނަމަވެސް، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހުރެ މި ވާހަކަ ދައްކަނީ އިލްހާމްގެ ރަށުގައި. މި ބަނދަރު ފެށްޓުމުގެ މަސައްކަތާއި، މި ބަނދަރު ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އިލްހާމް ކުރެއްވި މަސައްކަތް އެއީ ހަމަ ފާހަގަކުރަންޖެހޭ މަސައްކަތެއް. އެކަމަށް އިލްހާމަށް ޝުކުރު ދަންނަވަން. އަދި އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ،ފިކުރުގެ ގޮތުން، ފިކުރުގެ ގޮތުން ދެ ފިކުރެއް މިއޮތީ. އެއީ ބިނާކުރަނިވި ފިކުރެއް. ރައީސް މައުމޫން ރަމްޒުކޮށްދެއްވާ ފިކުރެއް. ދެންއޮތީ ފަނާކުރަނިވި ފިކުރެއް. މި މަސައްކަތް އަޅުގަނޑުމެން ކުރިއިރު، ކަޅާއި ހުދުން މި ދެބައި ބަހާލާ ކަމަށްވަންޏާ، މިދިޔަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ދަތި އުނދަގޫ ތަޙައްމަލް ކުރަންޖެހުނު މަޖިލިސް. އެ މަޖިލީހުގައި ހަމަ ލޮލުން އަޅުގަނޑު ދުށީމު، އަޅުގަނޑު ހެކިވީމު، އޭރު ހިނގައިދިޔަ ކަންތައްތައް. ގަބޫލުކުރައްވާ، މިއަދު މިއީ އަޅުގަނޑުމެންގެ ބޮޑު އަޣްލަބިއްޔަތު އޮތް ދުވަހެއް. އެހެންނަމަވެސް، މިދިޔަ މަޖިލީހުގައި ހިނގައިދިޔަ ކަހަލަ އިންސާނީ ކަރާމާތަށް ގެއްލުން ލިބޭވަރު ހަމަ އެއްކަމެއްވެސް ހިނގިތޯ ބައްލަވައިލައްވާ. އޭރު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މައި ޖަލްސާގައި، ދޮރުފާރަވެރިން ތިބެގެން، ރައްޔިތުންގެ މަޖިލިސް ޖަލްސާ ބަންދުކޮށްގެން، ތަޅުލައިގެން އަޅުގަނޑުމެން ފެންފުޅިއެއް ބޭނުންވެގެން ފެންބޯލަން ނުދެވޭގޮތަށް، ފާޚާނާޔަކަށް ބޭނުންވެގެން ފާޚާނާޔަށް ނުދެވޭގޮތަށް އަޅުގަނޑުމެން ދެގަޑިއިރު، ތިންގަޑިއިރު އެތާ ހިފެހެއްޓިއޭ. އެއީ އޭރު ކަންތައް ހިނގިގޮތް. އެ ޖިހާދުގައި އެންމެ ވަރުގަދަޔަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް އިލްހާމަކީ. އޭރުވެސް އަޅުގަނޑުމެންނާ އެއް ޚިޔާލެއްގައި ހުންނެވީ. މިއަދުވެސް އަޅުގަނޑުމެންނާ އެއް ޚިޔާލެއްގައި އެ ހުންނެނީ. އެހެންވީމާ، މިކުރާ މަސައްކަތުގައި އިލްހާމްގެ މަސައްކަތަކީ ހަމަ މިދެންނެވި ކަޅާއި ހުދުގެ ތަފާތުގައި ވަރަށް ފާހަގަކުރެވޭ، ވަރަށް ބަލައިގަނެވޭ މަސައްކަތްޕުޅުތަކެއް.
 
އެޔާއެކީ މިއަދު އަޅުގަނޑުމެން ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޖަމީލް ކުރައްވާ މަސައްކަތްތައް ފާހަގަކުރަންޖެހޭ. ގެމަނަފުށީގެ ދާއިރާއިން އަޅުގަނޑަށް މި ފެނިގެންދިޔައީ، ހަމަ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތުތަކެއް މަޖިލީހަށް މި އަންނަނީ. އެހެންވީމާ، ޖަމީލަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވާހަކަކޮޅު މިހާރުވެސް ދިގުވެއްޖެ.
 
އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ލިބޭ އުފަލެއް، އަޅުގަނޑަށް ލިބޭ ޝަރަފެއް، އަދި ﷲ އަޅުގަނޑަށް މަތިވެރިކޮށްދެއްވާ ވަރުގަދަ ނިޢުމަތެއް، ރައްޔިތުންނަށް މި އުފާފާގަތިކަން ލިބޭ ކޮންމެ ކަމެއްގައި ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑަށް ލިބޭތީ އަޅުގަނޑު އުފާވޭ. ﷲ އަށް ޙަމްދުކުރަން. ހަމައެހެންމެ ގެމަނަފުށީގެ މި ނަލަ ބޮޑު ބަނދަރު، ތިޔަބޭފުޅުންގެ ފަޚްރެއް ކަމުގައި މިހާރު ހިމެނިގެންދިޔަކަމަށް މިތާ ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވި. މި ބަނދަރު ހުޅުވިގެން ގެމަނަފުށްޓަށް ލިބޭ ހިތްހަމަޖެހުމާއި އުފަލާއި އަދި އިރާދަކުރެއްވިއްޔާ، އިޤްތިޞާދީ ގޮތުން ލިބޭ ކުރިއެރުމުގެ ކޮންމެވެސްވަރެއްގެ ޙިއްޞާއެއްގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ދެއްވީތީ، ގެމަނަފުށީގެ ހަމަ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އެޔާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މި ބަނދަރަކީ މަސްވެރި ބަނދަރަކަށް ވެގެންދާނެ. މަސްވެރި އުޅަނދުތައް މިރަށުގަޔާއި އަދި ކައިރި ހިސާބުތަކުން ލަފާ ބަނދަރަކަށްވާނެ. އަދި ގަދަ ކަނޑުގެ ޙިމާޔަތް ހޯދާ ބަނދަރަކަށް މި ބަނދަރު ވެގެން މިދަނީ. އެހެންވީމާ، މިއަހަރުގެ މަސްވެރިންގެ ދުވަސް އޮންނަންވާނީ ގެމަނަފުށީގައި ނޫންތޯ؟ އަދި ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑަށް އައި އިލްތިމާސަކީ، މިތަނުގައި މިހާބޮޑު މަސްވެރިކަމުގެ މަޝްރޫޢެއް ހިނގާއިރު، އަދި މަސްވެރިކަމުގެ ޞިނާޢަތެއް މިރަށުގައި އޮންނައިރު، މިތަނަށް އައިސް ޕްލާންޓެއް ބޭނުންވާ ވާހަކަ. ހަމަ އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިއަހަރު އެކަންވެސް ކޮށްދޭނަމޭ.
 
އެހެންވީމާ، މިހާހިސާބަށް ދިޔައިމަ، ސަލާމްމެން ކަހަލަ ބޭފުޅުންގެ ފަރާތުން މި އަންނަންޖެހެނީ، އުދުހޭކަހަލަ ލަފްޒުތައް ނޫންތޯ؟ އެހެންވީމާ، ގެމަނަފުށީގެ ރައްޔިތުންނަށް ދެން އުދުހުމުގެ ފުރްޞަތު މި ލިބެނީ މާވާރުލު އެއަރޕޯޓް ހެދިގެން. އިރާދަކުރެއްވިއްޔާ، ހަމަ  މި ހަފްތާގެ ތެރޭގައިވެސް އެގްރީމަންޓް ސޮއިކުރެވޭގޮތަށް އޮތީ. އޭގައިވެސް ޖަމީލް ޢުޘްމާންގެ މަސައްކަތްޕުޅާއި، ގައްދޫ ދާއިރާގެ މެންބަރު ރަޝީދުބޭގެ މަސައްކަތްޕުޅު އަޅުގަނޑުމެން ފާހަގަކުރަން. އަޅުގަނޑުމެން ވަރަށް ބެލިން، ހަމަ ކުރީގައި އޮތްގޮތަށް މާވާރުލު، އޭރު ބަލަހައްޓަވަމުން ގެންދެވި ޒާހިރު އާދަމް އެކަން ކުރައްވައިގެން ނިންމެވޭތޯ. އެހެންނަމަވެސް، އެކަން ވާނެގޮތްނުވީމަ، އަޅުގަނޑަށް އަބަދުވެސް ވަކި ފަރުދަކަށްވުރެ މުހިންމުވާނީ މުޅި ރައްޔިތުންގެ މަޞްލަޙަތު. އެހެންވީމާ، މާވާރުލު މިހާރުއޮތީ ވަކިކޮށް، އެގްރީމަންޓްގައި ސޮއިކުރާ ހިސާބުގައި. އިރާދަކުރެއްވިއްޔާ، ހަމަ މި ހަފްތާގެ ތެރޭގައިވެސް ހަމަ ނިންމައިލެވޭނެ. ނިންމައިލެވުނީމަ، ހަމަ އުދުހުމުގެ ތެރޭގައި އުދުހޭގޮތަށް ދާނީ.
 
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.