بســم اللّـه الرّحمـن الرّحيــم
      
          ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ކައު ސާޙިބާ مُحَمَّـد ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މިދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
އާދެ، ގެމަނަފުށީގެ ދާއިރާއަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، އެންމެ ފުރަތަމަ އަޅުގަނޑުމެން މި ބަނދަރުކުރީ ކަނޑުހުޅުދުއަށް. ކަނޑުހުޅުދުއަށް އަޅުގަނޑު އައުމާއެކީ، އަޅުގަނޑަށާއި އަޅުގަނޑާއެކީ ދަތުރުކުރެއްވި އެންމެހައި ޢިއްޒަތްތެރިންނަށް، ކަނޑުހުޅުދޫގެ ލޮބުވެތި ރައްޔިތުންނާއި އަދި ކައިރި ރަށްރަށުން ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑަށް އެނގޭ، މި ދާއިރާގައި ކަނޑުހުޅުދުއަކީ ވަރަށް ފޯރިގަދަ ރަށެއް. އަދި ހަމައެހެންމެ، ދެން އަޅުގަނޑު ދަތުރުކުރަން މިއޮތީ ގެމަނަފުށްޓަށް. މިއީވެސް ވަރަށް ފޯރިގަދަ ރަށެއް. ކައުންސިލް އިންތިޚާބުތަކުގަޔާއި އަދި ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާނީ އެތަކެއް ދަތުރު މި ހިސާބަށް ކޮށްފައި. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ކަނޑުހުޅުދުއަށްވެސް މަދުވެގެން ދެ ދަތުރު އަޅުގަނޑުމެން ކުރީމު. މިއިން ކޮންމެ ދަތުރެއްގައި، ކަނޑުހުޅުދޫ، ގެމަނަފުށީގެ ޝައުޤުވެރިކަން، ފޯރި އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ޙަޤީޤަތުގައި ކަނޑުހުޅުދުއަކީ އަޅުގަނޑުމެންގެ ޕާޓީއަށް، ޑީ.އާރު.ޕީ އަދި ރައީސް މައުމޫން ފަހުން ޕާޓީ ބަދަލުކުރައްވައި، އަޅުގަނޑުމެން އާ ޕާޓީއެއް މި އުފެއްދި ޕީ.ޕީ.އެމް. އަށް ވަރަށްބޮޑު އިޚްލާޞްތެރި ތާއީދެއް އޮންނަ ރަށެއް.
 
އަޅުގަނޑުމެންނަށް ކަނޑުހުޅުދޫން އިރާދަކުރެއްވިއްޔާ އެ ނަތީޖާ ފެނިގެން ހިނގައްޖެ. އަޅުގަނޑުގެ ޝުކުރު އެންމެ ފުރަތަމަވެސް ކަނޑުހުޅުދޫގެ ރައްޔިތުންނަށް ދަންނަވަން މިޖެހެނީ، މިދިޔަ ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުންނަކީ ރާއްޖޭގެ ރަށްރަށުން، ނޫނީ ދާއިރާއަކުން އެންމެގިނަ ވޯޓް ބޮޑަށް ދެއްވި އެއްރަށް ކަމުގައި ހިމެނޭތީ. އާދެ، އެހެންވެ އަޅުގަނޑު ދެންނެވީ، އަޅުގަނޑުމެންނާ ގާތް، ވަރަށް އިޚްލާޞްތެރި ގުޅުމެއް އޮންނަ ރަށެކޭ ކަނޑުހުޅުދުއަކީ. އެހެންވީމާ، ކަނޑުހުޅުދުއަށް އަނެއްކާވެސް ޒިޔާރަތް ކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް. އަދި މި ޝަރަފް އިތުރުވެގެން މިދިޔައީ، އަޅުގަނޑު ވާހަކަ އަޑުއަހަން އިންދާ، އަޅުގަނޑުގެ ކުރިން އިސްވެ ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުން. އާދެ، ކައުންސިލްގެ މެންބަރެއް ކަމުގައިވާ ޝަޒްނާ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންނަށް މޭރުންވެގެން މިދިޔައީ، މީގެކުރީގައި ރައީސަކަށް ނުލިބޭ ޝަރަފް އަޅުގަނޑަށް މިރަށުން ލިބިއްޖެކަން. އާދެ، ކަނޑުހުޅުދޫގައި އެއްވެސް މަޝްރޫޢެއް ނިމިގެން މީގެކުރިއަކުންނެއް ރައީސަކު ވަޑައިގެން، އެ މަޝްރޫޢެއް އިފްތިތާޙުކޮށްދެއްވާފައި ނުވާކަމަށް ދެންމެ އިޢުލާނުވެގެން މިދިޔައީ. އެހެންވީމާ، ކަނޑުހުޅުދޫގައި މި ޢިމާރާތް ކުރެވުނު ރީތި މިސްކިތް، [މަސްޖިދު އަބީބަކުރު] ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އަދި އެކަމުގައި ކަނޑުހުޅުދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ އަނެއްކާވެސް ޝުކުރު ދަންނަވާލަނީ.
 
އާދެ، ޤައުމުގެ ރައީސަކަށް ލިބޭނޭ އެންމެ ބޮޑު އުފަލަކަށްވާނީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ހިންގުމުގައި ރައްޔިތުންގެ އެއްބާރުލުން. ރައީސްގެ ވިސްނުންތަކެއް ހުންނާނެ. ރައީސްގެ ފިކުރުތަކެއް ހުންނާނެ، ރައްޔިތުންނާ ދޭތެރޭގައި. އަދި ރަށެއް ތަރައްޤީ ކުރުމާ ދޭތެރޭގައި ރައީސްގެ ވިސްނުންތަކެއް ހުންނާނެ. ރައީސާއެކީ މަސައްކަތްކުރާ ކެބިނެޓްގެ މިނިސްޓަރުންނާއި އަދި ރައީސާއެކީ މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވިސްނުންތަކެއް ހުންނާނެ.
 
އަޅުގަނޑުމެން އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންނަކީ އިސްލާމުން. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި އަބަދުމެ އޮންނާނީ އިސްލާމްދީނުގެ ހިދާޔަތް. އަޅުގަނޑުމެން މިތިބީ އެ ހިދާޔަތް ގަބޫލުކޮށްގެން. އެތަކެއް ސަތޭކަ އަހަރުވެއްޖެ، ސާބިތުކަމާއެކީ އަޅުގަނޑުމެން އިސްލާމްދީނުގައި ތިބޭތާ. ބިންމަތީގައި، އަޅުގަނޑުމެން ދިރިއުޅޭ ބިމުގައި ބިނާކުރެވޭނެ އެންމެ މުޤައްދަސް ބިނާއަކަށްވާނީ، ﷲގެ ގެކޮޅުތައް. މިއަދު ކަނޑުހުޅުދޫގައި ހުޅުވިގެން މިދިޔައީ ﷲގެ ގެކޮޅެއް. އަޅުގަނޑުމެންނަކީ އިސްލާމުން ކަމުގައިވާއިރު، ﷲގެ ގެކޮޅުތައް އަޅުގަނޑުމެން ދިރިއުޅޭ ތަންތަނުގައި ބިނާ ނުކުރާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަދި އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މަތިވެރި ވިސްނުމުގައި ތިބި ބަޔަކަށްވާއިރު، އަޅުގަނޑުމެންގެ އެންމެ އިސްކަންދޭ ކަމެއް ކަމުގައި، އަޅުގަނޑު މީގެކުރީގައި އުތީމުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަމުން، އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ފިކުރުގައި، އަޅުގަނޑުމެންގެ ފަސްގަނޑުން ބަންގީގެ އަޑު ފިލައިގެންދާނެ ވަގުތެއް އައިސްގެން ނުވާނޭ.
 
އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ވިސްނުން މިކަމުގައި ހުރިގޮތް. މީގެކުރީގައި އެތަކެއް މިސްކިތް ވަނީ ރާއްޖޭގެ އެކި ހިސާބުގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި ބިނާކުރައްވާފައި. އެހެންނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލާއި، މި އާބާދީ އިތުރުވުމާއި، އަދި ދީނަށް ޝައުޤުވެރިވާ މީހުން އިތުރުވަމުންދިޔުމާއެކީ، އަދި ދުވަސްވީމަ މިސްކިތްތައް ބާވަމުން، ކުޑަވަމުންދާތީއާއެކީ، މިސްކިތްތަކަށް މިވަނީ އިންތިހާއަށް ރާއްޖެއަށް ބޭނުންވެފައި. މިކަން ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ސަރުކާރަކަށްވެސް ފާހަގަކުރެވޭ. އާދެ، މިކަން އަޅުގަނޑުމެންނަށް ޒިޔާރަތް ކުރައްވާ އިސްލާމީ ދައުލަތްތަކުގެ ވެރިންނަށްވެސް ފާހަގަކުރެއްވޭ. އެގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ އަގުހުރި ހަދިޔާތަކެއް އަޅުގަނޑުމެންނަށް ލިބިގެން މިދަނީ. އަދި ހަމައެޔާއެކީ، ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން މިސްކިތްތައް އިމާރާތް ކުރަމުން އެބަގެންދޭ. އެހެންނަމަވެސް، ދެންމެ ވާހަކަފުޅު ދައްކަވަމުން، ބޭފުޅަކު ވިދާޅުވިގޮތަށް، މިސްކިތްތައް އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި، ރަށްރަށުގައި ފެތުރިގެން ޢިމާރާތްވެގެން މި ނުދަނީ، މިސްކިތްތައް ޢިމާރާތްކުރާ ފަރާތްތަކަށް، ކޮންޓްރެކްޓަރުންނަށް، އެ މަސައްކަތް އޮންނަ މުއްދަތަށް ނިންމައިނުލެވޭތީ. ބައެއް މިސްކިތް ނަގާފައި، ތިން ހަތަރު ކޮންޓްރެކްޓަރުން ބަދަލުވެގެން އެބަދޭ. އެއީ އެކަންކަން ނުކުރެވިގެން. އެހެންވީމާ، މިސްކިތްތައް އެޅުން ލަސްވެގެން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިރަށުގައި މި އެޅުނު މިސްކިތަކީ ދެންމެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާނުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން އަދި އިސްކަމެއް ދެވިގެން، ޚާއްޞަ ސަމާލުކަމެއް ދެވިގެން އެޅިގެންދާ މިސްކިތެއް. މިކަމުގައި އިސްލާމިކް މިނިސްޓަރާއި، މިނިސްޓަރުގެ އެކި ޓީމުގައި މަސައްކަތް ކުރައްވާ އެންމެހައި ޢިއްޒަތްތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑުމެންގެ ސަރުކާރުން، ޝައްކެއްވެސްނެތްގޮތުގައި، މިނިސްޓަރ މުޢިއްޒަކީ ގޫގްލް ސްޕީޑްގައި މަސައްކަތް ކުރައްވާ ޢިއްޒަތްތެރިއެއް. ހަމައެހެންމެ، އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޒިޔާދަކީވެސް އަދި އެހެން މިނިސްޓަރުންނަކީވެސް، އެބޭފުޅުން މަޤާމުގައި ބޭނުންފުޅުވަނީ، އުފަލެއް ކަމުގައި ދެކެވަޑައިގަންނަވަނީ، ސަރުކާރުން ރައްޔިތުންނަށް މި ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން އަވަސް ސްޕީޑްގައި. ދައުލަތަކަށް އެންމެ މުހިންމު ކަމަކަށްވާނީ، ދައުލަތެއް ހިންގަން ހުންނަ މީހަކަށް އެންމެ މުހިންމު ކަމަކަށް ވެގެންދާނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ރައްޔިތުންނަށް ވީހާ އަވަސް މުސްތަޤްބަލެއްގެ ތެރޭގައި ކޮށްދިނުން.
 
އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުމެން ވެރިކަމުގައި މި ހޭދަކުރާ ފަސް އަހަރަކީ ކުރު މުއްދަތެކޭ. ރައްޔިތުންގެ ބޭނުންތައް އިންތިހާޔަށް ގިނައޭ. ރައްޔިތުންގެ ވިސްނުން، ހަމަ ގޫގްލް ސްޕީޑާ އެއްކޮށް ބަދަލުވަމުން އެބަދެޔޭ. އަޅުގަނޑުމެންގެ ބަނދަރުތައް ބޮޑުކުރަން ބޭނުންވާ ބޭނުންތައް، ހަމަ އިތުރުވަމުން އެބަދެޔޭ. ކޮންމެ ރަށެއްގައި ބަނދަރު ހެދުމާއެކީ، ދެ އަހަރެއްހާ ދުވަސް ނުވަނީސް ބަނދަރު އަނެއްކާ މިޖެހެނީ ބޮޑުކުރަން. އެކަމަކު މީގައި ހަމަ ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ ބަޖެޓް ތަންދިން މިންވަރަކުން މިކަންކަން ކުރެވެންވެސްޖެހެޔޭ. ބަނދަރުތައް އޭގެ ޒާތުގައި ބޮޑުވެގެންދަނީ، އެއީވެސް ﷲގެ ރިޒުޤު އަޅުގަނޑުމެންނަށް އިތުރުވެގެންދާތީ. އަޅުގަނޑުމެންގެ މަސްވެރިކަން އިތުރުވެ، ދަތުރުފަތުރުކުރާ ދޯނިތައް އިތުރުވާކަމަށްވަންޏާ، މި ނިޢުމަތްތަކަށް އަޅުގަނޑުމެން ފުރަގަސްދޭކަށްނުޖެހޭ. ބަނދަރުތައްވެސް ހަމަ ބޮޑުވާންޖެހެނީ މިދެންނެވި ސަބަބަށްޓަކައި. މި ދާއިރާއަށް ބަލައިލައިފި ކަމަށްވަންޏާ، މި ދާއިރާތަކުގައި ހުރި ވާހަކަތައް އަޅުގަނޑުމެންގެ ކަންފަތަށް ނީވޭނެގޮތަކީ ނެތް ގޮތެއް. މި ދާއިރާގައި މިހާރު މަސައްކަތް ކުރައްވާ މެންބަރު، ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާނަކީ މަޖިލީހުގައި ވަރަށް ޙަރަކާތްތެރި މެންބަރެއް. އަޅުގަނޑުމެން ޕާޓީގެ ވަރަށް އަގުހުރި މެންބަރެއް. އެހެންވީމާ، ޖަމީލް ޢުޘްމާންގެ އަޑުފުޅު ހަމަ ސާބިތުކަމާއެކީ އަޑުފުޅު ގަދަ. އެހެންވީމާ، އަޅުގަނޑުމެންނަށް ޖަމީލްގެ ވާހަކަފުޅުތައް ސަރުކާރުގެ ތެރޭގައި ހަމަ ހުރިހާ ދިމާއަކަށްވެސް އިއްވަމުން ގެންދަވާނެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އަޅުގަނޑުމެން އެދޭ ކަންކަމަކީވެސް މިއީ.
 
ހަމައެޔާއެކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ސަރުކާރުން އެދޭ އަނެއްކަމަކީ، ސަރުކާރުން ކަންކަން ކޮށްދިނުމުގައި، ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހުރި ދަތިތަކުގެ ކަންތައްވެސް، ރައްޔިތުންނަށް އޮޅުންފިލާ މޭރުމަކުން އޮޅުންފިލުއްވައިދެއްވަންޖެހޭ. އެއީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާއެއް. ކޮންމެ މެންބަރަކުވެސް ބޭނުންފުޅުވާނީ، އެ މެންބަރެއްގެ ދާއިރާއަށް ބޭނުންވާ ހުރިހާ ކަމެއް ފުދިގެން ދިޔުން. އަޅުގަނޑުމެން ދިރިއުޅެނީ އާބާދީގެ ގޮތުން، ބިމުގެ ގޮތުން އަދި ރިސޯސްގެ ގޮތުން، ނޫނިއްޔާ ހުރި މުއްސަނދި ކަމުގެ ގޮތުން ތަފާތު ރަށްރަށުގައި. އެހެންނަމަވެސް، ކޮންމެ ރަށަކަށް ބޭނުންވާ އެތައް ބައިވަރު ކަންކަމެއް ހުރޭ. ސަރުކާރުން މަސައްކަތް ކުރާއިރު، މިހުރިހާ ކަމެއް ފުއްދައިދެވޭތޯ ބަލާއިރުވެސް، ކަންކަން ފުއްދުމުގައި ދަތިތަކެއްވެސް ހުރޭ. އަޅުގަނޑާ ހަމަޔަށް މިރަށުންވެސް އަދި މި ދާއިރާއަށް މިކުރާ ޒިޔާރަތުންވެސް ޝަކުވާއެއް އައުމުގެ ކުރިންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
 
ކަރަންޓްގެ ބިލަށް މިއައި ބަދަލާ ގުޅިގެން އަޅުގަނޑަށް އެނގޭ، ދަތިތަކެއް ތަޙައްމަލްކުރާ އެތަކެއް ރައްޔިތުން ތިބިކަން. އަޅުގަނޑަށް މިދޭތެރެއިން ރާއްޖެއިން ބޭރުގައި، މިކަން އެނގިގެން ދިޔައިމަ، ބައެއް ބިލްތައް ބަލާފައި، މެންބަރަކު އަޅުގަނޑަށް ފޮނުއްވައިދެއްވި ބިލްތައް ބަލާފައި، އަޅުގަނޑު މިއަދު މިއައީ އިޤްތިޞާދީ ވަޒީރުންގެ ކޮމިޓީގައި ދަންނަވާފައި، ބިލްތައް އަލުން ރިވިއު ކޮށްދެއްވާށޭ، އަލުން ބައްލަވައިދެއްވާށޭ، ދިރާސާ ކުރައްވާށޭ. މީގައި ހިސާބުތަކެއް ހެދިއިރު، އެއްވެސްކަހަލަ މައްސަލައެއް އުޅޭކަމަށްވަންޏާ، ނޫނީ އަޅުގަނޑުމެންގެ އަތްދަށުން ގޮސްފައި ހުރި ކަންކަމެއް ހުރެއްޖެ ކަމަށްވަންޏާ، އެކަންކަން ބައްލަވާފައި ފާހަގަކޮށްދެއްވާށޭ. އެހެންނަމަވެސް، ދަންނަވަން ބޭނުންވާ ވާހަކަޔަކީ، ކަރަންޓް އުފެއްދުމަށް ބޭނުންވާ ހަކަތަޔަކީ ތެޔޮ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔައިމަ، ހަމަ ސަރުކާރަށްވެސް ޖެހެނީ މިދެންނެވި ބަދަލު ގެންނަން. އެހެންނަމަވެސް، އެޔާއެކީ އަޅުގަނޑުމެން ހަމަ މިހާރު ރިވިއު ކުރަމުން މިގެންދަނީ، ނޫނިއްޔާ މިހާރު ދިރާސާ ކުރަމުން މިގެންދަނީ، ކަރަންޓް ބިލަށް މިއައި ބަދަލުގެ ތެރޭގައި، އަޅުގަނޑުމެންގެ އަތްދަށުން ކޮންކަމެއް ވެއްޓިގެންތޯ، އަޅުގަނޑުމެން އިންތިޒާރު ނުކުރާ ނަތީޖާއެއް ރާއްޖެތެރޭގައި، ރާއްޖޭގައި އަދި މާލޭގައި ބައެއް ހިސާބުތަކުގައި ދިމާވެގެން މިއުޅެނީ. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވާ ވާހަކަޔަކީ، ކެތްތެރިކަމާއެކީ އިންތިޒާރުކޮށްލައްވާށޭ، އިރާދަކުރެއްވިއްޔާ މި މަސައްކަތް ރިވިއުކޮށް، މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. ނިންމާފައި އަޅުގަނޑަށް ގެނެސްދެވެން އޮތް ރަނގަޅު ބަދަލެއް މިކަމުގައިވެސް ގެނެސްދޭނަން. 
 
އާދެ، ކަނޑުހުޅުދުއަށް އައިސް ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާކަށް ނުޖެހޭކަންނޭނގެ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، ކަނޑުހުޅުދޫގައި މިހާރުވެސް ހިނގަމުންދާ އެކި މަޝްރޫޢުތައް ހިނގަމުންދާ މިންވަރު އެ ބަޔާންކޮށްދެއްވީ. ޞިއްޙީ މަރްކަޒު، ނަރުދަމާގެ މަސައްކަތް، ބޭރުތޮށީގެ މަސައްކަތް، ފުޓްސަލް ދަނޑުގެ މަސައްކަތް، ނޫނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް، އަދި ސްޕޯޓްސް އެރީނާއަށް ބޭނުންވާ ބަށިކޯޓާއި، ވޮލީކޯޓުގެ މަސައްކަތް ހިނގަމުންދާ ހިސާބު، އެ ބޭބޭފުޅުން އެ ވިދާޅުވެދެއްވީ. އަޅުގަނޑު ތަކުރާރުކޮށް މިވާހަކަ ދަންނަވާކަށްނެތިން. އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ހީކުރީ، އަޅުގަނޑާ ހަމަޔަށް އަންނާނީ، ތަޢާރުފްގައި ވާހަކަފުޅު ދައްކަވަމުން ހުށަހަޅުއްވައިދެއްވި، މާވާރުލުގެ އެއަރޕޯޓްގެ މައްސަލަތައް ކަމަށް. އެކަމަކު ކަނޑުހުޅުދުއަށް އައުމުގެ ކުރިން، އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓްގެ މައްސަލަވެސް އެވަނީ ގޮތަކަށް ޙައްލުކޮށްދީފައި. އެއީ މިހާރު އެއަރޕޯޓް ހިންގަވާ ފަރާތުން، އެއަރޕޯޓްގައި މަސައްކަތް ކުރައްވާ ފަރާތުން އެއަރޕޯޓް އެޅުމުގެ މަސައްކަތް މާވާރުލުގައި ކުރައްވަމުން ގެންދަވާ ފަރާތުން އެ އެއަރޕޯޓް ވަކިކޮށް، މިހާރު އެއޮތީ އެހެން ބަޔަކާއެކީ އެގްރީމަންޓްކުރާ ހިސާބުގައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މަސައްކަތް ކުރާނެ ހަމަ އެކަށީގެންވާ ޤާބިލު ޕާޓީއެއްވެސް ލިބިފައި. ދާދި އަވަހަށް އެއަރޕޯޓްގެ އެ ކޮންޓްރެކްޓްވެސް ސޮއިކުރެވިގެން ހިނގައިދާނެ.
 
އާދެ، ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށް، މި ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް އަޑުފުޅު އިވިވަޑައިގަންނަވާ ގޮތަށް ދަންނަވާ ވާހަކައެއްގެ ގޮތުގައި، އަޅުގަނޑު މި ވާހަކަތައް ކުރިއަށް ގެންދަން ބޭނުންވަނީ. އަޅުގަނޑުމެން މިކުރާ ޒިޔާރަތަކީ، އިރާދަކުރެއްވިއްޔާ، މި ދާއިރާގެ ރަށްތަކެއްގައި ހުރި މަސައްކަތްތަކެއް، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ނިންމުމުގެ އުފާ އަޅުގަނޑުމެން ޙާޞިލުކުރުމަށް، އެ ރަސްމިއްޔާތުތައް އިފްތިތާޙު ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަދި ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން އޭރު ދިރާސާކުރަން މަސައްކަތްކުރި މީހުންނަށް ފާހަގަކުރެވިފައި ހުރި ކަންތައްތައް، އަޅުގަނޑުމެން ބޭނުންވާ ސްޕީޑްގައި ގެނެސްދެވޭތޯ ކުރާ މަސައްކަތް، ބަލާ މަސައްކަތް. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެން މިކުރަނީ، ކުޑަރަށެއް، ބޮޑުރަށެއް އިސްތިސްނާކޮށްގެނެއް ނޫން. ތަފާތުކޮށްގެނެއް ނޫން. ކޮންމެ ރަށަކަށްވެސް ބޭނުންވެފައި ހުރި ކަންތައްތައް، އަޅުގަނޑުމެންނަށް ބަޖެޓް ތަންދިން މިންވަރަކުން އެކަން ކުރެވޭތޯ ބަލަމުން މިގެންދަނީ.
 
މި ވާހަކަ ދަންނަވާއިރުވެސް، ގަބޫލުކުރައްވަންޖެހޭނެ، ރާއްޖެއަށް މިހާރު މި ގެނެވޭތޯ މި ބަލާ ބަދަލުތަކަކީ ޙަޤީޤަތުގައިވެސް މި ޒަމާނުގައި ދިވެހިރާއްޖެއަށް އަންނަންޖެހޭ ބަދަލުތަކެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން ގެނެވޭ ބަދަލުތަކެއް. އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަޅުގަނޑުމެންނަށް 183 ރަށުގައި ދިރިއުޅުމަކީ އަޅުގަނޑުމެންނަށް ފަސޭހަ ކަމަކަށްނުވާނެ. އަދި މިއިން ކޮންމެ ރަށަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމްކުރުމަކީވެސް ފަސޭހަކަމަކަށް ވެގެނެއް ނުދާނެ. އަދި މިޔާއެކީ ވަސީލަތްތަކެއް ޤާއިމްކުރެވުނަސް، އަޅުގަނޑު އަބަދުވެސް އެންމެ އިސްކަންދޭ ކަމަކީ، ޒުވާނުންގެ ހަމަޖެހުން. ޒުވާނުންގެ ހަމަޖެހުމަކީ، އެ މުޖުތަމަޢެއްގައި އޮންނަ މަޞްލަޙަތާ އެންމެ ބޮޑަށް ގުޅިފައި އޮންނަ ކަންތައްތައް. ޒުވާނުންނަކީ އަޅުގަނޑުމެންގެ ކުރިމަގު. އަޅުގަނޑުމެންގެ އުންމީދު. މައިންބަފައިންގެ އުފާވެރިކަމަކީ ޒުވާނުން. އެހެންވީމާ، ޒުވާނުންނަށް ހަމަޖެހުމެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން ސަރުކާރުން އިސްކަމެއްދީގެން މިކުރާ ދެ މަސައްކަތުގެ ތެރޭގައި އެއްކަމަކީ، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ހޯދޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. މި މަސައްކަތް ރާއްޖޭގެ އެކި ހިސާބުގައި ކުރެވޭތޯ ބަލަމުން މި ގެންދަނީ. އެހެންނަމަވެސް، މީގެ ބޮޑު މަސައްކަތެއް ކުރެވެން މި އަންނަނީ، ޒުވާނުންނަށް ހަމަޖެހުން މި ލިބެން އަންނަނީ، ހަމަ ޙަޤީޤަތުގައިވެސް މިދެންނެވި ކަހަލަ އެތައް ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގައި ނިމިގެން. އަޅުގަނޑުވެސް މިއީ ކޮންމެވެސްވަރަކަށް ޓީ.ވީ ޕްރޮގްރާމް ބަލަމުންދާ މީހެއް. އަޅުގަނޑުމެންނަށް މައްސަލަތައް ރައްދުކުރައްވަމުން ދައްކަވާ ބޭފުޅުން ދައްކަވާ ވާހަކަފުޅުގައި، މި ވިދާޅުވަނީ، ރާއްޖެއަށް އައިސްފައި އޮތް ތަރައްޤީއެއް އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާ ކަމަށް. ދެން އެއީކީ މައްސަލައެއް ނޫން. ރާއްޖެއަށް އައިސްފައި އޮތް ތަރައްޤީއެއް ފެނިވަޑައިނުގަތަސް، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެކޭނަން، ހަމަ އެބޭފުޅުންވެސް ބްރިޖްމަތީގައި ހުރަސްކޮށްލައްވާފައި މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވާ ތަންވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ހުރިއްޔާ ދެކޭނަން.
 
އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ޞިއްޙީ ދާއިރާއަށް އަންނަ ތަރައްޤީއަކީވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންމިދާ މަސައްކަތަކީވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަންކަން. އަދި އެޔާއެކީ ޒުވާނުންނަށް ކޮށްދޭ ކަންތައްތަކުގެ ތެރޭގައި، ޒުވާނުންނަށް ބޭނުންވާ ގެދޮރުވެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަން، މީޑިއާގެ ޒަރީޢާއިންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޒުވާނުންނަށް ގެދޮރުވެރިކަން އިތުރުކުރުމާއި، އަދި ޒުވާނުންގެ ވަޒީފާގެ ފުރްޞަތު އިތުރުކުރުމަށްޓަކައި ހުޅުމާލޭގެ ބިން ހިއްކިގެން، އިރާދަކުރެއްވިއްޔާ، ދެ ދުވަހެއްގެ ތެރޭގައި ހަމަ އުފާވެރި ރަސްމިއްޔާތެއްގައި، ހުޅުމާލޭގެ ފަނަރަހާސް ފްލެޓް، އެކި ފަރާތާ ޢިމާރާތް ކުރުން ޙަވާލުކުރުމުގެ ރަސްމިއްޔާތަކީވެސް އަޅުގަނޑުމެންގެ ލޯމަތިން އިރާދަކުރެއްވިއްޔާ ހަމަ ކުޑަހިނދުކޮޅެއްގެ ފެނިގެންދާނެ މަންޒަރެއް. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ބޭނުމަކީ ޒުވާނުން ބާރުވެރިކުރުވުން. ޒުވާނުންނަށް ގެދޮރުވެރިކަމާއި، ޒުވާނުން ހަމަޖެހޭ ގޮތްތަކެއް ކަންތައްތަކެއް ކޮށްދިނުން. އަދި އެޔާއެކީ ޒުވާނުންގެ މަދީނާއަކަށް، ނޫނީ ޒުވާނުން ހިޖުރަކުރާ ތަނަކަށް ހުޅުމާލެ ވެއްޖެ ކަމަށްވަންޏާ، މިކަހަލަ ރަށްރަށުން ޒުވާނުން ހިޖުރަކުރާ ރަށަކަށް ހުޅުމާލެ ވެއްޖެ ކަމަށްވަންޏާ، ޒުވާނުންނަށް މި ކޮށްދޭންޖެހޭ ޚިދުމަތްތައް، ސަރުކާރަށް ކޮށްދިނުން ވަރަށްބޮޑުތަން ފަސޭހަވެގެން އެބަދޭ.
 
ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދިޔުން، ހަމަ ވަރަށް ކައިރި، އޭރަށް ވަރަށް ކައިރިވެގެންދާނެ. އަދި އެޔާއެކީ ޒުވާނުންނަށް ގެދޮރުވެރިކަން ލިބުމުގެ ވަސީލަތްތައް ހުޅުމާލެއިން ފަސޭހަވެގެން، ހަމަޖެހިގެން މިދަނީ. އޭގެ މާނަޔަކީ އެއްގޮތަކަށްވެސް، ކަނޑުހުޅުދޫގައި ތިއްބެވި ހުރިހާ ޒުވާނުން ވަޑައިގަންނަވާށެކޭވެސް ނޫން. އެހެންނަމަވެސް، މުސްތަޤްބަލް އުޖާލާކުރަން ބޭނުންވާ ބައެއް ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ވަރަށް މިނިވަން ދައުލަތެއް. ދަތުރުފަތުރު ކުރުމަކީ، ދިވެހިރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ހިޖުރަ ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަގައިމުވެސް ހިފަހައްޓާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިގެން ހިނގައްޖެ، ބައެއް ރަށްރަށަށް މެހްމާނުން ޒިޔާރަތް ކުރެއްވީމަ، އަޅުގަނޑުމެންގެ އަޚުން، އުޚުތުން ޒިޔާރަތް ކުރެއްވީމަ، ބައެއް ރަށްރަށުގެ ރައްޔިތުން ކޮންމެވެސްވަރަކަށް އެކަމާ ދެކޮޅުހައްދަވާތަން. އެހެންނަމަވެސް، އަޅުގަނޑުމެން މިއީ އެއް ނަސްލެއްގެ ބައެއް، އެއްބައެއް، އެއްބަނޑުއެއްބަފާ، ތިމާގެ މީހުން މިއީ.
 
އެހެންވީމާ، ކޮންމެ މީހަކަށްވެސް، އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށް އެމީހަކަށް ކޮންމެ ރަށަކަށްވެސް ދަތުރުކުރެވެންވާނެ. އަޅުގަނޑުގެ ސަރުކާރުން ތަރުޙީބުދޭ ގޮތަކީ މިއީ. އަޅުގަނޑުގެ ސަރުކާރުން ގަބޫލުކުރަނީ، ހަމަ ރަށްރަށުގައި ތިއްބެވި ޒުވާނުންވެސް، ޒުވާނުންގެ މުސްތަޤްބަލް އާރާސްތު ކުރަން ބޭނުންވާ ކަމަށްވަންޏާ، އެބޭފުޅުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްވާ ދިމާއަކަށް އަދި ގެދޮރުވެރިކަން ތަނަވަސްވާ ދިމާއަކަށް ޒުވާނުން، ޒުވާނުންގެ ޢާއިލާ ގޮވައިގެން، އަދި ދޮށީ މަންމައެއް، ނޫނިއްޔާ ބަލި ބައްޕައެއް ގޮވައިގެންވެސް އެތަނަކަށް ހިޖުރަ ކުރަންވާނެ ކަމަށް. މިއީ އަޅުގަނޑުމެންނަށް ތަރައްޤީ ގެނެވޭނެ ގޮތަކީ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މުޅި އެންމެންގެ ދިވެހިރާއްޖެއެއް. އަޅުގަނޑުމެންގެ މާލެ، މާލެ ސަރަޙައްދުގައި ހުރި ތަނަކީ މިދެންނެވި ގޮތަށް ހުރިހާ އެންމެންގެ ތަނެއް.
 
އެހެންވީމާ، ވަކި އެއްރަށެއްގައި ވަޒަންވެރިވެ ތިބުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫން. ޖާގަ އޮތް މިންވަރަކުން، ތަނަވަސްކަން ފުރިހަމަވެގެންދާ މިންވަރަކުން، އަޅުގަނޑުމެން ހަމަ ހުރިހާ ޒުވާނުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ކުރިމަގު އުޖާލާ ކުރައްވަން ބޭނުންވާ ކަމަށްވަންޏާ، ރާއްޖޭގައި މި ހުޅުވިގެންދާ ފުރްޞަތުތަކުގެ ބޭނުން ހިއްޕަވާށޭ. އަޅުގަނޑުގެ ސަރުކާރުން، ވަޒީފާތަކުގެ ފުރްޞަތު އިތުރު މިކުރަނީކީއެއް، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ވަޒީފާ ނުލިބި، އެހެން ބަޔަކު ވަޒީފާ އަދާކުރާކަށްވެސް ނޫން. އެކަމުގައި އެބަޖެހޭ އަޅުގަނޑުމެން ޙަރަކާތްތެރިވާން. އެކަމުގައި އަޅުގަނޑުމެން އެބަޖެހޭ މުރާލިވާން. އަޅުގަނޑުމެންގެ ސަރުކާރުން ގެދޮރުވެރިކަމަށް ފުރްޞަތު ހުޅުވައިލަނީ، ގެދޮރުވެރިކަމަށް ތަނަވަސްކަން ހުންނަ ފަރާތްތަކުން އަދި ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން އެހިސާބަށް ވަޑައިގެން ގެދޮރުވެރިވާން ބޭނުންކަމަށްވަންޏާ، އެ ފުރްޞަތުގެވެސް ބޭނުން ހިއްޕަވާ. އެހެންނަމަވެސް، އަޅުގަނޑަށް ކޮށްނުދެވޭނެ ކަމަކީ، ކުރަން ފަސޭހަނުވާނެ ކަމަކީ، ކޮންމެ ރަށެއްގައި މިކަހަލަ މަޝްރޫޢުތަކެއް ހިންގުމަކީ، ތަރުތީބުން މިކަން ކުރާކަމަށްވަންޏާ، ދުވަސްތަކެއް ނަގާނެ ކަމެއް. މި ޙަޤީޤަތްވެސް އަޅުގަނޑުމެން ޖެހޭނެ ގަބޫލުކުރަން.
 
އެހެންވީމާ، މިދެންނެވި ގޮތަށް، ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަކީ، ރައްޔިތުންނާއި މުޖުތަމަޢެއްގެ ހަމަޖެހުން އިތުރުވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ، މިދެންނެވި ކަހަލަ ކަންތައްތަކެއް ކުރަމުން މިގެންދަނީ. އަދި މި ދާއިރާއަށް މިކުރާ ޒިޔާރަތުގައި، ދެންހުރި ރަށްތަކުގެވެސް ހަމަ އެތަކެއް މަޝްރޫޢުތަކެއް ނިމިގެން، އެ މަޝްރޫޢުތަކުން ލިބޭ ފައިދާ ރައްޔިތުންނާ ޙިއްޞާ ކުރާއިރު، އެ އުފަލުގައި ކޮންމެވެސްވަރަކަށް ބައިވެރިވުމުގެ އުފާ އަޅުގަނޑު ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑު މި ދަތުރު މިކުރަނީ.
 
އަޅުގަނޑުމެން މި އެދެނީ، މިކުރާ މަސައްކަތަކީ މި ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް ބޭނުން ހިއްޕެވޭނެ ރަނގަޅު މަސައްކަތްތަކަކަށް ވެގެންދިޔުން. އަދި ކުރިއަށް ހުރި މިކަހަލަ އެތައް ބައިވަރު މަޝްރޫޢުތަކެއް، ހުރި މަޝްރޫޢުތަކުގެ ބޭނުމަކަށްވަނީ، ހަމަ ޙަޤީޤަތުގައިވެސް ރާއްޖެއަށް މި އަންނަ ކުރިއެރުމުގައި، ޒުވާނުންނަކީ އޭގެ ޙިއްޞާދާރުންނަށް ވެގެންދިޔުން. އަޅުގަނޑުމެންނާއި ޢަރަބި އިސްލާމީ ދައުލަތްތަކާއެކީ އުފެދިގެންމިދާ ގުޅުމަކީވެސް ޙަޤީޤަތުގައި މިދެންނެވި ކަހަލަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، ދިވެހިންނަކީ އިސްލާމް ދައުލަތެއް ކަމަށްވެފައި، ދުނިޔޭގައި އޮތް އެއް ޤައުމު، ނޫނީ މަދު ޤައުމުތަކުގެ ތެރޭގައި، ސައްތައިންސައްތަ މުސްލިމް ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ މި ހިމެނިގެންދަނީ.
 
އެހެންވީމާ، ރާއްޖެއިން މިކުރާ މަސައްކަތުގައި، ރާއްޖޭގެ ސަރުކާރުން މިކުރާ މަސައްކަތުގައި، މިކަން ފާހަގަކުރައްވާ އިސްލާމީ ވެރިން މަދެއްނޫން. އަދި އިސްލާމްދީނަށާއި، އިސްލާމުންނަށް ދިމާވާ ދަތި ކަންކަމުގައި، ރާއްޖޭގައި އަޑުއުފުލާކަން، އެބޭފުޅުން ޝުކުރުވެރިކަމާއެކީ ބަލައިގަންނަވާ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ހަމަ ވަރަށް ކުޑަކުޑަ، ނިކަމެތި ކުޑަކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ބާރަކީ، އ.ދ. ގައި އަޅުގަނޑުމެންނަށް ލިބޭ ވޯޓްގެ ބާރާއި، އަދި އެކިއެކި ޖަމްޢިއްޔާތަކުގައި، މިދެންނެވި ކަހަލަ ޖަލްސާތަކުގައި، ބޮޑެތި ޖަލްސާތަކުގައި، ބޮޑު ޤައުމެކޭ، ކުޑަ ޤައުމެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ޝުޢޫރުތައް އަޑުއިއްވުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިގެން މިދަނީ. އެހެންވީމާ، އެ ޝުޢޫރުތަކުގެ އަޑު އިއްވުމުގެ ފުރްޞަތު، ދިވެހިރާއްޖެއިން ހެޔޮގޮތުގައި ބޭނުންހިފުމަކީ، ރާއްޖެއިން މިކަން ރަނގަޅަށް ކުރާ ކުރުން. މީގެ ނަތީޖާއަކަށް ވެގެން މިދަނީ، އަޅުގަނޑުމެންނާއި ޢަރަބި އިސްލާމީ ޤައުމުތަކާއި، ދައުލަތްތަކާ އޮންނަ ގުޅުން އިތުރުވެގެންދިޔުން. އޭގެ ނަތީޖާވެސް ރަނގަޅު.
 
އަޅުގަނޑުމެން ހަމަ ވަރަށްގިނަ ކަންތައްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރަން އެބަޖެހޭ، މިއަދު މިތަނުގައި މިސްކިތް ހުޅުވައިދޭއިރު، މި މަޤާމުގައި ހުރެގެން ވާހަކަ ދައްކާ މީހަކު ޝުކުރުވެރިކަމާއެކީ، ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް މި ކޮށްދެއްވާ ކަންތައްތައް ޝުކުރުވެރިކަމާއެކީ ފާހަގަކޮށް ބަލައިގަންނަން އެބަޖެހޭ. އަޅުގަނޑުމެންގެ މާލޭގައި، ހަމައެކަނި ރާއްޖޭގެ އެކިހިސާބުގައި މިސްކިތްތަކެއް އެޅެނީކީ ނޫން. މިހާރުވެސް ދެންމެ އުސްތާޛު ޢަލީ ވަޙީދުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ރަމަޟާން މަހުގެ ކުރިންވެސް 14 މިސްކިތެއް ހުޅުވޭތޯ މަސައްކަތްޕުޅު އެ ކުރައްވަނީ. އަދި މިއަހަރުގެ ތެރޭގައި، ޖުމްލަ 36 މިސްކިތެއްވަރު، އެ ޢިމާރާތްތައް ބިނާވެގެންދާނެ ކަމަށް އެ ވިދާޅުވީ.
 
މާލޭގައި އެހެރަ އިސްލާމީ މަރްކަޒު މިހާރު އެވަނީ މާލޭގައި ކުޑަވެފައި. އަޅުގަނޑުމެންނަށް ނަމާދަށް އަރާއިރު، އަޅުގަނޑުމެންނަށް ފެނިގެންދަނީ، ހުކުރު ދުވަހުގެ ޖަމާޢަތުގެ ކަންތައްތައް ހިނގާގޮތް. ހުކުރު ދުވަހުގެ ޖަމާޢަތަށް އިސްލާމީ މަރްކަޒު އެވަނީ ކުޑަވެފައި. އެހެންވީމާ، އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ދީނީ ޝަޚްޞިއްޔަތާ ދޭތެރޭގައި އެއްޗެއް ދަންނަވާކަށް. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުމެންގެ ދީނަށް ލޯބިކުރާ މީހުންނާއި، ހުކުރު ދުވަހުގެ ޖަމާޢަތަށް ލޯބިކުރާ މީހުން ރާއްޖޭގައި ގިނަކަން. ޖަމާޢަތް ބޮޑުވެ، އިސްލާމީ މަރްކަޒު ކުޑަވެއްޖެކަން އަޅުގަނޑުމެންނަށް ފެންނަތާ ކިތަންމެ އަހަރެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ގަބޫލުކުރަން މިޖެހެނީ، އަޅުގަނޑުމެންނަށް އިސްލާމީ މަރްކަޒެއް ކަހަލަ އެހެން ބިނާއެއް އެބަ ބޭނުންވާކަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފެށިގެން އަދި މި އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި ނިމޭނެ ކަމަށް އަޅުގަނޑު އުންމީދު މިކުރާ މަލިކު ސަލްމާންގެ މިސްކިތަކީ، އަޅުގަނޑުމެން ދިވެހިންނަށް މިދެންނެވި ގޮތަށް އިސްލާމްދީނުގެ މަތިވެރި ޝަޚްޞިއްޔަތު ދިވެހިރާއްޖެއިންވެސް ދައްކައިދޭނެވަރުގެ ބިނާއަކަށް ވެގެންދާނެ. މިކަމުގައި ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުންނާއި، އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން ބޭނުންވަނީ ހަމަ ވަރަށް ފުރިހަމަ، ވަރުގަދަ އިސްލާމީ ޝަޚްޞިއްޔަތު ދައްކައިދޭ ބިނާއަކަށް، މި ބިނާ ވެގެންދިޔުން. އަދި އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖެއަށް އަންނަ ތަރައްޤީ. ރާއްޖެއަށް އަންނަ މިޒަމާނުގެ ތަރައްޤީ. މިކަންކަމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ސަރުކާރުން ފޯރުކޮށްދިނުން. މީގެ މުޤާބިލުގައި އަޅުގަނޑު ރައްޔިތުންގެ އަރިހުން އެދޭ ކަމަކީ، ސަރުކާރުން ބިނާކުރަނިވި ގޮތަށް މިކުރާ މަސައްކަތްތަކުގައި، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަކީ، އަޅުގަނޑު އެދޭގޮތޭ. އަދި އަޅުގަނޑުމެންނާ ފިކުރުތަފާތު ބޭފުޅުންވެސް، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކުގައި، ސަރުކާރާއެކީ ކުރިއަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑު އިލްތިމާސްކުރާގޮތް. އަޅުގަނޑު އެދޭގޮތް.
 
މިއަހަރުވެސް އަނެއްކާވެސް އަޅުގަނޑުމެން ބަޖެޓެއް ހުށަހަޅަން އެބަ ޚިޔާލުކުރަން. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން، މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު، މިއަހަރަށް ފާސްކުރިއިރު، އަޅުގަނޑު، އަޅުގަނޑުގެ ޕީ.ޖީ ގްރޫޕްގައި ދެންނެވިން. އޭގެ ބޭނުމަކަށްވަނީ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާ ކަމުގައިވާނަމަ، އަނެއްކާވެސް ބަޖެޓްގައި، އަޅުގަނޑުމެންނަށް ދޫކޮށްލެވިފައި ހުރި ބައެއް މަޝްރޫޢުތައް ހިމެނުމުގެ ވިސްނުމުގައި. އެއީ ސަޕްލިމެންޓްރީ ބަޖެޓެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދުކުރަނީ، ހަމަ މިއަހަރުގެ ތެރޭގައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅޭނެ ކަމަށް. މި ބަޖެޓްގެ ބޭނުމަކަށްވެސްވާނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދިނުން.
 
 މި ބަޖެޓް ހުށަހެޅީމަ، އަޅުގަނޑުމެންނާ ޚިޔާލުގެ ގޮތުން އިދިކޮޅު ފަރާތްތަކަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ، ރައްޔިތުންނަށް އަންނަ ތަރައްޤީ ދައްކައިދޭ ކަރުދާހަކީ، ސަރުކާރުގެ ބަޖެޓޭ. އެ ބަޖެޓަށް ވޯޓް ދެއްވުމަކީ އަޅުގަނޑު އެދޭ ކަމެކޭ. މިއީ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް މިކަން ކުރާގޮތް. ބަޙުޘްކުރާނެ، އުނި އިތުރު ގެންނާނެ. ބޭނުންނުވާ މަޝްރޫޢުތައް، ނޫނީ އިތުރަށް ބޭނުންވާ މަޝްރޫޢުތަކުގެ ވާހަކަ ދައްކާނެ، ހިމެނޭތޯ ބަލާނެ. އެހެންނަމަވެސް، އެޔާއެކީ ނިމިގެންދާންވާނީ، މުޅި ޤައުމަށް ބޭނުންވާ، މުޅި ޤައުމަށް ފައިދާހުރި ބަޖެޓް ޑޮކިއުމަންޓެއް ފާސްކުރުމަކީ ކުރަންޖެހޭގޮތް. މިކަން އަޅުގަނޑުމެން ދައްކައިދިނީމު. އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއް ގޮތުގައި އޮތްއިރު، އަޅުގަނޑުމެން މިކަން ކޮށްދިނީމު. އެހެންވީމާ، މުޅި ރައްޔިތުންނަށް މި އަންނަ ފައިދާއަށް ނޫނެކޭ ބުނުމަކީ، އެކަމާ ދޭތެރޭގައި، ރައްޔިތުންގެ މަންދޫބުން އެކަން ކުރައްވާގޮތާ ދޭތެރޭގައި ރައްޔިތުން ވިސްނާވަޑައިގަންނަވަންޖެހޭ ކަމެއް. މިރަށުގައި ކިތަންމެ ބައިވަރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ނިންމި ނަމަވެސް، އެ ބަޖެޓް ފާސްނުވެއްޖެ ކަމަށްވަންޏާ، ނޫނީ އިޞްލާޙުތަކެއް އައިސްފި ކަމަށްވަންޏާ، އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ. ބަޖެޓުން، ސަރުކާރުން އެކި ރަށްރަށުގައި، އެކި މަޝްރޫޢުތައް ތަރުތީބުކޮށް އިންތިޒާމް ކުރާނެގޮތް އެނގޭނީ ސަރުކާރު ހިންގަން ތިބި ބަޔަކަށް. އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގެން ދެއްވަންވާނެ. މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ވާހަކަފުޅުތަކެއް އަޅުގަނޑުމެންނާ ދައްކަވާނެ. އެކަމަކު އެޔާއެކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އިޞްލާޙުތަކެއް، ސަރުކާރަށް ގަބޫލުކުރެވޭ ބަދަލުތަކެއް ގެންނާނެ. އެހެންނަމަވެސް، ދައުލަތް ހިންގުމަކީ ސަރުކާރުން ކުރާ ކަމެއް. ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ތަރައްޤީއަށް ބަޖެޓް ތައްޔާރުކޮށް، މަޖިލީހަށް ސަރުކާރުން ފޮނުވާނެ. އެ ތަރުތީބާ އެއްގޮތަށް އެކަންކަން ކޮށްދެއްވުމަކީ ރައްޔިތުންގެ މަޖިލީހުން ކޮށްދެއްވަންޖެހޭ ކަމެއް. އަޅުގަނޑަކީވެސް ރައްޔިތުންގެ މަޖިލީހުގައި ކޮންމެވެސް މިންވަރެއްގެ މުއްދަތެއް ހޭދަކުރި މީހެއް. އަޅުގަނޑުގެ ވިސްނުމުގައި އަބަދުވެސް ގެންގުޅެނީ، ސަރުކާރަކަށޭ އެނގޭނީ، ސަރުކާރުން ޤައުމެއް ތަރައްޤީކުރާނެ ގޮތް. އެއަށްވުރެ މޮޅަށް ޤައުމު ތަރައްޤީކުރަން އެނގޭ މީހަކު، ފަސް އަހަރުން އެއް އަހަރު މި އަންނަ އިންތިޚާބުގައި، އޭނަ ތަރައްޤީ ކުރާނެ ގޮތުގެ ތަޞައްވުރެއް ކިޔާލަދޭނޭ ރައްޔިތުންނަށް. ކިޔާލަދިނީމަ، ރައްޔިތުންގެ ވޯޓް އެކަން ގަބޫލުކުރާކަމަށްވަންޏާ، އޭނަގެ ތަޞައްވުރު ދެން ހިނގަންވާނެ.
 
މިހާރު މި ހިނގާ ތަޞައްވުރަކީ، އަދި މިހާރު ތަންފީޛު ކުރަމުންމިދާ ތަޞައްވުރަކީ، މިދެންނެވި ގޮތަށް، 2013 ވަނަ އަހަރުގެ ވާދަވެރި އިންތިޚާބެއްގެ ތެރޭގައި، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި ސިޔާސީ ޓީމުން ހުށަހެޅުއްވި ތަޞައްވުރެއް އެ ތަޞައްވުރުގައި ނޫންތޯ، އަލަށް ޒުވާނުން ބާރުވެރިކުރާ ވާހަކަ މި ދައްކަނީ. އެ ތަޞައްވުރުގައި ނޫންތޯ، އަލަށް މި ދައްކަނީ ދިވެހިރާއްޖެއަށް ނިސްބަތުން ބޮލަކަށް މިޖެހޭ މިންވަރު، ޤައުމީ އުފެއްދުންތެރިކަންޖެހޭ މިންވަރު ދެގުނަ ހަދާ ވާހަކަ. އެ ތަޞައްވުރުގައި ނޫންތޯ މި ދައްކަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ބަނދަރު ހަދާ ވާހަކަ. އެ ތަޞައްވުރުގައި ނޫންތޯ މި ދައްކަނީ، ޙައްޤުތަކެއް ގެއްލިގެން މިދާ ގިންތިތަކަށް ބަލާކަމަށްވަންޏާ، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރާ ވާހަކަ. އެ ތަޞައްވުރުގައި ނޫންތޯ މި ދައްކަނީ، ޒުވާނުން ބާރުވެރިކުރުމަށް ޒުވާނުން ގެދޮރުވެރިކުރާ ވާހަކަ. ޒުވާނުން ގެދޮރުވެރިކުރުމަށް، ޒުވާނުންނަށް ގެދޮރުވެރިކަން އިތުރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އެހެރީ ފެންނަން. ހަމަ އެ ތަޞައްވުރުގައި މި ދައްކަނީ، މާލެއާއި ހުޅުމާލެޔަކީ ގުޅައިނުލެވޭނެ ކަމެއް ގޮތުގައި، އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަމުން އަންނައިރު، ﷲގެ ވާގިފުޅަށް އެދިހުރެ، އަޅުގަނޑުމެން އެކަން ކުރެވޭތޯ މި ބަލަނީ، ހަމަ އެ ތަޞައްވުރުގައި.
 
އެހެންވީމާ، އެ ތަޞައްވުރު ނިމިގެންދާއިރު ގަބޫލުކުރައްވާ. އެ ތަޞައްވުރުގައި ދައްކާފައި ހުރި ވާހަކަތައް ޙަޤީޤަތަކަށް ވެއްޖެ ކަމަށްވަންޏާ، ﷲގެ ހެޔޮ ރަޙްމަތާއެކީ، އަޅުގަނޑުމެންނަކީ އުފާވެރި، އަޅުގަނޑުމެންނަކީ ހަމަޖެހޭ، އަދި އަޅުގަނޑުމެންނަކީ ކުރިއަށްދާނެ ޢަޒުމެއް ހުރި ބައެއް ކަމުގައި ހަމަޖެހިގެންދާނެ. އެކަމަކު އެ ތަޞައްވުރު ޙާޞިލުކުރަން ކުރާ މަސައްކަތުގެ ތެރޭގައިވެސް ސިޔާސީ ގޮތުންނާއި، ފިކުރީގޮތުން އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވާ ފަރާތްތައް އުޅޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން. ޚިޔާލެއް ތަފާތުވުމަކީ، މުޅި ޤައުމަށް ނިކަމެތިކަމާއި، މުޅި ޤައުމަށް ތުރާ ގެނައުމަށްދޭ ދަޢުވަތަކަށް ވެގެންނުވާނެ. އެ ދަޢުވަތު އެގޮތަށް ދެވޭކަމަށްވަންޏާ، ނޫނީ މުޅި ދައުލަތަށް ގެއްލުންވާގޮތަށް ވަކާލާތު ކުރެވޭ ކަމަށްވަންޏާ، އެއީ ކީއްކުރަން ކުރާ ވަކާލާތެއްތޯ، އަޅުގަނޑުމެން ވޯޓްލާން ތިބި ރައްޔިތުން އެޔާ ދޭތެރޭގައި ވިސްނަންވާނެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަން ހުއްޓިއްޖެ ކަމަށްވަންޏާ، ނޫނީ ދިވެހިރާއްޖެއަށް އެހީދޭ ފަރާތްތަކުން އެހީދިނުން ހުއްޓޭވަރަށް އަޅުގަނޑުމެންގެ ވާހަކަތައް ގެންދެވިއްޖެ ކަމަށްވަންޏާ، ދެން ދިވެހިރާއްޖެއަށް ކޮން ކުރިއެރުމެއްތޯ އަންނާނީ؟
 
އަޅުގަނޑު ދާދިފަހުން ދުށިން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވި ލޯޔަރަކު ދެއްކެވި ވާހަކަފުޅު. ބޭރުގެ މީޑިއާއެއްގައި ދެއްކެވި ވާހަކަފުޅު. ދައްކަވާ ވާހަކަފުޅުގައި، އަސާސަކަށް މިވަނީ، އަސާސަކަށް އަޅުގަނޑަށް ގަބޫލުކުރެވުނީ، ދިވެހިރާއްޖޭގައި ކިހިނެއްތޯ ޢަދުލު އިންޞާފް ޤާއިމްކުރާނީ؟ ދިވެހިރާއްޖޭގައި ޢަދުލު އިންޞާފް ޤާއިމްކުރަން ތިބި ބައެއް ފަނޑިޔާރުންނަކީ، ފަސްޓް ޑިގްރީވެސް ނެތް ބައެކޭ. ނޫނިއްޔާ ޢާލަމީ ފާސްވެސް ނެތް ބައެކޭ. މިކަހަލަ ގޮތަކަށް ވާހަކަ ދައްކަވަނީ. ބޭސިކް ޑިގްރީއެއް ނެތް ވާހަކަ މި ދައްކަވަނީ. އެކަމަކު އަޅުގަނޑުމެން ހިތަށްއަރާތޯ. އަޅުގަނޑުމެންނަކީ އެތައް ޤަރްނެއް ވަންދެން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފް ޤާއިމްކޮށްފައި ތިބި ބައެކޭ. އެތައް ސަތޭކަ އަހަރެއް ވަންދެން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފް ޤާއިމްކުރި. ހަމަގައިމު ކަނޑުހުޅުދޫގައި، ބިމުގެ މައްސަލަތައް، މިތަނުގައި ހުރި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާނެ. އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަތައް ހުށަހަޅާނެ. އަޅުގަނޑުމެން ދޭދޭ މީހުންނަށް އެ ލިބޭ އިންޞާފް ރަނގަޅު ކަމަށްވަންޏާ، ކީއްވެގެންތޯ އިންޞާފް، އެހެން މީހުންނަށް ގަބޫލުނުކުރެވިގެން މިއުޅެނީ؟ އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ތިބޭ ފަނޑިޔާރުންނާ ދޭތެރޭގައި އަޅުގަނޑު ފަޚްރުވެރިވަން.
 
އެކަމަކު އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިފަހަރު އަޅުގަނޑު އިންޑިޔާއަށް ކުރި ދަތުރުގައިވެސް، އަޅުގަނޑުމެންގެ ރަށްރަށުގައި ތިއްބެވި މެޖިސްޓްރޭޓުންގެ ފެންވަރު މަތިކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން މިކަމުގައި އެހީތެރިވެވަޑައިގެން ދެއްވާނެ ކަމަށް އެއޮތީ ކަށަވަރުކޮށްދެއްވާފައި. އެހެންވީމާ، މެޖިސްޓްރޭޓުންގެ ފެންވަރު ރަނގަޅު ކުރުމަށް، މާލޭގަޔާއި އިންޑިޔާގައި، މެޖިސްޓްރޭޓުންގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ކޯސްތަކެއް އަޅުގަނޑުމެން ހިންގާނަން. އެކަމަކު މާލޭގައި ހުރި ކޯޓްތަކަށް ބަލާކަމަށްވަންޏާ، މާލޭގައި މިސާލަކަށް، ހައިކޯޓާއި ސްޕްރީމް ކޯޓަށް ބައްލަވާ. ރާއްޖޭގެ ފެންވަރުން މަތީ ތަޢުލީމް ޙާޞިލުކޮށްގެން، ޝަރީޢާ އެންޑް ލޯގެ މަތީ ތަޢުލީމް ޙާޞިލުކޮށްގެން ތިއްބެވި ފަނޑިޔާރުން އެތާ އެ ތިއްބެވީ. ޢަރަބި ތަޢުލީމަށް ބެއްޔަސް، ހުޅަނގުގެ ތަޢުލީމަށް ބެއްޔަސް، އޭގެ ފަނޑިޔާރުން އެތާ އެބަ ތިއްބެވި. އެހެންވީމާ، ވަކާލާތު ކުރައްވާ އަސާސް، ދިވެހިރާއްޖޭގައި ކިހިނެއްހޭ ކަމެއް ރަނގަޅަށްދާނީ؟ ޙުކުމް ކުރައްވަން ތިއްބަވާ ފަނޑިޔާރުންގެ ފަސްޓް ޑިގްރީވެސް ނެތޭ. އަޅުގަނޑުމެންގެ ޚިޔާލަކަށްނާދޭ، މި ބޮޑެތި ޤައުމުތަކާއި އަޅުގަނޑުމެންނާ ތަރައްޤީގެ މަގުގައި ހުރި ތަފާތު، އަޅުގަނޑުމެން ޚިޔާލަކަށް ނާދޭ. ތެދެއް، އަޅުގަނޑުމެން އަތުގައި ފައިޓަރު ޖެޓެއްވެސް ނެތް. އެހެންނަމަވެސް، އެކަމަކު އޭގެ މާނަޔަކީ، އަޅުގަނޑުމެން ނުއުދުހި ތިބޭނީކީވެސް ނޫން ދޮއެއްތޯ. އަދި އަޅުގަނޑުމެންގެ ދިފާޢުގައި ކުރާ ކަންކަން ނުކޮށް ތިބޭނީކީވެސް ނޫން. އެކި ޤައުމުގެ ބާރުވެރިކަމާއި، އެކި ޤައުމުގެ ވަސީލަތް ހުންނާނީ އެކި މިންވަރަށް.
 
އެހެންވީމާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިދިޔަ އެތަކެއް ޤަރުނުގެ ތެރޭގައި، އަޅުގަނޑުމެންނާ ހަމަޔަށް އައި ޢަދުލު އިންޞާފް އަޅުގަނޑުމެން މިތިބީ ގަބޫލުކޮށްގެން. އަދި މިހިސާބުތަކުގައި، ހައިކޯޓެއްވެސް ނެތް ދޮއެއްތޯ. އަދި އަލަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ، ނޫނިއްޔާ އެޕީލްގެ އިސްތިއުނާފްގެ މަރްޙަލާއެއްވެސް މި ޤާއިމްކުރެވުނީ. އެހެންވީމާ، ރާއްޖޭގެ ފަނޑިޔާރުންގެ ފަސްޓް ޑިގްރީ ނެތް ވާހަކަ ދައްކާފައި، އެހެންވީމާ، ކިހިނެއްތޯ ރައީސް ނަޝީދަށް އިންޞާފް ލިބިވަޑައިގަންނަވާނީ؟ ނޫން، ރައީސް ނަޝީދަށް އިންޞާފް ލިބިވަޑައިގަންނަވާނީ، ރައީސް ނަޝީދުވެސް މާލެ ވަޑައިގެން، އަޅުގަނޑުމެންގެ ޢަދުލުގެ ނިޒާމް ގަބޫލު ކުރައްވައިގެން، ޢަދުލުގެ ނިޒާމް ދައްކައިދޭ މަގުން ހިންގަވައިގެން، އިންޞާފާ ހަމަޔަށް ވަޑައިގަތީމަ. ކިހިނެއްތޯ، ޖިނާއީ މައްސަލައެއްގެ ތަޙުޤީޤު މި ހިނގަނީ. ޖިނާއީ މައްސަލައެއްގެ ޝަރީޢަތް މި ހިނގަނީ. ޢާންމު އުޞޫލަކީ ޖިނާއީ މައްސަލަ ރައްދުވާ ޚަޞްމު، ޝަރީޢަތުގެ މަޖިލީހުގައި ނެތް ކަމަށްވަންޏާ، ޖިނާއީ މައްސަލަތަކެއް ނުހިންގާނެ. ރައީސް ނަޝީދުގެ މައްސަލަ އެ އޮތީ ސުޕްރީމް ކޯޓްގައި. އެމަނިކުފާނު ވަޑައިގަންނަވަންވީ ދޮއެއްތޯ. އެމަނިކުފާނުގެ ލޯޔަރުން ކަން ކުރެއްވިގޮތް ހައިކޯޓްގައި އަޅުގަނޑުމެން ދުށީމު. ވަކި ހިސާބަކުން ލޯޔަރުން ހައިކޯޓަކަށް ވަޑައެއްނުގަންނަވާ. އެހެންނަމަވެސް، ފަނޑިޔާރުން މައްސަލަ ބަލައި ނިންމެވީ. މިހާރު ރައީސް ނަޝީދު އަމިއްލަފުޅަށް އެޕީލް ކުރެއްވީ ސުޕްރީމް ކޯޓަށް، މަތީ އިސްތިއުނާފަށް. އިސްތިއުނާފުން ނިމިގެންދާއިރު، ރައީސް ނަޝީދުގެ ދިފާޢުގައި، އެމަނިކުފާނު ދައްކަވަންޖެހޭ ވާހަކަފުޅުތަކެއް އެބަ ދައްކަވަންޖެހޭ. އަދި ފަނޑިޔާރުން، އެކަމެއް ފައިޞަލާ ކުރައްވާއިރު، އެއްވެސް ވާހަކަފުޅެއް ވިދާޅުވަންޏާ އެބަ ވިދާޅުވަންޖެހޭ. އެހެންވީމާ، ރާއްޖެއިން އެމަނިކުފާނަށް އިންޞާފް ލިބިގެން ނުދާކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވަންޏާ، އެއީ ރާއްޖޭގެ ނިޒާމްގައި އުޅޭ އުނިކަމެއް ނޫން. އެއީ އެމަނިކުފާނު ޒިންމާދާރުކަމާއެކީ އެކަން ކުރައްވަން މިއަދުވެސް އެހެންވެގެން އަޅުގަނޑު ދަޢުވަތު މި އަރުވަނީ. ވަކީލުންގެ ފަރާތުންވެސް ހުށަހެޅުއްވިފައި ނެތް ނުކުތާއެއް އޮތް ކަމަށްވަންޏާ، އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް. ހަމަގައިމުވެސް އަޅުގަނޑުގެ މައްސަލައެއްގައި، އަޅުގަނޑަށް އިންޞާފް ނުލިބިދާކަމަށްވަންޏާ، އަޅުގަނޑުގެ ލޯޔަރުން ކައިރީގައި، ބަޙުޘް ނުކުރެވޭ، ނޫނިއްޔާ ފަނޑިޔާރުންގެ ސަމާލުކަމަށް ނުގެނެވި އޮތް ނުކުތާއެއް އޮތް ކަމަށްވަންޏާ، އަޅުގަނޑު އެ ވާހަކަ ބުނާނެ. އެހެންވީމާ، މިކަން މިއޮތީ ރާއްޖޭގައި މިގޮތަށް.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަރައްޤީގެ ހިނގުމުގައި އަޅުގަނޑުމެންނާއި ދުނިޔޭގެ އެހެން ޤައުމުތަކާ ވަރަށް ދުރުގައި މިތިބީ. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިޤްތިޞާދީ ގޮތުން ވަސީލަތް މަދު، އަދި އެތަކެއް ދަތިތައް ހުރުމާއެކީވެސް އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގައި މިހާރުގެ އިޤްތިޞާދަކީ މިޒަމާނުގެ އިޤްތިޞާދަކަށް ބަދަލުކުރަން ކުރާ މަސައްކަތް. މި ބަދަލުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަން އިތުރުވެގެންދާންވީކީ ނޫން. މަސްވެރިކަންވެސް އަޅުގަނޑުމެން އިތުރުކުރަން ބޭނުންވޭ. އާދެ، މަސްވެރިކަން، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން މިހާރު ކޭން ކުރުމުގެ މަސައްކަތް އިތުރުވެގެން އެދަނީ. އޭރަށް މަހަށް ލިބޭ އަގުވެސް އިތުރުވެގެން މިދަނީ. މިއީ އަޅުގަނޑުމެންގެ ޙާލަތަކީ. މި ޙާލަތާ ދޭތެރޭގައި އަޅުގަނޑުމެން ފިކުރުކުރަން އެބަޖެހޭ. އަދި މިކަން އަޅުގަނޑުމެންނަށްވުރެ މޮޅަށްކުރާ އެހެން ޤައުމުތައް ތިބީމަ، އަޅުގަނޑުމެން އެކަމާ، އަޅުގަނޑުމެންގެ ނިކަމެތިކަން ހަމައެކަނި ހިތަށް ގެނެސްފައި، އަޅުގަނޑުމެން އިތުރަށް، އަޅުގަނޑުމެން ޕަނިޝް ކުރަން، ނޫނީ އަދަބުދޭކަށް އަޅުގަނޑުމެންގެ ފަރާތުން އެކިއެކި މީހުން އެ ވާހަކަ ދައްކަންވީކީ ނޫން.
 
ދިވެހިރާއްޖެއިން، ދިވެހި ސަރުކާރުން މި ހިންގާ މަޝްރޫޢުތައް ހިންގާއިރުވެސް، ދިވެހިރާއްޖޭގައިވެސް މީހުންގެ ވިސްނުމަކާ، މީހުންގެ ވިސްނުމަކާ ސަރުކާރަކުން ނުކުޅޭނެ. ސަރުކާރުން އިސްވެ ނަޞޭޙަތްތެރިވާނެ ކަންކަމުގައި. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައިވެސް، އަޅުގަނޑުމެންގެ ތެރޭގައިވެސް ދަތުރުކޮށް އަދި ސޫރިޔާގައި އެ ހިނގާ ހަނގުރާމައިގެ ތެރޭގައި، މަސައްކަތް ކުރާނެ މީހުންތަކެއް އުޅޭނެ. އޭގެ މީހުންތަކެއް ވެއްޖެ ގޮސްފައި. އެކަމަކު އެއީކީ ދިވެހި ރައްޔިތުން އެކަމަށް ތަރުޙީބުދީގެން ކުރާ ކަމެއް ނޫން. އަދި ދިވެހި ސަރުކާރުން އޭގެ ދައުރެއް އޮވެގެން ކުރާ ކަމެއްވެސް ނޫން. އެކަމަކު އެކަން ޙުއްޖަތަކަށް ދައްކައި، މުޅި ދިވެހިރާއްޖެއިން މިކުރާ ކަމަކީ، މިދެންނެވި ގޮތަށް ޙައްދުފަހަނަޅާފައި ތިބި ބަޔަކު ނެރެގެން ހަނގުރާމަ ކުރުމޭ ބުނީމަ، އެއީ އަމިއްލައަށް އިސްވެ، ދިވެހިރާއްޖެއަށް ދަތިކުރުމަށް ދަޢުވަތު އެ ދެވެނީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަންކަން.
 
އަޅުގަނޑުމެންނަށް ޢުމްރާނީ ގޮތުން މިކުރާ ތަރައްޤީގެ މަސައްކަތް ކުރުމަށްޓަކައި ބަޖެޓް ތަންދިން މިންވަރަކުން، ނޫނިއްޔާ އިތުރު ފައިސާ ހޯދައިގެން، މި ދާއިރާގެ ރަށްރަށަށްވެސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުވެގެންދާނެ. އެހެންނަމަވެސް، ސަރުކާރު ހިންގަން ހުރި މީހަކަށް ލިބޭނެ ހިތްވަރަކަށްވާނީ، މިކަހަލަ ކަންކަން ކުރާއިރު، ރައްޔިތުން އެކަން ބަލައިގަނެ، މިކަހަލަ މަޝްރޫޢުތަކަށް ހިތްވަރުދީ، މިކަހަލަ ކަންކަން ކުރުމުގައި، ސަރުކާރާއެކީ ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވުން. މި ދާއިރާގެ މެންބަރަކީ މިދެންނެވި ކަހަލަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދެއްވާ މެންބަރެއް. އެހެންވީމާ، މި ދާއިރާގެ ކަންތައްވެސް ކުރިއަށް މިދަނީ. އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޕީ.ޕީ.އެމް.ގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނާއި، އެމް.ޑީ.އޭ، އަޅުގަނޑުމެންނާ ގުޅިގެން މި މަސައްކަތް ކުރައްވާއިރު، އެމް.ޑީ.އޭ.ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަކީވެސް ސަރުކާރުގެ އިޤްތިޞާދީ މަޝްރޫޢާއި، ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަށް ތާއީދު ކުރައްވާ މެންބަރުން. މި ތަރައްޤީ އަޅުގަނޑުމެން ގެންނަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މި ތަރައްޤީގެ ނަތީޖާ ވެގެންދާނީ، މުޅި ރާއްޖެއަށް އާ ވިސްނުމަކަށް، އާ ފިކުރުކުރާ ދިވެހިރާއްޖެއަކަށް ބަދަލުވެގެންދިޔުން. ދާއިރު ޒުވާނުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ހަމަޖެހިގެންދިޔުން. އަންހެނުންނަށް ދަތިވެފައި ހުރި ކަންތައްތައް ހަމަޖެހިގެން ދިޔުން.
 
އާދެ، ހަމަ އެގޮތަށް، ޙައްޤު ގެއްލިގެންދާ ކުޑަކުދިންނާ ދޭތެރޭގައި އަޅާލާ އޯގާތެރި މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ބަދަލުވެގެންދިޔުން. އެއީ އަޅުގަނޑުމެންނަކީ އުފާވެރި ބަޔަކަށްވުމުގެ ނަޞީބު ހޯދުމުގެ ހުރިހާ ޤާބިލުކަމެއް މިއޮތީ އަޅުގަނޑުމެން އަތްމަތީގައި. އަޅުގަނޑުމެން ނުކުރާ މަސައްކަތެއްގެ ﷲގެ ދަރުމައެއް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑުމެންގެ ނެތް ހިތްވަރެއް، އަޅުގަނޑުމެންނަށް ނެރެވޭނެ ގޮތެއް އޮންނާނީ، އެ ހިތްވަރު ނެރުމުގެ ޖޯޝް އަޅުގަނޑުމެންގެ ތެރޭގައި ހުރިއްޔާ. ކިހިނެއްތޯ، ކަނޑުގެ ބާޒްތަކެއް ކަހަލަ ބައެއް ދޮއެއްތޯ ޕޯޗްގީޒުންނަކީ؟ ހަމަ މިކަހަލަ ދިވެހިރާއްޖޭގެ ކުޑަކުޑަ ރަށަކުން ނުކުތް ނިކަމެތި ބޭފުޅެއް ދޮއެއްތޯ ބޮޑުތަކުރުފާނަކީ. ޣާޒީ ބަންޑާރައިންނަކީ. އެކަމަކު އެ ހިތްވަރު ދޮއެއްތޯ. އެ ހިތްވަރާއި، ގަބޫލުކުރި އިޢުތިޤާދެއްގެ މަތީގައި ހުރެގެން، މަސައްކަތް ކޮށްގެން ދޮއެއްތޯ، އެކަހަލަ ބޮޑެތި ކަންތައްތައް ޙާޞިލުކޮށްފައި އެހެރީ. އެއީ މިދެންނެވި ކަހަލަ ޤައުމީ ޤުރްބާނީއަކީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެން ރާއްޖޭގައި ނެތް ކަންކަން އަޅުގަނޑުމެން ފުއްދަން ކުރާ މަސައްކަތްތައް. މިކަންކަން ކުރެވޭނީ، އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންވެސް ބައިވެރިވެގެން. ސަރުކާރުން މިކުރާ މަސައްކަތްތަކުގައި، މި ދާއިރާއިން ތިޔަ ދެއްވާ ތަރުޙީބަށް، ތާއީދަށް އަޅުގަނޑު ޝުކުރު ދަންނަވަން.
 
ހަމައެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުވެސް އިންތިޒާރު ކުރާ ފުރްޞަތެކޭ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި، އަނެއްކާވެސް ތިޔަބޭފުޅުންގެ ކޮންމެވެސްކަހަލަ އުފާވެރި އިޙްތިފާލެއްގައި ބައިވެރިވުމުގެ ޝަރަފް އަޅުގަނޑަށް ލިބުމަކީ، އަޅުގަނޑު އިންތިޒާރުކުރާ ކަމެއް. އިރާދަކުރެއްވިއްޔާ، ވަގުތު ތަންދިން މިންވަރަކުން އަޅުގަނޑުމެން އެކަންކަން ކޮށްދެވޭތޯ ބަލާނަން.
 
އަޅުގަނޑު އެދެނީ، މި ދާއިރާއަށް ކުރިއެރުން. އަދި މުޅި ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް. ދިވެހި ރައްޔިތުންނަށް ހަމަޖެހޭ، ޞުލްޙަވެރި މުޖުތްމަޢެއް ބިނާވެގެން ދިޔުމުގައި، ﷲގެ ހެޔޮ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވާށި! 
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.