بســم اللّـه الرّحمـن الرّحيــم
    
 ހަމްދަރުދީއާއި އެކަކު އަނެކަކުގެ ޙާލު ބެލުމަކީ، މާތްވެގެންވާ އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމުގެ އެންމެ ވަރުގަދަ ބިންގާ ކަމުގައި ލެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. "زكات الإجتماعى"ގެ މަތިވެރި އުޞޫލު، އާދެ، މުޖުތަމަޢުގައި ތިބޭ ތަނަވަސް މީހުން ނިކަމެތިންނަށް އެހީވެދިނުމުގެ އުޞޫލު، މުޖުތަމަޢުގައި ތިބޭ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް އެހީވެދިނުމުގެ އުޞޫލު، މި ދުނިޔޭގައި އެންމެ ފުރަތަމަ ޤާއިމުކުރެއްވި محمّد صـلّى الله علـيـه وسـلّم  މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތްތައް، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ނުކުޅެދިގެންވާ އެންމެހައި އަޚުންނާއި އުޚުތުން، ދައުލަތުގެ އޮނަރަބްލް މިނިސްޓަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް، ދިވެހިރާއްޖޭގައި ނުކުޅެދިގެންވާ މީހުންނާބެހޭ ކޮމިޓީގެ މެންބަރުން، ޕެންޝަންސް އެންޑް ސޯޝަލް ވެލްފެއަރ ޑިވިޜަންގެ ވެރިން، ކ. ގުރައިދޫގެ ވެރިންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުން،
 
        السّلام عليــكم ورحـمــة اللّـه وبـركاتـه؛
 
        އިންސާނުން ދުނިޔޭގައި އުޅޭއުޅުމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމެއް، ޤާނޫނީގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ހުރިހާ އިންސާނުންނަކީ ހަމަހަމަ ޙައްޤުތަކެއް ލިބެންޖެހޭނެ ބައެއް ކަމުގައިވިޔަސް، އަދި ދުނިޔޭގެ ބައެއް ތަންތާނގައި ހަމަހަމަކަމާއި މުސާވާތު އެމީހުނަށް ލިބިފައިވީ ކަމުގައިވިޔަސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އިންސާނުންނަކީ ވަރަށް ތަފާތު ބައެއް. އެއްބައިމީހުންނަކީ ޖިސްމާނީ ގޮތުން ބަލާއިރު އިސްކޮޅުން ބޮޑެތި މީހުން. އަނެއްބައި މީހުންނަކީ އިސްކޮޅުން ކުރު މީހުން. އެއްބައި މީހުންނަކީ ހަށިގަނޑު ވަރުގަދަ މީހުން. އަނެއްބައި މީހުންނަކީ ހަށިތައް ނިކަމެތި މީހުން. އެއްބައިމީހުންނަކީ ފަސް ޙިއްސު ސަލާމަތުން ހުރި މީހުން. އަނެއްބައި މީހުންނަކީ ފަސް ޙިއްސުގެ ތެރެއިން ޙިއްސެއް ނުވަތަ ބައެއް ޙިއްސު އުނިވެފައިވާ މީހުން. މިގޮތުން ބަލާއިރު، ޖިސްމާނީ ގޮތުން އަދި ވިސްނުމާއި ހިތްއަލިކަމުގެ ގޮތުން ބަލާއިރު، ދުނިޔޭގައި ދިރިއުޅެމުންދާ މީހުންނަކީ އަދި އެންމެކުރީ ޒަމާނުއްސުރެ މިހާރާ ޖެހެންދެން ދިރިއުޅެމުން އައިސްފައިވާ މީހުންނަކީ ތަފާތު ފެންވަރުގެ މީހުންތަކެއް. އާދެ، މިއީ ދުނިޔޭގައި އުޅޭއުޅުމުގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ޙަޤީޤަތެއް.
 
މިއަދު ދިވެހިރާއްޖޭގައި މި ފާހަގަކުރެވޭ ނުކުޅެދިގެންވާ މީހުންނާބެހޭ ދުވަސް، ޚާއްޞަ ކުރެވިފައިވަނީ، މިދެންނެވި ފަދައިން ދިވެހިރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކިއެކި ބާވަތުގެ އުނިކަން ލިބިފައިވާ މީހުންނަށްޓަކައި ފާހަގަކުރެވޭ ދުވަހެއްގެ ގޮތުގައި. މިދުވަސް ދިވެހިރާއްޖޭގައި މި ފާހަގަކުރެވެނީ، ތިޔަބޭފުޅުންނަށް މިތަނުން މީގެކުރިން އިވިވަޑައިގެންނެވި ފަދައިން، އ.ދ. މަޖިލީހުގެ ފަރާތުން ނިންމި ނިންމުމަކާ ގުޅިގެން. އާދެ، 16 ޑިސެމްބަރ 1976 މިދުވަހު އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއަކުން ފާސްކުރީ 1981 ވަނަ އަހަރު އެއީ ދުނިޔޭގައި ނުކުޅެދިގެންވާ މީހުންގެ އަހަރު ކަމުގައި ފާހަގަކުރުމަށް. އާދެ، ކަންދިމާކުރި ގޮތުން، އ.ދ. މަޖިލީހުން އެދުވަހު މި ފާސްކުރި މަތިވެރި ޤަރާރު، އެ ޤަރާރަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ފަރާތުން އެ ޤަރާރަށް ވޯޓުދިން މީހަކީ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރު ވާހަކަ ދައްކަން މިހުރި މީހާ. އާދެ، އޭރު އަޅުގަނޑު ހުރީ އ.ދ. މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބުގެ ގޮތުގައި. އެހެންކަމާއެކު، އެ ޖަލްސާގައި މިދެންނެވި ޤަރާރަށް ތާއީދުކޮށް ވޯޓު ދިނުމުގެ ފުރްޞަތު އަދި އެ އުފާ އަދި އެ ޝަރަފް ލިބުނީ އަޅުގަނޑަށް.
 
އާދެ، ކޮންމެއަކަސް، އ.ދ. މަޖިލީހުން 16 ޑިސެންބަރު 1976 މިދުވަހު ފާސްކުރި މި ޤަރާރު އެއީ އަޅުގަނޑު ހިތުން އިންސާނީ ގޮތުން ބަލާއިރު އަދި އިޖުތިމާޢީ ގޮތުން ބަލާއިރު، އ.ދ. މަޖިލީހުން ފާސްކޮށްފައިވާ އެންމެ މަތިވެރި، އެންމެ މާތް އެއް ޤަރާރު ކަމުގައި ބުނެވިދާނެ. މިދެންނެވި ޤަރާރުގައި ހިމެނިގެންވަނީ ފަސް ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްރޮގްރާމެއް. އާދެ، އެ ފަސް ނުކުތާ ތިޔަބޭފުޅުންނަށް ދަންނަވައިލުމަށް އަޅުގަނޑު މި ފުރްޞަތުގެ ބޭނުންކުރަން.
 
އެންމެ ފުރަތަމަ ނުކުތާއަކީ، ނުކުޅެދިގެންވާ މީހުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މުޖުތަމަޢުގައި ހަމަޖެހިގެން ކުރިއަށް ދިޔުމަށްޓަކައި އެމީހުންނަށް އެހީވެދިނުން. އެޤަރާރުގައި ހިމެނޭ ދެވަނަ ނުކުތާއަކީ، ނުކުޅެދިގެންވާ މީހުންނަށް އެކަށީގެންވާ އެހީއާއި ތަމްރީނު ދިނުމާއި، އިރުޝާދު ދިނުމާއި، ދިރިއުޅުމަށް އެކަށީގެންވާ މަސައްކަތެއް ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި އަދި މުޖުތަމަޢުގައި ފައިދާހުރި ބައެއްގެ ގޮތުގައި އެމީހުން ހަމަޖެހުމަށްޓަކައި ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. އެޤަރާރުގައި ހިމެނޭ ތިންވަނަ ނުކުތާއަކީ، ޢާންމު ދިރިއުޅުމުގައި ނުކުޅެދިގެންވާ މީހުން ޢަމަލީގޮތުން ބައިވެރިވުން ފަސޭހަކޮށްދިނުމަށްޓަކައި އެކިއެކި ހޯދުންތައް ހޯދައި، މަޝްރޫޢުތައް ރޭވުމަށް ހިތްވަރު ދިނުން. ހަތަރުވަނަ ނުކުތާއަކީ ޤައުމުގެ އިޤްތިޞާދީ، އިޖުތިމާޢީ، ސިޔާސީ ޙަޔާތުގައި ބައިވެރިވުމުގެ ޙައްޤު، ނުކުޅެދިގެންވާ މީހުންނަށް ލިބިގެންވާކަން ޢާންމުންނަށް އަންގައި އޮޅުންފިލުވައިދިނުން. މިދެންނެވި ޤަރާރުގައި އެކުލެވިގެންވާ ޕުރޮގުރާމުގެ ފަސްވަނަ ނުކުތާއަކީ އެކިއެކި ބޮޑެތި ޖިސްމާނީ ގެއްލުންތައް މީސްތަކުންނަށް ލިބެމުންދިޔުން މަނާކުރާނެ ހަރުދަނާ ފިޔަވަޅުތައް އެޅުމާއި، ނުކުޅެދިގެންވާ މީހުންގެ ޙާލަތު ރަނގަޅުކޮށްދީ، އެމީހުންނަކީ މުޖުތަމަޢަށް ފައިދާކުރާ، ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުން.
 
އާދެ، މިދެންނެވީ 16 ޑިސެންބަރު 1976 ގައި އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއަކުން ފާސްކުރި ޤަރާރުގައި ހިމެނިފައިވާ ޕްރޮގްރާމްގައިވާ އެންމެ މުހިންމު ފަސް ނުކުތާ. އާދެ، ކުރިންވެސް ދެންނެވި ފަދައިން އެ ޤަރާރަށް ވޯޓު ދިނުމުގެ ޝަރަފް ލިބިފައިވަނީ އަޅުގަނޑަށް. އެހެންވުމާއެކު، އަދި މި ޤަރާރަކީ އެއްވެސް އިސްތިސްނާއެއްނެތި، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން އެ ޤަރާރަކަށް ތާއީދުކޮށް މަރްޙަބާ ކިޔައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އެއްބަސްވެފައިވާ ޤަރާރަކަށް ވުމާއެކު، އަދި ދިވެހިރާއްޖޭގައި މި ޤަރާރު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވުމާއެކު، މި ޤަރާރުގައި ހިމެނޭ ފަސް ނުކުތާއަށް ދިވެހި ސަރުކާރުގެ ނަމުގައި ތާއީދުކޮށް، މި ފަސް ނުކުތާ ދިވެހިރާއްޖޭގައިވެސް ހިންގާނެ ކަމުގެ އިޢުލާނު ކުރުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.
 
ޝައްކެއްނެތް، ނުކުޅެދިގެންވާ މީހުންނަކީ ވަރަށް ޚާއްޞަ ގޮތްތަކެއް މެދުވެރިވެފައިވާ ބައެއް. އެމީހުންނަކީ ކޮންބައެއްކަން، މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތަކުން ތިޔަބޭފުޅުންނަށް ރަނގަޅަށް ފިލައިވަޑައިގަންނަވާނެ. އޭގެތެރެއިން އެއްބަޔަކީ ފެނުމުގެ ޙިއްސު ގެއްލިފައިވާ މީހުން. ލޯއަނދިރި މީހުން. އަނެއް ބަޔަކީ އިވުމާއި ވާހަކަ ދެއްކުމުގެ ނިޢުމަތުން މަޙްރޫމްވެފައިވާ މީހުން. މަންމަނުން، ބީރުމީހުން. އަނެއްބަޔަކީ އަތްފައިން މަސައްކަތް ނުކުރެވޭވަރުވެފައި ތިބޭ މީހުން. އަނެއްބަޔަކީ ސިކުނޑި ހަމަނުޖެހޭ މީހުން، ނުވަތަ މޮޔައިން.
 
އާދެ، މިގޮތްގޮތުން މިދެންނެވި ބާވަތުގެ އެކިއެކި އުނި ކަންތައްތައް އިޙްސާސް ކުރަން ޖެހިފައިވާ މީހުންނަކީ، ހަމަ އަޅުގަނޑުމެންގެ އަޚުން. އަޅުގަނޑުމެންގެ އުޚުތުން. އެއީ ޖަމާޢަތުގެ ވަރަށް މުހިންމު ބައެއް. އެހެންކަމަށްވުމާއެކު، އެފަދަ މީސްމީހުންނާ ކުރިމަތިވެފައި އެވާ ބަދުނަޞީބު ޙާލަތްތަކުން އެމީހުން ސަލާމަތްކޮށްދިނުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމުގައިނުވިޔަސް، މިދެންނެވީ މުޅިން ސަލާމަތްކޮށްދިނުން އެއީ އަޅުގަނޑުމެންގެ ކުޅަދާނަކަމުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމުގައިވިޔަސް، އެމީހުންނަށް ދިމާވާ ދަތިތަކާއި އުނދަގޫތަކުން އެމީހުން ސަލާމަތްކޮށްދީ، ވެވެން އޮތް ހުރިހާ ގޮތަކުން އެމީހުންނަށް އެހީވެދީ، ދިރިއުޅުމުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު، އެމީހުންނަށް ހޯދައިދީ، މިގޮތަށް މަސައްކަތް ކުރުން އެއީ ޤައުމުގެ ދެންތިބި މީހުންގެ ވާޖިބެއް ކަމުގައި ނުވެނުދާނެ. އާދެ، އަޅުގަނޑުމެން މި ވާޖިބު މި އިޙްސާސް ކުރަނީ، ހަމައެކަނި މިދެންނެވި އ.ދ. މަޖިލީހުގެ ފަރާތުން ފާސްކޮށްފައިވާ ޤަރާރަކުންނެއް ނޫން. އޭގެ މާކުރިން މި މާތް އުޞޫލުވަނީ އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. އެ މާތް އުޞޫލު ގެނެސްދެއްވީ، ކީރިތި ރަސޫލާ عليه الصّـلاة وَالسّلامއާދެ، މާތްވެގެންވާ އިސްލާމްދީން.
 
އިސްލާމްދީނުގައި ފަޤީރުންނަށާއި ނިކަމެތީންނަށް އަދި އެކިގޮތްގޮތުން ޙާލުގައި ޖެހިފައިވާ މީހުންނަށާއި، ނުކުޅެދޭ މީހުންނަށާއި، ދިރިއުޅުމަށްޓަކައި މަސައްކަތް ނުކުރެވޭވަރު ވެފައިވާ މީހުންނަށް ކަނޑައަޅުއްވައިފައިވާ ޙައްޤުތައް، ތިޔަބޭފުޅުންނަށް ވަންހަނާވެގެނެއް ނުވާނެ. އާދެ، އެންމެ ފުރަތަމަ ނިކަން ވިސްނަވަބައްލަވާ! މާތްވެގެންވާ އިސްލާމްދީނުގެ ފަސް ރުކުންތަކުގެ ތެރެއިން އެއް ރުކުން ޚާއްޞަ ކުރެވިފައިވަނީ، މި މާތް މަޤްޞަދު ޙާޞިލުކުރުމަށްޓަކައި. އާދެ، އަޅުގަނޑު މި އިޝާރަތް ކުރަނީ ޒަކާތަށް. ޒަކާތަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އާދެ، ޒަކާތް ދިނުމުގެ ޝަރުޠުތައް ހަމަވެފައިވާ ކޮންމެ މީހަކުވެސް ދޭންޖެހޭ އެއްޗެއް. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ޝަރުޢުގައި ކަނޑައަޅުއްވައިފައިވާ ގަވާއިދުގެ މަތިން ޒަކާތްދޭންޖެހޭނެ. އެ ޒަކާތް ރައްދުވާ ފަރާތަކީ ކޮބައިތޯ؟ ރައްދުވާ ފަރާތަކީ މުޖުތަމަޢުގައި މިދެންނެވި ގޮތުގެ މަތިން އެކިއެކި ނިކަމެތި ޙާލުގައި ޖެހިފައިވާ މީހުން. ފަޤީރުންނާއި މިސްކީނުން. މިއީ އަޅުގަނޑުމެން ވަރަށް ގިނަގިނައިން ތަކުރާރުކުރާ ދެ ޢިބާރާތެއް، ދެ ބަހެއް. ދެ ލަފްޒެއް. އާދެ، ފަޤީރުންނަކީ އިތުރު ތަޢާރުފަކަށް ބޭނުން ބައެއް ނޫން. އަޅުގަނޑުމެން ދިވެހިބަހުންވެސް ބޭނުންކުރަނީ ހަމަ އެ ލަފްޒު. އެއީ ފައިސާގެ ގޮތުން ތަނަވަސްކަން ނެތް މީހުން. އެމީހުންނަށް ދުނިޔޭގައި ދިރިއުޅުމުގެ ފުރުޞަތު، ކައިބޮއި އުޅުމުގެ ގޮތުންނާއި، ފައިސާގެ ގޮތުން ލިބިފައިނުވާ މީހުން. މިސްކީނުންނަކީ ފަޤީރުން ކަހަލަ ބައެއް. އެހެންނަމަވެސް، އެއީ އަޅުގަނޑަށް ދެންނެވިދާނެ، އެއީ ނުކުޅެދިގެންވާ މީހުންނޭ. ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން، އާދެ، ހަށިގަނޑުގެ ގޮތުން ވިސްނާއިރު އާއި، އަދި ސިކުނޑީގެ ގޮތުން ވިސްނާއިރު، އެމީހުންގެ ކަންތައްތައް ހުންނަގޮތުން، އެމީހުންނަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން އެމީހުންނަށް އެކަށީގެންވާ ފެންވަރަކަށް ދިރިއުޅުމުގެ ފުރުޞަތު ލިބިފައިނުވާ މީހުން އެއީ މިސްކީނުން. އެއީ އަޅުގަނޑުމެން މިކިޔާ ނުކުޅެދިގެންވާ މީހުން.
 
ޒަކާތުގެ އެންމެބޮޑުބައި ނުވަތަ ޒަކާތުގެ އެއްބައި އެ އޮންނަނީ ފަޤީރުންނަށް. އަނެއްބައި އެ އޮންނަނީ މިސްކީނުންނަށް. ޒަކާތަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އަޅުކަމެއް. އެއީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ފަރުޟެއް. އެހެންވީމާ، އެއިން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ނިކަމެތިންނަށާއި، ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމަކީ ހަމައެކަނި އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް ނޫންކަން. އެއީ އަޅުކަމެއްކަން. އަޅުގަނޑުމެން ނަމާދުކުރާ ފަދައިން ޒަކާތްދޭން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެން ނަމާދުކުރާ ފަދައިން އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމަކީވެސް އަޅުގަނޑުމެންގެ ތެރެއިން އެކަމުގެ ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކަށް އޮތް އަޅުކަމެއް. އަޅުގަނޑު ހިތުން އެއްވެސް ދީނެއްގައި މި ދަރަޖައަކަށް ނިކަމެތިންނަށް އެހީތެރިވުމުގެ އުޞޫލު ގެންދަވައިފައެއް ނޯންނާނެ.
 
އާދެ، ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް އެހީވެދިނުމަކަށް ނޫން، ދީނުގައި އަންގަވައިފައި އޮންނަނީ. ދީނުގައި އަންގަވައިފައިވޭ، އެކިގޮތްގޮތުން ނިކަމެތި ޙާލުގައި ޖެހިފައިވާ މީހުންނަށް، ޖެހޭ މީހުންނަށް، ދަތުރުވެރިންނަށް، ދަތުރު ފަށައިގެން ދިމާވާ އެކިއެކި ސަބަބުތަކާހުރެ ޤުދުރަތީ ގޮތުން ނަމަވެސް، ނުވަތަ އެހެން ގޮތަކުން ނަމަވެސް ދިމާވާ ސަބަބަކާހުރެ، އެމީހުންގެ މަންޒިލް މަޤްޞޫދާ ހަމައަށް ނުދެވޭ މީހުންނަށް، ދަތުރުމަތީގައި އެކިއެކި ޙާލުގައި ޖެހޭ މީހުންނަށް އެހީވެދިނުން. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެއީވެސް ޒަކާތުން ދޭންޖެހޭ ބައެއް. އިބްނު ސަބީލުންގެ ބައި އެއީ އިތުރު ތަޢާރުފަކަށް ބޭނުންވާ ބައެއް ނޫން. ހަމައެފަދައިން، އެކިއެކި ބަލިޖެހުމުގެ ސަބަބުން އެމީހުންނަށް ދިރިއުޅުމަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރެވޭ ފެންވަރުގެ މީހުންނާއި އަދި އެނޫން ގޮތްގޮތުންވެސް އެހެނިހެން އިންސާނުން ދިރިއުޅޭ ނިޢުމަތްތަކުން މަޙްރޫމްވެފައި ތިބޭ މީހުންނަށް އެހީވެދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ވަރަށް ވަރުގަދަ އުޞޫލެއް. ވަރަށް މާތް މަތިވެރި މަބްދައެއް. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، ނުކުޅެދިގެންވާ މީހުންނަށް ދިވެހިރާއްޖޭގެ ފަރާތުން އެހީވެދިނުމަށް އަހަރެއް ކަނޑައަޅައި، އެކަން ފާހަގަކުރުމަށް ދުވަހެއް ކަނޑައަޅައި، މިކަންކަން މިކުރަނީ ހަމައެކަނި އ.ދ. މަޖިލީހުގެ ފަރާތުން ނެރުނު ޤަރާރުގެ ސަބަބުންނެއް ނޫނޭ. އޭގެއިތުރަށް އެކަމަކީ އަޅުގަނޑުމެން އެ ދީނަކަށް  ތަބަޢަވެގެން މިތިބި މާތްވެގެންވާ އިސްލާމްދީނުގެ އެންމެ މާތް އެންމެ މަތިވެރި އެއް އުޞޫލު ކަމުގައިވާތީއޭ.
 
އާދެ، ކީރިތި ޤުރްއާނަށް ވިސްނަވައިބައްލަވާ! ޤުރްއާނުގައިވެސް ނުކުޅެދިގެންވާ މީހުންނާ ބެހޭގޮތުން އެކިއެކި އާޔަތްތައް ބާވައިލައްވައި، އިރުޝާދުތައް ދެއްވައިފައިވޭ. "لَّيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ" އާދެ، ޤުރްއާނުގައި އެ އަންގަވަނީ، "ލޯއަނދިރި މީހާގެ މައްޗަށް އެއްވެސް ކަހަލަ އުނިކަމެއް ނެތޭ". މާނައަކީ އެއީ، އެމީހާގެ ޤަދަރުން، އެމީހާގެ ޝަރަފުން، އެމީހާގެ އަބުރުން އުނިވާ ކަމެއް ނޫނޭ، އެމީހާ އެއީ ލޯއަނދިރި މީހެއް ކަމުގައިވުން އެއީ. އަދި އެމީހާއަށް ލިބެންވީ ޘަވާބާއި ހެޔޮ ނިޢުމަތުން އެމީހާ މަޙްރޫމް ކުރުވަނިވި ކަމެއްވެސް ނޫނޭ. وَلَا عَلَى الْأَعْرَجِ حَرَجٌ "  ކޮރުމީހާ، އެމީހާއަށް އެ ލިބިފައިވާ ޖިސްމާނީ އުނިކަމުގެ ސަބަބުން އެއީ އޭނާއަށް ޤަދަރު ކުޑަކުރަންވީ ސަބަބެއް ނޫނޭ. އޭނާ އެކުރާ މަސައްކަތުގެ ނަތީޖާ އޭނާއަށް ނުފެންނަންވީ ސަބަބެއް ނޫނޭ. އޭނާއަށް މުޖުތަމަޢުގައި ލިބެންވީ މަޤާމު އޭނާއަށް ނުލިބެންވީ ސަބަބެއް ނޫނޭ. وَلَا عَلَى الْمَرِيضِ حَرَجٌ " ހަމައެފަދައިން ބަލިމީހާގެ މައްޗަށްވެސް އެފަދަ އުނިކަމެއް ނެތޭ. އާދެ، ބަލިމީހާއޭ ވަޙީކުރެއްވުމުން، އޭގެތެރޭގައި އަޅުގަނޑުމެން މިކިޔާ އެންމެން އެބަ ހިމެނޭ. އެއީ ގިނަފަހަރަށް އެކަންތައް ދިމާވެފައި ހުންނާނީ ކޮންމެވެސް ބައްޔެއްގެ ސަބަބުން. އަތްފައި ވާވުން، ނުވަތަ ބީރުވުން، ސިކުނޑި ހަމަނުޖެހުން. މިހުރިހާ ކަންތައްތައް މިއީވެސް އެކިއެކި ބަލިބަލީގެ ސަބަބުން ޖެހޭ ކަންތައްތައް. އެހެންވުމާއެކު، މި އާޔަތުގައި އަންގަވައިފައި އެވަނީ ބަލިމީހުންގެ މައްޗަށްވެސް އެފަދަ އެއްވެސް  އުނިކަމެއްނެތޭ. އެހެންވީމާ، އެ އެންމެންނަކީ އެމީހުންނަށް ފުރިހަމަ ޙައްޤު ލިބެންޖެހޭނެ ބައެކޭ. އެމީހުންނަށް މުޖުތަމަޢުގައި ލިބެންވީ ފުރިހަމަ މަޤާމު، އެމީހުންނަށް މުޖުތަމަޢުގައި ލިބެންވީ ފުރިހަމަ ޤަދަރު، އެމީހުންނަށް މުޖުތަމަޢުގައި ލިބެންވީ ފުރިހަމަ ފުރުޞަތުތައް ލިބެންވީ ބައެކޭ. އެއިން އެއްވެސް ބަޔަކަށް އެއިން އެއްވެސް ކަމަކުން އުނިކަމެއް ލިބިފައެއް ނުވެއޭ.
 
ހަމަ އެފަދައިން، ޙަޤީޤަތުގައި އިންސާނާގެ ޤަދަރަށް އުނިކަން ގެނެސްދޭ އަނދިރިވުމަކީ، ލޯއަނދިރިވާ އަނދިރިވުން ނޫންކަން ބަޔާންކުރައްވައި، ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވޭ. أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ". އާދެ، اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ،ފަހެ އެބައިމީހުން ބިމުގައި ހިނގައިބިނގައި ނޫޅޭހޭ. އޭގެ މާނައަކީ އެންމެހައި މީސްތަކުން ބިމުގައި ހިނގައި ދަތުރުކޮށް އުޅެންވާނޭ. އެއީ اللّـه سبحـانـه وتعـالى އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ބިމުގައި އެތަންމިތާނގައި ލައްވައިފައިވާތީ، އެ ދަލީލުތައް ހޯދައި، ތިމާގެ އީމާންކަން ވަރުގަދަކުރުމަށްޓަކައި. ހަމައެފަދައިން ބިމުގައި ލައްވައިފައިވާ އެކިއެކި މާއްދީ ބާރުތައް ހޯދައި، އެ މާއްދީ ބާރުތަކުގެ ބޭނުންކޮށްގެން އިންސާނުންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި.
 
އާދެ، ދުނިޔޭގައި ލައްވައިފައިވާ ބާރުތައް ހޯދަމުން ގެންދަނީ އަޅުގަނޑުމެން މުސްލިމުންނެއް ނޫން މިހާރަކަށްއައިސް. ކުރީ ޒަމާނުގައި މުސްލިމުންނަކީ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ މާތް އުޞޫލުގެ މަތިން ތަރައްޤީވަމުން ކުރިއަރަމުންދިޔަ ބައެއްގެ ގޮތުގައި ތިބި ޒަމާނުގައި، ހުރިހާ ރޮނގެއްގައިވެސް ކުރިއަރައިފައިވަނީ މުސްލިމުން. ކޮންމެ މައިދާނެއްގައިވެސް، ބޭސްވެރިކަމުގެ މައިދާނުގައިވެސް، ހިސާބު ޢިލްމުގެ މައިދާނުގައިވެސް، އެކިއެކި ފަންނުތަކުގެ މައިދާނުގައިވެސް، ހަނގުރާމައިގެ މައިދާނުގައިވެސް. އަދި މިހުރިހާ މައިދާންތަކެއް ދޫކޮށްލައިފައި، މިޔުޒިކާއި ލަވައިގެ މައިދާނުގައިވެސް އެންމެ ކުރިއަރައިފައި ތިބި މީހުންނަކީ އޭރުގައި މުސްލިމުން. އެހެންވީމާ، އެމީސްމީހުން ކުރިއަރައިފައި އެވަނީ اللّـه سبحـانـه وتعـالى މިދުނިޔޭގައި، މި ކައުނުގައި ލައްވައިފައިވާ އެކިއެކި ބާރުތައް ހޯދައިގަނެގެން، އެ ބާރުތަކުގެ ބޭނުންކޮށްގެން. އެކިއެކި ސިއްރުތައް ހޯދައިގަނެގެން ޠަބީޢަތުގައި ލައްވައިފައިވާ ސިއްރުތައް ހޯދައިގަނެގެން. އާދެ، މިހާރު އަޅުގަނޑުމެން އެ ބާރުތައް އެބަ ބޭނުންކުރަން. އިލެކްޓްރިސިޓީ، ކަރަންޓް މިހިރީ. ފަންކާތައް އެނބުރެނީ. ޓީ.ވީ އިން ފޮޓޯ ނަގަމުން ގެންދަނީ. ތަން މިއޮތީ ދިއްލިފައި. އިލެކްޓްރިސިޓީ، ކަރަންޓުގެ ބޭނުން އަޅުގަނޑުމެން މިކުރަނީ އެއީ ޤުދުރަތުގައި ޠަބީޢަތުގައި މިދުނިޔޭގައި ﷲ ލައްވައިފައިވާ ބާރެއްގެ ބޭނުންކޮށްގެން. އެކަން ކުރުމަށް اللّـه سبحـانـه وتعـالى އެ އަންގަވަނީ.
 
އެހެންވީމާ، އިލެކްޓްރިސިޓީގެ ބާރު ހޯދުމާއި އަދި މިހާރު އެބުނާ އެނަރޖީގެ މައްސަލަ ބޮޑުވެގެން އުޅޭއިރު، އިރުގެ އަލިން ނޫނީ އިރުގެ އަވިން، ނޫނީ އޭގެ ހޫނުކަމުން ބާރު ހޯދައިގެން އަޅުގަނޑުމެން އެކިއެކި މެޝިންތައް ހިންގައި، އެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަދި މިނޫންވެސް ކައުނުގައި اللّـه سبحـانـه وتعـالى ލައްވައިފައިވާ އެކިއެކި ބާރުތައް ހޯދައި، އެ ބާރުތަކުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށް. މުސްލިމުންނަކީ ހަމައެކަނި ނަމާދުކޮށްލައިގެން، ރޯދަ ހިފައިގެން ތިބެންވީ ބައެއް ނޫން. ގޭގައި ފަހަށްޖެހިފައި ތިބެންވީ ބައެއް ނޫން. މުސްލިމުންނަކީ ކުރިއަރަންވީ ބައެއް. ތަރައްޤީވާންވީ ބައެއް. އެހެންވީމާ، اللّـه سبحـانـه وتعـالى އެ އަންގަވަނީ ފަހެ އެބައިމީހުން ބިމުގައި ހިނގައި މި މަތިވެރި އިލާހީ ޙިކުމަތްތައް ހޯދައި ނަހަދާހޭ. އެހެން ހަދަންޖެހޭނޭ. "فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا" އެހެންވީމާ، އެމީހުންނަށް އެމީހުންގައި ހުންނަންޖެހޭނޭ ހިތްތަކެއް، އެ ހިތްތަކުގެ ސަބަބުން އެމީހުންނަށް މިހުރިހާ ކަމެއް ވިސްނޭ. މިހުރިހާ ކަމެއްގެ އަޞްލުތައް އެމީހުންނަށް އޮޅުންފިލާ. މިހުރިހާ ކަމެއްގެ ބާރުތައް އެމީހުންނަށް އިޙްސާސް ކުރެވޭ ހިތްތަކެއް އެމީހުންގައި ހުންނަންޖެހޭނޭ. "أَوْ آذَانٌ يَسْمَعُونَ بِهَا" އަދި އެމީހުންނަށް އިވޭ އަޑުތައް އެއީ ކޮން އަޑުތަކެއްތޯ ބަލައި، އެ އަޑުތައް ތަޙުލީލުކޮށް، އޭގެ ސަބަބުންވެސް ލިބެންވީ ކުރިއެރުމެއް ލިބިގަނެވޭފަދަ ކަންފަތްތަކެއް، އެމީހުންނަށް ލިބިފައި ހުންނަންވާނޭ. "فَإِنَّهَا لَا تَعْمَى الْأَبْصَارُ" [މީހާއަށް އެކަމުގެ ސަބަބުން ނިކަމެތިކަމާއި މީހުންގެ ކުރިމަތީގައި ޤަދަރުކުޑަވުން ލިބޭ ކަމަކީ ލޯއަނދިރިވުމެއް ނޫނޭ]. "وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ" އެއާ ޚިލާފަށް މީހާއަށް ނިކަމެތިކަން ގެނެސްދޭ އަނދިރިކަމަކީ ހިތުގެ އަނދިރިކަމޭ. އިންސާނުންގެ މޭތަކުގައިވާ ހިތްތަކަށް ލިބޭ އަނދިރިކަމޭ. އެ އަނދިރިކަމަކީ އީމާންކަން ކުޑަވުން. ޢަޤީދާ ހަލާކުވެގެންދިޔުން. އެކިއެކި ޝައްކުތަކާއި ވަހުމްތައް ތިމާގެ ނަފްސުގެ ތެރެއަށް ވަދެގެން އެނބުރިގަތުން. اللّـه سبحـانـه وتعـالى ލައްވައިފައިވާ ކުޅަދުންވަންތަކަމުގެ ދަލީލުތަކަށް ތިމާގެ އަމިއްލަ ލޯ އަނދިރިކޮށްލުން. ހަމައެފަދައިން އުންމީދު ކަނޑައިލުން. ކުރިއެރުމަށް ތިމާ ޢަޒުމް ކަނޑައަޅަންވީ ގޮތަށް ޢަޒުމް ކަނޑަނޭޅުން. އެކަންކަމުގައި ފަސްޖެހުން. މިހިރީ ހިތުގެ އަނދިރިކަމަކީ. އެހެންވީމާ، އިންސާނާއަށް އެ އަނދިރިކަމެއްގެ ސަބަބުން އުނިކަމާއި ލަދުވެތިކަން ގެނެސްދިނުން ޙައްޤު އަނދިރިކަމަކީ ހިތުގެ އަނދިރިވުމޭ.
 
އާދެ، އަދިވެސް ނުކުޅެދިގެންވާ މީހުންނަށް މާތްވެގެންވާ އިސްލާމްދީނުގައި ދެއްވައިފައިވާ މަތިވެރި މަޤާމު ދޭހަކޮށްދޭ ވަރަށްގިނަ އާޔަތްތަކާއި، ވަރަށްގިނަ ހާދިސާތައް އެބަހުރި. އެއް ހާދިސާއެއް އަޅުގަނޑު ދަންނަވައިލައިފާނަން. އާދެ، ކީރިތި ޤުރްއާނުގައި ރަސޫލާއަށް ވަޙީކުރައްވައިފައިވާ ޢިޤާބުގެ ބަސްފުޅެއް، ޞަޙާބީ ބޭކަލަކާ ބެހިގެން ބާވައިލައްވައިފައިވާ ޢިޤާބުގެ. اللّـه سبحـانـه وتعـالىގެ ރުހިވޮޑިނުގަތުމުގެ ބަސްފުޅެއް ބާވައިލައްވައިފައިވަނީ، ލޯއަނދިރި ޞަޙާބީ ބޭކަލަކާ ގުޅިގެން. އާދެ، އެއީ އަޅުގަނޑުމެން އެންމެން ދަންނަ ސޫރަތެއް. "عَبَسَ وَتَوَلَّىٰ، أَن جَاءَهُ الْأَعْمَىٰ،  وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ،أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ". އާދެ، އެކަން ހިނގިގޮތަކީ، عبدالله بن أمّ مكتوم މިނަމުން ނަން ކިއިގެންވާ ޞަޙާބީ ބޭކަލަކު ކީރިތި ރަސޫލާގެ އަރިހަށް އެއްދުވަހަކު ވަޑައިގަތީ. ވަޑައިގެންނެވިއިރު ރަސޫލާ އިންނެވީ ޤުރައިޝް ވަންހައިގެ ވަރަށް ޢިއްޒަތްތެރި ބޮޑެތި ބަޔަކާ ވާހަކަފުޅު ދައްކަވަން. އެމީހުން އޭރު ތިބީ އިސްލާމްވެގެނެއް ނޫން. ކާފަރުކަން މަތީގައި. ރަސޫލާގެ ބޭނުންފުޅަކަށްވީ އެމީހުންނާ ވާހަކަފުޅު ދައްކަވައިގެން، އިސްލާމްދީނުގެ މަތިވެރިކަން އެމީހުންނަށް ފިލުއްވައިދެއްވައިގެން، އެމީހުން އިސްލާމް ކުރެއްވުން. އެފަދަ މަތިވެރި މަޤްޞަދެއްގައި އެމީހުންނާ ވާހަކަފުޅު ދައްކަވަން އިންނަވަނިކޮށް މި ވަޑައިގަތީ މުސްލިމް ބޭކަލެއް. ޞަޙާބީ ބޭކަލެއް. عبدالله بن أمّ مكتوم ލޯއަނދިރި ބޭކަލެއް. އޭނާ ވަޑައިގެންނެވިއިރު އެހެން ބަޔަކާ ވާހަކަފުޅު ދައްކަވަން އިންނެވިކަމެއް އޭނާއަކަށް އެނގިވަޑައެއްނުގަންނަވާ. އޭނާ ސަލާމް ގޮވައިލައްވައިފައި ރަސޫލާއާ ވާހަކަފުޅު ދައްކަވަން ފެށްޓެވި. ވާހަކަފުޅު ދައްކަވަން ފެށްޓެވީމާ ރަސޫލާ ވަކި ޖަވާބެއް ނުދެއްވާ. އެކަލޭގެފާނު ޤުރައިޝް ވަންހައިގެ މީހުންނާ ދައްކަވަމުން ގެންދެވި ވާހަކަ ކުރިއަށް ގެންދެވީ. އެހެންވީމާ، ރަސޫލާ އެކަން ކުރެއްވީކީ ފަހަރެއްގައިވެސް އެ ވަޑައިގެންނެވި ޞަޙާބީ ބޭކަލަކީ ލޯއަނދިރި ބޭކަލަކަށްވާތީ، އެކަލޭގެފާނަށް ކުޑައިމިސްކަމެއް ރައްދުކުރެއްވުމުގެ ގޮތަކުންނެއް ނޫން. އިހާނަތްތެރިވެވަޑައިގަތުމުގެ ގޮތަކުންނެއް ނޫން. އެހެންނަމަވެސް، عبدالله بن أمّ مكتوم އެއީ މުސްލިމް ބޭކަލަކަށްވާތީ، އޭނާއާ ވާހަކަފުޅު ދެއްކެވުމަށްވުރެ، މިހާރު އިސްލާމްވާން ކައިރިވެފައި ތިބި ބަޔަކާ ވާހަކަފުޅު ދައްކަވައިގެން، އެމީހުން އިސްލާމް ކުރެއްވުމަކީ، އެއަށްވުރެ މަތިވެރި މަޤްޞަދެއް ކަމުގައި ރަސޫލާއަށް ފެނިވަޑައިގަނެގެން.
 
އެހެންނަމަވެސް، ޤުރްއާނުގެ ވަޙީ އައީ އެކަން އެކުރެއްވީ ރަނގަޅަކަށް ނޫންކަން ބަޔާންކުރައްވައި ޢިޤާބުގެ ބަސްފުޅެއް. اللّـه سبحـانـه وتعـالى ވަޙީކުރެއްވީ، ރުހިވޮޑިނުގަތުމުގެ ބަސްފުޅެއް. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ އެ ލޯއަނދިރި ޞަޙާބީ އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން އެކަލޭގެފާނުގެ މޫނު އެހެން ފަރާތަކަށް އަނބުރުއްވައިފިޔޭ. ދެން اللّـه سبحـانـه وتعـالى ރަސޫލާއާ މުޚާޠަބު ކުރައްވަނީ، ކިހިނެއްހޭ ކަލޭގެފާނަށް އެނގިވަޑައިގަތީ، ފަހަރެއްގައި ކަލޭގެފާނު ދައްކަވާ ވާހަކަފުޅުން عبدالله بن أمّ مكتوم އޭނާގެ ނަފްސު މިހާރަށްވުރެ ޠާހިރުވެ، އޭނާގެ މަތިވެރިކަން މިހާރަށްވުރެ މާމަތީ ފެންވަރަކަށް ހިނގައިދާނެކަން، ނުވަތަ ނުދާނެކަން ކިހިނެއްތޯއޭ އެނގިވަޑައިގަތީ. ނޫނީ ތި ދައްކަވާ ވާހަކަފުޅަކުން އޭނާއަށް އިތުރު ޢިބްރަތެއް ލިބިވަޑައިގަނެގެން، އެ ޢިބްރަތާއި އެ ޢިބްރަތުގެ ފައިދާ އޭނާއަށް ވަރަށް ބޮޑަށް ނުކުރާނެކަން ކިހިނެއްތޯއޭ އެނގިވަޑައިގަތީ. އެހެންވީމާ، އެކަން ހައްދަވަންވީ ގޮތަކީ އެއީއެއް ނޫނޭ. މުސްލިމް ބޭކަލަކު ވަޑައިގެން ސަލާމް ގޮވައިލައްވައިފައި ވާހަކަފުޅު ދެއްކެވީމާ ވީ އެބޭކަލަކާވެސް ވާހަކަފުޅު ދައްކަވާށޭ. ތިޔަ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކާފަރުން ވީ ދޫކޮށްލައްވާށޭ. އެހެން އެ ޢިޤާބުގެ ބަސްފުޅު އެ ބާވައިލެއްވީ ލޯއަނދިރި ޞަޙާބީ ބޭކަލަކާ ބެހިގެން. އެހެންވީމާ މިއިންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ލޯއަނދިރިކަމަކީ އަޅުގަނޑުމެންގެ ދީނުގައި ޤަދަރުކުރާ ކަމެއްކަން. އެއީކީ އުނިކަމެއް ނޫންކަން. ލޯއަނދިރިވުމަކީ އެއްވެސް އިންސާނަކަށް ލިބޭ ޤަދަރުކުޑަވުމެއް ނޫންކަން. އެމީހެއްގެ މަޤާމަށް އެއްވެސް އުނިކަމެއް ލިބިދޭ ކަމެއް ނޫންކަން.
 
އާދެ، މީގެއިތުރަށް ކީރިތި ރަސޫލާގެ ޢަމަލުފުޅުތައް ހުރިގޮތަށް ވިސްނާލިޔަސް ފަޤީރުންނާއި މިސްކީނުންނަށް އެހީވެވަޑައިގެންދެއްވަމުން ގެންދެވިގޮތާއި، އެކިއެކި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީފުޅުގެ އަތްޕުޅު ފޯރުއްވަމުންގެންދެވިގޮތާ، މިހުރިހާ ގޮތްގޮތަށް ބަލާއިރު، މާތްވެގެންވާ އިސްލާމްދީނުގައި ނުހިމެނޭ އެއްވެސް އަޞްލެއް، ނުހިމެނޭ އެއްވެސް މަބްދައުއެއް، އަދި އަޅުގަނޑުމެންނަކަށް ހޯދިފައެއްނެތް. އިންސާނިއްޔަތު މިހާރު ތަރައްޤީވެގެން ތަހުޒީބުވަމުންދިޔަ ދިޔުމުގައިވެސް މީގެ 14 ޤަރުނުގެ ކުރިން މިކަހަލަ ކަންކަމާ ދޭތެރޭގައި ދީނުގައި އަންގަވައިފައިވާ ގޮތަށްވުރެ ވަކި މާތް ގޮތެއް އެއަށްވުރެ ވަކި ފުރިހަމަގޮތެއް، އެއަށްވުރެ ވަކި މަތިވެރި އުޞޫލެއް އަދިއަދަށްދާންދެންވެސް އަޅުގަނޑުމެންނަކަށް ނުފެނޭ. ދެން އަޅުގަނޑުމެންގެ ތެރޭގައި މި ހިމެނޭ ނުކުޅެދިގެންވާ މީހުންނާ މުޚާޠަބުކޮށް، އަޅުގަނޑު ބުނަން ބޭނުންވާ އެއްޗަކީ، ފަހަރެއްގައިވެސް ތިޔަ އަޚުންނާއި ތިޔަ އުޚުތުން އުންމީދު ކުޑަކުރައްވައިގެން ނުވާނޭ. މިކަމުގެ ސަބަބުން އެއްވެސްކަހަލަ ހިތްދަތިކަމެއް އިޙްސާސް ކުރައްވައިގެން ނުވާނޭ. އެއީ މިކަހަލަ އުނިކަން އިޙްސާސް ކުރައްވަން ޖެހުނުކަމުގައިވިޔަސް، ތިޔަ ބޭކަލުންނާއި ތިޔަ ބޭކަނބަލުންގެ އަމިއްލަ މަސައްކަތުންނާއި، އަމިއްލަ އިޖްތިހާދުން އަދި މުޖުތަމަޢުގެ އެހެން ބައިތަކުގެ އެހީއާ އެކުގައި ކުރިއަށް ދިޔުމުގެ މަގު ވަރަށް ބޮޑަށް ތަނަވަސްވެގެންވޭ.
 
ދުނިޔޭގައި އެކި ކަންކަމުގައި މަޝްހޫރުވެފައިވާ މީހުންގެ ތެރެއިން ވަރަށްގިނަ ލޯއަނދިރި މީހުންވޭ. ވަރަށް ގިނަގިނަ ޖިސްމާނީ އުނިކަން، އެމީހުންގެ ހަށިތަކަށް ލިބިފައިވާ މީހުންވޭ. ޢަރަބީންގެ އެންމެ މަޝްހޫރު ޝާޢިރުންގެ ތެރޭގައިވެސް أبو الأعلى المعرى އޭ ކިޔުނު ބޭކަލެއް، އެއީ ވަރަށް މަޝްހޫރު ބޭކަލެއް. ހަމައެކަނި ޝާޢިރެއް ނޫން. ބޮޑު ފައިލަސޫފެއް. ވަރަށްބޮޑު ޢިލްމުވެރިއެއް. އޭނާ އެއީވެސް ލޯއަނދިރި ބޭކަލެއް. ހަމަ އެފަދައިން، މިޒަމާނަކަށް އައިސް މިޞްރުގައި އުފެދުނު އެންމެމޮޅު އަދީބު ޑޮކްޓަރ طه حسين އޭނާ އެއީވެސް ލޯއަނދިރި ބޭކަލެއް. އެންމެ ތުއްޕުޅުއިރުއްސުރެ ލޯއަނދިރި ބޭކަލެއް. އެހެންނަމަވެސް، އޭނާގެ އަމިއްލަ އިޖްތިހާދުން އޭނާ ކިޔަވައި ވިދާޅުވީ ހަމައެކަނި މިޞްރަކުންނެއް ނޫން. މިޞްރުން ކިޔަވައި ވިދާޅުވެ، މިޞްރުގެ جامعة الأزهرން، ނުވަތަ އޭރު ކިޔާގޮތުންވިއްޔާ جامع الأزهرން ނެގެން އޮތް އެންމެމަތީ ފާހެއް ނަންގަވައިގެން، އޭގެފަހުން އޭނާ ވަޑައިގަތީ ފަރަންސޭސިވިލާތަށް. ފަރަންސޭސިވިލާތަށް ވަޑައިގެން އެތަނުގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ އިން އާދެ، ސޮރޮބޮން ޔުނިވަރސިޓީ އިން އޭނާ ޕީ.އެޗް.ޑީ ހޯއްދެވި. އެއީ ޢިލްމީގޮތުން ޔުނިވަރސިޓީއަކުން ދޫކުރާ އެންމެމަތީ ފާސް. ލޯއަނދިރި މީހެއްގެ ގޮތުގައި ހުރެގެން، ލޯއަނދިރި މީހަކު މަސައްކަތް ކޮށްގެން ބޭރު ޤައުމެއްގައި، އޭނާ ނުވެސް ދަންނަ ބައެއްގެ ތެރޭގައި ހުރެގެން، އޭނާ ނުވެސް ދަންނަ ބަހަކުން ވާހަކަ ދައްކާ ބައެއްގެ ތެރޭގައި ހުރެގެން، އެ ބަސް ދަސްކޮށްގެން، އެބަހުންވެސް ކުރިއަރައިގެން އެތާނގެ އެންމެމަތީ އެއް ޔުނިވަރސިޓީ އިން ޕީ.އެޗް.ޑީ ޙާޞިލު ކުރެއްވީ ޑޮކްޓަރ طه حسين. އޭނާ އެއީ ލޯއަނދިރި ބޭކަލެއް. މިޞްރުގައި އުފެދުނު އެންމެ މަޝްހޫރު، އެންމެ ރީތިކޮށް ކިޔަވައި ވިދާޅުވާ ޤާރީ الشيخ محمّد رفعت އެއީވެސް ލޯއަނދިރި ބޭކަލެއް. މިގޮތުން މިލިސްޓަކީ ވަރަށްދިގު ލިސްޓެއް. އެއްގޮތަކަށް ކިޔައި ނުނިމޭނެ ލިސްޓެއް. އިނގިރޭސިންގެ މަޝްހޫރު ޕޮއިޓުންގެ ތެރޭގައި، ޝާޢިރުންގެ ތެރޭގައި، މިލްޓަން، އަޅުގަނޑު ހިތުން އެއީ ވަރަށް މަޝްހޫރު މީހެއް. އޭނާ އެއީވެސް ލޯއަނދިރި މީހެއް. އޭނާ ހަދައިފައި ހުންނަ ޅެންތައް އެއީ އިނގިރޭސި ބަހުގައި އޭގެ ދެވަނައެއް ނެތް ކަހަލަ މޮޅު ޅެންތަކެއް. އަދި މިޒަމާނަކަށް އައިސް އެމެރިކާގެ ވަރަށް މަޝްހޫރު އަންހެނެއް. އޭނާގެ ނަން ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ. ހެލަން ކެލަރ. އާދެ، އޭނާ އެއީ އެންމެ ކުޑައިރުއްސުރެން ލޯ އަނދިރި މީހެއް، މަންމަން މީހެއް، ބީރުމީހެއް. އެހެންނަމަވެސް، އޭނާ އަމިއްލަ އިޖްތިހާދުން، އަމިއްލަ މަސައްކަތުން ކިޔަވައިގެން އެންމެފަހުން ވާހަކަވެސް ދައްކާ ހިސާބަށް ގޮސްފައި އޮތީ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ބީރު މީހުންނަކަށް ވާހަކައެއް ނުދެއްކޭ. އެހެންނަމަވެސް، މީނާ މިއީ ލޯއަނދިރި ބީރުމީހެއް. އެހެންނަމަވެސް، އޭނާ އެންމެފަހުން ވާހަކަވެސް ދެއްކީ. އަދި އެއީ ވަރަށް މަޝްހޫރު މީހަކަށްވެ ތަޢުލީމު ޙާޞިލްކޮށް، އޭނާ އެތައް ފޮތެއްވެސް ލިޔެފައިވޭ. ދުނިޔޭގައި މަޝްހޫރު، ވަރަށް މަޝްހޫރު ޝަޚްޞިއްޔަތަކަށް އޭނާ އޮތީ ވެފައި. އޭނާ އަޅުގަނޑު ހިތުން މީގެ އެތައް އަހަރެއް ކުރިން ނިޔާވެއްޖެ. އެކަމަކު ދާދި ފަހަކާ ޖެހެންދެން ދުނިޔޭގައި އިންނެވި ބޭކަނބަލެއް، މިސް ހެލަން ކެލަރ އެއީ. އެހެންވީމާ މިހުރިހާ މިސާލުތަކުން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، މިގޮތުން އަދި ޖިސްމާނީ ގޮތުން އަޅުގަނޑުމެންގެ ބަޔަކަށް ނިކަމެތިކަމެއް ލިބުނަސް އެއީކީ އުންމީދު ކަނޑައިލަންވީ ކަމެއް ނޫނޭ. ވަރުގަދަ ޢަޒުމަކާއި ވަރުގަދަ ހިތްވަރަކާ އެކުގައި މަސައްކަތް ކޮށްފީވިއްޔާ، އެހުރިހާ ކަމެއް ހުރަސްކޮށް، ތިމާ ބޭނުންވާ މަޤާމަށް، ތިމާ ބޭނުންވާ މަންޒިލް މަޤްޞޫދަށް، ތިމާ ބޭނުންވާ އަމާޒު ފަތްގަނޑަށް ތިމާއަށް ދެވޭނެކަން.
 
އާދެ، އަޅުގަނޑު ޔަޤީންކޮށްދޭން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މި ތިއްބެވި ނުކުޅެދިގެންވާ ބޭކަލުންނަށާއި ބޭކަނބަލުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން މިތިބީ ތިޔަ ބޭކަލުންނާއި ބޭކަނބަލުންނަށް އެހީވާން ކަމަށް. ދެންމެވެސް ތިޔަ އެއްސެވީ ބައެއް ފަރާތްތަކުން ވެދެއްވި އެހީތައް. އާދެ، އަޅުގަނޑުމެންގެ ނިސްބަތުގައި އެއީކީ، ތިޔަ އެއްސެވީކީ ކުދިކުދި އެހީތަކެއް ނޫން. އަޅުގަނޑުމެންނަކީ ވަރަށް ކުޑަ ޤައުމެއް. މާ ތަނަވަސް ޤައުމެއްވެސް ނޫން. މީސްކޮޅު މަދު ތަނެއް. އަޅުގަނޑުމެންގެ ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ހުންނަގޮތުން މާބޮޑެތި އެހީތަކެއް ވެވޭކަށެއް ނޯވޭ. އެހެންވީމާ، އެކަންކަމަށް ބަލާއިރު، ތިޔަ އެއްސެވި އެހީތައް އެއީ ފަހަރެއްގައިވެސް އެކަށީގެންނުވާ އެހީތަކެއް ކަމަށް ހީނުކުރެއްވުން އެދެން. ހަމަ ވަރަށް ރަނގަޅު އެހީތަކެއް ތިޔަ އެއްސެވީ. އަދި އަޅުގަނޑަށް ހީވާގޮތުގައި މިކަމަށް އެކަށީގެންވާ އިޝްތިހާރު ކުރެވުނުނަމަ، އިޝްތިހާރޭ މިދެންނެވީ އެއްގޮތަކަށްވެސް ވިޔަފާރީގެ މާނަ އޭގައި އެކުލެވޭގޮތަކަށް ނޫން. މީހުންގެ ތެރޭގައި މިކަން ޢާންމުވާގޮތަށް ތަންކޮޅެއް ކުރިއްސުރެ އިޢުލާނު ކުރެވިގެން، ރާއްޖެތެރެއަށްވެސް މިކަން އެންމެންނަށް އެނގޭގޮތަކަށް މި މައްސަލަ ގެންދެވުނުނަމަ މާގިނަ އެހީ އަޅުގަނޑުމެންނަށް މިއަދު އިޢުލާނު ކުރެވުނީސް. އެހެންނަމަވެސް ކަންދިމާވިގޮތުން މިކަން ކުރެވުނީ ތަންކޮޅެއް ލަހުން. އަދި ރޭޑިއޯއިން ގޮވައިލި އިޢުލާނަކުން މީހުންނަށް މިކަން އެނގިގެންދިޔައީ. ނާހާ މީހުން ވަރަށްގިނަވާނެ. ޚާއްޞަކޮށް، ރާއްޖެތެރޭގައި. އެހެންވުމާއެކުގައި އަޅުގަނޑުމެންނަށް މި އިވިގެންދިޔައީ 16 ފަރާތުގެ އެހީ. އެކަމަކު ޙަޤީޤަތުގައި މިކަން ރަނގަޅަށް ކުރަންވީ އެންމެ ފުރިހަމަކޮށް ކުރެވުނުނަމަ، މިއަށްވުރެ މާގިނަ އެހީތައް މިއަދު އިޢުލާނު  ކުރެވުނީސްކަން ކަށަވަރު.
 
އާދެ، ކޮންމެއަކަސް ތިޔަބޭފުޅުން ކުރިންވެސް އެއްސެވި ފަދައިން، ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމަށްޓަކައި ސަރުކާރުން ކުރެވެން އޮންނާނީ ކޮންކޮން ކަންކަމެއްތޯ ބެލުމަށްޓަކައި މިއަހަރު ފެށުނުތަނާ ސަރުކާރުން ކޮމިޓީއެއް އުފެއްދެވި. އެ ކޮމިޓީގެ މެންބަރުން ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އެ ތިއްބެވީ. ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ މަޢުލޫމާތު އޮޅުންފިލުއްވުން. އެއީ އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ކުރިމަތިވާ ކަމެއް. ލޯއަނދިރި މީހުންނަށް އެހީވާން ބަލާއިރު ރާއްޖޭގައި ތިބީ ލޯއަނދިރި ކިތައް މީހުންކަމެއްނޭނގެ. މަންމަނުންނާ އެހީވާން ބަލާއިރު، ރާއްޖޭގައި ތިބީ މަންމަނުންގެ ކިތައްމީހުން ކަމެއްނޭނގޭ. އެކިއެކި ބޮޑެތި ބަލިޖެހިފައި ތިބި މީހުންނަށް އެހީވާން ބަލާއިރު ރާއްޖޭގައި ތިބީ އޭގެ ކިތައް މީހުން ކަމެއްނޭނގޭ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ މަޢުލޫމާތު ކުރިއްސުރެ އެއްކުރެވިފައި ނެތުމުން ވާކަމެއް. އެހެންވީމާ، އެކޮމިޓީގެ އެންމެ ފުރަތަމަ މަސައްކަތްޕުޅެއް ކަމުގައިވީ އެ މަޢުލޫމާތުތައް ސާފުކުރެއްވުން. ރާއްޖެތެރޭގެ ހުރިހާ އަތޮޅުތަކާ ގުޅުއްވައިގެން، ހުރިހާ ރަށްރަށަކާ ގުޅުއްވައިގެން ރާއްޖެތެރޭގައި ތިބީ ކިތައް މީހުންތޯ އަދި އެމީހުން ތިބީ ކޮންކޮން ފެންވަރެއްގައިތޯ. އެއީ ނުކުޅެދޭ މީހުންވެސް ތިބޭނެ އެކި ދަރަޖައަށް، އެކި ފެންވަރަށް. ކުޅެދުމާއި ނުކުޅެދުން އެއީ ތަފާތު ފެންވަރުތަކަކަށް ހުންނާނެ ކަމެއް. އެހެންވީމާ، އެމީހުންގެ ފެންވަރުވެސް އޮޅުންފިލުވަން އެބަޖެހޭ. މިހުރިހާ މަޢުލޫމާތުތަކެއް ސާފުކުރައްވަން ވަރަށްގިނަ މަސްތަކެއް ނެގި. އެކަން ތިޔަބޭފުޅުންނަށް ވަޒަންކުރެއްވޭނެ. ރާއްޖެ އޮންނަގޮތުން ދަތުރުފަތުރުކުރުމުގެ ދަތިކަމާއި، ރާއްޖެއަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވެފައި، މަޢުލޫމާތު، އެއްތަނުން އަނެއްތަނަށް ފޮނުވުމަކީ ވަރަށް އުނދަގޫ ދަތިކަމަކަށްވާތީ، އެކަންތައް އެހާ ލަސްވެގެންދިޔައީ.
 
އެހެންނަމަވެސް މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގައި ތިބޭ ނުކުޅެދޭ މީހުންގެ ޢަދަދު. އާދެ، އެ ޢަދަދާ ދޭތެރޭގައި ބަލާއިރު އަޅުގަނޑު ދެކެނީ އަދި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ދިވެހި ޤައުމު އެއީ ވަރަށް ނަޞީބުވެރި ޤައުމެކޭ. ވަރަށް ނަޞީބުވެރި ރާއްޖެއެކޭ. އެއީ ކުރިންވެސް ތިޔަބޭފުޅުން އައްސަވާނެ، މިހާރު ދުނިޔޭގައި ތިބި ނުކުޅެދޭ މީހުންގެ އަދަދަކީ 500 މިލިއަން މީހުން ކަމުގައި އ.ދ. މަޖިލީހުން އަންގާ ވާހަކަ. ދުނިޔޭގައި ތިބެނީ ފަސްހާސް މިލިއަން މީހުން ކަމުގައި ބަލައިފީވިއްޔާ އެއީ ސަތޭކައަކުން ދިހައެއް. އެހެންވީމާ، ކޮންމެ 10 މީހުންގެ ތެރެއިން އެކެއް އެއީ ނުކުޅެދިގެންވާ މީހެއް ކަމަށް މި ހިސާބުތަކުން ދައްކަނީ. އަޅުގަނޑުމެން މި ނެގި ހިސާބުތަކުން ދައްކާގޮތުގައި، އޭގެވެސް ދިހަބައިކުޅަ އެއްބައި ދިވެހިރާއްޖޭގައި ތިބީ. އެއީ ގާތްގަނޑަކަށް އެއްހާސް ތިންސަތޭކަ މީހުން ނުވަތަ އެއްހާސް ހަތަރުސަތޭކަ މީހުން ރާއްޖޭގައި ތިބި ނުކުޅެދިގެންވާ މީހުންގެ ޢަދަދަކީ. ރާއްޖޭގައި މިހާރު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ތިބިކަމަށް ސަރުކާރަށް ލަފާކުރެވެނީ 153000 މީހުން. އެހެންވީމާ، އޭގެ ނިސްބަތުން ބަލާއިރު ސަތޭކައަކުން ސުމެއް ޕޮއިންޓް އަށެއް. ސަތޭކައަކުން އެކަކުވެސް ނުވޭ. ދެން އެހިސާބު ރަނގަޅު ހިސާބަކަށް ނުވެހިނގައިދާނެ. ރާއްޖޭގައި އެއްހާސް ފައްސަތޭކަ މީހުން ނޫނީ ދެހާސް މީހުންވެސް ތިބެދާނެކަންނޭނގެ. ދެހާސް މީހުން ތިބި ކަމުގައި ބެލިނަމަވެސް، އެއީ ސަތޭކައަކުން އެކެއް ޕޮއިންޓް ހައެއް. އެހާ ކަންހާ ހިސާބަށް އެދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ޙާލު މިގޮތުން ބަލާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ މާ ރަނގަޅު ކަމަށް ފެންނަނީ. އެކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالىގެ ކިބަޔަށް ޙަމްދާއި ޝުކުރުކުރަންޖެހޭނެ.
 
އާދެ، ދެން ތިޔަބޭފުޅުން އައްސަވައިފީމު، ދައުލަތުގެ ފަރާތުން ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމުގެ ގޮތުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކާއި އަދި މީގެކުރިން ކޮށްފައި ހުރި މަސައްކަތްތަކާއި އަދި މި ކޮމިޓީއިން ހަމަޖައްސަވައިގެން މިހާރުން ފެށިގެން ކުރަމުން ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ވާހަކަ. އެކަންތައްތައް އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށް ގެންދެވޭނެ. މިހާރު ތިޔަބޭފުޅުން ވަޑައިގެން ތި ތިއްބެވި މަރްކަޒު އެއީވެސް ނުކުޅެދިގެންވާ މީހުންގެ ތެރެއިން ބަޔަކު މީހުން ތިބުމަށްޓަކައި ދައުލަތުން ތައްޔާރުކޮށްފައިވާ ތަނެއް. އެތަން ބައްލަވައިލެއްވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ރާއްޖެއަށް އެކަށީގެންވާ ފެންވަރަކަށް މިތަން މިހާރު މިހިރީ ހެދިފައި. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށްވުރެ ތަނަވަސްކަންބޮޑު ބައެއް ޤައުމުތަކުގައިވެސް މި ފެންވަރަކަށް ނުހުންނާނެ ހެދިފައެއް.
 
ކޮންމެއަކަސް ނުކުޅެދިގެންވާ މީހުންނަށް ގުރައިދޫގައި އަޅުގަނޑުމެންގެ ޤައުމުގެ ފެންވަރަށް ބަލާއިރު އެކަށީގެންވާ ދަރަޖައަކަށް މިކަންތައްތައް މިހާރު ރޭވިގެން ހިނގަމުން އެބަދޭ. އޭގެއިތުރުން އެކިއެކި ބޮޑެތި ބަލިޖެހޭ މީހުންނަށް ފަރުވާކޮށްދިނުމާއި، ކުއްލި ހާދިސާތައް ދިމާވެގެން ރާއްޖެތެރޭގައި، ޚާއްޞަކޮށް ގެއްލުން ލިބޭ މީހުން މާލެ ގެނެސްގެން ފަރުވާކޮށްދިނުމާއި އަދި ބައެއް ޚާއްޞަ ޙާލަތްތަކުގައި ކޮންމެހެން ބޭރަށް ފޮނުވަންޖެހޭ، މަޖުބޫރުވެގެން ފޮނުވަންޖެހޭކަހަލަ ޙާލަތްތަކުގައި ބަލިމީހުން ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްކޮށްދެމުން އެބަގެންދެވޭ. މިކަންކަން މިއީ އަޅުގަނޑުމެންގެ އަދި އިޤްތިޞާދީ ފެންވަރު ހުރިގޮތުން ކުރެވެން ހުރި ކަންކަމެއްވެސް ނޫނޭ އަޅުގަނޑު ދަންނަވާނީ. އެހެންނަމަވެސް ކަމުގެ މުހިންމުކަމުންނާއި، ކަމުގެ ބާވަތުން އަދި އަޅުގަނޑުމެންގެ ތެރޭގައި މިތިބޭ ބަލިމީހުންނާއި ނިކަމެތިންނަކީ އަޅުގަނޑުމެންގެ ލޮބުވެތި އަޚުން ކަމުގައިވާތީ، އަދި އަޅުގަނޑުމެންގެ ލޮބުވެތި އުޚުތުން ކަމުގައިވާތީ، އިސްލާމީ އުޚުއްވަތުގެ އުޞޫލުންވެސް އެމީހުންނަށް އެހީވެދިނުން އެއީ މަޖުބޫރު ކަމަކަށްވާތީ، އެގޮތުގެ މަތީން ސަރުކާރުން އެކަންތައްތައް  ކުރަމުން އެ ގެންދަނީ. އާދެ، އޭގެއިތުރަށް އަދިވެސް މަސައްކަތްތަކެއް ކުރެވިދާނެ. އަޅުގަނޑުވެސް ގަސްދުކުރަން. އަޅުގަނޑު އަމިއްލައަށްވެސް ސަރުކާރުގެ ކުރިއަށް ތިއްބެވި ބައެއް ބޭފުޅުންނާ އެކުގައި ކޮންމެވެސް ކަމެއް އިންތިޒާމުކޮށްގެން، އެކަމަކުން ލިބޭ ފައިސާ މި މުހިންމު ކަމަށް ހޭދަކުރުމަށް މަސައްކަތް ކުރުމަށް. އާދެ، އިރާދަކުރެއްވިއްޔާ މިއަހަރު ހުސްވުމުގެ ކުރިން މިދެންނެވި ކަންތައް އަޅުގަނޑާއި އަދި ސަރުކާރުގެ ކުރިއަށް ތިއްބެވި ބައެއް ބޭފުޅުންނާ އެކުވެގެން ކުރާނަން. ކޮށްފައި އެއިން ލިބޭ އެއްޗެއް ރާއްޖޭގައި ތިބި ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމުގެ ގޮތުން މިތަނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތަށް އިރާދަކުރެއްވިއްޔާ ފޮނުވާނަން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ދަންނަވައިލަން ބޭނުންވަނީ، ނުކުޅެދިގެންވާ މީހުންގެ ދުވަސް އެއީ ހަމައެކަނި މިއަދެއް ނޫނޭ. އަދި ނުކުޅެދިގެންވާ މީހުންގެ އަހަރު އެއީ ހަމައެކަނި 1981 މިއަހަރެއްވެސް ނޫނޭ. ނުކުޅެދިގެންވާ މީހުންގެ ދުވަސް، ކޮންމެ ދުވަހެއް އެއީވެސް. އަދި ކޮންމެ އަހަރަކީވެސް ނުކުޅެދިގެންވާ މީހުންގެ އަހަރެއް. އެއީ ހަމައެކަނި މިއަދު އަޅުގަނޑުމެން އެދުވަސް ފާހަގަކޮށްގެން ނުވަތަ މިއަހަރު އަޅުގަނޑުމެން ނުކުޅެދިގެންވާ މީހުންނަށް ކޮށްދެވެން އޮތް ޚިދުމަތްތައް ކޮށްދީގެން އެއީ އަޅުގަނޑުމެންނަށް އެ މައްސަލައަށް ޙައްލެއް ގެނެވުނީ ކަމަކަށް ނުވާނެ. މި މަސައްކަތަކީ ދާއިމީގޮތެއްގައި މެދުނުކެނޑި ހިނގަމުންދާންވީ މަސައްކަތެއް. މިކަމުގައި ކުރިއަށް ދާންވީ ހަމައެކަނި ސަރުކާރަކުންނެއް ނޫން. އަޅުގަނޑު އިލްތިމާސް ކުރަނީ، ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތައް، ދިވެހިރާއްޖޭގެ އަމިއްލަ ފަރާތްތަކަށް. ދިވެހިރާއްޖޭގެ އެކިއެކި ޖަމްޢިއްޔާތަކަށް، ކްލަބްތަކަށް. އަދި އެނޫންވެސް އެކިއެކި ޖަމާޢަތްތަކަށް، ވިޔަފާރިވެރިންނަށް، އާންމު ރައްޔިތުންނަށް، ރަށްރަށުގެ އަވަށް ކުރިއަރުވާ ކޮމިޓީތަކަށް، މާލޭގެ އަވަށް ކުރިއަރުވާ ކޮމިޓީތަކަށް، ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކަށް، އަތޮޅުތަކުގެ އަތޮޅުތައް ކުރިއަރުވާ ކޮމިޓީތަކަށް އަދި މިނޫންވެސް އެކިއެކި ފަރާތްތަކަށް. އެއިން ކޮންމެ ފަރާތަކުންވެސް ވެދެއްވެން އޮތް ހުރިހާ އެހީއެއް ނުކުޅެދިގެންވާ މީހުންނަށް ވެދެއްވުމަށް.
 
އާދެ، އަޅުގަނޑުމެން އެންމެން މި މާތް މަތިވެރި މަސައްކަތުގައި އެއްބައިވެގެން އެކުވެރިވެގެން ފިސާރި ވަރުގަދަ ޢަޒުމަކާ އެކުގައި މަސައްކަތް ކޮށްގެން ނޫނީ އަޅުގަނޑުމެންގެ ތެރޭގައި މި ހިމެނޭ ނުކުޅެދިގެންވާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެކަށީގެންވާ އެހީއެއް ނުވެވޭނެ. އާދެ، އެމީހުންނަށް ވާންވީ އެހީއަކީ ހަމައެކަނި އެމީހުންގެ ދަތިތައް ފިލުވައިދިނުމަށްޓަކައި ފައިސާގެ ގޮތުން ވާންވާ އެހީއެއް ނޫން. ފައިސާގެ ގޮތުން ވާ އެހީގެ އިތުރަށް އެމީހުންނަށް އެކިއެކި ކަންތައްތައް ދަސްކޮށްދިނުން، މަސައްކަތް ކުރެވޭ ފެންވަރުގެ މީހުންނަށް ކޮންމެވެސް މަސައްކަތެއް ދަސްކޮށްދިނުން، މަސައްކަތެއް ދަސްކޮށްދީގެން އެމަސައްކަތަކުން ދިރިއުޅެވޭވަރު ކުރެވޭތޯ ބެލުން. ލޯއަނދިރި މީހުންނަށްވެސް ކިޔަވައިދެވޭނެ ގޮތެއް އޮވޭ. ދުނިޔޭގެ އެހެން ތަންތާނގައި ހުރޭ ޚާއްޞަ ގޮތްތަކެއް ހަމަޖައްސައިފައި. އެމީހުންގެ އިނގިލިން، ލިޔެފައި ހުންނަ އެއްޗެއްގައި އިނގިލި ކާއްތައިލައިގެން އެއީ ކޮން އެއްޗެއްކަން އެނގޭ ކަހަލަ އިންތިޒާމްތައް އެހެން ބަސްބަހުގައި ހުރޭ. ދިވެހިބަހުގައި އަދި އެއެއް އީޖާދު ކުރެވިފައެއް ނެތް. އެހެންނަމަވެސް ލޯއަނދިރި މީހުންނަށްވެސް ކިޔަވައިދެވެންވީ ގޮތްތަކެއް ހުންނާނެ. މިހާރުވެސް ކިޔަވައިދެމުން އެބަގެންދެވޭ. އަޅުގަނޑުމެންނަށް އޭގެ ވަރަށް ފުރިހަމަ މިސާލެއް މިއަދު ފެނިގެން އެދިޔައީ. އަޅުގަނޑުމެންގެ ކުރިމަތީގައި މި ޖަލްސާ ޤުރްއާނުގެ ބަރަކާތުން ފަށްޓަވައިދެއްވި އަލްއަޚް އަޙްމަދު ރަޝީދު އެއީ އޭގެ ވަރަށް ފުރިހަމަ މިސާލެއް. އޭނާ އެއީ އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި ލޯއަނދިރި ބޭކަލެއް. އެހެންނަމަވެސް އޭނާގެ ކިޔެވުން ވަރަށް ފުރިހަމަ، ވަރަށްރީތި. ވަރަށް ރަނގަޅަށް އޭނާ އެކަން ދަސްކުރައްވައިފައިވާކަން އެބައެނގޭ. އެހެންވީމާ، އޭނާއަށް އަޅުގަނޑު ވަރަށް ހިތްހެޔޮކަމާއެކު ތަޢުރީފާއި ޝުކުރު އަދާކުރަން. އެގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ތިބި އެހެން މީހުންނަށްވެސް އެކި ކަންތައްތައް ދަސްކޮށްދިނުން، ނުވަތަ އެމީހުންވެސް ދަސްކުރަން އުޅުން. އަދި އަޅުގަނޑުމެން އެމީހުންނަށް އެކަންތައްތައް ދަސްކޮށްދިނުން އެއީވެސް ވަރަށް ބޮޑަށް ކުރަންޖެހޭނެ ކަމެއް. އެމީހުންގެ ބޭނުންހިފަން އަޅުގަނޑުމެންނަށް ޖެހޭނެ. އެމީހުންނަކީ މުޖުތަމަޢުގެ ވަރަށް މުހިންމު ބައެއް. މުޖުތަމަޢު ކުރިއަށްދާނީ މުޖުތަމަޢުގެ އެންމެން މަސައްކަތްކޮށްގެން. އެއްވެސް ބަޔަކު އެއީ މަސައްކަތް ނުކުރާ ބައެއްގެ ގޮތުގައި ތިބެގެން އެމީހުންގެ ފަރާތުން އެއްވެސްކަހަލަ އުފެއްދުންތެރިކަމެއް އަޅުގަނޑުމެންގެ އިޤްތިޞާދަށް ނުލިބި އަޅުގަނޑުމެން ތަރައްޤީވަމުންނެއް ނުދާނެ.
 
އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި ހިމެނޭ ނުކުޅެދިގެންވާ މީހުންވެސް، ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތް ކުރެވޭ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ ޙާލު ތަންދޭކަމަށްވަންޏާ މަސައްކަތެއް ދަސްކޮށްދީގެން ކުރިއަށް ގެންދެވޭތޯ ބެލުން. ހަމައެފަދައިން، ބޭސްކުރެވެންހުރި ކަންތައްތަކަށް ބޭސްކޮށްދީގެން އެމީހުންނަށް ފަސޭހަކޮށްދިނުން. اللّـه سبحـانـه وتعـالىގެ އިރާދަފުޅާއެކު، ހަމައެފަދައިން މުޖުތަމަޢުގެ އެކިކަންތަކުގައި އެމީހުން ޢަމަލީގޮތުން ބައިވެރިކުރުވައިގެން އެމީހުންނަކީ ހަމަ ދިވެހި މުޖުތަމަޢުގެ ބައެއްކަން އެމީހުންނަށް އިޙްސާސްކޮށްދިނުން އެއީވެސް ވަރަށް މުހިންމު ކަމެއް. މިކަންތައްތައް މިގޮތަށް ކުރިއަށް ގެންދެވޭނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޖަމާޢަތުގެ އެންމެން އެކަމަށްޓަކައި މަސައްކަތް ކޮށްގެން. ހަމައެކަނި ސަރުކާރުން މަސައްކަތް ކޮށްގެން މިކަހަލަ ބޮޑެތި ކަންތައްތައް ޤައުމީ ފެންވަރުގައި ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިއަދުން ފެށިގެން ވަރަށް  ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރާއްޖޭގައި މިތިބި ނުކުޅެދިގެންވާ މީހުންނަށް އެހީވެދިނުމުގެ ޕުރޮގުރާމުތަކެއް ރޭއްވެވުމަށް. ސަރުކާރާ އެއްބައިވެގެން ސަރުކާރާ ގުޅުއްވައިގެން ހުރިހާ ކަމެއްވެސް ގެންދެވީމާ ވަރަށް ހަމަޖެހޭ އުޞޫލަކުން ރީތިކޮށް ހިނގަމުންދާނެ ކަމަށް އަޅުގަނޑަށް ފެނޭ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ތިބި ހުރިހާ ނުކުޅެދިގެންވާ އަޚުންނާއި އުޚުތުންނަށް  އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ލޯބި ފޮނުވަން. އަދި ދިވެހި ދައުލަތުގެ ނަމުގައި ހެޔޮއެދުންތައް ރައްދުކުރަން. އަދި އެހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރުން އެމީހުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި އެމީހުންގެ ކުރިއެރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން. އަދި އެމީހުންނަކީ ޤައުމަށް ފައިދާކުރާނެ، މުޖުތަމަޢުގައި އެމީހުންގެ ޙައްޤު މަޤާމު އެމީހުންނަށް ލިބިގެންވާ ބައެއް ކަމުގައި ހެދުމަށްޓަކައި ދައުލަތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށް.
 

         والسّلام عليكم ورحمـة اللّـه وبركاته.