بســم اللّـه الرّحمـن الرّحيــم
 
         ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ކައުސާޙިބާ مُحَمَّـد ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރައްވާށި!
 
އެންމެހައި ޢިއްޒަތްތެރިން؛
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިރެޔަކީ ވަރަށް އުފާވެރި ރެއެއް. ވަރަށް ރަން އަކުރުން އަޅުގަނޑުމެންގެ ތާރީޚުގައި ޞަފްޙާއެއް ލިޔެވިގެންދާ ރެއެއް.
 
އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދަށް އާ ޞަފްޙާތަކެއް އިތުރުކުރަން ކުރާ މަސައްކަތުގައި، މިރޭ މިއީ ޝައްކެއްވެސްނެތްގޮތުގައި އެންމެ ވަރުގަދަ ޞަފްޙާ ލިޔެވިގެންދާ ރެއެއް. އާދެ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި އެކިއެކި ބޭފުޅުން އެ ދެއްކެވި ވާހަކަފުޅުން އަދި އަޅުގަނޑުމެންނަށް މިތަނުން ފެނިގެން މިދިޔަ އެކި ޕިކްޓޯރިއަލް ޑިސްޕްލޭތަކުން އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ، ކިހާވަރެއްގެ މަސައްކަތަކާކަން ދިވެހި ސަރުކާރުން މި ކުރިމަތިލަނީ. ﷲގެ ރަޙްމަތާއެކީ، ﷲގެ ވާތްގާއެކީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖެއަށް ބޭނުންވާ ޒަމާނީ އިޤްތިޞާދީ ކުރިއެރުމަށް ގަދައަޅައި ކުރާ މަސައްކަތުގެ އިތުރު ޙަރަކާތެއް މިރޭ ފެށިގެން މިދަނީ.
 
މިޒަމާނުގެ އިޤްތިޞާދަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ބަދަލުކުރަން ކުރާ މަސައްކަތުގެ އެންމެ ވަރުގަދަ މަސައްކަތަކީ، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޞިނާޢަތް، ފަތުރުވެރިކަމުގެ ޞިނާޢަތަށް ބޭނުންވާ ދަތުރުފަތުރަށް ބޭނުންވާ ރަންވޭ، އާދެ، އެއަރޕޯޓާއި އެއަރޕޯޓް ޓަރމިނަލަށް ބޭނުންވާ މިހުރިހާ ވަސީލަތްތައް ހަމަޖެހިގެން ދިޔުން. އަޅުގަނޑުމެންގެ މިހާރުގެ މިއޮތް އެއަރޕޯޓަކީ އެއްގޮތަކަށްވެސް މިހާރު ދިވެހިރާއްޖެއަށް މި އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދޭން ކުޅަދާނަ އެއަރޕޯޓަކަށްނުވޭ. އެއަރޕޯޓްގައި ތަފާތު އެކިކަހަލަ މައްސަލަތައް ގިނަވަމުން މިދަނީ. އެހެންނަމަވެސް، ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކަށް އެއަރޕޯޓް ތަރައްޤީވަންދެނެއް މަސައްކަތް ނުކޮށެއްވެސް ނުތިބެވޭނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ތެރޭގައި މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި އެކަނިވެސް ހަތްދިހަވަރަކަށް ޕްރޮޕަޓީ މިހާރުވަނީ އަލަށް ދޫކުރެވިފައި. އަދި އޭގެކުރީގެ ސަރުކާރުތަކުގައި ދޫކޮށްފައި ހުރި އެތަކެއް ޕްރޮޕަޓީ އަދި އެހެރީ ނުހެދި. ރާއްޖެއަށް މިއަދު ގާތްގަނޑަކަށް ދޮޅުމިލިއަނެއްހާ ފަސިންޖަރުން، އަޅުގަނޑުމެންގެ އެއަރޕޯޓް އެބަ ހޭންޑްލް ކުރޭ. މި ހަތްދިހަ ޕްރޮޕަޓީއާއި އަދި ނުހެދި ހުރި އިތުރު ރިޒޯޓްތައް ހެދިގެން ދިޔައިމަ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އަޅުގަނޑުމެންގެ އެއަރޕޯޓް މިހާރު އޮތްގޮތަށް އޮވެގެން އަޅުގަނޑުމެން ކިހިނެއްތޯ ހޭންޑްލް ކުރާނީ؟ އެޔާއެކީ ހިތްޕުޅަށް ގެންނަވާ. އަޅުގަނޑުމެންގެ އެއަރޕޯޓާއި އަޅުގަނޑުމެންގެ ސީޕޯޓަކީ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ އިޤްތިޞާދެއްގެ އެންމެ ވަރުގަދަ އިޤްތިޞާދީ ދެ ވަސީލަތް. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ސީޕޯޓަކީވެސް، ނޫނިއްޔާ މާލޭގައި މިއޮތް ބަނދަރަކީ އަޅުގަނޑުމެން ތަރައްޤީ ކުރަންވެފައި އޮތް ބަނދަރެއް. މާލޭގައި މި ބަނދަރު ތަރައްޤީ ކުރެވޭނެ ގޮތެއް، ހަމަ އެއްގޮތަކަށްވެސް ނެތް. މާލެއަށް މި އަންނަ ކާގޯ، ގޭޓްވޭ ކާގޯގެ ގޮތުގައި ރާއްޖެއަށް އިންބައުންޑް ކާގޯ ހޭންޑްލް ކުރަން މިހާރު މިއޮތް ފެސިލިޓީ ފުދޭވަރުވޭކަންނޭނގެ. އެހެންނަމަވެސް، އިތުރު އެތައް މަސައްކަތެއް ކޮށްގެން ނޫނިއްޔާ، މިހާރު މިއަންނަ ކާގޯވެސް އެފިޝަންޓްކޮށް، ވަގުތު އޮއްވައި ކްލިއަރ ކުރެވޭނެ ގޮތެއްނުވޭ.
 
އެހެންވީމާ، މި ސަރަޙައްދަށް އަޅުގަނޑުމެން އެބަ ސީޕޯޓެއްވެސް ބޭނުންވޭ. އަޅުގަނޑުމެން މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ، މިހާރު ދާދި އަވަހަކަށް އަޅުގަނޑުމެންގެ ސީޕޯޓް ތިލަފުށީގައި ހެދުމަށް ކޮންމެވެސް ބަޔަކާ ޙަވާލުކުރެވޭނެ. މި ހެދެނީ އިންޓަރނޭޝަނަލް ސީޕޯޓެއް. މިހެދެނީ ޓްރާންސްޝިޕްމަންޓް ބަނދަރެއް. އަދި ރާއްޖެއަށް އެތެރެވާން އަންނަ ކާގޯ ހިފައިގެން އައުމާއެކީ، ދުރު ސަރަޙައްދުތަކަށް ރާއްޖެ މިއީ ހަބެއްގެ ގޮތުގައި ބޭނުންކުރެވިގެން މުދާ ފޮނުވިގެންދާ ބަނދަރަކަށް އަޅުގަނޑުމެންގެ ބަނދަރު ވެގެންދާނެ. އެއީ މާލޭގެ ހުޅަނގު. މާލޭގެ ހުޅަނގުން މާލެއަށް ލަފަނީ ރީތި ރަސްފަންނު ކައިރިއަށް. ލަފާފައި އެހިސާބުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޓީ-ޖެޓީ. އިރާދަކުރެއްވިއްޔާ ޖުލައި 26 އަންނައިރު ޓީ-ޖެޓީ ސަރަޙައްދު ވެގެންދާނީ، އަނެއްކާވެސް ވަރަށް ހިތްގައިމު، ވަރަށް ރީތި ހިސާބަކަށް. އެހެންނަމަވެސް، އެތަނުގައި ކޭޓަރ ކުރަން މިއުޅެނީ މާލޭގެ ކުނި.
 
އެހެންވީމާ، އަޅުގަނޑުމެން ދައްކަން ބޭނުންވަނީ، ކުނި ނައްތާލުމާއި، ކުނި އެއްކުރުމުގެ ނިޒާމަކީވެސް ވިސްނުމާއެކީ ކަންތައް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ރަށުގައި ތިބެގެން ތަޙައްމަލް ކުރެވޭ، މެނޭޖް ކުރެވޭ އަދި އެޔާ ދޭތެރޭގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް. މަސައްކަތްތައް މިހާރު އެދަނީ ކުރެވެމުން. އަޅުގަނޑުމެން އުންމީދު މިކުރަނީ އިރާދަކުރެއްވިއްޔާ ޖުލައި 26އާ ހަމަޔަށް ދާންވާއިރަށް، މި ސަރަޙައްދު ހިއްކައި، މިތަނަށް ބޭނުންވާ ހުރިހާ ތަރައްޤީއެއް ގެންނަން. ކަނޑުމަގުން ތިލަފުށްޓަށް މި އަންނަ ބޮޑެތި ބޯޓުފަހަރު އައިސްފައި، މި ގެންނަ މުދާ މެދުއިރުމައްޗަށް ނޫނިއްޔާ އެފްރިކާގެ ޤައުމުތަކަށް، ނޫނީ އެހެންވެސް ދުރު ސަރަޙައްދުތަކަށް ދާކަމަށްވަންޏާ، މީގެތެރޭގައި ވަރަށްގިނަ ޢަދަދެއް ވެގެންދާނީ، އެއަރ ކާގޯއަށް. އަޅުގަނޑުމެން ބޭނުންވަނީ މާލޭގެ ވޯޓަވޭޒް، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި އޮތް ވޯޓަރވޭޒްއަކީ މިހާރުވެސް ހަމަ ކްލޮގްވެފައި އޮތް، ނޫނިއްޔާ ފުރިބާރުވެ، ތޮއްޖެހިފައި އޮތް ބަނދަރެއް، ނޫނިއްޔާ މެރީނާއެއް. މިތަން އަޅުގަނޑުމެންނަކަށް މިކަމުގައި ބޭނުމެއްނުކުރެވޭނެ.
 
އެހެންވީމާ، އެހިސާބުން އަޅުގަނޑުމެން މަސައްކަތް މި ފަށްޓަނީ، އެހިސާބަށް މި ގެނެވޭ އެއަރކާގޯ، އާދެ، ދުރަށްދާން މިގެންނަ އެއަރކާގޯ، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. ކާގޯ ޓަރމިނަލް ފެސިލިޓީ، ނޫނިއްޔާ ކާގޯ ވިލެޖް، އިތުރަށް މިހަދާ އެއަރޕޯޓާއެކީ އިތުރުވެގެންދާތަން. ބޭނުމަކަށްވަނީ ބައިނަލްއަޤްވާމީ ވިޔަފާރީގައި އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަނަމަވެސް، ލޭޔަރަކަށްވުން. ދިވެހިރާއްޖޭގައި މިހެދޭ އެއަރޕޯޓަކީ އަޅުގަނޑުމެން ޖޯގްރަފީގޮތުން ހިމެނިފައި މިއޮތް ސަރަޙައްދުގައި، ސްޓްރެޓީޖީ ލޮކޭޝަންގެ ބޭނުންހިފާ ބަޔަކަށްވުން. މި މުދާ އައިސްފައި އެއްގަމުގައި ޓްރަކް ކުރެވިގެންދާނީ. ގޮސްފައި ހެންވޭރުން އަރާނީ އަޅުގަނޑުމެން މި އިންތިޒާރުކުރާ ބްރިޖް މައްޗަށް. ބްރިޖް މަތިން މި އެއަރކާގޯ ޓްރަކް ވެގެންދާނީ ހުޅުލޭގެ މި ދެންނެވި އެއަރކާގޯ ވިލެޖަށް.
 
އެހެންވީމާ، މިހިސާބުން، މިހިސާބުން ތިލަފުށްޓާއި، މާލެއާއި، ހުޅުމާލެއާ ގުޅެނީ އިޤްތިޞާދީ ގޮތުން ކީއްވެގެންކަން އަޅުގަނޑުމެންގެ ޚިޔާލަށް އަތުވެއްޖެނަމަ، މިއީ ކިހާވަރެއްގެ ތަރައްޤީއެއްކަން ކޮންމެވެސްވަރަކަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ. މި މަޝްރޫޢަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި، ނޫނީ ދިވެހިރާއްޖޭގެ އަޅުގަނޑުމެން ދަންނަ ތާރީޚުގައި، ހަމަ އިންވެސްޓް ކުރެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢު. އަޅުގަނޑުމެން ދޫކޮށްފައި މިހިރަ ރަށްތައް މިހިރީ ހަމައެކަނި މާލެ ކައިރިއަކުނެއް ނޫން. އަޅުގަނޑުމެން ދޫކޮށްފައި ހުރި ލެގޫންތަކާއި، ރަށްތަކާއި، ގާތްގަނޑަކަށް ހަތްދިހަވަރަކަށް ޕްރޮޕަޓީގެ ވާހަކަ މި ދައްކަނީ. ހަމައެކަނި މާލޭގެ އެއަރޕޯޓް ކައިރީގައި އޮތް ލެގޫނަށް ބަލައިފި ކަމަށްވަންޏާ، އެނބޫދޫ ފަޅުގެ ތެރޭގައި ކުރަންހުރި ރިޒޯޓް ތަރައްޤީގެ މަސައްކަތަށް އަޅުގަނޑުމެން މިހާރު އެވަނީ ފަޅު ދޫކޮށްލާފައި. ފަޅު ދޫކޮށްލާފައި އެއޮތީ އެކަށީގެންވާ ބޮޑު އަގެއްގައި. ގާތްގަނޑަކަށް ސާޅީސްމިލިއަން އެމެރިކާ ޑޮލަރަށް އަޅުގަނޑުމެން އެ ފަޅު އެވަނީ ބޭރުގެ ބަޔަކަށް ދޫކޮށްލާފައި. ތައިލެންޑްގެ ސިންހާ ކުންފުންޏަށް ދޫކޮށްލާފައި އެވަނީ.
 
މާލޭގެ ކައިރީގައި އަންނަ ޓުއަރިޒަމްގެ ތަރައްޤީއަށް އެކަނި ބެލިކަމުގައިވީނަމަވެސް، އެ ތަރައްޤީއާއެކީ އެތަންތަނަށް މީހުން ގެންދިޔުމެއް ނޫން، މުދާ އުފުލުމާއެކީ މި ދައްކަނީ އަޅުގަނޑުމެންގެ އެއަރޕޯޓް އަނެއްކާވެސް މިހާރު އޮތް ވަރަށް އޮވެގެން އެއަރޕޯޓަށް ހަމަ ނުތަކާނެ ވާހަކަ މި ދެއްކެނީ. އެހެންވެގެން އަޅުގަނޑުމެންގެ އެއަރޕޯޓް މި ބޮޑުކުރަންޖެހެނީ. އަޅުގަނޑުމެންގެ ވަސީލަތްތައް، ނޫނީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިއަށް އެރެންއޮތީ އަޅުގަނޑުމެންގެ ގޭޓްވޭ، މައި ދޮރޯށި ބޮޑުކުރެވިގެން. އަޅުގަނޑުމެންގެ ދޮރޯށި، އަޅުގަނޑުމެން ފުޅާކުރަން ބޭނުންވާ މިންވަރަކަށް ފުޅާކޮށްފައި، ހުޅުވާލަން ބޭނުންވާ މިންވަރަކަށް ހުޅުވައިލެވެނީ މި އަޅުގަނޑުމެންގެ އެއަރޕޯޓަކަށް، މި އެއަރޕޯޓް މިއަދު އޮތީތީ. މީގެކުރީގައި އޮތްގޮތަށް ޙާލަތު ބަދަލުނުކޮށް އޮތްނަމަ، އަޅުގަނޑުމެންނަކަށް މި ތަރައްޤީއާ ދޭތެރޭގައި މިރޭ މިކަހަލަ މަޤާމެއްގައި ހުރެގެން އަޅުގަނޑުމެންގެ ޤައުމުގެ ވެރިޔަކު ވާހަކައެއް ނުދެއްކީސް.
 
އެހެންވީމާ، މިއީ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކުޑަ ނިޢުމަތެއް ނޫން. ވިސްނުމާއެކީ ކުރެވުނު މަސައްކަތެއްގައި، އަޅުގަނޑުމެން އަދި ކޮންމެވެސްވަރެއްގެ ބަދަލެއް ދޭންޖެހުނު ކަމުގައިވީނަމަވެސް، އިރާދަކުރެއްވިއްޔާ އެއަރޕޯޓް މިވަނީ އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަދި އިޤްތިޞާދުގެ ބެކްބޯނަށް ހެދުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިފައި. މި އެއަރޕޯޓް ހެދިގެންދާއިރު، އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަންގައިވެސް ފެނިގެން އެދިޔަގޮތަށް، މިހާރު އެއަރޕޯޓް އޮތް ބިމަށް ގާތްގަނޑަކަށް ތިރީސް ޕަސެންޓް އިތުރުވެގެން އެބަދޭ. ކާގޯ ވިލެޖާއި، އާ ރަންވޭއަކާއި، އާ ޓަރމިނަލްއާއި، ފިއުލްފާމާއި، އަދި މިނޫން އެހެން އެތަކެއް ވަސީލަތްތައް ހިމެނިގެން މިދަނީ މި އެއަރޕޯޓްގައި. ބީ.ޔޫ.ސީ.ޖީ އާ މިރޭ ޙަވާލުކުރެވިގެން މިކުރެވޭ މަސައްކަތުގެ ތެރޭގައި، ޓަރމިނަލް ފެސިލިޓީ ފިޔަވައި ދެން މިހިރަ ހުރިހާ އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިރޭ ރަމްޒީގޮތުން ފެށިގެން މިދިޔައީ.
 
މިހުރިހާ ކަމެއް ވެގެން މިދިޔައީ، ޗައިނާއަށް އަޅުގަނޑު ކުރި ދަތުރުގައި، އަދި ޗައިނާގެ ރައީސް ދިވެހިރާއްޖެއަށް 2014 ވަނަ އަހަރު ކުރެއްވި ދަތުރުގައި، އެމަނިކުފާނު އަޅުގަނޑުމެންނާ ދޭތެރޭގައި ބެހެއްޓެވި ގާތްކަން. އާދެ، ލުއި ލޯނުގެ ގޮތުގައި މިވަނީ ހަތަރުސަތޭކަ މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އަޅުގަނޑުމެންނަށް ދެއްވާފައި. މިފަދަ ވަސީލަތްތައް އަޅުގަނޑުމެންނަށް މިދެންނެވި ގޮތަށް ލިބިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެންގެ ރަންވޭއާއި އެއަރޕޯޓްގެ އިންވެސްޓްމަންޓްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި. ދެން އިތުރު ފައިސާ ހޯދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ހަމަޖެހިގެން އެބަދޭ. އަދި އެޔާއެކީ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އިންތިޒާރު މިކުރަނީ، އަޅުގަނޑުމެންގެ ޓަރމިނަލް ފެސިލިޓީޒްވެސް ފެށިގެންދާނެ ކަމަށް.
 
އެހެންވީމާ، މި ފުރްޞަތުގައި، ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން ހަމައެކަނި އަޅުގަނޑުމެންނަށް ބްރިޖް އެޅޭތީކީ ނޫން، ޗައިނާ ސަރުކާރަށް، ޗައިނާގެ ރައީސް ޝީ ޖީ ޕިންގ އަށް އަޅުގަނޑުމެން އުފާވެރިކަމާއެކީ ޝުކުރު ދަންނަވަން މިޖެހެނީ. އަޅުގަނޑުމެންގެ އެއަރޕޯޓްގެ މި އިންވެސްޓްމަންޓަކީ ޙަޤީޤަތުގައި އެއަށްވުރެ މާބޮޑު އިންވެސްޓްމަންޓެއް. އަދި އެއަރޕޯޓް މި ހުޅުވައިލަދެނީ، މިޒަމާނުގެ ތަރައްޤީގެ މައި ދޮރޯށި. އެ ސަބަބަށްޓަކައި ޗައިނާގެ ރައީސަށް، ޗައިނާ ސަރުކާރަށް، އަދި ޗައިނާ، އަޅުގަނޑުމެންނާ ރަޙްމަތްތެރި ޤައުމަކަށްވާތީ، އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު މި ދަންނަވަނީ، ޗައިނާ ސަފީރަކީ އަޅުގަނޑުމެންނާ ވަރަށް ގާތުން މަސައްކަތް ކޮށްދެއްވާ ބޭފުޅެއް. އަޅުގަނޑުމެންގެ ވަރަށް ރަޙްމަތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި، އެމަނިކުފާނުގެ އަމިއްލަ މަސައްކަތްޕުޅަކަށް ހައްދަވައިގެން، ޗައިނާ ސަރުކާރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާ. އެހެންނަމަވެސް، އެމްބެސެޑަރ ވަންފުކާންގ މިއަދު ރާއްޖެ ވަޑައިގެން ނެތް. އޭނަގެ ފަރާތްޕުޅުން މިތާ އިންނެވި ޝާޜޭ،ޝާޜޭ ޑި އެފެއާޒްލިއު ޗުއަން އަޅުގަނޑުމެން ޗައިނާ ސަރުކާރަށް، ޗައިނާގެ ރައީސަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެންގެ މި އެއަރޕޯޓް، އިރާދަކުރެއްވިއްޔާ ވެގެންދާނީ މި ސަރަޙައްދުގައި އޮތް ހަމަ އެންމެ ހިތްގައިމު އެއަރޕޯޓަށް. ދުނިޔޭގެ ފެންވަރުގައިވެސް މިވަރު ކުޑަކުޑަ ޖަޒީރާ ޤައުމަކަށް އެކަށީގެންވާ އެންމެ ރަނގަޅު އެއަރޕޯޓްތަކުގެ ތެރޭގައި، މި އެއަރޕޯޓް ހިމެނިގެންދާނެ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ އެއަރޕޯޓް މި ހޭންޑްލް ކުރަނީ، ދަތިކަމާއެކީ ނަމަވެސް، ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ ފަސިންޖަރުންނަށް ކަމަށްވަންޏާ، އަޅުގަނޑުމެން އަލަށް މި ހަދާ އެއަރޕޯޓް ހޭންޑްލް ކުރާނީ ގާތްގަނޑަކަށް 7.5 ފަސިންޖަރުން. މި އެއަރޕޯޓްގެ ތެރޭގައި ހުރި ފެސިލިޓީތަކަކީ، އެ ފެސިލިޓީތަކާ ދޭތެރޭގައި ވިސްނައިފިއްޔާ، އަޅުގަނޑުމެންނަށް ބޭރުން ދެންމެ ފެނިގެން އެދިޔައީ ހުރި ވަސީލަތްތައް. އެއީ އެއަރޕޯޓަކަށް ބޭނުންވާ ވަސީލަތްތައް. އެކަމަކު އެއަރޕޯޓްގެ ޓަރމިނަލްގެ ތެރޭގައި ހުންނަ ފެސިލިޓީތަކަށް ބަލައިފި ކަމަށްވަންޏާ، ފުރަން އަންނަ ފަސިންޖަރެއް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ފުރަން އަންނަ ފަސިންޖަރަކު، ތިން ހަތަރު ގަޑިއިރު ކުރިން އެއަރޕޯޓަށް އައިސްފައި، ފޫހިނުވާވަރުގެ ފެސިލިޓީޒް، މި އެއަރޕޯޓްގެ ތެރޭގައި ހުންނާނެ. އަދި ޢާއިލާގެ އެކި ޢުމުރުފުރާގެ، ޢާއިލާގެ މެންބަރުންވެސް ފޫހިފިލާވަރުގެ ޙަރަކާތްތައް، މި އެއަރޕޯޓްގެ ތެރޭގައި ހުންނާނެ. ހަމަ އެންމެ މިޒަމާނުގެ އެއަރޕޯޓެއްގެ ތެރޭގައި، ޓަރމިނަލް ފެސިލިޓީއެއްގެ ތެރޭގައި ހުންނަ ހުރިހާ ފެސިލިޓީތަކެއް ހުންނާނެ. އާދެ، މީގެ ބޭނުމަކަށްވަނީ މިހާ ބޮޑު ލޯނެއް ނަގައިގެން، އަޅުގަނޑުމެން މިހަދާ އެއަރޕޯޓަކީ އިރާދަކުރެއްވިއްޔާ، މާ ދުރުނޫން މުސްތަޤްބަލެއްގެ ތެރޭގައި، އޭގެ ފުލް ރިޓަރން، އެއަރޕޯޓުން ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ލިބިގެން ދިޔުން.
 
ދެންމެ މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި، ގާތްގަނޑަކަށް 2.6 ބިލިއަން ޓޫރިޒަމް ދާއިރާއިން އަޅުގަނޑުމެންނަށް ވަންނަ ކަމަށްވަންޏާ، އަޅުގަނޑުމެން އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ މި ޓަރމިނަލް ހުޅުވިގެން ގޮސް އަދި މި އެއަރޕޯޓްގެ ރަނގަޅު ފައިދާކުރެވި، ހަތްދިހަ އެތައް ޕްރޮޕަޓީއެއް އުފެދިގެން އައިމަ، މި ޢަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް. އަޅުގަނޑުމެންނަށް ދެންމެގެ މޮޑެލުންވެސް ފެނިގެން ދިޔައީ ޓެކްނޮލޮޖީ އެޕްލައިކޮށްފައި ހުރިތަން. އަޅުގަނޑުމެންގެ މިޒަމާނުގެ މި އެއަރޕޯޓް ހެދުނީމަ، އެންމެ ބޮޑަށް ދިވެހިރާއްޖޭގެ ޓެކްނޮލޮޖީ އެޕްލައިވެގެންދާ އެއަރޕޯޓަށް ވެގެންދާނީ މި އެއަރޕޯޓް. މިތަނުން އުފެދިގެންދާނީ، އެތައް ސަތޭކަ ވަޒީފާއެއް. އަދި މިއާ ގުޅިގެން މި އުފެދޭ އެކިއެކި ވަސީލަތްތަކުން އުފެދިގެންދާނީ ދިވެހި ޒުވާނުންނަށް ކުރިމަތިލާން ކެރޭ ކަމަށްވަންޏާ، އެތައްހާސް ވަޒީފާއެއް. މިއާއެކީ މި އެއަރޕޯޓްގެ އެންމެބޮޑު ބޭނުމެއް ހިފާ ބަޔަކަށްވާނީ، ރާއްޖެއަށް ދަތުރުކުރާ މެހްމާނުން ކަމުގައިވާތީ، އިތުރަށް މި އުފެދޭ ހަތްދިހަ އެތައް ރިޒޯޓަކުން އަޅުގަނޑުމެންނަށް ފެނިގެންދާނީ، އެތައްހާސް ވަޒީފާއެއް. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެއްހިސާބެއްގައި ގާތްގަނޑަކަށް ސާދަހާސް އެތައް ވަޒީފާއެއް އުފެދިގެންދާނެ.
 
މިވަގުތު ސަރުކާރަށް، ޓުއަރިޒަމް މިނިސްޓަރަށް، ޓުއަރިޒަމް އިންޑަސްޓްރީއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، މި ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ ޓުއަރިޒަމް މިނިސްޓަރު، މިހާރު އެޑިޔުކޭޝަން މިނިސްޓަރާއި ނޭޝަނަލް ޔުނިވަރސިޓީއާ ވާހަކަފުޅު ދައްކަވައިގެން، އެތައްހާސް ޒުވާނުންނެއް ވަޒީފާއަށް ތަމްރީނު ކުރުމުގެ މަޝްރޫޢެއް ދާދި އަވަހަށް ފަށްޓަވާނެ. އަޅުގަނޑުމެންގެ އެއަރޕޯޓް ނިމި، އަޅުގަނޑުމެންގެ ބްރިޖް ނިމި، އަދި އަޅުގަނޑުމެންގެ ޔޫތުސިޓީގެ ބައެއްކަހަލަ ޙަރަކާތްތައް، ނޫނިއްޔާ ބައެއްކަހަލަ ފެސިލިޓީޒް ހަމަޖެހިގެން ދިޔައިމަ، އެހިސާބުން ދެން އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ އެއަށްވުރެ ބޮޑު މަސައްކަތަކާ. މިތަނުގައި އުފެދިގެން މިދާ އިންފްރާސްޓްރަކްޗަރ މެނޭޖް ކުރުމަކީ އެންމެބޮޑު މަސައްކަތް. އެއަރޕޯޓެއް ހޭންޑްލް ކުރުމަކީ ފަސޭހަ ކަމެއް ނޫން. އެއަރޕޯޓެއް މެނޭޖް ކުރުމަކީ އަދި މިހާބޮޑު، މިހާ މިޒަމާނުގެ ސޮފިސްޓިކޭޓަޑް ސްޓޭޓް އޮފް ދި އާޓް ޓެކްނޮލޮޖީ އެއަރޕޯޓެއް މެނޭޖް ކުރުމަކީ، ދިވެހިން ލައްވައިގެން މެނޭޖް ކުރުމަކީ، އަޅުގަނޑުމެންނަށް އޮތް އެންމެބޮޑު ޗެލެންޖް.
 
އަޅުގަނޑު މިއަދުވެސް ދިވެހި ކިޔަވާ ކުދިންނަށް، އަދި ދިވެހިރާއްޖޭގައި ވަޒީފާއަށް ނުކުންނަން ޝައުޤުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް އިލްތިމާސް މިކުރަނީ މިކަންކަމަށް ކުރިމަތިލައްވާށޭ. އަޅުގަނޑުމެންނަށް ވަޒީފާގެ ފުރްޞަތު އައިސް ގޭގޭގެ ދޮރުގައި ނޮކް ކުރާތަން މިހާރު މި ފެންނަނީ. އެހެންވީމާ، ވަޒީފާ ބޭނުން ކޮންމެ މީހަކަށް، މަސައްކަތް ކުރަން ކެރޭ ކަމަށްވަންޏާ، ލިބޭނެ ވަޒީފާތައް މި އުފެދިގެން މިދަނީ ސަތޭކައިން، ދުއިސައްތައިން، ހާހުން، ދެހާހުން. އެހެންވީމާ، މިކަންކަމަކީ ދިވެހި އިޤްތިޞާދަށް އަންނާނެ ކުރިއެރުން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް މިކަންކަން ފަސޭހަވެގެން މިދަނީ، ފަހިވެގެން މިދަނީ ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް މި ބަހައްޓަވާ ގާތްކަމުން.
 
އާދެ، މި އެއަރޕޯޓްގެ މަސައްކަތާއެކީ ދެން އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަށް މި ދާންޖެހެނީ ލޯނު ނަގައިގެން ކީއްވެގެންތޯ؟ މިއީ އިޤްތިޞާދީ ގޮތުން ލޯނު ނަގައިގެންވެސް ރާއްޖެ ކުރިއަށްދާންޖެހޭ ސަބަބު، މިތާ ކުރީ ބަރީގައި ތިއްބެވި ވިޔަފާރީގައި ފުންނާބު އުސް ބޭފުޅުން، ޓުއަރިޒަމް ދާއިރާގައި، ޓުއަރިޒަމް ޞިނާޢަތުގައި ފުންނާބު އުސް ހުރިހާ ބޭފުޅުން، ތިޔަބޭފުޅުންނަށް އެ ފިލާވަޅު ނަންގަވައިދެއްވާނެ. އަޅުގަނޑުމެން އަތުގައި ހުރި ލާރިކޮޅެއް ބޭނުންކޮށްގެން އަޅުގަނޑުމެން ކުރިއަށްދާން ބޭނުންކަމަށްވަންޏާ، ކުރިއަށް ދެވޭ މިންވަރުގެ އެ ސްޕީޑްގައި ގޮސް އަޅުގަނޑުމެންނަށް ކަންކަން ކުރެވިދާނެ. އެހެންނަމަވެސް، ގެއްލިގެންދާ ވަގުތަށް ބަލާކަމަށްވަންޏާ، ފަސް އަހަރު، ދިހަ އަހަރު ހިނގައިދާނެ. ލޯނު ނަގައިގެން، ނޫނީވިއްޔާ އެހެން ގޮތަކުން ފައިސާ ހޯދައިގެން އެކަން ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ އަނެއްކާވެސް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާއިރު، ކޮންމެ ދިވެހި ދަރިޔަކަށް، ދުނިޔޭގައި ތިބި ދަރިންނާއި، ވިހަން ތިބި ދަރިންގެ ބޮލުގައި ނިސްބަތުން ޕަރ ކެޕިޓާ ބޮޑު ދަރަންޏެއް އެޅޭނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް، މި ނަގާ ލޯނަކީ، ލުއި ލޯނު ކަމަށްވަންޏާ، ނިސްބަތުން އެ އެޅޭ ދަރަނި އަދާކުރެވޭނެ ޤާބިލުކަން އަޅުގަނޑުމެންގެ އެއަރޕޯޓުން އަޅުގަނޑުމެންނަށް ގެނެސްދޭނެ. އަޅުގަނޑުމެންގެ ބްރިޖުން އަޅުގަނޑުމެންނަށް އެ ޤާބިލުކަން ގެނެސްދޭނެ.
 
އެހެންވީމާ، ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ނަގައިގެން މިކުރާ މަސައްކަތުން، ފަސް އަހަރު، ދިހަ އަހަރު، ފަނަރަ އަހަރު ތިބެގެން މިހާރު ލިބޭ ފައިސާއިން އެކަން ކުރީމަ، އެ ލިބޭ ނަތީޖާ އަޅުގަނޑުމެން ބޭނުންވަނީ، ދެއަހަރު، ތިން އަހަރުގެ ތެރޭގައި އެ ނަތީޖާއާ ހަމަޔަށްދާން. މިއީ ޓައިމް ވެލިއު އޮފް މަނީއަކީ. މިއީ އޮޕަޗުނިޓީ ކޮސްޓަކީ. އެހެންވީމާ، ތިން އަހަރުގެ ތެރޭގައި މި ލޯނު ނަގައިގެން މިކުރާ މަސައްކަތުން ހަތަރެއް، ފަހެއް، ހަ އަހަރު ގޮސްފައި، ޚަރަދުކޮށްފައި، ދެން އެޖަސްޓޭޝަން ޕީރިއަޑް ނިމިގެން ދިޔައިމަ، އަށްވަނަ އަހަރު، ނުވަވަނަ އަހަރު، ދިހަވަނަ އަހަރުން ދާނީ އަޅުގަނޑުމެންނަށް އިތުރު ބޮޑެތި އާމްދަނީ ލިބެމުން. އާދެ، ކޮސްޓް ރިކަވަރ ކުރީމަ، ދެން ލިބޭ ކޮންމެ ލާރިޔަކީ އަޅުގަނޑުމެންގެ ޚަޒާނާގައި، އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ބޭނުންކުރަން ބޭނުންވާ މަޝްރޫޢަކަށް، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެން ހޭދަކުރަން ބޭނުންވާ މަޝްރޫޢަކަށް ދައުލަތަށް ލިބިގެންދާ ފައިސާ. އިތުރަށް ޓެކްސްނަގަން އިރާދަކުރެއްވިއްޔާ ނުޖެހޭނެ.
 
 އެހެންވީމާ، ލޯނު ނަގައިގެން ބްރިޖް އެޅުން، ލޯނު ނަގައިގެން މިދެންނެވި ކަހަލަ އިޤްތިޞާދީ އިންފްރާސްޓްރަކްޗަރގެ އިންވެސްޓް ކުރުމުގެ ބޭނުމަކީ މިދެންނެވީ. އަޅުގަނޑުމެންނަށް ފާޑުކިޔާ ކަމަށްވަންޏާ ފާޑުކިޔެން އޮންނާނީ. އަދި ދުނިޔެއަށް ނާންނަ ދިވެހި ކުދިންގެވެސް ބޮލަކަށް ނިސްބަތުން މިވެނިވަރެއްގެ ދަރަންޏެއް އެބައޮތޭ. އެކަމަކު އެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ތިން ހަތަރު ގުނަޔަށް އިތުރުވެގެންދާ ކަމަށްވަންޏާ، އެއީ ޤައުމުގެ މުސްތަޤްބަލް. އެހެންވީމާ، ޓްރާންސްފޮމޭޝަނަކަށް ވެގެން މިދަންނަވަނީ، މިދެންނެވި ގޮތަށް އެއްފިޔަވަޅުން އަނެއް ފިޔަވަޅަށް ދިޔުމުގެ ބަދަލުގައި އޭ 380 ޖެއްސޭވަރުގެ އެއަރޕޯޓަކަށް ދިޔުން. އަޅުގަނޑުމެންގެ އެއަރޕޯޓަކީ މިވަގުތު އޭ 380 ޖައްސާ އެއަރޕޯޓެއް ނޫން. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ އެކަން ކުރުމުގެ ހިތްވަރާއި އަދި އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ވަސީލަތްތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަޅުގަނޑުމެންނަށް ހަމަޖެހިގެން ދިޔައިމަ.
 
އަޅުގަނޑުމެންނަށް މިކަންކަން ހަމަޖެހިގެން މިދަނީ، އަޅުގަނޑުމެންނަށް ދާދިފަހުން މި ސަރުކާރު އައުމާއެކީ، ވަރަށްގިނަ ޤައުމުތަކާއެކީ ވަރަށް ރަނގަޅު ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ. ޒަމާނުއްސުރެ ޗައިނާއަކީ އަޅުގަނޑުމެންނަށް އެހީވާ ޤައުމެއް. ރާއްޖޭގެ އެކިކަހަލަ ކަންތައްތަކަށް ޗައިނާ އެހީވަމުންދޭ. އެހެންނަމަވެސް، ޗައިނާގެ ރައީސް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ޗައިނާއާއި ދިވެހިރާއްޖެއާ މިއޮތް ގުޅުމަކީ އަޅުގަނޑުމެން ދުވަހަކު ނުދެކޭހާ ހިސާބަށް ކުރިއަށް ގޮސްފައި އޮތް ރަޙްމަތްތެރިކަމުގެ ގާތް ގުޅުމެއް. އެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަހަލަ ބޮޑެތި މަޝްރޫޢުތަކާ ދޭތެރޭގައި ވިސްނާފައި، ޢަމަލީގޮތުން މިކަން ކުރެވިދާނެކަމާ ދޭތެރޭގައި ހިތްވަރު ލިބިގެން މިދަނީ. ހަމައެހެންމެ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އިންޑިއާ ސަރުކާރުންވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ. އިންޑިޔާ ސަރުކާރުންވެސް އަޅުގަނޑުމެންނަށް ވެދެއްވާ އެހީ އަޅުގަނޑުމެން ހަނދާނަށް ގެނެއްސައި، ހަމަ އިންޑިޔާ ސަރުކާރަށްވެސް ޝުކުރު ދަންނަވަން.
 
ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖެއަކީ ހުރިހާ ޤައުމެއްގެ ރަޙްމަތްތެރިޔެކޭ. މި ސަރަޙައްދުގެ އިންޑިޔާ ކަނޑުގެ މެދުތެރޭގައި އޮންނަ އަދި ސިލްކްރޫޓް ނޫނިއްޔާ ސިލްކް ރޯޑްވެސް، އަޅުގަނޑުމެން އެއީ ބައެއްގެ ގޮތުގައި ފެނިގެންދާ މަގެއްގެ ގޮތުގައި މިއޮތީ. އިޤްތިޞާދީ ޕެސެޖްވޭ މި އަންނަނީ ޗައިނާއިން ފެށިގެން. ބެއިޖިންގ އިން ފެށިގެން މި އަންނަނީ ދިވެހިރާއްޖެ ތެރެއިން ލައިގެން. މިއީ މުޅި ސަރަޙައްދު، މުޅި އޭޝިއާ ބައްރު ކޮމާރސްގެ ޕެސެޖުން ގުޅުވާލަދޭން އޮންނަ ރޯޑެއް. މިއީ ޝައްކެއްވެސްނެތްގޮތުގައި، ޝީ ޖީ ޕިންގގެ ވަރަށް ވަރުގަދަ ވިޜަންއެއް. އޭގެތެރޭގައި އެންމެ ކުރީކޮޅުގައި ބައިވެރިވި ޕާޓްނަރުންގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. ދިވެހިރާއްޖެ އޭގެތެރޭގައި މި ބައިވެރިވާ ސަބަބަކީ މިދެންނެވި ކަހަލަ ބޮޑެތި އިޤްތިޞާދީ ފައިދާ ހޯދަން ކުރާ މަސައްކަތް. މިކަން ކުރުމަކުންނެއް އަޅުގަނޑުމެންގެ އިސްތިޤްލާލަކަށް، އަޅުގަނޑުމެންގެ މިނިވަންކަމަކަށް އެއްވެސް ކަހަލަ ހުރަހެއް ނާންނާނެ. އަޅުގަނޑުމެންގެ މިނިވަންކަމަށާއި، އަޅުގަނޑުމެންގެ އިސްތިޤްލާލަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރާކަށް އަޅުގަނޑުމެންގެ އަވަށްޓެރި އެއްވެސް ޤައުމަކުން މަސައްކަތެއް ނުކުރާނެ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖެއަށް އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ގެނެވޭތޯ ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ މި ތަރައްޤީ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. އަދި މި ތަރައްޤީ ވެގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ ދިވެހިރާއްޖެ އިއްޔެ އޮތް ހިސާބާއި، ދެން ދިވެހިރާއްޖެ އޮންނަ ހިސާބާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވީ. ވިސްނައިފި ކަމަށްވަންޏާ ކުއްޖަކަށް ބޮލަކަށްޖެހޭ ދަރަންޏާ ދޭތެރޭގައި މިއަދު ވިސްނަންޏާ، ދަރަނި އަދާކުރަން އަޅުގަނޑުމެން ބޭނުންވާނެ. މިހާރު އަޅުގަނޑުމެންގެ ޚިޔާލުގައި ތިބި ދަރިންނަށްވުރެ ގިނަ ދަރިން ހޯދަން ބޭނުންވާނެ. އެއީ އިޤްތިޞާދުގައި މިވަރު މަސައްކަތެއް ކުރާނެ ދިވެހި އާބާދީ އެބަޖެހޭ ބޮޑުވާން. އަޅުގަނޑުމެންގެ ދިވެހި އާބާދީ މިއަދު އެވަރަށް ބޮޑެއްނުވޭ. އެހެންވީމާ، މިވަރުގެ ސޮފިސްޓިކޭޓަޑް އިޤްތިޞާދަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު ބަދަލުވެގެންދާ ކަމަށްވަންޏާ، މިއަދު އަޅުގަނޑުމެންނަށް ދެއްކިދާނެ، އަޅުގަނޑުމެންގެ ތެރޭގައި އަދި ދުނިޔެއަށް ނާންނަ، އުފަންނުވާ ކުދިންނަށް މިވަރު ދަރަންޏެއް އެބައޮތޭ. ﷲގެ ރަޙްމަތާއެކީ މި މަޝްރޫޢުތައް ނިމިގެން ދިޔައިމަ، އަޅުގަނޑުމެންގެ ކޮންމެ ބައްޕަޔަކު ބޭނުންވާނީ، ކޮންމެ މަންމަޔަކު ބޭނުންވާނީ، މިހާރު ތިން ކުދިން ލިބޭ ކަމަށްވަންޏާ، ފަސް ކުދިން، ނޫނީ ހަކުދިން ހޯދަން. އެއީ މީގެ އުފަލަކީ. ޓްރާންސްފޮމޭޝަނެއްގެ އުފަލަކީ އެއީ. އެއީ ޤައުމުގެ މުއްސަނދިކަމުގައި ޙިއްޞާވާނެ، އަދި ޤައުމަށް އެ މުއްސަނދިކަމުގެ އެންމެބޮޑު ފައިދާ ރިޓެއިން ކުރެވޭނެ ގޮތަކީ ދިވެހިންގެ އަތްމަތީގައި އެ ފައިދާ އޮތީމަ.
 
އެކަމަކު އެޔާއެކީ އަޅުގަނޑުމެން ވިސްނަންޖެހެނީ، މިވަރުގެ އެއަރޕޯޓެއް ހެދިގެންދާއިރު، މިހާރުވެސް ވިޔަފާރި ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއަރޕޯޓެއްގެ ޑިއުޓީ ފްރީ ޝޮޕަކީ އެއަރޕޯޓެއްގެ އެންމެ ރަނގަޅު އެއް ފެސިލިޓީ. މިވަރުގެ އެއަރޕޯޓެއް ހެދިގެންދާއިރު، މިހާރު ހުރި އެއަރޕޯޓްގެ ޑިއުޓީ ފްރީ ޝޮޕްތަކާއި، މި ޝޮޕްތަކާ ޚިޔާލަށް ގެންނަވާ. މިހާރު މިހިރީ ޑިއުޓީ ފްރީ ޝޮޕް ޗެއިނެއް ކަމަށްވަންޏާ، މިވަރުގެ އެއަރޕޯޓެއް ހެދިގެންދާއިރު، މިވަރުގެ ޓަރމިނަލެއް ހެދިގެންދާއިރު، އަޅުގަނޑުމެން މި ދައްކަނީ ޑިއުޓީ ފްރީ ވިލެޖެއްގެ ވާހަކަ. ސްކިޕޯލް އެއަރޕޯޓް، ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ. ދެން އެހުރިހާ ޑިއުޓީ ފްރީ ޝޮޕެއް ހަދާފައި، އަޅުގަނޑުމެންގެ މަސައްކަތް ކުރާނެ ދިވެހި ދަރިން ނެތީމަ، އެހުރިހާ ތަނެއް އަވަށްޓެރި ޤައުމުތަކަށާއި، ބޭރަށް ވިއްކާލީމަ، އަޅުގަނޑު މިދަންނަވާ ވާހަކަ މިއީ. އެހެންވެގެން މަންމައިންނާއި ބައްޕައިން ޚިޔާލުކުރާނީ، އާނ ދަރަނި އެބައޮތޭ، އެހެންނަމަވެސް، ތިމަންނަމެންގެ ދަރިން ގިނަނަމަ، މިއަދު އެތަންތަނާ ކުރިމަތިލާނެ އިތުރު ދަރިން ތިބީސްތާއޭ.
 
އެހެންވީމާ، އިޤްތިޞާދުގެ ދުވެއްޔަކީ މިދެންނެވި ކަހަލަ ދުވެއްޔެއް. ޓްރާންސްފޮމޭޝަނަލް ޗޭންޖަކީ މިދެންނެވި ކަހަލަ ޗޭންޖެއް. ޓްރާންސްފޮމޭޝަން ބަދަލަށް އަޅުގަނޑުމެން ޖެހޭނީ ކެރިގެން ތައްޔާރުވާން. އެކަމަކު އެ ބަދަލަކީ އޭގެ ޒާތުގައި އަންނާނެ ބަދަލެއް. އެއީ ޠަބީޢީ ބަދަލެއް ނޫން. ޠަބީޢީ ބަދަލަކީ އެއް އަހަރުން އަނެއް އަހަރަށް އަންނަ ކުރިއެރުން. އިންފްލޭޝަން އެއް އަހަރުން އަނެއް އަހަރަށް ކުޑަވުން. ނޫނީ އިތުރުވުން. ޖީ.ޑީ.ޕީ އެއް އަހަރުން އަނެއް އަހަރަށް، ފަސް ޕަސެންޓް، ތިން ޕަސެންޓް، ދެ ޕަސެންޓް އިތުރުވުން. ޓްރާންސްފޮމޭޝަން ބަދަލަކީ ޖީ.ޑީ.ޕީ.ގެ ސަތޭކަ ފަންސާސް ޕަސެންޓް، ދުއިސައްތަ ޕަސެންޓް، ތިންސަތޭކަ ޕަސެންޓް އިތުރުވެގެންދިޔުން. އަޅުގަނޑުމެންނަށް އެނގޭ، ކޮންމެ އަހަރަކު ބަޖެޓް ހުށަހަޅާއިރު، ޓެކްސް ނަގަން މަސައްކަތް ކުރާއިރު، ނޫނީ އާމްދަނީ ހޯދަން މަސައްކަތް ކުރާއިރު، އަބަދުވެސް އަޅުގަނޑުމެން އެންމެ ފަސޭހަކަމާއެކީ މިދަނީ ޓޫރިޒަމް ދާއިރާއަށް. އެއީ އެންމެގިނަ އާމްދަނީ ވައްދާ ދާއިރާއަކީ އެއީ. އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްވެސް އިންޑަސްޓްރީއެއް އޯވަރޓެކްސް ކޮށްފި ކަމަށްވަންޏާ، އެ އިންޑަސްޓްރީއަކަށް ކުޅަދާނަ ކަމަކަށް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ކިހާ ދުވަހެއް ވަންދެންތޯ ޓެކްސް ނަގަމުން ނަގަމުން ދާނީ.
 
ޓެކްސްއަކީ ޝައްކެއްވެސްނެތްގޮތުގައި، މިޒަމާނުގެ އިޤްތިޞާދުގައި އާމްދަނީ ލިބޭނެ އެންމެ ރަނގަޅު އެއް ވަސީލަތް. އެހެންނަމަވެސް، ޓެކްސް ނެގޭނެ އާ ކަންތައްތައް ތަޢާރުފްވާންޖެހޭނެ. އާމްދަނީ ލިބޭނެ އާ ކަންތައްތައް ތަޢާރުފްވާންޖެހޭނެ. އާމްދަނީ ލިބޭ އާ ކަންތައްތައް ތަޢާރުފްވުމަކީ، ވިޔަފާރި ކުރާއިރު، އިމްޕޯޓް މުދާ ވިއްކާ ފިހާރަޔަކުން ލައިސަންސް ފީއަށް ދުއިސައްތަ ރުފިޔާ ނަގާކަމަށްވަންޏާ، އެ ލައިސަންސް ފީ ތިންސަތޭކަ ރުފިޔާއަށް ޖެއްސުމެއް ނޫން. ނޫނިއްޔާ އަނެއް އަހަރު އޭތި ހަތަރުސަތޭކަ ރުފިޔާއަށް ޖެއްސުމެއް ނޫން. ބޯކޮށާ ތަންތަނުގައި ނަގަނީ ދިހަ ރުފިޔާ، ނޫނިއްޔާ ވިހިރުފިޔާ ބޮލަކަށް ނަގާކަމަށްވަންޏާ، ބޯކޮށާއިރު ނަގާ ފީ ފަންސާސް ރުފިޔާއަށް ޖެއްސުމެއް ނޫން. އެއީއެއް ނޫން އާ މަސައްކަތް އުފެއްދުން. އާ ވަސީލަތްތައް އިޤްތިޞާދުގައި އުފެދިގެން ދިޔުން. އެ މަސައްކަތް އަޅުގަނޑުމެންނަށް މިކުރެވެނީ. ކޮންމެ މީހަކުވެސް ގަބޫލުކުރާނެ، ކޮންމެ މީހަކުވެސް ގަބޫލުކުރާނެ، އަޅުގަނޑުމެން ކަހަލަ ވަށައިގެން ކަނޑު އޮތް ޤައުމަކަށް އެންމެ މުހިންމު ދެ ވަސީލަތަކީ، އިޤްތިޞާދީ ވަސީލަތަކީ ކަނޑުގެ ބަނދަރާއި، ވައިގެ ބަނދަރު. މި ދެވަސީލަތް އަޅުގަނޑުމެން ތަރައްޤީ ކުރަން ކޮންމެހެން ލާޒިމް. އަދި މި ދެ ވަސީލަތަކީ ތަރައްޤީކޮށްގެން އޭގެ މަންފާ އިޤްތިޞާދަށް އެންމެ ފައިދާހުރި ގޮތެއްގައި ލިބެންޖެހޭ ދެ ވަސީލަތަށް ވާން އެބަޖެހޭ.
 
އެހެންވީމާ، އެ ވިސްނުމުގައި، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ވަޒީރުން އެތަކެއް ދުވަހަކު ވާހަކަތަކަށްފަހު އަޅުގަނޑުމެން ނިންމީ، އާނއެކޭ ދަރަނި އިތުރުވެގެންދެޔޭ. އެކަމަކު މި ދަރަންޏަކީ ރާއްޖޭގައި ރާއްޖެއަށް ލިބޭ އާމްދަނީއާއި، އަދި މިފަދަ މަޝްރޫޢުތަކުން ލިބޭ އާމްދަނީއަށް ބަލާކަމަށްވަންޏާ، އެ ދަރަނި އަދާކުރުމުގެ، އެތަކެއް ގުނަޔަށް އަދާކުރުމުގެ ޤާބިލުކަން އިރާދަކުރެއްވިއްޔާ އުފައްދައި، ޤާބިލުކަން ހުންނާނެ ވަސީލަތްތަކަށް ބްރިޖްވެސް އަދި އެއަރޕޯޓްވެސް އަދި ސީޕޯޓްވެސް ވެގެންދާ ވަސީލަތަކަށްވާތީ، އެވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް ކެރުން. އޭގެ ނަފާ ނޫނީ އޭގެ މަންފާ ހަމަ ލިބިގެންދާނީ ދިވެހި ރައްޔިތުންނަށް.
 
މުޅި އިޤްތިޞާދު ތަނަވަސްވެގެން ދިޔުމަކީ އަޅުގަނޑުމެންގެ މުޅި ޤައުމު މިއަދު ބޭނުންވާ ކަން. ފަންސަވީސް ބުރީގެ ހޮސްޕިޓަލެއް، ނޫނިއްޔާ ހޮސްޕިޓަލް ޢިމާރާތެއް އިންދިރާގާނީ މެމޯރިއަލް ހޮސްޕިޓަލްގައި އަޅާކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުން. އެއަށް ފައިސާ ހޯދާނެ ގޮތްތައް އޮންނަންވާނެ. މިއަދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ، މި ހިންގާ ބިޔަ ހުރިހާ ބޮޑެތި މަޝްރޫޢުތަކަށް ދޭން ބޭނުންވާ އިސްވެ ދޭންޖެހޭ ޑައުން ޕޭމަންޓަށް ދޭން ބޭނުންވާ ބޭރު ފައިސާ ހޯދާނެގޮތާ ދޭތެރޭގައި. އަޅުގަނޑުމެން އިއްޔެ އިޤްތިޞާދީ ކައުންސިލްގައި، އިކޮނޮމިކް ކައުންސިލްގައި، އިއްޔެ އަޅުގަނޑުމެން ނިންމީ އިރާދަކުރެއްވިއްޔާ، 2018 ވަނަ އަހަރު ތެރޭގައި ނިންމުމަށްޓަކައި ފަނަރަހާސް ހައުސިންގ ޔުނިޓް ނިންމުމަށްޓަކައި ގާތްގަނޑަކަށް ހަތް ޕާޓީއަށް އަޅުގަނޑުމެން ފަނަރަހާސް ހައުސިންގ ޔުނިޓް ދޭން އިއްޔެ ވަނީ އިޤްތިޞާދީ ކޮމިޓީގައި ނިންމާފައި. މިއީ ދުނިޔޭގައި ހަމަ ވަރުގަދަ ކުންފުނިތަކެއް. އިރާދަކުރެއްވިއްޔާ މާ ލަސްނޫން މުސްތަޤްބަލެއްގެ ތެރޭގައި، މިމަހުގެ ތެރޭގައި ހަމަ ރަސްމީކޮށް މިކަހަލަ ޙަފްލާއެއްގައި މިހުރިހާ ކަމެއް ޙަވާލުކުރުން، ޕާޓީތަކާ ޙަވާލުކުރުން އޮންނާނެ. އެއީ ކޮންފަރމްޑް ކޮމިޓްމަންޓާއެކީ، ފައިސާގެ ކޮމިޓްމަންޓާއެކީ ކުރިމަތިލާފައި ހުރި ބޭރުގެ ބޮޑެތި ކުންފުނިތައް. އޭގެތެރޭގައި، ޗައިނާ ކުންފުނިތައް، ތުރުކީ ކުންފުނި އަދި މިނޫންވެސް އެހެން ޤައުމުތަކުގެ ބޮޑެތި ކުންފުނިތައް އެބަ ހިމެނޭ.
 
އެހެންވީމާ، މިހުރިހާ މަސައްކަތަކީ ދިވެހި ރުފިޔާއިން އޭގެ އާމްދަނީ ލިބޭ މަސައްކަތް. އެކަމަކު ދިވެހި ރުފިޔާއިން އާމްދަނީ ލިބޭއިރު، އެ ދިވެހި ރުފިޔާއިން އާމްދަނީ ލިބޭ ލިބުން މި އިންވެސްޓްމަންޓްތަކަށް ހިނގާ ޚަރަދަށް ބަލާކަމަށްވަންޏާ، ނޫނީ އިންވެސްޓްމަންޓް ރީޕޭމަންޓަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ދިވެހި ރުފިޔާއިން ރީޕޭ ކުރިނަމަވެސް، ރާއްޖެއިން ބޭރަށް ގެންދަންޖެހޭނީ ބޭރު ފައިސާއަށް ހަދައިގެން. އެ ކެޕޭސިޓީ އަޅުގަނޑުމެންނަށް ހޯދައިދިނީ މިދެންނެވި ކަހަލަ ޕްރޮޖެކްޓްތަކުން. އެއަރޕޯޓުން ލިބޭ ފައިސާ، ނޫނީ މިގޮތަށް ލިބޭ ބޭރު ފައިސާ. މި ސަބަބުތަކަށްޓަކައި މިކަހަލަ ވެންޗަރިޒަމް ނޫނީ މިހާ ރިސްކީ، އެހެންނަމަވެސް އޭގެ ޒާތުގައި ރަނގަޅަށް ހިންގިއްޖެ ކަމަށްވަންޏާ، ފައިދާހުރި ބޮޑެތި މަޝްރޫޢުތަކާ ދިވެހި ސަރުކާރުން ކުރިމަތިލާން ނިންމީ.
 
އާދެ، މިކަންކަން ކޮށްދެއްވުމުގައި އަޅުގަނޑުމެންނަށް ޗައިނާގައި ހަމަ އެންމެ ފުންނާބު އުސް ސިވިލް އިންޖިނިއަރިންގ އެއް ކުންފުނި، ނޫނިއްޔާ ސިވިލް ވާރކްސްގައި މަސައްކަތް ކުރައްވާ އެއް ކުންފުނި، ބީ.ޔޫ.ސީ.ޖީ އަކީ. ބީ.ޔޫ.ސީ.ޖީ.ގެ ޗެއަރމަން މިތާ އެބަ އިންނެވި. ޑައިހުއާ.ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ނަމުގައި، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް އެދެވޭ ގޮތެއްގައި އަވަސް މުއްދަތެއްގެ ތެރޭގައި ކޮށްދެއްވައި ނިންމަވާނެ ކަމަށް އަޅުގަނޑު ކަށަވަރުވާތީއާއެކީ، އަޅުގަނޑަށް އުންމީދު އޮތީމަޔާއެކީ، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެއަރޕޯޓަށް މި އަންނަ ތަރައްޤީއަކީ އޭގެ ޒާތުގައި ވަކިން އޮތް ތަރައްޤީއެއް ނޫން. އެއަރޕޯޓަށް މި އަންނަ ތަރައްޤީއަކީ ގްރޭޓަރ މާލޭ އޭރިޔާ، މި ސަރަޙައްދުގެ ތެރޭގައި ވިސްނުމަކާއެކީ ކުރެވޭ މަސައްކަތްތަކެއް. އަޅުގަނޑުމެން ބޭނުންވަނީ މި ސަރަޙައްދަކީ ރާއްޖޭގެ ދުރު ހިސާބުތަކުގައި ތިބި ޒުވާނުންނަށް އިޤްތިޞާދީ މަސައްކަތް ކުރެވޭނެ ހިސާބަކަށް މިހިސާބު ހަދަން. އަދި އެމީހުން ބޭނުންކަމަށްވަންޏާ، މި ސަރަޙައްދަކީ އެމީހުން ދިރިއުޅޭ، އެމީހުންނަށްވެސް ބިންކޮޅު، ނޫނީ އެމީހުންވެސް ވަންނާނެ، ނޫނިއްޔާ ގަންނާނެ އެޕާޓްމަންޓް ލިބޭ ތަނަކަށް ދިވެހިރާއްޖޭގެ މާލޭ ސަރަޙައްދު ހަދަން. މި ސަރަޙައްދަކީ އަޅުގަނޑުމެން އެންމެންގެ ސަރަޙައްދު. މި ވިސްނުމުގެ ތެރޭގައި، މާލޭ އޭރިޔާ، ނޫނީ ގްރޭޓަރ މާލޭ އޭރިޔާއަކީ ޕޮޕިއުލޭޝަން މެގްނަޓަޑަކަށް ހެދުމަށްޓަކައި ނޫނީ އިކޮނޮމިކް މެގްނަޓަޑަކަށް ހެދުމަށްޓަކައި މިކުރެވޭ މަސައްކަތް މިދެންނެވީ. ތިލަފުށީގައި ޕޯޓެއް ހެދުން. ހުޅުލެއާއި މާލެއާ ދޭތެރޭގައި ގުޅައިދޭނެ ކަނެކްޓިވިޓީ އިތުރުކުރާނެ ބްރިޖެއް ހެދުން. ހުޅުލޭގައި މިދެންނެވި ކަހަލަ ރަންވޭއެއް ހެދުން.
 
މިދެންނެވި މަސައްކަތްތަކަކީ، ހަމަ މި ގްރޭޓަރ މާލޭ ކޮންސެޕްޓްގެ ތެރެއިން މިކުރެވޭ ކަންތައް. [ގްރޭޓަރ މާލޭ ކޮންސެޕްޓް] މި ކާމިޔާބުވެގެން ދިޔައިމަ، ދެނެއް ހަމަ އެއްވެސް މީހަކު އަޅުގަނޑަކަށް ހިއެއްނުވޭ ދައްކާނެހެނެއް، މާލެއާއި ރާއްޖޭގެ އެހެން ރަށްތަކާ ދޭތެރޭގައި ހުރި ތަފާތުގެ ވާހަކައެއް. އަޅުގަނޑުމެން މި އުންމީދު ކުރަނީ މި މަޝްރޫޢުތައް ނިމިގެން ދިޔައިމަ، ވަޒީފާ އަދާކުރަން ބޭނުންވާ، އިޤްތިޞާދީ ޙަރަކާތުގައި ކުރިމަތިލާން، ނޫނީ އިޤްތިޞާދީ ޙަރަކާތުގައި ޤައުމު ކުރިއަށް ގެންދަން ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކުން، ޒުވާން ހުރިހާ އެންމެން މިހިސާބަށް ހިޖުރަކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. މިހިސާބުން ލިބޭ ވަސީލަތްތައް އިތުރުވެގެންދާނެ. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން. އޭރަށް ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެއިން، ސަރުކާރުން މިކުރާ، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރާ ޚަރަދުތައްވެސް ކުޑަވެގެންދާނީ އޭރުން. މިހާރު އަޅުގަނޑުމެންގެ ޚަރަދުތައް އެންމެބޮޑުވެގެންދަނީ މިދެންނެވި ގޮތަށް ގާތްގަނޑަކަށް 183 ރަށަށް އެއްވަރަކަށް ހޭދަކުރަންޖެހޭތީ. މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރާއްޖޭގެ އެކި ހިސާބުން އިޤްތިޞާދީ ފައިދާގައި މަންފާގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިހިސާބަށް އައިސް، މުޅި މަސައްކަތަކީ ދިވެހިންގެ މަސައްކަތަކަށްވާތީ، މުޅި މަސައްކަތަކީ، މުޅި ގްރޭޓަރ މާލެޔަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިވެހިންގެ ޙިއްޞާ އޮތް ތަނެއް ކަމަށް ގަބޫލުކޮށްގެން، އެ މަސައްކަތުގައި ބައިވެރިވެގެން. އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ އުންމީދަކީ.
 
އިރާދަކުރެއްވިއްޔާ އެކަން މާތްﷲ އަޅުގަނޑުމެންނަށް ކާމިޔާބުކޮށްދެއްވާނެ. އެކަންކަން ކާމިޔާބުވެއްޖެ ކަމަށްވަންޏާ، ދެން އެޔާއެކީ އަޅުގަނޑުމެން ވިސްނަންޖެހޭނީ، މީގެތެރެއިން މަސައްކަތުގައި ކިހާ ބައެއްތޯ ދިވެހިން އަތުގައި ހުންނާނީ. އަޅުގަނޑުމެންނަށް މަސައްކަތްތަކަށް ކުރިމަތިލާން ކެރޭ ކަމަށްވަންޏާ، ފަނަރަހާސް، ވިހިހާސް، ތިރީސްހާސް ވަޒީފާއެއް ނޫން އުފެދިގެންދާނީ. އެއަށްވުރެ މާގިނަ ވަޒީފާ އުފެދިގެންދާނެ. އެމަސައްކަތްތަކަކީ، އެ ވަޒީފާތަކަކީ ދިވެހިންގެ ވަޒީފާތަކެއް. އެހެންވީމާ، މި އުފެދެނީކީ ހަމައެކަނި އިކޮނޮމިކް އިންފްރާސްޓްރަކްޗަރ އެއް ނޫން. މި އުފެދެނީ، މި އުފެދެނީ އާ ވިސްނުމަކާއެކީ އާ މައިދާނެއް ހުޅުވިގެން މިދަނީ ދިވެހިންނަށް އާމްދަނީ ހޯދަންވެސް. މިހުރިހާ ކަމެއްގެ ބޭނުމަކަށްވާނީ ދިވެހިންނަށް މަޞްލަޙަތާއެކީ ކުރިއަށް ދިޔުމުގެ މަގު ފަހިވެގެންދިޔުން.
 
އިރާދަކުރެއްވިއްޔާ މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި!
 
والســّلام عليــكم ورحـمــةاللّـه وبـركاتـه