ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަތީފަންތީގެ މަޝްވަރާބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުވުން ބޭއްވެވީ މިއަދު މެންދުރު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު އެކި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވަވާފައެވެ. މި މަޝްވަރާ ބައްދަލުވުން އޮތީ ދެ ސަރުކާރުގެ އިސް ވަފްދުތަކުގެ މަޝްވަރާތަކުގެ ކުރިންނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިންޑިޔާގެ ކެރެލާގައި ހުންނަ ފައްޅިއެއްގައި، ހިންދޫ އާ އަހަރު ފާހަގަކުރަމުންދަނިކޮށް ހިނގި އަލިފާނުގެ ޙާދިޘާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ބޮޑުވަޒީރާއިއެކު އޮތް ބައްދަލުވުމަށްފަހު ބޭއްވެވި މެންދުރުގެ ޖާފަތުގައި، ދެ ޤައުމުގެ ސަރުކާރުގެ އިސް ވަފްދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަވާފައެވެ. މިގޮތުން ޢިޤްތިޞާދީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި، ޞަރަޙައްދީ ރައްކާތެރިކަން އިތުރުކުރުމާއި، ސައިބަރ ސެކިއުރިޓީ އިތުރުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ ވަފްދުތަކުގެ ބޭފުޅުން މަޝްވަރާކުރެއްވެވިއެވެ. މީގެ އިތުރުން މި ޖާފަތުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައި ޤަޢިދީން ބަދަލުކުރުމާ ބެހޭ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަސްމީގޮތުން ލިޔެކިޔުމުގެ ކަންތައްތައް ނިމޭހާ އަވަހަކަށް މި އެއްބަސްވުމަށް ޢަމަލުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ބައިނަލްއަޤްވާމީ މައިދާނުގާ އިންޑިޔާ އިން ދިވެހިރާއްޖެއަށް ދެމުންގެންދަވާ އެއްބާރުލެއްވުމަށް ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވިފައިވާ ގާތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށާއި، ދެޤައުމުގެ ގުޅުމަށް ބުރޫ އަރާ ފަދަ ގޮންޖެހުމެއް ކުރިމަތިވާ ޙާލަތެއް މެދުވެރިވި ނަމަވެސް އެ ގޮންޖެހުމަކުން އަރައިގަނެވޭނެ ފަދަ ހިތްވަރު ދެޤައުމުގެ ގުޅުމުގައި ވާކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ސާކް ގެ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ހެދުމައްޓަކައި އިންޑިޔާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަވާކަމަށާއި، ދުނިޔޭގެ މަޝްރަހުގައި އިންޑިޔާއިން ދައްކަމުންދާ ނަމޫނާ ލީޑަރޝިފް ރޯލުގެ ސަބަބުން ދިވެހިރާއްޖެއަށް އިތުރު ހިތްވަރު ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ވަނީ ދިވެހިރާއްޖޭގެ ޞީއްޙީ ދާއިރާއަށް މިހާރުވެސް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަން ކުރިޔަށް އޮތްތާގައިވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ދިވެހިރާއޖެއިން ފިލާވަޅު ލިބިގަނެވިދާނެކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.