بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
 اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަން. އޭގެފަހުގައި، ތިނަދޫގެ ރައްޔިތުންނަށް ވަރަށް ތެދުވެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ ތިނަދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި.މި ޒިޔާރަތަށްޓަކައި، ރަށުތެރެ ވަރަށް ރަނގަޅަށް ޒީނަތްތެރި ކުރައްވައި ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ހަމަޖައްސަވައިފައިވާކަން ފެންނަން އެބަހުރި. ރަށަކީ ވަރަށް ކުޑަކުޑަ ރަށެއް. މީސްކޮޅުވެސް މަދު ރަށެއް. އެހެންނަމަވެސް، ރަށުގެ ރައްޔިތުންގެ ހީވާގިކަމާއި ޙަރަކާތްތެރިކަން މިއަދު ވަރަށް ފެންނަން އެބަހުރި. އެކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށް، ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަން.
 
އަޅުގަނޑު މިކުރާ ދަތުރުތަކަކީ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށްރަށަށް، ކުރަމުންގެންދާ ދަތުރުތަކެއް. އެ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ޙާލު އަހުވާލު ބަލައިލުން. ރާއްޖެތެރޭގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަކީ ކޮބައިތޯވެސް ބަލައި، އެކަންކަމުގައި ސަރުކާރުން އެއްވެސް ކަހަލަ އެހީއެއް ވެވެން އޮންނާނެތޯ ބަލައި، އެހެން ކަމުގައިވާނަމަ، އެ އެހީތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުން. މިދަތުރުތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވަރަށްގިނަ ކަންތައްތައް ހަމަޖެހެމުން އެބަދޭ.
 
ތިޔަ އެންމެ ބޭފުޅުންވެސް އައްސަވާނޭ ފަދައިން، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން، މިހާރު ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަކަށް ޒިޔާރަތްކޮށްފިން. އެކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މިހާރު ރާއްޖެތެރެ ތަރައްޤީ ކުރުމާބެހޭ ވަރަށްބޮޑު މަޝްރޫޢެއް ވަނީ ރޭވިފައި. އަދި އެ މަޝްރޫޢަށް ދަނީ ޢަމަލުކުރެވެމުން. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިބާވަތުގެ އެހީތައް ސަރުކާރުން ލިބެމުން އެބަދޭ. އެހުރިހާ އެހީއަކީ ރަށުގެ ތަރައްޤީއަށް ވަރަށްބޮޑު ބާރެއް ލިބޭނެ ކަންތައްތަކެއްކަން ޔަޤީން.
 
އާދެ، މިރަށާ ދޭތެރޭގައި ވިސްނާއިރު މިރަށުގައި ރަށު އޮފީހެއް ޢިމާރާތް ކުރުން، އެއީ މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވާ ކަމެއް. މިހާރު އެ މަސައްކަތް ދަނީ ހިނގަމުން. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މާ ލަސްތަކެއްނުވެ މިރަށުގައި، އާ ރަށު އޮފީސް ޢިމާރާތްކޮށް ނިމޭނެ. އަދި އެތާނގައި ސަރުކާރުގެ އޮފީސް ހިނގަން ފަށާނެ. ރަށުއޮފީސް ނިމުމާ އެކުގައި، މިރަށުގައި އަލުން މިސްކިތެއް ޢިމާރާތްކުރާގޮތަށްވެސް ވަނީ އެ މަޝްރޫޢުގައި ހަމަޖެހިފައި. އަދި އޭގެއިތުރުން މިރަށުގެ ފަޅުކޮނުން އެއީވެސް މި މަޝްރޫޢުގައި ހަމަޖެހިފައިވާ ކަމެއް. އެހެންވީމާ، މިދެންނެވި މަޝްރޫޢުގެ ދަށުން މިރަށަށް ވަރަށްގިނަ ކަންތައްތައް ހަމަޖެހިފައިވޭ.
 
އާދެ، ރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި ބައެއްކަން ކަށަވަރު. ރަށަކީ މަސްވެރި ރަށެއް. މިރަށުގެ ރައްޔިތުންގެ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންގެ، ޒަމާނުއްސުރެ ކުރަމުން އަންނަ އެންމެބޮޑު މަސައްކަތަކީ، މަސްވެރިކަން. އެގޮތުން މިރަށަކީވެސް މަސްވެރި ރަށެއް. ބައެއްފަހަރަށް މަސްވެރިކަން ހުންނަގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ އާމްދަނީ ނުލިބި ހިނގައިދާނެ. އަނެއްބައިފަހަރަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އާމްދަނީ ރަނގަޅަށް ލިބެމުންދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ ކަމަކީ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވަމުންދާނީ އަޅުގަނޑުމެން އަމިއްލައަށް އެ ތަނަވަސްކަން އިތުރުކުރަން މަސައްކަތް ކުރަމުން ގެންދިޔަ މިންވަރަކުންކަން. މަސައްކަތް ނުކުރާ ބަޔަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ، އެއްވެސް ތަރައްޤީއެއް ނުލިބޭނެ. އެމީހުން އަބަދުވެސް ތިބޭނީ ތިބިގޮތަށް. އެއާ ޚިލާފަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި، ތެދުވެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް، އެބަޔަކު އެކުރާ މަސައްކަތްތަކުގެ ނަތީޖާ اللّـه سبحـانـه وتعـالى ދައްކަވާނެ. އެއިން އިތުރު ތަނަވަސްކަމާއި ތަރައްޤީ އަބަދުވެސް ލިބެމުންދާނެ.
 
އާދެ، ރަށުގެ ޙާލަތު ކުރިއެރުވުމަށްޓަކައި މިރަށުގައި ކުރެވިދާނެ މަސައްކަތްތަކެއްވެސް އެބަހުރި. އަދި މިރަށުގައި ކުރަމުންދާ މަސައްކަތްތަކެއްވެސް އެބަހުރި. ވަޑާންކުރުން، ބޮލިހިލުން، ރޯނުވެށުން، މިކަހަލަ ބައެއް މަސައްކަތް ކުރަމުން ގެންދާކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އަދި ރަށުގައި މިހާރަށްވުރެ ގިނައިން ދިވެހި ރުކާއި، ބަނބުކެޔޮ، ފަތްކެޔޮ، ރޯމިރުސް، ބަށި، ފަޅޯފަދަ ރަށުގައި ހެދޭ ބާވަތްތައް އިންދައި ހެއްދުމުގެ މަސައްކަތްތައްވެސް އިތުރުކުރެވިދާނެ ކަމަށް ރަށުގެ ވެރިންގެ ފަރާތުން އަޅުގަނޑަށް އެނގިފައި އެބައޮތް. އެހެންވީމާ، އެކަހަލަ ހުރިހާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރައްވައިގެން، ރަށުގެ ރައްޔިތުންގެ އަމިއްލަ ތަނަވަސްކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ހަމައެކަނި މަސްވެރިކަމުގެ މައްޗަށް އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ކަމެއް ބިނާކޮށްގެން ތިބުމަކީ، ބުއްދިވެރި ކަމެއް ނޫން. އެއީ، އަޅުގަނޑު ކުރިންވެސް އިޝާރަތްކުރި ފަދައިން، މަސްވެރިކަމަށްވެސް ރަނގަޅު ދުވަސްތަކާއި، ނުރަނގަޅު ދުވަސްތައް އަންނާނެ. އެހެންވީމާ، އެކަހަލަ ދުވަހެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ އާމްދަނީ ލިބޭނޭ މަގު، އެހެނިހެން މަގުތައް އޮންނަންޖެހޭނީ ތަނަވަސްވެފައި. އެގޮތުން ކޮންމެ ރަށެއްގެވެސް ރައްޔިތުން އެމީހުންނަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
 
އާދެ، ދެންއޮތީ ތަޢުލީމާބެހޭ ނުކުތާއެއް. ތަޢުލީމަކީ ހުރިހާ ކުރިއެރުމެއްގެވެސް އެންމެ ފުރަތަމަ ބިންގާ. އެހެންވުމާއެކުގައި، ތަޢުލީމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. މިރަށުގައިވެސް މަކްތަބެއް ހިނގަމުން އެބަދޭ. އަދި އަޅުގަނޑު ދަންނަވާނީ، މަކްތަބު ހިނގަމުންދަނީ ރަނގަޅަށޭ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތަޢުލީމު ދިނުމުގައި، ސަރުކާރުގެ މުވައްޒަފުންނާއި ރަށުގެ މީހުން ވަރަށް ބޮޑަށް އެއްބާރުލައިގެން ކުރިއަށް ގެންދާ ކަމަށް އެނގިފައިވަނީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އެއީ ވަރަށް ބޭނުންތެރި ކަމެއް. އަސާސީ ތަޢުލީމުގެ މަޝްރޫޢުވެސް ވަރަށް އެކަށީގެންވާ ގޮތަކަށް ހިނގަމުންދާކަމަށް މިރަށުގެ ވެރިންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ލިބިފައިވަނީ. އެއީވެސް ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. އަސާސީ ތަޢުލީމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުން އެއްޗެއް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ލިޔަންކިޔަން ދަންނަ މީހަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ ދީނުގެ މަޢުލޫމާތު ފުދޭވަރަކަށް އެނގޭ މީހަކަށް ވާންޖެހޭނެ. ހިސާބުވެސް ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ރަށާއި، އަތޮޅާއި އަދި ރާއްޖެއާބެހޭ މަޢުލޫމާތުވެސް ދަންނަ މީހަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި ހަށިގަނޑަށް ފައިދާހުރި ކާނާއާއި އަދި ދިރިއުޅުމުގައި، ޞިއްޙީގޮތުން ކަންތައްތައް ބަހައްޓަންވީގޮތް އެއީވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ އެއްޗެއް. އެހެންވީމާ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ރޭވިގެން ހިނގަމުން މިދަނީ، ދައުލަތުން ވަރަށްބޮޑު ޚަރަދުކޮށްގެން. މިރަށުގައި އެ މަޝްރޫޢު ވަރަށް ރަނގަޅަށް ހިނގާކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރާ ކަމެއް.
 
އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކުގައި، އަޅުގަނޑުމެންނަކީ ބަލަންޖެހޭނީ އެއްބަނޑުއެއްބަފާ ބައެއް ކަމަށޭ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަ ގުޅުމޭ. އެއްވެސް މީހަކު އެހެން މީސްމީހުންނަށް ދަތިވާގޮތަށް، އެހެން މީސްމީހުންގެ ޙައްޤުތަކާބެހި، އެހެން މީސްމީހުންނަށް އެމީހެއްގެ ޢަމަލު ހުންނަގޮތުން އެއްވެސްކަހަލަ ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ހުރެގެނެއް ނުވާނެއޭ. މާތްﷲ އަޅުގަނޑުމެން ލައްވައިފައިވަނީ، އަޚުންތަކެއް ކަމުގައި. އަޅުގަނޑުމެން ތިބެންޖެހޭނީ އެގޮތުގައި. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަމާއި، އޯގާތެރިކަމާއި ލޯބި. އެންމެން އެކަތިގަނޑަކަށްވެގެން އެއްބާރުލައިގެން މަސައްކަތް ކުރަމުން ގެންދަންވާނީ. އެހެން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަމުން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާގޮތަށް ތަރައްޤީވަމުން ކުރިއަށް ދެވޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، މި ނުކުތާތަކާ ދޭތެރޭގައި، ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ރަނގަޅަށް ވިސްނަވާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް މި ލިބުނު ފުރްޞަތުގެ ބޭނުން މިކުރީ، މިދެންނެވި ނުކުތާތަކުގެ މައްޗަށް އަލިއަޅުވައިލުމަށް. އެހެންވީމާ، އަޅުގަނޑު މިދެންނެވި ކަންތައްތަކާ ދޭތެރޭގައި ވިސްނަވައިގެން، ރަށްކުރިއެރުވުމަށާއި، އަތޮޅު ކުރިއެރުވުމަށާއި، އަދި ޢާންމުކޮށް ރާއްޖެ ކުރިއެރުވުމަށް، ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ފިސާރި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަންވެއްޖެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނެއް. ދުނިޔޭގެ ނިސްބަތުގައި، ކުޑަ ޤައުމެއް. އަދި ކުރިއަށް ގޮސްފައިވާ ޤައުމެކޭވެސް ދެންނެވޭކަށެއް ނެތް. އަޅުގަނޑުމެންގެ ރާއްޖެއަށް އެކަށީގެންވާ ފެންވަރަކަށް ދެވޭނީ، ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމުގައި އެއްބާރުލައިގެން، ތެދުވެރިކަމާއެކު މަސައްކަތް ކުރަމުން ގެންގޮސްގެން.
 
މީގެކުރިން ވޭތުވެދިޔަ ދައުރުގައި، ރާއްޖެތެރެއަށް އެއްވެސްކަހަލަ އަޅާލުމެއް، އޭރަކު ނެތް. އެކަހަލަ ގޮތަކަށް ދިޔައީ. އެހެންނަމަވެސް، މިހާރު އެ ސިޔާސަތު މުޅިން ބަދަލުވެގެން ހިނގައްޖެކަން ތިޔަ ހުރިހާ ބޭކަލުންނަށް ރަނގަޅަށް އެނގިލައްވާނެ. މިހާރު ރާއްޖެތެރެއަށް ސަރުކާރުން ދޭ އަހަންމިއްޔަތަކީ، އެއްގޮތަކަށްވެސް އަޅުގަނޑު އިތުރަކަށް އެކަން ބަޔާންކޮށްދޭން ބޭނުންވާ އެއްޗެއް ނޫން. އޭގެ ހެކިތައް ތިޔަ ހުރިހާ ބޭކަލުންގެ ކުރިމަތީގައި އެހެރީ ފެންނަން. އެހެންވީމާ، ސަރުކާރުން އެކުރާ މަސައްކަތުގައި، ރަށުގެ ރައްޔިތުންނާއި އަތޮޅު ރައްޔިތުން އެއްބާރުލައްވައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރަށުގެ ރައްޔިތުންނަށާއި ވެރިންނަށް އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަމުން. އަޅުގަނޑު ޔަޤީންކުރަނީ، ރަށުގެ ރައްޔިތުންގެ މަސައްކަތުން، އަދި ދައުލަތުންނާއި އަދި ދައުލަތުގެ އެކި ފަރާތްފަރާތުން ދެއްވާ ނަޞޭޙަތާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ރަށުގެ ވެރިންނާއި ރައްޔިތުން އެއްބާރުލައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. އޭގެ ނަތީޖާއެއްގެ ގޮތުން اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނީ، ޝައްކެއްނެތްގޮތުގައި އިތުރު ކުރިއެރުމާއި އިތުރު ހެޔޮ ނަޞީބު. 
 

         والسّلام عليكم ورحمـة اللّـه وبركاته.