بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދުކޮށް ޝުކުރުކުރަން. އަދި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އެ މާތް ކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، ރާއްޖެތެރޭގެ ރަށްރަށަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން، ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން އަންނަ ކަމެއް. މީގެކުރިން ރާއްޖޭގެއުތުރާއި އަދި ދެކުނުގެ އެތައް އަތޮޅަކަށް އަޅުގަނޑަށް ވަނީ ޒިޔާރަތް ކުރެވިފައި. އޭގެފަހުން ދިމާވި އެތައް ސަބަބުތަކާހުރެ، މި ދަތުރުތައް މެދުކަނޑާލުމަށްފަހު، މިއަދު އަނެއްކާ اللّـه سبحـانـه وتعـالىގެ ވާގިފުޅާއެކު އަޅުގަނޑު މި ފަށަނީ މެދުރާއްޖެތެރެއޭ އަޅުގަނޑުމެން މިކިޔާ ހިސާބުގަނޑުގެ ހަތަރު އަތޮޅަކަށް ކުރާ ދަތުރެއް. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ޒިޔާރަތްކުރާ ރަށަކަށް މިވީ މިރަށް، ފެލިދޫ. އަދި ޒިޔާރަތްކުރާ އަތޮޅަކީ ފެލިދުއަތޮޅު، ވ. އަތޮޅު.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު މިރަށުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެއްޗަކީ، އަޅުގަނޑު މިއަތޮޅަށް ޒިޔާރަތްކޮށް، މިއަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް، މި ފުރްޞަތު ލިބުނު ކަމަށްޓަކައި، ވަރަށް ބޮޑަށް އުފާކުރަމޭ. ޚާއްޞަކޮށް، މިރަށަށް މިވަގުތު އައިސް، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، މިރަށުގެ ރައްޔިތުންގެ ޙާލު އަޙުވާލު ބަލައިލުމަށް، އަޅުގަނޑަށް މިފަދަ ފުރްޞަތެއް ލިބުނު ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމޭ.
 
އާދެ، މިރަށުގެ ރައްޔިތުން ހަނދުމަފުޅު ހުންނާނެ، މީގެ ހައެއްކަ އަހަރު ކުރިން އަޅުގަނޑު މިރަށަށް އައިން. އެއީ އޭރުގެ ސަރުކާރުން ފޮނުއްވި ވަފްދެއްގެ މެންބަރެއްގެ ގޮތުގައި. އައިސް މިކަހަލަ ކުޑަކުޑަ ޖަލްސާއެއްގައި، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ހެދިން. އޭގެފަހުން މިއީ އަޅުގަނޑަށް މިރަށަށް އާދެވުނު ދެވަނަފަހަރު. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މިހާރު ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ފަރާތުން ރާއްޖެތެރެ ކުރިއަރުވައި، ރާއްޖެތެރޭގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަމުންދާ މިންނަތް މަސައްކަތްތައް. އެކަމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް ވަނީ ރޭވިފައި. އެ މަޝްރޫޢު ހިނގަމުންދާތާ މިހާރު އެތަކެއް މަސްތަކެއް ވެއްޖެ. އާދެ، އެއް އަހަރަށްވުރެވެސް ދިގު މުއްދަތެއް، މިހާރު އެ މަޝްރޫޢު ދުނިޔެއަށް އައިފަހުން ވޭތުވެގެން ހިނގައްޖެ. އެ މަޝްރޫޢުގެ ބޭނުމަކީ، ހުރިހާ ގޮތަކުންވެސް ރާއްޖެތެރެ ކުރިއަށް ގެންދިޔުން. ރާއްޖެތެރެ ތަރައްޤީ ކުރުން. އަދި ރާއްޖޭގެ އަހުލުވެރިން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ހުރަސްތައް ނެތިކޮށް، އެމީހުންނަށް އިތުރު އާމްދަނީ ލިބޭނޭގޮތްތައް ތަނަވަސް ކޮށްދެވޭތޯ ބެލުން.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖެއެއް. ރަށްތަކުގެ ޢަދަދުވެސް ވަރަށްގިނަ. އެއިން ކޮންމެ ރަށަކަށްވެސް ވަރަށްގިނަ ކަންތައްތައް ބޭނުންވެފައިވޭ. ކިޔަވައިދޭނެ ތަނެއް ހުރުން. ސަރުކާރުގެ ކަންތައްތައް ހިންގާނެ އޮފީހެއް ހުރުން. އަދި މިހާރު ހަމަޖެހިފައިވާ ގޮތުން ކޯޓެއް ހުރުން. އަޅުގަނޑުމެންނަކީ  މުސްލިމުން ކަމަށްވުމާއެކު، އިސްލާމްދީނުގެ އެންމެމާތް އެއްރުކުން ކަމުގައިވާ ނަމާދު ޤާއިމުކުރާނެ މިސްކިތެއް ހުރުން. މިހެންގޮސް އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ވަރަށްގިނަ ކަންތައްތައް ވަނީ ބޭނުންވެފައި. މިބާވަތުގެ ކަންތައްތަކަށް ވޭތުވެދިޔަ ދައުރުގައި، މާބޮޑު އަހަންމިއްޔަތެއް ދެވިފައި އޮތެކޭ އަޅުގަނޑަށް ދެންނެވޭކަށެއް ނެތް. ތިޔަ އެންމެ ބޭފުޅުން އަޅުގަނޑު މިދެންނެވި ބަހަށް ހެކިވެވަޑައިގަންނަވާނެ. އެހެން އެކަން އޮތުމާ އެކުގައި، މިދައުރުގައި އެބާވަތުގެ ކަންތައްތަކަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް މިހާރުދަނީ ދެމުން. މިސްކިތްތައް އާކުރުން. ބައެއް ރަށްރަށުގައި އަލުން މިސްކިތް ޢިމާރާތް ކުރުން. ރަށްރަށުގެ އޮފީސްތައްވެސް އާކޮށް މަރާމާތުކޮށް، ނުވަތަ އަލުން އޮފީސް އަޅައި ހެދުން. އަތޮޅުތަކުގެ އަތޮޅުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުމާއި، ރަށްރަށުގެ ރަށު އޮފީސްތަކަށްވެސް މުވައްޒަފުން އިތުރުކުރުމާއި، ސަރުކާރުގެ ކަންތައްތައް ހިނގާނެ އިންތިޒާމުތައް ކުރިއަށްވުރެ ރަނގަޅަށް ހަމަޖެއްސުން. އަދި އެކިއެކި ރަށްރަށުގެ ފަޅު ކޮނުމާއި، ނެރުތެރެ ގޮއްވުމާ، މިހެންގޮސް އެމީހުންނަށް އާމްދަނީގެ ގޮތުން ކުރެވެން އޮތް މަސައްކަތްތަކަށް އެޅޭ ހުރަސްތައް ނެތިކޮށްލެވޭތޯ ބެލުން.
 
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި ވަރަށްގިނަ ރަށްރަށް އެކުލެވިގެންވުމާއި އަދި އެއިން ކޮންމެ ރަށަކަށްވެސް މިބާވަތުގެ ވަރަށްގިނަ ކަންތައްތައް ބޭނުންވުމާއި، ހަމައެއާއެކުގައި އެކަންކަމަށް ކުރަންޖެހޭ ޚަރަދު އެއީ ވަރަށް ބޮޑެތި ޚަރަދުތަކަކަށްވުމާއި، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ރާއްޖެއަކަށްވެފައި، އަޅުގަނޑުމެންގެ ސަރުކާރަށް ލިބޭ އާމްދަނީއަކީވެސް މާބޮޑު އެއްޗަކަށްނުވާތީއާ އެކުގައި، މިދެންނެވި މަޝްރޫޢުގެ ކަންތައްތައް ބެހިފައި ވަނީ އެތައް އަހަރެއްގެ މައްޗަށް. އެކިފަހަރު އެކި ކަންތައް ކުރާގޮތަށް. އަދި އެއްފަހަރާ ހުރިހާ ރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭންވެސް ނެތުމާއެކުގައި، އެގޮތަށް ހަމަޖެހިފައިވަނީ. ކޮންމެއަކަސް، މި މަޝްރޫޢުގެ ދަށުން ފެލިދުއަށް މާބޮޑު ކަމެއް ހަމަޖެހިފައެއް ނެތް. މިއަތޮޅުގެ އެހެން ރަށްރަށަށް އެބާވަތުގެ ކަންތައް ހަމަޖެހިފައި އެބަހުރި. އެހެންނަމަވެސް، މިރަށުގެ ރައްޔިތުން ވަރަށް އުފާކުރައްވާނެ. އެއީ ބޭރު ދައުލަތެއްގެ އެހީގައި، ކޮންމެ އަތޮޅެއްގައި ހަދަން ގަސްދުކުރެވިފައިވާ މަދަރުސާ، ވ. އަތޮޅުގައި ހެދުމަށް ގަސްދުކުރެވިފައި ވަނީ މިރަށުގައި ކަމަށްވާތީ. އާދެ، އެ މަދަރުސާ ޢިމާރާތް ކުރުމަށް ބޭނުންވާ ބިން މިރަށުން މިހާރުވަނީ ވަކިކުރެވިފައި. އަނެއްކާ އެކަމުގެ މަސައްކަތް ކޮންމެވެސްވަރަކަށް ހިނގަމުން އެބަދޭ. ކޮންމެއަކަސް އެފަދަ މަދަރުސާއެއް މިރަށުގައި އެޅޭކަން އެއީ މިރަށުގެ ތަރައްޤީއަށް ލިބޭނެ ވަރަށްބޮޑު ބާރަކަށް ނޫނީ ނުވެނުދާނެ. އެއްވެސް ޝައްކެއްނެތް، ތަޢުލީމަކީ ކޮންމެ ކުރިއެރުމެއްގެވެސް ސިއްރު. އޭގެ އެންމެ ފުރަތަމަ ބިންގާ. އެހެންވީމާ، އެންމެ ފުރަތަމަ ތަޢުލީމުދެވޭ ވަސީލަތެއް އަޅުގަނޑުމެންގެ ރަށުގައި އުފެދިގެން، އަޅުގަނޑުމެންގެ ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބޭ ގޮތްތައް މެދުވެރިވާނެ.
 
އާދެ، ތަޢުލީމަކީ މިދެންނެވި ކަހަލަ ވަރަށްމަތީ ދަރަޖައިގެ އަހަންމިއްޔަތެއް ދޭންޖެހޭ ކަމަކަށްވުމާ އެކުގައި، ސަރުކާރުން ތަޢުލީމަށް ވަރަށްމަތީ އަހަންމިއްޔަތެއް ދެމުން އެބަގެންދޭ. އަސާސީ ތަޢުލީމުގެ މަޝްރޫޢު ވަނީ ރޭވި އަދި އެ މަޝްރޫޢަށް ޢަމަލުކުރަން ފެށިފައި. ގާތްގަނޑަކަށް މިހާރު އެ މަޝްރޫޢަށް އަހަރުދުވަސްވާން މިދަނީ. އެހެންވީމާ، އަސާސީ ތަޢުލީމު އެއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެންމެ ފުރަތަމަ ބޭނުންވާ ތަޢުލީމު. ލިޔަންކިޔަން ދަސްކޮށްދިނުން، ނުދަންނަ މީހުންނަށް. ދީނުގެ ކަންތައްތައްވެސް އެނގެންވާ މިންވަރަށް ދަސްކޮށްދިނުން. އަޅުގަނޑުމެންގެ ރާއްޖެއާބެހޭ މަޢުލޫމާތުވެސް ކޮންމެ މީހަކަށްވެސް ލިބިފައި ހުންނަންވާ ދަރަޖައަށް ލިބިދިނުން. އެހެންގޮސް އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ބޭނުންވާ މަޢުލޫމާތުތައް ލިބިދިނުން އެއީ އަސާސީ ތަޢުލީމުގެ އެންމެ ފުރަތަމަ ބޭނުން.
 
އޭގެއިތުރުން، އެކިއެކި ރަށްރަށުގައި، ހިނގާ އަމިއްލަ މަކްތަބުތަކަށް ސަރުކާރުގެ ފަރާތުން އެހީވެދިނުން. ވަކި އުޞޫލެއްގެ މަތިން، މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގާފައި ހުންނަ ތަންތަނަށް ސަރުކާރުން އެހީވެދިނުން. އަދި ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައިވެސް މަދަރުސާއެއް އުފެއްދުން. އެ މަދަރުސާ ސަރުކާރުގެ ޚަރަދުގައި ހިންގަމުން ގެންދިޔުން. ހަމައެފަދައިން މިހާރު ހިނގަމުންދާ ކޮމިއުނިޓީ ސްކޫލުގެ މަޝްރޫޢުގެ ދަށުން ކޮންމެ އަތޮޅެއްގައި ކޮމިއުނިޓީ ސްކޫލެއް އެޅުން. ދެން އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި، ބޭރު ޤައުމެއްގެ އެހީގައި އަޅަން ހަމަޖެހިފައިވާ މަދަރުސާތައް، އެއިން މަދަރުސާއެއް ކޮންމެ އަތޮޅެއްގައިވެސް އެޅުން. މިބާވަތުގެ ކަންތައްތައް ކުރަމުން މިގެންދަނީ، ތަޢުލީމަށް ދޭންޖެހޭ އަހަންމިއްޔަތުގެ ބޮޑުކަމުން. އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ތަންދޮރު އޮޅުންފިލައިގެން، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ މަގު ތަނަވަސްވާގޮތަށް އޮތުމާ އެކުގައި.
 
އާދެ، އަޅުގަނޑު މި ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ވާހަކަ ދެއްކުމުގައި، ވަރަށް ބޮޑަށް ބާރުލާ ނުކުތާއެއް ދެން އޮތީ. އެއީ އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރުކުރުން. އަޅުގަނޑުމެން ދިރިއުޅެނީ އަޅުގަނޑުމެން ކުރާ މަސައްކަތުން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދަނީ އަޅުގަނޑުމެން ކުރާ މަސައްކަތުން ލިބޭ އެއްޗަކުން. އަޅުގަނޑުމެންނަކީ، މުއްސަނދި ބައެއް ނޫން. ތަނަވަސް ބައެއް ނޫން. އަޅުގަނޑުމެންގެ ބޭނުންތައް ފުއްދަންޖެހެނީ އަޅުގަނޑުމެން އެކުރާ މަސައްކަތަކުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކުން. އެހެންވުމާއެކުގައި، ކުރިއަރަން ބޭނުންވާ ކަމަށްވާނަމަ، އެންމެ ފުރަތަމަ ބޭނުންވާކަމަކީ އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރުކުރުން. އެމަސައްކަތުގައި ގިނަވަގުތު ހޭދަކުރުން. ގިނަ މަސައްކަތް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްގެން، އެމަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރުން. މިރަށުގެ ރައްޔިތުންނަކީ ވަރަށް އުފާކުރުން އެކަށީގެންވާ ފަދައިން ވަރަށް ހީވާގި ބައެއް. މަސްވެރި ބައެއް. اللّـه سبحـانـه وتعـالىގެ ފަޟުލުވަންތަވެރިކަމުން، މިރަށަކީ ދެ މޫސުމުގައިވެސް މަސްބާނާ ރަށެއް. އަދި މިރަށަކީ، މިރަށުގައި ހިސާބަކަށް ނަމަވެސް އިންޖީނު ދޯނިފަހަރުވެސް ހުރި ރަށެއް. އަދި މަސްވެރިކަމުން ފުދޭވަރެއްގެ އާމްދަނީއެއް ލިބެމުންވެސް ދާ ރަށެއް.
 
އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އެ މަސައްކަތް މިހާރަށްވުރެވެސް ރަނގަޅަށް ކުރެއްވޭތޯ ބެއްލެވުމަށް، އިތުރު ބާރެއް ލައްވާށޭ! މަސްވެރިކަން ތަރައްޤީކޮށް، އެއިން ލިބޭ އެއްޗެއް އިތުރުކުރުމުން، އެ ލިބޭ ތަނަވަސްކަން ލިބޭނީ ހަމަ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންނަށޭ މިދެންނެވީ މިރަށުގެ ރައްޔިތުންނަށް. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށާއި، އަދި ރަށުގެ ރައްޔިތުން ކުރާ އެކިއެކި ތަފާތު މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް ކުރަމުން ގެންދިޔުމަށް. އަޅުގަނޑު މި ނަޞޭޙަތްތެރިވަނީ، އެއްވެސް ޙާލެއްގައި އެއިން ސަރުކާރަށް ލިބޭނެ ފައިދާއަށްޓަކައެއް ނޫން. އެންމެ ފުރަތަމަ އެއިން ލިބޭ ފައިދާ އެއީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކަށް ލިބޭ ފައިދާއަކަށްވާތީ. އަދި އެ ފައިދާއަކީ ރަށުގެ ކުރިއެރުމަށް ލިބޭ ބާރަކަށްވާތީ.
 
އާދެ، ދެން ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން އާލާކުރަންޖެހޭނެ ވާހަކަ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވުމާއެކުގައި، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވަނީ اللّـه سبحـانـه وتعـالى ލައްވާފައި. އެހެންވީމާ، އެގޮތް ދެނެގަތުން އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެއް. އަޅުގަނޑުމެންނަކީ އަޚުންތަކެއް، އެއްބަނޑުއެއްބަފާ ބައެއް. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭ ކަހަލަ މަތިވެރި ގުޅުމެއް. އެކަކު އަނެކަކަށް ދެކޮޅުވެރިވެ، އެއްބަޔަކު އަނެއްބަޔަކާ ދެމެދުގައި އެކިބާވަތުގެ ނޭދެވޭ ޢަމަލުތައް ކުރުން އެއީ އަޅުގަނޑުމެންގެ މެދުގައި އޮވެގެންވާނޭ ކަމެއް ނޫން. އަޅުގަނޑުމެން ތިބެންޖެހޭނީ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވާގޮތުގައި. އެއްބަޔަކު އަނެއް ބައެއްގެ ޙާލު ދެކޭގޮތުގައި. އެންމެން އެކަތިގަނޑަކަށްވެގެން އެއްބާރުލައިގެން އަޅުގަނޑުމެންގެ ރަށާއި އަޅުގަނޑުމެންގެ އަތޮޅާއި، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ ގޮތުގައި.
 
އެހެންވީމާ، މިދެންނެވި ނުކުތާތަކުގެ މައްޗަށް މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ވެރިންނާއި ރައްޔިތުންނާ އެކުވެގެން އެއްބާރުލައިގެން ރަށުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، މި ދަނޑިވަޅުގައި އިތުރު މަސައްކަތްތަކެއް ކުރެއްވުން އެއީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލެވެން އަންނަނީ، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން. މި ޝުކުރުގައި އަތޮޅުގެ އަތޮޅުވެރިންނާއި، ރަށުގެ ވެރިންނާއި، ރަށުގެ އެންމެހައި ރައްޔިތުން އަޅުގަނޑު ޝާމިލްކުރަން. އަޅުގަނޑު ދެކޭގޮތުގައި، މިރަށުގެ ރައްޔިތުން ތިހާ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ތިޔަ ފާޅުކުރެއްވި ޝުޢޫރަކީ ރައްޔިތުންގެ ހިތުގައި، ދިވެހި ދައުލަތާ މެދުގައި އުފެދިފައިވާ އިޚްލާޞްތެރިކަން ހާމަކުރެއްވުމުގެ ގޮތުން ފާޅުކުރެއްވި ޝުޢޫރުތަކެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް ތެދުވެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، ދަތުރުގެ ޕްރޮގްރާމް ކަނޑައެޅިފައިވާ ގޮތުގެ މަތިން އެތައް ރަށަކަށް ދާންޖެހިފައި ވުމާއެކު، އެއްވެސް އެއް ރަށެއްގައި، މާގިނަ ވަގުތެއް އަޅުގަނޑަށް ހޭދަކުރެވޭކަށްނޯވޭ. އެހެންވުމާއެކުގައި، އަޅުގަނޑުގެ ހެޔޮއެދުންތައް މިރަށުގެ ރައްޔިތުންނަށް ރައްދުކުރަމުން ވާހަކަކޮޅު ނިންމާލަނީ.
 

          والسّلام عليكم ورحمـة اللّـه وبركاته.