بســم اللّـه الرّحمـن الرّحيــم
 
                   اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މިރޭ އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، ފުލުހުންގެ މުއައްސަސާއަށް 83 އަހަރު ފުރިގެންދާއިރު، މި މުއައްސަސާގައި އެކި ދުވަސްވަރު ޚިދުމަތް ކުރެއްވި އެންމެހައި ފުލުހުންނަށް، ފުލުހުންގެ އޮފިސަރުންނަށް އަދި ފުލުހުންގެ ޢާއިލާތަކުގެ އެންމެހައި މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ތަހުނިޔާ ދެންނެވުން.
 
އާދެ، މުއައްސަސާއަކަށް 83 އަހަރު ފުރިގެންދާއިރު، އެ މުއައްސަސާގެ އެހާ ދިގު ޙަޔާތެއް ނިމިގެންދާއިރު، މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުންނާނެ. ކޮންމެ މުއައްސަސާއަކީވެސް އެއްދުވަހެއްގެ ތާރީޚުން އަނެއް ދުވަހު ޢިބްރަތް ހޯދާ މުއައްސަސާއަކަށް ވެގެންދާނެ.
 
އާދެ، ފުލުހުންގެ މުއައްސަސާއަކީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މަތިވެރި އިންސާނީ ޚިދުމަތްތަކެއް ކުރާ މުއައްސަސާއެއް. ބޭރު ދުނިޔޭގައި ފުލުހުންގެ މުއައްސަސާގެ ޚިދުމަތް ފާހަގަކުރެވެނީ، އިންސާނިއްޔަތަށް ޚިދުމަތްކުރާ އެންމެމަތީ ފަންތީގެ ޚިދުމަތުގެ ތެރޭގައި. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުގައި، އިންސާނިއްޔަތަށް ޚިދުމަތްކުރާ އެންމެމަތީ ފަންތީގެ ގިންތީގެ މީހުންނަކީ، މެޑިކަލް ޕްރޮފެޝަންގައި މަސައްކަތް ކުރައްވާ ބޭފުޅުން. އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭނެ، ސަރޖަރީ މޭޒުމަތީގައި ޑޮކްޓަރެއްގެ އަތްދަށުގައި ސަރޖަރީއެއް ޕަރފޯމް ކުރަމުންދާއިރު، އޭނަގެ ޢާއިލާގެ މީހުން ތަޙައްމަލް ކުރާނެ ހިތްދަތިކަމާއި، އަދި އެ ޢާއިލާގައި ހުންނާނެ އެންޒައިޓީ. ހަމައެގޮތަށް، ފުލުހުންގެ ޚިދުމަތަކީ އަދި ފުލުހުންގެ ޚިދުމަތުގައި އުޅުއްވާ ބޭފުޅުންނަކީ، އިންސާނިއްޔަތަށް ޚިދުމަތްކުރާ ބަޔަކަށްވެގެން މިދަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކޮންމެ ފުލުހަކީ، އެމީހާގެ ޒިންމާ އަދާކުރަން މަސްއޫލިއްޔަތަށް ނުކުންނައިރު، ޢާއިލާއާ ވަކިވެގެން އަންނަނީ، އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތުގައި، ފުލުހެއްގެ ފުރާނަޔަށް ނުރައްކާތެރިވެދާނެ ޙާލުގައި، އެކަން ގަބޫލުކޮށްގެން، ޒިންމާ އަދާކުރުންމަތީގައި ދެމިހުރުމަށް. އެހެންވެގެން، ފުލުހުންގެ ޚިދުމަތަކީ އެހާ ވަރުގަދަ ޚިދުމަތަކަށްވެގެން މިދަނީ.
 
އާދެ، ރާއްޖެއަކު އެކަންޏެއް ނޫން، ފުލުހުންނަކީ ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދޭ ބައެއް. އަދި ރައްޔިތުންގެ ހަމަޖެހުމަށް އެންމެ އިސް ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި މި ތިބެނީ ފުލުހުން. ފުލުހުންނަކީ ތަނުގެ އަމަންއަމާންކަމާއި، މަޞްލަޙަތާއި ޞުލްޙަ ދަމަހައްޓައި އަދި ޤާނޫނު ނަގަހައްޓަން އެންމެ އިސް ސަފުގައި ރައްޔިތުންނާއެކީ މަސައްކަތްކުރާ ފަރާތް. ކޮންމެ މުޖުތަމަޢެއްގެ ތެރޭގައިވެސް ޓެންޝަން، ނޫނިއްޔާ ހިތްނުތަނަވަސްކަމުގެ އިޙްސާސްތައް އަންނަ ވަގުތުތައް މަދެއްނުވާނެ. މިއީ، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިކަން އޮތްގޮތް. މިއީކީ ހަމައެކަނި މީގެކުރީގެ އަހަރުތަކުގެ ތެރޭގައި މިކަން އޮތްގޮތެއްވެސް ނޫން. މިހާރުވެސް ހަމަ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް މިކަން އޮތީ މިހެން.
 
އާދެ، ޤާނޫނު ދަމަހައްޓަން ކުރާ މަސައްކަތުގައި، ކޮންމެ ރައްޔިތަކު އަހާ ސުވާލަކީ، ކުރާ ސުވާލަކީ، ތިމަންނައަށް ލިބިފައި މިއޮތް މިނިވަންކަމުގެ ތެރެއިން ކިހާވަރެއް ތިމަންނަ ދޫކޮށްލަން ތައްޔާރަށްތޯ މިހިރީ، ރީޒަނަބްލް ޕްރޮޓެކްޝަނެއް، ނޫނިއްޔާ އެކަށީގެންވާ ޙިމާޔަތެއް މުޅި މުޖުތަމަޢު ޙިމާޔަތް ކުރުމުގެ ނަމުގައި ހޯދުމަށް. އާދެ، ޓެންޝަން މި އުފެދެނީ ޤާނޫނު ދަމަހައްޓަން. ޤާނޫނު ދަމަހައްޓަން ކުރާ މަސައްކަތާއި އަދި އަމިއްލަ ފަރުދީ މިނިވަންކަމަށް އެޅޭ ހުރަސްތަކާ ދޭތެރޭގައި އުފެދޭ ބެލެންސް. މިކަން ކޮށްދޭ ބައެއްގެ ގޮތުގައި މި ތިބެނީ ފުލުހުން. އެހެންވީމާ، ފުލުހުންގެ މަސައްކަތުގައި، ރައްޔިތުންނާ ކުރިމަތިލާންޖެހޭ ފަހަރުފަހަރު އަދި ޤާނޫނު ދަމަހައްޓަން ކުރާ މަސައްކަތުގައި، ހުރިހާ ފަހަރު ރައްޔިތުންގެ ރުހުމެއް ނުލިބޭނެ. ރައްޔިތުންގެ ޙައްޤުތަކެއް ހަނިވެގެން މިދަނީ، ޤާނޫނުން ހަމަ އެ ރައްޔިތުންނަށް އެ ލިބޭ މިނިވަންކަމުގެ ޙައްޤުތައް ލިބޭ ފަދައިން، އެ މިނިވަންކަން ޙާލަތްތަކެއްގައި ނިގުޅައިގަތުމުގެ ޙައްޤު، އެ ޤާނޫނުތަކުން ޤާނޫނާ އެއްގޮތަށް ފުލުހުންނަށް ދޭތީ. މިޒަމާނުގައި ޑިމޮކްރަސީގައި، ޑިމޮކްރެޓިކް ޕޮލީސިންގ މި އަންނަނީ މި އިސްޠިލާޙާ އެކީގައި. އެހެންވީމާ، ފުލުހުންނަކީ ޤާނޫނަށް ތަބާވާ، ޤާނޫނާއެކީ މަސައްކަތްކުރާ ބައެއް. ފުލުހުންނަކީ ޤާނޫނަށް އެކައުންޓެބްލްވާ ބައެއް. ފުލުހުން އުފައްދަނީ ޤާނޫނުން. ފުލުހުންނަށް ލިބޭ ބާރުތައް ލިބެނީ ޤާނޫނުން. އަދި ހަމައެހެންމެ، ފުލުހުން ބޯލަނބައި ކިޔަމަންތެރިވާން މިޖެހެނީވެސް ޤާނޫނަށް.
 
 މުޖުތަމަޢުގެ ތެރޭގައި މި އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި، އަބަދުވެސް މި ނުކުންނަ މައްސަލައަކީ، އެއްކޮޅުގައި މިއޮތީ ފަރުދުންގެ ފަރުދީ ޙައްޤުތައް، މިނިވަންކަން. އަނެއްކޮޅުން އެ މިނިވަންކަމަށް ހުރަސްއެޅޭ ޙާލަތްތައް މެދުވެރި މިވަނީ ފުލުހުންގެ ފަރާތުން ކަމުގައިވާތީ. އެހެންވީމާ، ފުލުހުންނާއި މުޖުތަމަޢުގައި ހިމެނޭ ރައްޔިތުންނާ ދޭތެރޭގައި އުފެދޭ ޓެންޝަން އުފެދިގެން މިދަނީ. ފުލުހުން މަސައްކަތް ކުރަން އަބަދުވެސް މިޖެހެނީ މިޒަމާނުގެ މުޖުތަމަޢުތަކުގައި، އިންސާނީ ކަރާމާތަށް އިޙްތިރާމާއެކީ، އިންސާނީ ޙުރްމަތަށް ޤަދަރުކުރުމާއެކީ. ފުލުހެއްގެ ޒިންމާ، ފުލުހެއްގެ ވާޖިބު އެންމެ ރަނގަޅަށް އަދާކުރެވޭ ކަމުގައި މިވަނީ، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމާއެކީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރީމަ. މީގެ 30، 40 އަހަރު ކުރިން، ފުލުހުންގެ މުއައްސަސާތައް، ދުނިޔޭގެ އެކި ތަންތަނުގައި އުފެދިފައި ހުންނަނީ، އެކިއެކި ދައުލަތްތަކުގެ ބާރުގަދަ، ނޫނީ ބާރުހުރި ފަރާތްތައް ޙިމާޔަތް ކުރުން ކަމުގައި ވެދާނެ. އެކަމަކު މިއަދުގެ ދުނިޔޭގައި ޑިމޮކްރެޓިކް ޕޮލީސިންގ، މި އިސްޠިލާޙުތަކަށް ހުރިހާ ޤައުމުތަކެއްގައި، އެއްވަނަ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި އަދި ދިވެހިރާއްޖޭގައިވެސް މިކަން އޮތީ މިގޮތަކަށް ނޫން. ފުލުހުން ޙިމާޔަތް ކުރާނީ ޤާނޫނުއަސާސީން ފުލުހުންނަށް މަތިކޮށްފައި ހުރި ޒިންމާތައް. ފުލުހުން ޙިމާޔަތް ކުރާނީ ރައްޔިތުންގެ މުދަލާއި، ރައްޔިތުންގެ ފުރާނަ. ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރަން މި އެނގެނީ، ޙަޤީޤަތުގައިވެސް ނުރައްކާތެރި ކަންތައްތަކާ ރައްޔިތުން ކުރިމަތިލާއިރު، ފުލުހުންގެ މަސްއޫލިއްޔަތު އުފުލާ ފުރިހަމަކަމުން. ޢާންމު ޙާލަތެއްގައި ފުލުހުން ކުރާ ކަންކަމުގެ ތެރޭގައި، ފުލުހުންނަކީ ކިހާ ޚިދުމަތްތަކެއް މުޖްތަމަޢަށް ކޮށްދޭ ބައެއް ކަމެއް، އަޅުގަނޑުމެން ދުވަހުން ދުވަހަށް މިކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލަކަށް ނާރާ. އަޅުގަނޑުމެންނަކަށް އެޕްރިޝިއޭޓެއް ނުކުރެވޭ.
 
ފުލުހުންގެ މަސައްކަތް އެންމެ ލުއިވެގެންދާނީ، ފުލުހުން ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް އެކަށައަޅާ ޤާނޫނުތަކެއް ހުރެގެން. އަދި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފުލުހުން އެކުރާ ކަންތައްތަކުގައި، ކުށުގެ އަދަބު ލިބޭ މީހުންގެ ހުރިހާ ކަމެއް ޤާނޫނުގައި ޞަރީޙަކޮށް ބަޔާންކުރެވިގެން. އަދި ޢަދުލު ހޯދުމުގައި، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރީޢަތުގެ މަޖިލީހުގައި ކަންކަން އަވަހަށް ނިމިގެން. އެހެންވީމާ، ފުލުހުންގެ މަސައްކަތަކީ ހަމަ ޙަޤީޤަތުގައިވެސް މުޖުތަމަޢުގެ ތެރޭގައި އުދާސްކަން، ހިތްނުތަނަވަސްކަން އުފައްދައިދޭ މަސައްކަތެއް. އެހެންނަމަވެސް، ފުލުހުން ކުރާ މަސައްކަތް އެޕްރިޝިއޭޓް ކުރުމަށް އެންމެ ހިނދުކޮޅަކުވެސް ހުއްޓިލައި ފަސްއެނބުރި ބަލައިލައިފި ކަމަށްވަންޏާ، ފުލުހުންގެ ޚިދުމަތަކީ އެއްވެސް ޤައުމެއްގައި ދެވަނައެއް ނެތްފަދަ ޚިދުމަތެއް. އެހެންވެގެން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި، ފުލުހުންނަކީ އެންމެ ޒިންމާދާރުކަމާއެކީ، އެންމެ އިސް ފަންތީގައި މަސައްކަތްކުރާ މީހުން ކަމުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ގަބޫލުކުރެވެމުން ދަނީ.
 
ފުލުހުން ކުރާ މަސައްކަތްތަކުގައި ފުލުހުންނަށް އެންމެ ފަސޭހަވެގެންދާނީ، ޝައްކެއްވެސްނެތްގޮތުގައި، ޤާނޫނުތަކެއް ހުރުމާއެކީ، ބަސްއަހާ، ކިޔަމަންތެރި މުޖުތަމަޢެއް އޮވެއްޖިއްޔާ. ބަސްއަހާ، ކިޔަމަންތެރި މުޖުތަމަޢެއްގެ ވާހަކަ، މިއަދުގެ ޙާލަތުގައި ދިވެހިރާއްޖޭގައި ދެއްކުމަކީ ފަސޭހަކަމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަކީ ބަސްއަހާ، ކިޔަމަންތެރި ބަޔަކަށްވާން މިޖެހެނީ، ޤާނޫނުގެ ކުރިމަތީގައި އަދަބު ލިބުމުގައި، ޖިނާއީ ޢަދުލު ޤާއިމުކުރުމުގައި، އަޅުގަނޑުމެން އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނަމަ. ބަސްއެހުމަކީ ޤާނޫނާ ޚިލާފަށް ކަމެއް ކުރެވިއްޖެ ކަމަށްވަންޏާ، އޭނައަށް އަދަބު ލިބޭނެކަން ހިތުގެ އަޑިން ގަބޫލުކޮށް، އެކަން ގަބޫލުކުރުން. ބަސްއަހާ ބަޔަކު އުޅޭ ކަމަށްވަންޏާ، ފުލުހުންގެ މަސައްކަތް، ޝައްކެއްވެސްނެތްގޮތުގައި ފަސޭހަ.
 
ފުލުހުންނާ ދިމާއަށް އަމާޒުކުރެވޭ ގިނަ ކަންތައްތަކެއް އަންނައިރު، މިޔާއެކީ ފުލުހުން އެކަންކަމުގައި، އެ ޙާލަތްތަކުގައި ޢަމަލުކޮށްފައި ހުންނަ ގޮތްތަކާ ދޭތެރޭގައި ދިވެހި ރައްޔިތުން، އެ ޤައުމެއްގެ ރައްޔިތުން ވިސްނާލުމަކީ ޖާއިޒު ކަމެއް. ކުރަންޖެހޭ ކަމެއް. ފުލުހުންގެ މަސައްކަތް ފަސޭހަވެގެނެއް ނުދޭ، 2015 ވަނަ އަހަރު، މިދިޔަ އަހަރު މެއި މަހުގެ އެއްވަނަ ދުވަހު ހިނގައިދިޔަ މުޒާހަރާއަކުން. މުޒާހަރާ ކުރަނީ ޤާނޫނުއަސާސީގައި ލިބޭ އެއްވެއުޅުމުގެ ޙައްޤާއި، އަޑުއުފުލުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ތެރެއިން. އެކަންކަމުގެ ތެރޭގައި، ހަމަ އެ ޤާނޫނުތަކުން ލިބޭ ޙައްޤުތަކަށް އަރައިގަތުމުގެ އިޚްތިޔާރެއް، މި އިޚްތިޔާރު ލިބޭ ފަރާތްތަކަކަށް ލިބިގެނެއްނުވޭ. އެހެންވީމާ، ޤާނޫނަކީ ޗެކް އެންޑް ބެލެންސް އޮންނަ ނިޒާމެއް. މުޒާހަރާ ކުރުމަކީ އެންމެ ރަނގަޅު ކަމެއް، ހުއްދަ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުގައިވެސް މުޒާހަރާ ކުރަން ޖާގަދޭ. މުޒާހަރާ ކުރާނެ އުޞޫލުތައް އެހެރީ މުޒާހަރާ ކުރުމުގެ ޙައްޤު ލިބިދޭ ޤާނޫނުތަކުގައި، އެ ޤާނޫނުތަކުގެ ދަށުން ހެދޭ ގަވާއިދުގައި ކަނޑައަޅައިދީފައި. މުޒާހަރާ ކުރާއިރަކު ނުޖެހޭ، ފުލުހުންގެ ސަފުތަކަށް އަރައިގަންނާކަށް، ޕިކަޕް ފުރައި ޕެޓްރޯލް ހަން ހިފައިގެންދާކަށެއް. އެހާހިސާބަށް ދިޔައީމަ، ފުލުހުންގެ މަސައްކަތް ފަސޭހައެއްނުވާނެ. ޤާނޫނާ ޚިލާފަށް، ޤާނޫނަށް އަރައިގަންނަން މިކުރެވޭ މަސައްކަތް ކުރީމަ، މިދެންނެވި ޓެންޝަން އުފެދިގެން ދަނީ.
 
އިންސާނީ ޙައްޤުތަކަށް ފުލުހުން އިޙްތިރާމް ކުރަން، ޑިމޮކްރެޓިކް ޕޮލީސިންގގެ ނިޒާމްތަކުގައި، އިސްޠިލާޙުތަކުގައި އޮންނައިރު، އަޅުގަނޑުމެންގެ ޚިޔާލަށް ނާންނަނީ، ފުލުހުންނަކީ ހަމަ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތް ލިބިގެންވާ ބައެއްތޯ، ނޫންތޯ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން ދަތިވަނީ. މުޒާހަރާތަކުގައި ރާއްޖޭގައި ފުލުހުންނާ ދޭތެރޭގައި ބޭއަދަބީކޮށް، އިހާނަތްތެރިކޮށް ބަސް ބުނެވި، އަދި ކަންކަން ކުރެވޭގޮތް ފެންނައިރު، އަޅުގަނޑު ހިތަށްއަރަނީ، އިންސާނީ ކަރާމާތަކަށް ނޫންބާވައޭ މި އަރައިގަނެވެނީ. އެހެންވީމާ، ފުލުހުންނާ ދޭތެރޭގައި ކަންތައް ކުރާއިރުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ހަމަ ޤާނޫނުއަސާސީން ދިވެހިންނަށް ލިބޭ ޙައްޤުތަކެއް، ރައްޔިތުންނަށް ލިބޭ ޙައްޤުތަކެއް، އިންސާނީ ޙައްޤު، މި ދެންނެވި ޙައްޤުތަކަކީ ފުލުހުންނަށް ލިބޭ ޙައްޤުތަކެއް. އެހެންވީމާ، ރާއްޖޭގައި ކަންކަން ކުރެވޭގޮތުން، އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތް އޮންނަނީ ހަމައެކަނި ޔުނީފޯމްގައި ނުތިބޭ ދިވެހި ރައްޔިތުންނަކަށް ނޫން. ޔުނީފޯމްގައި ތިބޭ ޙާލަތްތަކުގައިވެސް ހަމަ އިންސާނީ ކަރާމާތަކީ އޮންނަ އެއްޗެއް. އެހެންނަމަވެސް، އެޔާއެކީވެސް ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ކޯޝަންކޮށްލަން އަޅުގަނޑު ހަމަ ބޭނުންވެސްވޭ. ޤާނޫނުން ބާރު ލިބޭ ފަރާތުން، އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަނެވިދާނެ ކަމަށް އަބަދުވެސް ވިސްނަންވާނެ. އަބަދުވެސް ވިސްނަންވާނެ. ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށްވާން މިޖެހެނީ މިދެންނެވި ސަބަބުތަކަށްޓަކައި. ފުލުހުންގެ ތެރޭގައި އެންމެ ވަރުގަދަވާންޖެހެނީ، ފުލުހުންގެ އިންޓަރނަލް ކޮންޓްރޯލް ޑިޕާޓްމަންޓްތައް. ކޮންމެ މުއައްސަސާއެއްގެވެސް ވީޑް އުޅޭނެ، ފަނި އުޅޭނެ، ގޯސް ކަންތައް ހިނގާނެ. އިނގިރޭސިބަހުން ޢާންމު ޓަރމިނޮލޮޖީގައި ބޭނުންކުރާގޮތަށް، ވީޑް އައުޓް ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރެވޭނީ އިންޓަރނަލް ކޮންޓްރޯލް ޑިޕާޓްމަންޓްތައް ވަރުގަދަވެގެން. އެހެންވީމާ، އަޅުގަނޑުމެންގެ ފުލުހުންގެ މުއައްސަސާއަކީ އިސްތިސްނާ މުއައްސަސާއެއް ނޫން. ފުލުހުންގެ ޑިމޮކްރެޓިކް ޕޮލީސިންގގެ އިސްޠިލާޙަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައިވެސް ފުލުހުން ޢަމަލުކުރާގޮތަކީ، އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް ފުލުހުން ޢަމަލުކުރާގޮތް. މިސާލު، ޚިޔާލަށް ގެންނަވާ. ދިވެހިރާއްޖޭގައިވެސް މީހަކު ހިފައި ހައްޔަރުކޮށް 24 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓާ ކަމަށްވަންޏާ، ކޯޓް އޯޑަރެއް ހޯދައިގެން ނޫނިއްޔާ ފުލުހުންނަކަށް އެކަމެއް ނުކުރެވޭނެ. އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް ދިގު މުއްދަތަކަށް މީހުން ޑިޓެއިންކުރާ ކަމަށްވަންޏާ، ކޯޓް އޯޑަރު ހޯދައިގެން ނޫނިއްޔާ، އެކަންކަމެއް ނުކުރެވޭނެ. މީހުންގެ ޕްރައިވަސީ އިންވޭޑް ކުރަން މިކުރެވޭ މަސައްކަތުގައި، ފޯނު އަޑުއެހުން ކަހަލަ، ވަޔަރ ޓެޕިންގ ކަންތައްތަކުގައި، ބޭރު ދުނިޔޭގައިވެސް މިކަން އޮންނަނީ މިގޮތަށް. ދިވެހިރާއްޖޭގައިވެސް މި އޮންނަނީ އެކަންކަން އެގޮތަށް ކުރާކަމަށްވަންޏާ، ކޯޓް އޯޑަރު ހޯދައިގެން އެކަންކަން ކުރެވޭނީ. އެހެންވީމާ، އަޅުގަނޑުމެން އެއްވަނަ ދުނިޔޭގެ ޤައުމުގައި ހުރި ޑިމޮކްރެޓިކް ޕޮލީސިންގގެ އެތައް ބައިވަރު ސިފަތަކެއް އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ޕޮލިސް ސަރވިސްގައި އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަދިވެސް ޚިޔާލަށް ގެނެވެނީ، އަބަދުވެސް ނަމޫނާ މި ދެއްކެނީ، ހިނގާ ގޯސް ކަންތައްތަކުގެ ތެރެއިން. ދެންމެ އެސިސްޓެންޓް ކޮމިޝަނަރު ޢަބްދުލް މަންނާންގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންތައްތަކުގެ ވާހަކަ ދައްކާ ފަދައިން، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރަނގަޅަށް ކުރެވޭ ކަންތައްތަކުގެ ވާހަކަ އަޑުއަހާލީމަ، މިދެންނެވި ގޮތަށް އަޅައިކިޔާލަން ފަސޭހަވާނީ. މިހާރު ދުނިޔޭގައި ފުލުހުންގެ މުއައްސަސާތަކުގައި މުއައްސަސާ ހަރުދަނާ ކުރަން ކުރާ މަސައްކަތަކީ، މުޅި މަސައްކަތަކީ، އިންސާނީ ކަރާމާތަކީ އޭގެ ޑިނޯމިނޭޝަން، ނޫނީ އޭގެ ބޭސް ކަމަށް ބަލައިގެން ކުރެވޭ މަސައްކަތްތައް. އެހެންވެގެން އިންސާނީ ޙައްޤުތަކަށް އެހާބޮޑަށް އިޙްތިރާމް ކުރަން މިޖެހެނީ. ފުލުހަކު ކުރާ ކޮންމެ ކަމަކުން އެހެން މީހެއްގެ ޙައްޤަކަށް އުނިކަމެއް އަންނާނެކަން، ހުރަހެއް އަންނާނެކަން ގަބޫލުކުރަންޖެހޭނެ.
 
ފުލުހުންނަކީ މިހެން ހިނގާ ކަންކަމުގައި އަމިއްލަ ފަރާތްތަކާއި ނޫނީ އެންމެ ފުރަތަމަ ރައްޔިތުންނާ ކުރިމަތިލާ ފަރާތް. އެހެންވީމާ، ކުރެވޭ ކޮންމެ ކަމެއްގައި، މުޢާމަލާތް ކުރުމުގައިވެސް އަދި އެނޫން އެހެން ކަންކަމުގައިވެސް ހަމަ ފުލުހުން ކުރާ ކަންކަމުގެ ތެރޭގައި، ޤާނޫނާ ޚިލާފަށް ކަމެއް ކުރެވުނީ. އެހެންވެގެން ޕްރޮފެޝަނަލް ވާންޖެހެނީ. އެހެންވެގެން ފުލުހުން، އެހެން ޤާނޫނުތައްވެސް އަދި އިންސާނީ ޙައްޤާއި ކަރާމާތުގައި ހިމެނޭ ކަންކަންވެސް ފުލުހުން ދަސްކުރަން މިޖެހެނީ. ހަމައެޔާއެކު ފުލުހުންގެ މަސައްކަތް ފަސޭހަވެގެންދާނެ ކަންކަމުގެ ތެރޭގައި، މި ހިމެނެނީ މިދެންނެވި ގޮތަށް ފުލުހުންގެވެސް އިންސާނީ ޙައްޤުތަކެއް އޮންނާނެ ކަމަށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބަލައިގަންނަން ފަސޭހަވެ، އަދި އެކަން ގަބޫލުކުރަން ފަށާ ހިސާބު. އެހެންވީމާ، ދިވެހިރާއްޖޭގައި މިއޮތް ޑިމޮކްރެޓިކް ޕޮލީސިންގއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަން އޮތްގޮތް.
 
ޑިމޮކްރެޓިކް ޕޮލީސިންގގެ އިސްޠިލާޙަށް ބަލާކަމަށްވަންޏާވެސް މީގައިވެސް އެބައުޅޭ ދެކަފިވާ ކަންކަން. ފަރަންސޭސިވިލާތް ކަހަލަ، ވަރަށް ޓަރބިއުލަންޓް، މިޒަމާނުގެ ތާރީޚު ހުރި ތަންތަނުގައި. އެއީ ވެރިކަމުގައި ތިބޭ ފަރާތްތަކާއި އަދި ކިޔަމަންތެރިކަން އަދާކުރަންޖެހޭ، ރައްޔިތުންނާ ދޭތެރޭގައި އަބަދުއަބަދު ހަނގާކުރުމާއި ކުރިމަތިލުން ހިނގާފައި ހުރި، ތާރީޚުތަކުގައި ހުންނަ ކަންތައްތަކުގައި، އަބަދުވެސް އިސްކުރެވެނީ މުޅި މުޖުތަމަޢުގެ މަޞްލަޙަތު. ފަރުދީ ޙައްޤަށްވުރެ އިސްކުރެވެނީ މުޅި މުޖުތަމަޢުގެ މަޞްލަޙަތު. އެހެން ބައެއް ޤައުމުތަކުގައި، ޕޮލީސިންގގެ މަސައްކަތުގައި، ފަރުދީ ޙައްޤަށް އިސްކަންދެވޭ. އެހެންނަމަވެސް، އޭގައި ކޮން ތަނެއްގައިތޯ، އެންމެ ނަމޫނާ ޕޮލީސިންގ މިއޮތީ، އެއީ ހަމަ އެކެޑަމިކް ޑިބޭޓަށް ހުޅުވައިލެވިފައި އޮތް ކަންކަން.
 
ދާދި މިދާކަށް، ދެތިން އަހަރުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަށް ބަލާކަމަށްވަންޏާ، އެމެރިކާގައިވެސް އެންމެ ބޮޑު ޓެންޝަނެއް މިއޮތީ ޕޮލީސިންގއާ ދޭތެރޭގައި. ރައްޔިތުންނާއި ޕޮލީސިންގއާ ދޭތެރޭގައި އޮތް ޓެންޝަން، އެމެރިކާގައިވެސް ކުޑައެއް ނޫން. އޭގެތެރޭގައި ބޭނުންކުރެވިފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އެމެރިކާގައި ދިމާވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، އެބަހުރި މަދަނީ ޙައްޤުތައް ނިގުޅައިގަންނަން، ނޫނީ ހަނިކުރާ ޤާނޫނުތަކުން ލިބިދޭ ބާރު، އެމެރިކާގައި އެބަހުރި، އެންމެ ރަނގަޅު ގޮތް ނޫން ގޮތްގޮތަށް ބޭނުންކުރެވިފައި. މީގެ ލިޓްރެޗަރ، މިޒަމާނުގެ ލިޓްރެޗަރއަށް ބަލާކަމަށްވަންޏާ، ސްނޯޑްންގެ ހިނގާފައި ހުރި ސްޕައި ނެޓްވަރކްގެ މަސައްކަތްތަކަކީ، މިދެންނެވި ކަންކަމަށް ޓެސްޓިމަނީ ލެންޑްކުރާ ކަންކަން. އޭގެތެރޭގައި ފެނިގެން މިދަނީ، އެންމެ މިޒަމާނުގެ ޑިމޮކްރަސީތަކުގައި، އަދި އަޅުގަނޑުމެން އަޑުއަހާ އެންމެ ބޮޑަށް ޗެކް އެންޑް ބެލެންސް ހުންނަ ތަންތަނުގައިވެސް މިކަހަލަ އެބިއުސިވް ޕްރެކްޓިސަސް ހުރޭ. ދިވެހިރާއްޖެއެއް ނޫން މިކަންކަން އުފަންކުރާ ތަންތަނަކީ. އަދި އެމެރިކާގައި ޕޮލީސިންގގެ ތެރޭގައި މި ދިމާވެފައި ހުންނަ އިތުރު މައްސަލަތަކުގެ ތެރޭގައި، މި ދެންނެވި މައްސަލައިގެ އިތުރަށް ދިމާވެފައި ހުރި ކަންކަމުގެ ތެރޭގައިވެސް، މީހުން ހުއްޓައި، ފްރީޒް ކުރުމާއި ސަރޗް ކުރުމުގެ ތެރޭގައި އެކްސެސިވް ޕަވަރސް، ނޫނިއްޔާ ގަވާއިދުން ކުރަންޖެހޭ ވަރަށްވުރެ އިތުރަށް ކަންކަން ކުރެވިފައި ހުންނަ ކަމަށް އެމެރިކާ ރައްޔިތުން ގަބޫލުކުރޭ. އަދި އެމެރިކާގައި މިކަންކަން ބަލަހައްޓާ ނިޒާމްތަކުގައި ތިބި މީހުން ގަބޫލުކުރޭ. އެތަންތަނުގައިވެސް އެ ހުންނަނީ އިންސާނީ ކަރާމާތަށް ބަލައިނުލެވި، ދެވިފައި ހުންނަ ޤާނޫނީ އިޚްތިޔާރު، އިޚްތިޔާރުން ބޭރުގައި ބޭނުންކުރެވިފައި. މިހާރު ބައެއް ޔުނިވަރސިޓީތަކުގައި، ހަމަ އެކަޑަމިކް ކޯސް ކަރިކިއުލަމްގެ ތެރޭގައި، ''ޑިމޮކްރެޓިކް ޕޮލީސިންގ'' މިއޮތީ މާއްދާ ތަޢާރުފްކޮށްފައި. އޭގެ ބޭނުމަކަށްވަނީ، ހަމައެކަނި ޕޮލިސް ސަރވިސް އަށް ނުކުންނަ މީހުންނަށް ޑިމޮކްރެޓިކް ޕޮލީސިންގ ދަސްކޮށްދިނުމެއް ނޫން. އޭގެ ބޭނުމަކަށް ވަނީ ސިވިކް އެޑިޔުކޭޝަންގެ ތެރެއިން ޢާންމު ރައްޔިތުންނަށްވެސް ޑިމޮކްރެޓިކް ޕޮލީސިންގއަކީ ކޮބައިކަން ދަސްކޮށްދިނުން.
 
ނިޒާމެއް ފުރިހަމަވެގެންދާނީ، އެކައުންޓެބްލް ކުރުވަން ތިބި ފަރާތްތަކާއި، އެކައުންޓެބްލް ވާން ތިބި ފަރާތްތައް، އެ ޤާނޫނާއި އެ ނިޒާމް ދަސްކޮށްގެން. އަދި އެބަޔަކު ޒިންމާ އެބަޔަކު އުފުލަންޖެހޭ މިންވަރަށް އުފުލައިގެން. ފުލުހުންގެ މަސައްކަތް، އެހެންވެގެން ފަސޭހަ ނޫނޭ މިދެންނެވީ، މިދިޔަ އަހަރުގެ މެއި 1 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު. ދުނިޔޭގެ އެހެން ޤައުމުތަކުގައި މުޒާހަރާކުރާގޮތް އަޅުގަނޑުމެންނަށް ފެނޭ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި އެއްވާ ސަރަޙައްދުތަކާއި، އެއްނުވެވޭ ސަރަޙައްދުތައް އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމާ، ރާއްޖެ އިސްތިސްނާވާންޖެހޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. ރާއްޖެއަށް އެއަށްވުރެ މާ އަމާން، ހަމަޖެހޭ، އެއް ނަސްލެއްގެ ބައެއް އުޅޭ، އެއްބަނޑުއެއްބަފާ ބައެއް އުޅޭ ތަނެއް. ހަމަ ދިމާވާ މައްސަލައަކީ، ޤާނޫނުތަކަށް ތަބަޢަވާން ބޭނުންނުވާ މީހުން، މަދުން ނަމަވެސް ރާއްޖޭގައި އުޅޭތީ. އަދި އެ މަދު ބަޔަކީ އެބަޔަކު އެކުރާ މަސައްކަތުން އިތުރު ބައެއް އޭގެތެރެއަށް ގެނެސް، ހަލާކުގެ މަގު އިޚްތިޔާރު ކުރަން ޖާގަ ހޯދައިދޭ މީހުން.
 
އެމެރިކާގައި ޑިމޮކްރެޓިކް ޕޮލީސިންގގެ ނިޒާމުގެ ތެރޭގައި ހުރި ފްލޯސް، ނޫނިއްޔާ ހުރި ބާގަނޑުތަކުގެ ވާހަކަ މިހާރު އެމެރިކާގައި އެ ދައްކަނީ. އަދި އަބަދުވެސް ފުލުހުންގެ މުއައްސަސާއަކީ އިޞްލާޙު އަންނަންޖެހޭ މުއައްސަސާކަން އެމެރިކާގައިވެސް ގަބޫލުކުރޭ. އަދި އެހެން ޤައުމުތަކުގައިވެސް ގަބޫލުކުރޭ. ދިވެހިރާއްޖޭގައިވެސް، ފުލުހުންގެ މުއައްސަސާ އިޞްލާޙު ކުރަން ކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން ކުރަންހުރި ކަންތައްތައް މަދެއް ނޫން. އެހެންނަމަވެސް، އެޔާއެކީ ފުލުހުން ކުރައްވާ މަސައްކަތަށް، ފުލުހުންނަށް ކްރެޑިޓް ދޭންޖެހޭ. އެޕްރިޝިއޭޓް ކުރަންވެސްޖެހޭ. އެހެންނަމަވެސް، އަބަދުވެސް އަބަދުވެސް ކުރާ މަސައްކަތަކީ، އެއް އަހަރަށްވުރެން އަނެއް އަހަރު އެ މަސައްކަތުގައި ކުރިއަށްދާން މަސައްކަތްކުރާ ބަޔަކު، އުންމީދުކުރާ ބަޔަކު ތިބި މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވާންޖެހޭ. ފުލުހުންގެ މަސައްކަތް މިހާރު މިއޮތް ޖިނާއީ ޢަދުލުގެ ނިޒާމްގައި ތަޙުޤީޤު ކުރުމާއި، މިކަންކަން، ޤާނޫނުތަކުގައި ލިޔެވިފައި ހުރިގޮތުން ފުލުހުންގެ މުއައްސަސާއިން މިކުރާ މަސައްކަތް އެންމެ ހަރުދަނާވެގެން ދިޔުމަށް ބޭނުންވާ އެއްކަމަކީ ޓެކްނޯލޮޖީއަށް އަންނަ ބަދަލުތަކާއެކީ، ފުލުހުންނަށް މި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުވެފައި ހުރުން. މުޅި މާލެ އެކަންޏެއް ނޫން. ބޮޑެތި އާބާދީ ހުރި ހުރިހާ ތަންތަނަކީ، ހުރިހާ ތަންތަނަކީ ޒޯން ކުރެވިގެން، ސީ.ސީ.ޓީ.ވީ ކެމެރާއިން ވޮޗްކުރެވޭ ތަންތަން، ނޫނީ ބެލޭ ތަންތަނަށްވާން އެބަޖެހޭ. ކެމެރާ ހަރުކުރުމަކީ ފަސޭހަކަމެއް. ކަމެއް ދިމާވާއިރު، ކެމެރާ މަރާމާތަށް ނައްޓާލީމަ، އެއީ މައްސަލައަކީ. މާލޭގައިވެސް އެކަން ދާދި އެކަހަލަ ގޮތަކަށް ހިނގާފައި މި ހުންނަނީ. ކެމެރާ ހަރުކޮށްފައި ހުންނަ ތަންތަނުގައި ކެމެރާ ހަރުކުރޭ. ހަމަ އޭގެއިތުރަށް، ޑްރޯންފަދަ ވަސީލަތްތައް ބޭނުންކޮށްގެން، ފުލުހުން ކުރާ މަސައްކަތްތަކުން ފުލުހުންނަށް ލިބޭ ކުރިއެރުންތައް ގިނަގުނަ.
 
ކުރީގައި ތަޙުޤީޤުގައި ކަންކަން ކުރާ އުޞޫލަކުންނެއް ނޫން މިހާރު އެކަންކަން ކުރަނީ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ޓްރެފިކްގެ މައްސަލަތައް ޙައްލުކުރަން ޕްލޭޓް ރީޑިންގ، ނޫނިއްޔާ މިދެންނެވި ގޮތަށް އެސް.އެމް.އެސް. އިން ޖޫރިމަނާ ފޮނުވުމާއި، އަދި ޖޫރިމަނާއަށް ފައިސާ ދެއްކުމާއި، އަދި ޖޫރިމަނާ ކޮށްފިކަން އެނގޭނެ ނިޒާމްތައް ތަޢާރުފް ކުރީމަ، ފުލުހުންގެ މަސައްކަތް ޝައްކެއްވެސްނެތްގޮތުގައި ފަސޭހަވެގެންދޭ. އަދި އިފެކްޓިވް ވެގެންދޭ. އެކަމަކު މިޔާއެކީ ރައްޔިތުންވެސް މިކަންކަމުގައި ފައިތިލަ ހަމަކުރަން އެބަޖެހޭ. އެހެންވީމާ، ފުލުހުންގެ މަސައްކަތަށް ލިބޭނޭ އެންމެބޮޑު ކުރިއެރުމަކީ، އެންމެބޮޑު ފަސޭހައަކަށް ވެގެންދާނީ، ޓެކްނޮލޮޖީއަށް މި އަންނަ ބަދަލުތަކުގެ، އޭގެ އެޑްވާންޓޭޖް ފުލުހުން ނަގަން މަސައްކަތް ކުރީމަ. އަޅުގަނޑުމެންގެ ސަރުކާރުން ކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި، ފުލުހުންގެ ވެލްފެއަރއަށް ކަންތައްތައް ކޮށްދިނުމުގެ އިތުރަށް، މިދެންނެވި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރުމާއި، އަދި ފުލުހުންގެ ޓްރޭނިންގ ސެންޓަރު ހެދުމާއި، މިކަންކަމުގެ ތަމްރީނު ދިނުމުގެ ފަސޭހަތައް، ސަރުކާރުން އެކަންކަމުގެ ރިސޯސް ފުލުހުންނަށް ފަހިކޮށްދޭނެ.
 
އާދެ، ފުލުހުންގެ މަސައްކަތްތަކުގެ ތެރޭގައި، އެންމެ ބޮޑަށް އިސްކަންދޭ އެއްކަމަކަށް މި އޮންނަނީ، ނޫނީ އެންމެ ބޮޑަށް އިސްކަންދޭ ކަމަކަށް މި އޮންނަނީ، އިންސާނީ ކަރާމާތަށް، ނޫނީ ހިއުމަން ރައިޓްސްއަށް، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއެކީ މުޢާމަލާތް ކުރުން. ކޮންމެ މީހަކާ މުޢާމަލާތް ކުރާއިރުވެސް، ކަނޑައެޅިގެން ބޮޑު ޖިނާއީ ކުށެއް ކޮށްފައި ނުކުންނަ މީހަކާ ދޭތެރޭގައި، ކުށުގެ ވެށިން އެމީހާޔާ ބައްދަލުވާ ކަމުގައިވިނަމަވެސް، އަދި ހައްޔަރު ކުރެވޭ ކަމުގައިވިނަމަވެސް، އޭނާގެ އިންސާނީ ޙައްޤަށް، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރަން އެބަޖެހޭ. އެއީ، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކައިދޭނެ އެންމެ ރަނގަޅު މިސާލަކީ. އެންމެ ފުރަތަމަ، ރައްޔިތުންނަށް ފެންނަ މިސާލަކަށްވާނީ އެހިސާބުން. އެހެންވީމާ، ފުލުހުން މީހުންނާ ދޭތެރޭގައި މުޢާމަލާތު ކުރާއިރު، ފުލުހުންގެ ހިތްޕުޅަށް އަބަދުވެސް ގެންނަންޖެހެނީ، ފުލުހުން ކުރާ މަސައްކަތްތަކަކީ ޤާނޫނުން ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި ހުންނަ ބާރުތައް ބޭނުންކުރައްވާއިރުވެސް، ޤާނޫނުން މީހުންގެ ޙައްޤުތައް ހަނިކޮށްފައިވާއިރުވެސް، އިންސާނީ ކަރާމާތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއެކީ، މުޢާމަލާތް ކުރުމާއި، މީހުންނާ ދޭތެރޭގައި ކަންކަން ކުރެއްވުން. މިކަންކަމުގައި ދިވެހިރާއްޖެއަށް ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަރެއް ހޯދުމުގެ މަސައްކަތް، ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރައްވާނެ ބޭފުޅަކު ހޯދުމުގެ މަސައްކަތް، ރާއްޖެއިން ބޭރުގެ ފަރާތެއް ހޯދުމުގެ މަސައްކަތް، އަޅުގަނޑުމެން މިހާރު މިވަނީ ފަށާފައި. އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މަޝްވަރާ ދިނުމަށާއި ލަފާދިނުމަށް ހޯދާ މުޝީރެއް، އެކްސްޕަރޓެއް. އަޅުގަނޑުމެން އ.ދ. ގައި، ޔޫ.އެން ސެކްރެޓަރީ ޖެނެރަލް އަރިހުގައި ދަންނަވައިގެން މި މަސައްކަތް މިހާރު މިކުރަނީ.
 
ފުލުހުންގެ މަސައްކަތަށް ފަސޭހަވާ ކަންތައްތަކުގެ ތެރޭގައި، ނޫނީ ރާއްޖޭގައި މިހާރު މި ހިނގާ ކަންތައްތަކަށް ފަސޭހަކުރުމަށް، ނޫނިއްޔާ މުޅި އެންމެން މި އުފުލަންޖެހޭ ބުރަ ފަސޭހަކުރުމަށްޓަކައި ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ޤާނޫނުތަކަށް އިޞްލާޙު ގެންނަންޖެހޭ. ޤާނޫނުތަކަށް ބަދަލުވެސް ގެންނަންޖެހޭ. އަދި އިތުރު ޤާނޫނު ހަދަންވެސްޖެހޭ. ދެން ޚިޔާލަށް އަންނަނީ، ޤާނޫނުތައް އަޅުގަނޑުމެންނަށް ނުހެދި ހުރީތޯ. އާދެ، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ ހަމަ އެންމެ މިޒަމާނުގެ ޤާނޫނުއަސާސީއަކުން ރައްޔިތުންނަށް ލިބޭނެ އަސާސީ ޙައްޤުތަކާއި، އަދި މުއައްސަސާތަކުން އުފުލާނެ މަސްއޫލިއްޔަތުތަކާއި، ބާރުތައް ވަކިކޮށްދީ، ބާރުތަކުގެ އިންފާރުތައް އެކަށައަޅައިދީފައި އޮތް ނިޒާމެއް. އެހެންނަމަވެސް، އެޔާއެކީ އެ ޤާނޫނުއަސާސީ ހިންގެން މި އަންނަނީ، ފުރިހަމަކުރެވެން މި އަންނަނީ، އިތުރު އެތައް ޤާނޫނުތަކެއް ހެދިގެން. އަދި ހެދިފައި ހުންނަ ޤާނޫނުތައްވެސް އިޞްލާޙު ކުރަންވެސްޖެހޭ. ޤާނޫނުލްޢުޤޫބާތަށް އަންނަ ބަދަލާ ގުޅިގެން އިޞްލާޙު ކުރަންޖެހޭ ކިތަންމެ ޤާނޫނެއް އެބަހުރޭ. އެ ޤާނޫނުތައް އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރު ނޭޝަނަލް މާސްޓަރ ޕްލޭނެއްގެ ދަށުން ފެށްޓެން މިއުޅެނީ.
 
އާދެ، ގަވަރނަންސް ސްޓްރަކްޗަރ ވަރުގަދަކުރުމަށް، ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި، އަދި ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި، އަދި ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ޤާނޫނާއި ޤާނޫނުއަސާސީގައި ފުށުއެރުންތައް ހުރިތޯ ބެލުމަށްޓަކައި ނޭޝަނަލް މާސްޓަރ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތަށް މިހާރުވަނީ އަޅުގަނޑުމެން ރިކްއެސްޓް ކޮށްފައި. އާދެ، ސިންގަޕޫރު ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް މިކަންކަމުގައި އެހީތެރިވެވަޑައިގެން ދެއްވަނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ލީކް އަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާއި، ސިންގަޕޯރ ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން އަޅުގަނޑުމެންނަށް މި މަސައްކަތުގައި އެހީތެރިވެދެއްވާނީ، އެކިއެކި އެކްސްޕަރޓުން ފޮނުއްވައިގެން. މިކުރެވޭ މަސައްކަތަކީ މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަތުމާއެކީ، އަޅުގަނޑުމެން އުންމީދުކުރާ މިޒަމާނުގެ އިޤްތިޞާދަކަށް ދިވެހިރާއްޖެ ބަދަލުވާން ކުރާ މަސައްކަތުގެ ތެރޭގައި، ކޮންކޮން ދިމަދިމާލަކުންތޯ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރަންވެފައި ހުރީ، އަދި ކޮންކޮން ދިމަދިމާއަކުންތޯ މިދެންނެވި ޤާނޫނުތައް އިޞްލާޙު ކުރަންވެފައި ހުރީ. މިކަންކަން ފުރިހަމަވެގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި ފުލުހުންގެ މަސައްކަތަށް ފަސޭހަތަކެއް ވެގެންދާނެ.
 
 ފުލުހުންނަކީ ހަމައެކަނި ޖިނާއީ މައްސަލަތައް ބަލާ ބައެއްވެސް ނޫން. ފުލުހުންނަކީ ތަފާތު އެކި މައްސަލަތައް، އެންމެ ފުރަތަމަ ހުށަހެޅޭ ބަޔަކަށް މިދަނީ ފުލުހުން ވެގެން. އަދި އޭގެތެރެއިން ގިނަ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށްވެގެން ހިނގައިދާނެ. އެހެންނަމަވެސް، އެނޫން އެހެން މައްސަލަތައްވެސް ފުލުހުންނާ ހަމަޔަށް އާދޭ. އެހެންވީމާ، މިކުރެވޭ މަސައްކަތުގައި ނޭޝަނަލް ޕްލޭނެއް އެކުލަވައިމިލެވެނީ، އަޅުގަނޑުމެންގެ ގަވަރނަންސް ސްޓްރަކްޗަރ ހަރުދަނާ ކުރުމަށް. މި މަސައްކަތަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ޤާނޫނުތައް ފުރިހަމަކުރުމަށާއި، އަދި ދިވެހިރާއްޖޭގައި ގަވަރނަންސް ވަރުގަދަ ކުރަން ކުރެވޭ މަސައްކަތްތަކެއް. މި މަސައްކަތްތަކުގެ ތެރޭގައި، އެއްގޮތަކަށްވެސް އަޅުގަނޑުމެން ގަބޫލުކުރާތީކީ ނޫން، އެހެންނަމަވެސް، ދިވެހިރާއްޖޭގައި ހުރި ޤާނޫނުތައް ރިވިއު ކުރުމުގެ މަސައްކަތެއްވެސް ހިނގާނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖެއިން 2008 ވަނަ އަހަރު އަޅުގަނޑުމެން އެކަށައަޅާފައި މިއޮތް ޤާނޫނުއަސާސީއަކީ ރޫލްބޭސްޑް އަދި މިދެންނެވި ގޮތަށް މުއައްސަސާތަކުގެ ބާރު، މުއައްސަސާތަކުގެ އިންފާރުތައް ވަކިކޮށް، ކޮންބަޔަކު ކީއްތޯ ކުރަންވީ ދެނެގަނެވޭނެ މިނިވަން މުއައްސަސާތަކެއް އުފައްދައިދީފައި އޮތް ޤާނޫނުއަސާސީއެއް. އެހެންނަމަވެސް، އެޔާއެކީ ފައިހަމަކޮށްގެން، ދެން ހަދަން ބޭނުންވާ ޤާނޫނުތަކާއެކީ ގަވަރނަންސް ސްޓްރަކްޗަރަށް ގެންދެވޭނެ ގޮތްތަކެއް ދިރާސާ ކުރުމަށްޓަކައި މިދެންނެވި ނޭޝަނަލް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުންދަނީ.
 
އަދި ހަމައެހެންމެ، އިޤްތިޞާދު ކުރިއަށް މިގެންދާ ވިސްނުމުގެ ތެރޭގައި، އަޅުގަނޑުމެން ގަބޫލުކުރާ އެހެން ބައެއް ކަންތައްތައް އެބަހުރި، ދިވެހިރާއްޖޭގައި ކުރަންޖެހޭ. އެއީވެސް ޤާނޫނުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް. އިޤްތިޞާދީ ދާއިރާއިން ކުރަންޖެހޭ މަސައްކަތުގެ އިތުރަށް، ހަމަ ސިފައިންގެ ދާއިރާގައިވެސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ސިފައިންގެ ތެރޭގައި ސިފައިންގެ ކޯޓެއް އޮންނަންޖެހޭނެ ކަމަށް. މިކަމަށް ބޭނުންވާ އެނޭބްލިންގ ޤާނޫނު ހެދުމުގެ މަސައްކަތް މިހާރު އެ ހިނގަނީ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިދެންނެވި މިލިޓްރީ ކޯޓެއް އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަމު. އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ދިވެހިރާއްޖެ މިހާބޮޑަށް ހުޅުވިގެންދާތީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި އަރބިޓްރޭޝަން ސެންޓަރަކަށް ހެދުމަށް ކުރާ މަސައްކަތް ކުރަންޖެހޭ ކަމަށް. އެހެންވީމާ، ހަމަ އަނެއްކާވެސް ސިންގަޕޫރުގެ އެހީ ހޯދައިގެން އަޅުގަނޑުމެން މިދަނީ ނޭބަނަލް އަރބިޓްރޭޝަން ސެންޓަރެއް ދިވެހިރާއްޖޭގައި ޤާއިމްކުރެވޭތޯ މަސައްކަތް ކުރަމުން.
 
މި މަސައްކަތް ކުރާއިރު، ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިވެރިންގެ ޙައްޤުތަކާއި އަދި ހަމައެހެންމެ ބޭރުގެ އިންވެސްޓަރުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ދިވެހިރާއްޖޭގައި ކޮމާރޝަލް ކޯޓެއް އުފައްދަންޖެހޭ ކަމަށް. މި ވާހަކަ މިދަންނަވަނީ އެއްގޮތަކަށްވެސް ދިވެހިރާއްޖޭގައި މަދަނީ ކޯޓުތައް ނެތް ވާހަކަ ދަންނަވާކަށެއް ނޫން. މިދަންނަވާ އަރބިޓްރޭޝަން ސެންޓަރާއި، ކޮމާރޝަލް ކޯޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވާ، ކޮންފަރމްކުރާ ދެ މުއައްސަސާއަށް ހެދުމަށް ކުރެވޭ މަސައްކަތް. އަދި މިތަންތަނުގެ ފަނޑިޔާރުންނަކީ، ހަމައެކަނި ދިވެހި ފަނޑިޔާރުންނަކަށް ނުވާނެ. މިތަންތަނުގެ ޕެނަލްތަކުގައި ތިއްބަވާނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ގަބޫލުކުރެވޭ ބޭރުގެ ފަރާތްތައްވެސްމެ. އެހެންވީމާ، މިކުރެވޭ މަސައްކަތްތަކަކީ މިދެންނެވި ގޮތަށް ގަވަރނަންސް ސްޓްރަކްޗަރ، މިހާރު ހުރި ޤާނޫނުތަކަށާއި، އަދި ކުރިއަށް ދާން އަޅުގަނޑުމެން އުންމީދުކުރާ އުންމީދުކުރުމާ އެއްގޮތަށް ފައިހަމަކުރެވޭނެ ޤާނޫނުތަކާއި މުއައްސަސާތައް އުފެއްދުމަށް ކުރެވޭ މަސައްކަތްތައް. ފެބުރުވަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ތެރޭގައި ޤާއިމުކުރެވިގެން އެދިޔައީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓެއް. މިއީ ޝައްކެއްވެސްނެތްގޮތުގައި، މިޒަމާނުގައި ދިވެހިރާއްޖޭގައި، އަޅުގަނޑުމެން އިންޑިޔާ ކަނޑުގެ ތެރޭގައި، ގަދަ ކަނޑުގެ ތެރޭގައި، އަދި ކްރޮސް ބޯޑަރ ޓެރަރިޒަމް، އެކި ހިސާބުގައި އުޅޭއިރު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް.
 
ޝައްކެއްވެސްނެތްގޮތުގައި، ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން، ޙައްޤުތައް ހިފެހެއްޓޭ ފަރާތްތަކެއް ކުރިމަތިވާނެ. މިހާރުވެސް ފުލުހުން ކުރާ މަސައްކަތުގެ ތެރޭގައި، ހޯމް މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ތެރޭގައި، މިކަހަލަ ކަންކަން ކޮށްފައި ހުރި ފަރާތްތައް ދެނެގަތުމާއެކީ، އެމީހުންނަށް ކޮންމެވެސް ކަހަލަ ސެންސަރޝިޕް މަސައްކަތްތަކެއް މިހާރު އެދަނީ ހައިކޯޓް މެދުވެރިކޮށް ކުރެވެމުން. އެއީ، މުޅި މުޖުތަމަޢުގައި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތައް.
 
ހަމަ މިނޭވާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ގާނޫނު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، އިންޑިޔާ ސަރުކާރުގެ އެހީ އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މެޖިސްޓްރޭޓުން ތަމްރީނު ކުރަން. ފަނޑިޔާރުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން ކުރަން.
 
މިހެންހުރި ކަންތައްތައް މި ކުރުމުގެ ބޭނުމަކީ، ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަކީ މިޒަމާނުގައި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާން ތައްޔާރާ އޮތް ޤައުމަކަށް ހެދުން. ހުރިހާ ދިމާއަކުންވެސް ކުރެވޭ މަސައްކަތަކީ، ޕްރިޕެއަރޑްނަސްގައި އަޅުގަނޑުމެން ތިބުން. ފުލުހުންގެ މުއައްސަސާގެ މަސައްކަތަކީ، މީގެ 40 އަހަރު ކުރިން ފުލުހުން ކުރި މަސައްކަތަށްނުވެ ހިނގައިދާނެ. ނޫނީ 40 އަހަރު ކުރިން ދިމާވިކަހަލަ ކަންތައްތައް މިއަދު ދިމާވަނީ އެއަށްވުރެ ކޮމްޕްލެކްސްކޮށް. އޭރު މީހުންނާ ދޭތެރޭގައި ޢަމަލުކުރާ ގޮތަކަށް މިއަދަކު ކުށްކުރާ މީހުންނާ ދޭތެރޭގައި ޢަމަލުކުރާކަށް، އަޅުގަނޑުމެން ޤާނޫނުތައް އެކަންޏެއް ނޫން، އަޅުގަނޑުމެންގެ ޟަމީރުވެސް ތަނެއްނުދޭ. އަޅުގަނޑުމެން ގަބޫލުކުރަނީ، ދިވެހިރާއްޖޭގެ ފުލުހުން ކަންކަން ކުރާނީ ކޮންޝިއެންޝަސްކޮށް، ޕްރޮފެޝަނަލިޒަމާއެކީ، އިންސާނީ ޙައްޤުތަކަށާއި އިންސާނީ ކަރާމާތަށް އިޙްތިރާމްކޮށްގެން ކަމަށް. ދުނިޔޭގައި އެންމެ ކުރިއަރާފައި ހުރި ޤައުމުތަކުގައި ހުރި ރަނގަޅު ކަންތައްތައް އަޅުގަނޑުމެން ބޮރޯ ކުރާއިރު، ޕޮލީސިންގގައިވެސް އެންމެ ކުރިއަރާފައި ހުރި ޤައުމުތަކުގައި ކަންކަން ހުރިގޮތް އަޅުގަނޑުމެން ނަކަލުކޮށްގެން އަޅުގަނޑުމެންގެ މުއައްސަސާ ކުރިއަށް ގެންދަން ބޭނުންވަނީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުލުހުން ކޮންމެ ދުވަހަކު ތިޔަ ކުރިމަތިލައްވަނީ ވަރަށް ޗެލެންޖިންގ އަދި އެހާމެ ނުރައްކާތެރި، ބައެއް ޙާލަތްތަކުގައި ނުރައްކާތެރި ޒިންމާއަށޭ. އެއީ އިންސާނިއްޔަތަށްޓަކައި ކޮންމެ ފުލުހަކުވެސް އަދާކުރާ ޤައުމީ ވާޖިބެއް. ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުޤައްދަސް، ވަރަށް މާތް ވާޖިބެއް. ޢާއިލާ ދޫކޮށްލާފައި، ބައެއްކަހަލަ ޙާލަތްތަކުގައި މަސައްކަތަށް ނުކުންނަނީ، ނޫނީ ޑިއުޓީއަށް ރިޕޯޓް ކުރަނީ، އެނބުރި ދިޔުމުގައި ދަތިތަކެއް ހުރެދާނެ ކަމަށް ގަބޫލުކޮށްގެން. އެހެންނަމަވެސް، އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި، އަމިއްލަ ފުރާނަޔަށް ނުރައްކާވެދާނެކަން ގަބޫލުކޮށްގެން.
 
އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުލުހުންގެ މުއައްސަސާއަކީ މިދެންނެވި ކަހަލަ މަތިވެރި ވަރުގަދަ މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، އަޅުގަނޑުމެން ދުނިޔޭގައި ހިނގާ އެހެން ބައެއް ނުރަނގަޅު ކަންތައްތައް، ފުލުހުންގެ މުއައްސަސާއަށް ވަނަދެއްވައިގެން ނުވާނެ. ރައީސް ކިތަންމެވަރަކަށް ފުލުހުންގެ މުއައްސަސާއަކީ، ޕްރޮފެޝަނަލް ތަނަކަށް ހަދަން ބޭނުންވި ނަމަވެސް، ފުލުހުންގެ މުއައްސަސާގައި، ސީނިއަރ ކޭޑަރގައި އެވަރުގެ ހަކަތަ ހުންނަންވާނެ. އެވަރުގެ ފޯރުންތެރިކަމާއި، އެވަރުގެ ކެރުންތެރިކަން ހުންނަންވާނެ. އެހެންވީމާ، އެކަންކަމަށް ފުލުހުން ސަމާލުވާންޖެހޭނެ. އެކަންކަމަށް ފުލުހުން ސަމާލުވާ ކަމަށްވަންޏާ، ފުލުހުންގެ މުއައްސަސާއަށް ލިބެންވާ ޝަރަފް، ދިވެހި ދައުލަތުގެ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުން ފުލުހުންގެ މުއައްސަސާއަށް ލިބޭނެ. އެބައެއްގެ އަގު ވަޒަންކުރާނީ އެބައެއްގެ ޚިދުމަތުން. އެހެންވީމާ، ފުލުހުންގެ މުއައްސަސާގެ އަގު ވަޒަންކުރާނީ، ތިޔަބޭފުޅުން ޚިދުމަތުގައި ތިއްބަވާއިރު، ތިޔަބޭފުޅުންގެ ޙަރަކާތްތަކުން، ތިޔަބޭފުޅުން ދައްކަވާ ގޮތުން، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިޙްތިރާމެއް ލިބިގެންދާނީ.
 
މިކަންކަން ކުރުމުގައި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ކަންތައްތައް، ވަސީލަތްތައް ތަނަވަސްކޮށްދޭން މިއަދުގެ ސަރުކާރު ތައްޔާރާ އޮތް ވާހަކަ ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ދިރިއުޅެނީ ހަމައެކަނި މާލެއަކު ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުލުހުން، ރައްޔިތުންގެ ސަލާމަތަށާއި، ރައްޔިތުންގެ މުދަލާއި، ރައްޔިތުންގެ ގެދޮރުގެ ސަލާމަތަށް ކުރައްވާ މަސައްކަތް ކޮށްދެއްވުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ތިޔަ ގެންދަވަނީ. އަދި ރާއްޖޭގެ މި ހިސާބުގަނޑުގެ، މާލޭ ކެޕިޓަލް ސިޓީގެ  މި ހިސާބުގަނޑުގެ ލޭންޑްސްކޭޕް، ކުރިއަށް އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި ބަދަލުވެގެންދާނެ ގޮތަކީ، ފުލުހުންގެ ޑްރޯއިންގ ބޯޑަށް އަންނަންޖެހޭ ކަމެއް. މި ކޮމްޕިއުޓޭޝަން، ތިޔަބޭފުޅުންގެ ވިސްނުންތަކަށް އެބަ އަންނަންޖެހޭ. މި ސަރަޙައްދު، ގާތްގަނޑަކަށް އެއްލައްކަ ފަސްދޮޅަސްހާސް، ނޫނިއްޔާ ދެލައްކަ މީހުން ދިރިއުޅޭނެ ސަރަޙައްދަކަށް ވެގެންދާނެ. އެހެންވީމާ، ޕޮލީސިންގގެ މަސައްކަތް ކޮންސެންޓްރޭޓް ވެގެންދާނީ މާލޭސިޓީ އޭރިޔާއަށް. މީގެތެރޭގައި ހުޅުމާލެ ހިމެނިގެންދާގޮތަށް. އެހެންވީމާ، މިހާރު ތިޔަބޭފުޅުންގެ ވިސްނުންފުޅަށް މިކަން ގެންނަވާފައި، ފުލުހުންގެ ޕޮލީސިންގ މަސައްކަތް ބިނާވެގެންދާނެ ގޮތްތަކުގެ ބްލޫ ޕްރިންޓްތައް ތިޔަބޭފުޅުން ތައްޔާރު ކުރައްވަން އެބަޖެހޭ.
 
 ވަގުތަކީ އަޅުގަނޑުމެން އަތްމަތީގައި ނެތް ކަންތައް. ޒިންމާއަކީ އަޅުގަނޑުމެން ނުއުފުލުމުން، އަޅުގަނޑުމެން އެކައުންޓެބްލްވާނެ ކަންތައް. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ދުރާލާ ވިސްނާވަޑައިގަންނަވައިގެން، އަދި އެހެން މުއައްސަސާތަކުގައި ހުންނަ ނުރަނގަޅު ކަންތައްތައް، އެ ހުންނަ މިންވަރަށް ފުލުހުންގެ މުއައްސަސާއަށް އައުމަކީ އެއްގޮތަކަށްވެސް ފުލުހުންގެ އިސްކޭޑަރތަކުން ގަބޫލުނުކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މިރޭވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އޭރަށް މިދަންނަވާ ޕްރޮފެޝަނަލިޒަމް އަންނާނީ. އޭރަށް ސަރވް ކުރުމަކީ، އޮނަރއާއި ޕްރައިޑާއެކީ ކުރެވޭ ކަމެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނީ.
 
ފަހަރުގައި ވެދާނެ، މިއީ ސަމާސާއަކަށް ދަންނަވާ ވާހަކައަކަށް. 83 އަހަރު ފުރިގެންދާއިރު، އެސިސްޓެންޓް ކޮމިޝަނަރ މަންނާންގެ ވާހަކަފުޅުގައި 82 އަހަރު. އެއް އަހަރު ގެއްލުނީވެސް ފަހަރެއްގައި މީގެ ސަބަބުން ކަމަށްވެސް ވެދާނެ. އަޅުގަނޑުމެން ވަރަށް ހިތްދަތި ދުވަސްތަކެއް ތަޙައްމަލްކޮށްފީމު. އެކަމަކު މިއީކީ ޓޮލަރަބްލް ކަންކަމެއް ނޫން. އެހެންވީމާ، އަބަދުވެސް އަބަދުވެސް އިސްކުރަން މިޖެހެނީ، މުޅި އިންސްޓިޓިއުޝަންގެ ޕްރައިޑް، މުޅި އިންސްޓިޓިއުޝަންގެ އޮނަރ. އެހެންވީމާ، ފުލުހުންނަށް ޚިދުމަތް ކުރައްވާފައި، ޒީނަތްތެރިކަމާއެކީ ނުކުމެވަޑައިގަންނަވާ ޕޮލިސް ކޮމިޝަނަރުންނަށް، ޑެޕިއުޓީ ކޮމިޝަނަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެން ސިވިލް ލައިފެއް، ނޫނިއްޔާ ސިވިލިއަން ލައިފެއް ލީޑް ކުރައްވާއިރުވެސް ފުލުހުންގެ މުއައްސަސާގެ ޔުނީފޯމް ތުރުކުރެއްވިކަން ހަނދުމަފުޅުގައި ބަހައްޓަވާށޭ، ހުރިހާ މުޢާމަލާތެއް ކުރެއްވުމުގައިވެސް. އެހެން ދިމާއަކަށް މަސައްކަތް ކުރަން މިއަދު ފުރުޞަތު ތަނަވަސްވެފައި އޮތުން އެއީކީއެއް، ފުލުހުންގެ ކުލަގަދަ ޚިދުމަތުގައި އުޅުއްވި ޚިދުމަތުގެ މަތިން ހަނދާންނެތެންޖެހޭ ކަމެއް ނޫން. އެހެންވެގެން އަޅުގަނޑަށް އެޕްރިޝިއޭޓް ކުރެވެނީ، 25 އަހަރަށްވުރެ ދިގު މުއްދަތުގައި އޮނަރ އެންޑް ޑިގްނިޓީއާއެކީ މި މުއައްސަސާއަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މެޑެލް އެރުވުން، ނޫނިއްޔާ ކުލަ ދިނުން. އެއީ ޝައްކެއްވެސްނެތްގޮތުގައި، މިރޭގެ ފަޚްރުވެރިން. އެހެންނަމަވެސް، މިތަނުގައި ތިއްބެވި ކޮންމެ ބޭފުޅަކީ އެ ފަޚްރު ޙާޞިލު ކުރައްވާނެ ބޭފުޅެއް. އަދި އެ ފަޚްރުގައި ޙިއްޞާ ކުރައްވާ ބޭފުޅެއް.
 
އެހެންވެގެން މުޅި މުއައްސަސާގެ އަގާއި ކަރާމާތް ދެމެހެއްޓުމަށްޓަކައި އަޅުގަނޑު ހަމަ ނަޞޭޙަތްތެރި މިވަނީ ޕްރޮފެޝަނަލިޒަމަށް ލޯބިކުރައްވާށޭ. ފުލުހުންގެ މުއައްސަސާއަކީ، ސިޔާސީވެވޭނެ ތަނެއް ނޫން. ފުލުހުންގެ މުއައްސަސާއަކީ ޤާނޫނާ އެއްގޮތަށް ކަންކަން ކުރަން އޮތް ތަނެއް. ޤާނޫނާ އެއްގޮތަށް ކޮންމެ ވެރިޔަކުވެސް، އަދި ކޮންމެ ފުލުހަކުވެސް ޢަމަލުކުރައްވަން މިޖެހެނީ. މި ޢަޒުމުގައި މަސައްކަތް ކުރައްވާ ކަމަށްވަންޏާ، ކިތަންމެ ކުޑަކުޑަ ދައުލަތެއްގެ، ފުލުހުންގެ މުއައްސަސާއަކަށްވި ނަމަވެސް، އަޅުގަނޑުމެންގެ މުއައްސަސާއަށް އޮންނާނީ، ޝަރަފާއި މީހުންގެ ހަމްދަރުދީއާއި، މީހުންގެ އެޕްރިސިއޭޝަން. އެހެންވީމާ، މިގޮތަށް ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ޑިސްޗާޖް ކުރެއްވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހަމަ ކަށަވަރު ކުރެވޭ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބަލައިގަންނަ އަދި އެ ޚިދުމަތުގެ އަގު ވަޒަންކުރާ މުއައްސަސާއަކަށް ވެގެންދާނެކަން. މި ވާހަކަ މި ދަންނަވަނީކީ އެއްގޮތަކަށްވެސް ރައްޔިތުން ފުލުހުންގެ މުއައްސަސާގެ ޚިދުމަތުގެ އަގު މިއަދު ވަޒަން ނުކުރާތީކީ ނޫން. އެހެން ނަމަވެސް، ޠަބީޢީގޮތުން އަބަދުވެސް ކަންކަން ރަނގަޅު ކުރުމަކީ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއް. ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ރިސޯސް ތަނަވަސްކޮށްދިނުމަކީ، ސަރުކާރުން ކުރާނެ ކަމެއް. ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އެކަމަކު ފުލުހުން ކުރަންޖެހޭ މަސައްކަތާއި، ފުލުހުންގެ ވެލިއުސް ދެމެހެއްޓުމާއި، އެތިކްސް ބެލެހެއްޓުމަކީ ފުލުހުންގެ ކޭޑަރުތަކުން ކުރައްވަންޖެހޭނެ ކަމެއް.
 
މިހުރިހާ ކަމެއް ކުރުމުގައި މާތްﷲގެ ބަރަކާތަށް އަޅުގަނޑު އެދި، މާތްﷲ ޙަޟުރަތުގައި ދުޢާ ދަންނަވަން. وما توفيقى إلّا بالله عليه توكّلت وإليه أنيب.
 
ދިވެހި ފުލުހުންނަށް އަޅުގަނޑު އެދެނީ އަބަދުވެސް ފާގަތި، އުފާވެރި، ޒިންމާދާރު ދުވަސްތަކެއް ﷲ މިންވަރު ކުރެއްވުން.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه