بســم اللّـه الرّحمـن الرّحيــم
      
      اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މެލޭޝިޔާގައި ކިޔަވައި ވިދާޅުވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން، ސަފީރާއި ސަފީރު އޮފީހުގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުން.
 
السّلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑަށް މި ދަތުރުގައި ލިބޭ ޚާއްޞަ އެއް އުފަލަކީ މިތާ ދިރިއުޅޭދިވެހި ރައްޔިތުންނާ ބައްދަލުކޮށްލަން މި ލިބޭ ފުރްޞަތު. ކިޔަވާ ކުދިންނާ ބައްދަލުކޮށްލަން މި ލިބޭ ފުރްޞަތު. އަދި ހަމައެހެންމެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން މެލޭޝިޔާއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރަކީ މި ދަތުރު ކަމުގައިވާތީއާއެކީ، މެލޭޝިޔާގެ ބޮޑުވަޒީރު އަރިހަށް އަޅުގަނޑު އިޙްތިރާމުގެ ޒިޔާރަތެއް މާދަމާ ކުރަން. އަދި ރަސްމީ ވާހަކަދެއްކުންތައް ކުރިއަށްދާނެ. މި ދަތުރުގައި، ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަކުގެ ވާހަކަ، ޚާއްޞަކޮށް، ވިސާ އެރޭންޖްމަންޓްގެ ވާހަކަ، އަޅުގަނޑު އެމަނިކުފާނާއެކީ މަޝްވަރާ ކުރާނަން. އަދި ހަމައެހެންމެ، އަޅުގަނޑު ކުރާ މަސައްކަތުގައި، ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދާއިރު، ދިވެހިރާއްޖެއަށް ދިމާވެފައި ހުރި ދަތިތަކާއި، އަދި ދިވެހިރާއްޖެއަށް މެލޭޝިޔާ ސަރުކާރުގެ ފަރާތުން އަދި މެލޭޝިޔާގެ ކޯޕަރޭޓް ސެކްޓަރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމުގެ ވާހަކަ އަޅުގަނޑު މެލޭޝިޔާ ސަރުކާރަށް ހުށަހަޅާނަން.
 
އަޅުގަނޑު ވާހަކަ ކުރިއަށް ގެންދަމުން، އެންމެ ފުރަތަމަ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރި ވާހަކަފުޅުތަކެއް ހައިކޮމިޝަނަރ ފަހުމީ އެ ދެއްކެވީ. އެހެންވީމާ، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އެވާހަކަތައް އަޑުއަހަން އިންއިރު، އަޅުގަނޑު ހިތަށްއެރީ، ކޮންމެވެސްވަރެއްގެ ޚިދުމަތްތަކެއް، އަޅުގަނޑު ހަނދާންނެތިފައި ހުރި ޚިދުމަތްތަކެއްގެ ވާހަކަ އެ ގެންނެވީ. އޭގެތެރެއިން ބައެއް ވާހަކަ ރަނގަޅުކަންނޭނގެ. އަނެއްބައި ވާހަކަ އަޅުގަނޑަކަށް ނޭނގެ، އެއަށް ވޮޗްސޭފް ކުރާކަށް. އެހެންނަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ކޮންމެ ދާއިރާއެއްގައި އަޅުގަނޑު މަސައްކަތްކުރި ނަމަވެސް، އަޅުގަނޑު މަސައްކަތް ކުރަނީ، ޙަޤީޤަތުގައި އެ ދާއިރާއެއްގެ ކުރިއެރުން، ނޫނީ އެ ދާއިރާއަށް ކޮންމެވެސްކަހަލަ ބަދަލުތަކެއް ގެނެވޭތޯ ބެލުމުގެ މަޤްޞަދުގައޭ. އެގޮތުން ކުރާ މަސައްކަތުގެ ތެރޭގައި، ތަފާތު ނަތީޖާތައް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ދިވެހިރާއްޖެއަށް މިންވަރު ކުރައްވާފައި މިވަނީ.
 
އަޅުގަނޑު، ކިޔަވާ ކުދިންނަށާއި އަދި ދިވެހި ކޮމިއުނިޓީ، މެލޭޝިޔާގައި ދިރިއުޅުއްވާ ކޮމިއުނިޓީއަށް ދަންނަވާލަން ބޭނުންވާ ވާހަކަތަކުގެ ތެރޭގައި، ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެ މިއަދު ކަޑައްތު ކުރަމުންމިދާ ދަތުރުގައި، އަޅުގަނޑުގެ ވިސްނުމާއި، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުގެ ވިސްނުން ހުރިގޮތް. އެއީ އަޅުގަނޑުމެންނާ ދުރުގައި އޮތް ޤައުމެއް ކަމުގައި މެލޭޝިޔާވިނަމަވެސް، މިތާ މިއޮތީ ހަމަ ރާއްޖޭގެ ވަރަށްބޮޑު ޑައިސްޕޯރާ ޕޮޕިއުލޭޝަނެއް. އެހެންވީމާ، މެލޭޝިޔާގައި ތިއްބެވި ދިވެހި ކިޔަވާ ކުދިންނަށް އަދި ރާއްޖޭގެ ދިވެހި ރައްޔިތުންނަށް، މެލޭޝިޔާގައި ތިއްބެވި ދިވެހި ރައްޔިތުންނަށް މީގެ ބައެއް މަޢުލޫމާތު އެނގިވަޑައިގަންނަވަންވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
 
ޔުނިވަރސިޓީ ކުދިންނާ ބައްދަލުކޮށް ދައްކާ ވާހަކައިގައި، އެންމެ ފުރަތަމަ މުޤައްދިމާއަކަށް ފުދޭނެހެން އަޅުގަނޑަށް ހީވަނީ، ފަހުމީ އެއަށް އިޝާރާތް ކުރެއްވި. އެންމެ ފުރަތަމަ ކަމަކީ ޢިލްމު އުނގެނެނީ މަޤްޞަދުތަކެއް ޙާޞިލުކުރަން. ޢިލްމީގޮތުން ކުރާ ކަންތައްތަކެއް ހުރޭ. އެކަމަކު އެޔާއެކީ މުޖުތަމަޢެއްގެ ތެރޭގައި އުނގެނޭ ޢިލްމުގެ ބޭނުން، މުޅި މުޖުތަމަޢަށް ފައިދާވާނެ ގޮތްތަކަކަށްވާން އެބަޖެހޭ. އެހެންވީމާ، ކޮންމެ ކޮންޝިއެންސަސް ރައްޔިތަކު ޢިލްމު އުނގެނުމުގެ އެންމެ ބޭސިކް ކަމަކީ ކްރިޓިކަލް ތިންކަރަކަށްވުން. ކްރިޓިކަލް ތިންކިންގއަކީ ތަޢުލީމީ ދާއިރާގައި، ނޫނިއްޔާ ހޭލުންތެރި ކިޔަވާ ކުދިންގެ ތެރޭގައި ވަރަށް މުހިންމު ކަމެއް. ކްރިޓިކަލް ތިންކިންގގެ ވާހަކަ ފަހުމީ އިޝާރާތް އެ ކުރެއްވީ. އެއީ އިވޭ ވާހަކަތައް. ބައެއްފަހަރު ހުންނާނެ، އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ދޫކޮށްލަންޖެހޭ ވާހަކަ. އަނެއްބައި ވާހަކައަކީ، ވާހަކަ އިވުނީމަ، އެ ކޮންމެވެސްވަރަކަށް ތަޙުލީލުކޮށް އެސެސް ކުރުމުގެ ބޭނުންތެރިކަން.
 
ދިވެހިރާއްޖެ، މިދިޔަ އަށެއްކަ އަހަރުގެ ތެރޭގައި، މި ހޭދަކުރި އެކި މަރްޙަލާތަކުގައި ހޭދަކުރި ވޭނާއި ކެކުޅުން އަޅުގަނޑުމެން ކޮންމެ މީހަކު ހިތަށް ގެންނަންވާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންނަށްވުރެ ހަރު މީހުން، ދޮށީ މީހުން ބުނާ ވާހަކަ އަޑުއަހަން. މިނިވަންކަންވެސް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެނީ، އަޅުގަނޑުމެންނާ މިނިވަންކަން ބީވެގެން ދިޔައީމައޭ. މިނިވަންކަން ހޯދުމަކީ، ހަނގުރާމައަކަށްފަހު، ނޫނީ ކޮންމެވެސްވަރެއްގެ ޤުރްބާނީއަކަށްފަހު ހޯދިދާނެ ކަމެއް. އެހެންނަމަވެސް، މިނިވަންކަން ދެމެހެއްޓުމަކީ އޭގެ ޒާތުގައި އެހާ ފަސޭހަ ކަމެއް ނޫން. ޑިޕްރައިވޭޝަން ފީލްވީމަ، ކޮންމެ ކުއްޖަކަށްވެސް އިޙްސާސް ކުރެވެނީ، ކިހާވަރެއްގެ ނިޢުމަތަކުންކަން ތިމަންނަ މިއަދު މި މަޙްރޫމްވީ. އެހެންވީމާ، ޑިޕްރައިވް ވުމުގެ ކުރިން، މަދަރުސާ ކުދިން، ކިޔަވާ ކުދިން، ޔުނިވަރސިޓީ ކުދިން ވިސްނަންޖެހޭ އެއްކަމަކީ، މިކަންކަމާ ދޭތެރޭގައި ވިސްނާފައި، ވިސްނުން އަންނަން މިޖެހެނީ ކްރިޓިކަލްކޮށް. އިވޭ ވާހަކަތައް އިވޭއިރު، އޭގެ ޒާތުގައި ޕްރިމާ ފެސީ (Prima Facie)، އޭގެ ސުޕަފިޝަލް މާނަ، ނޫނީ އިވޭ އަޑު ތަންކޮޅެއް ފުންކޮށް ވިސްނާލާށޭ. އެހެން ނޫނީ ކިޔެވުމުގެ ބޭނުމެއް ނެތް. މެޑިކަލް ޑޮކްޓަރެއް، ފަންނުގައި ކިޔަވާއިރު ތަފާތުވެދާނެކަންނޭނގެ. އެހެންނަމަވެސް، ދުނިޔޭގެ އެހެން ޢިލްމުތައް ޙާޞިލުކުރާ ކުދިންނަށް، އިވޭ ވާހަކަތަކުގެ ބޭނުމަކަށްވާނީ، އެކުދިންނަށް އިވޭ އެއްޗެއް، ފުދޭވަރެއްގެ ރަނގަޅު ފުރޭންޏަކުން ފުރާނާލާފައި، އޭގެތެރެއިން ބޭނުންވާ ކަންތައްތައް އެކުދިންނަށް އެނގުން.
 
މީގެ ހަމަ ވަރަށް ޙަޤީޤީ މިސާލެއް، ތިޔަ ކުދިންނަށް ދޭނަން. ތިޔަ ކުދިންގެ ތެރެއިން ޒުވާން މަންމައިން، ބައްޕައިން ބޭނުމެއްނުވާނެ، ނެޓުން ލިބޭ ހުރިހާ މަޢުލޫމާތެއް، ކަލޭމެން ކުދިންގެ ދަރިންނަކަށް އެނގޭކަށް. ޑިސްޓިލް ކުރަން ބޭނުންވާނެ، ފުރާނަން ބޭނުންވާނެ. އަދި ނެޓުން ހުރިހާ ސައިޓްތަކަށް އެކްސެސްކުރާކަށް ބޭނުމެއްނުވާނެ. އިސްލާމްދީނާ ބެހޭގޮތުންވެސް، އަދި ދުނިޔަވީ އެކިއެކި މަޢުލޫމާތު ޢިލްމާ ބެހޭގޮތުންވެސް ނެޓްގައި އެކި އޯތަރުން އެކި މިންވަރަށް އެއްޗެހި އެބަ ލިޔޭ. ޔުނިވަރސިޓީއަކުން ތަޙުލީލުކޮށްފައި މިކަހަލަ މަޢުލޫމާތު ބަލާކަމަށްވަންޏާ، އޭގެތެރޭގައި ހުންނާނެ، ހަމަ ރަނގަޅު ކިތަންމެ މަޢްލޫމާތުތަކާއި، އަ ލޮޓް އޮފް ގާބެޖް، އަ ލޮޓް އޮފް ރަބިޝް. އެއީ ކްރިޓިކަލް ތިންކިންގ ބޭނުންވާ ކަމަކީ. ރާއްޖެއާބެހޭ ޚަބަރުތައް އަޑުއަހާއިރުވެސް، ރާއްޖެއާބެހޭ ކަންކަން އެނގޭއިރުވެސް، ހަމަ މި ވިސްނުމުން އެބަ ވިސްނާލަންޖެހޭ، ފުރާނާލަންޖެހޭ.
 
ރާއްޖެ މިހާރު ކަޑައްތުކުރާ ފޭސްއަކީ، ރާއްޖެ މިހާރު މި ކަޑައްތުކުރާ މަރްޙަލާއަކީ  ރީ މޮޑެލިންގ މަރްޙަލާއެއް. ގަބޫލެއްނުކުރެވޭ، ހުރިހާ ކަމެއް އެއްގޮތަކަށް އަބަދު އޮންނަންވާނެ ކަމަށް. މޯރ އޮފް ދަ ސޭމް، އޯވަރ އެންޑް އޯވަރ އެގެއިން، ލީޑްސް ޓު ބޯޑަމް. އެއަކުންނެއް އެއްވެސްކަހަލަ ތަރައްޤީއެއް ނާންނާނެ. އެހެންވީމާ، ކަންތައްތައް ކުރާގޮތް ބަދަލުވުމާއި، ވައްޓަފާޅި ބަދަލުވުމަކީ އޭގެ ޒާތުގައި އެއްގޮތަކަށްވެސް ކަމެއް ގޯސްކޮށްދިޔުމެއް ނޫން. އަބަދުވެސް ބަލަންޖެހޭނީ އެކަމެއް ޙާޞިލު ކުރަން، ނޫނިއްޔާ ފޭސްއެއްގެ ތެރޭގައި ލިބޭ ނަތީޖާއަކަށް ވިސްނަންވާނީ. މާލޭގެ މަގުތަކުގައި، ކުދިކުދި ގޯޅިތައް، ބައެއް ގޯޅި ބަންދުކޮށްފައި، ހިނގާ މީހުންނަށް އެކަނި އެކްސެސިބަލްވާގޮތަށް ހެދީމަ، އެންމެ ފުރަތަމަ އައި ވަރަށް ބައިވަރު ކްރިޓިސިޒަމް. އެވާގޮތަކީ، އެތަންތަނުގައި ގުދަން ހުންނަ މީހުންނަށް، ގުދަންތަކަށް އެއްޗެހި ނުވެއްދޭތީ އަންނަ މައްސަލަ. އެކަމަކު ކްރިޓިކަލީ ވިސްނާ ކުއްޖެއް ކަމަށްވަންޏާ ވިސްނާލާ. މާލޭގައި ކުޑަކުޑަ ތަނެއްގައި، މާލޭގައި އެބަ ދިރިއުޅޭ ގާތްގަނޑަކަށް އަށްޑިހަވަރަކަށްހާސް މީހުން. ނޫނީ އެއަށްވުރެ ގިނަ މީހުން. ކުދިކުދި ކޮންކްރީޓް ޢިމާރާތްތައް އެހެރީ. ކުދިކުދި ސްޕޭސްގައި އަށެއްކަ މީހުން، ނުވަވަރަކަށް މީހުން އެ އުޅެނީ. ފުރަތަމަ ކަމަކީ ޢިމާރާތްތައްވެސް ނޭވާލާން އެބަޖެހޭ. ދެވަނަ ކަމަކީ ޝައްކެއްވެސްނެތްގޮތުގައި، ޢިމާރާތްތަކުގައި އުޅޭ މީހުން ނޭވާލާން އެބަޖެހޭ. ކުޑަކުދިން ނުކުމެ އުޅޭނެ ތަންތަން އެބަ ފެންނަންޖެހޭ. ކުޑަކުދިން ނުކުމެ، ކުޑަކުދިން ޙަރަކާތްތެރިވާނެ ތަންތަން އެބަ ފެންނަންޖެހޭ. މެލޭޝިޔާގައި، ކޭ.އެލް.ގައި ތިފެންނަނީ ހަމަ ބޮޑެތި ބޮޑެތި ބިންތައް. ނުކުމެ ކޮންމެ ދިމާއަކަށް، އެއަރޕޯޓުން ގްރޭންޑް ހަޔަޓަށް އަންނަ ކަމަށްވަންޏާ، 45 މިނިޓް، 50 މިނިޓްގެ ކާރު ޑްރައިވެއް. އެކަމަކު ރާއްޖޭގައި، މާލޭގައި ޚާއްޞަކޮށް، އެހެނެއް ނޫން މިކަން މިއޮތީކީ. މާލޭގެ ޑެންސިޓީ، ޕޮޕިއުލޭޝަން ޑެންސިޓީގައި ހަމަ ތިޔަ ހުރިހާ ކުދިންނަށް އެނގޭ ޑެންސިޓީއެއް. ހަޔަސްޓް އިން ދަ ވާރލްޑް. އެކަމަކު މާލޭގައިވެސް މި ދިރިއުޅެނީ އިންސާނުން. ސަބް ހިއުމަން ކޮންޑިޝަންސްގައި. އެހެންވީމާ، މާލޭގައި ދިރިއުޅޭ މީހުން ނޭވާލާނެ ޖާގަ އެބަ ހޯދަންޖެހޭ. އެހެންވީމާ، ކުދިކުދި ގޯޅިތައް ހަމައެކަނި ޕެޑަސްޓްރިއަން އެކްސެސްއަށް ހުޅުވައިލުމަކީ އޭގެ ޒާތުގައި އެއަށް ކޮންމެވެސްވަރެއްގެ ފާޑުކިޔުން އައި ކަމުގައިވިނަމަވެސް، މިހާރު ހަމަޖެހޭ ތަނެއް. އަހަރުމެން ކުޑައިރު، ސްކޫލްގައި ކޮރިޑޯގެ ތެރޭގައި، ކްލާސްރޫމްތައް ހުންނަނީ ކޮރިޑޯތެރޭގައި ޑޮންޑޮން މަތިން ފުޓްބޯޅަ ކުޅެވުނު. ކެރީބިއަން ޤައުމުތަކުގައި އެންމެ ވަރުގަދަ ފުޓްބޯޅަ ކުޅުންތެރިން އުފައްދާފައި މިހުރީ ސްޓްރީޓް ސޮކަރ. އެންމެ ވަރުގަދަ ކުޅުންތެރިން އުފައްދާ ބްރެޒިލް ކަމުގައިވިޔަސް، އަދި އެހެން ތަނެއް ކަމަށްވިޔަސް، އެންމެ ވަރުގަދަ ކުޅުންތެރިންވެސް އުފައްދާފައި މިހިރީ ހަމަ ސްޓްރީޓް ސޮކަރ ކުޅުންތެރިންނޭ. އެހެންވީމާ، މިކުދިންނަށްވެސް މި ބުނާކަހަލަ ހަނިހަނި ލޭންތަކުގައި، އެކުދިންގެ މަގުތަކުގައި އެކުދިންނަށް ކުޅެވޭނެ ގޮތްތަކެއް އެބަ ހެދެންޖެހޭ.
 
މާލޭ ރީ މޮޑެލް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި، މާލެއަށް ރަށެއްގެ ސިފަ، ހިތްގައިމު ސިފަ މިގެންނަނީ. މާލެއަކީ ހަމައެކަނި ކޮންކްރީޓް ޖަންގައްޔެއް ނޫން. އެހެންވީމާ، މާލޭގައި ހުޅަނގު ފަރާތުގައި، މާފަންނުގައި ރަސްފަންނުގެ ނަމުގައި ބީޗެއް ހުޅުވުނީ. އެ ބީޗަކީ މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވަރަށް ހަމަޖެހުން ގެނެސްދޭ، ވަރަށް އުފާވެރިކަން ގެނެސްދޭ ތަނަކަށްވޭ. ނަފްސާނީގޮތުން ވިސްނަންޖެހޭ އެތައް ކަމެއް ވިސްނުމުގެ ބަދަލުގައި، ވިސްނަންނުޖެހި އެތައް ކަމަކުން އެބަ ސަލާމަތްވޭ. ނޫސްތަކުގެ ކޮމެންޓްތައް، ބައެއް ކޮމެންޓްތައް ބަލައިލިއިރު، އޭގެތެރޭގައި ބައެއް ކޮމެންޓް، ރަސްފަންނު ހުޅުވަން ގާތްގަނޑަކަށް ތިރީސް މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްފިޔޭ. މި ލާރި އެންމެ ރަނގަޅަށް ހޭދަކުރެވޭނީ މިކަމަށް ހެއްޔޭ؟ ނޫނީ މިއަށްވުރެ ރަނގަޅު ކަމެއް ނެތްހެއްޔޭ؟ މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާތީ، ބައެއް ކްރިޓިކަލް މީހުން، ނޫނީ ކްރިޓީކުން ކޮމެންޓް ކުރާއިރު، މިތަނަށް ގާތްގަނޑަކަށް ދުއިސައްތަ ނޫނިއްޔާ ތިންސަތޭކަ މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާއިރު، މިއަށްވުރެ ރަނގަޅަށް މި ހޭދަކުރެވޭނެ ކަމެއް ނެތްހެއްޔޭ؟ ޝައްކެއްވެސްނެތް، ހޭދަކުރެވޭނެ ކަންތައް ހުންނާނެ. އެކަމަކު ކްރިޓިކަލް ތިންކިންގ، ނޫނިއްޔާ ކަންކަމާ ދޭތެރޭގައި އިންޞާފުގެ ނަޒަރުން ވިސްނާފައި، ނޫނިއްޔާ އެކަންކަމާ ދޭތެރޭގައި ތަފާތު އެންގަލްތަކުން ވިސްނޭނެކަން ގަބޫލުކުރާ ކަމަށްވަންޏާ، މިއާ ދޭތެރޭގައި ތަފާތުކޮށް ވިސްނަންވީ.
 
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 65 ޕަސެންޓަކީ 35 އަހަރުން ދަށުގެ މީހުން، ޒުވާނުން. އެ ޒުވާނުންގެ ތެރޭގައި ގިނަ މީހުންނަކީ އަމިއްލަ ގެދޮރު ނެތް މީހުން. ގެދޮރު ނެތް ކުދިން. އަދި އަމުދުން ތަޢުލީމް ޙާޞިލު ކުރުމަށާއި، އެހެން ބޭނުންތަކުގައި މާލެ އައިސް އުޅޭ ކުދިންނަކީ، ރަށްރަށުން އައިސްއުޅޭ ކުދިންނަކީ، ވަރަށް އާދައިގެ ގޮތެއްގައި ވަރަށް އުނދަގޫ އުފުލަންޖެހޭ ބައެއް. އެކުދިން، މިބުނި ކަހަލަ ކޮންކްރީޓް ޖަންގަލީގެ ތެރޭގައި، ނޭވާލެވޭނެ ގޮތެއްނެތި، ނޫނީ ހާސްކަންމަތީގައި މި ތިބެނީ. ގިނަފަހަރު ބައްދަލުކުރެވޭނެ ތަނެއް ނެތީމަ، ގިނަކުދިން އެކަކު އަނެކަކަށް ސޯޝަލައިޒް ކުރަން މިދަނީ ކުދިކުދި ކެފޭތަކަށް، ޓީ ބުޓިކްސްއަށް. ކަސްރަތު ކުރާނެ ތަންތަން އަމުދުން ނެތް. އެކަމަކު މިއީ އަށްޑިހަވަރަކަށްހާސް މީހުން ދިރިއުޅޭ ރަށެއް. އެހެންވީމާ، ގޮތްގޮތް ހޯދައިގެން، ތިރީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނަމަވެސް، ޚަރަދެއް ނޫން، އެއީ ހޭދަ. ޚަރަދަކަށްނުވޭ. ހޭދަކޮށްގެން ނަމަވެސް، މިވަރު ތަނެއް އުފެއްދީމަ، މީގެ ބޭނުންތެރިކަން އުފެދޭ. މި ލާރި މިއަށްވުރެ ބެޓަރ ސްޕެންޑް އެލްސްވެއަރ. ނޫނީ އެހެން ކަމެއް ކުރެވިދާނެތޯ ކުރާ ސުވާލުގެ ޖަވާބަކީ ނުކުރެވޭނެ. ކޮލިޓީ އޮފް ލައިފަކީ، ކޮލިޓީ އޮފް ލައިފަކީ ހަމައެކަނި ތަޢުލީމު ޙާޞިލު ކުރުމެއް ނޫން. ކޮލިޓީ އޮފް ލައިފަކީ، ހަމައެކަނި ރަނގަޅު މެޑިކަލް އިންޝުއަރެންސް އޮތުމެއްވެސް ނޫން. ކޮލިޓީ އޮފް ލައިފަކީ އެއަށްވުރެ މާދުރު، މީހާގެ ހަމަޖެހުމާއި، މީހާގެ ފުރާނަޔާއި، މީހާގެ މުދަލުގެ ރައްކާތެރިކަމުގެ އިންޝުއަރެންސް، ނޫނީ އިޖުތިމާޢީ ގެރެންޓީ އޮތުން. މިދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި، އަހަރުމެންގެ ރާއްޖެ ވަރަށް ވިޝަސް، ވަރަށް ރަޙުމްކުޑަ ރޫތުލަސް ތަނަކަށްވެގެން އެދިޔައީ. ގަބޫލުކުރަންޖެހޭ ޙަޤީޤަތް މިއީ. މީހެއްގެ ފުރާނަ މީހެއްގެ ހަށިގަނޑާ ވަކިކޮށްލުމަކީ ފަސޭހަކަމެއް. ޖެހިލުންނުވެ މީހުން ކުރަމުން އައި ކަމެއް. އެކަންކަމުގެ ޙައްލުހޯދަން ކުރެވޭ މަސައްކަތުގެ ތެރޭގައި، މީހުންނަށް ހަމަޖެހުން އައުމާއި، މާލޭގެ މަގުތައް، ރާއްޖޭގެ ރަށްރަށުގެ މަގުތަކަށް ހަމަޖެހުން އައުމަކީ، މި ބުނިގޮތަށް ކޮލިޓީ އޮފް ލައިފް އިމްޕްރޫވް ކުރުމަށް ކުރެވޭ މަސައްކަތް.
 
އިޤްތިޞާދީ ޢިލްމުގައި މިހާރު ދައްކާ އެއްވާހަކައަކީ، އެންމެ ވަރުގަދަ ކޮންސެޕްޓަކީ ނެޓް ނެޝަނަލް ވެލްފެއަރ. ނެޓް ނެޝަނަލް ވެލްފެއަރއަކީ މި ބުނިގޮތަށް ކޮލިޓީ އޮފް ލައިފް އިމްޕްރޫވް ކުރުން. އެއީކީ މެޝަރކޮށްގެން، ޑޮލަރުން ޕަރކެޕިޓާ ޖީ.ޑީ.ޕީ ކިޔާހެން ކިޔާ އެއްޗެއް ނޫން. އެކަމަކު ކަލޭމެން ކުދިންގެ ތެރެއިން މިކަން ދަންނަ ކުދިން، ނޫނިއްޔާ ޔުނިވަރސިޓީގެ ލެކްޗަރަރުން، ޕްރޮފެސަރުން ކުރެން އަހައިފިއްޔާ ބުނާނެ، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ރިޓެއިން ކުރެވޭތޯ ކުރާ މަސައްކަތަކީ، ނެޓް ނެޝަނަލް ވެލްފެއަރ އިމްޕްރޫވް ކުރުން. ކޮންކްރީޓް ޖަންގައްޔެއްގެ ތެރޭގައި، އިންޝުއަރެންސް ނަގައިގެން، އެހެންނަމަވެސް، މަގުމައްޗަށް ނުކުންނައިރު، އަންހެން ކުއްޖާގެ ޕަރސް، އަންހެން ކުއްޖާ އަތުން ޖަހައިގަންނަ ކަމަށްވަންޏާ، ރާއްޖޭގައި ހަމަޖެހުމެއް ނެތް. އަދި އިންސާނުންގެ ފުރާނަޔަށް އެއްވެސް ކަހަލަ ކަރާމާތެއްނެތި، ފުރާނަޔާ ދޭތެރޭގައި ޖެހިލުމެއްނުވެ، މީހެއްގެ ފުރާނަ ވަކިކޮށްލަން ދިމާކުރާ މުޖުތަމަޢަކީ، ހަމަޖެހުން އޮތް މުޖުތަމަޢެއް ނޫން. އެހެންވީމާ، ކޮލިޓީ އޮފް ލައިފް އިމްޕްރޫވްވާން މިޖެހެނީ.
 
 ކޮލިޓީ އޮފް ލައިފަކީ ހުރިހާ ކަމެއް އައިސް މި ނިމެނީ، ޑިނޯމިނޭޓް ވެގެން މިދަނީ ކޮލިޓީ އޮފް ލައިފް އިމްޕްރޫވް ކުރަން. އެއީ ނެޓް ނޭޝަނަލް ވެލްބީން އިތުރުކުރާ ކުރުމަކީ. އެހެންވީމާ ރަސްފަންނުވެސް ބޭނުންވަނީ. އެހެންވީމާ، ކުޑަކުދިން ނުކުމެ ކުޅޭނެ ތަންތަންވެސް ހަދަން މިޖެހެނީ. އެކަންކަން ކުރީމަ މައިންބަފައިންނަށްވެސް ހަމަޖެހުން އެބައާދޭ. އަދި ބޮޑެތި ޖަރީމާތައް، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާ ދޭތެރޭގައި، ޤާނޫނުގައި އޮންނަ އަދަބުދޭން ފެށީމަ ކުށްތައް މަދުވާނެ. އެހެންނަމަވެސް، އޭގެ މާނައަކީ އޯވަރނައިޓުން އެހުރިހާ ކަމެއް ފޮހެވިގެންދާނެއެކޭ ނޫން މުޖްތަމަޢުން. ދެން އެކަން ކުރާ މީހަކީ ޤާނޫނުންތޯ؟ ޤާނޫނުގެ ބޭރުންތޯ އެކަން ކުރަނީ؟ ކުރާ ސުވާލުގެ ޖަވާބު، ހަމަ ތިޔަ ކުދިންނާ އަހަރެން މިރޭ ޙިއްޞާކޮށްލާނަން.
 
އަހަރުމެންގެ ސަރުކާރުގައި މިވަގުތު ރާއްޖެއާ ދޭތެރޭގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރެއިން ބައެއް ޤައުމުތަކުގެ ވިސްނުން އަމާޒުވެގެން އުޅޭ އުޅުމުގެ ތެރޭގައި، މީގެ ބައެއް ކަންތައް އެބަ ހިމެނޭ. ބައެއް މީހުން އެބަތިބި ބަންދުވެފައި. އެކަމަކު އެމީހުން ބަންދުވެފައި އެބަތިބި. އެތިބި ތިބުމަކީ ޝަރީޢަތުގެ މަޖިލީހެއްގައި، އެ ތިބި ތިބުމާ ދޭތެރޭގައި އެމީހުން ވަކާލާތުކޮށްގެން، އެމީހުން ކުށުން ބަރީޢަވުމަށް އެމީހުންނަށް ލިބިފައި އޮތް ފުރްޞަތެއް. އަހަރުމެންގެ ތެރޭގައި، ކުޑަޔަސް ބޮޑަސް، ޖިނާއީ އަދަބު އަންނަ ޢުމުރުގެ މީހެއް ކަމަށްވަންޏާ، އެކުރާ ކުށަކަށް އެމީހަކަށް އަދަބު ލިބެންވާނެ، ހަމަ އެއްވެސް އިސްތިސްނާއެއްނެތި. އެހެން ނޫނިއްޔަކާއެއް، ރޫލްޑް ބޭސްޑް ޤައުމެއް، ނޫނިއްޔާ އެންމެން އެއް އުޞޫލަށް ތަބާވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ނޯންނާނެ. މިކަން މި ކުރަންޖެހެނީ ރައީސްކަން ކުރާ މީހާގެ ހިތްހަމަޖެހުމެއް ހޯދައިދޭކަށެއް ނޫން. މިކަން މި ކުރަންޖެހެނީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް.
 
މިއަދު އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ބުނަން ކެރޭ ވާހަކައަކީ، ބުނެވޭނެ ވާހަކައަކީ، މީގެ ހަތަރު ފަސްއަހަރާ ތަފާތުކޮށް، މިއަދު މާލޭގެ މަގުމަތީގައި ރޭގަނޑު ކޮންމެ ގަޑިއެއްގައި އަންހެން ބޭފުޅަކު ޕަރސް އަޅުވައިގެންދިޔަ ކަމުގައިވިނަމަވެސް، އެ ސްނެޗް ކުރަން އަންނަ މީހުންނެއް ނޫޅޭނެ. އެއީ، އަޅުގަނޑުމެން މި ހޯދަން ބޭނުންވާ ބަހަކީ. ދިވެހިރާއްޖެއަކީ ކުރީގެ ލިޔުންތެރިން، ކުރީގެ ސައްޔާޙުން، ކުރީގެ ލިޔުންތެރިން ޤަލަމުން ލިޔެފައި އޮންނައިރު، [ދުނިޔެމަތީގެ ސުވަރުގެ]. މިއަދުވެސް އަހަރުމެން ސިފަކޮށްދޭން ބޭނުންވަނީ، ޓުއަރިޒަމްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މަންޒިލަކަށް ޒިޔާރަތްކުރާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ހަދާ ކަމަށްވަންޏާ، ބުނަން ބޭނުންވަނީ ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ. އެކަމަކު ހަމަ ކިޔަވާކުދިން ކައިރީގައި ބުނެލަން ބޭނުންވޭ. ކިޔަވާކުދިން، އެކުދިން އެ ޤައުމެއްގައި ކިޔަވަމުންދާއިރު، އެކުދިން އެއީ ޤައުމުގެ ސަފީރުން. ކޮށްދެވޭނެ ކިތަންމެ ކަމެއް ހުންނާނެ. އަދި އެކުދިންގެ ޢަމަލުތައް ހުންނަގޮތުން، އެ ޤައުމަކާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ރަނގަޅުވާނެ.
 
މިއަދު އެބަހުރި، އަހަރުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައި، ބައެއް ޤައުމުތައް، ދިވެހިން ދިޔައީމަ، އިމިގްރޭޝަން ސަފުން ދިވެހިން ވަކިކޮށްފައި، އެމީހުން ބަލައި ފާސްކުރާ ޤައުމު. ވައި؟ ކީއްވެގެން؟ އެއީ އަހަރުމެންގެ ތެރެއިން ބައެއް ކުދިންނަށް، ބައެއް މީހުންނަށް ކަންކަން ކުރެވޭގޮތުން. އަހަރުމެންގެ ތެރެއިން ބައެއް މީހުން، އެހެން ކުރާ ދަތުރުތަކުގައި، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމުގައި، ނޫނިއްޔާ ބޭނުންކުރުމުގެ އިތުރަށް، އެމީހުން އެދާ ތަންތަނަށްވެސް މަސްތުވާތަކެތި ގެންދާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އެއްވެސް ޤައުމަކުން ހުއްދަކުރާނެ ކަމެއް ނޫން އެއީކީއެއް. އޭގެ މާނައަކީ ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަސްތުވާތަކެތީގެ ބޭނުންކުރާ މީހުން ނެތެކޭ ނޫން. އެހެންނަމަވެސް، ޤައުމުތަކުގެ ސަރުކާރުތަކުން ޤައުމުތަކުގެ ހަމަޖެހުމަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އެއްވެސް ޤައުމަކުން ނޭދޭނެ، އެހެން ޤައުމަކުން އަންނަ މީހެއް، އަދި އެ ޤައުމެއްގެ މީހަކުވެސް، ބޭރަށް ގޮސްފައި އަންނަމުން މަސްތުވާތަކެތި ގެންނާކަށް. މިއީ، އަހަރުމެން އަމިއްލަ އުފެއްދުމެއް. އެހެންވީމާ، މިކަން ކުރީމަ، ދެން ދަތުރުކުރާ އެންމެންނަށް އޭގެ އުނދަގޫ އެބަ އުފުލަންޖެހޭ.
 
 ހަމައެގޮތަށް މިރަށުގައި ދިރިއުޅޭ ކުދިންގެ ތެރެއިންވެސް، މިރަށުގައި ދިރިއުޅޭ ކުދިންގެ ފަރާތުން މިކަހަލަ އެއްވެސްކަހަލަ މައްސަލައެއް އަދި ސަރުކާރާ ހަމަޔަކަށް ނާދޭ. އެހެންނަމަވެސް، ގޯސްތަކެއް ވާން ފަށައިފި ކަމަށްވަންޏާ، ހަމަ އޭގެ އުނދަގޫ ހުރިހާ ކިޔަވާކުދިން އުފުލަންޖެހޭނެ. އަދި ކިޔަވާކުދިންނާއެކީ މިތަނުގައި ދިރިއުޅުއްވާ ހުރިހާ ދިވެހިން އުފުއްލަވަންޖެހޭނެ. އެހެންވީމާ، މިކަހަލަ ކަންތައްތައް އަހަރުމެން އެވޮއިޑް ކުރަން މިޖެހެނީ. މިކަހަލަ ކަންކަމުން އަހަރުމެން ދުރުހެލިވާން މިޖެހެނީ.
 
ރާއްޖޭގެ ދިރިއުޅުމުގެ ތެރެއިންވެސް މިކަންކަން އޮތީ މިހެން. ރާއްޖޭގެ ޑިމޮކްރަސީގެ ވާހަކަ ދައްކާފައި، ރާއްޖޭގެ ޑިމޮކްރަސީ ނެތޭ ކިޔާފައި، އަދި އަހަރުމެންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ބޭރުގެ ދައުލަތްތަކުން ބެހި، އެކަންކަމާ މަސައްކަތް ކުރުމަށް އަހަރުމެން ދަޢުވަތުދޭ ކަމަށްވަންޏާ، އަހަރުމެންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. އަހަރުމެންގެ ރާއްޖޭގެ ކަންތައްތައް ނިންމަންވާނެގޮތް، ނިޔާ ކަނޑައަޅާނީ، ރާއްޖޭގައި ހުރި ޤާނޫނުތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން. އެ ރައްޔިތުންނަކީ ޤާނޫނުގެ ތެރެއިން އުފެދިފައި އޮންނައިރު، ވެރިކަން ހިންގާ ފަރާތް ކަމުގައިވިނަމަވެސް، އަދި ޤާނޫނު ހަދާ މަޖިލިސް ކަމުގައިވިނަމަވެސް، އަދި ޢަދުލު އިންޞާފު އެންމެ ވަރުގަދަ މުއައްސަސާ، ޢަދުލު އިންޞާފުގެ ތެރެއިން ނަމަވެސް، އެކަން ނިންމަންވާނީ އަހަރުމެން. އެކަންކަން ނިންމުމަށް ހަދާފައި އޮންނަ އުޞޫލުތައް، އެހެން ޤައުމުތަކުގައި ހުންނަގޮތަށް އެހެރީ އަހަރުމެންގެ ރާއްޖޭގައި. އެކަންކަން ކުރަން އަހަރުމެންގެ ތެރޭގައި ތިބޭ މީހުންގެ ފެންވަރު ނެތުން، ނޫނިއްޔާ އެކަންކަން ކުރުމުގައި، އެއް ޤައުމެއްގައި އޮންނަ ޤާނޫނާއި، އަހަރުމެންގެ ރާއްޖޭގައި އޮންނަ ޤާނޫނުން އެއް އަދަބުތަކެއް ނެތުން އެއީކީއެއް ދިވެހިރާއްޖޭގެ ޑެފިޝަންސީއެއް ނޫން.
 
ދިވެހިރާއްޖޭގައި މިދޭތެރެއިން ބޭފުޅަކަށް ޓެރަރިޒަމްގެ ޙުކުމް އައިސްގެން މި ދެކެވޭ ވާހަކައިގެ ތެރެއިން، އެންމެން ގަބޫލުކުރޭ އެއީ ކުށެއްކަން. މީހަކު ހިފައި ހައްޔަރު ކުރުމަކީ، މީހަކު ހިފައި ހައްޔަރު ކުރުމަކީ އަދި އަމުދުން ބާރުވެރިކަން އޮތް ފަރާތަކުން، ޤާނޫނާއި ޝަރީޢަތުގެ ބޭރުން މީހަކު ހިފައި ހައްޔަރު ކުރުމަކީ، ޓޮލަރޭޓް ކުރަންޖެހޭ ކަމެއް ނޫން. އެކަން ޓޮލަރޭޓް ނުކުރެވޭނެކަން އެނގޭނީ، ތިއިން ކޮންމެ ކުއްޖަކަށްވެސް އެކަން އިޙްސާސް ކުރަންޖެހުނީމަ. ދިވެހިރާއްޖޭގައި މިކަން އައިސްފައި އޮތްގޮތް، ޤާނޫނުގެތެރެއަށް އެންފޯސްޑް ޑިސެޕިއަރެންސް، މިއީ ދުނިޔޭގެ ހިއުމަން ރައިޓްސްގެ އެންމެ ވަރުގަދަ އެއް އަސާސް. އެންފޯސްޑް ޑިސެޕިއަރެންސްއަކީ ހުރިހާ ތަނެއްގައި ކުށެއް. އެކި ޤައުމުގައި އެކިވަރަށް މިއަށް އަދަބު ހުންނަނީ. އެކަމަކު ދިވެހިރާއްޖޭގައި އެކަން ކުރަންޖެހުނު ގޮތަކީ، މީގެ ފަނަރަވަރަކަށް، ވިއްސަކަށް އަހަރު ކުރިން، މަދަރުސާ ކުދިން ނިމޭއިރު، މަދަރުސާތައް ކައިރިއަށް މުޅި މީހާ ޑްރެޕްޑް އިން ކްލޯތް، މުޅި މީހާ ބޮލުން ފައިތިލަޔާ ހަމަޔަށް ނިވާކޮށްގެން ތިބޭ މީހުން، އަންހެނުން ގޮތަށް ހެދިގެން ތިބޭ މީހުން ޓެކްސީތަކުގައި ގޮސް، ކާރު ހުއްޓާލާފައި، ކުއްޖަކު ސްނެޗްކޮށް ކާރަށް އަރުވާފައި، ދެން މިގެންދަނީ. މިއީކީ އަންހެނުންނެއް ނޫން. މިއީ ފިރިހެނުން. ގެންގޮސްފައި އެކުދިންނަށް ނާޖާއިޒު އެތައް ކަމެއް، އެކުދިންގެ ކަރާމާތަށް އަރައިގަނެ، އެކުދިންނަށް ދެރަ އެތައް ގޮތެއް ހަދާފައި، މާލޭގެ މަގުމަތީގެ ކޮންމެވެސް ހިސާބަކަށް ދޫކޮށްލަނީ. މިކަން ސަރުކާރަށާއި ރައްޔިތުންނަށް އުނދަގޫވެގެން، އޭރު މަޖިލީހަށް ފޮނުވައިގެން، އެ ޤާނޫނަކީ އެންފޯސްޑް ޑިސެޕިއަރެންސް ނޫނީ މީހުން މިގޮތަށް ނަގައި ރަހީނުކުރުމަކީ ކުށެއްކަމާއި، އަދި އެ ކުށަކީ ޓެރަރިޒަމްގެ ދަޢުވާ އުފުލަންޖެހޭ ކުށެއް ކަމަށް ކަނޑައެޅީ އެއީ އިއްޔެ މިއަދުގެ ކަމެއް ނޫން. އެއީ މީގެ ފަނަރަވަރަކަށް އަހަރު ކުރި.
 
ކަލޭމެން ކުދިން ވިސްނާ! ކަލޭމެން ކުދިންގެ މައިންބަފައިންނަށް ކުރަންޖެހޭނެ އިޙްސާސް، ނޫނީ ހިތްދަތިވާނެ މިންވަރު. ޔުނީއަށް ގޮސްފައި އެނބުރި އަންނައިރު، ދެރޭ ދެދުވާ، ކުއްޖާއަށް ވީނުވީގޮތެއް ނޭނގި. އޭގެފަހުންވެސް ކުއްޖާއަށް ވީނުވީގޮތެއް ނޭނގި. މި އިޙްސާސް އަހަރުމެން ކުރާކަށް ބޭނުމެއް ނޫން. މިއީ ދުނިޔެމަތީގެ ސުވަރުގެދޯ ދިވެހިރާއްޖެއަކީ. ދުނިޔެމަތީގެ ސުވަރުގޭގައި ކީއްކުރަން މިކަހަލަ ކަންތައް ކޮންޑޯން ކުރަންވީ؟ ކުރާކަށްނުޖެހޭ. އެހެންވީމާ، މިކަހަލަ ކަންކަން ކުރީމަ، އަދި އަމުދުން ބާރުވެރިކަމުގައި ތިބޭ މީހުންގެ ފަރާތުން މިކަހަލަ ކަންކަން ކުރީމަ، އެއަށް އަދަބު އެބަ ލިބެންޖެހޭ. ހުރިހާ އެންމެންވެސް ގަބޫލުކުރޭ އަދަބު ލިބެންޖެހޭކަމަށް. އެކަމަކު ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިކަންކަން މިއީކީ ޓެރަރިޒަމްގެ ދަޢުވާ އުފުލާ ކަމެއް ނޫން. އެކަމަކު ދިވެހިރާއްޖޭގައި މިކަމުން މުޖުތަމަޢުގެ މަޞްލަޙަތު ގެއްލިފައި އޮތްލެއް ބޮޑުކަމުން، މަޞްލަޙަތު ހޯދުމަށްޓަކައި އަހަރުމެން އޭރު ޤާނޫނަށް އެ މާއްދާ އިތުރުކުރީ. އެހެންވީމާ، އެންފޯސްޑް ޑިސެޕިއަރެންސަކީ ޓެރަރިޒަމް އޮފެންސެއް ގޮތަށް އަހަރުމެން ކަނޑައެޅީ. އެހެންވީމާ، ޓެރަރިޒަމް އޮފެންސެއްގައި އޮންނަ އަދަބަކީ، 13 އަހަރާއި 15 އަހަރުގެ ޖަލު ޙުކުމެއް ކަމަށްވަންޏާ، ރިގަރޑްލެސް އޮފް ހޫ ހޭޒް ޕަރޕެޓްރޭޓެޑް ދި އޮފެންސް. އެ ޙުކުމް އަންނާނެ. އެކަމަކު އެ އަންނަނީ ޤާނޫނާއި ޝަރީޢަތުގެ ތެރެއިން.
 
 ޤާނޫނާއި ޝަރީޢަތުގެ ބޭރުން މީހުން ހައްޔަރުކޮށްފައި އެބަހުރި. އެކަމަކު މި ސަރުކާރުންދޭ ކަށަވަރުކަމަކީ، ޤާނޫނާއި ޝަރީޢަތުގެ ބޭރުން އެއްވެސް މީހެއް ގައިގައި އަތްލައި، ހިފައި ހައްޔަރުކޮށެއް ނުހަދާނެ. އެހެންވީމާ، މިކަންކަން މިއުޅެނީ އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ތަޙައްމަލް ނުކުރެވިގެން. އެކަމަކު މީގައި އަހަރުމެންނާ ސުވާލު އެބަ އުފައްދާ. އަހަރުމެން ބައިވެރިވެގެން އުޅޭ އެކިއެކި ޖަމްޢިއްޔާތަކުންވެސް އަބަދު ދިވެހިރާއްޖެ މިއުޅެނީ ކޮންމެވެސް ކަމެއްގެ ސްކްރޫޓިނީގައި. އެކަމަކު މުޅި ރައްޔިތުންގެ ޙައްޤުގައި މިކުރަންޖެހޭ ކަންތައްތައް އަހަރުމެން ކުރާނެ. މަރުގެ ޙުކުމް، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މިއީ ކަންބޮޑުވާ ކަމެއް. ޚާއްޞަކޮށް، ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކުގައި މިއީ ހުއްދަކުރާ ކަމެއް ނޫން. އެމީހުން ގަބޫލުކުރާ ކަމެއް ނޫން. އެކަމަކު ދުނިޔޭގެ ބޮޑެތި ޤައުމުތައް، އެންމެބޮޑެތި ޑިމޮކްރަސީސް، ޔުނައިޓެޑް ސްޓޭޓްސް، މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސްގެ އެކި ސްޓޭޓްގައި މަރުގެ ޙުކުމް އެބަހުރި، ކެޕިޓަލް  ސެންޓެންސް އެބަހުރި. ކެޕިޓަލް ޕަނިޝްމަންޓް އެބައޮތް. އެކަމަކު ރާއްޖޭގައި މިކަން ކުރަންވީމަ، މިއީ މައްސަލައަކަށް އެބަވޭ. އެކަމަކު އުފައްދާ ސުވާލަކީ، މީގެ އަށެއްކަ އަހަރު ކުރިޔާ ހަމައަށް ތިޔަކުދިން ހިޖުރަކޮށްލާށޭ، ޖެހިލާށޭ. ރާއްޖޭގައި މީހުން މަރާފައި ހުރީ ރަޙުމެއް ނެތްގޮތުގައި. އެގޮތާ ދޭތެރޭގައި ކަލޭމެން ވިސްނާށޭ. ރާއްޖެއަކީ އަމާން ތަނެއް ނޫން. އެކިއެކި މީހުންނަށް އަނިޔާ ކުރުމަށް އެމީހުން ފަހައި، ރާއްޖޭގެ އެކިހިސާބަށް މީހުން އެބަހުރި ދަތުރުކޮށްފައި. ޤާތިލުންގެ ޝިކާރައަށް އަހަރުމެންގެ ތެރެއިން އެއްވެސް މީހަކު ހުށަހެޅޭކަށް، އެއްވެސް ދިވެއްސަކު ބޭނުމެއްނުވާނެ. މިކަމުގައި ﷲގެ ޙުކުމަކީ، މަރަށް މަރު. މުޅި ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި އެކަން ދިވެހިރާއްޖޭގައި އެތައް ޒަމާނަކަށްފަހު، އަލުން މި ތަޢާރުފް ކުރެވުނީ. ﷲގެ ވާތްގަށް އެދެމުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ މި ރައީސް ހުރެއްޖެ ކަމަށްވަންޏާ، މިކަން ތަންފީޛު ވެގެންދާނެ.
 
އެހެން ހަދަން މިޖެހޭ ސަބަބަކީ، އެހެން ހަދަން މިޖެހޭ ސަބަބަކީ، ދުނިޔޭގައިވާ އެއްވެސް އެއްޗަކަށްވުރެން އިންސާނާގެ ފުރާނަ އަގުބޮޑު. ކޮންމެ ޢާއިލާއަކުން ތަޙައްމަލްކުރާ ވޭނާއި، ހިތްދަތިކަމާއި، އިޙްސާސް އެނގޭނީ މިކަހަލަ ކަމެއް އެ ޢާއިލާއަކުން ބަރުދާސްތު ކުރަން ޖެހުނީމަ. އެހެންވީމާ، ދިވެހިރާއްޖެއަކީ އާޚިރުގައި ވަރަށް މުއްސަނދި ތަނަކަށްވިނަމަވެސް، އަދި ވަރަށް ތަޢުލީމީ މީހުން ތިބި ތަނަކަށްވިނަމަވެސް، އަހަރުމެންނަކީ އަހަރުމެންގެ އަމިއްލަ ޤައުމުގައި ޝިކާރަވެގެން ތިބޭ ބަޔަކަށްވާންޖެހޭ ސަބަބެއް ގަބޫލެއްނުކުރެވޭ. އެއެއް ގަބޫލެއްނުކުރެވޭ. އެހެންވީމާ، އަހަރުމެން އެކަންކަން ކުރަން މިޖެހުނީ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް، އަހަރުމެންގެ މަދަނިއްޔަތުގެ ހުރިހާ ހިސާބެއްގައި، ހުރިހާ ޙަޟާރަތްތަކެއްގައި އެންފޯސްކޮށްފައި ހުރި ކަންތައް މިއީ. އެކަމަކު މިހާރު ބައެއް ޤައުމުތަކަށް މިކަން ގަބޫލުނުކުރެވެނީ. އެހެންނަމަވެސް، އެޤައުމުތަކުގެ ޘަޤާފަތާއި، އެޤައުމުތަކުގެ ދީނީ ކަންކަމާއި އިޢުތިޤާދު އަހަރުމެންނާ ތަފާތު. އަހަރުމެން މިކަން މިކުރަނީ އެއްގޮތަކަށްވެސް ހަމައެކަނި ދީނީ ނަޒަރިއްޔާއަކުންނެއް ނޫން. އަހަރުމެން އެކަން މިކުރަނީ މުޅި މުޖުތަމަޢުގެ އިންޞާފަށްޓަކައި. މުޅި އެންމެންގެ ހަމަޖެހުމަށްޓަކައި. އަހަރުމެން ގަބޫލެއްނުކުރަން، އަހަރުމެންގެ ރައްޔިތުން އެގޮތަށް މަރަންޖެހޭނެ ކަމަކަށް. އެންމެންވެސް ހަމަޖެހިގެން އުޅެންވާނެ. މިއީ ކޮލިޓީ އޮފް ލައިފް އިމްޕްރޫވް ކުރަން ކުރާ ކަމެއް.
 
އެހެންވީމާ، ރާއްޖެ މޮޑެލްވެގެން، ރީ މޮޑެލްވެގެންދާއިރު، މިކަހަލަ އެތައް ކަމެއް މި އަންނަނީ އިޖުތިމާޢީ ދާއިރާއިން، ޤާނޫނީ ދާއިރާއިން އަދި ތަންފީޛު ކުރުމަށް މަރްޙަލާއެއްގެ ތެރެއިން މިކަންކަން މި އަންނަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގެ ނަފްރަތު އޮތް ނަމަވެސް، މުޅި ރާއްޖޭގެ ރައްޔިތުންގެ ހަމަޖެހުމަށް. ރާއްޖޭގައި ކުރާނެ މަސައްކަތުގެ ފުރްޞަތު ތަނަވަސްވާ ކަމަށްވަންޏާ، މުއްސަނދިވުމަކީ ދަތިކަމެއް ނޫން. އަހަރުމެންގެ ސަރުކާރުގެ އެއް އަމާޒަކީ މުއްސަނދިވުން. އެއީ ގޯހެއްވެސް ނޫން. އެކަމަކު ހެޔޮގޮތުގައި މުއްސަނދިވާނީ. އަހަރުމެންގެ ވަސީލަތްތައް ބޭނުންކޮށްގެން އަހަރުމެން މުއްސަނދިވެވޭތޯ ބަލަނީ.
 
އެއަރޕޯޓަށް، ގާތްގަނޑަކަށް އަށެއްކަސަތޭކަ މިލިއަން ޑޮލަރު ދާންވީމަ، އެއީތޯ އެންމެ ރަނގަޅަށް އެ ޚަރަދު ކުރެވޭނެ ކަމަކީ؟ މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އެޅީމަ، 300 މިލިއަން ޑޮލަރުން އެންމެ ރަނގަޅަށް ކުރެވޭނީތޯ؟ ރާއްޖޭގެ އާބާދީގެ 65 އިންސައްތައަކީ 35 އަހަރުން ދަށުގެ މީހުން. މީގެތެރެއިން ގިނަ މީހުންނަކީ އަމިއްލަ ދިރިއުޅުމެއް، ބޯހިޔާވަހިކަމެއް ނެތް މީހުން. ކީއްވެގެން އެމީހުންނަށް ގެދޮރު ނުހުންނަންވީ؟ އެމީހުންނަށް ގެދޮރު ހޯދައިދިނުމަށްޓަކައި ކުރާ ކަމެއް، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި، ޔޫތުސިޓީއެއް ގޮތުގައި އެތަން ތަރައްޤީ ކުރަން ކުރާ މަސައްކަތް. ތިޔަކުދިން ހިތަށްގެނޭ. މިއަދު ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް ސާޅީހަކަށްހާސް މީހުން. މި މަސައްކަތްކޮށް ނިމޭއިރު، ހުޅުމާލެއާއި މާލެއާ، މި ދެ ބައްރުގައި ދިރިއުޅޭ މީހުންގެ ޢަދަދު ސަތޭކަ ފަސްދޮޅަސް، އެއްލައްކަ ފަސްދޮޅަސްހާސް، އެއްލައްކަ ހަތްދިހަހާހަށް ހިނގައްޖެ ކަމަށްވަންޏާ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި އޮތް ވޯޓަރ ބޭސްޑް ބްލޮކްވާނެ މިންވަރު ކަލޭމެން ވިސްނާ. ހަމައެކަނި ސަރފަސް ޓްރާންސްޕޯޓްގައި އުޅޭކަމަށްވަންޏާ. އިމްޕޮސިބްލް، އިމްޕޮސިބްލް ކަމެއް. މަސައްކަތަށް މި އަންނަނީ މާލެއަށް. ފުރައިގެން ދާން މިޖެހެނީ ހުޅުމާލެއިން މާލެއަށް. އަނެއްކާ މާލެ ނިންމާފައި މިދަނީ. ކިތަންމެވަރަކަށް ފެރީގެ ޚިދުމަތް ރަނގަޅުކުރި ނަމަވެސް، އެ ވޯޓަރ ބޭސްޑް ބްލޮކް ނުވާނެގޮތަކީ ނެތްގޮތެއް. އެހެންވީމާ، އެއީކީ ޙައްލެއް ނޫން. އޭގެ ޙައްލަކަށްވާނީ ހަމަ އެއްގަމު މަގުން ދަތުރުކުރެވޭނެ ގޮތްތައް. އެހެންވީމާ، 300 މިލިއަން ޑޮލަރު އެކަމަށް ޖަސްޓިފައި ވަނީ. އެކަމަކު އެ ޖަސްޓިފައިވާއިރު، އެ ލާރި ދެން އޯލްޓަރނެޓިވްލީ ސްޕެންޑް ކުރަން، އިންވެސްޓް ކުރަން ހުރި އެހެން ކަންކަން އިހުމާލުކޮށްލާފައެއް ނޫން. މި ސަރަޙައްދުގައި އިރާދަކުރެއްވިއްޔާ ހަމަ ލިބޭ އެންމެ ރަނގަޅު ޞިއްޙީ ފަރުވާ ދިވެހިރާއްޖެއިން ލިބޭނެ ކަމަށް، އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ ވަރުގަދަ އިންވެސްޓްމަންޓްސް މިދަނީ ޢުމްރާނީ ނޫނީ އިޤްތިޞާދީ އިންވެސްޓްމަންޓްގެ އިތުރަށް މިދަނީ ޞިއްޙަތަށާއި ތަޢުލީމަށް. އެހެންވީމާ، ޞިއްޙީ ދާއިރާ، އެންމެ ވަރުގަދަ އެއް ދާއިރާއަށް ހަދަން ބޭނުންވަނީ. އޭގެ ނަތީޖާކަންނޭނގެ، މިތަނުންވެސް މެލޭޝިޔާއިންވެސް ސައިމްޑާބީ މިހާރު އެ އިންވެސްޓްކޮށްގެން އުޅެނީ، ޕްރައިވެޓްތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި. އަދި ސިންގަޕޫރުގެ އެކިއެކި ޑިޕާޓްމަންޓްތަކަށްވެސް އަޅުގަނޑުމެންގެ ހޮސްޕިޓަލަށް އަޅުގަނޑުމެން އިންވައިޓް ކުރާނަން. އެހެންވީމާ، ރާއްޖެ ރީ މޮޑެލް ވެގެންދާއިރު، ހަމައެކަނި މި އަންނަނީކީ ވިސްނުމަށް އަންނަ ބަދަލެއް ނޫން. ހަމަޖެހުން ހޯދުމަށްޓަކައި ކުރެވޭ މަސައްކަތް މި އަންނަނީ. އެ ދާއިރާއަށް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަންނަނީ. އެކަމަކު އެޔާއެކީ ޤާނޫނު ތަންފީޛު ކުރުމާއި، ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީ، ޚާއްޞަކޮށް، ޖިނާއީ ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަން ދައްކުވައިދޭން ކުރާ މަސައްކަތް، ނޫނީ ތަންފީޛު ކުރަން ކުރާ މަސައްކަތުގެ ތެރެއިން ހަމަޖެހުން ނޫނީ ހިތްހަމަނުޖެހުން މި އޮންނަނީ.
 
2013 ވަނަ އަހަރުގެ އިންތިޚާބަކީ، ރިޔާސީ އިންތިޚާބަކީ ފަސޭހަ އިންތިޚާބެއް ނޫން. ދިވެހި ތާރީޚުގައިވެސް ނެތްކަންނޭނގެ، ހަތަރު ބުރަށް ވޯޓްލައިގެން ރައީސަކު ހޮވާފައެއް. އެހެންވީމާ، މިއީކީ ފިނިފެންމަލުގެ ދާނެއްގައި ވެޑުވިފައި ހުރި ރައީސެއް ނޫން ކޮންމެހެން. އެހެންނަމަވެސް، މި ރައީސްގެވެސް ވިޝަންއަކާއި، ޑްރީމަކާއި، އެސްޕިރޭޝަންތަކެއް އެބަހުރި ލައިފްގައި. އެ ޝެއަރ ކުރަން ބޭނުން ދިވެހިންނާ. އެހެންވީމާ، ރާއްޖެ އޮތް ހިސާބުން އެހެން ހިސާބަކަށް ޓްރާންސްފޯމް ކުރަން ކުރާ މަސައްކަތް މި ކުރަން މިޖެހެނީ. އޭގެ ނަތީޖާއަކީ ރާއްޖޭގެ ރައްޔިތުން އޭގެ ބެނެފިޝަރީންނަކީ. އޭގެ ނަތީޖާއަކީ ރާއްޖޭގެ ކިޔަވާ ކުދިން، ދުނިޔޭގެ ކޮންމެތާކު ތިބި ނަމަވެސް، އޭގެ ބެނެފިޝަރީޒަކީ. ހަމަ ކިޔަވާ ކުދިންނާއި ޒުވާނުންގެ ހަމަޖެހުމަކީ، މުޅި ޤައުމުގެ އިޤްތިޞާދުގެ ހަމަޖެހުން. އެހެންވީމާ، މިކުރެވޭ މަސައްކަތުގެ ތެރޭގައި، ސިޔާސީ ވާދަވެރިންގެ ތެރޭގައި މި އަންނަ ކަންކަމުގެ ތެރޭގައި، ސިޔާސީ ވާދަވެރިންވެސް ގޯސް ހަދައިފި ކަމަށްވަންޏާ، ކުށްކޮށްފި ކަމަށްވަންޏާ، އެމީހުންނަށް އަދަބު ލިބޭނެ. އެކަމަކު އެ އަދަބު ލިބޭނީ ޤާނޫނާއި ޝަރީޢަތުގެ ތެރެއިން.
 
ދިވެހިރާއްޖޭގެ ޑިމޮކްރަސީ، ނޫނިއްޔާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ނެތް ކަމަށް ވަކާލާތު ކުރާއިރު، ދިވެހިރާއްޖޭގެ ސިޔާސީ މީހުންގެ ތެރެއިން، އެބުނާ މީހުންގެ މީހަކު ހައްޔަރުވެފައެއް ނުހުންނާނެ، މުޒާހަރާއެއްގައި ޤާނޫނާޚިލާފު ކަމެއް ކޮށްގެން ނޫނިއްޔާ. އެހެންވީމާ، މުޒާހަރާވެސް ކުރެވޭތާ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ދިވެހިރާއްޖޭގެ ރައީސްގެ އަބުރަށްވުރެ ބޮޑަށް އެއްވެސް ޤައުމެއްގައި ރައީސެއްގެ އަބުރާ ބެހެވޭ އެއްވެސް ޤައުމެއް ނޯންނާނެ. ގެއެއްގެ ސިޓިންގރޫމްގައި، މަންމައިންނަށް ކުޑަކުދިން ގޮވައިގެން ތިބެން ނުކެރޭވަރުގެ ވާހަކަ އަހަރުމެންނަށް އެބައިވޭ. އެކަކު އަނެކަކަށް ތުހުމަތުކޮށް ދައްކާ ވާހަކަ. އެކަމަކު އަހަރުމެން ވަރަށް ޓޮލަރެންޓް. އެހެންނަމަވެސް، އެއަށްވެސް ބަދަލުތަކެއް އަންނާނެ.
 
އެހެންވީމާ، ދިވެހިރާއްޖޭގައި މިނިވަންކަން ނެތިގެނެއް ނޫން މިއުޅެނީ. ދިވެހިރާއްޖޭގެ 50 އަހަރުގެ މިނިވަންކަން އަހަރުމެން ފާހަގަކުރާއިރު، ހަމަ ފަރުދުންގެ މިނިވަންކަން އެބައޮތް. އެކަމަކު ފަރުދުންގެ މިނިވަންކަން ނިމޭ ހިސާބަކީ، އަނެއް ފަރުދުގެ މިނިވަންކަމުގެ ބައުންޑްރީ ފަށާ ހިސާބު. އެ ޓްރެސްކްރޮސް ކުރުމަކީ އެލައު ކުރެވޭނެ ކަމެއް ނޫން. އެކަން އެލައު ނުކުރުމަކީ، ނޫނީ އެކަން އެލައު ނުވާނެކަން ކަށަވަރުކޮށްދިނުމަކީ، ޤައުމެއް، ނޫނިއްޔާ ޤައުމެއް ހިންގަން ސަރުކާރެއް އިންތިޚާބުކޮށްފައި އޮންނަ އޮތުން. މީގެ އެތަކެއް ޤަރުނުގެ ކުރީގެ ފިލޯސަފަރުން، ކުރޫސޯ ކަހަލަ ފިލޯސަފަރުންގެ ވާހަކައިގައި، ރައްޔިތުންނާއި ސަރުކާރަކާ ދޭތެރޭގައި، ނޫނީ ސަރުކާރު ހިންގަން ހޮވާ މީހަކާ ދޭތެރޭގައި މި އޮންނަނީ ސޯޝަލް ކޮންޓްރެކްޓެއް. އެ ކޮންޓްރެކްޓަކީ ރައްޔިތުންނަށް ރެސްޕޮންސިވްވުން. ރައްޔިތުންގެ ފުރާނައާއި، ރައްޔިތުންގެ މުދަލާއި ގެދޮރުގެ ޙިމާޔަތް، ސަރުކާރަކުން އެބަ ހޯދައިދޭންޖެހޭ. އެހެންވީމާ، އެކެއްގެ މިނިވަންކަން ނިމޭ ހިސާބަކީ، އަނެކެއްގެ މިނިވަންކަން ފެށޭ ހިސާބު ކަމަށް، އެ ރޮނގު ހުރަސް ނުކުރާށޭ ބުނަންވީ. އެ ރޮނގު ހުރަސްކުރާ ކަމަށްވަންޏާ، އެ ރޮނގު ހުރަސްކުރިޔަ ނުދިނުމަކީ، ދައުލަތް ހިންގަން ހުންނަ މީހާގެ ޒިންމާއެއް. އެހެންވީމާ، އެއްބަޔަކަށް ގަބޫލުނުކުރެވުނު ކަމުގައިވިނަމަވެސް، އެކަންކަން އެގޮތަށް ހިނގާނެ. އެއީ، އެންމެންގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަކީ، އެ އޮންނަ އުޞޫލަކުން އެންމެންގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަކީ، އެ ހޮވިފައި އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއް.
 
 އެޔާއެކީ ސަރުކާރަކީ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށްވަންޏާ، އާޚިރުގައި ފެނިގެންދާން ބޭނުންވަނީ، ދިވެހިރާއްޖެއަކީ ޞުލްޙަވެރި، ހަމަޖެހޭ އަދި އެ ޤައުމަކީ ލިވެބަލް، ކޮންމެ ރައްޔިތަކަށްވެސް ލިވެބަލް ދައުލަތަކަށް އެކަން ވެގެންދިޔުން. 11ގެ ފަހުން މީހުން މަގުމަތީގައި އުޅޭ ކަމަށްވަންޏާ، ސްނެޗް ކުރާ ކަމަށްވަންޏާ، ނޫނިއްޔާ އެމީހުން ކިޑްނެޕް ކުރެވޭ ކަމަށްވަންޏާ، އެއީކީ ހަމަޖެހޭ ޤައުމެއް ނޫން. އަހަރުމެންނަށް އެނގޭ، ރަށްރަށުގައި، ނަން ކިޔާކަށް ނޫން. އެކަމަކު މަގުމަތީގައި އުޅޭ، ހަމަ އެ ޤައުމުތަކުގެ ސްޓްރީޓް އަރޗިނުންނޭ ކިޔާ ކުދިން، ރޭގަނޑު އެ ޤައުމުތަކުގެ މަގުތަކުގައި އުޅޭ. އަނެއް ދުވަހު އެކުދިންނެއް ނުފެންނާނެ. ހަމަ ސިސްޓަމެޓިކްލީ އެލިމިނޭޓަޑް. މިއީތަ، އަހަރުމެންނާއި އަހަރުމެންގެ ދަރިންނާ ދޭތެރޭގައި ކަންތައް ކުރަން ބޭނުންވާ ގޮތަކީ؟ އެކަމަކު އެވާހަކަތަކެއް ނުދައްކާ. ބޮޑެތި ޤައުމުތައްވީމަ، އެ ވާހަކައެއް ނުދައްކާނެ. ދިވެހިރާއްޖެ ކުޑަ ޤައުމަކަށްވީމަ، މިކަހަލަ ބަދުނާމު އަންނަނީ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި ހަމަޖެހުން އޮތީ ދިވެހި ރައްޔިތުން ގަބޫލުކުރާ އުޞޫލަކުން. އެ އުޞޫލުތައް އެހިރީ ދިވެހި ރައްޔިތުންގެ މަންދޫބުން، ޤާނޫނު ހަދާފައި، ޤާނޫނުގެ ތެރޭގައި ފާސްކޮށްދީފައި. އެ ޤާނޫނު ކަމުނުދާކަމަށްވަންޏާ، އެ ޤާނޫނުތައް އިޞްލާޙު ކުރާނީ. ނޫނިއްޔާ އެ ޤާނޫނު ހަދާ މީހުން ކަމުނުދާކަމަށްވަންޏާ، ދެން އަންނަ ޓަރމަކަށް އިލެކްޓް ނުކުރާނީ. ހަމަ ރައީސަކާ ދޭތެރޭގައިވެސް، މިހުރިހާ ކަމެއް ނިމިގެންދާއިރު، ބޮޓަމް ލައިނަކީ، މި ރައީސް ޚިދުމަތް ނުކުރާ ކަމަށްވަންޏާ، މި ރައީސަކަށް ވޯޓެއް ނުލިބޭނެ. އެހެންވެގެން ކްރިޓިކަލީ ވިސްނާށޭ މި ބުނަނީ. ކްރިޓިކަލް ތިންކަރުން ބޭނުންވަނީ މިކަހަލަ ކަންކަމަށް.
 
އެހެންވީމާ، މީގެކުރީގައި ހަތަރު ފަސް އަހަރުގެ ޕެޗެއް، ކުރިއަށް ވިސްނާލައިފި ކަމަށްވަންޏާ، އެހާރާއި މިހާރާ، ކޮންކަހަލަ ހަމަޖެހުމެއްތޯ އަންނަނީ ބަލާކަމަށްވަންޏާ، ޤާނޫނު ތަންފީޛު ކުރުމާއި، ނޫނީ ރޫލް އޮފް ލޯ އަޕްހޯލްޑް ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރެވެނީ މި ސަރުކާރުން. މި ސަރުކާރުގެ ރައީސަށާއި، ރައީސްގެ ޢާއިލާއަށް ނުރައްކާތެރިކަން ހުރިކަން އެނގުނު ނަމަވެސް، މަރުގެ ޙުކުމް ތަންފީޛު މި ކުރަންޖެހެނީ މުޅި ރައްޔިތުންގެ ސަލާމަތަށްޓަކައި. އަދި މި ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި، އިދިކޮޅު މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހުނަސް، ފިޔަވަޅު އެޅިފައި އެހެރީ އިދިކޮޅު މީހުންވެސް ކްރޮސް ކުރަންނުޖެހޭ ލައިން ކްރޮސް ކުރީމަ. އަދި މީހުންނަށް އެކަމުގެ ސަބަބުން އަނިޔާކުރުމަށާއި، އަނިޔާދޭން މަސައްކަތް ކުރީމަ، އެކަން ކޯޓުގައި ސާބިތުކޮށްފައި، ދެން ލިބޭ އަދަބެއް އެ ލިބެނީ. އެއްވެސް މީހަކު ހައްޔަރުވެފައި މިހުންނަނީ އާރބިޓްރީކޮންނެއް ނޫން. ކަލޭމެން ކުދިންނާ ބައްދަލުވާ ބޭރުގެ މީހުން ކައިރީވެސް އަހާ، ދިވެހިރާއްޖޭގައި އާރބިޓްރެރީ ޑިޓެއިން ކުރެވިފައި ހުރީ ކާކުތޯ؟ އޭގެކުރީގައި، ތަންކޮޅެއް ކުރީގައި، ހަމަ ކުޑަކުޑަ ތަންކޮޅެއް ކުރީގައި މާޒީއަށް ދާކަމަށްވަންޏާ، އަހަރުމެން ތެރޭގައި އޮތީ ފަޚްރުވެރި މާޒީއެއް ނޫން. މީގެކުރީގައި ޢާންމު ކަމެއް، އާރބިޓްރަރީ މީހުން ޑިޓެއިން ކުރުމަކީ. އޭގެތެރޭގައި މި ރައީސްވެސް ހަމަ ވަނީ ޑިޓެއިންކޮށްފައި، ދެފަހަރު، ތިންފަހަރުވެސް. އެހެންވީމާ، އެޔާ މިހާރާ ތަފާތު.
 
އެހެންވީމާ، ދިވެހިރާއްޖެ ރީ މޮޑެލްވެގެންދާއިރު، ހަމައެކަނި މިދަނީ ޢުމްރާނީ ތަރައްޤީއާއި އޭގެ ބަދަލެއް ނޫން. އަހަރުމެން ބޭނުންވޭ، އަހަރުމެންނަށް ލިބޭ ޤައުމީ އުފެއްދުންތެރިކަން ދެގުނަކުރަން. އެޔާއެކީ ވަސީލަތްތައް ތަރައްޤީ ވެގެންދާއިރު، އަލްޓިމޭޓަމް ބޮޓަމް ލައިނަކީ އަހަރުމެންގެ ނެޓް ނެޝަނަލް ވެލްބީންގއިތުރުވެގެންދިޔުން. ހިތްފަސޭހަ، ހިތްހަމަޖެހޭ، މަޞްލަޙަތަށް ލޯބިކުރާ އަދި އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އެއްވެސް މީހެއްގެ ޙައްޤަށް އަނެކަކު އަރައިނުގަންނަ ކަހަލަ ހިތްހަމަޖެހޭ ވެށްޓެއްގައި އުޅޭ ބަޔަކު ދިރިއުޅޭ ތަނަކަށް އަހަރުމެންގެ ދިވެހިރާއްޖެ ހަދަން ކުރާ މަސައްކަތް މިކުރެވެނީ. އެއީ އޭގެ ބެނެފިޝަރީޒް އަހަރުމެން އެންމެންނަކީ. ޓެކްސް ނަގައިގެން ހޯދާ ލާރި ޚަރަދު މި ކުރެވެނީ މިކަންކަން ކުރުމަށް. އެހެންވީމާ، މިކަން ދިވެހިރާއްޖޭގައި އެކަށަނޭޅޭ ކަމަށްވަންޏާ، ރާއްޖޭގައި ވެރިކަން ކުރުމުގެ މާބޮޑު ޝަރަފެއް ނެތް. ވެރިކަން ކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި. އެކަންކަމުގެ ތެރެއިން، ކޭ.އެލް.ގައިވެސް މިސާލަކަށް، ކަލްޗަރަލް ސެންޓަރެއް އުފެއްދޭނީ. ސިލޯނުގައި އަހަރުމެން ކުރި ތަޖުރިބާއަކީ ހަމަ ވަރަށް ރަނގަޅު ތަޖުރިބާއެއް. ވަރަށް ބައިވަރު ދިވެހިން އުޅޭ ތަނަކަށްވާތީ، ކަލްޗަރަލް ސެންޓަރެއް އުފެއްދީ. އަދި އެޔާއެކީ ޢަރަބި، އިސްލާމް، ދިވެހި ކިޔަވައިދެވޭނެ ގޮތްތައްވެސް ހެދީ.
 
މެލޭޝިޔާއަށް އަޅުގަނޑު މިފަހަރު މިކުރާ ދަތުރުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އަދި ކިޔަވާ ކުދިންނަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުގެ އެޖެންޑާގެ އެއް އައިޓަމަކަށް މިއޮތީ ހަމަ މިގޮތަށް ސޯޝަލް ގެޓް ޓުގެދަރޒް އަށް، މެލޭޝިޔާގައި އުޅޭ ދިވެހިންނަށް ޖަމާވެވޭނެ ތަނެއް އުފެއްދުމާއެކީ، މިދެންނެވި ގޮތަށް ހަމަ ސިލޯނުގައި މި ހިންގި ޕްރޮގްރާމް ރެޕްލިކޭޓް ކުރަން ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ، އެކަމަށް އެކަށީގެންވާ ބިމެއް ލިބޭތޯވެސް އަޅުގަނޑު ހަމަ ސަރުކާރުގައި ދަންނަވާނަން. އެކަމަކު މީގެ ބޭނުމަކަށްވަނީ، މިވަރުގެ ޑަޔަސްޕޯރާއެއް އޮންނަ ތަނެއްގައި، އަހަރުމެން ދިވެހިން އުޅެންވާނީ، ދިވެހިންގެ އުޞޫލުތައް، ދިވެހިންގެ ޘަޤާފަތާ އެއްގޮތަށް އަދި އަހަރުމެން މިތިބަ އިސްލާމްދީނުގެ ހިދާޔަތުގައި، ނޫނީ ތެދުމަގުގައި ތިބެވޭތޯ އަހަރުމެން މަސައްކަތް ކުރަންވާނީ.
 
ޔުނިވަރސިޓީ ލައިފްގައި ކިޔަވައިދޭއިރު، ޔުނިވަރސިޓީގައި އުޅޭއިރު އެއީ އެންމެ ހިތްފަސޭހަ ލައިފް، އެ ކުއްޖާއަށް ސްކޮލަރޝިޕެއް ލިބިފައި އޮތިއްޔާ، ނޫނީ އެ ކުއްޖާއަށް ޚަރަދު ދެކޮޅުޖެއްސޭނެ ގޮތެއް އޮތިއްޔާ. ހަމަ ފްރީ ސޯލް މުޅިން އެންމެންނަކީ. އެކަމަކު ފްރީ ސޯލުންގެ ތެރޭގައި މި އަންނަ ޗެކް އަންނަން ޖެހޭނީ، ކްރިޓިކަލް ތިންކަރުންނަށް ވާށޭ. މަންމަ ނޫނީ ބައްޕަ ނޫނީ ސްކޮލަރޝިޕަކުން ހޭދަކުރާ ކަމަށްވަންޏާ، ޔުނިވަރސިޓީ ލައިފަކީ އެންމެ ޕެޝަނޭޓް އެންމެ އެންޖޯއިބަލް ލައިފް. އެހެންނަމަވެސް، އެ ލައިފްގައި އުޅޭއިރު، އެ ލައިފްގައި ނޫޅޭ، ރަށުގައި ދިރިއުޅޭ، އަހަރުމެންގެ ރަށުގައި ދިރިއުޅޭ މީހުންނަށް މަޙްރޫމްވެގެން މިދަނީ ޑިޕްރައިވް ވެގެން މިދަނީ ކޯޗެއްކަން، ތިޔަ ކުދިންނަކަށް އިޙްސާސެއް ނުކުރެވޭ. އެ އިޙްސާސް ކުރުމަކީ، މިބުނާގޮތަށް ކްރިޓިކަލް ތިންކަރުންގެ ތޮފި އަޅާލައިގެން، ކަންކަމާ ދޭތެރޭގައި ވިސްނުން.
 
އަޅުގަނޑު މިކުރާ ހުރިހާ މަސައްކަތަކީ، ދިވެހިރާއްޖެއަށް އުފާވެރިކަމާއި ހަމަޖެހުމާއި، އަދި ޤާނޫނުގެ ޙުކޫމަތު ނޫނީ ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައި، އަދި އެންމެ ކުރީގައި ފަލްސަފަރުގެ ވިސްނުމުގައި، ސޯޝަލް ކޮންޓްރެކްޓްގެ އޮބްލިގޭޝަން، ދައުލަތަކުން، އެ ދައުލަތެއް އިންތިޚާބުކުރި ރައްޔިތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތް. ނަތިންގ ޝޯޓް، ނަތިންގ ލެސް ދެން ދަޓް. އެހެންވީމާ، އެކަން ކުރުމުގައި ތިޔަ ހުރިހާ ކުދިން، މި ދެއްކި ވާހަކަތަކަކާ ދޭތެރޭގައި ވިސްނުމަކީ، ހަމަ ވަރަށް އެދޭ ކަމެއް. އަދި އެއްވެސްކަހަލަ މައްސަލައެއް އުޅޭ ކަމަށްވަންޏާ، އޭގެ މަޢުލޫމާތު އުޅޭ ކަމަށްވަންޏާ، ހަމަ ސާފުކުރަން ބޭނުމިއްޔާ ސާފުކޮށްލާ. ޔުނިވަރސިޓީގައި ކިޔަވައިދޭއިރުވެސް، ކިޔަވާ އެއްޗެއް އެނގިއްޖެ ކަމަށްވަންޏާ، އޭގެ އެ ކޮންސެޕްޓް، ނޫނީ އިސްޠިލާޙް، މަފްހޫމް ރަނގަޅަށް އެނގޭނީ ކްރޮސް-އެގްޒަމިން ކުރަން ދަސްކޮށްގެން. ޓީޗަރުންވެސް ހުރިހާ ފާޑެއްގެ އެކްސްޕްލަނޭޝަން ދޭނެ. އެކަމަކު އެ އުނގެނޭ އެއްޗެއް ރަނގަޅަށް ފަހުމްވޭތޯ، އަންޑަރސްޓޭންޑްވޭތޯ މަސައްކަތް ކުރަންވާނެ. އެއީ ރިސަރޗް ކުރުމަކީ. އެއީ ތަފާތު ގޮތަކަށް، ތަފާތު ނަޒަރިއްޔާއަކަށް، އެއާ ދޭތެރޭގައި ވިސްނުމުގެ ޖާގަ އޮތްތޯ ވިސްނާ ވިސްނުމަކީ ކްރިޓިކަލް ތިންކަރުން ކުރާ ކަންތައް. އެހެންވީމާ، އިވޭ ކޮންމެ ވާހަކައެއް، އޭގެ މެރިޓްގައި ބަލައިގަތުމުގެ ބަދަލުގައި، އެ އިވޭ ކޮންމެ ވާހަކައެއް އިވޭއިރު ބަލައިގަތުމުގެ ބަދަލުގައި، އޭގެ މެރިޓްގައި އެ ވާހަކައެއް ބަލައިގަތުމަށް ތިޔަ ހުރިހާ ކުދިންނަށް އިލްތިމާސް ކުރަން.
 
އަޅުގަނޑު އެދެނީ، މިތާ ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، ދިވެހި ކިޔަވާ ކުދިންނަށް ހަމަޖެހުމާއި އަދި ތިޔަކުދިން ކުރާ މަސައްކަތުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން. އަބަދުވެސް އުފާވެރި، ހަމަޖެހޭ ތަނަކަށް އަހަރުމެންގެ ޤައުމު ވެގެންދިޔުން. އަދި މިކަންކަންވުމުގައި، ތިޔަކުދިން އެނބުރި ރާއްޖެ އަންނައިރު، ރާއްޖެއަކީ ތިޔަ ކުދިންނަށް ހިތްހަމަޖެހޭ ތަނަކަށްވެގެން ދިޔުމަކީ، އަޅުގަނޑުމެން ކުރާ އުންމީދު. ތިޔަކުދިންނާ ބައްދަލުވެވުނީތީ ވަރަށް އުފާކުރަން. ވަރަށް ޝުކުރުވެރިވަން. އިރާދަކުރެއްވިއްޔާ، ތަންކޮޅެއް ކައިރީގައި ވާހަކަ ދެއްކޭގޮތަކަށް ބައްދަލުވެއްޖެ ކަމަށްވަންޏާ، ކޮންމެވެސްވަރަކަށް ކުދިންގެ ސުވާލާއި، ނޫނިއްޔާ ކުދިންގެ ހުރި މައްސަލަތައް އަޅުގަނޑާ ހަމަޔަށް ހުށަހެޅޭނެކަންނޭނގެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
والسّلام عليــكم ورحـمــةاللّـه وبـركاتـه