بســم اللّـه الرّحمـن الرّحيــم
 
                   اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މިރެޔަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ ޝަރަފަކާއި އުފަލެއް ލިބޭ ރެއެއް. މިރެޔަކީ ދިވެހިރާއްޖެއަށް ވަރަށް ޚާއްޞަ އުފަލަކާއި ޝަރަފެއް ލިބޭ ރެއެއް. މިރެޔަކީ އެތަކެއް ދަސްވެނިންނަށާއި، އެ ދަސްވެނިންގެ މައިންބަފައިންނަށް، ބެލެނިވެރިންނަށް ވަރަށް ޚާއްޞަ އުފަލާއި ޝަރަފް ލިއްބައިދޭ ރެއެއް.
 
އާދެ، މިރޭ މި ފިޔަވަޅުމަތީ ހުރެގެން އެންމެ ފުރަތަމަ ވަރަށް މަރްޙަބާ ދަންނަވަން ބޭނުންވަނީ، މިރޭ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް. އާދެ، ވަކިން ޚާއްޞަކޮށް، އިސްލާމިކް ޔުނިވަރސިޓީގެ އެކްސެލެންސް އެވޯޑް ގެންދިޔަ ޠާލިބާއަށް ވަރަށް މަރްޙަބާ ދަންނަވައި، ނިހާޔަތަށް ތަހުނިޔާ ދަންނަވަން. އާދެ، ހަމައެޔާއެކީ މިރެޔަކީ މި ޔުނިވަރސިޓީގެ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ކޮންވޮކޭޝަން އަހަރު ކަމަށްވާތީ، މިއަހަރު މި ޚާއްޞަ ޙަފްލާގައި އިނާމު ގެންދިޔަ ހުރިހާ ދަރިވަރުންނަށް، ޚާއްޞަކޮށް ޑިގްރީ ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށް އަދި މަތީ ދަރަޖައިގެ ސަނަދު ޙާޞިލު ކުރެއްވި ހުރިހާ ދަސްވެނިންނަށް މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.
 
ޔުނިވަރސިޓީގެ ޙަޔާތަކީ އެމީހެއްގެ ކުރިމަގު، އަދި އެމީހެއްގެ ޝަޚްޞިއްޔަތު ކަނޑައެޅުމުގެ ފުރްޞަތު އެމީހަކަށް ލިބޭ މަރްޙަލާ. ޔުނިވަރސިޓީގައި ކިޔަވާ ވަގުތުތަކުގައި،އެ ހޭދަކުރަނީ ވަރަށް އުފާވެރި، ހަމަ އެހާމެ ބިނާކުރަނިވި ދުވަސްތަކެއް. ޔުނިވަރސިޓީން ދަރިވަރުވާ ކުދިން، ނޫނިއްޔާ ދަސްވެނިވާ ކުދިންނަށް ތަފާތު އެކިކަހަލަ ކަންތައްތަކަށް ކުރިމަތިލާންޖެހޭނެ. އޭގެތެރޭގައި، ޝައްކެއްވެސްނެތް، ތަޢުލީމުގެ ދާއިރާގައި، ޢިލްމީ ދާއިރާއިން އެކުދިން އުނގެނޭ ފިލާވަޅުތަކާއި، އަދި ފިލާވަޅު ކިޔައިދެއްވާ، ނަގައިދެއްވާ މުދައްރިސުން ފިލާވަޅާ ދޭތެރޭގައި ކަންކަން ކުރައްވާ ގޮތާއި، ކުދިންނަށް ދެނެގަތުމުގެ ބާރު ހޯދުމާއި، އަދި ރިސަރޗް ކުރުމުގެ ބާރު ލިބުމާއި، އަދި އެއްކުއްޖަކު އަނެއް ކުއްޖަކާ ބައްދަލުވުމާއި، އަދި އެކިއެކި މުޖުތަމަޢުތަކުގެ ކުދިންނާ ބައްދަލުވުމުގެ ފުރްޞަތު، ގިނަ ޔުނިވަރސިޓީތަކުން، ނޫނީ ހުރިހާ ޔުނިވަރސިޓީތަކުން ޔުނިވަރސިޓީގެ ދަރިވަރުންނަށް ލިބޭނެ. ޘަޤާފަތްތައް ކްރޮސް ރޯޑްސް، ނޫނިއްޔާ އިންޓަރލޮކްވާ ތަންތަނަށް ޔުނިވަރސިޓީތައް ވެގެންދޭ. ހުރިހާ ގޮތަކުންވެސް ކުދިންނަށް އުފާވެރިކަމާއި، ކުދިންގެ ވިސްނުން، ކުދިންގެ ސިކުނޑި، އާ ކަންކަމަށް ހުޅުވައިދޭ ތަނަކަށް ޔުނިވަރސިޓީގެ ޙަޔާތް، ނޫނީ ޔުނިވަރސިޓީ ބަދަލުވެގެންދޭ.
 
މިރޭ ދިވެހިރާއްޖޭގައި އަޅުގަނޑު އެންމެ އުފާވާ ކަމަކީ، އަދި އެންމެ ފަޚުރުވެރިވާ ކަމަކީ، ތިޔަ ހުރިހާ ކުދިންނަށްވެސް އެނގޭނެ ފަދައިން، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވާތީ. އަހަރުމެން އެންމެން ފަޚްރުވެރިވަން. ދިވެހިރާއްޖޭގައި އެއް ނަސްލެއްގެ ބަޔަކު އުޅޭތީ އަހަރުމެން ފަޚްރުވެރިވަން. އަދި އަބަދުމެ ރާއްޖޭގައި އިސްލާމީ ހިދާޔަތު އޮތުމަށް އަހަރުމެން އެދި ﷲ އަށް ދުޢާ ދަންނަވަން. ހަމައެހެންމެ، އަހަރުމެން އުފާކުރަން، ދިވެހިރާއްޖޭގައި އަލަށް އިސްލާމީ މަތީ ތަޢުލީމް ދޭނެ އިސްލާމިކް ޔުނިވަރސިޓީއެއް އުފެދިގެން، އިސްލާމިކް ޔުނިވަރސިޓީން މޮޅު ދަރިވަރުންތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް ޚިދުމަތް ކުރަން ނެރޭތީ.
 
އާދެ، މިއީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެއަށް ލިބިގެންދާ މަތިވެރި ފަޚްރަކާއި، މަތިވެރި ޝަރަފެއް. އަޅުގަނޑުމެންގެ މިޒަމާނުގެ ތަޢުލީމް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދެއްވުމުގައި، ތަރުބިއްޔަތުގެ އިސް ބޭފުޅުން މި ޖަލްސާ ހޯލްގައި އެބަ ތިއްބެވި. ޚާއްޞަކޮށް، މި ސަފުގައި އެބަ ތިއްބެވި. އުސްތާޛު ޒާހިރު ޙުސައިންގެ ހިތްޕުޅަށް އަރާނެ، ކޮން ދުވަހަކުންބާއޭ، ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމް ދޭނެ ޔުނިވަރސިޓީއެއް އުފެދިގެންދާނީ؟ އެބޭބޭފުޅުން އޭރު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އަޅުގަނޑުމެންނަށް މިރޭ މި ފެނިގެން މިދަނީ.
 
އާދެ، ޢަރަބި އިސްލާމީ ތަޢުލީމް ދޭނެ، މަތީ ތަޢުލީމް ދޭނެ ޔުނިވަރސިޓީއެއް އުފެދިގެން ދިޔުމަކީ، ހަމައެކަނި މަތީ ތަޢުލީމް ކުދިންނަށް ލިބުމުން ލިބޭ އުފަލެއް ނޫން. މިޔާއެކީ އުފެދިގެންދާ، ނޫނީ ހުޅުވިގެންދާ އެތަކެއް ތަފާތު ފުރްޞަތުތަކެއް ހުންނާނެ. ކުދިންގެ ޚިޔާލަށް ގެންނަންޖެހޭ އެއްކަމެއް ގޮތުގައި އަޅުގަނޑު ހަމަ ތިޔަކުދިންނަށް ދަންނަވާލަން ބޭނުންވަނީ، ދައުލަތުން ވަރަށް ބޮޑެތި ހޭދަތަކެއް ކޮށްގެން ކުދިންނަށް މަތީ ތަޢުލީމުގެ ފުރްޞަތު މި ހުޅުވައިދިނީ. އަދި ހަމައެހެންމެ، ހުރިހާ ކުދިންވެސް މަތީ ތަޢުލީމުގެ ފުރްޞަތާ ހަމަޔަށް ދިޔުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުގައި އެންމެ މަދު ކުދިން އުޅޭ ސްކޫލްތަކުގައިވެސް މިހާރު ސަރުކާރުން ނިންމާފައި އޮތް ގޮތުގެ މަތިން، ކުޑަމިނުން ޑިޕްލޮމާ ފެންވަރުގެ މުދައްރިސަކު ނޫނީ ނުހުންނާނެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ އަމާޒަކީ، ކުރު މުއްދަތެއްގެ ތެރޭގައި، ކޮންމެ ޓީޗަރަކީ އެންމެ އާދައިގެ ގޮތެއްގައި ނަމަވެސް، ޑިގްރީ ޙާޞިލުކޮށްފައި ހުރި ޓީޗަރަކަށް ހެދުން. މިކަންކަން ކުރުމުގެ ބޭނުމަކީ، ތަކުލީފް އުފުލަންޖެހުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުންނަކީ ނަޞީބު ރަނގަޅު، ތަޢުލީމަށް އެންމެމަތީ ފުރްޞަތު ހުޅުވައިދެވޭ ކުދިންނަށް ހެދުން.
 
މިއަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، އެންމެ އިސްކަމެއްދޭ އެއްކަމަކީ، އިންސާނީ ވަސީލަތް ތަރައްޤީ ކުރުން. އިންސާނީ ވަސީލަތް ތަރައްޤީކުރާއިރު، ޚާއްޞަ ގޮތެއްގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދޭ. މިރޭ އުފާވެރިކަމާއެކީ އަޅުގަނޑު ފާހަގަކުރާ އެއްކަމަކީ، މަތީ ތަޢުލީމު ޙާޞިލުކުރި ދަރިވަރުންގެ މިތަނުގެ ޙާޒިރީން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ގިނަ ދަރިވަރުންނަކީ އަންހެން ބޭފުޅުން. އެކަމަށްޓަކައިވެސް ތިޔަ ހުރިހާ އަންހެން ބޭފުޅުންނަށް ވަރަށް މަރްޙަބާ ދަންނަވަން. އަދި ދަންނަވަން ބޭނުންވަނީ، ޤައުމު ބިނާކުރުމުގަޔާއި ތަރުބިއްޔަތުގައި އަންހެން ބޭފުޅުންގެ ދައުރު، އަޅުގަނޑުމެން އެންމެންނަށް މިރޭވެސް އިޙްސާސްވެގެން ހިނގައްޖެޔޭ.
 
އާދެ، މިރޭ ކޮންމެ ކުއްޖަކު ޚިޔާލަށް ގެންނަންވީ ކަންކަމުގެ ތެރޭގައި، ދައުލަތުން ކީއްވެގެންތޯ ހޭދަކޮށްގެން މަތީ ތަޢުލީމުގެ ފުރްޞަތު މި ހޯދައިދެނީ؟ މި ސުވާލު، މި ސުވާލުގެ ޖަވާބު ތިޔަކުދިން ހޯދަންޖެހޭ. މި ސުވާލުގެ ޖަވާބު ފަހަރެއްގައި ދީނީ ޕްރޮގްރާމެއްގެ ތެރެއިން، ނޫނީ ލެކްޗަރެއްގެ ތެރެއިން ތިޔަކުދިންނަށް ނުލިބި ހިނގައިދާނެ. އެހެންނަމަވެސް، ތަޢުލީމް އުނގަންނައިދިނުމުގައި ބޭނުންވާ އެއްކަމަކީ، ވަށާޖެހޭ ތަޢުލީމެއް، ނޫނީ ބެލެންސް ތަޢުލީމެއް، ނޫނީ ހޮލިސްޓިކް ތަޢުލީމެއް ކުދިންނަށް ލިބިގެންދިޔުން. ކުދިންނަށް ފޮތްތަކުން ދަސްވާނީ ފިލާވަޅުތަކެއް. އެހެންނަމަވެސް، އެޔާއެކީ ކުދިންގެ ވިސްނުމުގެ ބާރާއި، ރިސަރޗް ކުރުމުގެ ބޭނުންތެރިކަން ހިފައިގެން، އެކުދިން ދަސްވެނިވަނީ، ނޫނީ މަތީ ތަޢުލީމް ޙާޞިލު ކުރަނީ ކީއްކުރަންތޯ، އަދި އެކުދިންގެ ދައުރަކީ މުޖުތަމަޢުގައި ކޮބައިތޯ، އެކުދިންގެ ޚިޔާލަށް ގެންނަންޖެހޭނެ.
 
މިރޭ މި އުފެއްދީ މޮޅު ދަރިވަރުންތަކެއް. މިރޭ މި އުފެދިގެންދިޔައީ މޮޅު މުދައްރިސުންތަކެއް. އަދި މުދައްރިސާއިންތަކެއް. މިރޭ އުފެދިގެންދިޔައީ ތަރުބިއްޔަތު ކުރާނެ މަންމައިންނާއި ބައްޕައިން، ބެލެނިވެރިންތަކެއް. އެހެންވީމާ، ތިޔަކުދިން ކިޔެވި އެއްޗެއްގެ ހެޔޮ ބޭނުންކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުތައް އަމާންވެގެންދާނެ. މަޞްލަޙަތު އޮތް ޖީލަކަށް ވެގެންދާނެ. ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ތިބި ދިވެހި ޖީލެއް އުފެދިގެންދާނެކަމާ ދޭތެރޭގައި ޝައްކެއްނެތް. މިރޭ މި އުފެއްދި، ނޫނިއްޔާ މިރޭ މި އުފެއްދި ޠާލިބުންނާއި، ޠާލިބާއިންނަކީ މިދެންނެވި ގޮތަށް ޤައުމު ބިނާކުރުމުގައި، ޝައްކެއްވެސްނެތްގޮތުގައި، ވަރުގަދަ ޒިންމާތަކެއް އުފުލަންޖެހޭ ދަރިވަރުންނަށްވާންޖެހޭ. ދައުލަތުން ހޭދަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މިއީ. ދައުލަތުން ހޭދަ މިކުރަނީ ކުދިންނަށް މަތީ ތަޢުލީމް ޙާޞިލުކޮށްދީގެން، އެކުދިންނަށްވެސް އެކުދިން ޙާޞިލުކުރި ތަޢުލީމެއްގެ ބޭނުން ހިފިގެން، އެޔާއެކީ ޤައުމު ބިނާކުރުމުގައި އެކުދިންގެ ދައުރު، ނޫނީ އެކުދިންގެ ޙިއްޞާ އޮތުން.
 
ސްކޫލްތަކުން ނިންމާ ކުދިން، ސްކޫލްތަކުގައި އުޅޭއިރު، ތަފާތު ގޮތްގޮތަށް ކަންކަމާ ދޭތެރޭގައި ވިސްނާނެ. ކަންކަން ރާއްޖޭގައި ހިނގަނީވެސް ކިހިނެއްތޯ ވިސްނާނެ. އަދި ކުދިންނަށް ލިބޭ ޢިލްމެއް، އެކުދިން ސުވާލު އުފައްދާނެ. ކްރިޓިކަލީ ކަންކަމާ ދޭތެރޭގައި ވިސްނާނެ. ކްރިޓިކަލް ތިންކަރުން އުފެދެންޖެހޭ. އިސްލާމީ ޔުނިވަރސިޓީން ކުދިން ދަސްވެނިވެގެން ނުކުންނައިރު، އަޅުގަނޑުމެންނަށް ޚިޔާލަށް ގެންނަންޖެހޭ އެއްކަމަކީ، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ފިކުރު ދިވެހިރާއްޖޭގެ އުދަރެސްތަކުން ބޭރަށް އެބަ ދާންޖެހޭ. މިއަދުގެ ދުނިޔޭގައި، އިސްލާމްދީނާއި، އިސްލާމްދީނުގެ ޝުހުރަތު އޮތްގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. އިސްލާމުންނަށް ދަތިތަކާ ކުރިމަތިލާންޖެހެނީ ކީއްވެގެންތޯ އަޅުގަނޑުމެން ވިސްނަންޖެހޭ. އިސްލާމްދީނާ ދޭތެރޭގައި މުޅި ދުނިޔެ އެހެން ޙަޟާރާތްތަކުން ދެކެނީ ކިހިނެއްތޯ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބުން އެބަޖެހޭ ހުރިހާ ނަސްލުތަކެއްގެ ތެރޭގައި ހިތްހަމަނުޖެހުމާއި، ޙަސަދަވެރިކަމާއި، ނަފްރަތާއި، ނޫނީ ހިތްހަމަނުޖެހޭ ކަންތައްތައް އުފެދިގެން މިދަނީ ކީއްވެގެންތޯ، އަސާސަށް ރުޖޫޢަވާން އެބަޖެހޭ.
 
އެތަކެއް ޤަރުނުގެ ތަޢުލީމަށްފަހު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމަކީ، ދުނިޔެ މި އައިސް އޮތް ހިސާބުން އަނެއްކާވެސް އަޅުގަނޑުމެން އަޞްލަށް ރުޖޫޢަވާންޖެހޭކަން. ނަސްލުތަކުގެ ތެރޭގައި ނުތަނަވަސްކަން މި އުފެދެނީ ކީއްވެގެންތޯ ސުވާލު ކުރަންޖެހޭ. އަދި އެ ނުތަނަވަސްކަން އުފެދިގެން އެކަންކަން ޙައްލުކުރުމުގައި، އަޅުގަނޑުމެންނަށް މިއަދު މި ފެންނަ ކަންތައްތައް އެކަނިތޯ ޙައްލުގެނެސްދޭނީ، އެކަންކަމާ ދޭތެރޭގައި ވިސްނަންޖެހޭ. އިސްލާމްދީނަކީ ގަދަބާރު ދެއްކުމުގެ ދީނެއް ނޫން. އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެއް. އިސްލާމްދީނަކީ ރަޙްމަތްތެރިކަމުގެ ދީނެއް. އިސްލާމްދީނަކީ ހުރިހާ ނަސްލުތަކާއެކީ އުޅުމަށް މަގު ދައްކައިދޭ ދީން. އިސްލާމްދީނަކީ ޓޮލަރަންސްގެ ދީނެއް. އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫން. އެހެން ދީންތަކުގެ މީހުންނާއި، އެހެން ނަސްލުތަކުގެ މީހުންނާއެކީ އަޅުގަނޑުމެން ތަރުބިއްޔަތުވެގެން އުޅެން ދަސްކޮށްދިން ދީނަކީ އިސްލާމްދީން. މި ދުނިޔެއަކީ ހަމައެކަނި އިސްލާމުންގެ ދުނިޔެއެއް ނޫން. މި ދުނިޔެއަކީ އިސްލާމުންނާއި އެހެން ދީންތަކުގެ މީހުންގެ މައްޗަށް އަދި އެމީހުންގެ ދިރިއުޅުން ބިނާވެފައި އޮތް ދުނިޔެ.
 
އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެދޭއިރު، އެއް ނަސްލަކާއި އަނެއް ނަސްލަކާ، އެއް ދީނަކާއި އަނެއް ދީނަކާ ހަމަނުޖެހިގެންދަނީ ކީއްވެގެންތޯ މިއަދު ދަސްވެނިވެގެންދާ ކުދިންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ. އަދި އެޔާއެކީ ދިރާސާ ކުރުމުގެ ބާރުގައި، އިސްލާމްދީނަށް މިއަދު ދިމާވެފައި ހުރި ގޮންޖެހުންތަކާއި، އަދި ތިޔަކުދިންގެ މަދަރުސާއިން ދަސްކޮށްދިން، ނޫނީ ތިޔަކުދިންގެ ޔުނިވަރސިޓީން ތިޔަ ދަސްކޮށްދިން ރިސަރޗް އެޕްލައި ކުރުމުގެ ބޭނުން ހިފައިގެން، އަދި މުދައްރިސުންނަށްވެސް އަޅުގަނޑު ކުރާ އިލްތިމާސަކީ، މިއަދު އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އިސްލާމުންނަށް ހުރި ގޮންޖެހުންތަކާއި، އިސްލާމުންގެ ޝުހުރަތު، ދުނިޔޭގެ އެކި ހިސާބުގައި އަޖުމަކުރެވޭ މިންވަރު، މި ބަދަލުވެގެންދަނީ ކީއްވެގެންތޯ؟ މި ތަޙުލީލުތައް، މި ދިރާސާތައް އެބަ ކުރަންޖެހޭ. އަޅުގަނޑު އެދެނީ މި ދިވެހި އިސްލާމިކް ޔުނިވަރސިޓީއަކީ ދިރާސާކުރާ އިސްލާމިކް ޔުނިވަރސިޓީއަކަށް ވެގެންދިޔުން. ޢިލްމީ ދިރާސާކުރާ ޔުނިވަރސިޓީއަކަށް މި ޔުނިވަރސިޓީ ވާންޖެހޭ.
 
އަޅުގަނޑުގެ ސަރުކާރުން އެދޭ އެންމެބޮޑު އެދުމަކީ، މޮޅު ކުދިން އުފެއްދުމުގެ އިތުރަށް، މި ޔުނިވަރސިޓީއަކީ ދިރާސާކުރާ، ޢިލްމީ ދިރާސާކުރާ ޔުނިވަރސިޓީއަކަށް ވެގެންދިޔުން. އިސްލާމުންގެ ތެރޭގައި ތަފާތު ވިސްނުންތައް ހުންނަ އިސްޠިލާޙުތަކުގައި ރަނގަޅު ގޮތަކީ ކޮބައިތޯ، އަޅުގަނޑުމެންނަށް އެނގެންޖެހޭ. އަޅުގަނޑުމެންގެ މުދައްރިސުން، ޚަލީޖުން، އަދި ދުރު އިރުމަތިން، ނޫނީ އެހެން ދިމަދިމާއިން ގެނެވޭކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިކަހަލަ ޢިލްމީ ދިރާސާތައް ކުރަން، އަޅުގަނޑުމެންނަށް ތަފާތު ވިސްނުންހުރި، ނޫނީ ތަފާތު ތަރުޖަމާތައް މިހިރަ އިސްޠިލާޙުތައް ދިރާސާކޮށް، އެއާ ދޭތެރޭގައި އަޅުގަނޑުމެން އުޅެންވީ ގޮތް ދަސްކޮށްދޭނެ އެކި ފެންވަރުގެ، މޮޅު ފެންވަރުގެ ޕްރޮފެސަރުންގެ އެކިއެކި ވަރކްޝޮޕްތަކާއި، ކޮލޯކިއުމްތައް މި ޔުނިވަރސިޓީގެ ފަރާތުން ހިންގަންޖެހޭނެ. އެ ހިންގުމަކީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ކުދިންނަށްވެސް ލިބޭ މުއްސަނދިކަމެއް. އަދި ޔުނިވަރސިޓީގައި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނަށްވެސް ލިބޭ މުއްސަނދި ކަމެއް. މިއަދުގެ ދުނިޔޭގައި ފޮތުން އެ ދަސްވެފައި ހުރި، އެ ވަގުތަކު ދަސްވެފައި ހުރި ޢިލްމުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ކުރިމަގުގައި އަޅުގަނޑުމެންނަކީ މޮޅު މީހުން ކަމަށް ނިންމައިގެން، ދެން އިތުރަށް ދަސްކުރަންޖެހޭ އެއްޗެއް ނެތް ކަމަކަށް، މުޠާލިޢާ ކުރަންޖެހޭ ކަމެއް ނެތް ކަމަކަށް މިއަދަކު ދުނިޔެއަކު ނުނިންމޭނެ. އެއަށްވުރެ މާ އަވަހަށް ޢިލްމު ބަދަލުވެގެން މިދަނީ. އެއަށްވުރެ މާ އަވަހަށް ހުނަރުތައް ބަދަލުވެގެން މިދަނީ. އަދި މީހުންގެ ވިސްނުމާއި، ދުނިޔޭގެ ޙާލަތު ބަދަލުވެގެންދާ ގޮތާ ދޭތެރޭގައި، ކަންކަން ވިސްނާއިރު ހަމައެކަނި މި އަންނަނީކީ ޢިލްމީ ދިރާސާއެއް ނޫން. އެޔާއެކީ އެޕްލައި މި ކުރަނީ، އިންސާނިއްޔަތު. ނޫނިއްޔާ އިންސާނީ ސައިކޮލޮޖީ އޭގެތެރޭގައި އެޕްލައިވޭ. އަދި ކޮންފްލިކްޓް ރިޒޮލިއުޝަންގެ ކަންތައްތައް އޭގެތެރޭގައި އެކުލެވިގެންވޭ.
 
ދައުލަތެއްގައި ޚިދުމަތްކުރާ ކަމަށްވަންޏާ، ޙަޤީޤަތަށް ހޭލައި، ނޫނީ ޙަޤީޤަތަށް ބުރަވެ ތިބެ ވާހަކަ ދައްކާ ކަމަށްވަންޏާ، މިހުރިހާ ކަންކަމަކާއެކީ އަޅުގަނޑުމެން ކުރިއަށްދާން މިޖެހެނީ. އަޅުގަނޑުމެންގެ އެތެރެއިން ވިސްނަމާ ހިންގަވާ. އަޅުގަނޑުމެންގެ އެތެރެއިން ވިސްނާއިރު، ޤައުމުގެ ހަމަޖެހުމާއި، ޤައުމުގެ މަޞްލަޙަތާއި، ޤައުމު ކުރިއަށް ދިޔުމަކީ ހަމައެކަނި ދައުލަތް ހިންގަން އެވަގުތު ތިބި ބައެއްގެ ޒިންމާއެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އެންމެ އިސް ޒިންމާ އުފުލާ ބަޔަކީ އެއީ. އެހެންނަމަވެސް، ދައުލަތުގެ ހަމަޖެހުން ގެއްލި، ދައުލަތުގެ މަޞްލަޙަތު ގެއްލި، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކާ ޚިލާފު އެތަކެއް ކަމެއް ހިނގައިގެންދާއިރު، އުފައްދަންޖެހޭ ސުވާލަކީ މިއަދު ދަސްވެނިވި ކުދިންނާއި، އަދި އެކުދިންގެ މުދައްރިސުން މިކަހަލަ މައްސަލަތަކުގައި، މިކަހަލަ ޚިޔާލު ތަފާތުވާ ކަންކަމުގައި، އަދި ޙުދޫދުން ނެއްޓިގެންދާ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެން އެބަޖެހޭ ޙައްޤުބަސް ބުނަން. މިއީ، މިއީ އަޅުގަނޑު މިދެންނެވި ތަރުބިއްޔަތުގެ ބޭނުމަކީ. ދައުލަތުން ބޭނުންވާނީ މިކަހަލަ ކަންކަމުގައި އިސް ދައުރެއް ޔުނިވަރސިޓީ ކުދިން އަދާކުރުން. ޔުނިވަރސިޓީ ކުދިންގެ ޒުވާންކަމާއެކީ، އެކުދިންގެ ހަށިގަނޑުގައި ދަތުރުކުރާނީ ހޫނު ލޭ. ހޫނު ދިވެހި ލޭ. މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނަންޖެހޭ. އަޅުގަނޑުމެން ކޮންމެ މީހެއްގެ އަތުގައި ބާރު އެބައޮތް. މުޖުތަމަޢުގައި ފާލުން ނެއްޓިގެންދާ ކަންކަން، ނޫނީ ޙައްދުން ނެއްޓިގެންދާ ކަންކަން ރަނގަޅު ކުރުމުގެ ބާރު، އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހެއްގެ އެބައޮތް. އަޅުގަނޑުމެންނަށް މިރޭ ފެނިގެން މިދިޔަ އެއް ގްރެޖްއޭޓަކީ ބައްޕައެއް، އެތަކެއް ދީނީ ޢިލްމުވެރިންނެއް، ނޫނިއްޔާ ހަމަގައިމުވެސް ދީނީ ދަރިންކޮޅެއް އުފައްދަވާފައި ހުރި ބައްޕައެއް. މިބޭފުޅުންނާއެކީ މިބޭފުޅުން ޢާއިލާގެ، ޝައްކެއްވެސްނެތްގޮތުގައި، ހަމަގައިމު މިބޭފުޅުންނަށް އެބައޮތް ޙާލަތު ބަދަލުކުރުމުގެ ޖާގަ. އެބޭފުޅުން ދިރިއުޅުއްވާ މުޖުތަމަޢުގެ ކަންކަން ރަނގަޅު ކުރުމުގެ ފުރްޞަތު އެބޭފުޅުންނަށް އެބައޮތް. އަޅުގަނޑުމެން ކޮންމެ ކުއްޖަކު އެބަޖެހޭ ރޯލް މޮޑެލަކަށްވާން. މިތާ ތިއްބެވި ގިނަ، ނޫނިއްޔާ ދަސްވެނިވެގެން ނުކުމެވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ އަންހެން ބޭފުޅުން. ތަރުބިއްޔަތު ފެށެނޭ މަންމައިންނާ ހަމައިން.
 
އެހެންވީމާ، މަންމައިންގެ ޒިންމާ ބޮޑު ވާހަކަ މި ދައްކަނީ، ބައްޕައިންގެ ޒިންމާއެއް ނެތް ވާހަކަ ދެންނެވުމުގެ ބޭނުމަކު ނޫން. އެހެންނަމަވެސް، ކުދިންގެ ވިސްނުމާއި، ކުދިންގެ އުޅުމާއި އަޚްލާޤު ބައްޓަން ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މި އޮންނަނީ މަންމަގެ އަތްމަތީގައި. ހަމައެހެންމެ، އެކުދިން ދެން ހޭލާ މުޖުތަމަޢުގެ ތެރޭގައި، ދާ މަދަރުސާ، ބައްދަލުވާ މީހުން އަދި އެކުދިންނަށް އެކްސްޕޯޒްވާ ކަންކަން. އެހެންވީމާ، ދައުލަތުން ހޭދަކޮށްގެން ޔުނިވަރސިޓީއެއް އުފައްދައިގެން، ޢަރަބި އިސްލާމުން، މި މާއްދާތަކުން މަތީ ތަޢުލީމް ދޭއިރު، ދައުލަތުގެ ބޭނުންތަކެއް ހުންނާނެ. ރަނގަޅު މުޖުތަމަޢެއް، ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމަށް އުފައްދާ ދަރިންތަކެއް މިއަދު ދަސްވެނިވެގެންދިޔަ ކަމަށް އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީ.
 
ދައުލަތުން ކުރާ ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ ތެރޭގައި އެކި ގިންތިތަކަށް ދަތިވެފައި ހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރާނެ. އޭގެތެރޭގައި މިއަދު ދަސްވެނިވެގެން މި ނުކުތް ކުދިންނަށް އެންމެ ބޮޑަށް އުނދަގޫވާ، ނޫނީ އެންމެ ބޮޑަށް ދަތިވާ ކަންތައްތަކުގެ ތެރޭގައި ގެދޮރުވެރިކަން ނެތުން ހިމެނޭނެކަމާ ދޭތެރޭގައި ޝައްކެއްނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަށް ބަލާއިރު، އަމިއްލަ ގެދޮރުވެރިކަން ނެތް މީހުންގެ ޢަދަދު، ނިސްބަތުން ވަރަށްބޮޑުކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ދައުލަތުން ކުރާ މަސައްކަތަކީ، ޒުވާން ކުދިން ގެދޮރުވެރިކަން، ނޫނިއްޔާ ޒުވާން ކުދިންނަށް ގެދޮރުވެރިކަން ހޯދައިދޭން ކުރާ މަސައްކަތް. މިތަނާ ގާތްގަނޑަކަށް ސަތޭކަވަރަކަށް ފޫޓް ދުރުގައި، އެ ފެށިގެން އެ ހިންގަނީ އެ މަސައްކަތް. މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އެޅުމަށް މިކުރާ މަސައްކަތަކީ ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް. މި މަސައްކަތް ކުރުމުގައި، އަދި ޢަރަބި ތަޢުލީމް، މީގެ ގާތްގަނޑަކަށް ހަތަރު ފަސްއަހަރެއްގެ ތެރޭގައި، މުޅި ރާއްޖެއިން ފޮހެވިގެންދާކަހަލަ ޙާލަތެއްގައި އޮއްވައި، އަލުން ޢަރަބި ތަޢުލީމް، އަޅުގަނޑުމެންގެ މުޤައްރަރުގެ ތެރެއަށް ހިމަނައި، އަދި އޭގެއިތުރުން އިސްލާމިކް ޔުނިވަރސިޓީއެއް ބިނާކުރެވޭ ހިސާބަށް ދިޔައީ މި ސަރުކާރުގައި.
 
އެހެންވީމާ، ސަރުކާރުން މިކުރާ މިކަހަލަ މަސައްކަތްތަކާއި، އަންހެނުން ބާރުވެރިކުރަން މިކުރާ މަސައްކަތްތަކާއި، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކުރަން، މި މަސައްކަތްތައް ކުރުމުގައި ސަރުކާރަށް ޖާގަ އެބަ ލިބެންޖެހޭ. މިއާ ޚިޔާލު ތަފާތުވާ ފަރާތްތައް، ނޫނީ ސަރުކާރާ ދޭތެރޭގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކާ ދޭތެރޭގައި، އަދި އޭގެތެރޭގައި ބައެއް ފަންނުތަކުގެ ޢިލްމުވެރިންވެސް ހިމެނޭގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިޔަ ހުރިހާ ބޭފުޅުންގެ ޒިންމާއެއް، ދައުރެއް އެބައޮތޭ. ޔުނިވަރސިޓީން ކިޔެވުމަކީ ހަމައެކަނި ހަތަރު ފާރުތެރެއަށް ވަކި ގަޑިއަކު ވަދެފައި، ވަކި ގަޑިއަކުން ނުކުމެގެން ދިޔުމެއް ނޫން. އެއަށްވުރެން މަތިވެރި، އެއަށްވުރެން މާތް ޒިންމާއެއް އެ ޙަވާލުވެގެންދަނީ. އަޅުގަނޑުމެންގެ ޒުވާން ޖީލާއި މިހާރުގެ ޖީލު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ލިބޭ ފުރްޞަތެއް، މިރޭގެ ދަސްވެނިންނަށްވެސް ލިބިގެން ތިދަނީ.
 
މިކަންކަމަކީ ދިވެހިރާއްޖޭގެ މިއަދުގެ ޙަޤީޤީ މައްސަލަތައް. މި މައްސަލަތައް ޙައްލުކުރާނީ ހަމައެކަނި ސަރުކާރަކުން ނޫން. ސަރުކާރުން އިސްނަގައިގެން މައްސަލަތައް ޙައްލުކުރަން ކަންތައްތަކެއް ކުރާނެ. އެހެންނަމަވެސް، އެޔާއެކީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެން އެންމެން ގަބޫލުކުރާ އަސާސަކީ، ހުރިހާ އެންމެންނަކީ ހަމަހަމަ އިންސާނުންތަކެއްކަން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އިސްލާމްދީން އަޅުގަނޑުމެންނަށް ގެނެސްދިން ތަރުބިއްޔަތު. ގެނެސްދިން ފިލާވަޅު. އެންމެން ހަމަހަމަވާ ކަމަށްވަންޏާ، މުދާ ބެހުމުގަޔާއި، މުދާ ލިބުމުގަޔާއި، ޙައްޤުތައް، ޙައްޤުތައް ހޯދުމުގަޔާއި، އަދި ޙައްޤުތައް އެހެން މީހުންނަށް ލިބުމުގަޔާއި، ކޯޓުގެ ޙުރްމަތުގެ ތެރޭގައި އެންމެންނަކީ ހަމަހަމަވެގެންދާ ބައެއް. ކުށެއްކޮށްފި މީހަކަށް އަދަބު ލިބޭނެ. އެއީ މުޅި މުޖުތަމަޢުގެ ސަލާމަތަށް ކުރާ ކަމެއް. މިއީ ޝަރްޢިއްޔާ އެންޑް ލޯ ހަދާ ކުދިންގެ އެންމެ ބޭސިކް ފިލާވަޅު. ޖިނާއީ ޢަދުލުގެ ނިޒާމުގެ ކުރިމަތީގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއް. އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިކަން އޮތީ މިގޮތަށް. އަދި އަޅުގަނޑުމެން ގަބޫލުކުރާ ސިފަތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ ބަހާތަކުގެ ތެރޭގައި މި ހިމެނެނީ، ތިންބާރު ވަކިކޮށްފައި އޮތް، ތިންބާރު ވަކިކޮށްފައި އޮތް ނިޒާމެއް. ދައުލަތް ހިންގަން ހުންނަ ފަރާތަކަށް ޢަދުލު އިންޞާފުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަމަށް ގޮތްކިޔައި، ބަސްބުނެ، އަދި އަމުދުން މައްސަލަތައް ނިންމާނެގޮތުގެ ފާޑުކިޔުމުގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެ. އެހެންނަމަވެސް، މައްސަލަތައް އަވަސްކުރުމަށް ބާރުއެޅުމުގެ ފުރިހަމަ އިޚްތިޔާރު، ހަމަ އެ ޤާނޫނުއަސާސީން ދައުލަތް ހިންގަން ހުންނަ ފަރާތަކަށް ލިބިގެންވޭ.
 
އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލަކީ، އަޅުގަނޑުމެންނަކީ ޖިނާއީ ޢަދުލުގެ ކުރިމަތީގައި ހަމަހަމަ ބަޔެކޭ. ގެދޮރު ހޯދަން މަސައްކަތް ކުރާއިރު، ދަރިންނަށް މަދަރުސާއަށް ވަންނަން މަސައްކަތް ކުރާއިރު، ފުރްޞަތު ހޯދާއިރު، އަޅުގަނޑުމެން އެންމެން ގަބޫލުކުރަން، އަޅުގަނޑުމެން ހަމަހަމަވާންޖެހޭނެ ކަމަށް. އެކަމަކު އެއަށްވުރެ ބޮޑެތި ކަންކަމާ ދިމާވީމަ، ބޮޑެތި ކުށްތަކާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތީމަ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހިތާމަޔަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގައި، ހުރިހާ އެންމެންނަށް ހަމަހަމަ އުޞޫލުތަކެއް އޮންނަން ނުޖެހޭކަމަށް ގަބޫލުކުރާ މަދުބަޔަކު ނަމަވެސް ތިބިކަން. މިއީ ދަސްވެނިވެފައި ތިބި، އުނގެނިފައި ތިބި ކުދިން، އެކަމުގެ ޙައްޤުގައި، ނޫނީ އެކަމަށް ވަކާލާތުކުރަންޖެހޭ ސަބަބު.
 
އަޅުގަނޑު އެދެނީ ރާއްޖެއަށް ހަމަޖެހުން. އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެދެނީ، ދިވެހިރާއްޖެއަކީ މަޞްލަޙަތަށް ލޯބިކުރާ، ޞުލްޙަވެރިކަމާއެކީ ކުރިއަށްދާން ބޭނުންވާ އަދި އެންމެ ދުރަށްގޮސް، ކުރިބޯށްޓާ ހަމަޔަށްދާން ފެންބޮވައިގެންފައި ތިބި ރައްޔިތެއް އޮތް ޤައުމެއް ކަމަށް މުޅި ދުނިޔެއަށް ދައްކަން. އަޅުގަނޑުމެންނަކީ ކުޑަކުޑަ ދައުލަތެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ނަޞީބަކީ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ދައުލަތަކަށްވުން. އަޅުގަނޑުމެންނަކީ އެއް ނަސްލެއްގައި ތިބި ބައެއް. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއް. އެހެންވީމާ، އިންސާނިއްޔަތުގެ ތެރޭގައި ހިމެނޭ އެކި ނަސްލުތަކުގެ ތެރޭގައި އަރާރުންވާ ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި އަރާރުންވާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން އެކަކު ބުނާ ބަހެއް، ނޫނީ އެކަކު ބުނާ އެއްޗެއް ފަހުމް ނުވެގެނެއް ހަމަގައިމުވެސް ހިތްހަމަޖެހުމެއް އުފެދިގެނެއް ނުވާނެ. އެކަމަކު ބުނާ އެއްޗެއް ގަބޫލުނުކުރެވިދާނެ. އެއީ، ތަރުބިއްޔަތުގައި އުޅޭ މައްސަލައެއް. އެއީ، ވިސްނުމުގައި އުޅޭ މައްސަލައެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެން ޤާނޫނުތަކެއް އެކުލަވައިލާފައި މިއޮތީ. އަޅުގަނޑުމެން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރެވޭ ކަމަށްވަންޏާ، އެކަކު ބުނާ އެއްޗެއް އަނެކަކަށް ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ޤާނޫނުން ކަނޑައަޅައިދޭނެ އެކަން އޮތްގޮތް. އެ މައްސަލަ ފައިޞަލާކުރާނީ ކޯޓްރޫމްގެ ތެރޭގައި. ފަނޑިޔާރު ކަނޑައަޅުއްވާނީ ނިޔާ. އަދަބު ތަންފީޛު ކުރާނީ ދައުލަތުގެ ފަރާތުން. މިއީ މިޒަމާނުގެ ޑިމޮކްރަސީގައި މިކަން އޮންނަ ގޮތް. އިސްލާމީ އުޞޫލުތަކުގައިވެސް މިކަން އޮންނަނީ މިގޮތަށް.
 
އެހެންވީމާ، އަޅުގަނޑުމެން އިސްލާމިކް ޔުނިވަރސިޓީއެއް އުފެއްދުމުގެ ބޭނުމުގެ ތެރޭގައި، ޢިލްމީ ދިރާސާ ކުރުމުގެ އިތުރަށް، އަޅުގަނޑު ބޭނުންވޭ ޒިންމާދާރު، ހޮލިސްޓިކް ދިވެހި ދަރިންތަކެއް އުފެދިގެންދާން. އަދި މިއުފެދޭ ދިވެހި ދަރިންތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ޚިދުމަތް ކުރާނޭ ވަފާތެރި އަދި ކިޔެވި އެއްޗެއް ހެޔޮގޮތުގައި ބޭނުންކުރާ ދަރިންތަކެއް އުފައްދަން ބޭނުންވޭ. ކަންކަން އޮންނަގޮތް، އޭގެ އަޞްލަށް ރުޖޫޢަވުމާއެކީ އެކަން އޮންނަގޮތް ކިޔައިދޭންޖެހޭ. މީހުންނަށް އޮޅޭގޮތަކަށް އެ ވާހަކަ ދައްކާކަށްނުޖެހޭ އަމިއްލަ ރިވާއެއްގެ ގޮތުގައި. އެއީކީ އެކަން ހުއްދަކުރާ ކަމެއް ނޫން، އެއްވެސް ޑިސިޕްލިންއެއްގައި. އެހެންވީމާ، އަޅުގަނޑުމެން އުފައްދަން ބޭނުންވަނީ، މަޞްލަޙަތަށް ލޯބިކުރާ، ޞުލްޙައަށް ލޯބިކުރާ، ރަނގަޅު ޖީލެއް ބައްޓަންކުރާވަރުގެ، ޒިންމާ އުފުލޭވަރުގެ ދަރިންތަކެއް. މިރޭ ދަސްވެނިވެގެން ތިޔަ ނުކުތް ހުރިހާ ދަރިވަރުންނަކީ، ދަސްވެނިންނަކީ މި ޒިންމާ މިގޮތުގައި އުފުލާނެ ދަރިވަރުންތަކެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން.
 
ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި، ސަރުކާރުން ބޭނުންވަނީ ރާއްޖެއަށް ހަމަޖެހުން އައުން. ސަރުކާރުން ބޭނުންވަނީ ރާއްޖެއަށް ކުރިއެރުން ލިބިގެންދިޔުން. ވަކި ފަންނެއް ނޫން. ވަކި ދާއިރާއެއް ނޫން. ހުރިހާ ދާއިރާތަކުން. ސަރުކާރުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންނަކީ އިސްލާމުން ކަމުގައިވާތީ، ޢަރަބި އިސްލާމީ ދުނިޔެއާއެކީ ވަރަށް ރަނގަޅު ގާތް ގުޅުމެއް އޮންނަން ބޭނުންވޭ. އެކަން މިއަދު އެބަ ރަމްޒުވެގެންދޭ، ހަމައެކަނި އަޅުގަނޑުމެންނާއި ސަޢޫދީ ޢަރަބިއްޔާއާ ދޭތެރޭގައި އޮންނަ ގުޅުމަށް ބަލައިލިކަމުގައިވިނަމަވެސް. އަދި ޢަރަބި ދުނިޔޭގައި ހުރި ހުރިހާ ޤައުމުތަކާއި އަޅުގަނޑުމެންނާ ގުޅުން ރަނގަޅު. އިސްލާމީ ދުނިޔޭގައި ހިމެނޭ ހުރިހާ ޤައުމުތަކާވެސް އަޅުގަނޑުމެންނާ ގުޅުން ރަނގަޅު. އެހެންނަމަވެސް، ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް ސައްތައިންސައްތަ މުސްލިމް މަދު ޤައުމުތަކުގެ ތެރޭގައި، ނޫނީ އޮތް ހަމައެކަނި ޤައުމޭ، މިހެން ހިމެނޭތީކަންނޭނގެ، ދިވެހިރާއްޖެއާ ދޭތެރޭގައި ބޭރުގެ ބައެއް ފަރާތްތަކުން އެހާބޮޑަށް ހިތްހަމަނުޖެހެނީ. އެއީ އަޅުގަނޑުމެންގެ ދަރިވަރުން، އަޅުގަނޑުމެންގެ ދަސްވެނިންގެ ޚިޔާލަށް ގެންނަވާފައި، އަޅުގަނޑުމެން ރިސަރޗްކޮށްގެން، މިކަންކަމާ ދޭތެރޭގައި މީހުންނަށް ވިސްނައިދޭނީ ކިހިނެއްތޯ، އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އަޅުގަނޑުމެން އެބަޖެހޭ ގޮތްތަކެއް ނެރެން. އަޅުގަނޑުމެން ކުރިމަތީގައި ނޫންތޯ، ފާޙިޝް އެތައް ކަމެއް ކުރުމަށް ހުއްދަ އޮތްތޯ ބަލަން، މީގެކުރީގެ ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ކަންކަން ހިނގާފައި ހުރީ. މިއީ އިސްލާމީ ދައުލަތެއް ދޮއެއްތޯ؟ ކިހިނެއްތޯ މިކަހަލަ ކަންތައްތައް ދިވެހިރާއްޖޭގައި ކުރުމުގެ ޖާގަ އޮތްތޯ ބަލާނީ؟ އެކަމަކު މިކަންވެސް މިއޮތީ ދިވެހިރާއްޖޭގައި ހިނގާފައި ނޫންތޯ؟
 
އެހެންވީމާ، މިއީ ޢިލްމުވެރިންނާއި، އިސްލާމީ މުދައްރިސުން އަދި އެހެން ޢިލްމުތަކުގެ މުދައްރިސުންނާއި، މިރޭ ދަސްވެނިވި ފެންވަރުގެ ކުދިން މިކަންކަމާ ދޭތެރޭގައި ވިސްނަންވީ ކަންކަން. މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. މިއީ ވަކި ބައެއްގެ ދިވެހިރާއްޖެއެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޙައްޤަކީ، އަނެކާއާ އެއްވަރު ޙައްޤެއް. އެހެންވީމާ، އެކެއްގެ ޙައްޤަށް އަނެކަކު އިޙްތިރާމް ކުރަންވާނެ. އެކެއްގެ ޙައްޤުގެ ޙުރްމަތްކަނޑާ ކަމަށްވަންޏާ، އެ ހެދެނީ ގޯހެއް. އެހިސާބުން ޤާނޫނު އަރާ ހަމަކުރާނެ. އެއަށް ޖާގަދޭންވާނެ. އެއިން އިސްތިސްނާވާނެ ކަމަށް އެއްވެސް މީހަކު ޚިޔާލަށް ގެނެސްގެން ނުވާނެ. އެއިން އިސްތިސްނާތަކެއް ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. އަޅުގަނޑުމެން ތެދުވަންވީ، އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެން ވިސްނައިދޭންވީ ކީއްވެގެންތޯ ދިވެހިރާއްޖެއަކީ، މިދެންނެވި ގޮތަށް ހައްދުފަހަނައަޅާފައި ހުރި މުސްލިމުން ތަމްރީނުކުރާ އަދި ހަނގުރާމަވެރި ޖިހާދުން ޖާނުން ފިދާވާ މީހުން ތައްޔާރުކުރާ ތަނެއްގެ ގޮތުގައި ބުނެވިގެން މިދަނީ؟ އަޅުގަނޑުމެންގެ އަމިއްލަ ދަރިންތަކެއް މިވާހަކަ މި ދައްކަނީ. ދިވެހިރާއްޖޭގައި އެބަހުރިތޯ، އެފަދަ ހަރުކަށި ޚިޔާލުގެ މައްޗަށް ރެކްރޫޓްކުރާ ތަންތަން އެބަހުރިތޯ؟ އަޅުގަނޑުމެން ސަރުކާރުން ކުރި ދިރާސާއަކު އެކަހަލަ ތަންތަނެއް ނެތް. އަދި އެބުނާފަދަ މަދަރުސާތަކެއްވެސް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަޑުއުފުލަނީ، މިކަހަލަ ކަންކަމުގައި. އެބަޔަކާ ގުޅިގެން އަދި ސިޔާސީގޮތުން ނަމަވެސް، ވަކާލާތުކުރާ ފަރާތްތަކަށް އަޅުގަނޑު ދޭން އޮތް ޖަވާބަކީ، އަޅުގަނޑުގެ ކުރިމަތީގައި ހަމަ އެ ވަކާލާތުކުރާ ވަކާލާތު ކުރުން ބައިވެރިވެގެން މަސައްކަތްކުރާ، ސިޔާސީ މަސައްކަތް ކުރުންވެސް ހަމަ އެ ޒިންމާ އުފުލަންޖެހޭނޭ. އަޅުގަނޑުމެން ދިވެހިރާއްޖެއަށް ހަމަޖެހުން ގެންނަން ބޭނުންވަނީ، އަޅުގަނޑުމެން އަޅާލި މިންވަރަކުން ނޫނިއްޔާ، އަޅުގަނޑުމެން ކުރިހޯދަން މަސައްކަތްކުރި މިންވަރަކުން ނޫނިއްޔާ، އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެތީ.
 
އެހެންވީމާ، ދުނިޔޭގައި އޮތް ކުޑަކުޑަ ޤައުމަކަށްވާއިރު، އަޅުގަނޑުމެންގެ ޤުދްރަތީ ވަސީލަތާއި، އަދި އަޅުގަނޑުމެންގެ ޢިލްމާއި ޙިލްމު ބޭނުންކޮށްގެން، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ އިޙްތިރާމް ލިބޭ އަދި އެހެން ޤައުމުތަކަށް އިޙްތިރާމްކުރާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ދައުލަތަކަށް ދިވެހިރާއްޖެ ވާން އެބަޖެހޭ. އެކަންކަންވުމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ކަންކަން ހުންނާނެ. އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ކަންކަމަށް އަޅުގަނޑުމެން އެއްބަހެއް ނުވާނެ. މިހާތަނަށްވެސް ސަރުކާރުތަކުން ޢަމަލުކޮށްފައި ހުރީ މިކަހަލަ ހުރިހާ މުޢާހަދާތަކެއްގައި، ހުރިހާ މުޢާހަދާތަކެއްގައި އިޢުތިރާޒާއެކީ، ނޫނިއްޔާ ރެޒަރވޭޝަނާއެކީ އަޅުގަނޑުމެން މުޢާހަދާ ސޮއިކޮށްފައި ހުރީ. އެހެންވީމާ، ދިވެހިރާއްޖޭގައި އެބުނާ މިނިވަންކަން ނެތިގެން އުޅޭ އުޅުމަށް، މި ވާހަކައިގެ ޖަވާބު ދޭންވާނީ ހަމައެކަނި ސަރުކާރަކުން ނޫން. މި ވާހަކައިގެ ޖަވާބުތައް، ޔުނިވަރސިޓީގެ ބޯޑްރޫމްތަކުން، ޔުނިވަރސިޓީގެ ކްލާސްރޫމްތަކުން، ފެކަލްޓީގެ ޓީޗަރުން ބައްދަލުކުރާ ތަންތަނުން ތަޙުލީލުގެ ކަރުދާހުގެ ސިފައިގައި ނުކުންނަންޖެހޭ. އޭރަށް މުޅި ދައުލަތުން މިކުރާ މަސައްކަތުގައި، މިދެންނެވި ކަހަލަ ޢިލްމީ މަރްކަޒަކުން، އެ މަރްކަޒުން ކުރާ މަސައްކަތުގެ ބޭނުން ފުދިގެންދާނީ.
 
އެހެންވީމާ، މިރޭ ދަސްވެނިވި ހުރިހާ ކުދިންވެސް، ތިޔަ ކުދިން ތިޔަ ޙާޞިލުކުރި ސަނަދާއެކީ، ތިޔަ ކުދިން މިރޭ ތިޔަ އެކަށައަޅާ ޒިންމާ، ނޫނީ އުފުލަން ޚިޔާލުކުރާ ޒިންމާއާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. އަދި ކިރިޔާ ޤައުމީ މަސްއޫލިއްޔަތު ތިޔަ ފެށެނީ. ދެން ހަމަގައިމުވެސް މަންމައެއް، ބައްޕައެއް، ބެލެނިވެރިއެއްގެ ހިޔާވަހިކަމުގައި ހުރުމުގެ އިތުރުން، ތިޔަ ކުދިންނަކީ އަމިއްލަ ޒިންމާ އުފުލާ ބަޔަކަށް މިރެއިން ފެށިގެން ތިޔަވީ. އެހެންވީމާ، ތިޔަބޭފުޅުން މިރޭ ޙާޞިލު ކުރެއްވި ސަނަދުތަކާއި ސެޓްފިކެޓްތަކާއެކީ އާ ޒިންމާތަކެއް އުފުއްލަވަންޖެހޭ ކަމަށް ގަބޫލުކުރައްވާ. އެއީ ހަމައެކަނި ދަރިން ތަރުބިއްޔަތު ކުރުމެއް ނޫން. ހަމައެކަނި މުދައްރިސުންނަށްވުމެއްވެސް ނޫން. މުޅި ޤައުމަށް އޮތް މަސްއޫލިއްޔަތެއް. މުޅި ދިވެހިރާއްޖެއަށް އޮތް މަސްއޫލިއްޔަތެއް އޮތް ކަމުގެ ޒިންމާ، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ. ފެކަލްޓީތަކުގެ، ކުއްލިއްޔާތަކުގެ ޓީޗަރުންނާއި މުދައްރިސުންނަށްވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މި ވާހަކަ. މިކަންކަން ޔުނިވަރސިޓީއަކުން، އެއީ ޤައުމީ ޔުނިވަރސިޓީ ކަމުގައިވިނަމަވެސް، ޚާއްޞަކޮށް، އިސްލާމީ ދުނިޔެއަށް މިއަދު ދިމާވެފައި ހުރި މައްސަލަތަކާއި، އިސްލާމްދީނުގެ ޝުހުރަތު ބޭރުގައި މި ވިސްނާގޮތާއި ބަދަލުވެގެންދާގޮތާ ދޭތެރޭގައި ޔުނިވަރސިޓީން ވިސްނާފައި، އަޅުގަނޑުމެންގެ ފެންވަރުގައި ޔުނިވަރސިޓީން ކަރުދާސްތަކެއް، ތައްޔާރުކޮށް، މި ޔުނިވަރސިޓީއަކީ މި ސަރަޙައްދުގައި ހުރި އެންމެ ހައިބަތު ހެޔޮ ޔުނިވަރސިޓީއަކަށް ވެގެންދިޔުމަކީ، އަޅުގަނޑު ދެކެން ބޭނުންވާ ހުވަފެން. އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިކަހަލަ އާ މަސައްކަތްތަކެއް ކުރެވޭތޯ އެބަ ބަލަމު. މި ސަރަޙައްދުގައި ނެތް ބޮޑެތި މައްސަލަތައް ދިމާވީމަ، އާރބިޓްރޭޝަނަށް ގެންދާނެ އާރބިޓްރޭޝަން ސެންޓަރެއް ނެތް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މިފަދަ އާރބިޓްރޭޝަން ސެންޓަރެއް ޤާއިމުވެގެންދާނެ. އެކަމުގެ މަސައްކަތް ދެން މިހާރު މިކުރަނީ.
 
އެހެންވީމާ، އަޅުގަނޑު އެދެނީ، މި ޔުނިވަރސިޓީއަކީވެސް މި ސަރަޙައްދުގައި ހުރި ޢަރަބި އިސްލާމީ ތަޢުލީމްދޭ އެންމެ ފުންނާބު އުސް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދިޔުން. އެ ޒިންމާ އުފުއްލަވާނީ، ހަމައެކަނި ކުއްލިއްޔާތަކުގެ މުދައްރިސުންނާއި، ލެކްޗަރާއިންނާއި، ޕްރޮފެސަރުން އެކަންޏެއް ނޫން. ޔުނިވަރސިޓީގެ ސިފަ، ނޫނީ ޔުނިވަރސިޓީގެ އެމްބެސެޑަރުންނަކީ ޙަޤީޤަތުގައި ޔުނިވަރސިޓީން ދަސްވެނިވެގެން ނުކުންނަ ކުދިން. އެކުދިންގެ ޢަމަލުތައް ހުންނަގޮތުންނާއި، އެކުދިންގެ ޤައުމީ ޚިދުމަތުގެ ޙިއްޞާ އޮންނަ މިންވަރުން ޔުނިވަރސިޓީއަށް ލިބޭ ޝުހުރަތު އިތުރުވެގެން މިދަނީ. އަދި ޔުނިވަރސިޓީގެ މަޤްބޫލުކަން އިތުރުވެގެންވެސް ދަނީ މިދެންނެވި ކަންކަމުގެ މައްޗަށް ބިނާކޮށް. އެހެންވީމާ، މިރޭ ސަނަދު ޙާޞިލު ކުރެއްވިއިރު، އުފަލާއެކީ ތިކަން ބައްލަވައިގަންނަވާއިރު، ހިތްޕުޅަށް ގެންނަވާ، އަދި މި ފެށުނީ ޤައުމީ ވަރުގަދަ މަސްއޫލިއްޔަތަކާއި ޒިންމާ އުފުލުމުގެ މުނާސަބަތާ، ތިޔަބޭފުޅުން ތިޔަ ކުރިމަތިލައްވަނީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަ ހުރިހާ ކުދިންނަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލެއް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން. އަދި އަޅުގަނޑު އެދެނީ، މި ޔުނިވަރސިޓީއަކީ މި ސަރަޙައްދުގައި ހުރި އެންމެ ހައިބަތު އުފުލިގެންވާ ޔުނިވަރސިޓީއަށް ވެގެންދިޔުން. އަދި މި ޔުނިވަރސިޓީގެ ވަސީލަތްތަކުގެ ތެރެއިން އަޅުގަނޑުމެން މިދެންނެވި ކަހަލަ، އިސްލާމްދީނަށް ދަތިވެފައިހުރި މައްސަލަތަކާއި، ދިވެހިރާއްޖޭގެ އެކި ބޭފުޅުން އެކިކަހަލަ ފަތުވާ ނޫނީ އެކިކަހަލަ ވިސްނުމުގައި ކަންކަން އޮންނަގޮތް އޮޅުންފިލުއްވައިދެއްވާ ދެއްވުމުގެ ތެރޭގައި، އަޅުގަނޑުމެން ހުރިހާ ޢިލްމުވެރިންނާ ގުޅިގެން، އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭކަހަލަ އިސްޠިލާޙުތަކެއް އަޅުގަނޑުމެންނާ ހަމަޔަށް ތިލަކޮށްދެއްވުމަކީ، ރިސާރޗަރުން، ފެކަލްޓީގެ ޕްރޮފެސަރުން ކޮށްދެއްވަންޖެހޭނެ ކަމަކަށް ވެގެންދިޔުން. މިކަންކަން ކޮށްދެއްވައިފިނަމަ، އަޅުގަނޑުމެން ދިވެހިރާއްޖޭގައި އުޅޭ މުސްލިމުންނަށް ހަމަގައިމުވެސް އަޅުގަނޑުމެންގެ ދިރިއުޅުން ފަސޭހަވެގެންދާނެ.
 
އަޅުގަނޑު އެދެނީ މި ޔުނިވަރސިޓީއަށް ﷲ ހެޔޮގޮތް މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކަކަށް އަބަދަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه