بســم اللّـه الرّحمـن الرّحيــم
 
އަޅުގަނޑު މެލޭޝިޔާއަށް މިކުރި ދަތުރަކީ، މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރި ދަތުރެއް. ރަސްމީ ދަތުރެއް. މި ފަހަކަށްއައިސް މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ވިޔަފާރީގެ ބައެއްކަހަލަ ނުތަނަވަސްކަން އުފެދިފައި މިވަނީ. އެހެންވީމާ، އެކަންކަން ޙައްލުކުރުން، މި ދަތުރުގެ އެންމު މުހިންމު ބޭނުމަކަށްވަނީ.
 
 މިކަންކަމާ ބެހޭގޮތުން މެލޭޝިޔާގެ ބޮޑުވަޒީރާ އަޅުގަނޑާ ވާހަކަ ދެއްކުނު. ވާހަކަ ދައްކާފައި އަޅުގަނޑުމެންގެ ތެރޭގައި ގޮތްތަކަކަށް އެއްބަސްވެވުނު. ވިޔަފާރީގެ ކަންކަމުގެ ތެރޭގައި، އަމިއްލަ ކުންފުނި ކުންފުނިން މެލޭޝިޔާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނަށް ދައްކަންވާ ފައިސާ ނުދެއްކުމުގެ މައްސަލައާ، މިކަހަލަ ބައެއް ކަންތައްތައް އެބަހުރި.
 
އެހެންވީމާ، މި ފުރްޞަތުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ރާއްޖެއިން ބޭރުގެ ބޭންކްތަކާ މުޢާމަލާތު ކުރާއިރު، ރާއްޖޭގެ ވިޔަފާރި ފަރާތްތަކުން މިކަންކަމުގައި އޮންނަ އުޞޫލުން ޢަމަލުކުރުމަކީ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ރަނގަޅު ވެގެންދާނެ ކަމެއް. މިފަހަރުވެސް މި ރެއިޒް ކުރެވުނު މައްސަލަތަކުގެ ތެރޭގައި، އެއް މައްސަލައަކަށް  މި މައްސަލަ ވެގެންދިޔަ.
 
ދެން އޭގެއިތުރަށް، މެލޭޝިޔާއަށް މިކުރި ދަތުރަކީ ޙަޤީޤަތުގައި މެލޭޝިޔާއަކީ ދިވެހިރާއްޖޭގެ ވަރަށްގިނަ ކިޔަވާ ކުދިން ދިރިއުޅޭ ރަށަކަށްވެފައި، މެލޭޝިޔާގައި ވަރަށްގިނަ އެހެން ދިވެހިންވެސް އުޅޭތީއާއެކީ، ދިވެހިންނަށް ވިސާގެ ދަތި ކަންތައްތައް ހުރީމަޔާއެކީ، ކަންތައްތަކެއް ޙައްލުކޮށްދެވޭތޯ ވާހަކަ ދެއްކުމަށް. ދެން އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ކަށަވަރުކަން ދެއްވި. އޭގެތެރޭގައި، ޑިޕެންޑެންޓް ވިސާއާއި، ކިޔަވަން ތިބޭ ކުދިންގެ ވިސާގެ އިތުރަށް، ޑިޕެންޑެންޓް ވިސާއާއި، އަދި ދިވެހިން އޮން އެރައިވަލް ވިސާ، ވަކި މުއްދަތަކަށް، މިހާރު އަޅުގަނޑަށް މެލޭޝިޔާގެ ނޫސްތަކުން އެނގޭގޮތުން ވެއްޖިއްޔާ، 90 ދުވަހަށް، މި ވިސާ ކަންތައް މިއޮތީ ހަމަޖައްސަވައިދެއްވާފައި.
 
ދެން އިތުރަށް ދެއްކުނީ، އިތުރަށް އެންމެ ބޮޑު ވާހަކަޔަކަށް، އަޅުގަނޑުމެންގެ ފަރާތުން ރެއިޒްކުރީ، ދިވެހިރާއްޖެއަށް މީގެކުރިން، އަހަރުތަކެއް ކުރިން މެލޭޝިޔާގެ ޕެޓްރޮނަރސް ކުންފުނިން ސާފުކުރި ތެޔޮ ގެންނަން. ދެން ސާފުކުރި ތެޔޮ ޕެޓްރޮނަރސް ކުންފުނިން ގެންނައިރު، އަޅުގަނޑުމެންނަށް ކޮންސެޝަންތަކެއް އަގުންނާއި އަދި ފައިސާ ދެއްކުމުގެ ކްރެޑިޓް މުއްދަތުގައި، ކްރެޑިޓް ޕީރިއަޑަށް ކޮންސެޝަންތަކެއް ހޯދުމަށް. ދެން މިކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް މެލޭޝިޔާ ސަރުކާރުން ކޮށްދެއްވާނެ ކަމަށް އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވި. އަޅުގަނޑާއެކީ ޑެލިގޭޝަންގައި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރވެސް ބައިވެރިވެވަޑައިގެންނެވި. އޭނަ ހަމަ އޭގެ އަނެއްދުވަހު ޕެޓްރޮނަރސްގެ މެނެޖިންގ ޑިރެކްޓަރާ ބައްދަލުކުރެއްވި. އެހެންވީމާ، ވަރަށް ރަނގަޅަށް މިކަންތައްތައް ހިނގާކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަމަ މީގެ ކޮންސެޝަންތަކެއް ލިބިގެންދާނެ.
 
މީގެއިތުރުން މެލޭޝިޔާއަކީ މިހާރުވެސް ރާއްޖެއަށް ވިޔަފާރީގެ ޝައުޤުވެރިކަން އޮންނަ ޤައުމަކަށްވެފައި، މެލޭޝިޔާއަކީ އޭޝިޔާ ސަރަޙައްދުގައި އިސްލާމް ޤައުމަކަށްވެ، އަދި ކޮމަންވެލްތްގައި މުހިންމު ޤައުމަކަށްވާތީ، ކޮމަންވެލްތްގެ ތެރޭގައި ދިވެހިރާއްޖެއަށް މިޖެހޭ ކަންތައްތަކުގައި، މެލޭޝިޔާ ސަރުކާރުން އެހީވެވަޑައިގެން ދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރިން. މެލޭޝިޔާއަކީ މުހިންމު އިޤްތިޞާދީ، ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމެއް. އޭޝިޔާގެ، ދެކުނު އޭޝިޔާ، ނޫނިއްޔާ ދުރު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ބަލާކަމަށްވަންޏާ، މެލޭޝިޔާއަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމެއް. އަޅުގަނޑުމެން ބޭނުންވޭ، މެލޭޝިޔާގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެންނަން. އެގޮތުން މެލޭޝިޔާ ސަރުކާރަށްވެސް އަޅުގަނޑުމެން ހުށަހެޅިން، ދެ ޤައުމުގައި، މެލޭޝިޔާގެ އިންވެސްޓަރުން، މިސާލަކަށް، ރާއްޖޭގައި އިންވެސްޓްކުރާ ކަމަށްވަންޏާ، މެލޭޝިޔާއިން ޓެކްސް ނެގިފައި، އިންކަމް ޓެކްސް ނެގިފައި، އަނެއްކާ ރާއްޖެއިންވެސް ޓެކްސް ދައްކަންޖެހޭ ކަމަށްވަންޏާ ދަތިތަކެއް އުފުލަންޖެހޭނެ. އެހެންވީމާ، ދެޤައުމުގައި ޓެކްސް ދައްކަންޖެހޭ ޖެހުން ނެތުމަކީ، ޙަޤީޤަތުގައި އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރަން ފަސޭހަވެގެންދާނެ ކަމެއް.
 
އަޅުގަނޑުމެން މިގޮތަށް ޔޫރަޕްގެ ބައެއް ޤައުމުތަކާއެކީވެސް އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެގްރީމަންޓްތައް ހުންނާނީ ހުށަހަޅާފައި. އެ ޤައުމުތަކާއެކީ ކުރެވެމުން މިދަނީ. މެލޭޝިޔާ ސަރުކާރުންވެސް ބޭނުންވޭ، ދިވެހިރާއްޖެއާއެކީ އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެގްރީމަންޓެއްގައި ސޮއިކުރަން. ދެން މިކަހަލަ ވިޔަފާރީގެ ކަންތައްތަކަކާއެކީ، ދެން ޙަޤީޤަތުގައިވެސް ދަންނަވާލައިފިން، އެންމެބޮޑު ބޭނުމަކަށްވަނީ، މި ފަހަކަށްއައިސް މިދިޔައީ މެލޭޝިޔާ ސަރުކާރާއި އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެންނާ އެންމެ ރަނގަޅު ގުޅުން ނެތިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، މި ރަސްމީ ދަތުރަކީ ޙަޤީޤަތުގައިވެސް މިކަންކަން ކޮންމެވެސް ކަހަލަ ހަމަޖެހުމަކަށް އައި ދަތުރެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ދެން މެލޭޝިޔާގެ ބޮޑުވަޒީރުވެސް މާ ލަސްތަކެއްނުވެ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް އަޅުގަނޑަށް ކަށަވަރުކަން ދެއްވި.
 
ހަމަ ދަންނަވާލަން ބޭނުންވަނީ މިއީ ރަސްމީ ޒިޔާރަތެއް. ޙަޤީޤަތުގައި މިހާރު ކުރަންވެފައި އޮތް ޒިޔާރަތެއް. އަދި މި ދަތުރުކުރުމާއެކީ މެލޭޝިޔާގައި ހަމަ ސަރުކާރާއި އަޅުގަނޑުމެންނާ ދޭތެރޭގައި ހަމަ އިތުރަށް ވަރަށް ގާތް ގުޅުންތަކެއް އުފެދިގެންދިޔައީ.
 
ދެން އަޅުގަނޑު މެލޭޝިޔާގައި މި މަޑުކުރިއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ދިވެހި ކުދިންނާއި އަދި މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހި ޢާއިލާތަކާވެސް ބައްދަލުކުރިން. އުފާވެރި ބައްދަލުވުމެއް. ދެން ހަމަ ދިވެހިރާއްޖޭގެ ކަންތައްތައް އޮތްގޮތް އޮޅުންފިލުވައިދިނުމާއި، ކިޔަވާ ކުދިންގެ ފަރާތުން ކަންތައްތައް ހުންނަންވީގޮތް، ދިވެހި ސަރުކާރުން އެދޭގޮތުގެ ވާހަކަވެސް، ކޮންމެވެސްވަރަކަށް ކިޔަވާ ކުދިންނާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކިން.
 
އިރާދަކުރެއްވިއްޔާ މި ދަތުރަކީވެސް ހަމަ ވަރަށް ރަނގަޅު، ދިވެހިރާއްޖެއަށް ފައިދާހުރި ދަތުރަކަށް ވެގެންދާނެ ކަމަށް އަޅުގަނޑަށް އިންތިޒާރު ކުރެވޭ. މެލޭޝިޔާގެ ބޮޑުވަޒީރު ހަމަ ވަރަށް ދިވެހިރާއްޖެއާ ދޭތެރޭގައި ކަމޭހިއްތެވި. ދެން އަޅުގަނޑާ ދޭތެރޭގައި ބެހެއްޓެވި ގާތްކަމަކީ، ހަމަ ދިވެހިރާއްޖެއާ ދޭތެރޭގައި ބެހެއްޓެވި ގާތްކަން. އެހެންވީމާ، މިދެންނެވި ދެތިން ކަމެއް ފިޔަވައި، އެއީ ވިޔަފާރީގެ ދާއިރާގައި، އެގްޒިމް ބޭންކުން ނަގާފައި އޮތް ލޯނެއްގެ ވާހަކަ، ދިވެހި އަމިއްލަ ފަރާތަކުން. މި އިޝޫ ރެއިޒް ކުރެއްވި. ދެން އޭގެއިތުރަށް ވިޔަފާރީގެ އެހެން އިޝޫއެއް. އެހެން ނޫނިއްޔާ ހަމަ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވަރަށް އޮމާންކޮށް، ވަރަށް ރަނގަޅަށް ދިޔައީ. ދެން އެކަންކަމުގައިވެސް އެކަން އޮތްގޮތް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން. ގަބޫލުވެސް ކުރެއްވި.
 
ދިވެހިރާއްޖޭގައި ޢަދުލު އިންޞާފުގެ ދާއިރާއަކީ އެގްޒެކެޓިވްގެ ފަރާތުން މާބޮޑު ކަމެއް ކުރެވޭނެ ދާއިރާއެއް ނޫން ކަމަށްވީމަ، ހަމަ އެކަމަށް ތާއީދުވެސް ކުރެއްވި. އެހެންނަމަވެސް، އެ ބޭންކްގެ ފައިސާ ނުލިބި، އަޅުގަނޑަށް ހީވަނީ ނަވާރަވަރަކަށް މިލިއަން ޑޮލަރުކަންނޭނގެ އޮތީމަ، އެއީ ހަމަ ކަންބޮޑުވާ މައްސަލައެއް ގޮތަށް ފާހަގަކުރެއްވި.
 
ވަރަށް ޝުކުރިއްޔާ އިނގޭތޯ.
 
 
     _____________________________
 
 
 
ނިޝާން މުޙައްމަދު ދީދީ– ޓީ.ވީ.އެމް:
 
 
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އިންޑިޔާއަށްވެސް ދަތުރުފުޅެއް ކުރެއްވުމަށް މިވަނީ ހަމަޖެހިފައި. ކިހިނެއްތޯ، ދޭދޭ ޤައުމުތަކާއެކު ގުޅުން ޤާއިމުކުރުމަށް، ދެން އިތުރު ކޮންކޮން ޤައުމުތަކަށްތޯ ޒިޔާރަތް ކުރުން އޮތީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އެބަހުރި އިނގޭތޯ. އަޅުގަނޑަށް މިދިޔަ އަހަރު ކަންތައްތައް ދިމާވިގޮތުން އަޅުގަނޑަށް ނުކުރެވި ހުރި ވަރަށްގިނަ ދަތުރުތައް އެބަހުރި. އެ ދަތުރުތައް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ކުރެވޭތޯ ބަލަނީ. އިންޑިޔާއަށް ދަތުރުކުރުން އެބައޮތް. ހަމަ އެގޮތަށް އަޅުގަނޑު ޕާކިސްތާނަށްވެސް އެބަ ދާންވޭ. ހަމަ ޕާކިސްތާނުގެ ބޮޑުވަޒީރުވެސް. ލާހޫރުގައި އިހަށްދުވަހު ބޮން ގޮއްވާލުމާ ގުޅިގެން، އަޅުގަނޑު އެމަނިކުފާނަށް ތަޢުޒިޔާއާއި ހަމްދަރުދީގެ މެސެޖެއް އެރުވުމުގެ ގޮތުން ވާހަކަ ދެއްކިން. އެމަނިކުފާނުވެސް ދިވެހިރާއްޖެއަށް މިއަހަރު މާ ދުރުނޫން ހިސާބެއްގައި ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގާތުގައި ވިދާޅުވި. ޕާކިސްތާނަށްވެސް އަޅުގަނޑުމެން ދާންޖެހޭ. ފަލަސްޠީނަށް ދާންއޮތީ މިދިޔަ އަހަރުއްސުރެ ދަޢުވަތު. ވަރަށްކުރީ ކޮޅުއްސުރެ ދަޢުވަތު. ޖޯޑްންއަށް ދާން ދަޢުވަތު އެބައޮތް. ހަމަ އެގޮތަށް ޢިމާރާތަށް ދާން ދަޢުވަތު އެބައޮތް. އެހެންވީމާ، މިދެންނެވި ގޮތަށް ހަމަ ވަރަށްގިނަ ދަތުރުތަކެއް އެބަހުރި. އެހެންނަމަވެސް، ވަގުތު އޮތް މިންވަރަކުން އަޅުގަނޑު މިއަހަރުގެ ތެރޭގައި ބަހާލައިގެން އިރާދަކުރެއްވިއްޔާ މި ދަތުރުތައް ކުރާނަން. ދެން ޝައްކެއްވެސްނެތް، މި މަހުގެ ދެން ކުރިއަށް އޮތް ހަފްތާއެއް، ދިހަވަރަކަށް ދުވަހުގެ ތެރޭގައި، އިންޑިޔާއަށްވެސް ދަތުރެއް ކުރަން މިހާރު މިވަނީ ހަމަޖެހިފައި.
 
 
 
އަޙްމަދު މުޙްސިން – ރާއްޖެ ޓީ.ވީ:
 
 
 
މަނިކުފާނުގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ތިޔަ ވިދާޅުވީ. ކޮބައިތޯ، ކިހާ ކައިރި މުސްތަޤްބަލެއްގައި، ތިޔަ ވިދާޅުވާ ކާމިޔާބުކަމެއް، ނޫނިއްޔާ ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމެއް ފެނިގެން ހިނގައިދާނެތޯ؟
 
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އަޅުގަނޑު މެލޭޝިޔާއިން ފުރުމުގެ ކުރިން، މެލޭޝިޔާގެ ނޫސްތަކުގައި، މެލޭޝިޔާ ސަރުކާރުން ކަށަވަރުކަން ދީގެން އޮން އެރައިވަލް، 90 ދުވަހުގެ ވިސާގެ ވާހަކަ ޖަހައިފި. ދެން ކުދިންގެ ޑިޕެންޑެންޓް ވިސާގެ ވާހަކަ އަޅުގަނޑު ހަމަ މި ޑެލިގޭޝަންގައި ހައިކޮމިޝަނަރ ސުވާލު ކުރެއްވި. މަޢުލޫމާތުތައް ސާފުކުރައްވާފައި، އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި.
 
ހަމައެޔާއެކީ ދިވެހިންގެ އެހާ ގިނަ ބަޔަކު މެލޭޝިޔާގައި ދިރިއުޅެމުންދާތީ، ސިލޯނުގައިވެސް އަޅުގަނޑުމެން ހަމަޖައްސާފައި އެހެރަގޮތަށް، ކަލްޗަރަލް ސެންޓަރެއް، ޘަޤާފީ މަރްކަޒެއް ހެދުމަށް. ދެން މިކަމާވެސް ހަމަ ވަރަށް ޝައުޤުވެރިކަން ފާހަގަކުރައްވާފައި ވިދާޅުވި، ތަނެއް ހޯދާށޭ، ތިމަންނަ މިކަން ކޮށްދެއްވާނަމޭ. އެހެންވީމާ، ކަލްޗަރަލް ސެންޓަރެއް ހެދުމުގެ މަސައްކަތްވެސް އެބަ ފެށޭ.
 
ދެން ދަންނަވާލިހެން، ތެލުގެ ކަންތައް. ތެލުގެ ކަންތަކުގައި ހަމަ އަޅުގަނޑުމެން ރަސްމީ ވާހަކައިގައި  އެ ވާހަކަ ދެއްކިން. އެހެންނަމަވެސް، ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ދެފަރާތުން އެއްބަސްވެ ނިމިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ތެލުގެ ކަންތައްވެސް ކޮށްދެއްވާނެ ކަމަށް ހަމަ އެމަނިކުފާނު އިސްވެ ވިދާޅުވި. ދެން ހަމަ އެދުވަހު މިދެންނެވި ގޮތަށް، އެދުވަހު މެންދުރުފަހު އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ޕެޓްރޮނަރސްގެ އެމް.ޑީ.އާވެސް ބައްދަލުކުރެއްވި. ދެން ނެގޯސިއޭޝަންތައް، އަޅުގަނޑަށް ހީވަނީ މިހާރު ނިމުމަކާ ހަމަޔަށް އަތުވެއްޖެހެން. އަޅުގަނޑުމެންގެ ޓާރމްސް އެބޭފުޅުންނަށް ދަންނަވައިފިން. ދެން އަދި އެބޭފުޅުންނަށް އޭގެތެރެއިން ކޮށްދެއްވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށް މިހާރު އޮތީ ކަށަވަރުކޮށްދެއްވާފައި.
 
ދެން އޮތް އެއްކަމެއް، އެއީ އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ކްރެޑިޓް ޕީރިއަޑް ބޯޑަށް ގެންދަވާނެ ވަރަށް އަވަހަށް. ދެން އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ އެކަން ވެގެންދާނެ ކަމަށް.
 
ދެން އޮތީ ޑަބަލް ޓެކްސޭޝަން އެގްރީމަންޓެއްގެ ވާހަކަ. ދެން ޑަބަލް ޓެކްސޭޝަން އެގްރީމަންޓެއްގައި އަޅުގަނޑުމެން އެހެން ބައެއް ޤައުމުތަކާއެކީވެސް ކޮށްފައި، އަދި އޭގެ ޑްރާފްޓްވެސް ބަންޑާރަ ނައިބު އެޕްރޫވް ކުރައްވާފައި. ދެން އިރާދަކުރެއްވިއްޔާ ހަމަ ޚާރިޖީ އޮފީހުގެ ތެރެއިން ޑަބަލް ޓެކްސޭޝަން އެގްރީމަންޓް އަޅުގަނޑުމެން ހުށަހަޅާނަން. ދެން އަޅުގަނޑަށް ގަބޫލުކުރެވެނީ، ހަމަ މިއަހަރުގެ ކުރިއަށް އޮތް މަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި، މީގެތެރެއިން ގިނަ ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް.
 
ކުދިންގެ ވިސާ ކަންތައް އަދި ކުދިންގެ ބެލެނިވެރިންގެ ވިސާ ކަންތައް ހަމަޖެހިގެން ދިޔައީމަ، ދެން އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭނެ. ދެން ތެޔޮވެސް އަގުހެޔޮވެގެން ހިނގައްޖެ ކަމަށްވަންޏާ، ރާއްޖޭގައި ހަމަ ކަރަންޓްގެ އަގު އިތުރަށް ހެޔޮވެގެންދާނެ. ހަމަ ރައްޔިތުންނަށް ލުއިތަކެއް ވެގެންދާނެ ދޮއެއްތޯ.
 
 
 
އަޙްމަދު މުޙްސިން – ރާއްޖެ ޓީ.ވީ:
 
 
 
ވިދާޅުވެއްޖެ، ކުރިއަށް އެބަހުރި ކަމަށް ވަރަށްގިނަ ދަތުރުތަކެއް ކުރައްވަން ދަޢުވަތު ލިބިވަޑައިގެންފައި. އެ ދަޢުވަތުތައް ލިބިވަޑައިގެންފައިވާއިރުގައި، އެ ދަތުރުތައް ކުރައްވާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ރާއްޖޭގައި މިވަގުތު ނައިބު ރައީސަކު ނެތި. މަނިކުފާނު ވަޑައިގެން މިވީ ދުވަސްކޮޅުގައިވެސް ހަމަ ނެތި މިދިޔައީ. ޤައުމު ހިންގަވާނެ އެހެން ބޭފުޅަކު ޤައުމަކު ނެތް. ކިހާ އަވަސްމިނެއްގައި އެކަން ކުރައްވަފާނަންތޯ، ނައިބު ރައީސަކު ޢައްޔަނު ކުރައްވަން؟
 
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ޤައުމު ހިންގާކަށް ނައިބު ރައީސަކަށް ދައުރެއް ނޯވޭ އިނގޭތޯ. ޤާނޫނުއަސާސީގައި، ނައިބު ރައީސަކަށް ޤައުމު ހިންގުމުގެ ދައުރެއް ނޯވޭ. ނައިބު ރައީސެއް ހުރުމަކީ، ޤާނޫނުއަސާސީން ލާޒިމްކުރާ ކަމެއް. އެކަމަކު ޤާނޫނުއަސާސީގައި، ނައިބު ރައީސަކަށް ދީފައި އޮތް ދައުރެއް ނޯންނާނެ. އެހެންވީމާ، ދައުލަތް ހިންގެވުމުގެ ދައުރެއް އޮންނަ ބޭފުޅެއް ނޫން ނައިބު ރައީސަކީ. ނައިބު ރައީސަކީ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތެއް، އެ ޒިންމާ އަދާކުރައްވާ ބޭފުޅެއް. އެހެންވީމާ، ނައިބު ރައީސަކު ހުންނެވިޔަސް، ޤައުމު ހިންގަވާނީ ނައިބު ރައީސެއް ނޫން. ހަމަ ރައީސް ޤައުމު ހިންގާނީ އިނގޭތޯ. ހަމަ މީގެކުރިންވެސް، ރައީސް ސިންގަޕޫރުގައިވެސް ހަމަ ބަލިވެވެސް އުޅެފިން ދޮއެއްތޯ؟ އަޅުގަނޑުމެން ހަމަ އެންމެ ގިނައިން، އަޅުގަނޑަށް ދިމާވި ބަލީގެ ވާހަކަތައްވެސް، ކީ މީޑިއާގެ ތެރެއިން. އޭރުވެސް ޤައުމު ހިންގީ ރައީސް. ނައިބު ރައީސެއް ނޫން އިނގޭތޯ. އެހެންވީމާ، އެއީކީ މައްސަލައެއް ނޫން.
 
ދެން ނައިބު ރައީސެއްގެ މައްސަލަ، އަޅުގަނޑު ހަމަޖެހިގެން، ވަގުތު ލިބިގެން މަޖިލީހަށް ދާނެ. އަޅުގަނޑަށް އެއަށްވުރެ ބޮޑަށް މުހިންމީ ނައިބު ރައީސް ހިމެނިގެން މި ހިނގައިދިޔަ ޖިނާއީ ބޮޑު މައްސަލަ. އޭގެ ތަޙުޤީޤު ނިމިގެން ޝަރީޢަތަށް ހުށަހެޅި، ކަންކަން ނިމުން. އޭގެފަހުން ނައިބު ރައީސެއްގެ ނަންވެސް ދާނީ އިނގޭތޯ.
 
 
 
އަޙްމަދު އާދަމް – ސަންގު ޓީ.ވީ:
 
 
ރައީސް ނަޝީދު މިނިވަންކޮށްގެން، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމަޖެހޭނެ ކަމަށް މަނިކުފާނު ގަބޫލުކުރައްވަންތޯ؟ 
 
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ނޫން، ގަބޫލެއްނުކުރަން އިނގޭތޯ. ރައީސް ނަޝީދު މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަމެއް ނޫން. ރައީސް ނަޝީދު މިނިވަންވާންޖެހޭނީ ޢަދުލު އިންޞާފުގެ ދާއިރާގެ ތެރެއިން. ޢަދުލު އިންޞާފުގެ ދާއިރާގެ ތެރޭގައި އެކަން ނިންމަވާ ގޮތަކަށް ނިންމެވީމަ، އެކަން އެ އޮންނަ ގޮތަކަށް ނިމިގެންދާނީ ދޮއެއްތޯ؟
 
 
އަޙްމަދު އާދަމް – ސަންގު ޓީ.ވީ:
 
 
ކީއްވެގެންތޯ ރައީސް ނަޝީދު މިނިވަންކުރުމާ ބެހޭގޮތުން އެމް.ޑީ.ޕީ.އާއެކު މަޝްވަރާ ކުރުމަށް ގޮވާލައްވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
އާދެ، މިނިވަންކުރަން، މިނިވަންކުރަން ކޮށްދޭންވީކީއްތޯ ބެލުމަށްޓަކައި މަޝްވަރާއަށް ދެންނެވީ. އެހެންވީމާ، އެމް.ޑީ.ޕީ. އިން އަޅުގަނޑުމެން ގާތުގައި ވިދާޅުވެދެއްވަންވީ. އެބޭފުޅުންވެސް ތާއީދު ކުރައްވައިގެން ހައްދަވާފައި އޮތް ޤާނޫނުއަސާސީއެއް އެއޮތީ. އެބޭފުޅުންވެސް ތާއީދު ކުރައްވައިގެން، ވޯޓު ދެއްވައިގެން ހަދާފައި ހުރި ޤާނޫނުތަކެއް އެހެރީ. މި ޤާނޫނުތަކުގެ ތެރެއިން ރައީސް ކޮށްދޭންވީ ކީއްތޯ، ނޫނީ ޤާނޫނަށް އިތުރަށް ކޮން ބަދަލެއް ގެނެސްގެންތޯ، ރައީސް ނަޝީދުގެ ކަންކަން ހަމަޖެއްސޭނީ، އެމް.ޑީ.ޕީ ބޭފުޅުން ވަޑައިގެން އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވާށޭ. އެހެންވީމާ، ޤާނޫނުތަކުގެ ތެރެއިން ކަންކަން ހުއްޓައި، ޤާނޫނުގައި އޮތްގޮތް ދޫކޮށްލާފައި، ރައީސާއި ސަރުކާރު ބަދުނާމްކޮށްފައި، ރައީސް ނަޝީދު މިނިވަންނުކޮށްގެން މިއުޅެނީ ރައީސް ކަމަށް، ބޭރު ދުނިޔޭގައި އަޑު އުފުލަމުން އެމް.ޑީ.ޕީ.ގެ ފަރާތުން ގެންދާތީ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނާ ތިވާހަކަ ދައްކަން އަންނާށޭ. އޭރަށް މީޑިއާ ކުރިމަތީގައި، މިކަން އޮތްގޮތް ދިވެހި ރައްޔިތުންނަށް އެނގޭނެ. މިހާރު އޮތް ޤާނޫނުތަކަކުން ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް. އެކަން އެނގޭނެ، އެމް.ޑީ.ޕީ. ގައި އިސްކޮށް އެ އުޅުއްވާ ހުރިހާ ބޭފުޅުންނަށް. އެހެންވީމާ، އެމް.ޑީ.ޕީ ދެންވެސް ވަޑައިގެން، މަޝްވަރާ މޭޒަށް ވަޑައިގެން ވިދާޅުވެދެއްވަންވީ، މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ކިހިނެއް ހަދައިގެން، ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ދައުރަކީ؟ އެ ދައުރެއް ދިވެހި ރައްޔިތުންނަށް އެނގޭގޮތަށް، އެމް.ޑީ.ޕީ.ގެ ފަރާތުން ވިދާޅުވެދެއްވަންވީ؟
 
އޭގެ ބަދަލުގައި އެކަން އޮޅުވާލާފައި، ރާއްޖެ ބަދުނާމްވާގޮތަށް، އަދި ރާއްޖޭގެ ސަރުކާރު ބަދުނާމްވާގޮތަށް ވާހަކަ ދެއްކުމަށް އަޅުގަނޑުމެން ޖާގަދޭން ބޭނުންނުވަނީ. އެ ވާހަކަ ދައްކަން ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ. އެއީ މިއޮތީ ތިންބާރު ވަކިކޮށްފައި އޮތް ނިޒާމެއް. ޢަދުލު އިންޞާފްގެ ދާއިރާއިން ކުރާ ކަންތައްތަކަކާ ރައީސުލްޖުމްހޫރިއްޔާއަކަށް ނުބެހެވޭނެ. އަދި ޤާނޫނު އޮތްގޮތުން ޓެރަރިޒަމްގެ ދަޢުވާއެއް އުފުލި، ޓެރަރިޒަމްގެ ދަޢުވާގެ ޙުކުމް، ތިން މަރްޙަލާއިން އެބޭފުޅެއްގެ މައްޗަށް ކަށަވަރުވެއްޖެ ކަމަށްވަންޏާ، ރައީސަށް ކޮށްދެވޭނެ ކަމެއް މިވަގުތު ޤާނޫނަކު ނެތް. އެހެންވީމާ، ދެން ކަމެއް ކޮށްދެވޭނީ ޤާނޫނަށް އިޞްލާޙު ގެނެސްގެން. އެހެންވީމާ، އެ ވާހަކަ ދައްކަން ވަޑައިގަންނަވާށޭ މި ދަންނަވަނީ.
 
 
ނަޒާހަތު އިބްރާހީމް ރަޝީދު – ދި ޓީ.ވީ:
 
 
ރައީސްގެ ވާހަކައިގައި ފާހަގަކުރައްވައިފި، ޤައުމު ހިންގުމުގައި ނައިބު ރައީސްގެ މާބޮޑު ދައުރެއް ނެތޭ. އެހެންނަމަވެސް ފާހަގަކުރައްވައިފި، މަޖިލީހަށް ނައިބު ރައީސެއް ހޮވުމަށް ފޮނުއްވާނެ ވާހަކަ. އަވަސް މުސްތަޤްބަލެއްގައި ފެނިދާނެތޯ، ނައިބު ރައީސަކު ހޮވުމަށް ފޮނުއްވާތަން.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ދެން އެއީ އަޅުގަނޑުގެ އަތްމަތީގައި އޮތް ކަމެއް ދޮއެއްތޯ، އެހެން ނޫންތޯ. ދެން އަޅުގަނޑަށް ވަގުތުވެގެން، އަޅުގަނޑުވެސް ނައިބު ރައީސުންނާ ދޭތެރޭގައި މިހާރު ހަމަ ވަރަށް ވިސްނާފައި ދޮއެއްތޯ. މުޅި ޤައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ހުންނަ ސިފަތަކާ ދޭތެރޭގައި ވިސްނާފައި ނެގުން ކަމަށް މިހާރު މުޅި ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭ ދޮއެއްތޯ.
 
އެހެންވީމާ، ދެން އަނެއްކާވެސް މުޅި ޤައުމުގެ ހަމަޖެހުމަށް، މި ނައިބު ރައީސުން، އެއް ޒަޢާމަތެއްގައި ހަތަރު ފަސް ނައިބު ރައީސުން ބަދަލުވުމަކީވެސް ދިވެހި ރައްޔިތުންނަށްވެސް ފަސޭހަކަމަކަށް ނުވާނެ ދޮއެއްތޯ. އެހެންވީމާ، ދެން އެވަރުގެ ސިފަތަކެއް ހުރި، އިޚްލާޞްތެރި ބޭފުޅަކު ހޯދަން މަސައްކަތް ކުރަންޖެހޭނީ ދޮއެއްތޯ. އެހެންވީމާ، އެ ފުރްޞަތު އަޅުގަނޑަށް ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
 
ވަރަށް ޝުކުރިއްޔާ އިނގޭތޯ.