ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު މެލޭޝިޔާއަށް ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑު ވަޒީރު ހިޒް އެކްސެލަންސީ ޑާޓޯ ޝްރީ ޙާޖީ މުޙައްމަދު ނަޖީބު ބިން ޓުން ޙާޖީ ޢަބްދުލް ރައްޒާގުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުއަލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވީ މެލޭޝިޔާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން، ވައި ބީ ޑާޓޯ ސެރީ މަހްޒީރު ބިން ޚާލިދާއި މެލޭޝިޔާ ސަރުކާރުގެ އިސް ވެރިންނާއި ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފަހުމީ ހަސަނާއި ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ މުވައްޒަފުންނެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރުޚަބާ ދެންނެވުމުގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ބޮޑު ވަޒީރުގެ އޮފީހުގައި އަންގާރަ ދުވަހުގެ ހެނދުނުއެވެ. ރަސްމީ ގޮތުން މަރުޚަބާ ދެންނެވުމުގެ ޙަފްލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ ބޮޑު ވަޒީރު، ނަޖީބު ރައްޒާގު އާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި މެލޭޝިޔާގެ ބޮޑު ވަޒީރު ދެއްވާ މެންދުރުގެ ފަރިއްކޮޅެއް ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ދެއްވާ ގޮތައްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.