بســماللّـهالرّحمـنالرّحيــم
           
 السّلام عليــكم ورحـمــة اللّـه وبـركاتـه،
  
الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އާދެ، މިރޭ އަޅުގަނޑު މިތަނަށް މި ހުއްޓުނީ ވަރަށް އުފާވެރި ވާޖިބެއް އަދާކުރުމަށްޓަކައި. އެއީ، ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ އެދިވަޑައިގެން އެދިވަޑައިގަތުމުގެ މަތިން، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުން ހުޅުވައިދިނުމަށްޓަކައި.
 
އެއްވެސް ޝައްކެއްނެތް، މި ބައްދަލުވުމަކީ ވަރަށް ތާރީޚީ ބައްދަލުވުމެއް. އެހެން އަޅުގަނޑު މިދަންނަވަނީ، މީގެކުރިން މި ފެންވަރުގައި އަތޮޅުވެރިންގެ ބައްދަލުވުމެއް ބޭއްވިފައި ނުވާތީ. އާދެ، އަޅުގަނޑުވެސް ހަނދާން އެބަހުރި، މީގެ ހައެއްކަ އަހަރު ކުރިން، އޭރުގެ ވަޒީރުލްއަޢުޡަމް އަލްފާޟިލް އަޙްމަދު ޒަކީގެ ވެރިކަމުގައި އަތޮޅުވެރިންގެ ޖަލްސާއެއް މާލޭގައި ބޭއްވުނު. ހުރިހާ އަތޮޅުތަކެއްގެ އަތޮޅުވެރިންގެ ޖަލްސާއެއް. އެހެންނަމަވެސް، ކޮންމެވެސް ސަބަބަކަށްޓަކައި، އަދި މިހާތަނަށްވެސް އަޅުގަނޑުމެންނަށް ސާފުނުވެ އޮތް ސަބަބަކަށްޓަކައި އެޖަލްސާ ކުއްލިއަކަށް މެދުކަނޑައިލަންޖެހުނީ. އެންމެ ދުވަހަކު ޖަލްސާ ބޭއްވުމަށްފަހު، އެއްވެސް ނަތީޖާއެއް ނުފެންނަ ގޮތަކަށް ޖަލްސާ ނިމިގެންދިޔައީ. އާދެ، އެހެންވުމުގެ ސަބަބަކީ އޭރު ޕްރައިމް މިނިސްޓަރުގެ މައްޗަށް ވެރިއަކަށް ހުންނެވި ބޭފުޅެއްގެ ނުރުހުން އެކަމާ ދޭތެރޭގައި އޮތީކަމަށްވުން އެކަށީގެންވޭ. އެހެންނަމަވެސް އެކަމަކީ އަޅުގަނޑުމެންނަށް ސާފުވެފައި އޮތް ކަމެއް ނޫން. ސާފުވެފައި އޮތް ކަމަކީ، އެ ޖަލްސާ ކާމިޔާބު ނިމުމަކާ ހަމައަށް ނުދާކަން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މިރޭގެ މި ބައްދަލުވުމަކީ ވަރަށް ތާރީޚީ ބައްދަލުވުމެކޭ. އެއީ މީގެކުރިން މިފެންވަރުގައި މިބާވަތުގެ ބައްދަލުވުމެއް އަދި ބޭއްވިފައި ނުވާތީ.
 
އާދެ، އެއްގޮތަކުން ބަލާއިރު، މި ބައްދަލުވުމަކީ އަޅުގަނޑުމެން އަޖައިބުވާންވީ ކަމެއް ނޫން. އެއީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދައުލަތުގެ ސިޔާސަތަކީ ހުރިހާ ކަމެއްވެސް މަޝްވަރާކޮށްގެން، ޚިޔާލު ބަދަލުކޮށްގެން، އެންމެންގެ ލަފާ ހޯދައިގެން ގެންދާގޮތް އެއީ އުޞޫލެއް ކަމުގައި ބެލުން. އެއްވެސް ކަމެއްގައި ޚުދުމުޚްތާރު ގޮތެއް ނުގެންގުޅުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ކަންތައްތައް ނިންމަމުންދަނީ އެކިއެކި ފަރާތްފަރާތުގެ މަޝްވަރާގެ މަތިން. ވަޒީރުންގެ މަޖިލީހުން ނިންމަވާ ކަންތައްތަކެއް ހުރޭ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން، އެ މަޖިލީހުން ފާސްކުރައްވައިގެން ނިންމޭ ކަންތައްތަކެއް ހުރޭ. ސަރުކާރުގެ އެކިއެކި ދާއިރާގައި މަޝްވަރާ ކުރައްވައިގެން، އެކިއެކި ބޯޑުގެ ޖަލްސާތައް ބާއްވައިގެން، އެ ޖަލްސާތަކަށް ފެނިވަޑައިގަންނަވާ ގޮތް ސަރުކާރަށް ހުށަހަޅުއްވައިގެން، ސަރުކާރުން އެކަން ނިންމާގޮތަށް ހަމަޖެހިފައިވޭ. އެގޮތުން އަތޮޅުތަކާ ބެހޭގޮތުން މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގައި ޚާއްޞަ ބޯޑެއް ހަމަޖެހިފައިވޭ. އެބޯޑުގެ މެންބަރުން ގަވާއިދުން ބައްދަލުކުރައްވައިގެން، އަތޮޅުތައް ތަރައްޤީކުރުމާބެހޭ ކަންތައްތަކާ މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލުކުރެއްވުމަށްފަހު، އެ ބޯޑަށް ފެންނަ ގޮތެއް މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒަށް ހުށަހަޅުއްވައި އަދި އެ މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ހުށަހަޅައިގެން އެކަންތައްތައް ކުރިއަށް އެބަގެންދެވޭ. އާދެ، އެން.ޕީ.އޭ.ގައި މިފަދަ އެތައް ޙަރަކާތްތަކެއް ހިނގަމުންދޭ. ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންގެ ބައްދަލުވުންތައް ބޭއްވެމުންދޭ. ހުރިހާވެސް ބޭނުމަކީ ޤައުމަށް ފައިދާހުރި ގޮތަކަށް ކަންތައްތައް ނިންމުން. ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށްފަހުގައި ނޫނީ، މުހިންމު އެއްވެސް ކަމެއް، ނިމުމަކާ ހަމަޔަށް ނުގެންދިޔުން. ހަމަ އެންމެ މީހެއްގެ ޚިޔާލަށް ފެންނަގޮތަކަށް އަޅުގަނޑުމެންގެ އެންމެންގެ ޙަޔާތާބެހޭ މުހިންމު ކަންތައްތައް ނިންމަމުން ނުގެންދިޔުން. އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލާބެހޭ މުހިންމު ކަންތައްތައް ހަމަ އެންމެ މީހެއްގެ ޚިޔާލަށް ފެންނަގޮތަށް ނިންމަމުން ނުގެންދިޔުން، އެއީ މިހާރު ދައުލަތުން ކަނޑައަޅައިފައިވާ ސިޔާސަތު. ދައުލަތް ހިންގާ އުޞޫލު. އެގޮތުގެ މަތިން މިރޭ މި ބޭއްވޭ ޖަލްސާއަކީ މިދެންނެވި މަޝްވަރާކުރުމުގެ ސިލްސިލާގެ އިތުރު ބޮޅެއް.
 
އާދެ، އެއްވެސް ޝައްކެއްނެތް، މި ޖަލްސާގެ ބޭނުންތެރި ކަމަކީ ވަރަށްބޮޑު އެއްޗެއް. އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ، މި ޖަލްސާ ކުރިއަށްދާ ގޮތުން އޭގެ ބޭނުންތައް ވަރަށް ފުރިހަމަކޮށް. ދެންމެ މިނިސްޓަރު އެ ވިދާޅުވި ފަދައިން، އެންމެބޮޑު އެއްބޭނުމަކީ، އަތޮޅުވެރިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ތަޢާރުފްވުން. އަދި އަތޮޅުތަކުގެ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވައި، އެ މައްސަލަތަކުގައި އެބޭފުޅުން ހިންގަވާނެ އުޞޫލުތަކެއް ހަމަޖެހުން. އެކަންތައްތައް އެބޭފުޅުން ސާފުކުރެއްވުން. ހަމައެއާއެކު ރާއްޖެތެރެ ތަރައްޤީ ކުރުމަށް ކުރަންވީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެކަންތަކުގައި މަޝްވަރާ ހޯދުން. އަދި ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި ހިންގަވާ އެކިއެކި މުހިންމު މަސައްކަތްތައް ނިންމަންވީ ގޮތްތައް އެކަށައަޅައި، އެ ކިހިނެއްތޯ އެކަންތައްތައް އެންމެ ފުރިހަމަގޮތަކަށް ގެންދެވޭނީ ބަލައި ހެދުން. އަދި އަޅުގަނޑު ދެކޭގޮތުގައި މިހާރު ފެށިގެން މިއުޅޭ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާތަނަށް ހިނގައިފައި އޮތްގޮތް ބަލައި، އެކަން ކޮންމެވެސްވަރަކަށް ވަޒަންކުރުން އެއީވެސް މިޖަލްސާގެ ބޭނުމަކަށްވާންވާނެ. އެހެން މިދެންނެވީ މިހާރު އެ މަޝްރޫޢު ހިނގަމުންދާތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެ. އެހެންވީމާ، މިހާތަނަށް އެ މަޝްރޫޢު ހިނގަމުން ގޮސްފައިވަނީ ކިހިނެއްތޯ، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ، އެ ދަތިތައް ޙައްލުކުރާނީ ކިހިނެއްތޯ، އަދި މިހާރަށްވުރެ ފުރިހަމަގޮތެއްގައި، މިހާރަށްވުރެ ހަލުއިކޮށް އެމަޝްރޫޢު ކުރިއަށް ގެންދާނީ ކިހިނެއްތޯ، މިބާވަތުގެ ކަންކަމާމެދު އަތޮޅުވެރިންގެ ޚިޔާލު ހޯދުމަކީ އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް.
 
އާދެ، ދެންމެ މިނިސްޓަރު އެ ވިދާޅުވި ފަދައިން، މިހާރު ދައުލަތުން ރާއްޖެތެރެއަށް ދޭ އަހަންމިއްޔަތު އެއީ ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ކަމެއް ނޫން. ދިވެހިރާއްޖެއަކީ ހަމައެކަނި މާލެކަމަށް ބެލިފައިވާ ޒަމާނެއް އަޅުގަނޑުމެން އެންމެންވެސް ދުށިން. އެހެންނަމަވެސް، އެ ޒަމާން މިއަދުވަނީ އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެފައި. މިއަދު ދިވެހިރާއްޖެއޭ ބުނުމުން، އެ މާނަކުރެވެނީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއް. ދިވެހިރާއްޖޭގެ ހުރިހާ ރަށްރަށެއް. ދިވެހިރާއްޖޭގެ އެންމެހައި މީސްތަކުން. ހަމައެކަނި ވަކި ރަށެއްގެ ވަކިބައެއް ނޫން.  އެ މުހިންމު ބަދަލު، ދައުލަތުގެ ސިޔާސަތަށް އައުމާ ގުޅިގެން، އަތޮޅުވެރިންނަށް ދައުލަތުން ބަލަމުންގެންދާ ބެލުމަށްވެސް ބަދަލު އަތުވެއްޖެ. މީގެކުރިން އަތޮޅުވެރިން ތިއްބަވަނީ ހަމައެކަނި އިދާރީ ބައެއް އަދާކުރައްވާ ބައެއްގެ ގޮތުގައި. ރާއްޖެތެރޭގައި، ސަރުކާރުން އަންގަވާ ކަންތައް ކުރެއްވުން. އެހިސާބުން އެކަންތައް އެ ނިމުނީ. އެކަމަކު މިހާރު އަތޮޅުވެރިންގެ މަސްއޫލިއްޔަތަކީ އެއަށްވުރެ މާބޮޑު މަސްއޫލިއްޔަތެއް ކަމުގައި ދައުލަތުން ގަބޫލުކުރޭ. އެއީ އަތޮޅުވެރިންނަކީ ޙަޤީޤަތުގައި ދައުލަތް އެ އަތޮޅެއްގައި ތަމްސީލު ކުރައްވާ އެންމެމަތީ ވެރިޔާ. ދައުލަތުގެ ހައިބަތު ހިފެހެއްޓެވުމަކީ، ދައުލަތުގެ ޤަދަރު ހިފެހެއްޓެވުމަކީ އަދި ދައުލަތުގެ ޤާނޫނުތައް އަތޮޅުތަކުގައި ހިންގެވުމަކީ، އެ އަތޮޅުވެރިންގެ މަސްއޫލިއްޔަތު. އެހެންވުމާއެކު އަތޮޅުވެރިންގެ މަސްއޫލިއްޔަތަށް މިއަދު ދެވިފައިވާ އަހަންމިއްޔަތު ސިފަކޮށްދޭ އެއްކަމެއް، މި ދައުރު ފެށުމާ ގުޅިގެން އަތޮޅުވެރިންނަށް ފަތްކޮޅުދޭގޮތަށް ހަމަޖެހުނުކަން އެއީ. އާދެ، އެއިން ދައްކާ އެއްޗަކީ ދައުލަތުން އަތޮޅުވެރިންނަށްދޭ އަހަންމިއްޔަތު. އެމީހުންގެ މަސްއޫލިއްޔަތުގެ ބޮޑުކަން. އަދި އެމީހުންނަކީ ދައުލަތުގެ ކުރިމަތީގައި ޤަދަރު ލިބިގެންވާ މަތިވެރި ބައެއްކަން.
 
ކޮންމެއަކަސް، އަތޮޅުވެރިންގެ މަސްއޫލިއްޔަތުތަކަށް ވިސްނާއިރު، އޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އަޅުގަނޑުމެންގެ ޤާނޫނުގައި، މިދެންނެވީ އޮފިޝަލް ކަންތަކުގައި އަތޮޅުވެރިންނާ ބެހޭގޮތުން މައިގަނޑު ފަނަރަކަމެއް ލިޔެވިފައިވޭ. އަޅުގަނޑު ގަސްދެއްނުކުރަން، އެހުރިހާ ކަންތައްތަކެއް ތިޔަބޭފުޅުންނަށް ދަންނަވާކަށެއް. އެއީ ބޭނުންތެރި ކަމެއް ނޫން. އެހެންނަމަވެސް، އެކަންތައްތަކުގެ ތެރެއިން ވަރަށް މުހިންމު ދެތިން ކަމެއްގެ ވާހަކަ ދަންނަވައިލުމަކީ، އަޅުގަނޑު ހިތުން މި ޖަލްސާގައިވެސް ބޭނުންތެރިކަމެއް. އޭގެތެރެއިން އެއްކަމަކީ އަތޮޅުގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ހިފެހެއްޓުން. އަދި ރާއްޖޭގެ ޤާނޫނުތައް އަތޮޅުގައި ހިންގުން. އެއްވެސް ޝައްކެއްނެތް، އެއްވެސް މުޖްތަމަޢެއްގައި އަމްނުއަމާންކަން، ޞުލްޙަމަޞްލަޙަތު ޤާއިމުވެގެން ނޫނީ އެ މުޖްތަމަޢެއް ތަރައްޤީގެ މަގުގައި ކުރިއަކަށްނުދާނެ. އެއްވެސް ކަމެއް އެދެވޭގޮތަކަށް ނުހިންގޭނެ. ތަރައްޤީވުމުގެ ނުވަތަ ކުރިއަށް ދިޔުމުގެ އެންމެ ފުރަތަމަ މައިގަނޑަކަށް ވާންވާނީ ތަނުގެ ހަމަޖެހުން. ތަނުގެ ސިޔާސީ ހަމަޖެހުން. އަދި އޭގެއިތުރަށް އެތަނުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެދިފައި އޮތުން. އެހެންވީމާ، އަތޮޅުވެރިންގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާންވާނީ ޤާނޫނު ބުނާގޮތުންވެސް އަދި އެހެން ގޮތްގޮތުން ބަލާއިރުވެސް އަތޮޅުގައި އަމްނުއަމާންކަން ޤާއިމުކުރެއްވުން. ޞުލްޙަމަޞްލަޙަތު ހިފެހެއްޓެވުން. އަދި ރާއްޖޭގެ ޤާނޫނުތައް ހިފެހެއްޓެވުމަށް މަސައްކަތް ކުރެއްވުން.
 
ޤާނޫނާ ބެހޭގޮތުން އަޅުގަނޑު މިރޭ އަދި އެހެން އެއްޗެއް ދަންނަވައިލާނަން. އެހެންނަމަވެސް އޭގެކުރިން އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނީ އެހެން ރޮނގަކުން. އެއީ އަތޮޅުވެރިންގެ މަސްއޫލިއްޔަތާ ބެހޭގޮތުން، އަދިވެސް ދެތިން ކަމަކަށް އިޝާރަތް ކުރަން އަޅުގަނޑު ބޭނުންވާތީ. އޭގެތެރެއިން އެންމެ މުހިންމު އަނެއްކަމަކީ ރާއްޖެތެރެ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ މިހާރު މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ކަމެއް ކަމުގައި ވަނީ ޤާނޫނީގޮތުން ހަމަޖެހިފައި. މި ދައުރަށް ފެށުނު ފަހުން ޤާނޫނަށް އެ އިޞްލާޙު ގެނެވިފައި ވަނީ. މިހާރު މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ރާއްޖެތެރެ އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރެއްވުން. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ފަރާތުން މިރޮނގުން އެ ކުރައްވާ މަސައްކަތްތަކަށް ޢަމަލީ ސިފަ ގެންނަން ތިބި ބަޔަކީ އަތޮޅުވެރިން. އެހެންވީމާ، އަތޮޅުވެރިންނަކީ މިރޮނގުން ބަލާއިރު ވަރަށް މުހިންމު ވާޖިބުތަކެއް، އެބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ ބައެއް.
 
އާދެ، އަޅުގަނޑުވެސް އެއްބަސް، ތަރައްޤީ ކުރުމުގެ ކަންތައްތައް ރޭވިގެންދަނީ މާލެއިން. މާލޭގައި ހަމަޖެހިފައިވާ މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ފަރާތުން ރާއްވަވާ ކަންތައްތައް އޭގެ މުހިންމު ބަޔަކީ. އެހެންނަމަވެސް، އެހުރިހާ ކަމެއް ހިނގާ ނުހިނގާގޮތް ބަލައި، އެކަންތައްތައް ހިންގައި އަދި އެކަންތައްތައް އަތޮޅުގައި ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒަށްވެސް ލަފާދީ، އެކަންކަމުގައި ދިމާވާ ދަތިތައް ބަޔާންކޮށްދީ، އެކަން އެ ދަތިތައް ނައްތައިލައި، އެހުރިހާ ކަމެއް ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމަކީ އަތޮޅުވެރިންގެ ވާޖިބެއް. އެހެންވީމާ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަތޮޅުތައް ކުރިއަށް ގެންދިޔުން އެއީ އަތޮޅުވެރިންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ހިމެނޭ، ވަރަށް މުހިންމު އަދި އެހާމެ ބޮޑު މަސްއޫލިއްޔަތެއް. މިހާރު ފެށިފައިވާ ޕްރޮޖެކްޓްގެ ވާހަކަ ތަފްޞީލުކޮށް ތިޔަބޭފުޅުންނަށް ދަންނަވާކަށް އަޅުގަނޑު ނެތިން. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ހިނގަމުންދާ ކަންތައްތައް. އެހެންވީމާ، އެކަންތައްތައް ފިސާރި ހަލުވިކަމާއެކު އަދި އެއިން އެދެވޭ ނަތީޖާ ފެންނަގޮތަކަށް ގެންދެވޭނީ، އަތޮޅުވެރިން އެކަމުގައި ވަރަށް މުހިންމު ބައެއް އަދާކުރައްވައިގެން.
 
އާދެ، އަތޮޅުވެރިންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އަދިވެސް ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، އަތޮޅުވެރިންނާއި އަތޮޅުގެ ރައްޔިތުންނާ ދެމެދުގައި އޮންނަންވާ ގުޅުން ރަނގަޅު ކުރެއްވުން. އެއީ އަތޮޅުވެރިން އަތޮޅަށް ވަޑައިގެން ހުންނަވަނީ ހަމައެކަނި ދައުލަތުގެ ޤާނޫނުތައް ހިންގަވާކަށެއް ނޫން. ހަމައެކަނި އަމުރުކުރައްވާ ވެރިއެއްގެ ގޮތަކުން ނޫން. އޭގެއިތުރަށް ރައްޔިތުންގެ ކަންތައްތައް ބައްލަވައި، ރައްޔިތުންގެ ދަތިތައް ޙައްލުކޮށްދެއްވައި، ރައްޔިތުންނާއިގެން ކުރިއަށް ވަޑައިގަންނަވަން ހުންނެވި ވެރިއެއްގެ ގޮތުން. އެހެންވީމާ، ރައްޔިތުންނާއި ކޮންމެ އަތޮޅެއްގެވެސް އަތޮޅުވެރިންނާ ދެމެދުގައި އޮންނަންޖެހޭނީ ވަރަށް ރަނގަޅު ގުޅުމެއް. ރައްޔިތުން ހުށަހަޅާ މައްސަލަތަކަށް، އަތޮޅުވެރިން ފުރިހަމަ ސަމާލުކަން ދެއްވަންވާނެ. އެ މައްސަލަތަކުގައި ޙައްލެއް ހޯއްދަވައި ދެއްވޭތޯ އަތޮޅުވެރިން މަސައްކަތް ކުރައްވަންވާނެ. އަދި އެކަންތައްތަކުގެ ތެރެއިން މާލެއަށް ފޮނުއްވަންޖެހޭ ކަންތައް ފޮނުއްވައިގެން ޕްރޮވިންޝަލް އެފެއާޒް މިނިސްޓްރީގެ ލަފާ ހޯއްދަވައިގެން، އެކަންކަމުގައި ކުރިއަށް ވަޑައިގަންނަވަންވާނެ. އަޅުގަނޑު މިހެން ދަންނަވަންޖެހޭ ސަބަބަކީ ވަރަށްގިނަ އަތޮޅުތަކުން އަޅުގަނޑަށް ލިބޭ ސިޓީތަކުގައި ހުރޭ، ބައެއް މީސްމީހުން އެމީހުންނާ ދިމާވާ އެކިއެކި މައްސަލަތަކުގައި އަތޮޅުއޮފީހަށް ދިޔައިމާ، އަތޮޅުވެރިންނާ ބައްދަލުނުވާ ވާހަކަ. ދެދުވަހު، ތިންދުވަހު ދާންޖެހިދާނެ. އަތޮޅުވެރިންގެ ފައިންޕުޅެއް ނުފެނޭ. އޭނާ ދަންނަވަން ބޭނުންވާ ވާހަކައެއް ނުދެންނެވޭ. ފޮނުވާ ސިޓީއަކަށް ޖަވާބެއް ނުލިބޭ. މިހެން ކަންތައްތައް ދިމާވުމަކީ މީގެކުރީ ދައުރެއްގައި މަޢާފު ކުރެވިދާނެ ކަމަކަށްވިޔަސް، އެގޮތަށް ކަންތައްތައް ހިނގުމަކީ މި ދައުރުގައި މަޢާފު ކުރެއްވޭނެ ކަމެއް ނޫން. އެއީ މިދައުރުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދްމަތްކުރުން. ރައްޔިތުންގެ ފައިދާއަށްޓަކައި ހުރިހާ ކަމެއްވެސް ކުރަމުން ގެންދިޔުން. އެހެންވީމާ، ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހުރިއްޔާ، ކަމާބެހޭ ވެރިންނަށް ހުށަހެޅުމުން، އެ ވެރިން އެކަމާ ދޭތެރޭގައި ވިސްނެވުމަށްފަހު ޖަވާބު ދެއްވަންޖެހޭނެ. އެކަމެއް ކޮށްދެއްވެން އޮތިއްޔާ ޤާނޫނާއި ގަވާއިދު ތަންދޭނަމަ، އެކަމެއް ކޮށްދެއްވަންޖެހޭނެ. އެހެން ނޫންނަމަ އެކަމެއް އޮތްގޮތް އެމީހަކަށް ރަނގަޅަށް އޮޅުންފިލުވައިދެއްވަންޖެހޭނެ.
 
އާދެ، ދެން އޮތް މުހިންމު ކަމަކީ ތަނުގެ މަޞްލަޙަތު ހަމަޖެހުމަށްޓަކައި ރާއްޖެތެރޭގައި އަތޮޅުވެރިން ދަތުރުކުރައްވައި އަދި މީހުންގެ ޙާލު އަޙުވާލު ބައްލަވައި، މަޞްލަޙަތު ހަމަނުޖެހޭ ކަހަލަ ކަންތައްތަކެއް ހުރިނަމަ، އެކަންތައްތައް ހަމަޖެއްސެވޭތޯ ބެއްލެވުން. އެހެން މިދެންނެވީ އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގައި އަދި ބައެއް ރަށްރަށުގައި ކުރިއްސުރެ ހުންނަ ހަމަނުޖެހުންތަކެއް ހުރޭ. މިހާރާ ޖެހެންދެން އެކަންތައްތައް ދެމިގެން އައިސްފައިވޭ. އެބާވަތުގެ ކަންތައްތައް ޙައްލުކުރެއްވޭތޯ ބެއްލެވުމަކީ، އަތޮޅުވެރިންގެ ވަރަށްބޮޑު ވާޖިބަކަށްވާންވާނެ. އެހެން މިދެންނެވީ އެއްވެސް އަތޮޅެއްގައި ހަމަނުޖެހުމެއް އުފެދިފައިވާނަމަ، އެއީ ކޮންމެ ސަބަބަކަށްޓަކައި އުފެދިފައިވާ ހަމަނުޖެހުމެއް ކަމަށްވިޔަސް، ނުވަތަ އެއްވެސް ރަށެއްގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް އުފެދިފައިވާނަމަ، އެ ރަށެއްގައި ތަރައްޤީގެ މަސައްކަތެއް ނުކުރެވޭނެ. އަދި އެ އަތޮޅެއްގައިވެސް ތަރައްޤީގެ މަސައްކަތެއް ނުކުރެވޭނެ. ސަރުކާރުން ބޭނުންވަނީ އެންމެން އެކަތިގަނޑަކަށްވާން. އެންމެން އެއްބައިވާން. ޤައުމުގެ މަޞްލަޙަތުގައި އަދި އަމިއްލަ އަތޮޅާއި ރަށުގެ މަޞްލަޙަތުގައި، އެންމެން ޚިދްމަތް ކުރަމުން ގެންދިޔުން. އެއީ ދައުލަތުން ބޭނުންވާ ކަމަކީ. އެކަމަށް މަގުފަހިވާނީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮވެގެން. އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުވަތަ ޢަދާވަތްތެރިކަމެއް، ދެކޮޅުވެރިކަމެއް އެއްވެސް ރަށެއްގެ ރައްޔިތުންގެ މެދުގައި އޮވެގެން ނުވަތަ އެއްވެސް އަތޮޅެއްގައި އޮވެގެން، މިދެންނެވި ކަންތައްތަކެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމާ، އަތޮޅުވެރިންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މިދެންނެވި ކަންތައް އެއީވެސް ވަރަށްބޮޑު ބައެއް.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން އޮތް އެއްޗަކީ، އަތޮޅުވެރިންނަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ދައުލަތް ތަމްސީލު ކުރައްވާ ވެރިޔާ ކަމަށްވާތީ، އަތޮޅުވެރިންގެ އުޅުއްވުމާއި ސުލޫކު ހުންނަންޖެހޭނީ، އެ ފުރުއްވާ މަޤާމާ އެކަށީގެންވާ ގޮތަކަށޭ. އާދެ، އެންމެންވެސް އަތޮޅުވެރިންނަށް ބަލާނީ، އާދެ، އެއީ ދައުލަތް ތަމްސީލު ކުރައްވާ ވެރިޔާ ކަމުގައި. އަތޮޅުވެރިން ކުރައްވާ ކޮންމެ ޢަމަލަކީ ދައުލަތަށް ނިސްބަތްވާނެ ޢަމަލެއް. އެހެންވީމާ، ދައުލަތަށް އަތޮޅުވެރިން ކުރައްވާ ޢަމަލަކުން އެއްވެސް އުނިކަމެއް ނާންނާނެގޮތަށް އަތޮޅުވެރިންގެ ޢަމަލުތައް ހުންނަންވާނީ. ދައުލަތުގެ ހައިބަތު ހިފަހައްޓަވަންޖެހޭނެ. ދައުލަތުގެ ޙުރްމަތްތެރިކަން ހިފަހައްޓަވަންޖެހޭނެ. އެގޮތަށް އަތޮޅުވެރިންނަށް ދައުލަތުގެ ހައިބަތު ހިފެހެއްޓެވޭނީ އަދި ޙުރްމަތްތެރިކަން ހިފެހެއްޓެވޭނީ އަތޮޅުވެރިންގެ ޢަމަލާއި ސުލޫކު އެކަށީގެންވާ މަތީ ފެންވަރަކަށް ހުރެގެން.
 
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޤާނޫނާ ބެހޭގޮތުން ކުޑައެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އެއީ ދެންމެ މިދެންނެވި ފަދައިން، ކޮންމެ އަތޮޅެއްގައިވެސް ދައުލަތުގެ ޤާނޫނު ހިންގެވުމަކީ އަތޮޅުވެރިންގެ ވާޖިބެއް ކަމަށްވާތީ. އަދި އަޅުގަނޑުމެންފަދަ ކުރިއަރަން ބޭނުންވާ، ތަހުޒީބުވާން ބޭނުންވާ ޤައުމަކަށް ޤާނޫނުގެ ބޭނުންތެރިކަން ހުރިލެއްބޮޑުކަމުން. އަޅުގަނޑު މިދަންނަވާ އެއްޗަކީ ހަމައެކަނި އަތޮޅުވެރިންނާ މުޚާޠަބުކޮށް ދަންނަވާ އެއްޗެއް ނޫން. އެއީ މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނާ މުޚާޠަބުކޮށް ދަންނަވާ އެއްޗެއް. އަދި އެއަށްވުރެ ފުޅާ ދާއިރާއަކަށްވެސް އަޅުގަނޑުގެ މި ވާހަކަ ދިޔުމަކީ އެދެވިގެންވާ ކަމެއް. އެހެން ޢިބާރާތަކުން ދަންނަވަންޏާ، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް ދެން ދަންނަވަން މިއުޅެނީ.
 
އާދެ، ޤާނޫނަކީ ތަހުޒީބުވެފައިވާ ކޮންމެ މުޖްތަމަޢެއްގެ އެންމެބޮޑު މައިގަނޑު. ޤާނޫނެއްނެތި އެއްވެސް މުޖްތަމަޢެއް ކުރިއަކަށްނުދާނެ. އެއްވެސް މުޖްތަމަޢެއް ތަހުޒީބުވަމަކުން ނުދާނެ. ކުރިއަކަށް ނުދާނެ. އެހެންވީމާ، ތަހުޒީބުވުމުގެ އެންމެބޮޑު ސިއްރަކީ ޤާނޫނު ނުވަތަ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުން. ނުވަތަ ޤާނޫނުގެ ބާރު އެތަނަކަށް ފޯރުން. އާދެ، އިނގިރޭސިބަހުން ދަންނަވަނީނަމަ ރޫލް އޮފް ލޯ، ޢަރަބިބަހުން ދަންނަވަންޏާ، ސިޔާދަތުލް ޤާނޫނު. މިއިން ކޮންމެ ބަހެއްގެވެސް ބޭނުމަކީ އެތަނެއްގެ އަހުލުވެރިން އެތަނެއްގައި އޮންނަ ޤާނޫނަކަށް ބޯލެނބުން. އެ ޤާނޫނަކަށް ޙުރްމަތްތެރިކޮށްހިތުން. އެ ޤާނޫނަކަށް ކިޔަމަންވުން. އާދެ، އެއްވެސް ޝައްކެއްނެތް، ޤާނޫނަކީ އެއާނުލައި އެއްވެސް މުޖްތަމަޢަކަށް، އެއްވެސް ޖަމާޢަތަކަށް ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނެ އެއްޗެއް. ކޮންމެވެސް ޤާނޫނީ ލިޔުންތެރިއަކު ލިޔުއްވައިފައިވާ ގޮތުގައި، ޤާނޫނަކީ އަޅުގަނޑުމެން  މި ނޭވައިލާ ވައިފަދަ އެއްޗެއް. އަޅުގަނޑުމެން ނޭވައިލަމުން މިގެންދާ ވަޔަކީ، އަޅުގަނޑުމެން އާދައިގެ ދިރިއުޅޭ ދިރިއުޅުމުގައި އިޙްސާސް ކުރެވޭ އެއްޗެއް ނޫން. އަޅުގަނޑުމެން މިހެން ތިބޭ ތިބުމުގައިވެސް، އަބަދު މި ނޭވައިލަނިއްޔެކޭ ހިތަކަށްނާރާ. އެކަމެއް އިޙްސާސެއް ނުކުރެވޭ. އެކަން އިޙްސާސް ކުރެވޭނީ ވައި ނެތެމުން ދިޔުމުން. ކޮންމެވެސް ސަބަބަކާހުރެ ވައި ހުސްވަމުން ހިނގައްޖެނަމަ، ކުއްލިއަކަށް އަޅުގަނޑުމެން ހާސްވާތަން އަންނާނެ. އެ ވަޔާނުލައި އަޅުގަނޑުމެންނަކަށް ދިރިއެއްނޫޅެވޭނެ. ޤާނޫނަކީ ހަމަ އެފަދަ އެއްޗެކޭ، އެ ލިޔުންތެރިޔާ ލިޔުއްވައިފައިވަނީ. ގާނޫނު، އަޅުގަނޑުމެން އާދައިގެ ދިރިއުޅުމެއް އުޅޭއިރު، އެއަކަށް މާބޮޑު އަޅައިލުމެއް އަޅައިލާކަށެއް ނުޖެހޭ. އެއީ ޤާނޫނާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދަންޏާ، އެޤާނޫނުގެ ފަރާތުން އަޅުގަނޑުމެންނަކަށް އަދަބެއް ނުލިބެއޭ، އެއަކުން އެއްވެސްކަހަލަ ގެއްލުމެއް އުނިކަމެއް އަޅުގަނޑުމެންނަކަށް އިޙްސާސެއް ނުކުރެވޭ. އެހެންނަމަވެސް، އެ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުން އަޅުގަނޑުމެންގެ ހިތުން އެއްކިބާވެގެން ހިނގައްޖެއްޔާ، ޤާނޫނަށް ބޯނުލެނބޭ ކަމަށްވަންޏާ، ކުއްލިއަކަށް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ ވަރަށްބޮޑު ދަތިތަކެއް. އެއީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުން އެހެންގޮތަކަށް ބަދަލުވެގެންދާނީ. އެއްވެސް ޤާނޫނެއްނެތި، އެއްވެސް އުޞޫލެއްނެތި، ބާރު ހުންނަ މީހާ ބާރުގެ ބޭނުންކުރާގޮތަށް ދާނީ. ނިކަމެއްޗަކަށް ފަޤީރަކަށް އެއްވެސް ޙައްޤެއް ނުލިބޭނެ. ދުނިޔޭގެ ހުރިހާ ކަމެއްވެސް ބޮއްސުންލައިގެން، އަޅުގަނޑުމެން ނޭދޭކަހަލަ ދަރަޖައަކަށް ދަށަށް ހިނގައިދާނެ. އާދެ، ޤާނޫނޭ އަޅުގަނޑު މިތާނގައި މި ދަންނަވަނީ ވަކި މާނައެއްގައި. ޤާނޫނުފޮތް ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ޤާނޫނޭ ބުނުމާ، ޤާނޫނުތަކޭ ބުނުމާ އެއީ ތަފާތު ދޭއްޗެއް. ޤާނޫނާއި ޤާނޫނުތަކާ، އެ ދޭތެރޭގައި ކުޑަ ތަފާތެއްވޭ. ޤާނޫނުތަކޭ ބުނީމާ އެއިން ދޭހަވާ އެއްޗަކީ ކޮންމެ ޤައުމެއްގައިވެސް އެ ހަމަޖެހިފައި އޮންނަ އުޞޫލެއްގެ މަތީން ފާސްކުރެވިގެން ނުކުންނަ ޤާނޫނުތައް. ދިވެހިރާއްޖޭގައި ނަމަ އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ގެޒެޓްކުރެވޭ ޤާނޫނުތައް އެއީ ޤާނޫނުތަކޭ ބުނީމާ އެއިން ދޭހަވާ މާނައަކީ. ޤާނޫނޭ ބުނީމާ އެއިން ދޭހަވަނީ އެއަށްވުރެ ތަންކޮޅެއް ފުޅާ މާނައެއް. އެއިން މިދެންނެވި ޤާނޫނުތައްވެސް ދޭހަވޭ. އޭގެއިތުރަށް ވަކި ޤާނޫނުތަކެއް ކަނޑައެޅިފައި ނެތަސް، އެ އުޞޫލުތަކަކީ އެންމެން ގަބޫލުކުރާ، އަދި ޒަމާނުއްސުރެ އެ ޖަމާޢަތުގެ މީހުން އެއަށް ބޯލަނބާ އުޞޫލުތަކަކަށްވާނަމަ، އެ އުޞޫލުތައް އެއީވެސް މިދެންނެވި ޤާނޫނުގެ ބަޔަކަށް އޮންނަނީ ވެފައި.
 
އެހެންވީމާ، ކޮންމެ ޤާނޫނަކީ މިދެންނެވި މާނައިގައި ފާސްކުރެވިފައިވާ އެއްޗަކަށްވުން ލާޒިމެއް ނޫން. އެހެންނަމަވެސް، އެއަށްދޭންޖެހޭ ޤަދަރާއި އިޙްތިރާމް ވަކި ކުޑައެއްނުވޭ. ޝަރުޢީ ކޯޓުތަކުގައިވެސް އެ ޤާނޫނާ އެއްގޮތަށް ޢަމަލުކުރޭ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އެހެންވީމާ، ޤާނޫނުގެ މާނައަކީ އަޅުގަނޑުމެން ފާސްކުރާ ޤާނޫނުތަކާއި އަދި އޭގެއިތުރަށް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަޖެހިގެން ހިނގަމުން އަންނަ އަދި އެންމެން ބޯލަނބާ އަދި އެންމެންވެސް އެ އުޞޫލުތަކަށް ބޯލަނބަންޖެހޭނެކަން ގަބޫލުކުރާ އުޞޫލުތައްވެސް އެކުލެވޭ އެއްޗެއް. އެގޮތުގެ މަތިން އަޅުގަނޑުމެން ފާސްކޮށްފައިވާ ޤާނޫނުތަކާއި އަދި މިދެންނެވި އުޞޫލުގެ މަތިން ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
 
ކުރީ ޒަމާނުގެ ރޯމްގެ މަޝްހޫރު ޤާނޫނީ ވަކީލެއް ކަމުގައިވާ އަދި އެތާނގެ ވަރަށް މަޝްހޫރު މުޤައްރިރެއް ކަމުގައިވާ، ސިސެރޯ ބުނުއްވައިފައި ވަނީ ކީކޭތޯ؟ އޭނާ ބުނުއްވައިފައިވަނީ، [އަހަރެމެންނަކީ ފުރިހަމަގޮތުގައި މިނިވަން ބަޔަކަށްވާން އެދޭނަމަ، އަހަރެމެން ފުރަތަމަ ވާންޖެހޭނީ ޤާނޫނުގެ އަޅުން ކަމަށޭ.] އާދެ، އޭނާ އެ ބުނުއްވާ އެއްޗަކީ އެއްވެސް އުޞޫލަކަށް ޙުރްމަތްތެރިކޮށްހިތުމެއްނެތި އޮންނަ މިނިވަންކަމަކީ އެއީ މިނިވަންކަމެއް ނޫނޭ. މިނިވަންކަން ހިފެހެއްޓުމަށް ޤާނޫނުތަކެއް ބޭނުންވެޔޭ. ނުވަތަ ޤާނޫނަށް ބޭނުންވެޔޭ. މިސާލެއްގެ ގޮތުން، އަޅުގަނޑުމެން ވިޔަފާރީގެ ގޮތުން ކޮށްއުޅޭ މުޢާމަލާތުތަކުގައި ފައިސާގެ ބޭނުން ކުރަންޖެހޭ. އެފައިސާގެ ބޭނުންކުރުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމެއް. އެހެންނަމަވެސް، އެމިނިވަންކަން ރައްކާތެރި ކުރެވޭނީ ވަގުނޫޓް ޖެހުމަކީ ކުށެއް ކަމުގައި ވަންޏާ. އެހެން ނޫނިއްޔާ ވާނެގޮތަކީ ކޮންމެ މީހަކުވެސް އެމީހަކު އެ ވަގުނޫޓް ޖަހައިގެން އެ ގެންގުޅޭނެ. އެހެންވީމާ، ފައިސާގެ އަގެއް ނޯންނާނެ. އެންމެފަހު ނަތީޖާއަކަށްވާނީ އަޅުގަނޑުމެންގެ ތެރެއިން ގަވާއިދުންވެސް ފައިސާގެ ބޭނުންކުރަންޖެހޭ މީހެއްގެ ކިބައިން އެ މިނިވަންކަން ނިގުޅިގެން ދިޔުން.
 
މިލްކުވެރިކަމަކީ، އެއްޗެތި މިލްކު ކުރުމަކީ އަޅުގަނޑުމެންގެ އިންސާނީ މިނިވަން ޙައްޤެއް. އެ ޙައްޤު އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ ވައްކަން ކުރުންފަދަ ކަންތައްތަކަށް އަދަބުދެވޭ ޤާނޫނުތަކެއް ހުރެގެން. އެހެން ނޫންކަމަށްވަންޏާ، ކޮންމެ މީހަކުވެސް އަނެކެއްގެ މިލްކު އަތުލައިގަނެ، ފޭރިގަނެ ނުވަތަ ވަގަށްނަގައި، މިހެން ހަދަން ފަށާފާނެ. އެހެން ހެދުމުގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންނަށް ކުރިއްސުރެ ލިބިފައިވާ ތަކެތީގެ މިލްކުވެރިކަން، ކަމުގެ ބޭނުންކުރުމުގެ ޙައްޤު އަޅުގަނޑުމެންގެ ކިބައިން ނިގުޅިގެންދާނީ. އެ މިނިވަންކަން ފިލައިގެން ދާނީ. ހަމައެފަދައިން، ކޮންމެ މީހެއްގެވެސް ރީތިނަމާއި އަބުރު ހިފެހެއްޓުން އެއީ އޭނާގެ މިނިވަންކަމެއް. އޭނާއަށް ލިބިފައިވާ ޙައްޤެއް. އެކަމަކު އެ މިނިވަންކަން ދެމެހެއްޓޭނީ މީހުންގެ އަބުރު ސަލާމަތްކޮށްދޭފަދަ ޤާނޫނުތަކެއް ހަމަޖެހިފައި ހުރެގެން. މީހުންގެ އަބުރާބެހޭ މީހުންނާއި، ގަވާއިދާ ޚިލާފަށް ޢާންމުންގެ މެދުގައި އެކިއެކި މީސްމީހުންގެ ވާހަކަތައް ޙަޤީޤަތާ ޚިލާފަށް ދައްކައި، މީސްމީހުންނަށް ހުތުރުނަން ރައްދުކުރާ މީހުންނަށް އަދަބުދޭ ޤާނޫނުތަކެއް ކަނޑައެޅިފައި އޮވެގެން ނޫނީ، މިދެންނެވި މިނިވަންކަމެއް ނުހިފެހެއްޓޭނެ.
 
އެހެންވީމާ، ސިސެރޯ އެ ބުނުއްވަނީ އަޅުގަނޑުމެންނަކީ ފުރިހަމަ މިނިވަންބަޔަކަށްވާން ބޭނުންނަމަ، އަޅުގަނޑުމެން ފުރަތަމަ ވާންޖެހޭނީ ޤާނޫނުގެ އަޅުން ކަމަށޭ. ޤާނޫނަށް ތަބަޢަވާށޭ ފުރަތަމަ ޖެހޭނީ. ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާށޭ ޖެހޭނީ. ޤާނޫނަށް ތަބަޢަނުވާ ބައެއްގެ ތެރޭގައި ޙަޤީޤަތުގައި މިނިވަންކަމެއް ނޯންނާނޭ. ޤާނޫނަށް ބޯނުލަނބާ ބައެއްގެ ތެރޭގައި މިނިވަންކަމެއް ނޯންނާނޭ. އާދެ، އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑުމެންނަކީވެސް ކުރިއަރަން ބޭނުންވާ ޤައުމަކަށްވާތީ. ތަރައްޤީވާން ބޭނުންވާ ޤައުމަކަށްވާތީ. އަޅުގަނޑުމެން އެންމެންގެ ހިތުގައި ޤާނޫނަށް ވަރަށް ޚާއްޞަ ޤަދަރެއް ދޭންޖެހޭނެ. އަޅުގަނޑުމެން ވަރަށް ބޮޑަށް ޤާނޫނަށް ބޯލަނބަންޖެހޭނެ. ޤާނޫނަށް ކިޔަމަންވާންޖެހޭނެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެގެންވޭ. އެއީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެވެސް ވަރަށް މާތް އުޞޫލެއް. އަދި މާތްވެގެންވާ އިސްލާމްދީނުގެވެސް އުޞޫލެއް. އެހެންވީމާ، އެ ޤާނޫނު އެއީ އެންމެންގެ މައްޗަށް ހިނގާ އެއްޗަކަށްވާންޖެހޭނެ. ޤާނޫނަކީ ދައުލަތުގެ މައްޗަށްވެސް ހިނގާ އެއްޗަކަށްވާންޖެހޭނެ. ދައުލަތުގެ އެކިއެކި މިނިސްޓްރީތަކާއި އިދާރާތަކުގެ މައްޗަށް ހިނގާ އެއްޗަކަށްވާންޖެހޭނެ. އެންމެހައި ޢާންމު އަފްރާދުންގެ މައްޗަށް ހިނގާ އެއްޗަކަށްވާންޖެހޭނެ. އެންމެންވެސް އެ ޤާނޫނަށް ބޯލަނބަންޖެހޭނެ. އެހެންނޫނީ އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަޖެހުމެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް އެއްވެސް ރޮނގަކުން ކުރިއަކަށް ނުދެވޭނެ.
 
އާދެ، މިއާ ގުޅިގެން އަޅުގަނޑު ދަންނަވަންޖެހެނީ، ޝަރީޢަތަކީ އެއީ ޤާނޫނުގެ ވަރަށް މުހިންމު ބަޔެކޭ. އެއީ ކޯޓްތަކުން އެ ތަންފީޒު ކުރަނީ ނުވަތަ ޢަމަލީ ސިފަ ގެންނަނީ އަޅުގަނޑުމެންގެ ޤާނޫނުތަކަށް. އެހެންވީމާ، ކޯޓްތަކުން ނިންމާ ނިންމުންތަކަށް ޙުރްމަތްތެރިކޮށްހިތުން އެއީ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމުގެ އެއްބައޭ. އެހެން ދަންނަވަންޖެހޭ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އޮންނަނީ ކޯޓްތަކުން ނިންމާގޮތް ގަބޫލުނުކުރެވިފައި. ފުރަތަމަ ކޯޓެއް ހުންނަންޖެހޭ ސަބަބަކީވެސް އަޅުގަނޑުމެންގެ ދޭދޭ މީހުންގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް، ވަކި ހަމަތަކެއްގެ މަތިން ފައިޞަލާ ކުރުން. އެހެންވީމާ، ތިންވަނަ ފަރާތެއްގެ ބާރަކަށް ބޭނުންވަނީ. އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް، އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެއްސުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިފައިވާނަމަ، އެކޯޓްތަކަކަށް ބޭނުމެއްނުވީސް. އެހެންވީމާ، އަޅުގަނޑުމެންގެ ދޭދޭ މީހުންގެ ދެމެދުގައި އުފެދޭ އެއްވެސް މައްސަލައެއް ޝަރީޢަތަށް ހުށަހެޅިގެން، ޝަރީޢަތުން ނިންމާގޮތް އެއީ އެ ދެފަރާތުން ގަބޫލުކުރާ ގޮތަކަށްވާންޖެހޭނެ. ޢާންމުގޮތެއްގައި ޝަރީޢަތުން ނިންމާގޮތް ގަބޫލުނުކުރެވޭނަމަ، އެއީ ވަރަށްބޮޑު ވެއްޓުމަކަށް މަގު ތަނަވަސްކޮށްދޭނެ ކަމެއް. އެންމެން ޤާނޫނަށް ނުކިޔަމަންތެރިވާން ފަށައިފިނަމަ، ދުވަސްކޮޅެއްގެ ތެރޭގައި، އެ ރަށެއްގައި އެއްވެސް ހަމަޖެހޭ އިންތިޒާމެއް ނޯންނާނެ. އެއީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫން.
 
އާދެ، މިހާރުވާގޮތަކީ އެއްވެސް މައްސަލައެއް ޝަރީޢަތުން ނިންމާގޮތަކާ ދޭތެރޭގައި އެ ދެޚަޞްމުން ހިތްހަމަޖެހޭތަނެއް ދުވަހަކުވެސް ނާދޭ. އެއީ ބަނބުކެޔޮގަހެއްގެ މައްސަލައަކަށްވިޔަސް، ނުވަތަ ދޯންޏެއްގެ މައްސަލައަކަށްވިޔަސް، ގޯއްޗެއްގެ މައްސަލައަކަށްވިޔަސް، ފައިސާތަކެއްގެ މައްސަލައަކަށްވިޔަސް، ތިމާ ބޭނުންގޮތަށް އަކުރުން އަކުރަށް ޝަރީޢަތުން ނިންމައިނުދިނިއްޔާ، ތިމާ އެ ބަލަނީ އެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ނިމިފައިވާ ޝަރީޢަތެއް ކަމަށް. އެހެން ބެލޭގޮތް ދިމާވުން އެއީ ވަރަށްދެރަ ކަމެއް. އަޅުގަނޑު އެއްބަސް، ބައެއް ޝަރީޢަތް ހުރެދާނެ، މުޅިން ޤާނޫނާ އެއްގޮތަށް ނުނިމި ހުންނަ. އެހެންނަމަވެސް، އެއީ ޝަރީޢަތްތަކުގެ ތެރެއިން ވަރަށްމަދު އެއްޗެއް. މިހާތަނަށް އަޅުގަނޑު ރައީސްކަމާ ހަވާލުވީފަހުންވެސް ރައީސް އޮފީހަށް އައި މައްސަލަތައް، ވަރަށްގިނަ މިބާވަތުގެ މައްސަލަތައް އެބަހުރި. އެ މައްސަލަތައް ވަރަށްގިނަ ދުވަސް ވަންދެން ވަރަށް ރަނގަޅަށް ބަލައިބެލުމުން ދޭހަވާ އެއްޗަކީ، ގިނަ ކަންތައްތައް ވަރަށްބޮޑު އަޣްލަބިއްޔަތެއް ނިމިފައި ހުންނަނީ ރަނގަޅަށްކަން. ވަރަށްމަދު ޝަރީޢަތެއްކަން، މުޅިން ހަމަޖެހޭގޮތަކަށް ނިމިފައި ނުހުންނަނީ. އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ވާގޮތަކީ ކުރިންވެސް މިދެންނެވިހެން، އަޅުގަނޑުމެންގެ ތެރެއިން އެމީހަކު އެދޭގޮތަށް، ކޮންމެ ކަމެއްވެސް އެދޭގޮތަށް، އަކުރުން އަކުރަށް ނުނިމުނު ކަމަށްވަންޏާ، އެކަމާދޭތެރޭގައި ހިތްހަމައެއްނުޖެހޭ. އެހެންވެއްޖެނަމަ، އެއީ އެވަނީ ވަރަށްދެރަ ގޮތެއް.
 
ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ޝަރީޢަތަކީ ޤާނޫނުގެ އެއްބައި. އެއީ ޤާނޫނުގެ ޢަމަލީބައި. އެހެންވީމާ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާކަމަށްވަންޏާ، ޝަރީޢަތުން ނިންމާގޮތާ ދޭތެރޭގައިވެސް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. ދެން ގަބޫލުކުރެވޭފަދަ ރަނގަޅު ސަބަބުތަކެއް ހުރެގެން، އެ ޝަރީޢަތަކާ ދޭތެރޭގައި ހިތްހަމަނުޖެހޭނަމަ މިހާރު އެކަން ބެލޭނެގޮތެއް ވަނީ ހަމަޖެހިފައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ހައިކޯޓެއް އުފެއްދުމުގެ ޤާނޫނު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައި. އެ ޤާނޫނު ވަނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުވެސް ކޮށްފައި. ގެޒެޓް ކުރެވިފައި. އިރާދަކުރެއްވިއްޔާ، މިއަންނަ ހަފުތާގެ ތެރޭގައި އެ ކޯޓް ޤާއިމްވާނެ. އެ ކޯޓަށް އުއްތަމަ ފަނޑިޔާރަކު ޢައްޔަން ކުރެވޭނެ. އަދި އިތުރު ދެ ފަނޑިޔާރުން ޢައްޔަން ކުރެވޭނެ. އެ ކޯޓުގެ އެހެން މުވައްޒަފުންވެސް ލެއްވޭނެ. އޭގެފަހުގައި އަޅުގަނޑު ދެކެނީ، ވަރަށް ހަމަޖެހޭ ގޮތެއްގެ މަތިން ޝަރީޢަތުގެ ކަންތައްތައް ރާއްޖޭގައި ހިނގަމުންދާނެ ކަމަށް. އެއީ އަޅުގަނޑު ހިތުން މި ދައުރުގައި އަދި މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު.
 
އާދެ، ކޮންމެއަކަސް އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އެންމެންވެސް ޤާނޫނަށް ޙުރްމަތްތެރިކޮށްހިތަންވާނެއޭ. ޤާނޫނަކީ އަޅުގަނޑުމެންގެ އެންމެންގެ ހިތުގައި އެންމެމަތީ ޤަދަރެއްދޭ އެއްޗަކަށްވާންވާނޭ. އެނޫންގޮތަކަށް އަޅުގަނޑުމެންނަށް ހަމަޖެހޭ ދިރިއުޅުމެއް ނުފެންނާނޭ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ތަހުޒީބުވުމެއް އަޅުގަނޑުމެންނަކަށް ނުފެންނާނޭ. އަޅުގަނޑުމެންގެ ޤައުމު ތަހުޒީބުވާނީ، އަޅުގަނޑުމެން ކުރިއަށްދާނީ، ތަރައްޤީވާނީ، އަޅުގަނޑުމެން އެންމެން ޤާނޫނަށް ތަބަޢަވެގެންނޭ.
 
އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ދެންމެ މި ދަންނަވާލި ނުކުތާގެ ބޭނުންތެރިކަން އަޅުގަނޑަށް އިޙްސާސްވެފައިވާލެއް ބޮޑުކަމުން، އެ ވާހަކަ ތިޔަ ހުރިހާ ބޭފުޅުންނަށް މިދެންނެވީ. އަދި އޭގެއިތުރަށް، ރާއްޖޭގެ ރައްޔިތުންނާ މުޚާތަބުކޮށްވެސް އަޅުގަނޑު މި ވާހަކަ މިދެންނެވީ. ދެން އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާކަށް ގަސްދެއްނުކުރަން.
 
މި ޖަލްސާ ނުވަތަ މި ބައްދަލުވުން ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް ދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްގެ އަރިހަށް ޝުކުރު ދަންނަވަން. އަދި ހަމައެފަދައިން، އެ މިނިސްޓްރީގެ އެހެން ވެރިންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ވަޑައިގެންނެވި ހުރިހާ އަތޮޅުވެރިންނަށް އަޅުގަނޑުގެ ހިތުގެ ހެޔޮއެދުންތައް ރައްދުކުރަން.
 
އަޅުގަނޑު އެދެނީ، މި ޖަލްސާ ވަރަށް ފުރިހަމަގޮތަކަށް ކާމިޔާބުވަމުން ދިޔުން. މި ޖަލްސާގެ ބޭނުން ފިސާރި ރަނގަޅަށް ފުދުން. އަދި މި ޖަލްސާގެ ސަބަބުން އެކިއެކި މައްސަލަތައް ޙައްލުކުރެއްވޭނެ މަގު ތަނަވަސްވުން. ރާއްޖެތެރެ ތަރައްޤީކުރުމާ ބެހޭގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ހިންމަތެއް، މި ޖަލްސާގެ ސަބަބުން އައުން. އަދި މި ޖަލްސާއިން ލިބޭ ތަޖުރިބާގެ ސަބަބުން ކުރިއަށް އޮތް ތާނގައި ދައުލަތުން ރާވާ ހުރިހާ ކަމަކަށްވެސް އޭގެ ފައިދާ ލިބެމުންދިޔުން.
 
والسّلام عليكم ورحمـة اللّـه.