بســم اللّـه الرّحمـن الرّحيــم
 
      
                      اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް، ޕީ.ޕީ.އެމް.ގެ ނައިބު ރައީސް އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲ، މާމިގިލީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާއަށް އަޅުގަނޑާއެކީ މާލެއިން ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، އައްސަވަމުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލަކީ، ކަމަކަށް އެދި ތިބި ރައްޔިތަކަށް، އެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކޮންމެވެސްވަރެއްގެ ޙިއްޞާއެއްގައި އަޅުގަނޑަށް ބައިވެރިވެވޭތީ. އަޅުގަނޑު މާމިގިއްޔަށް މިއައީ، މާމިގިލީގެ ރައްޔިތުން ނުހަނު އެދިވަޑައިގެން ތިއްބެވި އަދި ނުހަނު އިންތިޒާރުގައި ތިއްބެވި ޚިދުމަތެއް ތިޔަބޭފުޅުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި.
 
އާދެ، ސާފު ބޯފެނުގެ ޚިދުމަތަކީ، ކޮންމެ ރައްޔިތަކަށްވެސް އަދި ކޮންމެ އިންސާނަކަށްވެސް މުހިންމު އެއްޗެއް. އެހެންވީމާ، ހަތަރުހާހެއްހާ މީހުން އުޅޭ އާބާދީއަކަށް ސާފު ބޯފެން ލިބިގެންދާއިރު، މާމިގިލީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންގެ އުފަލުގެ ޝުޢޫރު އަޅުގަނޑަށް ކޮންމެވެސްވަރަކަށް އިޙްސާސް ކުރެވޭ. އެހެންކަމާއެކުގައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ތަންކޮޅެއް ހޫނު ގަޑިއެއްގައި މިރަށަށް އައުމުންވެސް އަޅުގަނޑުގެ އިސްތިޤްބާލުގައި، އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމަށް ރަށުގެ ވަރަށްގިނަ ރައްޔިތުން ތިއްބެވި ތިއްބެވުން. އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގެ ކުރިން، ހަމަ ހަނދާނުން ކައްސާލަފާނެތީ ކުރީބައިގައި ދަންނަވަން. ދެންމެ ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގައި، ނުހަނު އިޚްލާޞްތެރިކަމާއެކީ ހެޔޮބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާ ކުރައްވައިފި. ވަރަށް އިޚްލާޞްތެރިކަމާއެކީ އޮނަރަބްލް ޤާސިމް އިބްރާހީމަށް އަޅުގަނޑު ހަމަ ޝުކުރު ދަންނަވަން. އެޔާއެކީ އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން. ޤާސިމް އިބްރާހީމަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖެއަށް، ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނަށް ވަރަށް ޚިދުމަތްތެރި ބޭފުޅެއް. އެމަނިކުފާނުގެ ޚިދުމަތްތައް މިއޮތީ ހަމައެކަނި މިއަތޮޅަކަށެއް ނޫން، ހަމައެކަނި މި ރަށަކަށެއް ނޫން، އަދި ހަމައެކަނި އިޤްތިޞާދީ ދާއިރާގައި ކުރައްވާ ބޮޑެތި ބިޔަ މަޝްރޫޢުތަކަކަށްވެސް ނޫން. މިރަށަށް އައިސް، މިރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް، އަލަށް އެންމެ ފުރަތަމަ ޒިޔާރަތްކުރާ ކޮންމެ މީހަކަށް ފެނިގެންދާނެ، މިރަށަށް އެކަނި މި ހޭދަވެފައި މިހިރަ އިންވެސްޓްމަންޓްތައް. އޭގެއިތުރުން ޤާސިމް އިބްރާހީމަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ މިޒަމާނުގެ ޑިމޮކްރަސީ ގެންނަން ވަރަށް ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އަޅުގަނޑުމެން 2008 ވަނަ އަހަރު އެކަށައަޅައި ބަލައިގެން ޤާނޫނުއަސާސީގެ ހުރިހާ މަސައްކަތެއް ނިމިގެންދިޔައީ، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ހުންނަވައިގެން. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތަފާތު އެކި ގިންތިތަކުގެ، އެކިކަހަލަ މަސައްކަތްތަކުގައި ޤާސިމްގެ ޙިއްޞާ އެކި މިންވަރަށް، އެކި ކަންކަމުގައި ހިމެނޭ. ވަރަށް އިޚްލާޞްތެރިކަމާއެކީ ޤާސިމް އިބްރާހީމަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ހަމަ އަނެއްކާވެސް ޤާސިމަށް ހިތްވަރު އަރުވަން ބޭނުންވަނީ، މަނިކުފާނު ތިޔަ ކުރައްވާ ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމަކީ، އަޅުގަނޑުވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ މަނިކުފާނު އަރިހުން ދަންނަވާލާ ދަންނަވާލުމެކޭ.
 
އާދެ، މިރަށުގެ ފެނުގެ ނިޒާމް އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ހަމަޖެހިގެންދާއިރު، މި މަސައްކަތް އިސްވެ ކޮށްދެއްވީ އެނަރޖީ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް، އަދި އެމަނިކުފާނުގެ ޓީމުގެ ފަރާތުން. ވަރަށް އަވަދިނެތި، ވަރަށް މުރާލިކަމާއި ހީވާގިކަމާއެކީ ޠާރިޤު އިބްރާހީމް މަސައްކަތްޕުޅު ކުރައްވަމުން އެ ގެންދަވަނީ، ނުހަނު އިޚްލާޞްތެރިކަމާއެކީ. މިނިސްޓަރ ޠާރިޤަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެޔާއެކީ މި މަޝްރޫޢަކީ އެމް.ޑަބްލިޔޫ.އެސް.ސީ އިން މަސައްކަތް ކުރައްވައިގެން ނިންމަވައިދެއްވާފައި އޮތް މަޝްރޫޢެއް. މިކަހަލަ ވަރަށްގިނަ މަސައްކަތްތަކުގައި، ފެނުގެ، ނަރުދަމާގެ ވަރަށްގިނަ މަސައްކަތްތައް މިދަނީ ރާއްޖޭގެ އެކި ހިސާބުގައި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން ކުރައްވަމުން. އެކަމަށްޓަކައި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނެޖިންގ ޑިރެކްޓަރ ފަޒްލްއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތްތަކަކީ، ރާއްޖޭގެ އެކި ހިސާބަށް ބޭނުންވެފައި ހުރި ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ޢާންމުވެގެންވާ މަންފާ ލިބޭނެގޮތަކަށް ފުޅާކުރަމުން، ހާމަކުރަމުން ގެންދިޔުން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގައި، މީހުން އުޅޭ އާބާދީ 183 ރަށަށް ބެހިގެންދާއިރު، ހަމަ ކޮންމެ ރަށަކީވެސް އެ ރަށެއްގެ ނިސްބަތުން ހުރިހާ ކަމެއްވެސް، ބޮޑު ރަށެކޭ އެއްވަރަށް ބޭނުންވާ ރަށެއް. އެހެންނަމަވެސް، މިކަންކަން ކުރުމުގައި އިސްކަންދޭ ތަރުތީބުތަކެއް ހަމަޖައްސައިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ބަޖެޓުން ފައިސާ ހޯދައިގެން މިކަންކަމެއް ނުކުރެވޭނެ. އެހެންނަމަވެސް، މީގެކުރީގެ ސަރުކާރުތަކުން މިހިރީ ހަމަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި. އޭރުގެ ސަރުކާރުތަކުގެ ތަނަވަސްކަން ހުރި މިންވަރުން ގިނަ ކަންތައްތަކެއް މިހިރީ ކޮށްދެއްވާފައި. އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަސާސީ ވަރަށްގިނަ ކަންތައްތަކުގައި، މިސާލަކަށް، ފެނާއި ނަރުދަމާ ކަހަލަ ކަންތައްތައް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވެށްޓަށް އަންނަމުންދާ ބަދަލާއި، އަދި އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަ ކުރިއެރުމަށް ބަލާއިރު، ކުރީގައި ތިބިގޮތަށް، އިހު ތިބިގޮތަށް ތިބުމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށްނުވޭ. އެހެންވީމާ، ހިޖުރަކުރަން މިޖެހެނީ އާ ނިޒާމްތަކަކަށް. އެހެންވީމާ، ފެންވެސް އަޅުގަނޑުމެންނަކަށް މިއަދު ގަބޫލެއްނުކުރެވޭ، ވާރޭފެން ތާނގީގައި ނަގައިގެން ވާރޭފެން ބޭނުންކުރާކަށް. އެއަށްވުރެ ދާއިމީ ޙައްލެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެއްގޮތަކަށްވެސް ހޫނު މޫސުމެއްގައި ފެން ހުސްވެގެންދާ ރަށްރަށް މިހާރުވެސް މަދެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނުގެ ނިޒާމްވެސް، މިދެންނެވި ގޮތަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދޭން މިޖެހެނީ.
 
ހަމައެހެންމެ ނަރުދަމާގެ ނިޒާމް. އަޅުގަނޑުމެންނަށް ގިފިއްޔާއި ހަނޑަސްބުރި އަލްވަދާޢުކީތާ އެތައް ދުވަހެއްވެއްޖެ. އެހެންވީމާ، ރަށްރަށުގައި އަޅުގަނޑުމެންގެ މި ނިޒާމް ހަމަޖެހިގެންދާއިރު، އަޅުގަނޑުމެންނަށް އެބަޖެހޭ މިދެންނެވި ގޮތަށް، ރައްކާތެރި، ޞިއްޙީގޮތުން ރައްކާތެރި ނަރުދަމާ ނިޒާމް ހަމަޖެހިގެން ދާން އެބަޖެހޭ. މާމިގިލީގެ އާބާދީއަށް ބަލާކަމަށްވަންޏާ، މާމިގިއްޔަކީ ހަތަރުހާސް މީހުންގެ އާބާދީއެއް. އަޅުގަނޑުމެންގެ ސަރުކާރުން މި މަސައްކަތް ކުރަނީ، ބޮޑެތި އާބާދީތައް، ތިންހާހަށްވުރެ މަތީގެ އާބާދީތައް، އަޅުގަނޑުމެންގެ ސަރުކާރުގެ، އިރާދަކުރެއްވިއްޔާ ފުރަތަމަ ފަސްއަހަރު ނިމިގެންދާއިރު، އެ އާބާދީއަކަށް ބޭނުންވާ ހުރިހާ މުނިސިޕަލް ޚިދުމަތެއް ލިބިގެން ދިޔުން. މާމިގިއްޔަކީ ބިންވެސް އޮތް ރަށެއް. އެހެންވީމާ، މާމިގިލީގައި ފެނުގެ ނިޒާމް މިއަދު ފެށިގެންދާއިރު، ހަމަ އުފާވެރި ޚަބަރެއް ދަންނަވާލަން އޮތީ. ނަރުދަމާގެ ނިޒާމްވެސް މިއޮތީ ބަޔަކާ ހަވާލުކުރެވިފައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހެއްގެ ތެރޭގައި ޢަމަލީ މަސައްކަތް ކުރާނެ. މިހާރު ޑިޒައިން މަސައްކަތް ކުރަމުން އެ ގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މާމިގިލީގައި ނަރުދަމާގެ ނިޒާމް ފެށިގެންދާނެ. މިދެންނެވި ގޮތަށް އާބާދީ ބޮޑެތި ރަށްރަށް އަދި އިޤްތިޞާދީ ގޮތުން ކުރިއަށް ދެވެން ޖާގައޮތް ރަށްރަށާއި އަދި މީހުންގެ ހިތްވަރާއި ކެރުންތެރިކަން ހުންނަ ރަށްރަށަށް އިސްކަންދީގެން އެބަޖެހޭ އަޅުގަނޑު މިދެންނެވި ކަހަލަ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއްދޭން. ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން އުންމީދު މި ކުރަނީ، އަޅުގަނޑުމެންގެ މިހާރު މި ހިނގާ ފަސް އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ފަންސާސް ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ހަމަޖެހިގެންދިޔުން. ﷲގެ ވާގިފުޅާއެކީ މިކަން ވެއްޖެ ކަމަށްވަންޏާ، މިއީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ވަރުގަދަ، ވަރަށް މަތިވެރި ނިޢުމަތެއް. ސާފު ބޯފެނާއި، ނަރުދަމާގެ ފަސޭހަކަން، ފަންސާސް ރަށުގައި ނިމިގެންދާއިރު، އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ވެއްޖިއްޔާ، މުޅި ދިވެހިރާއްޖޭގެ އާބާދީގެ އަށްޑިހަ ޕަސެންޓަށްވުރެ ގިނަ ބަޔަކަށް ނަރުދަމާއާއި ފެނުގެ ޚިދުމަތް ލިބިގެން މިދިޔައީ. އެއީ ހަމަ އެންމެ މިޒަމާނުގެ ފެންވަރުގައި. އެހެންވީމާ، މިކަހަލަ މަސައްކަތްތަކެއް ކުރާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އަމާޒަކީ ހަމައެކަނި އިޖުތިމާޢީ ގޮތުން ނޫނިއްޔާ މުނިސިޕަލް ގޮތުން، މުނިސިޕަލް ޚިދުމަތެއްގެ ގޮތުން ރާއްޖޭގެ އެކި ހިސާބަށް ލިބެން ހުންނަ ޚިދުމަތްތައް ލިބުމެއް ނޫނޭ. ރައްޔިތުންގެ ހިތްވަރު ހުރެއްޖިއްޔާ، ރައްޔިތުންގެ އުންމީދުތަކެއް ހުރެއްޖިއްޔާ، ރައްޔިތުން ގޮވައިގެން ކަންކަން ކުރިއަށްދާން ރައްޔިތުން ޢައްޔަނުކޮށްފައި ތިބި މީހުންގެ ހިތްވަރު، އެއަށްވުރެ މާ ގަދަވާންޖެހޭނެ. އަދި އެމީހުންގެ ބޭނުންތައް، ރައްޔިތުންނަށް ފުއްދައިދޭން ބޭނުންވާ ކަންތައްތައްވެސް އުޅެންވާނީ މާ ކުރީގައި.
 
އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި، މިދެންނެވި ފެނާއި ނަރުދަމާ އަދި މިނޫންވެސް މުނިސިޕަލް ޚިދުމަތްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެންގެ ވިސްނުންގޮސް، ނޫނީ އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ފެށި ނިމޭ ހިސާބަކީ އެއްގޮތަކަށްވެސް ފެނާއި ނަރުދަމާއާއި، ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ޚިދުމަތްތައް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގެ ސައްތައަކުން ފަސްދޮޅަސް މިއީ ޒުވާން އާބާދީ. ޒުވާން އާބާދީއެއް ކަމަށްވަންޏާ، އާމްދަނީ ލިބޭނެ ގޮތްތައް ހުންނަންވާނެ. ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވިގެންދާންވާނެ. މާމިގިލި ކަމުގައިވީނަމަވެސް، މާލޭ ކައިރި ސަރަޙައްދުގައިވީ ނަމަވެސް، އަދި އެއަށްވުރެ ދުރު ހިސާބު، ތުރާކުނާ ހަމައަށް ވިސްނާލި ކަމުގައިވިޔަސް، މިކަންކަން ހަމަޖެހިގެންދާންވާނެ. އެކަމަކު މީގައިވެސް މިއުޅެނީ ޑިވެލޮޕްމަންޓްގެ ޕޭސްއަށް ބަލާކަމަށްވަންޏާ، މިއުޅެނީ ކުދި ރަށްރަށާއި، ދުރުގައި ހުރި ރަށްރަށާއި، ބޮޑެތި ރަށްރަށާ އުޅޭ ތަފާތު މިއުޅެނީ. އެހެންނަމަވެސް، ނިމިގެންދާއިރު، މިހުރިހާ ކަންކަމެއް ވާންޖެހޭނެ ކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރޭ.
 
އަޅުގަނޑުމެންގެ ސަރުކާރު މިއައީ ރައްޔިތުންނަށް ވަޢުދުތަކެއް، ނޫނިއްޔާ ޕްލެޖްތަކެއް، ނޫނިއްޔާ އަޅުގަނޑުމެން އުންމީދުކުރާ ކަންތައްތަކެއްގެ ވާހަކަ ދަންނަވަމުން. އެކަންކަން ޙާޞިލު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ރައްޔިތުންގެ އަރިހުގައި ދަންނަވާފައި މިއައީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެންމެ ފަސޭހަގޮތަކަށް ދަންނަވާ ކަމަށްވަންޏާ، މިހާރު ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ގާތްގަނޑަކަށް ފަސްހާސް ޑޮލަރު، ނޫނީ ހަހާސް ޑޮލަރާ ދޭތެރޭގައި އުޅޭ މިންވަރު، އަޅުގަނޑުމެންގެ ފަސްއަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ ބާރަހާހަށް ޖެއްސޭތޯ ބެލުން. އެއީ، މެދުފަންތީގައި ތަރައްޤީވެފައި އޮތް ޤައުމުގެ ތެރެއިން މަތީ ފަންތީގައި އުޅޭ ޤައުމަކަށް ވެގެންދާނެ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭތޯ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މިކުރަނީ. އެ ސަބަބަށްޓަކައި، އެކަން ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ރާއްޖޭގެ އިޤްތިޞާދު، ނޫނިއްޔާ އިޤްތިޞާދުގެ ދުވެލި މިހާހިސާބަށް އަންނަމުން އައި ގޮތަކަށް ބާއްވައިގެނެއް، އަޅުގަނޑުމެންނަކަށް މިދެންނެވި އާމްދަނީ ހޯދޭނެ ގޮތެއް ނޯންނާނެއޭ. އެހެންވެގެން އިޤްތިޞާދީ ވެށްޓަށް، ނޫނީ ދުވެއްޔަށް ޓްރާންސްފޮމޭޝަނަލް ބަދަލެއް ގެންނަ ވާހަކަ މި ދަންނަވަނީ. އިންޤިލާބީ ބަދަލެއް ގެންނަ ވާހަކަ މި ދެއްކެނީ އެހެންވެގެން. އެހެންވެގެން ޓްރާންސްފޯމް ވަނީ. އެ ސަބަބަށްޓަކައި ދެންމެ ޤާސިމް އިޝާރާތް ކުރެއްވި ގޮތަށް އެއަރޕޯޓްވެސް ބޮޑުވެގެން މި ދާންޖެހެނީ.
 
އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައެއްގެ ގޮތުގައި، މައި ޙަރަކާތެއްގެ ގޮތުގައި މިއޮތީ ޓޫރިޒަމްގެ ޞިނާޢަތް. ޓޫރިޒަމްގެ ޞިނާޢަތަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ، ރަށްރަށާއި ފަޅުތައް ހުރީމަ، ރަށްރަށާއި ފަޅުތައް މީހުންނަށް ދޫކުރުން. އަދި އެކަންކަމަށް ބޭނުންވާ އިންވެސްޓްމަންޓްވެސް އިރާދަކުރެއްވިއްޔާ ހޯދޭނެ. އެހެންނަމަވެސް، އެކަންކަން ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެންނަށް ބަލައިގަނެވޭވަރަކަށް، ބަލައިގަނެވޭ ފެންވަރެއްގައި އަޅުގަނޑުމެންގެ އެއަރޕޯޓްގެ މަސައްކަތްތައް ކުރެވިގެން. މިހާރު އޮތް އެއަރޕޯޓަކަށް، ކުރިއަށް އޮތް ދެތިން ހަތަރު އަހަރެއްގެ ތެރޭގައި، ފަނަރަވަރަކަށް ރިޒޯޓް އިތުރުވިނަމަވެސް، އަޅުގަނޑުމެންނަކަށް އެ އެއަރޕޯޓަކަށް ކޯޕެއް ނުކުރެވޭނެ. މެނޭޖެއް ނުކުރެވޭނެ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ދުވެލި ހަރުދަނާކުރަން މިކުރާ މަސައްކަތުގައި، ޓޫރިޒަމްގެ އެތައް ބައިވަރު ރަށްރަށެއް، އެތައް ބައިވަރު ފަޅުތަކެއް އަދި މިދެކެވޭ ހުރިހާ ވާހަކަޔާއެކުނަމަވެސް، އެހެރީ ދޫކުރެވިފައި. ހަތްދިހަވަރަކަށް ޕްރޮޕަޓީ އެއޮތީ ދޫކުރެވިފައި. އެ ހަތްދިހަވަރަކަށް ޕްރޮޕަޓީއަކީ ސަރުކާރުން ކޮންމެވެސްވަރެއްގެ އިކްއިޒިޝަން ކޮސްޓެއް އެއަށް ނަގާފައި، އަދި ސަރުކާރުން ބޭނުންވިނަމަވެސް، އެ ދޫކޮށްފައި ހުރި ފަރާތްތަކުން އަތުލެވޭ ހިސާބެއްގައި ހުރި ރަށްރަށެއް ނޫން، ހުރި ފަޅުތަކެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، މި ދޫކުރެވިފައި އޮތް ހަތްދިހަ ޕްރޮޕަޓީ، ފަޅާއި ރަށާ ހިމެނޭގޮތަށް، މިތަންތަން ނިމިގެންދިޔުން. މިކަންކަން ނިމިގެންދާކަމަށްވަންޏާ، އެއް ހިސާބެއްގައި އަޅުގަނޑުމެންނަށް ފެންނަގޮތުން، ހަމަ މިއިތުރުވާ ތަންތަނުން އެކަނިވެސް އިތުރު ސަތާރަހާސް ވަޒީފާގެ ފުރްޞަތު، ޒުވާނުންނަށް އެބަ ހުޅުވައިލެވޭ. ރާއްޖެއަށް ކުރާ އިންވެސްޓްމަންޓަށް ބަލައިފިއްޔާ، މި ހަތްދިހަ ޕްރޮޕަޓީގެ އިންވެސްޓްމަންޓަށް ބަލައިފި ކަމަށްވަންޏާ، ގާތްގަނޑަކަށް ތިންހާސް މިލިއަން އެމެރިކާ ޑޮލަރު، ނޫނިއްޔާ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ވާހަކަ މި ދައްކަނީ. މި މަސައްކަތަށް އަޅުގަނޑުމެން ކުރިމަތިލާއިރު، މިހާރު އެއޮތީ އެކަން ކުރެވިފައި. އެހެރީ ރަށްތައް ދޫކޮށްފައި، އެހެރީ ފަޅުތައް ދޫކޮށްފައި. ދެން އިރާދަކުރެއްވިއްޔާ އޭގެތެރޭގައި، ގިނަ ރަށްތަކާއި، ގިނަ ފަޅުތައް ރިޒޯޓްތަކަކަށް ބަދަލުވެގެންދާނެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ނޫނީ ލަސްވެގެން ތިން އަހަރުގެ ތެރޭގައި އޭގެ ބޮޑުބައި ނިމި ހުޅުވިގެންދާނެ. އެ ހިސާބަށް ދާންވާއިރަށް، އަޅުގަނޑުމެން މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ އެއަރޕޯޓަކީ މުޅިން އާ ބޮޑު އެއަރޕޯޓަކަށްވާން އެބަޖެހޭ.
 
އެހެންވީމާ، އެ މަސައްކަތަށް އަޅުގަނޑުމެން ކުރިމަތިމިލީ، އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ފެންވަރުގައިވެސް، އަޅުގަނޑުމެންގެ އިޤްތިޞާދުގައި އެވަރުގެ ހަކަތައެއް ނެތްކަންނޭނގެ، އެވަރުގެ ބޮޑު ލޯނެއް ނަގައިގެން، އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާކަށް. އެހެންނަމަވެސް، މިއީ ލާޒިމް ކަމަކަށް އެބަވޭ. އެހެންވީމާ، އަޅުގަނޑުމެން ހިތްވަރުކޮށްގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރުބައިގެ ތެރޭގައި، 2018 ވަނަ އަހަރުގެ މެދާ ހިސާބަށް ދާންވާއިރަށް، ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި ހައެއްކަ މިލިއަން މީހުން ދަތުރުކުރާ އެއަރޕޯޓަކަށް އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އެއަރޕޯޓް، ހަމަ މުޅިން އާ އެއަރޕޯޓަކަށް ބަދަލުވެގެންދިޔުން. އެއީ އަޅުގަނޑުމެންގެ އުންމީދު. އެއީ އަޅުގަނޑުމެން މަސައްކަތްކުރާގޮތް.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން. ހަމަ ބްރިޖްގެ ވާހަކަވެސް، ތަފްޞީލު ދައްކާކަށް ނޫން. އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ، އިޖުތިމާޢީ އެތައް ކަމަކާއި، ރައްޔިތުންނަށް ބޭނުންވެފައި ހުރި ޒަރޫރީ އެތައް ކަމެއް ކުރަމުންދާއިރު، އެއަށްވުރެ އެޔާއެކީ ފައިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި މި ހިމެނެނީ ދައުލަތް ހިންގުމުގެ ނިޒާމާއި، މީހުންގެ ވިސްނުމަށް އަންނަ ބަދަލުތަކާއި އަދި ގަވަރނަންސް، ނޫނީ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް. 2008 ވަނަ އަހަރު އަޅުގަނޑުމެން ބަލައިގަތް ޤާނޫނުއަސާސީއަކީ ބާރުތައް ވަކިކުރެވި، އަދި ދައުލަތުން ކުރާ ކަންކަމުގައި ފާރަވެރިވާނެ މުއައްސަސާތަކެއް އުފައްދާފައި އޮތް ޤާނޫނުއަސާސީއެއް. ޤާނޫނުއަސާސީގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކަކީ، މިޒަމާނުގެ އެންމެ ކުރިއަރާފައި ހުރި ޤައުމުތަކުގައިވެސް އެ އަސާސީ ޙައްޤުތައް ލިޔެފައި އޮތް މިންވަރަށް، އެ ފެންވަރަށް ލިޔެފައި އޮތް ޤާނޫނުއަސާސީއެއް. ދެން އެޔާއެކީ މިހިރީ ބާރުތައް ވަކިވެފައި ހުރި ގޮތާއި، އެއްބާރު އަނެއް ބާރަށް ފާރަވެރިވާނެގޮތާއި، އެއްބާރުން ކުރާ ކަމަކަށް، އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ މިންވަރު، ޤާނޫނުގައި ކަނޑައަޅައިދީފައި.
 
އަޅުގަނޑުމެން ސަރުކާރުން ކުރަން މިޖެހޭ މަސައްކަތަކީ އަދި ކުރެވޭތޯ މި ބަލާ މަސައްކަތަކީވެސް ޙަޤީޤަތުގައި މިދެންނެވި ގޮތަށް، ޤާނޫނުއަސާސީން އެކަށައަޅާފައި އޮތްގޮތަށް، ބާރުތައް ވަކިން އޮވެގެން، ޤާނޫނުއަސާސީން އުފައްދާފައި ހުރި މުއައްސަސާތަކަށް ހިންގުމުގެ ފުރްޞަތު ދެވޭތޯ ބެލުން. ގަބޫލުކުރައްވާ، އަޅުގަނޑެއް ރައީސް ކަމުގައި ހުރެގެނެއް، ޢަދުލު އިންޞާފުގެ ދާއިރާއާއި، ކޯޓުތަކުގައި ހިނގާ މައްސަލަތަކަކާ އަޅުގަނޑެއް ނުބެހޭނަން. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަދި މިހާތަނަކަށްވެސް ބެހިފައެއް ނޯންނާނެ. އެހެންވީމާ، ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް، މައްސަލަ ހިނގަނީ ކިހިނެއްތޯ، ނޫނީ މައްސަލަ ނިމޭނީ ކިހިނެއްތޯ، މިއީކީ އަޅުގަނޑު ބަލާނެ ކަމެއް ނޫން. އެހެންނަމަވެސް، ސުޕްރީމް ކޯޓުގައިވެސް، ހައިކޯޓުގައިވެސް، އެހެން ކޯޓުތަކުގައިވެސް އަޅުގަނޑު ދެންނެވިން، 115 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ލިބޭ، ނޫނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އަޅުގަނޑު ދެންނެވިން، ރައްޔިތުން ޢަދުލު އިންޞާފުގެ ދާއިރާއަށް މިހާރު އޮންނަ އިތުބާރު، އިތުރުވެގެން، ވަރުގަދަވެގެންދާނެއޭ މައްސަލަތައް އަވަހަށް ނިމެންޏާ. އެހެންވީމާ، މައްސަލަތައް އަވަސްކުރުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް. އެއީކީ އެއްގޮތަކަށްވެސް މައްސަލަތައް ނިންމުމުގެ، ނޫނީ މައްސަލައިގެ އައުޓްކަމަކަށް އެއްޗެއް ބުނުމެއް ނޫން. މައްސަލަ ނިމިގެންދާނެގޮތާ ދޭތެރޭގައި އެއްޗެއް ބުނުމެއް ނޫން. އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެހެންނަމަވެސް، މައްސަލަތައް އަވަސްވުމަކީ އަޅުގަނޑު އެދޭ ކަމެއް. މިހާ ބޮޑެތި އިންވެސްޓްމަންޓްތައް ހިފައިގެން އަޅުގަނޑުމެން ތެދުވާ ކަމަށްވަންޏާ، ރާއްޖޭގައި އިންވެސްޓް މި ކުރަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނެއް ނޫން. ރާއްޖޭގައި، ޝައްކެއްވެސްނެތްގޮތުގައި، ޤާސިމް އިބްރާހީމް ކަހަލަ އިންވެސްޓް ކުރައްވާ ބޮޑެތި ބިޔަ ވިޔަފާރިވެރިން އެބަ ތިއްބެވި. އެބޭފުޅުންގެވެސް މުދަލުގެ ރައްކާތެރިކަން އެބަ އޮންނަންޖެހޭ. އެކަމަކު އެޔާއެކީވެސް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ރާއްޖެއަކީ ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތަކަށްވާން އެބަޖެހޭ. މިސާލެއް ހަމަ ދަންނަވާލާނަން.
 
ހަމަ މި މިސާލުން އެކަނިވެސް ފުދޭނެކަންނޭނގެ އަޅުގަނޑު މިދަންނަވާ ވާހަކަ. އަޅުގަނޑު މިއަދު މިއައީ، އަޅުގަނޑު މިއަދު އޮފީސް ނިންމާފައި މިއައީ ހަމަ އުފާވެރިކަމުގެ ޚަބަރެއް އަނެއްކާވެސް މިދަންނަވަނީ. ހުޅުމާލެއަކީ އަޅުގަނޑު ދަންނަވައިފިން، ޒުވާނުންގެ މަދީނާއަކަށް ހަދަން ބޭނުންވާ ތަނެކޭ. ޒުވާނުންގެ ސިޓީއަކަށް ހަދަން ބޭނުންވާ ތަނަކީ، ހުޅުމާލޭގެ މިހާރު ހިއްކާފައި އޮތް ދެވަނަ ފިޔަވަހީގެ އެއްބައި. ހުޅުމާލޭގައި އަޅުގަނޑުމެން އުންމީދު މިކުރަނީ، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ ތޭރަހާހަށްވުރެ ގިނަ ފްލެޓް ހެދިގެންދާނެ ކަމަށް. އެޕާޓްމަންޓް ހެދިގެންދާނެ ކަމަށް. އަޅުގަނޑުމެން މިދޭތެރެއިން ކުރި މަސައްކަތުގައި، ރާއްޖެއިން ބޭރުގެ އެކިފަރާތްތަކަށް އިންވައިޓްކޮށް، އަދި ރާއްޖޭގެ ފަރާތްތަކަށްވެސް އިންވައިޓްކޮށްގެން، ސޯޝަލް ހައުސިންގ އާއި، އަދި ރިއަލް އެސްޓޭޓް ނޫނީ މިކްސްޑް ހައުސިންގ ޕްރޮޕޯޒަލްތަކެއް މިހާރު އެހެރީ ގެނެސްފައި. ރައީސް އޮފީހުގައި އެ ޕްރޮޕޯޒަލްތައް އެބަހުރި. މިދެންނެވި ޕްރޮޕޯޒަލްތަކަށް އެކަނި ބެލި ކަމުގައިވީނަމަވެސް، އެތަނުގައި މިއަދު ލިބިފައި ހުރި ޕްރޮޕޯޒަލްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ދައުލަތުން ކަނޑައަޅާފައި ހުރި ޝަރުޠުތައް ފުރިހަމަވާ، އެއީ އެތަންތަނަށް ވަންނަ މީހުންނަށް އެކަށީގެންވާ އަގެއްގައި ރެންޓް ދެއްކޭނެ، އަދި ދައުލަތުން އެތަނަށް ދައްކަންވާ ފައިސާ އަނބުރާ ދެއްކުމުގެ ޤާބިލުކަން، ދައުލަތުގެ ބަޖެޓުން ދެއްކޭ މިންވަރަކަށް ޢަދަދުތައް ހަމަޖައްސާފައި ހުރި ފްލެޓްތަކެއްގެ ޕްރޮޕޯޒަލްތަކެއް. މުޅިން ބޭރުން އައިސްފައި ހުރި ޕްރޮޕޯޒަލްތަކެއް. އެހެންވީމާ، ބޭރުގެ އިންވެސްޓްމަންޓް ޙިމާޔަތްކޮށްދޭންޖެހޭ ސަބަބު މި ދެންނެވީ. އެ ޕްރޮޕޯޒަލްތަކުގެ ޢަދަދަށް ބަލާކަމަށްވަންޏާ، މިއަދު އެކަނި އަޅުގަނޑުމެން މިދޭތެރެއިން މިކުރި މަސައްކަތަށް ލިބުނު ޕްރޮޕޯޒަލްގެ ޢަދަދު، ދިހަހާސް ފްލެޓަށްވުރެ ގިނަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ އިމާރާތް ކުރުމުގެ މަސައްކަތް، މި ޕްރޮޕޯޒަލް ހުށަހަޅާފައި ހުރި ފަރާތްތަކަށް އަޅުގަނޑުމެން ހަވާލުކުރާނަން.
 
ދިހަހާސް ފްލެޓް، އެތަކެއް ފަރާތުން އައިސް އަޅާއިރު، އެތަކެއް ފަރާތުން އައިސް އަޅާއިރު، އަޅުގަނޑުމެން މި ދައްކަނީ އެންމެ މަދުވެގެންވެސް، އެންމެ މަދުވެގެންވެސް ތިރީހަކަށްހާސް މީހުންގެ ދިރިއުޅުމުގެ ވާހަކަ. އެހެންވީމާ، މިކަންކަން ކުރަން ބޭރުގެ ފަރާތްތައް އަންނަ ކަމަށްވަންޏާ، ރާއްޖޭގައި އިންވެސްޓް ކުރުމުގައި އޮންނަ ނިޒާމާ ދޭތެރޭގައި، ބޭރުގެ ފަރާތްތަކުގެ އިތުބާރު، ކަށަވަރުކަން އެބަ އޮންނަންޖެހޭ. އަދި ރާއްޖޭގައި މައްސަލަތައް ނިމިގެންދާއިރު، ޝަރުޢީ މަރްޙަލާގެ ތެރެއިން މައްސަލަތައް ނިމިގެންދާއިރު، ނިމިގެންދާނީ ރަނގަޅަށްކަން އަދި ނިމިގެންދާނީ އަވަސްކަމާއެކީކަން، އެ އިތުބާރު ބޭރުގެ ފަރާތްތަކަށް އެބަ އޮންނަންޖެހޭ. އެކަންކަން ކުރަންޏާ ދޮއެއްތޯ، ހުޅުމާލޭގައި އަޅުގަނޑުމެންނަށް ކްރޫޒް ޓަރމިނަލްއެއްވެސް އެޅޭނީ. އެކަން ކުރެވެންޏާ ދޮއެއްތޯ، އަޅުގަނޑުމެންނަށް އެއަރޕޯޓަށް ބޭނުންވާ އިތުރު ފައިސާވެސް ހޯދޭނީ. އެކަންކަން ކުރެވެންޏާ، ރާއްޖޭގެ އެކި ހިސާބުތަކުގައި މެރީނާތައްވެސް އަޅުގަނޑަށް އެޅޭނީ. އަދި ހުޅުމާލެ ޔޫތުސިޓީއަކަށް ވެގެންދާއިރު، ހުޅުމާލޭގައި ކުރާ ހުރިހާ ކަންތައްތަކަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރާ ކަންކަމެއްނޫން. އެތަނުގެ ބޮޑެތި އެކިއެކި މަޝްރޫޢުތައް، ނޫނީ ބޮޑެތި އެކިއެކި ތަންތަން އެއީ ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށްގެން ކުރާ ކަންތައް. އެހެންވީމާ، މި ސަބަބަށްޓަކައި ޢަދުލު އިންޞާފުގެ ދާއިރާގެ ކަންތައްތައް ހަރުދަނާވުމާއި، ޚާއްޞަ ގޮތެއްގައި މައްސަލަތައް އަވަސްކަމާއެކީ ނިމުމަކީ މުހިންމު ކަމަކަށްވެގެން މިދަނީ.
 
 މިހާރު އަޅުގަނޑަށް އޮތީ އުއްތަމަ ފަނޑިޔާރު ކަށަވަރުކަން ދެއްވާފައި. އަދި ޢާންމުކޮށް އެކަން އެވަނީ އިޢުލާނުވެސް ކުރެވިފައި. އެކިއެކި މާލީ މަރްކަޒުތަކާއި ދޭދޭ ފަރާތްތައް، އޭގެތެރޭގައި ކުންފުނިތައް ހިމެނޭގޮތަށް ކުރެވޭ މުޢާމަލާތްތަކުގެ މައްސަލަތައް، ޢަދުލު އިންޞާފުގެ މުޅި މަރްޙަލާ ނިމިގެންދާއިރު، އެއީ ފުރަތަމަ މަރްޙަލާއާއި، ދެން އިސްތިއުނާފުގެ ދެ މަރްޙަލާ ނިމިގެންދާއިރު، ގިނަވެގެން، ގިނަވެގެން ހަމަސްދުވަހުގެ ތެރޭގައި މި މައްސަލަތައް ނިންމަވައިދެއްވާނެ ކަމަށް. ދުނިޔޭގެ އެއްވެސް ތަނެއްގައި، އެ މުއްދަތުގެ ތެރޭގައި މައްސަލައެއް ނުނިމޭނެ. މިއީ އުފާވެރިކަމެއް. އެހެންވީމާ، އުއްތަމަ ފަނޑިޔާރު ކަށަވަރުކޮށްދެއްވާފައި އެއޮތް ގޮތަށް، މިދެންނެވި ކަހަލަ މާލީ އިދާރާތަކުގެ މައްސަލަތައް، އިދާރާތަކުން، އެކިފަރާތްތަކުން ނަގާފައި ހުރި ލޯނުތަކުގެ މައްސަލަތައް، ހަމަސްދުވަހުގެ ތެރޭގައި ފަހު އިސްތިއުނާފްގެ މަރްޙަލާ ނިމިގެން ތަންފީޛީ މަރްޙަލާ ފެށެންވާ ހިސާބަށް ނިންމޭ ކަމަށްވަންޏާ، އެއީ އަޅުގަނޑު މިދެންނެވި ކަހަލަ ކުރިއެރުން، ޢަދުލު އިންޞާފުގެ ދާއިރާއަށް އައުން.
 
ހަމަ މިވާހަކަ ދައްކާއިރު އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ކްރިޓިކުން ބުނާނެ، ޢަދުލު އިންޞާފުގެ ދާއިރާގައި އޮތް ހަމައެކަނި މައްސަލައަކީ މިއީ. ޝައްކެއްވެސްނެތް، ދިވެހިރާއްޖޭގައި އޮތް ހަމައެކަނި މައްސަލައަކީވެސް މިއެއްވެސް ނޫން. ޢަދުލު އިންޞާފުގެ ދާއިރާއަކީ އަބަދުވެސް އިޞްލާޙު ކުރަންޖެހޭ ދާއިރާއެއް. ކޮންމެ ދާއިރާއަކީވެސް ޠަބީޢީގޮތުން އިޞްލާޙު ކުރަންޖެހޭ ދާއިރާތައް. ފަނޑިޔާރުންގެ ފެންވަރު މަތިކުރުމާއި، ފަނޑިޔާރުން އިތުރުކުރުމާއި އަދި ފަނޑިޔާރުން ޢަމަލުކުރާ އުޞޫލުތަކާއި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ، މިކަހަލަ އެތައް ކަމަކީ އަބަދުވެސް ކުރަންޖެހޭ ކަންތައް. ދުނިޔޭގެ ކޮން މަދަނިއްޔަތެއްގައިތޯ، ހުރިހާ ކަމެއް އެ މަދަނިއްޔަތު ވުޖޫދުވީ ހިސާބުން ފެށިގެން ހުރިހާ ކަމެއް ފުރިހަމަކޮށް އޮތީ؟ އެންމެ ނަން މަޝްހޫރު ޑިމޮކްރަސީތަކުގައިވެސް، ޤާނޫނަކީ އެއްފަހަރު ހަދާފައި ހުއްޓާލާ އެއްޗިއްސެއް ނޫން. ޙާލަތު ބަދަލުވެގެންދިޔަދިޔަހެން މިދެންނެވި ކަހަލަ އިޞްލާޙުތައް އަންނާނެ. އެހެންވީމާ، ޝައްކެއްވެސްނެތް، ޢަދުލު އިންޞާފުގެ ދާއިރާގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ނެތެކޭ ދަންނަވަނީކީ ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެ އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ، ޢަދުލު އިންޞާފުގެ ދާއިރާގައި ހުރި މައްސަލަތަކަކީ، ހަލުވިކަމާއެކީ އިންޞާފް ލިބިގެންދާ މައްސަލަތަކަށް ވެގެންދިޔުން.
 
އަޅުގަނޑުމެން ބޭރު ދުނިޔެއަށްވެސް ކަށަވަރުކޮށްދޭން މިއުޅެނީ، ހަމައެކަނި ދިވެހިރާއްޖޭގައި ކުރެވޭނީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓެއް ނޫނޭ. އިންވެސްޓް ކުރެވޭ ކަމަށްވަންޏާ، އެތައް ބައެއްގެ އިތުބާރު އިތުރުވެގެންދާނެ. އެކަމަކު ޤާނޫނު ތަންފީޛު ކުރުމުގަޔާއި، ޤާނޫނުގެ ޙުކޫމަތު ހިންގުމުގަޔާއި، އަދި އެންމެންނަށް ޖިނާއީ ޢަދުލުގައި ހަމަހަމަ ގެނެސްދިނުމާއި، އަދި އަޅުގަނޑުމެން، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި، ނަން މަޝްހޫރު ދައުލަތަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރޭގައި، މިހާރުވެސް ތިޔަބޭފުޅުން އައްސަވާނެ، އެންމެ ފުރަތަމަ އެއޯސިސްގެ ޗެއަރއަކަށް މިވީ ދިވެހިރާއްޖެ. އެއީ، އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް ކުރި ކަމެއް. ޖަޒީރާ ކުދި ޤައުމުތަކުގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް އެތައް ގުނައެއް. އަޅުގަނޑުމެންނަށް ކޮންމެ ފަހަރަކު އިންޑޮނީޝިޔާގައި ބިންހެލުމެއް އައިސްފި ކަމަށްވަންޏާ، އަޅުގަނޑުމެން ހިތަށް ސުނާމީ ނޫން އެއްޗެއް ނާދޭ. މިދޭތެރެއިން މިދިޔަ ހަފްތާގައިވެސް އަޅުގަނޑުމެން އެ ބިރުވެރިކަމުގައި ތިބީ. ދެން ﷲގެ ރަޙްމަތުން ކޮންމެ ބިންހެލުމަކުންނެއް ސުނާމީއެއް ޖެނެރޭޓެއް ނުވާނެ. އެހެންނަމަވެސް، ބިންހެލުމެއް އައިސްފި ކަމަށްވަންޏާ، ރެކްޓަރ މިންގަނޑުން ވަކިވަރަކަށްވުރެ މަތީގައި ބިންހެލުމެއް އައިސްފި ކަމަށްވަންޏާ، މިދެންނެވި ކަހަލަ ބޮޑުރާޅު ޖެނެރޭޓްވުމަކީ، ނޫނިއްޔާ އެ ބޮޑުރާޅަށް އިންތިޒާރު ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވެގެން ކުދިކުދި ޤައުމުތަކަށް އެއޯސިސް އެހާ މުހިންމުވަނީ. ތިމާވެށީގެ ކަންތައްތައް އެހާ މުހިންމުވަނީ. އަޅުގަނޑުމެން ތިބުމާއި ނެތުމުގެ ދޭތެރޭގައި އޮތީ މިދެންނެވި ކަހަލަ ބޮޑު އެއް ސުނާމީ. އަޅުގަނޑުމެން ހަނދާން ހުންނާނެ، ވިލުފުށްޓާއި، މަޑިފުށްޓާއި، ކޮޅުފުށްޓާ، މިކަހަލަ ރަށްރަށް. އޭޝިއާ ސުނާމީ އަޅުގަނޑުމެންނަށް ޒިޔާރަތް ކުރިއިރު. އެހެންނަމަވެސް، އޭގައިވެސް މުޅި ހުރިހާ ކުދި ޤައުމުތަކުގެ ފަރާތުން އަޑުއުފުލާ ބަޔަކަށް މިތިބީ ދިވެހިރާއްޖެ. އެއީ އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމަކާ ނުބައްދަލު ކާމިޔާބީއެއް. ﷲ އަށް ޙަމްދުކުރަން. އަޅުގަނޑު ޝުކުރުވެރިވަން.
 
ހަމައެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި އިންސާނީ ޙައްޤުތައް ނެތިގެން ވާހަކަ ދައްކާއިރު، ވަކާލާތު ކުރާއިރު، އަޅުގަނޑު މިދަންނަވަނީކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް އެންމެ ރަނގަޅަށް އޮތް ވާހަކައެއް ނޫން. އެކަމަކު އުފަލާއެކީ ދަންނަވަން ކެރޭނެ ވާހަކައަކީ، މި ސަރުކާރަކުން އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް، އިންސާނީ ޙައްޤަށް އަރައިގަތުމަކަށް، ދައުލަތުގެ ފަރާތުން، ސަރުކާރުގެ ފަރާތުން، ހިންގުމުގެ ފަރާތުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ. އެއްވެސް ކަމެއް ނުކުރާނެ. އެއްވެސް މީހަކު ޤާނޫނާއި ޝަރީޢަތުން ބަންދުކޮށް، ހައްޔަރުކޮށް، މީހަކަށް އަދަބެއް ނުދޭނެ މި ސަރުކާރަކުންނެއް. އެކަމަކު މީގެކުރީގެ ބައެއް ސަރުކާރުތަކުގައި ކަންކަން އޮތީ މިހެނެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުން، ނޫނީ މިހާރުގެ ސަރުކާރުން ކުރާ ކަމެއް ވެއްޖިއްޔާ އެދަނީ ޝަރީޢަތުގެ މަޖިލީހުގެ ތެރެއިން. ޝަރީޢަތުގެ މަޖިލީހުގެ ތެރެއިން މީހަކު ބަންދުގައި ބަހައްޓަން މުއްދަތު ޖަހައިދޭނެ. އަދި އެ މުއްދަތު ތޭރަފަހަރު، ސާދަފަހަރު އިތުރުކޮށްދޭންޖެހުނަސް، އެކަން ކުރާނީ ޝަރީޢަތުގެ މަޖިލީހުން. ރައީސް އޮފީހުން އަންގާ އަމުރެއް ނޯންނާނެ. ހޯމް މިނިސްޓްރީން އަންގާ އަމުރެއް ނޯންނާނެ. އަދި މީހެއްގެ މައްސަލަ، އެމީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅިއްޖެ ކަމަށްވަންޏާ، އެކުށަކުން ބަރީއަވުން، އެ ތުހުމަތަކުން ބަރީއަވުމަކީ އޭނަގެ އަތްމަތީގައި އޮތް ކަމެއް. ޢަދުލު އިންޞާފުގެ ތިން މަރްޙަލާ ހިންގުމަށް ކޮންމެ ބޭފުޅަކަށްވެސް އެހެންވެ އަޅުގަނޑު ނަޞޭޙަތްތެރިވަނީ. އަޅުގަނޑަކީވެސް، ޤާސިމަކީވެސް މިދެންނެވި ގޮތަށް، އެހެންނަމަވެސް، ކޯޓާއި ޝަރީޢަތުން ބޭރުން ބަންދުކޮށްފައި ތިބި މީހުން. އެހެންވީމާ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ކޯޓާއި ޝަރީޢަތުގެ ތެރެއިން ނޫންގޮތަކަށް މީހުން ބަންދުކުރީމަ، މީހުން އުފުލަންޖެހެނީ ކޮންކަހަލަ ވޭނެއްކަމާއި، ތަޙައްމަލް ކުރަންޖެހެނީ ކޮންކަހަލަ ހިތްދަތިކަމެއްކަން، ހަމަގައިމުވެސް އަޅުގަނޑަށް އިޙްސާސް ކުރެވޭ. ޝައްކެއްވެސްނެތްގޮތުގައި، ޤާސިމަށްވެސް އިޙްސާސް ކުރެއްވޭނެ.
 
އެހެންވީމާ، އަޅުގަނޑު ކަށަވަރުކޮށް މިދެނީ، އަޅުގަނޑުގެ ޒަޢާމަތުގައި މި ހިނގައިދިޔަ ދެ އަހަރާއި އިތުރު ދުވަސްކޮޅެއްގެ ތެރޭގައި، އެއްވެސް މީހަކު، އެއްވެސް މީހަކު، ކޯޓުގެ އަމުރެއްނެތި، ޝަރީޢަތުގެ މަޖިލީހުން ބޭރުން ބަންދުކޮށް، ހިފައި ހައްޔަރުކޮށްފައެއް ނޯންނާނެ. އެހެންވީމާ، އެކަން ކުރިއަށް އޮތް ތަނުގައިވެސް ދާނީ އެގޮތަށް. އެހެންވެގެން ހަމަ އުފަލާއި ފަޚްރުވެރިކަމާއެކީ އަޅުގަނޑު ދަންނަވާނީ، އ.ދ.ގެ ޔޫ.އެން. ހިއުމަން ރައިޓްސް ކޮމިޝަންގައިވެސް ޖެހިޖެހިގެން ދެވަނަފަހަރު ދިވެހިރާއްޖެ ހިއުމަން ރައިޓްސް ކޮމިޝަންގައި ވަކާލާތު ކުރަނީ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރަކަށް މިވަނީ.
 
އަޅުގަނޑުމެންގެ އިޤްތިޞާދަށް މިއަންނަ ބަދަލާއި، އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަ ބަދަލާއެކީ، އަޅުގަނޑު ދައްކައިދޭން ބޭނުންވަނީ އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމާއި، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުން، އަޅުގަނޑުމެން ދައްކައިދޭން ބޭނުންވަނީ، ތަހުޒީބީ މުޖުތަމަޢެއް ދިވެހިރާއްޖޭގައިވެސް އުފެއްދިދާނެކަން. އަދި އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭގޮތަށް، އިންޞާފުވެރިކަމާއެކީ ކޮށްދެވޭނެކަން ދުނިޔެއަށް ދައްކަން ބޭނުންވަނީ. ދުނިޔެއަށް ދައްކަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކަންކަން ނިންމާކަށް އަޅުގަނޑުމެންނެއް އަބަދަކު ހުރިހާ ކަމަކަށް، އަބަދަކު ހުރިހާ ކަމަކަށް، ބޮޑެތި އެންވަޔަރަންމަންޓް ޕްރޮޖެކްޓް ހަދާއިރު، ބޭރުގެ ކޮންސަލްޓަންޓުން ހޯދާހެނެއް، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމާއި، މަދަނީ ކަންކަން ނިންމުމުގައި، މިއިން ކޮންމެ ކަމަކަށް ބޭރުގެ ފަންނީ މީހުން އަޅުގަނޑުމެން ބޭނުންނުކުރާނެކަން. އެއީ އެ ކެޕޭސިޓީ، ނޫނިއްޔާ އެ ކެރުންތެރިކަން އަޅުގަނޑުމެންގެ ތެރޭގައި ހުރީމަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައިވެސް ބަޔަކަށް ގަބޫލުނުކުރެވޭ ކަމެއް އޮތް ކަމަށްވަންޏާ، ހަމަ ޤާނޫނުއަސާސީގައި، ޤާނޫނުތަކުގައި ކަނޑައަޅާގޮތުން އެކަންކަން ކުރަންވީ.
 
އެހެންވީމާ، އަޅުގަނޑުމެން މިއުޅެނީ ހަމައެކަނި މާއްދީ ވެށްޓެއް ދިވެހިރާއްޖޭގައި ބިނާކުރާކަށެއް ނޫން. މާއްދީގޮތުން ދިވެހިރާއްޖެ ކުރިއަށްދާ މިންވަރާ އެއްކޮށް، މީހުންގެ ޚިޔާލާއި، މީހުންގެ ވިސްނުމާއި އަދި މުޖުތަމަޢުގެ ތެރޭގައި، މަޞްލަޙަތާއެކީ އެކަކު އަނެކަކު މުޢާމަލާތް ކުރާނެގޮތް އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ. ޤާނޫނުގެ ފޮތްބައިގެ ލިޔެފައި ހުންނަ ކަންކަމުގައި އެކަނި މިކަން ކަށަވަރެއް ނުކޮށްދޭ. އެއާއެއްގޮތަށް ޢަމަލުކުރަން ކެރުމާއި އަދި އެއާއެއްގޮތަށް ޢަމަލުކުރުމަށް ސިޔާސީ ޖާގަދޭން ހުރިހާ ފަރާތްތަކަށްވެސް ކެރެންވާނެ. އެކަން ކުރެވިގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް ދިވެހިރާއްޖެ 2008 ވަނަ އަހަރު ބަލައިގެންފައި މިއޮތް ޤާނޫނުއަސާސީގައި އެހެރަ އުޞޫލުތަކާ އެއްގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި ގޮތަށް ގަވަރނަންސް ސްޓްރަކްޗަރެއް ނުއުފެއްދޭނެ.
 
މިހާރު އަޅުގަނޑުމެންގެ ސަރުކާރާ ދޭތެރޭގައި ވަކާލާތު ކުރައްވަމުން، އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅުންނަށްވެސް ހަމަ ކަނޑައެޅިގެން އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި މި ފަހަކުންނެއް، އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް މީހަކު ބަންދުކޮށް، ހައްޔަރުކޮށް، އަރބިޓްރީ ޑިޓެންޝަނެއްގައެއް ނުހުންނާނެ. އެއްވެސް މީހަކު ހުރެއްޖެ ކަމަށްވަންޏާ، މިއަދުވެސް އަޅުގަނޑު މި ވާހަކަ ދައްކަމުންދާއިރު، ޖަލްސާއެއް ބާއްވާފައި ނަން އިޢުލާނު ކުރައްވާ. އެކަމެއް ނުވާނެ. އެކި ބޭބޭފުޅުންނާ ދޭތެރޭގައި ޙުކުމް އައުމާއި، ޙުކުމް ތަންފީޛުވަމުން ދިޔުމަކީ، އަޅުގަނޑު މިދެންނެވި ގޮތަށް، ޤާނޫނީ ޝަރުޢީ ނިޒާމުގެ ތެރެއިން އެކަން ދިޔުން. އެއީ ކޮންމެ މުޖުތަމަޢެއްގައިވެސް އެކަން ހިނގާނެގޮތް. އެއީކީ އެއްގޮތަކަށްވެސް ވަކިބަޔަކާ ދޭތެރޭގައި ބޭއިންޞާފްވެރިވާންވެގެން، ނޫނީ ވަކިބަޔަކާ ދޭތެރޭގައި ޒާތީ މައްސަލައެއް އޮވެގެން ހިނގާ ކަންކަމެއް ނޫން. މީހުންގެ ޙައްޤުތަކަށް އަރައިގަނެވުނީމަ، މުޅި މުޖުތަމަޢުގެ މަޢުޞޫމްކަން ނަގާލަން މަސައްކަތް ކުރީމަ، އުފުލަންޖެހޭ ބުރައެއް އޮންނާނެ. މުޅި ދިވެހި ރައްޔިތުންގެ އުފާފާގަތިކަމާއި، ދިރިއުޅުމާއި ކުރިއެރުން ބިނާވެފައި އޮންނަނީ ޓޫރިޒަމްގެ ޞިނާޢަތަށް ވެގެންދާއިރު، އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން ބަލައިގަންނާކަށް، މިދެންނެވި ޒިންމާދާރުކަން ކުޑަކަމާއެކީ، މުޅި ޓޫރިޒަމްގެ ޞިނާޢަތް ބޮއިކޮޓް ކުރަން ގޮވާލުމެއް. ނޫނިއްޔާ ޤާސިމް އިބްރާހީމަށާއި، ސަން ޓްރެވަލް ޝިޔާމަށް ނިސްބަތްވާ ހުރިހާ ރިޒޯޓްތަކަށް މީހުން ނާންނަން ގޮވައިލުމަކީ ބަލައިގަންނަން ފަހި ކަންކަމެއް ނޫން. އެކަންކަން ވަކާލާތުކޮށް، އެކަންކަން އެއްވެސް މިންވަރަކަށް ޙާޞިލުވެއްޖެ ކަމަށްވަންޏާ، ދެރަވާނީކީ ހަމައެކަނި ޤާސިމް އިބްރާހީމަކަށް، ޝިޔާމަކަށް، ޔާމީނަކަށް ނޫން. މުޅި ދިވެހިރާއްޖެއަށް އަންނަ ނިކަމެތިކަން އެއީ. މުޅި ދިވެހި ރައްޔިތުންނަށް އަންނަ ނިކަމެތިކަން. މުޅި އިޤްތިޞާދަށާއި، އިޖުތިމާޢީ ގޮތުން ކަންކަން ކުރުމަށް އަންނަ ހީނަރުކަން އެއީ. މިރަށުގައިވެސް ހަމައެކަނި ބޭނުންވެފައި މިއޮތީ ފެނާއި ނަރުދަމާއެއް ނޫން. ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ތަޢުލީމީ ދާއިރާގައި ހުރި ކަންކަން އެހެރީ ކުރަންވެފައި. ޞިއްޙީ ދާއިރާގެ ހުރި ތަން އެހެރީ ވީރާނާވެފައި. އެކަންކަން ކުރަންވެފައި އެހެރީ. އަޅުގަނޑުމެން ކޮންތާކުންތޯ މި ފައިސާ ހޯދަނީ؟ އަޅުގަނޑުމެން މި ފައިސާ ހޯދަނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މި ލިބެނީ ޓޫރިޒަމް ޞިނާޢަތުން.
 
އެހެންވީމާ، ތަހުޒީބީ މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގައި، އަޅުގަނޑު ހަމަ މިއަދުވެސް ހުރިހާ ސިޔާސީ ލީޑަރުންނަށް އިޚްލާޞްތެރިކަމާއެކީ އިލްތިމާސް ކުރަން ބޭނުންވަނީ، މިކަން ކުރަން ޤާނޫނަށާއި، އުފެދިފައި ހުރި މުއައްސަސާތަކަށާއި އުޞޫލުތަކަށް ޖާގަ ދެއްވާށޭ. އެއީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ކޮންމެ ބަޔަކު އިދިކޮޅުގައި ތިއްބަސް އެއީ، ކުރަންޖެހޭ ކަމެއް. ފިކުރުގެ ގޮތުން ޚިޔާލު ތަފާތުވުމަކީ، ފިކުރުގެ ގޮތުން އިދިކޮޅުވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް، ކަންކަން ޙައްލުކުރަންވާނީ އެންމެންނަށް ގަބޫލުކުރެވޭ ގޮތަކަށް. އެހެން ނޫނިއްޔާ މުޖުތަމަޢުގެ ކަރާމަތެއް، މުޖުތަމަޢުގެ އަމާންކަމެއް ނޯންނާނެ. އަދި މީހުން އިޙްތިރާމްކުރާ ގޮތަކަށް ކަންކަން ނިމިގެން، ސިލް ޖެހިގެނެއް ނުދާނެ.
 
އެހެންވީމާ، މިއަދުވެސް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑު އިހަށްރޭ ކުރި އިލްތިމާސާ ގުޅިގެން އަނެއްކާވެސް އެމް.ޑީ.ޕީ އިން ވިދާޅުވެފައި އެއޮތީ، ވާހަކަ ދައްކާކަށް މޭޒު ކައިރިއަކަށް އަންނާކަށް ބޭނުންފުޅެއް ނޫނޭ. މިއަދުވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުން، ނޫނެކޭ އެހެން ނަހައްދަވާށޭ. އަޅުގަނޑުމެންގެ ހުރި އިޚްލާޞްތެރިކަންވެސް އެނގިވަޑައިގަންނަވާނީ އަދި އަޅުގަނޑުމެން މުޅި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ކަންކަން ޙައްލުކުރަން ބޭނުންވާ މިންވަރު އެނގިވަޑައިގަންނަވާނީ، ވަޑައިގެން އަޅުގަނޑުމެންނާ ވާހަކަފުޅު ދެއްކެވީމައޭ. އެކަމަކު ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާއިރު، އެބޭފުޅުން ޙައްލުކުރައްވަން ހުރި ހުރިހާ މައްސަލަތައް އެއީ، ވާހަކައިގެ ކުރިން ޝަރުޠު ކަމަށް ހެއްދެވީމަ، އެއީ އަދި ހަމަޖެހޭގޮތެއް ނޫން. އެބޭފުޅުންނަށް އަޅުގަނޑު އިސްވެ، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން އިސްވެ މޭޒު ކައިރިއަށް ވަޑައިގަންނަވަން ދެންނެވީކީ، އަޅުގަނޑުމެން ޝަރުޠުތަކެއް ކޮށްފައެއް ނޫން. އަޅުގަނޑުމެން ނުދަންނަވަން، މުޒާހަރާ ނުކުރައްވާކަށް. އަޅުގަނޑުމެން ނުދަންނަވަން، މަގުމައްޗަށް ނުނިކުންނާކަށް. އަޅުގަނޑުމެން ނުދަންނަވަން، އެބޭފުޅުން އެ އުޅުއްވާ ސިޔާސީ ގޮތަށް ނޫޅުއްވާކަށްވެސް. އަޅުގަނޑުމެން އެއްވެސް ޝަރުޠެއްނެތި ދެންނެވީ، ގަބޫލުކުރަމޭ ތިޔަބޭފުޅުންގެ މައްސަލަތަކެއް އެބަހުއްޓޭ. ގަބޫލުކުރަމޭ ތިޔަބޭފުޅުންނަށް ދަތި އިޙްސާސްތަކެއް އެބަހުއްޓޭ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެއަށް މިހާރު ހަމަޖެހުން އައުން. އެހެންވީމާ، އެ ހަމަޖެހުން އައުމަށްޓަކައި ހުރިހާ އެންމެންނަށް ގަބޫލުކުރެވޭ އުޞޫލުތަކެއް ވާހަކަ ދެއްކިގެން، އެއްބަސްވެވިގެން ނިންމާފައި، ދެން އެހިސާބުން ހިނގާށޭ، އެ އުޞޫލުތަކާ އެއްގޮތަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރަން. އެކަން ކުރެވޭނީ ސަރުކާރާއެކީ މޭޒުކައިރިއަށް އައިސް ވާހަކަ ދައްކައިގެން. މިއީ، އަޅުގަނޑުމެންގެ ފަރާތުން އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެން އަރުވާ ދަޢުވަތެއް. އަދިވެސް މި ދަޢުވަތު މި އަރުވަނީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިދެންނެވި ގޮތަށް ދިވެހިރާއްޖެ މުޅިން އާ މަރްޙަލާއަކަށް ދާން ކުރާ މަސައްކަތް.
 
 ޓްރާންސްފޮމޭޝަން މި އަންނަނީ ހަމައެކަނި އަޅުގަނޑުމެން މިކުރާ އިޤްތިޞާދީ ނޫނީ އިންފްރާސްޓްރަކްޗަރާއި، ބިނާކުރަނިވި މަސައްކަތްތަކަކަށް ނޫން. ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް، އިރާދަކުރެއްވިއްޔާ އެކަންކަން ކުރެވޭތޯ އަޅުގަނޑުމެން ބަލަނީ. އެކަމަކު މިހުރިހާ ކަމަކާއެކީވެސް އެންމެ މުހިންމު ކަމަކަށްވާނީ، ކޮންމެ ޤައުމެއްގައިވެސް އަދި އަމުދުން ދިވެހިރާއްޖެ ކަހަލަ އާބާދީ ކުޑަ ޤައުމެއްގައި، އެންމެ މުހިންމު ރައުސްމާލަކީ އިންސާނުންގެ ސިކުނޑި. އިންސާނުން އެންމެ މުހިންމު ރައުސްމާލަކީ. އެހެންވީމާ، އިންސާނުން މުޖުތަމަޢު ތެރޭގައި އުޅޭއިރު، އަދި އެކަކު އަނެކަކަށް އިޙްތިރާމާއެކީ ކަންކަން ކުރާއިރު، މުއައްސަސާތަކުގެ މީހުން ހިމެނިގެންދާއިރު، ސަރުކާރުގެ ޒިންމާއާއި މުއައްސަސާތަކުގެ ޒިންމާ އުފުލަމުންދާއިރު، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމާއި، އެމީހުން ކޮށްގެން ތިބި ޢަހުދުތަކަށް ޚިޔާނާތްތެރިނުވެ، ކަންކަން ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހަމްދަރުދީވާންޖެހޭ ޙާލަތްތަކުގައި ހަމްދަރުދީވުމާއި، އެހީތެރިވާންޖެހޭއިރު އެހީތެރިވުމާއި، އަދި މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު، މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ދެނެގަނެގެން އުޅެވޭނީ، މިދެންނެވި ގޮތަށް ތަހުޒީބީ މުޖުތަމަޢެއްގައި ކަންކަން ކުރާގޮތަށް ކަންކަން ކުރަން ދޫކޮށްލައިގެން. މުއައްސަސާތަކަށް، އެ މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތް، ޤާނޫނުތަކުގައި ކަނޑައަޅާފައި ހުރިގޮތަށް، އެކަން ކުރުމުގެ ޤާބިލުކަން ދޭންވާނެ.

އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުގެ ރައީސް ކަމުގައި އިރާދަކުރެއްވިއްޔާ އެއްވެސް މުއައްސަސާއަކުން މިކުރާ މަސައްކަތަކާ އަޅުގަނޑެއް ނުބެހޭނަމޭ. ޚާއްޞަކޮށް، ޚާއްޞަކޮށް ޢަދުލު އިންޞާފުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ތެރޭގައި، އޭގެތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތައް، މިހާރު އިދިކޮޅު ފަރާތްތަކަށް އެންމެ އުނދަގޫވެގެން އުޅޭ މައްސަލަތަކަށް، މިއިން އެއްވެސް ކަމެއްގައި ވަކިގޮތަކަށް ވަކި މައްސަލައެއް ނިންމަވާކަށް އަޅުގަނޑު އިރުޝާދެއް ނުދޭނަން. އަދި އެ މައްސަލަ ވަކިގޮތަކަށް ނިންމެވީ ކީއްވެގެންތޯވެސް އަޅުގަނޑެއް ސުވާލެއް ނުކުރާނަން. އެ ނިންމެވި ކޮންމެ ނިންމެވުމަކާއެކީ ކުރިއަށްދިޔުމުގެ ހިތްވަރާއި، ކެތްތެރިކަން އަޅުގަނޑުމެންގެ ސަރުކާރުގެ ހުންނާނެ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ ހުރިހާ ބޭފުޅުންނަށް. ސަރުކާރުން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް އުފާފާގަތިކަމާއި ހަމަޖެހުން ގެނެސްދޭން ކުރާ މަސައްކަތޭ. އޭގެތެރޭގައި ޝައްކެއްވެސްނެތްގޮތުގައި، އެންމެބޮޑު މަސައްކަތަކަށްވާނީ، މާމިގިލި ކަހަލަ ރަށެއްގައި އައިސް ހުރެ ވާހަކަ ދައްކާއިރު، މާމިގިއްޔަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ލިބޭނެގޮތެއް ހޯދައިދިނުން. އަސާސީ ޚިދުމަތްތަކެއް ހަމަޖެހިގެން ދިޔައިމަ، ރައްޔިތުން ހަމަޖެހިގެން ދެން ދިރިއުޅުމަށް، އާމްދަނީ ހޯދަން ކުރާ މަސައްކަތް، މިރަށުގެ ޒުވާނުންނަށްވެސް ކުރެވޭނީ. ދިވެހިރާއްޖޭގެ އުޞޫލުތައް ހުރިގޮތުން، އެމީހެއްގެ ހިތްވަރު ހުރި މިންވަރަކުން، އެމީހެއްގެ ސްމާޓްކަން ހުރި މިންވަރަކުން ކުރިބޯށްޓާ ހަމަޔަށް ދާންވީ.
 
އަޅުގަނޑަށް އެނގޭ، މީގެކުރީގެ ސަރުކާރުތަކުގައި، ނޫނީ މީގެކުރީގެ ދުވަސްތަކުގައި ޤާސިމް އިބްރާހީމް ތަފާތު އުނދަގޫތައް ވިޔަފާރީގެ ދާއިރާގައި އުފުއްލެވި. އެހެންނަމަވެސް، ހަމަ މިސާލެއްކަންނޭނގެ މިއީ. އެމީހެއްގެ ހިތްވަރާއި، ކެރުންތެރިކަން ހުރި މިންވަރަކުން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ ކުރިއަށް ދެވޭނެ. އަދި އެއްފަހަރު ދެފަހަރު އުނދަގޫ އުފުލަންޖެހުނު ނަމަވެސް، އެކަންކަން ދޫކޮށްނުލައި ކުރިއަށްދާން ބޭނުން ކަމަށްވަންޏާ ކުރިއަށްދެވޭނެ. އެހެންވީމާ، ހަމަ ކޮންމެ ދިވެހި ޒުވާނަކަށްވެސް އޮތް ފުރްޞަތެއް މިއީ. މި ފުރްޞަތުތައް ހޯދައިދޭން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މިދެންނެވި ގޮތަށް ދިރިއުޅުން ކުރިއަށް ގެންދަން ކުރާ މަސައްކަތް. ސަރުކާރުގެ ހަމަޖެހުން، ސަރުކާރުގެ މުއްސަނދިކަން އަންނާނީ ކޮންމެ ފަރުދެއްގެ ހަމަޖެހުމާއި، ކޮންމެ މުއްސަންޖެއްގެ ޖީބުގެ ތަނަވަސްކަން އިތުރުވި މިންވަރަކުން. އެހެންވީމާ، ރާއްޖޭގެ އާމްދަނީއަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީ. އަދި ޚަރަދުކުރަން ބަލާއިރު، ޚަރަދުކުރަން ބަލާއިރުވެސް، ނޫނީ ޓެކްސް ނަގަން ބަލާއިރުވެސް މިއީ ރައްޔިތުންނަށް ލިބޭ އާމްދަނީ. އެހެންވީމާ، ރައްޔިތުން، ކޮންމެ މީހަކު ފަރުދީގޮތުން އަދި ކުންފުނިތައް ކުރިއަށް ދިޔުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ޢަޒުމް. ސަރުކާރުން ކޮށްދެވޭނީ، ކުންފުނިތަކުން، ރައްޔިތުން ކުރިއަރަށް ދާން ބޭނުންވާނަމަ، މިދެންނެވި ކަހަލަ އިކޮނޮމިކް އިންފްރާސްޓްރަކްޗަރ، ނޫނިއްޔާ ފެނާއި ނަރުދަމާ ކަހަލަ ސޯޝަލް އިންފްރާސްޓްރަކްޗަރ ޤާއިމްކޮށްދިނުން. މި ސަބަބަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކާ ކުރިމަތިލައިގެން އަޅުގަނޑުމެން މިއުޅެނީ.
 
އެކަމަކު މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑު އަނެއްކާވެސް ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންނަށް ހަމަޖެހުމަށް ލޯބިނުކުރެވިގެން މިއުޅެނީ ކީއްވެގެންހޭ؟ އަޅުގަނޑުމެން ހަމަޖެހުމަށް ލޯބިކުރާކަމަށްވަންޏާ، ހުރިހާ އެންމެން ގަބޫލުކުރާ އުޞޫލުތަކަކަށް އެންމެން ތަބާވާންޖެހޭނެ. ހުރިހާ އެންމެންވެސް އެއްބަސްވާންވާނެ، ޢަދުލު އިންޞާފުގެ ދާއިރާގައި ހިނގާ ކަންކަމާ ނުބެހެން. ހުރިހާ އެންމެންވެސް އެއްބަސްވާންވާނެ، ޤާނޫނުއަސާސީއިން އެކި ކަންތައް، އެކި މަސްއޫލިއްޔަތާއި ޒިންމާ މަތިކޮށްފައި ހުރި މުއައްސަސާތަކުން ކުރާ ކަންކަމަށް ނޮހޮރުއްޕާން ނުކުރަން، ނޫނިއްޔާ ނުބެހެން އަޅުގަނޑުމެން އެންމެން އެއްބަސްވާންވާނެ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ތަހުޒީބީ މުޖުތަމަޢެއް އަޅުގަނޑުމެންނަށް ބިނާކުރެވޭނީ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެ. ބޭނުންވެފައި ހުރި ކަންތައްތައް ކުރެވިދާނެ. އެހެންނަމަވެސް، އެކަންކަން ކޮށްފައި، ދެން ނުކުންނަ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ބިނާކުރި ހުރިހާ ތަނެއް ތަޅައި ތިރިކޮށްލައި، ބިމާ ހަމަޔަށް ގެންނަންޏާ، ނޫނިއްޔާ އަންދާލައި ހުލިކޮށްލާ ކަމަށްވަންޏާ، ކޮންތާކަށްތޯ ތަހުޒީބު އެ ދިޔައީ؟ އެހެންވީމާ، އެކަންކަމެއް ނުކުރެވޭނެ، އުޞޫލުތަކަށް ތަބާވާ ބަޔަކު ތިބެގެން ނޫނިއްޔަކާއެއް.
 
އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހަމަޖެހުމަށް އަޅުގަނޑުމެން ނުކުރާ މަސައްކަތެއް، ބޭރުގެ ފަރާތްތަކުން ނުކޮށްދޭނެ. ބޭރުގެ ފަރާތްތަކުން އަބަދުވެސް ކުރާނީ ރާއްޖޭގައި ހަމަނުޖެހުން އުޅޭކަމަށް ޝައްކު ކުރެވެންޏާ، ތުހުމަތު ކުރެވިގެން ބަޔަކު އަޑުއުފުލާ ކަމަށްވަންޏާ، އެކަންކަން ހިނގަނީ ކިހިނެއްތޯ ބަލާނީ. އަޅުގަނޑުމެންނަށް ހެޔޮއެދޭނީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތަށް ނިންމާނީވެސް އަޅުގަނޑުމެން. އަދި އޭގެ ފައިދާވެސް އަދި ނިންމާ ކަމެއްގެ ގެއްލުމެއް އޮތަސް، އެ އިޙްސާސް ކުރާނީ އަޅުގަނޑުމެން ދިވެހިން. އެހެން ބަޔަކަށް އެއަކުން ވާނެ ދެރައެއް ނޯންނާނެ. އަޅުގަނޑުމެންނަށް ފެނޭ ދޮއެއްތޯ. އަޅުގަނޑުމެންގެ ކުރިމަތީގައި ދޮއެއްތޯ، މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ޢަރަބި އިސްލާމީ އެތައް ޤައުމެއް ސުންނާފަތިވެގެން އެދިޔައީ. އެތަންތަނުގައި ހުރި އެކިކަހަލަ މައްސަލަތަކުގައި ބަދުނާމުގައި ކިތައް ކިތައް ޤައުމު ހަލާކުކޮށްލައިފިތޯ؟ ކިތައް ޤައުމު ހަލާކުވެގެން ހިނގައްޖެތޯ؟ އަޅުގަނޑުމެންނަށް ފަސޭހަތޯ، މިކަން ގަބޫލުކުރަން؟ އަޅުގަނޑުމެންނަށް ފަސޭހައެއް ނޫން މިކަން ގަބޫލުކުރަން. އެކަމަކު ޑިމޮކްރަސީގެ ނަމުގައި، އިންސާނީ ޙައްޤުތަކުގެ ނަމުގައި، މިކަހަލަ އެތައް ކަމެއް މި ހިނގަނީ ދޮއެއްތޯ. ކީއްކުރަންތޯ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރާއްޖޭގައި މިކަހަލަ ވިޔާނުދާ ކަންކަމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދޭންވީ، ފުރްޞަތު ހުޅުވާލަންވީ؟ އެއަކުންނެއް އަޅުގަނޑުމެންނަށް ފައިދާއެއް ނޯންނާނެ. ރައީސެއްގެ ވެރިކަން ނިމިގެން ހިނގައިދާނެ. ދެން އަންނަ ބަޔަކަށް އާރާސްތު ކުރުން ނޫން އެހެން ކަމެއް އަނެއްކާވެސް ނޯންނާނެ. އެހެންވެގެން އަޅުގަނޑުމެން ބިނާކުރާ އެއްޗެހި، އަޅުގަނޑުމެން އާރާސްތުކުރާ ކަންކަން ހަލާކުކޮށްލަން މަސައްކަތް ނުކުރަންވީ.
 
އެންމެ ފަސޭހަވާނީ، އެންމެ ފަސޭހަވާނީ އެއްޗެހި ހަލާކުކުރަން. ފަރަންސޭސިވިލާތުގައި އެހެރަ އައިފަލް ޓަވަރ، މިސާލަކަށް. އެ ބިނާ އެ ފެންވަރަށް ގެންނަން އެތަކެއް އަހަރުދިޔަ. އިންޖިނިއަރިންގެ ބޮޑު މާރވެލްއެއް، އެތައްއެތައް އާކިޓެކްޓުންގެ ބުރަ މަސައްކަތް. އެކަމަކު މާދަމާވެސް އަރތު މޫވިންގގައި 24 ގަޑިއިރުގެ ތެރޭގައި ބިމާ ހަމަޔަށް ތިރިކޮށްލެވިދާނެ. މިއީ ދޮއެއްތޯ މިކަން އޮންނަ ގޮތަކީ. އަޅުގަނޑުމެންނަށް އެކަން ފެނިގެންދިޔަ ދޮއެއްތޯ، ފެބުރުވަރީ 8 ވަނަ ދުވަހު. އެތަން މިތަނުގައި ހުޅުޖަހާ ތަނުގައި. މިއީ ކީއްކުރަން އަޅުގަނޑުމެން ކުރާ ކަމެއްތޯ؟ ކީއްކުރަން ކުރާ ކަމެއްތޯ؟ އަމިއްލަ މީހުން ހިންގާ ޓީ.ވީ ސްޓޭޝަންގައި ތަޅައި ފުނޑުކޮށްލި ތަން ފެނުނު. ތަންތަން ރޯކުރި ތަން ފެނުނު. މިއީއެއް ނޫން ދޮއެއްތޯ، މިއީއެއް ނޫން ދޮއެއްތޯ ތަހުޒީބުވުމަކީ. ތަހުޒީބުވުމަކީ ކަންކަން ކުރަން އޮންނަ އުޞޫލުން ކަންކަން ކުރަން ޖާގަދިނުން. އެހެންވީމާ، އެބަޔަކު ރަނގަޅު ގޮތުގައި ތިބިއްޔާ، އަދި އެބައެއްގެ މައްޗަށް އެހެން ބަޔަކު އަނިޔާވެރިވާ ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަށަވަރުކޮށްދޭނެ ކަމަކީ ޙައްޤު ލިބިގެންދާނެ. އެކަމަކު އުޞޫލާ އެއްގޮތަށް ހިނގައިގެން ދޮއެއްތޯ އެކަން ވާނީ؟
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު މާމިގިލީގެ ރައްޔިތުންގެ މިއަދުގެ މި އުފަލުގައި ބައިވެރިވާން އަޅުގަނޑަށް ލިބުނު ފުރްޞަތަށްޓަކައި ﷲ ޙަޟްރަތަށް ޙަމްދުކުރަން. އަދި މާމިގިލީގެ ރައްޔިތުންނަށް، މިއަތޮޅުގެ ރައްޔިތުންނަށް، މުޅި ދިވެހިރާއްޖެއަށް އުފާފާގަތިކަމާއި، މަޞްލަޙަތާއި، ޞުލްޙަވެރި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި!
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.
     _____________________________