ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެފަރާތްތަކުން ފާޑުނުކިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، އަރިއަތޮޅު އުތުރުބުރީ މާމިގިލީގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި 3000 އަށްވުރެ ގިނަ އާބާދީ އުޅޭރަށްރަށަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. މިގޮތުން، މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން 50 ރަށަކަށް ބޭނުންވާ ފެނާ ނަރުދަމާގެ ނިޒާމު ހަމަޖެހިގެން ދިއުމަކީ މިސަރުކާރުގެ އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިސަރުކާރުގެ މައިގަނޑު މަޤްޞަދަކީ އުފާފާގަތި ކަމާ ހިތްހަމަޖެހުން ރައްޔިތުންނަށް ހޯދައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ މިދައުރު ނިމޭއިރު ރާއްޖޭގެ ކޮންމެ ބޮލަކަށް ޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 12،000 ޑޮލަރަށް އިތުރުކުރުމެވެ. މީގެ ސަބަބުން މެދުފަންތީގަ ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރެއިން މަތީ ފަންތީގެ ޤައުމަކަށް ރާއްޖެވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަންތައް ހާޞިލުވެގެންދާނީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އިންޤިލާބީ ބަދަލު ގެނެވޭނީ ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެގައި އިންވެސްޓު ކުރުމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން އެކި މަޝްރޫޢުތަކުގައި އިންވެސްޓުކުރުމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެން ދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަކީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރައްޔިތުން ޢަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެގެންދާނީ ކޯޓުތަކަށް ހުށަހެޅިފަވާ މައްސަލަތައް އަވަހަށް ނިމިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި، ތަހުޒީބުވުމަކީ ކަންކަން ކުރަން އޮންނަ އުޞޫލުން ކަންކަން ކުރަން ޖާގަ ދީގެން ކަންކަން ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރިޒޯޓު ތަރައްޤީކުރަން ދޫކުރެވިފައިވާ ރަށްރަށުގައި ރިޒޯޓު ތަރައްޤީ ކޮށް ނިމޭއިރު ދިވެހިރާއްޖޭގެ މައި އެއަރޕޯޓަކީ ގިނަފަތުރުވެރިންތަކަކަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެފަދަ ތަނަކަށް ހެދުމަކީ ލާޒިމު ކަމެކެވެ. މިގޮތުން، މިސަރުކާރުގެ އަމާޒަކީ މިހާރު ރޭވިފައިވާ ގޮތަށް އެއަރޕޯޓު ތަރައްޤީކޮށް ނިމުމުން 6 މިލިއަން ފަތުރުވެރިން އަހަރެއްގެ މައްޗަށް ދަތުރުކުރާ އެއަރޕޯޓަކަށް އަޅުގަނޑުމެންގެ އެއަރޕޯޓުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާއި މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.