بســم اللّـه الرّحمـن الرّحيــم
       
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىއަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން. 
.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރަށް ޚާއްޞަ އުފާތަކެއް، މި ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ ރެއެއް. އުފާވެރި ވަގުތުތަކެއް އަޅުގަނޑުމެން ހޭދަކުރާއިރުވެސް ފިޠުރަތުން ނިންމާފައި އޮންނަ އުޞޫލުގެ މަތިން އުފަލާއެކުގައިވެސް އިންސާނުން ދިރިއުޅުމުގެ ޙަޔާތް ކުރިއަށް ގެންދާއިރު ހިތްދަތިކަންވެސް އިޙްސާސް ކުރަންޖެހޭކަމީ، އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެން ދެކެމުން އަންނަ ޙަޤީޤަތް.
 
އާދެ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުން 26 ވަނަ ދުވަހަކީ، އަޅުގަނޑުމެން މުޅި ދިވެހި ދައުލަތަށް، މުޅި ދިވެހި އުންމަތަށް ވަރަށް ހިތްދަތި ނުރައްކާތެރި ކާރިސާއެއް ކުރިމަތިކުރުވި ދުވަހެއް. އާދެ، އަޅުގަނޑުމެންގެ އެތައް ބައެއްގެ ފުރާނަ ގެއްލި، އަޅުގަނޑުމެންނަށް ވަރަށް ނުރައްކާތެރިކަމާއި، ބިރުވެރިކަމާއި، ހިތްދަތިކަން އިޙްސާސްކޮށް ތަޙައްމަލް ކުރަންޖެހުނު ދުވަހެއް. ﷲގެ ރަޙްމަތާއެކީ އަދި ދިވެހިން ހިތްމަތާއެކު ކުރި މަސައްކަތުގައި، އަދި ޚިޔާލުތަފާތުވުންތައް އެއްފަރާތަށް ޖައްސާފައި، އެއްބައިވަންތަކަމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ، އެ ހިތްދަތިކަން އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ އަޅުގަނޑުމެންނަށް ފަހިގޮތަކަށް ބަދަލުކޮށްގެން ގެންދެވުން. ޝައްކެއްވެސްނެތްގޮތުގައި، ފިލާވަޅުތަކެއް ނަގައިދިން. ފިލާވަޅުތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވަން މިއުޅެނީ، އެއްގޮތަކަށްވެސް މިކަހަލަ ހާދިސާތައް މެދުވެރިވަނީ ކީއްވެގެންތޯ އުފައްދާ ސުވާލެއް ނޫން.
 
އަޅުގަނޑުމެންގެ ރަށްރަށް ޤުދްރަތީގޮތުން ދިމާވާ ނުރައްކާތަކުން ތައްޔާރީ ޙާލަތަކަށް ގެނައުމަށް ނޫނީ ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ ގިނަ ފިލާވަޅުތަކެއްވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަދި ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް ބޭފުޅުންވެސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވި. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އަޅުގަނޑުމެން ކުރި މަސައްކަތުގައި، އާދެ، އަޅުގަނޑުމެންނަށް ދިމާވެފައި އޮތް ހިތްދަތިކަމާއި، ރަށްރަށް ހަލާކުވުމާއި، ވަރަށްގިނަ މީހުންގެ ގެދޮރު ގެއްލިގެން މުޅިން ދިޔުމާއެކީ، އަޅުގަނޑުމެންނަށް މި ދިމާވި ކަންކަމުގައި މުޅި ދުނިޔޭގެ ފަރާތުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިން. އެ މަސައްކަތާއެކީވެސް ދައުލަތުން އޭރު ކުރި މަސައްކަތަކީ، އުފަލާއެކު އަދި ފަޚުރުވެރިކަމާއެކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ މަސައްކަތްތަކެއް. ގިނަ މަސައްކަތްތަކެއް ކުރެވި، އެހެންނަމަވެސް ސުނާމީގައި ގެދޮރު ގެއްލިފައި ހުރި ހުރިހާ ފަރާތްތަކަށް ގެދޮރުގެ ހިތްހަމަޖެހުން ހަމަޖެހިގެން މިދިޔައީ މިދިޔަ އަހަރުގެ ތެރޭގައި. ބޮޑު މަޝްރޫޢެއް ހިންގާފައި، އެ މަޝްރޫޢުގެ ނަތީޖާއަކަށް ވެގެންދިޔައީ، ސުނާމީގައި ގެދޮރު ގެއްލިގެންދިޔަ އެއްވެސް މީހަކު އަދި އޭޝިއާ ސުނާމީގައި އަދިވެސް ދުނިޔޭގެ ނޫނިއްޔާ އެ ސަރަޙައްދުގެ އެއްވެސް ޤައުމެއްގައި މިކަން ދިވެހިރާއްޖޭގައި ހަމަޖެއްސިގޮތަށް އަދިއެއް ހަމަޖެއްސިފައެއް ނެތް. އަދިވެސް މި އޭޝިއާ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަކަށް ގެދޮރުގެ ހަމަޖެހުމެއް ނުލިބޭ ގިނަ ރައްޔިތުންތަކެއް ހުރިހާ ހިސާބެއްގައި ތިބި. އެހެންނަމަވެސް، ސަރުކާރުގެ މަސައްކަތާއި، ދިވެހިންގެ ހީވާގިކަމާއި މުރާލިކަމާއެކީ މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވެގެން މިދަނީ އަނެއްކާވެސް ދިވެހިރާއްޖެ މިވަނީ މިކަމުގައިވެސް ހަމަ ދުނިޔެއަށް މިސާލު ދައްކައިދީފައި. މިކަހަލަ ކޮންމެ ވާހަކައެއް ޚިޔާލަށް ގެނައީމަ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން ދިވެހިންނަކީ ހާދަ އުފާވެރި، ހާދަ ނަޞީބުވެރި އަދި ހާދަ ހިތްހަމަޖެހުމާއެކީ އުޅެންޖެހޭ ބައެކޭ. އަޅުގަނޑުމެން ކީއްވެގެންބާވައޭ މި ނިޢުމަތްތަކަށް ފުރަގަސްދޭން މިއުޅެނީ.
 
މިކަހަލަ ބައްދަލުވުމެއްގައި، ދެންމެ ހައުސިންގ މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ވަރަށްގިނަ ވާހަކަތަކެއް ގެނެސްދެއްވައިފި. އަޅުގަނޑުވެސް ހަނދާން ނެތުމުގެ ކުރިން އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނީ ވަރަށް އިޙްސާންތެރިކަމާއެކީ ހެޔޮ ބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާކުރައްވާފައިވާތީ، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން. އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހެން އިޙްތިފާލުކުރާ އުފާވެރި ޙަފްލާއެއްގައި، ހަމަ ޚިޔާލަށް މި އަންނަނީ މަދަރުސާއެއްގެ އަހަރު ރިޕޯޓްދޭ ދުވަސް. އަޅުގަނޑުގެ ހިތުގައި އެއްގޮތްވާ ގޮތް އަޅުގަނޑު ދަންނަވާލާނަން.
 
މަދަރުސާއެއްގެ އިނާމު ޙަފްލާއަކީ ނޫނީ އަހަރު ނިމިގެން އޮންނަ އެނުއަލް ޕްރައިޒް ޑޭ، އޭގައި މިކުރާ ކަމަކީ އެ އަހަރުގެ ތެރޭގައި އެންމެ ރަންވަނަ ޙާޞިލުކުރި ކުދިންގެ ރަން ވަނަތައް ޙާޞިލުކުރުމާއި، އެކުދިންގެ މަސައްކަތަށް ޙައްޤު ބަދަލުދިނުން. ޝަރަފްވެރިކަމާއެކީ ސްކޫލްގައި އަދި މުޖުތަމަޢުގައި އެކުދިން ފާހަގަކުރުން. އެކުދިންގެ ޓީޗަރުން ކުރި މިންނެތް މަސައްކަތް އަޅުގަނޑުމެންގެ ޚިޔާލަށް، ހަނދާނަށް ގެނައުން. އަދި ޝައްކެއްވެސްނެތްގޮތުގައި، ކުދިންގެ މައިންބަފައިންގެ މިންނެތް ހިތްވަރާއި މަސައްކަތް އަޅުގަނޑުމެންގެ ހިތުތެރޭގައި އަބަދުމެ އެކަށައެޅުން.
 
އާދެ، ވަރަށް ކުރުކުރުކޮށް ދަންނަވާ ކަމަށްވަންޏާ، އެދުވަހަކީ މިދެންނެވި ގޮތަށް ފާހަގަކުރެވޭ ދުވަހަކަށްވާއިރުވެސް، އަޅުގަނޑުމެން މިކުރާ ކަމަކީ ސްޓޮކް ނަގަނީ. ކުރެވިފައި ހުރި ކަންތައްތަކުގެ ސްޓޮކް ނަގަނީ. ނުކުރެވި ދޫކޮށްލެވުނު ކަންކަމުގެ ސްޓޮކްވެސް ނަގަނީ. ކީއްވެގެންތޯ މޮޅުކުދިން މޮޅުވެފައި، މޮޅުނޫން ކުދިން އެހާ މޮޅުނުވީ. އެ ދިރާސާއަށް، ނޫނީ އެ ވިސްނުމަށް އަޅުގަނޑުމެން ޖާގަ ހުޅުވާލަނީ. ކޮންމެ އަހަރަކުވެސް ކުރާ ކަމަކީ މިއީ. ޒިންމާދާރުކަމާއެކީ މިކަން ކުރާކަމަށްވަންޏާ، މިކަން ކުރަންޖެހޭ ގޮތަކީވެސް އެއީ. މައިންބަފައިންވެސް، މުދައްރިސުންވެސް އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓުންވެސް މިކުރާ ކަމަކީ ސްޓޮކް ނަގަނީ. ރަނގަޅަށް ކުރެވުނީ ކީއްތޯ، ރަނގަޅަށް ކުރެވުނު ކަންތައްތަކުގެ އުފާ ޙާޞިލުކުރާ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރޭ. އެކަމަކު އޭގެ އަނެއް ފަރާތުގައި މިއޮތީ، ރަނގަޅު ނޫންކޮށް، ނޫނީ އެހާ އުންމީދުނެތި ކުރެވުނީ ކޮން ކަންތައްތަކެއްތޯ؟ އެހެން ނޫނީ ހަމަ ހުރިހާ ކުދިން އެއްވަނަ ހޯދަންވާނެ ދޮއެއްތޯ؟ ހުރިހާ ކުދިންނަކީވެސް މޮޅުކުދިން. ހުރިހާ ކުދިންނަކީވެސް ﷲ އަޅުގަނޑުމެންގެ ދިރިއުޅުން އުފާކުރަން ފޮނުއްވެވި ކުޑަކުދިން. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިކުރެވޭ ކަންކަމުގައި އަދި އަމުދުން މިދުވަސްކޮޅު އަޅުގަނޑު ހަމަ ޚިޔާލަށް އަންނަ ވާހަކައެއް މިދަންނަވަނީ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޙަޤީޤަތުގައި ޒިންމާދާރުކަމާއެކީ ވާހަކަ ދައްކައި، ހުރިހާ އެންމެން ކީއްތޯއޭވާނީ ގާތްކޮށްލިއްޔާ، ނޫނިއްޔާ އަޅައިކިޔައިލިއްޔާ، މިދެންނެވި ގޮތަށް ސްކޫލްގެ އަހަރީ ޖަލްސާއާ. އެއް އަހަރުން އަނެއް އަހަރަށް، އެއް ފަންކްޝަނުން އަނެއް ފަންކްޝަނަށް މިކުރެވޭ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވާހަކަ ދައްކަންވީ. އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ވާހަކަ ދައްކަންވީ، މާލެ އެކަނިތޯ މިހެން ތަރައްޤީވެގެން މިދަނީ؟ މާލެ އެކަނިތޯ މިގޮތަށް ތަރައްޤީވެގެން ދާންވާނީ؟
 
 ޝައްކެއްވެސްނެތްގޮތުގައި މާލެއަށް މިއަންނަނީ އުފާވެރި ހިތްގައިމު ބޮޑެތި ބަދަލުތަކެއް. އެންމެބޮޑު އާބާދީއެއް ދިރިއުޅޭ ތަނެއްގައި މިކަހަލަ ބަދަލުތައް އަންނަންވާނެ. އަދި އަޅުގަނޑުމެންގެ އާބާދީއަކީ ވަރަށް ޒުވާން ބޮޑު އާބާދީއަކަށްވާއިރު، މިބަދަލުތަކަކީ ލާޒިމް ބަދަލުތަކެއް. އަދި މާލެއާއެކީ ﷲގެ ރަޙްމަތާއެކީ ދާދި އަވަހަށް ގުޅިގެންދާނީ ހަމަ އެވަރުގެ ބޮޑު އާބާދީއަކާއި އަދި އެއަށްވުރެ ބޮޑަށް މީހުން ދިރިއުޅެވޭނެ ޖާގަ ތަނަވަސްވެފައި އޮތް ޝަހަރެއް. އަޅުގަނޑުމެން ވިސްނައި، އަޅުގަނޑުމެންގެ ޒުވާނުންނަށް ހަދިޔާކުރާ ޒުވާނުންގެ ޔޫތުސިޓީ. އެހެންވީމާ، މި ދެ އާބާދީ ގުޅިގެންދާއިރު، ގާތްގަނޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ ހަތްދިހަވަރަކަށް ޕަސެންޓް މީހުން މި ދެ ޝަހަރުގައި ދިރިއުޅޭނެ. އެހެންވީމާ، ނަގަންޖެހޭ ފިލާވަޅުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޓީޗަރު ބަދަލުވެގެންދާއިރު، ކުދިންނަށް މުދައްރިސް ބަދަލުވެގެންދާއިރު، އެއް މުދައްރިސް ގޮސްފައި އަނެއް މުދައްރިސް އަންނަނީ. އަޅުގަނޑުމެން ސިޔާސީ މައިދާނުގައި މިކުރާ މަސައްކަތަކީވެސް ރައްޔިތުންގެ ވޯޓު ފާހަގައިން ވެރިޔަކު ބަހައްޓާފައި، ވެރިޔަކު ބަދަލުކޮށްފައި، އެހެން ވެރިޔަކު މި ގެންނަނީ.
 
ކީއްވެގެންތޯ ސްޓޮކް ނަގަން ނުކެރިގެން މިއުޅެނީ؟ ޒިންމާދާރުކަމާއެކީ ހުރިހާ ތަންތަނުގައިވެސް އަޅުގަނޑުމެން ނަގަންވީ މިކަހަލަ ސްޓޮކެއް. މި ސްޓޮކް ނަގާފައި، ރަނގަޅު ނޫންކޮށް ކުރެވެނީ ކޮންކަމެއްތޯ ވިސްނާފައި، ރަނގަޅަށް އެކަން ކުރެވޭތޯ، ނޫނީ އެއަށްވުރެ ހެޔޮކަމެއް ކުރެވޭތޯ ބަލައިފި ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރަންތިބި، ދައުލަތް ހިންގާ ފަރާތްތަކުންވެސް އަދި ދައުލަތް ޖަވާބުދާރީކުރާ ފަރާތްތަކަށްވެސް އެ ކުރެވެނީ މުޅި ރައްޔިތުންނަށް ކުރެވޭ ޚިދުމަތެއް. ދިވެހި އިންސާނިއްޔަތަށް ކުރެވޭ ޚިދުމަތެއް. އެހެންވީމާ، އަޅުގަނޑުމެން އުފައްދަންޖެހޭ ސުވާލަކީ، މާލެ މިހާ އާބާދީ ބޮޑު ރަށަކަށްވެގެން ދިޔައިރު، މީގެކުރީގައި ކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި ފަނާކުރެވުނު ވާހަކައާއި، ބިނާކުރާ ވާހަކަ ދައްކާއިރު، ކީއްވެގެންތޯ އަޅުގަނޑުމެން ސްޓޮކް ނަގަން ޖެހިލުންވެގެން މިއުޅެނީ؟ އަޅުގަނޑުމެން މިކަން ކުރިއްޔާ މާ ރަނގަޅުވާނެކަންނޭނގެ، މިހާރު ޓީ.ވީތަކުން މި ފެންނަ ބައެއްކަހަލަ ވާހަކަތައް އަޑުއެހުމަށްވުރެ.
 
 ޝައްކެއްވެސްނެތްގޮތުގައި، އެވާހަކަތަކަކުންނެއް އަޅުގަނޑުމެންގެ ޅަކުދިންގެ ސިކުނޑިތަކަކަށް އެއްވެސްކަހަލަ އުފަލެއް ގެނެސްނުދޭ. ހަރު މީހުންގެ ވިސްނުމަކަށް އެއްވެސްކަހަލަ ޝިފާއެއް ގެނެސްދޭ ކަމެއް، އެވާހަކަތަކުގެ ތެރެއަކު ނުހިމެނޭ. އެކަމަކު ހިތްބަލި މީހުންނަށް، ހިތްނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން ނެތް، މަޞްލަޙަތު ނެތް، ނޫނީ މަޞްލަޙަތު ނެތް މިޞްރާބަކަށް ދަތުރުކުރާ ޤައުމެއްގެ މަންޒަރުތައް ސިފަކޮށްދޭ ކިތަންމެވަރަކަށްވެސް ކޮންމެރެޔަކު ޓީ.ވީ ޗެނަލްތަކުން. އަދި ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މިހެން ބައްދަލުކުރާ ކުރުމުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިކަން ފެނިގެންދޭ. ރައްޔިތުންނަށް ޚިދުމަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެން ސްޓޮކް ނަގަން. އެއް އަހަރާއި އަނެއް އަހަރާ ދޭތެރޭގައި ހުރި ތަފާތު. އެއް ނިޒާމާއި އަނެއް ނިޒާމާ، ވެރިކަމުގެ ގޮތުން ހުރި ތަފާތު. މި ސްޓޮކް ނަގަންވީ އަޅުގަނޑުމެން. ކޮންމެ ސަރުކާރެއް އޮތަސް، ކޮންމެ ވައްތަރެއްގެ ވެރިކަމުގެ ނިޒާމެއް އޮތަސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޒަރޫރީ ނިންމުންތައް، ނޫނީ ޒަރޫރީ ބޭނުންތަކަކަށް ބަދަލުތަކެއް ނާންނާނެ. ދުޅަހެޔޮ މުޖުތަމަޢަކީ ކޮންމެ ވައްތަރެއްގެ ވެރިކަމެއް އޮތަސް، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، އެންމެކުޑަމިނުން ރައްޔިތުން ޑިޒަރވްވާ ކަމަކީ އެއީ.
 
ޤާނޫނުތައް ތަންފީޛުވުމާއި، ޤާނޫނަށް ބޯލަނބާ ރައްޔިތެއް އޮތުމާއި، ޤާނޫނަށް ކިޔަމަންތެރިކުރުވާ ސަރުކާރެއް އޮތުމާއި، އަމަން ބަލަހައްޓާ ބަޔަކު ފުލުހުންގެ ގޮތުގައި ތިބުމާއި، ރައްޔިތުންނަށް ހަމަޖެހުމާއި ހިތްހަމަޖެހުން ކަށަވަރުކޮށްދޭ ސަރުކާރެއް އޮތުމަކީ، ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ސޯޝަލް ބޮންޑްގެ އަސާސް. މިއީކީ މިއަދުގެ އުފެއްދުމެއް ނޫން. މިއީ 15 ވަނަ ޤަރުނުގެ ފަލްސަފާ ޢިލްމުވެރިންގެ އުފެއްދުން. ރައްޔިތުންވެސް، ރައްޔިތުން އިންތިޚާބުކުރާ ބަޔަކާ މި ޙަވާލުކުރަނީ އަމާނާތެއް، އެ ކޮންޓްރެކްޓަކާ އެއްގޮތަށް އެކަން ކުރަން. އެހެންވީމާ، އަޅުގަނޑުމެން ކަންކަން ކުރަން ތިބޭ މީހުން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވިސްނައިދޭ ކަމަށްވަންޏާ، އަޅުގަނޑުމެން ސްޓޮކް ނަގަންވީ. ކޮންކަމެއްތޯ އޭރު ނުކުރެވިހުރީ. ކޮންކަމެއްތޯ އޭރު ކުރެވުނު ކަމަކަށްވުރެ ރަނގަޅަށް ރައްޔިތުންގެ ފައިދާއަށް ނޫނީ ރައްޔިތުންގެ ހިތްހަމަޖެހުމަށް، ރައްޔިތުންގެ އުފަލަށް މިހާރު ކޮށްދެވެނީ. މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު ހަމަގައިމު މަދެއްނޫން ވަނީ. މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މިދަނީ އިތުރުވަމުން. މާލޭގައި ނޭވާލާ ޖާގަ އިތުރުކުރަންޖެހޭތޯ؟ މާލޭގައި އޮތީ ދުޅަހެޔޮ މުޖުތަމަޢެއް އުޅެވޭކަހަލަ ޖާގައެއްތޯ؟ މިއީ ވިސްނަންޖެހޭ ކަންތައް. މާލޭގައި މީހުން ވަޅުލާ ސަހަރާތައް ފުރި ބާރުވީމަ، ދެން ކޮންތާކުތޯ މީހުން ވަޅުލާނީ؟ ކާކުތޯ މި ސުވާލުކުރީ މީގެކުރިން؟ އަޅުގަނޑު ހަމަގައިމު ނުދެކެން، މީގެކުރީގައި މި އަންނަ ޓީ.ވީ ބަޙުޘްތަކުގެ ތެރޭގައި، މިކަހަލަ އިޖުތިމާޢީ ނޫނީ މުޅި ރައްޔިތަކަށް ނުރައްކާވާ، ނޫނީ ރައްޔިތަކަށް ވިސްނަންޖެހޭ ކަންކަމަކާ ދޭތެރޭގައި ބަޙުޘްކުރެވި، އީޖާބީ ގޮތަކަށް، ޕްރޮޑަކްޓިވްކޮށް މިކަންކަމާ ދޭތެރޭގައި މައްސަލަ ބެލިފައި ހުރި ކަމަކަށް، ފައިޞަލާ ކުރެވިފައި ހުރި ތަނެއް. އެކަމަކު މިއީ ކުރަންޖެހޭ ކަންތައް ދޮއެއްތޯ؟ ޒުވާނުންނަށް ގެދޮރުވެރިކުރުވުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް ދޮއެއްތޯ؟
 
ޒުވާނުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް. ސަރުކާރުން ހުރިހާ މަސައްކަތެއް ޒުވާނުންނާ ހަމައަށް ގެންނާނެ. ދޮރުގައި ޓަކިޖަހާނެ. ވަޒީފާއަށް އަންނަން ބުނާނެ. ޒުވާނުންގެ ކެރުމާއި ހިތްވަރު ހުރެއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ޑޮމިނޭޓް ކުރާނީ ދިވެހި ޒުވާނުން. އަޅުގަނޑުމެންގެ އާބާދީ އަދިވެސް މިވަނީ ޅަ. އެކަމަކު ރާއްޖޭގެ ޑިމޮކްރަސީއަށް ބަލާކަމަށްވަންޏާ، މީގެ ދިހަވަރަކަށް ފަނަރަވަރަކަށް އަހަރު ފަހުން ދެން އަޅުގަނޑުމެންނަށް ފެނިގެންދާނީ، ފުދުންތެރި މުޖުތަމަޢެއްގައި ދެން ފެންނަ އެހެން ސިފަތައް އިރާދަކުރެއްވިއްޔާ. އެ ސިފަތަކުގެ ތެރޭގައި ބޮޑެތި ޢާއިލާތަކެއް ނުހުންނާނެ. ކުދިކުދި ޢާއިލާ ހުރެގެން ދާނީ. އަދި އޭރުގެ ޒުވާން ޕޮޕިއުލޭޝަން އޭޖްވާން ފަށާނެ. އޭރުން ދައުލަތް ހިންގަން ތިބި ބަޔަކު ވިސްނަންޖެހޭނީ ހަރު މީހުންނަށާއި މުސްކުޅިންނަށް، ނޫނިއްޔާ ސީނިއަރ ސިޓިޒަނުންނަށް. ދޮށީ ޢުމުރުގެ ޚިދުމަތްތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، އެކިއެކި ރައްކާތެރިކަމުގެ ނިޒާމްތައް ފޯރުކޮށްދޭން. މިއީ ދޮއެއްތޯ މިއަދު ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ދޭތެރޭގައި، ޤައުމީ މައްސަލަތަކާ ދޭތެރޭގައި ޑިބޭޓް ކުރަންޏާ، މިކަހަލަ މައްސަލަ ދޮއެއްތޯ ޑިބޭޓް ކުރަންވީ.
 
ކޮރަޕްޝަނަކީ އެންމެންވެސް އޭގައި ޙައްލު ހޯދަން ބޭނުންވާ މައްސަލަ. އަޅުގަނޑު މީގެކުރިންވެސް ގޮވާލައިފިން. އަޅުގަނޑާއެކީ ކެރިގެން އިދިކޮޅު ހުރިހާ ފަރާތްތަކުން ހިންގަވާށޭ، ކޮރަޕްޝަނާ  ފައިޓް ކުރަމާ. އޭގެތެރޭގައި ހުރިހާ މުއައްސަސާވެސް ހިމެނޭގޮތަށް. ފައިސާ ހިފަނީ. ނޫނީ ނާޖާއިޒްކޮށް ލިބޭ ފައިސާ ހިފަނީ އިންސާނުން. އިންސާނުންގެ ގިންތިއަކީ ވަކި އޮކިއުޕޭޝަނަކަށް ޚާއްޞަވާ ބައެއް ނޫން. އިންސާނުން ހުރިހާ ތަނެއްގައި މި ތިބެނީ. އިންސާނުންގެ ފަރާތުން ބިނާކުރަނިވި ކަންތައްތައްވެސް ވެގެންދަނީ. އިންސާނުންގެ ފަރާތުން ނުރައްކާތެރި ކަންތައްވެސް ވެގެންދަނީ. އިންސާނުންގެ ފަރާތުން ތަންތަން ގޮއްވަންވެސް ނިންމަނީ. އިންސާނުންގެ ފަރާތުން ވެރިކަން ކުރާ މީހުންގެ ލޯންޗް ގޮއްވަންވެސް ނިންމަނީ. މި ހުރިހާ ކަމެއް ވެގެންދާއިރު، މިކަންކަމަށް ފައިޓް ކުރެވޭނީ، މިކަންކަމާ ކުރިމަތިލާނެ އިޚްލާޞްތެރި ހިތަކާއެކީ މިކަންކަން ކުރަން ކެރެންޏާ.
 
އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެއަށް ޞުލްޙަ. އަޅުގަނޑު ބޭނުންވަނީ އަމާންކަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ކުރިއެރުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރުން މި ކުރާ ބިނާކުރަނިވި މިކަހަލަ ބޮޑެތި މަސައްކަތްތަކުގައި، ސިޔާސީ ވާދަވެރިންގެ ޚިޔާލު ތަފާތުވިނަމަވެސް، އެކަން ހިންގަވާށޭ 2018 އަށް ދޫކޮށްލަމާ. އެކަމަކު ޤައުމު ބިނާކުރާށާއި، ރައްޔިތުންނަށް ބޭނުންވާ ފައިދާހުރި މިކަހަލަ ކަންތައްތައް ކުރާއިރު، މިކަންކަމުގައި ކީއްވެގެންތޯއޭ އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލެވެންވީ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. މިކަހަލަ ކަންތައްތައް ކުރަންވީ. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކުރަންވީ. ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް ހިތްހަމަޖެހުމާއެކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާލޭގެ މި ސަރަޙައްދު މިދަނީ މުޅިން އާ ސަރަޙައްދަކަށް ބަދަލުވެގެން، ލޭންޑްސްކޭޕް ވެގެން މިދަނީ.
 
މީގެ ދާދި ކުޑަދުވަސްކޮޅެއް ކުރިން މިތާ ކައިރީގައިވެސް ކުޑަކުދިންނަށް އަޅުގަނޑުމެން ޕާކެއް ހުޅުވައިދިނިން. އަދި އިހަކަށްދުވަހަކު މިތާ ރަސްފަންނު ބީޗްވެސް އަޅުގަނޑުމެން މި ހުޅުވައި ދިނީ. ސުނާމީ ބިނާގެ މައިޒާން މިރޭ މި ހުޅުވެނީ، ހިތްފަސޭހަ ތަންތަން. މާފަންނަކީ ޝައްކެއްވެސްނެތްގޮތުގައި މާލޭގެ ބޮޑު އާބާދީ އޮތް އަވަށްވެސްމެ. އަދި ބިންވެސް ބޭނުންނުކުރެވި، ހެޔޮގޮތުގައި ބޭނުންނުކުރެވި އޮތް، ބޮޑު ބިން އޮތް ސަރަޙައްދެއް މާފަންނަކީ. މިކުރެވޭ ކަންތައްތަކުގެ މަސައްކަތަށް ވެގެން މިދަނީ، އަޅުގަނޑުގެ މެނިފެސްޓޯގައި ރައްޔިތުންނަށް ހުށަހެޅިގޮތަށް، ރައްޔިތުންނަކީ ހަމައެކަނި ހޮސްޕިޓަލްގެ ފަރުވާކުރާ މޭޒުތަކުން ފަރުވާ ލިބޭ ބައެއްގެ ބަދަލުގައި، އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލާއި، އެމީހުންގެ ހެބިޓްތަކަށް ގެންނަ ބަދަލާއި އަދި އެމީހުން ނޭވާލާ ވެށިން އެމީހުންނަށް ލިބޭ ހިތްހަމަޖެހުމުން، މިދެންނެވި ކަހަލަ އެތަކެއް ބައްޔަށް ޑޮކްޓަރާ ހަމައަށް ނުގޮސް ސަލާމަތްވެވޭނެ ގޮތްތަކެއް ހަމަޖެއްސުން.
 
މިތަން ބިނާވެގެންދާއިރު، އަޅުގަނޑުމެން ބޭނުންވަނީ ހަމަ މި ސަރަޙައްދުގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ބިނާވެގެންދިޔުން. އެހެންވީމާ،  25 ބުރީގެ ޢިމާރާތެއް، ހޮސްޕިޓަލް ޢިމާރާތެއް މިހިސާބުގައި ނިމިގެންދާއިރު، މުޅި މިހިސާބު މިދަނީ ރީހެބިލިޓޭޝަން ސަރަޙައްދަކަށް ބަދަލުވެގެން. މިކަހަލަ ވިސްނުންތަކެއް ހުރީމަ، މިތަނުގައި ޕާކްވެސް މިހެދީ. އަދި މިކަހަލަ ވިސްނުންތަކެއް ހުރީމަ، ޒުވާނުންނަށާއި، ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް ބޭނުންވާ ރަސްފަންނު މައިޒާންވެސް، ނޫނީ ބީޗްވެސް އަޅުގަނޑުމެން މި ހެދީ. މުޅި ހިސާބު ބަދަލުވެގެންދާނީ، ރީހެބިލިޓޭޓިވް މަސައްކަތް ކުރެވޭ، ހޮސްޕިޓަލްގެ ތެރެއިން ހޮސްޕިޓަލުން ބޭރަށް ނުކުމެ މަސައްކަތް ކުރެވޭ ތަންތަނަށް. އަޅުގަނޑުމެން ދަން ދޮއެއްތޯ، ސިންގަޕޫރުގައި ހުންނަ ނަން މަޝްހޫރު ހޮސްޕިޓަލްތަކަށް. ރީހެބިލިޓޭޝަން މަސައްކަތް ކުރަނީ ހަމައެކަނި ފިޒިއޮތެރަޕީ ރޫމަކު ނޫން. ދެން އަޅުގަނޑުމެންނަށް ފެންނަނީ ކޮންމެވެސްކަހަލަ އެއަރ ކޮރިޑޯއެއްގެ ތެރެއިން އުޑުފެންނަ ތަންކޮޅެއްގައި ރީހެބިލިޓޭޓް ކުރަން މީހުން އަތުރާފައި ތިބޭތަން. މިއީ ކަން އޮތްގޮތް. އަޅުގަނޑުމެންނަށް ޤުދްރަތީ މި ނިޢުމަތް އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާފައި އޮތީމަ، އަޅުގަނޑުމެން ރީހެބިލިޓޭޝަން މިދަނީ ޙަޤީޤަތުގައި ޤުދުރަތީ ގޮތުން އަޅުގަނޑުމެންނަށް ފަސޭހަގޮތަކަށް އެކަން ކުރަން. އަދި އެހެން އެއްވެސް ޤައުމެއްގައި އެކަން ނުވާ މިންވަރަށް،  އެ ލެވިޝްނަސްއާއި، އެ ޖެނެރަސްނަސް އާއެކީ އެކަން ކުރެވޭނެގޮތަކަށް އަޅުގަނޑުމެން މި ބަދަލުކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެކެން ބޭނުންވާ ހޮސްޕިޓަލް، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ނިމިގެންދާއިރު، އެ ހޮސްޕިޓަލަކީ މިދެންނެވި ކަހަލަ އެތަކެއް ފަރުވާއާއި، އަދި މި ސަރަޙައްދުގައި ހުޅުމާލެ، މާލެ، މި ސަރަޙައްދުގައި ދިރިއުޅޭ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ހަތްދިހަވަރަކަށް ޕަސެންޓް މީހުންނަށް ހަމަ ވަރަށްގިނަ ތަފާތު ޚިދުމަތްތައް ލިބޭ ހޮސްޕިޓަލަކަށް ވެގެންދާނެ.
 
އަޅުގަނޑުމެން މި ބަލަނީ ހުރިހާ ކަމެއް ދިވެހި ދައުލަތަކަށް އެންމެ ރަނގަޅަކަށް، ދައުލަތުން އަމިއްލައަށް ކުރަންޏާ ނުކުރެވޭނެ. އެކި ޑިޕާޓްމަންޓްތައް އަޅުގަނޑުމެން ހަމަ މި ދޫކުރަނީ އައުޓްސޯސްކޮށްގެން، ބޭރުގެ އެކި ނަން މަޝްހޫރު ކުންފުނިތަކަށް އެ ޑިޕާޓްމަންޓްތައް ހިންގަން. މިހާރުވެސް އަޅުގަނޑުމެންނަށް ރީހެބިލިޓޭޓް ތެރަޕީއަށް ނޫނީ ފިޒިއޮތެރަޕީގެ މަސައްކަތްތަކަށް ހަމަ ޔޫރަޕްގެ ވަރަށް ފުންނާބު އުސް ބައެއްގެ ހުށަހެޅުން އެބައޮތް. ކީއްވެގެންތޯ އަޅުގަނޑުމެންގެ ރައްޔިތުން ދުވާނެ ޓްރެކެއްނެތީމަ،  މި ކޮންކްރީޓްގައި ދުވެގެން، ޒުވާން ދިވެހި ކުދިން، ޒުވާން ފުލުހުން، ޒުވާން ސިފައިން، އެންމެ ބޮޑަށް މި ލިބެނީ މައިބަދައިގެ ނުރައްކާތައް. އެންމެ ބޮޑަށް މި ލިބެނީ މައިބަދައިގެ ގެއްލުންތައް. އިހަށްދުވަހު ދޮއެއްތޯ އަޅުގަނޑުމެންނަށް ރާއްޖޭގެ ހޮސްޕިޓަލެއްގައި އެމް.އާރު.އައި މެޝިން އިންސްޓޯލް މި ކުރެވުނީ. އަޅުގަނޑުމެން މި ފަރުވާ ހޯދަން ކީއްވެގެންތޯ އަޅުގަނޑުމެން އަވަށްޓެރި ރަށްރަށަށް ދާންވީ؟ އަޅުގަނޑުމެންގެ ތެރޭގައި މޮޅު ސާޖަނުން އެބަތިބި. މޮޅު ޑޮކްޓަރުން އެބަތިބި. ދެނެގަނެވޭނެ ކަހަލަ ޑައިގްނޯސްޓިކް ވަސީލަތްތައް އެބަހުރޭ. ދައުލަތަކީ އާމްދަނީ ނުލިބޭ ދައުލަތެއް ނޫން. އެހެންވީމާ، މިކަން ދިވެހިރާއްޖޭގައި ކުރެވެންވާނެ ދޮއެއްތޯ؟ އަޅުގަނޑަކަށް ނުވިސްނޭ، އަޅުގަނޑުމެންނަށް ޔޫރަޕުން ލިބޭ ފަރުވާ ރާއްޖޭގައި ނުލިބެންވީ އެއްވެސް ސަބަބެއް. އަޅުގަނޑަކަށް ނުލިބޭ، އަޅުގަނޑުމެންނާ ހަމައިގައި އެ ފަރުވާ ހަމަ އެނގޭގޮތަކަށް ދީދީ ތިބެންވާނެކަމަކަށް. އަޅުގަނޑުމެންނަށް ކަމެއް ކުރަން ނޭނގެންޏާ، އެކަން ކުރަން އެންމެ މޮޅަށް ދަންނަ ބައެއްގެ ކައިރީގައި އަހައިގެން، އެކަން ކުރެވޭތޯ ބަލާނީ، ނޫނީ އެބަޔަކާ އެކަން ޙަވާލުކުރާނީ.
 
އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑު ދިރާސާ ކުރަމުން މިދަނީ އެ ޕްރޮޕޯޒަލް. އަޅުގަނޑު ބޭނުންވަނީ، މާލޭގައި އައި.ޖީ.އެމް.އެޗް.ގައި މިހިރަ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ނޫނިއްޔާ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓް، ހަމަ މިދެންނެވި ދުނިޔޭގެ ނަން މަޝްހޫރު، ނޫނީ ދުނިޔޭގެ އެއްވަނަ، ދެވަނަ، ތިންވަނައިގެ ފާހަގަކުރެވޭވަރުގެ ބަޔަކާ ޙަވާލުކުރަން. އަޅުގަނޑުމެންގެ ރައްޔިތުންވެސް ބަލިވީމަ، މިކަހަލަ ކަންކަންވީމަ، ހަމަ އެންމެމޮޅު ފަރުވާ ބޭނުންވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ތަނަވަސްކަން ލިބުނު މިންވަރަކުން އަދި އަޅުގަނޑުގެ ޒަޢާމަތުގައި ދައުލަތް ތަނަވަސްވެގެންދިޔަ މިންވަރުން ރައްޔިތުން އެދޭ އެންމެމޮޅު ފަރުވާ ހަމަ ދޭނީ މި ސަރުކާރުން. އެކަން އަޅުގަނޑު ކުރާނަން.
 
އާދެ، ހަމަ އުފަލާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ހަމަޖެހުން އަންނަންޖެހެނީ އެތައް ބައިވަރު ކަންތައްތަކަކުން. އަޅުގަނޑުމެންނަށް ހަމަޖެހުން އަންނަ ކަންތައްތަކުގެ ތެރޭގައި، އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި މިހިރީ ގެދޮރުވެރިކަން. ޝައްކެއްވެސްނެތް، ސިޔާސީ ހަމަޖެހުމަކީ މުހިންމު ކަމެއް. އެ ވާހަކަ އެއްގޮތަކަށްވެސް ޑައުންޕްލޭ ކޮށްފައި، އެއްފަރާތަށް ޖައްސާލާފައި ދަނީކީ ނޫން. އަދި އެވާހަކަ އަޅުގަނޑު ދަންނަވާނަން. އެކަމަކު މާލޭގައި ގެދޮރުވެރިކަން ކުރަން، އަދި އުސް ޢިމާރާތްތަކުގެ މީހުން ނޭވާލުމާއި، އުސް ޢިމާރާތްތަކުން ނޭވާލުމާއި، ޖައްވުގެ ސާފުކަން ގެންނަން މިކަހަލަ ބިނާތައް ހެދުމުގެ ބޭނުމަކީ މިދެންނެވި ގޮތަށް، ހަމަ މިދެންނެވި ގޮތަށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތް. އަޅުގަނޑަށް ގަބޫލުކުރެވެނީ މީގެ ނަތީޖާވެސް ރަނގަޅު ކަމަށް. ހަމަގައިމުވެސް ރަސްފަންނު ބީޗް ބަލައިލީމަ، އެ ބީޗް އެންޖޯއި ކުރާ ގިނަ މީހުންތަކެއް އަބަދުވެސް އުޅޭ. ވަކި ގަޑިއެއް ނޫން، ހުރިހާ ގަޑިއެއްގައިވެސް. މާލޭގެ އެކި ތަންތަން މިގޮތަށް ބިނާވަމުން މިދަނީ، ނޫނީ އާރާސްތުވަމުން މިދަނީ މިދެންނެވި ކަހަލަ ބޭނުންތަކެއް ޙާޞިލުކުރުމަށްޓަކައި.
 
އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ނަފްސާނީ ބަލިމަޑުކަން ދިވެހިރާއްޖެއިން ކުޑަވިނަމަވެސް، އަޅުގަނޑަށް ހީވަނީ ބޮޑުކަމެއް ޙާޞިލުކުރެވުނީކަންނޭނގެ. އެހެންވީމާ، މިކަހަލަ ކަންތައްތަކެއް ކުރުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް ޒުވާނުން އަދި އެކި ގިންތި ފުރައިގެ މީހުންނަށް، ގޭގެ ސިޓިންގރޫމުން ބޭރުން ހޭދަކޮށްލާނެ ހިތްފަސޭހަ ވަގުތުކޮޅެއް ލިބޭނެ ތަނެއް ފެނިގެންދިޔުން. އަދި އެކި ޢުމުރުފުރައިގެ އެހެން މީހުންނާ ބައްދަލުކުރާނީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ނާދީ ކަހަލަ ތަނަކުން ނޫން ކަމުގައި ރާއްޖޭގެ ކަންކަން ހަމަޖެއްސުން. އެހެންވީމާ، މިކަހަލަ މަސައްކަތްތަކެއް މި ކުރެވެނީ މިދެންނެވި ބޭނުމުގައި. މާލެ، މި އޭރިއާ ބަދަލުވެގެން މިދަނީ މިކަހަލަ ބޭނުންތަކަކަށް ފުދޭގޮތަށް. އެންމެބޮޑު އާބާދީ މިވަގުތުވެސް ދިރިއުޅެނީ މާލޭގައި. އަދި ހުޅުމާލެއާއެކީ އެންމެބޮޑު އާބާދީ ދިރިއުޅެނީ މި ސަރަޙައްދުގައި ކަމަށްވާތީ. އެއްގޮތަކަށްވެސް އަޅުގަނޑެއް ބޭނުމެއްނުވޭ، އަޅުގަނޑު މި ދައްކާ ވާހަކައިގައި ތަފާތު ގެންނާކަށް، މާލެއާއި މާލެ ނޫން ރަށްރަށުގެ މީހުންނެއް. އަޅުގަނޑަށް ދިވެހި ރައްޔިތުންނަކީ ދިވެހި ރައްޔިތުން. ދިވެހި ކޮންމެ ރައްޔިތަކީ އެއްވަރުގެ ޙައްޤުތަކެއް، ޖިނާއީ ޢަދުލުގެ ކުރިމަތީގައި އެއްވަރަކަށް ޙައްޤުތަކެއް ލިބޭ، ޙައްޤު ޙިމާޔަތް ކުރުމަށް ފުރްޞަތު ލިބޭ ބައެއް. އެހެންވީމާ، އަޅުގަނޑުމެން މި ތަފާތު ގެންގުޅޭކަށް ނުޖެހޭނެ. އަޅުގަނޑުމެން ބޭނުންވަނީ މިތަނަކީ ހަމަ ހުރިހާ އެންމެންނަށްވެސް މިދެންނެވި ކަހަލަ އުފާ ލިބޭ ތަނަކަށްވެގެންދިޔުން.
 
މި އުފާވެރިކަން އަޅުގަނޑުމެން ޚިޔާލުކުރާއިރުވެސް ނޫނީ އިޚްތިޔާރުކުރާއިރުވެސް، ނޫނީ އަޅުގަނޑުމެންނަށް ލިބިގެންދާއިރުވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ މިކަހަލަ ހުރިހާ މަސައްކަތެއް ހަމްބްލްވެގެން ދަނީ، ނޫނީ އަޅުގަނޑުމެންނަކީ ކިހާ ޟަޢީފް ބައެއްކަން އަޅުގަނޑުމެންގެ ހިތަށް މި އަންނަނީވެސް، ހިތަށް މި ގެންނަންޖެހެނީވެސް މި ސުނާމީ ބިނާކަހަލަ ބިނާ ފެނުނީމަ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ، ދެން އެ ދުވަސް ﷲ އަޅުގަނޑުމެންނަށް އިޢާދަ ނުކުރެއްވުމަށް އަޅުގަނޑުމެން އެންމެންވެސް އަތް އުފުލައި ދުޢާކުރާނެ ދުވަހެއް. އެހެންވީމާ، އަޅުގަނޑުމެންގެ ނިކަމެތިކަމާއި، އަޅުގަނޑުމެންގެ ގޮތް ހުސްވެފައި ހުރި މިންވަރު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަޅުގަނޑުމެން ހަމްބްލް ކުރަނީ، އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައްވެސް، ސަރުކާރުން ދައްކާ ވާހަކަތައްވެސް، ބްރިޖްމަތީގައި ދަތުރުކުރާ މީހާވެސް، ފަސްޓް ކްލާހުން ދަތުރުކުރާ މީހާވެސް ހިތަށް ގެންނަން އަންނަންޖެހޭނީ މިދެންނެވި ހިއުމިލިޓީއާއެކީ އަޅުގަނޑުމެންނަކީ ކިހާ ނިކަމެތި ބައެއްކަން. މި ވިސްނުން އަޅުގަނޑުމެންގެ ދީނީ ޢިލްމުވެރިން، އެ ވަކާލާތު ކުރައްވާ ގޮތަށް، އެބޭފުޅުންނަށްވެސް ގަބޫލުފުޅު ކުރެއްވިގެން، އަދި ސިޔާސީގޮތުން ވަރުގަދަ ވާހަކަ ދައްކާ މީހުންނަށް، އެކަން ގަބޫލުކުރެވިގެން. އިދިކޮޅުގައި ތިބޭ މީހުންނަށްވެސް އެކަން ގަބޫލުކުރެވިގެން. އަޅުގަނޑުމެންނަށް ކީއްވެގެންތޯ، ޞުލްޙަށް ލޯބިކޮށް، މަޝްވަރާގެ މޭޒަށް ދަޢުވަތު ދިނީމަ، މަޝްވަރާގެ މޭޒަށް އަންނަން ދަތިވެގެން މިއުޅެނީ؟
 
އަޅުގަނޑު މިރޭވެސް އިލްތިމާސްކޮށް ދަންނަވަން ބޭނުންވަނީ، މިކަހަލަ އުފާވެރި ވާޖިބުތައް އަދާކުރަމުންދާއިރު، އަދި މިކަހަލަ އުފާވެރި ޙަފްލާތަކުގައި، މި އުފާ ލިބިގަންނަމުންދާއިރު، އަޅުގަނޑުމެންގެ ސައިކީ، ނޫނީ ދިވެހިރާއްޖޭގެ ސައިކީއަށް މި އަންނަންޖެހޭ ހީލިންގ އެބަ އަންނަންޖެހެޔޭ. ހަމަގައިމުވެސް ރައީސް ޔާމީންގެ ދެވަނަ އަހަރުގެ ޒަޢާމަތާއި، ތިންވަނަ އަހަރުގެ ޒަޢާމަތް މިއައީކީ އެއްވަނަ އަހަރުގެ ޒަޢާމަތް ނައިހެއް ނޫން. އެއްވަނަ އަހަރުގެ ޒަޢާމަތް ދިޔައިރު، ވަރަށް އޮމާންކަމާއެކީ ދިޔަ ޒަޢާމަތެއް އެއީ. އަޅުގަނޑު އުފާކުރިން، އަޅުގަނޑު ގަބޫލުކުރިން، އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީއާއި، ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލަށް އަޅުގަނޑަށް ތާއީދު ކުރެއްވި ކަމަށް. މަގުތައް އެހާ އަމާންވެ، މުޒާހަރާތަކުން ރައްޔިތުންގެ ވިސްނުން ދުރަށްގޮސް، ވަރަށް އަމާންކަމާއެކީ އެއް އަހަރު ކަޑައްތު ކުރެވުނީ، ހޭދަކުރެވުނީ އެހެންވެގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ. އެކަމަކު ސަހަރޯ، އެހެނެއް ނޫން ދޮއެއްތޯ އެކަންވީކީއެއް. އެކަން އަދި ވީކީ އެހެނެއް ނޫން. ދެން އަޅުގަނޑުމެންނަށް ފެނުނީ އޭގެ އުނދަގޫ މަރްޙަލާތައް.
 
މިއަދުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެން އެންމެންނަށް ކީއްވެގެންތޯއޭ، މުޅި ރައްޔިތުންގެ ޙައްޤުގައި މޭޒު ކައިރިއަށް އަންނަން ނުކެރިގެން މިއުޅެނީ؟ އަދި މުޅި ރައްޔިތުންގެ ޙައްޤުގައި ވަޑައިގެން ވިދާޅުވޭ، ވަކިކަހަލަ ކުށްތަކެއް ކުރާ، ވަކި ފަންތިއެއްގެ، ވަކި ގިންތިއެއްގެ ބަޔަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން އިސްތިސްނާ ދޭންވާނެއޭ. އެކަން އެގޮތަށް ނިންމަވާފައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ހިންގަވާ، އެ ތަކުލީފާއެކީވެސް އެ ބުރަ އުފުލޭތޯ ބަލަމާ ހިންގަވާ. އެކަމަކު އެކަންވެސް ވާނީ ވާހަކަ ދައްކައިގެން، އެ ބައެއްގެ ޚިޔާލުގައި ހުރި ކަމެއް އަޅުގަނޑުމެންނާ ހަމައަށް އެނގިގެން ދޮއެއްތޯ. އަޅުގަނޑުމެންނަށް އެނގޭ މިންވަރުން އަޅުގަނޑުމެން ދައުލަތް ހިންގޭތޯ މި ބަލަނީ ހުރިހާ ޙައްޤުތަކަށް އިޙްތިރާމްކޮށްގެން. ހުރިހާ އެންމެންނަށް އިޙްތިރާމްކޮށްގެން، ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ގެނެސްދެވޭތޯ. ވެށްޓެއް ގެނެސްދެވޭތޯ.
 
ޤާނޫނުގެ ވަރަށްބޮޑު އަސާސެއް، ޤާނޫނާ ޚިލާފު ކަންތައްތައް ކުރީމަ ވާނެގޮތް. އެހެންވީމާ، އެކަމުން އަޅުގަނޑުމެން ދުރުހެލިވިއްޔާ ކީއްތޯވާނީ؟ ހަމަގައިމު ޤާނޫނާ ޚިލާފުވެގެނެއް އެއްވެސް މީހެއްގެ ޢާއިލާ ތަނަވަސްކުރާކަށް މާއްދީ ފައިދާތަކެއް ނުލިބޭނެ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރަން ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެއްގަލަށް އަރައިގެން މިކަހަލަ ކަންތައްތަކުގައި ނޫޅެވެންވީ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. އެހެންވީމާ، މިރޭވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވޭ އެމް.ޑީ.ޕީ. އަށް، އަޅުގަނޑުމެންނާއެކީ މޭޒު ކައިރިއަށް ވަޑައިގަންނަވާށޭ. ޢަދާލަތަށް، އަޅުގަނޑުމެންނާއެކީ މޭޒު ކައިރިއަށް ވަޑައިގަންނަވާށޭ. އެ ބޭބޭފުޅުންގެ ލީޑަރުން މިހާރު ތަޙައްމަލް ކުރަންޖެހޭ ޙާލަތާ ދޭތެރޭގައިވެސް ވާހަކަ ދެއްކޭނީ، ވާހަކަ ދެއްކޭގޮތަކަށް އަޅުގަނޑުމެންނަށް އެ ފުރްޞަތު ލިބިގެން ދޮއެއްތޯ؟ ޤާނޫނަށް ބަދަލުތަކެއް ގެންނަން އިންތިޒާރު ކުރައްވާ ކަމަށްވަންޏާ، އެދިވަޑައިގަންނަވާ ކަމަށްވަންޏާ، އެ ވާހަކަވެސް ބުނަންކެރެންޖެހޭތޯ ދޮއެއްތޯ. އެ ވާހަކަވެސް ހުށަހަޅަންޖެހޭ ދޮއެއްތޯ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިހުރިހާ ކަމެއް ކުރާއިރުވެސް އަބަދުވެސް އަޅުގަނޑުމެންނަށް އޮންނަ ތްރެޓަކީ، އަޅުގަނޑުމެންނަށް އޮންނަ ބިރުވެރިކަމަކީ، އަބަދުވެސް އަޅުގަނޑުމެން މިއުޅެނީ ކޮންމެވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭގައި ކޮންމެވެސްކަހަލަ ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރު.
 
މި ބިރުވެރިކަމުގެ ތެރޭގައި ކީއްކުރަންތޯ ދިވެހިން ތިބެންވީ؟ އަޅުގަނޑުމެން އަމިއްލައަށް ކީއްކުރަންތޯ، މިކަހަލަ މުޞީބާތެއް ހޯދަން މިއުޅެނީ؟ އަޅުގަނޑަށް ރަނގަޅު، މިރޭ މިތަންވެސް ޒުވާން ކުދިންގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މިތަން ބޮއިކޮޓް ކުރަން ގޮވައިނުލައިފިއްޔާ. މުޅި ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމަށް އެންމެބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން. ޓޫރިޒަމްވެސް ބޮއިކޮޓް ކުރަނީ ދޮއެއްތޯ. އެހެންވީމާ، މިކަހަލަ އެންމެންނަށް އުފާ ލިބޭ ތަންތަންވެސް ބޮއިކޮޓް ކުރުމަކީ ފަހަރުގައި ފަލްސަފާގެ ގޮތުން ހަމަ ނުވެދާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެކަމަކު މިއީ އެންމެންގެ އުފަލަށް، އެންމެންގެ އުފަލަށް ހޯދައިދޭ ޕަބްލިކް ގުޑް. އެންމެންނަށް އެކަމުގެ މަންފާ ލިބޭ ތަންތަން މިއީ. ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ވަރަށް ޚަރަދުކުޑަކޮށް މިކަން ކުރައްވާފައި މިއޮތީ. ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ގިނަ މަސައްކަތްތައް ކުރައްވައި، އަށެއްކަ މިލިއަން ރުފިޔާގެ ހޭދައެއް ކުރައްވައިގެން. އަޅުގަނޑު ހަމަ ހައުސިންގ މިނިސްޓަރަށާއި، މިނިސްޓަރުގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މިކަމުގައި އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މިހާރު މިދަނީ ވީރާނާވެފައި އޮތް އެތައް ބައިވަރު ކަންތައްތަކެއް އަނބުރާ ބޭނުންކުރެވޭ ފެންވަރަށް އެކަންކަން ގެންނަމުން، ނޫނީ މުޅިން އާ ކަންތައްތައް ތަޢާރުފް ކުރަމުން. މިއީ ހަމައެކަނި ޞިއްޙީ މަރްކަޒުތަކުގެ ޙާލަތު ހުރިގޮތެއް ނޫން. ތަޢުލީމު އުނގަންނައިދޭ ތަންތަނުގެ ޙާލަތު ހުރިގޮތަކީ، ހުރިހާ ކަމެއް އޮތީ މިގޮތަށް. މާލޭގެ ރައްޔިތުންނަށް އެންމެ އުނދަގޫވެފައި ހުރި ކަންތައްތަކުގެ ތެރޭގައި އަދި މަދަރުސާ ކުދިންނަށް އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި، ބެލެނިވެރިންނަށާއި، މުޅި މާލޭގައި ދިރިއުޅޭ އެންމެންނަށް އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި، މާލޭގެ ކުނީގެ މައްސަލަ އެއީ، ހަމަ ޙައްލުކުރަންޖެހޭ މައްސަލައެއް. އެތަކެއް ސަރުކާރުން އެކަމާ ދޭތެރޭގައި ފިކުރުކޮށްފި. ކަންކަން ކުރެވޭތޯ ބަލައިފި. އެންމެ ބޮޑަށް އެކަމުގެ ޚިދުމަތުގައި އުޅުއްވި ޢިއްޒަތްތެރިޔަކުވެސް މިތާ މި އިންނެވީ. އޮނަރަބްލް ޢުމަރު ޒާހިރު މި އިންނެވީ. ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ކުރައްވާފައި. އެހެންނަމަވެސް، ދާއިމީ ޙައްލެއް މިއަށް އަންނަން އެބަޖެހޭ ދޮއެއްތޯ. މިއީ ސްޓޮކް ޓޭކްކުރަން، މިއީ ސްޓޮކް ނަގަންޖެހޭ ސަބަބަކީ. މީގެކުރީގެ ތިން އަހަރުގެ ސަރުކާރުންވެސް މި މައްސަލަ ނަމަވެސް، މިކަހަލަ ބޮޑު އެއް މައްސަލަ ނަމަވެސް ރައްޔިތުންނަށް ޙައްލުކޮށްލަދިންނަމަ ކީއްތޯ؟ އެހެންވީމާ، މިކަހަލަ ކޮމްޕެރިޒަންތަކެއް، މިކަހަލަ އަޅައިކިޔުންތަކެއް އަޅުގަނޑުމެން އަޅައިކިޔަން މިޖެހެނީ އެއީ ބިނާކުރަނިވި ގޮތެއްގައި އުޞޫލުތަކަށް ތަބާވެގެން، އުޞޫލުތަކެއް ދަމަހައްޓަން، އެންމެންނަށް ހަމަޖެހުން އަންނާނީ، އެންމެން ގަބޫލުކުރާ އުޞޫލުތަކަކަށް ގިނަބަޔަކު ލޯބިކޮށް، އިޙްތިރާމްކޮށް، އެއާ އެއްގޮތަށް އުޅެންޖެހޭ ބަޔަކު ތިބެންވާ ރަށެއް ކަމަށް، ތިބެންވާ ޤައުމެއް ކަމަށް ދިވެހިރާއްޖެ ވެގެން. އެކަން ކުރެވޭނީ ސިޔާސީ ހުރިހާ ޕާޓީތަކުގެ ލީޑަރުންނަށް، އެ ތަޞައްރުފް އެބޭފުޅުންނަށް ލިބިގެން. އެއީ، އެވަރަށް ތަޞައްރުފް ފުދޭ ބަޔަކަށްވާން އެބަޖެހޭ. އެ ލީޑަރުންގެ އެވަރުގެ ތަޞައްރުފް ފުދޭ މިންވަރެއް ނެތް ކަމަށްވަންޏާ، ދެން އެބޭފުޅުންގެ ފޮލޯވަރުންނަށް އެއުޅޭ މީހުންގެ އެވަރުގެ ސިކުނޑިއެއް ހުންނާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރާކަށް ނުޖެހޭ.
 
 އެހެންވީމާ، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހާރު ސަރުކާރުން މިކުރާ މަސައްކަތުގައި، އިޖުތިމާޢީ ގޮތުން ރާއްޖެއަށް ބޭނުންވާ އެކިއެކި ޚިދުމަތް މި ގެންނަނީ ރާއްޖޭގެ ދިރިއުޅުމަށް ހަމަޖެހުން ގެންނަން. ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުން ގެނައުމަށް. އިޤްތިޞާދީ ގޮތުން މިކުރާ މަސައްކަތްތައް މިކުރަނީ އަބަދުވެސް އިންޑިއާ ކަނޑުގައި އޮންނަ ކުޑަކުޑަ ނިކަމެތި ޤައުމަކަށް ދިވެހިރާއްޖެ އޮތުމުގެ ބަދަލުގައި، އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮންނަ ކުޑަކުޑަ ޤައުމެއް ކަމުގައިވިނަމަވެސް، ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ ހައިބަތު ހުރި، އިޤްތިޞާދެއް އޮތް ޤައުމެއް ގޮތަށް ދިވެހިރާއްޖެ ބަދަލުވެގެންދިޔުމަށް. އަދި މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ، ކޮންމެ މީހެއްގެ ޖީބަކީ އެމީހަކު ކުރަން ބޭނުންވާ ކަންތައްތައް ކުރެވޭވަރުގެ ތަނަވަސްކަން ހުރި ޖީބަކަށް ބަދަލުވެގެންދިޔުމަށް.
 
އަޅުގަނޑު މިރޭގެ މި އުފާވެރި މުނާސަބަތުގައި، މި އުފާ މުޅި ރައްޔިތުންނަށް ލިބޭއިރުވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، މިދޭތެރެއިން އަޅުގަނޑަށް ހަމަ ފުރްޞަތެއް ނުލިބި ދިޔައިމައާއެކީ، ދަންނަވަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިތްހަމަޖެހުމާއި، ހަމަޖެހުން ގެނެސްދިނުމުގައި ސިފައިންނާއި ފުލުހުންގެ ދައުރު ވަރަށްބޮޑު. ޤާނޫނުތައް ތަންފީޛު ކުރަން އިސް ސަފުގައި ނުކުމެ މަސައްކަތް ކުރަންޖެހޭ ބަޔަކީ ފުލުހުން. ފުލުހުން ކުރާ މަސައްކަތުން އަޅުގަނޑުމެން އެންމެންނަށް ހަމަޖެހިގެން މިއުޅެވެނީ. ހަމަ ސިފައިންނަކީ އެވަރުގެ ޚިދުމަތްތެރި މަސައްކަތްތަކެއް ކުރާ ބައެއް. އެހެންވީމާ، ސިފައިންނަށާއި ފުލުހުންނަށް ދަތިވާ ކަންތައްތަކަކީވެސް މުޅި ރައްޔިތުންނަށް ދަތިވާ ކަންތައްތައް ކަމަށް ވެގެންދާނެ. ސިފައިންނާއި ފުލުހުންނަކީ ޔުނިފޯމްގައި ތިބި ނަމަވެސް ހަމަ ދިވެހި ރައްޔިތުން. ސިފައިންނާއި ފުލުހުންގެ ތެރޭގައި އެންމެ ބޮޑަށް ހުރި މައްސަލަތަކުގެ ތެރޭގައި، މީގެކުރީގެ ސަރުކާރުތަކުންވެސް އެކި ފެންވަރަށް، އެކި މިންވަރަށް ޙައްލުކޮށްދެމުން އައީ ސިފައިންނާއި ފުލުހުންގެ ހައުސިންގ މަސައްކަތް. އެހެން ނަމަވެސް، މިވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކަން ޙައްލުކުރަން އުޅެވެސް އެކަން ވަނީ ޙައްލުނުވެފައި. ދައުލަތުން ވަސީލަތްތަކެއް ތަނަވަސްކޮށްދިން. އެހެންނަމަވެސް، އެދެވޭ ނަތީޖާއަކާ ހަމައަށް އެކަމެއް ނުދޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގައި ވާހަކަ ދައްކާފައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަޝްރޫޢު އަނެއްކާވެސް ފެށެނީ. އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ސިފައިންނާއި ފުލުހުންނަށް އެ ބޭނުންވާ ހައުސިންގ، އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ހަމަޖެހިގެންދާނެ ކަމަށް. އަދި ސިފައިންނާއި ފުލުހުންގެ ތެރެއިން މި ގެދޮރުވެރިވާ ނޫނީ އެޕާޓްމަންޓް ލިބޭ ބަޔަކަށް، އެޕާޓްމަންޓަށް އެފޯޑެބްލް އަގެއްގައި ލިބޭގޮތަށް މިހާރު އެ މަޝްރޫޢުގެ ޚަރަދުތައް ބައްޓަންވެގެން އެދަނީ. މިއީ އަޅުގަނޑުމެން ސަރުކާރުން ސިފައިންނަށާއި ފުލުހުންނަށް ކޮށްދޭންޖެހޭ ކަމެއް. އަދި މާލޭގައިވެސް، ހުޅުމާލޭގައިވެސް އަޅުގަނޑުމެން މިކުރަނީ މިދެންނެވި ގޮތަށް ގެދޮރުވެރިކުރުމަށް ކުރާ މަސައްކަތް. އެހެންވީމާ، ގެދޮރުވެރިކުރުމަށް ކުރާ މަސައްކަތުގައި، ސިފައިންނާއި ފުލުހުންނަށް ފުރަތަމަ ފިޔަވަހީގައި ލުއިތަކެއް ލިބިގެންދާނެ. ހަމައެޔާއެކީ އޭގެފަހުން އިރާދަކުރެއްވިއްޔާ އޮންނާނީ، އޭގެ ދެވަނަ މަޝްރޫޢު. ދެވަނަ ފިޔަވަހި. އެހެންވީމާ، ދިގު އިންތިޒާރުތަކަކަށްފަހު، ސިފައިންނަށާއި ފުލުހުންނަށް މީގެކުރީގެ ނުލިބި އެދިޔަ ފަސް އަހަރުގެ ތެރޭގައި ނުލިބި އެދިޔަ ހައުސިންގ މަޝްރޫޢު، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކޮންމެވެސް ހިސާބަކަށް ނިންމޭނެ ކަމަށް އަޅުގަނޑަށް ކަށަވަރުކުރެވޭ.
 
އާދެ، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ މަސައްކަތްތަކަކީ އަޅުގަނޑުމެން ރައްޔިތުންގެ ބޭނުމަށް ކުރާ މަސައްކަތްތެކޭ. މިއީކީ ސިޔާސީ މަސައްކަތެއް ނޫން. މިއީ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި، ރައްޔިތުންނަށް ބޭނުންވާ ހަމަޖެހުމާއި، ރައްޔިތުންނަށް ބޭނުންވާ މަޞްލަޙަތު އޮތް މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ބަދަލުކުރުމަކީ އަޅުގަނޑު ދެންނެވި ސޯޝަލް ކޮންޓްރެކްޓްގެ ދަށުން، ސޯޝަލް ބޮންޑްގެ ދަށުން ދައުލަތުން އުފުލަންޖެހޭ ޒިންމާ. ދައުލަތުން އުފުލާ މަސްއޫލިއްޔަތު. އެ މަސްއޫލިއްޔަތު ނުއުފުލައި، އެއްވެސް އަހަރެއްގެ ރިޔާސީ އިންތިޚާބުގައި ވޯޓްފޮށްޓާ ހަމައަށްދާ ކަމަށްވަންޏާ، ހެޔޮ ވިސްނުން ވިސްނާ، މުޢިއްޒު އެ ވިދާޅުވިގޮތަށް ހެޔޮ ވިސްނުން ވިސްނައި ރައްޔިތުން ވޯޓްދޭއިރު، އެކަންކަމާ ދޭތެރޭގައި ވިސްނާނެ.
 
ރައީސަކު ރައީސްކަމުގެ ޒަޢާމަތާ ޙަވާލުވަނީ އެއްގޮތަކަށްވެސް އެކަމުގެ ޝުހުރަތު އޭނަ އުފުލާކަށެއް ނޫން. އެކަމުން އޭނައަށް ލިބޭ ފައިދާތަކެއް، އެކަމުން އޭނައަށް ލިބޭ ހަމަޖެހުމެއް އިޙްސާސް ކުރާކަށް ނޫން. އެ ވިސްނުމުގައި އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ މީހަކު ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން ހަނދާންނައްތައިލައްވާށޭ. ކޮންމެ ބޭފުޅަކުވެސް ރައީސް ކަމަށް ކުރިމަތިލައްވާ ކަމަށްވަންޏާ، ރައީސް ކަމަށް ވަޑައިގަންނަވާ ކަމަށްވަންޏާ، ހިތްޕުޅަށް ގެންނަވާ، ތިމަންނަ ކުރީގައި ހުރި ރައީސާ ކޮން ތަފާތެއް ދިވެހި ރައްޔިތުންނަށް ގެނެސްދޭނަންތޯ؟ ތިމަންނަ ދައުލަތުން ރައްޔިތުންނަށް ކޮށްދޭނީ ކީއްތޯ؟ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދޭނަންތޯ. ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި އިޖުތިމާޢީ ގޮންޖެހުންތަކަށް ތިމަންނަ ގެންނާނީ ކޮން ޙައްލެއްތޯ؟ އެކަންކަން ކުރަން ކެރޭ ކަމަށްވަންޏާ، އެކަންކަން ކުރުމުގެ ވިސްނުން ހުރި ކަމަށްވަންޏާ، ޤާބިލުކަން ހުރި ކަމަށްވަންޏާ، ހަމަ ދަންނަވަންޖެހެނީ އެއީ، ޤައުމީ ޚިދުމަތުގައި ކުރިމަތިލައްވާ ރައީސެކޭ. އެނޫން ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުން ނޫންގޮތަކަށް ރައީސް ކަމުގެ މަޤާމަކަށް މިއަދު އަންނާކަށެއް މިހާރުގެ ދިވެހިރާއްޖޭގައި މިތިބަ ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ. އެހެންވެގެން މި ފަހަކަށްއައިސް މެނިފެސްޓޯތަކެއް ރިޔާސީ ކެންޑިޑޭޓުން އިޢުލާނު ކުރަންޖެހެނީ. އަދި  އެ މެނިފެސްޓޯތަކަކީ ރިޔާސީ ކެންޑިޑޭޓް ރައީސް ކަމަށް އައުމަށްފަހު، އޭނަގެ ޚިދުމަތުގެ ތެރެއިން ބަނދެވޭ އެގްރީމަންޓެއް. އޭނަ ވިއްކާފައި ރައްޔިތުންގެ ވޯޓް ހޯދާފައި އޮތް އެއަށް އިޙްތިރާމް ކުރަންޖެހޭ ލިޔުމެއް. ނޫނިއްޔާ އެއަށް އިޙްތިރާމް ކުރަންޖެހޭ، އެތަކެއް މަޝްރޫޢާއި އެތަކެއް ޙައްލުތަކެއް ހިމެނޭ މެނިފެސްޓޯއެއް، ކަރުދާހެއް. އެއާ އެއްގޮތަށް ކަންތައް ކުރަންވާނެ. އެއާ އެއްގޮތަށް ކަންތައް ނުކުރެވޭ ކަމަށްވަންޏާ، ރައްޔިތުން އެކަން ހަނދާންކުރާނެ. މިނެކިރާނެ.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ، ދިވެހި ރައްޔިތުންނަށްވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މެނިފެސްޓޯގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ވަޢުދުވެފައި ހުރި ނޫނީ ކޮށްދޭނެ ކަމަށް ބުނެފައި ހުރި ކަންތައްތަކޭ، ދަންނަވާފައި ހުރި ކަންތައްތަކެކޭ. މިކަންކަން ގަބޫލު ކުރައްވާތީ، ރައްޔިތުން ވޯޓް ދެއްވާފައި މިވަނީ މިހާރު މިއޮތް ސަރުކާރަށް. އެހެންވީމާ، އަޅުގަނޑު މިކުރާ މަސައްކަތަކީ ރައްޔިތުންނަށް ގަބޫލުކުރެވޭ މަސައްކަތެއް ކަމަށްވަންޏާ، މި މަސައްކަތް ކުރިޔަދެއްވާ. އިދިކޮޅު ފަރާތްތަކަށްވެސް އަޅުގަނޑު ކުރާ އިލްތިމާސަކީ މިކަން ކުރިޔަދެއްވާ. ޚިޔާލުތަފާތުވާ ކަންކަމުގައި، ނޫނިއްޔާ ޤާނޫނު ބަދަލުކުރަންޖެހޭ ކަންކަމުގައި، މުޅި ރައްޔިތުން އެ އުނދަގޫ އުފުލަންނުޖެހޭވަރަށް، އަޅުގަނޑުމެންނާއެކީ ވާހަކަފުޅު ދައްކަވައިގެން، މޭޒު ކައިރިއަށް ވަޑައިގަންނަވައިގެން، އެކަން ޙައްލުކުރަމާތޯއޭ؟ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރި ތަފާތު، ނޫނިއްޔާ ސިޔާސީ ލީޑަރުންގެ ހުރި ތަފާތު، ކީއްވެގެންތޯ މުޅި ރައްޔިތުން އިޙްސާސް ކުރަންޖެހޭ އުނދަގުލަކަށްވާންވީ؟ ދީނުގައިވެސް ޚިޔާލުތަފާތުވާ މައްސަލަތަކަކީ، ޑިބޭޓަކަށް ރައްޔިތުންގެ ތެރެއަށް އޮއްސާލާ މައްސަލަތަކެއް ނޫން.
 
 ދަންނަ ބޭކަލުންގެ ތެރޭގައި ކަންކަން ރިސަރޗްކޮށްފައި، ދަންނަ ބޭކަލުންގެ ތެރޭގައި ގޮތްތަކެއް ނިންމާފައި، އެބޭކަލުންގެ ގިނަ ބަޔަކަށް އިއްތިފާޤުވެވޭގޮތަކަށް، އެއްބަސްވެވޭގޮތަކަށް އެ ފަތުވާ ނެރޭނީ. ޖިހާދަކީ ކޮބައިތޯ؟ މާދަމާ އެ މައުޟޫޢު، އަޅުގަނޑުމެން އެންމެން އެއްފަހަރާ ވާހަކަ ދައްކާ އެއްޗެއް ނޫން. ޖިހާދު، އިސްލާމްދީނުގައި މިއޮތީ ކިހިނެއްތޯ، މި އިޞްޠިލާޙަކީ ކޯއްޗެއްތޯ، އެކަން ނިންމަންވީ އެކަން ދަންނަ، ދަންނަ ބޭކަލުން ދޮއެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ތެރޭގައިވެސް މި ހުންނަ ޚިޔާލުތަފާތުވުންތައް، ކީއްވެގެންތޯ އޭނަ ބޭނުންވާ ކަމެއް ހަމަނުވީމަ، ރައްޔިތުންނާ ހަމައަށް ބަންޑުންޖަހާލަން މިއުޅެނީ؟ ހަމަ ސިޔާސީ މީހުންނާ ވާހަކަ ދައްކައިގެން، ނޫނިއްޔާ މަޖިލީހުގެ ތެރޭގައި ޑިބޭޓް ކުރައްވައިގެން، ނޫނީ އެއަށްވުރެ މޮޅު ގޮތްތަކެއް ހޯއްދަވައިގެން އެކަން ކުރައްވަންވީ.
 
މީހަކު ކުރި ކަމެއްގެ ސަބަބުން ބަންދުވެފައި ހުރި މީހަކު ވީއްލަންޖެހޭނެކަމަށް، އެއީ ޝަރުޠަކަށް ހަދައިފި ކަމަށްވަންޏާ، ސިޔާސީ ހަމަޖެހުމެއް އަޅުގަނޑުމެންނަކަށް ނާންނާނެ. އެހެންވެއްޖިއްޔާ އެކަހަލަ ކަންތައް ކުރާ ކޮންމެ މީހަކު ބަންދުކުރަންޖެހޭނެ. އެހެންވީމާ، މިއެއް ނޫން ދޮއެއްތޯ، އަޅުގަނޑުމެން ޤާނޫނުއަސާސީއެއް 2008 ވަނަ އަހަރު ބަލައިގަނެ، އަދި އެންމެ ރޫލްބޭސްޑް އަދި މިހިސާބުގައިވެސް ނެތްވަރުގެ މޮޅު ޤާނޫނުއަސާސީއެއް ލިބިގަނެގެން މިތިބީކީ ޤާނޫނުއަސާސީ އެއްފަރާތަށް ޖައްސާފައި، ޙައްޤުތަކުގެ ތެރޭގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނާއި، އެއްވަނަ ދަރަޖައިގެ ރައްޔިތުން އެ ތަފާތު ހޯދާކަށެއް ނޫން. ޖިނާއީ ޢަދުލުގެ ކުރިމަތީގައި އަޅުގަނޑުމެން ގަބޫލުކުރަންވީ، ހަމަ އެންމެންވެސް އެއް ޢުޤޫބާތަކާ ކުރިމަތިލާންޖެހޭނެކަން. ކޮންމެ މީހެއްގެ މައްސަލަ ފައިޞަލާކޮށް ނިންމާނީ ކޯޓްރޫމްތެރޭގައި. އެ މައްސަލަ ނިންމާނީ މަގުމައްޗަކުންނެއް ނޫން. އަދި އެހެން ހުންނަ މައްސަލަތައް ޝަރީޢަތަށް ފޮނުވުމާއި ނުފޮނުވުމާ، އެއީކީ ދައުލަތުގެ މައްޗަށް އޮތް ކަމެއް ކަމަށް ނުނިންމަވާ. އެ މައްސަލަ ޝަރީޢަތަށް ދާންވާނެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަޢުޞޫމްކަން، ކުށުން ބަރީއަވާކަން ކޯޓްރޫމް ތެރޭގައި ފަނޑިޔާރުންނަށް ވިސްނޭވަރަށް ވަކާލާތު ކުރައްވާ. އެބޭފުޅެއްގެ ދިފާޢު ހޯއްދަވާ. އެއީ ދޮއެއްތޯ، ތަހުޒީބީ މުޖުތަމަޢެއްގައި، ބާރު ވަކިވެފައި އޮތް ނިޒާމެއްގައި، ރޫލް ބޭސްޑް ޤާނޫނުއަސާސީއަކުން ކަށަވަރުކޮށްދެނީ މިދެންނެވި ކަހަލަ އިޞްޠިލާޙުތަކާއި، މިދެންނެވި ކަހަލަ ވައްޓަފާޅި މުޖުތަމަޢުތެރޭގައި އަށަގެންނެވުން. އެކަން ކުރަން ޖާގަ ލިބެންވާނެ. އެކަން ކުރަން ޖާގަ ނުދީފައި. ޤާނޫނާ ޚިލާފަށް ކަންތައްކުރާ މީހުންނާ ދޭތެރޭގައި ޤާނޫނު އަރާ ހަމަކުރީމަ، ޕޮލިޓިކަލް ސްޕޭސް ނުލިބޭ ވާހަކަ ދެއްކުނީމަ، އެއީ ހެއްވާ ކަމަކަށްވަނީ. ޕޮލިޓިކަލް ސްޕޭސް ލިބެންވާނެ، ޤާނޫނުގެ މިދެންނެވި ނިޒާމްތައް ފުރާ ފުރިހަމަކުރަންވެސް. އަދި ޤާނޫނުގައި އުފައްދާފައި މިހިރަ މުއައްސަސާތައްވެސް، މުއައްސަސާތައްވެސް މެޗުއަރ ވާން ޕޮލިޓިކަލް ސްޕޭސް ލިބެންވާނެ. ޕޮލިޓިކަލް ސްޕޭސް ނެތޭނީ ހަމައެކަނި ކުށަކަށް އަރައިގަންނަ މީހެއްގެ ފަހަތުން ޤާނޫނު ގޮސް އަރާހަމަކުރީމައެއް ނޫން. އެއީއެއް ނޫން ޕޮލިޓިކަލް ސްޕޭސް ނުލިބުމަކީ. އަޅުގަނޑުމެން މި އުފައްދާ ކޮންމެ ތަނަކީ ޕޮލިޓިކަލް ސްޕޭސްއެއް. އެހެންނަމަވެސް، އެހެން މީހުންގެ ޙައްޤުތަކަށްވެސް އިޙްތިރާމްކޮށްގެން މުޒާހަރާ ކުރަންވާނީ. މާދަމާ މި ޕާކަކަށް މުޒާހަރާ ކުރަން މީހުން އަންނާނެ ކަމެއްނެތް. ހަމަގައިމުވެސް ދިވެހި ދައުލަތުގެ ފުލުހުންނެއް އެކަމަށް ހުއްދައެއް ނުދޭނެ. އެކަން މި ކްރިއޭޓް ކުރަނީ ޕޮލިޓިކަލް ސްޕޭސް. ބޯތް ފިޒިކަލް އެންޑް އައިޑިއޮލޮޖިކަލް ސްޕޭސް. އެކަމަކު އެކަމެއް ކުރަން އޮންނަ އުޞޫލަކުން ދޮއެއްތޯ އެކަމެއް ކުރަންވާނީ.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ، މިކަހަލަ އުފާވެރި ކިތަންމެ ކަމެއްވެސް ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެންގެ ހިތްވަރު ހުރެއްޖެ ކަމަށްވަންޏާ، ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއޭ. ކޮންމެ ސަރުކާރަކުންވެސް މިކަހަލަ ކަންތައް ރައްޔިތުންނަށް ކޮށްދޭނެ. އެކަމަކު ކޮންމެ ސަރުކާރަކުންވެސް، ސަރުކާރުން މަގުން ކައްސާލާ ކަމަށްވަންޏާ، މަގަށް އެޅުވުމުގެ ފުރްޞަތު އެބައޮތް. އެކަމަކު އެ ސަރުކާރުން އެކުރާ މަސައްކަތް ކުރުމުގެ ފުރްޞަތުވެސް ދޭންވާނެ.
 
އަޅުގަނޑުގެ ކްރިޓިކުން އަޅުގަނޑުމެންނާ ދޭތެރޭގައި މި ވާހަކަ ވިދާޅުވާއިރު، އޭގެ ޖަވާބުވެސް ހަމަ ދީފައި އަޅުގަނޑުމެން ނިންމާލާނީ. އަޅުގަނޑުމެންވެސް މަގުމައްޗަށް ނުކުތީމު. އަޅުގަނޑުމެންވެސް މުޒާހަރާ ކުރީމު. އަޅުގަނޑުމެންވެސް އަޑު އުފުލީމު. އެކަމަކު އަޅުގަނޑުމެން އަޑު އުފުލީ ސްޕްރީމް ކޯޓުގައި ތަޅު އެޅުވީމަ. އަޅުގަނޑުމެން އަޑުއުފުލީ ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރުކުރީމަ. ނިޒާމުން ނަގާލީމަ. އެއްވެސް ކަހަލަ ނިޒާމެއްގެ ތެރެއިން ކުރި އެއްވެސް ކަމެއްނެތި، ބާރުވެރިކަން ބޭނުންކޮށްގެން އެކަންކަން ކުރީމަ. އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ކަމަކަށްނުވާތީ، އަޅުގަނޑުމެން އެކަންކަން ކުރީ. އެހެން ނޫން ކަމަށްވަންޏާ، އަޅުގަނޑުމެންނެއް މިދެންނެވި ކަހަލަ މުޒާހަރާތަކެއް ކޮށްފައެއް ނޯންނާނެ. މުޒާހަރާ ކުރުމަކީ ހަމަ ކުރަންޖެހޭ ކަމެއް. އެކަން ކުރަންވާނެ. ސިޔާސީގޮތުން ހިތްހަމަނުޖެހޭ ކަންކަމުގައި އަޑުއުފުލަންވާނެ. އެކަމަކު މުޒާހަރާތައް ރާވައި ނިމިގެންދާއިރަކު، ސިފައިންނަށާއި ފުލުހުންނަށް އަނިޔާކުރުމާއި، ތަންތަން ރޯކުރުމާއި، ތަންތަން ގޮއްވުމަކީ އޭގެ އިންގްރީޑިއަންޓްސްގެ ގޮތުގައި ހިމެނޭ ކަމަށްވަންޏާ، އެލާ ރަހަ ކުޅިވާނެ. އެހެންވީމާ، އެ ރަހަ ލައިފި ކަމަށްވަންޏާ، އެއާ ދޭތެރޭގައި ފިޔަވަޅު އަޅާނެ. ސިޔާސީގޮތުން ޚިޔާލުފާޅުކުރުމާއި، އަޑުއުފުލުމާއި، އަދި ހަރުކަށި ޢިބާރާތުން ކަންކަން ކުށްވެރި ކުރުމާއި، އަދި އަޅުގަނޑުގެ އަބުރާ ބެހުމަށް އަޅުގަނޑު ހަމަ ދަންނަވާނީ އަހުލަން ވަސަހުލަން. ކުރިއަށް ގެންދަވާށޭ. އެކަމަކު ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ކުރައްވަންޖެހޭ ކަންތައްތައް ކުރައްވާ. އޭރުން މިދެންނެވި ކަހަލަ މުޖުތަމަޢަކީ އަޅުގަނޑުމެން ތަޞައްރުފް ފުދޭ، އަދި އަޅުގަނޑުމެން 2008 ވަނަ އަހަރު ބަލައިގަތް، ހިތާއި ރޫޙުން ބަލައިގަތް ޤާނޫނުއަސާސީ އެކަށައަޅައިދޭ ކަހަލަ މިޒަމާނުގެ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމްކޮށްދޭ ކަމަކަށް ވެގެންދާނީ، މިދެންނެވި ގޮތަށް މުއައްސަސާތައްވެސް ތަރައްޤީވާން، އަދި މީހުންވެސް ތަރައްޤީވާން ޕޮލިޓިކަލް ސްޕޭސް ދީގެން.
 
ބަޔަކު ގަބޫލުކުރާގޮތް ނޫން ގޮތަކަށް ކަމެއްކުރާ ކޮންމެ ފަހަރަކު، އެއީ ޤާނޫނާޚިލާފަށް ކަމެއް ކުރީކަމަކަށް ވާކަށް ނުޖެހޭ. ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފި ކަމަށްވަންޏާ، އެކަން ސާބިތުކޮށްދެވޭނެ މަރްޙަލާތައް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި އެހެރީ އެކަށައަޅާފައި. ރައީސް ޤާނޫނުއަސާސީއާ ޚިލާފުވެއްޖެ ކަމަށްވަންޏާ، އިސްލާމްދީނަށް ރައީސް އިޙްތިރާމް ނުކުރާ ކަމަށްވަންޏާ، އެކަންކަން ކުރާނެގޮތް، ރައީސް އެކަމުގައި މަގަށް ގެންނާނެގޮތް އެއޮތީ އަޅުގަނޑުމެން ކަނޑައަޅައިދީފައި. ކޮންމެފަދަ މީހަކު އަރައި، މިވެނި ކަމެއް ކުރީމަ، ރައީސް އެއީ އިސްލާމްދީނަށް އިޙްތިރާމް ނުކުރީއޭ ބުނުމަކުން އަދި މިއަދަކު ދިވެހިރާއްޖޭގެ މުޖުތަމަޢު ބަލައެއްނުގަންނާނެ އެކަމެއް. ރައީސް ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަމެއް އެބަޖެހޭ ކޯޓެއްގައި ޕްރޫފްކޮށްދޭން. އިސްލާމްދީނުގެ އަޞްލަކަށް ރައީސް އަރައިގަތްކަމެއް އެބަޖެހޭ ކޯޓެއްގައި ޕްރޫފްކޮށްދޭން. އެކަންކަން ނުކޮށް އަދި އެހެން ވާހަކަ ދެއްކިޔަކަސް، އެއީކީ އެންމެ ޒިންމާދާރުކަމާއެކީ އެ ވާހަކަތައް ދައްކަވާ ފެންވަރުގެ ބޭފުޅުން ދައްކަވަންވާ ވާހަކަތަކެއް ނޫން. އެއީ މަޞްލަޙަތު ނަގާލައި، ތަން ފަސާދަކުރަން ދެއްކޭ ނުބައި ވާހަކަ. ހަމަގައިމުވެސް ތަންދޮރު ދަންނަ މީހުން ނުވާނެ މުޖުތަމަޢު ފަސާދަކުރާކަށް. އެމީހުންނަކީ ޖާހިލުންނަށްވުރެ ނުބައި ބަޔަކަށް އެވަނީ. އަޅުގަނޑުމެން ތަންދޮރު ދަންނަ މީހުން ވާންވާނީ މީހުންނަށް މަގު ދައްކައިދޭ ބަޔަކަށް. ޢިލްމު އުނގެނެނީ މީހުންނަށް ހެޔޮގޮތް ދައްކައިދޭން. ދަންނަ ބޭކަލުން ކިޔަވައިގެން ދަންނަ ބޭކަލުންނަށް ވަނީވެސް ކަންކަން އޮންނަގޮތް އެހެން މީހުންނަށް އޮޅުންފިލުވައިދޭން. އެ ލިބޭ މަޢުލޫމާތެއް ނާޖާއިޒް ގޮތުގައި ކަނޑައެޅިގެން މި ހެދެނީ ގޯސްކަން އެނގޭގޮތަށް ބޭނުންކޮށްގެން ޖަހާލަތަށް މުޖުތަމަޢެއް ގެންދިޔުމަކީ އެއީ ޙަރާމްކަމެއް. އެކަމެއް ނުކުރެވޭނެ. އެގޮތަށް ކުރަން ހެޔޮވެސްނުވާނެ.
 
އެހެންވީމާ، މިރޭވެސް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހިތްޕުޅުހަމަނުޖެހޭ ކަންކަން ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނާ ވާހަކަ ދައްކަވަން ވަޑައިގަންނަވާށޭ. އެ ފުރްޞަތު އެއޮތީ. އަދިވެސް ފުރްޞަތު ބަންދެއްނުވޭ. އެމް.ޑީ.ޕީ. އަށްވެސް މިރޭވެސް އިލްތިމާސް މިކުރަނީ ވަޑައިގަންނަވާށޭ. މުޅި ރައްޔިތުންގެ ޙައްޤުގައި އެބަޖެހޭ މި މަޞްލަޙަތު އޮތް މުޖުތަމަޢަކަށް ދިވެހިރާއްޖެ ބަދަލުވެގެންދާން. ޢަދާލަތަށްވެސް ދަންނަވާލަން ބޭނުންވަނީ، ހަމަ މުޅި ދިވެހި އުންމަތުގެ ޙައްޤުގައި އެބަޖެހެޔޭ މި މަސައްކަތް ކުރަން. ސިޔާސީގޮތުން އަޅުގަނޑުމެން ޚިޔާލު އެއްގޮތްނުވެ ހިނގައިދާނެ. އެއީ، ސިޔާސީގޮތުން އެއްވެސް ޕާޓީއެއްގެ ޚިޔާލު، އެމް.ޑީ.ޕީ ފިޔަވައި އެއްގޮތްކަމެއް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެމީހުން އަބަދުވެސް އެ ތިބޭގޮތަކަށް އެބަތިބޭ. އެހެން ޕާޓީތަކުގެ ޚިޔާލަކީ ހަމަ ބޮޑުގަޑީގެ ފޫހެން އެއްކޮޅަށް ގޮސްފައި، އަނެއްކޮޅަށް ގޮސްފައި، މިދޭތެރޭގެ މެދަށް ނުހުއްޓި، އެއްކޮޅުން އަނެއްކޮޅަށް އޮސިލޭޓް ކުރާ ޚިޔާލު. އެހެންވީމާ، އޭގައި ހަރުދަނާކަން ހުންނަފަހަރާއި، އެހާ ހަރުދަނާކަން ނުހުންނަ ފަހަރު ހިނގައިދާނެ. އެހެންނަމަވެސް، ކަންކަން ޙައްލުކުރެވޭނީ، މުޅި ރައްޔިތުންގެ ޙައްޤުގައި، އެ ރައްޔިތަކަށް އެ ޚިދުމަތް ކުރަން އުޅޭ ބަޔަކު، މުޅި ރައްޔިތުންގެ ޙައްޤުގައި އެ ޚިދުމަތް ކުރާ ކަމަށްވަންޏާ. ހިންގަވާ، އަޅުގަނޑުމެންނާއެކީ ވާހަކަ ދައްކާލަން.
 
އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން އޮތް މިންވަރުވެސް އެނގޭނީ އަޅުގަނޑުމެންނާއެކީ ވާހަކަ ދައްކާލަން އިށީނީމާ ދޮއެއްތޯ. އެއްގޮތަކަށްވެސްނުވޭ ފޯކްލޯސް ކުރާކަށް. މި އިޝޫ ކުރިމަރާލާކަށްނުޖެހޭ. އަޅުގަނޑުމެންނާއެކީ އިށީނދެވަޑައިގަންނަވާ. އިށީނދެވަޑައިގެންފައި، އެބޭފުޅުންގެ ހުރި މައްސަލަތަކާއި، އެކަންކަން ޙައްލުކުރަން ރައީސަށް ޤާނޫނީ ނިޒާމުގެ ތެރެއިން ކަންތައް ކުރެވޭނެގޮތާއި އަދި އެ ނޫންގޮތަކަށް އެކަންކަން ކުރުމަށް މަގުފަހިކުރެވޭނެގޮތް، ނޫނީ މަގުކޮށާނެގޮތް އަޅުގަނޑުމެންނަށް ކިޔައިދެއްވީމަ، އަޅުގަނޑުމެން ހަމަގައިމުވެސް މިތިބީ އަޑުއަހަން. އަޑުއަހާފައި އަޅުގަނޑުމެންނަށް އުފުލޭވަރުގެ ބުރައެއް ކަމަށްވަންޏާ، އެކަން ކުރެވޭގޮތަކަށް އަޅުގަނޑުމެން އެކަން ކުރެވޭތޯ ބަލައިދޭނަން. އެއީ، މުޅި ދިވެހި ރައްޔިތުންގެ ޙައްޤުގައި. މިހުރިހާ މަސައްކަތެއް ކުރެވެމުންދާއިރު، އެއްގޮތަކަށްވެސް ނުޖެހޭ ސިޔާސީ މިދެންނެވި ކަހަލަ ކަންކަމުގައި، އަޅުގަނޑުމެން ތާށިވެފައި، އިންޑިއާ ކަނޑުގައި ޖަހާފައި އޮތް އަބެއް ގޮތަކަށް ދިވެހިރާއްޖެ އޮންނާކަށް ނުޖެހޭ. އަޅުގަނޑުމެން އެންމެން ބޭނުންވަނީ ތަނަވަސްކަން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއެކީ މަސައްކަތް ކުރާއިރު، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި މަސައްކަތްކުރާއިރު، އަޅުގަނޑުމެންނަކީ ޝަރަފްވެރިކަމާއެކީ، އަބުރުވެރިކަމާއެކީ އަޅުގަނޑުމެންގެ އަޑުއިއްވާ ބައެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމެނިގެންދިޔުން ދޮއެއްތޯ. އަދި އަޅުގަނޑުމެން މިދިޔަ އަހަރު، އަދި މިތިބީ މާދުރަކު ނޫން ދޮއެއްތޯ.
 
އެހެންވީމާ، މިކަހަލަ ކޮންމެ ކަމަކީ ހަމަ ކިޔާލާފައި، ލިޔެލާފައި އެހިސާބުން ނިންމާ ކަމެއްތޯ؟ މިނިވަންކަމަށް 50 އަހަރު ފުރިގެންދިޔައިރު، އަޅުގަނޑުމެން އެހާ އުފާފާޅުކުރީމު. ޖެހިގެން އައި އަހަރު، އަހަރުގެ ތެރޭގައި މި ދައްކަނީ މި ވާހަކަ. އަދި މިނިވަންކަމަށް 50 އަހަރު ފުރި، އެ އަހަރު ނުނިމި އުޅެނިކޮށް، އެވަގުތު ޤައުމުގައި އޮތް ނިޒާމް ހަލާކުކޮށްލަން މަސައްކަތް ކުރެވިއްޖެ. ރައީސް މަރާލަންވެސް މަސައްކަތް ކޮށްފި. މިއީ އަޅުގަނޑުމެންގެ ޙާލު. މި ހަމަ އަޅުގަނޑުމެން ކޮންޑޯން ކުރަންވީތޯ؟ އަޅުގަނޑުމެން ޓޮލަރޭޓް ކުރަންޖެހޭތޯ މިކަން؟ އެހެން ކަމަށްވަންޏާ މިތަނަކު ނޯންނާނެ މަދަނީ މުޖުތަމަޢެއް. ނޫނިއްޔާ ތަހުޒީބީ މުޖުތަމަޢެއް މިތާ ތަރައްޤީ ކުރެވޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ، މިކަހަލަ ކަންކަމަށް ޖާގަދެންޏާ.
 
އެހެންވީމާ، އަޅުގަނޑު މިރޭވެސް އިލްތިމާސް ކޮށްލަން ބޭނުންވަނީ، މިކަހަލަ ހުރިހާ ކަންކަމަކީ ރައްޔިތުންގެ އުފަލަށްޓަކައި، ރައްޔިތުންގެ ހަމަޖެހުމަށްޓަކައި އަދި ދުޅަހެޔޮ މުޖުތަމަޢަކާއި މަޞްލަޙަތު އޮތް މުޖުތަމަޢެއް، ޤާނޫނަށް ތަބާވާ، ޤާނޫނަށް އިޙްތިރާމްކުރާ ބަޔަކު ދިރިއުޅެން ބޭނުންވާ ތަނަކަށް ދިވެހިރާއްޖެވުމަށް އެދޭތީ އަޅުގަނޑު ކުރާ ކަމެއް. އަޅުގަނޑު ކެމްޕެއިންގެ ތެރޭގައިވެސް ދެންނެވިން، ދިވެހިރާއްޖެއަކީ ލިވެބަލް މީހުންނަށް ދިރިއުޅެވޭވަރުގެ ތަނަކަށް ހަދަން އެބަޖެހެޔޭ. ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް މީގެކުރީގައި ތިން ހަތަރު އަހަރުގެ ތެރޭގައި ކޮންކަހަލަ ބޮޑެތި ނުރައްކާތެރި ކަންތައްތޯ ފެނިގެންދިޔައީ؟ ކޮންކަހަލަ ބޮޑެތި ޙައްޤުތަކަށްތޯ، މީހުންގެ ޙައްޤުތަކަށްތޯ އަރައިގަތީ؟ އެއީތޯ ދިވެހިން އުޅެންޖެހޭ ގޮތަކީ؟ އެހެންވީމާ، ދިވެހިރާއްޖެއަކީ އެންމެންނަށްވެސް ލިވެބަލް ތަނަކަށް ވެގެންދާންޖެހެނީ. އެއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. އެކަކު އަނެކަކަށް އޯވް ކުރާ އޮބްލިގޭޝަނެއް. އޭގެ މަތީގައި ހުންނާނެ ހަމަ އެއްވެސް އިންސާނަކު ނުހުންނާނެ. އެއީ އަޅުގަނޑުމެންގެ ވެށީގައި، އަޅުގަނޑުމެން އެންމެން އެ ޤާނޫނަކަށް ތަބާވެގެން، ދިވެހި ދިދައިގެ ދަށުގައި އަޅުގަނޑުމެން ތިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކަކީ، މިދެންނެވި ގޮތަށް ލިޔެވިފައި، ފާސްކުރެވިފައި ހުރި ޤާނޫނުގައި ހުރި ވާހަކަތައް. ދެން އެއިން އިސްތިސްނާ ހޯދާނެ ގޮތްތަކަކާ ދޭތެރޭގައި ވާހަކަ ދައްކަވަންޏާ، ހަމަ ޖެހޭނީ އަޅުގަނޑުމެން އިށީނދެގެން ވާހަކަ ދައްކަން ދޮއެއްތޯ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވާހަކަ ދިގުވީތީ ހަމަ މަޢާފަށްވެސް އެދެމުން. އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް އުފާވެރިކަން، ހަމަޖެހުން. ދިވެހި ރައްޔިތުންނަކީ ޞުލްޙައަށް ލޯބިކުރާ އަދި އުޞޫލުތައް ގަބޫލުކުރާ ބަޔަކަށްވެގެންދިޔުން. އަޅުގަނޑުމެންނަށް، ބޮޑެތި މީހުންނަށް އުޞޫލުތައް ގަބޫލުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން ބޮޑެތި މީހުންގެ ކުދި ދަރިން، މަދަރުސާތަކުން ނުކުންނައިރު، އަދި މަދަރުސާތަކުގައި އުޅޭއިރު ތަރުބިއްޔަތު ވެގެންދާނީވެސް ހަމަ އުޞޫލުތައް ގަބޫލުކުރާ ބަޔަކަށްވެގެން. އަޅުގަނޑުމެންގެ ހުރިހާ އުންމީދެއް ގުޅިފައި މިހިރީ ކުޑަކުދިންނާއި، ތުއްތު ކުދިންނާއި، ޒުވާނުންނަށް. އަޅުގަނޑުމެން ބޮޑެތި މީހުންނަށް ކޮށްދެވޭނެ، އެންމެ ކުޑަމިނުން މި ޤައުމަށް ކޮށްދެވޭނެ ކަމަކީ، އަޅުގަނޑުމެންގެ ފަހަތުން މި ޤައުމުގެ ކަންކަމާ ޙަވާލުވާން ތިބި މީހުންނަކީ، ޒިންމާދާރު ބަޔަކަށް ހަދަން ދައްކައިދޭ މިސާލު. އެ މިސާލު ދެއްކުމުގައި އަޅުގަނޑުމެންގެ ގިނަ ބައެއް ފެއިލްވެފައި އޮތްކަން ހިތާމަޔާއެކީ އަޅުގަނޑު ދަންނަވާލަންޖެހޭ. މިއީކީ އެއްގޮތަކަށްވެސް ސިޔާސީގޮތުން ޚިޔާލުތަފާތުވުމެއް ނޫން. އެކަމަކު ސިޔާސީގޮތުން ޚިޔާލު ތަފާތުވީމަ މި ރިކޯރސް ނަގާ ސްޓްރެޓެޖީ މިދެންނެވީ ހަމަ ފެއިލްވެފައި އޮތީއޭ. އެގޮތަކަށް މިހާރު ދިވެހިރާއްޖޭގެ ކަންކަމެއް ނުނިމޭނެ. ދިވެހިރާއްޖޭގެ ކަންކަން ނިމޭނީ ދިވެހިރާއްޖޭގެ ގަބޫލުކުރާ އުޞޫލުތަކާ އެއްގޮތަށް ކަންކަން ނިންމަން އަޅުގަނޑުމެން އެންމެންނަށްވެސް ކެރިގެން.
 
އިރާދަކުރެއްވިއްޔާ މިކަންކަން ކުރުމުގެ ކެރިފޯރުންތެރިކަން މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! ދިވެހިރާއްޖެއަށް އަދަށްވުރެ އުފާވެރި، ފާގަތި، ހިތްހަމަޖެހޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ، އަޅުގަނޑުމެން ދިވެހިންނަށް މާތްﷲ މިންވަރު ކުރައްވާށި!
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.