ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި، އެމަނިކުފާނުގެ މެނިފެސްޓޯގައި ވާ ފަދައިން ޤައުމުގެ ތަރައްޤީއަށާއި ދިވެހިރާއްޖެއަކީ ފަސޭހަކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ދެކުނު ސަރަޙައްދުގައި ތަރައްޤީ ކުރެވުނު 'ސުނާމީ ބިނާ މައިޒާން' ހުޅުވުމަށްޓަކައި މިރޭ އެސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރައްޔިތުންނަށް ވަރަށްބޮޑު ހިތާމަވެރިކަމަކާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ. އަދި އެދުވަހުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، މިކާރިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިގެން ދިޔަ ހުރިހާ ރައްޔިތުންނަށް މިދިޔައަހަރު ބޯހިޔާ ވަހިކަން ފޯރުކޮށްދެވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުޅަހެޔޮ މުޖުތަމަޢުއެއް އުފެދޭނީ މިރޭ މިހުޅުވިގެން ދިޔަ މައިޒާންފަދަ ރައްޔިތުން ހިތްހަމަ ޖެހޭނެ އަދި ރައްޔިތުންނަށް ހަމަނޭވާލާނެ ފުރުޞަތު ލިބޭނެ ވަޞީލަތްތަކެއް އުފެދިގެން ކަމަށެވެ. އަދި ރައްޔިތުންނަށް އިޖުތިމާޢީ ގޮތުންނާއި ޢިޤްތިޞާދީ ގޮތުން ތަރައްޤީ ލިބިގެންދާނީ ރައްޔިތުންނަށް ހެޔޮއެދިގެން ކަންތައްތައް ކޮށްދެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް، ޙާއްޞަކޮށް ޒުވާނުންނަށް ގެދޮރު ހޯދައިދިނުމާއި ވަޒީފާ ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މާލޭގެ ރައްޔިތުންނަށް އެންމެ އުނދަގޫވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީވެސް ސަރުކާރުގެ ޒިންމާއެކެވެ. މިގޮތުން، ވަރަށް އަވަހަށް މިކަމުގެ ޙައްލު ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތް ހަދާ ނިމުމުން އެހޮސްޕިޓަލަކީ އޭޝިއާ ސަރަޙައްދުގައި ހުރި އެންމެ ރަނގަޅު ޚިދުމަތްދޭ ހޮސްޕިޓަލަށް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން، އެމަނިކުފާނުގެ އެދުމަކީ އައި.ޖީ.އެމް.އެޗްގައި ހުރި 'ރިހެބިލިޓޭޓިވް ޑިޕާޓްމަންޓް' ދުނިޔޭގެ މަތީ ފެންވަރުގެ ޞިއްޚީ ޚިދުމަތްދޭ ފަރާތަކާ ހަވާލުކޮށްގެން ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގެ ހާޒިރީންނާ މުޚާތަބުކުރައްވަމުން، ޤައުމީ އެކި ކަންކަމުގައި ދިވެހި ސިފައިންނާއި ފުލުހުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނަށާއި ފުލުހުންނަށް ޝުކުރު އަދާކުރައްވަމުން، ކުރިއަށް އޮތް 12 މަސް ދުވަސް ތެރޭގައި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި 'ސުނާމީ ބިނާ މައިޒާން' ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިރަސްމިއްޔާތުގައި، 'ސުނާމީ ބިނާ މައިޒާން' ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދިޔަގޮތް ދައްކައިދޭ ހަނދާނީ ފޮޓޯ އަލްބަމެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވުނެވެ. މިއަލްބަމް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމައިޒާން ހުޅުވުމުގެ ތަޢާރަފެއްގެ ގޮތުން ވަނީ ތިއެޓްރިކަލް ޕްލޭއެއް ދައްކުވައިދީފައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދެއްކެވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހިމްއާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.