ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، ކުރިޔަށް ގެންދަވަން ނިންމަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ، ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަކަށްވެސް ޙައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ މަޝްވަރާތަކަކަށްވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކަންބޮޑުވުންތަކާބެހޭގޮތުން މަޝްވަރާކުރުމަށް މާދަމާ 2:30 އަށް ރައީސް އޮފީހަށް ވަޑައިގެން ދެއްވުމަށް އެ ޕާޓީއަށް ސަރުކާރުން އަނެއްކާވެސް ދަޢުވަތު ދެއްވައިފިއެވެ.

މި މަޝްވަރާތަކަށް ސަރުކާރުން އިސްނަންގަވާފައިވަނީ، ހުރިހާ ފަރާތްތަކަކަށް އިތުބާރުހިފޭ މާޙައުލެއް ޤާއިމުކޮށް، ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުމަށް ކަމަށްވާތީ، ހެޔޮ ނިޔަތުގައި ސަރުކާރުން ކުރިޔަށްގެންދަވާ މި މަޝްވަރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބައިވެރިވެވަޑައިގެން ދެއްވުމަށް ސަރުކާރުން އިލްތިމާސް ކުރައްވައެވެ.