ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކުރާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި އޮތޯރިޓީ އުފެއްދެވުމާގުޅިގެން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް" މިއަދު އުވާލައްވައި، ޤާނޫނު ނަންބަރު 2015/42 ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އޮތޯރިޓީގެ މުދަލާއި، ފައިސާއާއި، ވަސީލަތްތަކާއި، އެ އޮތޯރިޓީން އުފުލަންޖެހޭ ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާއި، އެ އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، ޤާނޫނު ނަންބަރު 2015/42 ގެ ދަށުން އުފައްދަވާފައިވާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ބަދަލުވެފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ، ޤާނޫނު ނަންބަރު 2015/42 ގެ  5 ވަނަ މާއްދާގައި ބަޔާންކުރާ ޑިރެކްޓަރުންގެ ބޯޑުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ، މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ގުޅިފައިވާ އޮތޯރިޓީއެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ޤާނޫނު ނަންބަރު 2015/42 ގެ ދަށުން އުފައްދަވާފައިވާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ޤާއިމުވުމާ ހަމައަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހަމަޖައްސަވާފައިވާ ނަންބަރު 165 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤާނޫނު ނަންބަރު 2015/42 ގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ލިސްޓު މިދެންނެވުމާއެކު އެވަނީއެވެ.
 
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ)  ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
(ނ)  ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތު ކުރިއެރުވުން.
(ރ)  ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތާ ބެހޭގޮތުން ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކާ ބެހޭގޮތުން ނުވަތަ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
(ބ)  ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ޤާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.
(ޅ)  ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.
(ކ)  ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން.
(އ)  ޚިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލްކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުން.
(ވ)  ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން.
(މ)  ޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭންއާއި އެނޫނަސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޛަރީޢާއިން އެޑްރެސްކުރުމާބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
(ފ)  ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓްކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުން.
(ދ)  ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.
(ތ)  ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
(ލ)  ސެޓަލައިޓްގެ ގުޅުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.
(ގ)  ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ޤާއިމުކުރުމުގައި ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން.
(ޏ)  ޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދީ އިރުޝާދުދިނުން.
(ސ) ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
2.  ސްޕެކްޓްރަމް ބެލެހެއްޓުމާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން.
(ށ) ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން.
(ނ) ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމާއި، ފިޔަވަޅު އެޅުން.
3.  ޕޯސްޓުގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ)  ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.
(ށ)  ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ބެލުން.
(ނ)  ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
4.   އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާ ގުޅޭކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ)  މި ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ)  ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ޞިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
(ނ)  ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.
5.   ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.
6.   ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް މި ޤާނޫނު ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.