މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއަށާއި، އެމިނިސްޓްރީގެ އެންމެހައި ވެރިންނަށާއި، މުވައްޒަފުންނަށާއި، އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ އެކި ބޭފުޅުންނަށާއި، އެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ރާއްޖޭގެ އަންހެނުންނަކީ ވަރަށް ކުރިއްސުރެ ތަފާތު އެތައް ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި މުޖުތަމަޢަށް ކުރަމުން އައިސްފައިވާ ބައެކެވެ. އަދި މިއަދު އަންހެނުންގެ މަސައްކަތްތައް މިވަނީ އެތައް ރޮނގަކުން އިތުރުވެ، ފުޅާވެފައެވެ. އެހެންކަމުން، ޤައުމު ބިނާކޮށް ބައްޓަންކުރުމުގައި ރާއްޖޭގެ އަންހެނުން އަދާކުރަމުންގެންދާ ދައުރު، މިފަދަ މުނާސަބަތެއްގައި ފާހަގަކުރަންޖެހެއެވެ.  

ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާއިރު، އެކަމުގައި އަންހެން ކަނބަލުންގެ ޙިއްޞާ ނުހަނު ބޮޑެވެ. އަދި ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އަންހެން ކަނބަލުން ތިއްބެވިކަން އެއީ، މިއަދު އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ހަނދާންކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި އަންހެން ކަނބަލުން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކޮށް، އެހުރިހާ ކަނބަލުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.  

ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއް ދެމުންގެންދާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރުންވެސް މިކަމަށް ބައިނަލްއަޤްވާމީ ގޮތުން ދޭ ސަމާލުކަން ރަމްޒުކޮށްދެއެވެ. 2030އާ ހަމައަށް ޖެންޑަރ އިކުއެލިޓީ ކަށަވަރު ކުރުމާއި، އަންހެނުންނާއި، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށް، މި ޝިޢާރުން ބާރުއަޅާއިރު، މިރޮނގުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން، މި ފުރްޞަތުގައި އަޅުގަނޑު އަރުވަމެވެ. އަދި އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތައިލުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ކަމާބެހޭ އިދާރާތަކުންނާއި، ޢާންމު ފަރުދުންވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ.  

ހަމައެހެންމެ، އަންހެނުން ވަޒީފާ އަދާކުރުމުގައި ހުރި ހުރަސްތައް ނައްތައިލުމަށާއި، މަސައްކަތުގެ މާޙައުލުންނާއި، މުޖުތަމަޢުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާއާއި ގޯނާއަށް ފުރްޞަތު ނުދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެންމެހައި ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އަޅުގަނޑު މި ފުރްޞަތުގައި ގޮވައިލަމެވެ.  

މާތްﷲ، ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ އަންހެނުން ބާރުވެރިކުރުވައި، ތަރައްޤީގެ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! އަދި ރާއްޖޭގެ ކޮންމެ ފަރުދަކީވެސް އުފެއްދުންތެރި މަސައްކަތެއްކުރާ، ޤައުމުގެ ތަރައްޤީއަށް ޙިއްޞާކުރާ އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކަށްވުމުގެ ތައުފީޤު ދެއްވާށިއެވެ!