بســم اللّـه الرّحمـن الرّحيــم
      
          ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މިދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.
  
   އާދެ، މިއަދުގެ މި ހިތްފަސޭހަ ހަވީރުގެ ވަގުތު، އުތީމަށް އައުމުން އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، އުތީމުގެ ލޮބުވެތި ރައްޔިތުން އެތަކެއް ޒަމާން ވަންދެން ތަޙައްމަލް ކުރައްވަމުން ގެންދެވި އުނދަގޫތަކަށް ނިމުމެއް އަންނަ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށް އަޅުގަނޑަށް ލިބޭ ފުރްޞަތު.
 
އާދެ، ތިޔަބޭފުޅުން ބަނދަރެއްގެ ދަތިކަން ތަޙައްމަލް ކުރައްވައިފީމު ލައްކަ ޒަމާން ވަންދެން. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ މި ފަސްގަނޑުގައި ތިބެގެން ވާހަކަ ދައްކާއިރު،މި ފަސްގަނޑުން އުފަންކުރި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޝަޚްޞިއްޔަތަކަށް ބަނދަރަކީ އެހާ މުހިންމު ތަނަކަށްނުއެއްވެޔޭ، އެހެން ނޫންތޯ؟ ކޮމަންޑޫ ދޭތެރެއިންވެސް ދަތުރުކުރެއްވީ ބަނދަރަކާއި އަދި މިހާރުގެ ނެވިގޭޝަން ސާމާނު ހިއްޕަވައިގެނެއް ނޫން. އެހެންނަމަވެސް، އުތީމުގެ ލޮބުވެތި ރައްޔިތުން ތިޔަ ތަޙައްމަލް ކުރައްވަމުން ގެންދެވި ހިތްދަތިކަން ނިމުމަކަށް އައިސް، ބަނދަރުގެ ފަސޭހަކަން، ބަނދަރުގެ އަމާންކަން ތިޔަބޭފުޅުންނަށް ލިބި އަދި    މި އުފަލުގައި ބައިވެރިވާން އަޅުގަނޑަށް މި ފުރްޞަތު ލިބުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން. އަދި ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އައުމުން ތިޔަބޭފުޅުންގެ ގާތްކަން އަޅުގަނޑަށް ދައްކަވައިދެއްވުމަށް އަޅުގަނޑުގެ އިސްތިޤްބާލުގައި މުޅި ރަށުގެ ރައްޔިތުންނާއި، ކައިރި ހިސާބުތަކުން ބޭފުޅުން ވަޑައިގެން ތިއްބެވީމަ، އެކަމަށް ވަރަށް ޝުކުރުކުރާ ވާހަކަ، ވަރަށް އުފާކުރާ ވާހަކަ ދަންނަވައި، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފަށަމުން، ރާއްޖޭގެ ތަރައްޤީއަށް މިކުރެވޭ މަސައްކަތްތަކާއި، އަދި މިހާ މާލެއާ ދުރުން އުތީމާ ހިސާބުން އެކަން ފާހަގަކުރައްވާ ކަމަށް ކައުންސިލްގެ ރައީސް އަސްރާރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެކަމަށްޓަކައި އުތީމުގެ ލޮބުވެތި ރައްޔިތުންނަށް އަދި ރައްޔިތުންގެ ފަރާތުން އަސްރާރު އެ ވާހަކަފުޅު އަޅުގަނޑަށް ހުށަހެޅުއްވީމަ، ތިޔަ އިޙްސާންތެރި ބަސްކޮޅަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑު މިދިޔަ ހަފްތާގައި ހަމަ މިދުވަސްވަރު އުޅުނީ ވަރަށް އަވަދިނެތި. އަޅުގަނޑު އަވަދިނެތި އުޅުނީ ހަމައެކަނި ރައްޔިތުންނާ ބައްދަލުކޮށް، އޭރުވެސް ދެ ރަށެއްގެ ބަނދަރު ނޫނިއްޔާ ނަރުދަމާ ނޫނީ ފެނުގެ މަސައްކަތް ހުޅުވައިދިނުމުގެ ކަންތަކުގައި އެކަންޏެއް ނޫން. އެއަށްވުރެ މާބޮޑެތި ނުރައްކާތެރި ކަމަކަށް ދިވެހިރާއްޖެ ހުށަހެޅިގެންދިޔައިރު، ދިވެހިރާއްޖެއަށް އެކަމުން ކޮންމެވެސްކަހަލަ ޙައްލެއް ލިބޭނީ ކިހިނެއްތޯ ބަލަން ކުރި މަސައްކަތުގައި، ރައްޔިތުންނާ ބައްދަލުކުރިން. އެހެންނަމަވެސް، އަޅުގަނޑު ހުރީކީ އެއްގޮތަކަށްވެސް އުފާވެރިކަމާއެކީގައެއް ނޫން. އަޅުގަނޑު ހުރީ ހާސްކަންމަތީގައި.
 
އާދެ، އެދުވަހު އަޅުގަނޑުމެންނާ ދޭތެރޭގައި ކޮމަންވެލްތްގެ ސަރުކާރުތަކުން، ޤައުމުތަކުގެ ސަރުކާރުތަކުން ގޮތެއް ނިންމަން އޮތީ އެކަށައަޅާފައި. އަޅުގަނޑުމެންނަކަށް އެ ދަތުރު އެހާ ފަސޭހައެއް ނޫން. ކޮމަންވެލްތުން އަޅުގަނޑުމެންނާ ދޭތެރޭގައި ދަތިކުރުމުގެ ގޮތްތަކެއް ނިންމައިފި ކަމަށްވަންޏާ، އަދި އަޅުގަނޑުމެން ކުރާ ކަންތައް ވަރަށްގާތުން ބަލައި، މިކަންކަމާ ދޭތެރޭގައި، ދިވެހިރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅަން ނިންމައިފި ކަމަށްވަންޏާ، އޭގެ އުނދަގޫ އަޅުގަނޑުމެންގެ ރާއްޖޭގައި ހުރިހާ ދިމާއަކުންވެސް އުފުލާނެ. ކޮމަންވެލްތަކީ އަޅުގަނޑުމެންނަށް ސީދާ ބޮޑެތި އެހީތަކެއް ޤައުމުތަކެއް ހިމެނޭ ޖަމްޢިއްޔާއަކަށް ނުވިނަމަވެސް، ދުނިޔޭގައި އ.ދ. ނަގާފައި، ކޮމަންވެލްތަކީ މިދެންނެވި ކަހަލަ ވަރަށްގިނަ ޤައުމުތަކެއް ހިމެނޭ ޖަމްޢިއްޔާއެއް. އެހެންވީމާ، މުޅި ދުނިޔެއަށް ދިވެހިރާއްޖެ މަޝްހޫރު ކުރަން ބަޔަކު އެ މަސައްކަތްކުރީ، ދިވެހިރާއްޖެއަކީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި، ނޫނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއި، ކަރާމާތްތެރިކަމަށް އެއްވެސްކަހަލަ އިޙްސާންތެރިކަމެއް ނެތް ބައެއްކަން ސިފަކޮށްދޭން.  އެ މަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ނުބައިވެއްޖައީސް. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ އެކަން އެގޮތަކަށް ނުހިންމަވާ. އަޅުގަނޑު އެދުވަހު މަސައްކަތްކުރީ، ހަމަ ދެ ޕޯޑިއަމް ދޭތެރެއިން އަޅުގަނޑު މަސައްކަތްކުރީ، ދިވެހިރާއްޖެއަށް މިކަމުގެ އަމާން ގޮތްތަކެއް ހޯދުމަށް. އަޅުގަނޑުމެންގެ ސަރަޙައްދުގެ ބޮޑެތި ޤައުމުތަކުގެ ބޮޑުވަޒީރުންނާ ފޯނުން ބައްދަލުކުރަން. ދެ ދަތުރު ދޭތެރޭގައި އިންޑިއާގެ ބޮޑުވަޒީރާ އަޅުގަނޑު ވަރަށް ދިގުކޮށް ވާހަކަ ދެއްކިން. ޕާކިސްތާނުގެ ބޮޑުވަޒީރާވެސް އަޅުގަނޑު ވަރަށް ދިގުކޮށް ވާހަކަ ދެއްކިން. ދެބޭފުޅުންވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް އިޙްސާންތެރި، ވަރަށް ރަނގަޅަށް ވާހަކަފުޅު ދައްކަވާފައި، އިރާދަކުރެއްވިއްޔާ އެކަން ނިމިގެންވެސް އެދިޔައީ. އަޅުގަނޑުމެންގެ ދިފާޢުގައި، ކޮމަންވެލްތްގެ އެ ބައްދަލުވުމުގައި އެންމެ ވަރުގަދައަށް ވާހަކަފުޅު ދެއްކެވީ، އެ ދެސަރުކާރުގެ މަންދޫބުން. އަޅުގަނޑުމެންނާ ދެކޮޅަށް ވާހަކަ ދެއްކި މީހުން ތިބި. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަވަށްޓެރި މި ބޮޑު ދެބާރުގެ މަސައްކަތުން އެފަހަރު އަޅުގަނޑުމެންނަށް އެކަހަލަ އެއްވެސް ދަތިކަމެއް ނައިސް ސަލާމަތްވެގެން މިދިޔައީ.
 
ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ ދެބޭފުޅުންނަށް ޝުކުރުގެ މެސެޖް، ސިޓީފުޅު އަޅުގަނޑު ވާނީ މިހާރު ރައްދުކޮށްފައި. އެހެންނަމަވެސް، މިގޮތަށް ކުރި ދަތުރެއްގެ ތެރޭގައި މިކަން ކުރީމަޔާއެކީ، އަޅުގަނޑު ހަމަ ހިތަށްއެރީ، މި ފުރްޞަތުގައި ހަމަ ހުރިހާ ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީގައި އަނެއްކާވެސް އެ ދެޤައުމުގެ ބޮޑުވަޒީރުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތް ޤަދަރާއި، އަޅުގަނޑުމެންގެ ހިތުގައި އޮތް އިޙްސާންތެރިކަން އެބޭފުޅުންނަށް ރައްދުކުރާނަމޭ.
 
 އުތީމުގެ ފަސްގަނޑުގައި ހުރެގެން އަޅުގަނޑުމެން ވާހަކަ ދައްކާއިރު، ހިތަށް މިއަރަނީ މިއަށްވުރެ ވަކި މުނާސަބު ވަގުތެއް، މިއަށްވުރެ ވަކި މުނާސަބު ތަނެއް މިވާހަކަ ދައްކާކަށް ނެތްކަންނޭނގެއޭ. އަޅުގަނޑުމެންގެ އަދި މިނިވަން 50ގެ އަހަރުތައް ވޭތުކޮށް ނިމުނީކީ ނޫން. އަޅުގަނޑުމެން މިނިވަން 50ގެ އަހަރު ފާހަގަކުރުން މި ނިންމާލީ މިދިޔަ އަހަރު. މިނިވަން 50 ގައި އަޅުގަނޑުމެން ފާހަގަކުރަން ހުރި ކަންތައްތަކުގެ ތެރޭގައި އަދިވެސް ބައެއް ކަންތައްތައް ހުރި. މިނިވަންކަމަށް 50 އަހަރު ފުރިގެން އަޅުގަނޑުމެން އެ އުފާ އިޙްތިފާލު ފާހަގަކުރުމަކުންނެއް އެ އުފަލެއް ނިމިގެނެއް ނުދޭ. އަޅުގަނޑުމެންގެ މިނިވަންކަމަށް ލޮޅުން އަންނަ ފަހަރުފަހަރު ހަމަ ދިވެހިންގެ ތެރެއިން ވަރުގަދަ ޝަޚްޞިއްޔަތުތަކެއް ނުކުމެ، އެކަންކަން އަޅުގަނޑުމެންނާ ހަމައަށް އަނބުރާ އިޢާދަކޮށްދެނީ. އެއީ، އިސްލާމީ ހިދާޔަތުގައި ތިބުން ކަމުގައިވީނަމަވެސް، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުން ކަމުގައިވީނަމަވެސް.
 
އުތީމުގައި މި ވާހަކަ ދައްކާއިރު، މިއީ ބޮޑުތަކުރުފާނުގެ އުފަން ރަށް. ދިވެހިރާއްޖޭގެ މިނިވަންކަމަށް ކިރިޔާވެސް ކުލުނެއް ހުރި މީހަކު ވެއްޖިއްޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި ކިރިޔާވެސް އިޙްސާންތެރިކަމެއް ހުރި މީހެއް ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ކަންކަން ނިންމާކަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެންނެއް، ދިވެހިރާއްޖޭގެ އަގު ވައްޓާލާކަށް، ދިވެހިރާއްޖޭގެ ކަރާމާތަށް ގެއްލުންދޭކަށް، ދިވެހިރާއްޖޭގެ އިސްލާމްދީނަށް ގޮންޖަހާކަށް، ނޫނިއްޔާ ދިވެހިންނަށް ޖުމްލަ ގޮތެއްގައި ދެރަގޮތްވާކަށް އެދޭނީކީ ދިވެއްސެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެއީ، އެހެން ފިކުރެއްގައި ތިބޭ ބައެއް. އެއީ، ދިވެހިންނަށް ހެޔޮއެދޭ ބައެއް ކަމަކަށް ގަބޫލެއްނުކުރެވޭނެ. ހަމަގައިމުވެސް މިއީކީ އުތީމު ރައްޔިތުންނަށް މިކަން ގަބޫލުކުރެވޭނެ ގޮތެއް ނޫން. ބަލައިގަނެވޭނެ ގޮތެއް ނޫން. ދެންމެ އަސްރާރުގެ ވާހަކަފުޅުގައި، އެކަން އުތީމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ކަށަވަރުކޮށްދެއްވި. އަޅުގަނޑު ހަމަ މިއަދު ސީމެގްގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭގައި އުނދަގޫ ފިޔަވަޅެއް ނާޅައި ދިޔައީތީ ﷲ އަށް ޝުކުރުކުރަމުން، އަދި ޤައުމުތަކުގެ ބޮޑުވަޒީރުންނަށް އަދި ޤައުމުތަކުގެ އިސްފަރާތްތަކަށް ޝުކުރު ދަންނަވަމުންވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކުޑަކުޑަ ޖަޒީރާ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީވެސް ދިރިއުޅެން މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންނަކީވެސް މި ދުނިޔޭގެ ޙަޤީޤަތްތައް ގަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން އިސްލާމްދީނުގައި ތިބެގެން، އެހެންނަމަވެސް އެހެން މީހުންނަށް އިޙްތިރާމްކޮށްގެން، އަވަށްޓެރިންނާއި އަދި ދުރު ޤައުމުތަކުގެ މީހުންނާއެކީ، ޖަމްޢިއްޔާތަކުގައި، ޖަމާޢަތްތަކުގައި އެމީހުންގެ އާދަކާދަތަކަށް، ޘަޤާފަތަށް އިޙްތިރާމްކޮށްގެން، އެމީހުންނާއެކީ މަސައްކަތްކުރާ ބައެއް. މިއީ ދުނިޔޭގެ ޑިޕްލޮމަސީގެ އަޞްލަކީ. އެއް ޤައުމެއްގެ އިސްތިޤްލާލަށް އިޙްތިރާމްކޮށްގެން، އެއް ޤައުމެއްގެ ހިންގުމަށް އިޙްތިރާމާކޮށްގެން އުޅޭ ޤައުމުތައް އ.ދ. ގައި މިތިބީ.
 
ދިވެހިރާއްޖޭގައި ގެއްލިގެން އުޅޭ އިންސާނީ ޙައްޤެއް އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. ދިވެހިރާއްޖެއަށް އެކި ވަފުދުތައް އައި ދިވެހިރާއްޖޭގެ ކަންކަން ހިނގާގޮތް ބަލަން. ގައިމު ދިވެހިރާއްޖޭގައި ތިވަރުގެ ބޮޑެތި މައްސަލަތަކެއް ހުރިނަމަ، ކިތަންމެވަރަކަށް އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެންގެ ދިފާޢުގައި ވާހަކަ ދެއްކި ނަމަވެސް، އެކަންކަމާ ދޭތެރޭގައި ފިޔަވަޅު ނާޅައެއް ނުދާނެ. ދިވެހިރާއްޖޭގައި މިއުޅެނީކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ކަންތައްތަކެއް ދިމާވެގެނެއް ނޫން. ވެދާނެ ދިވެހިރާއްޖޭގެ މަދުބަޔަކަށް އުނދަގޫވާ ކަންތައްތަކެއް، އެމީހުން އިޙްސާސް ކުރަންޖެހޭ ދުވަސްތަކަކަށްވަނީކަންނޭނގެ. އެ އުނދަގޫ މުޅި ދިވެހި އުންމަތް އުފުލަންޖެހޭ ކަމަށްވަންޏާ، އެއީކީ ދިވެހިންގެ ޙައްޤުގައި، ދިވެހިންނަށް ރަނގަޅު ކަންތައްތަކެއް ހޯދައިދޭން މަސައްކަތްކުރާ ބައެއް ނޫން. އެއީ އަމިއްލަ ފައިދާއަށް، އަމިއްލަ ކަންތައްތަކެއް އެމީހުންނާ ބީވެގެން ދިޔައިމަ، އެކަންތައްތައް އިޢާދަކުރުމަށް މަސައްކަތްކުރާ ބައެއް. އޭގައި އޮތީ ހަމަ ވަރަށް ސެލްފިޝް، ވަރަށް އަމިއްލަވަންތަ ކަންތައްތަކެއް. އޭގައި އޮތީކީ މުޅި ރައްޔިތުންނަށް ފައިދާހުރި ކަންކަމެއް ނޫން. މުޅި ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާކަމަށްވަންޏާ، އަޅުގަނޑު މިއަދު ވަށަފަރުގައިވެސް އިލްތިމާސްކުރި ގޮތަށް އަޅުގަނޑުމެންނާއެކީ ވާހަކަ ދައްކަން އަންނަންވީ. އަޅުގަނޑު ހަނދާނުން ކައްސާނުލަނީސް އަޅުގަނޑު ހަމަ ވަށަފަރު ރައްޔިތުންގެ އަރިހުން މަޢާފަށް އެދެމުން، އުތީމުގައި މި ޙަފްލާގައި ދަންނަވާލަނީ ހަމަ ވަށަފަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާފައި، ވަށަފަރުންވެސް އަޅުގަނޑަށް ހަނދާނީ ފިލައެއް، ނޫނީ އެޕްރިސިއޭޝަން ޕްލާކެއް ދެއްވި. އެކަމަށްޓަކައި ވަށަފަރުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަޅުގަނޑަށް ވަށަފަރުގައި އެކަން ފާހަގަނުކުރެވުނީ. ހަމައެހެންމެ ދެންމެ ހަމަ އުތީމުންވެސް އަޅުގަނޑަށް ތިޔަ ދެއްވީ އެޕްރިސިއޭޝަން ޕްލާކެއް، ފިލައެއް. އެކަމަށްޓަކައި އުތީމުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި ތިޔަ ބަހައްޓަވާ ގާތްކަމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތްތައް ގިނަގުނަ. އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން މި މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ބޭނުންވާ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް އަވަސްމިނެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދެވޭތޯ. އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންނަށް ފާޑުކިޔާ ބޭފުޅުން، އަޅުގަނޑުމެން މި ދައްކާ ވާހަކަ ކުޑަކޮށްވެސް ދިރާސާކޮށްލައްވާނެނަމައޭ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން، އެބޭފުޅުން ކަންކަން ބެލެހެއްޓެވިއިރާއި މިހާރު ކަންކަން ބެލެހެއްޓެވިއިރާ ދޭތެރޭގައި، ކިހާވަރެއްގައި ތަފާތުވެގެން ދިޔައިމަތޯ، އެކި ރަށުގައި އެކިހިސާބުގައި އެކި ބަނދަރާއި، ނަރުދަމާއާއި، ފެނުގެ ނިޒާމް ޤާއިމްވެގެން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ 5 އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ މީހުން އުޅޭ ރަށްރަށުގެ ތެރެއިން 50 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ފުރިހަމަކުރުން. 50 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ފުރިހަމަކުރެވިގެންދާ ކަމަށްވަންޏާ، މި ދައްކަނީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުންނަށް ފެނާއި ނަރުދަމާ، ސާފު ބޯފެން ލިބުމުގެ ވާހަކަ. އަދި އެމީހުންނަށް ނަރުދަމާގެ ފަސޭހަތަކާއި، އަދި ބަލިމަޑުކަމުން ސަލާމަތްވުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ، މިއަހަރުގެ ހަމަ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، ފުވައްމުލަކުގައިވެސް އަޅުގަނޑުމެން ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙު ކުރުމުގެ މަޝްރޫޢު އެބައޮތް. މިއީ ބޮޑު ރަށެއް. ބޮޑު ޚަރަދު ހިނގާކަމެއް.
 
މިރަށުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރަށުގައި ބަނދަރު ހުޅުވުމުގެ މި އުފަލުގައި އަޅުގަނޑު ބައިވެރިވާއިރު، ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މިއީ ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖެއަށް ވަރަށް ޚާއްޞަ ރަށެއް. އެ ރަށަކަށްޓަކައި އަޅުގަނޑުމެން ދިވެހި ރައްޔިތުން ފަޚްރުވެރިވާ ރަށެއް. އެހެންވީމާ، މިރަށުގެ ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުގެ ސަރުކާރުން ކޮށްދޭނަން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިރަށުގެ ނަރުދަމާގެ ނިޒާމްގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އެ އޮތީ ހަވާލުވާ ހިސާބުގައި. މިއަހަރުގެ ތެރޭގައި ޑިޒައިން ކުރުމުގެ މަސައްކަތް ނިމިގެން، އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނެ. ހަމައެއާއެކީ މިރަށަކީ އަޅުގަނޑުމެންގެ އާސާރީ އެތަކެއް ކަންތައްތަކެއް ހިމެނޭ ރަށަކަށްވާތީއާއެކީ، އަދި މި ހިސާބުގަނޑުގައި ގެސްޓްހައުސް އެޅުމާއެކީ، ޓުއަރިސްޓުން ދަތުރުކުރާ ތަނަކަށްވާތީ، އަޅުގަނޑަށް ކުރީގައިވެސް އައި އެއް ހުށަހެޅުމަކީ، ގެސްޓްހައުސް ހެދޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުން. މިހާރު މިރަށުގެ ގެސްޓްހައުސް އަޅާނެ ސަރަޙައްދުވެސް އެއޮތީ ފާސްކޮށް ނިންމާފައި. މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިއަދު ނޫނީ މާދަމާ ތިޔަބޭފުޅުންނަށް ދަޢުވަތު ލިބޭނެ، ޓުއަރިޒަމް މިނިސްޓްރީއަށް ވަޑައިގެން މި މެމޮރެންޑަމްގައި ސޮއިކުރައްވަން. އެހިސާބުން ގެސްޓްހައުސްގެ މަސައްކަތް އުތީމުގައި ފަށްޓަވާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ޝައްކެއް ނުއުފެދޭ.
 
އަޅުގަނޑުމެންގެ ރާއްޖޭގައި މި ހިނގައިދާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ފިކުރުކުރަންވީ ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ މިހާ ހިސާބަށް އައިސްފައި މިއޮތީ، ވަރަށް ބޮޑެތި ޖިހާދުތަކެއް ކޮށްގެން. އަޅުގަނޑު، އެއްގޮތަކަށްވެސް ތާރީޚުގެ ތެރެއިން މި ވާހަކަތައް ނަގައި، ޞަފްޙާތައް އުކަން ބޭނުންވަނީކީ ނޫން. އެހެންނަމަވެސް، އުތީމުގައި ހުރެގެން މި ވާހަކަ ދައްކާއިރު، ހަމަ ޚިޔާލަށް މި އަންނަނީ، އަޅުގަނޑުމެންގެ ތާރީޚުގެ ޞަފްޙާތައް ބަލާކަމަށްވަންޏާ، މަދަކުން ނޫނޭ ދިވެހިރާއްޖެއަށް، ދިވެހި ދައުލަތަކަށް ގޮންޖެހުންތައް އައިސްފައި ހުރީކީ. ޝައްކެއްވެސްނެތްގޮތުގައި، ބޮޑުތަކުރުފާނުގެ ޖިހާދަކީ އެއާ ވާދަކުރެވޭނެ އެހެން ޖިހާދެއް ނެތްވަރުގެ ވަރުގަދަ ޖިހާދެއް. އެންމެ މަތިވެރި ޖިހާދު. އެކަމަކު އޭގެފަހުންވެސް އެތަކެއް ކަންތައްތަކެއް ހިނގައިގެންދިޔައީ. ކަލާފާނު ޝަހީދުކޮށްލުމަކީވެސް ހަމަ އޭގެތެރެއިން ހިނގައިދިޔަ ކަމެއް. އޭގެފަހުން ވަރަށްފަހުގެ ތާރީޚާ ހަމައަށް ޖެހެންދެންވެސް އަޅުގަނޑުމެންގެ ތާރީޚުގެ ޞަފްޙާތަކުގައި މިހިރީ މުޅިންވެސް ދިވެހިންގެ ޣައްދާރުވެރި ބައެއްގެ މަކަރުވެރި ރޭވުމާއެކީ ދިވެހިރާއްޖެއަށް ޖަދަލުކުރަން، ދިވެހިރާއްޖޭގެ ވެރިކަމާ ތޮޅެން އަދި ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ގެނައުމަށްޓަކައި ބޭރުގެ އެކިއެކި ފަރާތްފަރާތުގެ ވާގިވެރިކަމާއެކީ އައިސްފައި ރާއްޖެއަށް ދެވިފައި ހުރި ޙަމަލާތައް. މިހާރު އަޅުގަނޑުގެ ޚިޔާލަށް މި އަންނަނީ ވަކި ތަފާތުބާއޭ. އޭރު ވެރިކަމުގައި ތިބި މީހުން، ނޫނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ޤަތުލުކޮށް، ޝަހީދުކޮށް، މިކަހަލަ އެތައް ކަމެއް ހިނގައިދިޔަ. މިހާރު މިޒަމާނުގެ ދުނިޔޭގައި އެއީ އެހާ ފަސޭހަ ކަމަކަށްނުވާނެ. އެހެންނަމަވެސް، މުޅި ރަށެއްގެ ނިކަމެތިކަން ގެނެސް، މުޅި ރަށެއްގެ ރައްޔިތެއްގެ ނިޢުމަތް، އެ ރައްޔިތަކާ ބީވެގެންދާވަރަށް މަސައްކަތް ކުރުމަކީ، ކިހާވަރެއްގެ، ކިހާވަރެއްގެ ކަމެއްތޯ ހަމަ އަޅުގަނޑުމެން ހިތާހިތާ ސުވާލުކޮށްލަންޖެހޭ. ނިޢުމަތްތަކުގެ މަތީގައި ޝުކުރުވެރިކަމާއެކީ ތިބޭއިރު، އެއްވެސް މީހަކު ހަނދާނަކު ނުހުންނާނެ، އެ ނިޢުމަތެއް ބީވެގެންދިޔައިމަ ދެން އުފުލަންޖެހެނީ ކޮންކަހަލަ ތަކުލީފެއް ކަމެއް. އެއީ އަޅުގަނޑުމެން އިންސާނުން، އަޅުގަނޑުމެން ޠަބީޢީގޮތުން ހަނދާން ހުންނަ ކަމެއް ނޫން. ނިޢުމަތްތަކުގައި ތިބޭއިރު އަޅުގަނޑުމެން ތިބޭނީ ވަރަށް ހަމަޖެހިގެން. ވަރަށް ފުދިފައި ތިބޭނީ. އެކަމަކު މިއަދު އުތީމުގެ ރައްޔިތުން ގަބޫލުކުރައްވާނެ، ބަނދަރުގެ ފަސޭހަކަން ނެތްއިރު، ތިޔަބޭފުޅުން އުފުއްލެވި ދަތި. ދާދި އަވަހަށް، ދާދި އަވަހަށް އެ ހަނދާންތައްވެސް ތިޔަބޭފުޅުންނާ މާޒީވެދާނެ. ފަސޭހަކަން، ނިޢުމަތް ލިބުނީމަ، އެއީ، އިންސާނީ ޠަބީޢަތް. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، ދިވެހިރާއްޖެ މިއީ ކޮން ހިސާބަކުން މިހާ ހިސާބަށް އައިސްފައި އޮތް ދައުލަތެއްތޯ؟ ޤައުމެއްތޯ؟ ދައުލަތެއްގެ ސިފަ ދިވެހިރާއްޖެއަށް ގެނައުމަށް ކިހާވަރެއްގެ ޖިހާދުތަކެއް އަޅުގަނޑުމެންގެ ކާބަފައިން ކުރިތޯ؟ އަދި ކާބަފައިން ކިހާވަރެއްގެ ނުރައްކާތެރި ކަންތައްތަކަކަށް ހުށަހެޅިގެންދިޔަތޯ؟ މުޅި ދިވެހި ދައުލަތް ކިހާވަރެއްގެ އުނދަގުލެއް މިކަންކަމުގައި ބަރުދާސްތު ކޮށްފިތޯ؟
 
އަޅުގަނޑުމެންނަކީ މި ސަރަޙައްދުގައި އޮތް އެންމެ މުއްސަނދި ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ މި ސަރަޙައްދުގައި އޮތް އެންމެ ތަނަވަސް ޤައުމެއް ނޫން. އަދި ޢުމްރާނީ ވަސީލަތްތަކަށް ބެލިޔަސް، އިންސާނީ ވަސީލަތްތަކަށް ބެލިޔަސް، އެންމެ ކުރިއަރާފައި އޮތް ޤައުމެއް ނޫން. އެހެންނަމަވެސް، މިއީ ފަޚްރުވެރި ޤައުމެއް. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރަޙައްދުގައި ދިވެހިރާއްޖެއަކީ ކިހާވަރެއްގެ ޤައުމެއްކަން އަޅުގަނޑުމެން ހުރިހާ ދިވެހިން ފުރަތަމަ ގަބޫލުކުރަން. އެއާއެކީ އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ ފެމިލީގެ ތެރޭގައި، ޢާއިލާގެ ތެރޭގައި އުޅޭ ދައުލަތަކަށްވާތީ، އަޅުގަނޑުމެން ބޭނުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައިވެސް، ދިވެހިރާއްޖެއާ ދޭތެރޭގައި، ދިވެހިރާއްޖޭގެ ޝުހުރަތާ ދޭތެރޭގައި ރަނގަޅަށް ވިސްނާ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ސިފަވެގެންދިޔުން. އެކަމަކީ ދިވެހި ރައްޔިތުންގެ އަތްމައްޗަށް ފަސޭހަކަމާއެކީ ދޫކޮށްލާފައި އޮތް ކަމަކަށްވަންޏާ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ.
 
އަޅުގަނޑުމެންގެ ސަރަޙައްދުގެ ޤައުމުތަކަށް ބަލަންޏާ، ޞިއްޙީ އިންޑިކޭޓަރތަކަށް ބަލަންޏާ، ތަޢުލީމު ޙާޞިލު ކުރުމަށް ނޫނީ ތަޢުލީމަށް ދިވެހި ދަރިންނަށް ލިބޭ ފުރްޞަތުތަކުގެ އިންޑިކޭޓަރތަކަށް ބަލަންޏާ، ގެވެށި އަނިޔާގެ މިންގަނޑުތަކަށް ބަލަންޏާ، އަންހެނުންނަށް ލިބޭ ޙައްޤުތަކަށް ބަލަންޏާ، އިންސާނީ ކަރާމާތަށް އިޙްތިރާމްކުރާ މިންވަރަށް ބަލަންޏާ، ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ބެހިގެންދާ މިންވަރަށް ބަލާކަމަށްވަންޏާ، ޞުލްޙަމަސަލަސްކަމުގެ އިންޑިކޭޓަރއެއް އޮތިއްޔާ، އެކަންކަމަށް ބަލަންޏާ، މިހުރިހާ މިންގަނޑުތަކަކުންވެސް މުޅި މި ސަރަޙައްދުގައި ނެތްވަރުގެ ދައުލަތެއް ދިވެހި ދައުލަތް މިއީ. އެހެންވީމާ، ކީއްވެގެންހޭ މި ނިޢުމަތަށް ޝުކުރުކުރަން ނޭނގިގެން އަޅުގަނޑުމެން މިއުޅެނީ؟ އަޅުގަނޑުމެން މިއުޅެނީ މި ނިޢުމަތްތަކަށް ޝުކުރުކުރަން ނޭނގިގެން. އަޅުގަނޑުމެން މިއަށްވުރެ މޮޅު ވާހަކަތަކެއް އެބަ ދައްކަންޖެހޭ. ޝައްކެއްވެސްނެތް، ދިވެހިރާއްޖޭގެ ރައްޔިތުން، އެމީހުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަންކަން ކުރާނެ. ފުރައިގެން ދާންވީމަ ފުރައިގެންދާންވީ. ދިވެހިރާއްޖޭގައި މިއޮތީ ވަރަށް މިނިވަން، އަދި ރައްޔިތުންނަށް ފަރުދީ ޙައްޤުތައް ކަށަވަރުކޮށްދޭ ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން ހޯދާފައި ތިބި ރައްޔިތެއް. އެހެންވީމާ، ވަކި ޤައުމަކަށްދާތީ އެމީހުންގެ ފުށުން ދައުލަތަކުން ނުހިފަހައްޓާނެ. ވަކި ޤައުމަކުން އަންނާތީ އެމީހުންނާ ދޭތެރޭގައި ވަކިގޮތްތަކެއް ނަހަދާނެ. އެކަމަކު ކޮންމެ މީހަކަށްވެސް މިހިރީ ސިކުނޑިއެއް ﷲ މިންވަރު ކުރައްވާފައި. ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، ކޮންމެ މީހަކުވެސް އެބަ ވިސްނާލަންޖެހޭ.
 
 އަޅުގަނޑުގެ ކުރިން ރައީސްކަން ކުރައްވާފައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް އަޅުގަނޑު ހަމަ މި މެސެޖް ދަންނަވާލަން ބޭނުންވަނީ. މުޅި ރަށެއްގެ ރައްޔިތެއްގެ ޒިންމާ އުފުއްލަވައިފީމުއޭ. އެހެންނަމަވެސް މިއަދު އެމަނިކުފާނު އެ ދައްކަވައިދެއްވަނީ، އަނެއްކާވެސް މުޅި ރަށެއްގެ ރައްޔިތުންނަށް ދަތިކުރުމާއި، މުޞީބާތާއި، އުނދަގޫ އުފުލުމުގެ މަގު އެ ފަހިކޮށްދެއްވަނީ. މިއީކީ އެއްވެސް މީހަކަށް ފަރުދީ މިނިވަންކަމުގެ ޙައްޤު އޮވެގެން ކުރެވޭނެ ކަމެއް ނޫން. މިއީކީ ފަރުދީ މިނިވަންކަމުގެ ޙައްޤުގެ ތެރެއިން، ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން. އެއްވެސް ދައުލަތެއްގެ މުޅި ރައްޔިތަކަށް ދެރަވާ ގޮތަކަށް، އަދި އަމުދުން ރައްޔިތެއްގެ ވަލިއްޔުލްއަމުރަކަށް ހުރި މީހަކަށް ކުރުމަށް ލަދުވެތި ކަންކަން މި ހުންނަނީ. މިކަންކަމަކަށް ނުހުންނާނެ ޤާނޫނު ލިޔެފައެއް. މިއީ އެއަށްވުރެ މާ ޢާންމު ގޮތެއްގައި އިންސާނުން ގަބޫލުކުރާ، އެންމެން ގަބޫލުކުރާ އުޞޫލުތައް. އެހެންވީމާ، މިއީކީ ޤާނޫނު ލިޔާ ކަންތައްތަކެއް ނޫން. ރަށެއްގެ ވެރިކަން ކޮށްފައި، އެނބުރި ވަކިވެގެންދާއިރު އެކަންކަން ގަބޫލުކުރެވެންވާނެ. މި ރަށަކާ ދޭތެރޭގައި ތިމަންނަ ދަރާފައި އޮތީ ކިހާވަރެއްގެ ދަރަންޏެއްތޯ ވިސްނަންވާނެ. އެވަރު ނުވިސްނޭ ކަމަށްވަންޏާ، އެއީ ހަމަ އެކަންކަމަށް ޝަރުޠު ފުރިހަމަނުވަނީ. ޝަރުޠު ފުރިހަމަވާނީ ހަމައެކަނި ހިސާބު އަކުރާއި ތާނަ އަކުރު ލިޔަން އެނގިގެނެއް ނޫން. އެހެންވީމާ، ރަށަކަށް އޮންނަންވާނެ، ރަށެއްގެ ރައްޔިތަކަށް އޮންނަންވާނެ ކަރާމާތާ ދޭތެރޭގައި، ނޫނިއްޔާ އޮންނަ އިޙްސާންތެރިކަމާ ދޭތެރޭގައި ވިސްނާވަޑައިނުގެން، މި ރާއްޖެއަށް ޓުއަރިސްޓުން އައުމަކީ މަނާކަމެއް، މި ރާއްޖެއަކީ ދުނިޔޭގައި ނެތްފަދަ ހައްދުފަހަނަޅާފައި ތިބި އިސްލާމުން ތިބި ތަނެއް ކަމަށް ދައްކައިދޭން މިކުރާ މަސައްކަތް، ނޫނިއްޔާ މި ރާއްޖެއަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ނުކުރާ، ޓުއަރިސްޓުންނަށް އަންނަން ނުރައްކާތެރި ބިރުވެރި މަންޒިލެއް ގޮތަށް މި ކުރަހައިދޭން މިއުޅޭ ޗާޓަކީ ހަމަގައިމުވެސް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތައް ގަބޫލުކުރާ އެއްޗެއް ނޫން. އެމީހުންނަށް ލޯމަތިން ކޮންމެ ދުވަހަކު މިކަން ފެނިގެން މިދަނީ.
 
އެހެންވީމާ، ކަންކަން ބޭނުންފުޅުވާ ކަމަށްވަންޏާ، އެކަން ކުރަން އޮތް މަގުން ހިންގަވާ. އަޅުގަނޑުމެންވެސް އިދިކޮޅު ފަރާތެއްގެ ގޮތުގައި ތިބީމު. ދިވެހި ރައްޔިތުންގެ ޙައްޤުގައި އެތަކެއް މަސައްކަތް ކުރީމު. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވި، ޢަދުލު އިންޞާފުގެ ދާއިރާއާ ބެހުނީމައެއް. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވި، ކޯޓުތަކުގައި ތަޅު އެޅުވީމައެއް. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވި، ފަނޑިޔާރު ނަގައި ހައްޔަރުކުރީމައެއް. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވި، ސިޔާސީ ލީޑަރުން ޤާނޫނާއި ޝަރީޢަތުގެ ބޭރުން ހިފައި ހައްޔަރުކުރީމައެއް. އަދި އަޅުގަނޑުމެންނަށް ފަސޭހައެއްނުވި، ދިވެހިރާއްޖޭގައި މިސާލަކަށް، ދިވެހިރާއްޖޭގެ ތަޢުލީމީ މުޤައްރަރަށް ބޭރު ދައުލަތެއްގެ މުޤައްރަރު، އަޅުގަނޑުމެންނާ މުޅިން ބީރައްޓެހި ދައުލަތެއްގެ މުޤައްރަރު ހިމަނައިގެން ކަންތައްތައް ކުރަން އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ މަސައްކަތް ކުރީމަ، އަޅުގަނޑުމެންނަކަށް އެކަންކަން ބަލައިގަންނާކަށް. އެހެންވެގެން އަޅުގަނޑުމެން ދިވެހިންނަށްޓަކައި އެ ޖިހާދުގައި ތެދުވީ. އަޅުގަނޑުމެންގެ ތެރެއިން ލީޑަރުންނަށް ތިބި މީހުންނަށް އެކިވަރަށް އަނިޔާވެގެންދިޔަ. އަދި ބައެއް ބޭފުޅުންނަށް ރާއްޖޭގައި ތިއްބަވަން ފަސޭހަފުޅު ކަމަކަށްވެސްނުވި. އެކަމަކު އޭރު އެ ކުރެވުނީ ޙައްޤުގޮތުގައި، ދިވެހިންގެ ޙައްޤުގައި ކުރެވުނު ޖިހާދެއް.
 
މިއަދު މިކުރާ ޖިހާދަކީ، ނޫނީ މިއަދު މިކުރާ މަސައްކަތަކީ، އިންސާނީ ކަރާމާތުގެ ކޮންކަމެއް ގެއްލިގެންތޯ؟ ޢަދުލު އިންޞާފުގެ ދާއިރާގައި ކޮންކަމެއް ބީވެގެންތޯ؟ ނޫނިއްޔާ ރައްޔިތުންނަށް އުފުލަންނުޖެހޭ ކޮން ތަކުލީފެއް، ކޮން ހިތްދަތިކަމެއް އުފުލަން ޖެހިގެންތޯ؟ މި ސުވާލުތައް ތިޔަބޭފުޅުން ހިތްޕުޅާހިތްޕުޅާ ކުރައްވާ. މީގެ އެއްވެސް ކަމެއް މިއަދު އުފުލާކަށްނުޖެހޭ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއަށްދާ މަންޒަރު. ތަންތަނުގައި ބަނދަރު ހެދެނީ. ތަންތަނުގައި ނަރުދަމާ ނިޒާމް ޤާއިމްކުރެވިގެންދަނީ. ޒުވާނުންނަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ނިމިގެންދަނީ. ކުދިކުދި ރަށްރަށުގެ މީހުންނަށް ދިރިއުޅުމަށް އުނދަގޫވާތީ، ހުޅުމާލޭގައި ޔޫތުސިޓީއެއް ހެދިގެންދާތަން މި ފެންނަނީ. އެތަކެއް ސަތޭކަ މިލިއަންގެ ޚަރަދުކޮށްގެން، އަޅުގަނޑުމެންނަށް މި ފެންނަނީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ގުޅޭތަން. ޢަރަބި އިސްލާމީ ދައުލަތްތަކާއެކީ އަޅުގަނޑުމެންގެ ގުޅުން ބަދަހިވާތަން މިއަދު މި ފެންނަނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގައި ހަމަޖެހުން އަންނަތަން. އަޅުގަނޑުމެންނަށް މި ފެންނަނީ، ރާއްޖޭގައި މީގެކުރިން އަޅުގަނޑުމެން ދުށް އިންސާނީ ކަރާމާތް ނަގާލަން މިކުރެވެމުންދިޔަ ކަންތައްތައް، އާދެ، ސީދާ ބޮޑެތި ޖިނާއީ ޙައްޤުތަކަށް އަރައިގަނެ، ބޮޑެތި ޖަރީމާތައް ހިންގި ފަރާތްތަކުން ޖަރީމާތައް ހިންގުން މަދުވާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަނެއްކާވެސް ޞުލްޙަވެރި، އަމާން މުޖުތަމަޢެއް ދިވެހިރާއްޖޭގައި ބިނާކުރެވޭތޯ ކުރާ މަސައްކަތްތަކެއް މިއަދު ފެނިގެން މިދަނީ.
 
ދިވެހިރާއްޖޭގައި އަބަދުވެސް އޮންނަ ކަމެއް ކޮރަޕްޝަން އެއީ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އޮންނަ ކަމެއް ކޮރަޕްޝަނަކީ. އެހެންވީމާ މިއަދުވެސް ވަށަފަރުގައި އަޅުގަނޑު އިލްތިމާސް ކުރިގޮތަށް، އަޅުގަނޑު މާދަމާ މިވާހަކަ ދެއްކުން ފަށާއިރު، އަޅުގަނޑު އެބޭފުޅުން، ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަނީ، ދިވެހި ދައުލަތުން ކޮރަޕްޝަންގެ ނާޖާއިޒް ފައިދާ ނަގައިގެން މިކުރާ މަސައްކަތް ކުރާ އެންމެންނާ ދޭތެރޭގައި ފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް ކެރެމާހެއްޔޭ. ހުރިހާ ޕާޓީތައް އެކުވެގެން ޤަރާރެއް ފާސްކުރަންވީ. އޭގެތެރޭގައި އިސްތިސްނާއެއް ނޯންނާނެ. އޭގެތެރޭގައި އިސްތިސްނާއެއް ނޯންނާނެ. އަދި އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ ސަރުކާރުގައި އޮތް ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، އޭގެ ފައިސާގެ އެއްބައި ފައިސާ ހުރީ ކޮންކޮން ބައެއްގެ ގުޅިފައި ހުރި ކުންފުންޏެއްގެ އެކައުންޓްގައިތޯ، އިހަށްދުވަހު ނޫހުގައި ހާމަވެގެން އެދިޔައީ. އަދި އެ ފައިސާއިން ހޭދަކުރަނީ ކޮންބައެއްގެ މުޒާހަރާތަކަށްތޯ، އަޅުގަނޑުމެންނަށް އެއޮތީ ފެންނަން. ހަމަގައިމުވެސް ޕީ.ޕީ.އެމް.އަކުން ނުކުމެ، ޕީ.ޕީ.އެމް ސަރުކާރުގެ މުޒާހަރާއެއް ނުކުރާނެ. އަޅުގަނޑުމެން ވެރިކަމުގައި ތިބެގެން އަޅުގަނޑުމެންނެއް މުޒާހަރާއެއް ނުކުރާނެ. އެހެންވީމާ، އެ ފައިސާގެ ބޭނުންވެސް ހިފިފައި ތިއޮތީ ކޮންބަޔަކަށްކަން އެނގޭ. އަޅުގަނޑުމެންގެ ސަރުކާރުގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގައިފި ކަމަށްވަންޏާ، އެޢަމަލެއް ބެލޭނެ. އެއާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ. އޭގެ އިސްތިސްނާތަކެއް ނޫޅޭނެ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެއަށް މިދެންނެވި ކަހަލަ ޤައުމެއްގެ ސިފަތައް ގެންނަން.
 
ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޢާންމު ކަމެއް ކޮރަޕްޝަން އެއީ. އެހެންވީމާ، ދިވެހިރާއްޖޭގައި މި ފެންމަތިވެގެން މިއުޅޭ ކަންތައްތަކަކީ އޭގެ ޙަޤީޤަތާ ހަމައަށް ދެވިފައި، މިހާރު އެކަންކަން އެއޮތީ ހުރިހާ ކަމެއް ނިމިފައި. އަޅުގަނޑުމެން މިހާރު މި މަސައްކަތް މިކުރަނީ، އޭ.ސީ.ސީ.އިން މަސައްކަތް ކުރަނީ، ވާރލްޑް ބޭންކްގެ ސްޓޯލަން އެސެޓްސް ރިކަވަރީ ޕްރޮގްރާމްގެ އެހީ ހޯދައިގެން ބޭރުގެ އެއްވެސް ތަނެއްގައި ފައިސާ ހުރި ކަމަށްވަންޏާ، ނޫނީ އެފައިސާގެ ބޭނުން ހިފައިގެން އެޕާޓްމަންޓް ނޫނީ އެހެންވެސް ހަރުމުދާ ހުރިކަމަށްވަންޏާ، އެ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. ރާއްޖޭގައި، ރާއްޖެއިން ބޭރުގައި، ސަރަޙައްދުގެ އެއްވެސް ތަނެއްގައި، އެއްވެސް އެކައުންޓެއްގައި ފައިސާ ހުރިކަމަށްވަންޏާ، އެ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އެ ފައިސާ ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް. އަދި އޭގެކުރިން މިގޮތަށް ގެއްލިފައި ހުރި ފައިސާ ހޯދުމަކީވެސް ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް. އެހެންވީމާ، އެ ފައިސާ ހޯދެން އޮތް މިންވަރަކަށް އަޅުގަނޑުމެން ހޯދާނަން. އެހެންވީމާ، 87 މިލިއަން ޑޮލަރު ނެގިކަމަށް މިހާރު ފެންނަ ފެނުމުގެ ތެރޭގައި، 18 ޑޮލަރަށް ލިބޭ ރަން ތާސްބައެއް ލިބުނު ވާހަކަ، ނޫސްތަކުގެ ފަލަ ސުރުޚީގައި އެމް.ޑީ.ޕީ. އިން ޖެހީމަ، އެއީކީ ރައްޔިތުން އެހާ ގަބޫލުކުރާކަހަލަ ވާހަކައެއް ނޫން. އެހެންވީމާ، އެ ތާސްބައި ހޯދީ ކިހިނެއްތޯވެސް، އެ ތާސްބައި ދިން މީހެއްކުރެންކަންނޭނގެ އަހަންވީ.
 
މިކަހަލަ ވާހަކަ މި ދައްކަނީ. މި ދައްކަނީ މި ދައްކަނީ ދެތިން ބިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. 87 މިލިއަން ނޫނީ އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާގެ ވާހަކަ މި ދައްކަނީ. ޑޮލަރުން. މީގެ ކިތައް ބަނދަރުގެ ވާހަކަތޯ މިދައްކަނީ؟ މިއީ ސާޅީހަކަށް މިލިއަން. ކިތައް ބަނދަރުގެ ވާހަކަތޯ މި ދައްކަނީ؟ އެހެންވީމާ، އެ ފައިސާ ޚަރަދުވެފައި އެހެރީ ރައީސް ޔާމީނަށް ރަން ތާސްބައެއް ގަނެދޭން 18 ޑޮލަރު ޚަރަދުކުރާށޭ ބުނީމަ، މިވަރުގެ ވާހަކަ އެކި ނޫސްތަކުން، އެމް.ޑީ.ޕީ އަށް ތާއީދުކުރާ ނޫސްތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން ވާހަކަ ދެއްކީމަ، އަޅުގަނޑު ހިތަށްއަރަނީ، ކޮން ހާލެއްގައި، ކޮން ވިސްނުމެއްގައި، ހާދަ ނިކަމެތިކޮށް ތިބި ބައެކޭ މިއީ. އޭގެތެރެއިން އަޅުގަނޑަށް ދައްކަންވީ ނޫންތޯ؟ އަޅުގަނޑު ކުރީ ރޭވެސް 800 މިލިއަން ޑޮލަރު ގެންދިޔަ ވާހަކަ ބުނީމަ، އަޅުގަނޑު ބުނިން، އޭގެތެރެއިން އެ ފައިސާ ހޯދައިދޭ މީހަކަށް އަޅުގަނޑު 10 މިލިއަން ބަހައްޓާފައި އަނެއްބައި ދޭނަމޭ. އަދިވެސް އެ ފައިސާ ހޯދާކަށްވެސް ނޫޅެ. އެހެންވީމާ، މިހާރުވެސް މި ގެއްލިގެން އުޅޭ 87 މިލިއަން ޑޮލަރު އަޅުގަނޑަށް ހޯއްދަވައިދެއްވާ. ދިވެހި ރައްޔިތުންގެ ޙައްޤުގައި، މި އެންމެން ނުކުމެ ހޯދައިދީ. އެއީ ނޫންތޯ ކުރަންވީ ކަމަކީ. އެ ވާހަކަ ދައްކައިގެން ޙައްލެއް ނުވާނެ. އެ އޮތީ އެކަން ހިނގާފައި. ލަދުވެތި، މުޑުދާރު، ހުތުރު ޢަމަލެއް އެ އޮތީ ކޮށްފައި. އެހެންވީމާ، އެ ފައިސާ ހޯދަން މަސައްކަތް ކުރައްވާ. އެ ފައިސާ ހޯދުމުގައި ހަމަ މާދަމާގެ ވާހަކަތަކުގައިވެސް އަޅުގަނޑު ހަމަ އެމް.ޑީ.ޕީ. އަށްވެސް ގޮވާލާނަން، އަޅުގަނޑަށް އެހީތެރިވާށޭ. އެކަންކަމުގައި އެހީތެރިވާންވީ. އޭރުން އެ ހިސާބުން އެ ޗެޕްޓަރު ކްލޯސް ކޮށްފައި، އެ ފައިސާ ހޯދާފައި، ދެން އެކަންކަން ކުރި މީހުންނާ ދޭތެރޭގައި ޤާނޫނީ ޝަރުޢީ އަދަބު ލިބިގެން ދިޔައިމަ، އެއީ މިޒަމާނުގެ ޑިމޮކްރަސީގައި މަސައްކަތް ކުރާނެގޮތް. އެގޮތަށް މަސައްކަތް ކުރާނީ.
 
އެހެންވީމާ، އެއަށްވުރެ ނުރައްކާތެރި ކަންތައްތަކާ ކުރިމަތިލެވުނީމަވެސް، ﷲ ނިންމަވާ ގޮތަކަށް އެކަންކަން ނިމިގެންދާނެ. އަޅުގަނޑުމެން އިންސާނުން ކިތަންމެވަރަކަށްވެސް ކަންކަން ތަދުބީރުކޮށްފާނެ. އެހެންނަމަވެސް، އެއީކީ ނޫން ހުރިހާ ކަމެއް ޙައްލުވެގެންދާނެ ގޮތަކީ. ރާއްޖެ މިހާރު މިއޮތީ، އެއްއިރެއްގައި ބުނާނެ، ރާއްޖެއަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއެކޭ. އެކަމަކު މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްތަކުގައި ޖަހާ ވާހަކަތަކާއި، ޓީ.ވީ.ގެ ޛަރީޢާއިން ރައްޔިތުންނާ ހަމައަށް، ގޭގޭގެ ސިޓިންގރޫމްގައި ކުޑަކުދިން ގޮވައިގެން ބަލައިލަން ނުތިބެވޭވަރަށް ގެންނަ ވާހަކަތައް ގެންނައިރު، ހިއެއްނުވޭ މިއީކީ ޅަފަތުގައި އޮތް ތަނެއްހެން. މިފަހަރު މިއީ ޅަފަތެއް ނޫން. މިފަހަރު މިއީ ދޮންވެ ފައްކާވެފައި، ވެއްޓެންވެފައި އޮތް ފަތެއް މިއީ. އެކަމަކު އެހެން ކަންކަމުގައި ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާއިރު، މުޒާހަރާތަކަށް ނުކުމެ، މުޅި ހުރިހާ ޤާނޫނުތަކެއް މުގުރާލައި، ސިފައިންނާއި ފުލުހުންނަށް އަނިޔާވާ ހިސާބަށް ކަންތައްގޮސް، މިކަންކަން ކުރާއިރު ބުނަނީ، އެކަންކަމަށް އިޙްސާންތެރިވާށޭ، މިއީ ޅަފަތުގައި އޮތް ޑިމޮކްރަސީއެކޭ. އެފަހަރު އެއޮތީ ޅަފަތުގައި. އެހެންވީމާ، މިހާ ހާލެއްގައި އަޅުގަނޑުމެން ތިބި ބައެއް މިއީ.
 
ކީއްތޯވާނީ މޭޒު ކައިރިއަށް އައިސްފައި، މުޅި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ރައީސަށް ނަޞޭޙަތް ދިނިއްޔާ. ރައީސަށް މަޝްވަރާ ދިނިއްޔާ ކީއްތޯވާނީ؟ އެކަން ކުރީމަ ދޮއެއްތޯ، އުތީމާއި އަދި އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެންނަށް މި ފެންނަ ހިނިތުންވުން ޢާންމުވެގެންދާނީ. ދިވެހި ރައްޔިތުން ބޭނުންވަނީ ޞުލްޙަވެރި އަމާން ވެށްޓެއްގައި އުޅެން. އަޅުގަނޑުމެން ދިވެހިންނަކީ ނަމޫނާ ބަޔަކަށް މިވަނީ. ޕިރާޑް އެންމެ ފުރަތަމަ އޭނަކުރި ދަތުރުތަކުގައިވެސް ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔެފައި އޮތް ވާހަކަތަކަކީ އެއީ ދޮއެއްތޯ. ދިވެހިރާއްޖޭގެ ޤުދްރަތީ ރީތިކަމުގެ ވާހަކަ ދެއްކުމުގެ އިތުރަށް، އޭނަ ދައްކާފައި އޮތް ވާހަކައަކީ، ހާދަ ހިތްހެޔޮ، ހާދަ އިޙްސާންތެރި ބަޔަކު އުޅޭ ތަނެކޭ ދިވެހިރާއްޖެ މިއީ. ދިވެހިރާއްޖޭގެ ރަށްރަށަށް އައިމަ، އުތީމު ކަހަލަ ރަށްރަށަށް އައިމަ އެނގެނީ، އޭރު އެތައް ސަތޭކަ އަހަރެއް ކުރިން ދެއްކި ވާހަކައަކީވެސް ހަމަ މިއަދުވެސް ދިވެހިންނާ ދޭތެރޭގައި ދެއްކޭނެ ވާހަކަ. އެއީ ޙަޤީޤަތް. އަޅުގަނޑުމެންގެ މަޢުޞޫމްކަން ނަގާލަން މިކުރެވުނު މަސައްކަތްތަކެއް   މި ކުރެވެމުން ދިޔައީ މީގެ ހައެއްކަ، އަށެއްކަ އަހަރު ކުރިން. އެހެންވީމާ، މީހުން ގަޔަށް ހަންޖަރު ހެރުމާއި، މީހުންނަށް ގޯނާކުރުމާ، މިކަހަލަ ބޮޑެތި ކަންތައްތައް ޢާންމުވެގެންދިޔައީ. އެހެންވެގެން ފަތިސްނަމާދުކޮށްގެން، ގޭގޭގައި ނިދަންދާ ޤާޒީންނަށްވެސް ޙަމަލާ ދެވިފައި ހުރީ. އެއީ އޭރު ވެރިކަމުގައި ތިބި ބަޔަކު ގަސްދުގައި ދިވެހިރާއްޖޭގެ މުޖުތަމައުގެ މަޢުޞޫމްކަން ނަގާލަން ކުރި މަސައްކަތުގެ ނަތީޖާ.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަލުން އަނބުރާ ޤާނޫނުގެ ބާރު، ދިވެހި ހުރިހާ ފަސްގަނޑުގެ ހުރިހާ ތަނަކަށް ހިންގައިދޭން ކުރާ މަސައްކަތް. އަނބުރާ އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އިޙްތިރާމްކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ ދައުލަތަކަށް ދިވެހި ދައުލަތް ވެގެންދިޔުން. އެއްގޮތަކަށްވެސް މީހުންނަށް އިޙްތިރާމްނުކޮށް، އޭގެ ޒާތުގައި ޑިމޮކްރަސީ ފައްކާވުމެއް ނޫނޭ. މީހަކު ގޯހެއް ހަދާކަމަށްވަންޏާ، އެ ވާހަކަ ދެއްކެންވާނެ. އަދި އެއާ ދޭތެރޭގައި ފިޔަވަޅުވެސް އެޅެންވާނެ. ސަރުކާރުގެ ސަމާލުކަމަށް، މުއައްސަސާތަކުގެ ސަމާލުކަމަށް އެކަންކަން އަންނަންވާނެ. އެކަމަކު މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ޗަރުކޭސްތަކަކީ، އެގޮތަށް ކުޅެވޭ ޗަރުކޭހެއް ނޫން. އެހެންވީމާ، އެކަންކަން ކުރަންވީ. އެއީކީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު އެއާއެކީ ވިސްނަންވާނެ، އެކަންކަން ކުރީމަ، އެކަންކަމާ ހަމަ ބައްދަލު ނަތީޖާ ހަމަ ކުރިމަތިލާންވެސްޖެހޭނެ.
 
އެހެންވީމާ، ރާއްޖޭގައި ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅުންކޮޅެއް މިވަގުތު ހައްޔަރުވެފައިވީ. އަޅުގަނޑުވެސް ހިތާމަކުރަން އެކަމާ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު ހައްޔަރުވެފައި އޮތީކީ ހަމަ އަޅުކަން ކޮށްލަކޮށްލާ ގޭގައި ތިއްބަވަނިކޮށެއް ނޫން. ކޮންމެ ބޭފުޅަކުވެސް ކޮންމެވެސް ކަމެއް ކުރައްވަނިކޮށް. އެހެންޏާ ގެ ބަލައި ފާސްކުރާއިރު ހަތިޔާރު ފެންނާނެ. އެހެންނޫނީ އެހެން ކޮންމެވެސް ކަމެއް ފެންނާނެ. ނޫނީ ދައުލަތެއް ވައްޓާލަން ބަޔަކު ގޮވައިގެން ނުކުންނާނެ. މިކަހަލަ ކަންތައްތަކެއް ނޫންތޯ މިހިރީ؟ މިކަހަލަ ކަންތައްތަކެއް ވެފައި މިހިރީ. އަޅުގަނޑު ހިތަށްއަރާ، ރައީސް ނަޝީދުގެ ވެރިކަމުގައި، އޭރު ފެބުރުވަރީ 6، 7 ގައި އެ ހިނގައިދިޔަ ކަންތައްތަކާއި، އަދި އޭރު ޢަސްކަރިއްޔާ މެދުވެރިކޮށް، ފުލުހުންނާއި ޢަސްކަރިއްޔާ މެދުވެރިކޮށް، އެ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، މިހާ ލުއިކޮށް އެކަން ދާންވާނެބާއޭވެސް. ފަނޑިޔާރަކު ހިފައި ހައްޔަރުކުރި. ގައިމު އެއަށް ކޮމާންޑް ދިން ޖެނެރަލުންތަކެއްވެސް ތިބޭނެ. އެމީހުންނާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އެޅޭތަނެއް ނުފެނޭ. އަޅުގަނޑަކަށް ހިއެއްނުވޭ، މިހާ ލުއިކޮށް ދާންވާނެހެނެއް. އެވަރުގެ ކޮމާންޑެއްދޭ ޖެނެރަލެއް ހުރެއްޖެ ކަމަށްވަންޏާ، އެ މައްސަލަ އަލުން ބެލެންވާނެ. އެގޮތަކަށް އަމުރެއް ނުކުރެވޭނެ. ރައީސަކު އެންގިޔަސް، އެއީ ނުކުރެވޭނެ ކަންތައް. އެހެންވީމާ، އެކިފެންވަރުގައި ތިއްބެވި ޖެނެރަލުން އޭގައި ކަންތައްތައް ކުރައްވާފައި ހުރި ގޮތަކީ ބެލެންވާނެ ކަންތައް. އެންމެ ކުޑަމިނުން ދިވެހި ތާރީޚުގައި، ބޮޑުތަކުރުފާނު ވާހަކައާއި،  88 ނޮވެންބަރު 3ގެ ޢުދުވާނުގެ ވާހަކަ ލިޔެވިފައި އޮތްގޮތަށް، މި ވާހަކަ ލިޔެވޭނީ މި ތަފްޞީލުތައް ރައްޔިތުންނަށް އެނގިގެން. ތަފްޞީލުތައް ހާމަވެގެން ގޮސްފައި، މީހުން އުފުލަންޖެހޭ ޒިންމާއާއި، މީހުން ކަންކަމުން ބަރީއަވާ މިންވަރު އެނގޭނީ ކޯޓްރޫމެއްގެ ތެރޭގައި މި މައްސަލަ ނިމިގެން ދިޔައިމަ. އެހެންވީމާ، އަޅުގަނޑު ހިތްބުނޭ، މިކަންކަމަކީ އަލުން ބަލުން ބެލެންވީ ކަންތައްތަކޭ. އޭރުން އަޅުގަނޑުމެންނަށް މިކަންކަމުގެ ޙަޤީޤަތް އެނގޭނީ.
 
އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ހަމަ ހުރިހާ ރައްޔިތުން ގަބޫލުކުރައްވާ، އެންމެންނަށް ސަލާމަތްކަން އޮތް ގޮތަކީ، އެންމެން އުޞޫލުތަކަށް ތަބާވެގެން އުޅުން. ޤާނޫނު ކުރިމަތީގައި، އަމުދުން ޖިނާއީ ޢަދުލު ޤާއިމްކުރުމުގައި، އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރުން. އެކަން ގަބޫލުކުރަންވާނީ އެންމެ ފުރަތަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. އޭގެފަހުން އެއަށްވުރެ ނިކަމެތިންނާ ހަމައަށް އެކަން އަންނަންވާނީ. އެކަން ގަބޫލުކުރެއްވޭ ކަމަށްވަންޏާ، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު އެ އުޅުއްވާހާ ސިޔާސަކޮށް އުޅުއްވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށްވަންޏާ އަވަހަށް ވަޑައިގަންނަވާ. މިހާރު އެބަ އެނގޭ، މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ނުޖެހޭކަންވެސް. އިންޖެކްޝަނެއް ޖަހާލަންޖެހެނީ. އިންޖެކްޝަން ޖަހައިގެން ވަޑައިގަންނަވަންވީ ނޫންތޯ؟ ވަޑައިގެން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރައްވަންވީ. އަދި އަޅުގަނޑުމެންނާ ބައްދަލުކުރައްވާފައި، ކަންކަން އިޞްލާޙު ކުރަންވީ ގޮތުގެ ނަޞޭޙަތާއި މަޝްވަރާ، އަޅުގަނޑުމެންނަށް ދެއްވަންވީ. އެހެން ވަޑައިގެން ތިއްބަވައިގެން، ރާއްޖެއަށް ގެއްލުންވާ ހުރިހާ ކަމެއް ކުރެއްވީމަ، އަޅުގަނޑަކަށް އެކަންޏެއް ނޫން ގެއްލުންވަނީ. މުޅި ރާއްޖެއަށް ގެއްލުންވަނީ. އަޅުގަނޑުމެންނަކީ ބޭރުގެ އެކި ދައުލަތްތަކުންނާއި، އެކި މުއައްސަސާތަކުން އެކިވަރަށް ފައިސާ ހޯދައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާ ބައެއް.
 
އެހެންވީމާ، މިކުރެވޭ މަސައްކަތުގައި، ރައްޔިތުންނަށް ކަމެއް ކޮށްދޭ ކަމަށްވަންޏާ، ރައްޔިތުންނަށް ދަތިވާގޮތަށް ކަންތައް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން. މި ކަންކަމަށް އެހީތެރިވާންވީ ދޮއެއްތޯ. އިރާދަކުރެއްވިއްޔާ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އެ ހިތްވަރު އެބަހުރި. މިއަދުގެ މަޝްރޫޢާ، މިކަހަލަ ކިތަންމެ މަޝްރޫޢެއް އެ ގެންދަވަނީ މުޢިއްޒުގެ މަސައްކަތްޕުޅާއެކީ. މުޢިއްޒަށާއި އެމަނިކުފާނުގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.
 
ވަށަފަރުގައިވެސް އަޅުގަނޑު ހަމަ މި ޝުކުރު ދަންނަވަންޖެހޭ. އެހެންނަމަވެސް، މުޅިން އެހެން ވާހަކަތަކެއްގައި އަޅުގަނޑުގެ ވިސްނުން ދިޔައިމަ، ހަމަ މަޢާފާއެކީ ދަންނަވަން، އަޅުގަނޑަށް އެކަން ނުކުރެވުނީ. އެމް.ޓީ.ސީ.ސީ.އަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ. މިރަށުގައިވެސް އަޅުގަނޑު ދަންނަވަންޖެހެނީ ހެވީފޯސްއަށް މި މަސައްކަތް ކޮށްދެއްވީމަ، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. އަދި އެއާއެކީ ހެވީފޯސްގެ ފަރާތުން މިރަށަށް ސީ.އެސް.އާރު.ގެ ގޮތުން ނޫނީ ހަދިޔާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ތިހިރަ ޖެޓީ، އަދި އެނޫން އެހެން އެތައް ކަމެއް ރަށުތެރެއަށް ކޮށްދެއްވާފައި ހުރި ކަމަށް، ދެންމެ އަސްރާރުގައި ވާހަކަފުޅުގައި އެ ވިދާޅުވީ. ރައްޔިތުންގެ ފަރާތުން އަނބުރާ ރައްޔިތުންނަށް ދޭ މި ކޮންމެ ކަމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުން އުފަލާއެކީ ބަލައިގަންނާނެ ކަމެއް.
 
އަޅުގަނޑުމެން ކޮންމެ މީހަކު އުފައްދަނީ މި ދިވެހި ފަސްގަނޑުން. އަޅުގަނޑުމެންނަށް ލިބޭ ތަނަވަސްކަމަކީ، މި ދިވެހި ފަސްގަނޑުން ލިބޭ ތަނަވަސްކަމެއް. އަޅުގަނޑުމެންނަށް ލިބޭ ސިކުނޑީގެ ބާރު ނޫނީ ތަޢުލީމުގެ ބާރަކީވެސް މި ފަސްގަނޑުން އަޅުގަނޑުމެންނަށް ކުރާ ހަދިޔާއެއް. އެހެންވީމާ، އަޅުގަނޑުމެންގެ އިޚްލާޞްތެރިކަމެއް އޮތިއްޔާ، އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހިތް ޚަލާޞްކަމާއެކީ އަނބުރާ މި ފަސްގަނޑަށް އެބަ ދޭންޖެހޭ. ކީއްވެގެންތޯ، އަޅުގަނޑުމެންގެ ވެރިކަން ކޮށްފައި ތިބި މީހުންނަށް އެކަން ނުކުރެވިގެން މިއުޅެނީ؟ ކީއްވެގެންތޯ ނުކުރެވެނީ؟ ދަރާފައި އޮތް ދަރަނި ކުޑަތޯ؟ އެހެންވީމާ، ރާއްޖެއަށް ޚިދުމަތްކުރާ ކަމަށްވަންޏާ، ރާއްޖެއަށް ޚިދުމަތް ކުރެވޭނީ، ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން، ރާއްޖޭގައި ހުރެގެން ވާހަކަ ދައްކައިގެން. ބޭރުގައި ހުރެގެން ވާހަކަ ދައްކައިގެނެއް ރާއްޖޭގެ ކަންތަކެއް ރަނގަޅެއް ނުކުރެވޭނެ. އެހެންވެއްޖިއްޔާ އެބޭފުޅެއްގެ ލޯޔަލްޓީ އޮތީ މުޅިން އެހެން ފަސްގަނޑަކަށް.
 
އަޅުގަނޑުމެން ދިވެހިންނަކީ ދިވެހިންގެ ގޮތުގައި ތިބޭނެ ބައެއް. މިއީ އުތީމު. މިއީ ބޮޑުތަކުރުފާނު އުފަންކުރި ފަސްގަނޑު. އެހެންވީމާ، އެ ޢަޒުމުގައި ތިބެގެން އަޅުގަނޑުމެންނާ މިކުރިމަތިވާ ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާނީ. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު، ދިވެހި ރައްޔިތުން އަޅުގަނޑުމެންނާއެކީ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވުން. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ ތަރައްޤީގެ މަސައްކަތް. މިކަހަލަ ދުރުގައި ހުރި ރަށްރަށް، ކުދިކުދި ރަށްރަށަށް ކޮންކަމެއްތޯ މިތަންތަނަށް ބޭނުންވާނީ؟ މި ތަންތަނަށް ބޭނުންވާނީ މިތަންތަނުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް. ބަނދަރު ބޭނުންވާނެ، ނަރުދަމާ ބޭނުންވާނެ، ސާފު ބޯފެން ބޭނުންވާނެ. އާމްދަނީ ލިބޭނެ މަސައްކަތްކުރާނެ ގޮތްތަކެއް ބޭނުންވާނެ. ޒުވާނުންނަށް ވަޒީފާ ބޭނުންވާނެ. ގޯތިގެދޮރު ބޭނުންވާނެ. މިއީ ދޮއެއްތޯ އަޅުގަނޑުމެން ބޭނުންވާ ކަންކަމަކީ. މާލެއަށް އަންނަ ކަމަށްވަންޏާ، ޞިއްޙީ ފަރުވާއަށް އަންނަންޏާ، އަގުހެޔޮކޮށް މާލެއަށް ދަތުރުކުރެވޭނެގޮތް ބޭނުންވާނެ. އަޅުގަނޑުމެން ރައްޔިތުންނަށް ވަރިހަމަ، އަޅުގަނޑުމެން ރައްޔިތުންނަށް ވަރިހަމަ، ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ތަރައްޤީ ގެނެސްދޭނެ ކޮންމެ މީހަކުވެސް ނިޒާމުގެ ތެރެއިން ހަމަޖެހޭގޮތަކަށް ވެރިކަމަށް އައުމަކީ އަޅުގަނޑުމެން މަރްޙަބާ ކިޔާނެ ކަމެއް. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑު މިދެންނެވީ. އެކަންކަން ރައްޔިތުން ބޭނުންވާނީ މި ރަށްރަށުގައި ތިބެގެން ކުރެން. ރައްޔިތުންނަކަށް ބޭނުމެއްނުވާނެ، ދެ ދުވަހުން އެއްދުވަހު މުޒާހަރާއަށް ނުކުންނާކަށް. މިހާރު ކީއްވެތޯ މުޒާހަރާތަކަށް ނުނުކުންނަނީ؟ އެ މުޒާހަރާތަކަށް ނުނުކުންނަ ސަބަބަކީވެސް އެ މުޒާހަރާތަކުގައި ދައްކާނެ ވާހަކައެއް ނެތެއް ނޫންތޯ؟ ސަރުކާރުން ހަމަ ވަރަށް ބާރަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ މި ބަލަނީ. ސަރުކާރުން އިޚްލާޞްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭތޯ މި ބަލަނީ. އަޅުގަނޑުގެ ޕްލޭނިންގ ޕީރިއަޑް، ނޫނީ އަޅުގަނޑު ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން މިއޮތީ ހަމަ ވަރަށްކުރު 5 އަހަރުގެ މުއްދަތެއް. އަޅުގަނޑު ހީކުރިން، އިންތިޚާބެއް ކާމިޔާބުކޮށްފައި، ދެން އެހިސާބުން މި ހަނގުރާމަތައް މި ނިމުނީއޭ. އަޅުގަނޑަށް އެންމެކުޑަމިނުން ފުރްޞަތު ލިބޭނެއޭ. އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ހުވަފެނުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ކަންތައްތަކަށް، އަޅުގަނޑަށް އުނދަގޫނުކޮށް އެ 5 އަހަރު ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރިން. އެހެންވެގެން އަޅުގަނޑު ދިޔައީ ހަމަ ވަރަށް މައިތިރިކޮށް، ވަރަށް ރަނގަޅަށްދިޔައީ. އޭގެ ކުރީގައި މާޒީގައި ހިނގާފައި ހުރި ކަންތައްތަކެއް ބަލައި، ފިޔަވަޅު އަޅާކަށް އަޅުގަނޑެއް ބޭނުމެއްނުވި. ވަރަށް އޮމާންކަމާއެކީ ފުރަތަމަ އެއްއަހަރު ދިޔައީ. އެއީ އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑު މިއީ އެއްގޮތަކަށްވެސް އެގޮތަކަށް ހިނގައި ގޮސް ފަހަތުން ފަސް ކޮނެގެން ނަގައި ކަންތައްތައް ބަލަން ބޭނުންވާ މީހެއް ނޫން. އެހެންނަމަވެސް، އެކަންކަން ކުރަން އަޅުގަނޑަށް ޖާގަ ނުދެއްވީ ދޮއެއްތޯ. މިހާރުވެސް އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑު މިކުރާ މަސައްކަތް ކުރަން އަޅުގަނޑަށް ދޫކޮށްލައްވާ. އަޅުގަނޑު ދަންނަނީ އިޤްތިޞާދީ މަސައްކަތް ކުރަން. އަޅުގަނޑަކީ ސިޔާސީ މަސައްކަތްކުރާ މީހެއް ނޫން. އެހެންވީމާ، އިޤްތިޞާދީ މަސައްކަތް ކުރަން އަޅުގަނޑަށް ދޫކޮށްލައްވާ. އަޅުގަނޑާއެކީ ރައްޔިތުން ކުރިއަށް ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބޭނުންވަނީ ވަރަށް އުފާވެރި، ވަރަށް ހަމަޖެހޭ، ވަރަށް ކުރިއަރާފައި އޮތް ދިވެހިރާއްޖެއަކީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ ކަމަށް ވެގެންދިޔުން.
 
މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤު މިންވަރު ކުރައްވާށި! އުތީމަށްވެސް އަދި ދިވެހިރާއްޖެއަށްވެސް އުފާފާގަތި މުސްތަޤްބަލަކަށް އަޅުގަނޑު އުންމީދުކުރަން.
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.