بســم اللّـه الرّحمـن الرّحيــم
      
          ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.
  
   ވަށަފަރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވަން، ކައިރި ރަށްރަށުން ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، މި މަސައްކަތްތަކުގައި މިރަށަށް ވަޑައިގެން މި އުޅުއްވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން، ދުރާއި ގާތުން މި ޖަލްސާގެ ކަންތައްތައް އައްސަވަމުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ޝައްކެއްވެސްނެތް، އަޅުގަނޑަށް މިއަދު ލިބޭ އެންމެ ޚާއްޞަ އުފަލަކީ، ރަށެއްގެ ރައްޔިތަކަށް އެހާބޮޑަށް ދަތިވެފައި އޮތް ކަމެއްގައި، އަދި ނާމާންކަމާއި ބިރުވެރިކަން އިޙްސާސް ކުރަންޖެހޭ ކަމަކުން އެ ރައްޔިތަކަށް ކޮންމެވެސްކަހަލަ ހިތްހަމަޖެހުމެއް ގެނެސްދެވޭ ކަމެއްގައި، އަޅުގަނޑުގެ ކޮންމެވެސް ޙިއްޞާއެއް އޮތްކަން ފާހަގަކުރުން.
 
އާދެ، ވަށަފަރަކީ ލަފައި ފޭބުމުގައި ވަރަށް ދަތި ރަށެއް. އަޅުގަނޑު ވަށަފަރަށް އައިއިރު، ދެންމެ ޢާރިފުގެ ވާހަކަފުޅުގައި ވިދާޅުވި، އެ ދަތުރު އައިއިރުވެސް، ޙަޤީޤަތުގައިވެސް ހަމަ ވަރަށް ގަދައިގެ ތެރޭގައި، އޭރު އޮތް ފާލަމުން އަޅުގަނޑުމެން ފޭބީ. އެހެންވީމާ، ވަށަފަރަށް އަމާން ބަނދަރެއް ލިބުމަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އާދެ، އަޅުގަނޑަށްވުރެ މިކަމުގައި ބޮޑަށް އުފާކުރައްވާނީ، ވަށަފަރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން. މި މުނާސަބަތުގައި ތިޔަބޭފުޅުންނާއެކީ ތިޔަބޭފުޅުންގެ އަރިހަށް އައިސް ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް މި ލިބޭ ފުރްޞަތަށް މާތްﷲ އަށް ޝުކުރު ދަންނަވައި ޙަމްދުކުރަން.
 
އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރި ގިނަ ބަސްފުޅުތަކެއް، ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޢަލީ ޢާރިފް، އަޅުގަނޑުގެ އަޚް ވަރަށް އިޙްސާންތެރިކަމާއެކީ ހަދިޔާ ކުރައްވައިފި. ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިރަށުން ޖަލްސާ ތަޢާރުފް ކުރައްވަމުންވެސް ވަރަށް ހެޔޮ ބަސްފުޅުތަކެއް އަޅުގަނޑަށް ވިދާޅުވެދެއްވުމާއެކީ، އެކަމަށް މިރަށުގެ ރައްޔިތުން އަޅުގަނޑާ ދޭތެރޭގައި ބަހައްޓަވާ ގާތްކަން އަޅުގަނޑަށް އިޙްސާސް ކުރެވޭތީ، ތިޔަ އެންމެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
ކޮންމެ ރައީސަކުވެސް ޤައުމީ ޚިދުމަތަށް ކުރިމަތިލާނީ އުންމީދުތަކެއް އޮވެގެން. ދެކޭ ހުވަފެންތަކެއް އޮންނާތީ. މިކަމުގައި ހުވަފެނަކީ ބިލާހެއް ނޫން. ކުރިއަށް ދާން ބޭނުންކަމަށްވަންޏާ، ކުރިއަށް ދިޔުމުގެ ޢަޒުމެއް އޮންނަންވާނެ. ކުރިއަށްދާން ބޭނުންކަމަށްވަންޏާ، އޭނަގެ ޤައުމުގެ ޙާލަތު ބަދަލުކުރާނެގޮތާ ދޭތެރޭގައި އޭނާގެ ހިތުގައި ޗާޓްތަކެއް ކުރެހެންވާނެ. އަދި ޤައުމުގެ ޙާލަތު އޮތް ހިސާބުން ޙާލަތު ރަނގަޅު ކުރަން ވިސްނައި، އަމާޒު ހިފާނެ ގޮތްތަކެއް އޭނަގެ ހިތުގައި އޮންނާނެ. އެހެންވީމާ، ރައްޔިތުންނަށް ޚިދުމަތްކުރާ އެންމެ މަތީ ސަފުގައި ތިބޭ މީހުން ކޮންމެ ރެޔަކު ނިދާނީ އަނެއް ދުވަހު ހޭލާއިރު ﷲގެ ޙަޟްރަތުން މިދެންނެވި ކަހަލަ ރަނގަޅު ހުވަފެންތަކަކަށް އިންތިޒާރުކޮށްގެން. އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތްކުރާ ޓީމް، އާދެ، ޕީ.ޕީ.އެމް.ގެ ތެރެއިން އަޅުގަނޑުމެން ވެރިކަމާ ހަމައަށް މިއައީ. ވެރިކަމާ ހަމައަށް އަންނަން އަޅުގަނޑުމެން ކުރި މަސައްކަތަކީ، ނޫނިއްޔާ ރައްޔިތުންގެ ޚިދުމަތަށް އަޅުގަނޑުމެން ނުކުންނަން އޭރު ފެށި މަސައްކަތަކީ، ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ ކަންތައްތައް އަޅުގަނޑުމެން އަތްނުފޯރާ ހިސާބަށް ގޮސްފައި އޮތީމަ ފެށި މަސައްކަތެއް. މިއަދު މި ވާހަކަ ދައްކަން މިއީ ވަރަށް މުނާސަބު ސަރަޙައްދެއް. އަޅުގަނޑުމެންގެ ކިބައިން އަޅުގަނޑުމެންގެ މިނިވަންކަން ގެއްލި، އިސްލާމްދީން ގެއްލި، މިހުރިހާ ކަމެއް ގެއްލި ދިޔައިމަ، މި ހިސާބުގަނޑުން އުފެދުނު ރާޅުތަކަކުން އަޅުގަނޑުމެންނާ ހަމައަށް އަމާންކަން ގެނެސްދިނީ. އެހެންވީމާ، މިއަދު މިތާ ހުރެގެން އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު ހިތަށްއަރަނީ، ޢަލީ ޢާރިފް ނިންމަވައިލެއްވި ހިސާބުން ފަށާކަމަށްވަންޏާ، ދިވެހި ރައްޔިތުންގެ ހިތްޕުޅަށް ގެންނަވަންޖެހެނީ، އަޅުގަނޑުމެން އެތަކެއް ސަތޭކަ އަހަރު ކުރިން، އޭރު އެކުރެވުނު މަސައްކަތަށް މިއަދު ތާއަބަދަށް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކީ ޒިކުރުކޮށްކޮށް މި ތިބެނީ.
 
އެކަމަކު މިއަދު އަޅުގަނޑުމެންގެ ސިޔާސީ އިސްބޭފުޅުން، ވާދަވެރިން، ރައްޔިތުންނަށް ޚިދުމަތް ކުރައްވާ، ރައްޔިތުންދެކެ ލޯބިވާ އަދި އެބޭފުޅުންނަށް ވެރިކަމަށް ވަޑައިގެންނެވިއްޖެ ކަމަށްވަންޏާ، މިވެނި މިވެނި ކަންތައްތައް ރައްޔިތުންނަށް ކޮށްދެއްވާ ބޭފުޅުން އަޅުގަނޑުމެންގެ އިސްލާމްދީނަކަށް، އަޅުގަނޑުމެންގެ ދިވެހި އުޞޫލުތަކަކަށް، ކަރާމާތަކަށް އަދި ރާއްޖޭގެ ޤައުމިއްޔަތަކަށް އެއްވެސް ބަލައިލުމެއްނެތި، މި ދެވޭ ދަޢުވަތުތަކަކީ، ބޭރުގެ ފަރާތްތަކަށް މިދެވޭ ދަޢުވަތުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ކަންކުރައްވާގޮތާ ދޭތެރޭގައި ފަހަރުގައިވެސް އެބޭފުޅުންގެ ހިތްޕުޅުގައި އޮތް އެއްޗެއް، އަޅުގަނޑުމެންގެ އެހެން ރައްޔިތުން ވިސްނުމުގެ ތަރާދުން ކިރައިނުލާނެ ކަމަށް އެބޭފުޅުން ގަބޫލުކުރައްވަނީބާއޭ؟ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި ބޭފުޅުން، އޭރު ރައީސް ނަޝީދުގެ ސަރުކާރުގައި ހިނގަމުންދިޔަ ކަންތައްތަކާ ދޭތެރޭގައި، އެކަންކަން ތަޙައްމަލް ނުކުރެވިގެން، އަޅުގަނޑުމެންނާއެކީ މަސައްކަތްކުރި ކިތަންމެ ބަޔަކު މިއަދު އެތިބީ އަނެއްކާވެސް އެއްތަންވެފައި. ހަމަ ހިތަށްއަރަނީ، ކޮންކޮން ވާހަކައެއްބާއޭ؟ ކޮންކޮން ވިސްނުމުގެ ހަރުދަނާކަމެއްބާއޭ އޭރުވެސް ހުރީ؟ އެ ހަރުދަނާކަމެއް ސިޔާސީ ޝަޚްޞިއްޔަތުތަކުގައި ހުރި ކަމަށްވަންޏާ، އެ ހަރުދަނާކަންމަތީގައި މިއަދުވެސް ޤައުމަށް ޚިދުމަތް ކުރެވެންވާނެ.
 
ޤައުމަށް ޚިދުމަތް ކުރުމަކީ އެމީހެއްގެ އަމިއްލަ ޖާހު ރަނގަޅުކުރަން ކުރާ މަސައްކަތެއް ނޫން. ޤައުމުގައި ހުރި މައްސަލަތަކާ ދޭތެރޭގައި ވިސްނައި، ޤައުމު އޮތް ޙާލަތާ ދޭތެރޭގައި ވިސްނާފައި، އެކަންކަމަށް ޙައްލެއް ހޯދަން ކުރާ މަސައްކަތް. އެކަންކަމަށް ޙައްލެއް ހޯދާ ކަމަށްވަންޏާ، ސިޔާސީ ފިކުރާއި ވިސްނުން ކިތަންމެ ތަފާތުވިނަމަވެސް، އަދި ޤައުމު ހިންގާނެ ގޮތުގެ ވިސްނުން ތަފާތުވިނަމަވެސް، އަޅުގަނޑުމެން ކުރަންޖެހެނީ އެއް މަސައްކަތެއް. އަޅުގަނޑުމެން ދަތުރުކުރަންޖެހެނީ އެއް މިޞްރާބަކަށް. އަޅުގަނޑުމެންގެ ރާއްޖެއަށް އަމާންކަމާއި ޞުލްޙަވެރިކަމާއި، މަޞްލަޙަތާއި ހަމަޖެހުމާއި އަދި ދިވެހި ގޮތްތައް ދިވެހިންގެ ތެރޭގައި އޮންނަން ބޭނުންކަމަށްވަންޏާ، އުފައްދާ ފުރަތަމަ ސުވާލަކީ މިކަންކަން އަޅުގަނޑުމެންނަށް ކުރަން ފަސޭހަވާނީ، އަޅުގަނޑުމެންގެ އުފެއްދުމެއް އިތުރަށް ތަރައްޤީކޮށްގެންތޯ؟ ނޫނީ ބޭރުގެ ޘަޤާފަތްތައް ރާއްޖެއަށް ބަންޑުންކޮށްލައިގެންތޯ؟ ވަރަށް އަސާސީ ސުވާލެއް. މި ސުވާލުގެ ޖަވާބަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ އުފެއްދުންތައް ތަރައްޤީކޮށްގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ. އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރާކަށް ބޭރުގެ އުފެއްދުންތަކެއް ރާއްޖެ ގެންނާކަށްނުޖެހޭ. އެހެންކަމަށްވަންޏާ، އަޅުގަނޑުމެންގެ ޘަޤާފަތާއި، ރާއްޖޭގައި އޮތް ދީނާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުމަށް އަޅުގަނޑުމެންގެ ގޮތްތަކެއް ނެރޭކަމަށްވަންޏާ، އަޅުގަނޑު ހިތަށްއަރަނީ ހަމަ އެބޭފުޅުންނާ ކޮންމެ ދިވެހި ރައްޔިތަކު ކުރަންޖެހޭ ސުވާލަކީ މިއީ ނޫންތޯއޭ؟ މިއަދަކު ކޮންމެހެނެއް ގޯދީރާޖާގެ ވާހަކަ ދައްކާނެ ކަމެއްނެތް. އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަކުން ލަޝްކަރުތައް ހިފައިގެން އައިސް ދިވެހިރާއްޖެއާ ހަނގުރާމަކުރާނެ ވާހަކަ ދައްކާނެ ކަމެއް ނެތް. މިއީ ހުތުރު ވާހަކަ، ލަދުވެތި ވާހަކަ. އެހެނެއް ނުވެސް އަންނާނެ. އަދި ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ދައުލަތަކާ ދޭތެރޭގައި އަޅުގަނޑުމެންނަށް ތަޙައްމަލް ކުރަން އުނދަގޫ ފިޔަވަޅުތަކެއް އަޅުވަން ކުރާ މަސައްކަތްތަކާ ދޭތެރޭގައި، އަޅުގަނޑު ހިތަށްއަރާ، މި މަސައްކަތްކުރާ މީހުންގެ ލަދުވެތިކަން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހަމަ އެއްގޮތަކަށްވެސް އެމީހުންގެ ނެތީބާއޭ؟
 
އަޅުގަނޑުމެންނަކީ ވަރަށް އަމާން ޤައުމެއް. އަޅުގަނޑުމެންނަކީ ބޮޑު ކަނޑެއްގެ ތެރޭގައި، އަދި ވަށައިގެން ބިޔަ ބޮޑެތި ބާރުތަކެއްގެ، ވަށައިގެން އަޅުގަނޑުމެންގެ ވަށައިގެން އޮތް ސަރަޙައްދެއްގައި އޮތް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެން ކުރާ މަސައްކަތުން އަޅުގަނޑުމެން ޚިޔާލަށް އެބަ ގެންނަންޖެހޭ. ދިވެހިރާއްޖެ މި ސަރަޙައްދުގައި ދެން ފާހަގަކުރެވެންވީ ކިހިނެއްތޯ؟ ދިވެހިރާއްޖެ ދުނިޔޭގައި ދެން ފާހަގަކުރެވިގެންދާންވީ ކިހިނެއްތޯ؟ އަޅުގަނޑުމެން އަބަދު ފާހަގަވާންޖެހޭނީ ޑިމޮކްރަސީއަށް އިޙްތިރާމް ނުކުރާ، ޢަދުލު އިންޞާފަށް ލޯބިނުކުރާ، އިންސާނީ ޙައްޤުތަކަށް ކަރާމާތްތެރިކަމެއް އަޅުގަނޑުމެންގެ ތެރޭގައި ނެތް، ވިޔާނުދާ އެތަކެއް އާދަތަކެއް އޮތް ޤައުމެއްގެ ގޮތުގައިތޯ ދިވެހިރާއްޖެ ސިފަކުރާނީ؟ އިއްޔެއާ ޖެހެންދެން، އިއްޔެއާ ޖެހެންދެން ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ. މިހާރުވެސް ދަތުރުފަތުރުކޮށްފައި ބޭރުން އަންނަ މީހުންނަށް ދިވެހިރާއްޖެއަކީ ސުވަރުގެ. ހަމަޖެހުމާއި، ހިތްހަމަޖެހުމާއި، އަމާންކަމުގެ ކިއްލާއެއް. އެކަމަކު ބައެއްގެ، މަދު ބައެއްގެ ފިކުރަށް ޖާގަދީގެން މި މަސައްކަތް ކުރާކަމަށްވަންޏާ، ދިވެހިރާއްޖެވަރުގެ ނާމާން ތަނެއް ނެތް. ދިވެހިރާއްޖެވަރުގެ ނުރައްކާތެރި ތަނެއް ނެތް. ދިވެހިރާއްޖެވަރުގެ އިންސާނީ ޙައްޤުތަކެއް، ނޫނީ އެ ޙައްޤުތަކަށް އަރައިގަންނަވަރު ތަނެއް ނެތް. ކާކުގެ، ކޮން އިންސާނީ ޙައްޤަކަށް އެރިގެންތޯ މިއުޅެނީ؟ ކާކުގެ ކޮން އިންސާނީ ޙައްޤަކަށް އެރިގެންތޯ މިއުޅެނީ؟
 
އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން، ދިވެހިރާއްޖޭގެ އަޅުގަނޑުމެން ހުރިހާ ރައްޔިތުން މިކުރާ މަސައްކަތުގައި ދިވެހިރާއްޖެ އެބަޖެހެޔޭ، މި ސަރަޙައްދުގައި ފުރަތަމަ އަޅުގަނޑުމެންގެ ނިޗް ނޫނިއްޔާ އަޅުގަނޑުމެން ފާހަގަކުރާގޮތަކަށް އަޅުގަނޑުމެންގެ ސަރަޙައްދު، އަޅުގަނޑުމެންގެ ވެށި ފާހަގަކުރަން. އެއާއެކީ ރާއްޖެ ތަންކޮޅެއް ދުރަށް ޖެހިލަންޖެހެނީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ނަމަވެސް ޝަރަފްވެރި ޤައުމަކަށްވާތީ. އަމިއްލަ ގޮތްތަކެއް ގެންގުޅޭ ޤައުމަކަށްވާތީ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި މިދެންނެވި ގޮތަށް ނިޗެއް، ނޫނިއްޔާ އަޅުގަނޑުމެންގެ ވަށާފާރު ލެވިގެން އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެން ސިފަކުރާގޮތް އެބަޖެހެޔޭ އަޅުގަނޑުމެން އެކަށައަޅަން. މި ސިފަކުރާ ކުރުމަށް އެންމެ ބޮޑެތި އުނދަގޫތައް މި އަންނަނީ، މިދެންނެވި ގޮތަށް މަދުބަޔަކު މިކުރާ މަސައްކަތުން.
 
އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި، ކުޑަކުޑަ ދައުލަތެއް، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ދައުލަތެއް، ޖެހިޖެހިގެން ދެފަހަރު ކައުންސިލްގެ މެންބަރުކަން ލިބުނު ދައުލަތެއް ނޯންނާނެ. މިއީ، އަޅުގަނޑުމެން އުފާކުރާ ކަމެއް. ފަޚްރުވެރި ކަމެއް. އެހެންވީމާ، އެ ބަލާ މިންގަނޑުތަކުން ބަލާފައި، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށާއި ކަރާމާތަށް އިޙްތިރާމްކުރާ މިންވަރުން މެނުވީ އަޅުގަނޑުމެންނަކަށް އެ ކައުންސިލަކުން ޖާގައެއް ނުލިބޭނެ. އެންމެ ފަހަރަކު ނޫން، މިހާރުވެސް އަޅުގަނޑުމެންނަކީ އެ ކައުންސިލްގެ މެންބަރެއް. އެހެންވީމާ، ދިވެހިރާއްޖޭގެ އިންސާނީ ކޮން ޙައްޤެއް ގެއްލިގެންތޯ މިއުޅެނީ އަޅުގަނޑުމެން ސުވާލު އެބަކުރަންޖެހޭ. އަދި އެ ސުވާލުކޮށްފައި، އޭގެ ޖަވާބެއްގެ ގޮތަށް، މުޅި ދައުލަތުގެ އިންސާނީ ޙައްޤު ގެއްލުވައިލާ ފަރާތްތަކާ ދޭތެރޭގައި، ދެން އަޅާނީ ކޮން ފިޔަވަޅެއްތޯވެސް ހަމަ ދައުލަތުން ނިންމަންޖެހޭ. ދައުލަތުގެ އިންސާނީ ޙައްޤު ޙިމާޔަތުން އޮންނާނީ، ރައްކާތެރިކަމާއެކު އޮންނާނީ، މުޅި ދައުލަތުގައި ހުރި އުޞޫލުތަކަށް، އެ އުޞޫލުތަކަކީ އެންމެން ތަބާވާ، އެންމެން ގަބޫލުކުރާ އުޞޫލުތަކަކަށްވެގެން. އެ އުޞޫލުތަކާ ޚިލާފުވާކަމަށްވަންޏާ، އެއުޅެނީ ޤާނޫނަށްވުރެ މަތީގައި އުޅޭ ވަކި ފަރާތްތަކެއް. މިހާރު އަޅުގަނޑު އެބަ ހިތަށްއަރާ، އަޅުގަނޑުގެ ސަރުކާރުން ބައެއް ތަންތަނަށް އެބަ އިލްތިމާސް ކުރަންޖެހޭ، އަޅުގަނޑުމެންގެ ޤާނޫނީ ޙުކޫމަތް ހިނގަންނުޖެހޭ، އިމްތިޔާޒުތަކެއް ލިބެންޖެހޭ އަޅުގަނޑުމެންގެ ރައްޔިތުންގެ ލިސްޓެއް އަޅުގަނޑަށް ދޭށޭ. އޭރަށް އެބޭބޭފުޅުން ދައުލަތުގައި، ރާއްޖޭގައި ކޮންމެ ކަމެއް ކުރެއްވި ނަމަވެސް، ރާއްޖޭގެ ޝަރުޢީ ކޯޓަކަށް އެބޭފުޅުން ވަޑައިގަންނަވާކަށް ޖެހިވަޑައެއްނުގަންނަވާނެ. ތަޙުޤީޤު ދާއިރާއަކަށް ޙާޒިރުވާކަށް ނުޖެހޭނެ. އަދަބެއް ލިބޭ ބަޔަކަށް އެބޭފުޅުންނެއް ވާކަށްނުޖެހޭނެ.
 
އެހެންވީމާ، އަޅުގަނޑުގެ މަސައްކަތް ޙަޤީޤަތުގައިވެސް މާދަމާ ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަން މި ފަށަނީ، ވަރަށް ވަރުގަދަ މަތިވެރި އުންމީދުތަކަކާއެކީ. މި ފަށާއިރުވެސް އަޅުގަނޑަށް އަޅުގަނޑުގެ މަސައްކަތް ފަސޭހަވެގެންދާނެ، މިދެންނެވި ގޮތަށް ދިވެހިރާއްޖޭގެ ދުސްތޫރުގެ ޙުކުމް ނުހިނގާ އިމްތިޔާޒުތަކެއް ލިބޭ ދިވެހި ރައްޔިތުންތަކެއްގެ ނަން، މާދަމާ ހެނދުނު އޮފީހަށްދާއިރު އަޅުގަނޑަށް ލިބިފައި އޮތިއްޔާ އަޅުގަނޑުގެ މަސައްކަތް ފަސޭހަވާނެ. އޭރުން އެބޭފުޅުންނަކީ ދިވެހިރާއްޖޭގެ މިޖެހޭ އޮޔާއި ވައިގައި އެއްވެސްކަހަލަ ކަމެއްގައި ޤާނޫނުގެ ބާރެއް އަދި އެއްވެސްކަހަލަ ތަޙުޤީޤީ އިދާރާއަކަށް ޙާޒިރުނުކުރާ ބަޔަކަށްވާނެ. އުޅޭނެގޮތަކަށް އުޅެންވީ. ހަމަ މިކަހަލަ ބޮޑު ތުނޑިއެއް އޮންނަ ރަށެއްގައި، ދޫނި އުޅޭގޮތަށް އުޅެން ދޫކޮށްލަންވީ. އެއީކަންނޭނގެ މިހާރު ދިވެހިރާއްޖެއަށް މި ބޭނުންވާ ކަމަކީ. އެހެން ނޫނިއްޔާ ދިވެހިރާއްޖޭގައި ކޮން ކަމެއް ނެތިގެންތޯ އަޅުގަނޑުމެން މިއުޅެންޖެހެނީ؟ އަޅުގަނޑުމެން ސުވާލު އުފައްދަން އެބަޖެހޭ.
 
އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ނިޒާމެއް، ދިވެހިރާއްޖޭގައި އޮންނަންވާނީ ބާރުތައް ވަކިވެފައި އޮތް ނިޒާމެއް ކަމަށް. ބާރުތައް ވަކިވުމަކީ ޤާނޫނުއަސާސީން ބާރުތައް ވަކިކޮށްފައި އޮތުން. އަދި މަސައްކަތް ކުރާއިރު ޢަމަލީގޮތުން ބާރުތައް ވަކިވެފައި އޮތުން. ޢަދުލު އިންޞާފުގެ ދާއިރާއަކީ އެގްޒެކެޓިވް ނޫނީ ހިންގުމުގެ ބާރު ނުފޯރާ ދާއިރާއަކަށްވާން އެބަޖެހޭ. ހިންގުމުގެ ބާރު، ޢަދުލު އިންޞާފުގެ ދާއިރާއަށް ނުފޯރާނެއޭ ބުނީމަ، އަދި މިހާރުގެ ރައީސް އެ ބާރު ފޯރުވަން އެއްވެސް މަސައްކަތެއް ނުކުރާނެއޭ ބުނީމަ، މިހާރު މި ނުކުންނަ ސުވާލަކީ، އެތާ އެތިބީ މުޅިންވެސް ރައީސްގެ ބަސްއަހާ މީހުންނޭ. އެކަމަކު މި ދިވެހި ދައުލަތުގައި ތިބޭ ހުރިހާ ރައްޔިތުންނަކީ، ރައީސްގެ ބަސްއަހާ މީހުން ކަމަށްވަންޏާ، ދެން އެއީކީ ރައީސްގެ މައްސަލައެއް ނޫންތާ. ސުޕްރީމް ކޯޓުގެ އެތިބަ ފަނޑިޔާރުންގެ ބެންޗަކީ، ކޮން ރައީސަކު ފޮނުއްވި ބެންޗެއްތޯ؟ ހަމަގައިމު މި ރައީސް ފޮނުވި ބެންޗެއް ނޫނޭ އެއީކީ. މި ރައީސާ ހަމައަށް ރައީސްކަން އައިއިރު، މި ޒަޢާމަތު އައިއިރު އޭރުވެސް އޮތް ބެންޗް އެއީ. ރައީސް ނަޝީދު ފޮނުވި ބެންޗެއް އެއީ. އޭރު އެބޭފުޅުން ކަމުދޭ. މިއަދު އެބޭފުޅުން ކަމަކުނުދޭ. އޭރު އެބޭފުޅުންގެ ފެންވަރު ހުރި. މިއަދު އެބޭފުޅުންގެ ފެންވަރު ނެތްކަމަށް މި ވަކާލާތު ކުރެވެނީ.
 
އެހެންވީމާ، އަޅުގަނޑުމެންވެސް، އަޅުގަނޑުވެސް ކޮށްލާ އިލްތިމާސަކީ، ބުއްދީގެ ބޭނުން ކޮންމެވެސްވަރަކަށް ކޮށްލަމާތޯއޭ؟ އަޅުގަނޑުމެން މިކަހަލަ ދުރު ރަށްރަށުގައި، ކުދިކުދި މުޖުތަމަޢު ތެރޭގައި މިއަދު އަޅުގަނޑަށް ފެނިގެން މިދަނީ، މިތަނުގައި އޮތް އެއްބައިވަންތަކަން. ތަރައްޤީއަށް ފެންބޮވައިގެންފައި އޮތް މިންވަރު. ކުޑަކުޑަ ރަށެއް. ދިރިއުޅޭ އާބާދީ 400 ހަމަނުވޭ. އެހެންނަމަވެސް، މިރަށް ޒީނަތްތެރިކޮށްފައި، އަދި މިރަށް ތައްޔާރުކުރުމަށް ކޮށްފައި މިއޮތް މަސައްކަތްތަކަށް ބަލާކަމަށްވަންޏާ، ޢާރިފްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ހުރިހާ ފިކުރެއްގެ ހުރިހާ ކުދިބޮޑު އެންމެން މިއޮތީ މި މަސައްކަތްތަކުގައި ބައިވެރިވެފައި. އެއީ ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ކޮށްދެވޭނެ ކަމަކީ. ތަރައްޤީ އަންނަ ކަމެއް ކަމަށްވަންޏާ، ސިޔާސީ ފިކުރު އެއްފަރާތަށް ޖައްސާލާ. ސިޔާސީ ފިކުރަކީ ޖާގަދޭއިރު ދެވަނަ ކަންތައް. ކޮންމެ މީހަކަށް ދިރިއުޅެވޭގޮތް ހަމަޖެހެންވާނެ. ކޮންމެ މީހަކަށް ގެދޮރުއެޅެންވާނެ. ވަކި ފިކުރެއްގައި ހުރީމަ، ދިރިއުޅުން ހަމަނުޖެހި އޮވެގެނެއް ނުވާނެ. ވަކި ފިކުރެއްގައި ހުރީމަ، ގެދޮރުގެ ޙިމާޔަތް، ނޫނިއްޔާ ގެދޮރުގެ ހަމަޖެހުން އޭނައަށް ނުލިބި ހުރެގެން ނުވާނެ. މިކަންކަން ކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ ފިކުރެއްގައި ތިއްބަސް އެއްގަލަށް އަރަންވާނެ.
 
ކައުންސިލްތަކުގެ ރައީސުންނަށްވެސް އަޅުގަނޑު ޝުކުރުވެރިކަމާއެކީ މިވާހަކަ މިދަންނަވަނީ. މި ކުޑަކުޑަ ރަށުގައި، މިހާ ފޯރިގަދަކޮށް، މިހާ ފުރިހަމައަށް ތައްޔާރުކުރައްވާފައި އޮތީމަ، ތިޔަބޭފުޅުން ކުރައްވާފައި ތިހިރަ ވަރުގަދަ މަސައްކަތް، އަޅުގަނޑު ހަމަ ޝުކުރުވެރިކަމާއެކީ ބަލައިގެން، އެކަމަށް ތަޢުރީފް ކުރަމުން ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަން. އަދި ހަމައެއާއެކު ދަންނަވާލަން ބޭނުންވަނީ، ކައިރި ރަށްރަށުން ޒިޔާރަތް ކުރެއްވި ބޭފުޅުންނާއި އަދި މިރަށުގެ ހުރިހާ ރައްޔިތުން މި ހޫނުގަދަ ގަޑީގައި މިރަށަށް ޒިޔާރަތް ކުރީމަވެސް ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުގެ އިސްތިޤްބާލުގައި، ތި ތިއްބެވީ. ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ގާތްކަން، އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން ކިތަންމެ ރަނގަޅަކަށްވެސް ދައްކަވައިދެއްވައިފި. ހަމަ ވަރަށް އުފާވެރިކަމާއެކީ، ވަރަށް ޝުކުރުވެރިކަމާއެކީ ތިޔަބޭފުޅުންނަށް މަރްޙަބާ މި ދަންނަވަނީ މި ސަބަބުތަކަށްޓަކައި.
 
ރާއްޖޭގައި މި ކުރެވެމުންދާ މަސައްކަތްތަކަކީ، މިއަދުވެސް މިއީ ހަމަ އުފާވެރި ދުވަހެއް. ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކަކީ، މިހާރު މި ރައީސްގެ ހުވަފެންތަކެއް ހުރީމަޔާއެކީ، އެ ހުވަފެންތައް ޙަޤީޤަތަކަށް ހެދޭތޯ ކުރާ މަސައްކަތް. މި ހުރިހާ ހުވަފެން ޙަޤީޤަތަކަށް ހެދިއްޖެ ކަމަށްވަންޏާ، ﷲގެ ރަޙްމަތާއެކީ މިކަންކަން ޙަޤީޤަތަށް ހެދިއްޖެ ކަމަށްވަންޏާ، އަޅުގަނޑާ އިހަށްދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވާހަކަފުޅު ދެއްކެވިއިރު ހަމަ އަޅުގަނޑުގެ ޚިޔާލަށް މިކަން ގެންނެވި. ދެން ވަޑައިގަންނަވާ ރައީސަކު ވަޑައިގެން ކުރައްވަން އޮންނާނީ، ޢުމްރާނީ ތަރައްޤީގެ ގޮތުން ކޮންކޮން ކަންތައްތަކެއްބާއޭ؟ ކުރަން ހުންނަ މަސައްކަތް ވަރަށް ކުޑަވާނެ. ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަން އޮންނާނީ ކޮން މަސައްކަތެއްބާއޭ؟ ކުރަންހުރި މަސައްކަތް ވަރަށްކުޑަވާނެ. ޒުވާނުންގެ ޝަހަރެއްގެ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނިމިގެން އެތައްހާސް ބަޔަކަށް ގެދޮރު އެޅޭނެ ފުރްޞަތު ހަމަޖެހިގެން ދިޔައިމަ، ކުރަންހުރި ކަންތައްތައް ވަރަށް މަދުވާނެ.
 
 އަޅުގަނޑުމެން މި އުންމީދު ކުރަނީ، 2018ގެ ނިޔަލާ ހަމައަށް ދާންވާއިރަށް، މިހާރު އަޅުގަނޑުމެން މި ވިސްނާ ވިސްނުމުގައި އެންމެ މަދުވެގެން ގާތްގަނޑަކަށް 13000 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ނިމެންވާނެ. އިރާދަކުރެއްވިއްޔާ އެކަންވާނެ. އަދި ހުޅުމާލެއާއި މާލެއާ ދޭތެރޭގައި އަޅުގަނޑުމެން ދެން ދަތުރުކުރާނީ އެއްގަމު މަގުން. އިރާދަކުރެއްވިއްޔާ އެކަންވެސް ވާނެ.
 
ވަށަފަރު، ފިއްލަދޫ، ފިއްލަދޫގެ ރިކްއެސްޓްވެސް އައިމަޔާއެކީ، އިލްތިމާސް އައިމަޔާއެކީ މި ދަންނަވަނީ، ދެކުނުގައި ހުރި ބޮޑެތި ރަށްރަށް، އުތުރުގައި ހުރި ރަށްރަށް، މިހުރިހާ ތަނަކަށް ތަރައްޤީ ޢާންމުވެގެން ފެތުރިގެން މިދާ ދެ އަހަރުގެ ތެރޭގައި، މި ހުރިހާ ކަމެއް ނިމިގެން ދިޔައިމަ، ދެން ކުރަންޖެހޭ ސުވާލަކީ، ދެން އަންނަ ބަޔަކު އައިސް ކޮށްދޭންވީ މިތަންތަނުގައި ކޮން ކަމެއްތޯއޭ؟ އުފަލާއެކީ އުޅެންޖެހޭ ބައެއް ނޫންތޯ ދިވެހިންނަކީ؟ އަޅުގަނޑުމެންގެ ތެރެއިން ކޮންކަހަލަ ކަންތައްތަކަކަށްތޯ ޖާގަދޭންވީ ތަފާތު އުފައްދަން؟ ރައީސްކަން ކުރަން ބޭނުންވާ މީހުން ރައްޔިތުންގެ ޙާލަތު ބަދަލުކުރަން، އެކަމާ ދޭތެރޭގައި ވިސްނާ މީހުން، އަޅުގަނޑުމެންނަށް މިހާރުވެސް ނޫ ޗާޓެއްދޭންވީ. އިންކް ކޮށްފައި ދޭންވީ އެބޭފުޅުން ކޮށްދެއްވަން ބޭނުންފުޅުވާ ކަންތައްތައް. އަޅުގަނޑު މިހުރީ އޭގެތެރޭގައި ހުރި ހުރިހާ ރަނގަޅު ކަންތައްތައް ބަލައިގަންނަން.
 
 މާދަމާ އަޅުގަނޑުގެ ފަރާތުން އިސްވެ ކަންތައްތަކެއް ހުށައެއްނާޅާނަން. އަޅުގަނޑު މި އިންތިޒާރު ކުރަނީ، އެކިއެކި ޕާޓީތަކުން ވަޑައިގެން އަޅުގަނޑާ ދައްކާ ވާހަކަތަކުގެ ތެރޭގައި، ދައުލަތަށް ކޮށްދެވެންހުރި ހުރިހާ ކަންތައްތައް ދައުލަތުން ކޮށްދޭން. އަޅުގަނޑު މި ބަލަނީ އެބޭފުޅުންނާއެކީ އިށީންނަނީ ޕޮޒިޓިވްކޮށް މަސައްކަތް ކުރަން. އެކަމަކު އެއާއެކީ އެބޭފުޅުންވެސް އަޅުގަނޑަށް ކަށަވަރުކޮށްދެއްވަންޖެހޭ ކަންތައްތަކެއް ހުންނަންވާނެ. އޭގެތެރޭގައި މުޅި ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި، އެއްބާރުލުން ދޭން އެއްބަސްވާންޖެހޭނެ. ކޮންމެ އަހަރަކު މަޖިލީހަށް ބަޖެޓް ފޮނުވީމަ، ބަޖެޓަށް ވޯޓްނުދޭ މެންބަރުން މަޖިލީހުގައި ތިއްބަވައިގެން ނުވާނެ. އިޞްލާޙުތަކާއެކީ ނަމަވެސް މަޖިލީހުން ބަޖެޓަށް ވޯޓްދޭންވާނެ. ވޯޓްގައި ބައިވެރިނުވާ ކަމަށްވަންޏާ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކުގައި، އެބޭފުޅުންގެ ޚިޔާލެއް، ނޫނީ އެބޭފުޅުންގެ ޙިއްޞާއެއް އަމުދުންނެތީ. އެހެންވީމާ، އެ ކަންތައްތަކަށް އަޅުގަނޑުމެން އެއްބަސްވާންވާނެ. އެ ލިސްޓްގައި ކޮންމެވެސް ހިސާބެއްގައި އޮންނަންވާނެ، ޢަދުލު އިންޞާފުގެ ބާރު، ޤާނޫނުގައި ޙުކޫމަތް ނުހިނގާނީ، ކޮން ފެންވަރެއްގެ ކޮން ބަޔަކަށްތޯ؟ އަދި އިންސާނީ ޙައްޤާއި ކަރާމާތް ޙިމާޔަތް ކުރުމުގެ ގޮތުން ކޮންމެފަދަ ވާހަކައެއް ދެއްކޭނީ ކޮންކޮން މީހުންނަކަށްތޯ، އެ ލިސްޓްގައި އެބޭފުޅުން ޖަހައިދެއްވަންވާނެ. އެޔާއެކީވެސް ބިނާކުރަނިވި ކަންތައްތަކެއް ހުންނަންވާނެ. ރާއްޖެއަށް މިވަގުތު ދިމާވެފައި ހުރި އެންމެ ބޮޑެތި ކަންތައްތައް ޙައްލުކުރުމަށް އަދި އެންމެ ބޮޑެތި މައްސަލަތައް އުފެދިފައި ހުރި ކަންތައްތައް ޙައްލުކުރުމަށް ގޮތްތަކެއް ވިދާޅުވެދެއްވަންވާނެ. އަޅުގަނޑުމެންނަށް އެބޭފުޅުން ދައްކަވައިދެއްވަންވާނެ، ޝަރީޢަތާއި ޤާނޫނުގެ ބޭރުން ހިފައި ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު ވިދާޅުވެދެއްވަންވާނެ. ރައްޔިތުންނަށް އެނގެންޖެހޭ.
 
އަޅުގަނޑު ފަޚްރުވެރިކަމާއެކީ މި ދަންނަވަނީ، މި ސަރުކާރަކު ޤާނޫނާއި ޝަރީޢަތުގެ ބޭރުން ހައްޔަރުކުރި ހަމަ އެކަކުވެސް ނުހުންނާނެ. މި ސަރުކާރަކުން ނުހުންނާނެ، ޤާނޫނާއި ޝަރީޢަތުގެ ބޭރަކުން ހައްޔަރުކުރި އެކަކުވެސް. އެހެންވީމާ، މާދަމާގެ މި ލިސްޓްގައި މުޅި ދިވެހި ރައްޔިތުންނަށް ޢާންމުވާގޮތަށް ވިދާޅުވެދެއްވަންވާނެ، ޤާނޫނާއި ޝަރީޢަތުން ބޭރުން ހައްޔަރުކޮށްފައި ތިބި ސިޔާސީ ކުށްވެރިން ކަމަށް އެ ވިދާޅުވާ މީހުންނާއި، އެމީހުންގެ އަދަދު ވިދާޅުވެދެއްވަންވާނެ. އެ އަދަދުތައް އަޅުގަނޑުމެން ކިޔާނީ ބޭރު މީހަކު ނެރޭ ފޮތަކުންނެއް ނޫން. އެ އަދަދުތައް އަޅުގަނޑުމެން ކިޔަން ބޭނުންވަނީ، އަޅުގަނޑުމެން މީޑިއާގެ ކުރިމަތީގައި، ރައްޔިތުންގެ ކުރިމަތީގައި. ކޮންމެ މީހަކު ބަންދުވެފައި އެހުރީ ކީއްވެގެންކަން އޭރަށް ފުލުހުންގެ މުއައްސަސާއިން، ކޯޓްތަކުން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ.
 
ކަމެއް ރަނގަޅުކުރަން ބޭނުންކަމަށްވަންޏާ، ހުރި ކަންތައްތަކާ ހަމައަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެންނަށް ރުޖޫޢަވާން ކެރެންވާނެ. ކަމެއް ރަނގަޅު ކުރަން އިޚްލާޞްތެރި ނިޔަތަކާއެކީ އަންނަ ކަމަށްވަންޏާ، ވަކި މީހަކު ދޫކޮށްލަންޖެހޭ ސަބަބު އަޅުގަނޑު ކައިރީ ބުނެދޭންވާނެ. އަދި ގަބޫލުކުރަންވާނެ، އިޙްތިރާމް ކުރަންވާނެ، އެޕްރިޝިއޭޓް ކުރަންވާނެ. ޢަދުލު އިންޞާފުގެ ދާއިރާއިން އެކުރާ ކަންތައްތަކަކާ ރައީސް ބެހުމަކީ ރައީސަށް ޖާގަދީގެންވާނެ ކަމެއް ނޫން. އަޅުގަނޑަކަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުރާކަށް، ޖާގަލިބޭ ކަމެއް ނޫން. އަޅުގަނޑު ކުރާހިތްވާވެސް ކަމެއް ނޫން. އެހެންވީމާ، މީހުން ހައްޔަރުވެފައި ތިބި ތިބުމަށް ރައީސް މިވެނި ގޮތަކަށް މިކަން ކޮށްދޭންވާނެއޭ ބުނީމަ، އަޅުގަނޑު ހަމަ ދަންނަވަންޖެހެނީ މަޢާފާއެކީ، ތިއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑުމެން އެދިގެން ނޫންތޯ ތިންބާރު ވަކިކުރީ؟ އަޅުގަނޑުމެން ބޭނުންވަނީ ތަހުޒީބީ މިޒަމާނުގެ ޑިމޮކްރަސީއަކަށް ދިވެހިރާއްޖެ ހަދަން. ޑިމޮކްރަސީ ދިވެހިރާއްޖެއަށް ހަދައި، ޑިމޮކްރަސީގައި ހުރި އަސާސްތައް އެހެރީ ޤާނޫނުއަސާސީގައި ލިޔެދީފައި. އެއީ ބާރުތައް ވަކިކޮށް ހިންގާނެ ވެރިކަމުގެ ނިޒާމެއް އެއޮތީ ޤާއިމްކޮށްދީފައި. އަދި ކޮންމެ ދާއިރާއަކުން ކުރާ މަސައްކަތްތައް، ހިންގުމުގެ ދާއިރާއަށް ނުބައްސައި ބެލޭނެ އިންތިޒާމްތަކެއް، ނިޒާމްތަކެއް އެހެރީ ޤާނޫނުއަސާސީގައި އެކަށައަޅައިދީފައި.
 
ދެން ޢާންމުކޮށް ޑިމޮކްރަސީގައި ހުންނަންޖެހޭ ކަންކަމަށް ބަލާކަމަށްވަންޏާ، މިނިވަންކަމާއެކީ ވާހަކަ ދެއްކުމާއި، މިނިވަންކަމާއެކީ ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ ޙައްޤާ، މިކަހަލަ ޙައްޤުތަކެއް ދެން މިހުންނަނީ. ދިވެހިރާއްޖެއަށްވުރެ މިނިވަންކަމާއެކީ ވާހަކަ ދައްކާ ދެވަނަ ދައުލަތެއް އޮތް ތަނެއް ވިދާޅުވޭ. ހަމަގައިމުވެސް މި ދުނިޔެއަކު ދިވެހިރާއްޖެއަށްވުރެން މިނިވަންކަމާއެކީ ވާހަކަ ދެއްކޭނެ އެއްވެސް ތަނެއް ނޯންނާނެ. ކިތައް ޤައުމުގައިތޯ، ސޯޝަލް މީޑިއާގައި ކުރާ ޓްވީޓްތަކާ ގުޅިގެން ޓްވީޓް އެކައުންޓް ބަންދުކޮށްފައި ހުރީ؟ ކިތައް ޤައުމުގައިތޯ އެ ޓްވީޓްކުރާ މީހުން ހައްޔަރުކޮށްފައި ހުރީ؟ ދިވެހިރާއްޖޭގެ ރައީސާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އެހެން މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބެހޭގޮތުން އަބުރަށް އަރައިނުގަތުން އޮތީ، ކޮން ހިސާބެއްގައިތޯ؟ އަބުރަށް އަރައިނުގަންނަ އެންމެ ތަންފުކެއްވެސް އެބައޮތްތޯ؟ އަޅުގަނޑަކަށް އެއީކީ މައްސަލައެއް ނޫން. އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް ކުރަން މިހިސާބަށް އައީ. އަޅުގަނޑު މި ހިސާބަށް އައީ ސިޔާސީ މީހަކަށްވެހުރެ. އެހެންނަމަވެސް، އަޅުގަނޑުގެ ޕެޝަނެއް ނޫން ސިޔާސީ ކަންތައް ކުރުން. އަޅުގަނޑުގެ ޕެޝަނަކީ މިއީ. އަޅުގަނޑުގެ ޕެޝަނަކީ އިޤްތިޞާދީ ތަރައްޤީ ގެނެސްދިނުން. ޒުވާނުންނަށް ބޭނުންވާ ހަމަޖެހުން ގެނެސްދިނުން. ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން. މީގެކުރިން، ނުކުރެވޭނެ ކަމަށް ގަބޫލުކުރި އެތައް ކަމެއް ކުރެވޭތޯ ކޮންމެވެސްވަރަކަށް މަސައްކަތް ކޮށްލުން.
 
 މިއަދު އުފަލާއެކީ ފާހަގަކުރަންޖެހެނީ، އަޅުގަނޑުމެން މިއޮތްހާ ދުވަހު ވަރަށް ބޮޑެތި ޢަދަދުތަކުގެ އިންޓްރެސްޓާއެކީ އެކިކަންކަމަށް ދޫކުރަމުން އައި ލޯނުތަކުގެ އަގު އެއޮތީ މިއަދު ހެޔޮވެފައި. އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ކަރަންޓްގެ އަގު އެހެރީ ހެޔޮވެފައި. އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރަން ކުރާ މަސައްކަތްތަކުގައި، އަންހެނުންގެ ބައިވެރިވުން އަޅުގަނޑުމެންގެ އާބާދީގައި، އެކިއެކި މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން މިހާރު އެއޮތީ 8 ޕަސެންޓް އަޅުގަނޑު ހަނދާންވާގޮތުންވިއްޔާ އިތުރުވެފައި. މީގެކުރީގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، ދަތުރުފަތުރުކޮށްފައި ވަޒީފާގެ ބޭނުމުގައި، މަސައްކަތުގެ ބޭނުމުގައި ދަތުރުކުރަނީ ފިރިހެނުން ކަމަށް. މިއަދު އެ އަދަދުތައް އޮތީ އެހެނެއްނޫން. އަޅުގަނޑަށް ފާހަގަކުރެވޭގޮތުން ވެއްޖިއްޔާ، ސާޅީހަށްވުރެ މަތީ އިންސައްތައެއް ދަތުރުފަތުރު އެބަކުރޭ، ވަޒީފާގެ ބޭނުމުގައި އެމީހެއްގެ ވަޒަން ދޫކޮށްލާފައި އެހެން ތަނަކަށް އަންހެން ބޭފުޅުން. ދިވެހިރާއްޖޭގެ ވިސްނުމަށް މި އަންނަނީ ބަދަލުތަކެއް. ޒުވާނުން، ޒުވާނުން ވާރކްފޯސްގައި އުޅޭ ޒުވާނުން، ކިޔަވާ ޢުމުރުގެ ކުދިން، ކިޔަވާ ކުދިން ފިޔަވައި، ވާރކްފޯސްގައި އުޅޭ ޒުވާނުންގެ އަދަދުތަކަށް ބަލާކަމަށްވަންޏާ، އެ އަދަދުތަކުގެ ތެރެއިން އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެންމެފަހުން މިހެދި ސަރވޭގައި، ޕޮޕިއުލޭޝަން ސަރވޭގައި 8 ޕަސެންޓް މީހުން ވަޒީފާނެތި އުޅެނީ. އަޅުގަނޑު އެދޭގޮތަށް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ މިދަނީ. އަޅުގަނޑު ބޭނުންވަނީ، ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭ ޢުމުރުގެ ހުރިހާ އެންމެންނަކީވެސް މަސައްކަތްކުރާ ބަޔަކަށް ވެގެންދިޔުން. ހުރިހާ ޒުވާނުންނަކީ، ޒުވާނުންގެ ކުރިމަގު ރަނގަޅުކުރުމަށް އަދި މައިންބަފައިންނަށް ތަނަވަސްކަން ގެނެސްދިނުމަށް، އެ ކުދިން އުޅޭ ވެށްޓަކަށް ތިޔާގިކަމާއި ތަރައްޤީކަން ގެނެސްދިނުމަށް ކޮންމެ ޒުވާނަކީ ވަޒީފާ އަދާކުރާ މީހަކަށްވާން އަޅުގަނޑު ބޭނުން. އިރާދަކުރެއްވިއްޔާ މިކުރެވޭ މަސައްކަތުގެ ނަތީޖާތައް މި ދަތުރުކުރަނީ އެ މިޞްރާބަށް. އެހެންވީމާ، ޒުވާނުންގެ ބައިވެރިވުން މިއޮތީ އެތަކެއް ޕަސެންޓް އިތުރުވެފައި. އަދި ޙައްޤުތައް ގެއްލިގެން އުޅޭ އަންހެނުންނާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ކެނޑިނޭޅި ސަރުކާރުންނާއި މުއައްސަސާތަކުން މަސައްކަތްތަކެއް އެބަކުރޭ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވާނީ، އަމާން، އުފާވެރި ދިވެހިރާއްޖެއަކަށް އަޅުގަނޑުމެންގެ ޙާލަތު ބަދަލުވެގެންދިޔުން.
 
ކީއްވެގެންތޯ، މިކަންކަން ކުރަން ބަޔަކު މީހުން ދެކޮޅުހަދަނީ؟ މިކަން ކުރަން ދެކޮޅުހަދާނެ ކަމެއް ނެތް. އަޅުގަނޑުމެން ކައިރިއަށް ވަޑައިގެން ވިދާޅުވެދެއްވަންވީ، މާލެއާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖް އަޅާނެ ކަމެއްނެތޭ. ނޫނީ ތިމަންނަގެ ތިއަށްވުރެ މޮޅު ޙިކުމަތެއް އެބައޮތޭ ތިކަން ކުރަން. ނޫނީ ތިއަށްވުރެ ތިކަން އަގުހެޔޮކޮށް ކޮށްފާނަމޭ. އަޅުގަނޑު ކައިރިއަށް ވަޑައިގެން ވިދާޅުވެދެއްވަންވީ، ޢަރަބި އިސްލާމީ ދައުލަތްތަކަކާއެއް ނޫނޭ ގުޅުން އުފައްދަންވީ، މިނޫން އެހެން ބަޔަކާއޭ ގުޅުން އުފައްދަންވީ، އޭރަށޭ ދިވެހިރާއްޖެއަށް ތަނަވަސްކަން އުފެދިގެންދާނީ. އަޅުގަނޑު ކައިރިއަށް ވަޑައިގެން ވިދާޅުވެދެއްވަންވީ، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުކުރުމާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ހަދައިދެވޭނީ ރައީސް ޔާމީން ތިގެންގުޅޭ ސިޔާސަތުގެ ދަށަކުންނެއް ނޫނޭ. ތިމަންނަމެންގެ އެއަށްވުރެ މޮޅު ވިސްނުމެއް އެބައޮތޭ. އަޅުގަނޑު ކައިރީގައި ވިދާޅުވެދެއްވަންވީ، ޢަދުލު އިންޞާފުގެ ދާއިރާއާ ނުބެހި މިނިވަންކަމާއެކީ ދޫކޮށްލާށޭ. އަޅުގަނޑު ކައިރީ ވިދާޅުވެދެއްވަންވީ، ތިމަންނަމެން ބެހުނު ބެހުމުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ތަޅެއް ނާޅުވަމޭ. ތިމަންނަމެން ބެހުނު ބެހުމުގެ ތެރޭގައި ފަނޑިޔާރުން ހައްޔަރެއް ނުކުރަމޭ. އަޅުގަނޑު މިއީ، އެ އުޞޫލުގެ މަތިން ހިނގަން ހުރި މީހެއް. އަޅުގަނޑު މިއީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އުޞޫލުތައް ދަމަހައްޓަން މަސައްކަތްކުރާ މީހެއް. އެ އުޞޫލުތަކަށް ޖާގަ ލިބެންވާނެ. ކޮރަޕްޝަންގެ ވާހަކަވެސް ދައްކަންވީ. މާދަމާ އަޅުގަނޑާއެކީ ވާހަކަ ދައްކަވަން މި ވަޑައިގަންނަވާ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވަންވާނެ، ދިވެހިރާއްޖޭގައި ހުރި ކޮރަޕްޝަންގެ ހުރިހާ ބޮޑެތި މައްސަލަތައް ބަލައި، ވަކި މީހެއް، ވަކި ކުލައެއް، ވަކި ފެންވަރެއްގެ މީހަކަށް ނުބަލައި، އެންމެންގެ މައްސަލަ ޝަރީޢަތަށް ފޮނުވަން.
 
އެހެންވީމާ، ކޮރަޕްޝަން ފިލުވަންޏާ، ރައީސް ޔާމީން މިހިރީ ރާއްޖެއިން ކޮރަޕްޝަން ފިލުވަން ހަމަ އަތުކުރި އޮޅާލައިގެން މިހިރީ. އެހެންވީމާ، މާދަމާ ވަޑައިގެން އަޅުގަނޑަށް ވިދާޅުވެދެއްވަންވާނެ، ތިމަންނަމެންގެ ވަޒީރުން، އެބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައްވެސް، ތިމަންނަމެން އެދެނީ، މިހާރު އެ ހިނގާ އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަން މައްސަލަތަކާއެކީ މި މައްސަލަތައްވެސް ޙައްލުކޮށްލަދޭށޭ. އަޅުގަނޑަށް ކެރޭނެ. އަޅުގަނޑު އެކަން ކުރާނަން. އެކަމަކު އަޅުގަނޑަށް މިއަދު އެބަޖެހޭ އެ ތާއީދު ދެއްވަން. އަޅުގަނޑަށް އެ ތާއީދު ދެއްވަންވާނެ. އަދި އަޅުގަނޑުމެންނަށް ކަންބޮޑުވެގެން އުޅޭ ކަމެއްގެ ގޮތުގައި މިއޮތީ، އަޅުގަނޑުމެންގެ ތެރެއިން ދިވެހި ޒުވާނުންތަކެއް، އެމީހުންގެ ފިކުރުގައި، އެމީހުންގެ ވިސްނުމުގައި އެދަނީ ޖިހާދުކުރަން ސީރިއާއަށް ނޫނީ އެހެންވެސް ޤައުމުތަކަށް. މިއީކީ ކޮންމެހެން ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން. އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން މިއީކީއެއް. އެމީހުން ދިޔައިމަ އެމީހުންގެ އަނބިންނާއި ދަރިން ނިކަމެތިވާކަށެއް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެކަމަކު މިވާހަކަ އެންމެ ވަރުގަދައަށް ދައްކަވާ ބޭފުޅުންނަށް، މާދަމާ އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑާއެކީ ވަޑައިގެން، މާދަމާ މިވާހަކަތަކުގައި ބައިވެރިވެވަޑައިގެންފައި، އެ ހުރިހާ ބޭފުޅުން އެއް ޕޯޑިއަމްގައި ތިއްބަވައިގެން، ރާއްޖޭގެ މީހުން މިދާ ހަނގުރާމަތަކަށް ނުދިޔުމަށާއި، މިކަން ކުށްވެރިކޮށްދެއްވަން ކެރިވަޑައިގަންނަވަންވާނެ. ސަރުކާރުން މިކަން މިކުރަނީ. ސަރުކާރުން ކެރިގެން މި ކުށްވެރި މި ކުރަނީ. އެހެންވީމާ، އެމް.ޑީ.ޕީ. އިންވެސް، ޢަދާލަތު ޕާޓީންވެސް އަދި އެހެން ޕާޓީތަކުންވެސް، މި ވާހަކަތަކުގައި ބައިވެރިވާ ހުރިހާ ޕާޓީތަކުން ދިވެހިރާއްޖެއަށް މި އަންނަ ހުރިހާ މުޞީބާތްތަކެއް އަންނަ ސަބަބުތަކަށް އެޑްރެސް ކުރަން އަޅުގަނޑުމެންނަށް ކެރެންވާނެ. އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެބޮޑު އުނދަގުލުގެ ތެރޭގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މިދެންނެވި ގޮތަށް ޖިހާދަށް ނިސްބަތުން އެންމެގިނަ މީހުން އުފައްދައި ފޮނުވާ ޤައުމު ކަމަށް މިއޮތީ ބްރޭންޑް ކުރެވިފައި. ހަމަ މިކަމުގެ ޝުކުރު އަޅުގަނޑުމެން ޙައްޤުވެވަޑައިގަންނަވަނީ ހަމަ ކުރީގެ ރައީސް ނަޝީދަށް.
 
އަޅުގަނޑު މާދަމާ މި ބައްދަލުވުންތަކަށް އަޅުގަނޑުގެ ފޮތް މި ހުޅުވައިލަނީ، ޞަފްޙާގައި އެއްވެސް އެއްޗެއް ނުލިޔެ. އެކަމަކު އަޅުގަނޑުގެ ޚިޔާލުގައި ހުރި، ރާއްޖެއަށް މިހާރު ދަތިވެފައި ހުރި ވަކިވަކި މައްސަލަތަކަކީ މިއީ. އަޅުގަނޑެއް ގަބޫލެއްނުކުރަން، ރާއްޖޭގެ ޤާނޫނުއަސާސީ ހިންގުމުގައި، ނޫނީ ޤާނޫނުއަސާސީގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަކަށް.  2008 ވަނަ އަހަރު ޤާނޫނުއަސާސީ ތަޞްދީޤުވެގެން، އެ ޤާނޫނުއަސާސީއަކީ މުޅި މިސަރަޙައްދުގައި އޮތް އެންމެ ރަނގަޅު ޤާނޫނުއަސާސީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު. ފަރުދުންގެ ޙައްޤުތައް ޙިމާޔަތް ކުރުމާއި، ބާރުތައް ވަކިކުރުމާއި، އެއްބާރުން އަނެއް ބާރަށް ފާރަވެރިވާނެގޮތާއި، މިކަހަލަ އެތައް ޙައްޤުތަކެއް އެކުލެވިފައި އޮތް ޤާނޫނުއަސާސީއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު. އަދި އަޅުގަނޑުމެންގެ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ޤާނޫނީ ބާރުދޭ މުއައްސަސާތަކެއް އުފެއްދި އެންމެ ވަރުގަދަ ޤާނޫނުއަސާސީއަކީ، އަޅުގަނޑުމެން 2008 ގައި ތަންފީޛު ކުރަން ފެށި ޤާނޫނުއަސާސީ. ކޮރަޕްޝަން ހުއްޓުވާލާށާއި، ތަންތަން އޮޑިޓް ކުރުމަށާއި، މިކަންކަން ކުރުމަށް އެހެރީ މުއައްސަސާތައް އުފައްދާފައި. އެހެންވީމާ، އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، މިދެންނެވި ނިޒާމްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަންކަމެއް ހުރިކަމަކަށް. އެކަމަކު އަންނަންޖެހޭ ބަދަލުތައް ހުރިކަމަށްވަންޏާ، އެކަން އަޅުގަނޑުމެން އެނގިލަން ބޭނުންވޭ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހިރާއްޖޭގައި ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުން މަދުވާންޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ސިޔާސީ ޕާޓީތަކުން މީހުންގެ ޙައްޤުތަކަށް، ޚާއްޞަކޮށް، ޖިނާއީ ބޮޑެތި ޙައްޤުތަކަށް އަރައިނުގަތުމަށް ބާރު އެބަ އަޅައިދޭންޖެހޭ. މީހުންގެ މުދަލާއި، މީހުންގެ ގެދޮރު ރައްކާތެރިވާންޖެހޭނެކަން، އެކަން ކަށަވަރުކޮށްދޭން އެބަޖެހޭ. ސިޔާސީ އެއްވުންތަކުގެ ނަތީޖާއަކީ އެއްގޮތަކަށްވެސް ފުލުހުންނަށް ތަޙައްމަލްކޮށްލަން، ނޫނިއްޔާ ފުލުހުންނަށް ބައްދަލުކުރަން ނުކެރޭވަރުގެ ނުރައްކާތެރި ކަންތައްތައް އެކުލެވިގެން ކުރާ ކަންކަމަށްނުވުމުގެ ކަށަވަރުކަން އަޅުގަނޑަށް އެބަ ލިބެންޖެހޭ. މިނިވަންކަމާއެކީ، ޞުލްޙަވެރިކަމާއެކީ މަޞްލަޙަތަށް ލޯބިކުރާ ބަޔަކު، އެމީހުންގެ އިޙްތިޖާދުގެ އަޑުތައް އިއްވަން ނުކުމެ، ތަންތަން ހަލާކުކޮށް، ތަންތަން ރޫޅައި، އަދި މީހުންނަށް ގެއްލުންދޭން މިކުރާ ކަންތައްތަކުގައި، މިނޫން ގޮތަކަށް މިކަން ކުރެވޭނެ ގޮތްތަކުގެ ފޯމިއުލަރ، މާދަމާ އަޅުގަނޑު ބޭނުން މި ބޭފުޅުންގެ އަރިހުން އަހާލަން. މިކަން ވެއްޖެ ކަމަށްވަންޏާ، އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އަދަދު މަދުވެގެންދާނެ. ހުރިހާ އެންމެން ބޭނުންވަނީވެސް މީހުން ބަންދުކުރުން މަދުކުރަން. އެހެންވީމާ، މިކަހަލަ ކަންތައްތަކެއް ވެއްޖިއްޔާ، ޝައްކެއްވެސްނެތްގޮތުގައި، މި ބަންދުވާ މީހުންގެ އަދަދު މަދުވެގެންދާނެ.
 
ހަމައެގޮތަށް މާދަމާ އަޅުގަނޑަށް އެނގިލަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑަށް އެނގިލަން ބޭނުންވޭ، ކޮންކަހަލަ ކަންތައްތަކެއްގައި ކީއްވެގެންތޯ، ކޮން ހިސާބުގަނޑެއްގައިތޯ މުޒާހަރާ ކުރަންވީ؟ ކިހާވަރަކަށް، ކިހާވަރަކަށް އަވަށްޓެރިންނަށް އުނދަގޫވާވަރަށް މިކަން ކުރުމަށް އަޅުގަނޑުމެން ޖާގަދޭނެތޯ؟ އަދި މިނިވަންކަމާއެކީ މީހުން ދިރިއުޅޭއިރު، މާލޭގެ މަގުތަކުގަޔާއި، ވަށަފަރު ކަހަލަ ރަށްރަށުގެ މަގުތަކުގައި އުޅޭއިރު، މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ އުޅެން ކިހާވަރެއްގެ ޖާގަދޭން ތައްޔާރަށް ތިބިތޯ، ސިޔާސީ ޕާޓީތަކުން އަޅުގަނޑު ކައިރީގައި ވިދާޅުވާންވާނެ. އަޅުގަނޑު ދާން ބޭނުންވަނީ މިދެންނެވި ކަހަލަ އުޞޫލުތަކަކަށް ބިނާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދޭން. ފައިސާ ހޯދޭނެ ގޮތްތައް ޚިޔާލުކުރެވޭ ކަމަށްވަންޏާ، އަދި ކުރިއެރޭނެ ގޮތްތައް، މިކަމުގެ ހުވަފެން ފެންނަ ކަމަށްވަންޏާ، ބްރިޖްވެސް އެޅޭނެ. ﷲގެ ރަޙްމަތާއެކީ މިސްކިތްވެސް އެޅޭނެ. އަދި މިނޫން ބޮޑެތި ކަންތައްތައްވެސް ކުރެވޭނެ. އެކަމަކު މިކަންކަމުން އަޅުގަނޑުމެންނަށް ޙައްލެއް، ހަމަޖެހުމެއް ގެނެސްދިނުމަކީ، ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުންނަށް ދަރާ އޮތް ދެރުމެއް. އެއީ ސިޔާސީ ލީޑަރުންގެ ދަރަންޏެއް. ސިޔާސީ ލީޑަރުން އަންގާ ގޮތަކަށް ނޫން ގޮތަކަށް، އެ ޕާޓީތަކުގައި ތިބި މީހުންނެއް މަސައްކަތެއް ނުކުރާނެ. އެހެންވެގެން އަޅުގަނޑުމެން ޕާޓީގައި ތިބި މީހުންނަކީ، ޞުލްޙައާއި މަޞްލަޙަތަށް ލޯބިކުރާ ބަޔެކޭ އަޅުގަނޑުމެން މި ދަންނަވަނީ.
 
 އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރުންނެއް ނާންގާނެ މީހުންގެ ޙައްޤުތަކަށް އަރައިގަންނާކަށް. ނާންގާނެ ތަންތަނުގައި ހުޅުޖަހާކަށް. ނާންގާނެ ތަންތަނަށް ގެއްލުންދޭކަށް. ނާންގާނެ މީހުންގެ ގެދޮރު ހަލާކުކުރާކަށެއް. އެހެންވެގެން އަޅުގަނޑުމެންގެ ޕާޓީއަކީ މިދެންނެވި ކަހަލަ ޞުލްޙައަށް ލޯބިކުރާ، ރައްޔިތުންދެކެ ލޯބިވާ ޕާޓީއެކޭ މި ދަންނަވަނީ. ކިތައް ޕާޓީއާ ދޭތެރޭގައިތޯ މިގޮތަށް މިވާހަކަ ބުނެވެން އޮތީ؟ ކިހާ ބޮޑެތި ހިތްދަތިކަން އަޅުގަނޑުމެން ތަޙައްމަލްކޮށްފީމުތޯ؟ ކިހާވަރަކަށް ދިވެހިރާއްޖޭގައި، މާލޭގައިވެސް މީހުން މަރައިފިތޯ؟ މިއީ އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންވާ ކަންތައްތައްތޯ؟ މިކަންތައްތަކުގެ ވާހަކަ ދައްކާފައި، ބޭރު ދުނިޔޭގައި ވާހަކަ ދައްކާފައި، މިކަންކަމަށް ޙައްލެއް ދިވެހިރާއްޖެއަށް ހޯދަން ބޭނުންވާތީ، ދިވެހިރާއްޖެއަށް ކުރިއެރުން ހޯދޭނެ ގޮތްތަކެއް، ބޭރުގެ ދައުލަތްތަކުގެ އެހީއަށް އެދިއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖެ ދާނީ ކުރިއަށް. އެކަމަކު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނެ، ދިވެހިރާއްޖޭގައި ވާހަކަ ދެއްކުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ، ދިވެހިރާއްޖޭގައި މީހުން ހައްޔަރު ކުރަނީ ޤާނޫނާއި ޝަރީޢަތުން ބޭރުން ކަމަށް ބުނީމަ، ދިވެހި ރައްޔިތުންނެއް އެކަންކަމެއް ގަބޫލެއްނުކުރާނެ. އެއްވެސް މީހަކު ކުރި ކަމަކުން ފިޔަވައި އެމީހަކު ހައްޔަރުވާކަށް ނުޖެހޭނެ ދިވެހިރާއްޖެއަކު. ސިޔާސީ މީހުން ސިޔާސީ ވާހަކަ ދައްކަންވީ. މޭޒު ކައިރިއަށް އަންނަންވީ، ޖަދަލުކުރަންވީ، ބަޙުޘް ކުރަންވީ، ފޮތް ލިޔަންވީ، ޗާޕްކުރަންވީ އެމީހުންގެ ޚިޔާލުތައް. އެކަންކަން ބަލައިގަތުމުގެ ހިތްވަރު އަޅުގަނޑުމެންގެ ސަރުކާރުގައި އެބަހުރި. އަދި އަޅުގަނޑުމެން މިކަންކަން ކުރާ ގޮތަށްވުރެ ރަނގަޅު ގޮތަކަށް، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް، އެކަންކަން ވިދާޅުވެދެއްވުމަކީ، އަޅުގަނޑުމެން އެކަންކަމަށް މަރްޙަބާ ކިޔާނެ ކަންކަން. އެކަމަކު އެނޫން ގޮތަކަށް މަސައްކަތް ކޮށްފައި، އެނޫން ގޮތަކަށް ކަންކަން ކުރަން ދިމާކުރީމަ، ޤާނޫނީގޮތުން ލިބެންޖެހޭ އަދަބެއް ޤާނޫނީގޮތުން ލިބޭނެ. އެއީކީ ރައީސް ކުރާ ކަމެއް ނޫން. ޝަރީޢަތުން މީހަކާ ދޭތެރޭގައި އަންނަ ޙުކުމެއް، އެ މީހާ ޖެހޭނީ ހަމަ ޝަރީޢަތުގެ މަތީ މަރްޙަލާތަކަށް ގޮސްގެން، އިސްތިއުނާފުގެ ތެރެއިން ޖާގަ ހޯދަން. އެއީކީ ރައީސަށް ކޮށްދެވޭނެ ކަމެއް ނޫން.
 
ހަމަ ރައީސް ނަޝީދަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ މި އިލްތިމާސް. ރައީސް ނަޝީދުވެސް އެކިވަރުގެ މީހުން، ރައީސް ނަޝީދުގެ ޒަޢާމަތުގައި އެހެރީ ހައްޔަރުކުރައްވާފައި، ޤާނޫނާއި ޝަރީޢަތުން ބޭރުން. އެހެންވީމާ، އެކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް، އެކަންކަމާ ބެހޭގޮތުން ފިޔަވަޅު އަޅުއްވައިފި ކަމަށްވަންޏާ، އެ މައްސަލަތައް ކޯޓުތަކުގައި ހިނގާނެ. ކޯޓުތަކުގައި ހިނގާ މައްސަލަތައް ހިފެހެއްޓުމަކީ، ރައީސަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫން. އަޅުގަނޑަކަށް އެކަމެއް ނުކުރެވޭނެ. އެހެންވީމާ، ދިވެހިރާއްޖެ މިދެންނެވި ކަހަލަ މިޒަމާނުގެ ޑިމޮކްރަސީއަކަށް ފައްކާވާން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވާނެ، އެންމެންގެ މައްޗަށް އަދި އެންމެން ބޯލަނބައި ތަބާވާންޖެހޭ އުޞޫލުތަކަކީ، ރައްޔިތުންގެ މަންދޫބުންނޭ ކިޔާފައި، މަޖިލީހަށް ހޮއްވަވާފައި ތިއްބަވާ މަންދޫބުންގެ ތެރެއިން މި ހެދިގެން ނުކުންނަ ޤާނޫނުތައް ތަޞްދީޤު ކުރީމަ، އެ ޤާނޫނުތަކާ އެއްގޮތަށް އުޅެން އެންމެންނަށް ދަސްވާންވާނެ. އެންމެންނަށް ކެރެންވާނެ. އޭރަށް އަޅުގަނޑުމެން މިދެންނެވި ކަހަލަ މިޒަމާނުގެ ތަހުޒީބީ މުޖުތަމަޢެއް އޮންނާނީ. ތަހުޒީބީ މުޖުތަމަޢެއް ހޯދާ ކަމަށްވަންޏާ، ދުނިޔޭގެ އެހެން ޤައުމުތަކުގައި، އެތަކެއް ސަތޭކަ އަހަރުތަކަށްފަހު، އެމީހުން އެކަންކަން ހޯދާފައި ހުރީ، ޤާނޫނަށް ތަބާވާ ރައްޔިތެއް އެއިން ކޮންމެ ތަނެއްގައި އޮންނާނީ. ޤާނޫނަށް ތަބާވާ ރައްޔިތެއް އޮތަސް، އެތަންތަނުގައިވެސް މައްސަލަތައް ނެތޭ ދަންނަވަނީކީ ނޫން. އަދި ދުނިޔޭގެ ޕްރޮޓޮކޯލްތަކަށް ތަބާނުވަނީކީވެސް ދިވެހިރާއްޖެއެއް ނޫން. ދެންމެ ޢަލީ ޢާރިފްގެ މިސާލު އެ ވިދާޅުވެދެއްވީ. ޔޫ.އެން. ވާރކިންގ ގްރޫޕުން އިނގިރޭސިވިލާތުގައި ހިނގައިދިޔަ ކަމަކާ ބެހޭގޮތުން އެމީހުންނަށް އެއްޗެއް އެންގީމަ، އެވަރުގެ ތާކުންތާކުނުޖެހޭ ބައެއް ނެތް ކަމަށް، ދުނިޔޭގައިވެސް ނެތް ކަމަށް އިނގިރޭސި ސަރުކާރުން އެއޮތީ އިޢުލާނުކޮށްފައި. އެހެންވީމާ، އަޅުގަނޑު އުފާކުރަން، އަޅުގަނޑު ފަޚްރުވެރިވެސްވަން. ދިވެހިރާއްޖެއިން މި ދައްކައިދޭ މިސާލުތަކުން، މިއޮތް ކުޑަކުޑަ ޤައުމުތަކުން، މިއޮތް ކުޑަކުޑަ ޤައުމު މި ދައްކާ މިސާލުންވެސް، އަޅުގަނޑުމެންނަށް އެންމެ ފާޑުކިޔާ، އެންމެ ތަހުޒީބީ މުޖުތަމަޢުތައް، އިނގިރޭސިވިލާތުންވެސް ދަސްކުރަންހުރި ފިލާވަޅު އެބަހުރިކަން، އިނގިރޭސި ސަރުކާރު އެބަ ސާބިތުކޮށްދޭ އަޅުގަނޑުމެންނަށް. އެހެންވީމާ، ދިވެހިރާއްޖޭގައިވެސް ރަނގަޅު ކަންތައްތަކެއް އެބަ ކުރެވޭތާ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އައީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން. އަޅުގަނޑުމެންގެ ތެރޭގައި ހުވަފެންތަކެއް އެބަހުރި. އަދި ކޮންމެ ރެޔަކު އިތުރު ހުވަފެން އަޅުގަނޑަށް ފެނޭ. އެއީ ހަމަ ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑުމެން ކަންތައްތައް ކުރަން ބޭނުންވާގޮތާ ދޭތެރޭގައި. އަޅުގަނޑުގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭގައި ޙަސަދަވެރިކަމެއް، އެއްވެސް މީހަކާ ދޭތެރޭގައި، އެއްވެސް މީހަކަށް ގެއްލުމެއްދޭކަށް، ގޯނާއެއްދޭކަށް، މިއީކީ އަޅުގަނޑުގެ ޚިޔާލުގައި އޮތް ކަމެއް ނޫން.
 
މިއަދު މިއީ އަޅުގަނޑުމެންނަކީ ދައުލަތުގެ މަޤާމުތަކުގައި ތިބި މީހުން ކަމަށްވެދާނެ. މާދަމާ އަޅުގަނޑުމެން ތިބޭނީ މި މަޤާމުތަކަކު ނޫން. މިއަދު އަޅުގަނޑުމެންނަކީ ހަމަ ވަރަށް ހީވާގިކަމާއި މުރާލިކަމާއެކީ މަސައްކަތްކުރާ މީހުން. އެކަމަކު އިންސާނުންނަކީ ނިކަމެތި ޟަޢީފް ބައެއް ދޮއެއްތޯ؟ މާދަމާކަންނޭނގެ އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ވީލްޗެއަރގައި ތިބެންޖެހޭނީ. މިއީ އަޅުގަނޑުމެންގެ ނަފްސާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭގޮތް. އެހެންވީމާ، އަޅުގަނޑު މިއީކީ އެއްގޮތަކަށްވެސް ގަދަބާރު ދައްކައިގެން ކަންތައް ކުރަން ބޭނުންވާ މީހެއް ނޫން. އެކަމަކު ޤާނޫނާ ޚިލާފުވާ ކަމަށްވަންޏާ، ޤާނޫނުގެ ބާރު ހިންގަން ކެރޭ ރައީސެއްކަން، މި ރައީސް ބޭނުންވޭ ހުރިހާ ރައްޔިތުންނަށް އެނގެން. އެހެންވީމާ، ޤާނޫނުގެ ބާރު ދިވެހިރާއްޖޭގައި ހިނގާނެ. ޤާނޫނާއި ޝަރީޢަތުން ބޭރުން އެއްވެސް މީހަކާ ދޭތެރޭގައި ޒާތީކަމެއް، ޙަސަދަވެރިކަމެއް ގެންގުޅެން ބޭނުންވާ ރައީސެއް ނޫން އަޅުގަނޑު މިއީކީ. އަޅުގަނޑު އައީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އަޅުގަނޑުގެ ޒަޢާމަތުގައި ފުރަތަމަ އެއް އަހަރު ދިޔައީ ކިހާ ހިމޭންކޮށްތޯ؟ ކިހާ ހަމަޖެހުމާއެކީތޯ؟ ކާކުތޯ ހައްޔަރު ކުރަންޖެހުނީ؟ ކާކުތޯ ބަންދުކުރަން ޖެހުނީ؟ އޭގެކުރިން ކިތައް ބޭފުޅުންގެ ހުރި މައްސަލަތައް ހުރިތޯ؟ އެބޭފުޅުން ފަހާ އަޅުގަނޑު ދުވިންތޯ؟ ރިޔާސީ ކޮމިޝަނެއް އަޅުގަނޑު އުފެއްދިތޯ، އެބޭފުޅުން ކުރައްވާފައި ހުރި ކަންތައްތައް ބަލައި، އެބޭފުޅުންގެ މައްސަލަތައް ޝަރީޢަތަށް ފޮނުވަން؟ މިއިން އެއްވެސް ކަމެއް ހިނގިތޯ؟ ނުހިނގާ ނޫންތޯ. އެކަމަކު އެކަންކަން އެބޭފުޅުންނަށް ހަޖަމް ކުރައްވަން ދަތިފުޅުވެގެން، ދިވެހިރާއްޖެއަށް އަންނަ ތަރައްޤީއާއި، ދިވެހިރާއްޖެއަށް އަންނަ ހެޔޮބަދަލުތައް އެބޭފުޅުން ދެކެވަޑައިގަންނަވަން ބޭނުންފުޅުނުވާތީ، އެންމެ ފުރަތަމަ ފެބުރުވަރީ 27 ވަނަ ދުވަހު ބޮޑު އިޙްތިޖާދަކަށް ނުކުމެވަޑައިގަތީ. އޭގެފަހުން މެއި 1 ވަނަ ދުވަހުވެސް ބޮޑު އިޙްތިޖާދަކަށް ނުކުމެވަޑައިގަތީ. މި ނުކުމެވަޑައިގަންނަވަނީ ކީއްވެތޯ؟ ގަދަބާރުން އިސްލާމީ ދައުލަތެއްގެ ވެރިކަން ވައްޓާލަން. މިއީ ކުރެވޭނެ ކަމެއްތޯ މިގޮތަށް؟ ދެން މިކަންކަން ކުރަން ހިތްވަރު ނުދެއްވާ ކަމަށް ބޭފުޅުން ވިދާޅުވި. އެކަމަކު ހިތްވަރު ނުދެއްވީމަ އަޅުގަނޑަކަށް އެއަކުން ވީކަމެއް އަޅުގަނޑަކަށް ނުއެއްފެނުނު. އެގޮތަކަށެއް ނޫން ދައުލަތެއްގެ ވެރިކަން ބަދަލުކުރާނީ. ދައުލަތެއްގެ ވެރިކަން ކުރާ މީހަކަށް، ވެރިކަން ކުރުމުގެ ޖާގަ ލިބެންވާނެ. އެމީހަކު ޢަދުލު އިންޞާފުން އެކަހެރިވެގެން ދާކަމަށްވަންޏާ، އެއްކިބާވެގެން ދާކަމަށްވަންޏާ، ނޫނީ ބޮޑެތި ނުރައްކާތައް ރާއްޖެއަށް އެމީހެއްގެ ފަރާތުން ގެންނަ ކަމަށްވަންޏާ، އެމީހަކާ ވާހަކަ ދެއްކޭނެ ގޮތްތައް އޮންނަންވާނެ. އެއީކީއެއް ޔާމީން ވަކިގަޑިއަކު، ވަކިތަނަކަށް ޙާޒިރުވެގެން ކުރަންޖެހޭ ކަމެއް ނޫން. މިއީ މެއި 1 ވަނަ ދުވަހުގެ އަޑުތަކުން އަޅުގަނޑަށް އިވުނު އަޑެއް.
 
އަޅުގަނޑު މިއަދުވެސް މި ދަންނަވަނީ، ތިންފަހަރު މަތިން ސިޔާސީ ޕާޓީތަކާއެކީ ވާހަކަ ދައްކަން އަޅުގަނޑު މި މަސައްކަތް ކުރަނީ. ދެފަހަރު އަޅުގަނޑު މަސައްކަތްކޮށްފީމު. ދެފަހަރުވެސް އެކަންކަން ފެއިލްވެގެން އެ ދިޔައީ، އެބޭފުޅުން އެ ވިދާޅުވިގޮތަށް އެތިބަ ހުރިހާ އެންމެން، ޝަރުޢީ ނިޒާމުގެ ތެރޭގައި ހައްޔަރުވެފައި ތިބި ހުރިހާ އެންމެން ދޫކޮށްލަންޖެހޭތީ. އެގޮތަކަށެއް ރައީސަކަށް އެކަމެއް ނުކުރެވޭނެ. ރައީސަށް އެކަން ކޮށްދެވޭނެ ގޮތްތަކެއް އޮންނާނެ. އެގޮތްތަކާ ހަމަޔަށް، އެގޮތްތަކާ ހަމަޔަށް އެހިސާބަށް ކަޑައްތު ކުރެވުނީމަ، ދެން ރައީސަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ. އެކަމަކު މިހާރު ދަށު ކޯޓުގެ މަރްޙަލާގައި، ހައިކޯޓުގެ މަރްޙަލާގައި، އެންމެމަތީ އިސްތިޢުނާފް ނުނިމި ހުރި ކަންތައްތަކާ ދޭތެރޭގައި، ރައީސް، ކޯޓުން މައްސަލަތައް ގެނެސް، ކަންކަން ކުރާށޭ ބުނީމަ، އަޅުގަނޑަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑާ ދޭތެރޭގައި އެއް ޕާޓީއަކުން އެންމެ ބޮޑަށް ހިތްޕުޅުހަމަނުޖެހުނީ، މިދެންނެވި ކަހަލަ ކަމަކާހެދި. ކޯޓަށް ދާންޖެހޭ މައްސަލައެއް. އެންމެންނަށް ލޯމަތީގައި ފެނިފައި އޮތް މައްސަލައެއް. ރައީސަށް ކޯޓަށް މި މައްސަލަ ނުފޮނުވައި، ރައީސް އެކަން ނިންމާލީމަ ނިމުނީ ކަމަށް އެބޭފުޅުން އަޅުގަނޑު ކައިރީގައި ވަޑައިގެން ވިދާޅުވީ. އަޅުގަނޑު ދެންނެވީ އަޅުގަނޑަކަށް ތިކަމެއް ނުކުރެވޭނެއޭ. އެބޭފުޅެއްގެ މަޢުޞޫމްކަން، ކުށެއް ނެތްކަން ސާބިތުކޮށްދެއްވަންޖެހޭނީ އެބޭފުޅުން ކޯޓުގައި. އެއީކީ ރައީސް ކުރަންޖެހޭ ކަމެއް ނޫން.
 
އެހެންވީމާ، ދިވެހިރާއްޖޭގެ އުޞޫލުތަކަށް ތަބާވެގެން، އަޅުގަނޑުމެން އެންމެންނަށް އުޅެން އެނގެންވާނެ. އެއީ އަޅުގަނޑުމެން އެންމެންގެ ރައްކާތެރިކަމަށްޓަކައި. އަޅުގަނޑުމެން ޕާޓީތަކުގެ ލީޑަރުންގެވެސް ރައްކާތެރިކަމަށްޓަކައި. އުޞޫލުތަކެއް ނެތީމަ ދޮއެއްތޯ، ޖޭ.ޕީ.ގެ ލީޑަރުވެސް މިއަދު ހަނދާން ކުރައްވަންވާނެ، ރައީސް ނަޝީދުގެ ވެރިކަމުގައި އޭނަވެސް ވަނީ ހައްޔަރުކޮށްފައިކަން. އެއީ އުޞޫލުތައް ނެތީމަ. އެހެންވީމާ، އުޞޫލުތަކަށް ތަބާވާން އަޅުގަނޑުމެންނަށް މިއަދު ނުކެރިގެން މިއުޅެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ. ކީއްކުރަންތޯ، ކުޑަކުދިން ސްކޫލްތަކަށް ގެންގޮސްގެން، ވަކިގޮތަކަށް ތަރުބިއްޔަތު މިކުރަނީ؟ އަޅުގަނޑުމެންގެ ބޮޑެތި މީހުން، މި ހުރިހާ ސްކޫލްތަކުން ފާސް ހޯދައިގެން، މަތީ ފާސް ހޯދައިގެން ނުކުންނަ މީހުން، ސްކޫލްތަކުން ދަސްކޮށްދިން ތަރުބިއްޔަތެއް ހަނދާނެއް ނުހުރޭ. އުޞޫލުތަކުގެ މަތީގައި ތިބެން މިޖެހެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ދަރިން ނުޖެހޭނެ ނޫންތޯ، އުޞޫލުތަކެއް ދަސްކޮށްދޭކަށް މަދަރުސާއަށް ފޮނުވާކަށް. މަދަރުސާއަށް މި ފޮނުވަނީ ހަމައެކަނި ފޮތެއް ގިރާލައިގެން ހިތުދަސްކުރާކަށް ނޫން. މަދަރުސާއަށް މި ފޮނުވަނީ ތަރުބިއްޔަތަށް. މަދަރުސާއަށް މި ފޮނުވަނީ، މުޖުތަމަޢެއްގެ ތެރޭގައި އުޅޭއިރު، އޭނަގެ ޒިންމާއާއި، ފަރުދުންގެ ޒިންމާއާއި، އެހެން މީހުންނަށް އިޙްތިރާމް ކުރަންޖެހެނީ ކީއްވެގެންތޯ ދަސްކޮށްދޭން. ސިވިކް ރައިޓްތަކެއް ދަސްކޮށްދޭން، ބުނެދޭން. އެއީ މުޖުތަމަޢެއްގެ ހަމަޖެހުން އޮންނާނެގޮތަކީ.
 
އެހެންވީމާ، މިކަންކަން ކުރަން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް ގަބޫލުނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން މިހާރު މި ކުދިން ތަރުބިއްޔަތު ކުރަން ކުރާ މަސައްކަތްވެސް ހުއްޓާލަންވީކަންނޭނގެ. އާ ފޮތްތަކެއް ލިޔަންވީ މިކަމުގައި. އެހެންވީމާ، މިގޮތަކަށް ދިވެހިރާއްޖެ ކުރިއަކަށް ނުދާނެ. ދިވެހިރާއްޖެ ކުރިއަށްދާނީ، ދިވެހިރާއްޖޭގެ އުޞޫލުތަކެއް ގަބޫލުކުރާ ބަޔަކު، ދިވެހިރާއްޖޭގެ ދުސްތޫރަކީ އަޅުގަނޑުމެންގެ އެންމެ މުޤައްދަސް ލިޔުންތައް ކަމަށް ގަބޫލުކޮށްގެން، އެއާ އެއްގޮތަށް ޢަމަލުކުރަން ކެރޭ ބަޔަކު އުޅެގެން. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް ކެރެންވާނެ، އެމީހުންގެ ކެރިފޯރުންތެރިކަން ހުރިއްޔާ، ކުށްތަކަށް އަރައިގަންނަން ކެރެންވާނެ. އެކަމަކު އެޔާއެކީ ބައްދަލުކުރާ އަދަބާވެސް ކުރިމަތިލާންވެސް ކެރެންވާނެ. އެއީ ނޫންތޯ، ޑަބަލް އެންޓްރީ ބުކް ކީޕިންގ އޮންނަނީ ހަމަގައިމު މިގޮތަށް. އެކައުންޓެބިލިޓީއަކީ މިއީ. އެމީހަކު އެކުރާ ކަމެއް، އެމީހަކު ކުރަން ބޭނުން ކަމެއް ކުރަންވީ. އެކަމަކު އޭގެ އަނެއްކޮޅުގައި، އެއާ ގުޅިގެން އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވޭ ކަމަށްވަންޏާ، އެ ޙައްޤު ހޯދަން އެމީހަކުވެސް މަސައްކަތް ކުރާނެ. އެހެންވީމާ، އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް ޞުލްޙަވެރިކަން. އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް މަޞްލަޙަތާއި، އަޅުގަނޑުމެން މި ކުދިކުދި ޖަޒީރާ ރަށްތަކުގައި ތިބެގެން، ހަމަޖެހިގެން ނޭވާލާ ބަޔަކަށް ދިވެހިރާއްޖެވުން.
 
މިއަދު މި ރީތި ރީތި ވަށަފަރަށް އައިމަ އަޅުގަނޑު ހިތަށްއެރި، މިއޮތް ވަރުގަދަ ނިޢުމަތް އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާފައި އޮތްއިރު، ކޯޗެއް ނެތިގެން، ކޮންކަމެއް ނުފުދިގެންހޭ އަޅުގަނޑުމެން މިއުޅެނީ؟ އަޅުގަނޑުމެންގެ މާލޭގައި މި ހިނގާ ކަންތައްތަކުގެ ދިލައެއް މިހިސާބަކަށް ނުފޯރައޭ. މި މަޢުޞޫމްކަންމަތީގައި ނޫންތޯ، އަޅުގަނޑުމެންގެ ޖަޒީރާތައް މި އޮންނަންވީ؟ މި މަޢުޞޫމްކަންމަތީގައި އަޅުގަނޑުމެންގެ ޖަޒީރާތައް އޮންނައިރު، މި ރަށްރަށުގެ ދަރިން ނުކުމެ ކިޔަވައިގެން ހަމަ މާލޭގައި ވަޒީފާ އަދާކުރާ އަދި ވަޒީރުކަން ކުރާ ދަރިންވެސް އުފައްދަނީ، މިކަހަލަ ރަށްރަށުން ނޫންތޯ؟ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޖިހާދަށް ނުކުތީވެސް މިކަހަލަ ރަށަކުން ނުކުތް ފަޚްރުވެރި ދަރިއެއް ނޫންތޯ؟ މަޞްލަޙަތަށް ލޯބިކުރަން ނޭނގިގެން މިއުޅެނީ ކީއްވެގެންތޯ؟ ޤާނޫނަށް ތަބާވާން ނުކެރިގެން މިއުޅެނީ ކީއްވެގެންތޯ؟ އެއާއެކީ ދޮއެއްތޯ ތަރައްޤީ އަންނަންވީ؟ އެހެންނޫނީ ތަރައްޤީއަކީ މިހެން އަޅާ ފާލަމަކަށް ވެދާނެކަންނޭނގެ. ނޫނީ މިހެން އަޅާ ބިނާއެއްކަމަށް ވެދާނެކަންނޭނގެ. އެކަމަކު މިތާ މި ބިނާގައި، ދީނީ ދަރުސްދޭއިރު ތިބެގެން ދީނީ ދަރުސްދޭ މީހުންނަކީ ފަސާދައާއި، މީހުންގެ ތެރޭގައި ހަމަނުޖެހުމަށް ވަޢުޡު އިއްވާ މީހުން ކަމަށްވަންޏާ، މި ކުރެވޭ ކަންތައްތަކުގެ ބޭނުމެއް އަޅުގަނޑުމެންނަށް އެބައޮތްތޯ؟ އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، އަޅުގަނޑުމެން ޞުލްޙަވެރިކަމާއެކީ ޤައުމު ތަރައްޤީ ކުރަން ކުރާ މަސައްކަތުގައި، އަޅުގަނޑު މިހިރީ ހަމަ ކޮންމެ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތް ކުރަން.
 
މާދަމާ އެބޭފުޅުންގެ ދަރުސްތަކުން ނޫނީ އެބޭފުޅުން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކުން އަޅުގަނޑަށް އެނގޭނެ، ދިވެހިރާއްޖެ ބައްޓަންކުރަން އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތް. އަޅުގަނޑަށް އެނގޭނެ، އިސްތިސްނާ ދޭންޖެހޭ ޙާލަތްތައް، އެބޭފުޅުންގެ ފިކުރާއި ވިސްނުމުގައި ހުރިގޮތް. އަދި އަޅުގަނޑަށް އެނގޭނެ، އަޅުގަނޑަށް ގޯސްކޮށް ކަންތައްތައް ކުރެވޭއިރު މަގަށް އަޅުވަން، އެބޭފުޅުންގެ ވިސްނުންފުޅާއި ފިކުރު ހުރިގޮތް. އެކަމަށް އަޅުގަނޑު މިހިރީ މަރްޙަބާ ކިޔައިގެން. އަޅުގަނޑުވެސް މިދަނީ ހަމަ މިދެންނެވި ގޮތަށް ފޮތެއް ހިފައިގެން. އެއްވެސް ފޮޅުވަތެއް ފޮތަކު ނޯންނާނެ. އެހާ އޯޕަންކޮށް، އެ ހުށަހަޅުއްވާ ކަންތައްތައް ބަލައިގަންނަން މިހިރީ. އެކަމަކު އެއީ ޒިންމާދާރުކަމާއެކީ، މުޅި ރަށުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް އެކަންކަން ވާންވާނެ. އެކަންކަން ކުރާއިރު، ޒިންމާދާރުކަމާއެކީ ދިވެހިރާއްޖޭގެ އެކިކަހަލަ ކަންކަމުގެ ވާހަކަ، ބޭރު ދުނިޔެއަށް ފަޟީޙަތް ކުރުމުގައި، ޒިންމާތަކެއް އުފުލަންޖެހޭނެކަން ގަބޫލުވެސް ކުރަންވާނެ. އެކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑާއެކީ މުޢާމަލާތު ކުރުމަކީ ދަތިކަމަކަށްވާނެ. ދިވެހިރާއްޖެއަށް ހެޔޮއެދިގެން ވާހަކަ ދައްކަން އަންނަ ކޮންމެ މީހަކު ދައްކާ ކޮންމެ ވާހަކައަކަށް އަޅުގަނޑު ތަރުޙީބުދޭނަން. އެކަމަކު ދިވެހިރާއްޖެ ނިކަމެތިކޮށް، އަދިވެސް ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ ފަޟީޙަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތިތަކާއި ދުއްތުރާ ކުރިމަތިކުރަން މަސައްކަތްކުރާ ކަމަށްވަންޏާ، ހަމަގައިމުވެސް އަޅުގަނޑުގެ ދުވަހުގެ އެޖެންޑާއިން އެބޭފުޅުންނަކަށް ވަގުތެއް ނުދޭނަން.
 
އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހުރިހާވެސް ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲގެ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާނެ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހުރިހާ ދިވެހި ރައްޔިތުން ޝާމިލްކޮށްގެން، އަޅުގަނޑު މި އެދެނީ ހުރިހާ ދިވެހި ރައްޔިތުންނަށް އުފާފާގަތި މުސްތަޤްބަލް، އަމާން ދީބެއް ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮތުން.
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.